ތިން ލަފްޒުން (22)
ލަމްހާ އެތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރެފައި ވިޝާމް ހިނގައި ގަތެވެ. ވިޝާމްގެ ހިތުގައި ރިހުމެއް އުފެދުނެވެ. ސުހާންއާއެކު ލަމްހާ އުޅޭއިރު އެހުންނަ އުފާވެރިކަން މިހާރު ނުހުންނަނީ ކީއްވެ ހެއްޔެވެ. އޭނާ ލަމްހާދެކެ ވީ ލޯބި ގަބޫލު ނުކުރެވެންވީ ކީއްވެހެއްޔެވެ. ލަމްހާގެ ލޯބި ސުހާންއަށް ލިބެންވީ ކީއްވެ ހެއްޔެވެ. ސުހާންދެކެ ވީ ލޯބި އޭނާދެކެ ނުވެވެންވީ ކީއްވެ ހެއްޔެވެ.
ސުހާންއާ މެދުވި ނަފްރަތާ ހަސަދަ އިތުރުވި ވަރަކަށް ވިޝާމްގެ އަތް މުއްކެވެން ފެށިއެވެ.
****
ރަންވޭގައި ބޯޓު ޖެއްސުމާއެކު ސުހާން އޭނާގެ ކަންފަތަށް ޖަހާފައިވާ ހެޑު ފޯނު ނައްޓާލިއެވެ. އާޒިމް އަދި އޭޝްލީގެ ފަހަތުން ސުހާން ބޯޓުން ފޭބިއެވެ. ލަގެޖުތަށް ދޫކުރާތަނުން ސޫޓުކޭސް ނަގައިގެން ސުހާން ވެލަނާ އެއާޕޯޓުގެ އެރައިވަލް ޓާމިނަލްއިން ނުކުންނަން ދިޔައެވެ.
އެއާޕޯޓުން ނުކުމެގެން އައިރު އެމީހުންނަށް ހާއްސަ ކުރެވިފައިވާ ލޯންޗު އެމީހުންގެ އިންތިޒާރުގައި އޮތެވެ. ލޯންޗު ހުޅުމާލެއާ ދިމާއަށް ދަތުރު ފެށީރު ސުހާންގެ ހިތްވަނީ އަވަސްވެފައެވެ.
ހުޅުމާލެއަށް އެރުމާއެކު އާޒިމް އޭޝްލީ ގޮވައިގެން އޭނާގެ ގެއަށް ދާން މިސްރާބު ޖެހިއެވެ. ސުހާންގެ އާއިލާ މީހެއް އަދި ދަންނަ މީހެއްވެސް ނެތުމުން އޭނާ ހުންނަން ނިންމީ ހޮޓަލެއްގައެވެ. ނޫމޫ (ހުޅުމާލޭގެ ހޮޓަލެއް) ކައިރިއަށް ޓެކްސީ ހުއްޓުމުން ސުހާން ފޭބިއެވެ. ސޫޓު ކޭސް ހިފައިގެން އޭނާ އެތެރެއަށް ހިނގައި ގަތެވެ. މިކޮޅަށް އައުމުގެ ކުރިން އާޒިމްގެ އެހީއާ އެކު ކޮޓަރިއާ އެހެން ކަންތަށް ހަމަ ޖެއްސިފައި ހުރުމުން ސުހާން ހުރީ ވަރަށް ހަމަ ޖެހިލާފައެވެ. ރިސެޕްޝަނަށް ގޮސް ނަން ބުނުމުން ހުރިހާ ކަމެއް ހަމަ ޖެހިގެން ދިޔައެވެ. ކޮޓަރީގެ ކާޑު ހިފައިގެން ސުހާން ލިފްޓުން މައްޗަށް އެރިއެވެ.
ސޫޓު ކޭސް އަތުން ދޫކޮއްލާފައި ސުހާން ސޯފާއަށް ވެއްޓި ގަތެވެ. ދިގު ދަތުރެއް ކަމުން ސުހާން ހުރީ ވަރުބަލި ވެފައެވެ. ސޯފާގައި ހަމަ ޖެހިލަމުން ސުހާން ޖީބުން ފޯނު ނެގިއެވެ. އަދި ކެނެޑާގައި ގެންގުޅުނު ސިމު ނަގާފައި އާ ސިމެއް ލެއްވިއެވެ.
ބޯދަށަށް އަތް ލައްވާލާފައި ސުހާން ސީލިންގާ ދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ދެލޯ މަރާލިއެވެ. އެވަގުތު ސުހާންގެ ތުންފަތް މަތީ ފަވާލީ ހިނިތުންވުމެކެވެ. ސުހާންގެ ހިތުގައި ގޮތް ނޭނގޭ ފޫއްސެއް އުފެދިފައިވާ މި ބިމަށް އައުމުގެ ހަމައެކަނި ބޭނުމަކީ ލަމްހާއާ ބައްދަލު ކުރުމެވެ. އެ ދެމެދު ހިނގާފައިވާ ހަމަ ނުޖެހުން ރަނގަޅު ކޮށް އިހުނުހެން އަލުން ގުޅޭށެވެ. ލަމްހާއަށް ވިސްނިފާ ވަނީ މުޅިން ގޯސް ކޮށްކަން ބުނެދީ ހަގީގަތް ހާމަ ކުރާށެވެ.
ލަމްހާގެ ހިޔާލުތަށް ސިކުނޑި ވަށާލުމުން ސުހާން ހިތް އަވަސްވިއެވެ. ސޯފާއިން ތެދުވެގެން އައިސް ކުޑަ ދޮރު ކައިރީ ހުއްޓުނެވެ. ދުރު ދުރަށް ދާންދެން ހުރި ބޮޑެތި އިމާރާތަކަށް ބާލާލިއެވެ. ކޫބެކު ހާ ރީތި ނޫނަސް ހިތް ފަސޭހަ މާހައުލެކެވެ. މި ބޮޑު ފަސްގަނޑުން ލަމްހާއާ ބައްދަލުވާނެ ދުވަހަކަށް ސުހާން އިންތިޒާރު ކުރެވެން ފެށިއެވެ. ލަމްހާ ހޯދަން މަސައްކަތް ފަށާނެ ގޮތްވަސް ސުހާންއަކަށް ނުވިސްނުނެވެ.
ރޭގަނޑު ކާން ދާން ހަމަ ޖެހިފައި ވަނީ އާޒިމްގެ ގޭގައި ކަމުން ސުހާން އާޒިމްގެ އިންތިޒާރުގައި ހުއްޓެވެ. ޖީބަށް އަތް ޖަހާލައިގެން ހުރީރު މީހުންގެ ލޯތަށް ސުހާންއަށް ހުއްޓެމުން ދިޔައެވެ. އެންމެންހެން ބަލާތީ ސުހާން ފާޑަކަށް ރަކިވިއެވެ. ލައިގެން ހުރި އަތް ދިގު ޓީޝާޓަށް ދަމާލާ ރީތި ކޮއްލެވެއެވެ. ޖިންސުގެ ގޮށް ހުރީ އެޅުވިފައިތޯވެސް މިހާރު އެތަށް ފަހަރަކު ބެލިއްޖެއެވެ. މީހުން އެބަލަނީ ސުހާންއަކީ ޔޫރަޕުން އައިސްގެ އުޅޭ ގެސްޓެއް ކަމަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.
“ސުހާން.. އަރާ ފަހަތަށް” އާޒިމް އޭނާގެ ސައިކަލު ހުއްޓާލަމުން ބުނެލިއެވެ.
އާޒިމްގެ ސައިކަލު ފަހަތުގައި ސުހާން އާޒިމްގެ ގެއަށް ސިޔައެވެ. ސުހާންގެ އިންތިޒާރުގައި އާޒިމްގެ އާއިލާ ސިޓިން ރޫމުގައި ތިއްބެވެ. ސުހާން ފެނުމުން އާޒިމްގެ އެއްބަޑު ކޮއްކޮމެން ހީވަނި މޮޔަވެގެން އުޅޭހެނެވެ. މަޝްހޫރު ފިލްމީ ތަރިއެއް ފެނިގެން ވެސް އެހެނެއް ނޫޅޭނެ ކަންނޭނގެއެވެ.
އެރޭގެ ކައި ނިމުނު އިރުވެސް އެ ކުދިންގެ އެތަށް ސުވާލު ތަކަކުން ސުހާންއަކަށް ސަލާމަތެއް ނުވެވުނެވެ. އޭނާގެ ލޮލުގެ ކުލަޔާ އިސްތަށިގަނޑުގެ ކުލައަކީ އަސްލުތޯވެސް އެހީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.
ސުހާންގެ ކައިރީ ސޯފާގައި އާޒިމް އިށީންނަމުން އެހެން މީހުން ފައްސާލިއެވެ. އާޒިމް ރުޅިއައިސްދާނެތީ އެކަކަށްވެސް އިންކާރު ކުރާކަށް ނުކެރުނެވެ. ހިތާ ދެކޮޅަށް އެންމެން އެމީހުންގެ ކޮޓަރިއަށް ދިޔައެވެ.
ސިޓިން ރޫމުގައި ދެމީހުން އެކަނިވުމުން ސުހާން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ.
“ލަމް ވީތަނެއް އެނގިއްޖެތަ؟” ސުހާން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު ކޮއްލިއެވެ.
“ލަމްމެން ގެޔަށް ކިޔަނީ ރެޑް ރޯޒް.. މިގެއާ ތަންކޮޅެއް ދުރު ވާނެ.. ދެން މިއީ މިހާރު އޭނަ ގެންގުޅޭ ނަންބަރު. ސުހާން ކަލޭ މިފަހަރު ޖެހޭނެ މަށަށް ކާންދޭން.. ވަރަށް މަސައްކަތުން މަ އޭނަ ނަންބަރު ހޯދީ” އާޒިމް ގިރުވާނުގައި ހިފާލަމުން ބުނެލިއެވެ.
“ލަމްގެ ބޭބެއަކީ އާޒިމްގެ ރައްޓެއްސެކޭނުން.. ދެން އޭނަ ނަންބަރު ހޯދަކަށް މާކަ އުނދަގުލެއް ނުވާނެއްނުން” ސުހާން ހީލަމުން ބުނެލިއެވެ.
“އެކަމަކު ހެވޭ.. މަށަށް ކާންދޭން ޖެހޭނެ” އާޒިމް ބުނެލިއެވެ.
“އޯކޭ އޯކޭއޭ.. އާޒިމްގެ އެހީއާ ނުލާ މިހިސާބަށްވެސް އަހަރެންނަށް ނާދެވުނީސް.. ތެންކްސް ބުރޯ” ސުހާން އާޒިމްގެ ކޮނޑުގައި ޖަހާލިއެވެ.
“އޭ ތިއެއް ނުނޭ.. ލަމްހާ ހޯދަން ދުވުމުގެ ކުރީން އެބަ ޖެހޭ އަހަންނާ އެކު ތަނަކަށް ޖައްސާލަން.. ހަމްދާދު މެންނަށް އަހަރެމެން އައިކަން އެނގިގެން ބުނީ ބޭނުމޯ ބައްދަލު ކޮއްލަން.. ދެން އަދި އެބަޖެހޭ މަސައްކަތް ކުރިއަށް ދާގޮތްވެސް ބަލާލަން ދާން” އާޒިމް ބުނެލިއެވެ
“މާދަން ދާނަން.. އަހަރެން ދެން ބޭނުންވަނީ ގެޔަށް ގޮސް ޖައްސާލަން.. އަދި މިޔަދު ނިދާވެސް ނުލަން” ސުހާން އެހެން ބުނެފައި ސޯފާއިން ތެދުވިއެވެ.
“ސުހާން.. އަން.. ރަށުތެރެ ބަލާލަން ޖެހޭނެއްނު” އާޒިމް އޭނާގެ ސައިކަލު ތަޅުދަނޑި ދިއްކޮއްލިއެވެ.
ސުހާން އޭނގައި ހިފާލަމުން ހިނިތުންވިއެވެ. އަދި އެގެއިން ނުކުންނަން ހިނގައި ގަތެވެ.
ޖެހިގެން އޮތް ދުވަހަކީ ސުހާންގެ ޝެޑިއުލް ބިޒީ ދުވަހަކަށް ވާނެކަމުން އަވަހަށް ނިދާލަން ބޭނުން ވިއެވެ. ނަމަވެސް ތަން ބަދަލުވެފައި ވުމުން ސުހާންއަށް ނިދޭ ގޮތެއް ނުވިއެވެ. ނުނިދިގެން ފުރޮޅި ފުރޮޅި އޮވެފައި ސުހާން ތެދުވެ އެނދުގައި އިށީނެވެ. އަދި ލަމްހާގެ ނަންބަރަށް ފިއްތާލިއެވެ. ފޯނު ރިނގުވެ ކެނޑިގެން ދިޔައިރުވެސް ސުހާން ފޯނު ކަންފަތުން ނައްޓާ ނުލާ ހުރެވުނެވެ. ދެފަހަރަށް ގުޅުމުންވެސް ލަމްހާ ފޯނެއް ނުނަގައެވެ. ލަމްހާ ނިދީކަމަށް ހީކޮށް އިތުރަށް އުނދަގޫ ކުރާކަށް ސުހާންއަކަށް ނުކެރުނެވެ.
ފޯނުގެ ސްކުރީންގައި އިން ލަމްހާގެ ފޮޓޯ ގަނޑަށް ބަލަން އޮވެ ސުހާންއަށް ނިދުނެވެ.
ޖެހިގެން އައި ދުވަހުގެ އިރު އެރުމާއެކު ލަމްހާއަށްވެސް ހޭލެވުނެވެ. ނިދިއައިސްފައި ވީނަމަވެސް އިތުރަށް ނޯވެ ލަމްހާ އެނދުން ތެދުވީ އެއީ އޭނާ އޮފީހަށް ނުކުންނަ ފުރަތަމަ ދުވަސްކަމުންނެވެ. އޮފީހުގެ މަސައްކަތަށް ލަމްހާ ޝައުގު ނެތްނަމަވެސް ހަމްޒާގެ އެދުމަށް ކޮންޕެނީގައި މަސައްކަތް ކުރަން ލަމްހާ އެއްބަސްވީއެވެ. ކަމެއް ނެތި ގޭގައި ހުންނަންވެސް ބޭނުން ނުވާތީއެވެ. ފެންވަރާ ތާޒާ ވެލައިގެން ލަމްހާ ނުކުތެވެ. އޭރު ލީންވެސް ހޭލާ އުޅެއެވެ. އެނދުމަތީ ގުޅަވެފައި އޮތް ބެޑްސީޓު ރީތި ކޮއްލާފައި ލަމްހާ ބާލީސްދަށުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ވިޝާމް ފޮނުވާފައި އޮތް ދެތިން މެސެޖެއް އޮތެވެ. އެ މެސެޖު ކިޔާލާފައި ޖަވާބެއް ދޭން އުޅެފައިވެސް އަޅާ ނުލީއެވެ. އެވަގުތު ލަމްހާގެ ލޮލުގައި ސުހާންގެ ދެމިސްކޯލު އަޅައިގަތެވެ. 11:15 ހާއިރު ގުޅާފައި އޮތް އެ ނަންބަރަށް ބަލާލާފައި ލަމްހާ ހައިރާންވިއެވެ. އެއީ ނުދަންނަ ނަންބަރެއް ނަމަވެސް ގުޅާލަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. ދެފިކުރެއްގައި ހުރެފައި ލަމްހާ އެ ނަންބަރަށް ގުޅާލަން ބޭނުންވިއެވެ. ނަމަވެސް އެއަށް ފިއްތާލަ ފިއްތާލާ ހުއްޓާ ލީން ގޮވުމުން ލަމްހާ ސިހުނެވެ.
“ކިހިނެއްވީ މަންމި ދޫނީ؟” ލަމްހާ ފޯނު އެނދުމަތީ ބާއްވަމުން ބުނެލިއެވެ.
“ކޮއްކޮ ބަނޑުހައި ވަނީ.. މާމަ ބުނީމަވެސް މަންމި ތެދުވަންދެން ކޮއްކޮ މަޑުކުރީ” ލީން ލަމްހާގެ ފައިގައި އޮޅުލައި ގަންނަމުން ބުނެލިއެވެ.
“މަންމިގެ ދަރިފުޅު ހާދަ މޮޅޭ.. ހިނގާ އަވަހަށް ސައި ބޯންދާން” ލަމްހާ ލީންގެ ކޮލަށް ދޮނެއް ދީފައި އުރާލިއެވެ. އަދި ދެމީހުން އެކީ ތިރިއަށް ފޭބިއެވެ.
އާއިލާގެ އެހެން މެމްބަރުންނާ އެކު ހެނދުނުގެ ނާސްތާ ކޮއްފައި ލަމްހާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޮފީހަށް ދާން ތައްޔާރުވުމަށެވެ. ގަޔަށް ދޫކޮށް ހުރި އަތްދިގު ގަމީހުގެ ފަސްބައި ކުރިމަތިން ޖިންސުގެ ދަށަށް ޖަހާލިއެވެ. އަތުކުރިވެސް ކުޑަކޮށް އޮޅާލާފައި މައްޗަށް ހިއްލާލިއެވެ. އޭނާގެ މޭމައްޗާ ހަމައަށް ދިގުވެފައިވާ ފަން އިސްތަށިގަނޑު ދޫކޮއްލިއެވެ. ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލާފައި ލަމްހާ އޭނާގެ ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ.
“ދޫނީ.. މާމަގެ ބުނާބަސް އަހާގެން އުޅޭތި އިނގޭ.. މަންމި އަންނާނަން ވަރަށް އަވަހަށް.. ” ލުވޭޒާގެ އުނގުގައި ޓީވީ ބަލަން އިން ލީންގެ ކޮލަށް ދޮނެއް ދީފައި ލަމްހާ ބުނެލިއެވެ.
“ލަމް.. އޮފީހަކަށްތަ ދާން ތިއުޅެނީ؟” ސިޑިން ފާބައިގެން އައި ލަޔާންއަށް ލަމްހާ ފެނިގެން އަހާލެވުނެވެ.
“ކިހިނެއްވީ؟ ހަޑީތަ؟” ލަމްހާ ބޯއަރި ކޮއްލާފައި އަހާލިއެވެ.
“ނޫނޭ.. ހަޑީކީ ނޫން.. އެކަމު ލަމް ހީވަނި ޑޭޓަކަށް ދާން އުޅޭހެން ވިއްޔަ..” ލަޔާން ބުނެލިއެވެ.
“ހުމް.. އަހަރެން އަބަދުވެސް ހުންނަނީ މިހެންނޭ. ރީއްޗެއް ނޫންތަ؟” ލަމްހާ ލަޔާންއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
“ނޫނޭ.. އަހަރެންގެ ކޮއްކޮ އަކީ މުޅި ދުނިޔޭގަވެސް އެންމެ ރީތި ކުއްޖާ ވިއްޔަ” ލަޔާން ލަމްހާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
“ދޮންބެ ތިހެން ބުނީމަ ދޮންބެ ދައްތަ ޖެލަސްވެދާނެ” ކާގެއިން ނުކުމެގެން އަންނަ ނައުރާއަށް ބަލާލމުން ލަމްހާ ބުނެލިއެވެ.
“ދޮންބެ ދައްތަ މިހާރު އެހެރީ މުސްކުޅި ވެފަ” ލަޔާން ބުނެލިއެވެ.
“އަހަންނޭ ކިޔައިގެން ކޮންވާހަކައެއް ތިދައްކަނީ؟” ނައުރާ ދެއުކުޅުގައި އަތް ވިއްދާލަމުން ދެލޯ ކުޑަ ކޮއްލާފައި ލަޔާންއާ ދިމާއަށް ބަލާލިއެވެ.
“މަ ބުނީ.. އަހަރެންގެ އަންހެނުންނަކީ މުޅި ދުނިޔޭގަވެސް އެންމެ ރީތި ކުއްޖާއޭ” ލަޔާން އަވަހަށް ނޫންކަމަށް ހެދުނެވެ.
“ހުމްމް.. މަށަށް އިވުނޭ. ވަރަށް ފޫހިވޭ.. ދެން ދާންވީނުން ޒުވާން ކުއްޖަކު ހޯދަން” ނައުރާ ތުން އަނބުރާލާފައި ބުނެލިއެވެ.
“އެއީ ސަމާސާއެކޭ.. ދެން ރުޅި ނާދެބަލަ” ލަޔާން ނައުރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ހެވޭ.. ދެންވެސް ދޭ އަވަހަށް އެޔޮށް ގަޑި ޖެހެނީ” ނައުރާ ލަޔާންގެ ބުރަކަށީގައި އަޅާ ކޮއްޕާލިއެވެ.
ލަޔާންވެސް ހެމުން ހެމުން ލަމްހާއާ އެކު ގެއިން ނުކުންނަން ދިޔައެވެ. އެމީހުން ޖަހަމުން ދިޔަ ސަކަރާތް ބަލަން ލުވޭޒާ ހެވިފައި އިނެވެ.
ފަހި ރަސް ޕާކު ކައިރީ ހުންނަ އެންމެ ބޮޑު ޝޮޕިން މޯލް (އަސްލު ތަނެއް ނޫން) ކައިރީގައި ކާރު ހުއްޓާފައި ލަޔާންއާއި ލަމްހާ ކާރުން ފޭބިއެވެ. ފަސްބުރިއަށް ނަގާފައިވާ އެ އިމާރާތުގެ އެންމެ މަތީ ފުލޯގައި ހުންނަ މައި އޮފީހަށް ދެމީހުން އެރިއެވެ.
“މިއީ ލަމްގެ ކެބިން.. ޖެހިގެން މިހުރީ ދޮންބެގެ ކެބިން.. ދެން މިއަދު މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ.. ތަންތަން ބަލާލާ ފަރިތަވެލާ..” ލަޔާންގެ ކެބިންނާ އިންވެގެން ހުރި ކެބިން ދައްކާލަމުން ލަޔާން ބުނެލިއެވެ.
“ދެން 12 ޖަހަންދެން އަހަރެން މިތާ އިންނަންވީ” ލަމްހާ އޮފީސްގޮނޑިއަށް ވެއްޓި ގަންނަމުން ތުން އޫކޮއްލިއެވެ.
“ކަމެއް ބޭނުން ވެއްޖެއްޔާ ގޮވާލާ އިނގޭ.. އިންޓަވަލްއަށް ދާން ވާނީ އެކީ އިނގޭ” ލަޔާން އެހެން ބުނެފައި އޭނާގެ ކެބިންނަށް ވަނެވެ.
ލަޔާން ދިއުމުން ލަމްހާ މޭޒުމަތީ އެއް ފަރާތެއްގައި ހުރި ފައިލުތަކުން ފައިލެއް ނަގާ ބަލަން ފެށިއެވެ. އޭގައި ނުނިމި މަޑު ޖެހިފައިވާ ބައެއް މަސައްކަތް ހުއްޓެވެ. ލަމްހާއަކީ ވިޔަފާރީގެ ދާއިރާއިން މާ ހުނަރު ހުންނަ މީހެއް ނޫން ނަމަވެސް ދެން ކުރަންވީ ކަންތަށް ދެނެ ގަނެވުނެވެ. ލަމްހާ ކުރަން ޖެހޭ މަސައްކަތަކީ ލަޔާންއަށް ކުދި ކުދި ކަންކަމުގައި އެހީ ވެދިނުމެވެ. ކުޑަކޮށް ބުނަންޏާ ލަޔާންގެ އެސިސްޓެންޓެވެ.
ލަމްހާ ހީކުރި ގޮތާ ހިލާފަށް ފުރަތަމަ ދުވަހުގެ ގަޑި ހިނގާ ދިޔައީ ވަރަށްވެސް ހަލުވި ކަމާއެކުއެވެ. ކުރަން ފެށި މަސައްކަތް ނުނި މެނީސް އިންޓަވަލް ގަޑި ޖެހިއްޖެއެވެ. މަސައްކަތަށް ޝައުގު ވެފައި ހުރިވަރުން އިންޓަވަލް ގަޑި ޖެހުނުކަން އެނގުނީވެސް ލަޔާން އައިސް މޭޒުގައި ޖަހާލުމުންނެވެ.
“ވަރަށް އުނދަގޫތަ ކުރަން ޖެހޭ ކަންތަށް؟” އިމާރާތާ ޖެހިގެން ހުރި ކެފޭއަކަށް ދެމީހުން ވަނެވެ.
“ނޫން.. އަދި އެހާ އުނދަގުލެއް ނޫން..” މަގަށްވީ ފަރާތުގައި ހުރި ހުސް މޭޒެއްކައިރީ ހުރި ގޮނޑި ދަމާލަމުން ލަމްހާ ބުނެލިއެވެ.
“ކީއްވެ ކެފެޓީރިއާއިން ނުކައި މިތަނަނަށް އައީ؟” ލަމްހާ ބޭރު ބަލާލަމުން ބުނެލިއެވެ.
“މިހާރު ހަނދާނެއް ނެތްތަ؟.. ލަމް ސްކޫލުގަ އުޅުނު އިރު އަހަރެމެން އަބަދުވެސް އަންނަމޭނުން މިތަނަށް. އެހެން ނޫނަސް ކެފެޓީރިއާގެ ކެއުން އެހާ މީރެއް ނުވާނެ.. އަބަދު ކައި ކައި ފޫހިވެފަ” ލަޔާން ބުނެލިއެވެ.
ދެމީހުންގެ ވާހަކަ މެދު ކެނޑުނީ ވެއިޓަރު އޯޑަރު ނަގަން އައުމުންނެވެ.
“އައިސް އެމެރިކަނޯ އަކާ ސޭންޑްވިޗް އެން ކުކީސް. ލަމް އަށް ކޯއްޗެއް؟” ލަޔާން ބުނެލިއެވެ.
“ސޭމް ތިންގް..” ލަމްހާ ބުނެލިއެވެ. ވެއިޓަރު ދިޔުމުން ލަމްހާ ބޭރާވީ ފަރާތަށް އެނބުރުނެވެ. ލަޔާންވެސް ފޯނުން މީހަކާ ވާހަކަ ދައްކަން ފެށުމުން ލަމްހާ ކުޑަކޮށް ފޫހިވިއެވެ. ކެފޭގެ މަތީބައިގައި އިންއިރު ސޮޕިން މޯލްގެ މައިދޮރު ކައިރި ވަރަށް ރީތި ލަމްހާއަށް ފެނެއެވެ. ޕޭމެންޓު މަތީ ހިނގަމުން ދިޔަ މީހުނަށާ މަގުގެ ދެފަރާތަށް ދުއްވަމުން ދިޔަ އުޅަނދުތަކަށް ލަމްހާގެ ދެލޯ ހުއްޓުނެވެ. އެވަގުތު އެތަނަށް މަޑުކުރި ހުދު ކުލައިގެ ކާރުން ފޭބި މީހުން ލަމްހާގެ ލޮލުގައި އަޅައިގަތެވެ. ކޯޓު ފަޓުލޫނުގައި އެހުރި މީހާއާ ދިމާއަށް ލަމްހާއަށް ބަލާލެވުނެވެ. ހަރު ހިނގުމެއްގައި ހިނގާފައި ދިޔަ އެޒުވާނާ ފެނުނީ އަރިމަތިން ކަމުން ލަމްހާއަކަށް އޭނާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެމުށި ކުލައިގެ އިސްތަށިގަނޑު ފެނުމުން އެއީ ސުހާންކަމަށް ލަމްހާގެ ހިތް ގޮވަން ފެށިއެވެ.
“ލަމް.. އަވަހަށް ފަށާ.. ގަޑި ޖެހެން ވާއިރަށް ދެވޭތޯ” މަގާ ދިމާއަށް ބަލަހައްޓައިގެން ހުރި ލަމްހާ ސިހުނީ ލަޔާން ވާހަކަ ދެއްކުމުންނެވެ.
“ހުމްމް” ސުހާން ބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދީ ލަމްހާ ހޫމް އަޅުވާލިއެވެ. އަނެއްކާވެސް މަގާ ދިމާއަށް ބަލާލެވުނީ އެ ޒުވާނާ ފެނޭތޯއެވެ. ނަމަވެސް އެ ސޫރަ ދެކިލުމުގެ ނަސީބެއް ލަމްހާއަކަށް ނުލިބުނެވެ.
ސުހާން މިތަނުގައި ކުރަނީ ކީއްބާ..؟ ސުހާން ރާއްޖެ އައިނަމަ އަހަރެން ކައިރިއަށް ނައިސް ކުރަނީ ކީއްބާ؟. އަނެއްކާ އެއީ ހަމަ ސުހާން ބާ؟
ހިތަށް އެރާ ފާބަމުން ދިޔަ ސުވާލުތަކުން ލަމްހާގެ މޫޑު ހަރާބުވިއެވެ. ލަޔާން ދައްކަމުން ދިޔަ ވާހަކައަށް އަޅާވެސް ނުލާ ލަމްހާއަށް އިސްޖަހާލެވުނެވެ.
“ލަމް.. ކީއްވެފަ ތި އިންނަނީ؟” ލަމްހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ލަޔާން މޭޒުގައި ޖަހާލިއެވެ.
“އުމް.. ކީކޭ؟” ލަމްހާ ހީލަމުން އަހާލިއެވެ.
“ލަމް.. ކަމަކާ ވިސްނަނީތަ؟” ލަޔާން އަހާލިއެވެ.
“ނޫން.. ނުވިސްނަން” ލަމްހާ ސޭންޑުވިޗް ނަގާ ކާލަމުން ބުނެލިއެވެ.
“ބޭބެ މިވާހަކަ ދައްކަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. އެކަމު މިހެން އެކަނިވާނެ ފުރުސަތެއް ނުލިބޭތީ ނުދެއްކިގެން މިއުޅެނީ” ލަޔާން ކޮފީތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ.
“ކޮން ވާހަކައެއް؟” ލަމްހާވެސް ކުޑަކޮސް ގަޔާވެފައި އަހާލިއެވެ.
“ބޭބެއަށް ފާހަގަ ކުރެވޭ މިހާރަކަށް އައިސް ލަމް މާ ދެރަވެފަ ހުންނަކަން.. ފުރަތަމަ ހީކުރީ ވިޝާމްއާ ކައިވެނި ކުރާތީކަމަށް މާ ކަޓާފަ ހުންނަނީ.. އެކަމު.. މިހާރު ބޭބެއަށް ހީވަނީ ލަމް އެހެން ކަމަކާވެސް ވަރަށް ދެރަވެފަ ހުންނަހެން.. ލަމް ކޫބެކްގައުޅުނު އިރު ކަމެއް ދިމާވީތަ..؟” ލަޔާން އޭނާއަށް ހީވެގެން އުޅޭ އެއްޗެއް ޔަގީން ކޮއްލުމުގެ ގޮތުން އަހާލިއެވެ.
“ކީއްވެ އެހެން ތިހީވީ؟.” ލަމްހާ ގަދަކަމުން ހީލަމުން ބުނެލިއެވެ.
“ލީން ބުނި ކޮންމެވެސް ސުހާންބެއެއްގެ ވާހަކަ.. އެއީ ކާކު؟” ލަޔާން އެހެން އެހުމުން ލަމްހާ ކޮށިއެރިއެވެ.
“އެއީ ލަމްގެ ބޯއި ފުރެންޑުތަ؟ ލީން ބުނި ސުހާންބެ ނައީމަ ލަމް ދެރަވެފަ ހުންނަ ވާހަކަ.. ކޮންމެ ދުވަހަކު ރޯވާހަކަ” ލަޔާން ބުނެލިއެވެ.
“ހުމް..” ލަޔާންއަށް މިހާރުވެސް ހުރިހާކަމެއް އެނގޭތީ އިތުރަށް ދޮގު ހަދާކަށް ލަމްހާ ބޭނުމެއް ނުވިއެވެ. ލާމްހާ ދޮގު ހެދިނަމަވެސް ލަޔާން އެކަންތަށް އޮޅުން ފިލުވާނެކަން އޭނާއަށް އެނގެއެވެ.
“ދެން ކީއްވެ ވިޝާމްއާ އިންނަން އެއްބަސްވީ؟” ލަޔާން އަހާލިއެވެ.
“މިހާރު އަހަރެމެން ބުރޭކަޕް ވެއްޖެ.. އެހެން ނޫނަސް ބައްޕަ ބުނީމަ އަހަރެން ކިހިނެއް ނޫނެކޭ ބުނާނީ.. އަހަރެން ބައްޕަ ކައިރީ އެދުނީ އެންމެ ކަމަކު. އެއީ ދެން ބައްޕަ ބުނި ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް ވައުދު ވެފަ.. އަހަރެން އަހަރެން ކުރި ވައުދު ފުއްދަން ބޭނުން.. އަނެއްކާ ބައްޕައާ މައްސަލަ ޖެހި މަންމަ މެންނާ ދުރުގަ އުޅޭކަށް ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ.
“ލަމް އަށް އެނގޭނީ ކަންތަށް ކުރާނެ ގޮތެއް.. އެކަމު ވިލް ޔޫ ބީ އޯލްރައިޓު؟” ލަޔާން އަހާލިއެވެ.
“ޑޯންޓު ވޮރީ.. މިއީ އަހަރެންގެ ތަގުދީރު. ޕުލީސް މަންމަމެން ކައިރީ ސުހާންގެ ވާހަކަ ނުބުނާތި” ލަމްހާ ބުނެލިއެވެ.
ލަޔާން ވަކި އެއްޗެކޭ ނުބުނެއެވެ. ލަމްހާގެ ދިރިއުޅުމާ ދޭތެރޭ ލަޔާންއަށް ހަމްދަރުދީ ވެވުނެވެ.
އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ރިންގުވަމުން ދިޔަ ލަޔާންގެ ފޯނެވެ.
“ހަލޯ.. އާން.. އާން މިދަނީ” ލަޔާން ފޯނަށް ޖަވާބު ދިނެވެ.
“ލަމް.. ބޭބެ މިދަނީ މީހަކާ ބައްދަލު ކޮއްލަން.. ސައި ބޮއެ ނިމިގެން ދޭ ދެންހުރި މަސައްކަތްތަށް ކޮއްލަން” ލަޔާން ބުނެލިއެވެ. ލަޔާން ދިއުމުން އިތުރަށް އެތަނުގައި ނުހުރެ ލަމްހާވެސް ހިނގައި ގަތެވެ.
“ލަމްހާ.. ދޭބަލަ މި ފައިލު ސޭލްސް މެނޭޖަރަށް ހަވާލު ކުރަން.. އެނގޭ ދޯ އޭނާގެ ކެބިން ހުންނަ ތަން” ފައިލެއް ބަލަން އިންދާ އެތަނުގެ މުވައްޒަފަކު އައިސް ބުނެލިއެވެ.
“އޯކޭ.. ގެނޭ” ލަމްހާ އެ ފައިލުގައި ހިފާލަމުން ތެދުވިއެވެ. މޭޒުމަތީ އޮތް ފޯނު ޖިންސުގެ ޖީބަށް ޖަހާލާފައި ކޮނޑުގައި ދަބަސް އަޅުވާލިއެވެ. ގެޔަށް ދާ ގަޑިވެސް ޖެހޭތީ ދެން އެނބުރި ކެބިންނަށް ނާންނަން ވެގެންނެވެ.
“މިއޮތީ ފައިލް” ލަމްހާ މެނޭޖަރަށް ފައިލު ދީފައި އެނބުރި ދިއުމަށް ހިނގައި ގަތެވެ.
“މަޑު ކޮއްބަ.. އަން މިހުރީ ލަޔާން ސާރ އަށް ހަވާލު ކުރަން ޖެހޭ ލިޔުން ތަކެއް.. ދެން މި ހުރީ މައްޗަށް ގެންދަން ޖެހޭ އެއްޗެހި ތަކެއް.” ބޯކޮށް ހުރި އޭފޯ ގަނޑު ތަކަކާ ފޮށި ގަނޑެއް ދައްކާލަމުން އެމިހާ ބުނެލިއެވެ.
“އޯކޭ.. ” ލަމްހާ ފޮށިގަނޑު މައްޗަށް ކަރުދާސްތަށް ލާފައި ދެއަތުން ފޮށި ހިފާލިއެވެ. ފޮށިގަނޑު ހިފައިގެން ހުރީރު ލަމްހާއަށް ކުރި ފެންނަނީ ކިރިޔަ ކިރިޔާއެވެ.
“ވަރަށް އުފާވެއްޖެ މިގޮތަށް ބައްދަލުވެ ވާހަކަ ދައްކާލެވުނީމަ” ހަމްދާދު ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ.
“މިކޮޅަށް އާދެވުނު ފަހަރު ޖެހޭނެއްނު ކޮންމެހެންވެސް ވާހަކަ ދައްކާލަން..” ސުހާން ހަމްދާދުއާ ސަލާމް ކޮއްލަމުން ބުނެލިއެވެ.
“އަޅުގަނޑުމެން ދެން ދަނީ..” އާޒިމްވެސް އެމިހުނާ ސަލާމް ކޮއްލަމުން ބުނެލިއެވެ.
“ސާރ.. އަޅުގަނޑު ބުނުއްވީ ތި ދެބޭފުޅުން އަޅުގަނޑުމެންގެ ކޮންޕެނީގެ އެނިވާސަރީ ހަފްލާއަށް އައުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކޭ” ސުހާން އާއި އާޒިމް ހިނގައި ގަތްތަނާ ހަމްޒާ އެމީހުން ހުއްޓުވާފައި ބުނެލިއެވެ. ސުހާން ބޯޖަހާލާފައި އަނެއްކާވެސް ހިނގައި ގަތެވެ.
“އޭ.. މަ އެބަ ޖެހޭ ފާހަނައަކަށް ވަދެލަން.. މިތާ މަޑު ކޮއްލާ އިނގޭ” ފިރިހެނުންގެ ފާހަނަ ހުރަސް ކުރި ވަގުތު އާޒިމް ބުނެލިއެވެ. އާޒިމްގެ އެދުމަށް ސުހާން އެތާ މަޑު ކުރިއެވެ.
އާޒިމްގެ އިންތިޒާރުގައި ސުހާން ހުރީރު އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހުނަށް އޭނާގެ ދެލޯ ހުއްޓެމުން ދިޔައެވެ. އެއްބަޔަކު ކުނި ކަހަމުން ދިޔައިރު އަނެއްބަޔަކު މޮޕް ލަމުން ދެއެވެ. ސުހާން ހުއްޓި ހުރި ދިމާ މޮޕް ލާން އެމީހުން އައުމުން ސުހާން އެއް ފަރާތަކަށް ޖެހިލިއެވެ. އެވަގުތު އޭނާގެ ފަހަތުން އެދިމާއަށް ހިނގާފައި އައި މީހަކު ގައިގައި ލައިގަތެވެ.
ކުރި ނުފެންނާތީ އިރު އިރުކޮޅާ ބޯއަރި ކޮއްފައި ބަލަމުން ކުރިއަށް ހިނގަމުން ދަނިކޮށް ކުއްލިއަކަށް ކުރި މައްޗަށް އެރި މީހާ ގައިގައި ލަމްހާ ޖެހުނެވެ. އަތުން ފޮއްޓާއި ކަރުދާސްތަށް ދޫވެ އަރި އަޅާލި ވަގުތު ލަމްހާގެ އަނގައިން ތޫލި ހަލޭކެއް ބޭރުވިއެވެ. ބިރުގަތް ވަރުން ލަމްހާގެ ދެލޯ މަރާ ދަގުޅި ކޮއްލެވުނެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ބަދަލުގައި ލަމްހާއަށް އިހްސާސްވީ ބާރުގަދަ ދެއަތް އޭނަގެ އުނަގަނޑުގައި ހިފާލިކަމެވެ. ބާރަށް ތެޅެމުން ދިޔަ އޭނާގެ މޭގައި އަތް އަޅާލަމުން ލަމްހާ ދެލޯ ހުޅުވާލިއެވެ.
ކުރިމަތީ ހުރި ސޫރަ ފެނިފައި ތެޅެމުން ދިޔަ އޭނާގެ ހިތްވެސް ހުއްޓިއްޖެއެވެ.
.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Varah Varah Varah Varah Varah Reethi ! Maasha Allah ???? ! OMG , lamha ah suhaan fenunyma kihinehbaa vaany???????? ! dhen in part avas kohdhehchey
love ya
stay safe
Thank you RrYn ❤️❤️❤️
wow vrh ves sali mi part vess
masha Allah
keep it up sis
stry hama best ingeyyy
fainally suhaan ves maldives aee dhw lamhaa aa bahdal veemaa dhen sali vaany
dhn ekan vess eothy vefaa thaa dhw suhaan vess lamha vess vrh syprise vaane dhw egotha meet veemaa anehkaa
and yess vrh sali mi stry ge kuree part tha vess
dhn oi bayah hama waitting mee vrh wait kurevey stry eh mihaaru heheheh 😀
btw kitha part baakee iny 🙂
lyssssmmmm
stay safe and take care 🙂
Thank you so much ❤️❤️❤️