ތިން ލަފްޒުން (15)
އެހިސާބު ވަށައިގެން ހޯދަނިކޮއް ސުހާންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ރިހިފަށެވެ. އެފަށް ނަގާފައި ސުހާން އެފަށް ރީތިކޮއް ބަލާލިއެވެ. އެއީ ލަމްހާގެ ފަށްކަން އެގުމުން ސުހާންގެ ހިތަށް ވަނީ ގޮތް ނޭނގޭ ބިރެކެވެ. ކުރިމަތީގައި ހުރި ވީރާނާވާން ކައިރި ވެފައިވާ އިމާރާތަށް ބަލާލެވުނީ ލަމްހާ ވީ އެތަނުގާ ކަމަށް އެހިތް ބުނަމުން ދާތީއެވެ.
****
ދެމީހުންވެގެން ލަމްހާ ވެއްދީ ކޮޓަރިއަކަށެވެ. ލަމްހާގެ ބުރަކަށީގައި އަޅާ ކޮއްޕާލި ގޮތުން ލަމްހާ ބިންމައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތުން އޭނާ ލައިގެން ހުރި ޖިންސާއެކު ދެކަކޫ މަށައިގެން ދިޔައެވެ. އުޅަން ބޯށިންވެސް ތަނެއް ހަލާކުވެގެން ލޭ އަންނަން ފެށިއެވެ. ނަގަން ފެށި ދިލައަކުން ލަމްހާއަށް ކޮޅަށް ތެދުވަން އުނދަގޫވިއެވެ.
ލަމްހާ އެތަނަށް ގެނައި ދެފިރިހެނުން ލަމްހާ އާ ދިމާއަށް އަންނަން ފެށުމުން ލަމްހާ ބިރުން ފަހަތަށް ޖެހެވުނެވެ. ނަމަވެސް ލަމްހާގެ ބުރަކަށި ފާރުގައި ޖެހުމުން ފިލަން ދާނެ މަގު ބަންދުވީކަން ލަމްހާ އަށް އެނގުނެވެ. އެމީހުން ލަމްހާގެ ގައިގައި އަތްލަން އުޅުމުން ލަމްހާއަށް އޭނާގެ ދެލޯ މަރާލެވުނެވެ.
ލަމްހާ އާ ކައިރިވަމުން ދިޔަ ދެމީހުންގެ ހަރަކާތް ހުއްޓުނީ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އެ ދެމީހުން އެކަކު އަނެކަކު މޫނަށް ބަލާލާފައި ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުތްއިރު އެދިމާއަށް ހިނގަމުން އައި ސުހާން ފެނިގެން އެމީހުން ރުޅިވެރި ނަޒަރަކުން ބަލާލިއެވެ.
ބިންމަތީގައި އޮތް ދަގަނޑު ބުރިއެއް ނަގާ އަތަށް ހެޔޮވަރު ކޮއްލާފައި އެމީހާ ސުހާން އާ ދިމާއަށް މަޅާލިއެވެ. ސުހާންއަށް އޭގެން ރެކެވުނީ ހަމަ ކިރިޔާއެވެ. ދެވަނަ ފަހަރަށް އެމީހާ އެ ދަގަނޑު ބުރި މަޅާލަން ވާއިރަށް ސުހާން އޭގައި ހިފިއެވެ. އަދި ދަގަނޑު ބުރި އަތުލާފައި އެމީހާގެ ފައިގައި އޭގެން ޖެހިއެވެ. ނަމަވެސް ދެވަނަ ސިކުންތު ދެން ހުރި މީހާ އައިސް ސުހާންގެ މޭގައި ފައިން ޖެހިއެވެ. މެއަށްވީ ތަދުން ސުހާންއަށް ފަހަތަށް ޖެހެވުނެވެ. ސުހާންގެ ހަށިގަނޑު ވަރުގަދަ ނަމަވެސް އޭނާއަކީ މީގެ ކުރިން އެހެން ތެޅި މީހެއް ނޫންކަމުން ސުހާން އެމީހުނަށް ވުރެ ބައްޔެވެ. އެމީހުންގެ ގައިގައި ޖަހާލާ ކޮންމެ އެތިފަހަރަކަށް ސުހާން އަށްވެސް އަނިޔާ ލިބެމުން ދިޔައެވެ.
ނޭނގި ހުއްޓާ ކުއްލިއަކަށް ސުހާންގެ ބޮލުގައި އެމީހާ ޖެހިއެވެ. ސުހާން އުއްޑުން ބިންމައްޗަށް ވެއްޓުނެވެ. އެމީހާ ސުހާންގެ ގައިމައްޗަށް ކަކުލުން އަރާފައި އޭނާގެ މޫނުގައި ދެފަހަރަކު ގޮއްމުށުން ޖެހިއެވެ. ސުހާންގެ ތުންފަތަށް ދަތްވަދެ ތުންފަތް ފަޅައިގެން ދިޔައެވެ. ސުހާންއަށް ހިރި ނުލެވޭ ވަރަށް ހިފަހައްޓާފައި އަނެއްމީހާ ހިފީ ސުހާންގެ ކަރުގައެވެ. ނޭވާލާން އުނދަގޫވެގެން ސުހާން ދެލޯ ބޮޑުވިއެވެ. ދެން ލެވޭ ނޭވާޔާއެކު އޭނާގެ ފުރާނަވެސް ގޮސްދާނެތީ ސުހާން ބިރުގަތެވެ. ނަމަވެސް ދެވަނަ ސިކުންތު ބާރު ސައިރެންއެއްގެ އަޑުން މުޅި ހިސާބު އަޑުގަދަ ވިއެވެ. ސުހާންގެ ކަރުގައި ހިފަހައްޓައިގެން ހުރި މީހާވެސް ބިރުން ދުރަށް ޖެހިލިއެވެ. އެމީހާ ދޫކޮއްލުމުން ސުހާން ބޮޑު ނޭވާއެއްލިއެވެ. ނަމަވެސް ނޭވާ ނުލެވިގެން އޭނާ ކެއްސަން ފެށިއެވެ. ބޮޑުކޮށް ކެއްސާލުމުން ސުހާން ހަމައަކަށް އެޅުނެވެ. ކަރުގައި ފިރުމާލާފައި ސުހާން ބިންމަތިން ތެދުވިއެވެ. އޭރު ހަތަރު ފުލުހުން އެމީހުން ތިބި ފުލޯއަށް އަރައިފިއެވެ. ސިކުންތެއްގެ ތެރޭގައި އަނެއް ދެމީހުން އަތުލައިގަތެވެ. އެތަނަށް ވަނުމުގެ ކުރިން ފުލުހުނަށް ގުޅުނުކަން އެއީ އޭނާގެ ނަސީބޭ ސުހާން ހިތަށް އެރިއެވެ.
ބޭރުން އިވެމުން ދިޔަ އަޑުތަކުން ލަމްހާ ހުރީ ބިރުންނެވެ. ކަކޫ މަތީ ބޯއަޅައިގެން އޮތް ލަމްހާ ސިހުނީ މީހަކު ލަމްހާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިއްސައިގެން ގޮސް ލަމްހާ އިސްއުފުލާ ބަލާލިއެވެ.
ނަމަވެސް ލަމްހާ ކައިރީ އުޑަފައިގެން ހުރި ސުހާން ފެނުމުން ވަގުތުން ބިރު ފިލައިގެން ދިޔައެވެ.
“ލަމް.. ހިނގާ ދާން” ސުހާން ލަމްހާ ގެ ދެކޮނޑުގައި ހިފާ ނަގަން މަސައްކަތް ކުރިއެވެ. އެހެނަސް ލަމްހާ ތެދުވާކަށް ނޫޅެއެވެ. އަނެއްކާވެސް އޭނާ ކަކޫ މަތީ ބޯޖެހީއެވެ.
“ލަމް…” ސުހާން ލަމްހާއަށް ގޮވާލިއެވެ. ލަމްހާ އެއްޗެކޭ ނުބުނުމުން ސުހާން ހާސްވިއެވެ. ސުހާން ބުނަން އުޅުނު ބަސް އަރުތެރޭ ތާށިވީ އެތަނުގެ ހަމަހިމޭންކަން ނަގާލި ލަމްހާގެ ރުއިމުގެ އަޑު އިވުމުންނެވެ. ލަމްހާ އަށް ގިސްލެވެން ފެށިއެވެ.
ލަމްހާ އަށް ރޮވުނީ ބިރަކުންނޫނެވެ. ލަދުންނެވެ. ލަމްހާ އެފަދަ ހާލެއްގައި ހުއްޓާ ސުހާން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. ސުހާންއަށް އޭނާގެ މާޒީ އެނގޭކަށް ބޭނުމެއް ނޫނެވެ.
“ލަމް ނުރޮއެ ބަލަ.. އަހަރެން މި އައީނުން.. ދެން ލަމްއަށް އެފަދަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން..” ސުހާން ލަމްހާ ގާތް ކޮއްލިއެވެ. ސުހާންގެ ހިމާޔަތް ލިބުމުން ލަމްހާއަށްވެސް އޭނާގެ ނަފްސު ކޮންޓުރޯލެއް ނުކުރެވުނެވެ. ސުހާންގެ މޭގައި މޫނު ފޮރުވާލަމުން ލަމްހާ ސުހާންގެ ގައިގައި އޮޅުލައިގަތެވެ. ސުހާންގެ ހަރަކާތް ހުއްޓުނެވެ. ލަމްހާގެ ހަށިގަނޑުގެ ހޫނުކަން އެހާ ކައިރިން އިހްސާސް ވުމުން ސުހާންގެ ސިކުންޑި ސުމަކަށް ދިޔައެވެ. ސުހާންވެސް ލަމްހާ އިތުރަތް ގާތް ކޮއްލަމުން އެ ހަށިގަނޑުގައި ބައްދާލިއެވެ.
“އެސްކިއުސް… ދެމީހުން މިހާރު ހައްޔަރު ކުރެވިއްޖެ.. ދެން ބޭނުންވަނީ ސްޓޭޓުމެންޓު ނަގާލަން” ފުލުސް މީހަކު އެތަނަށް އައުމުން ސުހާން ލަމްހާ ދުރު ކޮއްލިއެވެ.
“އަޅުގަނޑު މާދަން ފުލުސް ސްޓޭސަނަށް ދުރު ވެލިއަސް މައްސަލައެއް ނެތްތޯ؟” ސުހާން ބޭނުންވީ ލަމްހާ ގާތު ހުންނާށެވެ. އެމީހާ ބޯޖަހާލާފައި އެތަނުން ނުކުތެވެ.
“ލަމް ހިނގާ ހޮސްޕިޓަލަށް.. ލަމްގެ އުޅަން ބޯއްޓާ ކަކޫ ތިއޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ” ސުހާން ލަމްހާގެ ކޯތާފަތުގައި ހިފާލާފައި ބޮޑުވާ އިނގިލިން ފިރުމާލިއެވެ.
“ނޫން.. އަހަރެން ބޭނުމެއް ނޫން ހޮސްޕިޓަލަށް ދާކަށް.. އަހަރެން ބޭނުމީ ލީން ކައިރިއަށް ދާން..” ލަމްހާ ބެނުލިއެވެ.
“އޯކޭ.. ހިނގާ ގެއަށް ދާން ދޯ” ސުހާންއަށް އެގޮތް ކަމުނުދިއަސް އިންކާރެއް ނުކުރެއެވެ. މިވަގުތު އޭނާ ކަންތައް ކުރަން ބޭނުމީ ލަމްހާ ބުނާ ގޮތަކަށެވެ.
“އާހްހް. ” ލަމްހާ ކުރިއަށް އެޅި ފިޔަވަޅާއެކު މަޑުއާހެއް ބޭރުވިއެވެ. ކަކޫ ލަންބާލުމުން ފަޔަށް އެރީ ދިލަ ތަދެކެވެ.
“ވަރަށް ތަދުވޭތަ؟” ސުހާން ކަންބޮޑުވިއެވެ. ލަމްހާ ބޯޖަހާލުމުން ސުހާން ލަމްހާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. ސުހާން ކުއްލިއަކަށް އެހެން ހެދުމުން ލަމްހާ ލަދުގަތެވެ. ނަމަވެސް ދެވަނަ ސިކުންތު ލުއިކޮށް ހީލާފައި ސުހާންގެ ކަރުގައި އަތް އަޅުވާލިއެވެ.
ލަމްހާ ކާރު ކުރީ ސީޓުގައި ބައިންދާފައި ސުހާންވެސް ކާރަށް އެރިއެވެ. ގެއާ ހަމައަށް ދެވެން ދެންވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
ގޭގެ ދޮރާ ހަމައަށްވެސް ސުހާން ދިޔައީ ލަމްހާ އަތްދަނޑި މައްޗަށް އުފުލާލައިގެންނެވެ. ތަޅުދަނޑިން ދޮރު ހުޅުވުމުގެ ބަދަލުގައި ސުހާން ބެލް އެޅިއެވެ. ދޮރު ހުޅުވީ މާރިއާއެވެ. ދޮރުމަތީ ތިބި ސުހާންއާ ލަމްހާ ފެނި މާރިއާ ގާތަށް އައީ ލާނެތް ހިންޏެކެވެ. މާރިއާ ބަލާލިގޮތުން ލަމްހާވެސް ލަދުން މޫނު ރަތްވިއެވެ.
“ސުހާން ދެން އަހަރެން ތިރިއަށް ބާލާ” ލަމްހާ ބުނެލިއެވެ.
“ކޮބާ ލީން؟” ސުހާން ސުވާލު ކުރީ މާރިއާ އަށެވެ.
“ލީން ނިދާފަ.. ލަމްހާއަށް ކިހިނެއްވީ؟” ލަމްހާގެ އުޅަންބޯށި ފެނިފައި މާރިއާ އަވަހަށް އަހާލިއެވެ. ވީގޮތް ކުރު ގޮތަކަށް ބުނުމުން މާރިއާ ކަން ބޮޑުވިއެވެ.
ސުހާން ލަމްހާ ކޮޓަރިއަށް ގެންގޮސް ދީފައި އެނދު މަތީ ބޭއްވިއެވެ. ލަމްހާ ހެދުން ބަދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުނުމުން ސުހާން ނުކުތީ ބޭރަށެވެ.
މާރިއާ ގާތު އަހައިގެން ފަސްޓު އެއިޑު ފޮށި ހޯދައިގެން ސުހާން އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.
“ސުހާން އަދިވެސް ނުދަންތަ؟” ލޯ މަރާލައިގެން އޮތް ލަމްހާ ސުހާން ވަތް އަޑަށް ލޯ ހުޅުވާލިއެވެ.
“ހުމް.. މިއައީ ބޭސް އަޅާއިދޭން.. ލަމް ބޭނުމެއް ނުވި ވިއްޔަ ހޮސްޕިޓަލަށް ދާކަށް” ސުހާން ގޮނޑިއެއް ކައިރި ކޮއްލަމުން ލަމްހާ ކައިރީ އިށީނެވެ.
“ދައްކާ އަތް” ސުހާން ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ހަލާކުވެފައި ހުންނަ ތަންތާ ހާކާ ބޭސް ފުޅިން އެތިކޮޅެއް ކަފަ ބުރުގައި ހާކާލާފައި ލަމްހާގެ އަތުގައި ޖައްސާލިއެވެ.
“އާހް.. ސުހާން ގަސްތުގަ ތަދުކުރަނީތަ؟” ދިލަ ނަގައި ގަތުމުން ލަމްހާ އަށް ބުނެލެވުނެވެ.
“ސޮރީ..” ސުހާން އޭނާގެ މޫނު ކައިރި ކޮއްލާފައި އަތަށް ފުމެލިއެވެ.
“ސުހާން.. ތަދުވޭތަ؟” ލަމްހާ ސުހާންގެ ތުންފަތް ކައިރީ ހަލާކުވެފައި އިން ތަނުގައި އިނގިލިން ފިރުމާލިއެވެ. ލަމްހާގެ އިނގިލިތަށް އިހުސާސް ވުމުން ސުހާންގެ ގައިން ހީބިހި ނަގައިގަތެވެ. ލަމްހާ އާ ދިމާއަށް ބަލާލާފައި ބޯހޫރާލީ ނޫނެކޭ ބުނާށެވެ. އަނެއްކާވެސް ސުހާން އިސްޖަހަލާފައި ލަމްހާގެ އަތުގައި ބޭސް އަޅާން ފެށިއެވެ. ލަމްހާގެ އަތުގަޔާ ކަކުލުގައި ބޭސް ހާކަ ދިންއިރުވެސް ލަމްހާ ހުރީ ސުހާންގެ މޫނަށް ބަލާށެވެ. ފަރުވާތެރިކަމާއެކު ބޭސް އަޅަމުން ދިޔަ ސުހާންގެ މޫނު މަތީގައި ކުރިން އެހުންނަ ގާތް ކަމެއް ނެތެވެ. ހީވާގޮތުން ސުހާން އެހެރީ ހިތްހަމަ ނުޖެހިފައެވެ.
ބޭސް އަޅާ ނިމުމުން ސުހާން ގޮނޑިން ތެދުވިއެވެ. ކޮޓަރި ދޮރާ ދިމާއަށް ހިނގައި ގަތްތަނާ ލަމްހާ ސުހާންއަށް ގޮވާލިއެވެ.
“ސުހާން ތިހުރީ އަހަރެންދެކެ ރުޅި އައިސްފަތަ” ލަމްހާ އަހާލިއެވެ.
“ކީއްވެ ތިހެން ތިއެހީ؟” ސުހާން އަހާލިއެވެ.
“ނޭނގެ.. އަހަރެންނަށް ހަމަ ހީވަނީ” ލަމްހާ އިސްޖަހާލިއެވެ.
“ނޫން..ތިއީ އޮޅުމެއް. އަހަރެން ދުވަހަކުވެސް ލަމް ދެކެ ރުޅިއެއް ނާންނާނަން.. އެކަމު އަހަރެން މިހިރީ ވަރަށް ދެރަ ވެފަ.. ލަމް އަހަރެންނާ އެއްކޮށް ގުޅުން ކަނޑާލީމަ އެނގިއްޖެ އަހަރެންނާ އެކުވެރިކަންވެސް ބާއްވަން ބޭނުން ނުވާކަން.. އަހަރެންނާ ހެދި ލަމްއަށް އުނދަގޫ ވާކަންވެސް އެނގޭ.. އެކަމު ހަމަ އެންމެ ފަހު ފަހަރަށް.. އަހަރެން މިރޭ ލަމް ކައިރީ ހުރުމުގެ ހުއްދަ ދީ.. ލަމްއަށް މިފަދަ ކަމެއް ދިމާވީމަ އަހަރެން ބޭނުމެއް ނޫން ލަމް ދޫކޮއްލާފަ އެންމެ ހިނދުކޮޅަކަށްވެސް ދާކަށް..” ސުހާން އެހެން ބުނުމުން ލަމްހާގެ ދެލޯ ފެންކަޅި ވިއެވެ.
“ސުހާން އަހަންނަށް މާފްކުރޭ..” ލަމްހާއަށް ބުނެވުނީ އެހާ ވަރަށެވެ.
“ދެން އެކަމާ ނުވިސްނާ ލަމް ނިދާލާ.. އަހަރެން މަޑުކުރާނަން ބޭރުގަ” ސުހާން އެހެން ބުނެފައި ބޭރަށް ނުކުތެވެ.
އެރޭ ލަމްހާއަށް ވަރަށް އަވަހަށް ނިދުނެވެ. ބޮލުގައި ރިއްސާތީ ބޭސް ކެއުމުން ކަންނޭގެއެވެ. ނަމަވެސް ސުހާންއަށް އޮތީ ނުނިދިފައެވެ. ސޯފާ ގޮނޑީގައި ދިގަށް އޮށޯވެލައިގެން އޮތް ސުހާންއަށް އިރު އިރު ކޮޅާ ލަމްހާގެ ކޮޓަރިއާ ދިމާއަށް ބަލާލެވެއެވެ.
ސުހާން އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މިއަދު ސުހާންއަށް އެތަނަށް ނުދެވުނުނަމަ ލަމްހާ އަށް ވެދާނެ ގޮތް ހިތަށް އަރާފައި ސުހާންގެ އަތް މުއްކެވިގެން ދިޔައެވެ. ސުހާން ލަމްހާ ދޫކޮއްލަކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާއާ ހުރެ ލަމްހާ އަށް އުނދަގޫ ވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ސުހާން ލަމްހާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ލަމްހާ ދޫކޮއްލާނެ ހިތްވަރެއް ސުހާންއަށް ލިބޭނީ ކިހިނެއް ހެއްޔެވެ. ލަމްހާ ނުލިބިއްޖެ ނަމަ އޭނާ މޮޔަވެދާނެ ހިސާބަށް އޭނާ ލަމްހާ އާ ގަޔާ ވެވިއްޖެއެވެ.
ނުނިދިގެން އެންމެ ފަހުން ސުހާން ތެދުވިއެވެ. ލަމްހާގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު ލަމްހާއަށް އޮތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލައެވެ. ދެލޯ މަރާލައިގެން އޮވެ އޭނާ ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ހީވާގޮތުން ލަމްހާއަށް އެފެންނަނީ ބިރުވެރި ހުވަފެނެކެވެ. ސުހާން ލަމްހާގާތަށް ޖެހިލާފައި ދެފަހަރަކު ތަޅުވާލިއެވެ. ލަމްހާ ލޯހުޅުވާލިއެވެ.. ނަމަވެސް ދެވަނަ ސިކުންތު އަނެއްކާވެސް ފުން ނިންޖަކަށް ގެންބިގެން ދިޔައެވެ. ލަމްހާގެ ގައި މަތީ އޮތް ރަޖާގަނޑު ރީތި ކޮއްލާފައި އަތް ދުރު ކޮއްލި ވަގުތު ލަމްހާ އެއަތުގައ ހިފިއެވެ. ސިހުނު ވަރުން ސުހާން ނުވެއްޓުނީ ކިރިޔާއެވެ.
“އަހަރެން އަހަރެންގެ ދަރިފުޅު ބޭނުން… އަހަންނަށް ތިހެން ނަހަދާ… އަތް ނުލާ.. ހެޔޮ ނުވާނެ” ލަމްހާ ނިދީގައި ވާހަކަ ދައްކަން ފެށިއެވެ. އެކިޔާ އެއްޗެއް އެހާ ސާފު ނުވިއަސް ސުހާންއަށް އެއަޑު ރަނގަޅަށް އިވުނެވެ. ލަމްހާގެ ޖުމަލަތަށް ހަމަ ނުޖެހުނަސް ސުހާންއަށް ކުޑަކޮށް ވިސްނުނެވެ.
ލަމްހާއަށް ކުރިންވެސް މިފަދަ ކަމެއް ދިމާވީ ބަވައެވެ. ސުހާން ލަމްހާގެ މުނުގައި ފިރުމާލާފައި އެނދުގެ މަގަތުގައި އިށީނެވެ. ލަމްހާއަށް ރިތިކޮށް ނިދުނު އިރުވެސް ސުހާންގެ އަތަކުން ދުލެއް ނުކޮއްލައެވެ. ސުހާންވެސް އެއަށް ދޫކުރުވާކަށް ނޫޅެއެވެ. އޭނާ އިނީ އެއަށްވުރެ ބޮޑަށް ކަން ބޮޑުވެފައެވެ.
އެނދުގެ އަނެއް ފަޅީގައި ނިދާފައި އޮތް ލީން އާ ދިމާއަށް ސުހާން ބަލާލިއެވެ.
ލީންއަށް ހަތަރު އަހަރު ފުރިފައި ވާއިރު އޭގެ މާނައަކީ ލަމްހާއަށް ލީން ލިބުނީ އުމުރުން 19 އަހަރުގައެވެ. އާޒިމް ބުނި ގޮތުގައި ވިޝާމްއަކީ ލީން އިންނަން އުޅުނު މީހާއެވެ. ނަމަވެސް އެދެމީހުން ކައިވެންޏެއް ނުކުރެއެވެ. އޭގެ ކުރިންވެސް ލަމްހާ މީހަކާ ނީންދެއެވެ. ދެން ލީން ވަރުގެ ބޮޑު ކުއްޖަކު ހުންނަވީ ސަބަބެއް ނެތެވެ. ސުހާންގެ އަތް މުއްކެވުނެވެ. ލަމްހާއަށް އެފަދަ ހިތް ދަތި ކަމެއް ދިމާވެފައި ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
ސުހާން ލަމްހާގެ މޫނުގައި ފިރުމާލިއިރު އެދެލޯ ފެންކަޅި ވިއެވެ. ލަމްހާގެ އުޅުމަކުން އެކަހަލަ އެއްވެސް ކަމެއް ސުހާންއަކަށް ފާހަގަވެފައެއް ނެތެވެ. އެހާ ޅައުމުރުގައި އެފަދަ ކަމަކާ ދިމާވުމުން ކުރާނެ އަސަރު ހިތަށް އަރުވާލުމުންވެސް ސުހާން ހިތް ރުރޫ އަޅަން ފެށިއެވެ. އެފަދަ ވިސްނުމެއްގައި އިންދާ ސުހާން ނިދި އަންނަ ގޮތްވިއެވެ
ޖެހިގެން އައި ދުވަހުގެ އިރު އެރިއެވެ. ލަމްހާއަށް ހޭލެވުނީ ކުޑަދޮރުން ފުރޭނިގެން އައި އިރުގެ އަލި އޭނާއަށް ޖެއްސުން ކޮއްލުމުންނެވެ. ކައިރީގައި ނިދާފައި އޮތް ލީން ބޮލުގައި ފިރުމާލާފައި ލަމްހާ ހިނިތުންވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާ ސިހިފައި ތެދުވިއެވެ. އެވަގުތު ލަމްހާގެ މަގަތުގައި ނިދާފައި އޮތް ސުހާން އަށްވެސް ހޭލެވުނެވެ. ސުހާން ދެލޯ ހުޅުވަލިއިރު ލަމްހާގެ މޫނު ފެނުމުން އޭނާވެސް ސިހުނެވެ. ލަމްހާގެ އުނަގަނޑުގައި އަޅުވާލެވިފައިވާ އޭނާގެ އަތް ދުރު ކޮއްލަމުން ސުހާން އަވަހަށް އެނދުން ފޭބިއެވެ.
“ސޮރީ.. އަހަރެން ތި ހީކުރާކަހަލަ އެއްވެސް ކަމެއް ނުކުރަން” ސުހާން އަވަހަށް ބުނެލިއެވެ. ދެމީހުންގެ ގައިގައި އަންނައުނު ހުރުމުން އެފަދަ އެއްވެސް ކަމެއް ނުވާކަން ލަމްހާއަށް އެނގުނެވެ. ނަމަވެސް އެއް އެނދެއްގައި އެހާ ކައިރީ ތިބެވުމުން ލަމްހާ ކުޑަކޮށް ކަންބޮޑުވިއެވެ.
“ދޭ ބޭރަށް.. އަހަރެންވެސް މިދަނީ” ލަމްހާ އަވަހަށް ބުނެލިއެވެ.
ލަމްހާ ރުޅި ނާންނަކަން އެނގުމުން ސުހާންއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ސުހާން ކޮޓަރިން ނުކުއްތަން ބަލަން އިން ލަމްހާގެ މޫނު ހީވަނީ ރަތް އާފަލެއް ހެނެވެ. މޫނުގައި އަތް އަޅާ ދެފަރާތަށް ބޯ ހޫރާލިއިރު އެ ތުންފަތް މަތީ ވަނީ ލަދުވެތި ކަމުގެ ހިނިތުންވުމެކެވެ.
ލަމްހާ ބޭރަށް ނުކުތް އިރު ސުހާން ސޯފާގައި އިނެވެ. މާރިއާވެސް އޭރު ބަދިގޭގައި އުޅެއެވެ.
“ކޮފީއެއް ހަދައިދެން؟” ސުހާން ބަލަން ފެށުމުން ބުނާނެ އެއްޗެއް ނޭނގިގެން ލަމްހާ އަހާލިއެވެ. ސުހާން ބޯޖަހާލުމުން ލަމްހާ ދެ ކޮފީތަށި ގިރާލިއެވެ.
“އަދިވެސް ތަދުވޭތަ ހަލާކުވެފަ ހުރި ތަންތަނަށް؟” ލަމްހާ ސޯފާގައި އިށީނުމުން ސުހާން އަހާލިއެވެ.
“ރަނގަޅު.. އެކަމު ބައެއްފަހަރު ދިލަ ނަގާ.. ” ލަމްހާ ބުނެލިއެވެ. އެއަށްފަހު އެދެމެދަށް ވެރިވީ މަރުގެ ހިމޭންކަމެވެ.
“އަން.. އަހަރެން ދެން ދަނީ” ސުހާން ހުސް ޖޯޑު ލަމްހާ އަށް ދިއްކޮއްލަމުން ތެދުވިއެވެ. ޖޯޑު މޭޒުމަތީގައި ބަހައްޓާފައި ލަމްހާ ތެދުވިއެވެ. ދޮރާ ދިމާއަށް ހިނގައިގަތް ސުހާންއާ ދިމާއަށް ބަލަން ހުއްޓާ ރޭގައި ސުހާން ބުނި ބަސްތައް އޭނާގެ ސިކުނޑި ވަށާލިއެވެ.
ސުހާން ވަނީ ހަމައެކަނި އެންމެ ރެއަކު އޭނާ ގާތު މަޑުކޮއްލުމުގެ ހުއްދަ ދޭށޭ ބުނެފައެވެ. އެއީ މީގެފަހުން ދެން ލަމްހާއަށް އުނދަގޫ ނުކުރާމަތިންނެވެ. ދެން ސުހާން ދިއުމަށް ފަހު އެނބުރިއެއް ނާންނާނެއެވެ. ލަމްހާގެ ހިތަށް ތޫނު ތީރެއް ހަރާލިފަދަ އިހްސާސެއް ކުރެވުނެވެ.
ސުހާން ހުއްޓުވުމަށް އެހިތް އެދެމުން ދިޔައެވެ. މިއަދު ސުހާން ދޫ ކޮއްލައިފިނަމަ ދެން ދުވަހަކުވެސް ސުހާންއެއް ނުލިބޭނެއެވެ. ސުހާން އާ ނުލާ އުޅެން ލަމްހާއަކަށް ކެތެއް ނުވާނެއެވެ.
ލަމްހާ ސުހާން ފަހަތުން ދާން ހިނގައި ގަތް އިރު ސުހާން އެގެއިން ނުކުމެއްޖެއެވެ.
“ސުހާން… މަޑުކޮއްބަލަ” ކާރަށް އަރަ އަރާ ހުރި ސުހާން އަށް ލަމްހާގެ އަޑު އިވިގެން ބަލާލިއެވެ. އޭރު ދުވެފައި ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް އަންނަ ލަމްހާ ފެނުމުން ސުހާން ހައިރާންވިއެވެ. ސުހާން ވެސް ލަމްހާ އާ ދިމާއަށް ހިނގައި ގަތެވެ.
“ކިހިނެއްވީ… ޕިސް ފައިވާނަށްވެސް ނާރަ ތިނުކުތީ.. ފައި ހަލާކު ވެދާނެއްނު” ސުހާން ނުރުހިފައި ބުނެލިއެވެ.
ނަމަވެސް ލަމްހާ އެއްޗެކޭ ނުބުނެއެވެ. އިރުކޮޅަކު އެހެން ހުރެފައި ލަމްހާ ސުހާންގެ ފުޅާ މެދުހަށިގައި ބައްދާލިއެވެ. ސުހާންގެ ތަނަވަސް މޭމަތީގައި ބޯއަޅާލި ދެން ދުވަހަކުވެސް ދުލެއް ނުކޮއްލާނަމޭ ބުނާ ފަދަ ގޮތަކަށެވެ. ލަމްހާގެ މިއަމަލުން ސުހާން ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާ އުފާވިއެވެ.
“އަހަރެންވެސް ސުހާންދެކެ ވަރަށް ލޯބިވޭ.. އަހަރެން ދޫކޮއްލާފަ ނުދައްޗޭ” ލަމްހާ މަޑުމަޑުން ބުނެލިއެވެ.
“ކީކޭ.. އަދި އެއްފަހަރު ބުނެބަލަ” ސުހާންއަށް އެއަޑު ރީތިކޮށް އިވުނު ނަމަވެސް ބުނެލިއެވެ. އަދި އެއްފަހަރު އެބަސްތަށް އަޑު އަހާލަން އެހިތް އެދޭ ވަރުންނެވެ. އެއީ އޭނާގެ ކަންފަތް ކޮއްލި ސަމާސާއެއް ނޫންކަން ޔަގީން ކުރާށެވެ.
“އައި ލަވް ޔޫ ސުހާން.. ސުހާން ފެނުނު ފުރަތަމަ ދުވަހުންސުރެ..” ލަމްހާ ސުހާން އާދިމާއަށް ބަލާލަމުން ބުނެލިއެވެ.
“އަދި އެއްފަހަރު” ލަމްހާގެ ދެލޮލަށް ބަލަމުން ސުހާން އަނެއްކާވެސް އެދުނެވެ. ނަމަވެސް މިފަހަރު ލަމްހާ ސުހާން ދުރަށް ކޮއްޕާލިއެވެ.
“ދެން ނުބުނާނަން. ހަމަ ނީވޭކަމަށް ހަދަނީ ތި.. ވަރަށް ފޫހިވޭ” ލަމްހާ ތުން އަނބުރާލިއެވެ.
“އޯކޭ.. އޯކޭ ސޮރީ. ތެންކިއު.. އަހަރެންވެސް ލަމްދެކެ ވަރަށް ލޯބިވޭ” ސުހާން ލަމްހާގެ އަތުގައި ހިފާލިއެވެ.
“ދެން ކީއްވެ ތިދަނީ؟” ލަމްހާ ބޮޑާ ހާކާލިއެވެ.
“އަހަރެން މިދަނީ ފެންވަރާލައިގެން ފުލުސް ސްޓޭސަންއަށް ދާން.. ރޭގެ ކަންތަކުގަ.. ލަމް ހީކުރީ އަހަރެން މިދަނީ ލަމް ދޫކޮއްލާފަ ދެން ނާންނަ ގޮތަށް ކަމަށްތަ؟” ސުހާން ލަމްހާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ސުހާން ރޭގަ ބުނީމެއްނު .. އަހަރެން ހީކުރީ..” ލަމްހާ އިސްޖަހާލިއެވެ.
“ތެދެއް.. އަހަރެން ރޭގަ އެހެން ބުނިން.. އެކަމު.. އަހަރެން އޭރުވެސް ލަމް ދޫކޮއްލާކަށް ބޭނުމެއް ނޫން.. ލަމް އަހަރެންދެކެ ލޯބި ނުވިއަސް އަދި ލަމްއަށް އަހަރެންނާ ހެދި އުނދަގުވިއަސް އަހަރެން އަބަދުވެސް ލަމް ފަހަތުން އުޅޭނަން. ލަމްއާ ވާހަކަވެސް ދައްކާނަން. ލޯބިވާކަން ހަނދާންވެސް ކޮއްދޭނަން.. ލަމް ދޫކޮއްލާ ވަރަށްވުރެ ބޮޑަށް އަހަރެން ލަމް ދެކެ ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް..” ސުހާން އެހެން ބުނުމުން ލަމްހާ އަށް ހެވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އެދެލޯ ފެންކަޅި ވިއެވެ. އުފަލުންނެވެ.
“ދެން ދޭ އެތެރެއަށް.. އަހަރެން ދެން އަންނާނީ އޮފީހަށްވެސް ވަދެލާފަ..ލަމް މިއަދު ވަޒީފާއަށް ނުކުންނާނެ ކަމެއް ނެތް.. ދެދުވަހަށް ރެސްޓު ކޮއްލާ.. އަހަރެން އެވާހަކަ ޖޯންއަށް އަންގަލާނަން” ސުހާން އެހެން ބުނެފައި ދިޔައެވެ.
ސުހާން ދާތަން ބަލަން ހުރެފައި ލަމްހާވެސް އެތެރެއަށްވަނެވެ. ލަމްހާ މާ އުފާވެފައި ހުރެގެން އައިސް ގެޔަށް ވަނުމުން މާރިއާއަށް ހަޖަމު ނުވެގެން އައިސް އެއީ ކާކުތޯ ސުވާލު ކުރިއެވެ. ރެއިން ސުރެވެސް ސުހާން އަކީ ކާކުތޯ ބަލާހިތުން ހުރި މާރިއާ އަވަހަށް ފުރުސަތުގެ ބޭނުން ހިފީއެވެ.
ލަމްހާ އެއީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނުމުން މާރިއާ އުފަލުން ފޮޅުނެވެ. ލަމްހާގެ މާޒީގެ ވާހަކަ މާރިއާއަށް ކޮންމެވެސް ވަރަކަށް އެނގޭތީ ލަމްހާ ދެކެ އެވަރަށް ލޯބިވާ މީހަކު ލިބުމުން މާރިއާ ހުރީ ވަރަށް އުފަލުންނެވެ.
ފުލުސް ސްޓޭސަން އިން ނުކުމެގެން ސުހާން އޮފީހަށް ދިޔައިރު މެންދުރު ވެއްޖެއެވެ. ދޮރުން ވަދެގެން އައި ސުހާން ފެނިގެން ހުރިހާ މުވައްޒަފުން ހެން އޭނާއަށް އިހްތިރާމު އަދާކުރެއެވެ. ސުހާންގެ މޫޑުވެސް ރަނގަޅުކަމުން އޭނާވެސް ކޮންމެ މީހަކަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލައެވެ.
ސުހާން އޭނާގެ ކެބިން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ސޯފާގައި އިން އާޒިމްއަށް ހަލޯ ޖަހާލިއެވެ.
“ހާދަ މޫޑު ރަނގަޅު ދުވަހެއް.. އަނެއްކާ ކިހިނެއް ވީ؟” އާޒިމް ވަރަށް ހެވިލާފައި އަހާލިއެވެ.
“އަސްލުވެސް އަހަރެން މިހިރީ ވަރާށް އުފާވެފަ.. މިއަށްވުރެ އުފާވި ދުވަހެއް އަދި ނާދޭ” ސުހާން އާޒިމް ގަތަށް ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ.
“އަނެއްކާ ބިޓެއް ލިބުނީތަ؟” އާޒިމް އަހާލިއެވެ.
“ކިހިނެއް އެނގުނީ.. ތިބުނި ރަނގަޅަށް ލަމް އަހަރެންގެ ލޯބި ގަބޫލު ކޮއްފި.. ލަމް ބުނި އޭނަވެސް އަހަރެންދެކެވެ ލޯބިވެއޭ” ސުހާން ހީވަނީ ކުޑަ ކުއްޖެއް ހެނެވެ.
“އެހެންތަ.. ހާދަ އުފާވެރި ހަބަރެއް.. ހިނގާ މާދަން ރޭ އެންމެން ޑިނާއަކާށް ދާން. ތިކަން ޖެހޭނެއްނު ސެލެބުރޭޓު ކޮއްލަން. އަހަރެންނަށް އޭރުވެސް އެނގޭ ލަމް ސުހާންދެކެ ލޯބިވާކަން.. މާކުރިންވެސް އެނގޭ.. އެކަމު ލަމް އަމިއްލަ އަށް ބުނަންދެން އަހަރެން މަޑުން ހުރީ. ސުހާންގެ ވަހަކަ ވަރަށް ނޫންކަމަށް އޭނަ ދައްކައޭ އަހަރެން ގާތު” އާޒިމް ސުހާންގެ މޫނަށް ބަލާލިއެވެ.
“ކީއްވެ ކުރިން ނުބުނީ.. މި ދެހަފްތާ އަހަރެން އުޅުނު ހާލެއްވެސް އާޒިމްއަކަށް ނޭނގޭނެ” ސުހާން އާޒިމްގެ ބުރަކަށީގައި އެތިފަހަރެއް އަޅާލިއެވެ.
“ސުހާން.. ކިހިނެއް ވެފަ ތިހުރީ މޫނު މައްޗަށް” އާޒިމްއަށް އޭނާގެ ތުންފަތް ފެނުމުން އަހާލެވުނެވެ.
ސުހާންގެ މޫނުގެ ކުލަވަރު ކުޑަކޮށް ބަނަވިއެވެ. އަދި ރޭގައި ދިމާވި ހާދިސާ އާޒިމްއަށް ކިޔައި ދިނެވެ.
“އަހަރެންވެސް އަބަދުވެސް ވަރަށް ކަންބޮޑުވޭ އޭނަ އެކަނި އުޅޭތީ.. އަނެއްކާ އޭނާ އެއުޅޭ ހިސާބަކީވެސް ވަރަށް މީހުން ނޫޅޭ ފަޅު ހިސާބެއް.. ލަމް ކައިރީ ބުނަގަ އެހެން ތަނަކަށް ބަދަލު ވާށޭ.. ރޯޔަލް ޑިނާ އާ ޖެހިގެން އެހުންނަ ތަނުން އެޕާޓުމެންޓެއް ނަގަން ވީނުން” އާޒިމް ބުނެލިއެވެ.
“އަހަރެން މިރޭ ލަމްއާ ތިވާހަކަ ދައްކާންނަ.. މިހާރު ހަމްދާދުގެ ކަންތައް ކިހިނެއް… ފަހުން އެމީހުން ނުގުޅާތަ؟” ސުހާން އަހާލިއެވެ.
“ނޫން.. މިމަހު ސުހާންގެ ނަމުގެ ދަށަށް އެތަން ބަދަލު ކުރެވޭނެ.. ދެން ހަމަ ވީއެންމެ އަވަހަކަށް މަސައްކަތް ފަށަންވީ” އާޒިމް ބުނެލިއެވެ.
ރޯޔަލް ޑިނާއާ ތަންކޮޅޭއް ދުރުގައި ހުރި ކެފޭއެއްގެ ކައިރިން ސިއައާއި ބެކާ ބައްދަލު ކުރިއެވެ. ދެމީހުން އެކީގައި އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނެވެ. ވެއިޓަރަށް ގޮވާފައި ދެ ކޮފީއަކަށް އޯޑަރު ދިނެވެ.
“އޭ ބެކާ.. މިއަދުވެސް ލަމްހާ ޑިއުޓީއަކަށް ނާދޭ.. ހީވަނީ އަހަރެމެންގެ ޕުލޭން ކާމިޔާބު ވީހެން” ސިއާ ވަރަށް ހެވިފައި ބުންޏެވެ.
“އަހަރެން ބުނީމެއްނު އެތިންމީހުން ވަރަށް މޮޅުވާނޭ.. ޔަގީން އެމަންޖެއަށް ކޮޅަށްވެސް ނުތެދުވެވޭނެކަން.. ދެން ފޮޓޯތައް ލިބުނީމަ ތިއޮތީ ހުރިހާކަމެއް ވެފަ” ބެކާ ފޮނިވެލާފައި ބުންޏެވެ.
“އެކަމު.. އަދިވެސް އެމީހާ ފޮޓޯ ތަކެއް ނުފޮނުވާ.. މިހާރު އެ ފޮޓޯތައް ސުހާންއަށް ދައްކާހިތުން ކެތް ވަނީކީ ނޫން. ދެފިރިހެނުންނާ ލަމްހާ އެވައްތަރަށް ތިބިތަން ފެނިފަ އަހަރެންނަށް ހަމަ ޔަގީން ސުހާން ދެން އޭނައާ ދިމާއަށް ބަލާވެސް ނުލާނެކަން” ސިއާ ފޯނު ބަލާލަމުން ބުނެލިއެވެ.
“އަނެއްކާ ލަމްހާ ފެނުނީމަ ފޮޓޯ ނަގަންވެސް ހަނދާން ނެތުނީބާ؟” ބެކާ ވިހަ ވައްތަރަކަށް ހެމުން ބުނެލިއެވެ. ހަމަ އެވަގުތު ސިއާގެ ފޯނުވެސް ރިންގުވިއެވެ.
“އޭ.. އެގުޅަނީ އެމީހާ” ސިއާ ބެކާ އަށް ފޯނު ދައްކާލަމުން ބުނެލިއެވެ.
“ހަލޯ.. ކޮބާ ފޮޓޯތައް” ސިއާ ވަގުތުން މައިގަނޑު މައުޟޫއަށް ދިޔައެވެ.
“ސޮރީ މެޑަމް.. މެޑަމް ބުނި ކަންތައް ނުކުރެވުނު. އެ ކުއްޖާ އަތުލައިގެން އައިސް ފަޅުގެއަކަށް ވެއްދިތަނާ އެމީހުން ފަހަތުން އައި ފިރިހެނެއް އެންމެން ގައިގަ ތަޅާފަ އޭނަ ސަލާމަތް ކޮއްފި.. ފުލުހުންވެސް އައިސް އެ ދެމީހުން ހައްޔަރު ކޮއްފި..” އެމީހާ ބުންޏެވެ.
“ކީކޭ.. ސާފުކޮށް ކިޔައި ދީބަ ވީގޮތް” ސިއާގެ މޫނު ބަނަވިއެވެ.
“އަހަރެމެން ގުރޫޕު އަނެއް ދެމީހުން އެ ކުއްޖާ އަތުލައިގެން ފަޅުގެއަށް ވަތްއިރު އަހަރެން ހުރީ ކުޑަދޮރާ ދިމާ ބޭރުގަ. އަހަރެން ހުރީ ފޮޓޯނަގަން. އެކަމު އެކުއްޖާއަށް އެއްވެސް ކަމެއް ނުކުރެވެނީހުން ކޮންމެވެސް މީހަކު އައިސް އެދެމީހުން ގައިގަ ތަޅާގަތީ.. އެމީހާ ފުލުހުންވެސް ގޮވައިގެން އައީ.. މަށަށްވެސް ސަލާމަތްވެވުނީ ހަމަ ކިރިޔާ” އެމީހާ ބުނެލިއެވެ.
“ކާކު ލަމްހާ ސަލާމަތް ކުރީ؟ ކިހިނެއް ހުރި މީހެއް؟” ސިއާ އެހެން އެހީރު އެމީހާއަކީ ސުހާން ކަމަށް ޝައްކު ކުރެވުނެވެ.
“މަޑުކޮއްލާ.. އެބަ ފޮނުވަން ފޮޓޯއެއް..” އެމީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ހަމަ ދެވަނަ ސިކުންތު ސިއާގެ ފޯނަށް އައީ މެސެޖެކެވެ.
އެމީހާ ފޮނުވާފައި އިން ފޮޓޯގަނޑު ފެނިފައި ބެކާ އަދި ސިއާގެވެސް ދެލޯ ބޮޑުވިއެވެ. ފޮޓޯ ނެގިފައި އިނީ އެއްކައިރިން ކަމުގައިވިއަސް އެއީ ލަމްހާ އާއި ސުހާންކަން އެމީހުންނަށް އެނގުނެވެ. ސުހާންއާއި ލަމްހާ ތިބިލެ ގާތްކަމުން ސިއާގެ ހިތް ހަސަދައިން ފޯވިއެވެ. ލަމްހާއަށް ވުރެ އެނަސީބު ލިބެން އެންމެ އެކަށީގެން ވަނީ ސިއާއަށް ކަމަށް އޭނާ ގަބޫލު ކުރެއެވެ.
“ދެން ކިހިނެއް ހަދާނީ؟” ބެކާ ބުނެލިއެވެ.
“އަދި އެހާ ފަސޭހައިން ދުލެއް ނުކޮށް ލެވޭނެ.. އަދި ލަމްހާއަށް ބޮޑު ލަނޑެއް ދޭނަން.. އެމީހުންގެ ގުޅުން އަހަރެން ހީކުރި ވަރަށްވުރެ ކުރީގަ އޮތީ” ސިއާ ދަތް ވިކާލަމުން ބުނެލިއެވެ.
“ޕުލޭން ކޮއްފަ އަހަރެން ގާތުވެސް ބުނައްޗޭ” ބެކާ ބުނެލިއެވެ.
ލީން ކައިރީ ކުޅެން އިން ލަމްހާ ތެދުވީ މޭޒުމަތީ އޮތް ފޯނު ނަގާށެވެ. މިދުވަސްކޮޅު ސުހާން މާ ބުރަކޮށް އުޅޭތީ ބައްދަލު ވަނީ ވަރަށް މަދުންނެވެ. ލަމްހާ އެކަމާ ޝަކުވާ ނުކުރި ނަމަވެސް އޭނާ ހުންނަނީ ދެރަ ވެފައެވެ. ސުހާން މަތިން ހަނދާން ވާވަރުން އޭނާއަށް ކެތްވަނީކީވެސް ނޫނެވެ. އެންމެ ފަހުން ސުހާންއަށް ގުޅާލަން އޭނާ ނިންމިއެވެ. ސުހާންގެ ނަންބަރަށް ފިއްތާލާފައި ފޯނު ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް އިރުކޮޅަކު ރިންގުވިތަނާ ސުހާން ފޯނު ކަނޑާލިއެވެ.
ލަމްހާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ގޭގެ ބެލް އެޅި އަޑު އިވިގެން އުފަލުން ފޮޅުނެވެ.
ދޮރު ހުޅުވާލިއިރު ލަމްހާ އަށް މަރުހަބާކީ ފިނިފެންމާ ބޮނޑިއެއް ހިފައިގެން ހުރި ސުހާންއެވެ.
“މިއީ ލަމްއަށް އޮތް ހަދިޔާއެއް..” ސުހާން ހީލަމުން ބުނެލިއެވެ.
“ކީއްވެ ކުއްލިއަކަށް މާބޮނޑިއެއް ތި ދެނީ.. މިއީ ހާއްސަ ދުވަހެއްވެސް ނޫނެއްނު” ލަމްހާ އެމާބޮނޑީގައި ހިފާލިއެވެ.
“ފިނިފެންމަލަކީ ވަކި ހާއްސަ ދުވަހަކު ދޭން ޖެހޭ އެއްޗެއްތަ.؟ އެހެން ނޫނަސް ލަމްއާ އެކު ހޭދަވާ ކޮންމެ ދުވަހަކީވެސް އަހަންނަށް ވަރަށް ހާއްސަ ދުވަހެއް. އަނެއްކާ ހަދިޔާއަކަށް ފިނިފެންމާ ކަމު ނުދަނީތަ” ސުހާން ލަމްހާގެ ނޭފަތުގައި މަޑުމަޑުން ހިފާލިއެވެ.
“ފިނިފެންމަލާ އެހެން އަގު ބޮޑު އެއްޗެއްސަކީ އަހަރެންނަށް އެހާ މުހިންމު އެއްޗެއް ނޫން.. އަހަރެނަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ތީ.. ސުހާން” ލަމްހާ އެހެން ބުނުމުން ސުހާން ލަމްހާގެ އުނަގަނޑުގައި ހިފާ ކައިރި ކޮއްލިއެވެ.
“އެހެންތަ… ލަމް ކޮންއިރަކު ދަސްކުރީ ތިހާ އިޝްގީކޮށް ވަހަކަ ދައްކަން.. ތިގޮތަށް އުޅެންޏާ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން ދަތިވެދާނެ އިނގޭ” ސުހާން ލަމްހާގެ ކަންފަތް ބުޑުގައި ބުނެލިއެވެ.
“ދެން ސުހާން.. ” ލަމްހާ ލަދުން ފިނިވިއެވެ. އަދި ސުހާން ދުރަށް ކޮއްޕާލިއެވެ.
ސުހާން ލަމްހާ އަތުގައި ހިފާ ދަމައިގަތެވެ. އަދި ލަމްހާ ގެނެސް އޭނާގެ އަތުތެރޭ ފިއްތާލިއެވެ.
“ސުހާން.. ލިން އަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.. ދޫކޮއްލާ” ލަމްހާ ހީވަނި ގަނޑު ފެންކޮޅެއް ހެނެވެ. ދެންމެ ދެންމެ ވިރިދާނެކަމުގެ ބިރު ހީވުމުން ލަމްހާ އޭނާ ދުރުކޮއްލިއެވެ. އެވަގުތު ލީންވެސް އެތަނަށް އައިސްފިއެވެ.
“ލިން.. އާދެބަލަ ސުހާންބެ ކައިރިއަށް.. ” ސުހާން އުޑަފައިން ތރިރި ވެލާފައި ދެއަތް ހުުވާލިއެވެ.
“ކޮބާ ލީންގެ ގިފްޓު” ސުހާންގެ ގައިގައި ބައްދާލަމުން ލީން ޝަކުވާ ކޮއްލިއެވެ.
“އަމްމް.. ލީންގެ ގިފްޓު މީނީނުން.. ގިފްޓަކަށް ސުޙާންބެ ކަމަކު ނުދޭތަ؟” ސުހާން ލީން އުރަލަމުން ބުނެލިއެވެ.
“ނޫން.. ސުހާންބެ ތިއީ އެންމެ ބެސްޓު ގިފްޓު” ލީން ބުނެލިއެވެ.
“އެކަމު ވަރަށް ސަކަރާތޭ.. ލީން ޖެހޭނީ ސުޙާންބެ މަންމމިއާ ޝެއާ ކުރަން.. މަންމިވެސް ބުނީ ސުހާންބެއަކީ އޯ އެންމެ ބެސްޓު ގިފްޓަކީ” ސުހާން ލަމްހާއާ ދިމާއަށް އެއްލޯ މަރާލަމުން ބުނެލިއެވެ.
“ހޫން.. ދެން އޯކޭ އޭ.. ދެން ދޮރުމަތީ ނުހުރެ ހިނގާ އެކޮޅަށް” ލަމްހާ ސުޙާންގެ ކަންފަތުގައި ަމޑު މަޑުން ހިފާލިއެވެ.
ލީންގެ އެދުމަށް ސުހާން އާއި ލަމްހާ ލީންގާތު އިށީނެވެ. ވަރަށް ފޯރިޔާއެކު ލީން ސުހާންއަށް ކޮންމެވެސް ވާހަކައެއް ކިޔާދެމުން ދިޔައެވެ. ސުހާން އެއްވެސް ފޫހިކަމެއް ނެތި ލީންގެ ވާހަކަ އަޑު އަހަމުން ދިޔައެވެ.
އިރުކޮޅަކު އެހެން އިނދެފައި ލަމްހާ ތެދުވީ ލީންއަށް ކާން ހަދާށެވެ. އެވަގުތު ލަމްހާގެ ފޯނަށް މީހަކު ގުޅިއެވެ. ފޯނު ނަގާ ބަލާލިއިރު އެއީ ޔުސްރާއެވެ.
“ހައި ޔުސް.. ހާދަ ދުވަހެއް ކޮއްލާފަ ތިގުޅާލީ.. މިހާރު މީހަކާ އިނީމަ އަހަރެން މަތިން ހަނދާންވެސް ނެތުނީ ދޯ” ފޯނު ނެގުމާއެކު ލަމްހާ ޝަކުވާ ކޮއްލިއެވެ.
“ސޮރީ ލަމް.. ހަމަ ބިޒީކަމުން.. އަސްލުވެސް މެރީ ކުރީމަ ހާދަ ކަމެއް ބަދަލުވެއޭ.. އެހެންޏާ ހީވޭ ހަމައެކަނި އަމިއްލަ ކަމޭ ކުރަނީ.. މިހާރު އެބަޖެހޭ ފިރިމީހާގެ ކަންތައްތައްވެސް ކުރަން” ޔުސްރާ ބުނެލިއެވެ.
“ކޮބާ ތަ ޅިޔަންބެ..؟” ލަމްހާ އަހާލިއެވެ.
“ކުޅެ ނިމިގެން ހަމަ އެއައީ ގެއަށް.. މިހާރު ވަދެއްޖެ ފެންވަރަން.. ތިއެއްނޫނޭ.. މިގުޅީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން” ޔުސްރާ ބުނެލިއެވެ.
“ކިހިނެއްވީ އަނެއްކާ؟” ލަމްހާ ކުޑަކޮއް ހިތް ނުތަނަވަސްވިއެވެ. ޔުސްރާގެ އަޑުގައި ހުރި ސީރިއަސްކަން އިވިފައެވެ.
“ލަމް… އައިމް ޕުރެގްނެންޓު.. އަހަރެން މަންމަ އަކަށް ވަނީ!!” ޔުސްރާ ބާރު ބާރަށް ބުނެލިއެވެ. ޔުސްރާ ބުނި ޖުމްލަ ނަގައި ގަންނަން ކުޑަ ވަގުތުކޮޅެއް ލަމްހާ ބޭނުންވިއެވެ. ދެވަނަ ސިކުންތު މުޅި ބަދިގެ ގުގުމާލީ ލަމްހާގެ ހަޅޭކުގެ އަޑުންނެވެ.
“އަސްލުވެސްތަ.. ހަމަ ތެދެއްތަ.. ހާދަ އުފާވެރި ހަބަރެކޭ.. އަހަރެން ހާދަ އުފާވެއްޖެއޭ” ލަމްހާ އަދިވެސް އުފަލުން ހަޅޭލަވަނީއެވެ.
ސިޓިން ރޫމުގައި ކުޅެން ތިބި ސުހާން އާއި ލީންވެސް ދުވެފައި ބަދިގެއަށްވަނެވެ.
“ކިހިނެއްވީ؟ އަތް ހަލާކުވީތަ؟ ތަނެއް ފިހުނީތަ؟” ސުހާން ކަންބޮޑުވެފައި އެއްނޭވާމަތިން އަހާލިއެވެ.
ލަމްހާ ކުޑަކޮއް ހުއްޓުން އެރިއެވެ. ނަމަވެސް ސުހާންގެ މޫނުމަތި ފެނިފައި އޭނާއަށް ހެވުނެވެ.
“ސޮރީ.. ފުރެންޑަކާ މި ވަހަކަ ދައްކަނީ.. ކަމެއް ނުވެއޭ.. ދެން ދޭ އެކޮޅަށް” ލަމްހާ ހިނިގަނޑު މަތަ ކުރަމުން ބުނެލިއެވެ.
ސުހާން ހިނިއައިސްފައި ބޯހޫރާލާފައި ލީން ގޮވައިގެން އަނެއްކާވެސް ކުޅެން ދިޔައެވެ.
“ލަމް.. ކާކު އެވާހަކަ ދެއްކި.. ބޯއީއެއްދޯ އެއީ؟” ޔުސްރާ އަށް ސުހާންގެ އަޑު ވަރަށް ރީއްޗަށް އިވުނެވެ.
“ހުމްމް.. އެއީ ސުހާން.. މައި ބޮއިފުރެންޑު” ލަމް ކުޑަކޮށް ހީލަމުން ބުނެލިއެވެ.
“އޯ މައި ގޯޑު ލަމް.. އަސްލުވެސްތަ.. އުފާވެރި ހަބަރެއް ދޭން ގުޅި މީހާއަށްވެސް މިލިބުނީ ކިހާ ހެޕީ ނިއުސްއެއް.. އޭނަ ރަނގަޅުތަ.. ވަރަށް ރީތި ކުއްޖެއްތަ.. ކެނަޑިއަންއެއްތަ؟” ޔުސްރާ އުފަލުން އެތަށް ސުވާލެއް އަހަން ފެށިއެވެ.
“ދެން ސުހާންގެ ވާހަކަ ބާއްވާ ފަހަށް. މިހާރު އެންމެ މުހިންމީ ޔުސްގެ ބޭބީގެ ވާހަކަ.. ކިތައް މަންތުތަ ބޭބީއަށް؟” ލަމްހާ އަވަހަށް ވާހަކަ އޮޅުވާލިއެވެ.
“އަދި އެވީ ތިންމަސް.. އަހަރެންނަށްވެސް އެނގުނީ މިއަދު.. ފަހަކަށް އައިސް މާ ވަރުބަލިވެފަ ހޮޑުލެވޭތީ ޓެސްޓު ހެދީ..” ޔުސްރާ ބުންނެވެ.
“ދެން ވަރަށް ބަލައިގެން އުޅެންވާނީ އިނގޭ.. ފާޑު ފާޑު އެއްޗެހި ނުކާތި.. ވަރަށް ވިސްނައިގެން އުޅެންވާނީ” ލަމްހާ ބުނެލިއެވެ.
“ލަމް އަންނާނަން ދޯ އަހަރެން ވިހަންވާއިރަށް.. އަހަރެން ލީން މަތިންވެސް ވަރަށް މިސްވޭ” ޔުސްރާ ބުނެލިއެވެ.
ލަމްހާ ވަގުތުން އެއްބަސްވިއެވެ. ލަމްހާ ލީންއަށް ބަލިވެ އިންއިރު ޔުސްރާ އަބަދުވެސް ހުރީ ލަމްހާގެ ގާތުގައެވެ. ޔުސްރާއަށް އެފަދަ ދުވަހެއް އައުމުން ލަމްހާވެސް ބޭނުންވީ ޔުސްރާގާތު ހުންނާށެވެ.
ލީންއަށް ކާންދީފައި ނިންދަވަން ދިއުމުން ސުހާން ސޯފާގައި އިށީނެވެ. ޓީވީއިން އިނގިރޭސި ކޮމެޑީ ސީރީޒްއެއް ބަލަން އޮތް ސުހާން އިނީ ލަމްހާގެ އިންތިޒާރުގައެވެ. ލީން ނިދުމުން ލަމްހާ ކޮޓަރިން ނުކުތެވެ.
“ލަމް.. އާދެބަލަ މިކޮޅަށް..” ސުހާން ސޯފާގައި ޖަހާލާފައި އިށީންނަން ބުނެލިއެވެ.
ލަމްހާ ސުހާންގެ ގާތު އިށީނުމުން ސުހާން ލަމްހާގެ ކޮނޑުގައި އަތް އަޅުވާލާފައި ގާތް ކޮއްލިއެވެ.
“އަހަރެން ވަހަކައެއް އަހާލަންތަ؟” ސުހާން ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ހުމްމް.. އަހާބަލަ” ލަމްހާ ސުހާންގެ މޫނަށް ބަލާލިއެވެ.
“އަހަރެން ކުރިން ރައްޓެހިވާން އެހީމަ ކީއްވެ ޖަވާބެއް ނުދިނީ؟” ސުހާން އަހާލިއެވެ.
“ނޭނގެ..އަސްލު.. އަހަރެން ހުރީ ސުހާންދެކެ ލޯބިވާވަރު އެދުވަހު ބުނަން.. އެކަމް.. ހަމަ ހިތަށް އެރީ.. ސުހާން ކަހަލަ މުއްސަނދި ރީތި ފިރިހެން ކުއްޖަކު އަހަރެންނާ ގުޅޭނެ ބާއޭ.. އަހަރެންގެ އެބަހުރި ދަރިއެއްވެސް.. ދެން ސުހާން އަހަރެން މަތިން ފޫހިވެގެން އަހަރެން ދޫކޮއްލާފިއްޔާ އަހަރެން މާ ދެރަވާނެ.. އެހެންވެ އަހަރެން ބޭނުން ނުވީ ލޯބީގެ ގޮތުން ސުހާންއާ ގުޅެން” ލަމްހާ ބުނެލިއެވެ. ސުހާން ލަމްހާއާ ދިމާއަށް ބަލަން ހުރީރު އެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެރޭ ލަމްހާ ނިދީގައި ދެއްކި ވާހަކަ ތަކެވެ. ލަމްހާ ބިރުގަންނަ ސަބަބަކީ އެއީކަން ސުހާންއަށް ވިސްނުނެވެ.
“ދެން ފަހުން އެއްބަސްވީ ކީއްވެ؟” ސުހާން ހީލަމުން ލަމްހާގެ އަތަށް ބާރުކޮއްލިއެވެ.
“އެދުވަހު ސުހާން ދާތަން ފެނިފަ އަހަރެން ބިރުގަތީ.. ދެން ދުވަހަކުވެސް އަހަންނަށް ސުހާން ނުފެނިދަނެތީ ބިރުގަތީ.. ފަހުން ކޮންމެ ގޮތެއްވިއަސް ހެޔޮކަމަށް އަހަރެން ސުހާން ހުއްޓުވީ ސުހާން އާ ނުލާ ނޫޅެވޭނެތީ.. ސުހާން ދޫކޮއްލާ ވަރަށް ވުރެ ބޮޑަށް އަހަރެން ސުހާންދެކެ ލޯބިވޭ” ލަމްހާ އެހެން ބުނުމުން ސުހާން ލަމްހާގެ އަތުގައި ހިފާ އިތުރަށް ކައިރި ކޮއްލިއެވެ.
“މިއީ ހާދަ މޮޔަ ކުއްޖެކޭ.. ލަމް ދަރިއަކު ހުރުން އެއީ މައްސަލައަކަށް ވާނަމަ ފުރަތަމައިން އަހަރެން ލަމްއަކާ ގަޔާ ނުވީސް ދޯ… ލަމްދެކެ އަހަރެން ލޯބިވާ ވަރަށް ލީން ދެކެވެސް އަހަރެން ލޯބިވޭ.. އަހަރެން ބޭނުން ލީންއަށް ބައްޕައެއްގެ ލޯބިދޭން” ސުހާން އެހެން ބުނުމުން ލަމްހާ ހިނިތުން ވެލިއެވެ.
“ހަމަ އަސްލުވެސްތަ… ސުހާން ހަމަ އެހާވަރަށް އަހަރެން ދެކެ ލޯބިވޭތަ؟” ލަމްހާ ސުހާންގެ މޫނަށް ބަލާލިއެވެ.
“ތިހީކުރާ ވަރަށް ވުރެވެސް ބޮޑަށް” ލަމްހާ އިތުރަށް ކައިރި ކޮއްލަމުން ސުހާން ބުނެލިއެވެ. ސުހާން ބަލަހައްޓައިގެން ހުރި ގޮތުން ލަމްހާ ކުޑަކޮށް ލަދުގަތެވެ. ސުހާންގެ މޭގައި އަތް އަޅާ ކޮއްޕާލަމުން ލަމްހާ ގޮނޑިން ތެދުވިއެވެ.
“ކޮންތާކަށް ތިދަނީ؟ އާދެބެލަ” ސުހާން ލަމްހާ އަތުގައި ހިފިއެވެ.
“ދެން.. ދޫކޮއްލާ.. އަހަރެން މިދަނީ ކާނެ އެއްޗެއް ހަދާލަން.. އަދި ނުވެސް ކަމޭނުން” ލަމްހާ އެހެން ބުނުމުން ސުހާން ބޯޖަހަލާފައި އެއަތުން ދޫކޮއްލިއެވެ.
އިރު ކޮޅަކުން މުޅި ތަނުގައި ދޮވަންފެށި ޕާސްޓާ ސޯސް ގަނޑުގެ ވަހުން ސުހާން ކުޅު ދިޔާވިއެވެ. ސޯފާއިން ތެދުވެގެން ބަދިގެއާ ދިމާއަށް ހިނގައި ގަތީ ލަމްހާއަށް އެހީވެދޭ ހިތުންނެވެ.
“ލަމް.. އަހަރެން ކިއެއް ކޮއްދޭންވީ؟” ސުހާން އަހާލިއެވެ.
“ދެން ނެތޭ ސުހާން ކުރާނެ ކަމެއް.. މިހާރު ދެން މިނިމުނީ” ލަމްހާ އެހެން ބުނުމުން ސުހާން އައިސް މޭޒުމަތީގައި ތަށިތަށް އަތުރަން ފެށިއެވެ.
“ލަމް.. އެބަ އަންނަން އިނގޭ މިތާ ތިރީ ފިހާރައިން އެއްޗެއް ގަނެގެން.. އެބަހުރިތަ ލަމް ބޭނުންވާ އެހެން އެއްޗެއް” ލަމްހާ ބޯހުރާލުމުން ސުހާން ވޮލެޓު ޖީބަށް ލަމުން ބޭރަށް ނުކުތެވެ.
މޭޒުމަތީ ތައްޔާރު ކޮށް ނިމުމުން ލަމްހާ ގޮނޑިއެއްގައި އިށީނެވެ. ސުހާންގެ އިންތިޒާރުގައި ފޯނާ ކުޅެން އިން ލަމްހާއަށް ގޭގެ ބެލް އަޅާ އަޑު އިވިގެން ތެދުވިއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ލަމްހާގޮސް ދޮރު ހުޅުވާލިއެވެ.
“ހާދަ ލަސް…ވީ.. ވިޝާމް؟” ދޮރުމަތީ ހުރި ވިޝާމް ފެނުމުން ލަމްހާ ކުޑަކޮއް ހައިރާން ވިއެވެ.
“މީހެއްގެ އިންތިޒާރުގަތަ؟” ވިޝާމް އެތެރެއަށް ވަންނަމުން އަހާލިއެވެ.
“ވިޝާމް މިތާ ކީއްކުރަނީ.. ހާދަ ނުގަޑިއެއްގަ.. ކޮބާ ހަނާ؟” ލަމްހާ އަހާލިއެވެ.
“ލަމް ކީއްވެ މިދެދުވަހު ފޯނު ނުގަނީ.. އަހަރެން ހާދަ ވަރަކަށް ގުޅީމޭ” ވިޝާމް ލަމްހާގެ އަތުގައި ހިފާލިއެވެ.
“އަހަރެން ކުޑަކޮއް ބިޒީ ވީމަ” ވިޝާމްގެ އަތް ދުރު ކޮއްލަމުން ލަމްހާ ބުނެލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ވިޝާމް ލަމްހާގެނެސް އަތުތެރޭ ފިއްތާލިއެވެ. ވިޝާމްގެ ހޫނު ނޭވާ ލަމްހާގެ ކަނދުރާއަށް އެޅުމުން ލަމްހާއަށް އުނދަގޫވިއެވެ.
“ވިޝާމް ދޫކޮއްލާ އަހަރެން.. ވިޝާމް ކިހިނެއް ތިއުޅެނީ.. ދޫކޮއްލާ” ލަމްހާ ވިޝާމްގެ ގައިގައި އަޅާ ދުރުކުރަން މަސައްކަތް ކުރިއެވެ.
“ލަމްއަށް ކަމެއް ވީކަމަށް ހިތާ އަހަރެން ހާދަ ބިރެއް ގަތޭ.. ކީއްވެތަ ލަމް އަހަރެން އައުމުގެ ކުރިން އެރޭ ދިޔައީ” ވިޝާމް އަދިވެސް ލަމްހާ ދޫކޮއްލާކަށް ބޭނުމެއް ނުވިއެވެ. ފުރަތަމަ ފަހަރަށް ލަމްހާގެ ހަށިގަނޑު މިހާގާތުން އިހްސާސްވުމުން ވިޝާމް ހުރީ ވިންދު އަވަސްވެފައެވެ.
ވިޝާމްގެ އަމަލު ހުރިގޮތުން ލަމްހާ ކުޑަކޮށް ރުޅިއައެވެ. ސުހާން ނޫން އެހެންމީހަކު އޭނާއާ އެގޮތަށް ގާތް ވާކަށް ލަމްހާ ބޭނުމެއް ނޫނެވެ.
ވިޝާމްގެ ހަށިގަނޑު ދުރު ކުރަން މަސައްކަތް ކުރަނިކޮށް ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލަމްހާ ސިހިފައި ބަލާލިއިރު ދޮރުމަތީ ހުރީ ސުހާންއެވެ. ވިޝާމްއާއި ލަމްހާ ތިބިގޮތް ފެނިފައި ސުހާންގެ އަތުގައި އޮތް ކޮތަޅު ދޫވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Hello. I have been reading this story since beginning varah salhi ingey… ♥️♥️♥️ Varah reethi mi bai ves..♥️♥️When is next part ??
Hii Muna@@. Thanks a lot.❤️❤️❤️
Insha Allah tmrw ah next part up kolleveyne. hope that you will like the next part too. ??