ތިން ލަފްޒުން (13)
ލަމްހާ ރޭގަނޑު ޝިފްޓު އޮންނަ ދުވަސް ދުވަހު ލީން ބަލައި ދެނީ ސުހާންއެވެ. ފުރަތަމަ ލަމްހާ އެކަމާ އިންކާރު ކުރިއަސް މިހާރު ހިތްހަމަ ޖެހެއެވެ. ލީންވެސް އެގޮތް ބޭނުން ވާތީ ލަމްހާއަށް މަޖުބޫރު ވީއެވެ. ސުހާންއަށް އޭނާ އިތުބާރު ކުރެވެއެވެ. ސުހާންވެސް ލީންއާ ދޭތެރޭ ހާއްސަ ގޮތަކަށް ދެކެވެއެވެ. ލީންއަކީ އޭނާގެ އަމިއްލަ ދަރިފުޅު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ.
****
އާދުވަހަކަށް އިރު އެރީ ސުހާންގެ ހަޔާތުގެ ސޮފްހާގައި އަނދިރި ދުވަހެއް ލިޔެލަމުންނެވެ. ދަންވަރު ވަގުތެއްގައި އެލީޒާގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެނިކޮއް މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ހޮސްޕިޓަލުގެ ހަނި ކޮރިޑޯގައި ހުރި ގޮނޑިއެއްގައި ސުހާން އިންއިރު އޭނާގެ މޫނު ވަނީ ދެއަތުތެރޭ ފޮރުވިފައެވެ. ދޭތެރެއަކުން އެދެލޮލުން ކަރުނަ ފުހެލައެވެ. ޖޯންވެސް ހުރީ އެހާލުގައެވެ. ޖޯންވެސް އެލީޒާ ދެކެނީ މަންމަ އެއް ގޮތުގައެވެ. ސުހާންގެ ގާތު އިންދެގެން ޖޯން އޭނާއަށް ހިއްވަރު ދިނެވެ. ޖޯންއަކީ ދޮށީ މީހާކަމުން އޭނާ ހިތްވަރު ކުރިއެވެ. އޭނާ ރޮއެފިނަމަ ސުހާން މާ ދެރަވާނެތީއެވެ.
“ސުހާން.. ހިއްވަރު ކުރަން ވާނެ” ޖޯން ސުހާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
ސުހާން ނުރޯން ހިއްވަރު ކުރިނަމަވެސް އޭނާއަށް ރޮވުނެވެ. އެހެން ލާފައި ދާ ކޮންމެ މީހެއްގެ ހިތައްވެސް ސުހާން ފެނުމުން އަސަރު ކުރާނެކަން ޔަގީނެވެ.
“ލަމް.. ވަރަށް ހިތާމަވެރި ހަބަރެއް.. އެލީޒާ މެޑަމް މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެ.. ހިނގާ.. މިއަދަށް ދެން ރެސްޓޯރެންޓު ބަންދުކުރަނީ އެ” ތަށިތައް ދޮނަން ހުރި ލަމްހާ ކައިރީ އެމިލީ ބުނެލިއެވެ. ކުއްލިއަކަށް އެފަދަ ހަބަރެއް ލިބުމުން ލަމްހާގެ އަތުގައި އޮތް ތަށި ދޫވެގެން ވެއްޓުނެވެ. އެންމެ ފުރަތަމަވެސް ލަމްހާ ހަނދާންވީ ސުހާން މަތިންނެވެ. ސުހާން ކައިރިއަށް ދާން އެހިތް އެދެމުން ދިޔައެވެ.
އެމިލީއާއި ލަމްހާ އެކީގައި ނުކުތެވެ. އެމިލީ ބަލައި އައުމުން ލަމްހާ އަވަހަށް ބަސް ސްޓޮޕްއާ ދިމާއަށް ހިނގައި ގަތެވެ. ކޫބެކްގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލާ ދިމާއަށް ލަމްހާ މިސްރާބު ޖެހިއެވެ. ރިސެޕްޝަނަށް ގޮސް އެހުމުން އެލީޒާ އޮތް ފުލޯ އެނގުނެވެ. ލިފްޓުން މައްޗަށް އެރިއިރު އެ ފުލޯގައި ބައިވަރު މީހުން އުޅެއެވެ. އެލީޒާއަށް ހެޔޮއެދޭ މީހުނާ ތިމާގެ މީހުނެވެ. ސުހާންގެ އޮފީހުގެ އެތައް ބަޔަކާ ރައްޓެހިން އައިސް އުޅެއެވެ. އެލީޒާ އޮތް ކޮޓަރީގެ އެއްކަނެއްގައި ސުހާން ހުއްޓެވެ.
ސުހާންގެ ކައިރީގައި ސިއާވެސް ހުއްޓެވެ. ސުހާން އަށްވުރެ ހާލު ދެރައީ ސިއާހެން ހީވެއެވެ. އޭނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ހީވަނީ ނިޔާވެގެން އުޅެނީ އޭނާގެ މަންމަ ހެނެވެ.
ސުހާން ގެއަށް ދިޔައިރު ދަން ވެއްޖެއެވެ. އެލީޒާގެ ކޮޓަރިއަށް ވަދެ ސުހާން އެނދުމަތީގައި އިށީނެވެ. އެކޮޓަރީގެ ހަތަރުފާރު ތެރޭ އެލީޒާގެ އެކި ނިޝާންތައް ފެންނަން ހުއްޓެވެ. އެއެއްޗެހި ފެނުމުން ސުހާންގެ ހިތަށް މާ ބޮޑަށް އަސަރު ކުރިއެވެ. އެނދުކައިރީ ބިންމަތީގައި ކަކޫމަތީ ބޯއަޅައިގެން އިށީނެވެ. އަތުތެރޭ މޫނު ފޮރުވާލާފައި ސުހާން އަށް ރޮވެން ފެށުނެވެ. މަންމަ ނެތުމުން އެހިތަށް ފަޅުކަން ގެނެސް ދެނީ އިންތިހާ އަށެވެ. އެލީޒާގެ ހާލު ދުވަހެއް ދުވަހެއް ދަށަށް ދާން ފެށުމުންވެސް މިދުވަސް ވަރަށް އަވަހަށް އަންނާނޭކަން ސުހާންއަށް އެނގެއެވެ. އެކަމަށް އޭނާގެ ސިކުނޑި ތައްޔާރު ވަމުން ދިޔަނަމަވެސް ސުހާންގެ ހިތަށް އަސަރުކުރިއެވެ. އެންމެ ކުޑައިރު އެ މަންމަގެ ފަރާތުން ލޯބި ނުލިބުނު ނަމަވެސް ވޭތުވި 13 އަހަރު ތެރޭ ސުޙާންއަށް އަށް މަންމަގެ ލޯބި އެލީޒާގެ ފަރާތުން ވަރަށް ފުރިހަމައަށް ލިބުނެވެ. ނަމަވެސް ކިތަންމެ ލޯބިވާ މީހަކަސް އަބަދު ކައިރީ ނުހުންނާނޭ ކަން ގަބޫލު ކުރަން ޖެހެއެވެ. ބޭނުން ނުވިއަސް އަބަދަށް ލޯމަތިން ގެއްލިގެން ދާނެއެވެ. ކިތަންމެވަރަށް އާދޭސް ކުރިނަމަވެސް މަރު އެކަމަކަށް އިޖާބައެއް ނުދޭނެއެވެ. އެރޭ ސުހާންއަށް ނިދުނީވެސް އެހެން އިންދައެވެ.
ޖެހިގެން އައި ދުވަހެވެ. ބެލް އަޅާލި އަޑަށް ސިހިފައި ސުހާންއަށް ހޭލެވުނެވެ. ބިންމަތިން ތެދުވެފައި ލައިގެން ހުރި ޓީސާޓަށް ދަމާލާ ރީތި ކޮއްލާފައި ގޭގެ ދޮރާ ދިމާއަށް ހިނގައި ގަތެވެ.
ބެލް ޖެހިފަހުން އިރު ކޮޅެއް ވީއިރުވެސް ދޮރު ނުހުޅުވުމުން ލަމްހާ އެނބުރި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ސުހާން ނިދާފައި އޮތްވާ އުނދަގޫ ނުކުރަން ވެގެންނެވެ.
ސުހާން އާ ދޭތެރޭ ވިސްނޭ ވަރުން ރޭގައި ލަމްހާއަށް ނުވެސް ނިދުނެވެ. އެންމެ ފަހަރަކު ނަމަވެސް ސުހާން ފެނުމުން ނޫނީ އެހިތަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ.
ދޮރު ހުޅުވާލިއިރު ތިރިއަށް ފައިބަމުން ދިޔަ ލަމްހާ ފެނިގެން ސުހާން ހައިރާން ވިއެވެ. މިހާ ހެނދުނާ ލަމްހާ މިތާ ކުރަނީ ކީއްބާއޭ އޭނާ ހިތަށް އެރިއެވެ. 2 ހަފްތާއަށް ރޯޔަލް ޑިނާވެސް ވަނީ ބަންދުކުރެވިފައެވެ. ޑިއުޓީއަށްވެސް އަންނާނީ އެހެން ނަމަތާއެވެ.
“ލަމް؟.. ” ސުހާން ލަމްހާއަށް ގޮވާލިއެވެ. ސުހާންގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ލަމްހާއަށް ފަހަތް ބަލާލެވުނެވެ.
“އަހަރެން ފެނޭތޯ ދޯ ތިއައީ..؟ ދެން ކީއްވެ އަހަރެން ދޮރު ހުޅުވުމުގެ ކުރިން ތި ދަނީ؟.. ކުޑަ އިރުކޮޅެއް ލަސްވި ނަމަވެސް އަހަންނަކަށް ލަމް އެއް ނުފެނުނީސް” ސުހާން ބުނެލިއެވެ.
” އަހަރެން ހީކުރީ ނިދާފަކަމަށް.. އެހެންވެ އުނދަގޫ ކުރަން ބޭނުން ނުވީ” ލަމްހާ ހީލަމުން ބުނެލިއެވެ.
“ލަމް ބެލް އެޅި އަޑަށް ހޭލެވުނީ.. އާދޭ އެތެރެއަށް.. ލަމް ކަމަކުތަ ތިއައީ؟” ސުހާން އަހާލިއެވެ.
“ސުހާންގެ ހާލު ބަލާލަން.. އިއްޔެވެސް ސުހާންއާ ވާހަކަ ދައްކާލެވޭ ގޮތެއް ނުވި.. އެހެންވެ” ލަމްހާ އެހެން ބުނުމުން ސުހާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ލަމްހާ އޭނާއާ ދޭތެރޭ ކަންބޮޑުވަނީ ކަން އެނގުމުން ސުހާން އުފާވިއެވެ.
“ލަމް އެތާ ހުރިކަމެއް އަހަންނަށް ނުވެސް އެނގުނު.. ސޮރީ” ލަމްހާ އެތެރެއަށް ވަނުމުން ސުހާން ދޮރު ލައްޕާލިއެވެ.
“އިޓްސް އޯކޭ.. ސުހާން ކިހިނެއް؟” ލަމްހާ އަހާލިއެވެ.
“ދެން އޯކޭ މިހާރު… ކޮންމެ މީހަކުވެސް ދުނިޔެ ދޫކޮށްފައި ދާނެ.. ކިތަންމެ ބޮޑަށް ރުޔަސް އެބުރި ނާންނާނެ.. ދިރި ތިބީން ޖެހޭނީ އެކަން ގަބޫލުކޮއް އެކަމާ ކެއްތެރިވާން.. ” ސުހާން އެހެން ބުނިއިރު މޫނު މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.
“ހުމްމް.. ސުހާން އެކަމާ ވިސްނާ އެހާ ކަންބޮޑު ނުވައްޗޭ” ލަމްހާ ބުނެލިއެވެ.
“ލަމް އަހަރެންނާ ދޭތެރޭ ވިސްނަނީތަ؟” ސުހާން އަހާލިއެވެ.
“އެން؟… އަނޭ.. އެއްޗެއް ކައިފިންތަ؟ ހިނގާ ސައިބޯން” ސުހާން ބަލަން ހުރިގޮތުން ކުޑަކޮށް ރަކި ވެފައި ލަމްހާ ބުނެލިއެވެ. އަވަހަށް ވާހަކަ އޮޅުވާލަން ލަމްހާގެ ދުލަށް އައީ އެއްޗެއް ބުނެލިއެވެ.
“މިގޭ ބަދިގޭގަ ނުހުންނާނެ ކައްކާނެ އެއްޗެއް..އަން މިއޮތީ ރޯޔަލް ޑިނާ ކައްކާ ބައިގެ ތަޅުދަނޑި” ސުހާން ތަޅުދަނޑިއެއް ދިއްކޮއްލަމުން ބުނެލިއެވެ.
“އަނެއްކާ މައްސަލައަކަށް ނުވާނެތަ؟” ލަމްހާ އަހާލިއެވެ.
“އަހަރެން ޖޯން ކައިރީ ބުނާނަމޭ.. އެއިކީ މައްސަލައެއް ނޫން” ސުހާން ބުނެލިއެވެ.
ލަމްހާ ތިރިއަށް ފޭބުމުން ސުހާން ވަނީ ފާހަނައަށެވެ. ދަތް އުނގުޅާ މޫނު ދޮވެލައިގެން ނުކުތްއިރު ލަމްހާ އެނބުރި އަތު ވެއްޖެއެވެ.
ފުރަގަސް ދީގެން ބަދިގޭގައި ކައްކަން ހުރި ލަމްހާ އާ ދިމާއަށް ބަލަން ކޮޓަރި ދޮރުކައިރީ ސުހާން ހުއްޓެވެ. ލަމްހާ ކައިރިއަށް ދިއުމަށް ހިނގައި ގަތް ވަގުތު ސުހާންގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ބޮލުގައި އަތް އަޅައި ލައިގެން އިރުކޮޅަކު ސުހާން މަޑު ކޮއްލިއެވެ. ނަމަވެސް ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އެއަށްފަހު ވަށައިގެން ވި ތަންތަން އަނދިރި ވާން ފެށިއެވެ.
ބިސް ގަނޑު އަޅަން ހުރި ލަމްހާއަށް އޭނާގެ ނަމުން ގޮވާލި އަޑު އިވިގެން ބަލާލި ވަގުތު ބޮލުގައި އަތް އަޅައިގެން ހުރި ސުހާން ފެނުނެވެ. އުނދުން ނިއްވާލާފައި ސުހާންގެ ގާތަށް ގޮސް ވީ ކިހިނެއްތޯ އެހިއެވެ.
ނަމަވެސް ސުހާންއަށް ވަކި އެއްޗެއް ނުބުނެވެނީހުން މޫނު މައްޗަށް އަނދިރިވެގެން އޭނާ ވެއްޓުނެވެ. ހުށިޔާރުވެގެން ހުރި ލަމްހާއަށް ސުހާން ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. ސުހާންގެ ހަށިގަނޑު ބޮޑުކަމުން ލަމްހާވެސް ސުހާންއާ އެކު ނުވެއްޓުނީ ކިރިޔާއެވެ.
ވަރަށް ހާލުން ސުހާން ގެންގޮސް ސޯފާގައި ބޭއްވިއެވެ. ސުހާންގެ ދިގު ދެފައި ނަގާ ސޯފާގައި ބާއްވާފައި އޭނާ ދުރު ވާން އުޅެނިކޮއް ސޯފާގައި ފައި ޖެހިފައި ސުހާންގެ ގައިމައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތުން ލަމްހާގެ ތުންފަތް ސުހާންގެ ތުންފަތުގައި ބީހިލިއެވެ. ކުޑަ އިރުކޮޅަކަށް ހިނގި މިހާދިސާގެ ސަބަބުން ލަމްހާ ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ދެލޯ ހުއްޓިފައި ވަނީ ސުހާންގެ ތުންފަތަށެވެ. ދެ އިންޗިއެއް ހާ ކުޑަ ތަންކޮޅެއް ދުރުގައި ހުރި ސުހާންގެ ހިތްގައިމު މޫނު ފެނިފައި ލަމްހާގެ ހިތުގައި ގޮތް ނޭނގޭ އިހްސާސެއް އުފެދިއްޖެއެވެ. އަދި އެއްފަހަރު އެތުންފަތަށް ބޮސްދޭން އޭނާގެ ހިތް އެދެން ފެށިއެވެ.
ނަމަވެސް ދެވަނަ ސިކުންތު އަވަހަށް ސުހާންގެ ގައިމަތިން އޭނާ ތެދުވިއެވެ. ސުހާން ހޭނެތިފައި އޮތްވާވެސް ލަމްހާ ހިތަށް އަރަމުން ދިޔަ އެއްޗެހިން އޭނާ ލަދުގަތެވެ. އަވަހަށް ކޮޓަރިއަށް ވަދެ ބުލޭންކެޓެއް ހިފައިގެން އައިސް ސުހާންގެ ގައިގައި އަޅާލިއެވެ.
ކުޑަކޮށް ގުދުވެލާފައި ލަމްހާގެ އަތް ތިލަ ސުހާންގެ ނިއްކުރިމަތީ ބާއްވާލިއެވެ. އޭނާގެ ނިއްކުރި ހޫނު ކަމުން ލަމްހާގެ ދެލޯ ބޮޑުވިއެވެ. އަވަހަށް ބަދިގެއަށް ވަދެ ކަބަޑުތައް ހުޅުވާ ފަސްޓް އެއިޑު ފޮށި ހޯދަން ލަމްހާ ދިޔައެވެ. ފާރުގައި ހަރުކޮއްފައި ހުރި ކަބަޑު ހުޅުވާލިއިރު ވަރަށް ފަސޭހައިން ފަސްޓް އެއިޑް ފޮށި ފެނުނެވެ. އޭގެތެރޭގައި ޕެނަޑޯލް ކާޑެއްވެސް އޮތެވެ.
ސަމްސަލަކަށް ފެންފޮދެއް އަޅާލާފައި އޭގެ ތެރެއަށް ބޭސް ގުޅަ ގިރުވާލިއެވެ. ސުހާންގެ ބޮލުގެ ދަށަށް އެއް އަތް ލައްވާލާފައި އަނެއް އަތުން ސަމްސާ އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. ވަރަށް ފަސޭހައިން ސުހާން އެ ބޭސް ފޮދު ދިރުވާލިއެވެ.
ފާހަނައަށް ވަދެ ތައްޓަކަށް ފެން އަލައިގެން އައިސް ތުވާއްޔަކުން އޭނާގެ މޫނުގައި ފެންހާކަން ފެށިއެވެ. އިރުކޮޅަކު ފެން ހާކާލުމުން ސުހާންގެ ހުން މަޑުވިއެވެ.
އިރުކޮޅެއް ފަހެވެ. ސުހާން އަށް ހޭލެވުނު އިރު ބޮލުގައި ކުޑަ ރިހުމެއް ހުއްޓެވެ. ބޭސް ކައިގެން ހުރުމުން ބޮލަށް ހުރީ ބަރުވެފައެވެ. ދެލޯ އުނގުޅާލާފައި އޭނާ ތެދުވެ އިށީނެވެ. އޭރު ލަމްހާ އިނީ ޖެހިގެން ހުރި ސޯފާގައެވެ.
“މިހާރު ކިހިނެއް؟” ސުހާން ތެދުވިތަން ފެނިގެން ލަމްހާ އަހާލިއެވެ.
“މިހާރު އޯކޭ.. އިއްޔޭން ސުރެ އެއްޗެއް ނުކާތީ ކަންނޭނގެ ނިވައިގެން ދިޔައީ” ސުހާން ބުނެލިއެވެ.
“ހިނގާ އެއްޗެއް ކާލަން.. އަހަރެން ނޫޑުލްސް ސޫޕު ހަދާ ދެންތަ؟” ލަމްހާ އަހާލިއެވެ.
“ހުމް.. ތެންކްސް އިނގޭ” ސުހާން ބޯޖަހާލިއެވެ.
“ސުހާން އިހަށް ރެސްޓު ކޮއްލާ..” ލަމްހާ އެހެން ބުނެފައި ބަދިގެއާ ދިމާއަށް ދިޔައެވެ. ޓީވީ ހުޅުވާލައިގެން އިނެއްކަމަކު ސުހާންއަކަށް އެޔަކަށް ސަމާލުކަމެއް ނުދެވެއެވެ. އޭނާގެ ދެލޯ ލަމްހާއަށް ހުއްޓެމުން ދިޔައެވެ. ލަމްހާ ފަސްއެނބުރި ބަލާލާއިރަށް ނޫން ކަމަށް ހަދާ އެހެން ދިމާއަކަށް ބަލާލެވެއެވެ.
އެކަހަލަ ވަގުތެއްގައި ލަމްހާ އޭނާގާތު ހުރުމުން ސުހާން ހުރީ ވަރަށް އުފަލުންނެވެ. ލަމްހާ ނެތްނަމަ މިއަދު އޭނާ ހާދަ އެކަނި ވެރިވީހެވެ.
“އަން.. އަވަހަށް ކާންފަށާ..” ސޯފާ ކައިރީ ހުރި ތިރި މޭޒު މަތީ ތަށި ބަހައްޓަމުން ލަމްހާ ބުނެލިއެވެ.
“ތެންކްސް.. ލަމް.. ކިހިނެއް އަހަރެން ސޯފާއަށް ގެނައި.. އަހަރެން ވެއްޓުނީ ކޮޓަރި ދޮރު މައްޗަށްނު” ސުހާން ބުނެލިއެވެ.
“ނޭނގެ އަހަންނަ ގެނެވުނު ގޮތްވެސް.. ސުހާން ހާދަ ބަރޭ.. އަހަރެންގެ ބުރަކަށި ކިރިޔާ ނުބިނދުނީ” ލަމްހާ ބުނެލިއެވެ.
“އަސްލު އަހަރެން ބަރީކީ ނޫނޭ.. ލަމް މާ ބަލިކަށީ.. ތަން ކޮޅެއް ގިނައިން ކައިބަލަ. ހިކި ކަމުން ހީވަނީ ހޯލިކޮޅެއްހެން” ސުހާން މަލާމަތް ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
“މާ ހިކިވީމަ ބުނާނެ ހޯލި ކޮޅެކޭ.. ފަލަވީމަ ބުނާނެ ފަލަ ކަމުން ހީވަނީ ބެރެއް ހެނޭ.. ފިރިހެނުންނަކަށް ނޯންނާނެ ސަލާމަތެއް” ލަމްހާ ބުނެލިއެވެ.
“ލަމް ކިތަންމެ ފަލަވިއަސް.. އަދި ކިތަންމެ ހިކުނަސް އަހަންނަށް ލަމް އަބަދުވެސް ރީތި ވާނެ..” ސުހާން ނޫޑުލްސް ސަމްސަލެއް ކާލާފައި ބުނެލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާ ހުއްޓުން އެރިއެވެ. ބުނެވުނު އެއްޗެއް ރޭކާލި މާ ފަހުންނެވެ. އެ ޖުމްލަ ދެން އަނބުރާ ގެންނާނެ ގޮތްވެސް އޭނާއަކަށް ނޭނގުނެވެ. ލަދުން ރަތް ވެފައިވާ ލަމްހާ ގެ މުނަށް ބަލާލާފައި ސުހާން އިސްޖަހާލިއެވެ.
“ކޮބާ ލީން.. މިހާރު ވަރަށް ދުވަސްވެއްޖެ ނުފެންނަތާ.. ލީން އަހަރެން މަތިން މިސްއެއްވެސް ނުވޭތަ” ސުހާން އަވަހަށް ވާހަކަ ބަދަލު ކޮއްލިއެވެ.
“ލީން ވީ މާރިއާ ދައްތަ ކައިރީ.. މިހާރު ސްކޫލު ބަންދުވީމަ އަބަދު މާރިއާ ދައްތަގެ ދަރިފުޅާއެކު ކުޅެން އުޅެނީ” ލަމްހާ ބުނެލިއެވެ.
“އެހެންތަ.. މާރިއާ ދައްތަ ވަރަށް ރަނގަޅު ތަ؟” ސުހާން އަހާލިއެވެ.
“އާން… ލީންއަށްވެސް އޭނާ ވަރަށް ހެޔޮ.” ލަމްހާ ބުނެލިއެވެ.
“ސުހާން.. އަހަރެން ދެން ދަނީ.. މާ ބޮޑައް ހުން ގަދަވަންޏާ ޖޯން އަށް ގުޅާތި.. ” ލަމްހާ ބުނެލިއެވެ.
“ލަމްއަށް ގުޅިއަސް އޯކޭތަ.. އަހަރެން ބޭނުމެއް ނޫން މިދުވަސްކޮޅު ޖޯންއަށް އުނދަގޫ ކުރާކަށް. އޭނަވެސް ހުންނާނީ ވަރަށް ދެރަވެފަ” ސުހާން ބުނެލިއެވެ.
“ހުމްމް.. އޯކޭ.. ދަނީ އިނގޭ” ލަމް އެހެން ބުނުމުން ސުހާން ތެދުވެގެން ލަމްހާ އާއެކު ބޭރަށް ނުކުތެވެ.
“މިޔޯ؟” ސުހާން ތަޅުދަނޑިއެއް ދިއްކޮލުމުން ލަމްހާ އަހާލިއެވެ.
“މިއީ އަހަރެންގެ ގޭގެ ތަޅުދަނޑި.. ބެލް ނާޅަ ވަނަސް އޯކޭ ވާނެ” ސުހާން އެހެން ބުނުމުން ލަމްހާ ތަޅުދަނޑީގައި ހިފާލިއެވެ.
“ސުހާން ބަލި ރަނގަޅު ވީމަ އަހަރެން ތަޅުދަނޑި އަނބުރާ ދޭނަން. އަނެއްކާ ސުހާން އެތެރޭގަ ވެއްޓިފަ އޮތަސް މީހަކަށް ނުވެސް ވަދެވޭނުން” ލަމްހާ އެހެން ބުނުމުން ސުހާން ހީލިއެވެ. ލަމްހާގެ ވިސްނުން ހުންނަ ގޮތުން ސުހާންއަށް މަޖާވިއެވެ. އެއީ މިހާރު ސިއާމެން ކަހަލަ ކުއްޖެއް ނަމަ ނެގީހީ މުޅިން އެހެން މާނައެކެވެ. އެކަމު ލަމްހާގެ ވިސްނުން އެހުންނަނީ ވަރަށް މައުސޫމު ކޮށެވެ.
“އޯކޭ.. ބަލައިގެން ދައްޗޭ” ސުހާން އެހެން ބުނެފައި ދޮރު ލައްޕާލިއެވެ. އަދި އެތެރެއިން ބެލްކަންޏަށް ނުކުތެވެ.
ލަމްހާ ސިޑިން ފައިބައިފައި ތިރީގައި މަޑު ކޮއްލިއެވެ. ފާރުގައި ލެނގިލައިގެން ހުރެ އޭނާ މެއާ ދިމާލުގައި އަތް އަޅާލިއެވެ. ސުހާން ފެންނަން ހުންނައިރު އެހިތް ތެޅެމުން ދަނީ އާދަޔާ ހިލާފު ބާރަށެވެ. އެހެން ހުއްޓާ ލަމްހާ ގެ ފޯނަށް މެސެޖު އައެވެ.
“ތިހެން މަގުގަ ހުންނާނެ ކަން އެނގުނު ނަމަ މިހާ އަވަހަކަށް ފޮނުވައެއް ނުލީމުސް.. ދެން އަވަހަށް ދޭ.. ތިހެން ހުއްޓާ މީހަކު ލަމް ޖަހައި ގަނެދާނެ.. އޭރުން އަހަރެން ވަރަށް ދެރަވާނެ”
ފޯނަށް އައިސް އިން ސުހާންގެ މެސެޖު ފެނުމުން ލަމްހާ ސިހުނެވެ. މަތި ބަލާލިއިރު ސުހާން ހުރީ ސީދާ އޭނާއާ ދިމާއަށް ބަލާށެވެ.
ލަމްހާ ރަކިވެގެން އަވަހަށް ދިޔައެވެ. ސުހާންވެސް ލަމްހާ ދާތަން ބަލަން ހުރެފައި އެތެރެއަށް ވަނެވެ.
އިރު އޮއްސިއްޖެއެވެ.. ކުޅެން އިން ލީން ގެނެސް މޭޒުކައިރީގައި ގޮނޑިއެއްގައި ބޭންދިއެވެ. އަދި މޮޑެފައި ހުރި ބަތް ތަށިން ފަހަރަކު ބަތް ސަމްސަލެއް ލީންއަށް ކާންދޭން ފެށިއެވެ. އެއުމުރުގެ އެހެން ކުދިންނަށް ވުރެ ލީން ވަރަށް ބަސްއަހައެވެ. ލަމްހާ ނުރުހޭ ކަމެއް ދެވަނަ ފަހަރަކަށް ނުކުރެއެވެ. އަހުލާގާ އެއްވަރަށް ލީންގެ ސިކުނޑިވެސް ރަނގަޅެވެ. އުފަން ފަސްގަނޑާ މައިންބަފައިންނާ ދުރުގައި ލަމްހާއަށް ލީން ގެނގުޅެން އުނދަގޫ ނޫނީ މިހެންވެއެވެ.
“މަންމާ.. ކޮއްކި ބޭނުން ސުހާންބެ ކައިރިއަށް ދާން” ލީން ބުނެލިއެވެ.
“މިހާރު މާ ލަސްވެއްޖެ.. މާދަން ދާނީ ދޯ” ލަމްހާ ބުނެލިއެވެ.
“ލިން.. ދަރިފުޅު ވަރަށް ލައިކު ވޭދޯ ސުހާންބެ ދެކެ.. އެކީއްވެ؟” ލީން ބޯޖަހާލުމުން ލަމްހާ އަހާލިއެވެ.
“ސުހާންބެ ރަނގަޅު ވީމަ.. އެންމެ ފަހުން ލީން ބަލާ އައި ދުވަހު ސުހާންބެ ބުނި ސުހާންބެއަށް މަންމަ ވަރަށް ތިއްތި ވާހަކަ.. ސުހާންބެ މަންމި އާ ލީން ދޫކޮއްލާފަ ނުދާނަމޭ ބުނި.. އެހެންވެ..” ލީން ބުނެލިއެވެ.
“އެއީ ސުހާންބެ އެހެން ބުނި އެއްޗެއް ނޫން.. އިނގޭ” ލަމްހާ ހީލިއެވެ.
“ސުހާންބެ ބުނި ލީން އާ މަންމި ބަލާނަމޭ.. ބައްޕި ގޮތަށް ލީންމެން ދޫކޮއްލާފަ ސުހާންބެ ނުދާނެ ދޯ؟” ލީން އިސްޖަހާލަމުން ބުނެލިއެވެ.
ލަމްހާގެ ދެލޯ ފެން ކަޅިވިއެވެ. ލަމްހާ އެއްގޮތަކަށްވެސް ބައްޕަގެ ވާހަކައެއް ލީން ގާތު ނުދައްކައެވެ. ތަންކޮޅެއް ބޮޑުވީމަ ނޫނީ ނުބުނާށެވެ. މިހާރު ބުނެފިނަމަ ލީންއަށް އެނގޭނީކީވެސް ނޫނެވެ. އެހެނެކަމުން ލީން އަބަދުވެސް ހީކުރަނީ ލީންގެ ބައްޕަ އެމީހުން ދޫކޮއްލީ ކަމަށެވެ.
“ދަރިފުޅު ދެރަވޭތަ ދަރިފުޅުގެ ބައްޕި ނެތީމަ؟” ލަމްހާ އަހާލިއެވެ.
ލީން ވަރަށް ވިސްނަން އިނދެފައި ބޯހޫރާލިއެވެ.
“މިހާރަކު ނުވޭ ދެރައެއް… މަންމަ ތިހުރީނުން.. މިހާރު ސުހާންބެވެސް އެބަހުރި.. މުދައްރިސްވެސް ހީކުރަނީ އެއީ ލީންގެ ބައްޕިކަމަށް. މިހާރު ކުލާސްކުދިންވެސް ނުކުރޭ މަލާމަތެއް.. އެކުދީން ބުނީ ލީންގެ ބައްޕަ ވަރަށް ރީތިއޭ..” ލީން ހީލަމުން ބުނެލިއެވެ.
ލީން އުފަލުން ހެވިފައި ހުރިތަން ފެނުމުން ލަމްހާއަށްވެސް ހެވުނެވެ. ލީން ބޭނުން ވާގޮތަށް ސުހާން ލީންގެ ބައްޕައަށް ވެއްޖެއްޔާމުން ކިހާ އުފާވެރި ހެއްޔެވެ. ނަމަވެސް ލަމްހާގެ މާޒީ އެނގުމުން ސުހާން އޭނާއާ ވާހަކަ ދައްކާނެ ކަމެއްވެސް ނޭނގެއެވެ.
ލީން އުރާލައިގެން ގޮސް ފާހަނައަށް ވަނެވެ. ސަކަރާތް ޖަހަމުން ފެނަވަރުވައިގެން ނެރެ އެނދުމަތީގައި ބޭންދިއެވެ.
ނިދާބޮކީގެ ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރީގައި ލަމްހާ އޮތީ ލީން ނިންދަވާށެވެ. ލީންގެ މޭމަތީގައި މަޑުމަޑު ޖަހާލަމުން އޭނާ ނާނައެއް ކިޔަން ފެށިއެވެ. ވަރަށް އަވަހަށް ލީން ނިދައިފިއެވެ.
ނުނިދިފައި އޮތްވާ ލަމްހާގެ ފޯނު ރިންގުވިއެވެ. ފޯނު ހިފައިގެން ލަމްހާ ބޭރަށް ނުކުތެވެ.
“ލަމް.. ނިދަނީތަ؟” ސުހާން އަހާލިއެވެ.
“ނޫން.. ކިހިނެއްވީ.. ؟ އަނެއްކާ ހުން ގަދަ ވަނީތަ” ލަމްހާ އަހާލިއެވެ.
“ނޫން.. އެކަމު ވަރަށް ބަނޑުހައި” ސުހާން ބުނެލިއެވެ.
“ބޭރުން އެއްޗެއް އޯޑަރު ކޮއްގެން ނަމަވެސް ކާންވާނުން. އަދި އޭގެ ފަހުން އެހެން އެއްޗެއް ނުކަން ދޯ” ލަމްހާ ނުރުހުންވެފައި ބުނެލިއެވެ.
“ލަމް ނެތީމަ ކިހިނެއް ކާނީ.. މިއުޅެނީ އެނދުންވެސް ނުތެދުވެވިގެން” ސުހާން ބަލި އަޑަކުން ބުނެލިއެވެ.
“މަޑުކުރޭ.. އަހަރެން މިދަނީ ކާއެއްޗެއް ހިފައިގެން” ލަމްހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.
މާރިއާގާތު ބޭރަށް ދާވާހަކަ ބުނެފައި އޭނާ ނުކުތެވެ. އަދި ރެސްޓޯރެންޓަކަށް ވަދެ ބަތް ޕާރުސަލްއެއް ގަނެގެން ސުހާންގެ ގެއަށް ދިޔައެވެ.
ބެލް ޖެހުމުގެ ބަދަލުގައި ތަޅުދަނޑިން ތަޅު ހުޅުވާފައި ލަމްހާ އެތެރެއަށް ވަނެވެ. ގޭތެރެއިން މީހަކު ނުފެނުމުން ސުހާންގެ ކޮޓަރި ދޮރުގައި ޖަހާލިއެވެ. ސުހާން ވަންނާށޭ ބުނުމުން ލަމްހާ ދޮރު ހުޅުވާލިއެވެ.
ކުޑަ ދޮރު ކައިރީ ސިނގިރޭޓެއް ބޯން ހުރި ސުހާން ފެނުމުން ލަމްހާ ދެބުމަ ގޮއްޖަހާލިއެވެ.
“ލަމް.. އަހަރެން ހިޔެއް ނުކުރަން އެހާ އަވަހަށް އަންނާނެ ކަމަކަށް..” ސުހާން ހީލަމުން ބުނެލިއެވެ.
“ބަލިކަމުން އެނދުން ނުތެދުވެވިފައި އޮތް މީހަކު މިތާ ސިނގިރޭޓު ބޯން ތި ހުރިއްޔޯ” ލަމްހާ ސުހާން ގާތު ހުއްޓެމުން ބުނެލިއެވެ.
“ރުޅި އައީތަ.. ހިނގާ ކާން ދާން އަސްލުވެސް ވަރަށް ބަނޑުހައި” ސުހާން ބުނެލިއެވެ.
ލަމްހާ ރަނގަޅަށްވެސް ރުޅިއައެވެ. މިހާ ލަސްވުމުން އޭނާ އެތަނަށް ގެނައުމަކުން ނޫނެވެ. ސުހާން އެނދުން ނުތެދުވޭވަރަށް ބަލިއްޔޭ ބުނުމުންނެވެ. އެހެން ބުނުމުން ލަމްހާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ސުހާންއަށް ކަމެއް ވެއްޖެއްޔާ އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.
“ދެންވެސް އެކަހަލަ ދޮގު ނަހަދާތި..” ލަމްހާ ބުނެލިއެވެ.
“އޯކޭ.. ” ސުހާން ދުންބޮޅެއް ސީދާ ލަމްހާގެ މޫނަށް ދޫކޮއްލަމުން ބޯޖަހާލިއެވެ.
ކުއްލިއަކަށް ދުންތައް ނޭފަތަށް ވަނުމުން ލަމްހާ ކޮށިއެރިއެވެ..
“ސުހާން.. ކުރާ ކަންތައް” ކެއްސަމުން ކަހަލަ ގޮތަކަށް ލަމްހާ ސުހާން އަށް ލޯ އަޅާލިއެވެ.
“ސޮރީ.. ލަމް އޯކޭތަ.. ހިއެއްނުކުރަން ތިވަރު ވެދާނެ ކަމެއް” ސުހާން ލަމްހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
“މިއީ ހާދަ ގޯސް މީހެކޭ” ލަމްހާ ސުހާންގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.
“ލަމް ކައިފިން؟” މޭޒުމަތީހުރި ބަތްޕާރުސަލް ތަށި ފެނިފައި ސުހާން އަހާލިއެވެ.
“ނޫން.. އަދި ނުކަން” ލަމްހާ ބުނެލިއެވެ.
“ދެން ކީއްވެ ދޭތި ނުގެނައީ.. ލަމް ނުކައި އިންދާ ނުކެރޭނެ އަހަންކަށްވެސް ކާކަށް” ސުހާން އެހެން ބުނެފައި ތަށި ހަރުގަނޑުން ދެ ތަށި ގެނައެވެ. އަދި ބަތް ޕާރުސަލް އެއްވަރަށް ދެތައްޓަށް ބަހާލިއެވެ. އަދި އޭގައި އޮތް ބިސްގަނޑު ސުހާންގެ ތައްޓަށް ލައިފައި ލަމްހާއަށް އެހެން ބިސްގަނޑެއް އަޅައިދިނެވެ.
“ލަމް އާދޭ ކާން..” އައިސް އަލަމާރިން ނެރުނު ކޯކު ފުޅި ކަނޑާލަމުން ސުހާން ލަމްހާއަށް ގޮވާލިއެވެ.
“ލީން ނިދީތަ.؟” ކެއުމުގެ ތެރެއިން ސުހާން އަހާލިއެވެ.
“އާން.. ނިންދަވާފަ މިއައީ..ސުހާން.. އެއްޗެކޭ ހީނުކުރާ މަތިން ވާހަކައެއް ބުނަންތަ؟” ލަމްހާ އޫ ތަށިތެރެއަށް ދޫކޮއްލަމުން ސުހާންގެ މޫނަށް ބަލާލިއެވެ.
“ބުނެބަ.. އަނެއްކާ ވަރަށް ބޮޑުވާހަކައެއްތަ؟” ސުހާންވެސް އޫ ތަށި ތެރެއަށް ދޫކޮއްލާފައި ދަތް ދޮޅީގައި އަތް ވިއްދާލިއެވެ.
“ލީން ބުނި.. ސުހާން ބުންޏޭ ސުހާން ދުވަހަކުވެސް ލީން ދޫކޮއްފަ ނުދާނަމޭ.. އެކަހަލަ ވާހަކަ ލީން ގާތު ނުދައްކައްޗޭ.. ލީން އަކީ ކުޑަ ކުއްޖަކަސް އޭނާ އަށް ވިސްނޭ.. އެހެން ކުދީން ހެން ލީންގެ ބައްޕަ ނުހުންނާތީ ލީން ވަރަށް ދެރަވޭ.. އަނެއްކާ ސުހާން އެހެން ބުނީމަ ލީން އެހެން މާނައެއް ނަގާފާނެ.. ސަމާސައަކަށް އެހެން ބުންޏަސް ލީން އަނެއްކާ އެކާމާ މާބޮޑަށް ވިސްނަފާނެ.. އެނގޭ ދޯ މި ބުނި އެއްޗެއް” ލަމްހާ ބުނެލިއެވެ.
“ލަމް ކީއްވެ ހީކުރީ އެއީ އަހަރެން ސަމާސާއަކަށް ބުނި އެއްޗެއް ކަމަށް؟ އަހަރެން މިއީ އެކަހލަ ސަމާސާ ކުރާ މީހެއް ނޫން” ސުހާން ސީދާ ލަމްހާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ.
“”ސުހާން.. އަހަރެން..”
“ލަމް.. ހިނގާ އަހަރެން ލަމް ގެޔަށް ގެން ގޮސްދޭނަން” ސުހާން ގޮނޑިން ތެދުވަމުން ބުނެލިއެވެ.
ލަމްހާގެ ޖުމަލަވެސް މެދުކެނޑުނީ އެހިސާބުންނެވެ. ގެއަށް ދެވެންދެންވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ލަމްހާގެ ގޭގެ ކުރިމައްޗަށް ކާރު ހުއްޓާލުމުން ލަމްހާ ފޭބިއެވެ.
“ގުޑް ނައިޓް ލަމް” ސުހާން ވެސް އެހެން ބުނެފައި އޭނާގެ ކާރު ދުއްވާލިއެވެ.
ސުހާން ވަކި ހިސާބަކުން ކާރު ހުއްޓިއެވެ. ކާރުގެ ހުންގާނުގައި ބޯއަޅާލާފައި އޭނާ ފުންނޭވާއެއް ލިއެވެ. ސުހާން ލަމްހާ އާ ގަޔާވާ ވަރު އެތައްފަހަރަކު ބުނެވިއްޖެއެވެ. ނުސީދާކޮއްވެސް އަދި ސީދާ ބަހުންވެސް ބުނެވިއްޖެއެވެ.
ސުހާން ހިތްވަރު ކޮއްފައި އޭނާގެ ހިތުގެ ހާލަތު ހާމަކުރެވެނީ ބައެއްފަހަރު ލަމްހާގެ އަމަލުތަށް ހުންނަ ގޮތުންނެވެ. ބައެއްފަހަރު ލަމްހާ އުޅޭ ގޮތުން އޭނާވެސް ސުހާން ދެކެ ލޯބިވާހެން ސުހާންއަށް ހީވެއެވެ. ނަމަވެސް މިއަދު ލަމްހާގެ ވާހަކަ ހުރިގޮތުން ސުހާން ޖެހިލުން ވީއެވެ. ލަމްހާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދިނީވެސް އެހެންވެއެވެ. އޭނާ އަދި ޖަވާބެއް ބޭނުމެއް ނޫނެވެ.
ސުހާންގެ ލޯބި ލަމްހާ ގަބޫލު ނުކުރިނަމަވެސް ސުހާން ލަމްހާއާ އެކުވެރިކަން ބާއްވަން ބޭނުމެވެ. ލޯބިވެރިއެއްގޮތުގައި ކާމިޔާބު ނުކުރެވުނު ނަމަވެސް ލަމްހާގެ ހިތުގައި ސުހާންއާ ދޭތެރޭ ކުޑަވެސް ހާއްސަކަމެއް ވާނަމަވެސް އޭނާއަށް ފުދޭނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



