މި ހިތުން މަޤާމޭ މި ދެނީ 5
“ދިސް އިޒް…؟ އާރ ވީ…؟ ބޭބީ…؟” އައިދަން ހުއްޓަމުން ހުއްޓަމުން އެހިއެވެ.
ހިނިއައިސްފައި އިން މައިރާ ބޯ ޖަހާލިއެވެ.
ހަޅޭ ލަވައިގަންނަމުން އައިދަން އައިސް މައިރާ އުރާލިއެވެ.
“ތެންކްޔޫ މައި…” އައިދަން މައިރާގެ މޫނުގައި ބޮސްދެމުން ބުންޏެވެ.
“ހެޕީ؟” މައިރާ އަހާލިއެވެ.
“ހެޕީ ހޭ؟” މައިރާ ގޮވައިގެން އައިދަން އެނބުރެން ފެށިއެވެ.
“އައިދަން… ވެއްޓިދާނެ…” މައިރާއަށްވެސް ހެވެނީ އައިދަން އުޅުނު ގޮތުންނެވެ.
“ބޭބީ އަންނަން ދެން އައި ކާންޓް ވެއިޓް!” މައިރާ ގޮވައިގެން ގޮސް އެނދުގައި އައިދަން އޮށޯތެވެ.
“އެކަމަކު ވެއިޓް ކުރަން ދޯ ޖެހޭނީ؟ އަދި އަށް މަސް ފަހުން އައިދަންއަށް އައިދަންގެ ބޭބީ ފެންނާނީ” އައިދަން އުފާވެފައި ހުރި ވަރުން މައިރާގެ އުފާވެރިކަންވެސް ދެގުނަ ވެފައިވެއެވެ.
“ބޭބީ ފެންނަން ދެން ބޭބީގެ މަންމަގެ ފަރާތުން ފުދޭތޯ ޓްރައި ކުރާނީ ދޯ؟” ލާނެތް ސަމާސާއަކާ އެކު އައިދަން ބުނެލިއެވެ. އެއާއެކު އެއްޗެއް ބުނާނެ ފުރުސަތެއް އައިދަން މައިރާއަކަށް ނުދިނެވެ.
“އައި ލަވް ޔޫ ސޯ މަޗް… މިއަދު މައި ތި ދިނީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަހަލަ ގިފްޓެއް… އަހަރެން ކޯޗެއް މައިއަށް ދޭންވީ؟” މައިރާގެ ބުރަކަށީގައި ފިރުމަމުން އައިދަން އަހާލި އިރު އެ ލޮލުން މައިރާ ދެކެ ވާ ލޯބި ސާފުކޮށް ފެނެއެވެ.
“އައިދަން ތިހެން އަހަރެން ކައިރީގަ ހުރިއްޔާ އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން…” އައިދަންގެ މޫނުގައި ފިރުމާލަމުން މައިރާ ބުންޏެވެ.
“ޒެޑް…! އައި ހެވް ޓު ޓެލް ހިމް” އައިދަން އެނދުން ތެދުވަން އުޅުނީ އެ ޚަބަރު ވިހާވެސް އަވަހަކަށް ޒިއާމްއަށް ދޭ ހިތުންނެވެ.
“އައިދަން…” މައިރާ އައިދަންގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ކިހިނެއްވީ؟” އައިދަންއަށް އަހާލެވުނެވެ.
“މިރެއަކު ނޫން… ޕްލީޒް… މިރޭ އަހަރެން ބޭނުމީ އަހަރުމެން ދެ މީހުން އެކަނި ސެލެބްރޭޓް ކޮށްލަން. މާދަން ބުނޭ ޒިއާމް ކައިރީ. އަދި މަންމަމެން ކައިރީވެސް. ޕްލީޒް…؟” މައިރާ އެދުނެވެ.
“އޯކޭ” އައިދަން ވަގުތުން އެއްބަސް ވީ އެއީ މައިރާ އެދޭ ގޮތަށް ވީތީއެވެ. ފަހަރެއްގައިވެސް އެ ޚަބަރު އެރޭ ޒިއާމްއަށް ދޭން މައިރާ ބޭނުން ނުވާ އެއްވެސް ސަބަބެއް އޮވެދާނެއެކޭ އައިދަން ހިތަކަށް ނާރައެވެ.
އިތުރު ސުވާލެއް ނުކޮށް އައިދަން އެއްބަސް ވިތީ ހިތާ ހިތާ ޝުކުރު ކުރަމުން މައިރާ އައިދަންގެ ގައިގައި ބައްދާލިއެވެ. އެ ޚަބަރު ލިބުމުން އައިދަންއަށް ޓަކާ ޒިއާމް އުފާވާނެ ކަމާމެދު މައިރާ ޝައްކެއް ނުކުރެއެވެ. ނަމަވެސް ޒިއާމްގެ ހިތަށް ތަދުވާނެ ކަންވެސް މައިރާއަށް އެނގެއެވެ. އެއްވެސް ގޮތަކަށް ޒިއާމް ދެރަވާން ނޭދުނު ނަމަވެސް އެހެން ގޮތަކަށް ކަންތައް ނުވާނެކަން މައިރާއަށް އެނގެއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހޭލައިގެން އައިދަން އެހެން ދުވަސްތަކަށް ވުރެ އަވަހަށް ރައިހާނާމެން އުޅޭ ބަޔަށް ދިޔައީ އެ ޚަބަރު އެންމެންނަށް ދޭން ކެތްމަދުވެފައި ހުރެއެވެ. މައިރާއާ އައިދަން ދިޔަ އިރު އެ ގޭގައި ތިބީ ޝައިމްއާ ޝުއާ އަދި އުލްވާއެވެ.
“މިއަދު އައިދަންއަށް މާ އަވަހަށް ހޭލެވުނީތަ؟” ސައި ތައްޔާރު ކުރަން އުޅުނު ރައިހާނާއަށް އެހީވާން މައިރާ އައުމުން ރައިހާނާ އަހާލިއެވެ.
މައިރާ އެއްޗެއް ނުބުނެ ހީލުމަކުން ފުއްދާލިއެވެ.
“މަންމާ، ކޮބާތަ ބައްޕަ؟ ހޭ ނުލާތަ އަދި؟ ޒެޑްވެސް އަދިވެސް ނިދާފަތަ؟ ތިއްތަ ކޮބާ؟ އަޒްމެން ނާދޭތަ މިއަދު؟” އައިދަން ގޭތެރެ ހޯދާލާފައި އެހީ އެކަކުވެސް ފެންނަން ނެތުމުންނެވެ.
“އައްދޭ. މިއަދު މާ އަވަހަކަށް އައިސްގެން އެންމެން ނުފެނިގެން ތި އުޅެނީ ކީއްވެ؟ އަދި ލަހެއް ނުވެއެއްނު؟” ރައިހާނާ އަހާލިއެވެ.
“ކަމެއް ވެގެންނެއް ނޫން. އެބަ އަންނަން ޒެޑް ކޮބާތޯ ބަލާލާފަ” އައިދަން ހިނި އައިސްފައި ހުރެ ބޯ ކަހާލާފައި ޒިއާމްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ.
“އައިދަން!” އެހެން ދުވަސް ދުވަހު އެންމެ ފަހުން އަންނަ މީހާ އެހާ ކުރިން ފެނުމުން ޒިއާމްއަށްވެސް ލިބުނީ ހައިރާންކަމެވެ.
“ޒެޑް!” އައިދަން އެތެރެއަށް ވަންނަން އުޅުނީ އެހެން މީހުންނަށް ވުރެ ކުރިން ޒިއާމްއަށް އެ އުފާވެރި ޚަބަރު ދޭށެވެ. ނަމަވެސް އެ ވަގުތު ހާފިޒް ނިކުމެ އައިދަންއަށް ގޮވާލިއެވެ.
އެންމެން ސައި ބޮއެ ނިމެންދެން ހުރެފައި އައިދަން ރައިހާނާއަށް ގޮވާލިއެވެ.
“މަންމާ… މައިރާ ބަނޑު ބޮޑު” ރައިހާނާ ބަލާލުމުން އައިދަން ހިނިއައިސްފައި އިނދެ ބުންޏެވެ.
“އަސްލުވެސްތަ؟” ރައިހާނާއަށް ވުރެ ކުރިން އާލިޔާ އަހާލިއެވެ.
“ތެދެއްތަ؟” އަޒްހާ އައިސް މައިރާގެ އަތުގައި ހިފާލަމުން އެހިއެވެ.
މައިރާ ރަކިވެފައި އިނދެ ބޯ ޖަހާލިއެވެ.
އެއާއެކު އަޒްހާއާ އާލިޔާ އެއްފަހަރާ ހަޅޭ ލަވައިގަތެވެ. އަދި ދެ އަންހެން ކުދިން މައިރާގެ އަތުގައި ހިފާ ކޮޅަށް ނަގާފައި ގޭތެރޭގައި އެނބުރެން ފެށިއެވެ.
“މަންމަ ވަރަށް އުފާވެއްޖެ…” މައިރާގެ ގައިގައި ފިރުމާލަމުން ރައިހާނާ ބުންޏެވެ.
“ދޮންބޭ، ކޮންގްރެޓްސް އިނގޭ!” އާލިޔާ އައިދަންއަށް ބުންޏެވެ.
“މަރުހަބާ ދެ ކުދިންނަށްވެސް” މައިރާގެ ބޮލުގައި ފިރުމާލަމުން ރަޒާނާ އެހެން ބުނެ އައިދަންއަށް ބަލާލިއެވެ.
“ކޮންގްރެޓްސް ބްރޯ!” އައިދަންގެ ބުރަކަށީގައި ޖަހާލާފައި ޒިއާމްވެސް އައިދަންއަށް މަރުޙަބާ ކިޔެވެ.
އެއަޑު އިވުމުން މައިރާ ޒިއާމްއާ ދިމާއަށް ބަލާލިއެވެ. ހިނި އައިސްފައި ހުރެ އައިދަން ޒިއާމް ގައިގައި ބައްދާލިއެވެ. އެ ވަގުތު ޒިއާމް ސިއްރުން އައިދަންގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލުމާއެކު އައިދަން ބާރަށް ހީގަންނަމުން ޒިއާމްގެ ކޮނޑުގައި ޖަހާލިއެވެ.
“ދެން ޒިއާމްވެސް އަވަހަށް މީހަކާ އިންނަން ވީ. އެހެން ނޫނީ މި އެންމެންގެ ދަރިން ބޮޑެތި ވާ އިރުވެސް އަދި ޒިއާމްގެ ކުއްޖަކު ނުހުންނާނެ. އަނެއްކާ ބޭބެއާ ދޮންތަ ކާފަ މާމަ ވާ އިރު ޒިއާމްގެ މަންމަ އެހެން ޅަކޮށް ހުރެގެން ނުވާނެއެއްނު؟” ހާފިޒް އައިސް އައިދަންއާ ޒިއާމްގެ ދެ ކޮނޑުގައި ހިފާލަމުން ހިނި އައިސްފައި ބުންޏެވެ.
“އެހެންނޭ އަހަރެންވެސް މި ކިޔަނީ. އެކަމަކު ޒިއާމް ހިއެއް ނުވޭ އެ ކަހަލަ ކަމަކާ އުޅޭ ހެންނެއް” ރަޒާނާ އައިސް ދަރިފުޅުގެ އަތުގައި ފިރުމާލިއެވެ.
“މަންމާ…” ޒިއާމް އަކުރުތަކަށް ދަމަލަމުން ގޮވާލީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.
“މަންމަ އެ ބުނަނީ ހަމަ ރަނގަޅަށް. ދޮންތަވެސް ދެން ބޭނުމީ ޒިއާމް އަވަހަށް މީހަކާ އިނދެގެން ދިރިއުޅުމެއް ފަށާތަން ދެކެން. މަންމަވެސް ބޭނުން ވާނެއެއްނު ޒިއާމްއަށް ކުދިން ލިބިގެން އެ ކުދިން ގެންގުޅެން؟ ދަރިފުޅު ނުވިސްނަންތަ މީހަކާ އިންނާކަށް؟” ރައިހާނާވެސް ރަޒާނާގެ ވާހަކައާ ގުޅުވައިގެން ވާހަކަ ދެއްކިއެވެ.
“މަންމާ، ތިހާ ވަރަށް ނުކިޔަސް ތިއްތިވެސް މެރީ ކުރަން ވީމަ ކުރާނެޔޭ” އަޒްހާ އައިސް ޒިއާމްގެ އަތުގައި ހިފައިގެން ރަޒާނާއާ ރައިހާނާއާ ދުރަށް ގެންދިޔައެވެ.
“މީ ސެލެބްރޭޓް ނުކޮށް ދޫކޮށްލާ ކަހަލަ ކަމެއް ނޫނެއްނު؟ ހިނގާ ކަމެއް ރާވާލަން ދޯ؟” އާލިޔާ ޚިޔާލު ދިނެވެ.
“މިރޭ ބާބެކިއުއެއް ހަދަން ވީނު؟” އައިދަން ބުންޏެވެ.
“މިރޭ ވަރަށް މީހުން ގިނަ ވާނެ. ހިނގާ ދަތުރެއް ރާވަން. ކުރިންވެސް އެހެން ކިޔާފަ ނުދެވުނެއްނު؟ އޯވަރ ނައިޓަކަށް ދާނީ” އެ ޚިޔާލު ދިނީ އަޒްހާއެވެ.
“މާދަމާ ދާން ހިނގާ، ބަންދު ދެ ދުވަހެއްނު މި އަންނަނީ؟” އާލިޔާ އަވަސްއަވަހަށް ބުންޏެވެ.
“މައިއަށް އޯކޭ ވިއްޔާ ދޮންބެއަށް މައްސަލައެއް ނެތް” އައިދަން މައިރާއަށް ބަލާލިއެވެ.
“ތީ ވަރަށް ރަނގަޅު ކަމެއް” މައިރާ ވަގުތުން އެއްބަސް ވިއެވެ.
“މައިގެ މަންމަމެންނާ މިޝީވެސް ގެންދަން ވާނެ. މައިގެ ފްރެންޑުން ތެރޭން ދެވޭނީ ކޮން ބަޔަކަށް؟ އޯވަރނައިޓެއް ވިއްޔާ މަޖާ ވާނީ މީހުން ގިނަ ވި ވަރަކަށް” އެންމެ ފޯރީގައި އެ ވާހަކަ ދައްކަމުން ދިޔައީ އާލިޔާއެވެ.
“މަންމަމެން ކައިރީ އަހާލާނަން. ހަމްނާއާ އައިމަލްއަށް ދެވޭ ކަމެއްވެސް އެނގޭނީ އަހާލީމަ” މައިރާ ވަގުތުން ފޯން ނަގާ ފަހަރަކު މީހަކަށް ގުޅަން ފެށިއެވެ.
“މަންމާ، ތިއްތާ. ކޯޗެއް ކައްކާނީ؟” އާލިޔާ ރައިހާނާއާ ރަޒާނާ ކައިރިއަށް ދިޔައެވެ.
“ކައްކާނެ އެއްޗެއް އެނގޭނީ ދާ ބަޔަކަށް. މަންމަމެން މަޑުކޮށްލާނީ. ދަރިފުޅުމެން ގޮސް މަޖާ ކޮށްލާފަ އާދޭ” ރައިހާނާ ބުންޏެވެ.
“ނޫން، މަންމަމެންވެސް ދާން ވާނެ. ތިއްތާ، ބުނެބަލަ މަންމަ ކައިރީ” އާލިޔާ ކުޑަ ކުއްޖެއް ހެން ބޮޑާ ހާކާލިއެވެ.
“ތެދެކޭ މަންމަ އެ ބުނީ. މި ފަހަރު ހުރިހާ ކުދިން ގޮސްލާ. ތިއްތައާ މަންމައާ ބައްޕައާ ދާނީ އެހެން ފަހަރަކުން” ރަޒާނާވެސް ދެކޮޅު ހެދިއެވެ.
“މަންމައާ ބައްޕައަކަށް ނުދެވޭނެޔޯ. އެކަމަކު މިޝީ ދާނަމޯ. ހަމްނާއަކަށްވެސް ނުދެވޭ. އައިމަލްއާ ޝާރިމްއަށް ދެވޭނެ” އެ ވަގުތު މައިރާ ބުންޏެވެ.
“ކޮބާ، މައިރާގެ މަންމަމެންނަކަށްވެސް ނުދެވޭ. ދެން ރާވާ ދަތުރަކު އެންމެން ދާނީ. މި ފަހަރު ދެން މަންމަމެން ބައިތިއްބާފަ ގޮސްލާ” ރައިހާނާ ބުންޏެވެ.
އެންމެ ފަހުން ހަމަ ޖެހުނީ އެ ގޮތަށެވެ. ހުކުރު ވަގުތުގެ ކުރިން ހުރިހާ ކަމެއް ހަމަޖައްސާ ނިންމިއެވެ. ދަތުރަށް ބޭނުން ވާނެ ތަކެތީގެ ބާޒާރު ކުރުންވެސް އިރު އޮއްސުމުގެ ކުރިން ނިންމިއެވެ.
އަނެއް ދުވަހު ހެނދުނު ހަތެއް ޖެހި އިރު ފަނަރަ މީހުންގެ އެ ގްރޫޕް ތިބީ ދަތުރު ދާން ޚާއްސަކޮށް އޮންނަ އެ ރަށުގައި އެ މީހުން ތިބުމަށް ހަމަ ޖެހުނު ގޭގައެވެ. ދިޔަ ގޮތަށް ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އެއްބަޔަކު އުޅުނު އިރު އަނެއް ބަޔަކު ފުރަތަމަވެސް އެރުނީ މޫދަށެވެ.
އެކި ސަކަރާތާ މަޖަލުގައި މުޅި ދުވަސް ހޭދަ ކުރުމަށް ފަހު އީޝާ ނަމާދު ކޮށްގެން އެންމެން ތައްޔާރު ވީ ބާބެކިއު ހެދުމަށެވެ. ފިރިހެނުން އަލިފާންގަނޑު ރޯކުރަން އުޅުނު އިރު އަންހެނުން އުޅުނީ ކުކުޅާ ސޮސެޖާ ފަރުމަހުގައި މިރުސް ލާށެވެ. އެންމެން ކައި ނިމުމުން އޮތީ އަނެއްކާވެސް ކުޅިވަރެވެ.
“މިރޭ ނެތްތަ ސްޕެޝަލް ކަމެއް؟” ލަވަ ބާޒީ ކުޅެން ތިބެފައި އަޒްހާ ފޫހިވެގެން ބުނެލިއެވެ.
އެއާއެކު އެންމެން ބަލާލީ ޒިއާމްއާ ދިމާއަށެވެ.
“އެބަ އަންނަން” އާލިޔާ އެހެން ބުނެފައި ގެޔަށް ވަދެފައި އިރުކޮޅަކުން އައީ ގިޓައެއް ހިފައިގެންނެވެ.
“އާލި އައީ ރެޑީ ވެގެން ދޯ؟ ދެން ޒެޑްއަށް ސަލާމަތެއް ނުވެވޭނެ” ޒިއާމްއަށް ބަލާލާފައި އައިދަން ބުނެލީ ހިނިއައިސްފައެވެ.
“ޕްލީޒް ތިއްތި…؟” ޒިއާމް އަތަށް ގިޓާ ދީފައި އާލިޔާ އެދުނެވެ. އެއާއެކު އެންމެން އަތް ޖަހަން ފެށުމުން ޒިއާމް ގިޓާގައި ހިފިއެވެ.
ޒިއާމް ގިޓާ ހިފައިގެން ގޮސް އެހެން މީހުންނާ ތަންކޮޅެއް ދުރުގައި އިށީނެވެ.
“ޒެޑް، ދޮންތަބޭގެ ފަރާތުން ދޮންއަށް ލަވައެއް ކިޔާދީބަލަ އެންމެ ފުރަތަމަ” މިޝްޔާ އެދުނެވެ.
“ތެދެއް ޒެޑް” އައިދަންވެސް ގޮވާލިއެވެ.
މައިރާއާ އައިދަންއަށް ޒިއާމް ބަލާލިއެވެ. އައިދަންގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިން މައިރާގެ ކޮނޑުގައި އަތް އަޅުވާ ކައިރިކޮށްލަމުން މައިރާގެ ނިތްކުރިއަށް އައިދަން ބޮސްދިނެވެ.
“ދެ ފުރާނަ އެކުވެފާވާ ވަކިވާނެހޭ ހިލާ؟
އުޑުގާ ދެ ނަން އެކީގާ އެ ލިޔަމުން ދަނީ ވިލާ،
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ،
އުދަރެސް މަތިން ބަލާށޭ،
އެ ސިފަ ކޮށްދެނީ ކަލާ….”
ލުއިލުއި މިއުޒިކާ އެކު ޒިއާމް ލަވަ ކިޔަމުން ދިޔަ އިރު އެއްބަޔަކު ޒިއާމްއާ އެއްވަރަށް ލަވަ ކިޔަމުން ދިޔައެވެ. އެ ލަވަ ނިންމާލުމާއެކު އާލިޔާ އެހެން ލަވައެއް ކިޔާދިނުމަށް އެދުނެވެ. އެކި މީހުންގެ އެދުމަށް ޒިއާމް އެކި ލަވަ ކިޔާދިނެވެ. ކޮންމެ ލަވައަކަށް ފަހު ޒިއާމްއަށް ތަޢުރީފްކޮށް އެންމެން އަތް ޖަހައެވެ.
“ޒެޑް، ޖަނަމް ޖަނަމް އެއީ ދޮންއަށް ވަރަށް ރީތި ލަވައެއް” އަނެއްކާވެސް މިޝްޔާ ޒިއާމްއަށް ގޮވާލާފައި އެދުނެވެ.
ޒިއާމް މައިރާއަށް ބަލާލިއެވެ. ހީލަމުން މައިރާ ބޯޖަހާލުމުން ޒިއާމް އެ ލަވަ ފެށިއެވެ.
“ޖަނަމް ޖަނަމް ޖަނަމް ސާތް ޗަލްނާ ޔުހީ،
ގަސްމަ ތުމްހޭ ގަސަމް އާކެ މިލްނާ ޔެހީ،
އޭކް ޖާން ހޭ ބަލޭ ދޯ ބަދަން ހޯ ޖުދާ،
މެރި ހޯކޭ ހަމޭޝާހީ ރެހެނާ ކަބީ ނާ ކެހެނާ އަލްވިދާ…
މެރި ސުބްހާ ހޯ ތުމްހީ، އޮރް ތުމްހީ ޝާމް ހޯ،
ތުމް ދަރްދް ހޯ ތުމްހި އާރާމް ހޯ،
މެރި ދުއާއޯނސެ އާތީހެ ބަސް ޔޭ ސަދާ،
މެރި ހޯކޭ ހަމޭޝާހީ ރެހެނާ ކަބީ ނާ ކެހެނާ އަލްވިދާ…”
ޒިއާމް ލަވަ ކިޔަމުން ދިޔަ އަޑު އަހަން އިން މައިރާ އައިދަންގެ މޭގައި ލައްވެލިއެވެ.
“އައި ލަވް ޔޫ…” ދެ މީހުންނަށް އެއްފަހަރާ ބުނެވުނެވެ.
ލަވަ ނިންމާލާފައި ޒިއާމް ލޯ މަރައިގެން އިން ގޮތަށް އިނެވެ. އެ ލަވައިގެ ކޮންމެ ބަހަކުން ޒިއާމްގެ ހިތަށް ތަދުވަމުން ދިޔައެވެ.
އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު، އެއްވެސް މީހެއްގެ އެދުމަކާ ނުލާ ޒިއާމް ލަވަ ކިޔަން ފެށިއެވެ.
“ލޭކަރް ޔާދޭ ތެރީ ރާތޭ މޭރީ ކަޓީ،
މުޖްސޭ ބާތޭ ތެރީ ކަރްތީހޭ ޗާންދްނީ،
ތަންހާ ހޭ ތުޖް ބިން ރާތޭ މެރީ،
ދިން މޭރޭ ދިންކޭ ޖޭސޭ ނެހީ،
ތަންހާ ބަދަން ތަންހާހެ ރޫހް، ނަމް މޭރި އާނކޭ ރަހޭ،
އާޖާ މެރޭ އަބް ރޫބަރޫ، ޖީނާ ނެހީ ބިން ތެރޭ،
ތޭރޭ ބިން މޭ ޔޫނ ކޭސޭ ޖިޔާ، ކޭސޭ ޖިޔާ ތޭރެ ބިން…..
ކަބެސޭ އާކޭ މެރީ، ރާހަމޭ ތޭރޭ ބިޗީ،
ބޫލޭސޭ ހީ ކަބީ، ތޫ މިލްޖާއޭ ކަހީ،
ބޫލޭ ނާ މުޖްސޭ ބާތޭ ތެރީ، ބީގީހޭ ހަރް ޕަލް އާނކޭ މެރީ،
ކްޔުން ސާސް ލޫން، ކްޔުން މޭ ޖިޔޫން، ޖީނާ ބުރާސާ ލަގޭ،
ކްޔޫން ހޯގަޔާ ތޫ ބޭވަފާ، މުޖްކޯ ބަތާދޭ ވަޖޭ…..
ތޭރޭ ބިން މޭ ޔޫނ ކެސޭ ޖިޔާ، ކޭސޭ ޖިޔާ ތޭރެ ބިން…..”
ލަވަ ނިންމާލާފައި ޒިއާމް އިސް ޖަހައިގެން އިން ގޮތަށް އިނެވެ. އެކަކުވެސް އެ ލަވަ ނިމުމުން އަތެއް ނުޖަހައެވެ. ހީވީ އެ ލަވައަކީ ޒިއާމްގެ ހިތުގެ އަޑު ކަން އެންމެންނަނަށް އެނގިގެން ތިބި ހެންނެވެ.
ޒިއާމް ލަވަ ކިޔަމުން ދިޔަ އަޑު އަހަން އިން މައިރާގެ ލޮލުން ކަރުނަ އަންނަން ފެށީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ލަވައަށް ގެއްލިފައި އިން އައިދަން މައިރާގެ މޫނަށް ބަލާލީ ޒިއާމް ލަވަ ނިންމާލުމުންނެވެ. މައިރާ ރޯ ކަން އައިދަންއަށް އެނގުނީ އެ ވަގުތުއެވެ.
“މައި…؟ ކިހިނެއް ވީ؟” ކަން ބޮޑުވެފައި އައިދަން އަވަސް އަވަހަށް އަހާލިއެވެ.
“ކަމެއް ނުވޭ…” ދެ އަތުން މޫނު ފޮހެލަމުން މައިރާ ހީލިއެވެ.
ހިމޭން ވެފައި އޮތް ތަނުގައި އެ އަޑު ޒިއާމްއަށްވެސް އިވުނެވެ. އިސް އުފުލާ މައިރާއާ ދިމާއަށް ޒިއާމް ބަލާލި އިރު ޒިއާމްގެ ލޯވެސް ހުރީ ފެންކަޅި ވެފައެވެ. މައިރާވެސް ޒިއާމްއާ ދިމާއަށް އެ ވަގުތު ބަލާލިއެވެ.
ޒިއާމްއަށް ބަލާލުމާއެކު މައިރާއަށް އަނެއްކާވެސް ރޮވުނީއެވެ. އައިދަން މައިރާ ގެނެސް މޭގައި ޖައްސާލަމުން އެ އިސްތަށިގަނޑުގައި ބޮސްދިނެވެ.
ވެލިގަނޑުމަތީ ގިޓާ ބާއްވާފައި އެ ތަނުން ދުރަށް ހިނގައިގަތެވެ.
“ޒިއާމް…!” ޒިއާމް ދިޔަތަން ބަލަން އިން އައިދަން ގޮވާލިއެވެ. ނަމަވެސް ޒިއާމް އެ އަޑު ނަހާ ދުރަށް ދިޔައެވެ.
“އައިދަން… ހީ އިޒް ސްޓިލް ހަރޓިންގް … އެ ލަވަ ކީ އެހެންވެ…” މައިރާ މަޑުމަޑުން ބުންޏެވެ.
“އެނގޭ… އެހެންވެތަ މައިއަށް ރޮވުނީ؟” އައިދަން ދެ އަތުން މައިރާގެ މޫނުގައި ހިފާ އުފުލާލަމުން އެހިއެވެ.
މައިރާ ބޯ ޖަހާލިއެވެ.
“ޒިއާމްއަށް ހެލްޕް ވާނެ ގޮތެއް ނޭނގޭ…” އައިދަން ބުނެލީ ޒިއާމް ދިޔަ ދިމާއަށް ބަލަން އިނދެއެވެ. ޒިއާމް އެ ލަވަ ކިޔަމުން ދިޔަ އިރުވެސް އައިދަން ހިތަށް އެރީ އެހެންނެވެ. އެ ލަވައިގެ ކޮންމެ ބަހަކި ޒިއާމްގެ ހިތް ދެވިފައިވި އަންހެން ކުއްޖާއަށް ޓަކާ އެ ހިތުގައި އަދިވެސް ވާ އިހްސާސްތައް ކަން އައިދަންއަށް ވިސްނުނެވެ. ޒިއާމްގެ ހިތުން އެ އަންހެން ކުއްޖާގެ ނަން ފޮހެލުމަކީ ފަސޭހަ ކަމެއް ނޫންކަންވެސް އައިދަންއަށް ވިސްނެއެވެ. އައިދަންއަށް ނުވިސްނެނީ އެ ކަންތަކުގައި ޒިއާމްއަށް އެހީވާނެ ގޮތެކެވެ. ކިތަންމެ ބޭނުން ވިޔަސް ޒިއާމްއަށް އެހީއެއް ވެދެވޭނީ އެ ކުއްޖަކާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް އައިދަންއަށް އެނގިގެންނެވެ. ނަމަވެސް ޒިއާމް އެ ހުރިހާ ދުވަސް ވީ އިރުވެސް އެއްވެސް އެއްޗެއް އައިދަންއާ ހިއްސާއެއް ނުކުރެއެވެ.
އެތާ ތިބި އެންމެންވެސް ތިބީ ހިމޭން ވެފައެވެ. އެ ލަވައަށް ފަހު ޒިއާމް އެ ތަނުން ދިޔުމުން، އެ ލަވައަކީ ޒިއާމްގެ ހިތާ ގުޅިފައިވި ލަވައެއް ކަން އެންމެންނަށްވެސް ނަގައިގަނެވުނީ އިތުރު އެއްޗެއް ބުނުމަކާ ނުލައެވެ. އާލިޔާއާ އަޒްހާވެސް ހައިރާންވެފައި ޒިއާމް ދިޔަތަން ބަލަން ތިބީ، ޒިއާމްގެ ޙަޔާތުގައި އެ ލަވަޔާ ގުޅުން ހުރި ކަމެއް ހިނގާފައި އޮވެދާނެކަން ގަބޫލު ނުކުރެވިފައެވެ.
“އެބަ އަންނަން… މައި އޯކޭތަ؟” އައިދަން އެ ވަގުތު ބޭނުން ވީ ޒިއާމް ކައިރިއަށް ދާށެވެ.
“އޯކޭ… ދޭ” މައިރާވެސް ބޭނުން ވީ އެ ގޮތެވެ.
ރާޅު ޖަހާ ފަށުގައި ހުރި ޖޯލިފަތީގައި އިން ޒިއާމް ކައިރީ އައިދަން އިށީނެވެ. ޒިއާމް އޮތް ގޮތަށް އައިދަންއަށް ބަލާވެސް ނުލާ އޮތީއެވެ.
“ހޫ އިޒް ޝީ؟” އިރުކޮޅަކު ވާހަކަ ނުދައްކާ އޮވެފައި އައިދަން އެހިއެވެ.
ޒިއާމް ޖަވާބެއް ނުދިނެވެ.
“ޒިއާމް… އެޓް ލީސްޓް ނަން ބުނެބަލަ” އައިދަން އެދުނެވެ.
“ނޯ!”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.








Hi, here’s part 5, hope u ppl like it. Part 6 on Thursday.
❤️❤️❤️
Masha Allah varah ? reethi mi part ves ? waiting for next part ??
Masha allah varah reethi sisoo??
Ekamaku ziyam ulhey gothun varah sad??
Maasha Allah Varah reethi mi part vas waiting for next part sis ????????this is my favorite story now ??????love it ?????????????stay safe ??sis age how much ?????
Vrh sali Mi part ves
Masha Allah keep it up
varah reethi maashaallah
cant wait for next part