އާ ދުވަހަކަށް އިރުގެ ދޯދި ތަކުން މުޅި މަލެ ތެރެ ރަސްކަންކުރަން ފެށުމާއެކު ހެން މަގުތައް ފުރިބާރު ވެއްޖެއެވެ. އެ ހަމަ ހިމޭން މާޙައުލު ހަލަބޮލި ކޮށްލީ އެއްގަމު އުޅަނދު ތަކުގެ އަޑުތަކުންނާއި އެކި ދިމަދިމާއަށް ހޭލަމޭލަވަމުން ދިޔަ މީހުން ތަކުގެ އަޑުންނެވެ.
“ތާރާ! ތާރާ ރައްޔާން! ހަމަ މިހާރު ތެދުވޭ! އެހެން ނޫނީ ހަމަ ހުވާ މިބުނީ މޫނުމައްޗަށް ފިނިފެން އަޅާނަން!” ޔުކްތާ ތާރާގެ ގައިގައި އަޅާފައިވާ ބެޑުޝީޓު ދަމައިގަތެވެ. “ދެންންންން! އަހަރެން ނިދިޔަ ދީބަލަ!” ތާރާ އަނެއްކާވެސް އޮތް ގޮތަށް އޮތީއެވެ.
“ތާ! ދެން ތެދުވޭ! ދަތުރު ދާ ގަނޑި ޖެހެނީއޭ!” ސަމާ ވެސް ގޮވަން ފެށިއެވެ. އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން ތާރާ ބޯދަށުގައި އޮތް ބާލީސް ނަގާ އެތަނުން އެކަކާ ދިމާއަށް އެއްލިއެވެ. އަދި އަނެއް ބާލީސް ނަގާ ކަންފަތުގައި އަޅާ ބާރު ކޮށްލިއެވެ. އެއާއެކު އީކަން އެ ބާލީސް ދަމައިގަތެވެ.
“ހެލޯ ގާއިސް!” ކޮޓަރި ތެރެއަށް ވަދެގެން އައި ޖައިލަމް އަޑުގެ ނެއްކޮޅަށް ހަޅޭއްލަވައި ގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގައި އައިސް ޖެހުނީ ބަލީހެކެވެ. ސިހިފައި އޭނާ ބަލާލިއިރު ފެނުނީ ސަމާ އާއި ޔުކްތާ އާއި އަދި އީކަން ތާރާއަށް ގޮވަން އުޅުންހާލެވެ. އޭނާ ގާތަށް އައީ ހިންޏެވެ. އޭނާއަށް މޮޅު ހިޔާލެއް ލިބުނެވެ.
ތާރާ އޭނާގެ ބާލީސް އަތުލުމުން ދެންވެސް އޮތީއެވެ.
“ކިޔާން އެބަ އިން ސިޓިންރޫމްގަ ލަސްވެފަ.” އިވުނީ ޖައިލަމްގެ އަޑެވެ.
‘ވެއިޓް. ޑިޑް ހީ ޖަސްޓް ސޭ… ކިޔަންންން؟! ހީ އިޒް ހިޔަރ؟!’ ތާރާ ވަގުތުން ކޮޅަށް ޖެހުނެވެ. ވަގުތުން އެންމެންގެ މޫނަށް ބަލާލުމަށް ފަހު މި ތެދުވީ އޭ ބުނެ ދުވެފައި ގޮސް ފާޚާނާ އަށް ވަނެވެ. ތާރާ ކަންތައް ކުރި ގޮތުން އީކަން ހުރީ ވާނުވާ ނޭނގިފައެވެ. އޭރު ޖައިލަމްގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. ސަމާ އާއި ޔުކްތާއަށް އެއީ ޖައިލަމް ކުރި ކަމެއް ކަން ނޭނގުން ނަމަވެސް ތާރާއަށް އެވީ ގޮތަކީ ކިޔާންގެ ވާހަކަ ބުނުމުން ވީގޮތެއް ކަން އެނގުމުން، އެކުދިން ގާތަށް ވެސް ހިނިއައެވެ.
ތާރާ ފެންވަރާ ރީތި ވެލައިގެން އެހެން ދުވަސް ތަކާއި ހިލާފަށް ލީ ކަކުލާއި ހަމައަށް އަރާ ވަރުގެ ބިސްކުލައިގެ ހެދުމަކާއި މަޑުފެހިކުލައިގެ ކުލައިގެ ފުއްޕި ހަރުވާޅެކެވެ. އެއީ ދަތުރު ގޮސް އުޅޭއިރު ފަސޭހަ އަކަށެވެ.
ތަރާ ސިޓިންރޫމަށް ދިޔައިރު އެތާގައި ޖައިލަމް، އީކަން، ސަމާ އަދި ޔުކްތާ ތައްޔާރު ވެގެން އިނެވެ. ނަމަވެސް ކިޔާނެއް ނެތެވެ. އޭނާ ވާނުވާ ނޭނގިފައި ބަލާލީ ޖައިލަމަށެވެ. އޭރު އެއްމިޔަކަނުން ހީލައިގެން އިން ޖައިލަމް ފެނިފައި އޭނާ ކިޔާން އޭ ކިޔާ ހެދީ ދޮގެއްކަން އެނގުނެވެ. ތާރާ ވަގުތުން ތުންކޮޅު އޫކޮށްލަމުން ޖައިލަމާ ދިމާއަށް ލޯ އަޅާލިއެވެ.
ތާރާ އައުމާއެކު އެންމެން ބޭރަށް ހިނގައިގަތެވެ. ކާރު ތަކަށް އަރައި ދުއްވާލި އިރުވެސް ކިޔާން އާއި ދީމާ އެއް ނާދެއެވެ.
“ކިޔާން އާ ދީމާ ނާންނަނީތަ؟” އެންމެފަހުން ކެތް ނުވެގެން ތާރާ އެއްސެވެ. “އޭނަ ފޯނެއް ނުނަގާ ގުޅީމައެއް. ދީމާ އަށް ގުޅީމަ ބުނީ ބަނދަރުމަތިން ބައްދަލު ކުރާނަމޯ.” ޖަވާބު ދިނީ ސަމާއެވެ. “އޮހް.” ތާރާ މަޑުމަޑުން ބުނެލި އެވެ.
ބަނދަރަށް ދެވުމާއިއެކު އެންމެ ފުރަތަމަ ވެސް ކާރުން ފޭބީ ތާރާއެވެ. އީކަން ވެސް އޭނާގެ ކާރުން ފައިބައިގެން އައިސް ހުއްޓުނީ ތާރާ ކައިރީގައެވެ. އަދި ފޯނު ނަގައި ކިޔާނަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުން އެކޮޅުން ފޯނު ނެގިއެވެ. އަދި މިހާރު ބަނދަރު ކައިރީގައި ސައިކަލް ޕާކު ކުރަނީ ކަމަށް ބުންޏެވެ.
ކިޔާން އާއި ދީމާ އައީ އިރުކޮޅެއް ފަހުންނެވެ.
ކިޔާނަށް ތާރާ ފެނުމާއެކު ހީވީ ކަރުތެރޭގައި ނޭވާ ތަށިވީ ހެންނެވެ. މީގެ ކުރިން ތަނބިކަށްޓާއި ހަމައަށް އަރާ ވައްތިރި ހެދުން ނޫނީ ނުލާ ކުއްޖާ ކަކުލާއި ހަމައަށް އަރާވަރުގެ އަރިފެޅި ރީތި ހެދުމެއްގައި ހުރިތަން ފެނުމުން ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެ ރީތި ދެލޮލުގައި ވެސް މިއަދު އާދަޔާޚިލާފު ވިދުވަރެއް ވާތަން ފެނުމުން ކިޔާން އާޝޯޙުވިއެވެ.
ތެދެކެވެ. ތާރާ މިއަދު އެހުރީ ވަރަށް އުފަލުން ނެވެ. ދަތުރު ދެވޭތީއެވެ. އޭނާގެ މޫނުމަތިން ވެސް އޭނާ ވެފައިވަނީ އުފާ ފެނެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ތާރާގެ ތުންފަތްމަތީގައި ވިދަމުން ދިޔަ ހިނިތުންވުން ފިލައިގެން ދިޔައީ އޭނާގެ ހިތުގައި ރަސްކަން ކުރާ ސާހިބާގެ އަތް ދީމާގެ އުނަގަނޑުގައި ވަށާލެވިފައިވާ މަންޒަރު ފެނިފައެވެ.
އެއާއެކު ވަގުތުން މި ދަތުރަކީ އޭނާއަށް އުފަލާ މަޖަލަށް ވުރެ ބޮޑަށް ވޭނަކަށް ވާނޭ ދަތުރެއް ކަން ވިސްނުނެވެ. ތާރާ ވަގުތުން މޫނު އަނބުރާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް މާލޭ ފަޅުތެރެއަށް ވަތް ލޯންޗެވެ.
ލޯންޗް ލެފުމާއެކު އެންމެން އަރާ ހަމަޖެހިލިއެވެ. ތާރާ އެކަނިވެލަން ބޭނުން ވުމުން އޭނާ ގޮސް އިށީނީ އެންމެންނާ ތަންކޮޅެއް ދުރު ސީޓެއްގައެވެ. އޭރު ދީމާ އާއި ކިޔާން އެކަކު އަނެކަކު ކައިރީ އިށީނދެ ތިއްބެވެ.
ހިތްފަސޭހަ ދަތުރަކަށްފަހު ލޯންޗް ގޮސް އެރަށަށް ލެފިއެވެ. އޭރު އެންމެންގެ މޫނުމަތީގައި ވެސް އުފާވެރި ކަމުގެ ހިނިތުންވުމެއް ވިއެވެ. ލޯންޗުން ފޭބުމާއެކު ލޯންޗް އަނބުރާ މާލެ ދާން ފުރިއެވެ. އެހެންކަމުން އެކުދިން އަވަސްވެގަތީ އެކުދިން ހުރުމަށް ހަމަޖެހިފައިވާ ކެބިން އަށް ދިއުމަށެވެ.
އެ ކެބިން ހުރީ އަތިރިމަތީގައެވެ. އެ ކެބިންގައި ސިޓިންރޫމާ ބަދިގެއާ ނުލައި 2 ކޮޓަރި ހުއްޓެވެ. ލަކުޑިން ރީތި ފަރުވާއަކަށް ހަދާފައިވާ އެ ކުޑަ ގެ ވަރަށް ރީއްޗެވެ. ހީވާގޮތުންނަމަ އެގެ އެންމެ ކަމުދިޔަ މީހަކީ ތާރާއެވެ. ބުނެވޭނީވެސް އެހެންތާއެވެ. އެގެއަށް ވަނިއްސުރެ އެކުއްޖާ އެ އުޅެނީ އެކި ދިމަ ދިމާއަށް ދުވެލަ ފުވެލައެވެ. ދޭތެރެއަކުން ހީލާ އަޑުވެސް އިވެއެވެ.
އެ މަންޒަރު ކިޔާންއަށް ފެނުނީ ހުވަފެނީ ގޮތަކަށެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ވެސް ހީލެވުނެވެ. ހީވަނީ އެކި ދިމަ ދިމާއަށް އުދުހިލާފައި އުޅޭ ކޮކާލެއް ހެންނެވެ. އެ އާދަޔާޚިލާފު އަންހެން ކުއްޖާ އޭނާގެ ހަރު ހިތާ އެ ކުޅެލަނީ ކިހިނެއް ކަމެއް ހުދު ކިޔާން އަކަށް ވެސް ނުވިސްނުނެވެ.
މީގެ ކުރިން އޭނާގެ ހިތާ ސިކުނޑި ދެބަސްވުމެއް ނެތި ކުރިއަށް ދިޔައީ އޭނާ އަޅާ ފިޔަވަޅު މަތިންނެވެ. ނަމަވެސް މިއަދު އޭނާގެ ހިތާއި ސިކުނޑީގެ ދޭތެރޭގައި ހަނގުރާމައެއް ކުރެވުމުން އެދަނީ އަންހެންކުއްޖެއްގެ ސަބަބުންނެވެ. އޭނާ އަޅާ ފިޔަވަޅު ތަކުން ހިނގުމުގެ ބަދަލުގައި އޭނާގެ ހިތް މިއަދު އެދަނީ އެއާ ވީ އިދިކޮޅަށް ފިޔަވަޅު އަޅަމުންނެވެ. ހަމަ އެ އަންހެން ކުއްޖާގެ ސަބަބުންނެވެ.
ތާރާއަށް އެ ކުޑަކުޑަ ގެ ވަރަށް ކަމުދިޔައެވެ. އަދި އަތިރިމަތީގައި އެގެ ހުރުން ވީ އޭނާގެ ހިތަށް އިތުރު ހަމަޖެހުމެއް ލިބުން ކަމަކަށެވެ.
ހެދުނުގެ ނާސްތާ އަކަށް އެމީހުން ތައްޔާރު ކުރީ މަސްހުންޏާއި ރޮށްޓެވެ. ސައިބޮއެ އެންމެ ފުރަތަމަ ނިމުނީ ވެސް ތާރާއެވެ. އޭނާ ކާގެއިން ނިކުތްތާ އިރުކޮޅެއް ފަހުން އެހެން އެންމެން ވެސް ނިމުނެވެ. އެހެންކަމުން ހިނގާލަން ދިއުމުގެ ގޮތުން އެމީހުން ގެއިން ނުކުތް ތަނާ ފެނުނު މަންޒަރަކުން އެމީހުން ގާތަށް ހިނިއައެވެ. ނަމަވެސް މޫނު ހަދައިގެން ހުރީ ދީމާ އެކަންޏެވެ.
ތާރާ ހުރީ އޭނާ ލައިގެން ހުރި އަރިފެޅި ހެދުން އަރުވާ ޖަހައިގެން ކަކުލަށްވުރެ ކުޑަތަންކޮޅެއް ތިރިއާ ހިސާބަށް ތެމޭ ވަރަށް މޫދަށް އެރިގެނެވެ. ދޭތެރެ ދޭތެރެއަކުން ފައިން ޖަހާ ދުރަށް ފެން ވިއްސާލާނެއެވެ. އޭރު އޭނާގެ މޫނުމަތީ ބަބުޅަމުން ދިޔައީ އުފާވެރި ކަމެވެ. އޭނާގެ މަޑު ހުނުމުގެ އަޑު އެ ހިސާބުގައި ގުގުމަމުން ދިޔަ ދިޔަމުން އޭނާގެ މައުސޫމް ކަން ފާޅުވިއެވެ.
އޭނާ މޫދުން އަތްގޮށްޓެއްގެ ފެން ނަގާ މައްޗަށް އުކާލަމުން އަނެއްފަރާތަށް އެނބުރެލިއެވެ. އޭރު އޭނާއާ ދިމާއަށް ބަލަމުން ދިޔަ އޭނާގެ އެކުވެރިންނާއި ކިޔާން ފެނުމުން ލަދުގަތެވެ. އެ ލޯބިލޯބި ވަށްމޫނުކޮޅު ވަގުތުން ޖަންބެއްހާ ރަތްވިއެވެ.
“މޫދު ބުޅާ އެހާ އަވަހަށް މޫދަށް އެރުނިއްޔޭ.” ސަމާ ހެމުން ހެމުން ބުނެލިއެވެ. “ދެންންންން ސަމްމްމް!” ތާރާ ލޯ އަޅާލަމުން އެއްގަމަށް އެރިއެވެ. “ކޮންތާކަށް ދާން ތި އުޅެނީ؟” ތާރާ އެމީހުންނާ އަރާހަމަވުމުން އަހާލިއެވެ.
“ރަށް ވަށާ ބުރުޖަހާލަން.” ޔުކްތާ ބުނެލިއެވެ. އެހެންކަމުން ތާރާ އަވަސްއަވަހަށް ކެބިން އަށް ވަނުމަށް ފަހު އޭނާގެ ދަބަސް ތެރޭގައި އޮތް ކެމެރާ ހިފައިގެން އައެވެ. އަދި އެންމެން އެކުގައި ހިނގާލަން ދިޔައެވެ.
ތާރާ ދިޔައީ އޭނާއަށް ފެންނަމުން ދިޔަ އަޖައިބު ކުރުވަނިވި ގުދުރަތީ ރީތިކަމުގެ މަންޒަރުތައް އެ ކެމެރާގައި ރައްކާ ކުރަމުންނެވެ. އަދި ބައެއް ފޮޓޯތައް ފޯން އިން ނެގުމަށް ފަހު ކައިލާން އަށާއި ރަށުގައި އުޅޭ އަކުރަމް މެނަށް ފޮނުވާލައެވެ.
ތާރާ އަށް އިތުރު އުފާވެރިކަމެއް ލިބުނީ ކިޔާން ދޭތެރެ ދޭތެރެއިން އޭނައާ ވާހަކަ ދައްކާލަން ފެށުމުންނެވެ. ނޫނެކެވެ. ވާހަކަ ދެއްކީކީ ނޫނެވެ. ކުރީގައިހެން ކަންކަމާ ޒުވާބުކޮށް އެކަކު އަނެކަކަށް މަލާމާތްކޮށް ސަކަރާތް ޖެހީއެވެ. ކޮންމެއަކަސް ތާރާއަށް މިކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
ކިޔާންގެ ހިތް އޭނާގެ ސިކުނޑިއަށް ވުރެ ކުރިހޯދުމުގައި ކާމިޔާބު ކުރަންފެށިއެވެ. އޭނާ ތާރާއާ ވާހަކަ ވެސް ދެއްކިއްޖެއެވެ. ކުރީގައި ހެނެވެ. އެކަމާ ކިޔާން އަމިއްލަ ނަފްސާ ދޭތެރޭ ކިތަންމެ ރުޅިއައިސް ހިތްހަމަނުޖެހުނެއް ކަމަކު އޭނާއަށް ވެސް ބަޔާންކުރަން ނޭނގޭ އުފަލެއް ތާރާއާ ވާހަކަ ދެއްކުމުން ލިބުނެވެ.
އަނބުރާ ގެއަށް އައި ގޮތަށް އައިސް އެންމެން ފަޅޯ މަޖާ ހެއްޖެވެ. އެ ކާން ތިބި އިރު އެތާކު ޖައިލަމް ނެތްކަން އެންމެނަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ކެއުމުގެ ފޯރި މާގަދައެވެ. ވަކި ހިސާބަކުން ކޮންމެވެސް ކަމަކާ ތާރާ އާއި ކިޔާން ޒުވާބު ކުރަން ފަށައިފިއެވެ. އެންމެފަހުން ސަމްސަލުން މަޖާ ނަގައި ދެމީހުން ދެމީހުން ގަޔަށް އުކަން ވެސް ފެށިއެވެ.
“ފޮނި މީހާގަނޑެއް!” ތާރާ ކިޔާނާ ދިމާއަށް މަޖާ ސަމުސަލެއް އުކަމުން ބުންޏެވެ.
“ތުއި ކުއްޖާގަނޑެއް.” ކިޔާން ވެސް މޫނު މައްޗަށް ގޮތެއް ހަދާ ލަމުން ތާރާ ބުނި ރާގަށް ބުނެލިއެވެ.
“ހުއް. ކަންތައްބޮޑޭ މީނަގަނޑު!” ތާރާ އޭނާ އަތުގައި ހުރި ފެންތަށި ނަގާ ކިޔާންގެ މޫނުމައްޗަށް ޖެހިއެވެ.
މޫނު މަތީގައި ފެންތައް ޖެހުމާއެކު ކިޔާންއަށް ސިހުމެއް ލިބުނެވެ. ދެވަނަ ސިކުންތުގައި އޭނާ އަތުގައި ހުރި ކޯކު ތަށި ތާރާގެ މޫނު މައްޗަށް ޖެހިއެވެ. ތާރާ ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ގޮޑިން ތެދުވިއެވެ. އަފި އަމިއްލަ ހެދުމަށް ބަލާލުމަށް ފަހު ކިޔާން އާ ދިމާއަށް ބަލާލިއެވެ. އޭރު އެ ދެލޮލުގައި ވިދުވަރެއް ވިއެވެ.
“ޔޫ!” ތާރާ ކިޔާނާ ދިމާއަށް އިނގިލި ދިމާކުރަމުން ހަޅޭއްލަވައި ގަތެވެ. “ޔޫ!” ކިޔާން ވެސް ތެދުވެ ލަމުން ތާރާއާ ދިމާއަށް އިނގިލި ދިއްކުރަމުން ތާރާ ބުނި ރާގަށް އަންހެން އަޑަކުން ހަޅޭއްލަވައި ގަތެވެ. އެއާއެކު ކައިރީ ތިބި އެންމެން ޕަކަޕަކަ އަޅާފައި ހިނިގަނޑެއް ޖަހާލިއެވެ.
ތާރާގެ ރުޅިގަނޑު އިތުރު ވިއެވެ. “ޔޫ! ކިޔާންގަނޑު! މަގޭ ހެދުމޭ ތިހަރާބު ކޮށްލީ!” ތާރާ އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ. ކިޔާން ގާތަށް އައީ ހިންޏެވެ. “ވެލް. ޔޫ ސްޓާޓެޑް.” އޭނާ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދުވެލަ ދުވެލާވިއެވެ.
ތާރާ ބިންމަތިން ވެލި މުށެއް ނަގައި ކިޔާން އާއި ދިމާއަށް އެއްލިއެވެ. ވަގުތުން ސަމާމެން މަޖާ ތަށި ހިފައިގެން ދުރަށް ޖެހިލިއެވެ.
ކިޔާން ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ވެސް ވެލި މުށެއް ނަގައި ތާރާ ގަޔަށް ޖެހިއެވެ. އެހިސާބުން ވެލި އުކުން ފެށުނީއެވެ. ފޯރީގައި ވެލި އުކަމުން ދިޔަ ދެމީހުންނަށް އެކަންތައް ފެށުނީ ކޮން ކަމަކާ ކޮން ޒުވާބަކުން ކަން ވެސް ހަނދާން ނެތުން ކަހަލައެވެ.
ކުއްލިއަކަށް އައި ނައި ދިމާއެއް ނޭނގި ތާރާގެ ގައިގައި އައިސް ޖެހުނީ ޖޫސްޕެޓީ ކޮތަޅެކެވެ. ރަތް ކުލަ އަޅާފައި ހުރި ކޮތަޅެކެވެ. ތާރާ އިސް އުފުލާ ބަލާލިއިރު ކިޔާން ހުރީ ދެވަނަ ކުލަ ޕެކެޓު ނަގައި ތާރާއާ ދިމާއަށް އެއްލަން ތައްޔާރަށެވެ.
ދެން އިވުނީ ސަމާ އާއި ދީމާގެ ހަޅޭކާއި ޔުކްތާގެ ހުނުމުގެ އަޑެވެ. ތާރާ ބަލާލިއިރު ޖައިލަމް ސަމާއާއި ދިމާއަށް ރަތް ކުލަ ޕެކެޓެއް ޖަހަނީއެވެ. ދީމާ ހުރީ ނޫކުލައިން ފޯވެފައެވެ. އޭރު ފެހިކުލައިން ފޯވެފައި ހުރި އީކަނާއި ދިމާއަށް ޔުކްތާ ދެވަނަ ޕެކެޓު ޖަހަނީއެވެ.
ކިޔާން މަތިން ހަނދާން ނެތިފައި ހުރި ތާރާއަށް ހަމަ ބިމަށް އާދެވުނީ ކިޔާން އެއްލި ކުލަޕެކެޓު އޭނާގެ މޫނުމައްޗަށް ފަޅައިގެން ދިޔުމުންނެވެ. ބައެއް ކުލަތައް އޭނާގެ އަނގައަށް ވެސް ވަނެވެ. ތާރާ ވަގުތުން ކުޅު ޖެހިއެވެ. އަދި ދަތްކުނޑި ވިކާލަމުން ކިޔާނާ ދިމާއަށް ބަލާލިއެވެ. ތާރާގެ ފެހިކުލައިގެ ދަތްތައް ފެނިފައި ކިޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
ވަގުތުގެ ބޭނުން ހިފައި ތާރާ ދުވެފައި ގޮސް އަށި މަތިން ދެތިން ޖޫސްޕެޓީ ކޮތަޅާއި ހަތަރު ކާކުލަ ފުޅި ނެގިއެވެ. އަދި ކުލަފުޅިތައް ހަރުވާޅުގެ ޖީބަށް ލަމުން ކިޔާނާއި ދިމާއަށް ދުއްވައިގަތެވެ.
ބިނދި ބިނދިފައި ހޭން އޮތް ކިޔާންގެ ހުނުން ހުއްޓުނީ އޭނާގެ ބޮލަށް ކުލަ ޕެކެޓެއް ޖެހުމުންނެވެ. އެވަގުތު ދުރުގައި އުނަގަނޑުގައި އަތް ވިއްދާލައިގެން ފޮނި ވެފައި ހުރި ތާރާ ފެނިފައި އޭނާ ތާރާއާ ދިމާއަށް ދުއްވައިގަތެވެ.
ކިޔާން ދުވެފައި އަންނަތަން ފެނުމުން ތާރާ ހަޅޭއްލަވައި ގަންނަމުން ކިޔާންއާ ވީ ދިމާ އިދިކޮޅަށް ދުއްވައިގަތެވެ. ތާރާ ދުވަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ފަހަތް ބަލާލައެވެ. ކިޔާން އޭނާއާ ކައިރި ވަމުން ދާ ވަރަކަށް އަނެއްކާވެސް ހަޅޭއްލަވައި ގަނެފައި ދުއްވައިގަނެއެވެ.
ކިޔާން އައިގޮތަށް އައިސް ތާރާގެ އުނަގަނޑުގައި ބެއްދިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލުމަކާއި ނުލާ އޭނާ ތާރާ ގެ ބޮލަށް 2 ކުލަޕެކެޓު ފަޅާލިއެވެ. އަދި ތާރާގެ މޫނު މަތީގައި ކިޔާން ރަތް ކުލަ ހާކާލިއެވެ. ތާރާ އޭނާގެ ތޫލި އަޑުން ހަޅޭއްލަވައި ގަތެވެ. އަދި އޭނާގެ ޖީބުން ފެހި ކުލަ ފުޅިއެއް ނަގައި އެ އެއްކޮށް ކިޔާންގެ ބޮލަށް އޮއްސާލިއެވެ. އެއާއެކު އެތާގައި ދެމީހުންގެ ހުނުމުގެ އަޑު ގުގުމާލިއެވެ.
ކުއްލިއަކަށް ކިޔާން ތާރާ އޭނާގެ އަތްދަނޑި މައްޗަށް ނެގިއެވެ. ދެލޯ ބޮޑު ކޮށްލާފައި ތާރާ ކިޔާނާއި ދިމާއަށް ބަލާލި އިރު އޭނާގެ މޫނުމަތީގައި ވީ ލާނެތްކަން ފެނުނެވެ. އެއާއެކު ދެން ވާން އުޅެނީ ކީއްކަން އެނގުމާއެކު ހަޅޭއްލެވަން ފެށިއެވެ. ކިޔާންގެ ކޮނޑުގައި ވެސް ދެތިން ފަހަރު ޖެހިއެވެ.
“އައި ވިލް ކިލް ޔޫ ކިޔާން! އަހަރެން މޫދަށް ނުލާތި، ޔޫ ޑޮންކީ!”
“ހަހަހަ. ވޮޗް މީ، މަންކީ!”
ކިޔާން އަވަސް އަވަހަށް މޫދާ ދިމާއަށް ދުއްވައިގަތެވެ. އެއާއެކު ތާރާގެ ހަޅޭއްލެވުން ގަދަވިއެވެ. ތާރާއަށް ވަމުން ދިޔަ ގޮތުން ކިޔާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ދިޔަ ގޮތަށް ގޮސް ތާރާ މޫދަށް އެއްލާލިއެވެ. މުޅި ތަނުގައި ހިފާލީ ތާރާގެ ހަޅޭކުގެ އަޑާއި ކިޔާންގެ ހުނުމުގެ އަޑެވެ.
ތާރާ މޫދަށް ވެއްޓުމާއެކު ދެބޮކި ޖަހާފައި ދިޔައީ އަޑިއަށެވެ.
ތާރާ މައްޗަށް ނާރާ އިރުކޮޅެއް ވުމުން ކިޔާންގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ބިރުގަންނަން ފެށިއެވެ.
“ކިޔާން!!!” އެވަގުތު ތާރާ ގޮވާލި އަޑު އިވުނެވެ. ކިޔާންއަށް ފެނުނު މަންޒަރަކުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ތާރާ އަޑިއަށް ދަނީއެވެ. “ކިޔަ… ކިޔާން!!!” ތާރާ ވަރަށް ހާލުން ގޮވަމުން ދިޔަ މަންޒަރު ފެނުނެވެ.
ބަލާކަށް ނުހުރެ ކިޔާން މޫދަށް ފުންމާލިއެވެ. އަދި އަވަސްއަވަހަށް ގަތާފައި ތާރާއާ ހަމައަށް ދިޔައެވެ. ކިޔާން ތާރާއާ ހަމައަށް ދެވުމާއެކު ހެން ތާރާ ކިޔާންގެ ބޮލުގައި ހިފާ މޫދަށް ގަންބާލިއެވެ. ލިބުނު ސިހުމުގައި ކިޔާން އަވަސްއަވަހަށް މައްޗަށް މޫނު ނެގިއެވެ. އެވަގުތު ހިނިތުންވެލައިގެން އޭނާ ގާތު ހުރި ތާރާ ފެނިފައި ވާނުވާ ވިސްނުނެވެ.
“ޑޯންޓް އަންޑަރއެސްޓިމޭޓް މީ މިސްޓަރ.” ތާރާ ކިޔާނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ހިނިއައިސްފައި ބުނެލިއެވެ.
ވަގުތުން ތާރާއާ ދިމާއަށް ލޯ އަޅަމުން ކިޔާން އޭނާއާ ދިމާއަށް ފެން ވިއްސާލިއެވެ. ތާރާ ވެސް ބަލާކަށް ނުހުރެ ކިޔާނާއި ދިމާއަށް ފެން އުކަން ފެށިއެވެ. ދެމީހުން އެ ސަކަރާތުގައި ތިބެފައި އެއްގަމަށް އެރީ ވަރުބަލި ވެގެންނެވެ. އަދި ހެމުން އެކަކު އަނެކަކާ ދިމާކުރަމުން އެކުގައި ކެބިން ހުންނަ ދިމާއަށް މިސްރާބު ޖެހިއެވެ. ދޭތެރެ ދޭތެރެއިން ދެމީހުން އެކަކު އަނެކަކު ގައިގައި އަޅާ ކޮށްޕާވެސް ލާނެއެވެ.
ކެބިންއަށް ދެވުމާއެކު ދެމީހުން ވެސް އަވަސްވެގަތީ ފެންވަރާ ލައިގެން އެއްޗެހި ބަދަލު ކުރުމަށެވެ. އޭރު ދެން ތިބި ކުދިން ވެސް މޫދަށް އެރުމަށް ފަހު ފެންވަރައި ރީތި ވެލައިގެން ތިއްބެވެ. ހަވީރު އެއްކޮށްހެން އެކުދިން ވަގުތުތައް ހޭދަކުރީ ސަކަރާތް ޖެހުމާއި މަޖާ ކުރުމުގައެވެ.
ރޭގަނޑު ވުމުން ބާބަކިއު ހެދުމަށް އެންމެން އަވަދިނެތި އުޅުނެވެ.
“ކޮބާ؟ ކުކުޅު ފިހެވިއްޖެ!” ޖައިލަމް ގޮވާލިއެވެ. “ސަމާ! އާދެބަ ޑްރިންކްސްތައް ހިފައިގެން!” ދީމާ ކާތަށިތައް ދޮންވެލިގަނޑު މަތީ ބަހައްޓަމުން ގޮވާލިއެވެ. ތާރާ ސަމާ އާއެކު ބާކީ ހުރި އެއްޗެހި ހިފައިގެން އައެވެ. އޭރު އެތާ ޔުކްތާ އާއި އީކަން ނޫން ހުރިހާ އެންމެން ތިބިތަން ފެނުމުން މުޅި ސަރަޙައްދަށް ނަޒަރު ހިންގާލިއެވެ.
އޭނާގެ ލޮލުގައި ގޮނޑުދޮށުގައި ހީހީފައި ވާހަކަ ދައްކަން ތިބި އީކަން އާއި ޔުކްތާ އަޅައިގަތުމުން ލާނެތް ހިންޏެއް އައެވެ. “އޯތް އޯތް! ތިހާ ވަރަށް މާ ނުފޮޅުވިޔަސް ވާނޭ!” އޭނާ ހަޅޭއްލަވައި ގަތެވެ. އެއަޑު އިވިފައި އީކަންގެ ކޮނޑުގައި ބޯ އަޅައިގެން އިން ޔުކްތާ ސިހިފައި ވަގުތުން ދުރަށް ޖެހިލިއެވެ. އީކަން ހޭންފެށުމުން ގަތް ލަދުން އީކަން ގައިގައި އަޅާ ކޮއްޕާލަމުން އޭނާ ތެދުވިއެވެ. އަދި އިސްދަށަށް ޖަހާލައިގެން ހުރެ އަވަސް އަވަހަށް ތާރާ މެން ގާތަށް އައެވެ. ފަހަތުން އީކަން ވެސް ހެމުން ހެމުން އައެވެ. އެ މަންޒަރު ފެނިފައި ތާރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
ކާން ތިބި އިރުވެސް ޔުކްތާ އާއި ދިމާކުރުން ނޫން ކަމެއް ނުކުރެއެވެ. އީކަން ވެސް އެ ސަކަރާތުގައި ބައިވެރިވަމުން ދިޔައިރު ޔުކްތާ ހީވަނީ ދެންމެ ދެންމެ އަކު ހެން އުއްބައްތިއެއް ހެން ވިރިގެން ފައިބާނެ ހެންނެވެ.
ތާރާ އާއި ކިޔާންގެ ގުޅުން ކުރިން އޮތްގޮތަށް އަނބުރާ ރުޖޫއަ ވުމުން އެކުދިންގެ އެކުވެރިން އުފާކުރިއެވެ. ނަމަވެސް އެކަމާ އެންމެ އުފާވީ ޖައިލަމް އެވެ. ކިޔާން ތާރާ ދެކެ ޙަޤީޤީ ލޯބިވާ ކަމުގެ ހެއްކަށް މިދުވަސް އޭނާއަށް ފުދެއެވެ.
ކިޔާން ތާރާ ދެކެ ލޯބިވާ ކަން ދެވަނައަށް ގަބޫލު ކުރާ މީހަކީ ދީމާއެވެ. އޭނާ ހިތުގައި ކިޔާންއާ މެދު ނަފްރަތުގެ ހުޅުކޮޅު ބޮޑުވަމުން ދިޔައީ ވެސް އެއެއް މިއެއް ބަލާފައެއް ނޫނެވެ. ދެންމެ ދެންމެއަކު ހެން ފަޅައިގެން ދާނެހާ އެ އަލިފާންގަނޑު ބޮޑެވެ. އޭނާގެ ބަދަލު ހިފުމުގެ ރޫހު އާލާ ވަމުން ދިޔަ ވަރަކަށް އެކަމަށް ފަސްއަޅަމުން ދާ މީހަކަށް ތާރާ ވުމުން ތާރާ ދެކެ ވެސް ރުޅިއާދެވުނެވެ. ކިޔާންގެ ހުރިހާ އުފާތަކެއް ފުނޑުފުނޑުކޮށްލާނަމަ ތާރާވެސް އޭނާގެ އަތު ތެރޭގައި ފުޑުފުޑު ވާން ޖެހޭނެކަން ދީމާއަށް ވިސްނުނެވެ. އެއީ މިވަގުތު ކިޔާންގެ ބަލި ފަޔަކީ ތާރާ ކަން އޭނާއަށް އެނގޭތީއެވެ.
ކިޔާން އޭނައާ މިހާރު ވާހަކަދައްކާތީ ތާރާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ ހިތަށް ލިބުން އަދިރި ކިއްލާ ތެރެއިން އަލި މަގެއް ފެނުނު ކަހަލައެވެ. ނަމަވެސް އެ މަގުގެ ފަހަތުގައި ކުރިއަށް ވުރެ ބޮޑު އަނދިރިކަމެއް ވާކަން އޭނާ އަކަށް އަދި ނޭނގެއެވެ. ކިޔާންގެ ހިތުގައި މިވަގުތު ވީ އެއްޗެއް އެނގުންނަމަ ތާރާގެ ހިތް ކުދިކުދި ވީސްކަން ކަށަވަރެވެ. އެ ކިއްލާ ތެރެއިން އެ ފެނުން އަލި މަގާ ގާތް ވާން ވެސް އޭނާއަށް ނުކެރުނީހެވެ. އެއީ ދެން ލިބެން އޮތް އަނދިރިކަމަށް ވުރެ އެ އަދިރި ކިއްލާ ވެސް މާ ރަނގަޅު ކަމަށް ވާތީއެވެ.
ކިޔާން ސަކަރާތް ޖަހަމުން ދިޔަ ތާރާއާ ދިމާއަށް ބަލާލިއެވެ. އޭނާއަށް ތާރާއާ ވާހަކަ ދެއްކިއްޖެއެވެ. ސަމާސާކޮށް ހެއްވާލާ ހެދިއްޖެއެވެ. އޭނާގެ ސިކުނޑީގެ ބަސް އަޑު ނާހައި ހިތުގެ އާދޭހަށް އިޖާބަ ދެވިއްޖެއެވެ. ކޮންމެއަކަސް ވީކަމެއް ވީއެވެ. ނަމަވެސް އޭނާގެ އަޒުމެއް ނުގުޑާނެއެވެ. އިހަށް މި ދަތުރު އުފަލުގައި ހޭދަކުރެވިދާނެއެވެ. އިހަށް އޭނާގެ ހިތަށް ފިނި ކަމެއް ދޭނީއެވެ. ހަމަޖެހުމެއް ދޭނީއެވެ. ހަމައެކަނި މިދަތުރަށެވެ. ދަތުރު ނިމުމުން އަނެއްކާ އޭނާގެ ލަނޑުދަނޑި ހާސިލު ކުރުމަށް މަސައްކަތް ފަށާނީއެވެ. އެހާ ތަނަށް އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެތާއެވެ.
އޭނާ އެކުރާ ކަމަކުން ފަހުން ލިބޭނީ ކިހާ ބޮޑު ގެއްލުމެއް ކަން ނުވިސްނެނީއެވެ. ނޭނގިހުރެ ދެމީހުން ވެސް އެކަކު އަނެކަކުގެ ހިތަށް އެ ދެވޭނީ އަނިޔާއެވެ.
ކައިނިމިގެން ބާބަކިއު ހެދި ސަރަހައްދު ކުޑަކޮށް ސާފުކުރުމަށް ފަހު އެންމެން ވެސް ދިޔައީ ކެބިން އަށެވެ. އަންހެން ކުދިން އަންހެން ކުދިންގެ ކޮޓަރިއަށް ދިޔައިރު ފިރިހެން ކުދިން ދިޔައީ ފިރިހެން ކުދިންގެ ކޮޓަރިއަށެވެ. ތާރާ ފާޚާނާއަށް ވަނުމަށް ފަހު ގަޔަށް ދޫ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ރަތް ކުލައިގެ ފުއްޕި ހަރުވާޅެއް ލިއެވެ. އަދި އޭނާގެ މުށިކުލައިގެ ދިގު އިސްތަށިގަނޑު ގަތާ ލުމަށްފަހު ކުޑަ ވޫލުކޮޅެއް އައްސާލިއެވެ.
އެރޭ އެ އަންހެން ކުދިން ކޮޓަރީގައި އެކި ވާހަކަ ދައްކަން ތިބުމަށް ފަހު ފޫހިވެގެން ފިރިހެން ކުދިންނަށް ގޮވާލަން ދާން ނިންމިއެވެ. ގޭމެއް ކުޅޭށެވެ.
4 ކުދިން އެކުގައި ކޮޓަރިން ނުކުމެގެން ފިރިހެން ކުދިންގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. އެންމެ ކުރީގައި ހުރީ ތާރާއެވެ. ތާރާ ދިޔަ ގޮތަށް ގޮސް ކޮޓަރި ދޮރުގައި ޓަކި ޖެހި އެވެ. އެތެރެއިން އީކަން މި ހުޅުވަނީއޭ ކިޔާ ގޮވާލިއެވެ.
ދޮރު ހުޅުވުމާއެކު ވާހަކަ ދައްކަން އަނގަ ހުޅުވާލި ތާރާގެ ބަސް ހުއްޓުނު ކަހަލައެވެ. އެންމެ އަޑެއްވެސް އަނގައިން ބޭރެއް ނުވިއެވެ. ދެލޯ ބޮޑުކޮށް ލައިގެން އަނގަ ހުޅުވިފައި ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ މޫނުމައްޗަށް ޖަންބުކުލަ ވެރިވާން ނެގީ ހަމަ އެންމެ ސިކުންތެކެވެ.
“ލަދު ގަތީތަ؟” އިވުނީ ކިޔާންގެ އަޑެވެ. އެ އަޑުގައި ލާނެތް ކަމެއް ވިއެވެ.
❤️✨❤️✨❤️✨❤️✨❤️✨❤️✨❤️
އުންމީދު ކުރަން ކިޔުންތެރީންނަށް މި ޕަރޓް ވެސް ކަމުދިޔަ ކަމަށް.
???
Lots of love to my dear readers! ???
???Stay safe!
»ޝައިމާ«
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.





Wah wahh MaShaAllah varah Reethi ingey mi part
Thanks Scarlet ♥ ♥ ♥
Heiiiii shai?????❤️❤️❤️
Vrh sali Mi part vesss Masha Allah keep it up ❤️❤️❤️❤️❤️???
Aleyyyy haadha majaa vaane dhw ekahala picnic eh hehehhe???????
Btw vrh happy mi part kiyaafaa??? Eyyy after a long kiyaaan and thaaraa ge fights eh fenuny maa Aleyyyy haadha lwbi Eyyy❤️❤️❤️ heeeheee varu balivehje hehehe?????????????❤️❤️❤️❤️❤️❤️
Kaleyney deemee vess dhw Pis Pis hope nothing g gose wrote??????
Suhbooo thaaraa Ah kon thaneh feny boyss ge room is Aleyyyy so curious ?????????❤️❤️❤️❤️❤️
Waiting for the next part ❤️❤️❤️❤️
Luv uuuuu ❤️❤️❤️❤️❤️
Stay safe and take care ❤️❤️❤️❤️???
Hehe. Thanks Ril ♥ ♥ ♥
Shaiiiiii, this part is amazing, varah varah reethi milpart, hurihaa part akah comment nukuriyas hama gavaidhu kiyan ingey, mashallah keep going, and thaara aa kiyaange gulhun rujooa vee dhw hehe, stay safe take care, waiting for the next part
Thanks Nerf ♥ ♥
Mee first tha Yey… Mi part vx v reethi… Curiously waiting for next part… Lysm and stay safe
Thanks Luhoo ♥