ޒާޔާ (ސަތިރީސްވަނަ ބައި)
ނިހާން ލޯންޗުން ފައިބައިފައި ޒާޔާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ޒާޔާ އިސްޖަހައިގެން ހުރެ ލޯންޗުން ފޭބިއެވެ. އޭރުވެސް ބަނދަރުމަތީ މީހުން ވަރަށް ގިނައެވެ. ޒާޔާ އިސްޖަަހައިގެން ހުރީ އެކަކަށްވެސް އޭނާގެ މޫނުދައްކަން ބޭނުންނުވުމުންނެވެ. އަދި އޭނާއަށް ވަމުންދާގޮތްތައް އެހެން މީހަކަށް ނުދެއްކުމަށެވެ. ޒާޔާ އެހެން ހުރެފައި މަޑުމަޑުން އޭނާގެ އިސް އުފުލައިލިއެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ވަނީ ޒާޔާއާއި ދިމާލަށް އަމާޒުވެފައެވެ. އަދި އެމީހުން ސިއްރުސިއްރުން އެއްޗެހިތަކެއް ކިޔަން ފެށުމުން ޒާޔާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އެވަގުތު އޭނާގެ ނޭވާ ހާސްވާން ފެށިއެވެ.
“ބަ..ބައް..ބައްޕާ.” ނޭވާ ކުރުވެފައި ހުރެ ޒާޔާ ވަރަށް އުނދަގުލުން ނިހާނަށް ގޮވިއެވެ. ނިހާން ޒާޔާއަށް ބަލައިލިއިރި ޒާޔާ އަވަސް އަވަސްކޮށް ނޭވާ ލަމުން ގެންދެއެވެ. ޒާޔާއަށް ވަމުން ދިޔަ ގޮތް ފެނި ނިހާން ވަގުތުން ކަންބޮޑުވިއެވެ. “ފަވާ. އާދެބަލަ ޒާޔާ ގާތަށް.” ދުރުގައި ހުރި ފަވާޝަތަށް ގޮވައިލަމުން ނިހާން ބުންޏެވެ. ފަވާޝަތުވެސް ކަންބޮޑުވެފައި ހުރެ ޒާޔާ ގާތަށް އައެވެ. އަދި އައިސް ޒާޔާގައިގައި ބައްދައިލައިގެން ހުރީ ޒާޔާ އެވަގުތު ވެއްޓިދާނެހެން ހީވާތީއެވެ. އެވަގުތު ދުރުގައި ހުރި މަތީނާއި އަފްލާހުވެސް ޒާޔާ ގާތަށް އައެވެ. އެމީހުން އައުމުން ޒާޔާއަށް ކުޑަނަމަވެސް ހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. އެހެނަސް ވަމުން ދިޔަ ގޮތް ކުޑަތަންކޮޅެއްވެސް ލުޔެއް ނުވިއެވެ.
ނިހާން ދުރަށް ޖެހިލައިފައި އޭނާގެ ފޯނު ނަގައިފައި ނޫމާނަށް ގުޅައިލިއެވެ. “ނޫމާން. ނިހާންބެމެން ރަށަށް އައިސް މިއުޅެނީ. ވަރަށް އަވަހަށް އާދެބަ ސައިކަލުގަ. ޒާޔާ ނޭވާހާސްވާތީ މިއުޅެނީ. އަވަސް އިނގޭ.” ނޫމާން ވަރަށް އަވަހަށް މި ދަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ.
“ޒާޔާ، ދަރިފުޅާ. ނޫމާން އެބަ އާދޭ އިނގޭ ދަރިފުޅު ބަލައި. ކުޑަ ހިތްވަރެއް ކޮށްލާ.” ޒާޔާ ގާތަށް ގޮސް ޒާޔާ ގޮވަައިގެން އެތާ ހަދައިފައި ހުރި ބުރުތަކުން ބުރެއްގައި އިށީންނަމުން ނިހާން ބުންޏެވެ. ޒާޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭރުވެސް ބަނދަރުމަތީ ތިބި އެތައް ބައެއްގެ ނަޒަރު ޒާޔާއާއި ނިހާނަށް އަމާޒުވެފައިވެއެވެ. އެކަމާ އެންމެ ރުޅިއައިސްފައި ހުރީ ދުރުގައި ހުރި މަތީނެވެ. އޭނާއަށް އެތާ ތިބި މީހުންގެ ހިތަށް އަރާ އެއްޗެހި އިނގޭ ކަހަލައެވެ. އެއިން ކޮންމެ މީހަކުވެސް ޖެހިގެން ހުރި މީހާ ގާތުގައި ޒާޔާއަށް ބަލައިލައިފައި ސިއްރުސިއްރުން އެއްޗެކޭ ބުނެލާގޮތުން މަތީން ގާތަށް އައިއްސައި ހުރި ރުޅިގަނޑު ދެގުނަވެގެން ދެއެވެ. އެހެނަސް މާޙައުލުގެ ގޮތުން މަތީން ކެތްކޮށްލައިގެން ހުރީއެވެ.
އިރުކޮޅެއްނުވެ ނޫމާން އައިސް ނިހާންމެންގެ ކުރިމަތީ މަޑުކުރިއެވެ. “ދަރިފުޅާ. އަވަހަށް އަރާ.” ޒާޔާ އަށް ތެދުވަން އެހީތެރިވަމުން ނިހާން ބުންޏެވެ. ޒާޔާ އިރުކޮޅަކު ނޫމާނަށް ބަލަން ހުރެފައި ސައިކަލަށް އެރިއެވެ. ޒާޔާ ސައިކަލަށް އަރައި ހަމަޖެހިލުމާއިއެކު ނޫމާން އޭނާގެ ގެއަށް ދާން މިޞްރާބުޖެހިއެވެ.
“ޒާޔާ!” ނޫމާންއާއިއެކީ ގެއަށް ވަތް ޒާޔާ ފެނި އުސްމާން ޙައިރާންވެހުރެ ޒާޔާއަށް ގޮވައިލިއެވެ. އުސްމާން ޒާޔާއާއި ވާހަކަދައްކައިލަން ބޭނުންވެފައި ހުރެވެސް އެކަން އިހަށް ފަސްކޮށްލަން ބޭނުންވިއެވެ. ޒާޔާގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުރުމުންނެވެ. “ނޫމާން. ޒާޔާ ގެންގޮސް ނޫމާންގެ މަންމަ ކޮޓަރީގަ ބާއްވާ.” ނޫމާން ޒާޔާ ގޮވައިގެން ގޮސް އޭނާގެ މަންމަގެ ކޮޓަރިއަށް ވަނެވެ. “މިތާ އޮވޭ އިނގެ. އެކަކުވެސް ނުވަންނާނެ މި ކޮޓަރިއަކަށް. ރެސްޓްކޮށްލާފަ ނުކުމެލާ އިނގެ. ކަމަކު ބޭނުންވެއްޖެއްޔާ ގޮވާލާތި.” ޒާޔާ ބޯ ޖަހައިލުމާއިއެކު ނޫމާން އެކޮޓަރިން ނުކުތެވެ. ޒާޔާ ކޮޓަރިއަށް ނަޒަރު ހިންގައިލައިފައި އޭނާގެ ކޮނޑުގައި އަޅުވައިފައި އޮތް ދަބަސް ނަގައި މޭޒުމަތީ ބަހައްޓައިފައި އޮށޯވެލިއެވެ.
ނޫމާން ސިޓިންގްރޫމަށް ނުކުމެ އެތާ ސޯފާގައި އިށީނެވެ. އޭރު އުސްމާން ކޮންމެވެސް އެއްޗެއް ހަދަން އިނެވެ. ދެ އަހަރު ފަހުން ޒާޔާ ފެނުނުއިރުވެސް ޒާޔާގެ ކިބައިން އެއްްވެސް ބަދަލެއް ފެންނާކަށް ނެތެވެ. ހަމަ އެ ދޮން ރީތި ވަށް މޫނެވެ. އެ ލޫޅާފަތި ހަށިގަނޑެވެ. އެ ފަށުވި ދިގު މުށިކުލައިގެ އިސްތަށިގަނޑެވެ. ނޫމާން ހުރީ ނުލާހިކު ޒާޔާއާއި ވާހަކަ ދައްކައިލަން ބޭނުންވެފައެވެ. ނަމަވެސް އަދި ޒާޔާއަށް ވަގުތުކޮޅެއް ބޭނުންވާނެކަން ދެނެގަނެގެން ނޫމާން އިހަށް މަޑުކޮށްލީއެވެ. ނޫމާން އެހެން އިނދެފައި ހަސްނައިން އަށް ގުޅައިލިއެވެ. އަދި ހަސްނައިން ގާތުގައި ޒާޔާ ރަށަށް އައި ވާހަކަ ބުންޏެވެ. ހަސްނައިން ބޭނުންވީ ވަގުތުން ޒާޔާއާއި ބައްދަލުކޮށްލައި ވާހަކަ ދައްކާ ހަދާށެވެ. “ހަސްނައިން. ކަލޭ ހަމަ ރަނގަޅަށް އޭނަޔާ އަޅައިގަނެފަ ތިހިރީ. އޭނަ ރަށަށް އައިސް ނޭވާ ހާސްވެގެން އެބައޮތް. އިހަށް މަޑުކޮށްބަލަ. އެންމެން އެއްކޮށް އޭނައާ ބައްދަލުކުރާނީ. ފަވާވެސް ގޮވައިގެން. އޭރުން ގްރޫޕު ހަމަވާނީ.” ނޫމާން ބުންޏެވެ. “ބަލަ ދެއަހަރު ފަހުން ވިއްޔަ އޭނަ އެ ރަށަށް އައީ. އަނެއްކާ ސްކޫލް ދައުރުގެ ކްލޯސް ފްރެންޑެއް. އެހެންމަ މީޓްކޮށްލަން ބޭނުންވާނެއްނު… ހެހެ.. ދެން އޯކޭ. ހަވީރު އަންނާނަން އިނގޭ.” ހަސްނައިން އެހެން ބުނެ ފޯނު ކަނޑައިލިއެވެ.
ނިހާންމެން ވަށްބުރުގައި އިށީންދެގެން ތިބެ އެކިއެކި ވާހަކަދައްކަމުން ދިޔައެވެ. ހީވާގޮތުން ކޮންމެވެސް ކަމަކާ ސައްލާ ކުރަނީއެވެ. ހީވަނީއެއް ނޫނެވެ. އެމީހުން ހަމަ ކޮންމެވެސް ކަމަކާ ސައްލާ ކުރަން ތިބީއެވެ. އެމީހުން ސައްލާ ކުރަން ތިބީ ޖަމީލާއަށް ހަދައިލާނެ މޮޅު ގޮތަކާއި ދޭތެރޭގައެވެ. އެމީހުން ނިންމީ ދެތިން ދުވަހެއް ވަންދެން ޒާޔާ ޖަމީލާއަށް ފޮރުވައިގެން ގެންގުޅުމަށެވެ. އަދި އެ ދުވަސްތަކުގެތެރޭ އެކަކުވެސް ޖަމީލާ ގާތުގައި އެކަމާ ގުޅޭގޮތުން އެކައްޗެއްވެސް ނުބުނަން ނިންމިއެވެ. އެގޮތުން ޒާޔާ އެދުވަހު ފަވާޝަތުގެ ގޭގައި ހުރުމަށް ހަމަޖެއްސިއެވެ.
އަފްލާހު އޭނާގެ ފޮއްޓާއި ޒާޔާގެ ފޮށި ހިފައިގެން ފަވާޝަތުމެން ގެއަށް ދާން މިސްރާބު ޖެހިއެވެ. ފަވާޝަތުވެސް އޭނާގެ ފޮށި ހިފައިގެން އަފްލާހުގެ ފަހަތުން ދިޔައެވެ. މަތީން ނިންމީ އެއްކަލަ ގެސްޓްހައުސްގައި ހުންނާށެވެ. ނިހާންވެސް އެގޮތާ ރުހުނީ ޖަމީލާގެ ފަރާތުން މަތީނަށް ސުވާލުފަތި އެމުނޭނެތީއެވެ.
ނިހާން އޭނާގެ އެއްޗެހި ހިފައިގެން އޭނާގެ ގެއަށް ވަތްއިރު ނިހާ އުނދޯލީގައި ކޮންމެވެސް އެއްޗެއް ކުޅެން އިނެވެ. “ބައްޕަ ދޫނީ.” ނިހާ ކުރިމައްޗަށް އަރަމުން ނިހާން ވަރަށް ލޯބިން ނިހާއަށް ގޮވައިލިއެވެ. އޭރު ނިހާ އޭނާގެ ޅައަޑުން ޔޭއި އޭ ކިޔައި ފުންމައިގެންފައި ނިހާންގެ އަތުތެރެއަށްވަނެވެ.
“ނިހާ! ދަރިފުޅާ!” ނިހާ ހަޅޭއްލަވައިގަތް އަޑަށް ޖަމީލާ ދުވެފައި ސިޓިންގް ރޫމުން ނުކުތެވެ. އޭރު ނިހާން ނިހާ އުރައިލައިގެން އެކުއްޖާ ގައިގައި ބައްދައިލައިގެން ހުރުމުން ޖަމީލާއަށް ހަމަޖެހުމެއް ލިބުނެެވެ. “ނިހާން.” ޖަމީލާ ހިނިތުންވެލައިގެން ހުރެ ނިހާން ގާތަށް އައެވެ. ނިހާންވެސް ޖަމީލާއަށް ބަލައިލައިފައި ގަދަކަމުން ހިނިތުންވެލިއެވެ. ނިހާން މިހާރު ޖަމީލާ ފެނުނަސް ވަނީ ޒާތެއްގެ ފޫއްސެކެވެ. އެެހެންކަމުން ނިހާން ނިހާ އުރަައިލައިގެން އަވަހަށް ވަނީ ގޭތެރެއަށެވެ. ޖަމީލާއަށް އެކަން ފާހަގަވިއެއްކަމަކު އެކަން މާ ބޮޑުކަމަކަށް ނުހަދާ ބަދިގެއަށް ވަންނަން ދިޔައެވެ.
“ރަންދަރިފުޅު ނުގެންނަނީބާ؟ ނޫނީ ނުފެނުނީބާ؟” ކުކަރު ކައިރީ ހުރެ ޖަމީލާ އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. ނިހާން އައިއިރު އޭނާއަކަށް ޒާޔާއެއް ނުފެނެއެވެ. ޖަމީލާއަށް ޔަޤީންވާ ކަމަކީ ނިހާންއަށް ޒާޔާ ފެނުނު ނަމަ ޒާޔާ ގޮވައިގެން އަންނާނެ ކަމެވެ. އެހެންވީމާ ނިހާން އައިިއިރު ޒާޔާ އެ ނެތީ ޒާޔާ ނުފެނުނީމައިތާއެވެ. ޖަމީލާ އެ ވިސްނުމެއްގައި ހުރެ އޭނާގެ ފޯނު ހިފައިގެން ކާމޭޒު ކައިރީ އިށީނެވެ.
ޖަމީލާ އެހެން އިންދައި ނިހާން ގޮވައިގެން އައިސް ބަދިގެއަށް ވަނެވެ. ނިހާ އާއި ސަމާސާ ކުރަމުން އައިސް ނިހާން ޖަމީލާ އާއި ދުރުގައި އިން ގޮނޑިއެއްގަ އިށީނެވެ. “ނިހާން.” ނިހާން ތަންކޮޅެއް ދުރުގައި އިށީނުމުން ޖަމީލާ ނިހާނަށް ގޮވައިލިއެވެ. “ހްމްމް.” ޖަމީލާއާއި ދިމާލަށް ބަލައިވެސްނުލައި އެއިންގޮތަށް އިނދެ ނިހާން ބުންޏެވެ. ޖަމީލާއަށް އެކަން ފާހަގަކުރެވިގެން މޫނު ހަދައިލައިގެން އިނދެ ޖަމީލާ ނިހާނާއި ދިމާލަށް ބަލައިލިއެވެ. ދަރިއަކު ލިބުނީމައި މިހާރު އަހަރެން މަތިންވެސް ހަނދާންނެތުނީހެއްޔެވެ؟
“ނިހާން… ކޮބާ ޒާޔާ؟” ދުން ނޭވައެއް ދޫކޮށްލަމުން ޖަމީލާ އަހައިލިއެވެ. ނިހާނަށް އެވަގުތު ޖަމީލާއާއި ދިމާލަށް ބަލައިލެވުނެވެ. އޭރު ޖަމީލާގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ. އެހެންނަމަވެސް އެ ސީރިއަސްކަން އެއީ ޖަމީލާ އޭނާއަށް ދައްކައިގެން އިން ކުލަވަރެއް ކަންނޭނގެއެވެ. ނިހާންއަށް މިހާރު ދެން އެއްގޮތަކަށްވެސް ޖަމީލާއަކަށް އިތުބާރެއް ނުކުރެވޭނެއެވެ.
“ޒާޔާ…. ޒާޔާއެއް ނުފެނުނު. ދެން ހިއެއްނުވޭ އޭނަ ފެންނާނެހެނެއްވެސް.” މާޔޫސްކަން އެކުލެވިފައިވި އަޑަކުން ނިހާން ބުންޏެވެ. އެވަގުތު ނިހާން ވަރަށް ފަރުވާތެރިވެ އިނދެ ޖަމީލާގެ މޫނަށް ބަލައިލިއެވެ. ޖަމީލާގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވި ތަން ނިހާނަށް ވަރަށް ރީތިކޮށް ފެނުނެވެ. “އޯހް.. ވަރަށް ދެރަ ދޯ.. ޒާޔާ ގޮވައިގެން އަންނާނެ ކަމަށް ހީކޮށް އަހަރެން ވަރަށް އުފަލުން މިހުރީ. އެކަމަކު ދެން ކީއްކުރާނީ ދޯ!” ޖަމީލާ އެހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރު ނިހާންއަށް ހުރިހާ ކަމެއް އެނގޭކަން ޖަމީލާއަށް ރޭކައިވެސް ނުލައެވެ. “ނުބައިވެގެންވާ ޝައިޠާނެއް ތީ.” ނިހާން ޖަމީލާއާއި ދިމާލަށް ބަލަން އިނދެ ހިތާއި ހިތުން ޖަމީލާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. “ހަދިޔަލެއް އެއްޗެއް ނުގެންނަންތަ ދެން؟” ޖަމީލާ ތެދުވެ ނިހާން ކައިރިއަށް ގޮސް ނިހާ އުރައިލަމުން އަހައިލިއެވެ. “ނޫނޭ. ގެނައިން. ހަދިޔާ ފެންނާނެ އަދި ދުވަސްކޮޅެއް ފަހުން.” ވަރަށް ނުސީދާގޮތަކަށް ނިހާން ޒާޔާގެ ވާހަކަ ޖަމީލާ ގާތުގައި ބުނެލިއެވެ. ނަމަވެސް ޖަމީލާއަށް އެއީ ޒާޔާގެ ވާހަކައެއްކަމެއް ނޭނގެއެވެ. އެހެންކަމުން އެހެންދޯ އޭ ބުނެ ޖަމީލާ ނިހާ ގޮވައިގެން ބަދިގެއިން ނުކުތެވެ.
ހަވީރުގެ ވަގުތެވެ. ނޫމާން އާއި ފަވާޝަތާއި ހަސްނައިން އެދުވަހު އުޅުނީ އުސްމާންމެން ގެއަށް އައިހެވެ. އަފްލާހު ދިޔައީ އެރަށުގައި ހުރި އޭނާގެ ރައްޓެއްސަކާއިއެކު ސައިކަލު ދުއްވާށެވެ. އެގޭ ސިޓިންގްރޫމުގައި އެ ހަތަރު މީހުން ވާހަކައެއްގައި ތިއްބެވެ. އުސްމާން އެމީހުނާއި ބައިވެރިވާން އުޅުމުން އެމީހުން އުސްމާން އެތަނުން ފޮނުވައިލީ އެމީހުން އަދި އެވާހަކަ އެއްގޮތަކަށްވެސް އުސްމާނަށް އެނގެން ބޭނުންނުވާތީއެވެ.
“ވަޓް ދަ.. އެ ކޮންކަހަލަ މީހެއްތަ؟ އިންސާނުން އުޅޭގޮތަށް އުޅެން ނޭނގޭ މީހެއް.” ޒާޔާ އާއި ފަވާޝަތު ކިޔައިދިން ވާހަކަތައް އަޑުއިވި ޙައިރާންވެފައި އިނދެ ނޫމާން ބުންޏެވެ. ހަސްނައިންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެދެމީހުން ހީކުރި ފަދަ މީހަކަށް ޖަމީލާއެއް ނުވިއެވެ. “ހަމަ ފަރުދާގެ ނިވަލަށް ވަދެ ހުރި ނުބައި މީހެއް އެއީ.” ފަވާޝަތު ވަރަށް ރުޅިއައިއްސައި އިނދެ ބުންޏެވެ. “ކާމް ޑައުން ފަވާ. އަދި ތިހާވަރު ވާކަށް ނުވެއެއްނު. އަހަރުން އެންމެން ވާނެ ޖަމީލާ ބަސްޓް ކޮށްލަން.” ހަސްނައިން ވަރަށް ސާބިތުކަމާއިއެކު ބުންޏެވެ.
“އުހުނ. އެންމެނެއް ނޫން… އަހަރެން އެކަނި.” ކުޑަވަގުތުކޮޅަކު ވިސްނައިލަން އިނުމަށްފަހު ޒާޔާ ބުނެލިއެވެ.
“ވަޓް؟ ޒާޔާ އެކަނި ކިހިނެތް؟”
“އެންމެންވެގެން ބަސްޓްކޮށްލީމަ ކަމަކު ނުދާނެ. އަނިޔާ ލިބުނު މީހާގެ ދުލުން ހުރިހާ ވާހަކައެއް ކިޔައިދިނީމަ އެ ވީ.” ލުއި ހިނިތުންވުމަކާއިއެކު ޒާޔާ ބުންޏެވެ.
“ވާއު ޒާޔާ. ކޮންތާކުން ތިހާ ހިތްވަރު ހޯދީ؟” އެހެންޏާ ނުފެންނަ ސިފައެއް މިއަދު ޒާޔާގެ ފަރާތުން ފެނުމުން ފަވާޝަތު ހައިރާންވެ އިނދެ އެހިއެވެ. “އަހަންނަށް ސަޕޯޓް ދީ އަހަރެން ދެކެ ލޯބިވާ މީހުން އެބަތިބިކަން ގަބޫލުކުރެވުނީމަ މިހާވަރު މި ވީ.” އެންމެނާއި ދިމާލަށް ބަަލައިލަމުން ޒާޔާ ބުންޏެވެ. ޒާޔާ އެ ބުނެލި ޖުމުލައިން އެންމެންނަށްވެސް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އަކަކު އަނެކަކަށް ބަލައިލައި ހިނިތުންވެލައިގެން އެމީހުނަށް ތިބެވުނީ ލިބުނު އުފާވެރިކަމެއްގެ ސަބަބުންނެވެ.
ނިހާން އެގެއަށް ވަނީ އެމީހުން އެގޮތުގައި ތިއްބައެވެ. “ކޮން ސައްލާއެއް ކޮށްލަނީ؟” ނިހާން އައިސް ޒާޔާ ގާތުގައި އިށީންނަމުން އަހައިލިއެވެ. “މީ ހަމަ ކަންތައް ކުރާނެ ގޮތަކާ މެދު ޑިސްކަސް ކޮށްލަނީ..” ފަވާޝަތު ބުންޏެވެ. އެމީހުން ކަންތައް ކުރަން ނިންމައިފައިވާ ގޮތް ނިހާނާއި ޚިއްޞާ ކުރަން ނިހާން އެދުނެވެ. އެހެންކަމުން އެމީހަކު އެމީހެއްގެ ޚިޔާލު ނިހާނާއި ޚިއްޞާ ކުރިއެވެ. ނިހާން އެންމެ އުފާވީ އޭނާގެ ދަރިފުޅު އަމިއްލައަށް ޖަމީލާ އާއި ކުރިމަތިލައިގެން ހުރިހާ ކަމެއް ފަޅާއަރުވައިލަން ނިންމައިފައިވުމުންނެވެ.
އިރުކޮޅެއްނުވެ މަތީންވެސް އެގެއަށް އަތުވެއްޖެއެވެ. މަތީނާއި ވެސް އެތަކެއް ވާހަކަތަކެއް ޚިއްޞާ ކުރެވުނެވެ. މަތީންވެސް އެ ހުރިހާ ކަމަކާއި އެއްބަސްވެ އޭނާގެ ޚިޔާލުވެސް އެ އެންމެންެ ތެރޭ ފާޅުކުރިއެވެ. “ނިހާންބެ ހާސްނުވައްޗޭ. މިގޭގަ ޒާޔާ ފޮރުވާފަ ބަހައްޓާނީ. ޒާޔާއަށް ބޭނުން ހުރިހާ ކަމެއް ކޮށްދޭން އަހަރުމެން މިތިބީ. ދެން ރަށުތެރޭންވެސް މީހުން ކިޔާ އެއްޗެހި އަޑުއިވޭނެ ދޯ ޖަމީލާއަށް.” ނޫމާން ފުރަތަމަ ދެއްކި ވާހަކަތަކާއިމެދު ނިހާން ވަރަށް ހިތްހަމަޖެހުނެވެ. ނަމަވެސް ނޫމާން އެންމެ ފަހުން ބުނެލި ޖުމުލައިން ނިހާނަށް ކުޑަވަރެއްގެ ހިތްނުތަނަވަސްކަމެއް ލިބުނެވެ. “އަމްމްމް.. ޖަމީލާވެސް ގެއިން ނުނެރި ބަހައްޓާ. އޭރުން ރަނގަޅުވާނެއްނު. އަނެއްހެން ބޭރުން މީހުން ވަރަށް ނުވަދެޔެއްނު ނިހާންބެެމެން ގެއަކަށް. ދޯ!”
“އާނ. ތީ ރަނގަޅު ގޮތެއް. ނިހާންބެ ބަލާނަން އޭނަ ގެއިން ނުކުމޭތޯ… އެހެންނޫނަސް އޭނަ ވަރަށް ބޭރަށް ނުނުކުންނާނެ… ބޭޒާރެއްވެދާނެތީ ކަންނޭނގެއެއްނު. ހަހަހަ.” ނިހާން މަލާމާތުގެ ރާގަކަަށް އެންމެ ފަހު ޖުމުލަ ބުނެލި ގޮތުން އެންމެނަށްވެސް ހެވުނެވެ.
އިރުއޮއްސުމާއިއެކު އެންމެންވެސް އެ ގެއިން ހިނގައްޖެއެވެ. މިހާރު އެގޭ ސިޓިންގް ރޫމުގައި ތިބީ ނިހާން އާއި ޒާޔާއާއި ނޫމާނެވެ. ނޫމާންވެސް ދެބަފައިންނަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން އޭނާގެ ކޮޓަރިއަށް ވަނެވެ.
“ބައްޕާ. ޒާޔާ ބޭނުން ނިހާ ދެކިލަން.” ޒާޔާ ނިހާ މަތިން ހަނދާންވުމާއިއެކު ބުނެލިއެވެ.
“އަދި ދަރިފުޅަށް ނިހާ ފެންނާނެ. އަދި މަޑުކޮށްލާ.”
“ބައްޕާ! އެކަމަކު ޖަމީލާ ނިހާ ނުދީފިއްޔާޔޯ؟” ހާސްވެފައި އިނދެ ޒާޔާ އަހައިލިއެވެ.
“ދަރިފުޅު ހާސްނުވޭ. އޭނައަކަށް ލާހިކު ކުޅަދާނަކަމަކަށް ނުވާނެ ނިހާ ނުދީ ގެންގުޅޭކަށް. އެއީވެސް ބައްޕަގެ ދަރިއެއްނު.”
“އާނ ބައްޕާ.”
ޒާޔާއާއި ވާހަކަ ދައްކައިލަން ކުޑަވަގުތުކޮޅަކު އިނުމަށްފަހު ބަންގި ގޮވުމާއިއެކު ނިހާން ޒާޔާގެ ނިތަށް ބޮސް ދީފައި ނުކުމެގެން ހިނގައްޖެއެވެ. ޒާޔާވެސް ނިހާން ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު އޭނާ ހުންނަން ހަމަޖެހިފައިވި ކޮޓަރިއަށް ވަނީ ތާޒާވެލައިގެން ނަމާދުކޮށްލުމުގެ ނިޔަތުގައެވެ.
ދަންވަރުގެ ވަގުތެވެ. ޒާޔާ އޮތް ކޮޓަރީ ކުޑަދޮރު ތެރެއިން ކުޑަކުޑަ ކޮކާލެއް އެތެރެއަށްވަނެވެ. އޭރު ޒާޔާ އޮތީ ލިއަމް އަށް ގުޅައިގެން ވާހަކަދައްކާށެވެ. އެ ކޮކާ އުދުހިލައިފައި އައިސް ޖައްސައިލީ ޒާޔާ އޮތް އެނދާއި ދާދި ގާތުގައި ހުރި ކުޑަ ގޮނޑިއެއްގައެވެ. އާންމުކޮށް ފެންނަ ކޮކާތަކާއި އެ ކޮކާ ވަރަށް ތަފާތެވެ. އެއްކޮށް ހުދުކުލައިގައި އިންއިރު ފިޔަގަނޑުގެ އެކި ބައިބައިތައް ހުރީ ‘ޓްރާންސްޕޭރެންޓް’ އޭ ބުނާ ގޮތަކަށެވެ. އެއިން ބައެއް ލޮލާއި ކައިރިކޮށްލާއިރު ދުރުގައި ހުރި ތަންތަންވެސް ފެންނާނެކަން ގައިމެވެ. ކުއްލިއަކަށް އެ ކޮކާގެ ފިޔަގަނޑު ދިއްލެން ފެށިއެވެ.
ދާދި ގާތުން އައްޔެއް ފާޅުވާހެން ހީވެގެން ޒާޔާ އެނދު ކައިރީ އިން ގޮނޑިއަށް ބަލައިލިއެވެ. އޭރު ޒާޔާއަށް ފެނުނީ ފިޔަގަނޑު ދިއްލައިލައިގެން އިން ކޮކާލެކެވެ. ޒާޔާއަށް އެވަގުތު ތެޅިގަނެވުނެވެ. ޒާޔާ އަވަހަށް އެނދުން ތެދުވެ ކޮޓަރި ދޮރު ކައިރިއަށް ދިޔައެވެ. އެގޮތަށް ހުއްޓައި ޒާޔާގެ ފޯނުވެސް ކެނޑިއްޖެއެވެ.
“ޒާޔާ.” ޒާޔާ އެ ކޮކާލާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓައި އޭނާގެ ކަންފަތުގައި ޖެހުނީ އޭނާގެ ދުވަސްވީ ‘އިންވިޒިބްލް’ ރަޙުމަތްތެރިޔާ މަލައިކާގެ އަޑެވެ. ޒާޔާ ކޮޓަރީގެ ހުރިހާ ދިމާލެއް ބަަލައިލިއެވެ. ނަމަވެސް އެއްވެސް ދިމާލަކުން އޭނާއަކަށް މަލައިކާއެއް ނުފެނުނެވެ. ޒާޔާ ބިރުގަންނަން ފެށިއެވެ. އަދި ހިނގައިގަންނަންވެސް ނޭނގިފައި ހުރެ ޒާޔާ ދެލޯ ބޮޑުކޮށްލައިގެން ހުއްޓެވެ.
އެ ކޮކާ އެތާ އިންދައި ގެއްލުނީ ޒާޔާ ބަލަބަލައި ހުއްޓައެވެ. ޒާޔާގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ޒާޔާއަށް އަދިވެސް ހުރެވުނީ ހިނގައިގަންނަން ނުކެރިފައެވެ. ޒާޔާގެ ކޮނޑުގައި މީހަކު ކޮއްޓައިލުމުން ޒާޔާއަށް ސިހިފައި އަނެއްފަރާތަށް ބަލައިލެވުނެވެ. އޭރު އޭނާ ގާތުގައި ހިނިތުންވެލައިގެން މަލައިކާ ހުއްޓެވެ. ދާހިތްލަމުން ދިޔަ މޫނުގައި ޒާޔާ އަތްހައިކައިލިއެވެ. އަދި ހަމައަކަށް އެޅެން މަސައްކަތްކުރަމުން މަލައިކާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
މަލައިކާ އެހެން ހުރެފައި ޒާޔާ ގައިގައި ބައްދައިލިއެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާ ފެނުމުން ލިބުނު އުފަލެއްގެ ސަބަބުންނެވެ. ޒާޔާވެސް ފެންކަޅިވެފައި ހުރެ މަލައިކާގެ ބުރަކަށީގައި އޭނާގެ ދެއަތް ވަށައިލިއެވެ. މަލައިކާ ޒާޔާއާއި ދުރުވެލައިފައި ޒާޔާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ.
ދެ އެކުވެރިންގެ ވާހަކަތައް ފެށިއްޖެއެވެ. އެކަކަށް ދިމާވި ކަންތައް އަނެކަކަށް ޚިއްޞާ ކުރަމުން ދިޔައެވެ. މަލައިކާގެ މަންމަ މަރުވި ވާހަކަ އަޑުއިވިފައި ޒާޔާ ވަރަށް ދެރަވިއެވެ. މަލައިކާވެސް ޒާޔާގެ ބައެއް ވާހަކަތައް އަޑުއިވިފައި ވަރަށް ދެރަވިއެވެ. އެއާއި އެއްވަރަށް ޒާޔާ ގެ އެ ގަދަ ހިތްވަރު ފެނިފައި މަލައިކާ ވަރަށް އުފާވިއެވެ. ޒާޔާ ޖަމީލާގެ ވާހަކަތައްވެސް މަލަައިކާއާއި ޚިއްޞާ ކުރިއެވެ. މަލައިކާ ބޭނުންވީ ހަމަ އެވަގުތުން އެވަގުތަށް ޖަމީލާއަށް ރަނގަޅު ލަނޑެއް ދޭށެވެ.
“ޒާޔާ. އަހަރެން ދާންވެއްޖެ. އަދި އަންނާނަން އިނގޭ. އެހެން ރެއަކުން. އިންޝާﷲ.” ޒާޔާ އާއި ސަލާމްކޮށްލައި ޒާޔާ ގައިގައި ބައްދައިލަމުން މަލައިކާ ބުންޏެވެ. ޒާޔާ ބޯ ޖަަހައިލުމާއިއެކު މަލައިކާ ކުޑަދޮރުން ބޭރަށް ފުންމައިލައިގެން ނުކުމެއްޖެއެވެ. ޒާޔާއަށް އެވަގުތު އޭނާގެ ފޯނަށް ބަލައިލެވުނެވެ. ލިއަމް މަތިން ހަނދާންވީ ދެނެވެ. އޭރު ލިއަމް ކޮށްފައި އިން މެސެޖް ފެނިފައި ޒާޔާއަށް އޭނާގެ ބޮލުގައި ޖަހައިލެވުނެވެ. “މިރޭ ދެން ނުނިދާނަމޭ ބުނި މީހާ މި. ގުޑް ނައިޓް ޖަހާފަ އެ ފިލީއެއްނު. ހަހް.” ދެ ބުމަ ގޮށްޖަހައިގެން އިނދެ ޒާޔާ ބެޑްޝީޓް މުޅި ގައިގައި އަޅައިގެން އޮށޯތެވެ.
ނިދިފައި އޮތް ޖަމީލާއަށް އުނދަގުލެއްވެގެން އުޅޭފަދައަކުން އެސްފިޔަތައް ތަޅުވައިލެވުނެވެ. ނިދިފައި އޮތްއިރު ޖަމީލާއަށް އޭނާގެ ގައިގައި އެއްޗެއް ހޭކޭހެން ހީވަނީއެވެ. ބޮޑަށް ހީވަނީ ދޫންޏެއްގެ ފިޔަތަކެއް އޭނާގެ ގައިގައި ހޭކޭހެންނެވެ. އެވަގުުތު ޖަމީލާއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އެނދުގެ އަނެއްފަރާތަށް ބަލައިލެވުނު ވަގުތު ޖަމީލާ ބިރެއް ފެނިގެންއުޅޭ ފަދައަކުން އަވަސްއަވަހަށް އެނދުން ތެދުވިއެވެ. އަނގަމަތީ އަތްއަޅައިގެން ޖަމީލާ ހުރީ އޭނާއަށް ހަޅޭއްލަވައިގަނެވިދާނެތީއެވެ.
އެނދުގައި އެއޮތީ އޭނާއަށް މީގެ ކުރިން ޖޯލިފަތިން ފެނުނު ބާޒެވެ. އެކަމަކު އެރެއަށްވުރެ މިރޭ އެ ބާޒު ފެންނަލެއް މާ ބޮޑެވެ. މިރޭ އެ ބާޒު ފެނުމުން ޖަމީލާ މާ ބޮޑަށް ބިރުގަތެވެ. އެއޮތީ ބާޒެއް ހެއްޔެވެ؟ ނޫނީ އެހެން މަޚުލޫޤެއް ހެއްޔެވެ؟ އޭގެ ހަށިގަނޑު ބާޒެއްހެން އޮތްއިރު މޫނު އިނީ އިންސާނެއްގެ މޫނު ފަދައިންނެވެ. ޖަމީލާ އަވަސްއަވަހަށް ދޮރު ހުޅުވައިފައި ބާރަކަށް އެތަނުން ނުކުތެވެ. އޭރު އޭނާ ނިހާ މަތިން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ.
ޖަމީލާއަށް ވީ ގޮތް ފެނި ހެވައިގަންނަމުން މަލައިކާ އެނދުން ތެދުވިއެވެ. މަލައިކާ އޭނާގެ އަސްލު ސިފައަށް ބަދަލުވެލައިފައި ނިހާ އަށް ބަަލައިލައިފައި އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ޖަމީލާއަށް ކިރިޔާވެސް ކޮޓަރިއަށް ވަދެވޭވަރުވީ ފަތިސް ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ. މަޑުމަޑުން ކޮޓަރިތެރެއަށް ބޯ ދިއްކޮށްލައިފައި ޖަމީލާ ކޮޓަރިއަށް ވަނެވެ. އަދި މަޑުމަޑުން ހިނގައިލައިފައި އައިސް އެނދުގައި އިށީނެވެ. ނިހާ ހޭލިޔަސް ހެޔޮކަމަށް ނިންމަމުން ޖަމީލާ ކޮޓަރީގެ ހުުދުބޮކި ދިއްލައިލިއެވެ. ޖަމީލާ އިނީ ނިހާން އޭނާ ކައިރިއަށް ނިދަން ނައުމުން އެކަމާ ހިތްހަމަނުޖެހިފައެވެ. ކޮންމެވެސް ބަހަނާތަކެއް ދައްކައިގެން ނިހާން ޒާޔާގެ ކޮޓަރީގައި އޮންނަން ވެއްޖެވިއްޔާއެވެ. ނިހާން މިރޭ އޭނާ ގާތުގައި އޮތްނަމަ އެކަހަލަ ކަމެއް ނުވީސްކަން ޖަމީލާ އަށް ޤަބޫލުކުރެވުނެވެ.
އޭގެ އަނެއްދުވަހެވެ. ހެނދުނު އެންމެންވެސް ސައިބުއީ އުސްމާންމެންގެ ގެއިންނެވެ. ނިހާން ވެސް ސައިބުއީ އެގެއިންނެވެ. މަތީންވެސް ސައިގައި ބައިވެރިވިއެވެ. އަފްލާހުވެސް މެއެވެ. ސައިބޮއެ ނިންމައިލައިގެން އެންމެންވެސް އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ވާހަކަދައްކަން ތިބެތިބެފައި އެންމެންވެސް ދިޔައީ ދިހައެއް ޖަހައި ބޮޑުވި ފަހުންނެވެ.
ސިޓިންގް ރޫމުގައި ނިހާ ކުޅޭތަން ބަލަން ޖަމީލާ އިނެވެ. ޖަމީލާ އެހެން އިންއިރު އޭނާއަށް ނިހާނާއި ދޭތެރޭ ވިސްނެމުން ދިޔައެވެ. ނިހާން މިހާރު އޭނާ އާއި ވަރަށް ދުރުވެއްޖެކަން ޖަމީލާއަށް މިދިޔަ ދުވަސްތަކު ފާހަގަކުރެވިފައިވެއެވެ. އަނެއްކާ ނިހާނަށް ކަމުދާ އެހެން އަންހެނެއް ފެނުނީބާއެވެ؟ ނޫނީ އޭނާ މަތިން ފޫހިވީބާއެވެ؟ ކޮންމެއަކަސް ނިހާން އައިސް ގެއަށް ވަނީ ޖަމީލާ އެ ޚިޔާލުތަކެއްގައި އިންދައެވެ.
“ޖަމީލާ. ހިނގާ ހަވީރު މީނަ ގޮވައިގެން ތުނޑީކޮޅަށް ދާން. މިހާރު ވަރަށް ދުވަސްވެއްޖެއެއްނު އަހަރުމެން އެގޮތަށް ތުނޑިއަށް ނުދާތާ.” ނިހާން އައިސް ޖަމީލާ ގާތުގައި އިށީންނަމުން ބުންޏެވެ. ނިހާން ކިތަންމެ ހިތް ނޭދުނަސް މިވަގުތަށް ޖަމީލާއާއި އެގޮތަށް ގާތްކޮށް ވާހަކަދެއްކުން މަޖުބޫރެވެ. “އާނ. ދާންވާނެ.” ޖަމީލާ ނިކަން އުފަލުން އިނދެ ބުނެލިއެވެ. “އަހަރުމެން ކައިވެނި ކުރިރޭ ލައިގެން ހުރި ހެދުން ލައިގެން ދާނީ. އަދި ނިހާވެސް ރީތި ހެދުމެއް ލައްވަން ވާނެ.” ނިހާން ދެންމެ ބުނެލި ޖުމުލަތަކުން ޖަމީލާގެ ހިތް އުފަލުން ނަށައިގަތެވެ. “އެހެންމަ މިއަދު ވާނީ ވަރަށް ހާއްސަ ދުވަހަކަށްތާ ދޯ.” ނިހާން ގައިގައި ބައްދައިލަމުން ޖަމީލާ ބުންޏެވެ. ނިހާން ހިނިތުންވެލައިފައި ބޯ ޖަހައިލިއެވެ. “މި ދަނީ ބަދިގެއަށް އިނގޭ.” ޖަމީލާ ނިކަން ހެވިފައި ހުރެ ގޮސް ބަދިގެއަށްވަނެވެ. ޖަމީލާ ހުރީ ނިހާނާއި ދޭތެރޭ އެގޮތަށް ޝައްކު ކުރެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅިއައިސްފައެވެ. “މިއަދު މީ ކިހާ ހާއްސަ ދުވަހެއްކަން އެނގޭނެ ތުނޑިއަށް ދެވުނީމަ.” ޖަމީލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ނިހާން އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުނެލިއެވެ. އަދި ކުޅެން އިން ނިހާއަށް ބަލައިލައިފައި ނިހާންވެސް ނިހާ އާއިއެކު ކުޅެން ފެށިއެވެ.
ޢަޞްރު ނަމާދުކޮށް ނިމިގެން ފަވާޝަތު ނޫމާންމެން ގެއަށް ދިޔައެވެ. އަދި ހަސްނައިން ވެސް ތައްޔާރުވެލައިގެން އެގެއަށް ދިޔައެވެ. ފަވާޝަތު ޒާޔާގެ ކޮޓަރިއަށްވަދެ ޒާޔާ ރީތިކުރަން އުޅުނެވެ. ޒާޔާވެސް ހުރީ ނިހާން ކައިވެނި ކުރިރޭ ލައިގެން ހުރި ހެދުން ލައިގެންނެވެ. ފަވާޝަތު އުޅުނީ ޒާޔާގެ އިސްތަށިގަނޑު ސްޓައިލްކޮށް ޒާޔާ މޭކަޕް ކުރުމުގައެވެ.
އުސްމާންވެސް ހުރީ ނޫމާން އާއި ހަސްނައިންގެ އެދުމުގެ މަތިން ޖަމީލާ ކައިވެނި ކުރިރޭ އުސްމާން ލައިގެން ހުރި ގަމީހާއި ފަޓްލޫނު ލައިގެންނެވެ. އުސްމާން އެމީހުން ގާތުގައި ސަބަބު އެހުމުން ނޫމާންމެން ބުނީ މިއަދު މީ ނިހާނާއި ޖަމީލާއަށް ވަރަށް ޚާއްޞަ ދުވަހެއްކަމުގައެވެ. އަދި ބައްޕައަށް މިއަދު ނޭނގި އޮތް ވަރަށް ބޮޑު ވާހަކައެއްވެސް އެނގިގެން ދާނެކަމަށް ނޫމާން ބުންޏެވެ. ކޮންމެއަކަސް އުސްމާން އެބުނާ ނޭނގޭ ވާހަކަ ވަރަށް އަޑުއަހާ ހިތްވެއްޖެއެވެ.
ޒާޔާ ރީތިކޮށްދީގެން ފަވާޝަތު ޒާޔާ ގޮވައިގެން ކޮޓަރިން ނުކުތެވެ. ފަވާޝަތާއިއެކު އައި ޒާޔާ ފެނުމާއިއެކު ހަސްނައިންއަށް އޭނާގެ އަނގަ ހުޅުވައިލެވުނެެވެ. “މާޝާﷲ. ހަނދުވެސް ލަދުން އޮއްސިގެން ދާނެ.” ހަސްނައިންއަށް އޭނާގެ އިޚްތިޔާރުން ބޭރުގައި ޒާޔާއަށް ތަޢުރީފްކޮށްލެވުނެވެ. ހަސްނައިންއަށް އެކަން ރޭކައިލީ ޒާޔާ ލަދުން އިސްޖަހައިލުމުންނެވެ. ހަސްނައިންވެސް ރަކިވެފައި ހުރެ އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތް މަހައިލިއެވެ. އޭރު އެތާ ތިބި އެންމެނަށްވެސް ހެވުނެވެ.
ނިހާނާއި ޖަމީލާ ތައްޔާރުވެގެން ނުކުތެވެ. ދެމީހުންވެސް ކައިވެނި ކުރިރޭ ލައިގެން ހުރި ހެދުން ލައިގެން ތިބިއިރު ހީވަނީ އަލަށް ކައިވެނިކުރަން އުޅޭ ދެމީހުން ހެނެވެ. ނިހާވެސް އިނީ މިއަދު ވަރަށް ރީތިކޮށްލައިފައެވެ. އެ މަންޖެއަށް އެސްފީނާއެއް ނުޖެހުނިއްޔާވާ ރަނގަޅެވެ.
ނިހާން ނިހާ އުރައިލައިގެން ހުރިއިރު ޖަމީލާ ހުރީ ނިހާންގެ އަނެއް އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލައިގެންނެވެ. މަގުމަތިން ދާހާބައެއްގެ ނަޒަރު އެމީހުނަށް އަމާޒުވަމުން ދިޔައެވެ. ކޮންމެ މީހެއްގެވެސް ނަޒަރު އެމީހުނަށް އަމާޒުވާތީ ޖަމީލާ ހުރީ ނިކަން އުފާވެލައިފައެވެ.
ދެމީހުނަށް ނިހާ ގޮވައިގެން ތުނޑިއަށް ދެވިއްޖެއެވެ. އޭރު ހަސްނައިންމެން އެތާ ތިއްބެވެ. “އަޅެ އެންމެންވެސް ހަމަ އެ ހެދުންތައް ލައިގެން އައިއްސަ ދޯ ތިތިބީ.” އެންމެންވެސް ޖަމީލާ ކައިވެނިކުރިރޭ ލައިގެން ހުރި ހެދުން ލައިގެން ތިބުމުން ޖަމީލާ ނިކަން ތުއިވެލައިފައި ބުނެލިއެވެ. އުސްމާން ފިޔަވައި އެހެން އެންމެންގެ ހިތްތަކަަށް ފޫހިކަން ވެރިވިއެއްކަމަކު އެންމެންވެސް ތިބީ ބޭރުފުށުން ހިނިތުންވުމެއް ދައްކައިލައިގެންނެވެ. “ނިހާ ގެނޭ އަހަރުމެން އަތަށް. ނިހާންބެމެނަށް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލެވޭނީ އޭރުންނެއްނު ދޯ.” ފަވާޝަތު އެހެން ބުނެ ނިހާންގެ އަތުން ނިހާ އަތުލިއެވެ. ފަވާޝަތު ނިހާ އުރައިލުމާއިއެކު ދެމީހުންވެސް ފަވާޝަތުމެނާއި ތަންކޮޅެއް ދުރަށް ދިޔައެވެ. ނިހާންމެނަށް ތަންކޮޅެއް ދުރަށް ދެވުމާއިއެކު ނޫމާން މަތީނަށް ގުޅައިލަމުން އަވަހަށް ޒާޔާ ގޮވައިގެން އައުމަށް ބުންޏެވެ.
އެންމެންތައްވެސް ނިކަން ސިއްރު ސިއްރުން ގޮސް ނިހާންމެން ތިބިތާ ކުޑަތަންކޮޅެއް ކައިރިއަށް ދިޔައެވެ. ނިހާންމެން ތިބީ ރާޅުޖަހާ ފަށުގައެވެ. އެމީހުން އެތިބީ މަގޫ ގަސްތައް ކައިރީގައެވެ. އިރުކޮޅެއްނުވެ މަތީން ޒާޔާ ގޮވައިގެން އައެވެ. ޖަމީލާ ފަހަތަށް އެނބުރި ބަަލައިލައިފާނެތީ އެމީހުން ޒާޔާ ބެހެއްޓީ ޖަމީލާއަށް ނުފެންނާނޭ ފަދައަކުން މަގޫގަސްތަކުގެ ތެރޭގައެވެ.
“ޖަމީލާ. ބުނީމެއްނު ހަދިޔާއެއް ގެނައީމޭ ދޯ. ހަދިޔާ ބަލާލަން ބޭނުންތަ؟” ޖަމީލާއާއި ކުޑަކޮށް ކައިރިވެލަމުން ނިހާން އަހައިލިއެވެ. “އާނ. ވަރަށް ބޭނުން.” އިސްޖަހައިގެން ހުރެ ޖަމީލާ ބުންޏެވެ. ޖަމީލާ ހުރީ ނިހާން އެހާ ގާތުގައި ހުރުމުން ލަދުގަންނަގޮތްވެފައެވެ. “ހެހެ. އެ ހަދިޔާ ފެނުނީމަ ޖަމީލާއަށް ވާނީ ކިހިނެތްބާއޭ މި ހިތަށް އަރަނީ. ޖަމީލާއަށް ކަމުދާނެބާއޭ އެބަ ހިތަށް އަރާ.”
“ދެން ނިހާން ދޭ ކޮންމެ އެއްޗެއް އަހަންނަށް ކަމުދާނެއެއްނު.”
“ޔަގީންތަ؟”
“އާނ. ޔަގީން.”
“އެހެންވިއްޔާ ހިނގާ އިހަށް މަޑުކޮށްލަމާ. އިރުކޮޅަކުން ހަދިޔާ އަތުވެދާނެ ޖަމީލާ ކައިރިއަށް.” ނިހާން އެހެން ބުނެ ދުރުގައި ތިބި ފަވާޝަތުމެނަށް ބަލައިލިއެވެ. ޖަމީލާއަށް ނޭނގޭނޭ ފަދައަކުން ނިހާން ފަވާޝަތަށް އަތުން އިޝާރާތެއް ކޮށްލިއެވެ. ދުރުގައި ހުރި ފަވާޝަތު ބޯ ޖަހައިލިތަން ނިހާނަށް ފެނުނެވެ.
“ޒާޔާ. ނިހާންބެ ބުނެފި ދާން.”
“ހަމަ ދާންވީތަ؟” ކުޑަކޮށް ނުތަނަވަސްވެފައި ހުރެ ޒާޔާ އަހައިލިއެވެ.
“އާނ. ދާންވީ. ކޮބާ އެއްކަލަ ހިތްވަރު؟” ފަވާޝަތު ޒާޔާގެ ކޮނޑުގައި ޖަހައިލަމުން އަހައިލިއެވެ. ޒާޔާ ހިނިތުންވެލައިފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ކުރިއަށް ދާން ފެށިއެވެ.
“ކޮބާ. އިންތިޒާރުގަ ބަހައްޓާނީތަ؟” ޖަމީލާ އަހައިލިއެވެ. “ނޫނޭ. މިހާރު ހަމަ އެ އަންނަނީ. އަހަރެން ތިނަކަށް ގުނަންވާއިރަށް އެ ހަދިޔާ ހުންނާނީ ހަމަ ޖަމީލާގެ ކުރިމަތީ.. އެކެއް… ދޭއް……. ތިނެއް.” ނިހާން އެހިސާބަށް ގުނައިލިއިރު ޖަމީލާގެ ކޮނޑުގައި މީހަކު އަތް އަޅުވައިލިއެވެ. ޖަމީލާ ފަހަތް ބަލައިލުމާއިއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުރިމަތީ ހިނިތުންވެލައިގެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނި ޖަމީލާ ހުރީ މިއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރަން ދަތިވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.





Wow Varah reethi ???
Nihaan dhy komme hadhiyaa eh jameela ah kamudhaanybaa???
Oh wow this part os amazing ????
When is the next part???
Maash 🙂 🙂 🙂 Thank you dear! Nihaan dhin hadhiyaa jameelaa au kamudhiyathoa balaalan waane next episode ga inge 😀 😀 Keep waiting!
Next episode liyevunuhaa avahakau upload kodhdheynan 🙂 🙂 🙂
By the way I’m first ??
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ރީތި
Varah curiously kohllaafa this nimmaalee
Kon irakun next part ☺️
Waiting ga
Yooha 🙂 🙂 🙂 Thank you dear! vv ufaawejje 😀 😀 Dhn in bai upload kolladheynan hama liyevunuhaa avahakau. Keep waiting! 😀 🙂 🙂 🙂
Yey me first dhw?
Mi part vx v reethi ingey ??
Jameela ah vaany Kihineh baa??? zaya lwbiiii haadhaha hihvaru gadha Ey dhw masha Allah ❤️❤️?
Dhonthy mi story vvvvvvvvv reethi ingey baraabarah cmmnt nukuriyas I vx baraabarah mi story kiyamey ingey V curious kollaa fa thi nimmaaly BTW waiting for the next part.. Jameela rangalhah beyzaaru kollaathi
Lyssmm n tc n stay safe ❤️
Alhey dhemme ehn kudhin koffa huri cmmnts fenuny Srry I’m not first ???
Ahul 🙂 🙂 🙂 Thank you dear! Jameelaa au kihineiybaa dhw waanee?? Balamaa! Anyways, adhi es effaharu v bodau thank you 🙂 🙂 🙂 And yes! Keep waiting for the next episode 🙂 Stay safe 🙂 Love you too and take care <3 <3 <3 <3
Ryn ge lwbi lwbi dhonthyyy???maasha Allah ????????????????????????????mi part vx v salhi ?????????????????????????hama speechless ?????Lysmmmmmm??????????????????????Tc
RYN 🙂 🙂 🙂 Thank you dear! vv ufaawejje 😀 😀 😀 Love you tooo and take good care <3 <3 <3
MaShaaAllah V Reethi
Scarlet 🙂 🙂 🙂 Thank you dear!
Maasha Allah Vara reethi waiting for the next part btw jameela moyaveetha??
Naayooo 🙂 🙂 🙂 Thank you dear! And yes! Keep waiting for the next episode 😀 Jameelaa au veegotheiy ingeyne next episode ga 🙂 🙂 🙂 🙂
Maasha allah varah varah varah reethi mibai ves ????????????❤❤❤❤❤❤❤❤❤
Ram 🙂 🙂 🙂 Thank you dear! <3 <3 <3 <3 <3 <3
Maasha Allah ??????????v.reethi mi part vx???????????????curiously waiting for the nxt part????????????????lve u more dhonthsssss?????????
shyn 🙂 🙂 🙂 Thank you dear. And yes! Keep waiting curiously for the next episode 😀 😛 😛 🙂 🙂 🙂 Love you too <3 <3 <3 <3
woww dhonthy varah reethi mi part vess
lysm keep it up sis
KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you dear! vv ufaawejje. Love you too <3 <3 <3
Very nice waiting for next part
maasha 🙂 🙂 🙂 Thank you dear. And yes! Keep waiting for the next episode 🙂
Wow…awwwn it was so nice… Keep up the hard work Dhonthy… Curiously waiting for the next part
Xelll 🙂 🙂 🙂 Thank you 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀
Dhonthy haadha curiously koshey vaahaka thi nimmaaly. I am very curious for the next part. Avahah upkohla dhehchey ❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????❤️❤️❤️❤️?????????????????????????????????????????????????????????????????
Xoya 🙂 🙂 🙂 Thank you dear! 😀 😀 Keep waiting inge Xo. Dhn in bai hama liyevunuhaa avahakau upload kolladheynan <3 <3 <3 <3 <3