އެންމެން ހަމަވުމުން ކާރު ތަކާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކިޔާން އައީ ސައިކަލް ގައި ކަން އެނގުމުން ޖައިލަމް ސުވާލު ކުރިއެވެ.
“އެއީ އަހަރެން…” ކިޔާނަށް އެއްކޮށް ނުބުނެވުނެވެ.
“ހޭ! ޔާން!” އަންހެން ކުއްޖަކު ކިޔާން އަށް ގޮވާލުމުން އެންމެން ބަލާލިއެވެ. އޭރު އެކުދިންނާ ދިމާއަށް ފަރި ހިނގުމެއް ގައި ހިނގަމުން އަންހެން ކުއްޖަކު އާދެއެވެ. އުނަގަނޑާއި ހަމަ އަށް އަރާ ވަރުގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑުގެ ތިރި ރަން ކުލަ ޖައްސާފައި ހުރިއިރު ކަންފަތް ކައިރިއަށް ވައްޓާލާފައި ވާ އިސްތަށިކޮޅުގައި ވެސް އިނީ އެކުލަ ޖައްސާފައެވެ. އަޅި ކުލައިގެ ލެންސު ލައްވާފައިވާ ލޮލަށް ބޯ އެސްފިޔަތައް ހިޔާ އަޅަމުން ދިޔައިރު ލޯ ކައިރި ވަނީ އައިލައިނާގެ ބޯ ފަށަލަ އަކުން ފަވާލެވިފައެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕުސްޓިކު ޖައްސާފައި ވީއިރު މޫނު ހީވަނީ ފައުންޑޭޝަނުން މޮޑެފައި ހުރި ހެންނެވެ. ގަޔަށް ހިފާފައިވާ ފިޔާތޮށި ކުލައިގެ ކުލައިގެ ޓޮޕާއި އެކު ކަޅުކުލައިގެ ކުރު ކުރު ޕެންސިލް ސްކަރޓެއް ލާފައި ހުރުމުން ފެޝަނަށް ލޯބި ކުރާ ކުއްޖެއް ކަން އެނގެއެވެ.
އެ ކުއްޖާ އައިސް ކިޔާން ކައިރީ ހުއްޓުނެވެ. އަދި ކިޔާންގެ އަތާއި އަތް އަޅުވާލުމަށް ފަހު އެންމެނަށް ބަލާލިއެވެ. ކިޔާންވެސް އެކުއްޖާއާއި އިތުރަށް ގާތްވެލިއެވެ. އަދި އަޅުވާލެވިފައިވާ އަތް ނައްޓާލަމުން އެކުއްޖާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. މި މަންޒަރު ފެނި ތާރާއަށް ހީވީ އޭނާގެ ހިތް ތޫނު ހަންޖަރަކުން ކޮށައި ފޮތިފޮތި ކޮށްލިހެންނެވެ. ނަމަވެސް މޫނު މައްޗަށް ވެރިވި މާޔޫސް ކަމާއި ހިތްދަތި ކަން ދެވަނަ ސިކުންތުގައި ފޮރުވާލީ އެހެން ކުދިންނަށް ފެނިދާނެތީއެވެ. އަދި ފޭކް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރި ކުރުވިއެވެ.
“ގާއިސް. ދިސް އިޒް ދީމާ. މައި ގަރލް ފްރެންޑް.” ކިޔާން އެބުނި ޖުމްލަ ތާރާއަށް އިވުނީ ހޮނުގުގުރި އެއް ހެންނެވެ.
“އެން ދިމް. ދީޒް އަރ މައި ފްރެންޑްސް. އީކަން، ޔުކްތާ، ޖައިލަމް އެން ސަމާ.” ކިޔާން ތާރާގެ ނަން ނުކީ ގަސްދުގައެވެ. އެކަމުން ވެސް ތާރާއަށް ލިބުނު ހިތްދަތިކަން ވީ އިތުރެވެ. ކިޔާން އޭނާ ދެކެ ހަމަ އެހާ ނަފުރަތު ކުރޭ ހެއްޔެވެ؟
“އެން ހޫ އިޒް ދިސް؟” ރީތި ހިނިތުން ވުމެއް ދެމުން ދީމާ ތާރާއަށް އިޝާރާތް ކޮށްލިއެވެ. “އެއީ އަހަރެންގެ ފްރެންޑް ކައިލާންގެ ކޮއްކޮ.” ފަރުވާކުޑަ ރާގެއްގައި ކިޔާން ބުނެލިއެވެ. “ތާރާ.” ތާރާގެ ނަން ކިޔާން ނުބުނުމުން ނަން ބުނެދިނީ ޖައިލަމެވެ.
ތާރާ ގެ ހިތް ފިސްފިސް ކޮށްލި ފަދައެވެ. ‘އަހަރެންނަަކީ ހަމައެކަނި ކައިގެ ކޮއްކޮތަ؟ ކީއްވެތަ އަހަރެން ދެކެ ތިހާ ރުޅި ތި އަންނަނީ؟ އަހަރެންނަށް ކިޔާން ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނީތަ؟ ބުނީމަ ދޯ އެނގޭނީ ވެސް ވެގެން އުޅޭގޮތެއް. ކިޔާން، އަހަރެންގެ ނަން ވެސް ދުލުން ނުބުނެވޭ ވަރަށް ނަފުރަތު ކުރަންތަ؟ ކިޔާން. އަހަރެންގެ ހިތަށް ހާދަ ތަދުވޭ. ކީއްވެތަ؟ އެންމެ ފަހަރަކު ވެސް އަހަންނާ ދިމާއަށް ބަލާލަބަލަ. ހަމަ އެންމެ ފަހަރަކު. އެންމެ ފަހަރަކު އަހަރެންނާ އަނގައިން ބުނެބަ. ހެޔޮނުވާނެ އެންމެ ފަހަރަކު.’ ތާރާ އޭނާގެ ހިތާއި ހިތުން ތުއްތު ކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.
‘އަހަރެން އަޑު އެހަން. އަލަތު ލޯތްބަކީ އެންމެ އުފާވެރި ލޯތްބޭ. އެންމެ ފުރިހަމަ ލޯތްބޭ. އަލަތު ލޯތްބަކީ އެންމެ އުފާވެރި އިހުސާސޭ. އެކަމަކު… އެކަމަކު އަހަންނަށް މިވީ ކިހިނެއް؟ އަހަރެންގެ އެންމެ ފުރަތަމަ ލޯބި އަހަރެންގެ އަތުން ބީވީ. ސަބަބެއް ވެސް ނޭނގެ. އަހަރެންގެ އަލަތު ލޯބި މިވީ އަހަރެންގެ އެންމެ ހިތްދަތި އިހުސާސަށް. ކިޔާން! ކިޔާން އަށް އެނގޭތަ؟ އަހަރެންގެ ހިތް ކިޔާން އާއެކު ވުމަށް ރޮއެ އާދޭސް ކުރާވަރު؟ އެންމެ ފަހަރަކު ވެސް އެނގޭތަ އެކަން؟’ އޭނާގެ ހިތް ހީވަނީ ޝަކުވާއިން ބަންޑުން ވާން އުޅޭ ހެންނެވެ.
“ސޯ ހުރިހާ އެންމެން ހަމަ ވީނު. ޔޫ ގާއިސް ކާރުގަ ދޭ. އަހަރެމެން ދާނަން ސައިކަލުގަ. ދޯ ލަވް؟” ކިޔާން އެހެން ބުނެލީ ދީމާއާ ދިމާއަށް އެނބުރެމުން ކަމުގައި ވީ ނަމަވެސް އޭނާގެ ކަޅި އަމާޒު ވެފައި ވަނީ މަޑުމަޑުމް ހުރި ތާރާއަށެވެ. ހީވާގޮތުންނަމަ އޭނާ ‘ލަވް’ އޭ ވެސް ބުނީ ތާރާއަށް ވާގޮތެއް ބެލުމަށެވެ. ނަމަވެސް ތާރާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ހިނިތުންވުމެއް ނެތް ތާނގައި ހިތްދަތި ކަމުގެ ނުވަތަ ނަފްރަތުގެ އަސަރެއް ވެސް ނެތެވެ. ހީވަނީ އެތާ ބަހައްޓާފައި ހުރި ބުދެއް ހެންނެވެ.
ކިޔާން ‘ލަވް’ އޭ ބުނެލި އަޑު ތާރާއަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ. ބޭއިޚްތިޔާރުގައި މަޑު އާހެއް އަނަގައިން ބޭރު ވިއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވި ހިނދު އެ ކަރުނަ ތައް ބޯ އެސްފިޔަތަކުގެ ނިޔަލުގައި ފޮރުވާލަން މަޖުބޫރު ވީ ކިޔާންގެ ތޫނު ނަޒަރު އިހުސާސް ވުމުންނެވެ.
ކިޔާން އަށް ތާރާގެ ވޭނީ އާހްގެ އަޑު ނީވުނު ކަމުގައި ވިޔަސް އެއަޑު ރީއްޗަށް އަޑު އިވުނު ދެމީހަކު ވިއެވެ. އެކެއްގެ ހިތް ތާރާއާ މެދު ނަފްރަތުން ފުރިގެން ދިޔައިރު އަނެކެއްގެ ހިތް ތާރާއަށް ހަމްދަރުދީ އިން ފުރުނެވެ.
އީކަން ކާރަށް އެރުމުން އެންމެން ކާރުތަކަށް އަރައި ހަމަ ޖެހިލިއެވެ. ތާރާ ވެސް ޖައިލަމްގެ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. ޖައިލަމް ކައިރީ ޕެސެންޖަރ ސީޓް ގައި އިން ސަމާ ތާރާއަށް ބަލާލީ ތާރާގެ މޫޑު ސަކަރާތް ވެފައި ހުރިކަން އެނގުމުންނެވެ. ދެތިން ފަހަރު ގޮވާލުމުން ވެސް ތާރާ ޖަވާބެއް ނުދީ ބޭރު ބަލަހައްޓައިގެން އިނެވެ. ހީވަނީ ފުން ޙިޔާލެއް ގައި އިން ހެނެވެ. އެންމެ ފަހުން ސަމާ ވެސް އެއްޗެކޭ ނުބުނެ އިނެވެ.
……….
އީކަން އާއި އެއް ކާރެއްގައި އެކަނި ވުމުން ޔުކްތާގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ ހީވަނީ ދެންމެ ދެންމެ އަކުހެން ކަށިތައް ފަޅާފައި ފުންމައިގެން ނިކުމެދާނެ ހެނެވެ. އީކަންގެ ހާލަކީ ތޯއެވެ؟ ކައިރީގައި އިށީނދެގެން އިން ޔުކްތާއަށް ދޭތެރެ ދޭތެރެއިން އޭނާގެ ވަށްކަޅިން ބަލާލައެވެ. އޭނާގެ ދުލު ކުރީގައި ބުނަން ބޭނުންވާ އެތަކެއް ބަސްތަކެއް ވިއެވެ. ނަމަވެސް އެކަމަށް އެއްވެސް ހިތްވަރެއް ނުލިބުނެވެ.
ލޯގަނޑު ކުރިމަތީ ހުރެގެން ކުރި ޕްރެކްޓިސް ތައް ހަނދާން ނެތުން ފަދައެވެ. އާއެކެވެ. ޔުކްތާ ގާތު ރައްޓެހި ވާން އެހުމަށް އީކަން ލޯގަނޑު ކުރިމަތީ ހުރެ އެތައް ވާހަކައެއް ދެއްކިއެވެ. އެތައް ފަހަރަކެވެ. ނަމަވެސް ވަގުތު ޖެހުމުން ބޭނުންވި ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ.
ޔުކްތާ މިއަދު ކުރިއަށް ވުރެ އެތައް ހާސް ގޮތަކުން ރީތި ކަމަށް ދައްކައެވެ. އޭނާގެ ކުޑަކުޑަ ވަށް މޫނު ބިސްކުލައިގެ ޝޯލް އެއްގެ ތެރެއިން ފެންނައިރު މައުސޫމް ކަން ހާމަ ވެގެން ދާއިރު، އެ އަޅި ކުލައިގެ ބޮޑު ދެލޯ ވަށައިގެން އައިލައިނާ އަޅާ ފަވާލާފައި ވުމުން ނުލައިހިކު ހިތްގައިމެވެ. ބޯ އެސްފިޔަތަކުގައި މަސްކަރަ އަޅާލައި ތުންފަތުގައި ގަދަ ރަތް ކުލަ ޖައްސާފައި ވީއިރު ހީވަނީ ޕަރީއެއް ހެންނެވެ. ހުދުކުލައިގެ ގަމީހެއް ލާފައި ބިސް ކުލައިގެ ސްކިނީ ޖީންސްއެއް ލާފައި ހުރުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.
“ޔުކް..”
“އީކް.”
ދެމީހުންނަށް އެކަކު އަނެކަކަށް ގޮވާލެވުނީ އެކު އެކީގައެވެ. އެއާއެކު ދެމީހުން ގާތަށް ވެސް ކުޑަކޮށް ހިނި އައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. “ލޭޑީސް ފަސްޓް.” ހީލަމުން އީކަން ބުނެލިއެވެ. ޔުކްތާ ހިންދިރުވާލިއެވެ. “އީކް. އަމްމް.. އައި.. އަމްމްމް..” އޭނާއަށް ބުނަން އުނދަގޫ ވިއެވެ. އީކަން ސުވާލުގެ ނަޒަރަކުން ޔުކްތާއަށް ބަލާލުމަށް ފަހު އަނެއްކާވެސް މަގުމައްޗަށް ނަޒަރު ހިންގާލިއެވެ.
“އައި ޑޯންޓް ނޯ ހައު ޓު ސޭ ދިސް އެގްޒެކްޓްލީ. ބަޓް އީކަން…” ޔުކްތާ އީކަންގެ ސީދާ ނަމުން ގޮވާލުމުން އީކަން ބަލާލިއެވެ. އޭރު ޔުކްތާ އިނީ އޭނައާ ދިމާއަށް ބަލަހައްޓައިގެންނެވެ.
“އީކް. އައި ރިއަލީ ލައިކް ޔޫ.” ޔުކްތާ ބުނެލިއެވެ. އީކަން ދެލޯ ބޮޑުކޮށް ލުމަށް ފަހު ކީކޭހޭ އަހާލއެވުނީ ގަބޫލު ނުކުރެވިފައެވެ. “އައި ލައިކް ޔޫ އޭ! އައި ލަވް ޔޫ އޭ!” ޔުކްތާ މޫނުމަތީ އަތް އަޅާލަމުން ބުނެލިއެވެ. އީކަން އަދިވެސް އިނީ ގަބޫލު ކުރަން ދަތިވެފައެވެ. އޭނާ މިއަދު ހަތަރުދަމު ތައްޔާރު ވަމުން ދިޔަ ކަންތައް އެކުރީ ޔުކްތާއެވެ. ކޮންފަދަ އަޖައިބެއް ކަހަލަ ކުއްޖެއް ހެއްޔެވެ؟ އީކަން އަށް ކުރަން ނުކެރުން ކަންތައް އެންމެ ފަހުން އެކުރީ އޭނާގެ ހިތުގެ މަލަކާއެވެ.
“ޕްލީޒް އެއްޗެކޭ ބުނެބަ. ދިސް އިޒް ސޯ އެމްބެރޭސިންގ.” ޔުކްތާ މަޑުމަޑުން ބުނެލިއެވެ. އީކަން މަގުގެ އެއްފަރާތުގައި ކާރު ޕަރކް ކޮށްލުމަށް ފަހު ޔުކްތާއާ ދިމާއަށް އެބުރުނެވެ. އަދި އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން އިނެވެ. ހީވަނީ އެސިފަ އޭނާގެ ހިތުގައި ބިންވަޅު ނެގިޔަ ދެނީ ހެންނެވެ. ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ ވަރަށެވެ.
އެއްވެސް އަޑެއް ބަޑެއް ނުވުމުން ޔުކްތާ މޫނުމަތިން އަތް ނެގިއެވެ. އަމިއްލަ ނަފްސަށް ކުސްތަޅަމުންނެވެ. ‘އައި ޝުޑްންޓް ހޭވް ޓޯލްޑް ހިމް. މިހާރު ނޭނގެ އޭނަ އަހަރެންނާއި ދޭތެރޭ ދެކޭގޮތް ވެސް. އަހަރެންނާ ދުވަހަކުވެސް ވާހަކަ ނުދައްކަފާނެ. އޯހް ގޯޑް. ވަޓް ހޭވް އައި ޑަން؟ އައި ރޫއިންޑް އިޓް އޯލް. އައިމް ސޯ ސްޓުޕި…’
އޭނާ ސިހުނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިން އީކަން ފެނުމުނެނެވެ. އީކަންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވާއިރު އެ ދެލޮލުގައ ވާ ފުން ނަޒަރުން ނަގަން ވީ ކޮން މާނައެއް ކަމެއް ޔުކްތާ އަކަށް ނޭނގުނެވެ. “ޕްލީޒް ޑޯންޓް ހޭޓް މީ އިނގޭ.” ޔުކްތާ ބުނެލިއެވެ.
“އައި ލަވް ޔޫ ޓޫ ޔުކް.” އީކަން ބުނެލިއެވެ. ނަމަވެސް ޔުކްތާ ހާސްވެފައި ހުރި ވަރުން އެއަޑު އިވުން ހެނެއް ހިއެއް ނުވެއެވެ.
“އިޓްސް އޯކޭ އިފް ޔޫ ޑޯންޓް ފީލް ދި ސޭމް. ބަޓް އައި ހޯޕް ވީ ކޭން ސްޓިލް ބީ ފްރެން… ވެއިޓް ވާޓް؟؟؟” އީކަން ބުނީ ކީކޭ ކަން ވިސްނުމުން ޔުކްތާ ދެލޯ ބޮޑުކޮށް ލާފައި އީކަން އަށް ބަލާލިއެވެ. އޭރު އީކަން އިނީ ހިނިއައިސްފައެވެ.
“ޔޫ ލަވް މީ ޓޫ؟” ޔުކްތާ މަޑުމަޑުން އަހާލިއެވެ. “ޔެސް. އައި ލަވް ޔޫ، ޔުކް. އައި ރިއަލީ ޑޫ.” އީކަން ޔުކްތާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާ ލަމުން ބުނެލިއެވެ. ޔުކްތާ އުފަލުން ހިނިތުން ވެލުމުން އީކަންގެ ހިތް ލޯބިން ފުރި ބަންޑުން ވި ކަހަލައެވެ.
………..
ޖައިލަމަށް ދޭތެރެ ދޭތެރެއިން ސިއްރު ސިއްރުން ސަމާއަށް ބަލާ ލެވެއެވެ. ގަދަ ރަތް ކުލައިގެ ޝޯލެއް އަޅާލާފައި ވީއިރު އެއާ ގުޅުވައިގެން ރަތްކުލައިގެ ގަޔަށް ދޫ ކަކުލާ ހަމައަށް އަރާ ވަރުގެ ހެދުމަކާއި ޑެނިމް ޖީންސް އެއް ލާފައި ހުރުމުން ހީވަނީ ފޮޅިފައި އިން ރަތް ފިނިފެންމަލެއް ހެންނެވެ. ލޮލު ކައިރީގައާއި ބޯ ބުމައިގައި އަނދުން އަޅާފައި ވާއިރު ތުންފަތުގައި ވެސް ރަތް ކުލަ ޖައްސާފައި ވުމުން ވަރަށް ވެސް ރީއްޗެވެ.
މައުސޫމް އެކުއްޖާ އަތް މޮޑެމުން ދިޔަ މަންޒަރު ފެނިފައި ބޭއިޚްތިޔާރުގައި ޖައިލަމަށް ހިނިތުންވެވުނެވެ. އަދި ސަމާ ހާސިލު ކުރުމަށް އަމިއްލަ ނަފްސާއި ވަޢުދު ވިއެވެ.
……….
ތާރާ އަދިވެސް އިނީ ބޭރު ބަލަހައްޓައިގެންނެވެ. އޭނާގެ ހިތަށް ތަދުވަނީއެވެ. އެތެރެ ހަށީގައި ވޭން އަޅަނީއެވެ. އޭނާއަށް ނޭވާ ލާން ވެސް އުނދަގޫ ވެސް ވަނީއެވެ. ރޯން ބޭނުން ނޫނަސް ކަރުނަތައް ހިފެހެއްޓުމެއްނެތި ލޮލުން ހޯސް ލާފައި ފައިބަނީއެވެ. އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނާ ކުށެއް ނުކުރެއެވެ. އެހެން ވީއިރު އޭނާއަށް އެ ލިބެނީ ކޮން އަދަބެއް ހެއްޔެވެ؟
އަލަތު ލޯބި ނާކާމިޔާބު ވީއެވެ. އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ލޯތްބަކީ ބޭނުން ވީމައި ވެފައި ބޭނުން ނުވީމައި ފޮހެލާ އެއްލާލެވޭ ކަހަލަ އިޙްސާސެއް ނޫނެވެ. އެއަށްވުރެ ލޯބި މާ ވަރުގަދަ އެވެ. އިންސާނާގެ އެހެން އިޙްސާސް ތަކަށް ވުރެ ކުރި ހޯދައެވެ. މިއަދު ތާރާއަށް އެވަނީ އެ ޙާލު ޖެހިފައެވެ. ކަން ވާނީ މިހެން ކަން އެނގުންނަމަ، ލޯތްބަކީ އެއްލާލެވޭ އިހުސާސެއް ނަމަ، އޭނާ ކިޔާން ދެކެ ލޯބި ނުވީހެވެ. ނަމަވެސް ވީކަމެއް މިއޮތީ ވެފައެވެ. ލޯބި ވެވިއްޖެއެވެ. ހިތް ކުދި ކުދި ވެސް ވެއްޖެއެވެ. ނަމަވެސް އޭނާއަށް އެނގޭ އެއް ކަމެއް އެބަ އޮތެވެ. ލޯބިވުމަކީ ކުށެއް ނޫނެވެ. އެހެންވީމާ އޭނާ ކިޔާން އަށް ލޯބިވުން އެއީ ކުށެއްނޫނެވެ.
ތާރާ ކަރުނަތައް ފުހެލިއެވެ. އަދި ދެތިން ފަހަރަކު ނޭފަތް ދަމާލިއެވެ.
……….
އަރޓެފިޝަލް ބީޗަށް ކާރު ހުއްޓުމުން ޖައިލަމް މެން ގްރޫޕް ފޭބިއެވެ. “އޭ! އީކް އެން ޔުކް އަދިވެސް ނާދޭ. އެމީހުން ކާރު އަހަރެންނާ ފޮލޯ ކުރީ. މިހާރު ކޮބާ؟” ތާރާ އޭނާގެ ހިތުގެ އުދާސްތައް ފޮރުވާލަމުން ކަންބޮޑުވެފައި އަހާލިއެވެ. “އެ ހާސް ނުވޭ! އެމީހުން މަގު ބަދަލު ކޮށްލައިފި މަޖީދީ މަގާ ހިސާބުން. ޔަގީނޭ މާފޮޅުވަނީކަން.” ހިނިގަނޑެއް ޖަހާލަމުން ޖައިލަމް ބުނެލިއެވެ.
ދުރުން ދީމާ އާއި ކިޔާން ހިނގާފައި އަންނަ މަންޒަރު ފެނުމުން ތާރާއަށް އިސްޖަހާލެވުނެވެ. އޭނާގެ ބަދުނަސީބު ކަން ހިތަށް އަރާފައެވެ.
“ތާ! އާދެބަ ވާހަކައެއް ދައްކަން އޮބެން.” ޖައިލަމް ތާރާގެ އަތުގައި ހިފާލިއެވެ. އަދި އަވަސް އަވަހަށް ދުރަށް ދިޔައެވެ. ސަމާ ވާނުވާ ނޭނގިފައި ކިޔާންމެން އަންނަންދެން އިނެވެ.
“ކޮބާ ޖައި؟ ސަމް އެރީ އޭނަ ކާރަކަށް ނޫންތަ؟” ކިޔާން އަހާލިއެވެ. “ޖައިލަމް ހިނގައްޖެ ތާ ގޮވައިގެން ކޮންމެސް ވާހަކައެއް ބުނާށޯ ކިޔާފަ.” ސަމާ ބުނެލިއެވެ. ތާރާގެ ނަން ބުނުމުން ކިޔާންގެ ހިތް ތެޅިލިއެވެ. ނަމަވެސް ވަގުތުން މަޢުލޫ ބަދަލު ކޮށްލިއެވެ.
……….
“ޖައި ކޮން ވާހަކައެއް ދައްކަން؟” ތާރާ އަހާލިއެވެ. “އަނެއްކާ ސަމާ ސެޓު ކޮށްދޭން ވީތަ؟ ހެހެ.” ތާރާ ލާނެތް ކަމާއެކު ހިނިގަނޑެއް ޖަހާލިއެވެ. “ހަހަ. ތިވެސް އަދި ދައްކަން އޮތް ވާހަކައެކޭ. އެކަމް މިވަގުތު އެހެން ވާހަކައެއް.” ޖައިލަމް ބޯ ކަހާލަމުން ބުނެލިއެވެ.
“ތާރާ ކިޔާން ދެކެ ލޯބިވޭ ދޯ؟” ޖައިލަމް ކޮށްލި ސުވާލުން ތާރާއަށް ހީވީ އޭނާގެ ސިކުނޑީގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލި ހެންނެވެ. “ތާ ދޮގު ނުހަދާ ބުނެބަ. ޔޫ އަރ ލައިކް އެ ލިޓްލް ސިސްޓަރ ޓު މީ.” ޖައިލަމް ތާރާގެ ކޮނޑުގައި ހިފާލިއެވެ. ތެދެކެވެ. ކައިލާން ދިޔުމުން ޖައިލަމް ދެކެނީ ތާރާ އަކީ ކައިލާން އޭނާއާ ހަވާލު ކޮށްފައި ވާ އަމާނާތެއް ގޮތުގައެވެ. ތާރާއަށް ގޮތެއް ވެއްޖެއްޔާ އޭނާ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ.
ތާރާގެ ދެލޯ ފެންކަޅި ވިއެވެ. “ޔެސް. ޔެސް އައި ޑޫ. އައި ލަވް ހިމް ސޯ މަޗް.” ތާރާއަށް ގިސްލެވުނެވެ. ޖައިލަމްގެ ހިތަށް ވެސް އެ ރުއިމުގެ ސަބަބުން އަސަރު ކުރިއެވެ. އެހެންވެ ތާރާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެވަގުތު ހީވީ ތާރާގެ ބިސްގަނޑު ފަޅައިގެން ދިޔަ ހެންނެވެ. ކިޔާން އާ މެދު ހުރި ޝަކުވާތައް ޖައިލަމް ކުރިމަތީ ބަންޑުން ކޮށްލެވުނެވެ. އެކަހަލަ އޯގާތެރި މީހެއްގެ ހިމާޔަތަށް ފެންބޮވައިގެން ފައި ވާތީއެވެ. ޖައިލަމް ވެސް ތާރާގެ ޝަކުވާތައް ކަނުލައި އަޑު އެހިއެވެ.
“ދެން ނުރޮއެ. ތާ ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ނުރޮއެ. އަހަންނަކަށް ހީއެއް ނުވޭ ކިޔާން ދިީމާ ދެކެ ލޯބިވާ ހެނެއް. ހީ ނެވަރ ލައިކްޑް އެނީވަން ދެޓް ވޭ.” ޖައިލަމް ބުނެލިއެވެ. އަދި މަޑުން ތާރާ ދުރުކޮށްލިއެވެ.
“ތާ. ލިސެން. ފަހަރުގައި ނަމަ ކިޔާން އެއީ ތާއަށް އެންމެ އެކަށޭ ޒުވާނާ ކަމަށް ވެސް ނުވެދާނެ. ތާ އަކީ ރަނގަޅު ކުއްޖެއް. އަހަރެން މީ ކިޔާންގެ އެންމެ ގާތް އެކުވެރިޔާ ކަމުގަ ވިޔަސް ކިޔާންގެ ނުރަނގަޅު ސިފަތައް ފާހަގަ ކުރެވޭ. ކިޔާން އަބަދުވެސް ކުދިން ކުދިންނާ ޑޭޓް ކުރާނެ. ފޫހި ވީމަ ދޫކޮށްލާނެ. އެއް އިރެއްގައި ވެސް ތާ ދެރަކޮށްލަން ބުނާ އެއްޗެއް ނޫން މީކީ. ތާއަށް އެނގެން ޖެހޭ ކަމަކަށް ވާތީ މި ބުނަނީ. ކިޔާން ދެކެ ނަފުރަތު ކުރާތީކީ ވެސް ނޫން. އޭނަވެސް ގޯސް ކަމެއް ކުރިއްޔާ ވާނީ ގޯސް ކަމަކަށް. އައި ހޭވް ސީން އެ ލޮޓް އޮފް ގަރލްސް ކިޔާންގެ ސަބަބުން ހާޓް ބްރޭކް ވެގެން އުޅުން. ކިޔާން ކުރިމަތީގައި އެމީހުންނަކީ މޮޔައިން.”
“ތާ. ބަޓް އައި ތިންކް ހީ ލައިކްސް ޔޫ. ރިއަލް ކޮށް. އައި ވޯންޓް ޔޫ ޓު ޝޯ ހިމް ހޫ ޔޫ ޓްރޫލީ އަރ. ދެޓް ތާ އަކީ އެހެން އަންހެންކުދިން ކަހަލަ ކުއްޖެއް ނޫން ކަން. ތާ އޭނާގެ ފައިބުޑަށް ނުދާނެކަން. ޔޫ ހޭވް ޓު ބީ ސްޓްރޯންގް. ކިޔާން އެކަން އެ ކުރާނީ ކޮންމެ ވެސް މަގުސަދެއްގަ. ވެދާނެ ތާ މަތިން ހަނދާން ނައްތާލަން ކަމަށް ވެސް. ސޯ ޔޫ ހޭވް ޓު އެކްޓް ލައިކް ނަން އޮފް ދެޓް އިފެކްޓްސް ޔޫ. އޭރުން ކިތަންމެ ބޭނުންނުވިޔަސް ތާ ދެކެ ލޯބިވަންޏާ އޭނާއަށް އެކަމާ ވިސްނޭނެ، އުނދަގޫ ވާނެ. ދެރަ ވާ ގޮތް ވާނެ ތާ އޭނާއާ ލައިކް ނުވާ ކަމަށް ހީކޮށް. އެން ސޫން ހީ ވިލް ކަމް ތާ ކައިރިއަށް. އޭގެ ފަހުން އޭނަ އެކްސެޕްޓް ކުރުމާ ނުކުރުން އެއީ ތާގެ ކަމެއް.” ޖައިލަމް ކިޔާދިނެވެ. ތާރާ ވެސް ލޯ ފުހެލަމުން އެއްބަސް ވިއެވެ.
………..
ދެމީހުން އެއްކޮށް އަނބުރާ ދިޔައިރު އެންމެން ހަމަ ވެއްޖެއެވެ. “ކޮންތާކުން ތިޔައީ؟ ކީއްވެ ދެމީހުން ސޭޑް ވެފަ. ޖައި ކިހިނެއް ވެފަ ތިހުރީ؟ ތާ ރޮއެފަތަ؟” ވަގުތުން އެންމެންގެ ސުވާލު ތަކާއި ވެސް ކުރިމަތިލާން ޖެހުނެވެ. “ކަމެއް ނުވޭ.” ތާރާ ނޭފަތް ދަމާލަމުން ޖައިލަމް އާ ދިމާއަށް ޝުކުރުގެ ނަޒަރުން ބަލާލިއެވެ. ޖައިލަމް ވެސް އޭގެ ރައްދުގައި ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ.
ތާރާގެ ރަތްވެފަ ހުރީ ލޯ ފެނިފައި ކިޔާންގެ ހިތަށް ތަދުވިއެވެ. ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އެނބުރެން ފެށީއެވެ. ތާރާ ރޮނީ ކީއްވެ ހެއްޔެވެ؟ ޖައިލަމް ދެރަވެފައި އެހުރީ ކީއްވެ ހެއްޔެވެ؟ އެދެމީހުން ދޭތެރޭ ގައި ކަމެއް ހިނގީ ހެއްޔެވެ؟ މިވަނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން ސިކުނޑި ސުމަކާ ދާ ވަރު ވުމުން ރުޅިއާދެވުނެވެ. އެވެސް ކުށެއް ނެތް ތާރާ ދެކެއެވެ. އެއީ އިންސާފު ހެއްޔެވެ؟
ތާރާގެ ލޮލުގައި އަޅައިގަތީ އީކަން އާއި ޔުކްތާގެ ގުޅުވާ ލެވިފައިވާ އަތެވެ. “ހުމް ހުމްމްމް. އައްދެ ބަލާބަލަ. ކުދިން ކުދިން އަންގާލައިގެން އުޅެބަލަ.” ތާރާ ޔުކްތާ މެނަށް ބަލާލަމުން ދިމާކޮށްލިއެވެ. ޔުކްތާ ވަގުތުން މޫނުމަތީ އަތްއެޅިއެވެ. ގަތް ލަދުންނެވެ. އީކަން ވެސް ލަދުން ބޯ ކަހާލިއެވެ. އަދި ޔުކްތާ އޭނާއާ އިތުރަށް ގާތްކޮށް ލިއެވެ. ޔުކްތާ މިހާރު ހީވަނީ ލަދުން ވިރިގެން ފައިބާފާނެ ހެންނެވެ.
އެއަށްފަހު އެމީހުން ދިޔައީ ފޮޓޯ ނަގާށެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކާ އެކު ފޮޓޯ ނެގިއެވެ. ނަމަވެސް ކިޔާން ތާރާއާ އެކު ފޮޓޯ ނެގުމަށް އިންކާރު ކުރިއެވެ. ތާރާ ވެސް މާބޮޑު ކަމަކަށް ނުހަދާ އުޅުނެވެ. ނަމަވެސް އެ ހުރިހާ އިރު އޭނާގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ދީމާ އާއި ކިޔާން އެކުގައި ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ލައްގަނޑެއް ޖަހައެވެ. ލަކުނު ލައެވެ. ފޮޓޯ ނެގުމުގައި ހޭދަކުރެވުނު 2 ގަނޑި އިރު އެއްކޮށް އޭނާ ދިޔައީ ވަގުތު ދާވަރު ގުނަމުންނެވެ. ކޮންމެ ސިކުންތެއް އޭނާއަށް ހީވަނީ ގަރުނެއް ހެނެވެ.
6 އެއް ޖެހުމުން އެންމެން ދިޔައީ އީކަން މެން ގެއަށެވެ. ދީމާ އާއި ކިޔާން ވެސް މެއެވެ. ތާރާ މަޑު ކުރުމެއް ނެތި ކޮޓަރިއަށް ގޮސް ވަނީ އިތުރަށް ކެތްނުކުރެވިގެންނެވެ. ކޮޓަރީގެ ހިމާޔަތްކަން ލިބުމާއެކު އޭނާ އަޑުން އަޑު ނަގާ ރޯން ފެށި އެވެ. ހިތާވީ ފަޅީގައި އަތް އަޅާލަމުންނެވެ.
……….
އެންމެން ތިބީ ތާރާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ވާނުވާ ނޭނގިފައެވެ. އެހާ އަވަސް އަވަހަށް ސިޑިން އަރައިގެން ތާރާ އެދިޔައީ ކީއްވެ ހެއްޔެވެ؟ ޖައިލަމަށް އެވީގޮތް ވަރަށް ރަނގަޅަށް އެނގުނެވެ.
“ތާރާ ބުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތިއްޔޯ މިއުޅެނީ. އެހެންވެ އަހަރެން ބުނީ އަރާމު ކޮށްލަން ދާށޭ. އެހެންވެ އެދިޔައީ.” ޖައިލަމް ވާހަކަ ހަދާލިއެވެ. ނަމަވެސް އެކަން އެ ވާހަކަ އެންމެން ގަބޫލު ކުރިއެވެ.
ކިޔާން ކަންބޮޑުވިއެވެ. ތާރާ ބޮލުގައި ރިއްސާ ވާހަކަ ބުނުމުންނެވެ. ތާރާ އަނެއްކާ ބަލީ ހެއްޔެވެ؟ އެހެން އަހާލަން އުޅެފައި އޭނާ ޙިޔާލު ބަދަލުކޮށް ލިއެވެ. އެއީ ހަމަ އާދައިގެ ބޮލުގައި ރިއްސާ ރިއްސުމަކަށް ވެސް ވެދާނެއެވެ. އެވަރު ކަމަކާ ކިޔާން އެހާ ވަރުން އުޅޭކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ އެހެންނޫނަސް އޭނާ ނިންމައިގެން ހުރީ ތާރާއާ ދުރުވާ ކަށް ނޫން ހެއްޔެވެ؟
……….
ތާރާ ދޮރުގައި ލެނގިލައިގެން ހުރެ އެތައް އިރަކު ރުއެވެ. ފަހުން އެނދު މައްޗަށް ވެއްޓިގެން ފައި ވެސް ރުއެވެ. ނަމަވެސް މިހާރު އެ ކޮޓަރި ތެރޭގައި އެއްވެސް އަޑެއް ނުވާ ކަހަލައެވެ. މުޅި ކޮޓަރި އޮތީ ހަމަހިމޭން ވެފައެވެ. އެނދުމަތީ އޮތް ތާރާގެ ވެސް ހަރަކާތްތަކަށް ވަނީ މަޑު ޖެހުމެއް އައިސްފައެވެ. އެންމެފަހުން ރޮއެރޮއެ ގޮސް ވަރުބަލިވީ ކަންނޭނގެއެވެ.
……….
ވަރަށް އާދައިގެ ގެއެކެވެ. ހީވަނީ މީގެ ކުރިން އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ ތަނެއް ހެނެވެ. އެ އަދިރި ގޭތެރެއިން ބަޔަކު ހޭ އަޑު އިވެއެވެ. ސަކަރާތް ޖަހާ ފޯރި ނަގަމުން ދިޔަ އެމީހުން ދުނިޔޭގެ ހިޔާލެއް ފިކުރެއް ނެތް ފަދައެވެ. އެއަށްވުރެ ބޮޑަށް އެމީހުން ވަނީ މަސްތުވެފައެވެ. މުޅި ތަނުން ވެސް ދުވަނީ ބަނގުރަލާއި މަސްތުވާތަކެތީގެ ވަހެވެ.
އެމީހުން ތިބީ ފަންގިފިލާގެ މަތީ ބައެވެ. އެތަނުން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. އެ ވޭނުން ފުރިގެންވާ ތޫލި އަޑު އިވިއްޖެ މީހެއްގެ ހިތް ކޮށާލާނެ ކަން ގައިމެވެ.
“ހެޔޮނުވާނެ ތިހެން ނުހަދާ! އަހަރެންގެ ކޮން ކުށެއްތަ އޮތީ؟” އެ އަންހެން ކުއްޖާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. ނަމަވެސް އެތާ ތިބި ބަޔަކަށް އެއަޑުން އެއްވެސް އަސަރެއް ކުރި ހެންނެއް ހީއެއް ނުވެއެވެ. ރަޙުމުގެ ކުޑަމިންވަރެއް ވެސް އެމީހުންގެ ހިތުގައި ނެތީއެވެ.
“ކަލޭ ގާތު ކިތައް ފަހަރުތަ ބުނާނީ އަނގަ މަޑުން ލައިގެން އިންނާށޭ؟ މަޑުން މަޑުން އިންނަ މީހެކޭ ތީ، މިހާރު މާ ގަދަ ވެގެން ތި އަނގަހާވަނީ! މާ ފުއްޕައިގެން އުޅޭނެ ކަމެއް ނެތް! މިހެން ހުރެފަ ރަނގަޅު ބޮޑިއެއް ބޯންދޭނަމޭ. ކަލޭ ބައްޕައަށް ވުރެމާ ހިތިކޮން ކަލޭގެ ދުވަސް ދާނީ. ކަލޭގެ ލޯބިވާ ދޮންތަ އަހަރެމެންގެ އަތްދަށުވާ ހިސާބުން ކަލޭމެން ދެމީހުންގެ ވެސް ދުވަސް ދުއްވާލާނަން! ހައްހައްހައްހާ!” އެމީހުންގެ ތެރެއިން އެކަކު ނުލަފާ ވައްތަރަކަށް ހޭންފެށިއެވެ. ދެން ހުރި މީހާ އެ އަންހެން ކުއްޖާގެ ބަޑުގައިން ފައިން ތަޅައިގަތެވެ. އަދި ހެމުން ހެމުން އެތަނުން ނިކުމެގެން ދިޔައެވެ.
އެކުއްޖާ ވަރަށް ހިތްވަރު ކޮށްފައި ކޮޅަށް ތެދުވިއެވެ. އަދި އެ އަނދިރި ކޮޓަރިތެރޭގައި ފަރުދާއަކުން ފޮރުވާ ލެވިފައިވާ ފާރުގެ ފަރުދާ އެއްފަރާތް ކޮށްލިއެވެ. އެހިނދު އެތަނުން ކުޑަކޮށް އޭނާގެ މޫނަށް އަލިވިއެވެ.
ދޮން ވަށް މޫނަކާއި، މަޑު މުށި ކުލައިގެ ބުޅި ބުޅި ދިގު އިސްތަށިގަނޑެކެވެ. އަޅިފެހި ކުލައިގެ ދިރުމެއް ނެތް ބޮޑު ބޮޑު ދެލޮލާއި ބޯ އެސްފިޔަތަކެވެ. ހިތިފަތު ބުމައަކާއި ހިމަހިމަ ރަތް ތުންފަތެކެވެ. އެ ދޮން މޫނުގައި އެކި ދިމަ ދިމާގައި ވަނީ ލަކުނެވެ. ލޯ ކައިރި ވެސް ކަޅު ވެފައި ވަޅުޖެހިފައި ވެއެވެ. އެ އަނިޔާ ތަކުގެ ތެރެއިން ވެސް ފެންނަމުން ދިޔައީ ރީތި އަންހެން ކުއްޖެކެވެ. އަންހެންވަންތަ ސާދަވިލޭރޭގެ ހަނދެއްފަދަ މޫނެކެވެ.
“ޔާ ﷲ! މި އަޅާ އަށް ކެތްތެރިކަން ދެއްވާށި.”
_=_=_=_=_=_
އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.
°•.ޝައިމާ.•°
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Heiiiii sis❤️❤️❤️???
Vvvvvv sali Mi part vesss Hama best❤️❤️❤️?
Masha Allah keep it up sis ❤️❤️❤️❤️❤️?
Aleyyyy haadha Emotional Eyyy ??????
Hama rovihje thaaraa Uley gothun it’s so sad?????????????
Yukthaa and eekan propose kuri baa vrh lwbi heheh❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love u sooo muc sisoo❤️❤️❤️
Stay safe❤️❤️❤️❤️❤️❤️❤️
BTW I am the first in this part dhw ???❤️❤️❤️❤️❤️❤️
Thanks Ril ♥
Varah reethi
Keep it up ❤️❤️❤️❤️❤️