ނުފިލާނޭ މިހިތަކުން… 34

- by - 111- September 23, 2020

“ޝުބީ.. ކިހިނެތްވީ؟..” ޝުބާ ބަލަހައްޓައިގެން އިންނަން ފެށުމުން މާކިންވެސް ހައިރާންކަމާއިއެކު އަހާލިއެވެ. އެވަގުތު ޝުބާގެ އަތުން އޭނާގެ ކޮޓަރިއަށް އިޝާރާތް ކޮށްލުމުން، ސުވާލުން ފުރިފައިވާ ހާލު މާކިން ލަސްލަހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން މާކިންއަށް ހީވީ ހުވަފެނެއްގެ ތެރެއަށް ދެވުނު ހެންނެވެ. އޭނާގެ އެނދުގައި އޭނާގެ ބާލީސްތަކުގެ ތެރޭގައި މައުސޫމްކަމާއިއެކު ނިދާލާފައި އެއޮތީ އޭނާގެ ހިތުގެ މަލިކާއެވެ. އޭނާގެ ދިރިހުރުމުގެ ބާރެވެ. އޭނާގެ މެހެކްއެވެ. ދެފަރާތަށް ބޯ ހޫރާލުމާއިއެކު ދެފަހަރަކު އެސްފިޔަތަކަށް ބާރުލާފައި ލޯ މަރާލަމުން ނިކަން ފަރުވާތެރިކަމާއިއެކު އޭނާ މެހެކްގެ މޫނަށް ބަލާލީ ފެނުނު މަންޒަރު ޔަގީން ނުވެފައި ހުރެގެންނެވެ. އެހެން ނަމަވެސް އެއީ ހަގީގަތެއްކަމުގައި ހިތައް ގަބޫލު ކުރެވުމާއިއެކު މާކިންގެ ލޮލަށް ހިފެހެއްޓުމެއްނެތި ކަރުނަ ޖަމާވާން ފެށިއެވެ. އަދި ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ އެނދުކައިރީގައި މެހެކްގެ މޫނާއި މޫނު ހަމަވާގޮތަށް އިށީނދެލިއެވެ. ކަރުނައިން ފުރެމުން ދިޔަ ދެލޮލާއިއެކު ތުންފަތުގައި ދަތް އަޅާލަމުން އޭނާ ނިކަން މަޑުމަޑުން މެހެކްގެ މޫނުގައި އަތް ޖައްސާލިއެވެ. އެއީ ހުވަފެނެއް ނޫނެވެ. އެއީ ހަމަ ހަގީގަތެކެވެ. އޭނާގެ މެހެކް އެވަނީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ލޯބިވާ އަނބިމީހާ އެވަނީ އޭނާއާއި އެންމެ ގާތުގައެވެ.
މާކިން ލޯ ފޮހެލަމުން ކުރިއަށްވުރެވެސް ބޮޑަށް މެހެކްގެ މޫނާއި ގާތްވެލާ އެ މޫނަށް އިތުރު ފަރުވާތެރިކަމަކާއިއެކު ބަލާލިއެވެ. އަދިވެސް ހަމަ އެ މައުސޫމްކަމެވެ. އަތްވާއި ހޫނުގެ ސަބަބުން އެ ދޮން ދޮން މޫނުގެ އޮމާންކަމާއި އުޖާލާކަން ވަނީ ކެނޑިފައެވެ. ހަމުގެ ކުލަ ކެނޑިފައި ހުރުމާއިއެކު ލޯ ކައިރީގައި އުފެދިފައި ހުރި ކަޅުކަމުގެ ސަބަބުން އެ މޫނުމަތީގައި ކުރިން ހުންނަ ޒުވާން، ޅަ ގޮތްގަނޑެއް ނެތެވެ. ކައިރިކޮށްލާފައިވާ ދެބުމަ އާއިއެކު މެރިފައިވާ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުރި ދިގު އެސްފިޔަތައް ފެނުމުން މާކިންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ހަމައެކަނި އެ މޫނަށް ބަލާލުމުންވެސް އޭނާއާއި ވަކިން މެހެކް އުޅެފައިވަނީ އުފާވެރި ދިރިއުޅުމެއް ނޫންކަން އޭނާއަށް ޔަގީން ކުރެވިއްޖެއެވެ. މާކިން އަނެއްކާވެސް އޭނާގެ ބޮޑު އަތްތިލަ މެހެކްގެ ކޯތާފަތުގައި ސިއްރު ސިއްރުން ޖައްސާލިއެވެ. އޭނާ ބޭނުންވަނީ އެ މޫނުގައި ބޮސް ދޭށެވެ. އޭނާގެ އަތުގެ ތެރޭގައި އެހަށިގަނޑު ފޮރުވާލާށެވެ. އެ ލޮލުން ފޭދެމުން އެދާ ކަރުނަތައް ފޮހެލަދޭށެވެ. އޭނާގެ ލޯބިން އެހިތުގައިވާ ހުރިހާ ޝަކުވާތަކެއް ފިލުވާލަދޭށެވެ. އެހެން ނަމަވެސް.. މާކިން ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން މެހެކްއާއި ދުރަށް ޖެހިލިއެވެ. އޭނާގެ ތުންފަތުގައި އުފެދުނު ހިނިތުންވުން ގެއްލިއްޖެއެވެ. މޫނުމައްޗަށް ހާސްކަން ވެރިވެ ނޭވާ އަވަސްވެއްޖެއެވެ. މޫނުގައި އަތް ހިންގާލަމުން އަނގަމަތީގައި ހިފަހައްޓާލިއެވެ. މެހެކް އޭނާގެ ގޭގައި އޭނާގެ ކޮޓަރީގައި އެ ކުރަނީ ކީއް ހެއްޔެވެ؟ މެހެކް މާލެ އައީ ކީއްވެ ހެއްޔެވެ؟ މެހެކް އައިކަން ބައްޕައަށް އެނގިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް ބާވައެވެ؟ މިހާ ދުވަހު އޭނާ ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތް ފުރިހަމައަށް ކާމިޔާބު ނުވަނީސް ބައްޕައަށް މެހެކް ފެނިއްޖެނަމަ އޭނާ މެހެކް ރައްކާތެރި ކުރާނީ ކިހިނެތް ހެއްޔެވެ؟ މެހެކްއަށް ހިމާޔަތް ދޭނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ބައްޕައަކީ ރަހުމެއް، ކުލުނެއް ހުރި މީހެއް ނޫނެވެ. އޭނާގެ ބައްޕައަށް އެކަން އެނގިއްޖެނަމަ މެހެކްގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެކަން ޔަގީނެވެ.
“ނޫން..” މާކިން ބޯ ހޫރާލަމުން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭނާ އެހެން ވިޔަކަ ނުދޭނެއެވެ. 4 އަހަރު ދުވަހު މެހެކްއާއި ދުރުގައި ހުރެގެން ވީ ގުރުބާނީ އެގޮތަށް އިސްރާފަކަށް ވިޔަކަ ނުދޭނެއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިވަގުތު އޭނާއަށް ޖެހޭނީ މެހެކް އޭނާއާއި ދުރުކުރާށެވެ.
“ޝުބީ…..” މެހެކްއަށް ސިހިފައި ހޭލެވުނީ މާކިންގެ ބަރު އަޑު ކޮޓަރީގެ ތެރޭގައި ގުގުމާލުމުންނެވެ. ލޯ ހުޅުވާލި ވަގުތު ކޮޓަރި ތެރޭގައި އޭނާއަށް ފުރަގަސް ދީގެން މާކިން ހުރިތަން ފެނުމުން މެހެކްއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ފުރަގަހުން ނަމަވެސް މާކިން ފެނުމާއިއެކު އޭނާގެ ހިތް ލޯބިން އުތުރި އަރައިގަތެވެ. އިސާހިތަކު އޭނާގެ އެސްފިޔަތައް ފޫ އަޅުވާލާފައި ކަރުނަ އޮހޮރެން ފެށިއެވެ. ހިނިތުންވާން މަސައްކަތް ކުރަމުން ފުރަގަސް ދީގެން ހުރި މާކިންއާއި ދިމާއަށް އަތްދިއްކޮށްލެވުނެވެ.
“މަ.. މާ ކި ން…” މެހެކް އަށް މާކިންގެ ނަން ކިޔާލެވުނީ ލަސްލަހުންނެވެ. ހަމަ އެއާއިއެކު އޭނާއަށް ފުރަގަސް ދީގެން ހުރި މާކިން އެނބުރިލުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު މެހެކްގެ މަޑުޖެހިފައިވާ ހިތުގެ ހިނގުން ބާރުވެލިއެވެ. ހަމަ އެ ތޫނު ތޫނު ދެލޮލެވެ. ވަރުބަލިކަން ފެންނަން ހުރި ނަމަވެސް އެ އަލި، ފިރިހެންވަންތަ މޫނެވެ. ކުރިއާއި ޚިލާފަށް ތުނބުޅީގެ އިސްތަށިތައް ބޯވެފައި، ބޮލުގެ އިސްތަށިގަނޑު ކޮށާފައި ހުރުމުން އިތުރަށް ފިރިހެންވަންތަވެފައި ހަރު ގޮތްގަނޑު ހުއްޓެވެ. ޓައީ އަޅާލާފައި، އޮފީސް ހެދުމުގައި ހުރުމުން ޝަހުސިއްޔަތު ވަރުގަދަ ހަރުދަނާ ގޮތެއް ހުއްޓެވެ. ތުންފަތުގައި ހިނިތުންވުމެއް ނުވި ނަމަވެސް އެދެލޮލުން އަދިވެސް މެހެކްއަށް ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. މެހެކް ނޭފަތް ދަމާލާ، ހިނިތުންވެލަމުން މާކިންއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ.
“ޝުބީ…” މެހެކްއަށް މާކިންގެ ގާތަށް ދާނެ ފުރުސަތެއް ނުލިބުނެވެ. ނުރުހުމުގެ އަޑަކުން ޝުބާއަށް ގޮވަމުން އޭނާ ކޮޓަރިން ބޭރަށް ނުކުތުމުން ހައިރާންވެފައި ހުރެ މެހެކްވެސް ބޭރަށް ނުކުތެވެ. އޭރު މާކިންގެ އަޑަށް ޝުބާއާއި އިޝާންވެސް އެމީހުންގެ ކޮޓަރިން ނުކުތީއެވެ.
“ޝުބީތަ މެހެކް މިގެއަށް ގެނައީ.. ޝުބީތަ ގެނައީ؟.. ” ޝުބާ ފެނުމާއިއެކު ރުޅިވެރިކަމާއިއެކު މާކިން އޭނާއާއި ކުރިމަތިލީތަން ފެނުމުން މެހެކްއަށް ހައިރާންވެގެން އަނގަ ހުޅުވާލެވުނެވެ.
“ޝުބީ ކީކުރަން ކުރި ކަމެއް؟.. ކީއްވެ އަހަރެން ބުނި ގޮތަށް ކަންތައް ނުކުރެވުނީ؟.. ކީއްވެ މެހެކް މިގެއަށް ވެއްދީ؟ އަހަންނަކަށް ނުބުނެވޭތަ އޭނައާއި ގުޅުން ނުބާއްވަން.. އޭނަ މިގެއަށް ނުގެންނަން.. ޝުބީ ހަނދާން އެހާ ބަލިތަ؟..” މާކިން ރުޅި އައިސް ރަތްވެފައި ހުރެގެން އެއްޗެހި ކިޔަމުން ދިޔައިރު ޝުބާއާއި އެކު އިޝާންވެސް ތިބީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. މާކިންއަށް ވެފައި އެހުރީ ކިހިނެތް ހެއްޔެވެ؟
“މިހުރިހާ ދުވަހު އަހަރެން ބުނިގޮތް ހަދާފަ މިއަދުތަ ނުހެދުނީ.. ޝުބީއަކަށް ނޭނގޭތަ ތިހެދުނީ ކިހާ ބޮޑު ގޯހެއް….” “ހުއްޓާލާ.. ދެން ވެއްޖެ މާކިން…” މާކިން ހުއްޓުމެއްނެތި ޝުބާއާއި ދިމާއަށް ކިޔަމުން ދިޔަ އެއްޗެހިތައް މެދު ކަނޑާލަން ޖެހުނީ މެހެކްގެ ގަދަ އަޑުންނެވެ. އެއާއިއެކު އޭނާ މެހެކް ހުރި ދިމާއަށް ބަލާލިއިރު ކަރުނައިން ފޯވެފައިވާ ހާލު އޭނާ މާކިންގެ މޫނަށް ބަލަހައްޓައިގެން ހުރީ ގަބޫލު ކުރަން ދަތިވެފައިވާ ވާފަދަ ގޮތަކަށެވެ.
“ޝުބީއެއް ނޫން.. އަހަރެން އަމިއްލައަށް.. އަށް އައީ.. އަހަރެން ..އައީމަ ތިހާ.. ތިހާ ހިތްހަމަ ނު.. ނުޖެހޭނެ ކަމަކަށް… އެއް.. އެއްގޮތަކަށް ވެސް ހިތަކަށް ނާރާ..” މެހެކްއަށް ގިސްލެވޭ ވަރުން ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.
“ޝުބީއަށް.. އެއްޗެހި.. ނުކިޔާ.. އަހަ..އަހަރެން ހިނގައިދާނަން…” އެހެން ބުނެ ނިމުމާއިއެކު މެހެކް އަނގަމަތީގައި އަތް އަޅަމުން ދުވެފައި ގޮސް އެގެއިން ނުކުތެވެ.
“މެހެކް..” ޝުބާ މެހެކްގެ ފަހަތުން ދާން އުޅުމުން އޭނާ ހިފެހެއްޓީ އިޝާންއެވެ. އެއާއިއެކު ރޮމުން ރޮމުން ޝުބާ އޭނާގެ މޫނު އިޝާންގެ މޭގައި ފޮރުވާލިއެވެ. މެހެކް ނުކުމެ ދޮރު ލެއްޕުމާއިއެކު އޭނާ ދިޔަ މަންޒަރު ބަލަން ހުރި މާކިން ދެކަކޫ މައްޗަށް ވެއްޓިގަތެވެ. އަދި އަނގަމަތީގައި އަތް އެޅުމަށްފަހު ބާރަށް ރޮއިގަންނަމުން މެހެކްގެ ނަން ކިޔާލިއެވެ.
“ކެން ކޮން ރުއިމެއް.. ކޮން ރުއިމެއް ރޯކަށް.. ހިތަކަށް ނާރާތަ މެހެކްގެ ހިތައް.. އޭނަ ކިހާ ދެރަވާނެތަ ކެން..” މާކިން ރޯން ފެށުމާއިއެކު މިފަހަރު ޝުބާ އޭނާއާއި ދިމާއަށް ހަޅޭއްލަވައިގަތީ ރުޅިވެރިކަމާއިއެކުއެވެ. އޭނާ ހަގީގަތުގައިވެސް މިއަދު މާކިންދެކެ ރުޅި އައިސްފިއެވެ.
“އެނގޭ.. ދެރަވާނެކަން އެނގޭ.. އެކަމު ޝުބީ.. ބައްޕަ.. މަގޭ ބައްޕައަކީ ރަހުމެއް ކުލުނެއް ހުރި މީހެއް ނޫން.. މެހެކް.. މެހެކްގެ ދުވަސް ދުއްވާލާނެ.. އަހަރެން.. އަހަރެން ކިހިނެތް.. މެހެކް…” މާކިންއަށް އިތުރަކަށް ވާޙަކައެއް ނުދެއްކުނެވެ. ބާރުބާރަށް މެހެކްގެ ނަން ކިޔާލަމުން އޭނާއަށް އަނެއްކާވެސް ރޮއިގަނެވުނީއެވެ. އެ މަންޒަރު ފެނުމުން ޝުބާއަށްވެސް މާކިންދެކެ ރުޅި އައިސްގެންނެއް ނުހުރެވުނެވެ. އިޝާން މާކިންގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ހިފަހައްޓާލުމުން ޝުބާވެސް އޭނާގެ ބޮލުގައި ފިރުމާލިއެވެ. އެމީހުންގެ އެކުވެރިޔާގެ ހިތާމަތަކަށް ލުޔެއް ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟
މާކިން ކަންތައް ކުރި ގޮތުން ހިތައް ކުރި އަސަރަކުން މެހެކް އެގެއިން ނުކުތުމަށްފަހު ދޮރު ކައިރީގައި މަޑުކޮށްލީ މަގުމައްޗަށް ނުކުތުމުގެ ކުރިން ރުއިންގަނޑު މައިތިރި ކޮށްލެވޭތޯއެވެ. އެވަގުތު ކޮޅުގެ ތެރޭގައި އޭނާއަށް އެތެރޭގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އަޑު އިވުނެވެ. މާކިންގެ ވޭނީ ރުއިމުގެ އަޑު އިވުނެވެ. އޭނާގެ ލޯބިވާ މާކިން އޭނާގެ ނަން ކިޔާ އަޑު އިވުނެވެ. ނޭފަތް ދަމާލަމުން މެހެކް ދެލޯ ފޮހެލިއެވެ. އޭނާއަށް ހީވީ ރަނގަޅަށްތާއެވެ. ހަގީގަތުގައިވެސް މާކިން އުޅެމުންދަނީ ކަންތައްގަނޑެއްގައި ތާއެވެ. މާކިން އޭނާއާއި ދުރުވީ ބޭނުންވެގެންނެއް ނޫންތާއެވެ. އެދެމެދުގައިވާ ހުރަހަކީ މާކިންގެ ބައްޕަ ހެއްޔެވެ؟ އޭނާއާއި ގާތް ވެއްޖެނަމަ އޭނާއަށް ގެއްލުމެއް ދޭނެ ކަމުގެ ބިރު މާކިންގެ ބައްޕަ މާކިންއަށް ދިނީ ހެއްޔެވެ؟ މެހެކް ބާރު ބާރަށް ދެ ދަތްޕިލަ ޖައްސާލަމުން ގޮށްމުއްކަވާލިއެވެ. މާކިންގެ ބައްޕަ ވިޔަސް މާކިންއާއި މެދު ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. މާކިންގެ ހިތުގައި ޖެއްސުމުގެ ހައްގެއް އޭނާގެ ބައްޕައަކަށްވެސް ނޯންނާނެއެވެ. ހިތައް އަރަން ފެށި އެއްޗަކުން ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ފޯނު ނަގާ ފިއްތަކަށް ފިތާލަމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
ނުނިމޭ

111

Laya

I found peace in writing ❤️

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. yaayyy!!! me first dhwww…omg .. mi vaahaka ah cmnnt nukuriyas baraabarah kiyamun mi annanee.. vvvvvvvv reethi.. alhe keehvetha mihaa curious kohlfaafa thi nimaalanee… hama neh bunaane ehcheh ves.. vvv reethi..thi bilaalu ganduves alhuga athujehey irah nolhaigen kaalaanan..alheyyyyyy mehek and maakin avahah gulheba.. plxxxxx…. and thnku dear for this lovely stry… whn is next part??? waiting curiously!! lysm … be safe.. tc

Leave a Reply

Your email address will not be published.