ނުފިލާނޭ މިހިތަކުން… 33
މާކިންއާއި މެދު ވިސްނަން ފެންކަޅިވެފައި އިން ޝުބާއަށް ސިހުމެއް ލިބުނީ ގޭ ދޮރުގައި ޓަކި ދިން އަޑަށެވެ. މިގަޑީގައި ގެއަށް އައީ ކާކުބާއޭ ހިތައް އަރާ ހާލު ލޯ ފޮހެލުމަށްފަހު މޫނުމަތި ރީތިކޮށްލަމުން އޭނާ ލަސްލަހުން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއިއެކު ދޮރުމަތިން ފެނުނު މަންޒަރުން ޝުބާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު އަނގަ ތަން މިނަށް ހުޅުވާލެވުނެވެ.
“މެ…ހެ….ކް…” ދޮރުމަތީގައި ހުރި މެހެކްގެ މޫނަށް ދެލޯ ބޮޑުކޮށްފައި ބަލަހައްޓައިގެން ހުރެ ޝުބާއަށް ބޭއިޚްތިޔާރުގައި މެހެކްގެ ނަން ކިޔާލެވުނެވެ. އާ ޝޯޚްވެފައި މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ޝުބާއަށް އިތުރު އެއްވެސް ހަރަކާތެއް ކުރާކަށް، އިތުރު އެއްވެސް އެއްޗެއް ބުނާކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި ފުރެމުން ދިޔައީ މެހެކްއާއި ދޭތެރޭ އެމީހުން ކަންތައް ކުރި އިހާނެތި ގޮތުގެ ޚިޔާލުތަކެވެ. މަޖުބޫރީ ހާލަތަކުން ކަމުގައިވިޔަސް މެހެކްއާއިމެދު ކަންތައް ވެގެން ދިޔައީ ބޭއިންސާފުންނެވެ.
“ނުވައްދާނަންތަ ގެއަކަށް؟..” ޝުބާ މެހެކްގެ މޫނަށް ބަލަހައްޓައިގެން އެއްޗެއް ނުބުނެ ހުންނަން ފެށުމުން މެހެކް ވަރަށް މަޑުމައިތިރިކަމާއިއެކު ސުވާލުކޮށްލިއެވެ. ހަމައެއާއިއެކު އޭނާގެ އަޑަށް ސިހުން ލިބުނު ޝުބާ އަވަސް އަވަހަށް ބޯ ހޫރާލަމުން އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. އަދި ފުން ނޭވާއެއް ލަމުން މެހެކްއާއި ކުރިމަތިލީ ކަންތައް ކުރާނެ އެއްވެސް ގޮތެއް އެނގުމަކާއި ނުލައެވެ. ހަގީގަތުގައިވެސް އޭނާ މެހެކްއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މެހެކްގެ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މެހެކްއާއި މާކިން ދުރުވުމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތް ހާމަ ކުރާނީ ކިހިނެތް ހެއްޔެވެ؟ މެހެކްއަށް އެ ހަގީގަތް ހާމަ ކުރާކަށް އަދި މާކިން ތައްޔާރެއް ނޫނެވެ. ވީއިރު އޭނާ މިހާލަތުގައި ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟
“ކިތައް.. ކިތައް ވަނަ؟..” ތަނަށް ވެރިވެފައިވާ ހަމަ ހިމޭންކަން ދެންވެސް ފޫ އަޅުވާލީ މެހެކްގެ އަޑުންނެވެ. ކަރުނުން ފުރިފައިވާ ދެލޮލާއިއެކު ޝުބާގެ ހަމަހުގެ ބަނޑަށް އިޝާރާތް ކޮށްލަމުން ނުކެރިހުރެ ކޮށްލި ސުވާލާއިއެކު ޝުބާގެ ލޮލަށްވެސް ކަރުނަ ޖަމާވާން ގިނައިރެއް ނުނެގިއެވެ. މެހެކްގެ އެ ސުވާލުން ލޯތްބާއި، އެކަނިވެރިކަމާއި، ޝަކުވާއާއި އަދި ރުޅިވެސް ޝުބާއަށް އިހުސާސްވީ ފަދައެވެ. ކަރުނައިން ފުރެމުންދިޔަ ލޮލުން މެހެކްގެ ވަރުބަލިވެފައިވާ މޫނަށް ޝުބާއަށް ބަލާލެވުނީ ކުށްވެރިއަކު ފަދައިންނެވެ.
“ފު.. ފުރަތަމަ… މެހެކް…” ޝުބާއަށް ވާހަކައެއް ނުދެއްކުނެވެ. ބާރުބާރަށް ރޮއިގަންނަމުން އޭނާ މެހެކްގެ ގައިގައި އޮޅުލައިގަތީ ކެތްތެރިކަން ކޮޅުން ލުމުންނެވެ.
“އައިމް.. ސޯ.. ސޮރީ… މެހެކް…” ޝުބާ ރޮމުން ރޮމުން މެހެކްގެ ކިބައިން މަޢާފަށް އެދެމުން ދިޔައިރު އޭނާގެ ގައިގައި ބައްދާލައިގެން ހުރި މެހެކްވެސް އަޑުން އަޑު ނަގާ ރޮނީއެވެ.
ވަގުތުކޮޅެއްގައި އެހެން ތިބުމަށްފަހު ޝުބާ މެހެކް ސޯފާގައި ބޭންދުމަށްފަހު އޭނާގެ ކައިރީގައި އިށީނދެލިއެވެ. ހާލަތުގެ ނުރައްކާތެރިކަމާއި، މިހުރިހާ ދުވަހު އެމީހުން ވަމުން ދިޔަ ގުރުބާނީ ވަގުތުކޮޅެއްގެ ތެރޭގައި ފެނަށް ވެގެން ހިނގައިދާނެ ކަމުގެ ސިގްނަލް ޝުބާގެ ސިކުނޑި އޭނާއަށް ދެމުން ދިޔައެވެ. މެހެކް އެގޭގައި އިންކަން ބިލާލްއަށް އެނގިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ މާލެ ތެރެއިން އޭނާއަށް މެހެކް ފެނިފައި އޮވެއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟
“މެހެކް.. ކިހިނެތް..ކޮން އިރަކު.. ކާކު އެއްކޮށް..” ޝުބާއަށް އޭނާ ކުރަންވީ ކޮން ސުވާލެއް ކަމެއް ނޭނގުނެވެ. ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް މެހެކްގެ ކުރިމަތީގައި ބަނޑުން ކޮށްލިއިރު މެހެކް ފެންކަޅިވެފައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ ޝަކުވާއިން ފުރިފައިވާ ގޮތަކަށެވެ.
“ކީ.. ކީއްވެ ޝުބީ؟..ކީއްވެ.. ކޮބާ.. ކޮބާ މާކިން؟..” މެހެކްއަށް ޝުބާ ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުން މުހިންމެއް ނުވިއެވެ. ލޮލުން ވެއްޓުނު ކަރުނަތިއްކާއިއެކު ޝުބާއާއި ސުވާލުކޮށްލި ވަގުތު ޝުބާއަށް އިސްޖަހާލުން ފިޔަވައި ކުރެވުނެ އިތުރު އެއްވެސް ކަމެއް ނެތެވެ.
“މެހެކް.. އަހަރެން.. އަހަރެންނަކަށް ނޭނގޭ މެހެކްގެ ސުވާލަށް ދޭނެ.. ދޭނެ ޖަވާބެއް.. އަހަރެން.. މާކިން އުޅެނީ މިގޭގައި.. މާކިން އައިމަ.. އޭނައާ.. އޭނައާ ސުވާލު ކުރޭ.. އެކަމު.. އަހަރެންވެސް.. މެހެކްގެ މައާފް.. މައާފް ބޭނުން…” ޝުބާގެ އަޑު ބެދިއްޖެއެވެ. އެހެން ނަމަވެސް ލޯ ފޮހެލަމުން ހިތްވަރާއިއެކު އޭނާ އަނެއްކާވެސް މެހެކްއާއި ވާޙަކަ ދައްކަން ފެށިއެވެ.
“މާލެ އައީ ކޮން އިރަކު.. ކޮންބައެއް އައީ.. ކޮބާ މަންމަ.. ކޮބާ ކައިސް..” ޝުބާ ސުވާލު ކުރަމުން ދިޔަ ނަމަވެސް މެހެކްގެ މޫނަށް ބަލާކަށް ނުކެރެއެވެ. އެކަން ކުރިމަތީގައި އިން މެހެކްއަށްވެސް ފާހަގަވެފައިވާ ފަދައެވެ.
“ރޭގަ އައީ.. ބޯޓުން.. އެކަނި އައީ.. މަންމަ.. މަންމަ ނިޔާވެއްޖެ.. މިދިޔަ ހަފްތާގަ..” މަޑުމައިތިރި އަޑަކުން މެހެކް އެހެން ބުނެލުމާއިއެކު އިސްޖަހާލައިގެން އިން ޝުބާ ކުއްލިއަކަށް މެހެކްގެ މޫނަށް ބަލާލަމުން އިސް އުފުލާލީ އަނގަމަތީގައި އަތްވެސް އަޅާލަމުންނެވެ. އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.
“ކައިސް.. ކައިސް އުޅެނީ.. އެހެން ރަށެއްގަ.. އޭރު.. ތި މީހުން އައިއްސަ ދުވަސްކޮޅެއްވެސް ނުވަނިސް ކައިސްގެ ވަޒީފާ ބަދަލުވީ އެހެން ރަށަކަށް.. އޭނަ.. އެކޮޅުގަ ހުރެގެން.. އަހަރެމެން ދެމައިންނަށް ޚަރަދުކުރީ.. މަންމަ.. މަންމަ ބޭނުންވީ ރަށުގަ.. ރަށުގަ އުޅެން.. މަންމަ ބަލިކަމުން އަހަރެންނަށް ޖޮބަކަށް ނުދެވޭ.. ކުޑަކުޑަކޮށް ޓިއުޝަން ދީގެން ކޮންމެސް ވަރަކަށް ލާރި ހޯދިން.. އެކަމު ފަހުން މަންމަ ހާލު ދެރަވަމުން ދިޔަ ވަރަކަށް އެކަމެއް ނުވޭ.. ފަހުން ކައިސްއަށް ކުއްޖަކު ލިބުނީމަ.. އޭނާއަށްވެސް ވަރަށް ދަތި.. އެއްގޮތަކަށްވެސް.. ރަށަށް އާދެވޭ ގޮތެއް ނުވޭ.. ވަރަށް ބޮޑަށް ބަލިކޮށް އުޅެފަ މަންމަ ނިޔާވީ މިދިޔަ ހަފްތާގަ.. އަހަރެން.. އަހަރެން މާކިންއާއި ބައްދަލު ކުރަން އަބަދުވެސް ބޭނުންވޭ.. މަންމަ އޮންނަ ހާލުން ނާދެވެނީ.. އެކަމު.. މިހާރު.. މިހާރު މި އައީ އެކަމުގަ.. ކުއްޔަށް ކޮޓަރިއެއްގައި ހުންނަނީ.. މާކިން އުޅުނު އެޕާޓްމެންޓަށް ފުރަތަމަ ދިޔައީ.. އެތާ އުޅެނީ އެހެން ބަޔަކު… ދެން އޭނާގެ ގެއެއް.. ޝުބީގެ ގެއެއް އަހަރެންނަކަށް ނޭނގޭ.. އެނގެނީ.. އިޝާންގެ ގެ.. ތި މީހުން.. ތި މީހުން ވެޑިންގ ގަ ދިޔައިމަ.. އެގެއަށް ދިޔައިމަ ލިބުން އެޑްރެހެއް މީ..” މެހެކް ކުރުގޮތަކަށް އޭނާގެ ދިރިއުޅުން ޝުބާއަށް ކިޔާލަދިން އިރު ޝުބާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މެހެކްގެ ލޮލުގައިވާ ކަރުނަތަކަށްވުރެ ޝުބާގެ ލޮލުގައިވާ ކަރުނަތައް ގިނައެވެ. މެހެކް އުޅެމުން އެދާ އެކަނިވެރި ދިރިއުޅުމާއިމެދު ޒިންމާވާނީ ކާކު ހެއްޔެވެ؟ މެހެކްއާއި އޭނާގެ އާއިލާއަށް ގެއްލުމެއް ލިބިދާނެތީ 4 އަހަރު ދުވަހު އެމީހުން އެކުރީ ރަނގަޅު ކަމެއް ހެއްޔެވެ؟ ބިލާލްގެ ބަސް އަހައިގެން މެހެކްއަށް އުފާވެރި ހަޔާތެއް ލިބިއްޖެ ހެއްޔެވެ؟ ޝުބާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.
އޮފީހަށް އައިއްސުރެ އެންމެ ވަގުތުކޮޅަކަށްވެސް ހުއްޓާނުލާ މަސައްކަތް ކުރަމުންދިޔަ މާކިން އޭނާގެ ކެބިންއަށް ވަދެލީ ވަރުބަލިކަން ލިބެމުންދިޔަ ހަށިގަނޑަށް ކުޑަ ވަގުތުކޮޅެއްގެ ލުއިކަމެއް ދިނުމުގެ މަގްސަދުގައެވެ. އޭނާ ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ގޮނޑިއަށް ވެއްޓިގަތުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލަމުން ލޯ މަރާލިއެވެ. ހަށިގަނޑަށް ބެލުމެއްނެތި، އެއްވެސް ހުސް ވަގުތުކޮޅެއް ޗުއްޓީއެއް ނެތި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އޭނާ ހިތްވަރާއި އަޒުމާއިއެކު މަސައްކަތް ކުރަމުން އެދަނީ ކާމިޔާބު ވިޔަފާރި ވެރިއަކަށް ވުމުގެ މަގްސަދުގައެވެ. ބިލާލްގެ ނުފޫޒް ފޯރާވަރަށް ވުރެ ވަރުގަދަ، ނަން ހިނގާ، މުއްސަނދި މީހަކަށް ވުމުގެ ބޭނުމުގައެވެ. ހަމައެކަނި އޭނާގެ މެހެކްއަށްޓަކައެވެ. މެހެކްގެ ރައްކާތެރި ކަމަށްޓަކައެވެ. ބައްޕަގެ ނުބައިކަމުން މެހެކް ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. އޭނާގެ މަސައްކަތުގެ ކާމިޔާބުގެ ކުލަވަރު މިހާތަނަށް އައި އިރު ފެންނަން ފަށައިފިއެވެ. ބިލާލްއަށް ޖެހިނުލެވޭ ވަރުގެ ކާމިޔާބު ވިޔަފާރި ވެރިއަކަށް ވެވިދާނެ ކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. އެހެން ނަމަވެސް.. އެކަން ކާމިޔާބު ވާއިރު އޭނާގެ މެހެކް އޭނާއަށް ލިބޭނެ ހެއްޔެވެ؟ އެ މައުސޫމް އަންހެން ކުއްޖާ ކައިވެންޏެއްގައި ބަނދެލުމަށްފަހު ޚަބަރެއް ދަބަރެއް ނުވެ އޭނާއާއި ދުރުވިތާ 4 އަހަރު ދުވަސް ވީއެވެ. އެދުވަހުގެ ފަހުން މެހެކް އުޅެމުންދާ ގޮތެއް، މެހެކްގެ ހާލެއް އޭނާ ބަލައެއް ނުލައެވެ. ބަލަން މަސައްކަތެއްވެސް ނުކުރެއެވެ. ބިލާލްގެ ނުފޫޒާއިމެދު ގަންނަ ބިރެއްގެ ސަބަބުންނެވެ. ތިމާގެ ފިނޑިކަމާއި، ހިތްވަރެއް ނެތްކަމާއިމެދު މާކިންގެ އަމިއްލަ ނަފްސުވެސް އެއްބަސްވެއެވެ. މަލާމާތް ކުރެއެވެ. ނަމަވެސް މެހެކްއަށާއި އެ އާއިލާއަށް ކުޑަވެސް ގެއްލުމެއް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާއާއި ގުޅުމެއް ނެތްހާ ހިނދަކު ބިލާލް އެއާއިލާއަށް އެއްވެސް ގެއްލުމެއް ނުދޭނެއެވެ.
“މެ ހެ ކް..” މެރިފައިވާ ދެލޮލުގެ އަރިމަތިން ވެއްޓުނު ކަރުނަ ތިއްކާއިއެކު މާކިންގެ ދެތުންފަތް ފޫ އަޅުވާލާފައި މެހެކްގެ ނަން ނުކުތީ ވައި އަޑަކުންނެވެ. އޭނާގެ މެހެކް ހުރީ ހެޔޮ ހާލުގައި ހެއްޔެވެ؟ މެހެކް އޭނާއަށް މަޢާފް ކުރާނެ ހެއްޔެވެ؟ އޭނާއަށް ކުރިމަތިވި ހާލަތު އެނގުމުން މަޢާފް ކުރާނެ ހެއްޔެވެ؟ މެހެކް އޭނާއަށް އިންތިޒާރު ކުރޭ ހެއްޔެވެ؟ އޭނާގެ މެހެކް ކޮބާ ހެއްޔެވެ؟ މާކިންއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ކަރުނަތައް ފޮހެލުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާ ފިއްތަކަށް ފިތަން ފެށިއެވެ. އެހެން ނަމަވެސް ސުކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. ބޯ ހޫރާލަމުން ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާ އެގޮތަށް މެހެކްއަށް ގުޅަން އުޅުނު އަދަދެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް މެހެކްގެ ނަމްބަރު ޖެހުމަށްފަހު ގުޅަން ފިއްތާލާ ހިސާބުން އޭނާގެ ސިކުނޑި އެކަން ނުކުރުމަށް މަޖުބޫރު ކުރެއެވެ. އޭނާ މެހެކްއާއި ދުރުވެފައި އެވަނީ ކޮން މަގްސަދެއްގައިކަން ހަނދާންކޮށްދެއެވެ. މެހެކްއާއި ގުޅައިފިނަމަ، އޭނާއަށް އޭނާގެ ނަފްސު ނުހިފެހެއްޓޭނެކަން ވިސްނައިދެއެވެ. ބައްޕަގެ ނުރައްކާ މެހެކްއަށް ފޯރާނެކަމުގައި ވިސްނައިދެއެވެ. އެއިން ކޮންމެ ވަގުތަކުވެސް މާކިން އޭނާގެ ސިކުނޑިއާއި އެއްބަސްވެއެވެ. ބައްޕަ ބާރު ފޯރާ ވަރަށްވުރެ ވަރުގަދަ ވިޔަފާރިވެރިއަކަށް ވުމަށް ހިތާއި ނަފްސުން ވަޢުދުވެއެވެ. އޭނާއަށް ނޭނގޭ ކަމަކީ އޭނާގެ އެ ޢަޒުމުގެ ސަބަބުން އޭނާގެ މެހެކްއަށް ލިބިފައިވާ އެކަނިވެރިކަމެވެ. މެހެކްއަށް ރައްކާތެރިކަން ދޭން އެކުރާ މަސައްކަތް ކާމިޔާބު ވަމުން ދިޔަޔަސް މެހެކްގެ ހިތް ކުދިކުދިވެފައިވާ ކަމެވެ. އެ މައުސޫމް އަންހެން ކުއްޖާގެ ހިތައް ދެވެމުން އެދާ އަނިޔާއެވެ.
މެހެކް މާކިންގެ ކޮޓަރިއަށް ވެއްދުމަށްފަހު ޝުބާ ނުކުތުމުން އޭނާ އެ ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ސާފު ތާހިރުކަމާއި ތަރުތީބުކަން އެކުލެވިފައިވާ ތަނަވަސް ކޮޓަރިއެކެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ މަރާލަމުން އޭނާ ފުން ފުން ނޭވާއެއް އެތެރެއަށް ދަމާލީ އޭނާގެ ފިރިމީހާގެ ކުޑަވެސް ހިލަމެއް އެ ހަށިގަނޑަށް ފޯރާތޯއެވެ. ހިނދުކޮޅެއްގައި އެހެން ހުރުމަށްފަހު މެހެކް ގޮސް މާކިންގެ ބޮޑު އަލަމާރި ހުޅުވާލިއެވެ. އަދި ކަރުނައިން ފުރެމުންދިޔަ ދެލޮލާއިއެކު މާކިންގެ އަންނައުނު ތަކުގައި އަތް ބީއްސާލިއެވެ. ދެން އޭނާއަށް ފެނުނީ އަލަމާރި ތެރޭގައި އޮތް މާކިންގެ އައިޑީ ކާޑެވެ. މެހެކް އަވަސް އަވަހަށް އެ ކާޑް ނަގާ މޫނާއި ގާތްކޮށްލިއެވެ. އެއީ އޭނާގެ މާކިންއެވެ. އޭނާގެ ލޯބިވާ މާކިންއެވެ. ކުޑަ ވަގުތު ކޮޅަކުން ވިޔަސް އެހިތާއި ހަށިގަނޑު ލޯބިން ފުރާލަދިން ފިރިމީހާއެވެ. ދިރިއުޅުން މަތިން ފޫހިވެ، ގެނބެމުން ދަނިކޮށް ސަލާމަތުގެ އަތްދިއްކޮށްލި އެކުވެރިޔާއެވެ. ތެދުވެރި ލޯތްބަކީ ކޮބާކަން އަންގައިދިން ލޯބިވެރިޔާއެވެ. އެކަމަކު.. މާކިން އޭނާއާއި ދުރަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ފިރިއެއްގެ ގޮތުގައި އޭނާއަށް އަޅާނުލީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ފިލީ ކީއްވެ ހެއްޔެވެ؟ އުޅެން ބޭނުން ނުވާނަމަ ކައިވެނި ކުރީ ކީއްވެ ހެއްޔެވެ؟ މާކިންގެ ތަސްވީރަށް ނަޒަރު ހުއްޓާލައިގެން ހުރި މެހެކްއަށް ގިސްލެވިއްޖެއެވެ. އަނގަމަތީގައި އަތް އަޅަމުން އޭނާ އެނދުގައި އިށީނދެލުމަށްފަހު މޭގައި ހިފަހައްޓާލިއެވެ. އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. ހާދަ ވޭނެއް ތަހައްމަލު ކޮށްފިއެވެ. ހާދަ ބޮޑަކަށް ކެތްތެރި ވެއްޖެއެވެ. އަދިވެސް.. އަދިވެސް އޭނާއަށް މާކިންއާއިމެދު އޮތް ޔަގީންކަން ކުޑައެއް ނުވެއެވެ. މާކިންއަކީ ދޮގުވެރިއެއްކަމުގައި އެހިތަށް ވިސްނައިދިނަސް އެކަން ގަބޫލެއް ނުކުރެއެވެ. އެ ލޯތްބަށް އިތުބާރު ކުރަން މާކިން ބުންޏެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިޔަސް އޭނާގެ މީހެއްގެ ގޮތުގައި ހުރުމަށް ބުންޏެވެ. ދުރު ނުވަން އެދުނެވެ. ލޯބިވާވަރު ހާމަކޮށްދިނެވެ. މެހެކްއަށް ގަބޫލު ކުރެވެނީ އެވާޙަކަތަކެވެ. އޭނާގެ މާކިން އޭނާއަށް ބޭވަފާތެރިއެއް ނުވާނެއެވެ. ދޮގެއް ނުހަދާނެއެވެ. 4 އަހަރު ދުވަސް ހޭދަވީއިރުވެސް އޭނާގެ ހިތުގައި މާކިންއާއި މެދު ކުޑަވެސް ޝައްކެއް ނުއުފެދެއެވެ. މިއަދު ޝުބާ ފެނުމުން، އޭނާގެ ހަރަކާތްތައް ހުރިގޮތުން އިތުރަށް މެހެކްއަށް އެކަން ޔަގީންވިއެވެ. އޭނާގެ މާކިންއަށް ކޮންމެވެސް ބޮޑުކަމެއް ދިމާވީއެވެ. މެހެކް ކަރުނަތައް ފޮހެލިއެވެ. މާކިންއާއި ބައްދަލު ކުރުމަށް އޭނާ އެހުރީ ތައްޔާރަށެވެ. ކޮންމެ ކަމެއް ކުރިމަތިވެފައި ވިޔަސް އޭނާ އެހުރީ މާކިންއާއި އެކުގައިކަން ޔަގީންކޮށްދޭނެއެވެ. ފުރިހަމަ ނުވެވި އެވާ ލޯބި ފުރިހަމަ ކުރާނެއެވެ.
މާކިންއާއި އިޝާން މަސައްކަތްތައް ނިންމާލުމަށްފަހު ގެއަށް އައި އިރު މެންދުރުން އަނބުރާ 3 ޖެހުމާއި ގާތްވެއްޖެއެވެ.
“އިޝާން.. ކެން.. ކެން..” ދެމީހުން ގެއަށް ވަނުމާއިއެކު ޝސިޓިންގ ރޫމު ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝުބާ ގޮސް އިޝާންގެ އަތުގައި ހިފަހައްޓާލުމަށްފަހު މާކިންގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ހުރި ކުލަވަރުންނާއި ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި މާކިންއާއި އިޝާންއަށްވެސް އެނގުނެވެ.
“ކިހިނެތްވީ ޝުބީ؟.. ތަނަކަށް ތަދުވަނީތަ؟.. ކިހިނެތްވީ؟..” ޝުބާގެ ހަރަކާތްތައް ހުރި ގޮތުން ނުތަނަވަސްވީ އިޝާން އޭނާ ގެންގޮސް ސޯފާގައި ބައިންދަމުން ނުހަނު ލޯބިން ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް އޭރުވެސް ޝުބާގެ ފެންކަޅިވެފައިވާ ނަޒަރު ހުއްޓިފައި ހުރީ މާކިންއަށެވެ.
“ޝުބީ.. ކިހިނެތްވީ؟..” ޝުބާ ބަލަހައްޓައިގެން އިންނަން ފެށުމުން މާކިންވެސް ހައިރާންކަމާއިއެކު އަހާލިއެވެ. އެވަގުތު ޝުބާގެ އަތުން އޭނާގެ ކޮޓަރިއަށް އިޝާރާތް ކޮށްލުމުން، ސުވާލުން ފުރިފައިވާ ހާލު މާކިން ލަސްލަހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Yeye meh first
Varah reethi mi part ves curiously waiting for the next part
Vrh reethi Masha Allah waiting for the next part❤️❤️❤️❤️???
Maasha allah varah reethi so curious waiting for the next part
Maasha Allah❤❤? V reethi hurihai part eh ves….?
Alheyy sis haadha curious kohlaafa thi nimmaaly…????
When is next.☺? And midheyythereyn v lahun up vi dhuvas kolheh ves gosfi.? I hope u will upload as soon as possible?..??
Very very very curiously waiting for the next part. ????????
Love the story. ♥♥♥
And love u sis??♥
alheyy. kon hisaabakun thi ninmaaly !!!
Vrrrr Reethi mipartves ?????hama rangalhahves rovihje ???????Curiously waiting for the next part