ނުފިލާނޭ މިހިތަކުން… 32
“އެއްވެސް.. އެއްވެސް ހާލަތެއް ނާންނާތި.. އަހަރެންނާ ދުރަށްދާން ބޭނުންވާ އެއްވެސް ހާލަތެއް ނާންނާތި.. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން ހައްގެއްގެ ގޮތުގައި ހުރެދޭތި.. ތިހިތުން އަހަރެންގެ ނަން ފިލުވާ ނުލާތި..” މާކިންގެ މެސެޖު ކިޔާލުމާއިއެކު މެހެކްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެހިތުން މާކިންގެ ނަން ދުވަހަކުވެސް ފިލާނެ ހެއްޔެވެ؟
“ދުވަހަކުވެސް.. ދުވަހަކުވެސް ތިޔަ ތެދުވެރި ލޯބި މިހިތަކުން ނުފިލާނެ..” މާކިންގެ މެސެޖުގެ ޖަވާބުގައި މެހެކް ފޮނުވާލިއެވެ.
މާކިންމެންނަށް މާލެ ދެވުނު އިރު އިރުއޮއްސިއްޖެއެވެ. ޝުބާއާއި އިޝާންއާއިއެކު ލޯންޗުން ފޭބުމަށްފަހު އެންމެ ފުރަތަމަ ކަމަކަށްވެސް މާކިން ބޭނުންވީ މެހެކްއަށް ގުޅާލުމަށްފަހު މާލެއަށް އާދެވުނު ވާހަކަ ބުނެލުމެވެ. އެހެން ނަމަވެސް މެހެކްއަށް ގުޅުމުގެ ބަދަލުގައި މެސެޖަކުން އެކަން އަންގާލަން މާކިންއަށް މަޖުބޫރުވީ ކާރުގައި އެތަނަށް އައިސް މަޑުކޮށްލި އޭނާގެ ބައްޕަ ފެނުމުންނެވެ. ބިލާލް ފެނުމާއިއެކު މާކިންގެ އިތުރުން ޝުބާއާއި އިޝާންގެ މޫނަށްވެސް ވެރިވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ފޫހިކަމާއި ރުޅިވެރިކަމެވެ.
“އަރާ ކާރަށް ތިން މީހުން..” ކާރު ދައްކާލަމުން ބިލާލް އެމީހުންނަށް ބުނެލި ހަމައެކަނި އެއްޗަކީ އެއީއެވެ. އެއާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ތިން މީހުން މަޑުމަޑުން ކާރަށް އަރާ ހަމަ ޖެހިލީ އެވަގުތު ބިލާލްއާއި ދެބަސްވާން ބޭނުން ނުވާތީއެވެ.
“ވަރަށް ރަނގަޅު ބުނި ގޮތަށް ކަންތައް ކުރީމަ.. އެހެން ނޫން ނަމަ މެހެކްއަށް ވަރަށް ބޮޑެތި ގެއްލުން ވީސް.. އަހަރެން ބޭނުންވަނީ މިހާރު މިހާރަށް މެހެކްއާ ތި ތިން މީހުންނާއި ދެމެދުވެސް އޮތް ގުޅުން ކަނޑާލަން.. އެއްވެސް ގޮތަކުން.. އެއްވެސް ގުޅުމެއް.. އެކަކުވެސް ބާއްވައިގެން ނުވާނެ… ” ކާރުގެ ދަތުރު ފެށި ވަގުތުކޮޅެއް ދިއުމާއިއެކު ބިލާލް އޭނާގެ އަމުރުވެރިކަމުން އެ ތިން ޒުވާނުން ހައިރާން ކުރުވަމުން ދިޔައެވެ. ބިލާލް ދައްކަމުން ދިޔަ ވާޙަކައިގެ ސަބަބުން ކާރުގެ ފަހަތުގައި ތިބި އިޝާންއާއި ޝުބާ އެކަކު އަނެކަކުގެ މޫނަށް ބަލާލަ ބަލާލާ ތިބީ ހަމަ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. ހަމަ އެއާއިއެކު ބިލާލްއާއި ޖެހިގެން އިން މާކިން ބިލާލްއާއި ދިމާއަށް ބަލަހައްޓައިގެން އިނީ އަނގަ ހުޅުވިފައެވެ. އަދިވެސް.. އަދިވެސް އޭނާގެ ބައްޕަގެ ހިތް ނުފުރެނީ ހެއްޔެވެ؟
“ބައްޕާ.. ބައްޕަ މޮޔަވެފަތަ ތިހުރީ؟..” މާކިން ދެބުމަ ގާތްކޮށްލަމުން އެހެން ބުނެލީ ތަންކޮޅެއް އަޑަށް ބާރު ލާފައެވެ. އެއާއިއެކު މެދުމިނުގައި ދުއްވަމުން ދިޔަ ކާރު އޭނާގެ އޮފީސް ކައިރީގައި މަޑު ޖައްސާލުމަށްފަހު ބިލާލް ނިކަން ރަނގަޅަށް މާކިންގެ މޫނަށް ބަލާލިއެވެ.
“އަދިވެސް މާކިންއަށް މާކިންގެ ބައްޕަގެ ގޮތް ނޭނގެނީތަ؟.. މި ބިލާލްއަށް ގެއްލުމެއް ވުމުގެ ކުރިން އެ ގެއްލުމެއް ވާން ހުރި ހުރިހާ ސަބަބެއް ނައްތާލާނަން.. މިއަދާ ހަމައަށް އެކަން އޮންނާނީ އެގޮތަށް ކޮށްފަ.. ތި މެހެކްއަކީ އަހަރެންގެ ވިޔަފާރިއަށް ހުރި ބޮޑު ބިރެއް.. އިކްރާމްގެ ދަރިއަކަށް ނުވި ނަމަ އަހަރެން ތި މީހަކާއި މާކިންއާއި ދުރެއް ނުކުރީމުސް..” ބިލާލްގެ އަޑުގައި ހުރީ ރަހުމް ކުޑަ، ބިރުވެރި ގޮތެކެވެ.
“ގުޅުން ކަނޑާލަން މިބުނަނީ ސަމާސާއަކަށް ނޫން.. ތިން މީހުންވެސް ގުޅުން ކަނޑާލަންވީ.. ފޯނު ނަމްބަރު ބަދަލު ކުރަންވީ.. ސޯޝަލް މީޑިއާއިން މެހެކްއާއި އޭނާއާއި ގުޅުން ހުރި މީހުންނާ ވެސް ދުރަށް ދާންވީ.. ތި މީހުން ގުޅުން ނުބޭއްވީމަ ތި ގުޅުން ކެނޑޭނެ.. މިބުނާ ގޮތަށް ކަން ނުކޮށްފިއްޔާ މެހެކް ހާލުގަ ޖެހޭނެ.. ހާލުގަ ޖެހޭ ވަރު މަށަށް ކުރުވޭނެ.. އޭނާގެ ކޮއްކޮގެ ވަޒީފާއާއި ކުޅެލީމަ އެނގިދާނެތާ އޭނާ އުޅޭނެ ގޮތެއް.. އޭރުން އެނގިދާނެއެއްނު ހަގީގަތުގައިވެސް އިކްރާމްއާއި ގުޅުމެއް އޮތަސް.. އޭރުން…” “ބިލާލްބެ.. ދެން ހުއްޓާލާ.. ޕްލީޒް..” މެހެކްއާއިމެދު ބިލާލްގެ ދުލުން ބޭރުވަމުން ދިޔަ ރަހުމް ކުޑަ ޖުމްލަތައް މިފަހަރަ ހުއްޓުވާލީ ޝުބާއެވެ. އެހެން ނަމަވެސް އެހެން ބުނެލުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ޝުބާއަކަށްވެސް ނުބުނެވުނެވެ. މެހެކްއާއިމެދު އެހިތުގައިވާ ބިރުވެރިކަން ކަރުނައިގެ ސިފައިގައި އެދެލޮލުން ފާޅުވަމުން ދިޔައެވެ. އެވަގުތު ކައިރީގައި އިން އިޝާން ހިންދިރުވާލަމުން ޝުބާގެ އަތުގައި ހިފަހައްޓާލީ ހިތްވަރު ކުރާށޭ ބުނަމުންނެވެ.
“ބައްޕަ.. އިތުރަށް ކޮން ކަމެއް ބޭނުންވަނީ..” ބިލާލްގެ ގާތުގައި އިސްޖެހިފައި އިން މާކިން އެ އިންގޮތަށް އިނދެފައި ބުނެލިއެވެ. އިސްޖަހާލައިގެން އިން ނަމަވެސް އޭނާ ހިތުގައި ޖެހިފައި އިންވަރު އެއަޑުން ވަރަށް ރަނގަޅަށް ފާޅުވެއެވެ.
“މިބުނީ ބޭނުންވާ ކަންކަން.. އެއްކޮށް ގުޅުން ކަނޑާލަންވީ.. އެއްކޮށް.. މަށަށް ސިއްރުން ގުޅުން ބޭއްވޭނެ ކަމުގައި ހީ ނުކުރާތި.. އެކަމެއް ނުވާނެ.. މާކިންއަށް އެނގޭނެ މާކިން ވެސް ޑިޕެންޑް ވަނީ ބައްޕައަށްކަން.. ބައްޕަގެ ފަރާތުން ގެއްލުމެއް ލިބިގެން މީހަކަށް އެހީވާން ބޭނުންވިޔަސް އެހެން ވީމަ އިތުރު މީހަކަށް އެހީވާނެ ފެންވަރެއް މާކިންގެ ކިބައަކު ނެތް.. އިޝާން.. ޝުބާ.. މާކިންއަށް ބުނާ ކޮންމެ އެއްޗެއް ތި ދެކުދިންނަށްވެސް ނިސްބަތްވާނެ.. ތިއިން އެއް ކުއްޖަކުވެސް ބޭނުމެއް ނުވާނެ ތިކުދިންގެ ސަބަބުން ތިކުދިންގެ އާއިލާގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ވާކަށް..” ރީތި ގޮތުގައި، ސާފު ސީދާ ތެދުބަހުން އިންޒާރުތައް ދެމުން ގެންދިޔައިރު މާކިންއާއިއެކު ޝުބާއާއި އިޝާންވެސް ދިޔައީ ބިލާލްގެ ނުބައިކަމުގެ މަޅީގައި ބެދެމުންނެވެ.
ބިލާލްގެ ވާޙަކަތަކަށް އިތުރަށް ބުނާނެ އެއްޗެއް އެމީހުންނަކަށް ނޭނގުނެވެ. އޭނާއަށް ވިސްނައިދޭން ދައްކާނެ ވާހަކައެއް ނޭނގުނެވެ. ބަސް ހުއްޓިފައި، ހަރަކާތް ހުއްޓިފައި ކާރު ތެރޭގައި ތިބިއިރު ތިން މީހުންވެސް ވިސްނަމުން ދިޔައީ މެހެކްއަށް ވާނެ ގޮތަކާއިމެދުއެވެ. މެހެކް ހާދަ ހާސްވާނެއެވެ. ހާދަ ގިނަ ސުވާލުތަކެއް އެހިތުގައި އުފެދޭނެއެވެ. ހާދަ ދެރަވާނެއެވެ. އެހިތައް ހާދަ އަސަރެއް ކުރާނެއެވެ. މެހެކްއާއިމެދު ވިސްނި ވިސްނިހެން އެ ތިން މީހުންގެ ސިކުނޑިވެސް ހާސްވަމުން ދިޔައެވެ. ކޮޅެއް، މެދެއް ނޭނގޭ އޮޅުންގަނޑެއްގައި ޖެހި ބަނދެވެމުން ދިޔައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް، އެއްވެސް ޚިޔާލެއް، އެއްވެސް ބަހެއް ބުނުމަށް އެއިން އެކަކަށްވެސް ފުރުސަތެއް ނުލިބުނެވެ. އެމީހުންނަށް ޖެހުނީ ހަމަ އެވަގުތު، ކާރު ތެރޭގައި ތިބެ، ފޯނުތަކުގައި ވާ ސިމްކާރޑްތައް ބިލާލްއާއި ހަވާލު ކުރުމަށްފަހު، ބޭނުންކުރާ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ޑީއެކްޓިވޭޓް ކުރާށެވެ. އުމުރުގެ ހަގު ކަމާއިއެކު، ބިލާލް ފަދަ ނުފޫޒުގަދަ ނުބައި މީހެއްގެ އަތްދޮށުން ދެމިގަންނާނެ ގޮތުގެ ޚިޔާލެއްވެސް އެޒުވާން ސިކުނޑިތަކަކަށް ނުވިސްނުނެވެ.
ބޭނުންވާ ގޮތަށް، ބޭނުންވާ ކަންތައްތައް ކުރުމަށްފަހު ބިލާލް ކާރުން ފައިބައިގެން އޭނާގެ އޮފީހަށް ވަދެގެން ދިޔައީ ހަމަ ޖެހިލާފައި ހުރެގެންނެވެ. ހިނިތުންވެފައި ހުރެ ކާރުން ފައިބައިގެން ދިޔައިރު އަމިއްލަ ދަރިފުޅުގެ ހިތާމައިން ފުރިފައިވާ މޫނަށް އެއްފަހަރުވެސް އޭނާ ބަލާ ނުލިއެވެ. ބިލާލް ދިއުމާއިއެކު މާކިން ކާރުގެ ބިއްލޫރިގަނޑުގައި ގޮށްމުއްކަވާފައިވާ ޖަހަމުން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. އަދި މޫނުގައި އަތް އެޅުމަށްފަހު އަޑުން އަޑު ނަގާ ރޯންފެށިއެވެ. އޭރު ފަހަތުގައި ތިބި އިޝާންއާއި ޝުބާ އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ފެންކަޅިވެފައި ތިއްބެވެ. މާކިންއެކޭ އެއްފަދައިން އެމީހުންނަށްވެސް މިހާރު ހަދާނެ ހަމަ އެއްގޮތެއްވެސް ނޭނގެއެވެ. އެ ތޫފާނުން ސަލާމަތްވާން އަޅާނެ ފިޔަވަޅެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ބިލާލްގެ ނުބައިކަމާއި ރަހުމް ކުޑަކަމަކީ ހަގީގަތެއް ކަމެވެ.
އެތައް އިރަކު ކަރުނައަޅާ ރުއިމަށްފަހު މާކިން މޫނު ފޮހެލަމުން ބޯ ހިއްލާލިއެވެ. ކާރު ތެރޭގައި ފިނިގަދަ ކޮށްލާފައި ހުރި ނަމަވެސް ވެރިވެފައިވާ ނުތަނަވަސް ހައިޖާނުގަނޑުގެ ސަބަބުން އޭގެ ތެރެއަށްވެސް ހީވަނީ ނުބައި ހޫނުކަމެއް ވެރިވެފައި ވާހެންނެވެ.
“އިރާދަ ކުރެއްވިއްޔާ އަހަރެން އެނބުރި މެހެކް ކައިރިއަށް ދާނަން.. މެހެކްއަށް ރައްކާތެރިކަން ދޭނަން.. ބައްޕަ ފަރާތުން ސަލާމަތް ކުރާނަން.. އެވަރަށް މަސައްކަތް ކުރާނަން.. ބައްޕަގެ ނުފޫޒު ނުފޯރާހާ ވަރުގަދަ މީހަކަށް ވާނަން.. ބައްޕައަށް ވުރެ ވަރުގަދަ މީހަކަށް ވާނަން.. މެހެކް.. ވެއިޓް ފޯރ މީ.. މެހެކް…” ނޭފަތް ދަމަމުން ހިތާމައިން ފުރިގެންވާ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަ މާކިންގެ އަޑުގައި މިހާރު ވަނީ އާދަޔާ ޚިލާފު ޖޯޝެކެވެ. ނުގުޑާ ފަދަ، ވަރުގަދަ އަޒުމެއްގެ އަސަރު އެ އަޑުން ފާޅުވެއެވެ. އޭނާގެ އެ ހިތްވަރުން ފުރިގެންވާ ބަސްކޮޅާއިއެކު ފަހަތުގައި ތިބި އިޝާންއާއި ޝުބާވެސް އެކަކު އަނެކަކަށް ބަލާލަމުން ޖޯޝުން ފުރިގެންވާ ފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.
4 އަހަރު ފަސް
އުޑުމަތި ސާފު، މޫސުން ރީތި ދުވަހެކެވެ. މަޑު މަޑު ރާގެއް އަޅުވާލާފައި ހިނިތުންވެފައި ހުރި ޝުބާ ބެލްކަނީގައި ހުރި ހަރުގައި އޭނާ ދޮވުނު އެއްޗެހިތައް އަޅުވަމުން ދިޔައީ ކުރިމަތީގައި އޮތް ކާރޫބާރޫ ބޮޑު މަގުގެ ހަލަބޮލިކަމަށް އެއްވެސް ސަމާލުކަމެއް ދިނުމަކާއިނުލައެވެ. ހަމަހުގެ ބަނޑާއިއެކު ހެލިފެލިވެ އުޅުމުގައި ކުރިއަށްވުރެ އުނދަގޫ ގޮތެއް ހުރި ނަމަވެސް، އާންމުކޮށް މާބަނޑު މީހުންގެ ކިބައިން ފެންނަ ބަރުހެލިކަމާއި، ވަރުބަލިކަމެއް އޭނާގެ ކިބައަކުން ނުފެނެއެވެ. މާބަނޑު ވުމުގެ ސަބަބުން ހަށިގަނޑު ރަނގަޅުވެލާފައި، މޫނުގައި މަސް ޖަހާލާފައި ހުރުމުން އޭނާގެ ކިބައިން ފެންނަނީ ނުހަނު ރީތި، މައުސޫމްގޮތެކެވެ. އެއްޗެހިތައް ހިއްކަން އަޅާ ނިންމާލުމަށްފަހު ގޮސް ސޯފާގައި އިށީނދެލިއިރު ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ހަމަޖެހިލުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި އޮތް ފޯނު ނަގާ އަތަށް ހެޔޮވަރުކޮށްލީ އޭނާގެ ފިރިމީހާއަށް ގުޅާލުމުގެ ނިޔަތުގައެވެ.
“މިއަދު ބްރޭކަށް ނާންނަނީތަ؟ އެއޮށް 1 ޖެހީ.. އެހެން ދުވަސް ދުވަހު އަންނަމެއްނު..” އިޝާން ފޯނު ނެގުމާއިއެކު ޝުބާ ފައްޗަކަށް އޭނާގެ ވާހަކަތައް އަމުނާލިއެވެ.
“އާނ ކުއްލިއަކަށް އޯޑަރތަކެއް ޑެލިވަރީ ހަމަޖައްސާލަން ޖެހިގެން.. ދެން ނިންމާލާފަ ދާނީ.. ޝުބީ ކޮންމެސް އެއްޗެއް ކާލައިގެން ހުންނާތި..” އިޝާންގެ އަޑުގައިވާ ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އެވަގުތުވެސް ޝުބާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
“ކެންވެސް އަންނާނީ އެހާއިރު؟..” ޝުބާ ފޯނު ބޭއްވުމުގެ ކުރިން އިތުރަށް އަހާލިއެވެ.
“ކިހިނެތް އެނގޭނީ.. އޭނާއަކީ މިހާރު އޮފީހުން ނުކުންނަ މީހެއްތަ..” އިޝާން ޝުބާގެ ސުވާލަށް ޖަވާބު ދިނީ ލާނެތް ރާގަކަށް ނަމަވެސް ފޯނު ބޭއްވިއިރު ޝުބާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ފާޅުވާން ހުއްޓެވެ. ތެދެކެވެ. ލޯބިވާ ރަހްމަތްތެރިޔާގެ ބުރަ މަސައްކަތް ޝުބާއަށާއި އިޝާންއަށް ފެނެއެވެ. އެދުވަހުން ފެށިގެން 4 އަހަރު ވީއިރު މިއަދާއި ހަމައަށްވެސް އޭނާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ފައިމައްޗަށް ތެދުވެ ބިލާލްގެ ނުފޫޒުން ސަލާމަތް ވެވޭނެ ފަދަ ވަރުގަދަ މީހަކަށްވުމަށެވެ. ކިޔެވުން ދޫކޮށްލުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް އޭނާ މަސައްކަތް ފެށީ ބިލާލްގެ ގޭގައި އުޅެމުންނެވެ. މާކިންއަށް ދަތި ކުރުމަށް އޭނާ އުޅެމުން ދިޔަ އެޕާޓްމެންޓް އަތުލުމުން މަންމައާއި ބައްޕައާއިއެކު އޭނާ އުޅެން ފެށީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. މާކިން އަޒުމަކީ ވިޔަފާރިއެއް ފެށުން ކަމުގައިވާތީ ކިޔެވުން ދޫކޮށްނުލިޔަސް އިޝާންއާއި ޝުބާގެ އެއްބާރުލުން ފުރިހަމައަށް އޭނާއަށް ލިބުނެވެ. ގިނަ ދަރަނި ތަކަކާއި، ގޮންޖެހުން ތަކަކާއިއެކު 3 މީހުން އެކުގައި ވިޔަފާރި ފެށީ އެއްވެސް ވަރަކަށް ބިލާލްގެ ބަހެއް ހޯދުމަކާއި ނުލައެވެ. އުމުރުގެ ހަގުކަމާއި، ތަޖުރިބާގެ މަދުކަމުން ވިޔަފާރި ފަށައިގަތުމަށް އެމީހުންނަކަށް ފަސޭހައެއް ނުވިއެވެ. ގެއްލުންތައް ވަމުން، ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލަމުން، ވިޔަފާރިއެކޭ ބުނާ ވަރަށް ފަށައިގަނެވުނީ 2 އަހަރެއްހާ ދުވަސް ފަހުންނެވެ. އޭރު އިޝާންއާއި ޝުބާގެ ކިޔެވުން ނިމި އެކަމަށް ހުސް ވެވިއްޖެއެވެ. އޭގެ ފަހުގައި ދެން އެމީހުން އެންމެ އިސްކަމެއް ދީގެން ހޯދީ ވަކިން ދިރިއުޅޭނެ އެޕާޓްމެންޓެކެވެ. އެކަމަށްވެސް އެންމެ ބޮޑަށް އެދުނީ ބައްޕަގެ ހިޔާވަހިކަމުގައި އުޅެން ބޭނުން ނުވެފައި ހުރި މާކިންއެވެ. ތިން މީހުން އެކުގައި އެއްތަނެއްގައި އުޅެން ފެށުމާއިއެކު ވިޔަފާރީގެ ކަންތައްތަކަށް އިތުރަށް ފަސޭހަވެ ކުރިއަރަން ފެށިއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައި އިރު އެމީހުންނަށް އަދި ކިރިޔާ މީހުންގެ ދަރަނިތައް ފުއްދާލެވޭ ވަރުވީއެވެ. ފައިދާ ބޮޑުކޮށް، ވަރުގަދަ ވިޔަފާރިއެއްގެ ގޮތުގައި ހިނގައިގަތީ އަދި ކިރިޔާއެވެ.
އެހާ ދުވަސް ވެގެން ދިޔައިރުވެސް އެމީހުން ތިބީ އެމީހުންގެ ވަޢުދުގެ މަތީގައެވެ. މެހެކްއާއި އެއްވެސް ގުޅުމެއް އެއިން އެކަކުވެސް ނުބާއްވައެވެ. މެހެކްގެ ހާލު ބަލާލާ، އުޅޭ ނޫޅޭ ގޮތް ބަލާލުމަށް ޝުބާއާއި އިޝާން އެދުނު ނަމަވެސް މާކިން ވަގުތުން އެކަމާއި ދެކޮޅު ހަދައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މެހެކްގެ ކަންތައްތައް ބަލަން ފަށައިފިނަމަ އޭނާ ބަލިކަށިވާނެއެވެ. އަނެއްކާވެސް މެހެކްގެ ގާތަށް އޭނާއަށް ދާނެ ޖެހޭނީ ކުރިއެކޭ އެފަދައިން މަޖުބޫރީ ހާލަތުގައެވެ. އަބަދުގެ އަބަދަށް ކައިރީގައި ހުރެވޭނެ ކަމުގެ ޔަގީންކަން ނެތިއެވެ. ބައްޕަގެ ނުރައްކަލުން ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން ނެތިއެވެ. މިއަދާއި ހަމައަށްވެސް އެމީހުންގެ ހިތްވަރުން މެހެކްއާއި މާކިންގެ ކައިވެނީގެ ޚަބަރުވަނީ ބިލާލްއަށް ސިއްރުވެފައެވެ. އެކަން އޭނާ ބޭނުންވަނީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އެކަން ފާޅުވެ، މެހެކްއަށް ގެއްލުމެއް ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. މާކިންގެ އަޒުމަކީ ކޮންމެވެސް ދުވަހަކުން ބާރުގަދަ، އެހެން މީހެއްގެ ނުފޫޒު ނުފޯރާ ފިރިއެއްގެ ގޮތުގައި މެހެކްއާއި ހަވާލުވުމެވެ. އަބަދުގެ އަބަދަށް އޭނާގެ ރައްކާތެރިކަމުގައި މެހެކް ބެހެއްޓުމެވެ. އެހެން ނަމަވެސް މާކިން ރެއާއި ދުވާލު މެހެކް މަތިން ހަނދާން ކުރާކަން ޝުބާއާއި އިޝާންއަށް އެނގެއެވެ. ހިތާމަ ކުރާތަން ފެނެއެވެ. ކަރުނައަޅާ ރޯތަން ދެކެއެވެ. ނިދީގައި މެހެކްއަށް ގޮވައެވެ. މާކިންގެ ކެތްތެރިކަން ފެނި ޝުބާއާއި އިޝާންވެސް އާޝޯޚްވެއެވެ. ތެދުވެރި ލޯބީގެ ހައްގުގައި އެމީހުންގެ އެކުވެރިޔާ އުޅެމުންދާ ހާލު ފެނި ހިތައް އަސަރު ކުރެއެވެ.
މާކިންއާއި މެދު ވިސްނަން ފެންކަޅިވެފައި އިން ޝުބާއަށް ސިހުމެއް ލިބުނީ ގޭ ދޮރުގައި ޓަކި ދިން އަޑަށެވެ. މިގަޑީގައި ގެއަށް އައީ ކާކުބާއޭ ހިތައް އަރާ ހާލު ލޯ ފޮހެލުމަށްފަހު މޫނުމަތި ރީތިކޮށްލަމުން އޭނާ ލަސްލަހުން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއިއެކު ދޮރުމަތިން ފެނުނު މަންޒަރުން ޝުބާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު އަނގަ ތަން މިނަށް ހުޅުވާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Mee first dhw
What a story very nice
angaaves nulaa mehek evattaalee ??
maakinnah thiothee bappa saizah thirikiraane futusathu libifa dhen nuhuttaathi bappage viyafaarives banguroot kollaafa enmennah bappage aslu hageegaiy angan vee vaguthu meek hindhemi nulevey varukuraathi mifaharu bafayakas egothah kanthah kureema rahumeh ihuthiraameh noannaane ??
Haadha lahunney story up thi kurany… ??.. BTW story hama habeys…
Layaaaa haadha lahey mihaaru story up vaaleh. But ok keii kollaigen mihunnanee. Avas kolladhehchey pls. And story as usual hama vrh reethi. Alhey mi v gothun adhi maa reethi vaane kanneynge dhw. Lets see. Curiously waiting. Luv ya.♥️♥️♥️
Varah reethi Maasha allah waiting for the next part ❤️