ނުފިލާނޭ މިހިތަކުން… 31
“މެހެކް…” ހިތައް އަރަން ފެށި އެއްޗެއްގެ ސަބަބުން މާކިން ކުއްލިއަކަށް މެހެކްގެ މުލައްދަނޑީގައި ހިފާ އޭނާއާއި ވީ ފަރާތަށް އެނބުރުވުމަށްފަހު ނިކަން ބާރަށް އޭނާގެ ގަޔާއި ލާ ބޮނޑިކޮށްލިއެވެ. މާކިންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުން ލިބުނުކަމުގައިވިޔަސް މެހެކް އޭނާއާއި ދުރަށް ދާކަށް މަސައްކަތެއް ނުކުރެއެވެ. ދެއަތުން މާކިންގެ ހަށިގަނޑުގައި ހިފަހައްޓާލުމަށްފަހު އެމޭގެ ތެރޭގައި ބޮނޑިވެލީ އޭނާއަކީ ހަމައެކަނި މާކިންގެ ހައްގެކޭ ބުނާ ފަދައިންނެވެ.
“މެހެކް.. އަހަރެން މެހެކްދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންގެ މި ލޯތްބާއިމެދު ދުވަހަކުވެސް ޝައްކު ނުކުރާތި.. އަހަރެން ދުވަހަކުވެސް މެހެކްއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން.. ދުރަށް ދާކަށް ބޭނުމެއް ނޫން.. އެއަށްވުރެ މާ ބޮޑަށް.. އިންތިހާއަށް މެހެކް ދެކެ ލޯބިވޭ.. އައި ލަވް ޔޫ ސޯ މަޗް.. ސޯ މަޗް..” މެހެކްއަށް ނޭވާ ލާން އުނދަގޫ ވާހާ ބާރަށް އޭނާގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ މާކިން އޭނާއަށް ބުނެދެމުން ދިޔައީ އޭނާގެ ހިތުގައިވާ ލޯބީގެ ތެދުވެރިކަމެވެ. އޭނާގެ އެ އަސަރުން ފުރިގެންވާ އަޑާއި، މެހެކްގެ ގައިގައި ހިފަހައްޓާލައިގެން ހުރިލެއް ބާރުކަމުން މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މާކިންގެ ލޯތްބާއި މެދު އޭނާ ޝައްކެއް ނުކުރެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް މާކިންއަށް އޭނާ އިތުބާރު ކުރެއެވެ. މާކިންގެ ލޯތްބަކީ މިއަދު މިދުނިޔޭގައި އޭނާއަށްޓަކައި ވާ އެންމެ ބޮޑު ހަގީގަތެވެ. ދެން މާކިން އެހާވަރަށް އެކަން ޔަގީންކޮށްދެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމަށްފަހުގައިވެސް ދުރުވާން އުޅޭއިރު އުޅޭފަދަ ގޮތަކަށް ހަރަކާތްތައް އެހުރީ ކީއްވެގެން ހެއްޔެވެ؟
“މާކިން..” މެހެކް ވާހަކަ ދައްކަން ފެށުމުންވެސް މާކިން މެހެކްގެ ގައިން ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ.
” ހެއި މާކިން.. ކުޑަކޮށް ދޫކޮށްލަބަ.. މާކިން..” މާކިން ދޫކޮށްލަން ނޫޅުމުން މެހެކް އޭނާގެ ބުރަކަށީގައި ފިރުމާލަމުން ވަރަށް މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. އެއާއިއެކު މާކިން ލަސްލަހުން އޭނާގެ ހަށިގަނޑުން ދޫކޮށްލުމުން މެހެކް އޭނާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު އެ ތޫނު ދެލޮލުން މެހެކްއަށް ފެނުނީ ދުވަހަކުވެސް ނުފެންނަ ފަދަ ހިތާމަވެރިކަމެކެވެ. ކަރުނައިގެ އަސަރު ފެންނަން ނެތަސް ކަރުނައަށް އެދެލޯ ބޭނުންވެފައިވާ ފަދައެވެ.
ޝުބާއާއި އިޝާން ކުއްލިއަކައަށް މާލެ ދާން ޖެހޭކަމުގައި ކައިސްމެންނާއި ހިއްސާ ކުރީ ޝާއިރާ ގާތަށް ހޮސްޕިޓަލަށް ދިއުމަށްފަހުގައެވެ. އެމީހުންގެ ކުއްލި ނިންމުމާއިމެދު ކައިސްއާއި ނާޔާގެ އިތުރުން ޝާއިރާވެސް ވަރަށް ސުވާލު ކުރިއެވެ. ހަގީގަތަކީ ކޮބާކަން ބުނެދިނުމުގެ ބަދަލުގައި ޝުބާމެން އެމީހުންނަށް ޖަވާބުދާރީ ވީ މާކިންއާއިއެކު އެއްބަސްވެފައިވާ ގޮތަށެވެ. އިޝާންގެ ބޮޑުބޭބެއަކު މާބޮޑަށް ބަލިވެގެން ރާއްޖެއިން ބޭރަށް ދަނީ ކަމުގައި ބުނެ ބޮޑު ދޮގެއް ހަދަން ޖެހުމުން ހިތުގައި ހަމަ ނުޖެހުމެއް ވީ ކަމުގައިވިޔަސް ޝުބާއާއި އިޝާންގެ ވާހަކަތަކުން އަޑު އަހަން ތިބި މީހުންނަށް ކުޑަވެސް ޝައްކެއް ނުވެއެވެ. އެހެން ނަމަވެސް އެމީހުންނާއި އެކު މާކިން ދިއުމަށް އިޝާންގެ އާއިލާއިން ވަރަށް ބޮޑަށް އެދެމުންދާ ވާހަކަ ބުނުމުން ކައިސްއާއި ޝާއިރާވެސް ހިސާބަކަށް ނުތަނަވަސްވިއެވެ. ޝާއިރާގެ ހާލަތު ހުރިގޮތުން މެހެކްއަށް އޭނާއާއި ދުރަށް ދެވެން ނެތް ހާލަތުގައި، ކައިވެނީގެ ފުރަތަމަ ދުވަހު މާކިން މެހެކްއާއި ވަކިން މާލެ ދިއުމަށް އެއްބަސްވާނެ ހެއްޔެވެ؟ އެކަމަށް މެހެކް އެއްބަސް ވާނެ ހެއްޔެވެ؟
އެކަކު އަނެކަކަށްޓަކައި ލޯބީގެ އެތައް ވަޢުދުތަކެއް ވަމުން ވަގުތުތަކެއް ހޭދަކުރުމަށްފަހު މާކިންއާއި މެހެކް އެނދުގައި އޮށޯވެލައިގެން ތިބީ ހަމަހިމޭންކަމާއިއެކުގައެވެ. މޭގައި ބޯ އަޅާލައިގެން ލޯ މަރާލައިގެން އޮތް މެހެކްގެ އިސްތަށިގަނޑުގައި އެއް އަތުން ފިރުމާލަ ފިރުމާލާ، އަނެއް އަތް ނިތްކުރި މަތީގައި ބާއްވާލައިގެން އޮތް މާކިންގެ ލޮލާއި މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ފުރާނަ ފަދައިން ލޯބިވާ އަނބިމީހާ އޭނާގެ އަތުގެ ތެރޭގައި މިވަގުތު ވީކަމުގައިވިޔަސް މީގެ ދެތިން ގަޑިއިރު ފަހުން އެމަންޒަރު މުޅިން ބަދަލުވާނެއެވެ. ކައިވެނި ކުރުމަށްފަހު އެންމެ ދުވަހެއްވެސް ނުވަނީސް އޭނާއަށް ޖެހިފައި އެވަނީ އޭނާގެ މެހެކްއާއި ދުރަށް ދާށެވެ. މާ ދުރަށެވެ. އަނބުރާ އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްހާ ދުރަށެވެ. ހިތައް އެރި އެއްޗަކުން މާކިންއަށް މެހެކް ގެނެސް އިތުރަށް އަތުތެރޭގައި ބޮނޑިކޮށްލެވުނެވެ. އެހަށިގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. އޭނާ މެހެކްގެ ގާތުގައި އެވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ދުރަށް ދާން އުޅޭއިރު އެހާ ބޮޑަށް އޮޅުވާލާނީ ކިހިނެތްހެއްޔެވެ؟ މާކިން ތުންފަތުގައި ދަތްއަޅާލިއެވެ. އޭރު ސީލިންގގައި ދިމާއަށް ހުއްޓިފައިވާ އޭނާގެ ފިރިހެންވަންތަ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ރޮނގެއްގެ ސިފައިގައި ލޮލުގެ ހިމަކޮޅުން ދެމެމުން ދިޔައެވެ. އޭނާގެ ހިތުގައި ރިއްސަނީއެވެ. މެހެކްއާއި ވަކިވާން އެއުޅޭ އުޅުމަކީ އެނބުރި އައުމެއް ނުވާފަދަ ވަކިވުމެއްކަމުގައި ހީވަނީއެވެ. ހިތް ބިރުގަންނަނީއެވެ.
“މެހެކް..” ލުއި ހިނިތުންވުމަކުން ހިނިތުންވެލައިގެން މާކިންގެ އަތުގެ ތެރޭގައި އޮތް މެހެކް ލޯ ހުޅުވާލީ މާކިންގެ ހިމޭން، ލޯބިވެތި އަޑު އިވުމުންނެވެ.
“ހްމްމް..” މެހެކް މާކިންއަށް ޖަވާބުދާރީ ވީ އެ އޮތް ގޮތަށް އޮވެގެންނެވެ. އެއަޑުގައިވީ ހަމަޖެހުން އިހުސާސްވުމުން އެވަގުތުވެސް މާކިންއަށް ލޯ މަރާލެވުނެވެ. އެހެނަސް މިވަގުތު އޭނާ ކެތްތެރިވާން ޖެހޭނެއެވެ. މެހެކްއަށްޓަކައެވެ. މެހެކްގެ އާއިލާއަށްޓަކައެވެ. އޭނާ މެހެކްއާއި ދުރަށް ދާން އެއުޅެނީ ހަމައެކަނި މެހެކްގެ ރައްކާތެރިކަމަށެވެ. އޭނާ އެކަމާއި ކުރިމަތިލާނެއެވެ. ހަނގުރާމަ ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެއެވެ.
“މެހެކް..އަހަރެން.. އަހަރެން އެބަ ޖެހޭ މާލެ.. މާލެ ދާން..” މާކިން ލަސްލަހުން އެހެން ބުނެލި ވަގުތު އޭނާގެ އަޑަށް ސަމާލުކަން ދީގެން އޮތް މެހެކްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ތުންފަތުގައިވީ ހިނިތުންވުން ގެއްލި، ދެބުމަ ކައިރިވެއްޖެއެވެ. އަދި ލަސް ހަރަކާތްތަކަކާއިއެކު ތެދުވެ މާކިންގެ ގާތުގައި އިށީނދެލުމަށްފަހު އޭނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ.
“މާލެ.. މާލެ ދާން.؟..” މާކިން ބުނެލި އެއްޗަކުން މެހެކްގެ ހިތުގައި އެތައް އެތައް ސުވާލެއް އުފެދިފައިވެއެވެ. އެހެން ނަމަވެސް އޭނާއަށް މާކިންގެ މޫނުގައިވާ މާޔޫސްކަން ފެނުމާއިއެކު އެހުރިހާ ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާ ވާހަކަ ދައްކަންދެން ކެތްތެރިވެލިއެވެ. އޭނާގެ އެހަރާތުންވެސް މާކިން އިތުރަށް ހިތުގައި ޖެހުނެވެ. އޭނާ ދާން އުޅޭ ވާހަކަ ބުނުމުން މެހެކްއަށް ލިބުނު ނުތަނަވަސްކަން އޭނާއަށް ސިއްރެއް ނުވެއެވެ. އެހެން ނަމަވެސް އެހާލަތުގައިވެސް މެހެކް އެ އިސްކުރީ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މާކިން ތެދުވެ މެހެކްގެ ގާތުގައި އިށީނދެލީ އޭނާގެ ގާތުގައި ބުނަން ހުރި ވާހަކަތައް ސިކުނޑީގެ ތެރޭގައި ރާވާލަމުންނެވެ.
“އަމްމްމް.. ހޫމްމް.. މީ އިޝާންގެ.. ބޮޑުބޭބެއެއް.. ބަލިވެގެން ބޭރަށް ގެންދާތީ.. އެމީހުން… ބޭނުންވޭ އަހަރެންވެސް.. އިޝާން ފެމިލީ..” މެހެކްގެ މޫނަށް ބަލާލުމަކާއި ނުލާ ވާހަކަ ދައްކަމުން ދިޔަ މާކިންގެ އަޑުގައި ހުރި ނުތަނަވަސްކަން މެހެކްއަށް ފާހަގަ ކުރެވޭކަށް ގިނަ އިރެއް ނުނެގިއެވެ. މާކިންގެ އަތުގައި ހިފަހައްޓާލުމަށްފަހު އޭނާގެ މޫނުގައި ހިފާ މެހެކްއާއި ދިމާއަށް އެނބުރުވުމަށްފަހު އޭނާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
“މާކިން.. ކީއްވެ ތިވާހަކަ ބުނަން ނުކެރިގެން ތިއުޅެނީ؟.. އަހަރެން ޝަކުވާ ކުރާނެއޭ ހީވަނީތަ؟.. އަހަރެންނަށް އިތުބާރު ނުކުރަންތަ؟..” މާކިންގެ މޫނުގައި ހިފަހައްޓާލައިގެން އިނދެ މެހެކް ލޯތްބާއިއެކު ބުނެލިއެވެ. މުޅި ދުވަހު އޭނާދެކެ ލޯބިވާ ވާހަކަ މާކިން ތަކުރާރުކޮށް ބުނަމުން ދިޔަ ސަބަބަކީ އެއީ ހެއްޔެވެ؟ ކައިވެނީގެ ފުރަތަމަ ދުވަހު މާލެ ދާން ޖެހިފައި ވުމުން އެކަމާއި މެހެކް ހިތްހަމަ ނުޖެހިދާނެ ކަމުގައި އޭނާއަށް ހީވީ ހެއްޔެވެ؟ މާކިންގެ އިންތިހާ ދަރަޖައިގެ ލޯތްބާއިމެދު މެހެކްގެ ހިތުގައި ކުޑަވެސް ޝައްކެއް ނުވާކަމުގައި އޭނާއަށް ގަބޫލު ނުކުރެވެނީ ހެއްޔެވެ؟
“މާކިން.. އަހަރެންނަށް އިނގޭ އަހަރެންނާ ދުރަށް ދާން މާކިން ބޭނުން ނުވާނެކަން.. ނުގޮސް ވާން އޮތް ނަމަ ނުދާނެކަން.. އަހަރެން ގޮވައިގެން ދެވެން އޮތް ނަމަ ދާނީ ގޮވައިގެން ކަންވެސް އެނގޭ.. އެކަމު އަދި މި ކައިވެނީގެ ޚަބަރެއް މާކިންގެ އާއިލާގެ އެކަކަށްވެސް ނޭނގޭ.. ބޭނުންނުވި ނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސް ނުވަނިސް އެކަން މާކިންގެ ފެމިލީއަށް އަންގާނެ ފުރުސަތެއް މި ލިބުނީ.. އިޝާންގެ ފެމިލީގެ އެދުމަކަށް ދިޔަޔަސް މާކިންއަށް އަހަރެންގެ ވާހަކަ އާއިލާ ގާތު ދެން ބުނެވޭނެ.. ގޮއްސަ އެމީހުންނަށް އޮޅުން ފިލުވައިދެވޭނެ.. އެކަމަކަށް މާ ގިނަ ދުވަހެއް ނުނަގާނެއެއްނު.. ވަރަށް އަވަހަށް އެނބުރި އަހަރެން ކައިރިއަށް އަންނާނަމެއްނު..” މާކިންގެ ލޮލާއި ލޯ ހަމަކޮށްލައިގެން އިނދެ ޔަގީންކަމާއިއެކު މެހެކް ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އޭނާ އިނީ އާޝޯޚްވެފައެވެ. އެ ރީތި ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިން އިރު މެހެކްގެ ހިތުގައި އޭނާއާއިމެދު އޮތް ޔަގީންކަން އިހުސާސްވުމުން އެހިތުގައި އުފެދުނީ އިތުރު ލަދުވެތިކަމެކެވެ. އޭނާއަށް މެހެކްގެ އެ ޔަގީންކަމުގެ އެއްވެސް ހައްގެއް ނެތެވެ. އެހާ ބޮޑަށް އޭނާއާއިމެދު އުއްމީދުތައް ނުކުރާށޭ ބުނަން އޭނާ ބޭނުންވިއެވެ. އެހެނަސް.. މިއަދު މާކިން އެކަމަށް ނުކުޅެދެއެވެ.
“ތޭންކްސް މެހެކް.. ތިހާ ވަރަށް އަހަރެންނަށް އިތުބާރު ކުރާތީ.. ތިހާ ލޯބިވާތީ.. ތޭންކްސް..” ޚިޔާލުތައް ގިނަވެ، އަނެއްކާވެސް ލޮލަށް ކަރުނަ ޖަމާވާން ފެށުމާއިއެކު މާކިން މެހެކްގެ ގައިގައި ބައްދާލިއެވެ. އޭނާއަށް ކުރިމަތި ވެފައި މިވަނީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟
މާކިންމެން ބަލާ ބިލާލް ފޮނުވި ލޯންޗް އެރަށަށް އައީ ހަވީރު 4 ޖެހިއިރުއެވެ. މާކިންއާއި، އިޝާން އަދި ޝުބާވެސް ފުރަން ދިޔައީ ހޮސްޕިޓަލުގައި އޮތް ޝާއިރާއާއި ބައްދަލު ކުރުމަށްފަހުއެވެ. ކަންތައް ވެފައި އޮތް ގޮތުން، އެމީހުންނަށް އޮޅުވާލަން ޖެހިފައި ވާލެއް ބޮޑުކަމުން ޝާއިރާއާއި ބައްދަލު ކުރި ވަގުތުގައިވެސް މާކިންއަށް ކަރުނަތައް ހިފަހައްޓާލެވުނީ ވަރަށް ހިތްވަރުންނެވެ. ފުރަން ދިޔަ މަގުމަތީގައިވެސް ކުރަމުން ދިޔަ ހިތްވަރު ގެއްލި މެހެކްގެ ކުރިމަތީގައި ރޮވިދާނެ ކަމުގެ ބިރަށްޓަކައި އޭނާ މެހެކްއާއި މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. މާކިންގެ އިތުރުން އިޝާންއާއި ޝުބާގެ ވެސް ބަސް މަދުވެފައި، އާދަޔާ ޚިލާފަށް މަޑުމައިތިރި ވެފައި ތިބިކަން މެހެކްއާއިއެކު އެމީހުން ފުރުވަން ދިޔަ ކައިސްއަށްވެސް ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް އެއީ ދުވަސްތަކަކަށްފަހު އެމީހުންނާއި ވަކިވާތީ ލިބިފައިވާ މާޔޫސްކަމެއް ކަމުގައި ބަލާ، އެކަމާއި ބެހޭގޮތުން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
މާކިންމެންނަށް ބަނދަރަށް ދެވުނުއިރު ލޯންޗު އޮތީ ފުރަން ތައްޔާރުވެފައެވެ. މެހެކްގެ ގައިގައި ވަރަށް ބާރަށް ބައްދާލުމަށްފަހު ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން އެންމެ ފުރަތަމަ ލޯންޗަށް އެރީ ޝުބާއެވެ. އެއާއިއެކު މެހެކްއަށް ކުޑަ ކުޑަ ހިނިތުންވުމެއް ދިނުމަށްފަހު އޭނާގެ ފަހަތުން އިޝާންވެސް އެރިއެވެ. އޭރުވެސް މާކިން މެހެކްގެ ގާތުގައި އެހުރި ގޮތަށް ހުރީއެވެ. ބަސް ހުއްޓިފައި، ހަރަކާތް ހުއްޓިފައި ހުރިއިރު އޭނާއެކޭ އެތާ ބަހައްޓާފައި ހުރި ބުދެކޭ އެއްވަރެވެ.
“މާކިން..” މާކިންއަށް ހަމަ ހޭވެރިކަން ވީ މެހެކް މަޑުމަޑުން މާކިންގެ އަތުގައި ހިފާލުމަށްފަހު އޭނާގެ ކަންފަތް ދޮށުގައި އޭނާގެ ނަން ކިޔާލުމުންނެވެ. އެއާއިއެކު ފެންކަޅިވެފައިވާ ދެލޮލުން އޭނާއަށް މެހެކްގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭނާގެ ހިތުގައި އެވާ ޝަކުވާތައް މެހެކްއަށް އެނގޭނަމައެވެ.
“އައި ލަވް ޔޫ..” މެހެކްގެ އަތަށް ފިއްތާލަމުން މާކިން ސިއްރު ސިއްރުން ބުނެލިއެވެ.
“އައި ލަވް ޔޫ ޓޫ.. ކަމް ސޫން..” ލުއި ހިނިތުންވުމަކާއިއެކު މެހެކްވެސް ޖަވާބުގައި ބުނެލިއެވެ.
މާކިން ލޯންޗަށް އެރުމާއިއެކު ލޯންޗު ނައްޓާލައިފިއެވެ. ލޯންޗް ދުރު ދުރަށް ގޮސް އޮބާލުމާއިއެކު އެ މަންޒަރު ބަލަން ހިނިތުންވެފައި ހުރި މެހެކްގެ ހިނިތުންވުން މަޑުމަޑުން ފަނޑުވާން ފަށައިފިއެވެ. ދެބުމަ ކައިރިވެ، ލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. އެންމެ ފަހު ވަގުތު މާކިންގެ ލޮލުން ފެނުނު ކަރުނައާއިމެދު އެހިތުގައިވަނީ ސުވާލު އުފެދިފައެވެ. ލޮލަށް ނުފެންނަހާ ދުރަށް ދެވެންދެން ލޯންޗުގައި މާކިން ބަލަހައްޓައިގެން އިން ގޮތް އޭނާގެ ހިތަށް އުނދަގޫ ކުރަނީއެވެ. މާކިންގެ ދުލުން އޭނާއަށް ބުނެދެމުން ދިޔަ ވާހަކަތަކާއި އެލޮލުން ބުނަމުން ދިޔަ ވާޙަކަތަކާއި ދިމާ ނުވާކަމުގައި އެހިތް ބުނަނީއެވެ. އޭނާގެ މާކިން އޭނާއަށް ބުނެދޭން ބޭނުންވީ ކޮން ވާހަކައެއް ހެއްޔެވެ؟
މެހެކް ކައިސްއާއިއެކު ގެއަށް ދިއުމަށް ހިނގައިގަތީ އޭނާގެ ފޯނަށް އައި މެސެޖް ހުޅުވާލަމުންނެވެ. އެއީ މާކިންގެ މެސެޖެއްކަން އެނގުމާއިއެކު އޭނާއަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ.
“އެއްވެސް.. އެއްވެސް ހާލަތެއް ނާންނާތި.. އަހަރެންނާ ދުރަށްދާން ބޭނުންވާ އެއްވެސް ހާލަތެއް ނާންނާތި.. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން ހައްގެއްގެ ގޮތުގައި ހުރެދޭތި.. ތިހިތުން އަހަރެންގެ ނަން ފިލުވާ ނުލާތި..” މާކިންގެ މެސެޖު ކިޔާލުމާއިއެކު މެހެކްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެހިތުން މާކިންގެ ނަން ދުވަހަކުވެސް ފިލާނެ ހެއްޔެވެ؟
“ދުވަހަކުވެސް.. ދުވަހަކުވެސް ތިޔަ ތެދުވެރި ލޯބި މިހިތަކުން ނުފިލާނެ..” މާކިންގެ މެސެޖުގެ ޖަވާބުގައި މެހެކް ފޮނުވާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Varah varah varah reethi maa shaa allah
vvv nice mi part vx… waiting for next part. avahah up kohladhechey.
Eventhough i don’t cmnt regularly mi story hama sooooo nice. Curiously waiting for next. By the way when next?
Vrh reethi mi part ves❤️❤️ curiously waiting for the next part❤️❤️❤️❤️ stay safe and sound❤️❤️❤️