ނުފިލާނޭ މިހިތަކުން… 30
“އެންމެ ރަނގަޅު..” މާކިން އޭނާގެ ބައްޕަގެ ހުރިހާ އަމުރުތަކަކަށް ކިޔަމަންވަމުން ފޯނު ކަނޑާލިއެވެ. އަދި ހަމަ އެއާއިއެކު އެހުރިހާ އިރު ލޮލުތެރޭގައި ހިފަހައްޓާފައި ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ފައިބައިގަތެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގިސްލެވެން ފެށުމާއިއެކު އަނގަމަތީގައި އަތް އަޅަމުން އޭނާ މުށިތައް މައްޗަށް ވެއްޓިގަތެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑުގައި ހިފަހައްޓަމުން އަޑުން އަޑު ނަގާ ރޯން ފަށައިފިއެވެ. މިއީ ކޮން ފަދަ އިމްތިހާނެއް ހެއްޔެވެ؟ ގިސްލުމާއިއެކު ގަދަ އަޑުން ރޯން އިން މާކިންއަށް ކުއްލިއަކަށް ރުއިން ހުއްޓާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.
“ކެން..” އިޝާންއާއި ޝުބާ މާކިންގެ ކޮޓަރީގެ ދޮރު ހުޅުވާލީ ޓަކި ދިނުމުންވެސް އޭނާގެ ޚަބަރެއް ނުވުމުންނެވެ. އޭރު އެނދު ކައިރީގައި، މޫނު ނުފެންނަ ގޮތަށް މުށިތައް މަތީ މާކިން އިށީނދެލައިގެން އިންތަން ފެނުމުން ޝުބާއާއި އިޝާން އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ކެން.. ކިހިނެތްވެފަ ތިއިނީ.. ކަމެއް ގޯސްވީތަ؟..” އަވަސް ފިޔަވަޅުތަކެއްގައި އެންމެ ފުރަތަމަ މާކިންގެ ގާތަށް ގޮސް އޭނާގެ ގާތުގައި އިށީނދެލީ އިޝާންއެވެ. ހަމަ އެއާއިއެކު ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޝުބާވެސް އެމީހުން ކައިރީގައި އިށީނދެލިއެވެ.
“ކެން.. ކިހިނެތްތަ ވީ؟..” ކައިރީގައި އިށީނުމުންވެސް މާކިންގެ ފުށުން އިތުރު ހަރަކާތެއް ނުފެނުމުން އިޝާން ކަންބޮޑުވާ ގޮތްވިއެވެ. އެހެން ނަމަވެސް ދެންވެސް މާކިން އިތުރު ހަރަކާތެއް ނުކުރިއެވެ. އިސް ޖަހާލައިގެން މުށިތައް މައްޗަށް ނަޒަރު ހުއްޓާލައިގެން އިން އިރު ހޭވިފައިވާ ފަން އިސްތަށިގަނޑުން އޭނާގެ ނިތްކުރިމައްޗާއިއެކު ލޯމަތި ވަނީ ފޮރުވިފައެވެ. އިޝާން ކަންބޮޑުވުމާއިއެކު ދެން ހަދަންވީ ކިހިނެތްހޭ އަހާލާ ފަދަ ގޮތަކަށް ޝުބާއާއި ދިމާއަށް ބަލާލިއެވެ.
“ކެން.. މެހެކްއާ މައްސަލައެއް ޖެހުނީތަ؟..” މާކިންއަށް ވެފައި އިންގޮތް ފެނުމުން ޝުބާގެ އަޑުގައިވެސް ކަންބޮޑުވުމުގެ އަސަރުތައް ހުއްޓެވެ. އެވަގުތު އިޝާން މާކިންގެ ދެކޮނޑުގައި ހިފަހައްޓާލުމަށްފަހު އޭނާގެ ހަށިގަނޑު ތެދުކުރުވިއެވެ.
“ކެން ވާހަކަ ދައްކަބަލަ.. ވީ ގޮތެއް ބުނެބަލަ..” މާކިންގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވުމަށްފަހު، މޫނުމަތީގައި ހުރި ހޭވިފައިވާ އިސްތަށިތައް ދުރަށް ޖައްސަމުން އިޝާން ވާހަކަ ދެއްކިއެވެ. އެއާއިއެކު އެދެމަފިރިންނަށް މާކިންގެ މޫނުމަތިން ފެނުނީ މިއިން ދުވަހަކުވެސް އެމީހުންނަށް ފެނިފައި ނުވާފަދަ ކުލަވަރެކެވެ. އެ ޒުވާން ދޮން މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ދެލޮލުން ފައިބައިފައިވާ ކަރުނަތަކާއިއެކު މުޅި ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ. އެ މަންޒަރު ފެނުމާއިއެކު ފެންކަޅި ވަމުން ދިޔަ ޝުބާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި ބޭ އިޚްތިޔާރުގައި ކައިރީގައި އިން އިޝާންގެ ކޮނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު މާކިންގެ މޫނު ފެނުމުން އިޝާންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ.
“ކެން…” މިފަހަރު އިޝާންއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރުވޭ ގޮތެއް ނުވިއެވެ. އިސް ޖަހާލައިގެން އިން މާކިން ބާރު ބާރަށް ރޮއިގަންނަމުން އިޝާންގެ ކޮނޑުމައްޗަށް ވެއްޓިގަތީ ކުއްލިއަކަށެވެ. ލޯބިވާ ރަހްމަތްތެރިންގެ އަޅާލުން ލިބުމުން ފޮރުވަން މަސައްކަތް ކުރަމުން ދިޔަ ކަރުނަތައް ނުހިފެހެއްޓުނީ ކަންނޭނގެއެވެ. މާކިންގެ އެހާލު ފެނުމުން ޝުބާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެހެން ނަމަވެސް އިޝާން އިނީ ހިތްވަރާއިއެކު ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން މާކިން ހަމަޖެހިލަންދެން ވަގުތު ދީގެންނެވެ.
އިޝާންގެ ގާތުގައި އެއިން ގޮތަށް އިނދެ 15 ވަރަކަށް މިނެޓް ވަންދެން މާކިން ކަރުނައަޅާ ރުޔެވެ. އޭނާއަށް ވެގެން އުޅޭގޮތެއް ބަލަން ކެތްމަދުވެފައި ތިބިނަމަވެސް އެވަގުތުކޮޅުގައި ޝުބާއާއި އިޝާން އޭނާއާއި އިތުރަށް އެއްވެސް ސުވާލެއް ނުކުރެއެވެ. ކުޑއިރުއްސުރެ އެކުގައި އުޅުނު ލޯބިވާ ރަހްމަތްތެރިޔާގެ ހިތާމައިގައި ބައިވެރިވުން އެމީހުންނަށް އެވަގުތު މާ މުހިންމު ވިއެވެ.
“ބައްޕަ.. ބައްޕަ އަނެއްކާ ގުޅައިފި..” މާކިން ވާހަކަ ދައްކަން ފެށީ ލޯ ފޮހެލުމަށްފަހު ނިކަން ބޮޑަށް ނޭފަތް ދަމާލަމުންނެވެ. އޭނާގެ ބައްޕަ އޭނާއާއި ގުޅައިގެން ދެއްކި ވާޙަކަތަކާއި، ދިން އިންޒާރުތައް އިސްޖަހާލައިގެން އިނދެ އޭނާގެ ރަހްމަތްތެރިންނާއި ހިއްސާ ކުރަމުން ދިޔައީ ލަދުވެތިކަމާއިއެކުގައެވެ. އަމިއްލަ ބައްޕަގެ ރަހުމްކުޑަ ކަމުގެ ވާޙަކަތައް ދުވަހަކުވެސް މީހަކާއި އެގޮތަށް ހިއްސާ ކުރަން ޖެހިދާނެ ކަމުގައި އޭނާ ހުވަފެނަކުންވެސް ދެކެފައެއް ނުވެއެވެ. މާކިންގެ ވާޙަކަތައް އަޑު އަހަން ތިބި އިޝާންއާއި ޝުބާއަށް އެވާހަކަތައް އަޑު އިވިފައި ތިބެވުނީ އަނގައިން ބަސް ހުސްވެފައެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް މާކިންގެ ދިރިއުޅުމާއި ބިލާލް ކުޅެލަފާނެ ކަމަކަށް އެމީހުންނަށް ހީކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް ކުރިން މާކިން ކިޔައިދީފައިވާ ވާހަކަތަކާއިއެކު މިހާރު އެމީހުންނަށް އެވަނީ އެ ހަގީގަތް ގަބޫލުކުރަން ޖެހިފައެވެ. މާކިންގެ އުފާވެރިކަމުގެ ހުރަހަކަށް މިއަދު މާކިންގެ ބައްޕަ ވެފައި ވުމަކީ މިހާރު އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަގީގަތެވެ.
“އަދި.. އަދި.. މާލެ ދަމުން.. ތި މީހުން.. ތި މީހުންވެސް ގޮވައިގެން ދާން ބުނި.. އެހެން ނޫނީ.. ” ބިލާލްގެ އެންމެ ފަހުގެ ޝަރުތު އެދެމަފިރިންނާއި ހިއްސާ ކުރުމަށް މާކިން ވަކީން ލަދުވެތިވިއެވެ. އެކަން އެދެމީހުނަށްވެސް ފާހަގަވިއެވެ.
“ކެން.. ކެން އަށް ހެލްޕް ވާން ކޮންމެ ކަމެއްވެސް އަހަރެމެން ކޮށްފާނަން.. އެކަމު.. ތި ކައިވެނީގެ ޚަބަރު ބިލާލްބެއަށް ލިބިއްޖެއްޔާ؟..” ޝުބާ މާކިންގެ ކޮނޑުގައި އަތް ބާއްވާލަމުން ވިސްނުންތެރިކަމާއިއެކު ސުވާލުކޮށްލިއެވެ. ހަމަ އެއާއިއެކު ވަގުތުން މާކިން ހަލުވި ހަލުވިކޮށް ދެފަރާތަށް ބޯ ހޫރާލިއެވެ.
“ނޫން.. އިން ޝާ ﷲ ނޭނގޭނެ.. ހުރިހާ ކަމެއް ބައްޕަ.. ބައްޕައަށް ފޭވަރ ވާ ގޮތަކަށް ނުވާނެ..” މާކިންގެ އަޑު ބެދުނެވެ. އަދި ތުންފަތުގައި ދަތް އަޅާލަމުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ.
“ކެން.. މާލެ ގޮސް.. މާލެ ގޮސް ކިހިނެތް ތިކަން ހައްލު ކުރާނީ.. މެހެކްއަށް ކިޔާދޭންވީނުން.. އަންޑަރސްޓޭންޑް ވާނެ ކަންނޭނގެ..” އިޝާން ތެދުވެ އެނދުގައި އިށީނދެލަމުން ބުނެލިއެވެ. ހަމަ އެއާއިއެކު އަނެއްކާވެސް މާކިން ދެފަރާތަށް ބޯ ހޫރާލިއެވެ.
“ނޫން އިޝާން.. މެހެކްއަށް އަންޑަރސްޓޭންޑް ނުވާނެތީއެއް ނޫން.. އެކަމު.. އެހުރީ އޭނަ އުޅެމުންދާ ގޮތް.. ކިހާ ހިތްދަތި ވާނެ އަނެއްކާ މިކަން އެނގުނީމަ.. މަށަކަށް.. މަށަކަށް އެއްވެސް ޔަގީންކަމެއް ދޭކަށް ނޭނގޭ މާލެ ގޮއްސަ އާދެވޭނެ ދުވަހަކާއިމެދު..” މާކިން ވިސްނުންތެރިކަމާއިއެކު ވާޙަކަ ދައްކަން ފެށިއެވެ. ވާހަކަ ތަކުގެ ތެރެއިންވެސް މެހެކްގެ ނަން ބުނެލާ ހިނދު އޭނާގެ ހިތުގައި މެހެކްއަށްޓަކައި ވާ ލޯބި ނުހަނު ރަނގަޅަށް ފާޅުވެއެވެ.
” އެންމެ ކުޑަމިނުން އަންބަކަށް ހެދުމަށްފަހު މެހެކް ބަލަހައްޓާނެ ގޮތެއްވެސް އަހަންނަކަށް އެނގެނީއެއް ނޫން.. މިއަދާ ހަމައަށްވެސް އަހަރެން މިއުޅެނީ ބައްޕަގެ ފައިސާގަ.. އެކަމު އެ ފައިސާއިން މެހެކްއަށް ޚަރަދު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. މި ހާލަތުގައިވެސް މެހެކްއާއި ކައިވެނި ކުރަން އަހަރެންގެ ހިތް މިހާ ވަރަށް މި އެދެނީ މިހިތުގެ އަމިއްލަ އެދުންވެސް ބޮޑުވީމަ.. ކައިވެނީގެ ފަހުން އަހަރެންގެ ފަރާތުން މެހެކްއަށް ދެވެން އޮތީ ކޯޗެއް.. މިހާރު ހިތައް އަރާ އިތުރަށް ކިޔަވަން ނޫޅެ ސްކޫލު ނިމުން ގޮތަށް ވަޒީފާއަކަށް ދެވުނު ނަމައޭ.. އަމިއްލައަށް އުޅެން ތައްޔާރު ވެވެނު ނަމައޭ.. އެހެން ވީ ނަމަ މިއަދު މެހެކް ދޫކޮށްލާފަ މާލެ ދާކަށް އަހަރެން އެއްބަސްވާކަށް ނުޖެހުނިސް.. އަހަރެންނަކީ ބައްޕަގެ ނުފޫޒު ނުފޯރާހާ ވަރުގަދަ މީހަކަށް ވީ ނަމަ.. އެ އިންޒާރުތަކަށް ނުސިހޭ ވަރުގެ ޝަހުސިއްޔަތެއް ހުރި މީހެއް ނަމަ..” މާކިންގެ ވިސްނުން ދަތުރުކޮށްފައިވާ ދުރުމިން އިޝާންއަށާއި ޝުބާއަށް އަންދާޒާކޮށްލަންވެސް ނޭނގެއެވެ. އޭނާގެ ވާހަކަތަކުގައި މެހެކްއާއި ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. އެއާއި ޚިލާފަށް އޭނާ ބޭނުންވަނީ ބިލާލްއާއި ކުރިމަތިލާށެވެ. މެހެކްއާއި އެކުގައިވުމަށްޓަކައި ކުރެވެން އޮތްހާ ކަމެއް ކުރާށެވެ.
ކުރިމަތިލާން އުޅޭ ހަނގުރާމައިގެ ވާހަކަތަކުގައި ތިން އެކުވެރިން ވަރަށް ގިނައިރު ތިއްބެވެ. އެގޮތަށް ވާހަކަ ދައްކާލުމުން މާކިންއަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެއްކުމަށްފަހު އެންމެ ފަހުން ތިން މީހުންވެސް އެއްބަސްވީ އިޝާންގެ އާއިލާގެ މީހަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދާތީ އެކަމުގައި ކުއްލި ގޮތަކަށް މާލެ ދާން ޖެހުނީ ކަމުގައި މެހެކްއާއި އޭނާގެ އާއިލާއަށް އެންގުމަށެވެ. ދޮގެއް ހަދަން ޖެހުމުން ހިތަށް އުނދަގޫވީ ނަމަވެސް މެހެކްއަށް ހަގީގަތް ކިޔައިދޭނެހާ ހިތްވަރެއް މާކިން ގަޔަކު ނެތެވެ. މާކިން ބޭނުންވީ ޖެހިގެން އޮތް ދުވަހު، އެމީހުންގެ ކައިވެނީގެ ފަހުން އެވާހަކަ މެހެކްއާއި ހިއްސާ ކުރުމަށެވެ. އެގޮތާއި އިޝާންއާއި ޝުބާވެސް އެއްބަސްވީ މާކިންގެ ބަރުވެފައިވާ ސިކުނޑިއަށް އިތުރަށް ބާރުބޮޑު ކުރަން ބޭނުން ނުވާތީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ އިރު އަރައިގެން އައީ މެހެކްއާއި މާކިންއަށްޓަކައި އުފާވެރި ދުވަހެއްގެ ގޮތުގައެވެ. ވަގުތުގެ ގޮތުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތިވެފައި ވީ ނަމަވެސް އެކަކު އަނެކަކަށްޓަކައި ހިތުގައިވާ ފުން ލޯބީގެ ސަބަބުން ކައިވެނީގެ މަތިވެރި ގުޅުމަށްޓަކައި އެދެމީހުންނަށްވެސް އިންތިޒާރު ކުރެވެމުން ދިޔައެވެ. ކުއްލި ގޮތަކަށް ކުރެވޭ ކައިވެންޏެއް ކަމުގައި ވީ ނަމަވެސް އެދުވަހަށްޓަކައި ކުޑަ، ކުޑަ އެހެނަސް ޚާއްސަ ސައެއް ތައްޔާރު ކުރުމުގައި ޝުބާއާއި ނާޔާ އަވަދިނެތި އުޅެމުން ދިޔައެވެ. އެމީހުންގެ މަގްސަދަކަށް ވެފައިވަނީ ކޯޓުގައި ކައިވެނި ކުރުމަށްފަހު މެހެކްއާއި މާކިން އަންނަން ވާއިރަށް ސައި ތައްޔާރު ކުރުމެވެ. ކައިވެނީގެ ކުޑަ ޙަފްލާ ނިމެންދެން ޝާއިރާ ގާތުގައި ހޮސްޕިޓަލުގައިވެސް ބޭންދީ އެރަށުގައި އުޅޭ ނާޔާގެ ރަހްމަތްތެރިއެކެވެ. އެއީ ޝާއިރާވެސް އެދުނު ގޮތެވެ. މެހެކްގެ ކައިވެނި ވެވޭ ހިނދު އޭނާއަށް ނުހުރެވުނު ކަމުގައިވިޔަސް އޭނާ ބޭނުންވީ މެހެކްއަށް ހެޔޮ އެދޭ އެ ދެތިން މީހުން އެވަގުތު މެހެކްއަށްޓަކައި މަޑުކޮށްލުމަށެވެ.
“އަނބި ގަބޫލުކޮށްފިން..” މާކިންގެ މަޑުމައިތިރި އަޑުން އޭނާގެ އަންބެއް ކަމުގައި މެހެކް ގަބޫލުކުރިކަން އިއުލާން ކޮށްލި ވަގުތު ބޭއިޚްތިޔާރުގައި މެހެކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މާކިންގެ އަންބަކަށް ވެވުމުން ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމަކާއި، ހަމަ ޖެހުމެއް އެހިތަށް ލިބިގެންދިޔައެވެ. ލަސްލަހުން އެސްފިޔަތަށް ހުޅުވާލުމަށްފަހު އޭނާ މާކިންއާއި ދިމާއަށް ބަލާލީ ލަދުރަކި ހިނިތުންވުމަކާއިއެކުއެވެ. އޭރު މާކިންވެސް ލޯބިން ފުރިގެންވާ ފަދަ ހިނިތުންވުމަކާއިއެކު އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭރުވެސް އެދެލޮލުން މެހެކްއަށްޓަކައި ވާ ސާފު ލޯބި ހުރަހެއް ނެތި ފެންނަމުންދިޔައެވެ. މެހެކްއަށް ހިންދިރުވާލެވުނެވެ. މާކިންއާއި ދިމާވުމަށްފަހު މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ދިރިއުޅުން ބަދަލުވެގެން މިދިޔައީ ހާދަ ބޮޑަކަށެވެ. އޭނާގެ އަނދިރިވެފައިވާ ހަޔާތަށް މާކިން ފަދަ ބައިވެރިއަކު އަންނާނެކަމީ ދުވަހަކުވެސް އޭނާ އުއްމީދުކޮށްފައިވާ ކަމެއް ނޫނެވެ. ހަޔާތުގައި ދިމާވި، ކެތްތެރިވާން ނުކުޅެދުންތެރި ކުރުވި އެތައް ހާދިސާތަކަކަށްފަހު ދެވަނަ ފަހަރަށް އެހިތުގައި ލޯބި އުފެދިދާނެ ކަމުގައި ކުޑަކޮށްވެސް މެހެކް ހިއެއް ނުކުރެއެވެ. އެހެން ނަމަވެސް މިއަދު އެހިތުގައި މާކިންއަށްޓަކައި ވަނީ ލޯތްބާއި ގަދަރެވެ. މާކިން އޭނާދެކެ ވާ ތެދުވެރި ލޯތްބަކީ ދުނިޔޭގައި ދިރިއުޅުމަށް އޭނާއަށް ލިބުނު އެހީއެކެވެ.
ކައިވެނި ކުރުމަށްފަހު ކޯޓުން ނުކުތް ގޮތަށް މާކިންއާއި މެހެކް އެންމެ ފުރަތަމަވެސް ދިޔައީ ޝާއިރާއާއި ބައްދަލު ކުރުމަށް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދެވުނުއިރު ޝާއިރާ އޮތީ ކައިވެނިކޮށްގެން ދެމަފިރިންގެ ގޮތުގައި އެދެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެވަގުތަށްޓަކައި ކައިސްގެ ދެމަފިރިންނާއި އަދި އިޝާންގެ ދެމަފިރިންވެސް ހޮސްޕިޓަލަށް ދިޔައެވެ.
“ނިއުލީ ވެޑްސް.. ކޮންގްރެޖުލޭޝަންސް ދެކުދިން..” މެހެކްއާއި މާކިން ޝާއިރާ އޮތް އެނދު ކައިރިއަށް ހުއްޓިލުމާއިއެކު އެތަނުގައި ހުރި ޝުބާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މެހެކްގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެންމެންވެސް ލުއި ހީނލުމަކުން ހީނލި އަޑު ތަނުގައި ގުގުމާލިއެވެ.
“މެހެކް މަންމާ.. މިހާރު މިހުރީ މެހެކް މަންމަގެ ދަނބި ދަރިއަކަށް ވެފަ..” މާކިން މެހެކްގެ އަތުގައި ހިފާލައިގެން ގޮސް ޝާއިރާގެ ގާތުގައި ގޮނޑީގައި އިށީނދެލުމަށްފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު ތަނުގައި ތިބި އެންމެންނާއިއެކު ޝާއިރާވެސް އުފާވެރި ހީނލުމަކުން ހީނލިއެވެ.
“ޝުރިއްޔާ ދަރިފުޅާ.. މަންމަ ވަރަށް އުފާވެއްޖެ.. ދުވަހަކުވެސް.. މަންމަގެ މެހެކް.. އަށް.. ދެރަގޮތެއް ނުހަދާތި..” ޝާއިރާ މާކިންގެ ބޮލުގައި ފިރުމާލަމުން ނުހަނު އުނދަގުލުން ވާހަކަދެއްކިއެވެ. އެވަގުތު މެހެކް ތުން ފިއްތާލަމުން ޝާއިރާގެ ގާތުގައި އިށީނުމަށްފަހު މާކިންއަށް އިތުބާރު ކުރާށޭ މަޑުމަޑުން ބުނެލިއެވެ. މެހެކް އެހެން ބުނެލުމާއިއެކު މާކިން ހިންދިރުވާލިއެވެ. އޭނާއަށްވެސް އޭނާގެ އަމިއްލަ ނަފްސަށް އިތުބާރެއް ނުކުރެވެއެވެ. ވީއިރު މެހެކްގެ އެ އިތުބާރު އޭނާއަށް ހައްގު ވޭ ހެއްޔެވެ؟
ޝާއިރާގެ ގާތުގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މެހެކްމެން ގެއަށް ދިޔައިރު މެންދުރުވުމާއި ގާތްވެއްޖެއެވެ. ޝުބާއާއި ނާޔާ ތައްޔާރުކޮށްފައިވާ ސައިގައި ބައިވެރިވެލުމަށްފަހު، ފޮޓޯ ނަގާލާ، އެދެމީހުންގެ ކައިވެނި ކުޑަކޮށް ފާހަގަކޮށްލުމަށްފަހު ދެމަފރިންނަށް އެކަހެރި ވެލަން ވަގުތު ވީއިރު މެންދުރު ބަންގި ގޮވައިފިއެވެ. އެހެންކަމުން މާކިން މިސްކިތަށް ދިއުމުން މެހެކްވެސް ކޮޓަރިއަށްވަނީ މާކިން އަންނަންވާއިރަށް ނަމާދުކޮށްލުމުގެ މަގްސަދުގައެވެ.
ނަމާދުން އަވަދިވެގެން މާކިން މިސްކިތުން އައިސް ކޮޓަރިއަށްވަނީ މެހެކް ކޮޓަރީގައި އުޅޭކަން ނޭނގި ހުރެއެވެ. ހަމަ ވަނުމާއިއެކު ލޯގަނޑު ކުރިމަތީގައި ފުނާ އަޅަން ހުރި މެހެކް ފެނުމުން މާކިންގެ ހަރަކާތްތައް ހުއްޓުނެވެ. ދެފައި ބިމުގައި ތަތްލުމަށްފަހު، ހިލައިގެ ބުދެއް ފަދައިން ނޭވާ ލާންވެސް ނޭނގިފައި އޭނާއަށް ހުރެވުނީ މެހެކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިވެންޏަށް ޚާއްސަކޮށްގެން ޝުބާ ގަނެދިން ކަޅު ނޫކުލައިގެ އަބާޔާ ހެދުމުގައި ހުރި ނަމަވެސް ބުރުގާ ނަގައިގެން އެއްކޮނޑު މައްޗަށް ދިގު، ފަން އިސްތަށިގަނޑު ގެންގޮސްގެން ފުނާ އަޅަން ހުރި އިރު މެހެކްގެ ހުދު ކަނދުރާ ހާމައަށް ފެންނަން އޮތެވެ. ގާތްގަނޑަކަށް ކަކުލާއި ހަމައަށް ދެމިފައިވާ ފަން ފަން ދިގު އިސްތަށިގަނޑުގެ ރީތިކަން ފެނި މާކިންއަށް ހުރެވުނީ އާޝޯޚްވެފައެވެ.
“ދޮރުވެސް ނުލައްޕާ ކިހިނެތްވެފަ ތިހުރީ..” ނޭވާލާންވެސް ހަނދާން ނެތިފައި ހުރި މާކިންއަށް ހަމަ ހޭވެރިކަންވީ މެހެކްގެ މަޑުމައިތިރި އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ދޮރު ލައްޕާލުމަށްފަހު ކޮޓަރި ތެރެއަށް ދެމިގަން އިރު މާކިންގެ ދޮން މޫނަށް ރަތްކުލަ ވެރިވެއްޖެއެވެ. ބޮލުގެ އިސްތށިގަނޑާއި ކުޅެމުން ލަސް ލަސް ފިޔަވަޅުތަކެއްގައި މެހެކްގެ ގާތަށް ދިޔައިރު އޭނާގެ އެ ހުރިހާ ހަރަކާތެއް ލޯގަނޑުން މެހެކްއަށް ފެނެއެވެ.
“ރެޕަންޒެލް..” މެހެކްގެ ފުރަގަހުގައި ހުއްޓުމަށްފަހު މާކިން އެންމެ ފުރަތަމަވެސް އަތް ބީއްސާލީ އޭނާގެ ފަން އިސްތަށިގަނޑުގައެވެ. އަދި މަޑުމަޑުން މެހެކްގެ ދެކޮނޑުގައި ހިފަހައްޓާލަމުން ލޯގަނޑުން ފެންނަން ހުރި އެދެމީހުންގެ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އޭރު މެހެކްވެސް ހުރީ ލޯގަނޑަށް ބަލަހައްޓައިގެންނެވެ. އަމިއްލަ ސޫރައާއިއެކު އޭނާގެ ކޮނޑާއި ހަމައަށް އިސްކޮޅު ހުރި މެހެކްގެ ސޫރަ މާކިންއަށް ފެންނަމުން ދިޔައީ ފޮޅި ތާޒާވެފައިވާ ނާޒުކު މަލެއް ފަދައިންނެވެ. ރޭގަނޑެއްހާ ކަޅު އިސްތަށިގަނޑާއިއެކު މެހެކް ފެންނަނީ ކުރިއަށްވުރެވެސް އަންހެންވަންތަކޮށެވެ. ކުރިއާއި ޚިލާފަށް އެ ބޮޑު ބޮޑު ދެލޮލުން ސިހުމާއި ބިރުވެރިކަމުގެ ބަދަލުގައި މިހާރު ފެންނަނީ ލޯތްބާއި އިތުބާރެވެ. އެތުންފަތުގައި މިހާރު ހުރީ ލަދުރަކި ހިނިތުންވުމެކެވެ. އެ މައުސޫމް މޫނަށް ބަލާލުމުން ލޮލާއި ބޮލުން އޭނާ މާކިންގެ ހައްގަކަށް ވެފައިވާ ކަމުގައި ހެކި ދެމުންދެއެވެ. އެހެން ނަމަވެސް މާކިން.. އޭނާއަށް މެހެކް އުފަލުގައި ގެންގުޅެވޭނެ ހެއްޔެވެ؟ ގެއްލުމެއް ލިބުނަ ނުދީ އޭނާ މެހެކް ބަލަހައްޓާނީ ކިހިނެތް ހެއްޔެވެ؟ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިފައިވީ ނަމަވެސް މިއަދު އޭނާއަށް އެވަނީ އޭނާގެ މެހެކްއާއި ދުރަށް ދާން މަޖުބޫރުވެފައެވެ. ދެން އަނބުރާ އޭނާއަށް މެހެކްގެ ގާތަށް އާދެވޭނެ ދުވަހެއް ހިތައް އަރުވަންވެސް އޭނާއަކަށް ނޭނގެއެވެ. ބައްޕަގެ ނުބައި ރޭވުންތަކުގެ ސަބަބުން ދުވަހަކުވެސް އޭނާއަށް އެނބުރި ނާދެވިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ އޭރުން މެހެކްއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާ މި ކައިވެންޏަކީ މެހެކްއަށް ދެވުނު ދެރައަކަށް ވެދާނެ ބާވައެވެ.
“މެހެކް…” ހިތައް އަރަން ފެށި އެއްޗެއްގެ ސަބަބުން މާކިން ކުއްލިއަކަށް މެހެކްގެ މުލައްދަނޑީގައި ހިފާ އޭނާއާއި ވީ ފަރާތަށް އެނބުރުވުމަށްފަހު ނިކަން ބާރަށް އޭނާގެ ގަޔާއި ލާ ބޮނޑިކޮށްލިއެވެ. މާކިންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުން ލިބުނުކަމުގައިވިޔަސް މެހެކް އޭނާއާއި ދުރަށް ދާކަށް މަސައްކަތެއް ނުކުރެއެވެ. ދެއަތުން މާކިންގެ ހަށިގަނޑުގައި ހިފަހައްޓާލުމަށްފަހު އެމޭގެ ތެރޭގައި ބޮނޑިވެލީ އޭނާއަކީ ހަމައެކަނި މާކިންގެ ހައްގެކޭ ބުނާ ފަދައިންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Yay.. me first dhww
Rovijje ????? markin aa malaak aa dhurunukurahchey plsss. Varah reethi mi bai ves ❤️
Alheyyyyy reethikan. Masha Allah.
Alhe shuba kuraa evves commenteh nethey. Mi comment iniyya kithamme haa vx rangalhu. Anyways next part avas kolla dhehchey. Luv ya sis♥️
Alhey…..v foohi dhen…e bilaaluves ulheygotheh dhen…???mussadhinaky hama hiyharubaekey bunany e thedhuvaahakaeh..thi bilaalakah fahun vaany kihinehbaa…miadhu eyna maakin rovvaligothah maadhan eyna kaneyge roanjeheynee…???konirakuntha next part kiyaalan libeynee…mi baives v v v v salhi…,?????❤️❤️❤️❤️ Ekamves rovvijje…maakin ge bai kiyaalevunuiru..???…i love dis story…mi story kiyaalaahithun konme dhuvahakuves check kohlan vaahaka up kohffa inthw..v avahah kiyaalan libeynekamah unmeedhkuran…