Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު-7

Zeebs Level 110 Stories
September 2, 2020 3 Mins Read
3 Comments

(ހަތްވަނަ ބައި)

ކުރިމަތީގައިވާ ކޮޓަރިން ދޮރުހުޅުވާލުމަށްފަހު އެވަގުތު އަކިއަލް ނިކުތެވެ. އޭނާ ކޮޓަރީ ދޮރުމަތީ މިހުރީ ނިދަން ލީ ކުރުތާއާއި ހަރުވާޅުގައިކަން ހަނދާންވީ އަދި ކިރިޔާއެވެ. އަލްޔާ އަވަހަށް ވަނީ ކޮޓަރިއަށެވެ.

އަލްޔާގެ ބައްޕަ މާލޭގައި ދެތިން ދުވަހަށް މަޑުކުރާ ގޮތަށް އައުމުން އޭނާ ވަރަށް އުފާވިއެވެ. އަދި މަންމަ ހަދާ މީރު ކުޅި ކާޖާއާއި ތެލުލި ބަނބުކެޔޮ ލިބުމުން އެއުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ތެލުލި ބަނބުކޭލަކީ އޭނާ އެންމެ ގަޔާވާ އެކައްޗެވެ. ރަށުގައި އުޅުނު އިރުވެސް ގަހުގައި ބަނބުކެޔޮ އަޅާ މޫސުން އަންނައިރަށް އޭނާ ހުންނަނީ ކެތް މަދުވެފައެވެ. ބަނބުކެޔޮ ހުރިނަމަ ގިނަފަހަރަށް ގޭގައި ކައްކާ އެއްޗެއް ކާން ޖެހެނީވެސް މަންމަ ކިޔާވަރުން ގަދަކަމުންނެވެ.

***

މާލެ އައުމާއެކު ހަސަނަށް އެގޭތެރެއިން ފެނިގެން  ދިޔައީ އޭނާ އުއްމީދު ކުރި ފަދަ މަންޒަރެއް ނޫނެވެ.  އަލްޔާ އުޅެމުން ދަނީ އޭނާ ހީކުރި ފަދަ އުފާވެރިކަމެއްގައެއް ނޫނެވެ. ފުރަތަމަ ފެނިލުމުންވެސް ދަރިފުޅުގެ މިލާފައިވާ މޫނު އޭނާއަށް ފާހަގަ ވެގެން ދިޔައެވެ. ކިޔަވައިދޭން އަލްޔާ މާލެ ގެނައި ނަމަވެސް މަލީހާ އަލްޔާ ސްކޫލަކަށް ނުލައެވެ. އަދި ނުވިތާކަށް ގޭގައި މަސައްކަތު މީހާ ނެތުމުން ގޭގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރުވަނީ އޭނާގެ ލޯބިވާ ދަރިފުޅު ލައްވައެވެ. މަލީހާއަކީ އޭނާގެ ކޮއްކޮއެއްކަމުން ހަސަނު ހީކުރީ މަލީހާ އަލްޔާއާއިމެދު ކަންތައް ބަހައްޓާނީ އަމިއްލަ ދަރިއަކާއިމެދުވެސް ބަހައްޓާ އުސޫލުން ކަމަށެވެ. އޭނާ އަލްޔާ މާލެ ފޮނުވީ މަލީހާއަށް ވަރަށް އިތުބާރު ކުރުމަށްފަހުއެވެ.  ފޯނުން ގުޅާ އެއްފަހަރުވެސް އަލްޔާގެ ފަރާތުން މިކަހަލަ އެއްވެސް ވާހަކައެއް އިނގިފައެއްވެސް ނުވެއެވެ. ކިތަންމެ ރުޅިއައި ނަމަވެސް އަލްޔާގެ އެދުމުގެ މަތިން މަލީހާއާއި ދިމާލަށް ހަސަނު އެއްޗެކޭ ނުބުނީއެވެ. އޭނާ ބޭނުންވީ ފުރާއިރު އަލްޔާ ގޮވައިގެން ދާށެވެ. އޭނާއަކީ ފައިސާގެ ގޮތުން އެހާ ތަނަވަސް މީހެއްނޫން ނަމަވެސް އޭނާގެ ދަރިން ބަލާފައިވާނީ ނުހަނު ލޯބިންނެވެ. އަލްޔާ ދެރަވާ ވަރުގެ އެއްވެސް ކަމެއް ރަށުގައި އުޅުނުއިރު ހިނގާފައި ނުވާނެއެވެ.

އެހެންނަމަވެސް އަލްޔާ ބަހައްޓައިދިނުމަށް މަލީހާ ކުރި އާދޭހުގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ. މިފަހަރުވެސް އަލްޔާ ކޮލެޖަށް ވައްދައި ކިޔަވައިދޭނެކަމަށް މަލީހާ ބުންޏެވެ. އަލްޔާވެސް ކިޔަވާނެ ކަމަށްބުނެ ކުޑަދުވަސްކޮޅަކަށް މާލޭގައި ބަހައްޓައިދޭން އެދުނެވެ. މިހާރު އަލްޔާ ރަށަށް ގޮސްފިނަމަ އޭނާ ކިޔެވުމާއި މުޅިން އަލްވަދާޢު ކިޔަން ޖެހޭނެކަން އަލްޔާއަށް އިނގެއެވެ. އަލްޔާގެ އެދުމަށް ހަސަނަށް ޖެހުނީ ހަތިޔާރު ބަހައްޓައިފައި އަމާން ދޭށެވެ. އެހެންނަމަވެސް އަލްޔާއަށް ކިރިޔާ ކަމެއް ދިމާވިޔަސް އޭނާއަށް އެނގުމަށް ދަރިފުޅުކައިރިން އެދުނެވެ.

***

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އަލްޔާގެ އުފަން ދުވަސް ކަމުން އޭނާގެ ބައްޕަޔާއެކު ކާން ބޭރަށް ދިޔައެވެ. އަލްޔާ ބޭރަށް ދިޔައީ އޭނާގެ ބައްޕަ މިއަދު  ހެނދުނު އޭނާއަށް އުފަންދުވަހުގެ ހަދިޔާއަކަށް ގެނެސްދިން ކަޅުކުލައިގެ ރީތި ހެދުމުގައެވެ.  ކައި ނިމުމުން އަލްޔާއަށް އެންމެ މީރު ޗޮކްލެޓް ލޭޔާޑް ފްރޮސްޓިން ކޭކެއް ބައްޕަގެ ފަރާތުން އޭނާއަށް ލިބުނެވެ. އަލްޔާ ކޭކު ފެޅީ މަންމައާއި ބޭބެއާއި ވީޑިއޯ ކޯލަކުން ގުޅައިގެން ހުރެގެންނެވެ.  ރެސްޓޯރެންޓުން ނިކުމެގެން ބައްޕަޔާއިއެކު ހިންގާލުމަށްފަހު ގެއަށް ދެވުނުއިރު ދިހައެއްޖަހައި ބޮޑުވެއްޖެއެވެ. ބައްޕަ ނިދަން ކޮޓަރިއަށް ދިޔުމުން ގޭގެ ބޮޑު ދޮރު ތަޅުލުމަށްފަހު އޭނާވެސް ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. އުފާވެފައި ހުރިވަރުން އަލްޔާއަށް ހިނގާފައި ދެވުނީވެސް ކުޑަކޮށް ނަށަމުންނެވެ. އަލްޔާ ކޮޓަރިއާއި ހަމަޔަށް ދިޔައިރު އަކިއަލް އަލްޔާގެ  ކޮޓަރިކައިރީގައި ފާރުގައި ލެނގިލައިގެން ހުއްޓައި ފެނުނެވެ. އަކިއަލް އޭނާގެ ކޮޓަރި ކައިރީ މަޑުކޮށްގެން އެހުރީ ކީއްވެހެއްޔެވެ؟ މިފަހަރުވެސް އޭނާއަށް އަކިއަލް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީބާއެވެ. އަކިއަލް އައިސް އެހުރީ އޭނާދެކެ ރުޅިއައިސްގެން އެއްޗެކޭ ބުނަންބާއެވެ.

“އަލް..” އަކިއަލްއަށް އަލްޔާ ފެނުމާއެކު އޭނާ އަލްޔާއަށް ގޮވާލަން އުޅުނެވެ. އަކިއަލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަލްޔާ އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިއަށްވަނެވެ. އަދި ކޮޓަރި ތަޅުލައި ކޮޓަރީގެ ދޮރުގައި ލައްގަނެލިއެވެ. އޭރު އޭނާގެ ދެއަތްވަނީ މޭގައި ބާއްވާލާފައެވެ. އެވަގުތު  ނޭނގޭ ބާރު މިނެއްގައި އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އެއީ ބިރުން ހުރިވަރުން ވީ ގޮތެއްކަމެއް ނުވަތަ އެހެން އިހްސާސެއް ކަމެއް ބުނާކަށް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް ކޮޓަރީގެ ބޮކި ދިއްލާލަން ހޭއެރީވެސް އިރުކޮޅެއް ފަހުންނެވެ.

ކޮޓަރިތެރެ އަލިވެގެންދިޔައިރު އެނދުމަތީގައި އޮތް އެއްޗެއް ދެވަނަ ސިކުންތުގައި އޭނާގެ ލޮލުގައި އަޅައިގަތެވެ.  ރިހި ކުލައިގެ ކަރުދާހުން ޕެކް ކޮށްފައިވާ ބޮޑު ޕާރުސަލެއް ރީއްޗަށް އެނދުމަތީގައި ބާއްވައިލައިފައި ވާއިރު ޕާރުސަލުގައި ކުޑަ ކަރުދާސްކޮޅަކުން “ހެޕީ ބާތްޑޭ” މިހެން ލިޔެފައިވެއެވެ.  އެއީ ކާކު ބާއްވާފައި އޮތް އެއްޗެއްތޯ  ބެލުމަށްޓަކައި އެއްވެސް ނަމެއް ލިޔެފައިވޭތޯ ޕެކްކޮށްފައިވާ އެތި ނަގައި ދެފުށަށް ޖަހައި ބަލާލިއެވެ. ނަމަވެސް  ލިޔެފައިވާ އެހެން އިތުރު ލިޔުމެއް ފެންނާކަށް ނެތެވެ. އަލްޔާ ހީކުރީ އެއީ މާކިންގެ ފަރާތުން ލިބުން އެއްޗެއް ކަމެވެ. މިގޭގައި އޭނާއަށް ހަދިޔާއެއް ދޭނެ ދެން އިތުރަށް ހުންނާނީވެސް ކާކު ހެއްޔެވެ. އެހެންކަމުން އުފަލާއެކު އަވަސް އަވަހަށް ޕާރުސަލް ކަނޑާ އެތެރޭގައިވަނީ ކޯއްޗެއްތޯ ބަލާލިއެވެ. އޭގައި އޮތް އެއްޗެއް ފެނުމުން އޭނާގެ ދެލޯބޮޑުވެ އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އެއީ ނޫކުލައިގެ ބޮޑު ޓެޑީ ބެއާއެކެވެ. މިއީ އަބަދުވެސް އޭނާ ވަރަށް ބޭނުންވެގެން އުޅޭ އެއްޗެކެވެ.

ދޮރު ކައިރީ ބޭރުގައި މާޔޫސްވެފައި ހުރި އަކިއަލްއަށް ކޮޓަރިތެރެއިން އަލްޔާގެ އަޑު ބޭރަށް އިވިގެން ދިޔައެވެ. އަކިއަލްގެ ހަދިޔާ އަލްޔާއަށް ކަމުދިޔައީކަން އިނގުމުން އުފަލާއެކު ހިނިތުންވެލުމަށްފަހު  އޭނާ ހިނގައިގަތެވެ.

މިއަދު ހެނދުނު އަލްޔާގެ އުފަންދުވަސްކަން އަކިއަލްއަށް އިނގުމުން ދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު އަލްޔާ ކައިރިން މާފަށްއެދުމަށް އޭނާ ނިންމިއެވެ. އަދި މާކިންއާއި އަލްޔާއާއި ދެމެދު އޮންނަފަދަ އެކުވެރިކަމެއް އޭނާއާއި އަލްޔާއާއި ދެމެދުވެސް އޮތުމަށް އުއްމީދު ކުރެވުނެވެ. މުޅި ދުވަހު ވިސްނި އިރުވެސް އަލަޔާއަށް ދޭނެ އުފަންދުވަހުގެ ހަދިޔާއެއް އަކިއަލްއަކަށް ނޭނގުނެވެ. އޭނާ އުމުރުގައި ދުވަހަކުވެސް އަންހެން ކުއްޖަކަށް ހަދިޔާއެއް ގަނެފައި ނުވާތީވެ މުޅި މާލޭގައި ދުއްވި އިރުވެސް ގަންނާނެ އެއްޗެއް އޭނާއަކަށް ނުފެނުނެވެ. އެންމެފަހުން އޭނާ ގަތީ  ގިފްޓް ޝޮޕްއަކުން ބޮޑު ޓެޑީބެއާއެކެވެ. އެއީ ފިހާރައިގައި ހުރި ސޭލްސް ގާލް ޓެޑީ ބެއާއަކީ އަންހެންކުދިން ވަރަށް ގަޔާވާ އެއްޗެއް ކަމުގައި ބުނުމުންނެވެ. ނަމަވެސް ޕެކްކޮށްގެން ފިހާރަތެރެއިން ނިކުތްއިރުވެސް އަލްޔާއަށް މި ހަދިޔާ ކަމުނުގޮސްފާނެތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. އަދި ހަދިޔާ ދޭނެ ގޮތަކާއިމެދުވެސް އޭނާ ވަރަށް ވިސްނިއެވެ. ކަންތައް ވެފައިވާގޮތުން މިއަދު އޭނާގެ އަތުން އެއްޗެއް ދީފިނަމަ އަލްޔާ އޭގައި ނުހިފާނެކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އަލްޔާ އޭނާގެ ބައްޕަޔާއެކު ބޭރަށް ދިޔަ ވަގުތު އޭނާ އަލްޔާގެ ކޮޓަރިއަށްވަދެ ޕެކްކޮށްފައިވާ ބެއާ އެނދުމަތީގައި ބޭއްވީއެވެ.

***

އަލްޔާއަށް ހެނދުނު ހޭލެވުނީ އެހެންޏާއަށްވުރެ ލަހުންނެވެ. މިއަދަކީ މާކިންމެން ސްކޫލަށްދާ ދުވަހެއް ކަމުން ހޭލެވުމާއެކު އޭނާ އަވަހަށް ތެދުވެ ފޯނުން ގަޑި ބަލާލިއެވެ. ފޯނު ހުޅުވާލިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ނުދަންނަ ނަމްބަރަކުން ޓެކްސްޓް މެސެޖެއް އައިސްފައިވާ ތަނެއެވެ. އެއީ ކޮންއިރަކު އައިސްފައިވާ މެސެޖެއްތޯ ބަލާލިއިރު މެސެޖް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. “ސޮރީ ފޯ އެވްރިތިން”  މެސެޖެ ހުޅުވާލުމާއެކު ސުވާލުގެ ނަޒަރަކުން ފޯނާއި ދިމާލަށް ބަލަން އޭނާއަށް ހުރެވުނެވެ. މިއީ އޭނާއަށް ކާކު ފޮނުވި މެސެޖެއް ބާއެވެ. އެއީ އޮޅިގެން އޭނާގެ ނަމްބަރަށް ފޮނުވުނު އެއްޗެއް ކަމުގައި ނިންމަމުން ފަރުވާކުޑަގޮތަކަށް ފޯނު ބާއްވާލުމަށްފަހު އޭނާ އަވަހަށް ވަނީ ފާހާނާއަށެވެ.

އަކިއަލް ކޮޓަރިން ނިކުމެ ސައިބޯން ކާގެޔަށް ދިޔައިރު އަލްޔާ ސައިހެދުމަށް އަލްޔާ އުޅެއެވެ. އޭރު މާކިންވެސް ތައްޔާރުވެގެން ނިކުންނަނީއެވެ. އަކިއަލް ކާގެއަށް ވަދެ ގޮނޑީގައި އިށީނދެލިއެވެ. އޭރު އަލްޔާ އުޅެނީ ތަށިތައް މޭޒުމައްޗަށް އަރުވާށެވެ. އަކިއަލް އަލްޔާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އޭނާގެ މިހިނިތުންވުން މިފަހަރު އަލްޔާއަކަށްވެސް ސިއްރެއް ނުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

މަންޒިލް 9

Next

ރާނީ

Next
September 2, 2020

ރާނީ

Previews
September 2, 2020

މަންޒިލް 9

3 Comments!

  1. kokky says:
    September 3, 2020 at 11:04 am

    vrh reethi mi part ves….dhen oiy part ves avahah up kohdhechey…

  2. Inna says:
    September 7, 2020 at 4:43 pm

    mee zeebs ge aslu life ga hingi kanthah takehtha. It feels like reeal

    1. Zeebs says:
      September 17, 2020 at 12:16 am

      Hehe no?

Comments are closed.

Next Episodeއަލްވަދާޢު- 8←


All Right Reserved!