ނުފިލާނޭ މިހިތަކުން… 29
އެރަށުގައި އެމީހުން ތިބުމަށް ކުއްޔަށް ހިފާފައި ހުރި ގޭގައި އެއްވެސް ޙަފްލާއަކާއި ނުލާ މާކިންއާއި ކައިވެނި ކުރުމަށް މެހެކް ރަން ކީ އިރު އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ވާނީވެސް އެހެންނެވެ. އެއީ މެހެކްގެ ދެވަނަ ކައިވެނި ދުވަހެއްގައި ކުރެވުނަސް ކުރާނެ ފަދަ ހާލަތެއްކަމުގައި އެކަކުވެސް ހިއެއް ނުކުރެއެވެ. ކައިވެނީގެ ހެކިވެރިންގެ ގޮތުގައި އައީ އިޝާންއާއި އެރަށުގައި އުޅޭ ކައިސްގެ ރަހްމަތްތެރިއެކެވެ. ހާލަތުގެ ގޮތުން އެއްބަޔަކު ޝާއިރާގެ ގާތުގައި ހޮސްޕިޓަލުގައި ތިބެން ޖެހޭތީ އެވަގުތުވެސް ނާޔާއާއި ޝުބާއަށް މެހެކް ގާތުގައި ނުތިބެވުނެވެ.
ޝާއިރާ އައި ސީ ޔޫ އިން ވާރޑަށް ބަދަލު ކުރީ ދުވަހުގެ އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށެވެ. އެވަގުތު އޭނާގެ ގާތުގައި ތިބީ މެހެކްއާއި މާކިންގެ އިތުރުން ކައިސްއެވެ. ޝާއިރާ ވާރޑަށް ބަދަލުކޮށް، ހަމައަކަށް އެޅިލުމުން ކައިސް މެހެކް މާކިންއާއި ކައިވެނި ކުރުމަށް ރަން ކީ ޚަބަރު ޝާއިރާއަށް ދިނެވެ. އެއާއިއެކު ޝާއިރާގެ މޫނަށް ވެރިވެގެން ދިޔަ ހަމަޖެހުމުގެ ކުލަވަރު އެ ތިންމީހުންގެ ހިތަށްވެސް ހަމަޖެހުން ގެނެސްދިނެވެ. މާ ގިނަ ވާހަކަތަކެއް ނުދެއްކުނު ކަމުގައިވިޔަސް ޝުކުރުވެރިކަމުގެ ކަރުނަޔާއިއެކު އޭނާ މާކިންގެ ތެދުވެރިކަމަށް ތަޢުރީފުކުރިއެވެ. އޭނާއަށް ނޭނގޭ ކަމަކީ އެދެކުދިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީ ކަމުގައިވިޔަސް، އެ ޙާލަތުގައި، އެފަދަ ކުއްލި ގޮތަކަށް ކައިވެނި ކުރުމަށް ހިތްހަމަ ނުޖެހޭކަމެވެ. މެހެކްއާއި މާކިންވެސް ކައިވެންޏާއި ހިސާބަށް ދާން އެވިސްނީ އޭނާއަށްޓަކައި ކަމެވެ.
ކައިވެންޏަށް ރަންކިޔުމަށްފަހު 6 ދުވަސް ވޭތުވެގެން ދިޔައީއެވެ. އެނބުރެމުންދާ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އެނދުމަތީގައި އުއްޑުން އޮތް މާކިންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެވީ 6 ދުވަހުގެ ތެރޭގައި މެހެކްއަށް އޭނާއާއިއެކު ހޭދަކޮށްލުމަށް އެއްވެސް ވަގުތެއް ހުސްކުރެވޭ ގޮތެއް ނުވިއެވެ. ކައިވެންޏާއިމެދު ވާހަކަ ދައްކާލާ، ދިރިއުޅުމުގެ ކަންތައްތައް އެކަކު އަނެކަކާ ހިއްސާ ކުރުވޭނެ ގޮތެއް ނުވެއެވެ. މެހެކްގެ ގިނަ ވަގުތުތައް ޝާއިރާއާއިއެކު ހޭދަ ކުރަމުން ދާއިރު މާކިންގެ ގިނަ ވަގުތު ހޭދަވަމުން ދަނީ ދިރިއުޅުމާއިމެދު ފިކުރު ކުރުމުގައެވެ. ކައިވެންޏެއް ކުރުމުގެ ފިޔަވަޅު ނެގިއިރު އޭނާގައި މެހެކް ބަލަހައްޓާނޭ ފެންވަރު އެބަހުރި ހެއްޔެވެ؟ ކައިވެނި ކުރުމަށްފަހު އޭނާ މެހެކް ވައްދާނީ ކޮންތާކަށް ހެއްޔެވެ؟ ވަޒީފާއަކަށް ނުގޮސް އަންބަކު ބަލަހައްޓާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ އާއިލާއަށް ކައިވެނީގެ ޚަބަރު ދޭނީ ކިހިނެތް ހެއްޔެވެ؟ މިހާ ތަނަށް އާއިލާއަށް ސިއްރުކޮށްގެން އުޅެފައި ކައިވެނީގެ ވަގުތުގެ ކުރިން އެމީހުންނަށް އެނގިއްޖެނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ބައްޕައަށް އެ ޚަބަރު ލިބުމުން ވާނީ ކިހިނެތް ހެއްޔެވެ؟ މާކިން ދެލޯ މަރާ ބާރުކޮށްލަމުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާގެ ސިކުނޑީގައި ހިނގަމުން އެދާ އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. ހަމަ ގައިމުވެސް ދެން އޭނާ މެހެކްއާއި ކައިވެނި ނުކޮށެއް ހުއްޓައެއް ނުލާނެއެވެ. ދައްކާނެ ބަހަނާއެއް ނެތް ކަމުގައިވިޔަސް، ހަދާނެ އެއްގޮތެއް ނޭނގުނު ކަމުގައިވިޔަސް އޭނާ އޭނާގެ ބައްޕައާއި ދެން ކުރިމަތިލާނީ މެހެކްގެ ފިރިއެއްގެ ގޮތުގައެވެ. މެހެކްދެކެ ވާ ލޯބީގެ ހައްގުގައި، އެ ލޯބީގެ ދިފާޢުގައި ވާހަކަ ދެއްކުމަކީ ހަމަ ޔަގީނުންވެސް އޭނާއަށް ކުރެވޭނެ ކަމެކެވެ. މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދިރިއުޅުމުގައި ކުރަން އުޅޭ އެންމެ ބޮޑު ކަންތައް އަމިއްލަ އާއިލާއަށް ސިއްރުން ކުރަން ޖެހުމުން އޭނާގެ ހިތައްވެސް އަސަރު ކުރެއެވެ. އެހެން ނަމަވެސް މެހެކްއަށްޓަކައި، މެހެކްގެ ރައްކާތެރިކަމަށްޓަކައި މިވަގުތު އެ ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ޝުބާއާއި އިޝާންގެ އާއިލާއަށްވެސް އެކަން ސިއްރުކުރުމަށް އޭނާ ވާނީ އެދެމަފރިން ކައިރިން އެދިފައެވެ. އަދި އެއީ ކީއްވެގެންކަންވެސް ބުނެދީފައެވެ. އޭނާގެ ބައްޕަގެ ނުރައްކާތެރިކަން ފުރަތަމަ ފަހަރަށް މާކިންގެ ދުލުން އެދެމީހުންނަށް ކިޔައިދިނުމުން ދެމީހުންވެސް ނުހަނު ހައިރާންވިއެވެ. ހުއްޓުމެއްނެތި ސުވާލުތައް ކުރިއެވެ. އެ ސުވާލުތަކުގެ ޖަވާބު ވަރަށް ފުރިހަމައަށް މާކިން އެމީހުންނަށް ދިނެވެ. މެހެކްއާއި މެދު ބައްޕަ ހިތްހަމަ ނުޖެހެނީ ކީއްވެކަން ބުނެދިނެވެ. އަދި ކުރިއަށް އޮތްތަނުގައި މެހެކްއާއި މެދު ބައްޕަގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް އެދެމީހުންގެ އެހީތެރިކަމަށްވެސް އެދުނެވެ.
ޚިޔާލުތަކުން ސިކުނޑި ބަރުވެފައި އޮތް މާކިން ލަސްލަހުން ލޯ ހުޅުވާލީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހަށިގަނޑު ހަމަ ޖައްސުވާލުމުގެ ނިޔަތުގައި ފުން ނޭވާއެއް ލަމުން ފޯނު އަތަށް ހެޔޮވަރުކޮށްލުމަށްފަހު ސްކްރީނަށް ބަލާލިއެވެ. ހަމަ ބަލާލުމާއިއެކު އެއްޗެއް ހެރުމުން މީހަކު ތެދުވާ ފަދަ ބާރު މިނެއްގައި އޮތްތަނުން ތެދުވެ އެނދުމަތީގައި އިށީނދެލައިފިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ އޭނާގެ ބައްޕަގެ ނަމަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. އަނެއްކާ ބައްޕައަށް އޭނާ ކައިވެނި ކުރަން އުޅޭ ޚަބަރު ލިބުނީ ހެއްޔެވެ؟
“ހަ.. ހަލޯ..” މާކިންއަށް ވާހަކަ ދެއްކުނީވެސް ފާޑަކަށެވެ.
“މެހެކް މަންމަ މިހާރު ކިހިނެތްތަ؟..” ބިލާލްގެ އަޑުގައި ހުރީ އާދައިގެ މަތިން ހުންނަ ހަމަޖެހުމާއި މަޑުމައިތިރިކަމެވެ. އެހެން ނަމަވެސް އޭނާގެ އެ ސުވާލު ކަންފަތުގައި ޖެހުމާއިއެކު މާކިންއަށް ބޭއިޚްތިޔާރުގައި ގޮށްމުއްކަވާލެވުނެވެ. މެހެކްގެ މަންމަ ބަލިވީކަން ބައްޕައަށް އެނގުނީތާއެވެ. އެހެންވިއްޔާ މިހާރު އެމީހުން ތިބީ ކޮން ރަށެއްގައިކަންވެސް ބައްޕައަށް އެނގޭނެއެވެ. މިވަގުތު ބައްޕަ އޭނާއަށް އެގުޅީ ކޮންމެވެސް އިތުރު އިންޒާރެއް ދޭންކަން އޭނާ ޔަގީން ކުރިއެވެ.
“މިހާރު ރަނގަޅުވަމުން ދަނީ.. ބައްޕަ ކީކުރަން ތި ގުޅާލީ..” މާކިން މަސައްކަތް ކުރަމުން ދިޔައީ މަޑުމައިތިރިކަމާއިއެކު ހަމަ ޖެހިގެން އޭނާގެ ބައްޕައާއި ވާހަކަ ދެއްކޭތޯއެވެ.
“މުޅި އުމުރަށް ޑިސޭބްލް ވާކަހަލަ ބައްޔެއް ދޯ ތިވީ.. ދެން މެހެކް ޖެހޭނީ މަންމަ ބަލަހައްޓަން ރަށުގައި ހުންނަން ދޯ.. މެހެކްމެން ދެމައިންގެ ޚަރަދުތައް ކުރާނީ ކާކުބާ؟..” ބިލާލް ވާހަކަ ދައްކަމުން ދިޔަ މިސްރާބެއް އަންދާޒާކޮށްލަންވެސް މާކިންއަކަށް ނޭނގުނެވެ.
“މެހެކްގެ ކޮއްކޮ…” ގޮތް ނޭނގޭ ބިރުވެރިކަމަކާއިކު މާކިން ބިލާލްގެ ސުވާލަށް ޖަވާބުދިނީ އާޝޯޚްވެފައި ހުރެގެންނެވެ. ބައްޕަގެ ސީދާ ވިސްނުމަކީ ކޮބާކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ.
“އެހެންތަ؟.. ކޮއްކޮ އެކަނިތަ އެ އާއިލާއަށް ޚަރަދު ކުރަން ހުންނަނީ.. އެކަމަކު ހާދަ ފުދުންތެރިކޮށޭ އެމީހުން އެއުޅެނީ.. އިކްރާމްގެ އެހީތެރިކަމެއް…..” ބިލާލް ވާހަކަ ދައްކަމުންދިޔައީ މާކިން ރުޅިއެރުވުމުގެ މަގްސަދުގައި ނަމަ މިފަހަރު އޭނާއަށް އެކަން ހާސިލްވެއްޖެއެވެ.
“ވަރަށް ގިނަ ފަހަރު ބައްޕަ ކައިރި ބުނެފީމެއްނު އިކްރާމްއާއި އެއާއިލާއާއި.. އަދި މެހެކްއާވެސް ގުޅުމެއް ނޯވެއޭ.. މެހެކްވެސް.. މެހެކްގެ މަންމަވެސް އަމިއްލަ މަސައްކަތުން ލާރި ހޯދާ.. ޚަރަދު ކުރުމުގައި ކައިސްއާއި ބައިވެރިވޭ..” މެހެކްގެ އާއިލާގެ ދިފާއުގައި މާކިން ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ އާއިލާއާއި މެދުވެސް ނުބާއްވާހާ ގާތްކަމަކާއި އެކުއެވެ. އެކަމުންވެސް ބިލާލްގެ ފަޚްރުވެރި ނަފްސަށް ވެރިވާނީ އިތުރު ރުޅިވެރިކަމެއްކަން މާކިންއަށް ވިސްނާލެވިފައެއް ނުވެއެވެ.
“އޯވް ހޯ އެހެންތަ؟.. އެހެންވީމަ ތިބުނާ ކައިސްގެ ޖޮބް ގެއްލިއްޖެއްޔާ މިހާރު އެއާއިލާ ބިކަވާނެ.. އެހެންނުން.. ހަމަ ގައިމުވެސް މެހެކްމެން ދެމައިންނަށް އަމިއްލަ މަސައްކަތުން ލާރި ހޯދަން މިހާރު އުނދަގޫ ވާނެ..” މާކިންއަށް ބިލާލްގެ އަޑު އިވެމުން ދިޔައީ އިންޒާރުތަކެއް ފަދައިންނެވެ. އޭނާ ބުނަން އެއުޅެނީ ކީކޭކަން މާކިންއަށް ވިސްނެން ފެށުނެވެ. އެކަމަކު.. އޭނާގެ ބައްޕަ އެހާ ގޯސް މީހަކަށްވީ ކޮން އިރަކު ހެއްޔެވެ؟ ކިތަންމެ އަމިއްލަ އެދުން ބޮޑު ނަމަވެސް، މާކިން އާއި ގުޅިފައިވާ ކަމެއްގައި އެހާ ފާޅުކަން ބޮޑުގޮތެއްގައި ބައްޕަ އެގޮތަށް ކަންތައް ކުރަމުން އެދަނީ ކީއްވެހެއްޔެވެ؟
“ބައްޕަ ކީކޭތަ ތިކިޔަނީ..” މާކިންއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ކިތަންމެ ވަރަކަށް އިހްތިރާމާއިއެކު ވާހަކަ ދައްކަން އުޅުނަސް އޭނާގެ ބައްޕަ އޭނާއަށް އެ ފުރުސަތެއް ނުދެއެވެ.
“ކިޔަން މިއުޅޭ އެއްޗެއް މާކިންގެ ސިކުނޑިއަށް މިހާރު ހުންނާނީ ވިސްނިފަ.. ވަރަށް ގިނަ ފަހަރު.. ވަރަށް ގިނަ ގޮތަށް ބައްޕަ މާކިންއަށް ވިސްނައިދެވޭތޯ އުޅެފިން.. އެކަމަކު ހަމަ އެއްވެސް ބަދަލެއް ނައި.. މެހެކްއަކީ ކޮންމެހެން މާކިންދެކެ ލޯބިން އުޅޭ އަންހެނެއް ނޫނޭ.. އެއީ އިކްރާމްގެ މަޅިއެކޭ.. ކިހާ ވަރަކަށް ކިޔާދޭނީ.. އެންމެ ފަހުން އެމީހުން ފަހަތުން އެމީހުންނަށް ޚިދުމަތް ކުރަން ތިރަށަށްވެސް ތިހުރީ ގޮސް.. ތިހާވަރު ވީމަ ކިހާ ފަސޭހައިން އިކްރާމުގެ މަގްސަދު ކާމިޔާބު ވާނެ..” ބިލާލްގެ އަޑާއި ރާގުންވެސް މިފަހަރު ވަނީ މަޑުމައިތިރިކަން ގެއްލިފައެވެ.
“ބައްޕައަށް މެހެކްގެ ކޮއްކޮގެ ވަޒީފާއާއި ކުޅެލުމަކީ އުނދަގޫ ކަމަކަށް ނުވާނެ.. މަގާމު ދަށް ކުރުންވެސް.. އަގު ވެއްޓޭ ފަދަ ގޮތަކަށް މަގާމުން ވަކި ކުރުންވެސް.. އެއްވެސް ކަމަކަށް ނުވާނެ.. ވިސްނާލާ އެހެން ވެއްޖެނަމަ އެއާއިލާ އުޅޭނެ ހާލު.. އެގޮތް ވާން ބޭނުންތަ.. ” ބިލާލްގެ ރަހުމް ކުޑަކަން އޭނާ ބުނަމުން ދިޔަ ކޮންމެ ބަހަކުން ހާމަވަމުން ދިޔައެވެ. އެވާހަކަތައް އަޑު އަހަން ހުރި މާކިންއަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ގަބޫލު ކުރަން ދަތިވެފައެވެ. ހިތުގައި ޖެހުނު ވަރުން އޭނާގެ ލޯ ކަރުނައިން ފުރިއްޖެއެވެ.
“ބައްޕާ.. މިފަދަ ވަގުތެއްގަ ތިކަހަލަ ޚިޔާލުވެސް ކުރަން ހެޔޮ ނުވާނެ…” މާކިންގެ އަޑު ބެދިއްޖެއެވެ. ހަގީގަތުގައިވެސް އޭނާގެ ހިތުގައި އިންތިހާއަށް ޖެހިއްޖެއެވެ. އޭނާގެ ސަބަބުން މުޅި އެ އާއިލާވެސް ނިކަމެތި ވެދާނެކަމުގެ ބިރު އޭނާއަށް ހީވާން ފަށައިފިއެވެ.
“މާކިން އެގޮތް ވާން ބޭނުން ނޫނިއްޔާ މިހާރުން މިހާރަށް މެހެކް ދޫކޮށްލާފަ މާލެ އާދޭ.. އެހެން ނޫނީ ގެއްލުން ވާނީ މެހެކްއާއި މެހެކްގެ އާއިލާއަށް..” ބިލާލްގެ ކޮންމެ ލަފްޒެއް ހޮނު ގުގުރިއެއް ފަދައިން މާކިންގެ ކަންފަތް ތޮރުފަމުން ދިޔައެވެ.
“އެކަ.. އެކަމަކު ބައްޕާ…” “މިބުނާ ގޮތަށް ކަންތައް ނުކުރެވޭނަމަ މާދަމާ އިރު އަރާނީ މެހެކްގެ ކޮއްކޮގެ ވަޒީފާއެއް ނެތި..” މާކިން ވާހަކަ ދައްކަން ފެށުމާއިއެކު ބިލާލް އަނެއްކާވެސް އިންޒާރު ކުރިއެވެ. މާކިން ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރާ ބާރުކޮށްލިއެވެ. އޭނާ މެހެކްއާއި ކައިވެނި ކުރަން އުޅޭކަން އަދި ބައްޕައަށް ނޭނގޭކަން އޭނާއަށް ޔަގީންވިއެވެ. އަދި އެކަމާއި ހިތާއި ހިތުން ޝުކުރުވެރިވިއެވެ. އެހެން ނަމަވެސް ދެން އިތުރަށް ބައްޕައާއި ދެކޮޅު ހެދުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެއެވެ. އޭނާގެ ސަބަބުން ކައިސްގެ ވަޒީފާ ގެއްލިއްޖެނަމަ މެހެކްގެ މުޅި ދިރިއުޅުމަށް ބުރޫ އަރާނެއެވެ. ކައިވެނި ކުރި ކަމުގައިވިޔަސް އަދި ހާލަތު މިއޮތް ގޮތުން މެހެކް ބަލަހައްޓަން ހުރީ ކައިސްއެވެ. އޭނާއަށް މެހެކްއާއި މުޅިން ހަވާލު ވެވޭނީ ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިލުމަށްފަހުގައެވެ. އޭނާ ބިލާލްގެ އެދުމަށް ކިޔަމަން ވާނެއެވެ. އެހެން ނަމަވެސް މެހެކްގެ ފިރިއަކަށް ވުމަށް ފަހުގައެވެ.
“އެންމެ ރަނގަޅު.. މާދަމާ ހަވީރަށް ލޯންޗު މިރަށަށް ފޮނުވާ.. އަހަރެން މާލެ ދާން ތައްޔާރު.. މެހެކްއާ އޭނާގެ އާއިލާއާއި ކުޅެން ބައްޕަ ހިތައްވެސް ނާރުވާ..” މާކިން ދެދަތްޕިލަ ޖައްސާލައިގެން ހުރެ ވާޙަކަ ދެއްކި ނަމަވެސް އެ އަޑުގައިވަނީ ރުޅިވެރިކަމަށްވުރެ ބޮޑަށް ހިތާމައިގެ އަސަރެވެ.
“ރަނގަޅު.. މާކިން އަންނަން ވާނީ ޝުބާއާއި އިޝާންވެސް ގޮވައިގެން.. އެމީހުންގެ ބޮލަށް އެރިލާކަށްވެސް އިކްރާމްގެ ބައިގަނޑަށް އުނދަގުލެއް ނުވާނެ..” ބިލާލް އަވަސް ރާގަކަށް ބުނެލިއެވެ. އެއާއިއެކު މާކިންގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ހަގީގަތުގައި އޭނާ މިހާރު އޭނާގެ ބައްޕައަށް ނަފްރަތު ކުރެއެވެ.
“ދެން އެމީހުން ދާން ވީމަ އެނގޭނީ އެމީހުންނަކަށްނު.. ” “ބުނާ ގޮތް ނުހެދިއްޖެ ނަމަ ކަން ވާނެ ގޮތް މިހާރު މާކިންއަށް އެނގޭނެ..” ބިލާލް ހުރީ މާކިންގެ އެއްވެސް ވާހަކައެއް އަޑުއަހާ ކަހަލަ ގޮތަކަށް ނޫނެވެ. އިކްރާމްއާއި މެދު އޭނާގެ ހިތުގައި އޮންނަ ހަސަދައިގެ ސަބަބުން ހެޔޮނުބައިވެސް އޭނާއަށް އޮޅިފައިވާ ފަދައެވެ.
“އެންމެ ރަނގަޅު..” މާކިން އޭނާގެ ބައްޕަގެ ހުރިހާ އަމުރުތަކަކަށް ކިޔަމަންވަމުން ފޯނު ކަނޑާލިއެވެ. އަދި ހަމަ އެއާއިއެކު އެހުރިހާ އިރު ލޮލުތެރޭގައި ހިފަހައްޓާފައި ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ފައިބައިގަތެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގިސްލެވެން ފެށުމާއިއެކު އަނގަމަތީގައި އަތް އަޅަމުން އޭނާ މުށިތައް މައްޗަށް ވެއްޓިގަތެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑުގައި ހިފަހައްޓަމުން އަޑުން އަޑު ނަގާ ރޯން ފަށައިފިއެވެ. މިއީ ކޮން ފަދަ އިމްތިހާނެއް ހެއްޔެވެ؟ ގިސްލުމާއިއެކު ގަދަ އަޑުން ރޯން އިން މާކިންއަށް ކުއްލިއަކަށް ރުއިން ހުއްޓާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



dhen vrh foohi bappa bahatabala dhelaolah ingilli kohpaafa???
ingiyyeh noon kulhi miruheh fithaafa bahattanvee e ee hama aslu bappa baavaeye hithah aranee dho
E haadha nulafaa meehekeyyy dhw.. Blackmail kurany viyyaa.. Maakin hithah haadha thadhuvaaney dhw… Huvaa mi bunyy ekahala meehun mi dhuniyein nahthaalan vejje eh nun… So we can live peacefully and happy.. Anyways… Vrh reethi mi baives… Ummaah.. ????
Sorry for the delay in getting back to comment
Lam loving this stry and l’m hooked up ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️?️LYSSSSSSSSSSM
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️?️LYSSSSSSSSSSM AND STAY SAFE. VAAHAKA VARAH SALHI OBINES TO THE MAX
SISSSSY VRH VRH VRH VRH VRH REETHI MI VAAHAKA STAY SAFE SISSSSY :LYSSSSSSSSSSM <3<3:-):-):-):-):-):-