(ފަސްވަނަ ބައި)
އެނދުގެ ބޯލާކޮޅުގައި ބާއްވާފައިވާ ފޯނުގެ އެލާމް އަޑާއެކު އަކިއަލްއަށް ހޭލެވުނެވެ. ނިދާފައި އޮތް ގަދަ ނިދިން ހޭލެވުމުން ލޯ ހުޅުވާލަންވެސް އޭނާ އޮތީ ބޭނުން ނުވެފައެވެ. ކަންނެތްކަމާއެކު ގަދަކަމުން ކަހަލަ ގޮޔަކަށް އޭނާ އެނދުން ތެދުވެ ފާހާނާއަށް ވަނެވެ. މިއަދަކީ ސްކޫލް ފެށޭ ދުވަސް ކަމުން އެހެންޏާއަށްވުރެ އަވަހަށް އޭނާ ހޭލަން ޖެހުނެވެ. ފެންވަރައި ތައްޔާރު ވެލައިގެން ކޮނޑުގައި ދަބަސްވެސް އަޅުވާލުމަށްފަހު އޭނާ ކާގެއަށް ސައިބޯން ދިޔައެވެ. އޭރު އަލްޔާ ސަކީނާއާއެކު ސައިހެދުމުގައި އަވަދި ނެތި އުޅެއެވެ. “އާދޭ ސައިބޯން.” އަލްޔާ މޭޒުމަތީގައި ތަށްޓެއް ބަހައްޓާލުމާއެކު ފަނޑު ހިނިތުން ވުމެއް ހަދިޔާ ކުރަމުން ވާހަކަ ދެއްކިއެވެ. އަބަދުވެސް އެކުއްޖާގެ މޫނުން ފެންނަ އުފާވެރިކަމުން މިއަދު އެމޫނަކުން ނުފެނެއެވެ. ކިތަންމެ ފޮރުވަން ގަދަކަމުން ހިނިތުންވެލި ނަމަވެސް އެލޮލުގައިވީ ރިހުން އަކިއަލްއަކަށް ސިއްރެއް ނުވިއެވެ. އަދި އެކަމުގެ ފަހަތުގައިވަނީ ރޭގައި ހިނގި ހާދިސާކަން އޭނާއަށް ނަގައިގަނެ މިގޭ މީހުން ދެކެ ރުޅިވެސް އާދެވުނެވެ.
ރޭގައި އަކިއަލް ކައި ނިމިގެން ކޮޓަރިއަށް ހަމަ ވައިންތަނާހެން އޭނާގެ މަންމަ އޭނާއަށް ގުޅިއެވެ. މަލީހާ ދައްތަގެ ފޯނު ނިވިފައި އޮތުމުން ނުގުޅިގެން ވަރަށް މުހިއްމު ކަމެއްކަމުގައި ބުނެ މަންމަ އެދުނީ މަލީހައްތަ އަތަށް ފޯނު ދިނުމަށެވެ. އޭނާ ޕޯނު ހިފައިގެން ބޭރަށް ނިކުންނަން ދިޔައިރު އަލްޔާއާއި މަލީހައްތައާއި ދެމެދު ދެކެވުނު ވާހަކަތައް އޭނާއަށް އަޑުއިވުނެވެ. މަންމަގާތު މަލީހައްތަ ގޭގައި ނެތް ކަމަށް ބުނެ އަކިއަލް އަވަހަށް ވަނީ ކޮޓަރިއަށެވެ. އަދި އެރޭ ދަންވަރު ފެންބޯން ބޭރަށް ނިކުމެ އުޅުމަށްފަހު ކޮޓަރިއަށް ވަންނަން ދިޔައިރު އަލްޔާ ފަސްދީފައިދާތަން އޭނާއަށް ފެނުނެވެ. އައްސާލެވިފައިވާ ބުޅި އިސްތަށިގަނޑުގެ ސަބަބުން ފަހަތުންވެސް އެއީ އަލްޔާކަން އޭނާއަށް ޔަގީންވިއެވެ. އެހެނަސް އެއީ ކާކުތޯ ސުވާލުކުރެވުނީ އަލްޔާގެ މޫނު ފެނިލުމަށް އެވަގުތު ބޭނުން ވެފައި ހުރިވަރުންނެވެ. އަލްޔާ އެވަގުތު ސިހުމާއެކު އޭނާއާއި ދިމާލަށް ބަލާލިއެވެ. އަކިއަލްއަށް އެމޫނުމަތިން އެކުއްޖާ ރޮއެފައިވާވަރު ފެނިގެންދިޔައެވެ. އެވަގުތު އެ އަންހެން ކުއްޖާއަށް ލިބިފައިވާ ހުރިހާ ހިތާމަތަކެއް ފިލުވައިލަދޭން ހިތް އެދެވުނެވެ. އެކުއްޖާ ދެރަވެ ހުރިތަން ފެނުމުން އޭނާގެ ހިތަށް ތަދުވަނީ ކީއްވެ ހެއްޔެވެ؟ އެމޫނުމައްޗަށް ހިނިތުންވެރިވެފައިވާތަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ދިރުމެއް ނެތް ހިތަށް ހަމަޖެހުމެއް ލިބެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތުގައި އަލްޔާއަށް ވަނީ ހަމްދަރުދީކަން ވިސްނައިދެމުން އަކިއަލް އަވަސް އަވަހަށް ވަނީ އޭނާގެ ކޮޓަރިއަށެވެ.
***
ސައިބޮއެގެން މާކިންއާއިއެކު އަކިއަލް ސްކޫލަށް ދާން ނިކުތެވެ. މާކިންގެ ބައްޕަ ރަށުގައި ނެތުމުން އެމީހުން ލާން އައިސް ހުރީ ގޭގައި ގެންގުޅޭ ޑްރައިވަރެވެ. ގަރާޖުން ކާރު ނެރުމަށްފަހު ޑްރައިވަރު އެކުދިންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. “ފުރަތަމަ ދުވަހުވެސް ގަޑި ޖެހޭނެ ކަންނޭނގެ.” މާކިން އޭނާގެ އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު އަވަހަށް ގޮސް ކާރަށް އެރިއެވެ. ގޭޓުން ނިކުންނަމުން އަކިއަލްއަށް ފަސް އެނބުރި ބަލާލެވުނީ ކީއްވެ ކަމެއް ހުދު އޭނާ އަކަށްވެސް ނޭނގުނެވެ. އެހިނދު ކުޑަ ދޮރުން ބޭރު ބަލަން އިން އަލްޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ފަރުވާ ކުޑަ ގޮތަކަށް ދޫކޮށްލެވިފައިވާ ބުޅި އިސްތަށިގަނޑު ވިހުރެމުން ދެއެވެ. ވައިރޯޅިއާއެކު އިރުއިރުކޮޅާ އެމޫނަށް ގޯނާކޮށްލާ އިސްތަށިތައް ކަންފަތްދަށަށް ޖަހާލަމުން ފޫހިކަމާއެކު ތުން އޫކޮށްލިގޮތުން އަކިއަލްއަށް ހެވުނެވެ. ދަތް ދޮޅީގައި އަތް ވިއްދާލައިގެން ފުން ޚިޔާލަކަށް ގެއްލިފައި އިން އަލްޔާއަށް ބަލަން އޭނާއަށް ހުރެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އެމޫނަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. އޭނާއަށް ފަހަކަށް އައިސް އެއަންހެންކުއްޖާއާއި މެދު ހިޔާލު ކުރެވޭތީ އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ދެބުމަ ގޮށް ޖެހެމުން މުށްކެވިފައިވާ އަތް ފަޓުލޫނުގެ ޖީބަށް ޖަހާލެވުނެވެ. މިގޮތް ނޭނގޭ އަންހެންކުއްޖާ އޭނާގެ ހިތުގެ ހަމަޖެހުން ނަގައިލައިފިއެވެ. އަލްޔާ ފެންނަ ކޮންމެ ފަހަރަކު އޭނާ މައިންބަފައިންނަށް ވެވިފައިވާ ވަޢުދުގެ މަތިން އޭނާ ހަނދާން ނެތޭ ކަހަލައެވެ. މިކުއްޖާއާއި ވީހާވެސް ނުފެންނަ ފަށު ދުރުގައި އުޅެން އޭނާ އެވަގުތުން ވަގުތަށް ނިންމިއެވެ.
***
ޖެހިގެން އައި ދުވަހު ބޮޑުދައިތަ ބުނި ފަދައިން އަލްޔާ އިނގިރޭސި ކްލާހަކަށް ލެއްދިއެވެ. އަތޮޅުތެރެއިން ކިޔެވުމުގެ ސަބަބުން އޭނާގެ އިނގިރޭސި ފެންވަރު ދައްކަން އޭނާވެސް ގަބޫލުކުރެއެވެ. އެހެންކަމުން އެއްވެސް ޝަކުވާއެއް ނެތި އޭނާ އެކްލާހަށް ދާން ނިންމިއެވެ. އަދި ފަހުން ފުރުސަތު ހުޅުވާލުމުން ކޯހަކަށް އެޕްލައި ކުރަން އޭނާ ނިންމިއެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަމަށް އޭނާގެ މަންމަ އޭނާގެ ގާތު އަބަދުވެސް ބުނެއެވެ. މަންމަގެ މިފަދަބަސްތަކުން އޭނާއަށް އަބަދުވެސް ހިތްވަރު ލިބެއެވެ. މިއަދު އޭނާގެ މަންމަ އޭނާގެ ކައިރީގައި ނެތް ނަމަވެސް މަންމަގެ އެނަސޭހަތްތައް އަބަދުވެސް އޭނާ ހަނދާން ބަހައްޓައެވެ.
ލޯގަނޑު ކުރިމަތީގައި އަލްޔާ އިނީ ރީތިވާށެވެ. އޭނާ އިނީ ވަޅު ފެހިކުލައިގެ އަތްދިގު ގަމީސް މައްޗަކާއި ގަދަ ނޫ ކުލައިގެ ޖީންސެއް ލާފައެވެ. ވަރަށް މަސައްކަތުން ގޮށް ފިލުވުމަށްފަހު އޭނާގެ ދިގު އިސްތަށިގަނޑު ގަތާލައި އައްސާލިއެވެ. އަދި ތުންފަތްމަތީގައި ލިޕް ގްލޮސް މަޑު މަޑުން ހާކާލިއެވެ. ތައްޔާރުވުމަށްފަހު ލޯގަނޑު ކުރިމަތީގައި އޭނާގެ ސޫރައަށް ބަލާލިއެވެ.
“ކޮބާ ރެޑީ ވެއްޖެތަ؟” ކޮޓަރީގައި ޓަކި ޖަހާލުމާއެކު މާކިން ބޯ ދިއްކޮށްލިއެވެ. މާކިން އެއައީ އަލްޔާ ކްލާހަށް ލާން ދިއުމަށެވެ. “ވޯވް. ޔޫ ލުކް ސޯ ޕްރިޓީ. މާޝާ ﷲ.” އަލްޔާ ފެނުމުން މާކިންއަށް ތައުރީފު ނުކޮށްލައި ނުހުރެވުނެވެ. މިގެޔަށް އައިދުވަހުގެ ފަހުން އަލްޔާ ބޭރަށް ދާން ރީތިވީ އަލަށެވެ. ސަކީނާއާއެކު ބާޒާރަށް ދިއުމަށް ނޫނީ އޭނާ މާލެ އައި ފަހުން މިގޭގެ ހަތަރު ފާރުން ބޭރަކަށް އަދި ނުނިކުމެއެވެ.
ކުޑަ ނޯޓު ފޮތަކާއި ލިޔާނެ ސާމާނު ލާފައިވާ ޕާރސް އޭނާގެ ކުޑަ ދަބަހަށް ލަމުން އަލްޔާ މާކިންގެ ފަހަތުން ކޮޓަރިން ބޭރަށް ނިކުތެވެ. “ބްރޯ. މެޗަށް އަރަން އަންނާނަން މީނަ ކްލާހަށް ލާފައި.” ސިޓިން ރޫމްއަށް ނިކުތް އިރު އަކިއަލް ޕީއެސް ފޯ ގެ އަތްގަނޑު ހިފާލައިގެން ގޭމް ކުޅެން އިނެވެ. މާކިންގެ އަޑަށް އަކިއަލް ގޭމް ކުޅުން ހުއްޓާލުމަށްފަހު އެދިމާލަށް ބަލާލިއެވެ. އެވަގުތު އަކިއަލްއާއި އަލްޔާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކޮނޑުގައިވާ ދަބަސް ރަނގަޅުކޮށްލަމުން އަލްޔާ އަވަސް އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލިއެވެ. އަކިއަލްގެ މޫނު ފެނުނަސް އަލްޔާ މިހާރު ޖެހިލުންވެއެވެ. މިގޭގައި އަކިއަލްގެ އެރުޅިވެރި މޫނު ހަމައެކަނި އަމާޒުވަނީ އޭނާއަށް އެކަނި ކަމަށް އޭނާއަށް މިހާރު ފާހަގަވެއެވެ. އެކަމަކު އަކިއަލްގެ އެރުޅިވެރިކަމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަމެއް އޭނާ ވިސްނާ ވިސްނާ ސިކުނޑިއަކަށް ނައެވެ. އަކިއަލް ނުރުހޭ ކަމެއް އޭނާއަށް ކުރެވިފައި ވަނީބާއެވެ. ކުރެވިފައިވާނަމަ އެއީ ކޮން ކަމެއްތޯ އަހަން ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އަރައެވެ.
އަލްޔާ މާކިންއާއެކު ސައިކަލަށް އަރައިގެން ދިޔައިރު އެމަންޒަރު ބަލަން އަކިއަލް ބޭރަށް ނިކުމެ ހުއްޓެވެ. އަނދިރިގަނޑުގެ ތެރެއިން އެމޫނު ނުފެނުނަސް އޭނާގެ މުށްކަވާލެވިފައިވާ އަތްތިލަ މަޑުމަޑުން ޖީންސްގެ ޖީބަށް ލީތަން ފެނިގެންދިޔައެވެ.
***
ކްލާހުގެ މާހައުލަކީ އަލްޔާ ވަރަށް ހިތް ހަމަޖެހޭ މާހައުލަކަށްވިއެވެ. ކްލާހުގެ ޓީޗަރު ކިޔަވައިދޭގޮތުން ޝައުގުވެރިކަމާއެކު އަޑުއަހާ ހިތްވެއެވެ. އެތަނުން އަލްޔާއަށް އައު ރަހުމަތްތެރިންނާ ބައްދަލުވިއެވެ. ހުރިހާ ކުދިންނަކީވެސް ވަރަށް އެކުވެރި އެންމެންނާ ގުޅޭ ބައެކެވެ. ފުރަތަމަ ދުވަސް ކަމުން އަލްޔާ ވާހަކަ ދައްކަން ލަދުން ހުރިނަމަވެސް ކުދިން އޭނާއާއި ވާހަކަ ދައްކާ ބީރައްޓެހިކަން ފިލުވާލަދިނެވެ.
ނައިޓް ކްލާހަށް ދާން ފެށުމާއެކު އަލްޔާ ކިޔެވުމަށްޓަކައި އޭނާގެ ވަގުތުތައް ހުސްކުރިއެވެ. ސަކީނާއާއެކު ގޭގެ މަސައްކަތް ތަކުގައި އެހީވުމަށްފަހު ދެން ލިބޭ ހުސް ވަގުތުތައް އޭނާ ހޭދަކުރަނީ ފޮތް ކިޔުމުގައެވެ. މައުލޫމާތު މުއްސަނދި ކުރުމަށްޓަކައި އިނގިރޭސި މަޖައްލާތަކާއި މަޒުމޫނުތަކުގެ އިތުރުން ވާހަކަ ފޮތްތައް ކިޔުމުގައެވެ.
އެހެންނަމަވެސް މިގޮތުގައި އޭނާއަށް ކުރިއަށް ދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah reethi??
Thanku?❤