Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު-4

Zeebs Level 110 Stories
August 21, 2020 4 Mins Read
2 Comments

(ހަތަރުވަނަ ބައި)

ފޯނު ކަނޑާލިތަނާހެން ގޭގައި ބެލް އަޅާލި އަޑުއިވުމާއެކު ގޭޓު ހުޅުވަން އަލްޔާ އަވަސް އަވަހަށް ދިޔައެވެ. ގެއަށް އައީ ބައްޕަނޫންކަން އެނގުން ނަމަވެސް ގޭޓް ކައިރިއަށް ދުވެފައި އޭނާއަށް ދެވުނީ ބޭއިޚްތިޔާރާއެކުގައެވެ. އޭނާގެ ލޯބިވާ ބައްޕަ އޭނާ ދެކިލުމަށް އަންނާނެ ވާހަކަ ބުނުމުން ގޭޓް ކުރިމަތީ ބައްޕަ ހުންނާނެކަމަށް އުއްމީދުކުރަމުންނެވެ. އުފަލާއެކު ގޮސް ގޭޓު ހުޅުވާލި ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

ކުރިމަތީގައި ފެންނަން މިހުރީ އަލްޔާގެ ބައްޕައެއް ނޫނެވެ. އެއީ މީގެ ކުރިން އަލްޔާ ދެކެފައިވާ މީހެއްވެސް ނޫނެވެ. ކުރިމަތީގައި ހުރީ މާކިންއާއި ދާދި އެއް އިސްކޮޅެއްގެ ޒުވާނެކެވެ. ފެންނަ ފެނުމަށް އަލްޔާއާއި މާކިންއާއި އެއް އުމުރެއްގެ ޒުވާނެކެވެ.  އޭނާގެ ފުން މިން ނޭނގޭ ވަރަށް ކަޅުކުލަ ގަދަ ކަޅިއާއި ވަރުގަދަ ބުމައެއްވެއެވެ.  އެއްވެސް އިހުސާސެއް ނެތް އެމޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.  އެއްއަތުން ކަޅުކުލައިގެ ލަގެޖް ފޮށި ހިފަހައްޓައިފައިވާއިރު އޭނަގެ އަނެއް އަތް ވަނީ ޖިންސްގެ ޖީބަށް ޖަހާލެވިފައެވެ. ޖަހާފައިވާ ސެންޓުން މުޅި ތަނުގައި ހިފާލާފައިވަނީ ހިތްގައިމު ވަހެކެވެ. އެ ސީރިއަސް މޫނު ފެނި  އެތެރެއަށް ވަންނާށޭ ބުނަން އަނގަ ހުޅުވާލަންވެސް އަލްޔާއަކަށް ނުކެރުނެވެ.

“ބްރޯ. ވެލްކަމް ބެކް.” އަލްޔާގެ ފަހަތުން މާކިން އައިސް ކުރިމަތީގައި ހުރި ޒުވާނާއާއި ސަލާމްކޮށްލިއެވެ. ކުޑަ ހިނިތުންވުމެއް މާކިންއަށް  ހަދިޔާ ކުރުމަށްފަހު އޭނާ މާކިންއާއެކު އެތެރެއަށް ވަދެގެން ދިޔައެވެ. އެމީހަކު އަލްޔާއާއި ދިމާލަށް ބަލާވެސް ނުލައެވެ. “ހަހް. ހާދަ ފޮންޔޭ. ތިމާއަށް ތިމާ ފެނިފަ ތިހިރީ” ތުން އަނުބުރާލުމަށްފަހު ދެއަތުން ހަށަން ބަނދެލަމުން  އަލްޔާ މަޑުމަޑުން ކުދިކިޔާލިއެވެ. އަދި އޭނާ ކުރަން ހުރި ކަމަށް އަނބުރާ ދިޔައެވެ.

މިފަހަރު އޭލެވެލްއަށް އައުމަށްޓަކައި އައްޑޫގައި ހުންނަ ޝާކިރުގެ ވަރަށް ގާތް ރަހުމަތްތެރިއަކު އޭނާގެ ދަރިފުޅު އެގޭގައި ކިޔަވަން ބަހައްޓައިދޭންވަނީ އެދެފައެވެ. އެހެންކަމުން ޝާކިރު މަލީހާގެވެސް މަޝްވަރާގެ މަތިން އެގޭގައި ރަހުމަތްތެރިޔާގެ ދަރިފުޅު ބަހައްޓަން ނިންމިއެވެ. އަކިއަލްގެ ބައްޕައަކީ  މާކިންގެ ބައްޕަ ފަދައިން ބޮޑު ވިޔަފާރިވެރިއެކެވެ. މާކިންގެ މަންމަޔާއި އަކިއަލްގެ މަންމްއަކީވެސް އެހާ ބޮޑު ދެރަހުމަތްތެރންނެވެ. އެދެކުދިންގެ މައިންބަފައިންގެ މެދުގައިވާ ރަހުމަތްތެރިކަމުގެ ސަބަބުން އެދެކުދިންވެސް ވަނީ ވަރަށް ގާތް އެކުވެރިންނަށްވެފައެވެ. އަކިއަލް އޭނާގެ މައިންބަފައިންނާއެކު ވަރަށް ގިނައިން މާލެ އައިސް އުޅެޔެވެ. އެ އަންނަ ކޮންމެ ފަހަރަކު އަކިއަލްގެ އާއިލާ ހުންނަނީ މާކިންމެން ގޭގައެވެ.

އަކިއަލްވެސް ގެއަށް އައުމާއެކު އަލްޔާ ނިންމީ ބޮޑުދައިތައާއި ވާހަކަ ދެއްކެމަށެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ.  އާދައިގެ މަތިން ކެއުމަށްޓަކައި ގޭގެ އެންމެން ވަނީ އެއްތަންވެފައެވެ. އެތައް ދުވަހެއް ފަހުން މާކިންއާއި އައިކަލް ދިމާވުމުން އެދެމީހުން ތިބީ އޮލަ ވާހަކައިގައެވެ. ތަށީގައި ސަމްސާ ހާކާލަ ހާކާލާ އަލްޔާ އިނީ ކާހިތް ނުވެފައެވެ. އޭނާގެ ސިކުޑި ތެރޭގައި ވަނީ ބޮޑުދައިތަގާތު ވާހަކަ ފަށާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ.

އަލްޔާ އެހެން އިންދާ ކައިނިމިގެން މާކިންމެން ދިޔައެވެ.  ބޮޑުދައިތަވެސް ތެދުވެގެން ދާން ފެށުމުން އަލްޔާ އަވަސް އަވަހަށް ކެއުން ނިންމާލުމަށްފަހު ބޮޑުދައިތައަށް ގޮވާލިއެވެ.  “މަލީހައްތާ. އަޅުގަނޑު ވާހަކައެއް އަހާލަން ވެގެން.”

” ސްކޫލަށް ވެއްދުމުގެ ކަންތައް ނިމިއްޖެތޯ؟  ކޮންއިރަކުންތޯ ކިޔެވުން ފެށެނީ. ” މަލީހާ މަޑުކޮށްލުމުން އަނެއްކާވެސް އަލްޔާ ވާހަކަ ދެއްކިއެވެ.

“އަލްޔާ އިނގިރޭސި ކިޔަވައިދޭ ނައިޓް ކްލާހަކަށް އިހަށް ދާންވީނު. ސްކޫލަށް ނުދިޔަސް އަލްޔާއަށް މާކިން ކައިރިން ކިޔެވޭނެ. އަދި އޭލެވެލް ނެހެދިޔަސް ކޯސްތައް ފެށުމުން ކޯހަކަށްވެސް ލެވިދާނެ ” ކިތަންމެ މަޑުމައިތިރިކަމާއެކު މަލީހާ މިހެން ބުނި ނަމަވެސް އަލްޔާގެ ކަންފަތަށް އެ ޖުމްލަތައް އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ.

އަލްޔާއަށް ހީވީ އޭނާގެ ރިހޭ ފައިމައްޗަށް ބަރު ހިލަގަނޑެއް މީހަކު ވައްޓާލިހެންނެވެ. އޭނާ ކުރި އެތައް އުއްމީދުތަކާއި ދެކުނު އެތައް ހުވަފެން ތަކެއް ކުޑަ ސިކުންތުކޮޅެއްގައި ވިއްސިވިހާލިވީއެވެ. އަލްޔާ ސްކޫލަށް ލުމުގެ ހިޔާލެއް ބޮޑުދައިތަގެ ނެތް ނަމަ އޭނާއަށް މާލެއަށް ގެނައީ ކީއްކުރަން ހެއްޔެވެ؟ ބައްޕަގާތު އޭނާއަށް ކިޔަވައިދޭނަމޭ ބުނީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކާއި ޝަކުވާތައް ޢެނާގެ ސިކުޑީގައި އެނުބުރެމުން ދިޔައެވެ. އެހެން ނަމަވެސް  އޭނާއަށްވުރެ ބޮޑެތި މީހުންނާ ދިމާލަށް ރައްދުގައި އެއްޗެއް ބުނުމަކީ އޭނާގެ ތަބީއަތުގައިވާ ކަމެއް ނޫނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލުމާއެކު ގޮސް އޭނާގެ ކޮޓަރިއަށް ވަނުމެވެ.

***

ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަލްޔާ ދުވެފައިގޮސް އެނދުމަރްޗަށް ބަންޑުން ވެއްޓިގަތެވެ. އަދި ބާލީސް މޫނުގައި އަޅައި ބާރަށް އަޑުލައި ރޯންފެށިއެވެ.  އެނާގެ ރުއިމުގެ އަޑު ހިނދުކޮޅެއްގެ ތެރޭހގައި މަޑު  ގިސްލުމެއްގެ އަޑަށް ބަދަލުވިއެވެ. ދުވަހަކު ހިތުގައިނުޖެހޭ ވަރަށް މިއަދު އޭނާގެ ހިތުގައި ޖެހިއްޖެއެވެ. އޭ ލެވެލް ކިޔެވުމަށްޓަކައި އަލްޔާ މާލެ އައީ ނުހަނު އުއްމީދާއެކުއެވެ.  ލޯބިވާ އެންމެނާއި އުފަން ރަށް ދޫކޮށް މިހާ ދުރަށް އައީ އެހާމެ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. މާލެ އައުން މީ އޭނާއަށް ލިބުން ނަސީބުކަމުގައި ދެކުނު ނަމަވެސް އެއީ އޭނާގެ ބަދުނަސީބުކަމަކަށް އެ ޅަ ހިތަށް ކުޑަކޮށްވެސް ތަސައްވަރު ނުކުރެވެއެވެ.

ހިތް ފުރޭވަރަށް ރޯ ލުމަށްފަހު އެތައް އިރަކަށްފަހު އަލްޔާ އެނދުން ތެދުވިއެވެ.  އޭރު މެންދަމުން އަލިވެއްޖެއެވެ. ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. ދިގު އެސް ފިޔަތައް ވަނީ ކަރުނައިން ތެމިފައެވެ. އަލްޔާ ކޮޓަރިން ބޭރަށް ނިކުތީ އޭނާ އަބަދުވެސް ހިތް ހަމަ ޖައްސާލުމަށްޓަކައި ދާ ބެލްކަންޔަށް ނިކުމެލުމަށެވެ.

ކޮޓަރިން ނިކުތް އަލްޔާއަށް މީހަކު ގޭތެރޭގައި އުޅޭ އަޑު އިވުމުން އޭނާ ސިޓިން ރޫމް ބަލާލިއެވެ. އަކިއަލް ފެން ފުޅިއަށް ފެން އަޅައިގެން ކާގެއިން ނިކުމެ ކޮޓަރިބަރިއާއި ދިމާލަށް އޭރު މިސްރާބުޖަހަނީއެވެ. އަކިއަލް އަށް ފެނުމުގެ ކުރިން އޭނާ އުޅުނީ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަންނާށެވެ. އޭނާގެ މޫނު އެކަކަށްވެސް މިވަގުތު ދައްކަން ބޭނުން ނުވާތީއެވެ.

“ކާކު” އަލްޔާގެ ފިޔަވަޅުތަކަށް މަޑު ޖެހުނީ އަކިއަލްގެ އަޑަށެވެ. އޭނާ އަށް ދެވުނީ އޭނާގެ ކޮޓަރި ދޮރާ ހަމަޔަށެވެ. ކޮޓަރީގެ ތަޅުގައި ހިފާލުމަށްފަހުވެސް ފަހަތަށް އެނބުރި ބަލާލެވުނީ ލިބިފައިވާ ސިހުމާއެކުއެވެ.  އަކިއަލްއަށް އަލްޔާގެ މޫނު ފެނުމުން ފަރުވާ ކުޑަގޮތަކަށް ބަލާލުމަށްފަހު އެއްވެސް ބަހެއް ނުބުނެ އޭނާ ވަނީ އަލްޔާގެ ކޮޓަރީގެ ކުރިމަތީ ހުންނަ ކޮޓަރިއަށެވެ. އަކިއަލް ހުންނަނީ އެކޮޓަރީގައިކަން އަލްޔާއަށް އިނގުނީ އަދި ކިރިޔާއެވެ. އަލްޔާ ހީކުރީ އަކިއަލް ހުންނާނީ ސިޓިންގ ރޫމާއި ކައިރިއަށް އިންނަ މާކިންގެ ކޮޓަރިއާއި ޖެހިގެން އިން ހުސް ކޮޓަރީގައި ކަމަށެވެ. އަލްޔާއަށް ބަލައިލި ކޮންމެ މީހަކަށް ވެސް އޭނާ ބޮޑު ހިތާމައެއް ކުރަމުންދާކަން އެނގޭނެއެވެ. އޭނާގެ ދުޅަވެފައިވާ ދެލޮލާއި ރަތްވެފައިވާ ހިމަ ބައްޓަން ނޭފަތް އެކަމަށް ހެކިދެއެވެ.  އަކިއަލްގެ މި އަޅާލުން ކުޑަ ކަމުގެ ސަބަބުން އަލްޔާ ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. ފުރަތަމަ ދުވަހަގެ ފެނިލުމުންވެސް އަލްޔާ ދެކެ އަކިއަލް ރުޅިއަންނަކަން އޭނާއަށް އޮތީ އިނގިފައެވެ. އެދުވަހުން ފެށިގެން އަކިއަލްގެ ކުރިމައްޗަށް ނޭރުމަށް އަލްޔާ އަޒުމް ކަނޑައެޅިއެވެ. ކިތަންމެ ބޮޑު ހިތާމައެއްގައިވީ ނަމަވެސް އަކިއަލްގެ ހަމްދަރުދީއެއް އޭނާ ބޭނުމެއް ނެތެވެ. މިގޭގައި އަލްޔާއަށް ކިރިޔާވެ އަޅާލާ އޭނާއަށް ހަމައެކަނި ހެޔޮ އެދޭ އިންސާނަކަށް ހުރީ  މާކިން އެކަންޏެވެ. އެހެންނަމަވެސް މަލީހައްތައަކީ މާކިންގެ މަންމައަށްވެފައި އެހިތުހައިވާ ޝަކުވާތައް އޭނާ މާކިންއާއި ހިއްސާ ކުރާކަށް މިވަގުތަކު ބޭނުމެއް ނޫނެވެ.

***

މާކިންއާއި އަކިއަލްގެ ކިޔެވުން ފެށިއްޖެއެވެ. ސީއެޗްއެސްސީގެ ޔުނީފޯމްގައި ސްކޫލަށް ދިއުމަށް ދެކުދިންވެސް ނިކުތެވެ. ގަރާޖުން ކާރު ނެރުމަށްފަހު ގޭޓު ކުރިމަތީގައި ކަޅުކުލައިގެ ޕްރަވެޓް ކާރު މަޑުކޮށްލައިގެން އެކުދިންގެ އިންތިޒާރުގައި ޑްރައިވަރު ހުއްޓެވެ. މާކިންއާއި އަކިއަލް ކާރަށް އެރުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ. ސިޓިން ރޫމްގެ ކުޑަދޮރުން އަލްޔާ އެމަންޒަރު ބޭރު ބަލަން ހުރީ މާޔޫސްވާ ހާލުގައެވެ. ދަތް ދޮޅީގައި އޭނާގެ އެއް އަތް ވިއްދާލާފައިވާއިރު އަނެއް އަތް ވަނީ ދޮރު ކަނި މަތީގައި ބާއްވާލާފައެވެ.  ހިޔާލުތަކަށް ގެއްލިފައި އިން އަލްޔާއަށް އަކިއަލް ގޭޓުން ބޭރަށް ނިކުތުމުގެ ކުރިން ހުއްޓި ފަހަތް ބަލައިލިހެން އޭނާއަށް ހީވިއެވެ. އެހެނަސް އެއީ އޭނާއަށް ހީވި ހީވުމެއް ކަމަށް އޭނާ ނިންމިއެވެ. އޭނާ ދެކެ އެހާ ރުޅި އަންނަ މީހެއްގެ އޭނާ ހުންނަ ކޮޅަށް އެނބުރި ބަލާވެސް ލާނެ ހެއްޔެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

ހިތުގެ ވެރިޔާ (1)

Next

ފާރަވެރިޔާ 2

Next
August 21, 2020

ފާރަވެރިޔާ 2

Previews
August 21, 2020

ހިތުގެ ވެރިޔާ (1)

2 Comments!

  1. Anaaya anaa says:
    August 24, 2020 at 7:57 am

    Masha Allah ❤️❤️❤️❤️nice Mi prt vess
    When nxt prt
    Tc☺️☺️❤️❤️??????????
    ?gud luck?4 nxt prt

    1. Zeebs says:
      August 24, 2020 at 2:22 pm

      Thank you❤.
      Next part is out now?

Comments are closed.

Next Episodeއަލްވަދާޢު-5←


All Right Reserved!