Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު- 3

Zeebs Level 110 Stories
August 19, 2020 4 Mins Read
1 Comment

(ތިންވަނަ ބައި)

ސިކުނޑިއަށް ބާރުލާފައި އަލްޔާ ވިސްނަމުން ދިޔައީ އެނަން އަލްޔާގެ ކަންފަތަށް އިވުނު ގޮތަކާއި މެދުއެވެ. ކުއްލިއަކަށް އަލްޔާގެ ހަނދާނަށް އައީ މިރޭ ބޮޑުދައިތަ ބުނި ބަސްތަކެވެ.

“އަދި އަހަރެންގެ ދަރިފުޅު މާކިން އަކާ ދިމާ ނުވޭދޯ؟ އޭނާ ވީ ރަހުމަތްތެރިއެއްގެ ގެޔަށްގޮސް.” ތެޅިފޮޅެމުން ދިޔަ އަލްޔާ ކުއްލިއަކަށް މައިތިރިވިއެވެ. “މީ އެ މާކިންތަ. އަސްތާ! މިކުރެވުނީ ކީއް. އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހުވެސް ބޮޑުދައިތަގެ ދަރި ވަގަކަށް ހެދުނީއެވެ. އެކަމަކު އޭނާވެސް ގޭގެ ފުރަގަހުން ސިއްރުން ވަންނަންވީ ކީއްވެ ހެއްޔެވެ؟ މީ އޭނާގެ އަމިއްލަ ގެޔަށްވާއިރު ގޭގެ ބޮޑު ދޮރުން ވަނީމަ ވީނުހެއްޔެވެ.” އަލްޔާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އަލްޔާ ދެން ހަޅޭއްނުލަވާނެކަން އިނގުމުން އެމީހަކު އަލްޔާގެ އަނގަމަތީގައި އަޅާފައިވާ އޭނާގެ އަތްނަގައި ދުރަށް ޖެހިލިއެވެ. އަދި އޭނާގެ މޫނު ފެންނާނެހެން ބޮލުގައިވާ ތޮފިވެސް ނެގިއެވެ. ކޮޓަރިބަރި އިންނަ ގޯޅީގައި ހަރުކޮށްފައި ލައިޓުން ބެލްކަންޔާއި ހިސާބަށް އެޅިފައިވާ އަލިން މާކިންގެ މޫނު ފެނިގެން ދިޔައެވެ.

ކުރިމަތީގައި ހުރި ޒުވާނާގެ ރީތިކަން ފެނުމުން އަލްޔާ ހައިރާންވިއެވެ. އެއީ ދިގުއިސްކޮޅެއްގެ ވެރިއެކެވެ. އަލްޔާ ކުރުކަމުން މާކިންގެ ކޮނޑާ ހަމައަށް އަރަނީ ކިރިޔާއެވެ. ފަން އިސްތަށިގަނޑު ވަނީ ރީތިވަރަކަށް ދިގުކޮށްފައެވެ.  މަޑުޗޮކުލެޓް ކުލައިގެ ކަޅިއެއް ލިބިފައިވާ އެދެލޮލުގައި ދަގަތްފާނީ ބާރެއްވާ ކަހަލައެވެ. ބަލާލާ ކޮންމެ މީހަކުވެސް އެތޫނު ލޮލުގެ ޖާދޫގައި ޖެހޭނެއެވެ. އަޅިކުލައިގެ ޓީޝާތަކާއި ކަޅު ޖިންސެއްލާފައިވާއިރު މާކިން ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

“މަންމަ އަހަރެން ގެއަށް އައީ ދަންވަރުކަން އިނގިއްޖެޔާ ވަރަށް ރުޅިއަންނާނެ. އެހެންވެ ސިއްރުން މިވަނީ” އަލްޔާ ހިތުގައިވީ އެއްޗެއް އެނގުނުފަދައިން މާކިން ޖަވާބުދިނެވެ. “ހައި.  ތީއީދޯ މަންމަ މިއަދު އަންނާނޭ ބުނި ކަޒިން ކުއްޖަކީ؟ ޔޫ ލުކް ސޯ ކިއުޓް” ހިނިތުންވެލުމަށްފަހު އަލްޔާގެ ދެކޮލުގައި ހިފާލަމުން އޭނާ ބުނެލިއެވެ. އަލްޔާވެސް ޖަވާބު ދިނުމުގެގޮތުން ބޯ ޖަހާލިއެވެ. “ސޮރީ. އަޅުގަނޑު ހީކުރީ ވަގެއް ވަނީކަމަށް.”  ކުށްވެރިއަކުފަދައިން އަލްޔާ އިސްޖަހާލިއެވެ. “އިޓްސް އޯކޭ. ބަޓް ޑޯންޓް ޓެލް މައި މަމް ދެޓް ޔޫސޯމީ ޓުނައިޓް” ހިނިތުން ވުމެއް ހަދިޔާކޮށްލުމަށްފަހު މާކިން އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. “ބައިދަވޭ ކޮން ނަމެއް ކިޔަނީ؟” ވަކި ހިސާބަކަށް ގޮސް ކަމެއް ހަނދާންވާފަދަ ގޮތަކަށް މަޑުކޮށްލުމަށްފަހު ފަހަތަށް އެނބުރިލައިފައި މާކިން އަހާލިއެވެ.

“އަލްޔާ” ގައިންފައިވާ ލަދުގެ ސަބަބުން އިތުރަށް އިސް ތިރިކޮށްލަމުން އަލްޔާ ބުނެލިއެވެ.

***

މާކިން ކޮޓަރިއަށް ވަނުމަމަށްފަހު ދޮރާއި ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. “އަލްޔާ…”. ދެންމެ ދިމާވި  ލޯބިލޯބި އަންހެންކުއްޖާގެ ނަން މާކިން މަޑުމަޑުން ކިޔާލިއެވެ. އަދި ހިނިތުންވުމެއް އެމޫނު މަތިން ފެނިގެން ދިޔައެވެ. ގެއަށް އިތުރު މީހަކު އައުމުން މާކިން އުފާވިއެވެ. މިއައި ކުއްޖާގެ ސަބަބުން ގޭތެރޭގައި އަބަދުވެސް އޮންނަ ފަޅުކަން ފިލާނެކަމަށް އޭނާ ދެކުނެވެ.

އިރުކޮޅަކު ހުރެލުމަށްފަހު އަލްޔާވެސް ކޮޓަރިއަށް ވަނެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

***

ހެނދުނުގެ ވަގުތެވެ. މިސްޓީކްގެ ކާމޭޒުމަތީގައި ހިމޭން ކަމާއެކު އަލްޔާއާއި ބޮޑުދައިތަ ހެނދުނުގެ ސައިބޮމުން ދިޔައެވެ. މަލީހާ ފޯނާއި ކުޅެމުން ސައިބޮމުން ދިޔައިރު ކައިރީގައި އެހެން މީހަކު ހުރިހެންވެސް އޭނާއަށް ހީނުވެއެވެ. އިރުއިރުކޮޅާއި އޭނާގެ ފޯނަށް އަންނަ ފޯނުކޯލުތައް ނެގުމުގައި އަވަދިނެތި އުޅުނެވެ. މުޅި ކާގެތެރެއަށް ވެރިވެފައިވާ ހިމޭންކަން ނަގާލީ ކާގެއަށް ވަދެކެން އައި މާކިންގެ އަޑުންނެވެ. “ހެލޯ މަމް!” ގަމީހުގެ އަތްކުރި އޮޅަމުން އައި މާކިންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. “ދަރިފުޅާ އަވަހަށް އާދޭ ސައިބޯން.” ހިނިތުން ވެލުމާއެކު އޭނާގެ ދަރިފުޅާ މުހާތަބުކޮށް މަލީހާ ބުނެލިއެވެ. ” މަންމަ ބުނީމެއްނު ހާދާލު އަތޮޅުގައި މަންމަގެ ބޭބެއަކު ހުންނާނޭ. މީ އޭނަގެ އަންހެން ދަރިފުޅު އަލްޔާ” މަލީހާ މާކިންއަށް އަލްޔާ ތައާރަފްކޮށްދިނެވެ.  ކުޑަވަގުތުކޮޅަކަށް ނަމަވެސް މަލީހާގެ އޭނާގެ އަތުން ފޯނު ބާއްވާލިއެވެ. އެހެންނަމަވެސް މާކިން ހަމަ ސައިބޯން އިށީންތަނާހެން  އޮފީހަށް ދާ ގަޑިޖެހިގެން މަލީހާ ތެދުވިއެވެ.

މާކިންއަށް މީ އާކަމެއް ނޫނެވެ. އޭނާގެ މަންމަ މަލީހާއަކީ ބިޒީ އަންހެނެކެވެ. އޮފީހުގެ މަސައްކަތާއި މީޓިން ތަކުގެ އިތުރުން އޭނާ ދެން ލިބޭ ވަގުތު ހޭދަކުރަނީ ރަހުމަތްތެރިންގެ ގޮތުގައި ގެންގުޅޭ ވިޔަފާރިވެރިންނާއެކު ކޮފީތަކާއި އެއްވުންތަކުގައެވެ. އެއްވެސް ވަގުތެއް މަލީހާ ހުސްކޮށް ދުއްވާނުލައެވެ. މާކިން އެންމެ ކުޑައިރުއްސުރެ އޭނާ ބަލަމުން ދިޔައީ ގޭގައި ގެންގުޅޭ މަސައްކަތު މީހާއެވެ. އޭނާގެ މައިންބަފައިންނަކީ ބިޒީކަމުން އެއްވެސް ވަގުތެއް އޭނާއާއެކީ ހޭދަކުރެވޭ ބައެއް ނޫނެވެ. ބައްޕަ އުޅޭނީ އަބަދުވެސް ކޮމްޕެނީގެ ކަމެއްގައި ވިޔަފާރި ދަތުރަކު ގޮހެވެ. މަންމަވެސް ޕްރައިވެޓް އޮފީހެއްގައި މަސައްކަތް ކުރަމުންދާއިރު ގޭގައި މަޑުކޮށްލާނެ ވަގުތެއް ނުވެއެވެ. މީޓިން ތަކާއި އެއްވުންތަކުން ޝެޑިއުލް އޮންނާނީ އަބަދުވެސް ފުރިފައެވެ. އެމީހުންގެ ޝެޑިއުލްގައި މާކިންއެއް ނުހިމެނޭނެއެވެ.

“ޝީ އިސް ދަ ބިޒިއެސްޓް ހިއުމަން އެވާ. ސޯ މާލެ ކިހިނެއް؟ ވަރަށް ފޫހިދޯ މިކޮޅު. ”

ސައިބޯން އެކަނިވެފައި އިން އަލްޔާއާއި މާކިން ވާހަކަ ދެއްކިއެވެ. މިގޭގެ އެހެންމީހުންނާއި ހިލާފަށް މާކިން އަކީ މަޖާމިޒާޖެއްގެ ކުއްޖެކެވެ. އެކުވެރި އެންމެންނާއި ގުޅޭ ކުއްޖެކެވެ. އެފަދަ މިޒާޖެއްގެ މީހަކު މިގޭގައި އުޅެނީ ނަސީބޭ އަލްޔާގެ ހިތަށް އެރިއެވެ. އެހެން ނޫން ނަމަ އޭނާ ފޫހިން މޮޔަވެސް ވެދާނެއެވެ. ސައިބޮއެ ނިމުމަށްފަހު ކުޑަވަގުތު ކޮޅަކު ވާހަކަ ދައްކަން މަޑުކޮށްލުމަށްފަހު މާކިން އޭނާގެ ކޮޓަރިއަށް ވަނެވެ. އަލްޔާ އުޅުނީ ސަކީނާއާއެކު ތަށިތައް ނެގުމުގައި އުޅުނެވެ. ރަށުގައި އުޅުނުއިރުވެސް މަންމައާއެކު ބަދިގެތެރޭ މަސައްކަތުގައި އެހީވާން އުޅުމުން އަލްޔާގެ އެއާދަ ވަނީ ހަރުލާފައެވެ.

***

ހަފްތާއެއް ވެގެން ދިޔައިރު ބޮޑުދައިތަގެ ފަރާތުން އޭނާ ސްކޫލަށް ލުމާބެހޭ އެއްވެސް ހަބަރެއް ނުލިބެއެވެ. ސްކޫލަށް ލުމުގެ ހުރިހާ ކަމެއް ބޮޑުދައިތަ ނިންމާނެ ކަމަށް އަލްޔާގެ ބައްޕަ ގާތު ބޮޑުދައިތަވަނީ ބުނެފައެވެ. ސްކޫލް ފެށެން އަދި ކުޑަ ދުވަސްކޮޅެއް އޮތުމުން އަލްޔާވެސް އެކަމަކާއި މާބޮޑަށް އަޅައެއް ނުލައެވެ. ބޮޑުދައިތަ ފެންނަލެއް މަދުކަމުން އަލްޔާއަށް ރަނގަޅަށް ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބެއެވެ.

މިވޭތުވެދިޔަ ހަފްތާގެ ތެރޭގައި އޭނާ ވަނީ މާހައުލަށް ހޭނިފައެވެ. ގޭގައި މީހުން އުޅޭލެއް މަދުވެގެން އޭނާ މިހާރު އެކަންޏެއް ނުވެއެވެ.  ހީ ސަމާސާކޮށް އުޅުނު އެކުވެރިން ނެތް ނަމަވެސް ފޫއްސެއް ނުވެއެވެ. އޭނާ ގިނަވަގުތު ހޭދަކުރަނީ ގޭގައިވާ މާބަގީޗާގައެވެ.  މާގަސްތަކަށް ފެންދީ، ހިކިފައިވާ ފަތްތައް ނެއްޓުމާއި އެގަސްތައް ބެލެހެއްޓުމުގައެވެ. ގަހުގައި އެކި ކުލަކުލައިގެ މާތައް އަޅާފައިވާއިރާއި ކޮކާތައް އެގަސްތަކުގެ މަތީގައި އުދުހޭ މަންޒަރު ފެނުމުން އޭނާގެ ހިތަށް ހިތްހަމަޖެހުމާއި އުފާލިބެއެވެ.  އަދި މާކިންވެސް ގޭގައި އުޅޭ ގިނަވަގުތު އުޅެނީ އަލްޔާއާއި ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުމުގައެވެ. މާކިންއާއި އަލްޔާއަކީ އެއްފުރާ ދެކުދިން ކަމުން އިސާހިތަކު އެދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވިއެވެ.

އާދައިގެ މަތިން އަލްޔާ އިނީ ގަސްތަކަށް ފެންދޭށެވެ. އޭނާ އިނީ ހުދާއި ކަޅު ރޮނގުތަކެއް ދަމާފައިވާ ދޫ އަތްދިގުޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ވަނީ އޮޅާލައި ބޮލު މެދަށް ހުޅިއެއް ޖަހާލާފައެވެ. ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތަށް ގެއްލިފައި އިންދާ އޭނާގެ ޖީބުގައިވާ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއެކު އުފަލުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“މަންމާ ކިހިނެއްތަ؟  މަންމަ އަލްޔާއަށް ގުޅާނެ އިރެއްގެ އިންތިޒާރުގަ މިހުންނަނީ. ބައްޕައާއި ދޮންބެވެސް ރަނގަޅުތަ؟” މަންމަގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން އެދެލޯ ފެންކަޅިވިއެވެ.

“އިރާދާ ކުރެއްވިއްޔާ ގޭއެންމެންވެސް ވަރަށް ރަނގަޅު. ބައްޕަވެސް ބަލިވެ އުޅެފަ މިހާރު ރަނގަޅު.  ދަރިފުޅާ ހާލު ރަނގަޅުދޯ.” އެކޮޅުން އޭނާގެ މަންމަ ވާހަކަ ދެއްކިއެވެ.

އާނ. ވަރަށް ރަނގަޅު. ނުޒޫއާއި ރާޔާއާއި ދިމާވެއްޖެޔާ އަލްޔާގެ ސަލާމް ބުނެދެއްޗޭ. ވަރަށް ހަނދާންވޭ އެންމެން މަތިން.”

“މަންމަވެސް ދަރިފުޅު ނެތީމާ ވަރަށް ހަނދާންވޭ. ގޭތެރޭގައި ދަރިފުޅުގެ އަޑެއް ނީވޭތީ މިޙާރު ވަރަށް ފަޅުވެއްޖެ. ނުޒޫއާއި ރާޔާވެސް މަންމައާއި އިއްޔެ ދިމާވި އިރު ދަރިފުޅުގެ ވާހަކަ އެހި.. ސްކޫލް ފެށުނީމަ ރަނގަޅަށް ކިޔަވާތި އިނގޭ.  ބައްޕަ އެބަހުރި ދަރިފުޅާ ވާހަކަ ދައްކާލާ ހިތުން. ބައްޕަ އަތަށް އެބަ ފޯނު ދެން.” ދެން އިވުނީ އަލްޔާގެ ބައްޕަގެ އަޑެވެ.

“ދަރިފުޅާ އަލްޔާ. ގޭގެ މީހުން ދަރިފުޅަށް ރަނގަޅުތަ؟ ބައްޕަ ބަލިވެ އުޅުނީމަ ދަރިފުޅު ލާން ނުދެވުމުން ބައްޕަ ވަރަށް ދެރަވި. ވަރަށް އަވަހަށް ދަރިފުޅު ދެކިލަން ދާނަން. މަލީހާ ދައްތަގެ ބަސްއަހައިގެން އުޅޭތި އިނގޭ. ގޭގެ އެންމެންނަށް ވަރަށް ގަދަޔަށް ސަލާމް. ”

ފޯނު ކަނޑާލިތަނާހެން ގޭގައި ބެލް އަޅާލި އަޑުއިވުމާއެކު ގޭޓު ހުޅުވަން އަލްޔާ އަވަސް އަވަހަށް ދިޔައެވެ. ގެއަށް އައީ ބައްޕަނޫންކަން އެނގުން ނަމަވެސް ގޭޓް ކައިރިއަށް ދުވެފައި އޭނާއަށް ދެވުނީ ބޭއިޚްތިޔާރާއެކުގައެވެ. އޭނާގެ ލޯބިވާ ބައްޕަ އޭނާ ދެކިލުމަށް އަންނާނެ ވާހަކަ ބުނުމުން އެއީ ބައްޕައަށް ވެދާނެކަމަށް އުއްމީދުކުރަމުންނެވެ. އުފަލާއެކު ގޮސް ގޭޓު ހުޅުވާލި ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

Next

ނޭނގި ވެވުނީ ލޯތްބޭ- 25& 26

Next
August 19, 2020

ނޭނގި ވެވުނީ ލޯތްބޭ- 25& 26

Previews
August 19, 2020

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

One Comment

  1. Starlight vixx says:
    August 19, 2020 at 5:33 pm

    ???me first tha anyways varah reethi mi part ves curiously waiting for the next part

Comments are closed.

Next Episodeއަލްވަދާޢު-4←


All Right Reserved!