(ދެވަނަ ބައި)
“މަންމާ…….!” ކާރު ދުއްވާލުމާއެކު އަލްޔާއަށް ބިރުން ހަޅޭލަވައިގަނެވުނެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން އަވަސްވެ ނޭވާހާސްވާގޮތްއެވެ. އަދި އެމައުސޫމު އަންހެންކުއްޖާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ބަންދުކޮށް ހުންނަ ތަންތަންދެކެ އޭނާ ކުޑައިރުއްސުރެ ބިރުގަނެއެވެ. އަލްޔާ ހާސްވެގެން އުޅެންފެށުމުން ޑްރައިވަރު ކާރުގެ ކުޑަދޮރު ތިރިކޮށްލަދިނެވެ. ފަހަތުސީޓުގައި އަލްޔާ ހުރިއިރު އޭނާގެ ކުޑަކުޑަ އަތްތިލަވަނީ އޭނާގެ ބޭބެގެ އަތުގައި ބާރަށް ހިފަހައްޓައިލައިފައެވެ. ހުޅުވާލެވިފައިވާ ކޮޑަދޮރުން ބޭރު ފެންނަން ފެށުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހަމައަކަށް އެޅުނެވެ.
ފަނަރަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ދީފައިވާ އެޑްރެހަށް ކާރު މަޑުކޮށްލިއެވެ. ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ފޮށިތައް ހިފައިގެން ދެބެންވެސް “މިސްޓީކް”ގެ ގޭޓް ކައިރީ ހުއްޓިލިއެވެ. ބޭރުން ފެންނައިރު މިގެޔަކީ ހިސާބުގަނޑުގެ އެހެން ގެތަކާއި އަޅާބަލާއިރު ބޮޑުގެއެކެވެ. އަދި ގޭގައި ކާރު ޕާކު ކުރުމަށް ވަކިން ގަރާޖެއް ހަދާފައިވެއެވެ. އަލްޔާމެނަށް މިއާދެވުނީ ރަނގަޅު ގެޔަކަށްބާއެވެ. “މިސްޓީކް” މިހެން ބޮޑު އަކުރުން ނަންބޯޑުގައި ޖަހާފައި ހުރުމުން މީ ބޮޑުދައިތަ ދީފައިވާ އެޑްރެސްކަން އޭނާއަށް ޔަގީންވިއެވެ. ބެލް އެޅުމަށްފަހު މީހެއްގެ އިންތިޒާރުގައި ދެކުދިން ކަޅުކުލައިގެ ބޮޑު ގޭޓު ކުރިމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. އިރުކޮޅަކުން މެދު އުމުރުގެ އަންހެނަކު އައިސް ދޮރުހުޅުވާލިއެވެ. “ބޮޑު ދައިތާ!” ހިނތުންވެލުމާއެކު އަލްޔާ ބޮޑުދައިތަޔަށް ގޮވައިލިއެވެ. “މެޑަމް އެބައިންނެވި އެތެރޭގައި އިންތިޒާރުގައި” ކުޑަކޮށް ހީލުމަށްފަހު އެ އަންހެންމީހާ އަލްޔާއަށް ބުނެލިއެވެ. ހަޔާތުގައިވެސް ބައްޕަ ފަރާތު ބޮޑުދައިތައާއި ބައްދަލުވެފައި ނެތުމުން ގޭގައި ގެންގުޅޭ މީހާ ނިކުތުމުން އަލްޔާ ހީކުރީ އެއީ ބޮޑުދައިތަ ކަމަށެވެ. ކުރެވުނު ކަންތައް އިހްސާސްވުމުން ލަދުން މޫނުގައި އަތް އެޅުނެވެ.
ވުޑް އެޕަލް ގޭޓުން ވަދެގެން ދާ މަގުގެ ދެފަރާތް ވަނީ މާގަސްތަކުން ޒީނަތްތެރިކޮށްފައެވެ. އެކި ކުލަ ކުލައިގެ މަލިކުރުވަ މާގަސްތަކާއި ފިނިފެން މަލެވެ. ޑެއިޒީ މަލާއި އޯކިޑްމާ ގަސްތަކެވެ. މުޅި ގޯތިތެރެ ފެންނަނީ މާ ބަގީޗާއެއް ހެންނެވެ. “ހަސަންގެ ދެކުދިންނަކީ މިއީދޯ. އަވަހަށް އާދޭ އެތެރެއަށް” ވަރަށް ހެވިފައި ދޮރުމަތީގައި ބޮޑުދައިތަ މަލީހާ ހުއްޓެވެ. ކަކުލާ ހަމަޔަށް ނާރާ އަތްދިގު ރަތް ޓޮޕަކާއި ނޫ ޖިންސެއް ލައިގެން ކުރިމަތީ މިހުރި އަންހެންމީހާއަކީ ހަމަ ބޮޑުދައިތަބާއޭ އަލްޔާގެ ހިތަށް އެރިއެވެ. ކޮނޑާ ހަމަޔަށް އަރާ އިސްތަށިގަނޑުގައިވަނީ ރަން ކުލަޖައްސާފައެވެ. ދެ އަތުގައިވަނީ ތަނޑިއަޅާ ފުރާފައެވެ. ބައްޕަޔަށް ވުރެ ތިން އަހަރު ހަގުވާނޭ ބައްޕަ ބުނުމުން އޭނާ ހީކުރީ ބޮދުދައިތަ ހުންނާނީ ދިގުހެދުންލައި ބުރުގާވެސް އަޅައިފައި ކަމަށެވެ. ބޭބެ އަލްޔާގެ ފޮށިތައް ހިފައިގެން ބޮޑުދައިތަ ފަހަތުން ހިނގައިގަތެވެ. އަލްޔާއަށް ގޭތެރެއަށް ނަޒަރު ހިންގާލެވުނީ ދެނެވެ.
ޖާގަ ތަނަވަސް ސިޓިންގ ރޫމެކެވެ. މުޅި ގޭތެރޭގައި މާބަލްސް ޓައިލް ޖަހައިފާވާއިރު ސިޓިންގ ރޫމް ސީލިންގް މެދުގައި ހުދުކުލައިގެ ބޮޑު ޗާންދަލިއާއެއް ހަރުކޮށްފައިވެއެވެ. އަދި ނޭވީ ބްލޫ ކުލައިން ދޮރުފޮތިތައް ހަރުކޮށްފައިވާއިރު ސޯފާސެޓްވެސް ހޯދާފައިވަނީ ނޭވީ ބްލޫ ކުލައިންނެވެ. ބޮޑުދައިތަޔަށް އެންމެ ކަމުދާ ކުލައަކީ ނޭވީ ބްލޫ ކުލަ ކަންނޭނގެއެވެ. ފަސްދޮޅަސް ދެއިންޗީގެ ބޮޑު ޓީވީއެއް ބައިންދާފައިވާ ބޮޑު ރެކުގައި ތަށިތަކާއި ޓްރޮފީތަކުން ވަތްގަނޑުތައް ވަނީ ފުރާލާފައެވެ. އެއްފަރާތުން ކޮޓަރި ބަރިއަށް ދެވޭ މަގެއް ފެންނަން އޮތެވެ. އެމަގުގެ އެންމެ އެކޮޅުން ފެންނަމުންދިޔައީ ބެލްކަންޏެކެވެ. އަދި އަނެއް ފަރާތުން ވަދެވެން އޮތީ ބަދިގެޔާއި ކާބަޔަށެވެ. މީހުން މަދު މިގޭގައި ކޮޓަރިތައް ގިނަކަމުން އޭނާ ހައިރާންވިއެވެ. އޭނާއަށް ބައްޕަ ކިޔައިދީފައިވާ ގޮތުން މިގޭގައި އުޅެނީ މަސައްކަތުމީހާއާއި ބޮޑުދައިތަގެ ދެމަފިރިންގެ އިތުރުން އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ވަށައިގެން ބަލަމުން މަޑުމަޑުން ކޮޓަރިބަރި ހުރި މަގުން ބޭބެއާއި ބޮޑުދައިތަ ކައިރިއަށް އަލްޔާ ގޮސް ހުއްޓުނެވެ. “މީނީ އަލްޔާ ހުންނަ ކޮޓަރި. ފޮށިތައް ބަހައްޓާފައި ދޭ ކާން . ސަކީނާ ކާން ހަދާދޭނެ. އަލީ ވާނީ ކައިގެން ދާން. ދައްތަ މިދަނީ މިރޭ އޮންނަ ވަރަށް މުހިންމު މީޓިންގ އަކަށް. އަލްޔާ ކައިގެން ކޮޓަރިއަށް އަރާމު ކޮށްލަންދޭ އިނގޭ. ” ބެލްކަންޏާއި އެންމެ ކައިރިއަށް ހުންނަ ކޮޓަރިއަށް ބޮޑުދައިތަ އިޝާރާތް ކޮށްލަމުން ބުނެލިއެވެ އަދި އަވަސް އަވަހަށް ގަޑިއަށް ބަލާލުމަށްފަހު ނިކުމެގެން ދިޔައެވެ. ބޭބެ އަލްޔާގެ ފޮށްޓާއި ދަބަސް ކޮޓަރިއަށް ވައްދައިދިނެވެ. އެކޮޓަރިއަކީ އެކަކަށް އުޅެވޭނެ ގޮތަށް ހަދާފައިވާ ކުޑަ ކޮޓަރިއެކެވެ. ސިންގަލް ބެޑާއި، ކުޑަ އަލަމާރިއެއްގެ އިތުރުން ކަބަޑެއް ބަހައްޓާފައި ކޮޓަރީގައި ކުޑަ ހުސްތަންކޮޅެއް އޮވެއެވެ. ފިޔާތޮށިކުލައިގެ މާޖެހި ބެޑްޝީޓްއެއް ގޮދަޑީގައި އަޅާފައިވާއިރު ކޮޓަރީގެ ދޮރު ފޮތިތައްވެސް ވަނީ މަޑު ފިޔާތޮށިކުލަޔާއި ހުދުކުލައިންނެވެ. މީ އަންހެން ކުއްޖަކަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެއްކަން ބަލާލާ ކޮންމެ މީހަކަށް އިނގޭނެއެވެ.
ދަންވަރު ބޯޓު ފުރާތީ އަލިދޮންބެ ކުޑައިރުކޮޅަކު އަލްޔާކައިރީ މަޑުކޮށްލުމަށްފަހު ބޯޓަށް ދިޔައީއެވެ. މިއޮށް ބޮޑު ގޭގައި އަލްޔާ އިނީ އެކަނިވެފައެވެ. ބޮޑު ދައިތަގެ ފިރިމީހާ ޝާކިރުވަނީ ވިޔަފާރި ދަތުރަކު ރަށުން ބޭރަށް ގޮހެވެ. އަދި އެދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަލްޔާއަށް އަދި ލޮލަކަށް ނުފެނެއެވެ. ސަކީނާވެސް ގޭގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ނިދަން ދިޔައެވެ. ދަތުރު ވަރުބަލިވެފައިވާ އަލްޔާވެސް ނިދޭތޯ އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަނެވެ.
***
ރޭގަނޑު ދަންވަރު ބާރަޖަހާ ބޮޑުވެއްޖެއެވެ. ނަމަވެސް އަލްޔާގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. މާހައުލު ބަދަލުވުމުން އެނާއަށް ނިދުމަށް ވަނީ އުނދަގޫވެފައެވެ. މިގެޔަށް އައި ފުރަތަމަ ދުވަހުވެސް އަލްޔާއަށް އިހުސާސްވީ ނުދަންނަ ދުރުހިލޭ ބައެއް ކައިރިއަށް އާދެވުނު ފަދައިންނެވެ. ތިމާގެކަމުގެ ގުޅުން ނަމެއްގައި އޮތް ނަމަވެސް އޭނާއަށް ބޮޑުދައިތައެއް ހުންނަކަންވެސް މި އިނގުނީ އިހަކަށް ދުވަހެވެ. ނިދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އަލްޔާ ކޮޓަރިން ބޭރަށް ނިކުތެވެ. އަދި ގޭތެރެއިން މީހެއްގެ ހިލަމެއް ވޭތޯ ބަލާލިއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ ކަށްވަޅު ފަދަ ހިމޭން ކަމެކެވެ. ސިޓިންގ ރޫމްގައިވެސް ވަނީ ފަނޑު އަލިކަމެކެވެ. ދެން އަލްޔާ ނިކުތީ ކޮޓަރިއާއި ޖެހިގެން ބޭރަށް އިންނަ ބެލްކަންޏަށެވެ. ބޭރުން ޖެހޭ ތާޒާ ވައިގެ ސަބަބުން އަލްޔާގެ ނުތަނަވަސް ވެފައިވާ ހިތަށް ކުޑަ ލުޔެއް ލިބުނެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން އޭނާ ލޯމަރާލީ ރަށުގައި އުޅުނުއިރުގެ ފޮނި ހިޔާލުތަކަށް ގެއްލެމުންނެވެ.
ކައިރިން އިވުނު އަޑާއެކު ސިއްސައިގެން ގޮސް އަލްޔާއަށް ލޯ ހުޅުވާލެވުނެވެ. އޭރު ގޭގެ ފުރަގަހުން މީހަކު ވަދެ ބެލްކަނިން އަރަނީއެވެ. މިއޮށް ދަންވަރު ގޭގެ ފުރަގަހުން ގެޔަށް ވަންނަން އުޅޭނީ ވަގެއްކަން ކަށަވަރެވެ. އަލްޔާމެން ރަށުގައި މީ އާންމު ކަމެއް ނޫނަސް މާލޭގައި ވަގުންގެ މައްސަލަ ވަރަށް ބޮޑުކަން ޚަބަރުތަކުން އޭނާއަށްވަނީ އަޑު އިވިފައެވެ. ބިރުން ގުޑިލަންވެސް ނުކެރި ގަނޑުވެފައި އޭނާއަށް ހުރެވުނީއެވެ. އެމީހަކު ބެލްކަނިން އެރުމަށްފަހު އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އަލްޔާއަށް ހޭވެރިކަންވީ ދެނެވެ. އެމީހަކު ހުރީ ބޮލުގައި ތޮތްޕެއް އަޅައިގެންކަމުން އެމީހާގެ މޫނެއް ރަނގަޅަކަށް ނުފެނުނެވެ. އަދި އެއީ ކާކުތޯ ސުވާލުކޮށް ހޯދާވަރަށް ވުރެ އޭނާ ހުރީ ބިރުގައިންފައެވެ. އަލްޔާ ދެން ދުއްވައިގަތަސް އެމީހާގެ އަތުގައި ނުޖެހި ސަލާމަތް ނުވާނެއެވެ. އޭނާ ބޭނުންވީ ގޭގައި ނިދާފައިވާ މީހެއްނަމަ ހޭލައްވާ އެތަނަށް ގެނައުމަށެވެ. ބެލްކަންޏަށް ވަންނަން އިންނަ ދޮރު ހުޅުވާފައިވުމުން ފަސޭހަކަމާއެކު ގޭތެރެއަށް އަޑު ފޯރާނެއެވެ. އެހެންކަމުން ގައިގައި ހުރިބާރެއް ލައިފައި ތޫލި އަޑަކުން އޭނާ ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް އަޑު ބޭރުވުމުގެ ކުރިން އެމީހާ އަލްޔާގެ އަނގަމަތީގައި އަތް އެޅިއެވެ.
އަލްޔާ ގަދަހަދަމުން ދިޔައީ އެމީހެއް ކައިރިން ސަލާމަތް ވުމަށެވެ. ފުރަގަހުން އަލްޔާގެ އަނގަމަތީގައި އެމީހާގެ އެއް އަތް އަޅާފައިވާއިރު އަނެއް އަތުން އަލްޔާގެ ދެއަތްވަނީ ހިފަހައްޓާލާފައެވެ. ސަލާމަތް ވެވޭތޯ ކިތަންމެ ގަދަ ހަދަމުން ދިޔަ ނަމަވެސް، ހިފަހައްޓައިގެން ހުރި މީހާގެ ބާރުގަދަ އަތުތެރޭގައި އޭނާއަށް ގަދައެއް ނުދެއްކުނެވެ. “ޝްޝްޝް! ކާމް ޑައުން. އައެމް މާކިން…. ” ބަރު ފިރިހެންވަންތަ އަޑަކުން އަލްޔާގެ ކަންފަތްދޮށުގައި މަޑުމަޑުން ބުންޔެވެ. “މާކިން؟” އަލްޔާއަށް މީ ކުރިން އިވިފައިވާ ނަމެއްހެން ހީވެއެވެ. އެހެންނަމަވެސް މާލެއައި ފުރަތަމަ ދުވަހު މިނަން ކިޔާ މީހެއް އޭނާ ދަންނަންވީ ކީއްވެހެއްޔެވެ؟ އަލްޔާމެންގެ ރަށުގައިވެސް މިނަން ކިޔާ މީހެއް އުޅޭކަމެއް އޭނާއަށް އިނގިފައެއް ނުވެއެވެ. ދެން މި ނަން އޭނާއަށް އިނގެންވީ ކީއްވެ ހެއްޔެވެ؟
ސިކުނޑިއަށް ބާރުލާފައި އަލްޔާ ވިސްނަމުން ދިޔައީ އެނަން އަލްޔާގެ ކަންފަތަށް އިވުނު ގޮތަކާއި މެދުއެވެ. ކުއްލިއަކަށް އަލްޔާގެ ހަނދާނަށް އައީ މިރޭ ބޮޑުދައިތަ ބުނި ބަސްތަކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vv.Reethi