” ހަމަ ވައި ޖައްސާލަން އައީ. އާލާ ކިހިނެއް؟” ރަނާ އަށް ޖަވާބު ދިންއިރު ވެސް މަނާލްގެ ލޯ ހުރީ ސީދާ އާލާގެ ސިހުރެއްފަދަ ޖާދުވީ މޫނަށެވެ. މަނާލް މާ ވަރަކަށް ބަލާތީ އާލާ ހުރީ ކުޑަކޮށް އުނދަގޫވެ ލަދު ވެސް ގަނެފައެވެ. އާލާއަށް ރަނގަޅަށް ޖަވާބު ނުދެވިގެން އުޅެނިކޮށް، ރަނާ މި އަންނަނީ އޭ ބުނެފައި ޓެރެސްއިން ފައިބައިގެން ދިޔައީ އޭނާގެ މަންމަގެ ފޯނެއް އައިސްގެންނެވެ. ލިބުނު ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފުމަށްޓަކައި މަނާލް އާލާއާ ކުޑަކޮށް ގާތްވެލިއެވެ. މަނާލްގެ މި ހަރަކާތުގެ ސަބަބުން އާލާ ވަރަށް ހާސްވިއެވެ. ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ އެ ގެއަށް ދިޔަ ފުރަތަމަ ދުވަހު އޭނާއަށް ފެނުނު ހުވަފެނެވެ.

ދުވަހުގެ ހިތްފަސޭހަ ހަވީރެވެ. ނަޢީމާ އާއި ލައިލާ ތިބީ ރެސްޓޯރެންޓެއްގެ ތެރޭގައެވެ. ހަވީރުގެ ސަޔަށް އިންސާފު ކުރެވެމުން ދާއިރު ދެކެވެމުން ދަނީ ނާއިލްގެ ވާހަކައެވެ. ނާއިލް އަކީ ރީތި ޒުވާނެއްކަމާ އަތުއަޅުވާލާ މަޅިއެއްގައި ބައްދާލުމަށް ލައިލާ ކައިރިގައި ނަޢީމާ ބުނަމުންދިޔައެވެ. ލައިލާއަކީ މާލޭގެ ނަން މަޝްހޫރު ގޭންގަކާ ވަރަށް ބޮޑަށް ގުޅުން އޮންނަ މީހަކަށްވާތީ ލައިލާއަށް އެއީ މާބޮޑު ކަމަކަށް ނުވާނެއެވެ. އެހެންކަމުން އޭނާ އެ ކަމަށް ހަމަ ވަގުތުން އެއްބަސްވީ ދުވަސްވީ ރަޙުމަތްތެރިޔާ ނައީމާގެ އަތުން އެންމެ ލޯ ލާރިއެއް ވެސް ނުނަގާނެ ކަމަށް ބުނެފައެވެ. ނަޢީމާ ގެއަށް ވަންއިރު ގޭގެ ސިޓިންރޫމްގައި ޚިޔާލަކަށް ގެއްލިފައި ހަސަން އިނެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ، ނަޢީމާ ސުވާލުކުރިއެވެ. ހަސަނު ކަމެއްނުވާ ކަމަށް ބުނެ ކޮޓަރި އަށް ދިޔައީ އިތުރަށް ނަޢީމާ ކުރި މަތީ ހުންނަން ބޭނުން ނުވުމުން ނެވެ. ނަޢީމާގެ ހިތުގައި ރިއްސާލިއެވެ. ހަސަނަކީ ދުވަހަކުވެސް އެ ގޮތަށް ވާހަކަ ދެއްކި މީހަކަށް ނުވާތީ ނަޢީމާ ހުރީ މި ވަނީ ކީއްކަން ނޭނގިފައެވެ.

……………………………………………………………..

އާލާ އާއި މަނާލް ޓެރެސް އިނަ ފައިބައިގެން ބަދިގެއާ ދިމާލަށް އަންނަތަން ބަލަން ހުރި ސަކީނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. މިކަހަލަ މަންޒަރެއް ފެންނާނެ ދުވަހަކަށް ސަކީނާ ހުންނަނީ ބަލަބަލަ އެވެ. މަނާލްގެ މޫނުމަތިން ފެނަންމުންދިޔަ ހިނިތުންވުން ސަކީނާ ވަރަށް ރަނގަޅަށް ބެއްޔެވެ. މަނާލް އާލާއާ ދިމާއަށް ބަލާލާ ބަލާލުމުން ވެސް ކޮންމެސް މާނައެއް އޭގައި ވާކަން ދުވަސްވީ ހަސީނާގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ. މަނާލް އައިސް އިށީނީ ހަސީނާ އެހެން ޙިޔާލުތަކުގައި ހުއްޓައެވެ.

“މަންމާ ކޮންފިކުރެއްގަ؟” މަނާލް މިހެން ބުނުމުން ހަސީނާ ބޯހޫރުވުމުށް ފަހު ކަމަކާ ނޫނޭ ބުނެލީ ހިނިތުންވެ ހުރެއެވެ. އާލާ ގޮސް ގޭގައި ގެންގުޅޭ ބޭރުމީހާއާ އަށް ހެނދުނުގެ ސައި ތައަޔާރު ކުރުމަށް އެހީތެރިވެދިނެވެ. ރަނާ އައިސް ބަދިގެއަށް ވަނީ ވެސް އާލާ ނިކަން ހަލުވިކަމާ އެކު މަސައްކަތުގައި ހުއަޓައެވެ. ” ހޯދާ ހޯދާ ވަރުބަލިވެއްޖެ!” ރަނާ ހުރީ ވަރަށް ވަރުބަލިވެފައިކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭހާ ވެއެވެ. މަސަތްކަތުގައި ހުރި އާލާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. ރަނާ ބުނި އެއްޗެއްގެ އަޑު ނުވެސް އިވޭ ކަހަލަ އެވެ. ޝައްކުގެ ނަޒަރަކުން ރަނާ އާލާއާ ދިމާއަށް ބަލާލިއެވެ.

……………………………………………..

ރޭގަނޑުގެ އިރާކޮޅުގެ ވަގުތެވެ. ނާއިލް ހިނގަމުން ދިޔައީ ގެއަށް ދިޔުމަށްޓަކައެވެ. ހިސާބަކަށް ދިޔަތަނާ ޒުވާން ރީތި އަންހެން ކުއްޖަކު ނާއިލްގެ ނަމުން ގޮވާލި އަޑުއިވުނެވެ. ފަސް އެނބުރި ބަލާލީ ދަންނަ މީހަކަށް ވެދާނެކަމަށެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރީ ދުވަހަކުވެސް ފެނިފައި ނުވާ ކުއްޖެކެވެ. އެ ކުއްޖާ އަށް ނާއިލް ގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ސުވާލުތަކަކުން ނާއިލް ހުރީ ގަބުވެފައެވެ.

“ލައިލާ ” އެ ކުއްޖާ ނަންބުނުމަށް ފަހު ސަލާމަށް އަތް ދިއްކޮށްލީ ހިނިތުން ވުމާ އެކުއެވެ. ނުތަނަވަސް ވެފައިވާ ހިތަކާއެކު ނާއިލް ލައިލާގެ އަތުގައި ހިފީ އޭނާގެ ނަން އެނގުނު ގޮތެއް އަހަމުންނެވެ. އެއީ މި ޒަމާނުގައި އެހާ އުނދަގޫ ކަމެއް ނޫން ކަމަށް ބުނެލީރުވެސް ލައިލާގެ އެ މޫނުމަތިން ހިނިތުންވުން ފިލާނުދެއެވެ. ދެ މީހުން ހިނގަމުން ދިޔައީ ނާއިލްގެ ގެއާ ދިމާލަށެވެ. އެ ކުޑަކުޑަ ވަގުތު ކޮޅުގައި ވެސް ދެމީހުންގެ ދެމެދުގައި ވަރަށް ގާތް ރަޙުމަތްތެރިކަމެއް އުފެދުނެވެ. ލައިލާ ހުރީ ނާއިލްގެ ފުރިހަމަ ކަމުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދިގު އިސްކޮޅާއި ބައިމަތިފުޅާ ފިރިހެންވަންތަ ހަށިގަނޑުން އުފާހޯދުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. ނަޢީމާ ނާއިލްގެ ވާހަކަ ދެއްކިއިރުވެސް މިހާ ފުރިހަމަ މިހާ ރިތިވާނެ ކަމަކަށް ލައިލާގެ ހިތަށްވެސް ގެނެވިފައި ނެތެވެ. ލައިލާ ބޭނުންވީ އެރޭ ހަތަރުދަމު ނާއިލްއާ އެކީ ހޭދަކުރާށެވެ. އެހެން ނަމަވެސް އެހާ އަވަސް އަރުވާލައިގެން ފަހަރެއްގައި އޭނާގެ މަޤްޞަދު ޙާޞިލް ނުވެދާނެއޭ ހީވެ، ނާއިލް އުޅޭ ގެއާ ހަމައަށް ދެވުމުން އަދި ދިމާވާނެދޯއޭ ބުނެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

……………………………………………………………..

މިއަދަކީ ހަވޭލީގެ “ޕްރިންސެސް”، ރަނާއަށް 18 އަހަރު ފުރޭ ދުވަސް ކަމުން ހަވޭއްޔަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ޖަމާލްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު މި ވަނީ ރަސްދަރިކަނބަލަކަށް ވެސް ނުބާއްވާނޭހާ ފުރިހަމަ ޕާޓީއަކަށް ތައްޔާރުކޮށްފައެވެ. މުޅި ގޭތެރޭގައި ވަނީ އުފާވެރިކަމެވެ. ޕާޓީ ފެށުމަން ހަމަޖެހިފައިވަނީ 4 ޖަހާއިރު ކަމުން ރަނާ ތައްޔާރުވެގެން ޓެރަސްއަށް ދިޔައިރު އެ ގޭ އެންމެންނާއި ރަނާގެ ރައްޓެހިންނާއި، އާއިލާ މީހުން އެތާ ތިއްބެވެ. ރަނާ މިއަދު ހީވަނީ ހަމަދެންމެ ބިމަށް ފޭބި ޕަރީއެއްހެންނެވެ. އެ ތާޒާ މޫނުގައި ވަނީ އުފާވެރިކަމެވެ. އާލާ ވެސް ހަމަ އެފަދައެވެ. ނަލަ ހެދިލައިގެން ހުރި ހީވަނީ ހަމަ ރީތި ހުސްކޮށްގެން ހުރި ރަސްދަރިކަނބަލެއް ހެނެވެ. އާލާ ވަރަށް އުފާވެފައިހުރެ، ރަނާއަށް ދުވަހުގެ ތަހުނިޔާކީ ކުޑަވަރެއްގެ ހަދިޔާއެއް ދެމުންނެވެ. މި މަންޒަރު ބަލަން ދުރުގައި ހުރި މަނާލްއަކަށް ކެތެއްނުވިއެވެ. މަޑުމަޑުން ހިނަގަމުން އައިސް ރަނާއަށް ތަހުނިޔާ ކިޔާ ރަނާގެ ކަންފަތް ކައިރީގައި ދޮންބެއަށް ވަރަށް ޙާއްސަ ކުއްޖެއް ފެނިއްޖެކަމަށް ބުނެލީ އާލާގެ މޫނަށް ކަޅިޖަހާނުލާބަލަން ހުރެއެވެ. އެ ބަލާލުމުން އާލާ ހުރީ ރަކިވާ ގޮތް ވެފައެވެ. އެ އެންމެންގެ ތެރޭ މަނާލްގެ ބެލުންތައް އަމާޒުވާތީ ހަމަ ހަގީގަތުގައިވެސް އާލާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ.

“ދަރިފުޅާ މަނާލް. ބައްޕަ އެބަ ގޮވާލައްވާ!”، މަންމަގެ އަޑުން މަނާލް ސިއްސައިގެން ދިޔައެވެ.

“ކީއްތޯވީ ބައްޕާ؟” މަނާލް އަދަބުވެރިކަމާއެކު ސުވާލުކުރިއެވެ. ޖަމާލް އޭނާގެ ކުރިމަތީގައި ހުރި އޭނާގެ ދުވަސްވީ ރަޙުމަތްތެރިޔާ ހަސަން ދައަކާލުމަށް ފަހު މީ ބައްޕަގެ ވަރަށް ދުވަސްވީ އެކުވެރިޔެކޭ ބުނެ ހަސަނު ތައާރަފުކުރިއެވެ. ހަސަނަކީ ޖަމާލުގެ މާލެ ދަތުރުކުރާ ބޯޓެއްގައި ވެސް ކައްޕިކަން ކުރި މީހެކެވެ. އަދި ޖަމާލުގެ ރިސޯޓޫ ސަޕްލައި ދޯންޏެއް ވެސް ގިނަ ދުވަސްތަކެއްވަންދެން ދުއްވައިދީ، ޖަމާލު މިހާރު އެ ހުރި ހިސާބަށް ގެނެސްދިނުމުގައި ފަރުވާތެރިކަމާއެކު ޖަމާލަށް އެހީތެރިވި ޚާދިމެއް ވެސް މެއެވެ. ހަސަނުގެ އެއްބަނޑު އެއްބަފާ ބޭބެ މާލެ ދަތުރުކުރާ ބޯޓެއް ދުއްވަން ފަށަންދެން ވެސް ހަސަނު ހުރީ ޖަމާލުގެ ޚިދުމަތުގައެވެ. އެހެން ނަމަވެސް މަނާލްއަށް އެއިން އެއްވެސް ކަމެއް ނޭނގެނީ އޭނާ އިނގިރޭސިވިލާތާއި ރަޝިޔާގައި އެތައް ދުވަހަކު ކިޔަވަންހުރުމުންނެވެ. މަނާލް އަދަބުވެރިކަމާ އެކު ހަސަނާއި އޭނާގެ އަންހެނުން ނަޢީމާއާ ސަލާން ކުރިއެވެ.  ދުރުގައި ހުރި އާލާއަށް ކުއްލިއަކަށް ޖަމާލުގެ ކައިރީގައި ހުރި ފިރިހެން މީހާ ފެނި އާލާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެ ތަނުން އޭނާގެ ބައްޕަ ފެނިދާނެ ކަމަކަށް އާލާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. އާލާގެ ބައްޕައަށް ވެސް އާލާ ފެނުނީ ހަމަ އެ ދަނޑިވަޅުގައެވެ. ހަސަނު މަޑުމަޑުން އާލާއާ ދިމާލަށް ހިނގައިގަތެވެ. ބައްޕަގެ ކޮންމެ ފިޔަވަޅަކާ އެކު އާލާގެ ހިތުގެ ހިނގުންދިޔައީ އަވަސްވަމުންނެވެ.

” ހަސަން”، ނައީމާގެ އަޑަށް ހަސަނު ދިޔައީ ސިއްސައިގެންނެވެ. އެ އަޑުގައިވީ ނުރުހުން ހަސަނު ދެނެގަތެވެ. އަދި އެ ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެނބުރި ދިއުންކަން ހަސަނަށް ވިސްނުނެވެ. ޖަމާލްމެން ކަހަލަ ގަދަރުވެރި ބައެއްގެ ކުރިމަތީގައި އިތުރަށް ފަޟީޙަތްވާން ބޭނުން ނުވާތީއާ ވެސް އެކުގައެވެ. އަދި ހަސަނުމެން ދެމަފިރިންގެ ސަބަބުން އެ ޕާޓީއަށް ހީނަރުކަމެއް އަންނަން އޭނާ ބޭނުންނުވާތީ އެވެ. ހަސަނު ހުއްޓުމުން ނައީމާ ގޮސް ހަސަނުގެ އަތުގައި ވަރަށް ލޯބިން ހިފާލިއެވެ.

“ހިނގާބަލަ ކާން ދާން ދެން. ހާދަ މީރު އެއްޗިއްސޭ އެހެރީ. ބަރގަރ ވެސް އެބަހުރި.”، ފެންކަޅިވެފައިވާ އާލާއަށް މަލާމާތުގެ ނަޒަރަކުން ބަލަންހުރެ، ތުއިގޮތަކަށް ނައީމާ ބުނެލިއެވެ.

ނަޢީމާ އަވަސްއަރުވާލާފައި ބާގާރ ކާންވެގެން އަނގަހުޅުވާލި ތަނާ ގޮނޑިއާ އެކީ ކައްސާލައިގެން ވެއްޓުނެވެ.

” އަޅޭ މަގޭ ބާގާރ ” ތެދުވަމުން ނައީމާ ބުނެލިއެވެ. އަދި ތެދުވެ ވެއްޓިފައިވާ ބާގާރ ނަގައި ވެލިފޮޅައިގެން ކާންފެށިއެވެ. އެންމެންގެ ނަޒަރު ނައީމާއަށް ހުއްޓިފައިވިޔަސް އޭނާއަށް ކަހިރުވަކެކޭ ވެސް ހީނުވެއެވެ. ލަދުގަންނަން ޖެހުނީ ހަސަނެވެ.  އަންހެނުން އުޅޭ ގޮތުން ލަދުން ހަލާކުވާހާ ވެއެވެ. ޕާޓީގައި ތިބި މީހުން ހޭންފެށުމުން ވެސް ނައީމާ ވަކި ލަދުގަތް ހެނެއް ހީއެއްނުވެއެވެ.

“ލަދު ގަންނާނީ ލަދެއް ހަޔާތެއް ހުރި ނަމަތާ”، ހަސަނު ހިތަށް އެރިއެވެ. ލަދުން ބިންފަޅާފައި އަޑިއަށްދާނޭ ނަމައޭ އޭނާގެ ހިތަށްއެރިއެވެ.

ޕާޓީ ނިމެންދެން ނައީމާ އުޅުނީ ހަސަނުގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވަނީ ދުވަހަކުވެސް އެ އަތުން ދޫކޮށްނުލާން ނަދުރު ބުނެގެން ހުރި ހެންނެވެ. އެވަރުން ނުވެގެން އިރުއިރުކޮޅާ މަލާމާތުގެ ބެލުންތަކުން އާލާ އިތުރަށް ދެރަކޮށްލައެވެ.

“ޕޮއް!”، އަލާ ސިއްސައިގެން ދިޔައީ ރަނާގެ އަޑަށެވެ. ރަނާގެ ހިނިތުންވުން ފެނި އާލާގެ މާޔޫސްކަން ފިލައިގެންދިޔައެވެ.

“ހިނގާބަ އެހެރަ މޭޒަށް”، ކަނެއްގައި ހުރި މޭޒެއް ދައްކާލަމުން ރަނާ ބުންޏެވެ.

އާލާ ވެސް ހުރީ އޭނަގެ ބައްޕައާ ބެހޭ ގޮތުން ސުވާލުކުރަން ކެތްމަދުވެފައެވެ. އެހެން ނަމަވެސް ބައްޕަގެ ވާހަކަ އަހައިގެން އެހާ އުފާވެރި މާހައުލެއް ޚަރާބުކުރާކަށް ރަނާ ބޭނުމެއްނުވިއެވެ. ރަނާއަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައަކީ އާލާ ދެކޭ ގޮތުގައި އޭނާއަށް ވެސް ލިބޭ އުފަލަކާއި ހިތާމައެކެވެ. އޭނާ އެހާ ވެސް ރަނާ ދެކެ މިހާރު ލޯބިވެއެވެ. ރަނާ ވެސް ހަމަ އެފަދައެވެ. ރަނާ ދެކެ ގޮތުގައި އާލާ އަކީ އޭނަގެ އެއްބަނޑުއެއްބަފާ ދައްތައެވެ.

“ސަޕްރައިޒް!!”، ރަނާ އެ މޭޒުގައި އިށީނދެ އާލާގެ އަތުގެ ތެރެއަށް ކުޑަ ޕާރުސަލެއްލިއެވެ.

“ވޯއު!، ހާދަ ރީތި ރަން ކެވެލިކޮޅެކޭ؟”، ޕާރުސަލް ކަނޑާލުމަށް ފަހު، އާލާއަށް ބޭ އިޚްތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އެ އަޑު މާ ދުރުގައި ހުރި މަނާލްގެ ކަންފަތާ ހަމައަށް ވެސް ފޯރައިފިއެވެ. އާލާއަށް އެ ކެވެލިކޮޅު ރީތި ވުމުން މަނާލް ހުރީ ވަރަށް އުފާވެފައެވެ.

ރަނާ އޭނާގެ އަތުގައި އަޅާފައި އޮތް ހަމަ އޭގެ ކެވެލިކޮޅު ރަނާއަށް ދައްކާލީ ވަރަށް އުފާވެފައި ހުރެއެވެ. “މީ ދޮންބެ ދެ ކުދިންނަށް ދިން ހަދިޔާ”، ރަނާ ބުންޏެވެ.

……………………………………………………………………………………………………………………………………..

ލައިލާ އާއި ނާއިލްގެ ގުޅުން ދުވަހެއް ދުވަހަކަށް ކުރިލައި ހެދެމުން ދިޔައެވެ. ނާއިލް ލައިލާއަށް ލޯބި ހުށައެޅީ ލައިލާ އާއި އެކު ޕާޓީ ކުރަން ހުރެފައެވެ. ކޮންމެ ރެއަކުހެން ގުރޫޕް އެއްކޮށްގެން ޕާޓީ ކުރުމަކީ މިހާރު ނާއިލްމެންގެ އާދައެކެވެ. ނާއިލް މިހާރު ލާރިއާމެދު ވެސް އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހެއެވެ. ނާއިލް ބުނި ވަރަކަށް ބުނި ކޮންމެ ވަގުތަކު ލައިލާގެ ފަރާތުން ލާރި ލިބެއެވެ. ލައިލާ ހުރީ ނާއިލަށް ޓަކައި ފިދާވާން ވެސް ތައަޔާރަށެވެ. ލައިލާ އަށް ހީވަނީ މުޅިން އާ ހަޔާތެއް ފެށިގެން އުޅޭހެންނެވެ. ބޮޑު އުފަލެއް ލިބިގެން އުޅޭ ހެންނެވެ. ނާއިލްއާ ނުލައި އެންމެ ސިކުންތެއް ވެސް ހޭދަކުރާކަށް ލައިލާ ބޭނުމެއް ނުވެއެވެ. ލައިލާ މިހާރު ބޭނުންވަނީ އަބަދުގެ އަބަދަށް ނާއިލްގެ މީހެއްގެ ގޮތުގައި ހުންނާށެވެ. ނާއިލްއަށް ޓަކައި މުޅި ދުނިޔެއާ ދެކޮޅުވާން ޖެހުނަސް އޭނާ އެކަން ކުރާނެއެވެ.

ނާއިލް އާއި ލައިލާ ޕާޓީ ނިމިގެން ދުއްވާލަން ދިޔައެވެ. ކޮޅުފުށީގެ  އެންމެ ހިތްފަސޭހަ މަގުން ދުއްވަމުން ދިޔައިރު ލައިލާ އިނީ ނާއިލް އާ ޖެހިގަނެގެންނެވެ. ބަލާ މިހުނަށް ހީވާނީ އެއީ އެކަކު ހެންނެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އެ ދެ މީހުން ވަކި ކުރުމަކީ ވާނެ ކަމެއް ނޫނެވެ.

ނަޢީމާ ފިހާރައަކުން ނިކުތީ ވަރަށް އަވަސްކޮށްލައިގެން ގެއާދިމާލަށް ދިއުމަށް ޓަކައެވެ. ނަމަވެސް އަޅަމުން ދިޔަ ފިޔަވަޅު މަތީގައި ހުންނަން މަޖުބޫރުވީ ކުރިމަތިން ދިޔަ ސައިކަލުގައި ތިބި ނާއިލް އާއި ލައިލާ ފެނިފައެވެ. ލައިލާ އާއި ނާއިލްގެ ގުޅުމަކީ ރަނގަޅު ގުޅުމެއް ނޫންކަން ވެސް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭހާވެއެވެ. ލައިލާ ކައިރީ ކުރަން ބުނި ކަންކަން ދިގުލައިގެން ދާތީ އާއި ލައިލާ އަށް ގުޅުމުން ފޯނު ނުނަގަނީ ކީއްވެކަން ވެސް މިރޭ ނައީމާ އަށް އެނގި ހާމަވެއްޖެއެވެ. ނައީމާ ވަރަށް ވިސްނުމަށް ފަހު ނިންމީ ސީދާ ލައިލާ ކުރިމައްޗަށް ދާށެވެ. އެނޫން ގޮތަކަށް ނޫނީ މި މަޢުޟޫއަށް ވާހަކަ ނުދެއްކޭނެއެވެ. ނަޢީމާ ގައިގައި ހުރި ބާރެއްލާފައި ދިޔައީ ގެއާދިމާ އަށް ދާށެވެ.

……………………………………………………………………………………………………………………………………

މަނާލް އަށް މިހާރު އާލާ ފެންނަ ހިސާބުގައި ނޫނީ ހުރެވޭކަމަކަށް ނުވެއެވެ. ކާއެތިކޮޅު ވެސް ދިރުވާލެވެނީ އާލާ ފެންނަ ހިސާބުގައި ހުރިނަމައެވެ. މަނާލްގެ ބެލުންތަކުން އާލާ ހުންނަނީ ލަދުގަނެ ޖެހިލުން ވެފައެވެ. އާލާ ބަލަނީ ވީހާ ވެސް މަނާލް އާ ދުރުން އުޅެވޭތޯއެވެ. ނާއިލްގެ ބެލުންތަކުން އާލާ އަށް ވެސް އެހެން މާނައެއް ނެގެން ފެށިއެވެ. ނަމަވެސް އާލާ އެކަހަލަ ނަޒަރަކުން މަނާލް އަށް ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އާލާގެ ޒަމީރު އެއް ބަހެއް ނުވިއެވެ. ހިތް ބުނަނީ އެ ބެލުންތަކުގެ ގައިދީއަކަށް ވެގެން މަނާލްގެ އުނގުތެރެއަށް ދާށެވެ. އެހެނަސް އޭނާގެ ސިކުނޑި އެ ކަމަކަށް އެއްބަހެއްނުވެއެވެ. އާލާ ވިސްނާ ގޮތުގައި އާލާ ބަލަން ޖެހޭނީ އެއީ އާލާގެ ވެސް ދޮންބެއެއްގެ ގޮތަށެވެ.

އާލާ ވަރަށް ފުން ވިސްނުމެއްގައި ކޮޓާރީގެ ލޯގަނޑު ކުރިމަތީ ހުއްޓާ ދޮރުގައި މިހަކު ޓަކިޖެހި އަ ޑު އިވުމުން ދޮރު ހުޅުވާލިއެވެ. ކުރިމަތި ހުރީ ދުވަހަކުވެސް ފެންނާނެ ކަމަށް ގަބޫލުވެސް ކުރެވިފައި ނުވާ އޭނާ ގެ ލޯބިވާ ބައްޕައެވެ. ޖަމާލް އާ ހުރިހާ ވާހަކައެއް ހިއްސާ ކުރުމަށް ފަހު ހަސަނު މިއަދު އެ އައީ އަމިއްލަ ދަރިފުޅަށް ބައްޕަ އެއްގެ ފުށުން ބޭނުންވާ ހިމާޔަތް ދޭން އަމިއްލަ ނަފުސަށް ވަޢުދުވެގެންނެވެ. އާލާ ހުރީ ބުނާނެ އެއްޗެއް ނޭނގި ތަންމިނަށް އަނގަ ހުޅުވައިގެން ނެވެ. ވާނީ ވެސް އެހެން ތާ އެވެ. މިއަދު އެ ބައްޕަ އަށް ވިސްނިގެން އާލާ ބަލައި އައިކަމުގައި ވިޔަސް އާލާ ބައްޕަގެ ގެއަށް ދާކަށް އެއް ގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. މިއަދު މި ރީތި ގަނޑުވަރުން އާލާ އަށް އިންތިހާއަށް ލޯބިލިބެއެވެ. ރައްކާތެރިކަމާއި ހިމާޔަތް ލިބެއެވެ. ބިރުގަންނާނެ އެއްވެސް ކަމެއް ނެތެވެ.

ހަސަން ވަރަށް ހިތްވަރުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެކަމު ބަހެއް ނުބުނެވި ދެރަވެފައިވާ ދެލޮލުން އާލާ އާ ދިމާ އަށް ބަލަން ހުރީ ކުށްވެރިއެއް ފަދައިންނެވެ. ދޭން ބޭނުން ކޮންމެ އްދަބެއް ވެސް އެ ބައްޕަ އަށް ދޭށޭ ބުނާ ކަހަމަ އެވެ. އާލާ އަށް އެ ބައްޕަގެ ހިތާމަވެރި މޫނު ފެނުމުން އާލާ ވެސް ދެރަވިއެވެ. ހަސަނު އައި ދިމާ އަށް ހިނގައި ގަތީ ދެން އެންމެ ހިނދުކޮޅަކު ވެސް އެތާ ހުރެއްޖެނަމަ މާބޮޑަށް  ރޮވިދާނެހެން ހީވުމުންނެވެ.

” ބައްޕާ ” އާލާ ގޮވާލި އަޑާ އެކު ހަސަން އެނބުރި ބަލާލީ ކަރުނައިން ފޯވެފައި ހުރެގެންނެވެ. ނަމަވެސް މިފަހަރު އެ ދެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އާލާ އަމިއްލަ ބައްޕަ އަށް ބަލަން ހުރީ ބައްޕަ އަށް މާފުކޮށްފީމޭ ބުނާފަދައިންނެވެ. އެކަމަކު އާލާ އެ ގެއިން ދާކަށް ބޭނުމެއްނޫނެވެ. އެ ގެއިން އާލާ ބޭނުން ހުރިހާކަމެއް އެންމެ ފުރިހަމަ އަށް ލިބެއެވެ. ހަސީނާ އާއި ޖަމާލް ވެސް އާލާ ދެކެނީ ހަމަ އަމިއްލަ ދަރިއެއްހެންނެވެ. އެކަން ހަސަން އަށްވެސް ވަރަށް ރަނގަޅަށް އެގެއެވެ.

” ބައްޕަ ބޭނުން ދަރިފުޅު ބައްޕަ ކައިރީގައި ބަހައްޓަން! އެކަމަކު ބައްޕަ އަދި ވަގުތު ބެނުންވޭ!” ހަސަން މިހެން ބުނެލީ އާލާގެ މޫނަށް ބަލަން ހުރެއެވެ. އާލާ މިގެ ތިމަންނަ އަށް ރަނގަޅޭ ބުނެލީ އެގެ އަށް ދާން ހިތްނޭދޭތީ އެވެ. އާލާގެ ސަބަބުން ދޮންމަންމަ އަދި ބައްޕަ އާ ދެމެދު މައްސަލަ ޖެހޭކަށް އާލާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ބައްޕަ ކިތަންމެ އާލާ އެ ގެއަށް ގެންދަން ބޭނުން ވިޔަސް ދޮން ނިޔަދުރެއް ފަދަ އެ ދޮންމަންމަގެ އުނދަގޫ އާލާއަށް ނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

މި ވާހަކަތައް އަޑުއަހަން އެ ކޮޓަރީގެ ދޮރުމަތީގައި ހުރި މަނާލްގެ ހިތުގައި ރިއްސާލީ އާލާ އެ ގެ ދޫކޮށް ގޮސްފާނެތިއެވެ. އާލާ ދެކެ މަނާލް އެ ވަނީ ހަގީގީ ލޯބިކަން މަނާލްއަށް ޔަގީންވިއެވެ. އެހެން ނޫން ނަމަ އާލާ އެ ގެ ދޫކޮށްފައި ގޮސްދާނެތީ އޭނާ އެހައި ދެރައެއް ނުޥިހެވެ. އާލާގެ ހިތުގައިވާ އެއްޗެއް ނޭނގެނީސް ދެން އޭނާ އަކަށް ލޮލުފިޔައެއް ނުޖެހޭނެއެވެ. އެކަހަލަ ވިސްނުންތަކަކުން މަނާލް ހާސްކުރުވަމުން ދިޔައެވެ. ކުއްލިއަކަށް ވަރަށް ގާތުން ރަނާ ގޮވާލިއަޑުއިވުނެވެ. ސިއްސައިގެން ގޮސް ރަނާއަށް ބަލާލިއެވެ.

” ދޮންބޭ! ދޮންބެ ހާދަ ވިސްނުމެއް ތި ވިސްނަނީ ދޮންބެގެ ގާލްފުރެންޑާ ޖެހިފަ… ހެހެހެހެ” އަބަދުވެސް ދިމާކުރާ ރަނާ ދޮންބެއާ ދިމާކޮށްލީ ދޮންބެ ހެއްވާލުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަހަރު އެކަން ނާކާމިޔާބު ވީ ކީއްވެކަން ރަނާ އަކަށް ނޭނގުނެވެ. ދޮންބެ ގޮސް ދޮންބެގެ ކޮޓަރިއަށް ވަނީ ރަނާއާ އަނގައިން ވެސް ނުބުނެއެވެ.

“ދޮންބެގެ ގާލްފުރެންޑާ މައަސަލައެއް ޖެހުނީބާ އަނެއްކާ؟”،ރަނާ ހިތާހިތުން ސުވާލުކޮށްލިއެވެ.

އެ ވިސްނުމުގައި ހުރެ ރަނާ ވަނީ އާލާގެ ކޮޓަރިއަށެވެ. އާލާ ހުރީ ވަރަށް އުފާވެފައިކަން ރަނާ އަށް ދެނެގަނެވުނެވެ. މިހާ އުފާވެފައި ހުއްޓާ އަދި ދުވަހަކު ވެސް ރަނާ އާލާ އެއް ނުދެކެއެވެ. ރަނާ ކިހިނެއް ވިހޭވެސް އަހާކަށް ނުޖެހުނެވެ. އާލާގެ ބައްޕަ އައިސް މާފަށް އެދުނު ވާހަކަ ބުނިއިރު އާލާ ހުރީ އުފަލުން ފޮޅިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަންމަ މަރުވުމުން ބައްޕައެއްގެ ލޯބި އުންމީދު ކުރި ނަމަވެސް އަތުން ބިވެގެން ދިޔައީއެވެ. ނަމަވެސް މިއަދު އަނެއްކާ އެ ލޯބިވެސް އާލާ އަށް މި ލިބުނީއެވެ.

ރަނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އަދި އަބަދުވެސް އާލާ އުފަލުގައި ބެހެއްޓެވުމްށް އެފަރާތުގައި ދެނެންނެވިއެވެ.

“ބައްޕަ އައީ ބަލާތަ؟”، ދެ ކުދިން އެކުގައި ކޮޓަރިން ނިކުމެގެން ދަމުން ކުއްލިއަކަށް އެއްޗެއް ވިސްނިގެން އަހާ ކަހަލަ ގޮތަކަށް ރަނާ އެހިއެވެ.

“ބައްޕަ………..”، އާލާއަށް ހުއްޓުން އެރީ ދާދި ކައިރީގައި ފެންކަޅިވެފައި ހުރި މަނާލް ފެނުމުންނެވެ.

 

26