ނުފިލާނޭ މިހިތަކުން… 27
“ތީތަ ތިއުމުރުގަ އުޅެން ޖެހޭ ވައްތަރު.. ބަލަ އުމުރުން ވީ ވަރެއް ނޭނގޭތަ.. ލަދުކުޑަކަން.. އުމުރުން މާ ހަގު ކުއްޖަކާއި އެކީ އުޅޭނެހާ ގޮތަކަށް ތިއުޅެނީ.. އަހަރެން ލަދުން ހަލާކުވެއްޖެ.. ތީ ކުރިން މީހާކާ އިނދެ ދަރިއަކު ހުރި އަންހެނެކޭ.. ހީވަނީތަ އެހާ ޅަ ކުއްޖަކު ތިޔައުމުރުގެ މީހަކު ބޭނުންވާނެހެން.. އެއީ ފޫހި ފިލުވާލަނީ.. މުޅި ރަށުގަ މިހާރު އެ ނޫން ވާހަކައެއް ނުދައްކާ.. މެހެކް އުމުރުން ޅަ ފިރިހެން ކުއްޖަކު ގޮވައިގެން އުޅޭ ވާހަކަ.. ގޮތްކުޑަ.. އަހަރެން ލަދުން މަރުވާ ވަރު ވެއްޖެ..” އެއްޗެހި ކިޔަމުން ކިޔަމުން ގޮސް ޝާއިރާ މެހެކްގެ އަތު މުލައްދަނޑީގައި ހިފައިގެން ހުރުމަށްފަހު އޭނާ ކޮށްޕާލިއެވެ. އެވަގުތު މެހެކް ގޮސް ޖެހުނީ ފަހަތުން އައިސް މަންޒަރު ބަލަން ހުރި މާކިންގެ ގައިގައެވެ.
ޝާއިރާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވިފައި ހުރި މާކިންއަށް ގިސްލެވެމުން ދިޔަ މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އުފަލުން ފޮޅިފައިވާ މެހެކްގެ މޫނާއި ދެލޮލުން މިހާރު ފެންނަމުން އެދާ ހިތާމަވެރިކަން މާކިންގެ ސިކުނޑި ހުއްޓުވާލި ފަދައެވެ. އޭނާގެ ލޯބިވާ މެހެކްގެ ދެލޮލުން ފައިބަމުން އެދާ ކަރުނައިގެ ސަބަބަކީ ޚުދު އޭނާއެވެ. މެހެކްގެ ހަޔާތަށް އޭނާ އައުމުން މެހެކްއަށް ގެއްލުން ލިބެމުން އެދަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށެވެ. ޝާއިރާއަކީ މެހެކް ދެކެ ލޯބިވާ މައެއްކަން މާކިން ޔަގީންކުރެއެވެ. މެހެކްގެ އުމުރުން ވީހާ ދުވަހު، ދުވަހަކުވެސް ޝާއިރާ އެފަދަ ގޮތަކަށް މެހެކްއާއިމެދު ކަންތައް ކޮށްފައިވާނެ ކަމަކަށް އޭނާގެ ހިތް އެއްބަހެއް ނުވެއެވެ. އެހެން ވީއިރު މިރޭ މެހެކްއަށް އެފަދަ ނިކަމެތި ހާލެއް އެޖެހުނީ ހަމައެކަނި އޭނާގެ ސަބަބުންނެވެ. ހިތައް އަރަމުންދިޔަ އެއްޗަކުންނާއި، މެހެކްގެ ގިސްލެވެމުން ދިޔަ މޫނު ފެނުމުން މާކިންގެ ލޮލުގައި ކަރުނަ ބޮނޑިވެގަތެވެ. އަތުގެ ބޮޑުވައި އިނގިލީގެ ނުފުށުން ނޭފަތުގައި އަތް ހާކާލަމުން މާކިން މަޑު މަޑުން މެހެކްގެ އަތުގައި ހިފާ އޭނާގެ ފުރަގަހަށް ލުމަށްފަހު ޝާއިރާއާއި ކުރިމަތިލީ ނިކަން ހިތްވަރާއިއެކުގައެވެ. އޭރު ތަނުގައި ތިބި އެހެން އެންމެން ވާން އުޅޭ ގޮތެއް ބަލަން ޖެހިލުންވެފައި މާކިންގެ މޫނަށް ބަލަހައްޓައިގެން ތިއްބެވެ.
“މެހެކް މަންމާ..” މާކިންގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ހިތްވަރު ކުރި ނަމަވެސް އޭނާ ހުރީ އިންތިހާއަށް ޖެހިލުންވެފައިކަން އޭނާގެ އަޑުންނާއި ހަރަކާތްތަކުން ވަރަށް ރަނގަޅަށް ހާމަވެއެވެ.
“މެހެކް މަންމާ..” އަނެއްކާވެސް މާކިން ގޮވާލިއެވެ. އެވަގުތު މާކިންއާއި ދުރަށް މޫނު އަނބުރާލައިގެން ހުރި ޝާއިރާ ލަސްލަހުން އޭނާއާއި ވީ ފަރާތަށް އެނބުރިލިއެވެ. ދެބުމަ ކައިރިކޮށްލާފާއި ހުރި ނަމަވެސް، ލޮލުން ހިލިފައިވާ ކަރުނަތަކާއިއެކު ތުންފަތުގައިވާ ތުރުތުރުލުން ފެނި ޝާއިރާގެ ރުޅިގަނޑު ފިނިވެއްޖެކަން މާކިންއާއިއެކު ދެންތިބި އެންމެންނަށްވެސް ދެނެގަނެވުނެވެ.
“ކީއްވެގެން މާކިން ތިޔައުޅެނީ.. މެހެކްގެ އުމުރާއި މެހެކް ހަގީގަތަކީ ކޮބާކަން އެނގޭ ހިސާބުން ތިކަމެއް ނޯންނާނެ.. މެހެކްއަކީ ތިޔަހެން ފޫހިފިލުވާލަން ގެންގުޅޭ ވަރަށްވުރެ ބޮޑެތި ހިތާމަތަކާއި ކުރިމަތިލާފަ ހުރި ކުއްޖެއް..” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ރުޅިވެރިކަމުގެ އަޑު ނެރުމަށް މަސައްކަތް ކުރިޔަސް ޝާއިރާގެ އަޑު ނުކުތީ ކެނޑި ކެނޑިގެންނެވެ. ހަގީގަތުގައިވެސް އޭނާގެ ރުޅިގަނޑު ފިނިވެ ހިތާމައިން ފޯވެއްޖެއެވެ. އޭނާގެ މެހެކްއާއި މެދު މީހުން ދެއްކި ވާހަކަތައް އަޑު އިވުމުން އެހިތަށް ކެތްނުވީއެވެ. ހިތަށް ވެރިވި ލަދުވެތިކަމާއި ނުތަނަވަސްކަން ރުޅީގެ ސިފައިގައި ބޭރުކޮށްލެވުނީއެވެ. ރުޅި އައިލެއް ގަދަކަމުން އޭނާގެ ބޮލުގައިވެސް މިހާރު ގަދަ ރިހުމެއް އުފެދިއްޖެއެވެ.
“ތިޔަ ހީވަނީ މުޅިން ގޯސްކޮށް… އަހަރެން..” މާކިން ވާހަކަ ދައްކަން ފެށުމާއިއެކު ފަހަތުގައި ގިސްލެވި ލެވި ހުރި މެހެކް މާކިންގެ އަތުގައި ހިފާލީ އޭނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލުމުގެ މަގްސަދުގައެވެ. އެހެން ނަމަވެސް މިފަހަރު އޭނާ މެހެކްގެ ބަހެއް ނޭހިއެވެ. މަޑުމަޑުން އޭނާގެ އަތް ފޮޅުވާލުމަށްފަހު އޭނާ ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަހަރެން މިކުޅެނީ ކުޅިވަރެއް ނޫން.. އަހަރެންނަށް މެހެކްގެ ހަގީގަތް އެނގޭ.. އުމުރުވެސް އެނގޭ.. މާޒީވެސް އެނގޭ.. މެހެކްއަކީ ނަފްސާނީ ގޮތުން ކިހާ ބަލިކަށި ކުއްޖެއްކަންވެސް އެނގޭ.. އަހަރެންނަށް މެހެކްދެކެ ލޯބި ވެވުނީ އެހުރިހާ ކަމެއް އެނގިހުރެ.. އެކަމަކު މީގަ މެހެކްގެ އެއްވެސް ދައުރެއް ނެތް.. އަހަރެން ލޯބި ވިޔަ ނުދެން މެހެކް ވަރަށް މަސައްކަތް ކުރި.. ދުރަށްދާން މަސައްކަތް ކުރި.. އަހަރެންވެސް ކުރިން.. އެކަމަކު މެހެކް މަންމާ.. އަހަރެންނަށް މެހެކް ދެކެ ވެވުނީ އެއަށްވުރެ ވަރުގަދަ ލޯތްބެއް.. ހަގީގީ ލޯތްބެއް.. ދުވަހަކުވެސް މެހެކްއަށް ދެރައެއް ދިނުމަކީ އަހަރެންގެ ހިތް އެއްބަސްވާނެ ކަމެއް ނޫން.. ދުވަހަކުވެސް މެހެކް ދޫކޮށްލުމަކީ އަހަރެންގެ ސިކުނޑި ގަބޫލުވާނެ ކަމެއް ނޫން.. މުޅި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަހަރެންނަށް މެހެކް މުހިންމު.. އަހަރެންގެ އަމިއްލަ ބާރު ފޯރާހާ ހިނދަކު އަހަރެން މެހެކްއަށް ދެރައެއް ނުދޭނަން.. ދުލެއް ނުކުރާނަން..” މާކިން މަޑުމައިތިރިކަމާއިއެކު އޭނާގެ ހިތުގެ ހަގީގަތް ޝާއިރާއާއިއެކު ތަނުގައި ތިބި އެންމެންނަށް ހާމަކޮށްދެމުން ދިޔައިރު އޭނާގެ ފަހަތުގައި ހުރި މެހެކް ހުރީ އިސްޖަހާލައިގެންނެވެ. ކުރިން ގިސް ލެވި ލެވި ވަރުބަލިވެފައި ހުރިވަރުން ފުންފުންކޮށް ނޭވާ ލަމުން ދިޔަ ނަމަވެސް މާކިން ބުނަމުން ގެންދިޔަ ކޮންމެ ބަހެއް، ކޮންމެ ޖުމްލައެއް ދިޔައީ އޭނާގެ ނާޒުކު ހިތައް ހަމަޖެހުން ގެނުވައިދެމުންނެވެ. މެހެކްގެ އިތުރުން މާކިން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުވެގެން ހުރި ޝާއިރާއަށް ގަބޫލުކުރަން ބޭނުން ނުވިޔަސް އޭނާގެ ބަސްތަކަށް ހިތުގެ އަޑިން އިތުބާރު ކުރެވެމުން ދިޔައެވެ. ތަޖުރިބާއިން ފުރިފައިވާ އޭނާގެ ސިކުނޑި މާކިންގެ ފަރާތުން އެއްވެސް ދޮގުވެރިކަމެއް، މަކަރުވެރިކަމެއް ވާކަމުގެ ކުޑަވެސް އިންޒާރެއް ނުދިނެވެ.
“ކެން.. ދޮންތި.. އަސްލަށްވެސް… ކެން..؟” މާކިންގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ކައިސް ހައިރާންކަމާއިއެކު އޭނާގެ ދޮންތިއަށާއި މާކިންއަށް ސުވާލު އަމާޒުކޮށްލިއިރު ތުންފަތުގައި ލުއި ހިނިތުންވުމެއް އުފެދިފައިވެއެވެ. މާކިންގެ ވާހަކަތަކުން ހަގީގަތުގައިވެސް ކައިސްގެ ހިތައް ހަމަޖެހުން ލިބިއްޖެއެވެ. ފުރާނަފަދައިން ލޯބިވާ އޭނާގެ ދޮންތިއަށް އުފާވެރި ދިރިއުޅުމެއް ލިބެން އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވުނީއެވެ.
“އާން ކައިސް.. އަހަރެން މެހެކްދެކެ އިންތިހާއަށް ލޯބިވަން..” މާކިން ބޯ ޖަހާލަމުން ކައިސްއަށް ޖަވާބުދިނީ ހަރުދަނާކަމާއިއެކުއެވެ.
“ލޯބި ވާނަމަ މިހާރު ކައިވެނި ކުރޭ.. ތިގޮތަށް މެހެކްއާއި އެކީ އުޅުމުގެ ހުއްދައެއް އަހަރެންނަކަށް ނުދެވޭނެ..” ރިހުން ގަދަވަމުން ދިޔަ ބޮލުގައި އަތްޖައްސާލާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލަމުން ޝާއިރާ އެހެން ބުނެލީ އަޑަށް ހަރުކަށިކަން ގެނުވަމުންނެވެ. މާކިން މެހެކްދެކެ ލޯބިވާ ކަމުގައި އޭނާގެ ހިތް އެއްބަސްވީ ކަމުގައި ވިޔަސް ދެން އިތުރަށް ރަށުތެރޭގައި މެހެކްއާއި މެދު އެއްވެސް ހުތުރު އަޑެއް ފެތުރިގެން ދިއުމަކީ އޭނާއަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ.
“ކައިވެނި.. އެކަމަކު މަން.. މަންމާ..” ޝާއިރާ ބުނެލި އެއްޗަށް މިފަހަރު ޖަވާބުދޭން އުޅުނީ މެހެކްއެވެ. އެހެން ނަމަވެސް އޭނާ ވާހަކަ ދައްކަން ފެށުމާއިއެކު ޝާއިރާ ދެބުމަ ކައިރިކޮށްލާފައި ބަލާލި ގޮތުން ވާހަކަ ހުއްޓާލުމަށްފަހު އިސްޖަހާލައިފިއެވެ.
“މަންމާ.. ކުއްލިއަކަށް ކައިވެނި ކުރާނީ ކިހިނެތް.. އެމީހުން އެކަކު އަނެކަކު ދަސްކޮށްލަންވެސް ދުވަސްކޮޅެއް ނަގާނެއެއްނު..” ޖެހިލުންވުމާއިއެކު އިސްޖަހާލި މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރި ކައިސް ޝާއިރާއާއި ގާތަށް ޖެހިލުމަށްފަހު ވިސްނައިދިނުމުގެ ރާގުގައި ވާހަކަ ދައްކަން ފެށިއެވެ.
“މާކިންގެ އުމުރުން ހަގަސް މެހެކްއަކީ މީހުންނާއި ރައްޓެހިވެގެން އުޅޭ ވަރުގެ ކުއްޖެއް ނޫން.. ކައިވެނި ނުކުރާނަމަ ތިޔަކަން ހުއްޓާލާ..” ޝާއިރާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އަނެއްކާވެސް މީގެ ހިނދުކޮޅެއް ކުރިން އެމޫނުމަތިން ފެނުނު ރުޅިވެރިކަން އެ މޫނުމައްޗަށް ވެރިވާން އުޅޭ ފަދައެވެ.
“އެކަމަކު މަންމާ.. މީހުން ކިޔާހާ އެއްޗަކަށް ތިޔަވަރަށް ނުބަލަބަލަ.. ދޮންތިއަކީ…..” ކައިސް އިތުރަށް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ޝާއިރާ އޭނާއަށް އެ ފުރުސަތެއް ނުދިނެވެ. “ކައިސްއަކަށް ނޭނގޭނެ ކަން ނިންމަންވީ ގޮތެއް.. މެހެކްގެ މަންމައާއި ބައްޕައަކީވެސް އަހަރެން.. އޭނަ ބައްޕަ ފަރާތުންން…..” “އަހަރެން ކައިވެންޏަށް ތައްޔާރު…” މެހެކްގެ ބައްޕައާއި މެދު ވާހަކަ ދައްކަން ފެށުމާއިއެކު މާކިން އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ލިބުނު ސިހުމާއިއެކު އެންމެންނަށް އެކުގައި މާކިންގެ މޫނަށް ބަލާލެވުނީ ގަބޫލުކުރަން ދަތިވެފައި ތިބެގެންނެވެ.
“ކެން..؟” ސުވާލުން ފުރިފައ ތިބި ޝުބާއާއި އިޝާން އެކުއެކީގައި ކަހަލަ ގޮތަކަށް މާކިންއަށް ގޮވާލީ އޭނާ ބުނެލި އެއްޗެއް ޔަގީން ނުވެފައި ތިބެއެވެ.
“އިރާދަ ކުރެއްވިއްޔާ މާދަމާ ކައިވެނީގެ ކަންތައް ފަށާނަން..” މާކިން ލަސް ފިޔަވަޅުތަކެއް އަޅާލުމަށްފަހު ޝާއިރާގެ ގާތުގައި އިށީނދެ އޭނާގެ އަތްމަތީގައި އަތް ބާއްވާލިއެވެ. އެވަގުތު ބޮލުގައި ރިހޭތީ ލޯ މަރާލައިގެން އިން ޝާއިރާ ލޯ ހުޅުވާލަމުން މާކިންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“މެހެކްއަށް ހުތުރު ނަމެއް ލިބުމަކީ.. އޭނާއަށް ދެރައެއް ލިބުމަކީ މެހެކްގެ މަންމަ ގޮތަށް އަހަރެންނަށްވެސް ކެތްކުރުވޭނެ ކަމެއް ނޫން..” މާކިން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. އޭރު އެމަންޒަރު ބަލަން އެމީހުންނާއި ހައެއްކަ ފިޔަވަޅު ދުރުގައި ހުރި މެހެކްއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. މާކިން އެހުރީ ހަމަ ހޭގައި ހެއްޔެވެ؟ އެހާ ކުއްލި ގޮތަކަށް ކައިވެނި ކުރަން އޭނާ ނިންމީ ރަނގަޅަށް ވިސްނާފައި ހެއްޔެވެ؟ މާކިން ހަމަ އެހާ ބޮޑަށް އޭނާދެކެ ލޯބިވޭ ހެއްޔެވެ؟
“މާކިން.. އެކަމަކު..” “މެހެކް.. އަހަރެންގެ ފައިނަލް ނިންމުން މީ.. އަހަރެންނާއި ކައިވެނި ކުރަން ބޭނުން ނޫނިއްޔާ މިގަޑީގަ ބުނޭ..” މެހެކް ވާހަކަ ދައްކަން ފެށުމުން މާކިން އޭނާގެ ފަހުގެ ނިންމުން އަޑު އިއްވާލީ ޝާއިރާ ގާތުގައި އެ އިންގޮތަށް އިނދެއެވެ. ހަމަ އެވަގުތު އެންމެންގެ ނަޒަރު މެހެކްއަށް ހުއްޓުނު އިރު ގޮނޑީގައި އިން ޝާއިރާގެ ނޭވާ އަވަސްވެފައި ނިތްކުރިމަތިން ދާހިއްލަމުން ދިޔަ މަންޒަރު އެއްވެސް މީހަކަށް ފާހަގައެއް ނުވެއެވެ.
“މާކިން.. މާކިންގެ ފެމިލީ..” ” އަހަރެން ހުރިހާ ކަމެއް ހޭންޑްލް ކުރާނަން.. މިވަގުތު ބޭނުންވަނީ މެހެކްގެ ޖަވާބެއް..” މާކިންގެ އަޑުގައިވާ މަޑުމައިތިރިކަން މާހައުލަށްވެސް މަޑުމައިތިރިކަން ގެނުވާފައި ވާފަދައެވެ. އޭނާގެ ވާހަކަ ނުނިމެނިސް ކޮންމެ ފަހަރަކު މާކިން ވާޙަކަ ދައްކާތީ އޭނާއަށް އިތުރަށް ސުވާލެއް ކުރާނެހާ ހިތްވަރެއް ނުލިބުނެވެ.
“އަހަރެން ތައްޔާރު..” ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން މެހެކް ބުނެލިއެވެ. އޭނާގެ ޖަވާބު އިވުނު ވަގުތު މާހައުލުގެ ތެރެއިން ޝުބާގެ ލުއި ހީނލުމަކާއިއެކު މާކިންގެ ފުން ނޭވާއެއްގެ އަޑު މެހެކްއަށް އިވުނެވެ. އޭނާގެ ޖަވާބުން އޭނާގެ މަންމަ ހިތްހަމަޖެހުނުތޯ ބަލާލަން ލަސްލަހުން ލޯ ހުޅުވާލުމަށްފަހު މެހެކްގެ ނަޒަރު ގޮނޑީގައި އިން ޝާއިރާއަށް ހުއްޓާލިއެވެ. އެވަގުތު ފުންކޮށް ނޭވާލަމުން، ނިތްކުރިމަތީގައި ހުރި ދާތިކިތައް ފޮހެން މަސައްކަތް ކުރަމުންދިޔަ ޝާއިރާ އަރިއަޅާލި މަންޒަރު ފެނުމާއިއެކު މެހެކްއަށް އަވަސްއަވަހަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
“މަންމާ.. މަންމާ..” ކުއްލި ހަރަކާތަކާއިއެކު މެހެކްގެ އަނގައިން ޝާއިރާއަށް އިޝާރާތްކޮށް ހަޅޭކެއްގެ އަޑު ނުކުތުމާއިއެކު އެންމެންނަށް އެއްފަހަރާ ސިހިފައި ޝާއިރާއާއި ދިމާއަށް ބަލާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Layaaaaaaaaa unnie. Hama vrh reethi ingey mi part vx. Keep bringing the parts fastly. Saranghae unnie. Tc❤️
mi prt ves varah reethi
nxt prt ge inthixaaruga..
stay home
stay safe and sound
take care gey. sis
ly..
varah reethi mi part ves curiously waiting for the next part
maakinge nimmun varah baraabaru gatves huregen kankan vaanee mifahatu huttaanulaathi male dhaanee mehek e ee maakinge anhenunge gothuga dhen bappa dheraeh dhengnaa edheynee maakinnah thikan nukoh male nudhaathi??
Whn next part??
Aa episode submit kollaifin ingey