ނުފިލާނޭ މިހިތަކުން… 26
“ބައްޕަ ތި..” “އަޑު އަހާ މާކިން.. މިއީ އަދި ފެށުން.. މިއީ ވަރަށް ކުޑަ ކަމެއް.. މާކިން އޭނައާއި ވަކި ނުވެއްޖެއްޔާ ވަރަށް ގިނަ ކަންތައްތައް ވާނެ.. މިއަށްވުރެ މާ ބޮޑެތި ކަންކަން.. ފޫ ނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ.. ގޮތް ނިންމާނީ ހަމަ މާކިން..” މާކިންގެ އިތުރު އެއްވެސް ވާހަކައަކަށް ބިލާލް ފުރުސަތެއް ނުދިނެވެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯނު ބޭއްވިއިރު މާކިން ހުރީ ބަސް ހުއްޓިފައެވެ. އޭނާ ދެން ހަދަންވީ ކިހިނެތް ހެއްޔެވެ؟ އޭނާ މެހެކްއާއި ވަކިވާނީ ކިހނެތް ހެއްޔެވެ؟ އެކަމަކު ވަކި ނުވެއްޖެއްޔާ އޭނާގެ މެހެކްއަށް ވާނެގޮތެއްވެސް ނޭނގެއެވެ. އޭނާގެ ސަބަބުން މެހެކްއަށް ކޮންމެ ފަދަ ހާލެއްވެސް ޖެހިދާނެއެވެ. ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން މާކިން ބޮލުގައި ހިފަހައްޓާލަމުން ގޯތި ތެރޭގައި ހުރި ޖޯއްޔަށް ވެއްޓިގަތެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ގަދަވަމުންނެވެ. އޭނާއަކަށް ހަދާނެ ހަމަ އެއްގޮތެއްވެސް ނޭނގުނެވެ.
ވަގުތުތައް އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުންގޮސް ކައިސްއާއި ނާޔާގެ ކައިވެނީގެ ވަގުތު ޖެހުނުއިރު ޕާޓީއަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވެވުނީ މެހެކްއާއިއެކު އެހެން އެންމެންގެވެސް ފުރިހަމަ އެއްބާރުލުމާއިއެކުއެވެ. ކައިސްއާއި ނާޔާއަށް ކައިވެނީގެ ދުވަހުގެ ކުރީ ރޭ ފުރިހަމައަށް ނިދާލާ، އަރާމުކޮށްލަން ފުރުސަތު ލިބުނު ނަމަވެސް އެހެން އެންމެންނަށް އަރާމުކޮށްލުމަށް ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. ކައިސްގެ ކައިވެންޏަށް ތައްޔާރީތައް ވުމުގައި މެހެކް ހަރަކާތްތެރިކަމާއިއެކު ބައިވެރިވަމުން ދާތީ ކައިސްއާއި އެކު ޝާއިރާވެސް ނުހަނު ހިތްހަމަޖެހުނެވެ. ހިނިތުންވެފައި ހުންނަލެއް ގިނަވެފައި، ހަރަކާތްތެރިވެލާފައި އުޅޭގޮތުން އޭނާގެ ނަފްސާނީ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައި ވާކަމުގައި އެމީހުންނަށް ޔަގީން ކުރެވުނެވެ. ނަތީޖާ ލިބުނު ވަގުތުން ފެށިގެން މާކިންއަށް ވެރިވެފައިވާ އާދަޔާ ޚިލާފު ހަމަހިމޭންކަން މެހެކްގެ އިތުރުން ކައިރީގައި އުޅުނު އެހެން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް ދޭތެރެއަކުން އޭނާއަށް ވެފައި ހުރިގޮތް އަހާލި ނަމަވެސް ވަގުތުގެ ގޮތުން އެކަމާއި މާކިންއާއި ވާހަކަ ދައްކާލާނޭ ފުރުސަތެއް އެއްވެސް މީހަކަށް ނުލިބެއެވެ. އިޝާންއާއި ޝުބާއަށްވެސް އެކަކު އަނެކަކާއި އެކު އުފާވެރި ވަގުތުތައް ހޭދަކުރަމުން ކައިސްގެ ކައިވެނި ޕާޓީއަށް އެހީތެރިވަމުން ދިޔައިރު މާކިންއަށް ދެވޭ ސަމާލުކަން ކުޑަވެފައި ވާވަރުން މާބޮޑަކަށް އޭނާގެ މަޑުމައިތިރިކަމުގެ ހަގީގަތް ހޯދާކަށް ނުއުޅެވެއެވެ.
ކައިސްމެންގެ ކައިވެނީގެ ވަގުތު ޖެހި ކައިވެނި ކުރެވުނީ ޕާޓީ ބާއްވަން ތައްޔާރު ކުރެވުނު ރަށު މަދަރުސާގައެވެ. ޕާޓީގެ ތައްޔާރީތައް ކުރުމަށް އުޅުމަށްފަހު ތައްޔާރު ވެލައިގެން މާކިންއަށާއި އިޝާންއަށް ޕާޓީގައި ބައިވެރިވާން ދެވުނީ ކައިވެނީގެ ޙަފްލާ ނިމި ޕާޓީ ފެށުނު ފަހުންނެވެ. އިޒްޔަންގެ ސައިކަލު ފަހަތުގައި އިޝާން ދިޔައިރު މާކިން ގަސްތުކުރީ ހިނގާލާފައި ދިއުމަށެވެ. ލަސް ހިނގުމެއްގައި މަގުގެ އެއްކައިރިން ހިނގާލާފައި ދިޔައިރު ލައިގެން ހުރި ގަޔަށް ފިޓް އަތްދިގު ހުދު ގަމީހާއި، ކަޅު ފަޓްލޫނުގައި މާކިން ފެންނަނީ ހިތްގައިމު ގޮތަކަށެވެ. ލޫސް ގޮތަކަށް ގަމީސް ދަށަށް ޖަހާލާފައި އަދި ކެޝުއަލް ކަޅުކުލައިގެ ބޫޓަކަށް އަރާފައި ހުރުމުން ހިތްގައިމުކަމާއިއެކު ރަސްމީ ގޮތްގަނޑުވެސް އޭނާގެ ފަރާތުން ފެނެއެވެ. ފަޓުލޫނުގެ ދެޖީބަށް ދެއަތް ޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު އާދައިގެ ގޮތަކަށް ތަރުތީބުކޮށްލާފައިވާ ފަން އިސްތަށިކޮޅު އިރުއިރުކޮޅުން ބޮލުގެ ހަރަކާތަކާއިއެކު ރަނގަޅުކޮށްލަމުން ދާގޮތުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެ މަންޒަރަކީ ބަލަން ތިބޭ ބަޔަކަށް ކިތަންމެ ރީތި މަންޒަރެއް ނަމަވެސް މާކިންގެ ސިކުނޑީގައި އެވަގުތުވެސް ހިނގަމުން ދިޔައީ ބަޔާންކޮށްދޭން ނޭނގޭފަދަ ޚިޔާލުތަކެކެވެ. ބައްޕަގެ ފޯންކޯލެއް ފަހުން ނައި ކަމުގައިވިޔަސް މެހެކްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން އޭނާއަށް އެނގެއެވެ. އަދި އޭނާގެ އެއްވެސް ބަހެއް، އެއްވެސް ތަފްސީލެއް ބައްޕަގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާނެކަން އޭނާ ދެނެހުއްޓެވެ.
ޚިޔާލުތަކުގައި ހުރެ ޕާޓީ ބޭއްވިފައިވާ ތަނުގެ ދޮރުމައްޗަށް އެރުމާއިއެކު މާކިންގެ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިނިތުންވެލަން މަސައްކަތް ކުރަމުން އެތެރެއަށް ވަދެގެން ދިޔައީ މެހެކްގެ ފެނިލުމަކަށް އެދެމުންނެވެ.
“މައި ވެމްޕަޔަރ..” ކައިސްއަށާއި ނާޔާއަށް ކައިވެނީގެ ތަހުނިޔާ ކިޔުމަށްފަހު އެތެރެއަށް ވަނުމާއިއެކު މާކިންގެ ހިތުގެ ހިނގުން ބާރުވެލީ ފިނި ފިނި އަތަކުން އޭނާގެ އަތްތިލައިގައި ހިފަހައްޓާލުމުންނެވެ. ބޭއިޚްތިޔާރުގައި ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު މާކިން އެނބުރިލީ އޭނާގެ އަތުގެ ތެރޭގައިވާ އަތްތިލައިގައި ބާރަށް ހިފަހައްޓާލަމުންނެވެ. އެއާއިއެކު އޭނާއަށް ފެނުނީ އެ ހިނިތުންވުމަކަށްޓަކައި އޭނާގެ ފުރާނައިންވެސް ގުރުބާން ވާން ތައްޔާރަށް ހުރި ލޯބި ހިނިތުންވުމެވެ. އާދަޔާ ޚިލާފު ވިދުމެއް އެކުލެވިފައިވާ ބޮޑު ބޮޑު ދެލޮލުން މާކިންގެ މޫނަށް ބަލަހައްޓައިގެން އުފާވެރި ހިނިތުންވުމަކާއިއެކު ހުރިއިރު ރަތްކުލައިގެން ދިގު މެކްސީއާއި، ރަތް ބުރުގަލުގެ ތެރެއިން މާކިންއަށް މެހެކް ފެންނަމުންދިޔައީ ތާޒާ މަލެއް ފަދައިންނެވެ.
“މައި ކޫ..” މާކިން ހިނިތުންވުން ފުޅާކޮށްލަމުން ބޯ އަރިކޮށްލިއެވެ. އެއާއިއެކު ލުއި ހީނލުމަކާއި ފަރާތް ފަރާތް ބަލާލަމުން މާކިންގެ އަތުން ދޫކޮށްލުމަށްފަހު ޝުބާއާއި އިޝާން އިށީނދެލައިގެން ތިބި މޭޒު ދައްކާލަމުން އެތަނަށް ހިނގާށޭ މެހެކް ބުނެލިއެވެ.
“ހާދަހާ ރޮމޭންޓިކޭ ދޯ..” އިޝާން ޝުބާގެ އަތުގައި ހިފަހައްޓާލައިގެން އިންތަން ފެނުމުން މާކިން ދިޔަގޮތަށް އެންމެ ފުރަތަމަވެސް ކޮށްލީ ޖެއްސުމެކެވެ.
“ހުމް.. ފެނިއްޖެޔޭ ރޮމޭންޓިކް މީހުން..” މާކިންއާއި އެކުއެކީގައި ކަހަލަ ގޮތަކަށް އައިސް މޭޒުދޮށުގައި އިށީން މެހެކްއަށް ބަލާލަމުން ސަކަ ގޮތަކަށް ޝުބާ ބުނެލިއެވެ. އެއާއިއެކު މެހެކް ލަދުރަކި ގޮތަކަށް ހީނލަމުން ޝުބާއަށް އެއްލޯ މަރާލި މަންޒަރު ފެނުމުންވެސް މާކިންގެ ހިތުގެ ހިނގުމަށް އެނގުންވެލިއެވެ. މެހެކްއަށް އޭނާގެ ހިތާއި ކުޅެން އެހާ ފަސޭހައީ ކީއްވެހެއްޔެވެ؟
މާކިންމެންގެ ގާތުގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލުމަށްފަހު މެހެކް އެނބުރި ކައިސްމެން ކައިރިއަށް ދިއުމަށްފަހުވެސް މާކިންއަށް ބެލެމުން ދިޔައީ އޭނާގެ ހަރަކާތްތަކަށެވެ. ދުރުގައި ހުރެވެސް އިރުއިރުކޮޅުން މާކިންއާއި ދިމަ ބަލާލާ ހިނިތުންވެލާ ގޮތުން އޭނާގެ މަޑުމޮޅިވެފައިވާ ހިތަށް ދިރުން ލިބެމުން ދިޔައެވެ. ބައްޕަގެ އިންޒާރުތަކުގެ ސަބަބުން ގެއްލިފައިވާ ހިނިތުންވުން އެނބުރި އޭނާގެ ތުންފަތުން ފެންނަމުނެ ދިޔައެވެ. އެހެން ނަމަވެސް މެހެކްއަށް ލިބިދާނެ ގެއްލުމަކާއިމެދު އޭނާގެ ސިކުނޑި ދެމުން ގެންދިޔަ އިންޒާރުތައް އެންމެ ތަންކޮޅެއްވެސް މަދު ނުވެއެވެ.
އުފާވެރިކަމާއި، ހަލަބޮލިކަމާއިއެކު ވަގުތުތައް ހިނގަމުން ގޮސް ޕާޓީއަށް އަންނަމުންދިޔަ މެހެމާނުންތައް ހުސްވުމުން ކައިސްއާއި ނާޔާއާއިއެކު ކެއުމަށް އިންސާފުކުރަން މެހެކްއާއި މާކިންއާއި އަދި އިޝާންއާއި ޝުބާގެ އިތުރުން އިޒްޔަންއާއި ނާޔާގެ އާއިލާގެ ދެތިން ކުދިންވެސް ބައިވެރިވިއެވެ. ހުނުމާއި ސަކަރާތުގައި ވަގުތު ހޭދަވަމުންގޮސް ނާޔާގެ އާއިލާގެ ކުދިން ގެއަށް ދާން ބުނުމުން އެކުދިން ގެއަށް ގެންގޮސްދޭން ދިޔައީ އިޒްޔަންއާއި މާކިންއެވެ. އޭނާ ދިޔުމުން ގެއަށް ދާން ބޭނުންވެފައި ތިބިކަމުގައި ވިޔަސް މާކިން އެންމެންވެސް އެއްބަސްވީ މާކިން އައުމުން ގެއަށް ދާން މަޑުކުރުމަށެވެ.
“ވަރަށް ވަރުބަލިވެއްޖެ ދޯ ނާޔާ.. އަދި ބޮޑު ބޮޑު ހެދުމެއް ލައިގެން..” މެހެކް ނިކަން ލޯބިން ނާޔާ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.
“މިރޭ ސްޕެޝަލް ރެއެއްވީމަ ވަރުބަލި ވާކަމެއް ނޭނގޭނެ..” ނާޔާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޝުބާ ޖެއްސުމުގެ ރާގަކަށް ބުނެލި އެއްޗަކުން ނާޔާ ލަދުން މޯޅިވިއެވެ. އެއާއިއެކު ހީނލަމުން ކައިސް އޭނާގެ އަނބިމީހާގެ ކޮނޑުގައި ހިފާ ގާތްކޮށްލީ ލޯބިން ފުރިގެންވާ ފަދަ ގޮތަކަށެވެ.
“ކެން ލަސްވެއްޖެ ދޯ.. އިޒޫ އަންނާނެތަ އަދި..” އިޝާން ދޮރާއި ދިމާއަށް ބޯ އަރުވާލަމުން ވާހަކަދެއްކިއެވެ. އެވަގުތު އެދިމާއަށް ބާރު ހިނގުމުގައި މެހެކްގެ މަންމަ އަންނަތަން ފެނުމާއިއެކު އިޝާންގެ މޫނަށް ރޫތަކެއް ވެރިވެގެން ދިޔައެވެ. ޝާއިރާގެ ހިނގުމުގެ ބާރުމިނާއިއެކު މޫނުމަތީގައި ހުރި ރުޅިވެރިކަން އޭނާއަށް ފާހަގަ ކުރެވުނީއެވެ. އެކަމަށް އޭނާގެ ސިކުނޑި ސަމާލު ވީވަރުން ދޮރުން ވަދެގެން އައި މާކިންވެސް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ.
“މެހެކްކްކް..” ޝާއިރާ އައި ގޮތަށް އައިސް މޭޒުދޮށުގައި އިން މެހެކްގެ އަތު މުލައްދަނޑީގައި ހިފާ ކޮޅަށް ނެގުމަށްފަހު އޭނާގެ ކަންކަށިމައްޗަށް އެތިފަހަރެއް ވިހުރާލީ ގައިގައި ހުރިއްޔާ ހުރި ބާރެއް ލާފައެވެ.
“މަންމާ…” ލިބުނު ސިހުމާއި ހައިރާންކަމާއިއެކު އެންމެންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނު އިރު ކައިސް ހުރީ އޭނާގެ އަތު ތެރެއަށް މެހެކް ލައިގެން ޝާއިރާގެ މޫނަށް ހައިރާންކަމާއިއެކު ބަލަހައްޓައިގެންނެވެ. އޭރު ކޯ މަތީގައި އަތްއަޅައިގެން ކައިސްގެ އަތުތެރޭގައި ހުރި މެހެކްގެ ލޯ ފުރެމުން ދިޔައީ ވީ ތަދަށް ވުރެ ބޮޑަށް ގަތް ލަދެއްގެ ސަބަބުންނެވެ.
“ހުންނަ ގޮތްކުޑަކަން..” ޝާއިރާ އަނެއްކާވެސް އަތް ދަމާލާ މެހެކްގެ މޫނުމަތީގައި ޖަހަން އުޅުނު ވަގުތު ކައިސް އޭނާގެ އަތު ތެރޭގައި މެހެކް ފޮރުވާލީ ރައްކާތެރި ކުރާފަދަ ގޮތަކަށެވެ. އޭރު ނާޔާއާއިއެކު ޝުބާއާއި އިޝާންވެސް ހަދާނެ ގޮތެއް ނޭނގިފައި، ހިނގަމުންދާ މަންޒަރަށް ބަލަހައްޓައިގެން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. ޝާއިރާ މެހެކްދެކެ އެހާ ބޮޑަށް ރުޅި އަންނަންވީ އެއްވެސް ސަބަބެއް އެއިން އެކަކަށްވެސް ހިތައް އަރުވާލަންވެސް ނޭނގުނެވެ.
“މަންމާ.. ކިހިނެތްތަވީ.. ދޮންތި ކީއްތަ ކުރީ.. ނުޖަހާވެސް ތިވެގެން އުޅޭ ގޮތް ބުނެވިދާނެއެއްނު..” ބާރަށް ގިސްލެވެމުން ދިޔަ މެހެކްގެ ހަށިގަނޑު މެއާއި ލާ ބޮނޑިކޮށްލައިގެން ހުރެ ކައިސް ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު ހުރި ކަމުގައި ވީ ނަމަވެސް އޭނާގެ މޫނުމަތީގައި ހުރީ ހިތާމަވެރި އަސަރެކެވެ. އެހެން ނަމަވެސް މެހެކްގެ ދިފާއުގައި ކައިސް އެހެން ބުނެލުމުން ޝާއިރާގެ ރުޅި ހީވަނީ އިތުރަށް ގަދަ ވީ ހެންނެވެ. ބާރު ބާރަށް ނޭވާ ލަމުން މެހެކްގެ އަތުގެ މުލައްދަނޑީގައި ހިފާ ކައިސްއާއި ދުރުކުރިވިއިރު ރުޅި ގަދަވެގެން ގޮސް ޝާއިރާގެ ލޮލުން ކަރުނަވެސް ހިލިއްޖެއެވެ.
“ތީތަ ތިއުމުރުގަ އުޅެން ޖެހޭ ވައްތަރު.. ބަލަ އުމުރުން ވީ ވަރެއް ނޭނގޭތަ.. ލަދުކުޑަކަން.. އުމުރުން މާ ހަގު ކުއްޖަކާއި އެކީ އުޅޭނެހާ ގޮތަކަށް ތިއުޅެނީ.. އަހަރެން ލަދުން ހަލާކުވެއްޖެ.. ތީ ކުރިން މީހާކާ އިނދެ ދަރިއަކު ހުރި އަންހެނެކޭ.. ހީވަނީތަ އެހާ ޅަ ކުއްޖަކު ތިޔައުމުރުގެ މީހަކު ބޭނުންވާނެހެން.. އެއީ ފޫހި ފިލުވާލަނީ.. މުޅި ރަށުގަ މިހާރު އެ ނޫން ވާހަކައެއް ނުދައްކާ.. މެހެކް އުމުރުން ޅަ ފިރިހެން ކުއްޖަކު ގޮވައިގެން އުޅޭ ވާހަކަ.. ގޮތްކުޑަ.. އަހަރެން ލަދުން މަރުވާ ވަރު ވެއްޖެ..” އެއްޗެހި ކިޔަމުން ކިޔަމުން ގޮސް ޝާއިރާ މެހެކްގެ އަތު މުލައްދަނޑީގައި ހިފައިގެން ހުރުމަށްފަހު އޭނާ ކޮށްޕާލިއެވެ. އެވަގުތު މެހެކް ގޮސް ޖެހުނީ ފަހަތުން އައިސް މަންޒަރު ބަލަން ހުރި މާކިންގެ ގައިގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Ohhhh god e zaara kanthah thoahche e ee. Dhn kihinei baa vaanee. Curious. As usual mi part vx hama habeys.
Saranghae unnie.❤️❤️❤️
omg.. dhn kihineh baa vaanee..
curiously waiting for the nxt prt sis
stay safe and take care gey..??
ly..❤️❤️
ehaa dharindheke loabivaa manmaeh nama meehaku ehchekey bunelaairah hageegaiy balaanulaa boduvefa hunna anheh dhariyakuge gaiga egothah thalhaa aniyaa nukuraane she knows how was her doughter