އަހަރެންގެ ނަސީބު 2
” އާނ! އެފަދަ ދެވަނަ ބައްޕައެއް ދުވަހަކުވެސް ނާންނާނެ.. އަހަރެންގެ އުމުރުން އަށާރަ އަހަރުގައި ބައްޕައެއްގެ ލޯބި އިޙުސާސްވީ..އެއީ އަމީގެ ބައްޕަގެ ފަރާތުން… އަހަރެންގެ އަމިއްލަ ބައްޕަ ދުވަހަކުވެސް ލޯބިން އަހަރެންގައިގައި ފިރުމާފައެއް ނެތް.. ނުވިތާކަށް މަންމަ ދޫކޮށްދިޔަ ފަހުން ދިން އެއްޗެއްވެސް ނެތް.. މަންމަ ވަރަށް ޙާލުގައި އުޅެނިކޮށް މަންމަޔަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަމީގެ ބައްޕަ.. ނަމަވެސް މިހާރު މަންމަޔަށް އެކަމެއް ނުވިސްނޭ.. އަސްލު ބަހެއް ނުކިޔާ ހުއްޓަސް ވަރަށް ދެރަވޭ.. ބަހެއް ކިޔަސް ވަކި ވާނެ ފައިދާއެއްވެސް ނޯންނާނެ… ދޮންބެއަށް ފެންނަނީ އަމީވެސް ކައިވެންޏަކާ ދޭތެރޭ ވިސްނަން.. އޭރުންކަންނޭނގެ އަމީގެ ލައިފްވެސް ދެން އެހެން ގޮތަކަށް ބަދަލުވާނީ..” އާޔަން ވަރަށް ވިސްނާފަދައިން ބުންޏެވެ.
އޭނަ އަބަދުވެސް އަހަރެންގެ ހާލާމެދު ވިސްނާކަން އަހަރެންނަށް އެނގެއެވެ. ” އިޒާއަށް ރަގަޅު ބައްޕަޔަކު ލިބުމަށް އަހަރެން އެދެނީ… ކޮންމެ ކޮންމެ މީހަކާ ކައިވެންޏެއްވެސް ނުކުރެވޭނެ… މިހާރު އަހަރެންގެ މުސްތަޤުބަލަކީ އިޒާ… ކޮންމެ ކަމެއް ކުރިޔަސް ހަފަހަރު އެ ދަރިފުޅަށް ވާނެ ގޮތަކާމެދުވެސް ވިސްނަންޖެހޭ..” އަހަރެން ބުނެލީމެވެ. ” ތިކަން އިނގޭ.. އިޒާއާމެދު ނުވިސްނާ ކަމެއް ކުރާށެކޭ ނޫން މިބުނީ… އެކަމަކު ދިރިއުޅުމެއް ފެށުން ބުއްދިވެރިހެން ހީވާތީ މިހެން މިބުނީ..” އާޔަން ބުންޏެވެ. އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުން އެކަމާމެދު ވިސްނާނެ ކަމުގައި ބުނީމެވެ. އަދި އާޔަން އަހަރެންނަށް ދެރައެއް ނޭދޭނެކަން އަހަރެންނަށް އެނގެއެވެ. ” ހިނގާ މިއަދު އިޒާ ގޮވައިގެން ދުއްވާލަން ދާން..” އާޔަން ބުންޏެވެ. ” މަންމަ ރުޅި އަންނާނެ ދޮންބެ އަހަރެމެން ގޮވައިގެން ދިޔައްޔާ.. އަދި މިރެއަށް މަންމަޔާ ނަވާގެ ހެދުންތައްވެސް ތައްޔާރު ކުރަން އެބަޖެހޭ.. ނަވާ ގްރެޖުއޭޝަން މިރޭ އެބައޮތް..” އަހަރެން ބުނީމެވެ. ” އެހެންވިއްޔާ މިއަންނަ ހުކުރު ދުވަހު ހިނގާ… އިޒާ އަބަދު ގޭތެރޭގައި ގެންގުޅުން ރަގަޅެއް ނުވާނެ… ބޭރުތެރެވެސް އިޒާއަށް ފެންނަން ޖެހޭނެ… މަންމަ ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއް ނެތް..” އާޔަން ބުންޏެވެ.
ކައިގެން އާޔަން ދިޔަތަނާހެން ދޮންމަންމަޔާ ދެންތިބި ދެމީހުންވެސް ނިކުމެގެން އައެވެ. ” ކޮބާ ހެދުން ތައްޔާރުކޮށްފިންތަ؟..” ދޮންމަންމަ އަހާލިއެވެ. ” އަދި އިސްތިރި ކޮށްނުލެވޭ.. މޭޒުމަތި ސާފުކޮށްލައިފައި އެކަން ކުރާނަން..” އަހަރެން ބުނެލީމެވެ. ” މަގޭ ހެދުމުގެ ރޫތައް ރީތިކޮށް ނަގާތި.. އޭގެ އަތުގަވެސް ތިބޭނެ ކުދި ރޫތަކެއް.. އެބައިވެސް ރިއްޗަށް ކުރާތި.. އަދި މިރޭ އަންނަނާނެ އަހަރެން މޭކަޕް ކޮށްދޭނެ ކުދިންކޮޅެއް..އެމީހުނަށް ކަމުދާނެކަހަލަ ރަގަޅު އެއްޗެއް ކައްކާތި…” ނަވާރު އޭނަގެ ޚާދިމަކަށް އަމުރުކުރާ ފަދައަކުން ބުންޏެވެ. ނަވާރު ވާހަކަ ދެއްކިއިރުވެސް ދޮންމަންމަގެ ލޯ އަހަރެންގެ މޫނާ ވައްކެއް ނުވެއެވެ. ހީވަނީ އަހަރެން ކާލަންވެގެން ބަލާން ހުންނަ ހެނެވެ. ” ކިހިނެއްވީ.. މާބޮޑުކަމަކު ކިއީތަ؟..” ދޮންމަންމަ ބުންޏެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. ނަމަވެސް ނަވާމެން އެހާވަރުވިއިރުވެސް ދޮންމަންމަ އެމީހުން ލައްވާ އެއްވެސް ކަމެއް ނުކުރުވާތީ އަހަރެން ހަމަ އަޖައިބުވެއެވެ. އެއީ މުސްތަޤުބަލުގައި ކޮންމެވެސް މީހަކާ ކައިވެނިކޮށްގެން ޒަވާޖީ ޙަޔާތެއްގައި އެމީހުން އުޅުމަށް މަންމަ އެމީހުނަށް ދަސްކޮށްދެނީ ކޮންކަމެއްހެއްޔެވެ؟.. މަންމަ އެމީހުންގެ ކުރިމަގަށް ވިސްނަނީ ހަމަ އެފަދައިން ހެއްޔެވެ. ނުވަތަ އެމީހުން މީހުނާ ކައިވެނިކުރިޔަސް އަހަރެން މީ އެމީހުންގެ ޚާދިމާއެއްގެ ގޮތުގައި އަބަދު ހުންނާނެ ކަމަށް ހެއްޔެވެ؟.. އާޔަން ބުނީވެސް ތެދެކެވެ. އަހަރެންނަށް އޮތް އެންމެ ރަގަޅުގޮތަކީ އަވަހަށް ކައިވެންޏެއް ކުރުމެވެ. މަންމަޔަށް އެއްޗެއް ވިސްނޭނީ އޭރުން ކަންނޭނގެއެވެ.
ގެއަށް ބޭނުންވާ އެއްޗެހި ގަނެގެން އާޔަން ގެއަށްއައިސްވަނީ ފަސްގަޑި ބައިވާން ކައިރިވެފައި ހުއްޓާއެވެ. އޭނާގެ ފަހަތުން ދާނިޝްވެސް ވަނެވެ. ނަމަވެސް މަޑުކޮށް ނުލާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ” ހާދަ ބިޒީކޮށްލައިގެން.. ކޮންކަމެއް.. އިޒްކޯ .. ކޯއްޗެއް މިކުޅެނީ؟..” އާޔަން އަހަރެންނާ ވާހަކަ ދައްކަމުން އިޒާއާވެސް ވާހަކަ ދެއްކިއްކިއެވެ. ” މިއުޅެނީ މިރޭ ނަވާގެ މޭކަޕް ތައްޔާރުކޮށްދޭން އަންނަ ކުދިންކޮޅަށް އެއްޗެއް ތައްޔާރުކޮށްލަން…” އަހަރެން ބުނެލީމެވެ. ” އަން މިއޮތީ އިޒްކޮއަށް ދޮންބެ ގެނާ ހަދިޔާއެއް… އިޒްކޮއާދޭ ދޮންބެއާއެކު މިފޮތް ކިޔަން…” އާޔަން އިޒާއާ ވާހަކަ ދައްކަމުން އިޒާ ނަގައިގެން ގޮސް ސޯފާގައި އިށީނެވެ. ” ދޮންބެ އޮފީހުގައި އުޅެފައެއްނޫންތަ ތިއައީ.. މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފައި…އިހަށް އިޒްކޮ ބަހައްޓައިފައި ޖައްސައިލަން ދާންވީއެއްނޫންތަ..” އަހަރެން ބުނެލީމެވެ. ” އެކަމާ ހާސްނުވޭ ޖައްސައިލަން ވަގުތުވެދާނެ.. އެކަމަކު ހުރިހާ ވަގުތެއް ނުލިބެއެއްނޫން އިޒްކޮއާއެއްކޮށް މަޖާކޮށްލާކަށް…” ހިނިގަނޑެއް ޖަހާލަމުން އާޔަން ބުންޏެވެ. އަހަރެން އިތުރަށް ބުނަން ނަހަދާ ބަދިގެއަށް ވަނީމެވެ. ކައްކައި ނިމެން ގާތްވިއިރުވެސް އާޔަން އިޒްކޮއާއެކު ސަކަރާތް ޖެހުމުގައި އުޅުނެވެ. ނަމަވެސް ސިޓިންގ ރޫމްގައި އަޑު ހަރުވެގެން އަހަރެން އަވަހަށް ނިކުތީމެވެ. ” އާޔަންއަށް ގެއަށް އައިސް ތިނޫން ކަމެއް ނޯވޭދޯ؟ ބަލަ އޭނަ ހޯދި ގޮތަކަށް އޭނަ ތި ދަރި ބަލާނެ އެއް ނޫންތަ.. ކޮންމެހެން އާޔަން ޖެހޭތަ ތިދަރި ބަލަން..” ދޮންމަންމަގެ ހަޅޭކުގެ އަޑު މުޅި ސިޓިންގ ރޫމުގައި ހިފާލައިފައި ހުއްޓެވެ. އާޔަންއަކީ ދޮންމަންމަގެ އެންމެ ބޮޑު ކުއްޖާއަށް ވިޔަސް ދުވަހަކުވެސް އެމަންމަގެ ކުރިމަތީގައި ބަހެއް ނުބުނެއެވެ. އެއީ އަހަރެން އާޔަންއަށް އެންމެ ގަދަރުކުރެވޭ އެއްކަމެވެ. އެކަމަކު އަހަރެންގެ ވިސްނުމުގައި ބަސްބުނަން ޖެހިއްޖެ ހާލަތެއްގައި ބަސްބުނަން ޖެހޭނެއެވެ.
އިޒާ ދެލޮލުގެ ފުރާ ކަރުނަ ލައިގެން ދޮންމަންމަޔާ ދިމާލަށް ބަލަން ހުއްޓެވެ. އެކުޑަކުޑަ ހިތައް ކޮށްފައިވައި އަސަރު އެދެލޮލުން ހާމަވެއެވެ. އަހަރެން އެއްވެސް މީހެއްގެ މޫނަށް ބަލަން ނަހަދާ ގޮސް އާޔަންގެ އަތުގައި އިން އިޒާ އުރާލީމެވެ. ” ކަލެއަށް ކީއްވެތަ ކަލޭގެ ދަރި ނުބެލިގެން އުޅެނީ… މިގޭ އެހެންމީހުންނަކީ ކަލޭގެ ދަރި ބަލަހައްޓަން ގެނެސްފައި ތިބި ބައެއް ނޫން… ކޮންމެ ދުވަހަކު އޮފީސް ނިންމައިލައިފައި އައިސް ކަލޭގެ ދަރިބަލަން އޭނަ ހުންނަން ޖެހެނީ.. ލަދު ޙަޔާތެއްވެސް ނެއްތަ… ތިދަރި ދިން ތަނަކަށް ފޮނުވަން ވީއެއްނޫންތަ ބަލަން..” ދޮންމަންމަ އެއްފައްޗަކަށް އަމުނަމުން ދިޔައެވެ. އަހަރެންގެ ދަރިފުޅު ދޮންމަންމަޔަށް ކޮން އުނދަގުލެއް ކުރީހެއްޔެވެ. އެއްވެސް ކުށެއްނެތި އެދަރިފުޅަށް އެވަރު ކުރަމުންދަނީ އަހަރެންގެ ކެއްތެރިކަން ބަލަން ހެއްޔެވެ. އަހަރެންގެ ދަރިއާ ދިމާލަށް އެގޮތަށް ކިޔަންޏާ އަހަރެންނަކަށް ކެތެއް ނުވާނެއެވެ. ” މަންމާ އެއްޗެކޭ ކިޔާއިރު ވިސްނައިގެން ކިޔާބާ… ކުޑަ ކުޑަ ކުއްޖަކާ ދިމާލަށް އަދި މި ދުނިޔެއަކީ ކޯއްޗެއްކަން ނޭނގޭވަރު ކުޑަ ކުއްޖަކަށް މަންމަ ތިވަރު ކުރާކަށް ނުވާނެއެއް ނޫންތަ… އަހަރެން އެދަރިފުޅު ގައިގައި އައްލުމަކުން އޮތް މައްސަލައަކީ ކޮބާ؟.. އަހަރެން އެދަރިފުޅަށް ޚަރަދު ކުރުމަކުން އޮތް ކުށަކީ ކޮބާ؟.. އެދަރިފުޅު އަމީރާއަށް ލިބުމުގައި އަމީރާގެ ކުށަކީކޮބާ؟ އަހަރެން ދެފައި މައްޗަށް ތެދުކުރުވައި އަހަރެންނަށް ބަފައިވަންތަކަމުގެ ލޯތްބެއް ލިބުނީ އަމީރާގެ ބައްޕަގެ ފަރާތުން… މަންމަ ކީއްވެ އެހާ އަވަހަށް އެކަންތައް ހަނދާންނެތުނީ…އަހަރެމެން މިހާރުވެސް އުޅެމުން މިއަންނަނީ ހަމަ އެފައިސާއިން..މަންމާ އަހަރެން ދެރަވޭ މިގޮތަށް މަންމަ ކުރިމަތީ ކިޔަން ޖެހުނީތީ..މީ އަހަރެން ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫން…” އާޔަން ވަރަށް ދެރަވެފައި މަޑު މައިތިރި އަޑަކުން ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އިތުރަށް މަޑުކުރަން ނަހަދާ ބަދިގެއަށް ދިޔައީމެވެ. އޭރުވެސް މަންމަ އަހަރެންނަށާ އަހަރެންގެ ދަރިފުޅާ އާޔަން އަށް އެތިފަހަރު ގޮވަމުން ދިޔައެވެ. ޙާޤީގަތަކީ އަހަރެންނަށް އަހަރެންގެ ދަރިފުޅުގެ ބައްޕަޔަކީ ކާކު ކަމެއް ނޭނގެއެވެ. އަދި އަހަރެން ބަނޑުބޮޑުވާން ޖެހުނު ސަބަބެއްވެސް އަހަރެންނަކަށް ނޭނގެއެވެ.
އެއީ މީގެ ތިންއަހަރު ކުރިއެވެ. ބައްޕަ ނިޔާވިޔަސް އަދި ދޮންމަންމަގެ ނަފްރަތާ ކުރިމަތިލާން ޖެހުނަސް އަހަރެން ބޭނުންވީ ކޯހެއް ހެދުމަށެވެ. އެއީ ބައްޕަ އަބަދުވެސް ބޭނުންވަމުން އައީ އަހަރެން ބިޒްނަސް ދާއިރާއިން ކުރިއަށް ދިޔުމަށެވެ. އަހަރެން އެކަން ބޭނުންނުވާނަމަ އަހަރެން ބޭނުން ދާއިރާކުން ކުރިޔަށް ދިޔަޔަސް ބައްޕަޔަށް ރަގަޅު ކަމުގައި ބުންނެވެ. އެހެން ކަމުން ބިޒްނަސް ދާއިރާއިން ކުރިއަށް ދިޔުމަށް ކޯހަށް ކުރިމަތިލީމެވެ. އެއީ އާޔަންގެވެސް އެދުމުގެ މަތިންނެވެ. ކޯހަށް ދާން ފެށުމުން ގޭތެރޭގެ ކަންތައްތައް ފުރިހަމަ ނުވެގެން ދޮންމަންމަ ވަރަށް ހަޅޭލަވާވެސް ހަދައެވެ. ނަމަވެސް އެކަމަކަށް އަޅައެއް ނުލަމެވެ. ސްކޫލްދައުރުގައިވެސް އަހަރެންނަކީ އެކުވެރިން ގިނަ މީހެކެވެ. ހަމަ އެގޮތަށް ކޯހުގައިވެސް ވަރަށް ގިނަ އެކުވެރިން ލިބުނެވެ.
ކޯސްފެށިތާ ފަސްވަނައަށް ވީމަހު އެއްދުވަހަކު އަހަރެންނަށް ހޭލެވުނީ ހެނދުނު އަށެއްވެސް ޖެހިފަހުންނެވެ. އަހަރެން ރޭގަނޑު ކުރަން ހުންނަ މަސައްކަތައް ނިންމާފައި އަވަހަށް އޮށޯންނަ މީހެކެވެ. ހެނދުނު އަށެއް ޖަހާއިރަށް ކޮލެޖަށް ދާން ޖެހެއެވެ. އާންމު އުސޫލުން އެރޭވެސް އަވަހަށް ނިދީމެވެ. ފަތިސް ނަމާދަށް ތެދުވުމަކީ ވެސް އަހަރެންގެ އާދައެކެވެ. ނަމަވެސް އަހަރެންނަށް އެހާ ލަހުން ހޭލެވުނީތީ ހައިރާންވިއެވެ. ފޯނު ބަލައިލިއިރު ކްލާސް ކުދިންވެސް ވަރަށް ގިނައިން ގުޅާފައި ހުއްޓެވެ. ހޭނުލެވުނީ ކަމުގައި އެމީހުންނަށް މެސެޖު ކޮށްލީމެވެ. ނަމަވެސް މިއީ އެއްދުވަހުގެ ކަމަކަށް ނުވިއެވެ. އާދައަކަށް ވެއްޖެއެވެ. ފަތިސްނަމާދަށް ހޭ ނުލެވޭ ދުވަސްތައް ގިނަވެއްޖެއެވެ. ލަހުން ހޭއަރާ ކޮންމެ ދުވަހަކު އުނަގަނޑުގައާއި ބުރަކަށީގައި ފާޑެއްގެ ރިހުމެއްވެސް ހުރެވެ. އަހަރެންނަށް ވާގޮތް އެންމެގާތް ރަޙުމަތްތެރިޔާ ޝާޔާއާ ހިއްސާކޮށްލީމެވެ. އެކުވެރިޔާ އެދުނީ ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް އަހަރެންނަކަށް އެއީ މާ ބޮޑުކަމަކަށް ނުވެއެވެ. އަވަހަށް ހޭލެވޭ ދުވަހެއްނަމަ އަވަހަށް ހެނދުނު ސަޔަށް އެއްޗެއް ހަދައިލައިފައި ދަނީ ކޮލެޖަށެވެ. އަހަރެން އެންމެ ހައިރާން ކުރުވި ކަމަކީ ލަހުން ހޭލެވިގެން ސައި ނެހެދިގެންނޭ ކިޔައިފައި އެދުވަސްކޮޅު ދޮންމަންމަގެ އެއްވެސް އުނދަގުލެއް ނުވެއެވެ. ނަމަވެސް ފެނިއްޖެއްޔާމު ކޮލެޖައް ނުދާއިރުވެސް ސައިހަދަން ބަދިގެއަށްވެސް ނުވަދެވޭ ދޯއޭ ބުނެލައެވެ. އިތުރު ހާސަރުތައް ދަމާއަޑެއް ނުއިވެއެވެ.
މިހެން އުޅޭތާ ދެހަފްތާއެއް ވަރު ވީއިރު އަހަރެންނަށް އަވަހަށް ހޭލެވުނަސް ކޮޅަށް ތެދުވެވޭހާ ވަރުގައިގައި ނުހުރެއެވެ. ބޯ އަނބުރަނީއެވެ. ތެދުވެއްޖެއްޔާ ހޮޑުލަވާ ގޮތްވަނީއެވެ. ހެނދުނު ސައިތައްޔާރު ކުރާކަށް ބަދިގެއަކަށް ނުވަދެވެއެވެ. ވަސް ޖެހޭއިރަށް މޭނުބައިކޮށް ހޮޑުލަވަނީއެވެ. ކޮލެޖަށް އެއްވެސް ގޮތަކަށް ނުދެވި ހުއްޓިއްޖެއެވެ. ޝާޔާއާ މިކަންތައް ހިއްސާ ކޮށްލުމުން އަނެއްކާވެސް އޭނާ އެދުނީ ޑޮކްޓަރަށް ދެއްކުމަށެވެ. އިތުރުގޮތެއް ނެތުމުން ޑޮކްޓަރަށް ދެއްކީމެވެ. ލިބުނު ޚަބަރުން އަހަރެން ދުނިޔޭގެ ހިނގުންވެސް ހުއްޓުނު ފަދައެވެ. މިހެންވާންވީ ކީއްވެހެއްޔެވެ. އަހަރެންމީ ގޯސްކޮށްއުޅޭ މީހެއް ނޫނެވެ. ހިލޭ ފިރިހެނުންނާއެކު އުޅޭ މީހެއްނޫނެވެ. އެކުވެރިންނަށްވެސް ފިރިހެނުންގެންގުޅޭ މީހެއްނޫނެވެ. އަހަރެންނަށް މިހެންވާންވީ ކީއްވެ ހެއްޔެވެ. ދުނިޔޭގެ ލަދުގަ އަހަރެން ބެދުނީއެވެ. ދަރިފުޅުގެ ބައްޕަޔަކީ ކާކުކަމެއް ނޭނގެއެވެ. އެމީހަކު އަހަރެންނާ ބެހެވޭނީވެސް ކިހިނަކުން ހެއްޔެވެ. ކޮލެޖު ނޫން ތަނަކަށް ނުދަމެވެ. އަބަދު ގޭގެ މަސައްކަތުގައި ގޭތެރޭގައި އުޅޭ މީހަކީމެވެ. އަހަރެން ދުނިޔޭގައި އުޅެންވެސް ފޫހިވިއެވެ. ވިސްނުމަކަށް ގެއްލިފައި ހުރެ މަޑުމަޑުން ގެއަށް އައިސްވަނީމެވެ. އޭރު ސޯފައިގައި ދާނިޝްއާ ދޮންމަންމަ ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ” މުޅި ރަށް ކުޑަކަމަށް ރަށުތެރޭ އެނބުރިލައިފައި ދޯ ތިއައީ… މިހާރު ދެން ނުވެ އޮތްކަންވެސް ވާން ފެށީދޯ؟..” ދޮންމަންމަގެ ފަތިވަރުތަކާ ކުރިމަތިލާން ޖެހުނީއެވެ. އަދި މިކަންތައް އެނގިއްޖެއްޔާ ކިހާވަރެއް ވާނެހެއްޔެވެ. ނަމަވެސް ހަޅޭ ލެވިޔަސް ނޭނގިއެއް ނޯންނާނެއެވެ. ބުނާނެ އިތުރު މީހެއް ނެތެވެ. އަހަރެން މަޑުމަޑުން ދިޔަތަން ބުނީމެވެ. އަދި ރޮވޭ ވަރުން ވާހަކަ ނުދެއްކޭ ޙާލު ހިތުގައި އަޅައި ވޭންތަކާ ގައިގައި އަޅާ ވޭންތަކަށް ކެތްނުކުރެވޭހާލު މަޑުމަޑުން އަހަރެންނައި ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ބުނީމެވެ. ދޮންމަގެ އިތުރު ހަޅޭކުގެ އަޑު މުޅި ސިޓިންގ ރޫމްގައި ގުގުމާލައިފިއެވެ. ކޮޓަރިތަކުގައި ތީއެންމެންވެސް މަންމަގެ ހަޅޭކުގެ އަޑަށް ނިކުމެއްޖެއެވެ.
” ލަދެއް ނުގަނޭތަ… ކާކުގެ ދަރިއެއްތަ… ބުނޭ އަހަރެމެންގެ އާއިލާގެ އަގުވައްޓާލާނެ ކަމެއް ނުފެނިގެން ކުރި ކަމެއް ދޯ… ބުނޭ ތީ ކާކުގެ ދަރިއެއް…” އިރެއްއިރަކަށް ދޮންމަންމަގެ ހަޅޭކުގެ އަޑު ގަދަވަމުން ދިޔައެވެ. ސާޖިދު ހުރީ ތަބަކަށް ލެގިލައިގެން ވަރިހަމަކަން ބޮޑުގޮތަކަށް ބަލަހައްޓައިގެންނެވެ. ދާނިޝް ހުރީ ކޮޅަށް ތެދުވުނު ގޮތަށް އަހަންނައި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނަގެ މޫނުމަތިން ކަމެއް ފާހަގަ ކުރާކަށް އަހަރެންނަކަށް ނޭގުނެވެ. ގޭގަ ހަލަބޮލިކޮށް އުޅެމުން އަންނަނީ އޭނައެވެ. ނަމަވެސް އޭނަވެސް ހުރީ ހުއްޓިފައެވެ. ދެން ތިބި ތިންބެއިންގެ މޫނުމަތިން ފެންނަމުން އަންނަނީ އަހަރެން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުރި ވައްތަރެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އަހަރެންނަށް މި ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން އޭނގޭނަމަނޫން ހެއްޔެވެ. އަހަރެންގައިގައި ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެންނަށް ދެވުނީ ސިޑިއާ ހަމައަށެވެ. މޫނުމައްޗަށް އަރައިގެން ދިޔައީ ދޮންމަންމަގެ ހޫނު ވިހަގަދަ އަތްތިލައެވެ. ޖެހި ބާރުކަމުން އަހަރެން ކޮޅަށް ހުރުން ވީ ދަތިކަމަކަށެވެ. ވަގުތުން ވެއްޓެން ދިޔައެވެ. އަހަރެންގެ ބޮލަށް ވަރަށް ތަދުވިކަން އެނގުނެވެ. އޭގެފަހުން އަހަރެންނަށް ފެނުނީ އާޔަން އަހަރެންގެ ނަމުން ގޮވަމުން އައިސް ކައިރިގައި ހުއްޓުނު ތަނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Varah reeethi maasha allah
Thank you fathun?????
masha allah kudhu… mibaives varah furihama….cant wait for next part
Thank you thiththaa
Wow..vrh reethi..I think dhaanish raped her..vrh heevey dhaanish ge kuhjehhen izaa eii.. next part koniraku upkurani..Kon dhuvasthakehga mi story up kurani
balamaa dho kaakuge kuhjeh tho… Insha Allah dhedhuvahun ehdhuvahu up kuraanan. vaahaka kiyaalee thee shukuriyya ޔާމާ
Maasha allah haadha reehchy wow??
Thank you Ram
Kobatha next part..please avahah upload kohdheeba.. can’t wait..vrh vrh reethi mi story..
up koggen hure hure publish nuvegen mi inthizaaru kuranee. buni dhuvahah up nuvaathee maafahves edhen. ތައީthank you