Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

އަހަރެންގެ ނަސީބު 1

kudhoo Level 310 Stories100 Comments
August 12, 2020 5 Mins Read
4 Comments

އާދައިގެ މަތިން މިއަދުވެސް ރޭގަނޑު ތިނެއް ޖެހީ އަހަރެން ހޭލާ ހުއްޓައެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން ފެންވަރައިލައިގެން ތަހައްޖުދު ނަމާދު ކޮށްލީމެވެ. ހިތައް އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެންދަނީ ދަމުތެދުވެ މިކުރާ ނަމާދުންނެވެ. ފަތިސް ނަމާދާ ދެމެދު އޮތް ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ދުޢާ ކުރުމަށް އަތް އުފުލިގޮތަށް އަތް ތިރިކޮށްލެވުނީ ފަތިސްނަމާދު ބަންގީގެ ހިތްގައިމު އަޑުންނެވެ. ދިރިއުޅުން ބާއްޖަވެރިކޮށްދެއްވުމަށްއެދި އެތައް ފަހަރަކު ދުޢާކުރެވިއްޖެއެވެ. އެއީ ކޮންމެ ނަމާދެއްގެ ފަހުގައި ވެސް ކުރެވެމުންދާ އާދޭހެކެވެ. ފަތިސްނަމާދުކޮށްލައިގެން އިށީދެލީ ޤުރުއާނުގެ މޫރިތި އާޔަތުން އާޔަތެއްވަރުވެސް ދަސްވެވޭތޯއެވެ. ކިޔަވަން ހުއްޓާ ކުކުޅު ހާތަކާ އެކިއެކި ދޫނިތަކުގެ މިއުޒިކީ އަޑުއިވެން ފަށައިފިއެވެ. އަވަހަށް މުސްޙަފް ލައްޕާލުމަށްފަހު ގޭތެރޭގެ ކަންތައްތަކާ އުޅެން ނިކުމެލިމެވެ. އަހަރެންގެ ވަޒީފާއަކީ މިއީއެވެ. ގޭގައި އުޅޭ އެންމެންގެ ކަންތައްތައް ބެލެހެއްޓުމާއި ގޭގެ ކަންތައްތައް ބެލެހެއްޓުމެވެ. އޭގެއިތުރުން އަހަރެންގެ ތިންއަހަރުގެ ކުޑަ އަންހެން ދަރިފުޅު އިޒާގެ ކަންތައްތަކެވެ.

ރޭގަނޑު ނިދަންވެގެން ބަދިގެތެރެ ސާފުކޮށްލައި ހެނދުނު ސަޔަށް ބޭނުންވާ އެއްޗެހި ކޮށައި ތައްޔާރުކޮށް އަލަމާރިއަށް ލާފައި ބެހެއްޓޭތީ ހެނދުނުގެ ސައިތައްޔާރުކުރުމަށް ފަސޭހަވެގެންދެއެވެ. ސައިތައްޔާރުކޮށްނިމި މޭޒުމައްޗަށް ނަގަން ހުއްޓާ ކަރުގައި އަޅާފައި އޮތް ޓައި ރަގަޅު ކުރަމުން އާޔަން އައިސް ބަދިގެއަށް ވަނެވެ. އާޔަންއަކީ ގޭގެ އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ” އަމީ ނިމުނީތަ؟ އާދޭ ސައިބޯން.. އަދި އެހެންމީހުން ނުތެދުވާހެން ހީވަނި…” އާޔަން ބުންޏެވެ. އާޔަންއަކީ ގެއިން އަހަރެންނަށް ލެއްވި ހެޔޮ ރަޙުމަތެކެވެ. އެނޫނީ އެގޭތެރެއިން ހިތްހެޔޮކަމާއެކީ ބަހެއްކިޔާނެ މީހަކުވެސް ނުވެއެވެ. އަހަރެންގެ ދަރިފުޅުގެ ކަންތައްތައް ބަލަހައްޓައިދެނީވެސް އާޔަންއެވެ. އެކަމާހެދިވެސް ގޭތެރޭގެ މަސްލަހަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ” ގޮތެއް ހަދައިލައިގެން މިހުރީ ދޮންބެ އަވަހަށް ސައިބޯންވީއެއްނޫ.. ގަޑި ޖެހެންވެސް ކައިރިވެފަ އެއިނީ..” އަހަރެން ބުނެލީމެވެ. ” އާން! މިއަދު ތަންކޮޅެއް ލަހުން ހޭއެރީ.. ރޭގަ ވަރަށް ލަހުން ނިދުނީ..” އާޔަން ބުންޏެވެ. އާޔަން ދިޔައީމާ އޭނަ ސައިބުއިތަށިތައް ނަގާ މޭޒުމަތި ސާފުކޮށްފައި ގޭގެ ބާކީ ތިބި މީހުންނަށް މޭޒުމަތި ތައްޔާރުކޮށްފައި އަހަރެންވަނީ ކޮޓަރިއަށެވެ. އޭރު އިޒާއޮތީ ހޭލައިގެންނެވެ. އަހަރެން ދަރިފުޅު ރީތިކޮށްގެން ބޭރަށް ނިކުތްއިރު ދޮންމަންމަ އަދީލާއާއި އޭނަގެ ދަރިންގެ ތެރެއިން ދެއަންހެން ދަރިން ސައިބޯން ތިއްބެވެ.

އަހަރެން މިއާއިލާއަށް އައީ އަހަރެންގެ އުމުރުން ބާރަ އަހަރުގައެވެ. އެއީ އަހަރެންގެ މަންމަ ނިޔާވުމާއި ގުޅިގެން އަހަރެން ރަގަޅު ގޮތުގައި ބޮޑުކޮށްދިނުމަށްޓަކައި އިތުރު ފަރާތެއް ބޭނުންވާތި ބައްޕަ އަދުނާން އަދީލާއާއި ކައިވެނި ކުރި ހިސާބުންނެވެ. ބައްޕަ އަދީލާއާއި ކައިވެނިކުރި އިރު އޭނަގެ ތިން ފިރިހެން ދަރިން ތިއްބެވެ. އޭގެ ފަހުން ބައްޕަޔާ ކައިވެނިކޮށްގެން ދެއަންހެން ކުދިން ލިބިފައި ހުރެއެވެ. އަހަރެންގެ ނަސީބުގައި ހުރި ގޮތްކަންނޭނގެއެވެ. އަހަރެން އޯލެވެލް ނިމެންދެން އަހަރެންގެ ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓެވެ. އޭރު ބައްޕަޔަކީ ބައްޕަގެ ދޮންދަރިންނާއި ބައްޕަގެ އަމިއްލަ ދަރިންގެ ދެމެދުގައި އެއްވެސް ތަފާތެއް ނުކޮށް ލޯބިދީ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިން މީހެކެވެ. ބައްޕައަކީ ރަށުގައި މުއްސަނދި އަމިއްލަ ކޮމްޕެނީއެއްހުޅުވައިގެން ވިޔަފާރިކުރަމުންއައި ފަރާތެކެވެ. ނަމަވެސް އަހަރެން އޯލެވެލް ނިމި ނަތިޖާ ލިބުނު ދުވަހަކީ ބައްޕަ މިދުނިޔެއަށް ފަހު ނޭވާލީ ދުވަހެވެ. ގަދަވެ ސަލާމަތުން ހުރި ބައްޕަ އެއްވެސް ކަމެއް ނުވެ ކުއްލިއަކަށް އަހަރެމެންނާއި ވަކިވެގެން ދިޔައީއެވެ. އޭރު ދޮންމަންމަގެ އެންމެ ބޮޑު ފިރިހެން ދަރިފުޅު ކިޔަވަމުން އައީ ބިޒްނަސް ދާއިރާއިން މެލޭޝިޔާގައެވެ. އެއީ އޭނާގެވެސް ކިޔެވުމުގެ ފަހު އަހަރެވެ. އޭނައަށްވެސް އަދި ދެން ތިބި ބެއިންނަށްވެސް ކިޔެވުމަށް ފަހި މުސްތަޤުބަލެއް ހޯދައިދެމުން އައީ ބައްޕަގެ ބުރަ މަސައްކަތުންނެވެ. އާޔަން ކިޔެވުން ނިންމާފައި އައިސް ބައްޕަގެ ކޮމްޕެނީގެ ކަންތަކާ ހަވާލުވިއެވެ. އެދުވަހުއްސުރެ ގޭގެ ހުރިހާ ބޮޑެތި ޚަރަދުތަކެއް ބެލެހެއްޓުމުގައި ބައްޕަގެ ބަދަލުގައި އުޅެމުން އަންނަނީ އާޔަންއެވެ.

އަހެރެންނަށް އެއްބަފަޔަށް ލިބުނު ދެއަންހެން ދަރިންނަކީ ދޮންމަންމަގެ ރާނީންތަކެވެ. އެމީހުން އަތުންފައިން އެއްވެސް ކަމެއް ކުރުމަކީ ދޮންމަންމަ ދެކޭ ގޮތުގައި ވަރަށް ދަށް ކަމެކެވެ. ގޭގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރަން ޖެހޭ މީހަކީ އަހަރެންނެވެ. އެދެމީހުންގެވެސް ޚާދިމާއަކަށް ވާން ޖެހެނީ އަހަރެންނެވެ. މިއީ ބައްޕަ މިދުނިޔެއަށް ފަހު ނޭވާ ލުމަށްފަހު އަހަރެން އުޅެން ޖެހޭގޮތެވެ.

ސިޓިންގ ރޫމްގައި ބަހައްޓައިފައި ހުރި ސޯފައިގައި ދަރިފުޅު ބަހައްޓައިފައި އަހަރެން ދަރިފުޅަށް ދިނުމަށްޓަކައި ކާއެއްޗެއް ތައްޔާރުކުރުމަށް އަވަސްވެގަތީމެވެ. ” އަމީރާ މިރޭ ނަވާގެ ގްރެޖުއޭޝަން ހަފްލާ އެބޮތް.. އެހެން ވީމަ އޭނަގެ ހެދުންތައް ތައްޔާރު ކޮށްފައި ބަހައްޓާތި.. އަހަރެންވެސް ދާންޖެހޭ އެތަނަށް އެހެންވީމަ އަހަރެން ރޭގަ ގަތް ހެދުން އޮންނާނެ އެނދުމަތީ ބަހައްޓާފަ އެވެސް ތައްޔާރުކުރާތި..” އަދީލާ ބުންޏެވެ. ނަވާރުއަކީ ދޮންމަންމަގެ ދޮށީ އަންހެން ދަރިއެވެ. އޭނަ އޭލެވެލްނިމި ގްރެޖުއޭޝަން ހަފްލާ މިރޭ ފާހަގަ ކުރަނީއެވެ. އެއީ އަހަރެންވެސް ހުވަފެނުން ދެކެމުން އައި ކަންތަކެވެ. ނަމަވެސް އެހުވަފެނުގައި އެއްވެސް ކުލައެއްނުޖެހި ދިޔައީއެވެ. ދެން ހުރީ ތާނިޔާއެވެ. މިހާރު ކިޔަވަމުން އަންނަނީ ގްރޭޑް ދިހައެއްގައެވެ.

ދަރިފުޅަށް ކާންދީ ނިމުނު ތަނުން ދޮންމަންމަގެ ދެންތިބި ދެދަރިން ދާނިޝްއާއި ސާޖިދު ބަދިގެއަށް ވަނެވެ. ” މިއަދުވެސް ސައިބޯން ހުރީ މަސްހުންޏާ ކަޅުސައިތަ؟ މަޝަކަށް އަބަދު ކާ އެކައްޗެއް ނުކެވޭނެ…” ސާޖިދަށް ދުވަހަކުވެސް ގޭގައި ކައްކައި ކާއެއްޗިއްސެއް ރަގަޅެއް ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކޫސަނި މައްސަލައެއް ޖައްސައިފައި އޭނާދާނީ ބޭރަށެވެ. އޭނަގެ ކެއިން ބުއިން މުޅިންވެސް ހުންނަނީ ބޭރުންނެވެ. ޒިންމާދާރު ވަޒިފާއަކަށް ނުދާތާގަ އަބަދު މަންމަ ކައިރިން ފައިސައި ހޯދައިގެން އެތަޅާލަން ދިޔުން ނޫންކަމެއް ނޯވެއެވެ. އެމަގުގައި އޭނާ ދާން އެންމެ ބޮޑު ހިތްވަރަކަށް ވެފައި ވަނީ ދޮންމަންމައެވެ. ދާނިޝްއަކީ އޭގެ އިދިކޮޅެވެ. ގޭގަ ކައްކައިފައި ހުރި ކޮންމެ އެއްޗެއް އޭނައަށް އެންމެ ރަގަޅެވެ. ކައިގެން ބޭރަށް ދާ މީހާގެ ޚަބަރެއް ވާނީ ފެންވަރަން ނޫނީ ޒަރޫރީ ބޭނުމެއްގައި ގެއަށް އައިސް ވަނިއްޔާއެވެ. ނަމަވެސް އޭނަ އަންނަނީ އޭނަގެ އަމިއްލަ ރެސްޓޯރެންޓެއް ހިންގަމުންނެވެ. ގޭގެ މީހުންނާއި ގުޅުން ބަދަހިކޮށް ވާހަކަ ދައްކައި ހެދުމަކީވެސް ދާނިޝްގެ އޮންނަކަމެއް ނޫނެވެ. ގޭތެރޭގައި ހިނގާ ކަންތައްތަކަކީ ދާނިޝްބަލާ ކަންތައްތަކެއްވެސް ނޫނެވެ. އެއީ ކުރިން އޭނާ އުޅެމުން އައި ގޮތެއް ނޫނެވެ. އަހަރެން ސްކޫލް ނިމުނުއިރުވެސް އޭނާއަކީ ގޭތެރޭގައި ހަލަބޮލިކޮށް އުޅެމުން އައި މީހެކެވެ. ބައްޕަ ނިޔާވިފަހުން ކޮންމެވެސް އެއްޗެކޭ ކިޔައި އަހަރެންނާވެސް ދިމާކޮށްލެވޭތޯ ބަލައެވެ. ނަމަވެސް މިހާރު އެއީ މުޅިން އެހެން މީހެކެވެ.

ދާނިޝްކައި ނިމުމުން މޭޒުމަތި ސާފުކޮށްލައިފައި އިޒާ ގޮވައިގެން އަހަރެންވަނީ ކޮޓަރިއަށެވެ. އެއްވެސް ނަމާދެއް ދުކޮށްލުމަކީ އަހަރެންގެ ދުވަހުގެ ހިތްހަމަޖެހުން ގެއްލިގެންދާ ކަމެކެވެ. ނަމާދަކީ އަހަރެންގެ ހުރިހާ ހިތްހަމަޖެހުމެވެ. ގޭތެރޭގައި ހިނގާ ހުރިހާ ކަންތަކުން އަހަރެންގެ ނަފްސަށާ ސިނކުނޑިއަށްވެސް ލުއިވެގެން ދެއެވެ. އަހަރެންގެ އެންމެ ބޮދު އުފަލަކީ އަހަރެން ނަމާދުކުރާތަން ފެނުމުން އަހަރެންގެ ކުޑަ ދަރިފުޅުވެސް ކައިރިއަށް އައިސް ނަމާދުކުރަން ހުންނަގޮތްފެނުމުންނެވެ. އަދި އޭނާ ހޭލާ ހުންނަ ގަޑިތަކުގައި އަހަރެން ކިޔަވާ އަޑު އިވުމުން އޭނަވެސް ފަހަތުން އެކިޔަން މަސައްކަތް ކުރާތަން ފެނުމުން އަހަރެންގެ ހިތައް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. ދަރިފުޅަށް މިހާރު ޤުރުއާނުގެ ބައެއް ކުދި ސުރަތްތައް ދަސްވެއްޖެއެވެ. އެ ދަރިފުޅަށް އަހަރެންނަށް ނުލިބުނު ރަގަޅު މުސްތަޤުބަލް ލިބުމަށް އަހަރެން އަންނަނީ ކެނޑިނޭޅި ދުޢާ ކުރަމުންނެވެ. ނަމާދު ކޮށްލައިގެން އިޒާ ނިންދަވައިލައިފައި މެންދުރަށް ކައްކަން ނިކުތީމެވެ. ކައްކައި ނިމުނު އިރު އެގާރަޖަހާފިއެވެ. އެހެންކަމުން ގޭތެރޭގެ ތަންތަން ރީތިކޮށްފައި އެންމެން ލާ އަންނައުނުތައް ދޮންނަން ވަނީމެވެ. އަހަރެން ގޭގައި އުޅެމުން އަންނަ ގޮތް އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކިޔަސް އާޔަންއަށް ފެނެއެވެ. އެހެންކަމުން އަހަރެންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި އޭނާ ހުންނަނީ ބޮޑު އޮޓޯމެޝިނެއް ހޯދާފައެވެ. އަންނައުނުތައް ދޮވެ ނިމުމުން ރޯނުގައި ހިއްކަން އެޅުމަށްފަހު އަހަރެންވެސް މެންދުރަށް ތައްޔާރުވުމަށްޓަކައި ކޮޓަރިއަށް ވަނީމެވެ. އޭރު އިޒާ ހޭލައިގެން ބިންމަތީގައި ކުޅެން ހުއްޓެވެ. އަހަރެންގެ ނަސީބުގަ އަހަރެންގެ ދަރިފުޅަކީ އެހެން ކުދިންހެން ބަލަން އުނދަގޫވާ ޒާތުގެ ކުއްޖެއްނޫނެވެ. އެކުއްޖާއަށްވެސް މަންމަ އުޅެން ޖެހިފައިވާ ޙާލު އިޙުސާސްވަނީ ކަންނޭނގެއެވެ. ފެންވަރައިލައިގެން ނިކުމެ މެންދުރު ނަމާދުކޮށްލައިގެން ދަރިފުޅަށް ކިޔަވައި ދިނުމަށްޓަކައި ބައިގަޑިއެއްހާއިރު ހޭދަކޮށްލީމެވެ. އަހަރެން ކޮންމެ ދުވަހަކުވެސް ދަރިފުޅަށްޓަކައި ކޮންމެ ގޮތަކުންވެސް ވަގުތު ހުސްކުރެވޭތޯ ބަލަމެވެ. އެދަރިފުޅުގެ މުސްތަޤުބަލު އަލިކޮށްދިނުމަށްޓަކައެވެ.

ދަރިފުޅު ގޮވައިގެން ނިކުތްއިރު އާޔަން މެންދުރު ކެއުމަށް ގެއަށް އައިސްވަނީއެވެ. ކޮންމެތާކު ހުއްޓަސް އާޔަން ކާން އަންނަނީ ގެއަށެވެ. ” މިއުޅެނީ ފެމިލީއަށް މީހަކު އިތުރު ކުރަންވެގެން.. އެކަމަކު އަދި އެއްވެސް މީހެއް ކައިރީ ނުކިޔާތި” ހެވި ދިއްލިފައި ހުރެ އާޔަން ބުންޏެވެ. އާޔަން އެހެން ބުނި އިރުވެސް އަހަރެން އެގޭތެރެއިން ވަކި އިތުރަށް ބުނާނީކާކު ކައިރީ ހެއްޔެވެ. ” އަސްލުވެސްތަ؟ ކޮންދުވަހަކުން.. އަހަރެން ވަކި ބުނާނީ ކާކު ކައިރީ..” އަހަރެން ބުނީމެވެ. ” އެނގޭ ބުނާނެ މީހަކު ނެތްކަން.. އެއްވެސް އެއްޗެއް ގެއަށް ހޯދަންވެފަ އެބަހުރިތަ؟.. އިޒާއަށްވެސް؟..” އާޔަން އަހާލިއެވެ. “އިޒާއަކަށް ނެތް… އެކަމަކު ގެއަށް ތަރުކާރީކޮޅަކާ މަސްކޮޅެއް ހޯދަން ޖެހޭނެ… ރޯމަސް ހުރީ ހުސްވެފަ.. މަންމަޔަށް ކަމަކު ނުދާނެ ރޯމަހުން ހަދާއެއްޗެއް ނޫނީ…” އަހަރެން ބުނީމެވެ. ” ދެން އަމީ އެއްވެސް އެއްޗެއް ބޭނުމެއް ނުވޭތަ..؟” އަނެއްކާވެސް އާޔަން އަހާލިއެވެ. ” އަހަރެންގެ އަމިއްލަ ކަންތައް ކުރުމަށް ފައިސާ ދެމެއްނޫ..” އަހަރެން ބުނެލީމެވެ. އާޔަން ކޮމްޕެނީއާ ޙަވާލުވީއްސުރެ އަހަރެންގެ ކަންތަކުގައި ކޮންމެ މަހަކުވެސް ފައިސާ ދެއެވެ. ” ދޭން ވާނެއެއްނު.. ކޮމްޕެނީއަކީ އަހަރެންނާ ބެހޭ ތަނެއް ނޫން.. އެއީ އަމީ މެންގެ ތަނެއް.. އަހަރެން އަމީއަށް މިކަން ކުރެވެން ދެވޭނެ ނަމަ އަމިއްލަ މަސައްކަތެއް ކުރުމާއިގެން އުޅޭނީ…” އާޔަން ބުންޏެވެ. ” އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ މިހާރު ތިކޮމްޕެނީއަކި ދޮންބެގެ ތަނަކަށްވެސް ހަދާއިދީފަ ކަންނޭނގެ ހުންނާނީ.. ބައްޕަ ދެކުނީ ދޮންބެ ތީ ބައްޕަގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ވިއްޔާ..” އަހަރެން ބުނެލީމެވެ. ” އާނ! އެފަދަ ދެވަނަ ބައްޕައެއް ދުވަހަކުވެސް ނާންނާނެ.. އަހަރެންގެ އުމުރުން އަށާރަ އަހަރުގައި ބައްޕައެއްގެ ލޯބި އިޙުސާސްވީ..އެއީ އަމީގެ ބައްޕަގެ ފަރާތުން… އަހަރެންގެ އަމިއްލަ ބައްޕަ ދުވަހަކުވެސް ލޯބިން އަހަރެންގައިގައި ފިރުމާފައެއް ނެތް.. ނުވިތާކަށް މަންމަ ދޫކޮށްދިޔަ ފަހުން ދިން އެއްޗެއްވެސް ނެތް.. މަންމަ ވަރަށް ޙާލުގައި އުޅެނިކޮށް މަންމަޔަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަމީގެ ބައްޕަ.. ނަމަވެސް މިހާރު މަންމަޔަށް އެކަމެއް ނުވިސްނޭ.. އަސްލު ބަހެއް ނުކިޔާ ހުއްޓަސް ވަރަށް ދެރަވޭ.. ބަހެއް ކިޔަސް ވަކި ވާނެ ފައިދާއެއްވެސް ނޯންނާނެ… ދޮންބެއަށް ފެންނަނީ އަމީވެސް ކައިވެންޏަކާ ދޭތެރޭ ވިސްނަން.. އޭރުންކަންނޭނގެ އަމީގެ ލައިފްވެސް ދެން އެހެން ގޮތަކަށް ބަދަލުވާނީ..” އާޔަން ވަރަށް ވިސްނާފަދައިން ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ސަމާސާ….

Next

ތިޙިޔާލުގައި (3)

Next
August 12, 2020

ތިޙިޔާލުގައި (3)

Previews
August 12, 2020

ސަމާސާ….

4 Comments!

  1. Aanaa. says:
    August 12, 2020 at 10:29 pm

    Vv reethi

    1. kudhoo says:
      August 13, 2020 at 7:02 am

      Thanks Aanaa,???

  2. ?????????♚ says:
    August 13, 2020 at 1:23 pm

    masha allah kudhu …..furathama bai vv reethi…

    1. kudhoo says:
      August 13, 2020 at 3:49 pm

      Thank you ? ?? thiththa

Comments are closed.

Next Episodeއަހަރެންގެ ނަސީބު 2←


All Right Reserved!