ނޭނގި ވެވުނީ ލޯތްބޭ- 8
ވަގުތު އޭގެ ހަލުވި މިނުގައި ގޮސް ރޭނގަޑު އަށްގަޑި ބައިވަނީއެވެ. އެވަގުތު އެންމެންވެސް ކައި ނިންމައިގެން ލަމްނާ އައުމުގެ އިންތިޒާރުގައި ތިއްބެވެ. މަރިޔަމްއަށް އުފަލުން އެއްތާކު ހުރެވެނީކީއެއްވެސް ނޫނެވެ. ޔޫޝައުގެ އެދުމުގެ މަތިން ލަމްނާއަށް އެންމެ މީރު މެގްނަމް ޕުޑިންގ ހުރީ ތައްޔާރު ކޮށްފައެވެ. އެންމެންވެސް ތިބީ ލަމްނާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ތިއްބައި ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މަރިޔަމްއާއި ޔޫޝައު ބަދިގޭގައި ތިބެފައި ސިޓިންރޫމަށް ހިނގައިގަތެވެ.
މަރިޔަމް ދިޔަ ގޮތައްގޮސް ގޭ ދޮރު ހުޅުވިއެވެ.
“ލަމްނާ!” މަރިޔަމް އުފަލުން ހުރެ ލަމްނާއަށް ގޮވައިލިއެވެ. “މީތަ ދަރިފުޅު އިންނަން އުޅޭ ކުއްޖަ؟” މަރިޔަމް ޔޫޝައު ގާތު އެހިއެވެ. އެއްރަށެއްގައި އުޅޭ މީހުންކަމުން މަރިޔަމްވެސް ލަމްނާ ދަނެއެވެ.
“ލައްބަ!” ޔޫޝައު ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“އަވަހަށް ވަދޭ!” ލަމްނާ ވަންނަން ތަން ދައްކަމުން މަރިޔަމް ބުނެލިއެވެ. ލަމްނާ ވަނުމާއި އެކު އެދެމީހުންވެސް ބަދިގެއަށް ދިޔައެވެ.
“ސަޕްރައިޒް!” ޔޫޝައު ބަދިގެއަށް ވަދެވުމާއިއެކު ބުނެލިއެވެ. އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވިއެވެ. ރީމްމެން ފިޔަވައެވެ. މިކަން އައިނާއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. ލަމްނާ އައިސް ޔޫޝައުއާއި ޖެހިގެން އިން ގޮނޑީގައި އިށީންދެލުމާއި އެކު މަރިޔަމް އެންމެންނަށް މެގަނަމް ޕުޑިންގ އަޅައިދިނެވެ.
“މަންމާ… ބައްޕާ… ލަމްނާއާ ދޭތެރޭ ހިތްހަމަޖެހޭތަ؟” ޔޫޝައު އަހައިލިއެވެ.
“ބައްޕައަށް އެންމެ ރަނގަޅު… ވަރަށް ހިތްހަމަޖެހޭ! ދެން އެނގޭނީ މަންމައަށް!” ހަސަނު އޭނާ ދެކޭ ގޮތް ފާޅުކުރިއެވެ.
“މަންމަ ވަރަށް ހިތްހަމަޖެހޭ… ހަމަ ރުހި ގަބޫލު! ލަމްނާގެ މަންމަމެން ރަނގަޅުތަ؟ އަޑުއެހިން މަންމަ ބަލިވެގެން އިންޑިއާއަށް ދިޔަ ވާހަކަ!” މަރިޔަމް އެހިއެވެ.
“ލައްބަ! މިއަދު މަންމަ މާލެއައީ… މާދަމާ އަންނާނެ ރަށަށް!” ލަމްނާ ބުންޏެވެ.
“އެހެންމަ މާދަމާ ލަމްނާގެ މަންމަމެން އައީމަ ދާނަން ތިގެއަށް… މަންމައަށް ރަނގަޅީ ވީހާވެސް އަވަހަކަށް ކައިވެނި ކުރިއްޔާ ދެކުދިން!” މަރިޔަމް ބުންޏެވެ.
“ބައްޕަވެސް ބޭނުމީ ތިގޮތް… މާގިނަ ދުވަހު ތިހެން އުޅުމަށް ވުރެ ރަނގަޅުވާނެ ކައިވެނި ކުރިއްޔާ!” ހަސަނުވެސް އެއްބަސްވިއެވެ.
“އަޅުގަނޑުމެންވެސް ބޭނުމީ އަވަހަށް ކައިވެނި ކުރަން! ދޯ ލަމްނާ؟ ވެޑިންގ ޕްލޭނިންއަށް އެހުރީ އެންނު ރީމް!” ޔޫޝައު ބުނެލިއެވެ. ރީމް ސިހިފައި އާނއެކޭ ބުންޏެވެ. ޔޫޝައު ރީމްގެ ނަން ނެގުމުން އެކަމާ ލަމްނާ އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ވަގުތުން އޭނާގެ ރުޅިވެރި ނަޒަރު ރީމްއަށް އަމާޒުވިއެވެ. މިތަން ރީމްއަށް ފެނުމުން އޭނައަށް އިސްޖަހައިލެވުނެވެ. މިހެން އެކި އެކި ވާހަކަތަށް ދައްކަން ތިބިއިރު ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ގަޑިން އެގާރަ ޖަހަން ގާތްވެފައި ވަނިކޮށް ލަމްނާ ޔޫޝައުއާއި އެކު ލަމްނާމެން ގެޔަށް ދާން ހިނގައިގަތެވެ. ޔޫޝައު ލަމްނާ ގެއަށް ލައިފައި އައިރު އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަދެފިއެވެ.
އެނދުމަތީ ދެފަރާތަށް ފުރޮޅިލައި ފުރޮޅިލައި އޮތް ރީމްގެ ލޮލުން ނިދީގެ ކަންފުޅެއްވެސް ނުފެނެއެވެ. ފޯނުނަގައި ގަޑި ބަލައިލިއިރު ގަޑިން އެގާރަ ގަޑި ބައިވަނީއެވެ. މަޑު މަޑުން ކޮޅަށް ތެދުވެ ހުދާއާއި ޒިއުނީ ނިދައިފައި އޮތްތޯ ޔަގީން ކޮށްލުމަށްފަހު ބޮލަށް ބުރުގާ ހެޔޮވަރު ކުރަމުން ރީމް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ކޮޓަރި ތެރެއަށް ބޯދިއްކޮށްލުމަށްފަހު މަޑުމަޑުން ދޮރު ލައްޕާލީ ހުދާއާއި ޒިއުނީ ނިދައިފައި އޮތްކަން ޔަގީންކުރަމުންނެވެ. ލަސް ހިނގުމެއްގައި ރީމް ގޭ ދޮރު ހުޅުވައިފައި ބޭރަށް ނުކުތެވެ. އަދި އެތާ އިން ޖޯލީގައި އިށީންދެލިއެވެ. ކަޅުކަން ގަދަ އުޑުގައި ތަރިތަށް ވިދާ ބަބުޅަމުން ދާ މަންޒަރަށް ގެއްލިފައި އޮތް ރީމްވަނީ ޙިޔާލުގެ ފުން ކަނޑުގެ ތެރެއަށް ގެނބިފައެވެ. ފެލިދުއަށް ކުރި ދަތުރަކީ ހިތްހަމަ ޖައްސާލާ މަޖާ ދަތުރު ވާނެ ކަމުގެ އުއްމީދު ފުނޑު ފުނޑު ވެގެން ދިޔައީ ކުރިއަށް އަންނަ އޮތް މުސީބާތްތަށް ހިތަށް ގެނުވަމުންނެވެ. މިހާރު ރީމްގެ ކަމަކީ އަބަދު ލަމްނާ ގެއިން ނުކުތް ފިރިހެން މީހާއާއި ދޭތެރޭ ވިސްނުމެވެ. އެއީ ކާކުތޯ ރީމް ހޯދަން ބޭނުންވެއެވެ. އޭނާއާއި ލަމްނާ ދެމެދުގައި ވަނީ ކޮންކަހަލަ ގުޅުމެއްތޯ ރީމް ބަލަން ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ރަށުތެރެއަށް އައު ވުމާއިއެކު ރީމް އަކަށް ރަށުގެ މީހުންނެއް ނޭނގެއެވެ. އަނެއްކޮޅުން ޔޫޝައުމެންގޭ މީހެއް ގާތު އެވާހަކަ ދައްކައިފިއްޔާ އެމީހުން އަންނަނީ ރުޅިކަން ރީމްއަށް އެނގެއެވެ. ލަމްނާ ޔޫޝައުއަށް ދޯކާ ދެނީބާއޭ ރީމް ހިތަށް އަރައެވެ. އެހެންކަމަށް ވެއްޖިއްޔާ ރީމް އެވާހަކަތަށް ޔޫޝައުއަށް ކިޔައިދޭން ހެކި ހޯދާނީ ކިހިނެއްކަމެއް ޙުދު ރީމްއަކަށްވެސް ނޭނގެއެވެ.
މިކަންތަކާ ވިސްނާ ވިސްނާ ރީމް ބޮލުގައި ރިހޭ ވަރުވެއެވެ. ގޮތްހުސްވެ ދިރުއުޅުމުގެ މިސްރާބު ގެއްލޭ ކޮންމެ ފަހަރަކު އަނބުރާ ދާންވީ ދިމާ ދައްކާ ރީމްގެ އެންމެ ގާތް އެކުވެރިޔާ އައިނާގެ މަތިން ރީމް ވަރަށް ހަނދާންވެއެވެ. އެއްގެއެއްގައި އެއްފުރާޅެއްގެ ދަށުގައި އުޅުނެއްކަމަކު ހާލަތުގެ ގޮތުން ރީމްއަކަށް އެވާހަކަތަށް އައިނާއާއި ޙިއްސާކުރަން ފަސްޖެހެވެނީއެވެ. ޔޫޝައު އަކީ އައިނާގެ ކޮއްކޮއަށް ނުވިނަމަ އެންމެ ފުރަތަމަވެސް ރީމް މިވާހަކަ ހިއްސާ ކުރާނީ އައިނާއަށްކަން ކަށަވަރެވެ. މިވަގުތަކީވެސް ރީމް އައިނާއާއި ވާހަކަ ހިއްސާކުރަން ނުހަނު ބޭނުންވެފައިވާ ވަގުތެކެވެ.
“ރީމް!” ވަރަށް އޯގާތެރި އަޑަކުން މީހަކު ރީމްއަށް ގޮވައިލި އަޑު އިވުނެވެ. އެއީ ކާކުގެ އަޑެއްކަން ރީމްއަށް ވަގުތުން ދެނެގަނެވުނެވެ.
“މަންމާ!” ރީމް ގޮވައިލިއެވެ. ކޮޅަށް ތެދުވެ ފަހަތް ބަލައިލިއިރު ރީމްގެ މަންމަ ރީމްގާތަށް އަންނާނީއެވެ. ރީމްގެ މަންމަ މަދީހާ ރީމްއާއި ޖެހިގެން އިން ޖޯލީގައި އިށީންދެލިއެވެ.
“ދަރިފުޅާ… މަންމަގެ ދޫންޏާ!” މަދިހާ ބުންޏެވެ. ރީމް އޭނާގެ މަންމަގެ ކޮނޑުގައި ބޯއެޅުމާއި އެކު އޭނާގެ ލޯ ކަރުނުން ފުރާލިއެވެ.
“މަންމަ… އަހަރެން ވަރަށް ހަނދާންވޭ މަންމައާއި ބައްޕަ މަތިން… ކީއްވެތަ އަހަރެން އެކަނި ދޫކޮށްލާފަ ދިޔައީ؟ އެކާރު އެކްސިޑެންޓުގައި އަހަރެންވެސް މަންމަމެންނާއި އެއްކޮށް ދުނިޔެ ދޫކޮށްފަ ދާން ޖެހުން ނަމަ… ބޮޑައްތަމެން އަހަންނަށް ކިތަންމެހާވެސް ހިތްހެޔޮ… އަހަރެން އެކަމަށް ޝުކުރު ކުރަން! މަންމައަށް އެނގޭތަ އަހަރެން ހާދަ ދެރެވެޔޭ…” ރީމްއަށް ރޮވެން ފެށުނެވެ.
“ދަރިފުޅާ… މަންމައަށް އިނގޭ ދަރިފުޅު ތި ކަޑައްތު ކުރާހާ އިމްތިހާނުތަށް! މަންމައަށް އެނގޭ ދަރިފުޅު ތިއުޅެނީ ޔޫޝައުއާއި ހިސާބަށް ހެކި ފޯރުވަދޭންކަން! އިންޝާﷲ! ތިކަންވެސް ވާނެ! ތީ މަންމަގެ ހިތްވަރުގަދަ ރީމް އެންނު!” މަދީހާ ބެލީ ރީމް ހަމަޖެއްސޭތޯއެވެ.
“މަންމާ! އައިނާ ގާތު ބުނެބަލަ އަހަރެން ބުނަން އުޅޭ ވާހަކަ ގަބޫލުކުރައްޗޭ… ޕްލީސް… މަންމާ؟ މަންމާ؟” ރީމްއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. މީހެއްގެ ކޮނޑުމަތީ ބޯއަޅައިގެން އޮވެވުންހެން ހީވެގެން ބަލައިލިރު އިނީ އައިނާއެވެ.
“އައިނާ؟” ރީމް ހުރީ ފާޑަކަށް ހިތްބިރުގަންފައެވެ.
“ރީމް… މީ އަހަންނޭ… ކީއްކުރަންތަ މިތާ އެހާ ދަންވަރު އިރު ތި އޮތީ؟” އައިނާ އެހިއެވެ.
“ތީ ހަމައަސްލުވެސް އައިނާތަ؟” ރީމް އަހައިލިއެވެ.
“ހެހެ… އާން! އަހަރެން ފެން ބޮވައިގަނެގެން ކޮޓަރިތެރެ ބެލިއިރު ފެންފުޅި އިނީ ހުސްވެފަ… އަހަރެން ފެންފުޅިއެއް ބަލާ ކޮޓަރިން ނުކުތް ގަޑީ ދޮރު ހުޅުވާފަ ހުރީމަ އަހަރެން ހިތަށް އެރީ ކިހިނެއްހޭ މިދޮރު ހުޅުވުނީ… ދެން އަހަރެން ދޮރު ލައްޕަން އައިތަނާ ފެނުނީ ރީމް މި ޖޯލިފަތީގަ އޮއްވާ! އަހަރެން މިތަނަށް އައިރު ރީމްއަށް އޮތީ ނިދިފަ! އަހަރެން ރީމްއަށް ގޮވީމަ ރީމްއަށް ހޭލެވުނު… އެކަމު ރީމް އަނެއްކާ އަހަރެންގެ ކޮނޑުމަތީ ބޯއެޅީ… ދެންމެ ތި ރީމްއަށް ހޭލެވުނީވެސް!” އައިނާ ވީގޮތެ ކިޔައިދިނެވެ.
“ދެން މަންމަ؟ މަންމަ އައޭ މިތަނަށް! މަންމަ…” ރީމްއަށް އަނެއްކާ ރޮވެން ފެށުނެވެ.
“ރީމް… ބަލަ ހަމަޖެހޭ… ހުވަފެނެއް ކަންނޭނގެ ތިފެނުނީ… އަވަހަށް ހުއްޓާލާ!” ރީމް ހަމައަކަށް އަޅުވަމުން އައިނާ ބުންޏެވެ.
“ރީމް… ވާހަކައެއް އަހަންތަ؟” ތަނުގެ ހިމޭންކަން ނަގައިލަމުން އައިނާ އެހިއެވެ.
“ހުމްމް…” ހަމަޖެހިލަމުން ރީމް ބުންޏެވެ.
“ރީމް ޔޫޝައު ލައިކް ވަނީތަ؟” އައިނާ އެހި ސުވާލުން ރީމް ސިހިފައި އިނދެ އައިނާއާއި ދިމާލަށް ބަލަން އިނދެވުނެވެ.
“ރީމް؟!” އައިނާ ގޮވައިލިއެވެ.
“ސުބުހާނަﷲ! ނޫން!” ރީމް ބުންޏެވެ.
“ދެން ކީއްވެ ޔޫޝައުއާ ލަމްނާގެ ކައިވެނި ވާހަކަ ދެކެވުނު ވަގުތު އެހާ ހާސްވެފަ… ދެރަވެފަ އިން ވައްތަރަކަށް އިނީ؟ އެންޑް ރީމް… މިހާރު ކީއްވެތަ އެހާ ދުރުދުރުން ތިއުޅެނީ… ކުރިން ރީމްއަކީ އަބަދުވެސް އަހަރެންނާ ވާހަކަ ހިއްސާ ކުރާ ކުއްޖެއް… ޔޫޝައުއާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުންވިޔަސް ހަމަ ބުނަންވީ… ހީކޮށްލާ މިވަގުތު އަހަރެންމީ ހަމައެކަނި ރީމްގެ ބެސްޓް ފްރެންޑްކަން… ޔޫޝައުއަކީ އަހަރެންގެ ކޮއްކޮކަމަށް ހީނުކޮށް ބުނެލާ ބުނަން ބޭނުންވާ އެތި!” އައިނާ ބުންޏެވެ.
“ދެރަ ވާންނު… އަހަރެން ކުރިމަތީ ޔޫޝައުގެ ޙަޔާތް ބަރުބާދުވިޔަކަ ނުދޭނަން!” ރީމް ބުންޏެވެ.
“ކީކޭ؟” އައިނާ ހުރީ ވާނުވާގައެވެ.
“އައިނާ… އަހަރެން މި ބުނަން އުޅޭ ވާހަކައިން ރުޅި ނާންނާނެކަމަށް ޕްރޮމިސް ކުރޭ!” ރީމް އައިނާގެ ކަނާ އަތުގައި ހިފާފައި ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ބޯޖަހައިލައިފައި އައިނާގެ ވާއަތުން ރީމްގެ އަތުގައި އަތްބާއްވައިލައިފައި ފިއްތާލިއެވެ.
އެނދުމަތީގައި އޮތް ޔޫޝައު ތެދުވީ ބޭރުން ބަޔަކު ވާހަކަދައްކާހެން ހީވެގެންނެވެ. އެކަން ޔަގީން ކުރުމަށްޓަކައި ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލިއިރު ބޭރުގައި ދިއްލައިފައިވާ ބޮކީގެ އަލިކަން ވަނީ ދޮރުހުޅުވައިފައި ހުރުމުން ސިޓިންރޫމަށް އެޅިފައެވެ. މިހާ ލަސްވަގުތެއްގައި ބޭރަށް ނުކުތީ ކާކުތޯ ބަލާލަން ޔޫޝައު ކޮޓަރިން ނުކުމެ ބޭރަށް ދާން ހިނގައިގަތެވެ.
“އައި ތިންކް ލަމްނާ އިސް ޗީޓިންގ ޔޫޝައު!” ދެލޯ މަރައި ތަގުޅި ކޮށްލަމުން ރީމް ބުނެލިއެވެ.
“ކީކޭ؟!؟ ލަމްނާ އިސް ޗީޓީން ޔޫޝާއުއޭ؟” އައިނާ ހައިރާންވެ ދެލޯބޮޑުވިއެވެ.
“ޔެސް… އަހަރެން ދެކުނިން މިއަދު ހެނދުނު ލަމްނާ މެންގެއިން ފިރިހެނަކު ނުކުތް ތަން! އޭނަ ވަރަށް ފާޑަކަށް އުޅެފަ އަވަހަށް އަނެއް މަގަށް އެޅީ… އެންޑް އެއީ ލަމްނާ މެންގޭ މީހެއްވެސް ނޫން…” ރީމް ކިޔައިދެމުން ގެންދިޔައެވެ.
“ވަޓް؟!” ފަހަތުން އިވުނު އަޑާއި އެކު އައިނާއާއި ރީމްވެސް ސިއްސައިގެން ގޮސް ކޮޅަށް ތެދުވުނެވެ.
“ޔޫޝައު؟ ކިހިނެއް މިތަނަށް އައީ؟” އައިނާ ބުނެލިއެވެ.
” ކޮޓަރި ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑުއިވޭހެން ހީވެގެން މިއައީ! އެންޑް ރީމް އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ! ކޮންހާ މޮޅެތި ވާހަކަތަކެއް ތި ދައްކަނީ؟ ލަމްނާ ދުވަހުގެ ކޮޅުންވެސް އެކަހަލަ ކަމެއް ނުކުރާނެ! އޭނަ އަހަރެން ދެކެ ނުލާހިކު ލޯބިވާނެ! ކާކު ކިޔައިގެން އުޅޭ އެއްޗެއްތީ؟ އޭނ! އެއްވެސް ކަހަލަ ހެއްކެއް އެބަ އޮތްތަ؟” ޔޫޝައު ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.
“ޔޫޝައު އަޑުއަހާބަލަ! މީހަކު ކިޔާގެން އުޅޭ އެއްޗެއް ނޫނޭމީ! އަހަރެން އަމިއްލަ ލޮލުން ފެނުނު ކަމެއް…” ރީމްއަށް ހުއްޓާލަން މަޖުބޫރުވީ ޔޫޝައު ވާހަކަ ދައްކަމުން ފެށުމުންނެވެ.
“އަމިއްލަ ލޮލުން ފެނުނީ ކޮންކަމެއް؟ ހަމަގައިމުވެސް ރީމްއަކަށް ނޭނގޭނެ މިރަށުގަ ހިނގާކަށް… ލަމްނާ މެންގެއަށް ދިޔައީވެސް އަހަރެންނާ އެއްކޮށް… އައިތާ އަދި އެންމެ ދުވަހެއް! ލަމްނާއާ ދިމާވީ މިއަދު! ދެން އެހާ ޔަގީންމަކާއި އެކު ކިހިނެއް ލަމްނާ އަހަރެންނަށް ދޯކާ ދެނީއޭ ތިބުނީ؟” ވަގުތުގެ ގޮތުން ޔޫޝައު ބެލީ ވީހާވެސް މަޑުން ވާހަކަދެއްކޭތޯއެވެ.
“މީ ކޮންވަގުތެއް ތިހެން ޒުވާބުކުރަން؟” އައިނާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ.
“ޔޫޝައު… އަހަންނަށް އެނގިހުރެ ޔޫޝައު ހަޔާތް މިހެން ބަރުބާދުވިޔަކަ ނުދޭނަން! އަހަންނަށް އެނގޭނީ މިހެން މީހުން ކަންތަށް ކުރީމަ ވާނެ ވަރު! ޕްލީސް ޔޫޝައު… އަހަރެން ބުނާ އެއްޗެއް އަޑުއަހާބަލަ…. ތިހާ އަވަހަށް މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ… މާއަވަހަށް ކައިވެނި ކުރަން ނޫޅެ މިކަމަށް ވިސްނާލަބަލަ… ޔޫޝައު ބޭނުންވިއްޔާ އަހަރެން ހެކި ހޯދައިގެން ގެނެސްދޭނަން! އެކަމު… އަހަރެން ބޭނުން ޔޫޝައުގެ އެހީ… ޕްލީސް ޔޫޝައު… ޕްލީސް ހެލްޕް މީ!” ރީމް ޔޫޝައު ކުރިމަތީ އާދޭސް ކުރަން ފެށިއެވެ.
“ރީމް ބުނާ ގޮތެންނު މިހަދަނީ… ރީމް ބުނީ މީހުންނަށް މާއަވަހަށް އިތުބާރު ނުކުރާށޭ! އަހަރެންވެސް ރީމްއަށް އިތުބާރެއް ނުކުރާނަން އަވަހަކަށް! އަނެއްކާ ލޮލުން ކޯއްޗެއް ފެނިގެން ތިއުޅެނީ؟” ޔޫޝައު އެހިއެވެ.
“އަހަރެން ދެކުނީމޭ އެގެއިން ފިރިހެނަކު ނުކުންނަނިކޮށް! ޔޫޝައުއަށްވެސް އެނގޭނެ އެގެއަކު މިވަގުތު ލަމްނާ ފިޔަވައި އެހެން މީހަކު ނޫޅޭކަން! މިއަދު ޔޫޝައު ގާތު އަހަރެން އެހީމެންނު އެގެއިން މީހަކު ނުކުތްތަން ފެނުނުހޭ… އެއީ އެހެންވެގެން އެހި އެއްޗެއް! އަހަންނަށް އެމީހަ ފެނިއްޖެއްޔާ އެނގޭނެ އެއީ ކާކުކަން! އަހަންނަކަށް އެމީހަ ނަމެއް ނޭނގޭ! އަހަރެން ގޮވައިގެން މާދަމާ ބޭރަށް ހިނގާބަލަ… އޭރަށް އެމީހަ ފެނިއްޖިއްޔާ އަހަރެން ދައްކާނަން!” ރީމް ބުންޏެވެ. ރީމް ބުނި ވާހަކަތަކުން ޔޫޝައުގެ އަނގައިގައި ތަޅެއް ލެވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔޫޝައުއަށް ހުރެވުނީއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



This part is amazing too ? can’t wait to read the next part ☺️
Good luck ❤️
Stay safe tc ❤️☺️❤️
varah bodah shukuriyya kukkyyy 🙂 miadhu submit kohlaanan 9 vana bai 🙂 thanks and you too stay safe
ohnoooooooooooo… rym ah heki dhehkeyne baa??? alheyyy ehmyhaku fenihjjaa kihaa rangalhu.. vr vr curious.. anyway mi part vs vr rythi.. masha allah.. vr furihama.. waiting for next part.. stay safe.. avahah next part upkohdhechey
higaa dhw rym ah heki dhehkeytho balama… hehe thank you soooo much nafu 🙂 9 vana bai submit kohlaifin 🙂 miadhuge vaguthehga kiyaalan libeyene kamah balama dhw