ޝަހަރު 23ވަނަބައި
ޓެސްޓްގެ ނަތީޖާ ބަލާ ދާގަޑި ޖެހުމުން ރަވާހިބު ހޮސްޕިޓަލަށް ދިޔައެވެ. ލިބުނު ޚަބަރުން އޭނާ އުފަލުން މަރުނުވީވެސް ކިރިޔާއެވެ. މިދުނިޔޭގައިވެސް އޭނާއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު ލިބުނީއެވެ. ހޮސްޕިޓަލުން ނިކުތް ރަވާހިބުގެ މޫނު މަތީގައި ހާސްކަން އެކުލެވިފައިވިއެވެ. އޭނާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއްތޯ ހިތުގައި ސުވާލު އުފެދެމުން ދިޔައީއެވެ. އޭނަ ފަދަ ކުއްޖަކަށް ވެއްޖިއްޔާ ހަމަގައިމުވެސް ނުކުޅެދޭ ކުއްޖެކޭ ބުނެ އެކުއްޖާ މަރާވެސް ލަފާނެއެވެ.
ޓެސްޓްގެ ނަތީޖާ ހިފައިގެން އައިސް ރަވާހިބު ގެއަށް ވަނެވެ. އޭރު އޭނަގެ އިންތިޒާރުގައި ޗިންކާއާއި އޭނާގެ މައިންބަފައިން ތިއްބެވެ. ލިބުނު އުފާވެރި ޚަބަރުން އެކަން ފާހަގަ ކުރުމަށް އާއިލާއިން ބުންޏެވެ. އެހެންކަމުން ދެއާއިލާއިންވެސް އެއްދުވަހެއްގައި އެކަން ފާހަގަ ކުރުމަށް އެއްތަނަކަށް ދިޔުމަށް ނިންމިއެވެ. ޗިންކާ ބޭނުންވީ އެމީހުން ކައިވެނި ކުރި ތަނުގައި އެ ހަފްލާވެސް ބާއްވާށެވެ. ކޮންމެއަކަސް އެއުފާވެރި ޚަބަރު އެދުވަހުން އެދުވަހަށް ރަވާހިބުގެ ބައްޕައާ ހަމައަށް ގެންދިޔައެވެ. ކަނޑައަޅާފައިވާ ދުވަހަށް އޭނަގެ އާއިލާ އެންމެންވެސް އައެވެ. ހަފްލާގެ ހުރިހާ ކަމެއްވެސް ނިމިދިޔައީ ވަރަށް ފުރިހަމަކޮށެވެ. ނަމަވެސް މިހާ ފުރިހަމަކޮށް ހަފްލާ ނިމުނުއިރު ކުރިއަށް ވާނެ ގޮތެއް ރަވާހިބުއަށް އަންދާޒާ ކޮށްވެސް ނުލެވެއެވެ.
މެންދުރުގެ ވަގުތެވެ. ނުކުމެލާފައި އެބަ އަންނަ ކަމުގައި ބުނެ ރަވާހިބު ބޭރަށް ނިކުތެވެ. އޭނަގެ މިސްރާބު ހުރީ އަތިރިއާ ދިމާލަށެވެ. ރަވާހިބު މާ ބާރަކަށް އަތިރިމައްޗަށް ދާތީ ޗިންކާގެ ބައްޕަގެ އެކުވެރިޔަކަށް ފެނުނެވެ. އެހެންކަމުން އެގަޑީގައި އަތިރިމައްޗަށް ރަވާހިބުދަނީ ކީއްކުރަންތޯ ބެލުމުގެ ޝައުޤު އޭނާގެ ހިތުގައި ވިއެވެ. މިއަށްވުރެ ކުރިންވެސް ހަމަ އެގަޑީގައި ރަވާހިބު ހަމައެގޮތަށް ދާތީ ފެނިފައި ވުމުންނެވެ. ރަވާހިބު ގޮނޑުދޮށަށް ގޮސްފައި ވަށައިގެން ހޯދާލިއެވެ. އަމާންކޮށް އޮތް އެސަރަހައްދުން އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ބޮޑެތި ރާޅުތައް ނަގަމުން އަންނަ ކަނޑާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ރަވާހިބު ތިރިއަށް އެރެންފެށިއެވެ. އޭރު އޭނާގެ ސިފަ ދިޔައީ ބަދަލުވަމުންނެވެ. މިމަންޒަރު ބަލަން ހުރި މީހާގަތީ އަމަށަކު ބިރެއް ނޫނެވެ. ކަރުގެ ތެރެއިން އަޑެއްވެސް ނުކުންވާލަންވެސް މީހާއަކަށް ނުކެރުނެވެ. މީހާ ބިރުން ތުރުތުރު އަޅަން ފެށިއެވެ. ރަވާހިބު ގެއްލުނުފަހުން އިރުކޮޅެއްވުމުން މީހާ ހަމައަކަށް އެޅިލާ ޗިންކާގެ ބައްޕައަށް ގުޅާލިއެވެ. މާދަމާ އޭނާއާ ބައްދަލު ކުރުމަށް ގަޑިކިޔާފައި ފޯނު ބޭއްވިއެވެ. ދެމީހުން ބައްދަލުކުރުމަށް ނިންމީ ކެފޭއިންނެވެ. އެތާގެ ބޭރު މޭޒުދޮށުގައި ތިބޭއިރު މަގުންދާމީހުން ރީތިކޮށް ފެންނަން ހުރެއެވެ.
ބައްދަލު ކުރަން ހަމަޖެހުނު ގަޑިއަށް ޗިންކާގެ ބައްޕައައެވެ. ދެމީހުން ކޮފީއަކަށް އޯޑަރ ދީފައި ވާހަކަ ދައްކަން ފެށިއެވެ. ” ކީއްކުރަންތަ ބައްދަލުކުރަން އަންނާށޭ ބުނީ؟…” ޗިންކާގެ ބައްޕަ އަހާލިއެވެ. ” މަޑުކުރޭ އެވާހަކަ ފަހުން ކިޔައިދޭނަން.. އިހަށް އަހަރެން ބުނި ކަމެއް ކުރަން ހިނގާބާ.. ތީނައަށް ނޭނގޭ ކަމެއް ދައްކާލަންވެގެން މިއުޅެނީ..” އެކުވެރިޔާ ބުންޏެވެ. ކޮފީ ލިބުމުން ދެމީހުނަށް ކިރިޔާ ކޮފީ ތަށި ތުނބުގައި ޖެހުނީއެވެ. ރަވާހިބުއަންނަތަން ފެނުނެވެ. ” އެދަނީ ޗިންކާގެ ފިރިމީހާ.. ހިނގާބާ މަށާއެކު އޭނަ ދާތަނެއް ބަލަން..” އެކުވެރިޔާ ދެއްކި ވާހަކައިން ޗިންކާގެ ބައްޕަ ގާތަށް ވަރަށް ހިނިއައެވެ. ” މަކީއްކުރަން އޭނަ ދާތަނެއް ބަލަނީ.. އެހެން ނޫނަސް އޭނަ މިގަޑީގައި ދާނީ އޭނަގެ ވަޒީފާގެ ކަމަކު…” ޗިންކާގެ ބައްޕަ ބުންޏެވެ. ” އެހެންވިޔަސް ހިނގާބާ..” އެކުވެރިޔާ އެހާވަރަށް އެދުމުން ޗިންކާގެ ބައްޕަ އެކުވެރިޔާ ބުނި ގޮތަށް ހަދައިގެން ދިޔައެވެ. ޗިންކާގެ ބައްޕައަށް ލިބުނު ހައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. އޭނަގެ އެކުވެރިޔާ އޭނާއަށް މިދެއްކީ ކޮންފަދަ މަންޒަރެއް ހެއްޔެވެ. ގަތް ބިރަށް ވުރެ އޭނަ ކަންބޮޑުވީ އޭނަގެ ދަރިފުޅާ މެދުގައެވެ. މިހާރު ބަނޑަށް ފަސްމަސް ވެފައިވާ އޭނަގެ ދަރިފުޅު ބަލިވެ އެއިނީ އިންސާނަކަށް ނޫންކަން އޭނަ އެދަރިފުޅަށް ބުނެދޭނީވެސް ކިހިނަކުން ހެއްޔެވެ. އަނެއްކޮޅުން އިންސާނަކަށް ނުވިޔަސް ރަވާހިބު އޭނާގެ ދަރިފުޅަށާއި އާއިލާއަށް ނުލާހިކު ރަގަޅެވެ. ހަދާނެ ގޮތެއް ނޭނގި ގޮތްހުސްވެފައިވާ އޭނަ ގެއާދިމާލަށް މިސްރާބު ޖެހިއެވެ. ” އަހަރެން ދެން ކިހިނެއް ހަދާނީ.. ރަވާހިބު ކިތަންމެ ރަގަޅަސް އެއީ އިންސާނެއް ނޫންކަން އެނގުމުން އަހަރެން ކަންބޮޑުވާން ފަށައިފި.. މިހާރު ޗިންކާގެ ބަޑަށްފަސްމަސް ވެއްޖެ.. އެއީ ކޮންކަހަލަ ކުއްޖެއް ކަމެއްވެސް ނޭނގެ.. އެދަރިފުޅަށް ލިބިދާނެ ގެއްލުމަކާމެދު އަހަރެން ވަރަށް ކަންބޮޑުވޭ…” ޗިންކާގެ ބައްޕަގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ކަންބޮޑުވުންތަކުން އޭނާގެ ސިނކުޑި ފުރިބާރުވަނީއެވެ.
” މަށަށް ފެންނަނީ އޭނަގެ ކިބައިން ޗިންކާ ސަލާމަތްކުރަން.. ކޮންމެއަކަސް އެދެމީހުނަށް އެއްކޮށް އެގޮތަކަށް ނޫޅެވޭނެ.. އެހެންބަޔަކަށް އެމަންޒަރު ފެނިއްޖެނަމަ މުޅި ރަށުގައިވެސް އޮންނާނެ އެވާހަކަ.. އޭރުން ކަންތައްތައް މާ ބޮޑަށް ގޯސްވެގެންދާނެ..” އެކުވެރިޔާ ބުނީ ދޮގުވާހަކައެއްވެސް ނޫނެވެ. އެކުވެރިޔާއާ ވާހަކަ ދެއްކުމަށްފަހު ޗިންކާގެ ބައްޕަ ގެއަށް ވަންނަން ދިޔައެވެ. ގެއަށްވަނުމުން ފުރަތަމަވެސް ފެނުނީ ސޯފާގައި އިށިދެގެން ތިބި ޗިންކާގެ ދެމަފިރިންނެވެ. ގެއަށްވަން ބައްޕަގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ފެނުމުން ޗިންކާއަކަށް މަޑަކުން ނުހުރެވުނެވެ. ” ބައްޕާ ހާދަ ހާސްވެފަ ކިހިނެއްވީ..” ޗިންކާ ތެދުވެގެން އައިސް އޭނަގެ ބައްޕައާ ސުވާލުކުރަން ފެށިއެވެ. ބައްޕަ ބަހެއް ނުކިޔުމުން ރަވާހިބުވެސް ތެދުވެގެން ކައިރިއަށް އަންނަން ފެށިއެވެ. ނަމަވެސް ރަވާހިބު އަންނަން ފެށުމުން ބިރެއް ފެނުނުހެން ބައްޕަ ފަހަތަށް ޖެހެން ފެށިއެވެ. ބައްޕަ ބަލާން ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ރަވާހިބުގެ ސިކުނޑި ދެނެގެންފިއެވެ. ދުރަށް ޖެހެމުންގޮސް މަޑުމަޑުން ސޯފާގައި ބައްޕަ އިށީދެއްޖެއެވެ. އިރުކޮޅަކު އެހެން ހުރެފައި ޗިންކާ ކައިރީ ފެންތައްޓެއް ގެނެސް ދިނުމަށް އެދުނެވެ.
ޗިންކާ ބަދިގެ ފަރާތައް ދިޔުމުން ރަވާހިބުއާ ދައްކާލަން ޖެހޭ މުހިއްމު ވާހަކައެއް އޮތްކަމުގައި ބުންޏެވެ. ރަވާހިބުއަށް ފާޑަކަށް ވެގެން އުޅޭގޮތް އެނގޭހެންވެސް ހީވިއެވެ. ނަމަވެސް ބައްޕަ ބުނަން އެއުޅޭ ވާހަކަ ބުނަން ދެން ކެތްތެރިވެގެން ހުއްޓެވެ. އޭނަގެ ދުނިޔެ އޭނައަށް ބަނަވެގެންދާފަދަ އިހުސާސެއް އެވަގުތުން ފެށިގެން އޭނާއަށް ކުރަމުން ދިޔައެވެ. ދެބަފައިން ބައްދަލުކުރީ އެދުވަހު ރޭގަނޑު އަތިރިމަތިންނެވެ. ވެގެން އުޅޭގޮތް ވަރަށް ސާފުކޮށް ޗިންކާގެ ބައްޕަ ކިޔައިދިނެވެ. އަދި ރަވާހިބުއަކީ އެމީހުންގެ ނަސްލުގެ މީހަކަށް ނުވާތީ އެގުޅުން ދުރުކުރުމަށް އެދުނެވެ. ރަވާހިބުއަށް ގެއްލުމެއްދޭކަށް އޭނަ ބޭނުން ނުވާ ވާހަކަވެސް ބުންޏެވެ. އެއީ ޗިންކާގެ ބައްޕައަށް ވީތީ ކުރިމަތީގައި އެއްވެސް އެއްޗެކޭ ބުނާކަށް ރަވާހިބު ނޫޅުނެވެ. ޗިންކާގެ މައިންބަފައިން އޭނާއަށް ނުލާހިކު ރަގަޅެވެ. ނަމަވެސް އޭނަގެ ހިތްރޯން ފަށައިފިއެވެ. އޭނަގެ ލޯބިވާ އަންހެނުންނާ މިދުނިޔެއަށް އަންނަ އުޅޭ ކުޑަ ދަރިފުޅު ދޫކޮށްލައިފައި ދާން ވީ ހެއްޔެވެ. ނޫނެކެވެ. އޭނާއަށް ބައްޕަ އެދުނަސް އެކަމެއް ނުވާނެއެވެ. ރަވާހިބު އެދުނީ އޭނަ އެކަމާ ވިސްނާލަން ހަފްތާއެއް ދިނުމަށެވެ. ޗިންކާގެ ބައްޕަ ދިޔުމުން ރަވާހިބު ދިޔައީ އޭނަގެ ބައްޕަގެ ގާތަށެވެ. ވެގެން އުޅޭ ގޮތް ބައްޕައަށް ކިޔާދިނުމުން ބައްޕަވެސް އެދުނީ ޗިންކާގެ ބައްޕަ އެދުނުހެން ކަންތައް ކުރާށެވެ. ކޮންމެއަކަސް ޗިންކާގެ މައިންބަފައިން ރަވާހިބުއަށް ރަގަޅުކަން ރަވާހިބުއަށް ވިސްނައި ދިނެވެ. އެމީހުންނަކީ ގޯސްބައެއްނަމަ ރަވާހިބުއަކީ އިންސާނެއް ނޫންކަން އެނގުމުން މިހާރުވެސް ރަވާހިބުގެ ވަސްފިލުވާލާނެ ކަމުގައި ބުންޏެވެ.
ރަވާހިބުވެސް އެކަން ހިތުގެ އަޑިން ގަބޫލުކުރެއެވެ. ” ދަރިފުޅު އެމީހުންކައިރީ ބުނޭ އެދަރިފުޅު މަރާ ނުލުމަށް.. އަދި އެމީހުންގެ ތެރޭން މީހަކަށް އެދަރިފުޅު ނުވަންޏާމު އެ ކުޑަދަރިފުޅު ރަވާހިބުއަށް ދިނުމަށް… އަދި ވިހާ ދުވަސް ޖެހުމުން ރަވާހިބު އަންނާނެ ކަމުގައި ވެސް ބުނޭ…ދަރިފުޅު ރީތިކޮށް އެމީހުންނާ ވާހަކަދައްކާ މަޝްވަރާ ކުރުމަށްފަހު ޗިންކާއާ ދުރުވޭ.. އެހާ ރީތިކޮށް ޗިންކާގެ ބައްޕަ ދަރިފުޅާ ވާހަކަ ދެއްކުމުން ބޮލާލާ ޖަހާނެ ކަމެއް ނެތް.. ބައްޕަ ބުނާނީ އެއީ އަހަރެމެންގެ ނަސްލުގެ ކުއްޖަކަށް ވެއްޖިއްޔާ އެމީހުން އެދަރިފުޅު ދޭނެއޭ..” ކޮންމެއަކަސް ބައްޕަޔާ ވާހަކަ ދައްކާގެންވެސް މާ ބޮޑު ހިތްހަމަޖެހުމެއް ރަވާހިބުއަކަށް ނުލިބުނެވެ. ކޮންމެ ކޮޅަކަށް ދިޔަޔަސް ޗިންކާއާ ވަކިވާން ޖެހެނީއެވެ. ދަރިފުޅަށް ވާނެ ގޮތެއް އަދި ނޭނގެއެވެ. ބައްޕައާ ވާހަކަ ދެއްކުމަށް ފަހު ރަވާހިބު އެނބުރި އައެވެ. ގެއަށް ވަންއިރު ސޯފާގައި އިށީދެގެން ހުރި ބައްޕަ ފެނުމުން މިފަހަރު ހިތުގައި ޖެހިލުންވުމެއް އުފެދުނެވެ. އެހެންޏާވެސް ފެންނަ ފަދަ މޫނަކާއެކު ޗިންކާގެ ބައްޕަ ހުއްޓެވެ. ރަވާހިބު ގެއަށް އައުމުން އެންމެންވެސް ވަނީ ބަދިގެއަށް ކާށެވެ. މިރޭ ރަވާހިބު އުޅެއުޅެ ކެއުން ކުރިއަކަށް ގެންދެވޭގޮތެއް ނުވިއެވެ. ވީކީއްތޯ އެތައްފަހަރަކު ޗިންކާއާ އޭނާގެ މަންމަ ސުވާލުކޮށްފިއެވެ. ނަމަވެސް ކަމެއް ނުވާ ކަމުގައި ބުނެ ހަމަޖައްސާލަނީއެވެ. ޗިންކާގެ ބައްޕަ އަނގަޔަކުން ނުބުނެއެވެ. އޭނައަށް ހުރިހާ އެއްޗެއްވެސް އެނގޭތީ ވެގެން އުޅޭގޮތް އޭނާއަށް އެނގެއެވެ. ރަވާހިބުގެ ހުރި ކިޔަމަންތެރިކަމުގެ ސިފަ ފެނުމުން އޭނަ ދޫކޮށްލާހިތެއްވެސް ޗިންކާގެ ބައްޕަ ނުވެއެވެ. ނަމަވެސް އޭނަ ފޮނުވާލުން މަޖުބޫރުވެއްޖެއެވެ.
ހަފްތާއެއްފަހުން ދެބަފައިންވެސް އަތިރިމައްޗަށް ވާހަކަ ދައްކާލަން ދިޔައެވެ. ނަމަވެސް ގޭތިބި މީހުންކައިރީ ބުނީ ވިހަންވާއިރަށް އެއްޗެހި ގަންނަން ދަނީ ކަމުގައެވެ. ރަވާހިބު އޭނަ ބޭނުންވާގޮތް ހާމަކުރިއެވެ. ޗިންކާގެ ބައްޕަ އެކަމާ ދެކޮޅެއް ނަހަދައެވެ. އެތާގައި ގޯސްވާހަކައެއްނެތެވެ. އެމީހުންގެ ނަސްލުގެ ކުއްޖަކަށް ނުވަންޏާމު އެކުއްޖާ ބެލެހެއްޓޭނީ ރަވާހިބުއައްތާއެވެ. ޗިންކާގެ ބައްޕަ ރަވާހިބު ދޫކޮށްލާހިތް ނުވާކަމުގައިވެސް ބުންޏެވެ. ނަމަވެސް މީހުނަށް އެކަންތައް ނޭނގެނީސް ހުއްޓާލުން މަޖުބޫރުވާކަމުގައި ބުންޏެވެ. އެރޭ ގެއަށް ގޮސް ވަޒީފާގެ ކަމެއްގައި އެހެން ގައުމަކަށް ފުރަން ޖެހޭ ވާހަކަ ރަވާހިބު ޗިންކާ ގާތުގައި ބުންޏެވެ. އަދި އެނބުރިއާދެވޭނީ ދުވަހެއް ސީދާ ބުނާކަށް ނޭނގޭ ކަމުގައި ބުންޏެވެ. ވިހާ ދުވަސް ޖެހެން މާގިނަމަހެއްނެތެވެ. އެހާ ގާތްވެފައި ހުއްޓާ ރަވާހިބު ފުރަން އުޅޭތީ ޗިންކާގެ ހިތައް ވަރަށް ތަދުވިއެވެ. ނުދިއުމަށް އެދި އާދޭސް ކުރާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާ ކުރާކަހަލަ އަންބަކަށް ވާކަށް ޗިންކާ ބޭނުމެއް ނުވެއެވެ. ރަވާހިބު ފުރާގެން ދިޔުމުން ޗިންކާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައެވެ. ހީވާކަހަލައެވެ. ރަވާހިބު އޭނާއާ ދުރަށް އެއްކޮށް ދިޔައީއެވެ. ނަމަވެސް އޭނާ ރަވާހިބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



masha allah kudhu…..v reethi mi baives …. loved it
?? Thank you thiththa
VVV reethi maasha allah?????