ނުފިލާނޭ މިހިތަކުން… 22
ހިތް ނޭދޭ ވައިރޯޅި އަކަށްވެސް
ކައިރި ކަލާޔާ ވާން
ހިތް ބޭނުންވޭ ތި ލޯބިވާޔާ
އުމުރު އެކީގައި ދޭން
“މަންމަގެ ދޮށީ ދަރިފުޅު.. ކީއްވެ މަންމައާ ބައްޕަގެއޭ ނުބުނީ..” މެހެކް ވާހަކަ ދައްކަ ދައްކާ އިންދާ ކުއްލިއަކަށް މާކިން އެހިއެވެ. އެއާއިއެކު ހިނިތުންވެގެން އިން މެހެކްގެ މޫނުގެ ކުލަވަރު ބަދަލުވީތަން އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ.
“މްމް.. ބައްޕަ ދޯ.. އަހަރެން.. އަހަރެން ބައްޕައެއް ކަމުގައި ދެކޭ މީހަކީ.. އަސްލު.. މްމް.. އަހަރެންގެ ދޮން ބައްޕަ.. މާކިންމެން ކައިރި ބުނީމެއްނު.. ނިޔާވި ވާހަކަ..” މާކިންގެ ސުވާލަށް މެހެކް ޖަވާބު ދިނީ އުނދަގުލުންކަން ސާބިތުވަނީ އޭނާގެ ކައިރިކޮށްލާފައިވާ ދެބުމައާއި ތިރިކޮށްލާފައިވާ އެސްފިޔަތަކެވެ. އެހެން ނަމަވެސް މިފަހަރު އެ ނުތަނަވަސްކަން މާކިންގެ ހިތަށް އުނދަގުލެއް ނުކުރިއެވެ. މެހެކް އެ ޖަވާބުން އޭނާގެ ހިތަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެކެވެ. އޭނާއަށް ހީކުރެވުނީ ރަނގަޅަށެވެ. އޭނާގެ މެހެކް އޭނާއަށް އޮޅުވައެއް ނުލައެވެ. ކުޑަކޮށްވެސް އޮޅުވައެއް ނުލައެވެ. މާކިންއަށް ހީނލެވުނެވެ.
“ދެން މެހެކްގެ ބައްޕައަކީ؟..” މާކިންގެ މޫނުމަތިން ޝައުގުވެރިކަން ފާޅުކޮށްލިއެވެ. އެވަގުތު މެހެކް ފުންނޭވާއެއް ބޭރުކޮށްލަމުން ފަރާތް ފަރާތް ބަލާލުމަށްފަހު އޭނާގެ މޫނު މާކިންއާއި ކައިރިއަށް ޖައްސާލިއެވެ.
“ވަރަށް ހައިރާންވާނެ ކާކުކަން އެނގުނީމަ..” މެހެކް ވާހަކަ ދެއްކީ ވަރަށް މަޑު މަޑުންނެވެ. އެއާއިއެކު މާކިން ދެލޯ ބޮޑުކޮށްލަމުން ކީއްވެހޭ އަހާ ފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ. މާކިންގެ ސުވާލާއިއެކު މެހެކް އޭނާގެ ބައްޕައަކީ މުޅި ރާއްޖެއަށް މަޝްހޫރު އިކްރާމް ޖަމާލުކަން ބުނެދިނެވެ. އަދި އެއީ މެހެކްގެ ބައްޕަ ކަމުގައިވިޔަސް އޭނާއާއި އެއްވެސް ގުޅުމެއް ނޯންނަ ކަމާއި، ދުވަހަކުވެސް އޭނާގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަމާއި އަދި އޭނާ މިހާރު މެހެކްގެ މަތިން ހަނދާން ހުންނާނެހެން ހީނުވާ ވާޙަކަވެސް ބުންޏެވެ. ގަޔާ ނުވާ ގޮތަކަށް އިނދެ އުފަން ބައްޕަގެ ވާހަކަ މާކިންއަށް ކިޔައިދެމުން ދިޔައިރު އެމޫނުމަތީގައިވާ ފޫހިކަމުގެ ކުލަވަރުން އެދެމެދުގައި ކުޑަވެސް ގުޅުމެއް ނެތްކަމާއި އަދި އޭނާގެ ބައްޕަގެ ޝައްކުތަކަކީ ކުށްހީއެއްކަން މާކިން ޔަގީންކުރިއެވެ.
ކައި ނިންމާލުމަށްފަހު މެހެކް ދެން ދާން ޖެހޭ ޓިއުޝަނަށް ގެންގޮސްދިނުމަށްފަހު ގެއާއި ދިމާއަށް މިސްރާބު ޖެހިއިރު މާކިންގެ މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ. މެހެކްއާއި ވާހަކަ ދައްކާލާ، ހިތުގައި އުފެދެން އުޅުނު ބޮޑު ކުށްހީއިން ސަލާމަތްވީކަމަށްޓަކައި އޭނާ އިނީ ނުހަނު ހިތްހަމަޖެހިފައެވެ. ގެއަށް ވަންގޮތަށް އެންމެ ފުރަތަމަވެސް މާކިން އޭނާގެ ބައްޕައާއި ގުޅިއެވެ.
“ބައްޕާ.. ބައްޕައަށް ހީވީ ގޯސްކޮށް..” ބިލާލް ފޯނު ނެގުމާއިއެކު މާކިން އަވަސް އަވަހަށް ބުނެލިއެވެ.
“ކޮންކަމެއް..” ބިލާލްގެ އަޑުގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.
“މެހެކްއަކީ އިކްރާމްގެ ދަރިއެއް.. އެވާހަކަ އޭނާ ބުނީ އަހަރެން ނާހަނީސް.. އަމިއްލައަށް.. މެހެކްއާއި އިކްރާމްއާ ދެމެދު އެއްވެސް ގުޅުމެއް ނޯވޭ.. މެހެކް ބައްޕައެއް ކަމުގައި ދެކުނީ އޭނަގެ ދޮންބައްޕަ..” މާކިންގެ އަނގަ ހަލުވިވެފައި އަޑު ގަދައެވެ.
” ހަމަ މިއަދު މާކިން ނާހަނީސް އޭނަގެ ބައްޕަގެ ހަގީގަތް ކިޔާދިނީ؟.. ތީވެސް ގަބޫލު ނުކުރެވޭ ކަމެއް..” ބިލާލްގެ ވާހަކަ ހުރިގޮތުން މާކިންގެ މޫނުމަތީގައި ހުރި ހަމަޖެހުމުގެ ކުލަވަރު ބަދަލުވެ ދެބުމަ ކައިރިވެއްޖެއެވެ.
“އެންމެ ރަނގަޅު ބައްޕާ.. މަށަށް މިކަން އެނގުނީމަ ބައްޕައަށް އަންގާލީ..” މާކިން އިތުރަށް ބިލާލް ބުނާ އެއްޗެއް އަޑުއަހާކަށް މަޑެއް ނުކުރިއެވެ. އޭނާގެ ބައްޕަ އެހުރީ މެހެކްއާއިމެދު ގޮތް ނިންމާފައެވެ. ދެން ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެއް ކިޔަސް ބައްޕަގެ ނިންމުން ބަދަލެއް ނުވާނެއެވެ. ބައްޕަގެ ނުރުހުމާއި، ބައްޕަ ނުރައްކަލުން މެހެކްއަށް ސަލާމަތްވެވުމަކީ ދެން ވަރަށް ދުރުގައިވާ ކަމެކެވެ. މާކިން އަތުގައި އޮތް ފޯނު ސޯފާއަށް އެއްލާލަމުން ސޯފާގެ ތެރެއަށް ވެއްޓިގަތެވެ. އޭނާގެ ހިތް ބިރުގަންނަނީއެވެ. އޭނާގެ ސަބަބުން މެހެކްއަށް ގެއްލުމެއް ލިބިދާނެ ކަމުގައި އެހިތް އިންޒާރު ކުރަނީއެވެ.
ގަޑިން ހަވީރު 5 ޖެހިއިރު ޝުބާއާއި އިޝާން މާކިންގެ ގެއަށް އައިސްފިއެވެ. އެދެމީހުންނާއި ކުޑަކޮށް ޖެއްސުންކޮށްލާ، ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު މާކިން މެހެކްއަށް ގުޅީ އޭނާ ކޮބާތޯ ބަލަން ކުރި މެސެޖަށް ޖަވާބެއް ނައުމުންނެވެ. އެހެން ނަމަވެސް 5:30 އާއި ގާތްވި އިރުވެސް މެހެކްގެ ޚަބަރެއް ނުވުމުން މާކިންއާއި އެކު ޝުބާއާއި އިޝާންވެސް ކަންބޮޑުވާގޮތްވިއެވެ. ގުޅީމާ ފޯނެއް ނުނަގައެވެ. މެސެޖަކަށް ޖަވާބެއް ނުދެއެވެ. ގަޑި ހިނގަމުން ދިޔަ ވަރަކަށް މާކިންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ސިޓިންގ ރޫމުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އޭނާގެ ހިތުގައި ފާޑުފާޑުގެ ނުބައި ޚިޔާލުތައް ގިނަވަމުން ދިޔައެވެ. މެހެކްއަށް ކިހިނެތްވީ ހެއްޔެވެ؟ ކަމެއް ގޯސް ނުވާނަމަ އޭނާ ގުޅުމުން ފޯނު ނުނަގަނީ ކީއްވެހެއްޔެވެ؟ އަނެއްކާ މެހެކްއަށް ކަމެއް ވީ ހެއްޔެވެ؟ ހިނގާފައި އަންނަނިކޮށް މީހަކު ފޯނު ފޭރިގަތީ ހެއްޔެވެ؟ ބަޔަކު އޭނާއާއި ދިމާ ކުރީ ހެއްޔެވެ؟ ޓެކްސީއަކަށް އެރުމުން ނުބައި ތަނަކަށް ގެންދިޔައީ ހެއްޔެވެ؟ އޭނާގެ ބައްޕަ.. އޭނާގެ ބައްޕަ މެހެކްއަށް..
“ނޫން.. ނޫން..” މާކިން ކުއްލިއަކަށް ބޮލުގައި ހިފަހައްޓާލަމުން ސޯފާގައި އިށީނދެއްޖެއެވެ. އެވަގުތު އެތާ ތިބި އިޝާންއާއި ޝުބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ދެފަރާތަށް ބޯ ހޫރަން އިން މާކިންއަށް ބަލަހައްޓައިގެން ތިބުމަށްފަހު ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއިރު ވެގެން އުޅޭގޮތެއް އެކަކަށްވެސް ނޭނގެއެވެ.
“ކެން.. ކިހިނެތްވީ.. ކެން..” ޝުބާއާއި އިޝާން މާކިންގެ ދެފަރާތުގައި އިށީނދެލަމުން ވެގެން އުޅޭގޮތް ސާފުކުރަން މަސައްކަތް ކުރިއެވެ. މެހެކްގެ ޚަބަރެއް ނުވެގެން އެހާ ވަރަށް ބިރު ގަންނަހާ ގިނަ ވަގުތެއް އަދި ނުވެއެވެ. މާކިންގެ ހަރަކާތްތަކުން އެމީހުން ހައިރާން ކުރުވީ އެހެންވެގެންނެވެ.
މާކިންއަށް އޭނާގެ ރަހްމަތްތެރިން ކިޔާ އެއްޗެއްގެ އަޑެއް ނީވެއެވެ. އޭނާއަށް ސިފަވަމުން ދިޔައީ މެހެކްގެ ވާހަކަ ދެކެވުނު އޭނާގެ ބައްޕަގެ މޫނުމަތީގައިވީ ފޫހިކަމެވެ. އިކްރާމްގެ ވާހަކަ ދެކެވުނު އިރު ބައްޕަގެ މޫނަށް އަރާ ފޭބި ކުލަވަރުތަކެވެ. ބިރުވެރިކަމާއިއެކު މާކިންގެ ހިތް ތެޅެމުން ދިޔައީ ހީ ނުކުރާހާ ބާރަށެވެ. އޭސީގެ ފިނިން ފިނިހިފާލާފައިވާ މާހައުލުގައިވެސް އޭނާގެ ހަށިގަނޑު ދަލުން ފޯވަމުން ދިޔައެވެ. ބިރުވެރިކަމާއި، ހާސްވުމާއި، ރުޅިވެރިކަމުން ހޫނުވަމުން ދިޔަ އޭނާގެ ލޭގެ ކުލަވަރު އޭނާގެ ދޮން މޫނުން ފެންނަން ހުއްޓެވެ. ބާރު ނޭވާތަކަކުން ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައިރު އޭނާއަށް ބެލެމުން ދިޔައީ އަތުގައި އޮތް ފޯނަށެވެ. އެއްފަހަރުވެސް މެހެކްގެ ޚަބަރެއް ވާނެ ނަމައެވެ.
“ވެއަރ އާރ ޔޫ މެހެކް؟..” ފެންކަޅިވަމުން ދިޔަ ލޯ މަރާލަމުން މާކިން ކޮޅަށް ތެދުވިއެވެ. އަދި އިތުރަށް މަޑު ކުރުމެއްނެތި ކޮޓަރިއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުންނަން ހިނގައިގަތެވެ. މާކިންއަށް ގޭގެ ދޮރާއި ހަމައަށް ދެވުނު ވަގުތުވީ ދޮރުގައި ޓަކި ޖަހަންފެށި ވަގުތަށެވެ. އޭރު ފަހަތުގައި ޝުބާއާއި އިޝާންވެސް ތިއްބެވެ. ޓަކީގެ އަޑު އިވުމާއިއެކު މާކިންގެ ހިތުގެ ތެޅުން ކުރިއަށްވުރެވެސް ބާރުވެލިއެވެ. އެއީ މެހެކް ކަމުގައި ވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރަމުން ލޯ މަރާލައިގެން ހުރެ ލަސްލަހުން ދޮރު ހުޅުވާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Reethi ekamu haadha kurey
Vrh reethi waiting for the next part❤️❤️LY
vvvvvvvvvvv reethi next part digu kohlaathi plxxxx???
v reethi. Konirakun next part???
Vrh reethi mi part vx. Masha Allah
V.reethi waiting
Varah wreethi but kureyyyy waiting for the next part ☺️☺️☺️