ޒަޚަމް 11
“ކީކޭ ހިތަށް އަރައިގެންތަ ކައިލާން ފަހަތުން އުޅެނީ؟ ނޭންގެތަ އެއީ ބޭބެއެއް ކަމެއް؟ ކައިލާންއާ އަހަރެން ކިހާ ރަނގަަޅަކަށްތަ ކައިރާއާ މެދު ކަންތައް މި ކުރަނީ؟ އަމިއްލަ ކޮއްކޮއެއް ފަދައިން އަހަރުމެން ކަައިރާ މި ބަލަނީ. ދެން ކީއްވެތަ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަން ތި މަސަައްކަތް ކުރަނީ؟” ރުޅި އައިސްގެން ވާހަކަ ފެށިނަމަވެސް ޔާނާއަށާ ރޮވުނެެވެ. އެ ލޮލުން ފެންނަމުން ދިޔައީ ކައިރާއާ މެދު ޝަކުވާއެވެ.
ޖެހިފައި ހުރި ޝޮކެއްގެ ބޮޑު ކަމުން އަމިއްލަ ނަފްސުގެ ދިފާއުގައި ބުނާނެ އެއްޗެއް ކައިރާއަކަށް ނޭންގުނެވެ. މޭމަތިން ނަގައިގެން ދިލަޔާއެކު ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ކައިލާން އޭނާއޭ ކިޔައިގެން ޔާނާ ގާތު ދެއްކީ ކޮން ވާހަކައެއް ކަމެއް ނޭންގެއެވެ. އިނގޭ އެއްޗަކީ ޔާނާ ކުރިމަތީ އޭނާގެ އަގު ވައްޓާލަައިފި ކަމެވެ. އެކުވެރިންވެސް އޭނާއަށް ދެމުން ދިޔަ ނަޒަރުން ހިތް ހަލާކުވާވަރު ވިއެވެ.
އެއްޗިހި ކިޔައިފައި ހިތް ހަމަޖެހުމުން ކަންނޭންގެއެވެ. ޔާނާ ނުކުމެގެން ދިޔައެވެ. އެއާއެކު ހުރިތަނަށް ކައިރާއަށް ތިިރިވެވުނެވެ. އާލިޔާ އާއި ބަލްޤިސް ގޮސް ކައިރާ ގާތު އިށީނެވެ. އަދި އެމީހުން ޔާނާގެ ވާހަކަ ގަބޫލު ނުކުރާކަން އެންގުމުގެ ގޮތުން ކައިރާ ގައިގަަި ބައްދާލިއެވެ. ކައިރާ ކިޔައިނުދިން ކަމުގައި ވިއަސް ކޮންމެސް ވަރަކަށް ވެގެން އުޅޭ ގޮތް އެކުދިންނަށްވެސް ރޭކައިލަީއެވެ.
ކައިރާ އުނދަގުލުން ނަމަވެސް އޭނާގެ އެކުވެރިންނަށް ކައިލާން ކަންތައް ކުރި ގޮތް ކިޔައިދިނެވެ. ކޮންމެ ކުއްޖެއްގެ މޫނުންވެސް ފެންނަމުން ދިޔައީ ކައިލާންއާ މެދު ރުޅުވެރިކަމެވެ. މިހްތަރް ހީވީ ދެންމެ ދެންމެ ގޮސް ކައިލާންގައި ތަޅައިގަންނަން އުޅުނުހެންނެވެ. “ސްޓެފް އައި އޭމް ސޯ ސޮރީ” ކައިރާގެ ކުށެއް ނެތް ކަމުގައި ވިއަސް ސުފްޔާން ގާތުން އޭނާއަށް މާފަށް އެދެވުނެވެ. “އިޓްސް ނޮޓް ޔުއާރ ފޯލްޓް ކެރާ. ވީ ޕްރޮމިސް ޔޫ ކައިލާން ވިލް ގެޓް ދަ ޕަނިޝްމަންޓް ހީ ޑިޒާރވްސް” ސުފްޔާން ލޮތްބާއެކު ބުނެލިއެވެ. ސުފްޔާންގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ދެން ތިބި ކުދިންވެސް ބޯޖަހައިލިއެވެ. ކައިރާއަށް އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެކުދިން ވަޢުދުވިއެވެ.
ކައިރާ ގެއަށް ނުގޮސް މަޑު ކުރީ އާލިޔާގެ އެދުމުގެ މަތިންނެވެ. ބަލްޤިސްވެސް އެރޭ އެގޭގައި މަޑު ކުރިއެވެ. ދެކުދިން އެދުނީ ކައިރާގެ މަންމައާ އެ ވާހަކަ ހިއްސާ ކުރަންށެވެ. ކައިރާ ފުރަތަމަ ދެކޮޅު ހެދިނަމަވެސް އާލިޔާ އަދި ބަލްޤިސް ކިޔުމުން މަންމައަށް ގުޅިއެވެ.
މަންމަގެ އަޑު ޖެހުމާއެކު ކައިރާއަށް ރޮވުނެވެ. އޭނާ އެ ވަގުތު ބޭނުންވީ މަންމަގެ ހިމާޔަތެވެ. އެ އަތުތެރޭ އޮވެ ހިތްފުރެންދެން ރޯލަން އެދެވުނެވެ. “ބުނަން. މަށަށް އިނގޭ ކައިރާކޮށްގެން އުޅޭ ކަންތައް. ލަދުން ބޯހަލާކު. މަ މިތާ ހަމަޖެހިގެން އުޅޭތީވެ އުނދަގޫ ވެގެންނެއްނު ތި އުޅެނީ. ކައިލާން އާއި ޔާނާ އެއޮަށް ރަނގަޅަށް ކަންތައް ކޮށްދޭއިރުވެސް ޝުކުރު ނުކުރެވިގެން އުޅޭހާ ގޮތޭ!” ހިތަށް ތޫނު ހަންޖަރެއް ހަރާލިއަސް އިހްސާސް ނުކުރެވޭނެހާ ވޭން މަންމަގެ ރަހުމު ކުޑަ އަސަރެއް ނެތް ބަސްތަކުން ކުރިއެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް އެ ފުރުސަތު ނުލިބުނެވެ. ދުވަހަކުވެސް ގުޅައިގެން ނުވާނެ ކަމަށް ބުނެފައި ފޯނު ކަނޑާލިއެވެ. އެކުވެރިންގެ އެހީތެރިކަން ނުލިބުނު ނަމަ ކައިރާ ދުނިޔެއަށް އެކަނިވެ ބިކަވީހެވެ.
ކައިލާން އޭނާއޭ ކިޔައިގެން ދޮގު ވާހަކަތައް މުޅި ރަށުތެރޭ ފެތުރިއެވެ. ސްކޫލްގެ މެނޭޖްމެންޓާއި ހަމައަށް މަައްސަލަ ގޮސް އޭނާ ސްކޫލުންވެސް ވަކި ކުރެވުނެވެ. އެއް އުމުރުގެ ކުދިން އޭނާއަށް ދެމުން ދިޔައީ މަލާމާތާއި ޖެއްސުމުގެ ނަޒަރުތަކެވެ. އޭނާއާ ދިމާއަށް ހަޑި ހުތުރު ނަންތައް ގޮވާ ސޯޝަލް މީޑިއާގައިވެސް ހަޖޫޖަހަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ދިފާޢުގައި އެކުވެރިން ތެދުވެއެވެ.
“ކައި ދަރިފުޅު ޕޮލިހަށް މައްސަލަ ހުށަހަޅަންވީނު. އަނިޔާވެރި ކުށްވެރިއަކު ރަށުތެރެއަށް ދޫކޮށްލައިފައި ހުރުމަކީ އެހެން ކުދިންނަށްވެސް ވެވޭ ބޭއިންސާފެއް. އިންސާފު ހޯދަން ދަރިފުޅަށް ވެދެވެން ހުރި އެހީއެއް ވެދެން މަންމަ މިހުރީ ތައްޔާރަށް” އަމިއްލަ ދަރިއެއް ފަދައިން ކައިރާދެކެ ލޯބިވާ ލިލީ އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ބޭނުންވިއެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ހަޔާތް އެއްކޮށް ބަރުބަދުވެގެން ދާތަން ބަލާކަށް އޭނާގެ މައިންވަންތަ ލަނގޮޑިއަކަށް ކެތެއް ނުވެއެވެ. “ނޫން. އަހަރުމެން ފަދަ ކުދިންނަށް އިންސާފު ލިބުމަކީ ވާނެ ކަމެއް ނޫން. ކައިލާންއަކީ ނުފޫޒު ގަދަ މީހެއް. އަޅުގަނޑުގެ އަގު މުޅި ސްކޫލްގައި އަދި މިރަށުގަވެސް ވައްޓާލުން ކައިލާންއަށް އުނދަގުލެއް ނުވި” ކައިރާގެ ދެލޯ ފެންކަޅިވާކަށް ގިނަ އިރެއް ނުނެގިއެވެ. ހަޔާތާއި މެދު އޭނާވެސް ހުވަފެންތަކެއް ދެކުނެވެ. އެ ހުވަފެނުގައި ކުލަ ޖައްސާ ނަލަ ކުރަން ބޭނުންވިއެވެ. މަންމަގެ ލޮތްބާ ނުލައިވެސް ހިތްވަރު ގަދަ ކުއްޖަކަށް ވެގެން އުޅެން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިލާންގެ ސަބަބުން އޭނާގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހިއްޖެއެވެ. ކުލަ ނުޖެއްސެނީސް ހުވަފެންތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. އިތުރަށް ކުރާނެ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ.
ލިލީ އާއި ކައިރާއަށް ނޭންގޭނެހެން އެމީހުންގެ ވާހަކަތައް އަޑު އަހަން ދަހުލާން ހުއްޓެވެ. ރުޅިގަދަވެ އޭނާގެ ދެއަތް ވަނީ މުށްކެވިފައެވެ. މިހާރުން މިހާރަށް ގޮސް ކައިލާންގެ ފުރާނަ ދުއްވާލަން ހިތަށް އަރައެވެ. ނަމަވެސް އެކުވެރިޔާއަށްޓަކައި ކެއްކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.
ސްކޫލް ނިމުނު ގަޑީ ސުފްޔާންއަށް ކައިލާން ފެނުނެވެ. ހިނި އައިސްފައި ސަމާސާ ކުރަމުން ދިޔައިރު އޭނާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާއޭ ހިތަށް އެެރިއެވެ. “ސްޓެފް ނޯ” ރުޅިގަދަވެ ހުރެ ކައިލާންއާ ދިމާއަށް ހިނގައިގަތް ސުފްޔާން ހުއްޓުވީ އާލިޔާއެވެ. ސުފްޔާން އަތުގައި ހިފައި މަޑު ކުރުވިއެވެ. “ތިހެން އޭނާއާ ކުރިމަތި ލައިގެން ކެރާއަށް އިތުރަށް ދެރަ ލިބުން ނޫން ކަމެއް ނުވާނެ” ވިސްނައިދޭ ފަދައަކުން އާލިޔާ ބުންޏެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ސުފްޔާން ދެލޯ މަރާލިއެވެ. އާލިޔާގެ ހިތްގައިމު އަޑު ޖެހުމުންވެސް ރުޅި މަޑުވިއެވެ. އަބަދު އެ އަޑު އަހާލަން އޭނާގެ ހިތް އެދެން ފެށިއެވެ.
ސުފްޔާން މައިތިރިވިކަން ޔަގީންވުމައެކު އޭނާއާ ދުރަށް ދާން އާލިޔާ އަވަހަށް ހިނގައިގަތެވެ. ކައިރާއާ ސުފްޔާން އެކުވެރިންގެ ގޮތުގައި އުޅެން ނިންމި ފަހުން އޭނާގެ ބަސްނާހާ ހިތް ސުފްޔާންއަށް އެދެން ފަށައިފިއެވެ. ދަހުލާންގެ ލޯބިވެރިއެއްގެ ގޮތުގައި ހުރެ ހިތުގައި ސުފްޔާންއަށްޓަކައި ޚާއްސަ އިހުސާސްތަކެއް އުފެދެން ފަށައިފިއެވެ.
ލޯ މަރާލާ ކޮންމެ ފަހަރަކު ހިތަށް ސިފަވެގެން ދަނީ ސުފްޔާންއެވެ. އެންމެފަހުން ނުނިދިގެން އާލިޔާ އެނދުން ތެދުވީއެވެ. ކުރެވެން އުޅެނީ ނުރަނގަޅު ކަމެއްކަން އެނގިހުރެމެވެސް ފޯނު ނަގާ ސުފްޔާންގެ ނަންބަރަށް ގުޅާލިއެވެ.
އާލިޔާއެކޭ އެއްފަދައިން ސުފްޔާންއަށްވެސް އޮތީ ނުނިދިފައެވެ. މާބޮޑަށް އާލިޔާ މަތިން ހަނދާން ކުރެވެނީއެވެ. އުމުރުގައިވެސް އަލަށް އަންހެން ކުއްޖެއް ދެކެ ލޯބިވެެވުނުއިރު އޭނާއަށް ލޯބިވެވުނީ ކޮއްކޮގެ ލޯބިވެރިޔާ ދެކެއެވެ. ނުނިދުނު ކަމަށް ސުފްޔާން އެނދުން ތެދުވެ ކޮޓަރިން ނިކުތެވެ. ބޭރުތެރޭ ހިނގާލުމުން ބޮލަށް ލުއި ވާނެތީއެވެ.
ސުފްޔާން ފޯނަށް ޖަވާބު ނުދިނުމުން ހިތުގައި ޖެހުނުނަމަވެސް ހަމަޖެހުންވެސް ލިބިގެން ދިޔައެވެ. ސުފްޔާން ހިތަށް އަރާނެ އެއްޗެއް ނޭންގޭތީ ގުޅުނީ އޮޅިގެން ކަމަށް ބުނެފައި މެސެޖެއް ފޮނުވާލިއެވެ.
ދިހަވަރަކަށް މިނެޓު ބޭރުގައި އުޅެފައި ކޮޓަރިއަށް ވަންއިރު އާލިޔާގެ މިސްޑް ކޯލަކާ މެސެޖެއް އިނެވެ. ހިތް އަވަސްވެފައި ހުރި ހާލު ސުފްޔާން މެސެޖު ހުޅުވާ ކިޔައިލިއެވެ. އެއާއެކު މީހާ އެކީ މާޔޫސްވެގެން ދިޔައެވެ. އެނދު މައްޗަަށް ފޯނު އެއްލާލާފައި އެނދަށް ވެއްޓިގަތެވެ.
“ކައި ޑާރލިންގް ޔޫ އާ ސޭފް!” ލީލީގެ އޯގާތެރި އަޑު ޖެހުމާއެކު ކައިރާއަށް ހޭލެވުނެވެ. ފަހަކަށް އައިސް އޭނާއަށް ހުވަފެނުގެ ސިފައިގައި އެ ބިރުވެރިރޭ ފެންނަމުން ދެއެވެ. ކޮންމެ ރެއަކުވެސް ނިދީތެރޭ ރޮއެ އާދޭސްކޮށް ތެޅިފޮޅެއެވެ. ކައިރާގެ ހާލު ފެނި ލިލީގެ ހިތްފަޅައިގެން ދާ ވަރުވެއެވެ. ހޭލެވުމާއެކު ހިތް ފުރެންދެން ކައިރާ ރޯލިއެވެ. އެހުރިހާ އިރުވެސް ލިލީ ދުރަށް ނުގޮސް ކައިރާ ގާތު ހުއްޓެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެއް ފާއިތުވެގެން ދިޔައެވެ. ލިލީ އަދި އެކުވެރިންގެ އެދުމުގެ މަތިން ކައިރާ ކައިލާންގެ މައްސަލަ ހުށަހެޅިއެވެ. އެކުވެރިންނާއި ލިލީގެ ހިތްވަރުން ކައިލާން އޭނާއަށް ދިން އަނިޔާ ދުނިޔެއަށް ކައިރާ ހާމަކުރިއެވެ. އިންސާފު ހޯދަން ކައިރާ އަޑު އުފުލުމާއެކު ކައިލާން ގެ ދެބެއިންގެ ދެ ދަރި އެހެން ކުއްޖަކުވެސް އެ ކުއްޖާއާ މެދު ކައިލާން ކަންތައް ކުރި ގޮތް ކިޔައިދިނެވެ. އަދިވެސް ސްކޫލްގެ އިތުރު ކުދިންތަކެއް ކައިލާންއާ ދެކޮޅަށް މައްސަލަ ހުށަހެޅުމާއެކު ކައިލާންގެ ހަގީގަތް ހާމަވިއެވެ. ޔާނާއަށް ކައިލާންގެ ހަގީގަތް އެނގުމާއެކު މޮޔަނުވީ ކިރިޔާއެވެ. ކައިރާއާ މެދު ކަންތައް ކުރެވުނު ގޮތާ މެދު ދެރަވެ ރޮއެ ރޮއެފައި ކައިރާ ގާތުން މާފަށް އެދުނެވެ. ލީޒާވެސް ދަރިފުޅާ މެދު ކަންތައް ކުރެވުނު ގޮތުމް ދެރަވިއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު އެފަދަ މީހެއްގެ އަތް މައްޗަށް ދޫކޮށްފައި ދެވުނީތީ ދެރަވެ ހިތާމަ ކުރިއެވެ. އޭނާއާ އެއްކޮށް ޔޫރަޕަަށް ދާން ކައިރާ ގާތު ހެދުމުން ކައިރާ ދެކޮޅު ހެދިއެވެ. ކައިރާ ބޭނުންވީ ލިލީ ގާތު ހުންނަންށެވެ. މަންމައަކަށް އެންމެ ބޭނުންވި ދުވަހު އޭނާ ގާތު ހިތްވަރުދޭން ހުރީ ލިލީއެވެ. ލިލީ ދޫކޮށްފައި ދާކަށް ކައިރާ ބޭނުމެއް ނުވިއެވެ.
އާލިޔާ އަދި ސުފްޔާންގެ ގުޅުން އިތުރު ހަރުފަތަކަށް ދިޔައެވެ. ދެމީހުން ކުރެ އެކަކަށްވެސް ދަހުލާން ގާތު އެވާހަކަ ބުނާކަށް ނުކެރުނެވެ. އާލިޔާގެ ހިތްއެކީ ސުފްޔާނަށް ހިބައިން ދެވުނެވެ. ނަމަވެސް ދަހުލާންއަށް ދެރައެއް ދޭން ބޭނުންނުވާތީ ބުނާކަށް ނުކެރުނެވެ. ސުފްޔާންއަށް ވެސް ކޮއްކޮގެ ހިތްހަލާކު ކުރާކަށް ނުކެރުނެވެ. ދެމީހުންގެ ގުޅުން ސިއްރެއް ގޮތުގައި ބޭއްވުނީ އެހެންވެއެވެ.
ދަހުލާންގެ އޯގާތެރިކަމާ އެކުވެރިކަމުގެ ސަބަބުން ކައިރާ ހިތުގައި ކުރިން ދަހުލާންއާ މެދު އުފެދިފައި ހުރި އިހުސާސްތައް އިތުރަށް ފުންވަމުން ދިޔައެވެ. ކައިލާންގެ ސަބަބުން ހިތަށް ލިބިފައި ހުރި ޒަޚަމް ތަކުގެ ފަރުވާއަކަށް ދަހުލާން ވާން ފެށިއެވެ. އެއް ގެއްގައި އުޅުމާއެކީ ކޮންމެ ދުވަހަކު ދަހުލާން ދެކިލުމުގެ ފުރުސަތު އޭނާއަށް ލިބެއެވެ. ކޮންމެ ދުވަހަކު ހަވީރު ގޭގެ ފަހަތުގައި އޮންނަ ހުސްބިމުގައި ދެމީހުން ހޭދަކުރާ ވަގުތު ކޮޅަކީ ޚާއްސަ ވަގުތަކަށް ކައިރާއަށް ވެގެން ދިޔައެވެ.
އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. ކައިރާ ހުންވައްތަރު ވެފައި ހުރުމުން ބޭރަށް ނުނިކުމެ ގޭތެރޭގައި މަޑު ކުރިއެވެ. ދަހުލާން އެގަޑީ އާލިޔާމެން ގެއަށް ދާން އުޅުމާއެކު ދެރަވި ނަމަވެސް ކައިރާ އެކަން ހާމައެއް ނުކުރެއެވެ. އާލިޔާއަށް ސަޕްރައިޒެއް ދޭން ވެގެން ދަހުލާން މެސެޖެއްވެސްކޮށް ނުލާ ދިޔައެވެ.
ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. ދެއަތް ފުޅާ ކުރުމަށްފަހު އަޑުގެ ނެތްތަނަށް ދަހުލާން ހަޅޭއްްލައިގަތެވެ. ހަޅޭކުގެ އަޑު މަޑުވަމުން ގޮސް މަޑު ގިސްލުމަކަށް ބަދަލުވެ މަގުމެދަށް ދަހުލާންއަށް ތިރިވެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Hey sis…mi part vx vvv salhi…whn nxt..curiously waiting…lysm dear… ???
Kiyaa dhoony mi vaahaka best Hama ingey….. Love this adhi ekam dhevana comment Mee☹️ alhe raasthaa season 3 ves neredhyba pls ☺️☺️☺️
Tc
Stay home