ޝަހަރު 19ވަނަބައި
ދެބަފައިން ގެންގުޅުނު އެތީގެ ފުރާ ފެންއަޅައިގެން ދެބަފައިންވެސް ދުރަށް ދިޔައެވެ. ” ބައްޕާ އެމީހުން ހިތައް ނާރާނެތަ އަހަރެމެން މީ ކޮންބައެއްތޯ؟..” ހާތިބު އަހާލިއެވެ. ” ބައްޕަޔަށް ހީވަނީ އެވަޅު ކައިރިއަށް އެއަންނަނީ ދަތުރުމަތީގައި އަންނަ ބައެއްހެން.. އެއީ މީހުންއުޅޭ ސަރަހައްދާވެސް ތަންކޮޅެއް ދުރުގައި ހަދައިފައި ހުރި ތަނެއް ނޫ.. އެހެންނޫންނަމަ އެމީހުންވާހަކަދައްކާ ކޮންބައެއްތޯ އޮޅުން ފިލުވާނެ…” ވަރުދާން ކިޔައިދިނެވެ.
އެމީހުނަށް އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަކީ އުނދަގޫވާނެ ކަމެއް ކަމުގައި ބުނެފައި ވަރުދާން ސިފަ ކުރިންވެސް ހުރި ގޮތަށް ބަދަލުކުރިއެވެ. ހާތިބުވެސް ބައްޕަ ކަންތައް ކުރިގޮތަށް ކުރިއެވެ. ދެބަފައިން ކަރުހިއްކުން ފިލުވައިލައިގެން އަނެއްކާވެސް އުދުއްސައިގަތެވެ. މިފަހަރު ހާތިބުގެ އެދުމަކަށް މީހުން ދިރިއުޅޭ ހިސާބަކަށް ތިރި ކުރިއެވެ. ހާތިބު ބޭނުންވަނީ އިންސާނުން ދިރިއުޅޭގޮތް ދިރާސާ ކޮށްލާށެވެ. ހާތިބުގެ ނަސީބަކަށް އެމީހުން ތިރިކުރި ސަރަހައްދުން އޭނައާ އެއްފުރައެއްގެ އެމީހުންފަދަ މީހަކާ ދިމާވިއެވެ. މާގިނަ ވަގުތުތަކެއް ނުނަގާ ދެފަރާތުންވެސް ތަޢާރަފުވެ އެކުވެރިކަން ބަދަހިވިއެވެ.
އެރަށުގައި އުޅޭ އިންސިން ދެކޭގޮތުގައި އެރަށުގެ އެސަރަހައްދަކީ ނާމާން ސަރަހައްދެއް ކަމުގައި ވިނާން ބުންޏެވެ. ” ދެން އެއީ އަސްލު ތެދު ވާހަކައެއްތަ؟..” ހާތިބު އަހާލިއެވެ. ” ނޫން.. އަސްލު އެމީހުންނަށް ދެން ފެންނާނީ ނާމާން ކަމެއްގެ ގޮތުގައި..” ވިނާން ބުންޏެވެ. ” އަސްލު ކިހިނެއްވީތަ އެމީހުން އެގޮތަށް ދެކެނީ؟..” އަނެއްކާވެސް ހާތިބު އަހާލިއެވެ. އަސްލު މިރަށުގެ މިސަރަހައްދުގައި އިންސާނުން އާބާދު ވުމުގެ ކުރިންވެސް އުޅެމުން އައީ އަހަރެމެންގެ ކާބަފައިން… އިންސިން މިތަނުގައި އަހަރެމެންގެ ކާބަފައިން އަޅައިގެން އުޅުނު ގެދޮރާ ތަންތަން ސުންނާފަތި ކޮށްލާފައި އުޅެން ފެށީ… ދެން ކާބަފައިން އެވަގުތު އެމީހުން އުޅެންދާނެ ވަކި އިތުރު ތަނެއް ނެތުމުން އެމީހުން ބޭނުންވީ އިންސާނުން މިތަނުން ފައްސާލަން.. އެމީހުނަކަށް އަހަރެމެން ފެންނަނީއެއްނޫން.. އަހަރެމެން އެމީހުންގެ ކުރިމަތީގައި ގަހުގެ ފަތެއް ހަލުވާލިއަސް އެމިހުންގެ ތެރޭ ގިނަމީހުން ބިރުން ފިތްކަނޑައިގެން ދާވަރުވެފަ ތިބޭނީ… އަހަރެމެންގެ ކާބަފައިންވެސް ފެށީ އެކަހަލައިގެ ކުޅިވަރުތަކެއް..” ވިނާން ކިޔައިދިނެވެ. ” ދެން ކިހިނެއްވީ؟..” އެވާހަކަތަކަކީ ހާތިބު ވަރަށް ޝައުޤުވެރިވި ވާހަކައެކެވެ. ” ދެން ތަފާތު ގޮތްގޮތުން އުނދަގޫ ކުރަން ފެށި.. ރޭގަނޑު ނިދާފައި ތިބޭ ވަގުތު ތަށިތައް ވައްޓާލުމާ… ނިދަން ތިބޭ ވަގުތު އެކިއެކި އަޑުތައް ލެއްވުމާ އެކި މީހުންގެ ސިފައިގައި ފެނުމާ.. އެހެންގޮސް ވަރަށް ގިނަ އުނދަގޫތައް ކުރި.. އަހަރެމެންގެ ކާބަފައިން ކިބައިން ސަލާމަތްވާންވެގެން އެމީހުން ވަރަށް ގިނަ ކަންތައްތައް ކުރި.. ނަމަވެސް އެމީހުންގެ ޝިކާރައަކަށް ވެގެންދިޔައީ މަދުބަޔެއް.. ކެނޑިނޭޅި ދެމުން ދިޔަ އުނދަގުލުން ސަލާމަތް ނުވެގެން އެންމެފަހުން އިންސާނުން މިސަރަހައްދު ދޫކޮށް ދިޔައީ…” ވިނާން ކިޔައިދިނެވެ. ” ދެން އޭގެ ފަހުން މިސަރަހައްދަށް އިންސާނުން އައިސް ނޫޅޭތަ؟..” ހާތިބު އަހާލިއެވެ. “އަހަރެންގެ މައިންބަފައިން ބުނާގޮތުން އެދުވަސްވަރު ނާދޭ.. އެކަމަކު މިހާރު ވަރަށް ގިނައިން އިންސާނުންތައް މިހިސާބަށް އައިސްގެން އުޅޭ..ނޭނގިނަމަވެސް އެމީހުންގެ ތެރެއިން ބައެއްމީހުނަށް އަހަރެމެންގެ ތެރެއިން ބައެއް މީހުނަށް އަނިޔާދެވޭ.. ” ވިނާން ބުންޏެވެ. ” ދެން.. އެކަމުގެ ބަދަލު ހިފަނީދޯ؟..” ހާތިބު އަހާލިއެވެ. ” އަހަރެމެންގެ ތެރެއިން ބައެއް މީހުނަށް ވިސްނޭ އެއީ އިންސިން ގަސްދުގައި ދޭ އަނިޔާއެއް ނޫންކަން… ނަމަވެސް ގޮތްދޫކުރަން ބޭނުންނުވާ މީހުން އަނިޔާކުރި އިންސިއެއްގެ ވަސްމިދުނިޔެއިން ނައްތާލަން ވަރަށް މަސައްކަތް ކުރޭ.. އެކަމަކު އިންސާނުން ގެންގުޅޭ ހަތިޔާރު އަހަރެމެންނަށް ވުރެން ވަރުގަދަވީމަ، އަހަރެމެންނަށް ސަލާމަތްވެވެނީ މަދު ފަހަރަކު..” ވިނާން ބުންޏެވެ.
” އަދި އެއްވާހަކަ.. ރަށުން ބޭރުން ތިހެން އަންނަ މީހުނަށް މިރަށުގައި އަހަރެމެން ތެރޭ އުޅޭ ބައެއް މީހުންގެ ފަރާތުން ވަރަށް ދުއްތުރާތަކާ ދިމާވޭ… ބައެއް ފަހަރު އެމީހުންގެ އެކުޅިވަރުތަކާ ހެދިވެސް އިންސާނުންނަށް ހީވެފައި އޮންނަނީ މިސަރަހައްދަކީ އާދަޔާ ޚިލާފު ތަނެއްހެން..” ވިނާން އިތުރަށްވެސް އެރަށުގެ ކަންތައް ހާތިބުއަށް އޮޅުންފިލުވައި ދިނެވެ. ވިނާންގެ އެދުމަށް އޭނަގެ ގެއަށް ދިޔުމަށް ހާތިބުމެންގެ ދެބަފައިން ދިޔައެވެ. އެމީހުން ހިނގަމުން ދިޔައިރު ގަސްތަކުން ހިކިގެން ވެރިފައިވާ ފަތްތައް ވަޔާ ބުރަމުންދާ އަޑުފަތްގަނޑު މާހައުލުގައި ހިފާފައިވެއެވެ. ފުދޭވަރަކަށް ގަސްބޯ ސަރަހައްދެއް ކަމުން ތަނަށް ވެރިވެފައިވަނީ އެމީހުން ބޭނުންވާފަދަ ހިތްހަމަޖެހުމެކެވެ. ވިނާންއުޅޭ ގެއާ ހަމައަށް އާދެވުމުން އޭނަގެ ގެ ދައްކާލިއެވެ. ” މީ އަހަރެމެން އުޅޭ ގެ… މީ ފަސްބުރިއަށް ނަގާފައި ހުންނަ ގެއެއް.. ކޮންމެ ބުރިއެއްގައިވެސް އުޅޭނީ ވަކި އާއިލާއެއް.. މީ އޭރު އިންސާނުން އުޅެން ވެގެން ހަދާފައިވާ ގެއެއްތެރެއިން ގެއެއް..” ވިނާން އޮޅުން ފިލުވައިދިނެވެ. ގޭގެ ބޭރުގައި ތަފާތު ރީތި މާގަސްތައްވެސް ހައްދާފައި ހުއްޓެވެ. މަޑުމަޑު ލުއި މީރުވަހެއް ހިފާލާފައި ހުއްޓެވެ. ” މީއަހަރެމެން ހައްދާ މާގަސްތައް.. މިއެއްޗެހި ފެނުމުން އިންސިން މިސަރަހައްދަށް އަންނަ އިރު ވަރަށް ހައިރާންވޭ.. އެމީހުން މިގަސްތައް ގެންދާނެ.. އެކަމަކު އަހަރެމެންވެސް މަސައްކަތުން ހައްދާއެއްޗެއް އެމީހުންނަށް އެހާ ފަސޭހައިން ދޫކޮށް ނުލެވޭނެއެއްނޫ..” ވިނާން ބުންޏެވެ. ” ދެން.. ވިނާން މެން އަނބުރާ ގަސްތައް ނަގަނީތަ؟..” ހާތިބު އަހާލިއެވެ. “އާނ! ކީއްވެ ނުނަގަންވީ.. ހަމަ ގެންދާ ދުވަހުގެ ރޭގަނޑު ނަގައިގެން އެނބުރި ގެންނަނީ..” ހިނިގަނޑެއް ޖަހާލަމުން ވިނާން ބުންޏެވެ.
ވިނާންމެން އުޅެނީ ދެވަނަ ބައިގައި ކަމުން އެހިސާބަށްދާން ހަރުފަތްތަކެއް ހުއްޓެވެ. ތިންމީހުން މަޑުމަޑުން މައްޗަށްދާން ހިނގައިގަތެވެ. ވިނާންމެން އުޅޭ ބައަށް ވަންއިރު އެތާތެރޭ ދިހަވަރަކަށް މީހުން ތިއްބެވެ. އެންމެ މުސްކުޅިކޮށް ހުރި ދެމީހަކު ދައްކާފަ އެއީ އޭނަގެ މަންމައާ ބައްޕަ ކަމުގައި ބުންޏެވެ. ދެންތިބީ އޭނަގެ ދައްތައިންނާ ބޭބެމެންނާ ކޮއްކޮއިން ކަމުގައި ބުންޏެވެ. ބޮޑު އާއިލާއެއް އެއްތާކު އުޅޭތަން ފެނުމުން ހާތިބަށްވީ އަޖާއިބު މަންޒަރަކަށެވެ. އެމީހުންގެ އެއްއާއިލާއެއްގައި ގިނވެގެންވެސް އުޅޭނީ ފަސްވަރަކަށް މީހުނެވެ. އެއަށްވުރެ އިތުރެއް ނުވާނެއެވެ. ވަރުދާންއަށް މީގެން އެއްވެސް ކަމަކީ އާކަމަކަށް ނުވެއެވެ. އޭނާއަށް އެހިސާބަށް އާދެވިފައިވަނީ އޭގެތެރެއިން ގިނަކަންތައްތައް ތަޖުރިބާ ކޮށްފައެވެ. ރޭގަނޑުގެ ކެއުމަށް ކުކުޅާ އެނޫންވެސް އެތާގެ އިންސާނުން ކާންގެންގުޅޭ މަސްތަކުގެ ކަށިތަށްވެސް ހުއްޓެވެ. ހާތިބުއަށް އެއްޗެހި ފެނުމުން މޭނުބައި ކުރާގޮތްވެސް ވިއެވެ. ނަމަވެސް ބުއިމަށްޓަކައި ރަގަޅު ސަޔެއް ތައްޔާރު ކޮށްފައި ހުއްޓެވެ. ވަރުދާންމެންގެ ދެބަފައިން ސައިބުއީއެވެ. އެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުންދިޔައެވެ. ކައިނިމިގެން ވަރުދާން ވިނާންގެ މައިންބަފައިންނާ ވާހަކަ ދައްކާލުމަށްޓަކައި މަޑުކޮށްލިއެވެ. ހާތިބު ނިކުތީ ވިނާން އާއެކު ބޭރަށް ދިޔުމަށެވެ. އެމީހުނަށް ސިޑިން ތިރިއަށް ނުފޭބެނީސް ފެނުނީ ވިނާން ބިންމައްޗަށް ގުޅަޔަކަށް ޖެހުނުތަނެވެ. އިރުކޮޅަކުން ހާތިބުގެ ބުރިކަށްޓަށްވެސް ހޫނު ހަމަލާއެއްއައެވެ. އެފަދަ ކަމަކަށް ވިސްނާގެން ނެތުމުން ހާތިބުވެސް ވެއްޓެން ދިޔައެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ހާތިބު ތެދުވެއްޖެއެވެ.
ވިނާން ތެދުވުމަށްޓަކައި ހާތިބު އެހީތެރިވެދިނެވެ. ވިނާންއަށް ކިރިޔާ ބިންމަތިން ތެދުވެވުނީއެވެ. އަނެއްކާވެސް އަނެއް ހަމަލާ އަންނަތަން ފެނުނެވެ. ހާތިބު ވަގުތުން އެހަމަލާއިން ވިނާން ދުރުކޮށްލިއެވެ. ދެމީހުންވަރަށް ބާރަށް ބޭރަށް ނިކުތެވެ. އެމީހުންގެ ފަހަތުން ހަމަލާ ދެމުން އަންނަ މީހާވެސް އެމީހުންނާ އެކުއެކީހެން ބޭރަށް ނިކުތެވެ. އަނެއްކާވެސް އޭނަ މަސައްކަތް ކުރީ ހާތިބުގެ ބުރަކަށީގައި އެތިފަހަރެއް ވިލުވާލުމަށެވެ. ނަމަވެސް އޭނައަށް އެކަން ނުވެގެން އުޅެނިކޮށް އެތާގައި ހުރި ހުރިހާ ހިރަފުއްސާ ކިލައާއެއްކޮށް ހީވީ އޭނާގެ ލޮލަށް އެޅުނީ ހެންނެވެ. ލިބުނު ވޭނުގައި ދެލޯވެސް ހުޅުވައި ނުލެވިގެން އުޅެނިކޮށް ހާތިބުމެން އެތަނުން ފިލާ ރައްކާވެއްޖެއެވެ.
” އެއީ މަތީބައިގައި އުޅޭ ކުއްޖެއް.. އޭނަގެ އުނދަގޫވަރަށް ގިނަފަހަރު ކުރިމަތިވޭ… މިރޭ އަދި އޭނަ އަހަރެމެންނާ ދިމާކުރާނެ..ބަދަލުހިފަން.. އޭނައާއެއްކޮށް ފުދޭވަރެއްގެ ބޮޑު ގުރޫޕެއްވެސް އުޅޭނެ..” ވިނާން ބުންޏެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް އިންސާނުންއުޅޭ ސަރަހައްދަށް އާދެވުނެވެ. ކާރުބާރު ބޮޑު މަގެކެވެ. ނަމަވެސް ވަރަށް ގިނަ ކުޑަކުދިންވެސް މަގުމަތިން ފެންނަމުން ދިޔައެވެ. ދެމީހުންގޮސް ގެއެއްގެ ފާރުބުރިމަތީ އިށީދެއްޖެއެވެ. ހާތިބުގެ ނޭވާގައިޖެހޭ ވަސްވަހުން އޭނާގެ ބަނޑުފުރިގެން ބަންޑުންވާހެންވެސް ހީވެއެވެ. ރޭގަނޑު ކެއުމަށްޓަކައި އެއްޗެހިތައްޔާރުކުރާވަހެވެ. އެކިގޭގެއިން އެކިވަސް ޖެހެމުން ދިޔައެވެ. ދުވަހަކުވެސް ބަނޑުފައި ނުވާވަރަށް މިއަދު ބަނޑުފައިވެސްވެއްޖެހެން ހީވެއެވެ. ” އޭ ކަލެއަށް ކިހިނެއް ތިވަނީ..” ހާތިބުއަށް ވެފައި ހުރިގޮތުން ވިނާން އަހާލިއެވެ. ” ހާދަ މީރުވަހެކޭ އެދުވަނީ.. ހަމައެކަނި އެވަހުންވެސް ބަނޑުއެބަފުރޭ…” ހާތިބު ބުންޏެވެ. ވިނާން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ” ކަލޭ ދައްކާ ވާހަކަ.. އެމީހުން މީރުކޮށް ކައްކާގެން ކެއަސް އަހަރެމެން ކަހަލަ ބަޔަކަށް ކިހިނެއް އެކަހަލަ ކާއެއްޗެހިކެވޭނީ.. އަހަރެމެން އެކާން ބޭނުންވެއްޖެއްޔާ ޖެހޭނީ އޭގެތެރެއިން މީހަކަށް ވާން… ނޫންނަމަ އެމީހުނަށް ނޭނގޭ ގޮތަށް ކާއެއްޗެހި ނަގަން.. ހާތިބު ބޭނުންވަންޏާމު ނަގައި ދީފާނަން.. އެއީ އަހަރެންނަށް އެއްވެސް އުނދަގޫކަމެއް ނޫން..” ވިނާން ބުންޏެވެ. “ނޫނޭ.. ތިކަހަލަ ކަމެއް ކުރާނެ ކަމެއްނެތް.. އެމީހުންވެސް އަހަރެމެންގެ އެއްޗެއް ވަގަށް ނަގާކަށް ނޫޅެއެއްނޫ.. އެމީހުނަށްވެސް އުނދަގޫ ކުރާނެ ކަމެއްނެތް.. އެހެން ނުނީއްޔާމު އަނެއްކާވެސް ބޮޑު ހަނގުރާމައެއް ކުރަން ޖެހިދާނެ..” ހާތިބު ބުންޏެވެ. ” ދެން އެހެންވިއްޔާމު މަޑުކުރޭ.. އޭގެތެރެއިން ބައެއް ގޭގެއިން އެމީހުން ކައިނިމުނީމަ ބާކީވާ ޑަސްބިން ކުރާނެ.. ދެން ޖެހޭނީ އެއަށް އިންތިޒާރުކުރާން… އެމީހުން ކައްކާގެން ކައި އެއްޗަށްވުރެ އިސްރާފުކުރާބައި ގިނަވާނެ.. އަހަރެމެން ކުޑައިރު ބައްޕަ ވަރަށް ގިނައިން ގެއަށްދާނެ އެގޮތަށް އެމީހުންނަށް ނުކެވިގެން ޑަސްބިނަށް އަޅާއެއްޗެހި…” ވިނާން ބުންޏެވެ. ” ދެން އަޅާނުލާ… ގެއާވީ ދިމާލަށް ދާކަށް ނުވޭތަ؟… މިހާރު ބައްޕަ ހުންނާނެ ލަސްވެގެން..” ހާތިބު ބުންޏެވެ. ” ތީ މިހާރު ޅަކުއްޖެއް ނޫނެއްނޫ.. އެހެންނޫނަސް ތިއައީ މިތާ ތަންތަން ބަލާލައިކަށް ނޫންތަ؟..” ވިނާން ބުންޏެވެ. ” މިތަން ބަލަން އައީ…” ހާތިބު ވަރަށް ކުރު ޖަވާބެއް ދިނެވެ.
ދެމީހުނަށް އެތަނުން ތެދުނުވެވިގެން އުޅެނިކޮށް އެގެއާ ދިމާލަށް އަންނަ ކުއްޖަކު ފެނުނެވެ. ބައްޕަ ބުނި ފަދައިން އަހަރެމެން އެމީހުންނާ ޖައްސާލާވަރެއްވެސް ނުވާކަން ހާތިބަށް ގަބޫލު ކުރެވުނެވެ. ހާތިބަށް ބަލާލެވުނީ ވިނާންގެ އަޑެއް ނުއިވިގެންނެވެ. ވިނާން ހުރީ އެއަންހެން ކުއްޖާއަށް ބަލަހައްޓައިގެން އަނގަ ތަންމިނަށް ހުޅުވައިލައިގެންނެވެ. ހާތިބުއަށް ވިނާން ހުރިގޮތް ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ. ވިނާން އަށް ބަލައިލި މީހަކަށްވެސް ހީވާނީ ވިނާންގެ ދުނިޔެ އޭނާއަށް ހުއްޓިފައި ހުރީހެންނެވެ. ” ކަލޭ ތިއުޅެނީ އެކުއްޖާ ކައިލަންތަ؟…” ވިނާންގައިގައި ބޮނޑިއެއް އަޅާލަމުން ހާތިބު އަހާލިއެވެ. ވިނާންއަށް އޭނާއަށް ހުރެވުނު ގޮތް އެނގުނީ އަދި ކިރިޔާއެވެ. ” އެއީ މިއަވަށުގައި ހުންނަ އެންމެ ރީތި ކުއްޖާ.. އަހަރެން މީ އިންސާނެއްނަމަ އަހަރެން މިހާރުވެސް އެކަމާ ކުރިމަތި ލައިފިން… ބައެއްފަހަރު އަހަރެން ހިތައް އަރާ އަހަރެންވެސް އިންސާނަކަށް ވިނަމައޭ…” ވިނާން ބުންޏެވެ. ” ކަލޭ އޭގެ ދަޅައެއްގައި ނުޖެހޭތި…” ހާތިބު ބުންޏެވެ. ” ކަލޭ ހީކުރީ މަ ބޮލުގެ ތެރޭގައި ހުންނަނީ އެހާ ޅައެއްޗެއް ކަމަށްތަ؟…” ވިނާން ބުންޏެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Maasha allah vvv furihama adi ehaa reethi???
??❤️ Thank you Ram.
masha allah….finally …..this ep is also great ….and beautiful….i am curious…..dhen vaany kihineh
??❤️ Thank you Thithaa