Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް… (12 ވަނަ ބައި)

ކުޑާ Level 110 Stories
April 2, 2015 4 Mins Read
0 Comments

މިފްޒާލް ބަން ލާފައި ދޮރުޖެހުމަށްފަހު ދިޔައީ ނޫރާ އެގޮތަށް ހުއްޓައެވެ. މިފްޒާލް ދޮރު ޖެހި އަޑަށް ހޭވެރިކަން ވީއިރު މިފްޒާލް ބުނި ޖުމުލަ ކަންފަތުގައި ގުގުމާލާފައި ހުއްޓެވެ. “އަހަރެން ކަލޭގެ ސޫރަވެސް ދެކޭކަން ބޭނުމެއް ނޫން.. އަހަރެންގެ ހަޔާތުންވެސް ދުރަށްދޭ” ނޫރާ ދެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. މިފްޒާލް އޭނާއަށް ކުރާ އިތުބާރު އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެލީ ނޫރާއަށް ދިފާއުގައި އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީއެވެ.

މިފްޒާލް ގޮސް ކޮޓަރިއަށް ވަނުމުން އާބިދާ ނޫރާ ގެނެސް ގޭތެރެއަށް ވެއްދިއެވެ. އަދި ކަންތައް ވީގޮތް ކިޔައިދިނުމަށް އެދުނެވެ. އާބިދާއަށް ނޫރާ އެކަހަލަ ވިޔާ ނުދާ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޮތެވެ. މިފްޒާލްއާއި ކައިވެނިކޮންގެން އެގޭގައި އަހަރެއް ފާއިތުވެގެންދިޔައިރު އާބިދާއަށްވަނީ ނޫރާ ވަރަށް ރަނގަޅަށް ދަސްވެފައެވެ. ވިޔަފާރި ދަތުރުތަކުގައި ފަޒާލް އާންމުކޮން އުޅެނީ މާލޭން ބޭރުގައެވެ.އެހެންކަމުން ކުދިންގެ ހުރިހާ ކަމެއްވެސް ކޮންދިނީ އާބިދާއެވެ. އާބިދާ ދެކެނީ ނޫރާއަކީވެސް އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. އެހެންވެ އާބިދާގެ ވިސްނުންތެރި ސިކުނޑިއަށް ނޫރާގެ މިޒާޖު ދެނެގަންނަށް މާއުނދަގުލެއް ނޫނެވެ.

ނޫރާ ވާހަކަ ނުދެއްކުމުން އޭނާ ގޮވައިގެންގޮސް އާބިދާގެ ކޮޓަރިއަށް ވައްދާފައި ބޭރަށް ނުކުތީ ނޫރާއަށް ވަގުތު ދިނުމަށެވެ. އާބިދާ ދިއުމުން ނޫރާ ފޯނު ނަގާފައި ކަޔާންއަށް ގުޅިއެވެ. ފޯނު ކިރިޔާ ރިންގުވެލާއިރަށް ކަޔާން ފޯނު ނަގައިފިއެވެ. ހީވީ ނޫރާ ގުޅާނެކަން އެނގިގެން ހުރިހެންނެވެ.

“ކަޔާން ކީއްވެ؟ ކީއްވެ އަހަންނަން ތިހެންތިހެދީ އަހަރެންގެ ފަރާތުން ކަޔާންއަށް ކޮން އުނދަގުލެއްވީ؟” ނޫރާ ކަޔާންއާއި ވާހަކަ ދެއްކީ ރޮމުންނެވެ. ނޫރާ ރޯއަޑުއިވިފައި ކަޔާންއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ނޫރާ ރޯއަޑު އެހުމަކީ ކަޔާންއަށް ފަސޭހަ ކަމެއް ނޫނެވެ. އޭނާގެ ސަބަބުން ނޫރާއަށް ހިތްދަތި ކަމެއް ލިބޭކަން ކަޔާން ބޭނުމެއް ނުވެއެވެ.

ކަޔާން ނޫރާގެ ކައިރީގައި އެދުނީ މިފްޒާލްގެ ކައިރިން ވަކިވެގެން އޭނާގެ ހަޔާތަށް އައުމަށެވެ. އޭރުން ނޫރާ ނުރޮއްވާނަން ކަމަށްބުންޏެވެ. އަބަދުވެސް ނޫރާ ހުންނާނީ އުފަލުގައި ކަމަށް ބުންޏެވެ. ނޫރާ ފޯނު ކަނޑާލީ ކަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓައެވެ.

އާބިދާ އައިސްވަނީ ނޫރާ އެއިންގޮތަށް އިންދައެވެ. އޭނާގެ އަތުގައި ޖޫސް ތައްޓެއް ހުއްޓެވެ. އާބިދާ ޖޫސްތަށި ދިނުމުން ނޫރާ ހިފީ ނުހިފާ ހުންނަން ނުކެރިގެންނެވެ. ޖޫސްތަށި ހިފަހައްޓައިގެން ނޫރާ އިނީއެވެ.

ނޫރާގެ ބޮލުގައި ފިރުވާލުމަށްފަހު އާބިދާ އަނެއްކާވެސް އެދުނީ ކަންތައް ވީގޮތް ކިޔައިދިނުމަށެވެ. އާބިދާ އެހާ ވަރަކަށް އެހުމުން ނޫރާ އާބިދާއަށް ކަންތައް ވީގޮތް ކިޔައިދިނީ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ.އާބިދާ ނޫރާ ކައިރީގައި ޖޫސްތަށި ބޯލައިގެން އަރާމުކުރަން ބުނެފައި ނުކުތީ މިފްޒާލް ކައިރިއަށް ދާށެވެ.

އާބިދާގޮސް މިފްޒާލްގެ ކޮޓަރިއަށް ވަތްއިރު ހީވީ އެތަނަށް ތޫފާނެއް އައިސްފައި އޮތް ހެންނެވެ. އާބިދާ ބަލައިގެން ކުދި ފިޔަވަޅުތައް އަޅަމުންގޮސް މިފްޒާލް ކައިރިއަށް މަޑުކޮށްލިއެވެ. އާބިދާ މިފްޒާލް ގައިގައި އަތް ޖައްސާލުމުން ތެދުވެ އިށީންއިރު އޭނާގެ މޫނުމަތިންވެސް ރޮއިފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އާބިދާ މިފްޒާލްއަށް ވިސްނައިދިނީ ވިސްނައިނުލާ ގޮތެއް ނުނިންމުމަށެވެ. ނޫރާއަށް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ފުރުސަތު ދިނުމަށެވެ.

“މަންމާ ނޫރާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއެކު އޮތްތައް ދެކުނީ އަހަރެންގެ ދެލޮލުން އެއީ މީހަކު ދެއްކި ވާހަކައެއް ނޫނޭ” ގަބޫލުކުރަން ކިތައްމެ ހިތް ނޭދުނަސް މިފްޒާލްއަށް ގަބޫލުކުރެވެނީ ސިކުނޑި އޭނައަށް ވިސްނައިދޭ ގޮތެވެ. އާބިދާ މިފްޒާލް ކައިރީގައި އަދި އެއްފަހަރު ވިސްނާލުމަށް އެދުނެވެ.

 

އަނެއްދުވަހު ގަދަވަޔާއެކު ވިއްސާރަކުރާއިރު ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ބޭރުގައި ހިނގާ ތޫފާނަން ވުރެ ނޫރާގެ ހިތުތެރޭގައިވާ ހައިޖާނުގަނޑު ބޮޑެވެ. ތަގުދީރާ ޝަކުވާ ކޮށްލެވުނީ އަބަދުވެސް އޭނާއަށް ދެރަގޮތް ވާތީއެވެ. ކޮންމެ ފަހަރަކުވެސް ކުޑަ އުފަލެއް ލިބޭ އިރަށް ދެން ކުރިމަތިވަނީ އެއަށްވުރެ ބޮޑު ހިތާމައެކެވެ. އޭނާގެ ނަސީބުގައި ލޯބި ލިޔެވިފައި ނެތީކަންނޭނގެއެވެ. އެކިއެކި ވަސްވާސްތަކުން ހިތްފުރެން ފެށުމުން ނޫރާ ހެއްދެވި ފަރާތް މަތިންހަނދާންކޮށްލިއެވެ. ނަމާދުތައް ބަރާބަރަށް ކުރަން އާދަވެފައިވާތީ އެކަމުން ހިތަށް ހިތްހަމަ ޖެހުން ލިބެއެވެ.

ނޫރާ ބޭރަށް ނުކުމެލީ ކޮޓަރިތެރޭގައި އޮވެ ފޫހިވެގެންނެވެ. އޭރު މިފްޒާލްވެސް ސިޓިންގ ރޫމްގައި އިނެވެ. ނޫރާ ނުކުތުމާއެކު މިފްޒާލް އެތަނުން ނުކުމެގެންދިޔައީއެވެ. ނޫރާ އޭނާއާ އެއްގެއެއްގައި އުޅުނަސް ނޫރާގެ ސޫރަ ދެކެލަންވެސް މިފްޒާލް ބޭނުންނުވާ ކަހަލައެވެ. މިފްޒާލްގެ އަޅައިލުން ކުޑަކަމުން ނޫރާ ހުންނަނީ މާޔޫސްވެފައެވެ. އެންމެ ފަހަރަކުވެސް ނޫރާ ދައްކާ ވާހަކަވެސް އަޑުއަހާކަން ބޭނުމެއްނުވެއެވެ. އަދި ކޮންމެވެސް ދުވަހަކުން މިފްޒާލްއަށް ހަގީގަތް އެނގި އޭނާގެ ކައިރިއަށް އަންނޭނެކަމަށް ކުރެވޭ އުންމީދެއް ފިޔަވައި ކުރެވޭނެ އިތުރު ކަމެއްނެތެވެ.

އާބިދާ ފިހާރައަކަށް ގޮސްފައި އައިއިރު ނޫރާ ސޯފާގައި އިށީދެލައިގެން އިންތަން ފެނިފައި ގަތް އެއްޗެހި ބަހައްޓާފައި އައިސް ނޫރާ ކައިރީގައި އިށީނެވެ. ނޫރާ ކައިރީގައި އިށީދެލިތަނާ ބަޔަކު ސަލާން ގޮވާއަޑަށް ބަލައިލިއިރު ދޮރުމަތީގައި ތިބީ މަހުލޫފްއާއި ވަފިއްޔާއެވެ. އެމީހުން ކައިރީގައި އިށީންނަން ބުނެފައި އާބިދާ ދިޔައީ އެމީހުންނަން ދޭން އެއްޗެއް ގެންނާށެވެ.

ވަފިއްޔާ ނޫރާ ކައިރީގައި އެގެއަށް ނުދާތީ ޝަކުވާކުރިއެވެ. ނޫރާބުނީ ކުޑަކޮން ބަލިވެ އުޅޭތީ އޮފީހުންވެސް ޗުއްޓީ ނަގައިގެން އުޅޭ ކަމަށެވެ. ނޫރާ ބަލިވެ އުޅޭ އިރުވެސް އެމީހުން ކައިރީ ނުބުނުމުން މަހުލޫފް ހިތްހަމަ ނުޖެހުނެވެ.

އާބިދާ އައީ ތަބަކެއްގައި ޖޫސްތަށިތަކަކާއި ބިސްކޯދު އަޅާފައިހުރި ތަށިތަކެއް އަތުރާލައިގެންނެވެ. ގެނަ އެއްޗެހި މޭޒުމަތީގައި ބަހައްޓާފައި އެމީހުންގެ ވާހަކައާއި އެއްބައިވެލިއެވެ. “ނޫރާ މިހާރު ދުވަސްކޮޅެއް ވެއްޖެ ގައިގައި ވަރު ނުހުންނާތީ އުޅޭތާ.. ޑޮކްޓަރަށް ދައްކަން ދާންބުނާ ކޮންމެ ފަހަރަކު ބުނަނީ އެއީ ކަމެއް ނޫނޭ..” އާބިދާ ނޫރާ ދިމާ ބަލައިލުމަށްފަހު ބުނެލިިއެވެ. ވަފިއްޔާއައި މަހުލޫފް ގެއަށްދިޔައީ އެގޭގައި ގަޑިއެއްހާއިރު ތިބުމަށްފަހުގައެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި އޭގެ އާދައިގެމަތިން ދުނިޔެއާއި ކުރިމަތިލިއެވެ. އަވިދިއްލާލާފައި އޮތްއިރު އުޑުމަތީގައި އިއްޔެކުރި ވިއްސާރައިގެ އަސަރުވެސް ނެތެވެ. ނޫރާ ފަތިސް ނަމާދު ކޮންގެން އަނެއްކާވެސް އޮށޯވެލީ އެހެން ދުވަސްދުވަހަށްވުރެ ބޮޑަށް ވަރުބަލިކަން އިހުސާސްވާތީއެވެ. ބޮލަށް އިރުކޮޅަކާ އެނބުރުން އަރައިގަނެއެވެ. ނޫރާ ހީކުރީ އެއީ ރަނގަޅަށް ނުކެވޭތީވާގޮތްކަމަށެވެ.

ނޫރާ އާބިދާ ގާތު އެއްވެސް ވާހަކައެއް ނުބުނީ އާބިދާ ކަންބޮޑުވެދާނެތީއެވެ. މިހާރުވެސް އާބިދާ ހުންނަނީ މިފްޒާލްއާއި ނޫރާގެ ގުޅުން ހީނަރުވެފައިވާތީ ވަރަށް ދެރަވެފައެވެ.

ކަޔާން ކެފޭއެއްގެ ތެރޭގައި އިންދާ އެތަނަން ލިޝާން ވަދެގެން އަންނަތައް ފެނުނެވެ. ލިޝާންގޮސް ހުހަށްހުރި މޭޒެއްދަށުގައި އިށީނުމުން ކަޔާންވެސްގޮސް އެމޭޒު ދަށުގައި އިށީނެވެ. ލިޝާން ކަޔާންއަށް ބަލައިލީ ހައިރާންވެފައެވެ. އޭނާއާއި ގުޅުން ކަނޑާލި މީހަކީވެސް ހުދު ކަޔާންއެވެ. ކަޔާން ލިޝާން ކައިރިން މާފަށް އެދުނެވެ. ލިޝާން ކަޔާންއަށް މާފްކުރީ ހެޔޮހިތުންނެވެ. ދެއެކުވެރިން އެތަކެއް ދުވަހެއްވުމުން ދައްކާނެ ބައިވަރު ވާހަކަ ހުއްޓެވެ. ކަޔާން ލިޝާން ކައިރީގައި ނޫރާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުބުނެއެވެ.

ހަފްތާއެއްވީއިރުވެސް ނޫރާއަކަށް ލުޔެއް ނުލިބުނެވެ. ބޯއަނބުރާވަރުން މޭނުބައިކޮށްލާފައި ހުންނަނީވެސް މާވަރަކަށެވެ. ނޫރާއަށް އެއްޗެއް ހީވެގެން ކަލަންޑަރު ބަލައިލިއެވެ. ނޫރާގެ މެޔަށް ފިނިވެގެންދިޔައީ މިމަހު އޭނާގެ ޑޭޓް މިސްވިކަން އެނގުމުންނެވެ.

ނޫރާ ކޮޓަރިން ނުކުމެގެންގޮސް ބަދިގޭގައި ހުރި އާބިދާއަށް ގޮވާލާފައި އެވާހަކަ ބުންޏެވެ. އާބިދާ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ހަމްދާ އައިސް އެމީހުންގެ ކައިރީގައި ހުއްޓުނެވެ. “މަންމަ މާ ވަރަކަށް ހެވިފައި ތިހިރީ ކީއްވެ؟” އާބިދާ ހަމްދާ ކައިރީގައިވެސް ނޫރާއަށް ހީވާ އެއްޗެއްގެ ވާހަކަ ބުނެލިއެވެ. ހަމްދާ އާބިދާ ކައިރީގައި ޓެސްޓު ހަދާ އެކަން ޔަގީންވުމުން ހޭން ތިބޭށޭ ކިޔާފައި އައިސް އަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން ދިޔައީއެވެ.

އާބިދާ ނޫރާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ޔޫރިން ޓެސްޓު ހަދާފައި ބަނޑުބޮޑުކަން ޔަގީންވުމުން  ނޫރާއަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. އާބިދާވެސްއިނީ މާމަޔަކަށް ވާން އުޅޭތީ ވަރަށް އުފަލުންނެވެ. “މިފްޒާލްވެސް ވަރަށް އުފާވާނެ” ނޫރާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. މިފްޒާލް އަބަދުވެސް ކުއްޖަކު ބޭނުންވެގެން އެވާހަކަ ދައްކާނެއެވެ. ނޫރާގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ދިޔައީ މިފްޒާލް ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އާބިދާ ނޫރާ ކައިރީގައި ބުނީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށެވެ.

ނޫރާ މަންމަމެންނަށް ގުޅާފައި އެހަބަރު ދިނެވެ. އަދި އޭގެފަހުން ނޫރާ އަމާނީއަށްވެސް ގުޅިއެވެ. އަމާނީއަށް ކުއްޖަކު ލިބުނުފަހުން އެހާ ގިނައިން ދެއެކުވެރިން ބައްދަލެއް ނުވެއެވެ. އަމާނީ ނޫރާއަށް މަރުހަބާ ކިޔެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށްބުނެ ހިތްވަރުދިނެވެ. ނޫރާ މިފްޒާލްއަށް އެ އުފާވެރި ހަބަރުދޭން ބޭނުންވީ ކައިރީގައި ހުރެގެންނެވެ.

ނޫރާ ގެއަށް ދެވުނުއިރު ހުރީ ހިތްއަވަސްވެފައެވެ. ގެއަށްގޮސް ވަތްއިރު މިފްޒާލް ނޫޅޭކަން އެނގުމުން މިފްޒާލްގެ އިންތިޒާރުގައި ވަގުތުތައް ގުނަން ފެށިއެވެ.

މިފްޒާލްއައީ ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮންނެވެ. ނޫރާގެ ސިކުނޑީގައި އެވަގުތު އެއްވެސް އެހެން ހިޔާލެއްނެތެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައިގޮސް ދޮރުން ވަދެގެންއައި މިފްޒާލްގެ ގައިގައި ނޫރާ ބައްދާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (11 ވަނަ ބައި)

Next

ނަމަވިޔަސް… (ފަހު ބައި)

Next
April 3, 2015

ނަމަވިޔަސް… (ފަހު ބައި)

Previews
April 2, 2015

ނަމަވިޔަސް… (11 ވަނަ ބައި)



All Right Reserved!