ނަމަވިޔަސް… (ފަހު ބައި)
މިފްޒާލްގެ އަތް ނޫރާގެ ގައިގައި ވަށާލެވުނީ ބޭއިހްތިޔާރުގައެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިފްޒާލް ނޫރާ ދުރުކޮށްލުމަށްފަހު ހިނގައިގަތެވެ. ނޫރާ މިފްޒާލް ހިނގައިގަތް ތަނުން އަތުގައި ހިފިއެވެ. ފިޔަވަޅު މަޑުޖައްސާލާފައި މިފްޒާލް ނޫރާއާ ދިމާއަށް ބަލައިލިއެވެ.”މިފްޒާލް އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން” ނޫރާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް މިފްޒާލް އެތަނުން ދިޔައެވެ. ނޫރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
ނޫރާ އޮތީ މިފްޒާލް ކައިރީގައި ބަނޑުބޮޑުވި ވާހަކަ ނުބުނެވޭތީ ނިދިނައިސްފައެވެ. ނޫރާ މަޑުމަޑުން ތެދުވެގެންގޮސް ހުއްޓުނީ މިފްޒާލް ކޮޓަރި ދޮރުމަތީގައެވެ. ދެފިކުރެއްގައި ހުރެފައި ތަޅުގައި ހިފާ މަޑުމަޑުން އަނބުރާލިއެވެ. ނަސީބަކުން ދޮރު ހުރީ ތަޅު ނުލައެވެ. ލަސް ފިޔަވަޅު ތަކެއް އަޅަމުންގޮސް ނޫރާ ހުއްޓުނީ މިފްޒާލް ކައިރީގައެވެ.
މިފްޒާލް ނިދީގައި އޮވެފައި ފުރޮޅެލީ މޫނުމައްޗަށް ނޫރާގެ ލޮލުން ފޭބި ހޫނު ކަރުނަ ތިއްކެއް ވެއްޓުމުންނެވެ. ނޫރާ މިފްޒާލްގައިގައި އަތްޖައްސާލާފައި ގޮވާލިއެވެ. މިފްޒާލް ތެދުވިއިިރު މޫނުމަތިން ފެންނަންހުރީ ހައިރާންކަމެވެ. ހިތްހަމަ ނުޖެހިފައިހުރެ ނޫރާ ކައިރީގައި އެކޮޓަރިން ނުކުތުމަށް ބުންޏެވެ.
“މިފްޒާލް ހެޔޮ ނުވާނެ އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ” ނޫރާ ރޮމުން ވާހަކަ ދެއްކީމައިވެސް މިފްޒާލް އޭނާ ދައްކާ ވާހަކަ އަޑު އަހާކަން ނޫޅުނެވެ. މިފްޒާލް ނޫރާ ނުދިއުމުން ކޮޓަރިން ބޭރަށް ނުކުންނަން ގޮސް ހުއްޓުނެވެ. ނޫރާ ބުނި އެއްޗެއް ގަބޫލު ނުކުރެވޭކަހަލަ ގޮތަކަށް މިފްޒާލް ނޫރާއަށް ބަލައިލިއެވެ. ‘އާން މިފްޒާލް އަހަރެން ބަނޑުބޮޑު މީ މިފްޒާލްވެސް ކިހާ ދެކެން ބޭނުންވި ދުވަހެއް” ނޫރާގެ އަޑު އިވިފައި މިފްޒާލްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފަލުންގޮސް ނޫރާ ގައިގައި ބައްދާލާފައި ނިއްކުރީގައި ބޮސްދިނެވެ. ޝައިތާނާ ބޮލަށް ސަވާރުވީ ކުއްލިއަކަށެވެ. ކަޔާންގެ އަތުތެރޭގައި ނޫރާ ނިދާލާފައި އޮތް މަންޒަރު ހިތަށް ސިފަވުމުން މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ.
“އަހަރެން ކައިރީގައި ތިވާހަކަ ބުނާކަން ނުޖެހޭނެ.. ތި ވާހަކަ ބުނަން ޖެހޭނީ ކަޔާން ކައިރީގައެއްނު” މިފްޒާލްގެ ވާހަކަ އިވިފައި ނޫރާއަށްހުރީ ރޯންވެސް ނޭނގިފައެވެ. މިފްޒާލް އޭނާ އެހާ ދެރަ ކޮށްލަފާނެކަމަކަށް ނޫރާ ހިތަކަށް ނާރައެވެ. ބަނޑުގައި އަތްޖާސަލައިގެން ނޫރާ ހުރެފައި ދެން ވީގޮތެއް ނޭނގުނެވެ.
ނޫރާ ލޯހުޅުވާލިއިރު އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުމަތީގައެވެ. ކައިރީގައި އެންމެން އޭނާ ވަށާލައިގެން ތިއްބެވެ. އެތަނުގައި ނެތީ ހަމައެކަނި މިފްޒާލްއެވެ. ވަފިއްޔާ ފެނުމުން ވަފިއްޔާއަށް ހުރިހާ ކަމެއް އެނގިއްޖެކަން ނޫރާއަށް އެނގުނެވެ.
ނޫރާ ސުވާލުކުރީ އޭނާ އެތާގައި އޮތީ ކީއްވެގެންތޯއެވެ. އާބިދާއަށް ހޭލެވިގެން ބަލައިލިއިރު ނޫރާ ނެތުމުން ހޯދަނިކޮން ފެނުނީ މިފްޒާލްގެ ކޮޓަރީގައި ވެއްޓިފައި އޮއްވައެވެ. އެހެންވެ ވަފިއްޔާމެނަށް ގުޅައިގެން ނޫރާ ހޮސްޕިޓަލަން ގެނައީއެވެ.
ގައިގައި ވަރެއް ނެތުމުން ނޫރާއަށް ތެދުވެލާ އިންނަންވެސް އުނދަގުލެވެ. އަށެއް ޖެހިއިރު ޑޮކްޓަރު އައިސް ބުނީ އަރާމުކޮށްފައި ފައިދާހުރި ކާނާ ގިނައިން ކެއުމަށެވެ. ނޫނީ ބޭބީގެ ހާލު ދެރަވެދާނެކަމަށް ބުނުމުން ނޫރާ އެދަރިފުޅާމެދު ހަމްދަރުދީވިއެވެ. އެދަރިފުޅުގެ ކުށެއް ނެތްއިރު އެދަރިފުޅަށް ދެރަގޮތެއް ވާކަން ނޫރާ ބޭނުމެއް ނުވެއެވެ. ނޫރާ އަޒުމު ކަނޑައެޅީ ދަރިފުޅުގެ ހައްގުގައި ކެތްކުރުމަށެވެ.
ނޫރާ ދެދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތް އިރުވެސް މިފްޒާލް ނޫރާގެ ހާލުވެސް ބަލައިނުލައެވެ. މިފްޒާލް ކިތައްމެ އަންނަ ހިތްވި ނަމަވެސް ނޫރާގެ ބޭވަފާތެރިކަން ހިތަށް އަރާފައި އޭނާގެ ޒަމީރު އެކަމަށް އިންކާރު ކުރަނީއެވެ. މިފްޒާލް ހިތުތެރޭގައިވާ ހައިޖާނުގަނޑުވެސް ކުޑައެއް ނޫނެވެ. ނޫރާގެ ބަނޑުގައި އޮތީ އޭނާގެ ލޭ ކަމަށްވެސް ހިތް ބުނަނީއެވެ.
ނޫރާ ގެއަށް ދޫކޮށްލުމުން ގެއަށްގޮސް ހަމަޖެހިލައިގެން ކަޔާންއަށް ގުުޅިއެވެ. ނޫރާ ހިތުގައި އޮތީ ކީކޭކަމެއް ނޭނގުނެވެ. ކަޔާންއަށް ގުޅާފައި ބައްދަލުކުރަން އެދުނެވެ. ނޫރާއާ ވާހަކަ ދައްކަން ނިންމައިގެން އައި މިފްޒާލްގެ ކަންފަތުގައި އެއަޑު ޖެހުނީ އިއްތިފާގަކުންނެވެ. ދަތް ކުނޑި ވިކާލާފައި ދެއަތް މުށް ކަވާލެވުނީ އަމިއްލަ ނަފުސު ހަމައަަށް އަޅުވާލުމަށެވެ.
ނޫރާ އޮފީހުން ކެނޑުނީ ބުރަވާނެތީއެވެ. ގައިގައި ވަރު ނުހުންނާތީ އޮފީހަށްދާން ބޭނުންވެސް ނުވީއެވެ. ދަރިފުޅަށް ކުޑަވެސް ގެއްލުމެއްވާކަން ނޫރާ ބޭނުމެއްނޫނެވެ.
މިފްޒާލް ބޭރުގައި އުޅެފައި ނޫރާގެ ވާހަކަ ހަނދާންވެގެން ނައްޓާލީ ލޮނުޒިޔާރަތް ކޮޅާ ދިމާއަށެވެ. މިފްޒާލް ބޭނުންވީ ހަގީގަތް އެނގޭށެވެ. ނޫރާގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ޔަގީން ކުރާށެވެ. ނޫރާ ކަޔާން ކައިރީގައި ބައްދަލު ކުރަން ބުނެފައި އޮތީ އެތަނުންނެވެ. އެއީ ކަޔާންގެ އެދުމަށް ނޫނެކޭ ބުނުމަށްފަހު ނޫރާ މިފްޒާލްއާއި ގުޅުނު މަންޒިލެވެ.
މިފްޒާލްއަށް ދެވުނުއިރު ކަޔާން އެތާ ހުއްޓެވެ. ކަޔާންއަށް ނުފެންނާނެހެން މިފްޒާލްއެތާ ކައިރީ މަޑުކޮށްލިއެވެ.ނޫރާ އައީ މިފްޒާލް އެތަނަން ދިޔަތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ.
“ނޫރާ ތި އައީ ދޯ އަހަރެންނަން އޭރުވެސް އެނގުނޭ ނޫރާ އަންނާނެކަން.. ނޫރާ އަދިވެސް ލޯބިވަނީ އަހަރެން ދެކެކަން އަހަންނަން އެނގޭ…” “ކަޔާން އަހަރެން ބަނޑުބޮޑު” ނޫރާއާއި ކަޔާންގެ ވާހަކަ އަޑުއަހަން މިފްޒާލް ހުރީ ލޭކެކިކެކިއެވެ.
ކަޔާން މޫނުމަތީގައި ހީވީ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އެކަމަކު އޭނާ މޫނުމައްޗަށް ވެރިވި ކުލަވަރު ބަދަލުކޮށްލީ ދާދި އަވަހަށެވެ. “އަހަރެން ވަރަށް އުފާވެއްޖެ.. ހިނގާ އަވަހަށް މެރީކުރަން.. ދަރިފުޅަށްވެސް ބައްޕަގެ ލޯބި ބޭނުން ވާނެއެއްނު” ކަޔާންގެ ވާހަކަ އިވިފައި ނޫރާގެ މޫނުމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
“އަހަރެން މިހާރުވެސް މިއުޅެނީ މިދަރިފުޅުގެ ބައްޕައާއެކު.. އެރޭ ކަޔާންއާ އަހަންނާ ދެމެދު އެއްވެސް ކަމެއް ނުހިނގާކަން އަހަންނަން އެނގޭ..” ނޫރާގެ ވާހަކަ އިވިފައި މިފްޒާލްއަށް ތެޅިގަނެވުނެވެ. “ކަޔާން ހެޔޮ ނުވާނެ އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ ޕްލީސް އަހަރެން އާދޭސް ކޮށްފަ މިބުނަނީ އަހަރެން އުފަލުގަ އުޅުނަ ދީ..” ނޫރާގެ ވާހަކަ އަޑުއިވިފައި ކަޔާންހުރީ ބުނާނެއްޗެއް ނޭނފެއެވެ. ނޫރާ ލިބެން އުޅޭހެން ހީވެފައިވެސް ބީވެގެން ދިޔައީއެވެ.
ނޫރާ ދާން އެނބުރިލިތަނާ ކައިރީގައި ހުރި މިފްޒާލް ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލާފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ މިފްޒާލް ނޫރާގެ ތުންފަތުގައި އިނގިލި ޖައްސާލާފައި ބޯހޫރާލިއެވެ. “ސޮރީ” އޭ ކިޔާފައި ނޫރާ ގެނެސް މެޔާލާ ބޮނޑިކޮށްލިއިރު ދެމީހުންނަށްވެސް ތިބީ ރޮވިފައެވެ. މީހުންނަށް ސަމާލުކަމެއްނުދީ ދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއެއްގައެވެ. އަނެއްކާވެސް ހަމަ އެތަނުން ދެމީހުން ބައްދަލުވީއެވެ. ތަފާތަކީ އިތުރު މެހެމާނަކުވެސް އެމީހުންނާއެކުވުމެވެ.
ކަޔާން އެތަން ބަަލަން ކެތްނުވެގެން ދިޔައީ އެތަނުން ދާށެވެ. މަގުމައްޗަށްވެސް ބަލައިލުމެއްނެތި ނުކުމެވުނީ ކާރެއްގެ ކުރިމައްޗަށެވެ. ނޫރާއާއި މިފްޒާލް އަޑުގަދަވެގެން ބަލައިލިއިރު ކަޔާން އޮތި ވެއްޓިފައެވެ. ކަޔާންގެ ބޯފަޅައިގެންގޮސް މުޅި ހިސާބުގަނޑުގައި އޮތީ ލެއެވެ.
މިފްޒާލް ދުވެފައިގޮސް ކަޔާން ނެގިއެވެ. އެތާ ތިބި މީހުންގެ އެހީތެރިކަމާއެކު ކަޔާން ކާރަކަށް ލައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ޒާހިރާ މެނަން އެހަބަރު ލިބުމުން އަވަހަށް ހޮސްޕިޓަލަށް އައެއެވެ. ހުރި އެކަނި ދަރިފުޅު އޮތް ހާލު ފެނިފައި ޒާހިރާގެ ބަޑި ފަޅައިގެން ދިޔައެވެ. އަޝްރަފު ޒާހިރާގެ އަތުގައި ހިފައިގެންގޮސް ގޮޑިއެއްގައި ބޭންދިއެވެ.ނޫރާއާއި މިފްޒާލް ގެއަށް ދިޔައީ ކަޔާން ހޭއެރުމުންނެވެ. ކަޔާން ހޭއެރީ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ.
އެކީގައި ގެއަށް އައިސް ވަތް ނޫރާއާއި މިފްޒާލް ފެނިފައި އާބިދާ ހިނިތުންވެލިއެވެ. މިފްޒާލް އައިސް އާބިދާ ކައިރިން މާފަށް އެދުނެވެ. “ދަރިފުޅާ މިފްޒާލް ދަރިފުޅު މާފަށް އެދެންވީ ނޫރާގެ ފަރާތުން” އާބިދާގެ ވާހަކަ އިވިފައި މިފްޒާލް ބޯޖަހާލިއެވެ. މިފްޒާލް މާފަށް އެދުމުން ނޫރާހުރީ އިންތިހާއަށް އުފާވެފައެވެ. މިފްޒާލްއަށް އޭނާގެ ކުށެއްނެތްކަން އެނގުމުން ލިބުނު ހިތްހަމަޖެހުން ބަޔާން ކުރަން ދައްޗެވެ.
ދެމީހުން މުޅިދުވަސް ހޭދަ ކުރީ އެކީގައެވެ. ނޫރާ މިފްޒާލްގެ ކުރިމަތީގައި ހިތުގައި ފުނިޖެހިފައިހުރި ހުރިހާ ޝަކުވާއެއް ބޭރުކޮށްލިއެވެ.މިފްޒާލް ނޫރާ ގެނެސް މޭގައި ޖައްސާލީ ދެންދުވަހަކުވެސް ނޫރާއާއި ދުރު ނުވާނަމޭ ބުނާ ފަދައަކުންނެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައީ ނޫރާއާއި މިފްޒާލްގެ ހަޔާތަށް ބަހާރު މޫސުން ގެނެސްދެމުންނެވެ. އިތުރުވާ ކޮންމެ ދުވަހަކު ދަރިފުޅަށްޓަކައި ކުރެވޭ އިންތިޒާރު ދިޔައީ އިތުވަމުންނެވެ. ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައި ތިބި އިރު އާއިލާގެ އެހެން މެންބަރުންވެސް ތިބީ އެދުވަހެއްގެ އިންތިޒާރުގައެވެ.
އެކްސިޑެއްޓަށްފަހު ކަޔާންގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން ކަޔާން މިހާރު ގަބޫލުކުރެއެވެ. ކަޔާން ތޫބާއާއި ގުޅެން ނިންމީ އެއީ ޒާހިރާގެ އެދުމަކަށްވީތީއެވެ. ނޫރާގެ ލޯބި ހިތުގައިވީ ނަމަވެސް އެހަނދާންތަކާ ދުރަށްގޮސް ކަޔާންވެސް ބޭނުންވީ ރީތި ދިރިއުޅުމެއް އުޅޭށެވެ.ކަޔާން ނޫރާއާއި މިފްޒާލްގެ ކިބައިން މާފަށް އެދުނެވެ. ނޫރާ ހުރީ ކަޔާންއަށް ވިސްނުނީތީ އުފަލުންނެވެ.
ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއްއައީ ނޫރާ ލޯބިލޯބި އަންހެން ކުއްޖެއް ވިހެއުމުންނެވެ. ތުއްތު މޫނު ފެނުމުން ނޫރާއަށްހީވީ ދުނިޔޭގައިވާ ހުރިހާ އުފަލެއް އޭނާއަށް ލިބުނުހެންނެވެ. މާޒީގައި ކޮންމެގޮތެއްވިނަމަވެސް މިއަދު އޭނާއަށް އޭނާ ބޭނުންވި ދިރިއުޅުން ލިބިއްޖެއެވެ.
ދަރިފުޅަށް ނަންކިޔާ ދުވަހަށް ކަންތައްތައް ތައްޔާރުކުރަން އެންމެންވެސް އުޅުނީ އަވަދިނެތިއެވެ. ނޫރާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް އަބަދުމެ ފެންނަން ހުރެއެވެ. މިފްޒާލް އާއި ދަރިފުޅަކީ އޭނާގެ ދިރިއުޅުމެވެ. ފުރަތަމަ ލޯތްބެއް ނޫރާއަކަށް ނުލިބުނެވެ. ނަމަވިޔަސް މިއަދު އޭނާއަށް އެއަށްވުރެ އުފާވެރި ދިރިއުޅުމެއް ލިބިއްޖެއެވެ.
މީހަކު ސަލާން ގޮވިއަޑަށް ކަޔާން ސަލާން ބަލައިގަތުމަށްފަހު ނުކުތެވެ. ބޭރުގައި ހުރި މީހާ ދިއްކޮށްލީ ބޮނޑިބަތް ތައްޓެކެވެ. އޭގެ މަތީގައި އިންނަމަށް ބަލައިލިއިރު އޭގައި “ނާޔާ މިފްޒާލް” ޖަހާފައި އިނުމުން އެއީ ނޫރާގެ ދަރިފުޅުކަން އެނގުނެވެ. ކަޔާންއަށް ހިންދިރުވާލެވުނެވެ. އެގޮތަށް ހުއްޓާ ކޮނޑުގައި މީހަކު އަތްޖައްސާލުމުން ބަލައިލިއިރު ހުރީ ތޫބާއެވެ. ކަޔާން ތޫބާއަށް ހިނިތުންވެލުމަށްފަހު އަތުގައި ހިފައިގެން ގޭތެރެއަށްވަނެވެ.
(ނިމުނީ)
18 Comments!
Comments are closed.


vaahaka v hadi.. aslu kayaan aa noora gulhen jeheyni..mia waahaka haa hadi waahakaeh nukiyan dhuwahaku adhi…
Hmm varah salhi mivaahaka
dhn ok dhw… ekams story base kohfa othy varah common koh… varah gina vaahaka thakun mihen vey… next time change that ingey
Salhi…
no! vaahaka v reethi! ekam ninmun kulliakah genaima ehaa exciting eh nuvi!
I thought and hoped that Kayaan and Nora will be togethr but….. Thn ok dho.. Vaahaka nice.. Thanks 4 updating soon..
Nice
Kamaku nudhey…. ma avasaruvailaigen nihmalaifa… BBC foohi…
nice story eh
vaahaka v reethi ekamu kurukohlaafa ninmaalaafa oiiy hen heevanee thankolhen haadhisaa bodu kohlinama adhi v reethi vaane anyways thankx,,,,,,,,,,,,
Mi site mihaaru v kada,, v foohi mivaahakaves reecheh noon
Mihaaru vaahaka gan’deh up nuvaatha 2 dhuvas vejje! Varah foohivey
nice :))))))
miothy thelhiganegen waahaka ninmaalaafa .!
v salhi vaahakaeh… but maa avahah nimmun genaeee.. but OK.. 🙂
Nice
vaarh hadi mi vaahaka. aslu kayaan aa noora aa gulhen jeheynee.
v v v v v v v v v salhi keep it up