އީޝަލްގެ މިސްރާބު ހުރީ މާޒްގެ އޮފީހާއި ދިމާއަށެވެ. “މާޒް” އޮފީސްތެރޭގައި ފައިލްތަކަށް ބަލަން އިން މާޒަށް އިވުނީ އީޝަލްގެ ހިތްގައިމު އަޑެވެ. ވަގުތުން އޭނާގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. ގައިގާހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހިގެންދިޔައެވެ. އެތެރެހަށީގައި ގަދަފަދަ ކަރަންޓެއް އުފެދުނު ކަހަލައެވެ. އެއަޑު އޭނާއަށް އޮޅެންވީ ކީއްވެ ހެއްޔެވެ؟ އިސްއިފުލާ ބަލާލުމާއެކު ކައިރިވަމުންއައި އީޝަލް ފެނިފައި މާޒްގެ ހަތަރެސްފައި ގަނޑުކޮށްލިކަހަލައެވެ.
އީޝަލް މާޒްގެ އޮފީހަށް ވަދެގެންއައީ އެއްވެސް ހުއްދައަކާއި ނުލައެވެ. އީޝަލް ވަނީ ރުޅި އައިސްފައެވެ. “އަހަރެން ހިއެއްނުކުރަން މާޒް އެހެން ހަދާފާނެ ކަމަކަށް؟ މާޒް ދޮގު ނަހަދާ ތެދަށްބުނިނަމަ އަހަރެންގެ ބައްޕަގެ ބޮލުގައި އެ އިލްޒާމެއް ނޭޅުނިސް! އަހަރެން ބައްޕަ މިދުނިޔޭގަ ނެތީމަ،މީހުން ކުށްވެރިކުރަނީ އަހަރެންގެ އާއިލާ” އީޝަލް މާޒްގެ ކުރިމަތީ ހުއްޓުމަށްފަހު ބުނެލިއެވެ. “އީޝަލް ސޮރީ. އަހަރެންނަށް އީޝަލްގެ ބައްޕަކަން އެނގުނީ އެކަން ހިނގާދިޔަފަހުން.” މާޒް އިން ގޮޑިން ތެދުވަމުން ވާހަކަ ދެއްކިއެވެ. “އެހެންވިއްޔާ ހިނގާ މިހާރު ޕޮލިސްޓޭޝަންއަށް ގޮއްސަ ހުރިހާ ވާހަކައެއް ކިޔައިދެން.” އީޝަލް ވާހަކަދެއްކީ ބާރަށެވެ. “އީޝަލް ސޮރީ. ވަރަށް ބޮޑަށް ސޮރީ އެކަމު އައި ކާންޓް.” މާޒް ވާހަކަ ދެއްކީ ހާސްވެހުރެއެވެ.
“އަހަރެން މާޒާއި އިތުރަށް ވާހަކަ ދައްކާކަށްވެސް ބޭނުމެއްނޫން” އީޝަލް ބާރު ހިނގުމެއްގައި އޮފީހުން ނިކުމެގެންދިޔައީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ފާޚާނައަށެވެ. ފާޚާނާގެ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރި އީޝަލްގެ ލޮލުން ކަރުނަތައް އޮހެން ފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިރުގަނޑެއް ފާޚާނާގައި ހޭދަކުރުމަށްފަހު އެތަނުން ނިކުތީ ގަދަކަމުން ހީލަމުންނެވެ. އީޝަލްގެ މިސްރާބު ހުރީ އޭނާގެ އޮފީހާ ދިމާއަށެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަޔާންގެ އޮފީސް ހުސްކޮށް ހުރުމުންނެވެ. އަޔާންގެ އޮފީހަށްވަދެ މުޅި ތަން ހާވަން ފެށީ އޭނާ ބައްޕައަށް ލިޔެދިން ސިޓީ ނޫނީ އެނޫންވެސް އަޔާނާއި ޚިލާފަށް ހެއްކެއް ފެނޭތޯއެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާގޮތް ނުވުމުން، އެތަނުން ދިޔައެވެ.
ދުވަސްތައް އޭގެ އެންމެ ހަލުއިމިނުގައި ދަތުރު ކުރަމުންދެއެވެ. އީޝަލް ބަލަނީ ވީހާވެސް ބޮޑަށް އަޔާނާއި މާޒާއި ދުރުދުރުން އުޅެވޭތޯއެވެ. މިއާޚިލާފަށް އަޔާން ހުންނަނީ އީޝަލްއާއި ވާހަކަ ދައްކާނެ ފުރުސަތަކަށް ބަލަބަލައެވެ. އަޔާން އީޝަލްއާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އީޝަލް ކުރު ޖަވާބެއް ދީފައި، ވާހަކަ ނިންމާލައެވެ.
*******
ދުވަސްތަކަކަށްފަހު އެންމެ އިންތިޒާރު ކުރަމުންދިޔަ ދުވަސް އައީއެވެ. ލޯގަނޑު ކުރިމަތީ އިން މަލަކްގެ ވަށައިގެން ޔޫނާގެ އިތުރުން ތިން އަންހެންކުދީން ހަރަކާތްތެރިވަމުން ދިޔައެވެ. ކައިވެނި ޕާޓީއަށް އޭނާ ތައްޔާރު ކުރަމުން އެދަނީ ޕްރިންސަސްއެއް ފަދައިންނެވެ. މުޅިދުނިޔެވެސް މިއަދު އޭނާގެ ޚިދުމަތުގައި ވާކަހަލައެވެ. މަލަކް އުފާވެފައިވާ މިންވަރު ބަޔާންކޮށްދެވޭނެވަރުގެ ކުޅަދާނަކަމެއް މިއަދު އެއްވެސް ދުލަކަށް އަދި ގަލަމަކަށް ލިބިފައިނުވާނެކަން ކަށަވަރެވެ.
މަލަކް ތައްޔާރުކޮށް ނިމިގެން ތިންއަންހެންކުދީން ބޭރަށް ނިކުންނަން ދިޔައެވެ. ލޯގަނޑުން އަމިއްލަ ސޫރަ ދެކެފައި ޚުދު މަލަކްވެސް ލަދުގެންފިއެވެ. އޭނާގެ މޫނު ވަނީ މަލެއްފަދައިން އުފަލުން ފޮޅިފައިވެއެވެ. އީޝަލް ޑިޒައިންކޮށްފައިވާ ވައިޓްކުލައިގެ ވެޑިން ޑްރެސްއެއް ލައިގެންހުރި، މަލަކް ފެންނަ ކޮންމެމީހެއްގެ ހިތްވެސް ހިމޭނުން ނޯވެވިގެން ފުންމައިގަންނާނެކަން ކަށަވަރެވެ.
ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް މަލަކްގެ ނަޒަރު އެދިމާއަށް ދަތުރުކުރިއެވެ. ކޮޓަރިން އެތެރެއަށް ވަން އަޔާން ފެނިފައި ފުންމައިގެން ތެދުވެވުނެވެ. ކޮންމެވެސް އެއްޗެކޭ ބުނަންވެގެން މަލަކް ދޫހަރަކާތް ކޮށްކޮށް އޮތްވައި އަޔާން އައިގޮތަށް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނުވެ. އަޔާންގެ މޫނުންވެސް އެވަގުތު ފެންނަމުން ދަނީ އުފާވެރިކަމެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ލޯބިވާ ކޮއްކޮ މީހަކާއި ކައިވެނި ކުރަނީއެވެ. “ދޮންބޭ މިފެންނަނީ ހުވަފެނެއްތަ؟” މަލަކްހުރީ އުފަލުން ގޮސް ފޮޅިފައެވެ. “ނޯ މަލަކް. މިއީ ހަމަ ހަޤީގަތެއް.” އަޔާންވެސް ވާހަކަ ދެއްކީ ވަރަށް އުފަލުންހުރެއެވެ. ހުދުކުލައިގެ އަތްދިގުގަމީހަކާއި ކަޅު ޖިންސެއްލައި، ގަމީހުގެ ދެއަތް އުޅަބޮށްޓާއި ހަމައަށް އޮޅާލާފައިވާއިރު، އަޔާން ފެންނަލެއް ނުހަނު ފުރިހަމައެވެ. ތުންފަތްމަތީގައި ކުޅެލަކުޅެލާ ހުރި ހިތްގައިމު ހިނިތުންވުމުން ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތްކިޔާހާވެއެވެ.
އެ އުފާވެރި ރޭ މާޒްގެ މޫނުމަތިންފެންނަމުން ދަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ކަޅުކުލައިގެ ސޫޓެއްލާފާވާ މާޒް ފެންނަނީ ބަލައި ފޫހިނުވާފަދަ ހިތްގައިމު ގޮތަކަށެވެ. ސިޓިންރޫމްގައި އިން މާޒްގެ ނަޒަރު ހުއްޓުނީ ސިޑިން އަޔާނާއިއެކު ފައިބަމުން އަންނަ މަލަކް ފެނިފައެވެ. ކައިވެންޏަށްފަހު ކަނޑައެޅިފައިވާ ވަގުތަށް ޕާޓީ ފެށިއްޖެއެވެ. މަދު ސިކުންތުކޮޅެއްގެތެރޭގައި މެހުމާނުންތަކުން ގްރީންވިލާ ފުރާލައިފިއެވެ. ލޯތައް ހައިރާންކޮށްލާފަދަ ތައްޔާރީތަކާއި މޮޅު ޚިދުމަތްތަކާއިއެކު ޕާޓީ ކުރިއަށް ދިޔައެވެ. އެންމެ ހާއްސަގޮތެއްގައި އަލަތު ދެމަފިރީންގެ އެރީތި ޖޯޑަށް ތައުރީފްކޮށް ނުލާ ހަމައެކަކުވެސް ނުވާކަހަލައެވެ. ތައުރީފްގެ ލަފްޒްތައް ނިކުންނަނީ އެއްވެސް އިޙްތިޔާރަކާނުލައެވެ.
ގްރީންވިލާއަށް ވަދެގެން އައި އީޝަލްގެ ނަޒަރު އެންމެ ފުރަތަމަވެސް އަޅައިގަތީ މާޒަށެވެ. އޭނާ ކިތަންމެ އަންނަ ބޭނުން ނުވިޔަސް ޕާޓީއަށް އައީ މަލަކްގެ އެދުމުގެ މަތިންނެވެ. އީޝަލް ދެކޭގޮތުގައި އަޔާނާއި ޚިލާފަށް މަލަކް ވަރަށް ތަފާތެވެ. ހިތްހެވެވެ. “ހިނގާ އަވަހަށް ސަލާންކޮށްފަ ކާން ދާން.” ޒޯޔާ އީޝަލްގެ އަތުގައި ހިފަމުން ބުނެލިއެވެ. “ކޮންގްރާ ދެމީހުންނަށްވެސް” އީޝަލްގެ އަތުގައިވާ ޕާރްސަލް މަލަކްއަށް ދެމުން ބުންޏެވެ. އީޝަލްހުރީ މާޒާއި ދިމާ ނުބަލަންވެގެން މަލަކްއާއި ދިމާ ބަލަހައްޓާއިގެންނެވެ. “ތެންކިޔޫ އީޝަލް ފޯ ދަ ވެޑިންޑްރެސް. ވަރަށް ރީތި” މަލަކް އުފާވެފައި ބުނެލިއެވެ. މާޒްގެ ހިތްކުދިކުދިވެގެންދިޔައެވެ. އޭނާ އުއްމީދުކުރީ އުމުރުގެ ބާކީ އޮތްބައި އޭނާ ހޭދަކުރާނީ އީޝަލްއާއި އެކުގައި ކަމަށެވެ. ނަމަވެސް ތަޤްދީރުގައިވާގޮތް އެނގޭނީ ފަހެ ކާކަށްހެއްޔެވެ.؟ ވަގުތު ހިނގަމުންދިޔަވަރަކަށް ޕާޓީއަށް ވަންނަމުންދިޔަ މެހުމާނުންގެ އަދަދު އިތުރުވަމުން ފޯރިގަދަވަމުން ދިޔައެވެ. މީރުބުއިންތަކާއި ވަސްޖެހުނަސް ބަނޑުފުރޭވަރުގެ މީރުކާނާތައް ކެއުމުގައި ކުރިއަށް ދިޔައެވެ. ތައްޔާރީތައް ފުރިހަމަކަމުން ތަޢުރީފްނުކުރާ އެންމެމީހަކުވެސް އެޕާޓިއަށް ނުވަދެއެވެ. ހާއްސަގޮތެއްގައި މަލަކްއާއި މާޒްގެ ޖޯޑަށް ކޮންމެމީހަކުވެސް ބަލާލަނީ ހައިރާންކަމުގެ ލޮލަކުންނެވެ. އެހާވެސް އެދެޒުވާނު ގުޅެއެވެ. ލޯތްބެވެ.
އަދިވެސް އެއްފަހަރު އީޝަލްއަށް މާޒްމެންނާއި ދިމާ ބަލާލެވުނެވެ. ހިލައިގެ ބުދެއްހެން ހުއްޓުންއަރާފައި އޭނާއަށް ހުރެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އީޝަލް އެތަނަށް ވެއްޓުނެވެ. ގިނަ ބައެއްގެ ނަޒަރު އެވަގުތު ހުއްޓުނީ ވެއްޓިފައި އޮތް އީޝަލްއަށެވެ. މާޒްގެ ހިތަށް އެވަގުތު ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ކުރިޔަށް ފިޔަވަޅު ނެގީ ވެއްޓިފައިވާ އީޝަލް ނަގަން ދާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Aneh part kon irakun ???
Tmrw Inshallah?
Aneh part kon irakun ?? up kurany
Tmrw Inshallah?
Hurihaa baehves v reethi.
Thankyou❤️
Hurihaa baeh ves v v v interesting…. You have a talent…. ????
Thankyou so much shau?❤️
V reethi mi part ves..Masha Allah..Keep going??
Next part koba
Submit kohfa vaany