ޒާޔާ (ބާރަވަނަ ބައި)
ޒާޔާ ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެއްކަމަކު އަރުތެރެއިން އެއްވެސް އަޑެއް ނުނުކުތެވެ. ގަތްބިރުންނާއި ސިހުނުވަރުން ޒާޔާގެ ދެއަތް ތުރުތުރު އަޅަން ފަށައިފިއެވެ. އަތުގައި އޮތް ފޯނުވެސް އޭނާއަތުން ދޫނުވެ އޮތީ ކިރިޔާއެވެ. އެ ‘ނުބައި’ މަކުލޫޤު ހިނިތުންވެލުމުން ޒާޔާ އިތުރަށް ބިރުގަތެވެ. ދެތުންފަތުގެ ދެއަރިމަތިން ފެނުނު ތޫނު އަދި ދިގު ފޭރާދަތުގެ ސަބަބުން ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެ މަޚުލޫޤުގެ ހަންގަނޑުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ ރެނދުލައިފައިވާހެންނެވެ. ފޯނު ރިންގުވާން ފެށުމުން ޒާޔާ އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ފަވާ އަހަރެން މިހުރީ ހަމަ ތިތާ ކައިރީގައޭ. އެބަ ދަން އިރުކޮޅަކުން.” ޒާޔާގެ އަތާއި އެއްވަރަށް އަޑުވެސް ތުރުތުރުއަޅައެވެ. މުޅި ކުއްޖާ ހުރީ ބިރުން ދާހިތްލައިފައެވެ. ޒާޔާ ހުރީ ކިތަންމެހާވެސް ބޮޑަކަށް އެތަނުން ދާން ބޭނުންވެފައެވެ. އެކަމަކު އެ މަޚުލޫޤު އެތާ ހުއްޓާ އެންމެ ފިޔަވަޅެއް އަޅާކަށްވެސް ޒާޔާއަކަށް ނުކެރޭނެއެވެ.
ޒާޔާ ބިރުން މޭގައި އަތްޖައްސައިލައިގެން ހުއްޓައި މަލައިކާ ޒާޔާ އާއި ދިމާލަށް އަންނަން ފެށިއެވެ. “ނޫން ނޫން.” މަލައިކާ ކުރިއަށް އަޅައިލައި ކޮންމެ ފިޔަވަޅަކާއި އެއްކޮށް ޒާޔާ ފަހަތަށް ފިޔަވަޅެއް އަޅަމުން ދިޔައެވެ. އޭރު އޭނާއަށް ރޮވެމުން ދިޔައެވެ. ޒާޔާ ފަހަތަށް ޖެހެމުން ގޮސް ބިންމަތީގައި އޮތް ކުޑަ ގާކޮޅެއްގައި އޭނާގެ ފައި އަޅައިގެންފައި ވެއްޓުނެވެ. ޒާޔާ އަށް އެތަނުން ނުވެސް ތެދުވެވެނީސް މަލައިކާ އައިސް ޒާޔާއާއި އަރާ ހަމަކޮށްފިއެވެ. މަލައިކާ ޒާޔާ އާއި ދިމާލަށް އޭނާގެ އަތްދިއްކުރުމުން ޒާޔާއާއި ހަޅޭއްލަވައިގަނެފައި އޭނާގެ މޫނުގައި ދެއަތް އަޅައިލެވުނެވެ. ޒާޔާ ހީކުރީ މަލައިކާ އޭނާއަށް ކޮންމެވެސް ގޮތެއް ހަދަން އުޅެނީ ކަމަށެވެ. އެހެންނޫނީ އޭނާގެ ގަޔަށް އަތްލަން އުޅެނީ ކަމަށެވެ. ނަމަވެސް އެކަހަލަ ކަމެއް ނުވުމުން ޒާޔާ އޭނާގެ މޫނުމަތިން ދެއަތް ނެގިއެވެ. އޭރުވެސް މަލައިކާ ހުރީ އޭނާއާއި ދިމާލަށް އަތް ދިއްކޮށްލައިގެންނެވެ. މަލައިކާ ބޯ ޖަހައިލީ އެ އަތުގައި ހިފާށޭ ބުނާފަދަ ގޮތަކަށެވެ. އެހެންނަމަވެސް ޒާޔާއަކަށް އެ އަތުގައި ހިފާކަށް ނުކެރޭނެއެވެ. އެ އަތުގައިވެސް ހުރީ ރެނދުލައިފައެވެ. އަނެއްކާ އިނގިލިތަކުގައި ނިޔަފަތި ހުއްޓެއްކަމަކު ނިޔަފަތީގެ އެއްބައި މަދެވެ. ޒާޔާ މަލައިކާގެ އަތުގައި ނުހިފައި އޭނާ އަމިއްލައަށް ތެދުވެއްޖެއެވެ. އެއާއިއެކު މަލައިކާ އޭނާގެ އަތްތިރިކޮށްލިއެވެ. ޒާޔާ ނިކަން ހިތްވަރުކޮށްލައިފައި މަލައިކާ ކައިރިން ލައިފައި އެތަނުން ދާން ހިނގައިގަތެވެ. “ޒާޔާ.” އެއިވުނީ މަަލައިކާގެ އަޑެވެ. ޒާޔާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަސް އެނބުރި ބަލައިލިއިރު މަލައިކާ އިސްޖަހައިލައިގެން ހުއްޓެވެ. “ޒާޔާ އަހަންނާ ރުޅީތަ؟” މަލައިކާ އެ ސުވާލުކޮށްލުމާއިއެއްކޮށް ޒާޔާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. މިއީ ހަމަ މަލައިކާ ހެއްޔެވެ؟ މަލައިކާ އަކީ އިންސާނެއްނޫންހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު އޭނާއަށް ގާތް އެކުވެރިޔެއްގެ ގޮތުގައި މިއުޅެވުނީ ޖިންނިއަކާ އެކީގައިހެއްޔެވެ؟ ޒާޔާ ދެންވެސް އެތާ މަޑުކުރާކަހަލަ ޚިޔާލެއްނުކުރިއެވެ. އެތާ މަޑުކުރުމަށްވުރެ މާ މުހިއްމު ކަމެއް އަދި އެބައޮތެވެ. ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ދެވުނު އެންމެ ބާރަކަށް ދިޔައީއެވެ.
ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ ދިޔުމުން މަލައިކާގެ ހިތުގައި ޖެހުނެވެ. އޭނާ އެންމެ އެހީތެރިކަން ބޭނުންވެފައިވި ދުވަހު އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް އޭނާ ދޫކޮށްލީހެއްޔެވެ؟ އޭނާ އިސްލާމްވުމުން އޭނާ ދިރިއުޅޭ ހިސާބުގައި އުޅޭ އޭނާގެ ހުރިހާ އެކުވެރި ޖިންނިތައް އޭނާ ދޫކޮށްލީއެވެ. މުސްލިމް ރަނގަޅު އިންސާނަކު އޭނާގެ އެކުވެރިއެއްގެ ގޮތުގައި ހުރެ މިފަދަ ގޮތަކަށް އޭނާ ދޫކޮށްލައިފައި ދިއުމުން މަލައިކާގެ ހިތުގައި އިންސާނުންނާއި މެދުގައި އޮތް ލޯތްބައް ކުޑަވަރެއްގެ ފަނޑުކަމެއް އައެވެ. އެހެންނަމަވެސް އޭނާ އަދި ޒާޔާ ކައިރިއަށް ދާނެއެވެ. މިކަހަލަ ޙާލަތްތަކުގައި އޭނާއަށް ހެޔޮއެދޭނޭ މީހަކަށް ހުންނާނީ ހަމައެކަނި ޒާޔާކަމަށް މަލައިކާގެ ޟަމީރު ބުނެއެވެ.
މަލައިކާ ވަލުތެރެއަށް ވަތްއިރު އޭނާގެ ބައްޕަ މާލިކު މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. މާލިކަކީ މުސްލިމް ޖިންނިއަކަށް ނުވިޔަސް އެންމެނަށްވެސް އިޚުތިރާމުކުރާ، އަޚުލާޤު ރަނގަޅު މަޑުމައިތިރި މަޚުލޫޤެކެވެ. މަލައިކާ އިސްލާމްވި ދުވަހު އޭނާ އާއި ދިމާލަށް މަލްހާ އާއި މަލަކާ ހެއްދެވި ނެހެއްދެވި ގޮވައިލިއިރު މާލިކު އޭނާއަށް ހިތްވަރުދިނެވެ. މަންމަމެން ކިޔާ އެކަހަލަ ބޭކާރު އެއްޗިއްސަށް މާ ބޮޑަށް އަޅައިނުލުމާއި ހިތްވަރާއިއެކު ކުރިއަށް ދިއުމަށް މާލިކު މަލައިކާއަށް ނަޞޭޙަތްތެރިވިއެވެ. “މަލައިކާ ނިންމާ ކޮންމެ ނިންމުމަކަށް ބައްޕަ އަބަދުވެސް އިހުތިރާމް ކުރާނަން. ދަރިފުޅު ކޮންމެ ކަމެއްގަވެސް ނިންމާނީ ދަރިފުޅަށް ފެންނަ އެންމެ ރަނގަޅު ގޮތްކަން ބައްޕަ އަބަދުވެސް ގަބޫލުކުރަން. ބައްޕަ ދަރިފުޅަށް އިތުބާރުކުރަން. ހަގީގަތަށް ބުނާނަމަ ބައްޕަވެސް އުފާވޭ ދަރިފުޅު މުސްލިމް ވީތީ. ދަރިފުޅު މުސްލިމްވުމުގެ ކުރިން ބައްޕައަކަށް ނުފެނޭ ދަރިފުޅުގެ ތި ރީތި މޫނުން މިއަދު ތި ފެންނަ ފަދަ ރީތި ހިނިތުންވުމެއް. ބައްޕަ އަބަދުވެސް ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަން. ދަރިފުޅު އެއްގޮތަކަށްވެސް ދެރަނުވާތި. މަންމަމެން ކިޔާ އެއްޗިއްސާ މާ ބޮޑަށް އަޅައިނުލާތި. ފަހުން މަންމަމެނަށް ވިސްނިދާނެ. ބައްޕަ ވަރަށް މަސައްކަތްކުރާނަން މަންމަމެނަށް ވިސްނަދެވޭތޯ.” އެދުވަހު މަލްހާ މަލައިކާއާއި ދިމާލަށް އެއްޗެހި ގޮވައިފައި ދިޔުމުން މާލިކު އައިސް އޭނާ ގާތުގައި ދެއްކި ވާހަކަތައް ހަނދާންވެފައި މަލައިކާގެ ލޮލުން ކަރުނަ ހިލުނެވެ. އެންމެ ދަތި އުނދަގޫ ވަގުތުގައިވެސް ބައްޕަ އޭނާއާއިއެކު ވީތީ މަލައިކާ ޝުކުރުކުރެއެވެ. މަންމައެއްގެ ރުހުން ދެން ދުވަހަކުވެސް ނުލިބޭނޭ ދަރިއަކާއި ދިމާލަށް ބުނީމާ ހިތަށް އެ ވާ ތަދު މަލައިކާއަށް ވަނީ ވަރަށް ރަނގަޅަށްވެސް އިޙުސާސްކުރެވިފައެވެ. މަލައިކާގެ އެއްވެސް ކުށެއް ނެތި މަލައިކާއާއި ދިމާލަށް މަލްހާ އެ ހުރިހާ އެއްޗެކޭ ކިޔައިގަތީއެވެ. މަލައިކާ ބޭނުމިއްޔާ މަލްހާ އާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވައިލެވިދާނެއެވެ. އޭނާގެ ބާރުގެ ބޭނުންކޮށްގެން މަލްހާގެ ދޫ ބަންދުކޮށްލެވިދާނެއެވެ. އެކަމަކު ކިތަންމެ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިޔަސް މަންމަ ނުވަތަ ބައްޕަ އާއި ދިމާލަށް އުއްފު އޭ ވެސް ނުބުނަން އަންގަވައިފައިވާތީ މަލައިކާ ހަނު ހުރީއެވެ.
މަލައިކާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އޭނާ އުޅޭ ގެގަނޑު ކައިރިއަށް ދިޔައެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ބައްޕަ އޭނާ ކައިރިއަށް އަންނާނެކަމަށް މަލައިކާ އުންމީދުކުރެއެވެ. މަލައިކާ ދުނިޔެ އަށް އެއްލައިލި ދުވަހު މަލްހާމެން އެކަން މާލިކަށް ސިއްރުކުރިކަން މަލައިކާއަށް ވަނީ އެނގިފައެވެ. މާލިކް އަބަދުވެސް މަލައިކާ އާއި އެއްކޮޅަށް ހުންނާތީ މަލްހާ އާއި މަލަކާ އަބަދުވެސް ބަލަނީ މާލިކް މަލައިކާއާއި ދުރުން ގެންގުޅެވޭތޯއެވެ. އެންމެ ފަހުން މަލައިކާ އެ ޕްލެނެޓަށް ގެންދެވުނު ދުވަހުވެސް އެހެން ޖިންނިއަކު ލައްވާ މާލިކު ދުރު ހިސާބަކަށް ފޮނުވައިލައިފައި އެމީހުން ހަދާނެ ގޮތެއް މަލައިކާއަށް ހަދައިފައި ދުނިޔެއަށް ފޮނުވައިލީއެވެ.
ޒާޔާ އަށް ކޯޓާއި ހަމައަށް ދެވުނުއިރު އޭނާ ހުރީ ދާހިތްލާ ފޯ ވެފައެވެ. އޭރު ފަވާޝަތު އޭނާގެ އިންތިޒާރުގައި އެތާ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. ނޫމާންވެސް ފަވާޝަތު ކައިރީ ހުއްޓެވެ. “ކޮންތާކުން ތި އައީ؟ މިހާރު ނިހާންބެމެން އެބަ ކެއުން ބާއްވާ އެގޭގަ. ޒާޔާ ނައިސްގެން ކިތަންމެފަހަރަކަށް މަގޭ ފޯނަށްވެސް ގުޅައިފި.” ޒާޔާ އައުމުން ފަވާޝަތު ޝަކުވާ ކުރަން ފެށިއެވެ. “ހެހެ. ބޯޅަ މެޗެއް ކުޅިފަ ކަންނޭނގެއެއްނު އެ އައީ.” ނޫމާން ލާނެތްގޮތަކަށް ހިނިގަނޑެއް ޖަހައިލުމުން ޒާޔާ ނޫމާނަށް ބަލައިލައިފައި ދެލޯ އަޅައިލިއެވެ. “ހައްޕު.” ޒާޔާ ލޯ އެޅިތަން ފެނުމުން ނޫމާން ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސައިލަމުން ބުންޏެވެ. “ދެންވެސް ހިނގަ ދާން އަވަހަށް. ޒާޔާ ނައިސް ގިނައިރުވަންޏާ މީހުން އަދި ހީކުރާނީ މާ ނުބައި އެއްޗެހިތަކެއް.” ފަވާޝަތު ޒާޔާގެ އަތުގައި ހިފައިގެން އޭނާއާއިއެއްކޮށް އޭނާގެ ގެއަށް ދިޔައެވެ. ނޫމާންވެސް އެމީހުނާއި އެއްހަމައެއްގައި އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.
ޒާޔާއަށް އޭނާގެ ގެއަށް ދެވުނުއިރު ކައިވެނީގެ އެ ކުޑަކުޑަ ޕަރޓީ ފެށިގެން ކުރިއަށް ދަނީއެވެ. އެހާ ގިނަ މީހުނެއް ނެތްކަމަކު އަވަށްޓެރިންނާއި ތިމާގެ މީހުން ޕަރޓީއަށް އައިސް ތިއްބެވެ. ޖަމީލާ އާއި ނިހާން ތިބީ ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައެވެ. އެ އުނދޯލީގެ ވަށައިގެން މާވެޔޮތައް ހަރުކޮށްފައި ހުރިއިރު އުނދޯލި އައްސައިފައި އިން ވަލުގައި ފަތްކޯޅިތަކެއް އައްސައިފައި ހުއްޓެވެ. އެއްބަޔަކު ގޯތިތެރޭ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެއްބަޔަކު ސިޓިންގް ރޫމުގައި ކާން ތިއްބެވެ. ތަން މާބޮޑަށް ފަރުމާ ކޮށްފައި ނެތެއްކަމަކު ގޭގެ އެކި ދިމަދިމާލުގައި ބޮކިފަތިތައް އެލުވައިފައި ހުއްޓެވެ. އެންމެން އުފާވެރިކަމާއި މަޖާ ވާހަކަތައް ދައްކައި ކަމުން ދިޔައިރު ޒާޔާ އިނީ ނެގިމަޑުވެފައެވެ. އެރޭ ކާންވެސް އޭނާ ބޭނުމެއްނުވިއެވެ. އެކަމަކު ފަވާޝަތު ކުރުނުކޮށް ކިޔަން ފެށުމުން އޭނާއަށް މަޖުބޫރުވީ ކާށެވެ. ސުވަލެއްގެ މިންވަރުގެ ނޫޑްލްސް ކޮޅެއް ތައްޓަށް އަޅައިގެން ޒާޔާ ދިޔައީ ބަދިގެއަށެވެ. ކާން އިންއިރުވެސް އޭނާއަށް އިނދެވުނީ ނެގިމަޑުވެފައެވެ. ޕަރޓީ އަށް މަދު ބަޔަކު އައިސް ތިއްބެއްކަމަކު ޒާޔާ އިނީ އެވަރުވެސް ގިނަވެފައެވެ. މިކަހަލަ ރެއެއްގައި މީހުންތަކެއް އެގެއަށް އައުމުން ޒާޔާ އިނީ ފާޑަކަށް އުނދަގޫވެފައެވެ. ބައްޕަ ޕަރޓީ ނުބޭއްވިނަމަ ކިހާ ރަނގަޅުހެއްޔެވެ. އޭރުން އޭނާގެ މޫނުމަތީގެ ކުލަވަރުތައް އެހެން މީހުންނަކަށް ފާހަގައެއްނުވާނެތާއެވެ. މޫނުމަތީގެ ކުލަވަރުތައް ފޮރުވައި ހިނިތުންވާން އުޅުނެއްކަމަކު އެކަން ޒާޔާއަކަށް ނުވިއެވެ. ބައްޕަ އާއި ޖަމީލާ އަތުގުޅުވައިލައިގެން ހީހީފައި ވާހަކަދައްކާތަން ފެންނާތީ ޒާޔާ އިނީ ވަރަށް ބޮޑަށް ދެރަވެ ހިތަށް އުނދަގޫވެފައެވެ. އެތާ ޖަމީލާގެ ބަދަލުގައި އޭނާގެ މަންމަ ޒިޔާނާ އިންނަމަ އޭނާއަށް މިރޭ މިހާބޮޑަށް އުނދަގޫނުވީސްކަން ގައިމެވެ.
އެންމެ ފަހުން ކާން އުނދަގޫވެގެން ޒާޔާ ކޭ ތަށި ހުރިގޮތަށް ބަހައްޓައިފައި އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. ސިޓިންގް ރޫމުގައި ތިބި ގިނަބަޔަކު ތިބީ ޒާޔާ ކޮޓަރިއަށް ވަތްތަން ފެނި ހައިރާންވެފައެވެ. އެކަމަކު ސިކުންތުކޮޅެއްގެ ތެރޭގައި އެކަން ހަނދާން ނައްތައިލައި އެމީހެއްގެ އަމިއްލަ ކަންކަމައިގެން އުޅުނެވެ. ފަވާޝަތު އިނީ ޒާޔާ މާ އަވަހަކަށް އޭނާގެ ކޮޓަރިއަށް ދިޔުމުން އަނގަޔަށް ލާން އުޅުނު ބަތް ސުވާ އަނގަޔަށްލާން ހަނދާން ނެތިފައެވެ. ޒާޔާއަށް ގޮވަން ދާންވެސް ހިތަށް އެރިއެވެ. އެހެނެއްކަމަކު ސިޓިންގް ރޫމުގައި މީހުން ތިބުމުން ފަވާޝަތަށް ދާކަށް ނުކެރުނެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އިށީންދެވުނު ތަނާ ޒާޔާއަށް އަނގަމަތީ އަތްއަޅައިފައި ރޮއެގަނެވުނެވެ. އޭނާއަށް މި ރޮވެނީ ކީއްވެގެން ބާއެވެ؟ ބައްޕަ އެހެން ކައިވެންޏެއް ކުރަން އެއްބަސްވީވެސް އޭނައެވެ. ދެން އެކަމާ އެއްބަސްވެފައި ދެން މި ރޮނީ ކީއްވެގެން ހެއްޔެވެ؟ މި ވާގޮތެއް ޒާޔާއަށް އެނގުނީ ސައިޑް ޓޭބަލް މަތީ އިން އޭނާގެ މަންމަގެ ފޮޓޯ ފްރޭމް ފެނުމުންނެވެ. އޭނާ މާ ބޮޑަށް އޭނާގެ އުފަން މަންމަ މަތިން ހަނދާންވީއެވެ. ސައިޑް ޓޭބަލް މަތީ އިން ފޮޓޯ ފްރޭމް ނަގައި ނިއްކުރީގައި ޖައްސައިލަމުން ޒާޔާ ދެލޯ މަރައިލިއެވެ. “މަންމާ އައިމް ސޮރީ. އައިމް ސޮރީ.” އެ ފްރޭމް ނިއްކުރީގައި ޖައްސައިގެން އިނދެ ޒާޔާއަށް ކިޔުނުހާވެސް އެއްޗަކީ އެއީއެވެ. ޒާޔާ އެގޮތަށް އިންދައި އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ދޭ އަޑު އިވުނެވެ. ޒާޔާ ގާތަށް އެވަގުތު އައީ ރުޅިއެވެ. ފޮޓޯ ފްރޭމް އެނދުމައްޗަށް އެއްލައިލައިފައި ދޮރާއި ދިމާލަށް ހިނގައިގަތީ އެމީހަކާއި ދިމާލަށް އެތިވަރު ގޮވައިލާނަމޭ ހިތައި އެވެ. ތަޅުގައި ހިފައިލެވުނު ވަގުތު ފަވާޝަތުގެ އަޑު އިވުމުން ޒާޔާ މައިތިރިވިއެވެ. ޒާޔާ ދޮރު ހުޅުވައިފައި ދޮރުގެ ނިވަލަށް ވަނެވެ. ގޭތެރޭގައި ތިބި އެހެން މީހަކަށް އޭނާގެ މޫނު ފެންނާކަށް ޒާޔާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. ފަވާޝަތު ކޮތަރިއަށް ވަނުމުން ޒާޔާ އަވަހަށް ދޮރު ލައްޕައިލައިފިއެވެ.
ފަވާޝަތު ފަހަތް ބަލައިލިއިރު ޒާޔާ ލޮލުން ކަރުނަ ފުހެލަނީއެވެ. ޒާޔާ ރޯތަން ފެނުމުން ފަވާޝަތުގެ ހިތުގައި ސުވާލު އުފެދުނެވެ. ޒާޔާ މިރޭ މި ރޮނީ ކޮންކަމަކާ ހެއްޔެވެ؟ ފަވާޝަތު އެ ސުވާލު ކުރުމުން ޒާޔާއަށް އިތުރަށް ކެތްނުކުރެވިގެން ފަވާޝަތު ގައިގައި ބައްދައިލިއެވެ. “ކީއްވީތަ ޒާޔާ. ބުނެބަލަ އަހަރެން ގާތުގަ. އޭރުންނެއްނު އަހަންނަށް އިނގޭނީ މި ވެގެން އުޅޭގޮތެއް.” ޒާޔާގެ ބުރަކަށީގައި ފިރުމަމުން ފަވާޝަތު ބުންޏެވެ. “އަހަންނަކަށް ނޭނގެ ފަވާ. މާ ބޮޑަށް މަންމަ މަތިން ހަނދާންވަނީ މިރޭ. ބައްޕަ ޖަމީލާދައްތައާ މެރީ ކުރީމަ ފާޑަކަށް އުނދަގޫވަނީ.. ހީވަނީ.. ހީވަނީ ބައްޕަ ދެން މަންމަ މަތިން ހަނދާން ނައްތާލީހެން..” ރޮމުން ގިސްލަމުން ޒާޔާ ކިޔައިދިނެވެ. ފަވާޝަތު ޒާޔާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ޒާޔާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. އަދި އެކަންކަމާ މާ ބޮޑަށް ހިތާމަނުކުރުމަށް ބުންނެވެ. އެހެންނޫނީ އަނެއްކާވެެސް ޒާޔާ ކުރިން ވީ ފަދަ ޙާލަތަކަށް ހިނގައިދާނެކަމަށް ފަވާޝަތު ބުންޏެވެ. އޭނާ އެއްގޮތަކަށްވެސް ޒާޔާއަށް އެހެންވާން ބޭނުންނުވާ ވާހަކަވެސް ބުންޏެވެ. ޒާޔާއާއި ވަގުތުކޮޅެއްވަންދެން ވާހަކަ ދައްކަން ހުރުމަށްފަހު ފަވާޝަތު ޒާޔާ ގޮވައިގެން އެ ކޮޓަރިން ނުކުތެވެ. ޒާޔާ ކޮޓަރިން ނުކުތްއިރު އެންމެންތައް ނިހާން އާއި ޖަމީލާ އާއި ސަލާމް ކޮށްފައި އެ ގެއިން ނުކުންނަނީއެވެ. އެންމެންތައް ދިޔުމުން ނިހާން އާއި ޖަމީލާ އެތެރެއަށް ވަނެވެ. އަދި ދެމީހުންވެސް ބަދިގެއަށް ދިޔައީ އެއްޗެއް ކައިލުމުގެ ނިޔަތުގައެވެ. ޖަމީލާ އެވަގުތު މޫނު ފޮތިކޮޅު ނެގިއެވެ. އަލަށް ކުއްޖެއްގެ މޫނު ފެނުމުން ބަލާފަދައަކުން ނިހާންއަށް ޖަމީލާއާއި ދިމާލަށް ބަލަން އިނދެވުނެވެ. ޖަމީލާ އެކަމާ އަޅައިވެސްނުލައި ކަމުން ދިޔައެވެ. އެކަމާ އަޅައިނުލައި އިނެއްކަމަކު ޖަމީލާގެ ހިތް ހަމަ އުފަލުން ނަށަނީއެވެ. ނިހާންގެ މީހަކަށްވުމުން ޖަމީލާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީއޭ އޭނާގެ ހިތަށް އެރިއެވެ. ދެން އޭނާ ބޭނުންވަނީ ނިހާން އާއި ޒާޔާ ދުރުކުރުވާށެވެ. ނިހާން އާއި ޒާޔާ ދުރުކޮށް ދުޝްމިނުންނަށް ނުވާވަރަށް އެ ދެމީހުން ދުޝްމިނުންނަށް ހަދާށެވެ. އެހުރިހާ ކަމެއް އެވަގުތުވެސް ޖަމީލާ ދިޔައީ ރާވަމުންނެވެ.
ފަވާޝަތާއި ނޫމާނާއި ޒާޔާ ގޭ ދޮރުމައްޗަށް ނުކުތެވެ. ތިން ކުދިން ވާހަކަ ދައްކަން ތިއްބައި އުސްމާން ފޮއްޓެއް ހިފައިގެން އަންނަތަން ފެނުނެވެ. އުސްމާން އައިސް ފޮށި ގެއަށް ވައްދައިފައި ނުކުތުމުން ފަވާޝަތާއި ނޫމާން އުސްމާނާއިއެކީ ގެއަށް ދާން ހިނގައިގަތެވެ. ޒާޔާ އެމީހުން މަގުގެ ކޮޅަށް އޮބާލަންދެން ބަލަން ހުއްޓެވެ. އެމީހުން ދިޔުމުން ޒާޔާ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއިއެކު ތަންކޮޅެއް ދުރުގައި މީހަކު ހުރިހެން ހީވެގެން ފަސްއެނބުރި ބަަލައިލިއެވެ. އޭރު މަގު ކަންމަތީގައި މަލައިކާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
މަލައިކާ އޭނާ ކައިރިއަށް އަންނަން ފެށުމުން ޒާޔާ އަވަސްއަވަހަށް އެތެރެއަށްވަދެ ދޮރު ލައްޕައިލިއެވެ. އަދި ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ. މޭތެރޭގައި އޮތް ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ޒާޔާއަށް މާނޭވާ ލެވެމުން ދިޔައެވެ. ހީވަނީ ދުވާ މުބާރާތަކަށް ގޮސް ދުވެފައި އައިސް ވަރުބަލިވެފައި ހުރިހެންނެވެ. ދޮރު ކައިރީ ހުރި ޒާޔާ ސިހިފައި ދޮރާއި ދުރަށް ޖެހިލީ ދޮރުގައި ޓަކިދޭން ފެށުމުންނެވެ. އެމީހަކު އެ ދޮރުގައި ޓަކިދެނީވެސް ބިރުގަންނަ ފަދަ ގޮތަކަށެވެ. “ކާކު؟” ޒާޔާގެ އެ ސުވާލަށް ބޭރުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ކިތަންމެ ބިރުގަތަސް ޖަވާބު ނުލިބޭހާ ހިނދަކު އެ ދޮރު ހުޅުވާކަށް ޒާޔާ ގަސްދެއް ނުކުރިއެވެ. ބިރުގަނެފައި ހުރިވަރުން ޒާޔާއަށް ފާޚާނާއަށް ވަންނާކަށްވެސް ނުކެރުނެވެ. ހެދުންވެސް ބަދަލުނުކޮށް އެންމެ ފަހުން ޒާޔާ އެނދުގައި އޮށޯތެވެ. ޒާޔާ ބެލީ ވީހާވެސް އަވަހަކަށް ނިދޭތޯއެވެ. ނަމަވެސް ބޭރުން ހަމަ ހުއްޓައިނުލައި އެއްވަރަކަށް ޓަކިދޭ އަޑު އިވޭތީ ޒާޔާ އެންމެ ފަހުން އެނދުން ތެދުވިއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައޭ ހިތައި އެންމެ ފަހުން ޒާޔާ ގޮސް ދޮރު ހުޅުވައިފިއެވެ. ދޮރު ހުޅުވައިގެން ވީ ސިކުންތުކޮޅެކެވެ. މަލައިކާ ބާރަކަށް ޒާޔާ ކޮށްޕައިލައިފައި އެތެރެއަށްވަދެ ދޮރު ތަޅުލައިފިއެވެ.
ޒާޔާ ލިޔާ މޭޒުކައިރިއަށް ގޮސް އެތާ ބަހައްޓައިފައި ހުރި ބިއްލޫރި ތަށި ނަގައި މަލައިކާއާއި ދިމާލަށް އެއްލިއެވެ. މަލައިކާ ޚުޝިޔާރުކަމުން އޭނާ ގައިގައި އެ ތަށި ޖެހުމުގެ ކުރިން އޭގައި ހިފައި ސައިޑް ޓޭބަލް މަތީ ބެހެއްޓިއެވެ. ޒާޔާ ދެންވެސް ލިޔާ މޭޒުމަތީ އޮތް ގަލަން މަލައިކާ އާއި ދިމާލަށް އެއްލަން އުޅުނެވެ . މަލައިކާ ހަޅޭއްލަވައިގަތުމާއިއެކު ޒާޔާއަށް އޭނާގެ އަތް ތިރިކޮށްލެވުނެވެ. އެވަގުތު ޒާޔާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ހީވީ މޭ ފަޅައިލައިފައި ހިތް ނުކުންނަން އުޅުނުހެންނެވެ. “ޒާޔާ މީ މަލައިކާ އޭ. ކީއްވެތަ އަހަންނާ ދުރުދުރުން ތި އުޅެނީ؟” މަލައިކާ އޭނާގެ މޭގައި އަތްޖައްސައިލަމުން ބުންޏެވެ. “ނޫން. ތީ މަލައިކާއެއް ނޫން. މަލައިކާ ނުހުންނާނެ ތިހެނެއް. މަލައިކާ އަކީ ފުރިހަމަ އިންސާނެއް. ކޮންމެހެން މަލައިކާއެކޭ ކިޔައިގެން އަހަރެން ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް. ކަލޭ ނުކުމޭ މިތަނުން!” ޒާޔާ އެންމެ ފަހުން ހަޅޭއްލަވައިގަތުމުން ޒާޔާ އެއްގޮތަކަށްވެސް ބިރުގަނެފައިހުރިހެނެއް ހިޔެއްނުވެއެވެ. މަލައިކާ އެއްގޮތަކަށްވެސް އޭނާއާއި އެހެން ގޮތަކުން ގާތްވާން ނޫޅޭކަން ޒާޔާއަށް ޔަޤީންވުމުން އޭނާގެ ހިތުގައިވި ބިރުވެރިކަން ވަނީ ފިލައިގެން ގޮސްފައެވެ.
“ޒާޔާ ގަބޫލުކޮށްބަލަ މީ މަލައިކާ އޭ.” މަލައިކާ ދެންވެސް އޭނާގެ މޭމަތީ އަތް ޖައްސައިލަމުން ބުންޏެވެ. “ނޫން ތީ މަލައިކާ އެއް ނޫން. ދޭ މިތަނުން. އަހަރެން ނުކުރާނަން ގަބޫލެއް.” ޒާޔާވެސް ކުރިއެކޭ އެއްގޮތަށް މަަލައިކާ އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. “ޒާޔާ ގަބޫލުނުކުރިޔަސް ހެޔޮ. އަހަރެން މި ދައްކާ ވާހަކަތައް އެއްފަހަރުވެސް އަޑުއަހާބަލަ.” މަލައިކާ އާދޭހާއިއެކު އެ ޖުމުލަ ބުނެލިގޮތުން ޒާޔާގެ ހިތުގައިވި ރުޅިވެރިކަން ކޮންމެވެސް ވަރަކަށް މައިތިރިވެ ޙަމްދަރުދީ އުފެދުނެވެ. “ދައްކަބަލަ ތި ދައްކާ ވާހަކައެއް.” ރުޅިއައިސް ހުރިކަމަށް ހެދެމުން ޒާޔާ ބުންޏެވެ. މިނެޓްތަކެއްވަންދެން މަލައިކާ އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. ހީވާގޮތުން ވާހަކަ ފަށާނެ ގޮތަކާއި ދޭތެރޭ ވިސްނަނީއެވެ. މަލައިކާ ޒާޔާއާއި ދިމާލަށް ބަލައިލިއިރު ޒާޔާ ހުރީ ދެބުމަ ގޮށްޖަހައިގެން ދުރު ބަލަހައްޓައިގެންނެވެ. ދެބުމަ ގޮށްޖަހައިގެން ހުއްޓެއްކަމަކު ޒާޔާގެ ދެލޮލުން ދޭހަކޮށްދެނީ އެހެން އެއްޗެކެވެ. އެ ދެލޮލަށް ބަލައިލިޔަސް އޭނާ އެހުރީ މަލައިކާ ވާހަކަ ފަށާނެ އިރަކަށް ކެތްމަދުވެފައިކަން އެނގެއެވެ. މަލައިކާ އެންމެ ފަހުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ.
“ޒާޔާ ގަބޫލުކުރިޔަސް ނުކުރިޔަސް އަހަންނަކީ ހަމަ މީގެ މަސްތަކެއް ކުރިން ޒާޔާއާއިއެކީ އުޅުނު ޒާޔާގެ އެންމެ ގާތް އެކުވެރި މަލައިކާ. އަހަރެން މިރޭ މިއައީ ޒާޔާއަށް އަހަރެންގެ ހަގީގަތް ހާމަކުރަން. އަހަރެން މީ ޒާޔާމެން ކަހަލަ އިންސާނެއްނޫން. އަހަރެން މީ ޖިންނިއެއް. އެކަމަކު އަހަރެން މިއީ ޒާޔާމެން ކަހަލަ މުއުމިނެއް. މުސްލިމެއް. އަހަންނަކީ ކުރިން މުޝްރިކެއް. އަހަރެންގެ އާއިލާ އަކީވެސް ކާފަރު އާއިލާއެއް. އަހަރެމެން އޭރު އުޅެމުން ދިޔައީ ހިތުހުރިހާ ގޮތަކަށް. މި ދުނިޔެއަށް ފައިބައިފަ އަހަރުމެން މައުސޫމް އިންސާނުންނަށް އެތައް ގޯނާއެއްކުރިން. އެމީހުންނަށް ނޭނގި އެމީހުނަށް އަހަރުމެނަށް ދެވުނު އަނިޔާތަކުގެ ބަދަލު އަހަރުމެން ހިފީ އެމީހުން މަރައިލައިގެން. އަހަރުމެންނަށް ލިބިފައިވާ ބާރު އަހަރުމެން ބޭނުންކުރީ އޭގެ އެންމެ ރަނގަޅުގޮތުގައެއްނޫން. އެކަމަކު ﷲ ގެ ހެޔޮ ރަޙުމަތުން އަހަރެންގެ އުމުރުން އަށާރަ އަހަރުގަ އަހަންނަށް އިސްލާމްދީނުގެ މަތިވެރި ޙިދާޔަތް ލިބުނު. އަހަންނަށް ހިދާޔަތް ލިބުނު ގޮތް އެނގެން ބޭނުންތަ؟” މަލައިކާ އެ ސުވާލުކޮށްލުމާއިއެކު ޒާޔާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ. ޒާޔާ ހުރީ ނުހަނު ޝައުޤުވެރިކަމާއިއެކު މަލައިކާގެ ވާހަކަތައް އަޑުއަހާށެވެ. މީގެ ކުރިން އެކަހަލަ ވާހަކައެއް އެއްވެސް މީހެއްގެ ދުލުން ވިޔަސް ނޫނީ ވާހަކައަކުންވެސް އޭނާ އަޑުއަހައިފައެއް ނެތެވެ.
“އަހަރެންނަށް އިސްލާމްދީނުގެ މަތިވެރި ޙިދާޔަތް ލިބުނީ އަހަންނާ ބައްދަލުވި މީހެއްގެ ސަބަބުން. އަހަރެން ވަރަށް އުޅުނިން އެމީހާގެ ފަހަތުން. އެމީހާ ދާހާތާކަށް އޭނާގެ ފަހަތުން އަހަރެން ދަން. އެއީ މުއުމިން ފިރިހެނެއް. ހެދުން އަޅައިގެން ހުރިގޮތުން ބޮޑަށް ވައްތަރީ ދީނީ ޢިލްމުވެރިޔަކާ. އަހަރެން އުޅުނީ އޭރު އޭނާ އަހަރެންގެ ޖާދޫގަ ޖައްސަންވެގެން. އެކަމަކު އެކަމެއް ނުވި. އޭނާގެ އީމާންތެރިކަން ވަރުގަދަކަމުން ކަންނޭނގެ އެކަން ނުވީ. އަހަރެން އެކި ގޮތްގޮތުން އޭނާއަށް އުނދަގޫކުރަންވެސް އުޅުނިން. އެކަމަކު އޭނާ ކިޔަވާ ޒިކުރުތަކާ ދުޢާތަކުގެ ބާރުގަދަ ކަމުން އަހަންނަށް އޭނައަކާ ކައިރިވާކަށް ނުކެރޭ. އަހަރެންގެ ލޮލުން ދޫކުރާ އަލިވެސް އޭނާއާއި ދިމާލަށް ނުފޯރި. އޭނާ ކިޔާ ޒިކުރުތަކުގެ ބާރުގަދަކަމުން އަހަރެންގެ ދެލޯ ދިއްލާލާހާއިރަށް ނިވޭ. އެގޮތަށް އޭނައާ ގާތްވާން މަސައްކަތް ކުރަމުން ގޮސް އެކަން ނުވެގެން އެންމެ ފަހުން އެއްރެއަކު އޭނަ މިސްކިތަށް ދިޔަ މަގުމަތިން އަހަރެން އޭނަގެ ކުރިމައްޗަށް އެރިން. އަހަރެން އެކިއެކި ދަޅަތައް ދައްކައިގެންވެސް އޭނަ އެއަކަށް ނުހެއްލުނު. އަހަރެންގެ ހިލަ ހިތަށް އޭރު ގުޑުމެއް އެރީ އޭނަ ދުލުން ކިޔާލި އެންމެ ލަފްޒެއްގެ ސަބަބުން. ﷲ އަކްބަރް. ޝަހާދަތް އިނގިލިން އުޑަށް އިޝާރާތް ކުރަމުން އޭނަ ބުނެލީ ހަމައެކަނި އެހެން. އެފަހުން އަހަންނަށް އޭނައާއި އެއްގޮތަކަށްވެސް ކައިރިވާކަށް ނުކެރުނު. އޭނަ ފެންނަ ހިސާބަށްވެސް ދާން ޖެހިލުންވި. އަބަދުހެން ވިސްނެނީ އޭނަގެ ދުލުން ބޭރުވި އެ ލަފްޒާމެދު. ދެން އަހަންނަށް ވެވުނު ވަރަކުން އިސްލާމް ދީނާއި ބެހޭގޮތުން އުނގެނެން ފެށިން. އިސްލާމްދީނާއި އެނގުނު ވަރަކަށް އަހަރެންގެ ހިލަ ހިތް މަޑުވެ އިސްލާމްދީނަކީ އެންމެ ފުރިހަމަ އަދި ހަމައެކަނި ދީންކަން ޤަބޫލުކުރެވުނު. ދެން އަހަރެން ޝަހާދަތް ކިޔައި އިސްލާމްވިން. އަލްޙަމްދުލިއްﷲ. އަހަރެން މީ މިއަދު މުސްލިމެއް.” މަލައިކާ އެހުރިހާ ވާހަކަތަކެއް ކިޔައިދެމުން ދިޔައިރު އޭނާގެ ލޮލުން އެއްއިރަކުވެސް ކަރުނަ ނުހިކެއެވެ. ޒާޔާވެސް އޭނާގެ ލޮލުން ފޭދުނު ކަރުނަ ތިކި ފުހެލިއެވެ. މަލައިކާ އިރުކޮޅެއްވަންދެން ކަރުނަ އޮއްސަން ހުރުމަށްފަހު އަނެއްކާވެސް އޭނާގެ ވާހަކަ ފެށިއެވެ.
“އަހަރެން އިސްލާމްވިކަން އަހަރެންގެ މަންމަމެނަށް އެނގުނު ދުވަހު އަހަންނާ ދިމާލަށް ވަރަށް އެއްޗިހި ކީ. އަހަރެންގެ ކޮއްކޮވެސް ވަރަށް ހަޑިކޮށް އަހަންނާ ވާހަކަ ދެއްކީ. ދެން ދުވަހަކުވެސް މަންމަގެ… މަންމަގެ ރުހުން ނުލިބޭނެޔޭ މަންމަ އަހަންނާ ދިމާލަށް ބުނެލީމަ އަހަރެންގެ ހިތަށް ވަރަށް ތަދުވި. އަހަރެން މަންމަ ގާތު އާދޭސްވެސް ކުރިން އެހެން އެކަން ނުކުރުމަށް. އެކަމަކު މަންމަ ހަމަ އަހަރެންނާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވާލާފަ ދިޔައީ. ދެން ހުރީ ބައްޕަ. އަހަރެން ހީކުރީ ބައްޕަވެސް ކަންތައް ކުރާނީ މަންމަމެން ކަންތައް ކުރިގޮތަށްކަމަށް. އެކަމަކު ﷲ ގެ އިރާދަފުޅުން ބައްޕަ އަހަންނަށް ހިތްވަރުދިން. ބައްޕަ އެދުވަހު އަހަންނާ ވާހަކަދެއްކި ގޮތުންނާއި އަހަންނަށް ހިތްވަރުދިން ގޮތުން ކޮންމެ ކަމެއްގަވެސް ބައްޕަ ހުންނާނީ އަހަންނާ އެކީގަކަން އަހަންނަށް ޔަގީންވި. ބައްޕަ އަކީ މުސްލިމަކަށް ނުވިޔެއްކަމަކު އަހަރެންނާއެކު ހުރިކަން މަންމަމެނަށް އެނގުމުން މަންމަމެން އަހަރެން މި ދުނިޔެއަށް އެއްލާލީ. އަދި އެކަން ބައްޕައަށް ސިއްރުކުރީ. އެފަހުން އަހަރެންނާ ޒާޔާ އާ ދިމާވީ. ޒާޔާއަށް ނޭނގި ބައެއް ކަންކަމުގަ އަހަރެން ހުންނާނެ ޒާޔާއަށް އެހީތެރިވެދީފަ. ޒާޔާގެ އެކުވެރިޔާ ހުން އައިސްގެން ޒާޔާ އެގެއަށް ދިޔަ ރޭ އަހަރެން ޒާޔާގެ ފަހަތުން ދިޔައިން. ޒާޔާ އެރޭ ބޭސްކާޑު ހޯދަންވެގެން އެކޮޓަރިން ނުކުތީމަ އަހަރެން ކޮޓަރި ތަޅުލާފަ ފަވާޝަތަށް ފަރުވާ ދިނީ. އަހަރެންގެ ބާރުގެ ބޭނުންކޮށްގެން. ޒާޔާއަށް ކަމެއް ދިމާވެދާނެތީ އަހަރެން ކޮންމެރެއަކުވެސް ޒާޔާގެ ހަށިފާރަވެރިއެއްގެ ގޮތުގަ ހުންނަން. ޒާޔާ ބިރުގަނެފާނެތީ އަހަރެން އިންސާނެއްގެ ސިފަ ޖެހިގެން ޒާޔާއާއެކީ އުޅުނީ. އެކަމަކު އެއީ އިރުއޮއްސުމަށްފަހު. ދުވާލު ވަގުތުވެސް އަހަރެން އުޅެން. އެކަމަކު އެކަކަށްވެސް އަހަންނެއް ނުފެންނާނެ. ރޭގަނޑު ފެނުނަސް ފެންނާނީ.” މަލައިކާ ކިޔައިދިން ވާހަކަތަކުން ޒާޔާއަށް ކުރިން ނޭނގޭ އެތައް ޙަޤީޤަތްތަކެއް އެނގިގެން ދިޔައެވެ. އޭނާ ފަވާޝަތުމެންގެއަށް ދިޔަ ރޭ ކޮންމެވެސްވަރަކަށް ރައްކާތެރިކަމެއްވެސް އިޙުސާސް ކުރެވުނީ މަލައިކާ އޭނާގެ ފަހަތުން އުޅުނީތީވެކަން މިރޭ ޒާޔާއަށް އެނގުނެވެ. ކުރިން ޒާޔާގެ ހިތުގައި އުފެދުނު ސުވާލުތަކެއްގެ ޖަވާބު މިރޭ ލިބިގެން ދިޔަޔަސް އަދިވެސް އެހެންކަމަކާ ދޭތެރޭ ޒާޔާގެ ހިތުގައި ސުވާލު އުފެދިފައިވިއެވެ. “އަހަންނަށް ދެން މިވީހާ ދުވަހު މަލައިކާ އާ ބައްދަލުނުވީ ކީއްވެ؟” ޒާޔާ އެ ސުވާލުކޮށްލުމާއިއެކު މަލައިކާ އިސްޖަހައިލިއެވެ. އެއީ އޭނާއަށް ކިޔައިދޭން ވަރަށް އުނދަގޫވާނެ ވާހަކަތަކެކެވެ. އެކަމަކުވެސް އިންސާނެއްގެ ފަރާތުންވިޔަސް ޖިންނިއެއްގެ ފަރާތުންވިޔަސް އެހީތެރިކަމަށް ބޭނުންވެފައިވަނިކޮށް އެ ވާހަކަތައް ކިޔައިނުދީ މަލައިކާއަކަށް ނުހުރެވޭނެއެވެ. އޭނާގެ ބާރުތައް އޭނާ އަނބުރައި ބޭނުމެވެ. އޭނާގެ ބާރުތައް ނެތުމުގެ ސަބަބުން ދުވަހެއް ދުވަހަކަށް އޭނާ ބަލިވާކަމުގެ އިޙުސާސް އޭނާއަށް ކުރެވެއެވެ. މަަލައިކާ މަޑުމަޑުން ހިނގައިލައިފައި ގޮސް އެނދުމަތީގައި އިށީނެވެ. އަދި އެނދުގައި އަޅައިފައިވި ރަޖާގަނޑުގައި މަޑުމަޑުން ފިރުމައިލަމުން އޭނާގެ ވާހަކަ ފެއްޓިއެވެ.
“އަހަރެން އެއްރޭ ފަތިހު ފަތިސް ނަމާދުކޮށްލައިގެން ވަރަށް އަރާމުކޮށް ނިދާލާފަ އޮއްވަ އަހަރެން ގަދަކަމުން ނަގައިގަނެގެން ބަޔަކު އުދުއްސައިގަތީ. އަހަރެން އޭރުވެސް އަހަރެންގެ ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ކައިރިން ސަލާމަތްވެވޭތޯ ބެލިން. އެކަމަކު އެމީހުން އަހަންނަށްވުރެ މާ ބާރުގަދަ. އެންމެ ފަހުން އަހަންނަށް ޖެހުނީ ހަތިޔާރު ބަހައްޓާފަ މަޑުން ހުންނަން. އެމީހުން އަހަރެން ގެންދިޔައީ އަހަރެންގެ އުފަން ސަހަރަށް. އެތައް އަހަރުތަކަކަށްފަހު އަހަރެން އެތަނަށް ގެންދިޔައީމަ އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފަ. އެހެން ހުއްޓަ އެމީހުން އަހަރެން ގެންދިޔައީ އަހަރެން ދިރިއުޅުނު ގަނޑުވަރަށް. އެތައް ދުވަހަކު މަންމަ އާއި ކޮއްކޮއާ ބައްދަލުވެވުނީމަ އަހަރެން ހުރީ ވަރަށް އުފަލުން. އަހަރެން ހިނިތުންވެލާފަ އެމީހުން ކައިރިއަށް ދުއްވައިގަތް ވަގުތު މަލަކާ އަހަރެން ވައްޓާލީ. އޭނަގެ އަތުގެ ބާރުގަދަކަމުން އޭނަ އަހަންނާ ދިމާލަށް އަތްދިއްކޮއްކޮށްފަ ބޭނުން ގޮތެއް ހަދާލީ. އެގޮތަށް އަހަންނަށް ހަދާ އަހަރެން ބަލިވި ފަހުން މަންމަ އައިސް މަންމަގެ ދަތުން އަހަރެންގެ އިސްތަށިގަނޑު ބުރިކޮށްލީ. ދެން މަލަކާ އަހަރެންގެ ހުރިހާ ބާރެއް އަތުލީ. އަހަރެން ހޭނެތުނީމަ އަނެއްކާވެސް އެމީހުން އަހަރެން މި ދުނިޔެއަށް ގެނައީ….. އަހަރެންގެ ހުރިހާ ބާރެއްވެސް މިހާރު މިވަނީ އަހަރެންގެ އަތުން ބީވެގެން ގޮސްފަ. އަހަރެންގެ ހުރިހާ ބާރުތައް އަހަރެންގެ އެންމެ ގާތްމީހުން ގަދަކަމުން އަހަރެންގެ އަތުން އަތުލީ. އަހަރެން ޒާޔާ ގާތު އެދޭނީ އެންމެ ކަމަކު. އެއީ އަހަންނަށް މިކަމުގަ އިންސާނަކަށް ވެދެވެން އޮތް އެހީތެރިކަމެއްވިއްޔާ ޒާޔާ އަހަންނަށް އެހީވެދޭން. އަހަންނަށް މިއަދު މިވަނީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފަ.” މަލައިކާ އޭނާގެ އަތުން މޫނުގައި އަތްއަޅައިފައި ރޯން ފެށިއެވެ. މަލައިކާ ރޯތަން ފެނި ޒާޔާއަށްވެސް ރޮވެން ފެށުމުން އޭނާގެ އަނގަ މަތީ އަތްއެޅުނެވެ. އޭނާ އާއި އެތައް ގުނައެއް ތަފާތު މަޚުލޫޤެއް އޭނާގެ ކުރިމަތީގައި އެގޮތަށް ރޯން އިނުމުން ޒާޔާ ވެސް ހިތުގައި ޖެހުނީއެވެ. ޒާޔާ އޭނާގެ އަތުގައި އޮތް ގަލަން ލިޔާ މޭޒުމަތީ ބާއްވާފައި މަލައިކާއާއި ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ.
ޒާޔާގެ އަތުގެ ބީހުން މަލައިކާގެ ކަކުލާއި ދިމާލުން އިޙުސާސްވާން ފެށުމުން މަލައިކާ އޭނާގެ މޫނުގައި އަޅައިގެން އިން ދެއަތް ނެގިއެވެ. އޭރު ޙަމްދަރުދީގެ ނަޒަރަކުން ޒާޔާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. މަލައިކާ ޙައިރާންވީ އޭނާ ހުރި ގޮތް ފެނިފައި ޒާޔާ މިފަހަރު ބިރު ނުގަތީތީއެވެ. މަލައިކާ ރުއީމައި އަދި އޭނާ ހުންނާނީ މާ ހުތުރު އަދި ބިރުވެރި ސިފައެއްގައެވެ. “އަހަރެން ގަބޫލުކުރަން މަލައިކާ ތި ދެއްކި ހުރިހާ ވާހަކަތަކެއްވެސް. މަލައިކާ ކުރިން އަހަންނަށް ވެދިން ހުރިހާ އެހީތެރިކަމަކަށް ޝުކުރިއްޔާ. އަހަންނަށް ރައްކާތެރިކަން ދިނީތީވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. މަލައިކާ ތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އަހަރެންނާ އެތައް ގޮތަކުން ތަފާތު މަޚުލޫޤަކަށް ވިޔަސް އަހަރެން މަލައިކާ ބާކީކޮށެއްނުލާނަން. އަހަރެން އިރާދަކުރެއްވިއްޔާ އަހަންނަށްވީވަރަކުން މަލައިކާއަށް އެހީތެރިވެދޭނަން….” މަލައިކާގެ އަތުގައި ހިފައި މަލައިކާއަށް އެނދުން ތެދުވަން ޒާޔާ އެހީތެރިވެދިނެވެ. “ދަނީ އިނގެ. އިންޝާﷲ މާދަމާ ރޭ އަންނާނަން.” ޒާޔާ ގައިގައި ބައްދައިލަމުން މަލައިކާ ބުންޏެވެ. އޭރުވެސް އޭނާގެ އޮމާން ރީތި ލުއިލުއި އަޑު ކުރެހިފައިވިއެވެ. ޒާޔާ އޭނާގެ ގަޔާއި މަލައިކާ ދުރުކޮށްލަމުން މަލައިކާގެ ކަރުނުން ފުރިފައިވި ދެލޯ ފުހެލައިދިނެވެ. މިހާރު މަލައިކާގެ އަތުގަޔާއި މޫނުގައި ބީހިލިޔަސް ހީވަނީ ރެނދުލައިފައިވާ ފާރެއްގައި ބީހިލެވޭހެންނެވެ. އެހެނަސް އެކަމަށް ޒާޔާގެ އެއްވެސް ފަރުވާލެއް ނެތެވެ. މަލައިކާ ދިޔުމުން ޒާޔާ ކޮޓަރި ތަޅުލުމަށްފަހު ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ.
ނިހާން ކައިރީގައި އޮތް ޖަމީލާއަށް އޮތީ ނުނިދިފައެވެ. މިރޭ އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ނުނިދުނީ ކަންނޭނގެއެވެ. ނިހާން އަރާމުކޮށް ނިދައިލައިފައި އޮތް އިރު އެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ވިއެވެ. ޖަމީލާ ނިކަން ސިއްރު ސިއްރުން އެނދުން ތެދުވެގެން ގޮސް ސިޓިންގް ރޫމަށް ނުކުތެވެ. ސިޓިންގް ރޫމުގެ ބޮކި ދިއްލައިލުމަށްފަހު ޖަމީލާ ސޯފާގައި އިށީނެވެ. ޓީވީ ރިމޯޓު ނަގައި ޓީވީ ހުޅުވައިލުމަށްފަހު އޭނާ އާއްމުކޮށް ބަލައި އުޅޭ ފިލްމު އަޅުވައިލިއެވެ. ފިލްމު ބެލުމަކީ ނިހާން ނުރުހޭ ކަމަކަށް ވާތީ ޖަމީލާ ނިންމީ ކޮންމެ ރެއަކު ނިހާން ނިދީމައި ފިލްމު ބަލާށެވެ. ފިލްމުތަކަށް ދެވި ހިފައިފައި ހުންނަވަރުން އޭނާއަށް ފިލްމެއް ނުލައި އެއްދުވަސްވެސް ހޭދަކޮށްލެވޭކަމަކަށް ނުވިއެވެ. ފިލްމު ބަލަން އިންދައި ފިލްމުން ދެއްކި މަންޒަރަކުން ޖަމީލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެ ސީން ނިމުމާއިއެކުހެން ޖަމީލާގެ ހަނދާނަށް އައީ މީގެ ކުރިން ހުކުރު ދުވަހެއްގައި އޭނާ އަލަމާރިއަށް ލީ ކުޑަ ފުޅީގެ މަތިންނެވެ. އެއީ އޭނާ އެދުވަހު ޒާޔާގެ ކާތައްޓަށް އަޅަން ގެނައި ވިހަ ފުޅިއެކެވެ. “އޯ ޝި*” ޖަމީލާއަށް އޭނާގެ ބޮލުގައި ދެއަތުން ޖަހައިލެވުނެވެ. “ސިކުނޑިއެއް ލިބިފަ ހުއްޓަސް ދުވަހަކުވެސް ކަމެއް ހަނދާންވާވަރެއް ނުވޭ. ހަހް..” އަމިއްލައަށް ބޮލުގައި ޖަހައިލަމުން ޖަމީލާ އެއްޗެހިކިޔައިގަތެވެ. ދެން ކުރާނެކަމެއްނެތެވެ. އޭނާގެ ހަނދާނުން އެކަން ކައްސައިލައިގެން ދިޔުމުން އެދުވަހު ޒާޔާ މަރުނުވެ ސަލާމަތްވީއެވެ. ޖަމީލާ ދެން އެކަމާ އަޅައިނުލުމަށް ނިންމައި އެ ނޫންގޮތެއް ރޭވޭތޯ ބެލިއެވެ.
ފަތިހު ގޮވަން ފެށި ކޮވެލީގެ ހިތްގައިމު އަޑަށް ނިދިފައި އޮތް ޒާޔާއަށް ހޭލެވުނެވެ. އޭރު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މުޅި ކޮޓަރިތެރެ ފިނިވެފައިވީއިރު ފަންކާވެސް އެހާ ބާރުކޮށްފައި ހުރުމުން ކޮޓަރި އިތުރަށް ފިނިވެފައިވިއެވެ. ޒާޔާގެ ހީކަރުވަން ފެށުމުން އެނދުގެ ފައިލާކޮޅުގައި އަޅައިފައި އޮތް ބޯ ރަޖާގަނޑު ނަގައި މުޅި ގައިގައި އޮޅައިލައިގެން އަނެއްކާވެެސް އޮށޯތެވެ. ބޯކޮށް ވާރޭ ވެހެމުން ދާތީ ޒާޔާ އޮތީ ތެދުވާހިތްނުވެފައެވެ. މުޅި ގައިގައި ރަޖާލައިގެން އޮއްވައި އަނެއްކާވެސް ޒާޔާގެ ލޮލަށް ނިދި ސަވާރުވެ މާ ގިނައިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ.
ޒާޔާއަށް ހޭލެވުނީ އޭނާގެ ދޮރުގައި ޓަކި ޖަހައިފައި ޖަމީލާ ގޮވާ އަޑަށެވެ. ރަޖާގަނޑު ނަގައި އެނދުގެ އެއްފަރާތުގައި ބޭއްވުމަށްފަހު ޒާޔާ އޭނާގެ ފޯނު ނަގައި ގަޑި ބަލައިލިއެވެ. އޭރު ނުވައެއް ޖަހަން ފަނަރަ މިނެޓަށްވެފައި ހުއްޓެވެ. ވާރޭ ތުނިކޮށްލައިފައިވިއެއްކަމަކު އޭރުވެސް ކޮޓަރިތެރޭގެ ފިނިމިން ހުރީ ރޭ ފަތިހު ފިނިމިން ހުރި ވަރަށެވެ. ޒާޔާ އޭނާގެ ފޯނު ނަގައިފައި ފަވާޝަތަށް ގުޅައިލިއެވެ. ދެތިންފަހަރަށް ރިންގުވުމަށްފަހު އެކޮޅުން ފަވާޝަތު ފޯނު ނެގިއެވެ. “ހެލޯ! ފަވާ ހިނގާބަލަ މިއަދު ހަވީރު ބޭރަށް ނުކުމެލަން…… ބޭރަށް ދެވޭ ކަހަލަތަ؟” އެކޮޅުން އެއްވެސް އެއްޗެކޭ ނުބުނެ އިރުގަނޑެއްވުމުން ޒާޔާ އަނެއްކާވެސް ސުވާލުކުރިއެވެ. އެކޮޅުން ފަވާޝަތު ވަރަށް މަޑުމަޑުން ހްމްމްމް ލައްވައިލި އަޑު ޒާޔާއަށް އިވުނެވެ. ދެންވެސް ފަވާޝަތު އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޒާޔާ ފޯނު ކަނޑައިލިއެވެ. ފަވާޝަތަށް މިއަދު ކިހިނެތްވީބާއޭ ހިތައި ޒާޔާ އެނދުން ތެދުވެ ހަރުގައި ހުރި ތުވާލި ނަގައިގެން ދިޔައީ ތާޒާވެލާށެވެ.
ޒާޔާ ބޭރަށް ދާން ބުނި ރާގުންވެސް އޭނާ އެހުރީ ފަވާޝަތާއިއެކީ ނުލާހިކު ބޭރަށް ދާ ހިތުންކަން ފަވާޝަތަށް އިނގެއެވެ. އަދި އަމުދުން މިކަހަލަ ފިނި އަދި ވިއްސާރަދުވަސްތަކުގައި ޒާޔާ އަކީ ނިކަން ބޭރުގައި އުޅެން ފޯރި ހުންނަ ކުއްޖެއްކަންވެސް ފަވާޝަތަށް އެނގެއެވެ. މައްސަލައަކީ ފަވާޝަތުގެ ބޮޑުދައިތައެވެ. ފަވާޝަތު ގެއިން ބޭރު ގޯތިތެރޭ މަޑުކޮށްލައިގެން ހުއްޓަަސް އާލިޔާ އައިސް ވާހަކަ ބޮޑުކޮށްލައިގެން ފަވާޝަަތާއި ދިމާލަށް އެއްޗެހި ގޮވާނެއެވެ. ލަދެއްގެ ކަންފުޅެއްވެސްނެތި ފަވާޝަތުގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދައްކާނެއެވެ. ބޮޑުދައިތަ އިޞްލާޙުކުރުމުގެ ނިޔަތުގައި މިވީހައިދުވަހު ފަވާޝަތު އާލިޔާއާއި ވާހަކަ ދެއްކީ އިޚްތިރާމާއި އެކީ ރީތިކޮށެވެ. އެހެންނަމަވެސް އާލިޔާ އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. ކޮންމެގޮތެއްވިޔަސް، އާލިޔާ ކޮންމެ އެއްޗެއް ކިޔަސް ފަވާޝަތު އެންމެ ފަހުން ނިންމީ ޒާޔާއާއިއެކީ މިއަދު ހަވީރު ނުކުންނާށެވެ.
ފަވާޝަތު ކޮޓަރިން ނުކުތްއިރު އާލިޔާ އިނީ ތައްޓެއްގެ ފުރާ ކާއެއްޗެހި އަޅައިގެން ސޯފާގައި ކާށެވެ. އެތަށީގައި ހުރި ބިސްކޯދު ޕުޑިންގް ފެނިފައި އެއީ ރޭގައި އޭނާ ބިސްކޯދު ޕުޑިންގް ހަދައިފައި އައިސް އަލަމާރީގައި ބެހެއްޓި ބައިކަން ހަނދާންވިއެވެ. ފަވާޝަތު މިފަހަރު އާލިޔާ ކައިރިން ހުއްދަ ހޯދާކަށް ގަސްދެއް ނުކުރިއެވެ. އާލިޔާ ފެންނަ ކަމަށްވެސް ނުހަދައި ފަވާޝަތު ބަދިގެއަށްވަދެ ސައި ހަދައިގެން ސައިބޯން ފެށިއެވެ. އޭރު އެގޭގައި އުޅޭ ބޭރު މީހާވެސް ސައިބޯން އިނެވެ. “ކޮއްކޯ އެ ދައްތަ އަހަންނަށް އެއްޗެހި ކިޔަނީ.” ރޮށި ކޮޅެއް އަނގަޔަށް ލަމުން އޭނާ ބުންޏެވެ. “ހެހެ. ޖެނީ އެކަމާ އަޅާނުލާ. އެއީ އަބަދުވެސް އެ ދައްތަގެ ގޮތް. އެ ދައްތައާ ވާހަކަ ދައްކާނެކަމެއްވެސް ނެތް. އަހަރެން މިހުރީނު. އެ ދައްތަ ކިޔާ އެއްޗިއްސާ ދޭތެރޭ މާ ބޮޑަށް ވިސްނައި ބޯ ހާސްކުރުވާނެ ކަމެއް ނެތް އިނގޭ.” ޖެނީ ބޯ ޖަހައިލުމަށްފަހު ސިޓިންގް ރޫމުގައި އިން އާލިޔާއާއި ދިމާލަށް ބަލައިލައިފައި ދެބުމަ ގޮށް ޖަހައިލިއެވެ. އެއާއިއެކު ފަވާޝަތަށް ހީނލެވުނެވެ.
އެދުވަހުގެ ވަގުތުތައް ފާއިތުވަމުން ގޮސް ޢަޞްރުން ތިރިވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހޭތީ ޒާޔާ ނުކުތީ ރީތި އާދައިގެ ހެދުމެއް ލައިގެންނެވެ. ވާރެއާއި ތެމެން ބޭނުންވެފައި ހުރި ވަރުންނެވެ. ޒާޔާ ނިހާންގެ ކޮޓަރި ބަލައިލިއިރު އެކަކުވެސް އެ ކޮޓަރިއަކު ނެތެވެ. ދެން ޒާޔާ ދިޔައީ ބަދިގެއަށެވެ. އޭރު ޖަމީލާ އާއި ނިހާން އެކި ވާހަކަ ދައްކާ ސަކަރާތްޖަހަމުން ދިޔައެވެ. މި މަންޒަރު ފެނި ޒާޔާ ކިތަންމެހާވެސް ބޮޑަކަށް ދެރަވިއެވެ. އޭނާގެ ބައްޕަ މިހާރު އޭނާ ވަރަށް ބޮޑަށް ދުރުކޮށްލައިފިކަމުގެ އިޙުސާސް އޭނާއަށް ކުރެވެން ފެށިއެވެ. ކުރިން އޭނާގެ ކަންކަމާއި އަޅާލާވަރަށް އޭނާއާއިމެދު އަޅައިނުލާކަން ޒާޔާއަށް ފާހަގަކުރެވެން ފެށިއެވެ. ޒާޔާގެ މޫނު ހީވަނީ މިލާ މޯޅިވެފައިވި މަލެއްހެނެވެ. ވާރޭ ތަންކޮޅެއް ބޯ ކޮށްލުމުން ޒާޔާ އަނެއްކާވެސް އޭނާ ބޭރަށް ދާން އުޅޭކަން ހަނދާންކޮށް ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ގެނުވަމުން ބަދިގެއަށް ވަނެވެ. “ބައްޕާ! އަޅުގަނޑު މިދަނީ ފަވާއާއެކީ ބޭރަށް.” ނިހާން އޭނާއާއި ދިމާލަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ. ދެން އެއަށްފަހު އޭނާގެ ސަމާލުކަން ޖަމީލާއަށް ހުއްޓުނެވެ. ބައްޕަގެ މި އަޅައިލުންކުޑަ ޢަމަލުންވެސް ޒާޔާގެ ހިތަށް ތަދުވިއެވެ. އެހެނަސް އެކަމާ ވިސްނަން ނުހަދައި ޒާޔާ ގެއިން ބޭރަށް ނުކުތެވެ.
ފަވާޝަތުގެ ގެއަށް ދާން ވެގެން އެގޭ ގޯޅި ކަންމައްޗަށް ދެވުނު އިރު ފަވާޝަތުވެސް ގެއިން ނުކުންނަނީއެވެ. ޒާޔާ އާއި އަރާ ހަމަކޮށްފައި ފަވާޝަތު ހިނިތުންވެލިއެވެ. ނަމަވެސް ޒާޔާގެ ހިނިތުން ނުވި ތާނގައި ފަވާޝަތާއި ދިމާލަށް ބަލައިވެސް ނުލިއެވެ. “ކީއްވީ ޒާޔާ؟” ޒާޔާގެ ދަތްދޮޅީގައި ހިފައި އޭނާގެ އިސް އުފުލައިލަމުން ފަވާޝަތު އެހިއެވެ. “ހަހަހަ. ކުޑަ ސަމާސައެއްކޮށްލީ. ހިނގަ އަތިރިމައްޗަށް ދާން. ވާރެ ވެހޭއިރު ވަރަށް މަޖާވާނެ. ވޯޓަރ ޕްރޫފް ފޯނެއް އޮތްނަމަ ނިކަން ސަޅިކޮށް ފޮޓޯވެސް ނެގޭނެ ދޯ.” ޒާޔާ އޭނާގެ ވަށައިގެންވި ހިތާމަތައް ފޮރުވަން މަސައްކަތްކުރަމުން ވަރަށް ފޯރީގައި ފަވާޝަތާއި ވާހަކަ ދެއްކިއެވެ. ފަވާޝަތުވެސް އާނ ދޯ އޭ ބުނެ ޒާޔާ އާއިއެކީ ހިނގައިގަތެވެ. އެވަގުތުވެސް ވާރޭ ބޯކޮށްލައިފިއެވެ. ދެކުދިން ހީނހީފައި ސަކަރާތް ޖަހައި ދުވަމުން ދިޔައެވެ. ހީވަނީ ކޮއްޓަކުން މިނިވަންވެފައިވި ދޫނިތަކެއްހެނެވެ. އެކުދިން ދުވަމުން ދިޔައިރު އެތައް ބައެއްގެ ކަތި ނަޒަރުވެސް އެކުދިންނަށް އަމާޒުވަމުން ދިޔައެވެ. ޚާއްޞަކޮށް ކުރިން ޒިޔާނާ އާއި ހެދި އުޅުނު މީހުންގެ ކަތި ނަޒަރު ޒާޔާއަށް އަމާޒުވާން ފެށިއެވެ. އެކަމަކު އެކަމެއް ޒާޔާއަކަށް ރޭކައިނުލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.





Salaam all readers. Miothee baaravana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Mihaaru meenee cover pic es badhalukollaafa. Cover pic es kiyuntherinnau kamudhaanekamau unmeedhukuran. Sor enjoy reading. Looking forward for your comments. Love you all and stay safe <3 <3 <3 <3 <3 <3
Alhey Dhonthy varah reethi mi part vx masha Allah
Keep it up dear
Take care
Stay Safe
Stay home
Lysm
And Dhonthy cover pic vx hama varah reethi. I love that❤️❤️❤️❤️❤️❤️
Awlhey vvvv bodau thank you Mint. Mint ge request akau I’ve changed the cover pic. V ufaavejje bura masakkathun ulhi hedhi cover es Mint au reethiveema. Thank you so much ? ? ? Take care. Stay safe at home ? ? Love you too Mint <3 <3 <3 <3
ވާވް.. ސްޓޯރީ ކުރިއަށް މިދާގޮތް ހަމަ ވަރަށް އިންޓްރެސްޓިންގ އިނގެ ދޮންތްސް.. ކުރީ ޕާރޓްތަކަށް ވެސް ކޮމެންޓް ކޮށްލިން.. އެކަމް އަދި
އެޕްރޫވް ނުވޭ..ބައިދަވޭ ކަވަރ ވަރަށް ވަރަށް ރީތި އިނގެ.. ވެއިޓިންގ ކިއުރިއަސްލީ ފޯ ❤??ދަ ނެކްސްޓް… ލަވް ޔޫ ލޯޑްސް ދޮންތީ
Thank you so much mag ? ? ? Sorry for the late reply dear. V gina part thakuge pending ga huri comments miadhu kanneynge publish evee. Hehe. Once again thank you so much mag ? ? ? Love you too mag <3 <3 <3 <3
Dhonthy mi cover pic hadi ??
pls furathama Lee cover pic mi vhk ah laaba ??
mi pic varah hadi ???
mi pic leefahun mi vhk kiyaa hitheh ves nu eyy plsss ?
Mi pic leefahun mi vhk kiyaa varah gina kudhen (mibunee me ge rashuga ulhey) bune mi vhk kiyaa hitheh niveyee ehen ve pls change kohdheeba
Ehen Noone mi vhk ah libey like ves Madhu vaane ehen ve thee me ehme like vaa story writer that’s why plsss???
Anooz ? ? ? Dhonthi gaboolukuran hama thi dhekki hurihaa vaahaka eh es inge. Aslu dhonthi akau es ehaa reechcheiy noon mi cover pic dhonthi au hedhifa in goiy es. Dhonthi ninmaigen huree story ekkou nimendhen hama kurin lee cover pic use kuran. Thi comment ekangneiy noon hama dhonthige v gaaiy friends es bunefa vanee dhonthi gaathuga kurin lee pic laan. So dhonthi au heevanee gina kudhinnau kamudhanee kureege pic hen. Ehenveema gina kudhinnau kamudhaa echcheiythaa dhw laanvaanee. Ehenveema kuriau huri baithakau laanee hama kurin lee pic inge. Hope kuriau huri episode thau es kiyaalaane kamau ? ? ? Dhonthi aslu heekuree v gina kiyuntherinnau kamudhaanekamau mikahala gothakau pic hadhaaleema. Comment through kou noonaa fudheyvarakau mail libunu dhonthi au cover pic badhalukoudhdheyshey kiyaafa. Ehenveema kurin lee pic dhn use kuraanee okay dear. ? ? ? BTW thanks for commenting ? ? ? <3 <3 <3
Dhonthy mi part ge cover pic ves badhalu kohdheeba
Sorry anooz. Already e pic laafa eynee. Dhn dhonthi akau neynge anekkaa mibaiga in pic kurin lee pic au badhalukuraakau. Ehennoonas dhn kuriau huri episode thakuga beynunkuraanee hama kurin lee pic inge ? ? ? ? ?
♥️!!!hey friendooo
Btw i like both cover pics hehe … dhonthy beynun cover eh hama laan v… mi part vx hama vrh salhi ingey.. emme fahun nihaan zaaya r dhuruvaanii kanneyge…
Stay safe
♥️Tc
Hey my lwbii friend ? ? <3 <3 <3 Ahaha. Dhn laanee hama kurin lee pic. Anyways thank you so much Sadha ? ? Nihaan Zaayaa aa dhuruviyaka nudheynamey inge. Hehe. Stay safe and take care <3 <3 <3 <3 <3
Varah varah reethi mi bai vx…..e jameela zaya ah hadhaafaane gotheh vx neyge…..curiously waiting for the nxt part….lysm
Awww thank you so much Kairaa ? ? ? Yh jameelaa hama konmefadha gotheiy es hadhaafaane kanneynge dhw. Balamaa! Yes keep waiting for the next episode ? ? Love you too dear <3 <3 <3 <3 <3
Mi prt vx vv reethi ekm nihaan aai zaayaa dhuru nukurahchey
TC
LYSM
STAY HOME #STAY SAFE #
Awww thank you so much Lilly ? ? ? Dhurunukou veythoa balaanan inge. Hehe. Take care. Love you too and stay safe at home <3 <3 <3 <3
Dhonthy What is mean by maliakaage ޟަމީރު
Zameeruge seedhaa maanaeiy dhonthi akau neynge. Radheefga huri maanathau kiyaaladheefaanan.
insaanaage etherfuh
hithuga vanhanaa kuraa konme echcheiy
Hiy
Sikundi
Miee dhonthi radheef balaali iru eyga huri maanathau. Anehhen bunangnaa eiy amilla nafsu kanneynge ? ? ? Olhunfilaifi kamau unmeedhukuran ? ?
Yes ..zameer aky amihlla nafsu
Hey dhonthii … vrh reethi mi part vxx ..zaya ah dhera gotheh nuhadhahche .. and cover pic ah bunulaany Hama dhe pic vx salhi … appreciate Hama dhonthi ge work ah ..lysm❤️
Be safe
Hey dhonthii … vrh reethi mi part vxx ..zaya ah dhera gotheh nuhadhahche .. and cover pic ah bunulaany Hama dhe pic vx salhi … appreciate Hama dhonthi ge work ah ..lysm❤️
Be safe
Hey Niuko ? ? ? Thank you so much dear. Aan dhn varau balaanan Zaayaa au dheragotheiy nahadhaa veythw inge. Hehe. Awwww once again thank you so much Niuko <3 <3 <3 ? ? It really means a lot for me. Love you too and stay safe <3 <3 <3 <3 <3 <3 <3 <3 <3