ޒާޔާ (އެގާރަވަނަ ބައި)
“ބައްޕާ! އެ ދައްތަ އަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަށް ބައިވަރު އެއްޗެހިވެސް ހޯދަދީފަ އެބަހުރި. އެހެންމީހުނާ ވަރަށް ތަފާތު ދައްތައެއް އެއީ. އަހަރެންވެސް ވަރަށް ބޭނުން އެ ދައްތަ އަހަރެންގެ ކައިރީގަ މިގޭގަ އުޅެން. އަހަންނަށް ވަރަށް އަޅާލާ ވަރަށް އޯގާތެރިވާ ދައްތައެއް އެއީ. އެކަމަކު ބައްޕާ! ބައްޕައަށް ހީވޭތަ ތީ ރަނގަޅު ކަމެއްހެން؟” ޒާޔާ އާނއެކޭ ބުނާނެ ކަމަށް އުންމީދުކޮށްގެން ހުއްޓައިވެސް ޒާޔާގެ ފަރާތުން އިވުނީ އެހެން ވާހަކަތަކެކެވެ. ޒާޔާ ދެއްކި ވާހަކަތަކުންވެސް އޭނާ އެކަމަށް އެއްބަސްވާކަން ނިހާންއަށް އެނގެއެވެ. ބުނަން ނުކެރިގެން އުޅެނީ ކަންނޭނގެއެވެ. “އާނ ދަރިފުޅާ! ބައްޕަ ގަބޫލެއްނުކުރަން މީ ގޯސްކަމަކަށް ވާނެކަމަކަށް. ބައްޕައަށް ޖަމީލާ ކަމުގޮސްގެން މިއުޅެނީ. އޭނަގެ ރަނގަޅު ސިފަތައް ފެނިފަ. އޭނަގެ އެ ހުންނަ ލަދުވެތިކަން ފެނިފަ. ވަރަށް ވަރަށް ކަމުގޮސްގެން މިއުޅެނީ. ބައްޕަ ކޮންމެއަކަސް ވަރަށް ބޭނުން ޖަމީލާ ބައްޕަގެ މީހަކަށް ހަދަން މިހާރު. އެކަމަކު އެއީ ދަރިފުޅު އެކަމަށް ރުހުނިއްޔާ. ބައްޕަ ބޭނުމެއްނޫން ބައްޕަ ކިތަންމެ ބޭނުންވިޔަސް ދަރިފުޅު ނުރުހޭ ކަމެއް ކުރާކަށް.. ދަރިފުޅު ބުނެބަލަ. ބައްޕަގެ މި އެދުމަށް ދަރިފުޅު އެއްބަސްތަ؟” ނިހާން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އަތުގައި ހިފަހައްޓައިލިއެވެ. ޒާޔާ ނިހާންގެ މޫނަށް ބަލައިލިއިރު އެ ދެލޮލުން ފެނިގެން ދިޔައީ އާދޭހެވެ. މިކަމަށް އާނއެކޭ ބުނާށޭ އެ ދެލޮލުން ބުނާ ފަދައެވެ.
ބައްޕަ އެހާ ބޮޑަށް އެކަމަށް ބޭނުންވެފައިވީއިރު އެކަމަށް އިންކާރުކުރާކަށް ޒާޔާ އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އޭނާ ދޮންމަންމަޔަކު ބޭނުމެއްނުވެއެވެ. އެކަމަކު ހުރިހާ އެންމެންވެސް އެއްގޮތެއް ނުވާނެތާއެވެ. ހަމަ އެގޮތަށް ހުރިހާ ދޮންމަންމައިންނެއްވެސް އެއްގޮތެއް ނުވާނެއެއްނޫންހެއްޔެވެ؟ ވަރަށް ވިސްނަން އިނުމަށްފަހު ޒާޔާ އަނެއްކާވެސް އޭނާގެ ބައްޕަގެ މޫނަށް ބަލައިލިއެވެ. އަދި މަޑުމަޑުން ބޯ ޖަހައިލިއެވެ.
ނިހާން އަށް ލިބުނު އުފާ ބަޔާންކުރަންވެސް ދަތިވި ކަހަލައެވެ. ބައްޕަގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ފެނި ޒާޔާއަށްވެސް ހިނިތުންވެވުނެވެ. ޒާޔާ ހިތާއި ދެކޮޅަށް ނަމަވެސް އެކަމަށް އެ އެއްބަސްވީ އޭނާގެ ބައްޕައަށްޓަކައެވެ. ބައްޕަ އުފަލުން ހުރީތީއެވެ. ބައްޕައަށް އިޚްތިރާމްކުރުމުގެ ގޮތުންނެވެ. ބައްޕަ ބޭނުމިއްޔާވެސް އޭނާ ކައިރީ ނައިހައި ބައްޕަ އެ ބޭނުންވާގޮތަށް ކަންތައް ކުރެވުނީހެެވެ. އެހެންނަމަވެސް މިއަދު އޭނާގެ ބައްޕަ އޭނާ ދެކެ ވާ މަތިވެރި ލޯބި މާ ބޮޑަށްވެެސް ހާމަވެގެން ހިނގައްޖެއެވެ. ބައްޕަ އަމިއްލަ އިޚުތިޔާރުގައި ކުރެވެން އޮތް ކަމެއްގައިވެސް އޭނާގެ މަޝްވަރާއާއި ލަފާ ހޯދީތީއެވެ. އެފަދަ ބައްޕައެއް ދެއްވި ކަމަށްޓަކައި ޒާޔާއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.
ޒާޔާގެ ކޮޓަރިން ނިހާން ނުކުތްއިރު އޭނާ ހުރީ ނުލާހިކު ހިތްހަމަޖެހިފައެވެ. ޒާޔާ އާނބަސް ބުނުމުން އޭނާއަށް ދެން އިތުރަށް ބޯ ހާސްވާކަށް ނުޖެހޭނެއެވެ. އަބަދު ބޮލުގައި ރިއްސާފައި ހުންނާކަށް ނުޖެހޭނެއެވެ. މިހާރު ހަމަ ހަމަޖެހިލައިގެން އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފަށަންވީއެވެ. ޒާޔާގެ ޙާލަކީތޯއެވެ. ނިހާން ކޮޓަރިން ނުކުތުމާއިއެކުހެން މޫނުގައި ދެއަތް އަޅައި ރޯން ފެށީއެވެ. އެކަމާ ދެކޮޅު ހެދުނުނަމައޭ އެތައްފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ބައްޕަގެ އުފަލަށް ވިސްނާފައި އެ ނޫންގޮތެއް ޒާޔާއަށް ނުވިސްނުނީއެވެ. އެންމެ ރަނގަޅެވެ. ދުވަސްކޮޅަކުން ޖަމީލާ ވާނީ އޭނާގެ ދޮންމަންމައަކަށެވެ. ވާގޮތެއް ބަލަމާހެއްޔެވެ. އުންމީދަކީ ޖަމީލާ އެހެން ދޮންމަންމައިންނާއި ތަފާތު ރަނގަޅު ދޮންމަންމައަކަށް ވުމެވެ. ޒާޔާ ދެއަަތް އުފުލާ އެކަމަށް އެދި ދުޢާ ކުރިއެވެ.
އެދުވަހުގެ މެންދުރުގެ ކެއުމަށް އުސްމާންގެ ފަރާތުން ނިހާންއަށް ދައުވަތު ލިބުނެވެ. ނިހާން އާއިއެކީ ޒާޔާވެސް ގެނައުމަށް އުސްމާން ވަނީ ބުނެފައެވެ. ޒާޔާވެސް އެއްވެސް ދެކޮޅުހެދުމެއްނެތި އެ ދަޢުވަތު ޤަބޫލުކުރިއެވެ. ނިހާންގެ ގަމީހާއި ފަޓްލޫނު އިސްތިރި ކުރުމުގައި ލިލިއަން އުޅުނެވެ. މިއަދު މީ ނިހާން އަށް ތަންކޮޅެއް ޚާއްޞަ ދުވަހެއްކަމުން ލިލިއަން ވީހާވެސް އޮމާންކޮށް އެ ގަމީސް އިސްތިރިކުރެވޭތޯ ބެލިއެވެ. ޒާޔާ އޭނާގެ އަލަމާރިން ކަޅު ކުލައިގެ ހެދުމެއް ނެގިއެވެ. އެ ހެދުމަކީ ޒިޔާނާ ޒާޔާއަށް ފަނަރަ އަހަރު ފުރުނު ދުވަހު އޭނާއަށް ގަނެދިން ހެދުމެކެވެ. ފެންވަރައި ރީތިވެގެން ނުކުމެ ޒާޔާ އެ ހެދުން ލިއެވެ. ކުރިއަށްވުރެ އެ ހެދުން ތަންކޮޅެއް ކުރުހެންވެސް ޒާޔާއަށް ހީވިއެވެ. ކުރިން އެ ހެދުން ލީއިރު ހެދުމުން ކުޑަކުޑަތަންކޮޅެއް ބިންމަތީގައި ކޭއްތެއެެވެ. އެކަމަކު މިހާރު އެ ހުރީ ފައިތިލައާއި ހަމައަށެވެ. ހެދުމުގެ އަތް ކުރުވެފައި ގަޔަށް ދުލެވެ. މާ ގޮތްބޮޑު ނޫނަސް އެ ހެދުން ޒާޔާއަށް ވަރަށް ރިއްޗެވެ. ގަޔަށް ބާރު އެއްޗެހި ލުމަކީ ޒާޔާ އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ. މޭކަޕް ކުރުމަކީ އަދި އަމުދުން ޒާޔާ އެހާ ރުހޭ ކަމެއް ނޫނެވެ. މޭކަޕް ނުކުރިއެއްކަމަކު ޒާޔާ ހުންނަނީ ނުލާހިކު ރީތިކޮށެވެ. މޭކަޕް ކޮށްގެން މީހާގެ މޫނު ދޮންވެފައި ރީތިހެން ހީވިޔަސް ޙަޤީޤަތުގައި އެއީ މޫނު ރީތިވާނެކަމެއްނޫނެވެ.
ނިހާންމެން އަންނަންވާއިރަށް ޖަމީލާ އާއި ޖޫލީ ބަދިގެތެރޭ ހުރިހާ ކަމެއް ނިންމައިލައިފިއެވެ. އުސްމާން ކައިރީ އަހައިގެން ނިހާން އާއި ޒާޔާއަށް އެންމެ މީރު ވާނެ ކާ އެއްޗެހި ޖަމީލާ ވަނީ ޖޫލީ އާއިއެކީ ތައްޔާރުކޮށްފައެވެ. މޭޒުމަތި ތައްޔާރުކުރުމަށްފަހު ޖަމީލާ ދިޔައީ ނިހާންމެން އަންނަންވާއިރަށް ފެންވަރާ ރީތިވާށެވެ. އޭނާ ބޭނުންވީ ވީހާވެސް ފެޝަން ހެދުމެއް ލައިގެން ނިހާން ކުރިމައްޗަށް އަރާށެވެ. އެކަމަކު އެގޮތް ނިހާންއަށް ކަމުނުދާނެތީ ޖަމީލާއަށް މަޖުބޫރުވެފައިވީ އެ ބޮޑު ކަޅުފޮތިގަނޑު އަޅައިގެން އުޅޭށެވެ. ފެންވަރައިގެން ނުކުމެ ހެދުން ލުމަށްފަހު އޭނާ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. “އަޅެ ދެން! އަހަރެން ބޭނުމެއްނޫން އޭތި އަޅައިގެން ނުކުންނާކަށް. އެހެންނޫނީ މިއޮތް ރީތި އިސްތަށިގަނޑުވެސް އޭނައަކަށް ނުފެންނާނެ. ހަހް. ފަހުން ފެންނާނެތާ ދޯ! ޗިލް ޖަމީލާ. އޯކޭ. ވެއިޓް ފޯރ ދަ ރައިޓް ޓައިމް.” ލޯގަނޑު ކުރިމަތީ ހުރެ އަމިއްލައަށް އެކިއެކި ވައްތަރު ޖައްސަމުން ޖަމީލާ ދިޔައެވެ. މި ހީވަނީ ފިލްމެއްގެ ޝޫޓިން އަކަށް ޖަމީލާ ތައްޔާރުވަމުންދަނީހެނެވެ. “ޖަމީލާ!” އުސްމާން ގޮވައިލި އަޑަށް ޖަމީލާ ތެޅިގަނެފައި އެނދުމަތީ އޮތް ބޮޑު ބުރުގާ އަޅައި މޫނުފޮތިކޮޅު އަޅައިލިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޖަމީލާ ކޮޓަރިން ނުކުތެވެ. އެވަގުތު އޭނާ މިއަދު ހެނދުނު އާލިޔާ އަތުން ގެނައިސް އޭނާގެ އަލަމާރިއަށްލީ ކުޑަ ފުޅިއެއްގެ މަތިން އޭނާ ހަނދާން ނެތިފައިވިއެވެ.
ޖަމީލާ ސިޓިންގް ރޫމަށް ނުކުތުމުން ނިހާން އާއި ޒާޔާއަށް ޖަމީލާއާއި ދިމާލަށް ބަލައިލެވުނެވެ. ނިހާން އަށް އެނޫން ދިމާލަކަށް ބަލަން ނޭނގިފައި އިން އިރު ޒާޔާ ހިނިތުންވެލިއެވެ. ޖަމީލާވެސް ހިނިތުންވެލުމަށްފަހު ނިހާންއާއި ދިމާލަށް ބަލައިވެސްނުލައި ގޮސް ޒާޔާ ކައިރިއަށް ދިޔައެވެ. ޖަމީލާ ނިހާން އާއި ދިމާލަށް ނުބެލިއެއްކަމަކު ނިހާން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިންކަން ޖަމީލާއަށް އިނގެއެވެ. އޭނާގެ ހިތް މޭ ތެރޭ އޮވެ ނަށަނީއެވެ. ޒާޔާ ސޯފާއިން ތެދުވުމުން ޖަމީލާ ޒާޔާ ގައިގައި ބައްދައިލިއެވެ. “ކިހިނެތްތަ ޒާޔާ؟” ޒާޔާ އާއި ދުރުވެލަމުން އޭނާގެ ދެއަތުގައި ހިފަހައްޓަމުން ޖަމީލާ އެހިއެވެ. “ރަނގަޅު އަލްޙަމްދުލިއްﷲ.” ޒާޔާ އެހެން ބުނުމާއިއެކީ ޖަމީލާ ޒާޔާ ގޮވައިގެން ބަދިގެއަށް ދާން ހިނގައިގަތެވެ. ނިހާންވެސް އުސްމާނާއިއެކީ ބަދިގެއަށް ދިޔައެވެ.
“ބޮޑުބޭ ކޮބާތަ ނޫމާން؟” ޒާޔާ އާއި ދިމާލަށް ވަށްކަޅިން ބަލައިލަމުން ޖަމީލާ އެހިއެވެ. އެވަގުތުވެސް އޭނާ ކޮންމެވެސް ގޮތަކުން ނިހާންގެ ހިތުގައި ޒާޔާއާއި ދޭތެރޭ ޝައްކު އުފައްދަން މަސައްކަތްކުރިއެވެ. “ނޫމާން ވެއްޖެ އޭނަ މަންމަ ކައިރީގަ. ޖޫލީ ގޮސް ނޫމާނަށް ގޮވާބަލަ. ނޫމާން އައީމަ ޖޫލީ އެކޮޓަރީ މަޑުކުރޭ.” ޖޫލީ ބޯ ޖަހައިލުމަށްފަހު އުސްމާން ބުނި ބުނުމަށް ނޫމާނަށް ގޮވަން ދިޔައެވެ. ޖޫލީ އެ ކޮޓަރިއަށްވަދެ ނޫމާން ކައިރީ ނިހާންމެން އައިސް ތިބި ވާހަކަ ބުނެލައިފިއެވެ. އެއާއިއެކު ނޫމާން އޭނާގެ މަންމައަށް ބަލައިލުމަށްފަހު ޖޫލީ ކައިރީ އެތާ މަޑުކުރަން ބުންޏެވެ. ޖޫލީ އައިސް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނުމުން ނޫމާން ކޮޓަރިން ނުކުތެވެ.
ކަމުން ދިޔަ ވަގުތު ޒާޔާ އާއި ޖަމީލާ އާއި ދެމެދު އެކިކަހަލަ ވާހަކަތައް ދެކެވުނެވެ. ދޭތެރެ ދޭތެރެއިން ނިހާން އާއި ޖަމީލާ ސިއްރު ނަޒަރުތައް ބަދަލުކޮށްލައެވެ. އެއިން ކޮންމެ ފަހަރަކު ޖަމީލާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެއެވެ. ނިހާންގެ ތުންފަތަށްވެސް މާނަވީ ހިނިތުންވުމެއް ވެރިވެއެވެ. ޒާޔާއަށް މި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ފާހަގަވެއެވެ. އޭނާ އެކަމާ ދެރަވެސް ވެއެވެ. ޒާޔާ އާއި ޚިލާފަށް އުސްމާން މި މަންޒަރު ފެނި އުފާކުރެއެވެ. ދުލުން ނުބުންޏެއްކަމަކު އުސްމާން އެ ހުންނަނީ ޖަމީލާ އާއި ދޭތެރޭ ނުހަނިު ހިތްހަމަޖެހި އުފާވެފައެވެ. ދުވަހަކުވެސް މިކަހަލަ އެދެވޭ ބޮޑު ބަދަލެއް އޭނާގެ ދިރިއުޅުމަށް އައިސްފާނެކަމަކަށް އުސްމާނަށް ކުރިން ހީކުރެވިފައެއް ނެތެވެ.
“ނޫމާން އާދޭ ކާން. މީނީނު ޒާޔާވެސް. އާދޭ މިތާ އިށީންނަން.” ޒާޔާ އާއި ޖެހިގެން ހުރި ގޮނޑި ދައްކަމުން ޖަމީލާ ބުންޏެވެ. ޖަމީލާ ޒާޔާ ކައިރީ ނީނދެ އުސްމާން ގާތުގައި އިނީ ހަމަ ގަސްތުގައެވެ. ނޫމާން ޒާޔާ ކައިރީގައި އިށީނިއްޔާ ޔަޤީނުންވެސް ޒާޔާ ލަދުގަންނާނެކަން ޖަމީލާއަށް އިނގެއެވެ. އޭރުން ޒާޔާގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ނިހާން އަށް ފެނި ނިހާންގެ ހިތުގައި ޝައްކު އުފެދޭނެއެވެ. އެހެންވެއްޖެއްޔާ ކިހާ ރަނގަޅު ހެއްޔެވެ؟ މިކަހަލަ ޚިޔާލުތަކެއްގައި ހުރެ ޖަމީލާ ނޫމާނަށް ކާން ހަދައިދިނެވެ.
ޖަމީލާ ހީކުރި ގޮތަށް ޒާޔާ އިނީ ލަދުގަނެފައެވެ. އިސްޖެހި ގޮތަށް އިސްއުފުލާލަން ބޭނުންނުވެފައި އިން ކަހަލައެވެ. ޒާޔާ ކައިރީގައި އިން ނޫމާނަށް އެއީ ވާކަމެއްކަމަށް ހަދައިވެސްނުލައި ކަމުން ދިޔައެވެ. ޖަމީލާ ހީކޮށްގެން ހުރީ ނޫމާން ޒާޔާއާއި ގާތްވާން އުޅޭނެ ކަމަށެވެ. އެހެނަސް އެކަމެއް އެހެނެއް ނުވިއެވެ. ނޫމާން ހަމަ އޭނާގެ ބައްޕަ އާއި ނިހާން އާިއ ފޯރީގައި ވާހަކަދައްކަމުން ކަމުން ދިޔައެވެ. ޖަމީލާ އިނީ އެކަމާ މޫނު ކުނިކޮށްލައިގެންނެވެ. ކޮންމެއަކަސް އެދުވަހުގެ މެންދުރުގެ ކެއުން ދިޔައީ އެފަދަ ގޮތަކަށެވެ. ކެއުން ނިންމައިލުމަށްފަހު ނޫމާނާއި ޒާޔާ އެމީހުންގެ ބައްޕަމެންގެ ހުއްދައާއިއެކީ ފަވާޝަތުމެން ގެއަށް ދިޔައެވެ. ނިހާން އެގޭގައި މަޑުކޮށްލީ ޖަމީލާ އާއި އުސްމާނާއި ކުޑަކޮށް މަޝްވަރާކޮށްލައި ވާހަކަ ދައްކައިލުމަށެވެ.
ރަށުގެ ބޮޑު ބިޔަ ޖަންގަލިތެރޭ ހެދިފައި ހުރި ބޮޑު މިދިލި ގަހެއްގެ އޮފިގަނޑާއި ދިމާލުން އަންހެން ކުއްޖަކު ކުކުރާ އަޑު އިވެއެވެ. އޮފިގަނޑު ހެލެން ފެށުމުން އެކުއްޖާ އެތަނުން ތެދުވަން މަސައްކަތްކުރަނީކަން އެނގެއެވެ. އެހެނަސް ހަށިގަނޑުގައި އަޅާ ގަދަ ވޭނެއްގެ ސަބަބުން އެކުއްޖާއަށް އެ އޮފިގަނޑުން ތެދުވުން ވީ މުސްތަޙީލު ކަމަކަށެވެ.
މަލައިކާ އޮތީ މިދިލި ގަހުގެ އޮފިގަނޑާއި އެ ގަހުގެ ކައިރީގައި ހުރި ބޮޑު ގަހުން ދެމިފައި އޮތް އޮފިގަނޑުގެ ދޭތެރޭ ތާށި ވެފައެވެ. ހަށިގަނޑުގައި ބާރު ހުއްޓެއްކަމަކު އޭނާއަށް ރޫޙާނީ ގޮތުން ލިބިފައި ހުރި ހުރިހާ ބާރެއް ނެތި ދިއުމުގެ ސަބަބުން އޭނާއަށް އެ ދެ އޮފިގަނޑު ދޭތެރެއިން ދެމިގަންނަން އުނދަގޫވިއެވެ. ފަތްތައްވެސް ގިނަވެފައި އޭނާގެ ހަށިގަނޑުގައި ކޭއްތޭ ވަރުން ހަށިގަނޑު ހިރުވަމުން ދިޔައެވެ. އެކަމަށްވެސް ކެތްކުރަމުން މަލައިކާ އެ ދޭތެރެއިން ދެމިގަންނަން މަސައްކަތްކުރިއެވެ. މިނެޓްތަކެއް ވަންދެން މަލައިކާ އެ މަސައްކަތެއްގައި އުޅެނިކޮށް ކުއްލިއަކަށް ވަރަށް ބާރު ވައިރޯޅިއެއް ޖެހިލިއެވެ. އެއާއިއެކު ދެގަސްވެސް ހެލެން ފެށުމުން މަލައިކާ އެތަނުން އެއް އޮފިގަނޑުގައި ބާރެއްކޮށް ހިފެހެއްޓިއެވެ. ގަސްތައް ހެލުނުލެއް ބާރުކަމުން މިދިލި ގަހުގެ އޮފިގަނޑު ޖެހިގެން އިން ގަހުގެ އޮފިގަނޑާއި ކުޑަކޮށް ދުރުވިއެވެ. ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން މަލައިކާ ވަރަށް ރަނގަޅަށް ހިފިއެވެ. މިދިލި ގަހުގެ އޮފިގަނޑު މައްޗަށް އަރައި އޭގެ މަތިން ހިނގައިލައިފައި ގޮަސް ގަހުން ފޭބިއެވެ. ގަހުން ފައިބައި އަރަން ދަސްވެފައިވާތީ އެއްވެސް ބާރެއް ނެތަސް މަލައިކާ އަށް އެކަން ކުރެވެއެވެ.
ބިމުގައި ފައި ޖެހުމާއިއެއްކޮށް މަލައިކާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަވަސް ނޭވާތަކެއް ލަމުން އޭނާ އުޅޭ ގެގަނޑުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮރުޖަހަމުން އަރިއަރިވެގެންވެސް މަލައިކާއަށް އެ ގެއަށް ވަދެވިއްޖެއެވެ. އޭނާ އެންމެ ބޭނުންވީވެސް އެވަގުތު ފެންފޮދެއް ބޮއެލާށެވެ. ފެންފޮދެއްހާ ހިސާބުވެސް ލިބޭނީ ރަށުތެރެއަށް އަރައިގެންނެވެ. އެކަމަކު މަލައިކާ ރަށުތެރެއަށް އަރާކަށް ބޭނުމެއްނުވިއެވެ. ރަށުތެރެއަށް އަރައިފިއްޔާ އޭނާގެ އަސްލު ސިފަ މީހުންނަށް ފެނިދާނެއެވެ. ރަށު ރައްޔިތުންނަށް އޭނާއަކީ އެ ރަށަށް ހުރި ބޮޑު ބިރެއްކަމަށް ހީކޮށް މޮޅު ފަންޑިތައެއް ހަދައިގެން އޭނާ އެ ރަށުން ފައްސައިލައިފާނެއެވެ. އެހެންވާކަށް އެއްގޮތަކަށްވެސް މަލައިކާ ބޭނުމެއްނުވެއެވެ. މަލައިކާ އަށް އެވަގުތު ވިސްނުނީ ބޭރުގައި ހުރި ރުކުން ކުރުނބާ އަޅާށެވެ. އެކަމަކު އެކަމަށް ބޮޑު ވަޅިއަކާ އެއްޗެހިވެސް ބޭނުންވާތީ މަލައިކާ އެ ޚިޔާލު ދޫކޮށްލިއެވެ. ބޮޑުވަޅިއެއްހާ ހިސާބުވެސް އެ ގޭގައި ނެތީމައެވެ. އަނެއްކޮޅުން މަލައިކާ އެ ހުރީ ވަރުބަލިވެގެން ގޮސް މަރުވާވަރުވެފައެވެ. އެ ޙާލުގައި އޭނާއަކަށް ދިގު ރުކަކަށް ނޭރޭނެއެވެ. އެންމެ ފަހުން މަލައިކާ ނިންމީ އެ ގެއާއި ތަންކޮޅެއް ދުރުގައި ހައްދައިފައި ހުރި ކަރާވެލަކުން ކަރަލެއް ގެނައިސް ކާށެވެ.
ކަރާދަނޑުގައި ފުދޭވަރަކަށް މީހުން ޙަރަކާތްތެރިވާތީ މަލައިކާ އެތާ ހެދިފައި ހުރި ގަހެއްގެ ނިވަލަށް ވަނެވެ. ވެޔޮތަކުގައި އަޅައިފައި ހުރި މާތަކުގައި މާޖައްސައި އުޅޭތީ މިއީ މާޖައްސާ ދުވަސްވަރުކަން މަލައިކާއަށް އެނގުނެވެ. މާޖައްސާތީ ވެޔޮތަކުގައި އަދި ދޮން ކަރަލެއް ނުހުންނާނެކަން މަލައިކާއަށް އެނގުމުން އޭނާ އެތަނުން ދިޔައެވެ. އަދި ފަޅޯ ހައްދާ ސަރަޙައްދަށް ދިޔައެވެ. އެންމެ ކައިރީގައި ހުރި ފަޅޯ ގަހުން ދޮންވެފަ އިން ފަޅޮލެއް ބިނދެގެން މަލައިކާ އަވަހަށް އޭނާ ދިރިއުޅޭ ގެއާއި ދިމާލަށް ދުއްވައިގަތެވެ. އެހިސާބުގަނޑުގައި މީހުން ޙަރަކާތްތެރިވާތީ މަލައިކާ ބޭނުންވީ އެއްވެސް މީހަކަށް ނުފެނި އެތަނުން އަވަހަށް ދެވޭތޯއެވެ.
ގެއާއި ހަމައަށް އާދެވުމުން މަލައިކާ ފަސް އެނބުރި ބަލައިލީ އެއްވެސް މީހަކު ފަހަތުގައި ހުރިތޯއެވެ. މަލައިކާ ހީކުރި ގޮތަށް ފަހަތުގައި އެއްވެސް މީހަކު ނެތުމުން އޭނާ ގެއަށް ވަނެެވެ. އަދި ދޮރު ލައްޕައި ތަންޑު އެޅުވުމަށްފަހު އޭނާގެ ތޫނު ފޭރާ ދަތުގެ ބޭނުންކޮށްގެން ފަޅޮލުގެ ތޮށިގަނޑު މަށައި އޭގެ އޮށްތައް ނައްޓައި ހެދިއެވެ. އެ ފަޅޮލުން އެކަނިވެސް މަލައިކާގެ ބަނޑު ފުރުނެވެ. އެދުވަހަށް ލިބުނު ވަރުން ޝުކުރުކޮށްލައިގެން މަަލައިކާ އެނދުގައި އޮށޯވެލިއެވެ. މިހާރު އޭނާއަށް ކުރެވޭނެ މާ ބޮޑު ކަމެއްވެސް ނެތެވެ. އޭނާއަށް ލިބުނިއްޔާ ލިބިފައި ހުރި ހުރިހާ ބާރެއް އޭނާ އެންމެ ލޯބިވި ކޮއްކޮ އަތުލީއެވެ. ހަމައެކަނި އޭނާ މުސްލިމަކަށްވުމުން އޭނާގެ އާއިލާއިން އޭނާއާއި ދޭތެރޭ ކަންތައްކުރި ގޮތް ނިކަން ދެކިބަލާށެވެ. ދުޝްމިނަކާއި ދޭތެރޭވެސް ކަންތައް ނުކުރާހާ އިހާނެތިކޮށް އޭނާއާއި ދޭތެރޭ ކަންތައް ކުރަނީއެވެ. އޭނާއަށް ލިބިފައި ހުރި ހުރިހާ އެއްޗެއް ގަދަކަމުން އަތުލަނީއެވެ. ދެން ކުރާނީ ފަހެ ކީއްހެއްޔެވެ؟ ކެތްކުރުން ނޫންގޮތެއް ނެތެވެ. މަލައިކާ އަދިވެސް އުންމީދު ކަނޑައިލާކަށް ބޭނުމެއްނުވެއެވެ. އޭނާއަށް ކޮންމެވެސް އެއްދުވަހަކުން އޭނާގެ ބާރުތައް އަނބުރައި ލިބޭނެކަމުގެ ފޮނި އުންމީދު އޭނާއަށް ކުރެވެއެވެ. މި ހުރިހާ ކަމެއް ހިނގައިދިޔައިރުވެސް މަލައިކާ އަށް ފަހުންވެސް ހިތްހަމަޖެހުމެއް އެ ލިބުނީ އޭނާގެ އީމާންތެރިކަން ވަރުގަދަ ކަމުން ކަންނޭނގެއެވެ. މެންދުރު ނަމާދު ނުކުރެވޭކަން ހަނދާންވުމުން މަލައިކާ އަވަހަށް އެނދުން ތެދުވެ މެންދުރު ނަމާދު ކުރުމައިގެން އަވަސްވެގަތެވެ.
ޒާޔާމެނަށް ގެއަށް އާދެވުނުއިރު ޢަޞުރު ވެއްޖެއެވެ. ފަވާޝަތާއި ބައްދަލުކޮށްލެވުނީތީ ޒާޔާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. މިއަދު އޭނާއާއިއެކީ ނޫމާން ދިޔަކަން ހަމަ ނަޞީބެކެވެ. އެހެންނޫނީ އޭނާއަށް މިއަދު ފަވާޝަތުގެ ސޫރަވެސް ނުފެނުނީހެވެ. ޒާޔާއަށް މިއަދު އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ ޒާޔާ ގާތުގައި ހުންނައިރު އާލިޔާއަށް އޭނާވަރުގެ ރަނގަޅު މީހަކު ނުހުރެއެވެ. އެކަމަކު މީހަކު ނެތިއްޔާ އަބަދުވެސް އޭނާގެ ބޮލުގައި ދޮގު ތުޙުމަތު އަޅުވައި އެއްވެސް ސަބަބަކާއި ނުލައި އޭނާއާއި ދިމާލަށް އެއްޗެހި ކިޔައެވެ. އާލިޔާ ބޭނުންވަރަކަށް ޒާޔާއާއި ދިމާލަށް އެއްޗެހި އެ ކިޔަނީ ޒާޔާ ހަނު ހުންނާތީއެވެ. ޒާޔާ ބޭނުމިއްޔާ އެ ހުރިހާ ވާހަކައެއް އޭނާގެ ބައްޕަ ކައިރީގައިވެސް ބުނެވޭނެއެވެ. އެކަމަކު ޒާޔާ އަކީ އެ އުމުރުގެ އެހެން ކުދިންނާއި ޚިލާފަށް އެކަހަލަ ކަންކަމުގައި ހަނު ހުންނަ ކުއްޖެކެވެ.
ހެދުން ބަދަލުކުރުމަށްފަހު ލެޕްޓޮޕް ހިފައިގެން ޒާޔާ އެނދުގައި އިށީންދެލިއެވެ. ޓަރމް ޗުއްޓީއަށް ހަދަން ދީފައި ހުރި އެސައިންމެންޓްތައް ހަދަން ޖެހޭތީ ޒާޔާ ބޭނުންވީ އެ އެއްޗެހި އަވަހަށް ހަދާ ނިންމައިލާށެވެ. އެކަމަކު އެހާ ގިނަ އެސައިންމެންޓުތައް ހަދަން ދީފައި ހުރުމުން އެއްދުވަސް ތެރޭ އެ ހުރިހާ އެއްޗެއް ނުނިންމޭނެކަން ޒާޔާއަށް އިނގެއެވެ. ފަރިތަކަމާއިއެކު ޓައިޕް ކުރަމުން ޒާޔާ ދިޔައިރު މަލައިކާ މަތިން ހަނދާންވިއެވެ. މަލައިކާ ހުރިނަމަ އޭނާއަށް ވަރަށް ފަސޭހައިން އެ އެއްޗެހި ނިންމައިލެވުނީހެވެ. އެހެނީ ޒާޔާއަށް ނޭނގޭ ކިތަންމެ އެއްޗެއް މަލައިކާ ބުނެދެއެވެ. މަލައިކާ ހެޔޮ ޙާލުގައި ލެއްވުން އެދި ދުޢާ ކުރަމުން ޒާޔާ ފިލާވަޅު ހެދުމައިގެން ކުރިއަށް ދިޔައެވެ.
ޖަމީލާގެ ކޮޓަރީގައި މަޑުމަޑުން ލަވައެއްގެ އަޑު ގުގުމަމުން ދިޔައެވެ. ހެޑްސެޓް ޖަހައި އަޑުބާރުކޮށްގެން ފޯނު ހިފައިގެން ޖަމީލާ ފޯނާއި ކުޅެން އޮތެވެ. ލަވައިގެ ރާގާއި އެއްވަރަށް ފައި ހަލުވަމުން ލަވަ ކިޔަމުން ޖަމީލާ ދިޔައެވެ. “ލޮލުން އޮހޮރޭ އެ ކޯރު ލިބުމުން އުފަލާ ވޭނާ ހޫނު. އެކި ޒަމާންތައް އެހާރު ދެކެފަ ވެޔޭ އަސަރާ އައްދިއްޔޯއި މަގޭ ފައި..” ޖަމީލާ ލަވަ ކިޔަމުން ފައިހަލުވަމުން ގޮސް ފައިގެ ކަށިމަތި އެނދުގެ ފައިލާކޮޅުގައި ހުރި ލަކުޑިގަނޑުގައި ޖެހުމުން އެރި ތަދަކުން އޭނާގެ ތުން ދެމިގެން ދިޔައެވެ. އަރައިގަތް ރުޅިން އޭނާ އެއްޗެހި ކީ އެ ލަކުޑިގަނޑަށެވެ. ޖަމީލާގެ މިޒާޖު ހުންނަ ގޮތުން ނުދިރޭ އެއްޗިއްސަށްވެސް އެތިވަރު ގޮވާފާނެއެވެ. ޖަމީލާގެ ބޯ ތަނެއްގައި ޖެހުނަސް އެއީ ޖަމީލާ ދެކޭ ގޮތުގައި އެތަނުގެ މައްސަލައެކެވެ. އޭނާގެ އަތުން އެއްޗެއް ވެއްޓުނަސް އެއީ އޭތީގެ މައްސަލައެކެވެ. އެކަމަކުވާ ޖަމީލާ މޮޔައެއްނޫންހެއްޔެވެ؟ އޭނާ އުޅޭގޮތް ފެނިފައި އޭނާ އެހުރީ ހަމައިގައިހެއްޔޭވެސް ބަޔަކު މީހުން އަހައިފާނެއެވެ.
ޢަޞުރު ނަމާދުކޮށްލައިގެން ފަވާޝަތު އޭނާގެ ކޮޓަރިން ނުކުމެ އާލިޔާގެ ކޮޓަރިއަށް ދިޔައެވެ. އޭރު އާލިޔާ އޭނާގެ ފޯނާއި ކުޅެން އޮތެވެ. އާލިޔާ އޮތްގޮތުން އޭނާގެ ފޯނުގެ ސްކްރީން އިނީ ފަވާޝަތަށް ރީތިކޮށް ފެންނާނޭ ގޮތަށެވެ. ފޯނުގެ ސްކްރީނު ފެނި ފަވާޝަތަށް ދެފަރާތަކަށް ބޯ ހޫރުވައިލެވުނެވެ. މިދުވަސްކޮޅު އާލިޔާ ގިނަ ވަގުތު ހޭދަކުރަނީ ސީރީސް ބެލުމުގައެވެ. ދުނިޔޭގައި އުޅި މުސްކުޅިވާިރުވެސް އާލިޔާ އެ އުޅެނީ މި ޒަމާނުގައި ޒުވާނުން އުޅޭގޮތަށެވެ. ޒަމާނަށް ފެތެންވާނެއޭ ކިޔައިފައި އާލިޔާ އެއުޅެނީ މާ ރަނގަޅަކަށް ނޫނެވެ. އާލިޔާއެކޭ އެއްގޮތަށް ގިނަ ޒުވާން ކުދިންވެސް ޒަމާނަށް ފެތެންވާނެއޭ ކިޔައިފައި އެންމެ މުހިންމު ކަންތައް ދޫކޮށްލަނީއެވެ.
“ބޮޑުދައިތާ!” ފަވާޝަތުގެ އަޑަށް އާލިޔާ ފިލްމު ޕޯސް ކޮށްލުމަށްފަހު ފަވާޝަތަށް ބަލައިލިއެވެ. “ކީއްވީ؟” ފަރުވާކުޑަ ރާގަކަށް އާލިޔާ ސުވާލުކުރިއެވެ. “އެންމެ ރަނގަޅުތަ ބޭރަށް ގޮސްލިޔަސް. ވަރަށް ފިނި ވައިޖެހެއެއްނު.” އެތައް ދުވަހަކަށްފަހު ފަވާޝަތު އާލިޔާ ކައިރިން ބޭރަށް ދިޔުމުގެ ހުއްދައަށް އެދުނެވެ. އޭނާ ސުވާލުކުރި ރާގުން އޭނާ ނުތަނަވަސްވެފައި ހުރިކަން ވަރަށް ރަނގަޅަށް އެނގެއެވެ. “ދާންވީނު. ތި ދާ ތަނަކަށް ގޮސް ތެޅިތެޅިފަ އައިމަ ވީނު.” އާލިޔާ ވާހަކަ ދެއްކި ރާގުން ފަވާޝަތަށް އިސްޖަހައިލެވުނެވެ. އާލިޔާ އެހެން ބުނުމުން ފަވާޝަތަށް ބޭރަށް ނުކުންނާކަށް ނުކެރުނެވެ. އިސްޖަހައިގެން ހުރެ އާލިޔާ އެ ކޮޓަރިން ނުކުތެވެ. ގޭގައި ހުރެހުރެ މިހާރު އެ މަންޖެ މިހާރު އެހުރީ މަރުވާވަރުވެފައެވެ.
ފަވާޝަތު ކޮޓަރިއަށް ގޮސް އޭނާގެ ފޯނު ނެގިއެވެ. އެތައް ދުވަހަކަށްފަހު މިއަދު ޒާޔާއާއި ބައްދަލުކޮށްލެވުނީތީ ފަވާޝަތު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް ޖަލުގައި ބަންދުކޮށްފައި އިންނަ ޤައިދީއެއްހެން ގޭގައި ހުންނަން ވުމުން ފަވާޝަތު ހުންނަނީ މޫޑު ޚަރާބުވެފައެވެ. އޭނާ އެންމެ ފަހުން ޒާޔާ އެންމެ ފަހަކަށް އޭނާއަށް ދިން ވާހަކަ ފޮތެއް ހިފައިގެން އޮށޯތެވެ. ބިރުވެރި ވާހަކައަކަށް ވީތީ ފަވާޝަތު ނިކަން ޝައުޤުވެރިކަމާއިއެކީ އެ ކިޔަން ފެށިއެވެ. ވާހަކަ ކިޔަމުން ދިޔައިރު ފަވާޝަތު އޮތީ ބިރުން ނިޔަފަތި ހަފާލަ ހަފާލައެވެ. ލިޔުންތެރިޔާ ވާހަކައިގެ ތަންތަންކޮޅު ސިފަކޮށްދީފައި ހުންނަލެއް މޮޅުކަމުން ހީވަނީ ދެންމެ ދެންމެ އައިސް އެއްޗެއް ހަފައިގަނެފާނެހެންނެވެ. ކިތަންމެ ބިރުން އޮތަކަސް ފަވާޝަތު އެ ވާހަކަ ނުކިޔައި ބާއްވާކަށް ބޭނުމެއް ނުވިއެވެ.
އިރުއޮއްސޭ ވަގުތު ގާތްވުމުން މަލައިކާ ބޭނުންވީ ރަށުގެ ތުނޑީކޮޅަށް ދާށެވެ. ޒާޔާ އާއި ދިމާވެދާނެ ކަމުގެ ކުޑަ އުންމީދެއް އެ ހިތުގައި އޮތީތީއެވެ. އެކަމަކު މަލައިކާ އެންމެ ޖެހިލުންވަނީ އޭނާގެ އަސްލު ސިފައިގައި ޒާޔާ އާއި ކުރިމަތިލާން ޖެހިދާނެތީއެވެ. އެންމެ ފުރަތަމަ ޒާޔާ އާއި ބައްދަލުވި ރޭވެސް އޭނާ ހުރީ ހަމަ އެ ސިފައިގައެވެ. އެދުވަހު ޒާޔާ ބިރުން ހުރިވަރު މަލައިކާއަށް ވަނީ ފެނިފައެވެ. މަލައިކާ އެހާ އަވަހަށް އޭނާގެ ޙަޤީޤަތް ޒާޔާއަށް ހާމަކުރާކަށް ބޭނުމެއްނުވެއެވެ. އެކަމަކު މިއަދު މި ދިމާވެފައި އޮތްގޮތުން އޭނާއަށް ޖެހޭނީ އޭނާގެ އަސްލު ސޫރައިގައި ޒާޔާއާއި ބައްދަލުކޮށް ޒާޔާއަށް އޭނާގެ ޙަޤީޤަތް ހާމަކުރަންކަން މަލައިކާއަށް އެނގުނެވެ. އެ ނޫން އެއްވެސް ގޮތެއް މިއަދު މަލައިކާއަކަށް ނެތެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައޭ ހިތައި މަލައިކާ ނިންމީ ވީހާވެސް އަވަހަކަށް އޭނާގެ ޙަޤީޤަތް ޒާޔާއަށް ހާމަކުރާށެވެ.
އޭގެ ހަފްތާއެއްފަހެވެ. ހުކުރު ނަމާދުން ފައިބައިގެން ހުރިހާ ފިރިހެންވެރިން އެކަކު އަނެކަކާއި ސަލާންގަލާންކޮށް އެމީހެއްގެ ގެއަށް ދިޔައެވެ. އެހެންމީހުނާއި ޚިލާފަށް މިއަދު ނިހާންގެ މޫނުމަތިން މާ ބޮޑަށްވެސް އުފާވެރިކަން ފާޅުވާން ހުއްޓެވެ. މިއަދު މީ ނިހާންގެ ދިރިއުޅުން މުޅިން އައު ބާބަކުން ފެށޭނޭ ދުވަހެކެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ގެއަށް ދިޔަ ނިހާންއަށް ނޭނގުނު ކަމަކީ މިއީ އޭނާގެ ދިރިއުޅުމުގެ ހަލާކުގެ ފެށުންކަމެވެ. އޭނާގެ މައުސޫމް ދަރިފުޅުގެވެސް މެއެވެ.
މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ޒާޔާ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. މިއަދު އޭނާ އެއްވެސް މީހަކާ ވާހަކަ ދައްކާހިތެއްނުވިއެވެ. މިއަދު މީ އޭނާގެ ބައްޕަ އެހެން މީހަކާއި ކައިވެނި ކުރާ ދުވަހަށްވުމުން ޒާޔާ ހުންނަނީ ފާޑެއްގެ އުނދަގުލެއްވެފައެވެ. އަބަދުވެސް އޭނާގެ ސިކުނޑި ތެރޭ ނުބައި ޚިޔާލުތައް އެނބުރެނީއެވެ. ކިތަންމެ ފަހަރަކަށް އޭނާގެ ބައްޕަ ކައިރީ އެކަން ހުއްޓައިލުމަށް ބުނަން ހިތަށް އެރިއެވެ. އެހެނެއްކަމަކު ކުރިން އޭނާއަށް އެކަމަށް އެއްބަސްވެވިފައިވަނިކޮށް ދެން އަނެއްކާ އެކަމާ ދެކޮޅު ހެދީމާ ބައްޕަ ހީކުރާނީ ކީކޭހެއްޔެވެ؟ ބައްޕަ އެހާ އުފަލުގައި ހުއްޓާ އެކަން ހުއްޓައިލަން ބުނުމުން ބައްޕަ ހިތްހަމަނުޖެހިދާނެއެވެ. ޒާޔާ އޭނާގެ ބޮލަށް ދެއަތް މަހައިލައިގެން އިނީ އޭނާގެ ބޮލުގައި އުފެދުނު ތޫނު ރިހުމެއްގެ ސަބަބުންނެވެ. ޒާޔާ އެންމެ ފަހުން އެނދުގައި އޮށޯވެ ދެލޯ މަރައިލިއެވެ. މާ ގަދަޔަށް ބޮލުގައި ރިއްސަން ފެށުމުން ޒާޔާ ބޭނުންވީ ތަންކޮޅެއް ރަނގަޅަށް ނިދައިލާށެވެ.
“ނިހާން ވެޑްސް ޖަމީލާ.. ޖަމީލާ؟؟” އަތުގައި އޮތް ދަޢުވަތު ކާޑުގައި ލިޔެފައި އިން ދެ ނަން ފެނިފައި ފަވާޝަތު ޙައިރާންވިއެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ އެހެން ނިހާނެއްކަމަށެވެ. އެހެނަސް ނިހާންގެ ނަމުގެ ތިރީގައި ޒާޔާގެ ކާފަ އާއި މާމަގެ ނަން ލިޔެފައި އޮތުމުން އެއީ ހަމަ ޒާޔާގެ ބައްޕަކަން ފަވާޝަތަށް އެނގުނެވެ. ލިބުނު ޙައިރާންކަމުގައި ފަވާޝަތު އޭނާގެ ފޯނު ނަގައި ޒާޔާގެ ނަމްބަރަށް ގުޅައިލިއެވެ.
އިވެން ފެށި ބާރު ރިންގްޓޯންގެ އަޑަށް ޒާޔާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ ހީކުރީ އޭނާ ކޮޓަރި ދޮރު ނުހުޅުވައިގެން އޭނާގެ ބައްޕަ ގުޅަނީކަމަށެވެ. އެހެންނަމަވެސް ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ފަވާޝަތެވެ. “ހަލޯ.” ނިދިބަރު އަޑަކުން ޒާޔާ ބުންޏެވެ. “ޒާޔާގެ ބައްޕަ ނޫމާންގެ ދައްތަ އާ މެރީކުރަނީތަ؟” ފަވާޝަތު ކޮށްލި ސުވާލުން ޒާޔާގެ ނިދި މުޅިން ފިލައިގެން ދިޔައެވެ. އޭނާއަށް މިއޮތް ހުރިހާ ދުވަހު ފަވާޝަތަށް އެ ޚަބަރު ނުދީ އުޅެވުނުކަން ރޭކައިލީ ދެނެވެ. “އަ..އާން. ސޮރީ ފަވާ.. ހަމަ އެއްގޮތަކަށްވެސް ހަނދާނެއްނުވި ފަވާ ގާތު ބުނާކަށް.” ޒާޔާ މަޢާފަށް އެދުނެވެ. “އިޓްސް އޯކޭ އެކަމަކު… ޒާޔާ ތިކަމާ އޯކޭތަ؟” ޒާޔާ އާއި ދޭތެރޭ ވިސްނޭވަރުން ފަވާޝަތަށް އެ ސުވާލުކޮށްނުލައި ނުހުރެވުނެވެ. “ހެހެ. އަހަރެން ހަމަ އޯކޭ.” ނިކަން ހަމަޖެހިލައިގެން އިނދެ ޒާޔާ ބުންޏެވެ. ދުލުން ‘އޯކޭ’ އޭ ބުންޏަސް ޒާޔާގެ ހިތް އެކަމަށް ‘އޯކޭ’ އެއް ނޫނެވެ. އެއީ އޭނާގެ ބައްޕައަށްޓަކައިވި ޤުރުބާނީއެކެވެ. ބައްޕަގެ އުފަލަށްޓަކައި ޒާޔާ މޭމަތީ ހިލަގަނޑެއް ބާއްވައިފައިވެސް އެކަމަށް އާނބަސް ބުނީއެވެ. ދެ އެކުވެރިން އިރުކޮޅަކު ވާހަކަ ދައްކައިލަން ތިބުމަށްފަހު ފޯނު ބޭއްވިއެވެ. ފޯނުން ގަޑި ބަަލައިލިއިރު ހަތަރު ގަޑި ބައިވީއެވެ. ޒާޔާ ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ހަރުގައި އިން ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ތާޒާވެލާށެވެ.
ރޭގަނޑުގެ ވަގުތެވެ. އުޑުމަތި ސާފުކަމުން ހީވަނީ ކަޅު ސާލެއް އޮޅައިލެވިފައިވާހެންނެވެ. އުޑުމަތީ މުތީތަކެއް ފަދައިން ތަރިތައް ފިޔަޖަހަމުން ދިޔައެވެ. ހަނދުވަރުދޭ ރެއެއްކަމުން ރަށުތެރެ އެހާ އަނދިރިކަމަކަށް ނުދައްކައެވެ. އެހެންނޫނަސް މަގުބައްތީގެ ސަބަބުން ރަށުތެރެ ވަނީ ވަރަށް ރީތިކޮށް ދިއްލައިލެވިފައެވެ. ރަށު ކޯޓު ދޮރުމަތީ ނިހާން އާއި ޒާޔާ މަޑުކޮށްލައިގެން ހުއްޓެވެ. ޒާޔާ އާއިއެކީ ފަވާޝަތުވެސް ހުއްޓެވެ. އާލިޔާ މިރޭ ފަވާޝަތަށް ހުއްދަ ދިނީ ނިހާން ބުނުމުންނެވެ. އަނެއްކޮޅުން ޖަމީލާވެސް ވަނީ ފަވާޝަތު ގެނައިސްދިނުމަށް އެދިފައެވެ. އާލިޔާ ބޮލުގައި ރިއްސަނީކަމަށްބުނެ ގޭގައި މަޑުކުރީއެވެ. ޒާޔާ ހުންނަ ތަނެއްގައި ހަމަޖެހިލައިގެން އޭނާއަކަށް ނުހުރެވޭނެއެވެ. އަމުދުން ޒާޔާއާއި ފަވާޝަތު އެކީގައި ހުންނަތަނެއްގައެވެ.
އެރެއަށްޓަކައި ޚާއްޞަކޮށް ނިހާން ހުރީ ކޯޓު ފަޓުލޫނުގައެވެ. ޒާޔާ ހުރީ ޖަމީލާ އޭނާއަށް ގެނައިސްދިން ރަތް ފޮތިގަނޑުން ފަހައިފައިވި ހެދުމެއް ލައިގެންނެެވެ. ހެދުން ދިގުކޮށް އިންއިރު އުނަގަނޑުގައި ހަމަ އެކުލައިގެ ބަންދެން އައްސައިފައި އިނެވެ. މަޑުމުށިކުލައިގެ އިސްތަށިގަނޑު މިނިވަންކަމާއިއެކީ ދޫކޮށްލެވިފައިވީއިރު އެ ހެދުމާއި ނުލާހިކު ގުޅެއެވެ. އެއްވެސް އަސަރެއް ނެތްގޮތަކަށް ޒާޔާ ހިނިތުންވެލައިގެން ހުރިއިރު އޭނާގެ ހިތް ރޮނީއެވެ. ގަދަކަމުންވެސް ހިނިތުންވެލައިގެން ޒާޔާ އެ ހުންނަނީ އޭނާގެ ބައްޕައަށްޓަކައެވެ. އިޙުސާސްތައް ފޮރުވުމުގައިވެެސް ޒާޔާ ހަމަ ކުޅަދާނައީއެވެ.
މިނެޓްތަކެއްގެ އިންތިޒާރަކަށްފަހު އުސްމާން ޖަމީލާ ގޮވައިގެން އަންނަތަން ނިހާނަށް ފެނުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިރޭ ޖަމީލާ ފެންނަލެއް މާ ތަފާތެެވެ. މާ ރީއްޗެވެ. ކަޅު ހެދުމެއްގެ ބަދަލުގައި މިރޭ ޖަމީލާ ހުރީ މަޑު ނޫކުލައެއްގެ ހެދުމެއްލައިގެންނެވެ. ހެދުމުގެ ދެއަތް ކުޑަކޮށް ފުއްޕައިލައިފައި ހުރިއިރު ހެދުން ގަޔަށް ދުކޮށް ހުރުމުން މާ ރީތިކަމަށް ދައްކައެވެ. މޫނުފޮތިކޮޅުވެސް ނޫކުލައިގައި ހުރެފައި އެ ފޮތިކޮޅު ވިދައެވެ. ނިހާންއަށް އެނޫން ދިމާލަކަށް ބަލައިލަންވެސް ނުކުޅެދިފައިވިއެވެ. ޖަމީލާ އަޅައިގެން ހުރި މޫނުފޮތިކޮޅު ވިދާލާގޮތުން ހީވަނީ އޭނާގެ ދެލޯ ތަރަތަރަ ޖަހައިގެންދާހެނެވެ. ނިހާން މާވަރަކަަށް ބަލާތީ ޖަމީލާ ލަދުގަންނަ ގޮތްވިއެވެ. އިސްޖަހައިލައިގެން ހުރީ އެހެންވެއެވެ. އިސްޖަހައިގެން ހުއްޓެއްކަމަކު ޒާޔާ އެތާ ހުރުމުން ޖަމީލާ އެތެރެ އެތެރެއިން އަނދަމުން ދިޔައެވެ. މިރޭ ޒާޔާ ވަކިން ރީއްޗެވެ. އޭނާއަށްވުރެ ޒާޔާ ރީތިވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އެ ހަށިގަނޑު އަލިފާނަށް ލައި ފިއްސައިލަފާނަމޭވެސް ޖަމީލާގެ ހިތަށް އެރިއެވެ. މިވަގުތު އެ ނުބައި ޚިޔާލުތައް ކުރަން ނަހަދައި ޖަމީލާ ބެލީ ނިހާނާއި ދޭތެރޭ ވިސްނޭތޯއެވެ.
ކޯޓަށް ޣާޒީ ހާޒިރުވުމުން ނިހާން އެތެރެއަށްވަނެވެ. ނިހާންގެ ފަހަތުން ޖަމީލާ އެތެރެއަށްވަނެވެ. އެމީހުން ވަނުމާއިއެކީ އުސްމާނާއި ހެކިވެރިންގެ ގޮތުގައި އައިސް ތިބި ދެމީހުންވެސް އެތެރެއަށް ވަނެވެ. ޒާޔާމެން ދޮރުމަތީގައި މަޑުކުރީއެވެ. ނޫމާންވެސް ހުއްޓެވެ. ކޮންމެއަކަސް އެންމެން ގޮނޑިތަކުގައި އިށީނދެ ހަމަޖެހިލިއެވެ. ޖަމީލާގެ ހިތްބާރަށް ތެޅެމުން ދިޔައިރު އޭނާގެ ހިތް އުފަލުން ނަށަނީއެވެ. މިރޭ އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ވެގެން ދާނެއެވެ. އެތައް ދުވަހެއް ވަންދެން ކުރި އިންތިޒާރުގެ ނިމުން މިރޭ އަންނާނެއެވެ.
ޣާޒީ ޚުޠުބާ ކިޔަމުން ދިޔައިރު ޒާޔާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެވަރުންވެސް ކަރުނަތައް ހިފެހެއްޓޭތޯ ޒާޔާ ބެލިއެވެ. ޚުޠުބާ ކިޔައި ނިންމި ވަގުތު ޒާޔާގެ މޭ ބާރަކަށް ތެޅެން ފެށިއެވެ. “ބައްޕާ ބުނޭ އަނބި ގަބޫލެއްނުކުރާނަމޭ.” އެ ބަސްތައްވީ ޒާޔާގެ ހިތުތެރޭގައެވެ. އެ އުފާވެރި ވަގުތުކޮޅުގައި އެ ބަސްތައް ދުލުން ބޭރުކޮށްލައިފިއްޔާ ވާނީ ކިހިނެތްހެއްޔެވެ؟ ނިހާން އަނބި ޤަބޫލުކޮށްފީމޭ ބުނިހާއިރަށް ޒާޔާގެ ދެލޯ ފޫއަޅުވައިލައިފައި ކަރުނަތައް ފައިބައިގަތެވެ. “އަހަރެން އެބަ އަންނަން.” ޒާޔާ ބޭނުންވީ އެކަނިވެލާށެވެ. ފަވާޝަތުމެނަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ޒާޔާ އަވަހަށް ދިޔައީ އެހެންވެއެވެ.
މަގު ގެއްލިފައިވާ މުސާފިރެއްހެން ޒާޔާ އެއްވެސް މިޞްރާބެއްނެތި އަނދިރި މަގުތަކުގައި ހިނގަމުން ދިޔައެވެ. ލިބިފައިވި ހިތާމައެއްގެ ބޮޑުކަމުން ޒާޔާގެ ހިތުގައި އަނދިރިކަމަށް އަބަދުވެސް އޮންނަ ބިރުވެރިކަން ނެތްފަދައެވެ. ބިރުގަންނަވަރަށްވުރެ ބޮޑަށް ޒާޔާ މިރޭ އެހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. އޭނާ އަތުގައި އޮތް ފޯނު ދޭތެރެދޭތެރެއިން ރިންގް ވާ އަޑު އިވެއެވެ. ގުޅަނީ ކާކުތޯވެސް ބަލައިނުލައި ޒާޔާ އޭގެން ކޮންމެ ފަހަރަކު ފޯނު ސައިލެންޓަށްލަނީއެވެ. ޒާޔާ ހިނގަމުން ދިޔައީ ތަންކޮޅެއް ގަސްބޯ ސަރަޙައްދެއްގައިކަމަށްވުމުން އަނދިރި ތެރެއިން އެ ގަސްތައް ސިފަވަނީ ބިޔަ ފުރޭތަތަކެއްހެނެވެ. ދޭތެރެއަކުން ކޮންމެވެސް ސޫތްޕެއް ގޮވައިލަައި އަޑު އިވިލައެވެ. އެއިން ކޮންމެ ފަހަރަކު ޒާޔާ ސިހުނެއްކަމަކު ހުއްޓުމެއްނެތި އޭނާ ހިނގަމުން ދިޔައެވެ. ޒާޔާގެ ފަސްފަހަތުން މީހަކު އަންނަ ކަހަލަ އިޙުސާސެއްކުރެވުމުން ޒާޔާ ފަސްއެނބުރި ބަލައިލިއެވެ. އެއާއިއެކު އޭނާއަށް ފެނުނީ އޭނާ ބާބެކިއު ހަދަން ދިޔަރޭ ތުނޑީކޮޅުން އޭނާއަށް ފެނުނު ބިރުވެރި ސޫރައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





Salaam dear readers. Miothee egaara vana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Dhonthi kurin es bunifadhain Thursday ga mi episode submit kollin. Dhn publish mi vee miadhu. Hehe. Enjoy reading and leave a comment. Love you all and stay safe <3 <3 <3 <3 <3 <3
Varah Varah Varah reethi ❣️❣️ maa sha Allah ?? curiously waiting waiting waiting waiting for the next part ?✨? ly dhonthy ⚡?⚡?⚡?⚡?⚡?⚡?⚡?⚡?⚡
Awlhey thank you so much Livy dear 🙂 🙂 🙂 Yes dear keep waiting curiously for the next episode 😉 😀 😀 Hehe. Love you too Livy <3 <3 <3 <3 <3
Ma sha allah … dhonthy mi part vx vrh vrh vrh rythi… dhonthyge sifakurun thah hama habeys… will be waiting fr next part❣?
Awwww thank you so much Sadha 🙂 🙂 🙂 It means a lot for me. vv ufaavejje mi comment kiyaalaafa dear 😀 😀 Once again thank you so much Sadha. And yes! Keep waiting for the next episode <3 <3 <3 <3
Varah varah reethi mi bai vx…masha allah….curiously waiting for the nxt part…..lysm…stay safe
Awww thank you so much Kairaa. Yes keep waiting for the next episode. Love you too and stay safe <3 <3 <3 <3 <3 <3
މީނަވެސް ދޯ.. މަ ކިރިޔާ ހީ ހީ ހަލާކު ނުވީ ޖަމީލާގެ ފަޔަށް ވީގޮތް ސިފަކޮށް ލެވުނީމަ???.. އަހަހަހަ.. އަމްމް ވާހަކަ ކުރިއަށް މިދާގޮތް ވަރަށް ރީތި އިނގެ..އެންޑް ކަރަލުގަ މާޖައްސާ ވާހަކަ އިނީމަ ހަނދާންވީ ތޮއްޑޫ މަތިން..ހެހެ..ވެއިޓިންގ ފޯ ދަ ނެކްސްޓް އިނގޭ ސްވީޓީ.. ???މަޗް ލަވްސް
Hahaha. Magnumm ? ? ? Mi part ga hama majaa scene eiy genesdhey hiyvee. Hehe. Mihen ulhelaafa jameelaa au ekahala landu dheynvaanennu dhw ? ? ? ? ? Anyways thank you so much dear. ? ? ? ? Love you too mag <3 <3 <3 <3 <3 <3
Varah salhi dhonthyyy keep it up i also wanna publish my stories i am also same as u dear love you nd waiting for next❤
Awlhey <3 <3 <3 Thank you soooo much Mary ? ? ? It means a lot for me. Love you too dear. <3 <3 <3 <3 And yes! Keep waiting for the next episode.
Age as you ❤
Woww mi prt vx hama habeys ????? and curiously waiting for Nxt
LYSM DHONTHY
STAY HOME # STAY SAFE #
Awww thank you so much SHARAN 🙂 🙂 Yes keep waiting curiously for the next episode 😉 😉 😀 Hehe. LOVE YOU TOO SHARAN <3 <3 <3 <3 Stay safe at home
Alhey .. vvvvvvvvvvvvvvv rythu mi part vxx .. curious to read next part ..dhonthii haadhan molhey Masha Allah ❤️
Be safe dhonthii ? luv uhh
Awlhey thank you so much Niuko ? ? ? Next ep mihaaru publish vefa inee inge. Kiyaalaanekamau heekuran ? ? Awww once again thank you so much Niuko. Love you too and be safe <3 <3 <3 <3
Very nice vaahaka eh adhi vaahaka dhiguvinama majaaveessss. And I am a kid tnx for the vaahaka❤️❤️❤️❤️❤️?????????❤️?❤️?❤️?
Naahil ? ? ? Thank you so much. <3 <3 <3 <3 <3 <3