ނުފިލާނޭ މިހިތަކުން… 14
ތިޔަ ނޫން ފަރާތަކަށް ހިތް
ދޭހިތް ނުވެސް ވަނީޔޭ
ތިޔަ ޚިޔާލުގައި މަގޭ ހިތް
ކުދިކުދި ވެގެން ދަނީޔޭ
“ޝްޝްޝް.. ނުރޮއްޗޭ.. ހުއްޓާލާ.. ރޯ އަޑަށް ވެމްޕަޔަރއެއް ވަދެދާނެ ތިތަނަށް..” މާކިން ލާނެތް ރާގަކަށް ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ. އެއާއިއެކު މެހެކް ލޯ ފުހެލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. މާކިން އެވާހަކަ އެ ފެށީ އޭނާ ހެއްވާލަންކަން އޭނާއަށް އެނގުނެވެ.
މާކިން ދައްކަމުންދިޔަ ވާހަކައިން ގަނެފައިވާ ބިރު ފިލާ، މެހެކް މުޅިން ހަމަޖެހިލިއެވެ. މެހެކް އެއްޗެއް ބުނަނީ މަދު ފަހަރެއްގައި ކަމުގައި ވިޔަސް މާކިން ފޯނު ބާއްވާ ޚިޔާލެއް ނުކުރެއެވެ. މެހެކްގެ ނުތަނަވަސްކަން ފިލާފަދަ އެކި އެކި ވާހަކަތަކުގައި އޭނާއަށް ނިދެންދެން މާކިން ފޯނުގައި އޮތެވެ. މެހެކްއަށް ނިދުމުންވެސް ފަނޑު ފަނޑުކޮށް އިވެމުންދިޔަ އެނޭވާގެ އަޑު އަހާލަން އެތައް އިރެއްގައި މާކިން އޮތީ ފޫހިކަމެއް ނެތިއެވެ. އޭނާގެ ލޯބި އެވަނީ އެހާ ވަރުގަދަ ވެފައެވެ. މެހެކްއަށް ލިބޭ ކުޑަ ކުޑަ ހިތްހަމަޖެހުމަކުންވެސް އޭނާގެ ހިތް އުފަލުން ފުރެއެވެ.
ޖެހިގެން އައި ދުވަހުގެ ފުރަތަމަ ގަޑި ނިންމާލުމަށްފަހު އިޝާންއާއި ޝުބާ ދިޔައީ ކެންޓީނަށެވެ. ރޭގައި އެދެމެދުގައި ދެކެވުނު ވާހަކައެއްގެ ސަބަބުން އެދެމެދަށް ވަނީ ނުތަނަވަސް ހިމޭންކަމެއް ވެރިވެފައެވެ. ބައްޕަގެ ވާހަކަތަކާއިމެދު ވިސްނުމަށްފަހު އިޝާން އެންމެފަހުން ކައިވެންޏާއި އެއްބަސްވާ ކަހަލަ ވިސްނުމެއް ގެންގުޅޭކަން ޝުބާއަށް އެންގިއެވެ. އެހެން ނަމަވެސް މުޅި ރޭގަނޑު ވިސްނައިގެންވެސް ޝުބާއަކަށް ގޮތެއް ނުނިންމުނެވެ. އެފަދަ ބޮޑު ފިޔަވަޅެއް އަޅަން އޭނާ ޖެހިލުންވަނީއެވެ. ކައިވެންޏެއް ކޮށްގެން އުޅެވޭނެ ވަރުގެ ޤާބިލްކަން އަމިއްލަ ނަފްސުގައި ހުރިކަމާއިމެދު ސުވާލު އުފެދެނީއެވެ.
ކުޑަކުޑަކޮށް އެކަމާއިމެދު ވާހަކަ ދައްކާލުމަށްފަހު ޝުބާ ބޭނުންވީ މާކިންގެ ޚިޔާލެއް ހޯދާށެވެ. ހަމަ އެއާއިއެކު އޭނާއާއި ވާހަކަ ދައްކައިގެން ގޮތެއް ނިންމަން އިތުރަށް އުނދަގޫ ވުން ނޫން ކަމެއް ނުވާނެ ކަމުގައި އިޝާން ވަގުތުން ބުނެލިއެވެ. އެހެން ނަމަވެސް އެދެމީހުންގެ ދިރިއުޅުމުގެ އެހާ ބޮޑު ނިންމުމެއް އެންމެ ގާތް ރަހްމަތްތެރިޔާއާއި ހިއްސާ ނުކޮށް ނިންމުމަކީ އިޝާންއަށްވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
“ކިހިނެތްވީ މާ އާރޖެންޓް ވީ؟.. މެހެކް ފަހަތުން ލައިބްރަރީއަށް ގޮސް ގޮސް ހުއްޓާ ތިގުޅީ..” މާކިން އައިސް އިށީން ގޮތަށް އާދައިގެ މަތިން ޝަކުވާގެ ފަތިވަރެއް އަމުނާލިއެވެ. އެއާއިއެކު އޭނާއަށް ތާޒާކަން ގެއްލިފައިވާ އިޝާންއާއި ޝުބާގެ މޫނު ފެނުމާއިއެކު އޭނާ ހިމޭންވެލިއެވެ.
“ހޭ.. ކިހިނެތްވެފަ ދެމީހުން.. މައްސަލައެއް ޖެހުނީތަ.. ފައިޓެއްގަތަ..” މާކިން މޭޒުމަތީގައި ހުރި ފެންތަށި ތުނބުގައި ޖަހާލަމުން އޭނާގެ ސަމާލުކަން އެދެމީހުންނަށް ހުއްޓާލިއެވެ. އެއާއިއެކު ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ފުރަތަމަ ވާހަކަ ދެއްކީ ފެށީ އިޝާންއެވެ.
“ކެން.. މްމް.. އަހަރުން މިއުޅެނީ.. މެރީ ކުރަން..” ވިސްނުންތެރިކަމާއިއެކު ލަސްލަހުން އިޝާން ވާހަކަ ދެއްކީ މާކިންގެ މޫނަށް އަންނަ ބަދަލުތަކަށް ފުރިހަމައަށް ފަރުވާތެރިވެ އިނދެއެވެ. އިޝާންގެ އަޑު ހަމަ އިވުމާއިއެކު މާކިންގެ އަނގައިގައި ހުރި ފެންތައް އިޝާންގެ މޫނަށް ބުރުވާލެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުން ބޭއިޚްތިޔާރުގައެވެ.
“ކެން..” ފަކުރު ގަނެފައި އިން ވައްތަރު އަނގައަށް ޖައްސާލަމުން ޝުބާ ޓިޝޫއެއް ނަގާ އިޝާންގެ މޫނު ފޮހެދެން ފެށިއިރު އިޝާން އިނީ މާކިންދެކެ އައި ރުޅީގައި ދަތްތައް ޖައްސާ ބާރުކޮށްލައިގެންނެވެ.
“އަޅެ މީހަކު ހޭ ނެތޭ ވަރު ވާހަކައެއް މަ ބުނެފިތަ..” އަނގަ ހުޅުވައިގެން އަނގައިން ނުބުނެ މާކިން އިންނަން ފެށުމުން އެންމެފަހުން އިޝާން އޭނާގެ ބޮލުގައި އަތުން އަޅާ ކޮށްޕާލިއެވެ. މާކިންއަށް ހަމަ ހޭވެރިކަންވީ ދެނެވެ.
“މެރީ ކުރަންށޭ.. ހާދަ.. އައި މީން.. އިހަށް ދުވަހެއްނު އަދި ރައްޓެހިވީ.. ކިހިނެތް.. ހައު.. ހާދަ އަވަހަށް.. ވައި..” ދެލޯ ބޮޑުކޮށްފައި އިނދެގެން މާކިން މާނައެއް ނުވާ ބަސްތަކުން އަނގަ އޮޅުވަމުން ދިޔައިރު އިޝާންއާއި ޝުބާ ދެއަތް އުރާލައިގެން އޭނާގެ ހަރަކާތްތަކަށް ބަލަން ތިބީ ލޯ ހަނިކޮށްލާފައި ތިބެގެންނެވެ. ގޮތެއް ނިންމުމުގެ ކުރިން މާކިންގެ ޚިޔާލު ހޯދަން އެމީހުން އެއުޅުނީ ކޮން އެއްޗެއް ހިތައް އަރައިގެން ހެއްޔެވެ؟
“މަ ބުނީމެއްނު.. އަހަރުން ދެމީހުންނަށްވުރެ މީނަ ފްރީކް އައުޓް ވާނެޔޭ..” އިޝާން ރުޅި ގަދަވެފައި އިން ފާޑަށް އަނެއްކާވެސް މާކިންގެ ބޮލުގައި އަތުން އަޅާ ކޮށްޕާލައިފިއެވެ. އަދި ކުރިމަތިވެގެން އުޅޭ ކަންތައް މާކިންއާއި ހިއްސާ ކުރިއެވެ.
“މަށަކަށް ޝުބީ ދޫކޮށެއް ނުލެވޭނެ.. ދުރުގަ މަޑެއްވެސް ނުކުރުވޭނެ… ސޯ.. އައި ގޯ ފޯ މެރެޖް..” ވާހަކަތައް ނިންމާލުމަށްފަހު އިޝާން މާޔޫސްވެލާފައި ޝުބާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ކައިވެނީގެ ޚިޔާލާއި ޝުބާ އެއްބަސްވާނެ ކަމުގައި އިޝާންއަށް ހަމަ ހީ ނުވަނީއެވެ. އިޝާންގެ ވާހަކަތައް އަޑު އެހުމަށްފަހު ދެން މާކިން ބަލާލީ އިސްޖަހާލައިގެން އިން ޝުބާއަށެވެ.
“ދެން ޝުބީ އޯ..” އެފަދަ ކަމަކަށް ދޭނެ ނަސޭހަތެއް މާކިންއަކަށް ނޭނގެއެވެ. އެވާހަކަތައް ހިއްސާ ކުރުމުން އޭނާވެސް އެއިނީ އެމީހުންގެ ނިންމާނެ ގޮތަކާއި މެދު ޝައުގުވެރިވެފައެވެ.
“އަހަރެން.. އިޝާންދެކެ ވަރަށް ލޯބިވޭ.. ވަކިވާކަށް ބޭނުމެއް ނުވޭ.. ބަޓް.. ކައިވެނި.. މެރީ ކުރުން އެއީ ވަރަށް ބޮޑު ކަމެއް.. ގޮތެއް ނިންމަން ވަރަށް ޖެހިލުންވޭ..” ޝުބާ ނުތަނަވަސްވެފައި އިޝާންގެ މޫނަށް ބަލާލަމުން ޖަވާބުދިނެވެ. އެއާއިއެކު އިޝާން ފުންނޭވާއެއް ދޫކޮށްލިއެވެ.
“މްމް.. މެޗުއަރ މީހެއްގެ އެޑްވައިސް ބޭނުންވަނީ.. އަހަރެން .. މެހެކް… މެހެކްއާ ވާހަކަ ދައްކާލަންވީނުން..” މަޑުމަޑުން އިނދެފައި ކުއްލިއަކަށް ޝުބާ ބުނެލިއެވެ. އެއާއިއެކު މާޔޫސްވަމުން ދިޔަ އިޝާން ޝުބާގެ އެއެދުމަށްވެސް އެއްބަސްވިއެވެ. އޭނާއަށް ގަބޫލުކުރެވެމުން ދިޔައީ ޝުބާ ކައިވެންޏާއި ހަމައަށް ނުދާނެ ސަބަބުތަކެއް ހޯދަން އުޅޭ ކަމުގައެވެ.
މެހެކްއާއި ގުޅާލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ އެމީހުން ތިބި ތަނަށް އައެވެ. މެހެކް ފެނުމާއިއެކު މާކިން ހަށިގަނޑު ތެދުކޮށްލާ އޭނާގެ ފުޅާ ހިނިތުންވުން މެހެކްއަށް ހަދިޔާކޮށްލިއެވެ. އެއާއިއެކު މެހެކްވެސް މާކިންއަށް ހިނިތުންވުމެއް ދިނީ ޝުބާ މެންނަށް ނޭނގޭ ގޮތަށް “ވެމްޕަޔަރ” އޭ ބުނެ ތުންފަތުން ހަރަކާތް ކޮށްލަމުންނެވެ.
“މެހެކް.. މެހެކް އަށް 31 އެއްނު.. ސޯ.. އަހަރުންނަށްވުރެ މެޗުއަރ ވާނެއްނު.. މްމް.. ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކަން..” މެހެކް އިށީނުމާއިއެކު ޝުބާ ނުތަނަވަސްކަމާއިއެކު ވާހަކަ ދައްކަންފެށިއެވެ.
“މެހެކްއަށް އެނގެއެއްނު.. މްމް.. އިޝާންއާއި.. އަހަރެން.. މްމް.. ރިލޭޝަންޝިޕްއަކަށް ދިޔައީ.. ވަރަށް ފަހުންކަން… ދެން.. މެހެކް ދެކޭ ގޮތުގައި.. އަހަރުން މެރީ ކުރުމަކީ ރަނގަޅު ސްޓެޕްއަކަށް ވާނެތަ؟..” ޝުބާގެ ވާހަކަތައް ހުރިގޮތުން އެއްވެސް ނިންމުމެއް ގޯސްވެގެން ދާން އޭނާ ނޭދޭކަން އެނގެއެވެ. އޭރު މެހެކް އޭނާ ކޮށްލި ސުވާލުން ކޮންމެވެސް ވަރަކަށް ހައިރާންވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލަން އިނެވެ.
“މްމްމ.. ތިމީހުން މެރީ ކުރަނީތަ؟..” ޝުބާގެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މެހެކްވެސް ކޮށްލީ ސުވާލެކެވެ.
“މިސާލަކަށް މެރީ ކުރަންޏާ.. އެއީ ރަނގަޅު ނިންމުމެއްހޭ؟..” މިފަހަރު ވާހަކަދެއްކީ އިޝާންއެވެ. އެއާއިއެކު މެހެކް ސުވާލުގެ ނަޒަރަކުން މާކިންގެ މޫނަށް ބަލާލުމާއިއެކު އޭނާ ނޭނގެއޭ ބުނާ ފަދަ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ.
“ދެމީހުންނަށް ވެސް ދެމީހުން ކަމުދޭ.. އެންޑް އައި ގެސް.. ވަރަށް ކުޑައިރުއްސުރެ އެކަކު އަނެކަކަށް އެނގޭ.. ލޯބިވޭ.. ދޯ.. ދެން.. މްމް މެރީ ކުރުމާމެދު ސުވާލު އުފެދެންވީ ކީއްވެ؟..” ވިސްނުންތެރިކަމާއިއެކު އިޝާންއާއި ޝުބާގެ މޫނަށް ބަލާލަމުން މެހެކް އެހިއެވެ.
“މްމްމް.. މާ އަވަހޭ ހިތައް އަރަނީ.. ކާމިޔާބު ނުވެދާނޭ ހިތައް އަރަނީ..” ޝުބާ އިޝާންގެ މޫނަށް ބަލާލުމަށްފަހު ކުށްވެރިއަކު ފަދައިން އިސްޖަހާލިއެވެ.
“އަހަރެންގެ އެކްސްޕީރިއެންސަށް ބަލާފަ މާ ގިނަ ދުވަހު ރައްޓެހިވެގެން ނޫޅުނަސް ކައިވެނި ކާމިޔާބު ކުރެވޭނެ.. އެކަމަށް ބޭނުންވަނީ ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި.. އަޅާލުމާއި އެހީތެރިކަން.. އިތުބާރާ ޔަގީންކަން.. އަހަރެން ވެސް މެރީ ކުރީ ރައްޓެހިވެގެން ދުވަސްތަކަކު އުޅަފައެއް ނޫން.. އެކަމު……” “މެހެކް ޔޫ އާރ މެރީޑް؟..” މެހެކް ވާހަކަ ދައްކަ ދައްކާ އިންދާ ކުއްލިއަކަށް ޝުބާއާއި އިޝާން އެކުއެކީގައި ކަހަލަ ގޮތަކަށް ހައިރާންކަމާއިއެކު އޭނާގެ ވާހަކަ މެދު ކަނޑާލަމުން އެހިއެވެ. އެވަގުތު ލިބުނު ހައިރާންކަމާއިއެކު އަނގަ ހުޅުވާލަމުން މެހެކްއަށް މާކިންއާއި ދިމަ ބަލާލިއިރު އޭނާ ބޮލުގެ އިސްތަށިގަނޑާއި ކުޅެމުން އެމީހުންނާއި ދުރަށް މޫނު އަނބުރާލައިފިއެވެ. މެހެކްއަށް ހިނދުކޮޅަކަށް ނަމަވެސް ބަސްހުއްޓިފައި މާކިންއާއި ދިމަ ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ މާޒީއާއި އޭނާގެ ހަގީގަތް އެނގިހުރެވެސް މާކިން އޭނާގެ އެންމެ ގާތް ރަހްމަތްތެރިންނާއި އެވާހަކަތައް ހިއްސާ އެ ނުކުރީ އޭނާ ހިތްހަމަނުޖެހިދާނެ ކަމަށް ހެއްޔެވެ؟ ނޫނީ އޭނާގެ ދުލުން ނޫނީ އެވާހަކަތައް ހާމަކުރުމަކީ ރަނގަޅު ގޮތް ކަމުގައި މާކިންއަށް ގަބޫލު ނުކުރުވެނީ ހެއްޔެވެ؟
“މްމް.. ނޭނގޭތަ.. މެރީ ކުރިން.. އެކަމު މިހާރު…..” “ޑިވޯސްޑް؟.. ދެން ކީއްވެ ކާމިޔާބު ކައިވެންޏެކޭ ތިބުނީ..” ޝުބާއަށް މެހެކް ވާޙަކަ ދައްކާ ނިމެންދެން މަޑެއް ނުކުރެވުނެވެ. ކެތްތެރިކަމެއް ނެތި އޭނާގެ ހިތުގައިވާ ސުވާލުތައް ބަންޑުން ކުރަމުންދާއިރު މެހެކްގެ މޫނަށް ވެރިވަމުންދާ ނުތަނަވަސްކަން މާކިންއަށް ފާހަގަ ކުރެވެމުން ދިޔައެވެ. މެހެކްގެ ދެއަތް ޖޯޑުކޮށްލުމަށްފަހު އިނިގިލިތަކަށް ގެންނަމުން ދިޔަ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން މާކިންއަށް ބޭއިޚްތިޔާރުގައި ޝުބާގެ ސުވާލުތަކާއިމެދު ހިތްހަމަ ނުޖެހެވެމުން ދިޔައެވެ.
“ޑި.. ޑިވޯސް ނުވަން.. މްމް.. އެކަމު…” އެސްފިޔަތަކަށް ކެތް ނުވާވަރަށް އެސްފިޔަ ޖަހަމުން ދިޔައިރުވެސް މެހެކްގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލެވޭ ގޮތެއް ނުވިއެވެ. އެހިތާމަވެރި ހާދިސާ ޝުބާމެންނަށް ކިޔައިދޭނެ ހިތްވަރު އޭނާއަކަށް ނުލިބުނެވެ. މެހެކްއަށް އަންނަމުން ދިޔަ ބަދަލު މާކިންގެ އިތުރުން ޝުބާއަށާއި އިޝާންއަށްވެސް ފާހަގަކުރެވުނެވެ. ކުރެވުނީ ކުރަންވާ ވަރުގެ ސުވާލެއް ނޫންކަމުގައި ހީވެ ޝުބާއަށް ކަންބޮޑުވުމާއިއެކު އިޝާންގެ އަތުގައި އޭނާއަށް ހިފާލެވުނެވެ.
“މެހެކް.. ކާމް ޑައުން..” ނޭވާލުން އަވަސްވެ، ހަށިގަނޑުގައި ތުރުތުރެއް އުފެދެމުންދިޔަ މެހެކްގެ އަތުގައި ބާރަށް ހިފަހައްޓާލަމުން މާކިން ނުހަނު އޯގާތެރިކަމާއިއެކު އޭނާއާއި ގާތަށް ޖެހިލިއެވެ. އެވަގުތު ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން މެހެކް މާކިންގެ މޫނަށް ބަލާލީ ރައްކާތެރިކަމަށް އެދި ބަލާލާ ފަދައިންނެވެ. މަންޒަރު ބަލަން ތިބި އިޝާންއާއި ޝުބާ ވާނުވާ އެނގެން ބޭނުންވެފައި އެހެނަސް އިތުރަށް ސުވާލެއް ކުރަން ނުކެރިފައި އެމީހުންނަށް ބަލަހައްޓައިގެން ތިއްބެވެ.
މެހެކްގެ އަތުގައި ދެއަތުން ބާރަށް ހިފަހައްޓާލުމަށްފަހު މާކިން މެހެކްގެ ހިތާމަވެރި ހަގީގަތް ޝުބާމެންނަށް ހާމަކޮށްދިނެވެ. އޭނާގެ ހަޔާތުގައި ދިމާވި ބިރުވެރި، ހިތްދަތި ހާދިސާ މާކިންގެ ދުލުން ކިޔައިދެމުން ދިޔައިރު މެހެކްގެ ލޮލުގައިވާ ކަރުނަތައް ރޮނގެއްގެ ސިފައިގައި އޭނާގެ ކޯތާފަތް މަތީގައި ދެމެމުން ދިޔައެވެ. ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް މާކިންގެ ވާހަކަ ނިމެން ވީއިރު އޭނާގެ ހިމޭން ކަރުނަތައް މަޑު ގިސްލުމަކަށް ބަދަލުވެއްޖެއެވެ.
“އަޅޭ.. ސޯ ސޮރީ.. މެހެކް.. އެއްގޮތަކަށްވެސް ނޭނގޭ.. ވަރަށް ބޮޑަށް ސޮރީ.. ” މާކިންގެ ވާޙަކަ ނިމުނު އިރު ޝުބާއަށްވެސް ރޮވިއްޖެއެވެ. ގަތް ލަދުންނާއި، ވީ ދެރައިން އޭނާއަށް މެހެކްގެ ކައިރިއަށް ގޮސް މެހެކްގެ ގައިގައި ބައްދާލެވުނެވެ. އޭރު އިޝާންވެސް ލޮލުގައި އުފެދެމުން ދިޔަ ކަރުނަތައް ފާޅުވުމުގެ ކުރިން ހިންދާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މެހެކްއާއިމެދު އޭނާގެ ހިތުގައިވެސް އިންތިހާ ދަރަޖައިގެ ހަމްދަރުދީ އުފެދުނެވެ.
ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު މެހެކް ހަމައަކަށް އެޅުމުން ޝުބާ އަނެއްކާވެސް މައާފަށް އެދުނެވެ. އަދި އިޝާންއާއި ޝުބާވެސް މާކިން އެވާހަކަ ހިއްސާ ނުކުރި ސަބަބަކާއިމެދު ސުވާލުކުރިއެވެ. އެވަގުތު އެއީ މެހެކްގެ ވަރަށް އަމިއްލަ ކަމެއް ކަމުގައިވާތީ އެވާޙަކަ ދެއްކުން ރަނގަޅު ނުވާނެތީ ނުދެއްކީ ކަމުގައި ބުނެ ހަމަޖައްސާލިއެވެ. މެހެކްގެ ސަބަބުން ޝުބާމެން ދައްކަން އުޅުނު ވާހަކަ ނުދެއްކުމުން މެހެކްވެސް އެކަމާއި މަޢާފަށް އެދުނެވެ.
“މްމް.. އަސްލު އަހަރެން ބުނަން އުޅުނީ.. ޝުބާ.. ޝުބާ ބޭނުމެއް ނުވޭތަ އަބަދުވެސް އިޝާން ކައިރީ ހުންނާކަށް.. ހުރިހާ ވަގުތަކު.. ހުރިހާ ކަމެއް އޭނައާއި ޝެއަރ ކުރާކަށް ބޭނުމެއް ނުވޭތަ..” މެހެކް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ސަބަބުން ތަނުގައި އުފެދުނު ނުތަނަވަސްކަން ބަދަލުކޮށްލުމަށެވެ.
“ހެހެހެ.. ބޭނުންވާނެއްނު.. ވަރަށް ބޮޑަށް ބޭނުންވޭ.. އެހެންވެނު އަބަދު ޓެކްސްޓްކޮށް ގުޅާ ހަދަނީ…” މެހެކްގެ ސުވާލުން ޝުބާ ކޮންމެވެސް ވަރަކަށް ރަކިވާ ގޮތްވިއެވެ. ކަތި ނަޒަރަކުން އިޝާންއާއި ދިމަ ބަލާލަމުން އެސްފިޔަތައް ޖަހާލި ގޮތުން އިޝާންވެސް ބޯ އަރިކޮށްލަމުން ހިނިތުންވެލިއެވެ.
“ހެހެހެ.. އެހެންވީމަ ކައިވެންޏަކީ ތިހުރިހާ ކަމަކަށްވެސް ސޮލިއުޝަންއެއްނު.. އެކަމު ޖޮބެއްގަ ނޫޅެންޏާ އެއީ މައްސަލައަކަށް ވާނެ..” ލުއި ގޮތަކަށް ހީނލުމަށްފަހު މެހެކް އަނެއްކާވެސް ވިސްނުންތެރިކަމާއިއެކު ބުނެލިއެވެ.
ހަމަ އެއާއިއެކު އިޝާން އެވާހަކަ އޭނާގެ ބައްޕަ ދެއްކި ކަމުގައި ބުންޏެވެ. އަދި ކައިވެނި ކުރުމާއިމެދު ތަފާތު ގޮތްގޮތަށް މެހެކްއާއި މަޝްވަރާ ކުރުމަށްފަހު އެންމެ ފަހުން ޝުބާވެސް ޖެހިލުންވުން އެއްފަރާތް ކުރުމަށްފަހު ކައިވެނި ކުރަން ރުހޭކަމުގައި ބުނެލިއެވެ. އެކަމާއި އިންތިހާއަށް އުފާވި ނަމަވެސް އިޝާން މާ ބޮޑަށް އެކަން ފާޅު ނުކުރީ ޝުބާގެ އާއިލާގެ ބަހެއްވެސް އެކަމުގައި ބޭނުންވާނެތީއެވެ. ފަހަރެއްގައި ކިޔަވާ ނިމުމުގެ ކުރިން ކައިވެނި ކުރުމަށް ޝުބާގެ އާއިލާ ގަބޫލުނުވެދާނެ ވާހަކަ އިޝާން ދެއްކުމުން މަންމަމެންނާއި ވީހާވެސް އަވަހަކަށް ވާޙަކަ ދައްކާނެކަމުގައި ޝުބާ ބުނެލިއެވެ. ދެމީހުންގެ ނިންމުމާއިމެދު މާކިންއާއި މެހެކްވެސް އުފަލާއިއެކު މަރުހަބާ ކިޔެވެ. އަދި ކޮންމެ ހާލަތެއްގައިވެސް އެދެމީހުން އެކުގައި ވުމަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދޭނެ ކަމުގެ ޔަގީންކަން މާކިން އެމީހުންނަށް ދިނެވެ.
ދައްކަމުން ދިޔަ ވާހަކަ ބަދަލުކޮށްލުމަށްފަހު ކޮލެޖުގެ ވާހަކަތައް ފެށިއިރު ދެއްކި ވާހަކަތައް ހަނދާންވެ މާކިން ހުވަފެނީ ގޮތަކަށް މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނީ ފޮނި ޚިޔާލެއްގައެވެ. އޭނާ އަބަދުވެސް، ހުރިހާ ވަގުތެއްގައިވެސް މެހެކްގެ ހިޔަނިހެން ގާތުގައި ހުންނަން ބޭނުންވެއެވެ. ހޭލާ ގަޑީގައި އެންމެ ފުރަތަމަ ކަމަކަށް މެހެކްގެ މޫނު ދެކިލަން ހިތް އެދެއެވެ. ނިދާގަޑީގައި އެއަތުގެ ތެރޭގައި މެހެކް ބޭއްވުމަށް އެދެވެއެވެ. މެހެކް އެދައްކަނީ އެފަދައިން ކައިރީގައި ހުންނަން ބޭނުންވާ ވާހަކަ ހެއްޔެވެ؟ އެހެން ވިއްޔާ މެހެކްއާއި ކައިވެނި ކުރުމަށް އޭނާވެސް އެހުރީ ތައްޔާރަށެވެ. އެ ޒިންމާ ނެގުމަށް އެއްވެސް ޖެހިލުމެއް އޭނާގެ ނެތެވެ.
ޚިޔާލީ ދުނިޔެއަކަށް ގެއްލި ހުސްވެފައިވާ މާކިންއަށް ހަގީގީ ދުނިޔެއަށް އާދެވުނީ މޭޒުގައި އޮތް މެހެކްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން އޭނާއަށް އެފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. ހަމަ އެއާއިއެކު ސްކްރީނަށް އަރާފައި އޮތް ނަން ފެނުމުން އޭނާގެ ދެބުމަ ކައިރިވެ، މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އަރާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Maasha Allah..??
V v riythi mi part ves….
Ly sis