އިންސާފު ލިބޭނެބާ؟-4
“ޒާރާ!” އަހުމަދު ވަރަށް ބާރަށް ބުންޏެވެ. “ދެން ހުއްޓާލާ! ހުއްޓާލާ!”
ޒާރާ ބުނާ ވާހަކައެއް އެކެއްވެސް ގަބޫލެއް ނުކުރިއެވެ. ޒާރާއަށް އޭނާގެ ބައްޕައަށް ޝައްކު ކުރެވެން ފެށުނެވެ. ކިތަންމެ ކުރަން ބޭނުންނުވިޔަސް ކުރެވުނީއެވެ. އަހުމަދު ނާޔާގެ މަރާއި ދޭތެރޭ މާ ބޮޑަށް ސަމާލުކަމެއް ނުދިނުމާއި އެހާ ލަސްވަންދެން ބޭރު އުޅެފައި އައީމަ ޒާރާގެ ޝައްކުތައް ވީ އިތުރެވެ. އެހެން ތިއްބާ ދޮރު މަތީގައި ހުރި މީހަކު ފެނިފައި އަފިފާއާއި އަހުމަދު ހައިރާންވާ ކަމަށް ހެދިއެވެ.
ދޮރު ކުރިމަތީގައި ހުރީ އާދިލް ނޫން މީހެއް ނޫނެވެ. އާދިލް ފެނުމުން ޒާރާ ވަށްކަޅިން އަފީފާއާއި ދިމާލަށް ބަލައިލިއެވެ.
“ބޭބެ ކޮންތާކުން ތިއައީ؟” ޒާރާގެ ސުވާލު އަމާޒުވީ ސީދާ އާދިލްއަށެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި އާދިލް ލޮލުން އަހުމަދުއަށް އިޝާރާތް ކޮށްލިއެވެ.
“ޒާރާ! ހަމަ މިހާރު ކޮޓަރިއަށް ވަދޭ! އަވަސް! މިހާރުތީ ދެން ބޮޑުވަރު! ޒާރާއަށް ވުރެ ބޮޑު މީހަކާއި ވާހަކަ ދައްކަން ޖެހެނީ ތިހެންތަ؟ އޭނ! ބޭބެއަށް ޖެހޭނެތަ ޒާރާ ކުރާހާ ސުވާލަކަށް ޖަވާބު ދޭން؟ ނުޖެހޭނެ… ބޭބެ ކޮންމެ ތާކަށް ދިޔަޔަސް އެއީ ޒާރާއާ ބެހޭ ކަމެއް ނޫން! ވަދޭ ކޮޓަރިއަށް!” އަހުމަދު ހަޅޭއްލަވައިގަތެވެ.
“ބައްޕާ!” ޒާރާގެ އަޑުގައި ރިހުމެއްވެއެވެ. “ކިހިނެއްވެފަތަ ތިހިރީ؟ އަހަންނަކަށް ގަބޫލެއް ނުކުރެވޭ ބައްޕަ ތި ދައްކާ ވާހަކަތަކެއް” ޒާރާއަށް އެހިސާބަށް ބުނެވުނުތަނާ އަހުމަދު ޒާރާގެ އަތުގައި ހިފައިފައި ގެންގޮސް ސަކީނާގެ ކޮޓަރިއަށް ލިއެވެ.
“މަންމާ! ވަދޭ ކޮޓަރިއަށް” އަހުމަދު ސަކީނާ ގާތު ބުންޏެވެ.
“ނޫން ބައްޕާ! އަހަރެން މިބުނަން އުޅޭ އެއްޗެއް އެއްފަހަރު ނަމަވެސް އަޑުއަހާބަލަ! ބައްޕާ…” ޒާރާގެ ވޭނީ އަޑު މުޅި ގޭތެރެ ގުގުމާލިއެވެ. ސަކީނާ ކޮޓަރިއަށް ވަނުމުން އަހުމަދު ކޮޓަރި ދޮރު ލެއްޕީ ޒާރާ ގާތު ނުކުމެގެން ނުވާނެއޭ ބުނެފައެވެ. މި މަންޒަރު ބަލަން ހުރި އާދިލްއާއި އަފީފާގެ ތުންފަތާއި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އަހުމަދު އައިންތު ގޮވައިގެން ކޮޓަރިއަށް ގޮސް ނިދަން ބުންޏެވެ. އިސާހިތަކު އައިންތުއަށް ނިދިއްޖެއެވެ. އަހުމަދު ކޮޓަރިން ނުކުތް އިރު އާދިލްއާއި އަފީފާ އޭނާގެ އިންތިޒާރުގައި ތިއްބެވެ. ތިންމީހުން އެއްކޮށްގޮސް ވަނީ އާދިލްމެން ކޮޓާރިއަށެވެ.
“ހެހެ… ބޭބެގެ ކޮއްކޮ ހާދަހާ މޮޅޭ ދޯ ޑްރާމާ ކުޅެން! ހަމަ އެއްވަނަ! އަނެއްކާ ވާހަކަވެސް ހަދާލަނީ އެހާ މޮޅުކޮށް!” އަހުމަދު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަފީފާ ގާތު ބުންޏެވެ.
“ތެންކިޔޫ ބޭބޭ!” އެނދުމަތީގައި އިށީނދެލަމުން އަފީފާ ބުންޏެވެ.
“އާދިލް… ކަލޭ ގެއަށް ނުވަދެ ބޭރު މަޑު ކުރި ނަމަ! އަހަންނަށް ޔަގީން ޒާރާއަށް މިހާރު ޝައްކުވާނެކަން!” އަހުމަދުގެ ރާގުގައި ވަނީ ހިތްހަމަނުޖެހުމެވެ.
“އަހަންނަށްތަ އެނގެނީ ގޭތެރޭ އެންމެން ހޭލާ އުޅޭކަމެއް! ބޭބެއެންނު ބުނީ ބޭބެ ވަނީމަ ވަންނާށޭ” އާދިލް ރައްދުގައި ބުންޏެވެ.
“ތިހާ ގަމާރު ވާކަށް ނުވާނެ ދޯ އާދިލް. ދޮރު ތަންމިނަށް ހުޅުވާފަ ހުރި އިރު ހަމަ ނުފެނޭތަ އެންމެން ހޭލާ ތިބިތަނެއް؟ މިއަދު އާދިލްއާއި ހެދި ހުރިހާ ކަމެއް ފަޅާ އެރިނަމަ ކިހިނެއްވާނީ؟” އަފީފާ ބުންޏެވެ.
“ނޫން! އެހާ އަވަހަކަށް ފަޅައެއް ނާރާނެ! ޒާރާއަކީ އަދި ކުޑަ ކުއްޖެއް! ކާކު އޭނަ ދައްކާ ވާހަކަ ގަބޫލު ކުރާނީ؟”އާދިލް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
“އާން! އަވަހަކަށް ފަޅައެއް ނާރާނެ! މިރޭވެސް ކުޑަ ދޮރު ކައިރީ ހުރި އިރު އަނގަމަތީ މާސްކު ނާޅާ ހުރިނަމަ ހަމައެކަނި އަހަރުމެންގެ އަޑުންވެސް ޒާރާއަށް ފާހަގަ ވާނެ މީ ކޮންބައެއްކަން! އަނެއްކާ ތިބުނަނީ ޒާރާއަކީ ކުޑަ ކުއްޖެކޭ! ކާކުހޭ އޭނަ ދައްކާ ވާހަކަ ގަބޫލު ކުރާނީ؟ އެހެރިއެންނު އޭނަގެ ދޮންތަބެ! އޭނަ ގަބޫލު ކުރާނެ އެހެން އެކެއްނުކުރިޔަސް! ޒާރާއަށް ސޯޅަ އަހަރު ވިއެއްކަމަކު އޭނަގެ ތޫނުފިލިކަން އެއަށް ވުރެ ބޮޑު! އެ ޑުރާމާ ގަނޑު ހިނގިއިރުވެސް ސުވާލު ފަށެއް ކޮށްލިއެންނު! ކިރިޔާ ކިރިޔާ އަހަރުމެން މި ސަލާމަތްވީ!” އަހުމަދު އާދިލްއާއި ދިމާލަށް ބުންޏެވެ.
“ބޭބެ އެބުނީ ތެދެއް އާދިލް. ޒާރާ ވަރަށް ބޯހަރުވާނެ! އާދިލް ތިހާ ހަމަޖެހިފަ ނީންދެބަލަ ދޯ! ބުނެއެންނު ތިމާގެ ދުޝްމަނުންގެ ކެރުންތެރިކަމާއި ދޭތެރޭ ތިހާ ލުއި ގޮތަކަށް ނުދޭކޭށޭ… އަނެއްކާ މި ލައިޝް… އޭނައަށްވެސް އެބަ ޖެހޭ ގޮތެއް ހަދަން!” އަފީފާ ބުންޏެވެ.
“ދެން ހެޔޮ! ތިހާ ވަރަށް ލެކްޗަރު ނޭޅިޔަސް ވަރިހަމަ! ތިބުނަނީ ފަޅާ އެރިނަމައޭ… ފަޅައެއް ނާރައެންނު! ދެން ނުވި ކަމަކާއި ދޭތެރޭ ތިހާ ވަރަށް ވިސްނައިގެން ވަކި ފާއިދާއެއް ވާނެތަ. އޭނ! އަނެއްކާ މަށަކަށް ނުފެނޭ ލައިޝްއަށް ގޮތެއް ހަދާކަށް… އޭރަށް ކަޑަވާނެ!” އާދިލް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ހުމްމް… ދެން ހަމަޖެހިބަލަ އާދިލް. އެ ލައިޝް މަރާލާ ވާހަކައެއް ނޫނޭ މިދައްކަނީ! އޭނައާ ގުޅުން ކަނޑާލަ ވާހަކައޭ މިބުނީ! އެއްކަލަ ސުއިސައިޑު ނޯޓު ބޭއްވޭ ވަރުވިތަ؟” އަފީފާ ނިތްއަރުވަމުން އަހުމަދު ގާތު އެހިއެވެ.
“ކޮންތާކު! ކޮޓަރިއަށް ނުވެސް ވަދެވެނިސް އެ ޒާރާ ކާކުހޭ ކިޔާފަ ހަޅޭއްލަވަން ފެށި! އެއްކަމެއްވެސް ނުކުރެވުން! މާދަމާ ޕޮލިހުން އަނެއްކާވެސް ތަހުގީގު ކުރަން ފަށާނެ! ގޭ އެންމެނާ ސުވާލު ކުރަން ފަށާނެ! އަނެއްކާ އަނެއް ހަ ކަންތައް!” އާދިލް ބުންޏެވެ
“ހެހެހެ” ލާނެތް ފާޑަކަށް އަހުމަދު ހިނިގަނޑެއް ޖަހައިލިއެވެ. “ތިކަން އޮންނާނީ ހަމަޖެހިފަ! ހާސްނުވޭ!”
“ތިބުނީ؟” އަފީފާ ކޮޅަށް ތެދުވަމުން ބުންޏެވެ.
“މާދަމާ އިރުއަރަންދެން ކެތްކޮށްލާ! އޭރަށް އިނގޭނެ! އަހަރެން މިދަނީ ނިދަން… ތިމީހުންވެސް ނިދަން އުޅޭ… މާދަމާ އޮންނާނެ ފިލްމުގެ ޓްރެއިލަރ! އެބަލަންވެސް ޖެހޭނެ އެންނު!” އަހުމަދު ދޮރާއި ދިމާލަށް ހިނގައި ގަންނަމުން ބުނެލިއެވެ.
“ތި ފިލްމުގަ އުޅެނީ ކޮންބައެއްތޯ ބުނެބަލަ!” އާދިލް ތެދުވަމުން ބުނެލިއެވެ.
“ލީޑް ރޯލު އަދާކުރާ މީހަކީ އަހަރެން… ދެން އުޅޭނީ ރަތްވިލާގޭގެ މެމްބަރުން! އާން! އަދި އެއްވާހަކަ… އެ ލައިޝް އަންނާނެ އަދި އަހަންނާ ދިމާލަށް… އަންނަ ދުވަހަކުން އޭނަ ފުލުން ނެއްޓޭނެ ގޮތެއް ހަދާނަން! ” ފާޑަކަށް ހީނލަމުން އަހުމަދު ބުންޏެވެ.
ދުނިޔެ އައު ދުވަހަކަށް މަރުހަބާ ކިއެވެ. މިއަދަކީ ބަންދު ދުވަހެއްކަމުން ޒާރާ އޮތީ އަދިވެސް ނިދައިފައެވެ.
“ޒާރާ… ދަރިފުޅާ ތެދުވޭ! މިހާރު އެއޮށް ދިހަ ގަޑި ބައިވަނީ!”ސަކީނާ ޒާރާއަށް ގޮވިއެވެ. ކަންނެތް ފާޑަކަށް މޯޅިއަކަށް ދެމެމުން ތެދުވެ ޒާރާ ބޯޖަހައިލިއެވެ. މޫނު ދޮވެ ދަތް އުނގުޅާއި ހަދައިގެން ޒާރާ ނުކުތީ ސައިބޯށެވެ. ސައިބޮއި ނިމިގެން ކާގެއިން ނުކުތް އިރު ސިޓިން ރޫމުގައި އާދިލްއާއި އަފީފާއާއި އަހުމަދު ތިއްބެވެ. ޒާރާ ކޮޓަރިއަށް ވަންނަން ދާ ކަމަށް ހަދައިފައި މާމަގެ ކޮޓަރީގެ ދޮރު ކައިރީ ފިލައި ބައްޕަމެން ދައްކާ ވާހަކަ އަޑުއަހަން މަޑުކުރިއެވެ.
“އައިންތޫ! އަހަންނަށް ފެންތައްޓެއް ގެނެސްދީބަލަ!” އަހުމަދު އައިންތުއަށް ގޮވުމުން އޭނަ ފެންތަށިހިފައިގެން އައެވެ.
“އައިންތޫ…އަހަންނަކަށް ނުފެނޭ ނާޔާގެ މަރުގެ ކަންތައް އިތުރަށް ކުރިއަށް ގެންދާކަށް! އެހެންނޫނަސް ނާޔާ މަރުވީ އަމިއްލައަކަންނު… ދެން އިތުރަށް ކޮންކަމެއް ކުރާކަށް. މިހާރުވެސް ބަލާބަލަ ނާޔާމެންގެ ކޮޓަރިއަކަށް… ޕޮލިހުން މިތަން ތަހުގީގުކޮށް ނިމެންދެން އެކޮޓަރި އޮންނާނީ އެހެން… އަހަރެން ބޭނުމެށް ނޫން އެކޮޓަރި އަބަދު އެހެންބާއްވާކަށް!” އަހުމަދު ބުންޏެވެ.
“ބައްޕާ… ތިހެން ނަހަދާ! ޒާރާ ބޭނުން ދޮންތަގެ މަރުގެ އެންމެ ކޮޅަށް ދާން!” އިވުނު ބަސްތަކުން ޒާރާގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް އޭނަ ބައްޕައާއި ދިމާލަށް ބުންޏެވެ.
“ނޫން… މިކަންތަކާއި ހެދި މިގޭތެރޭގަ އަބަދުވެސް އޮންނަނީ ކޮންމެވެސް ހަމަނުޖެހުމެއް އުފެދިފަ!” އަހުމަދު ރައްދުގައި ބުންޏެވެ.
“ހަމަނުޖެހުން އުފެދެނީ މި މަރުގެ ސަބަބަކުން ނޫން… ބައްޕައާއި ހެދި!” ޒާރާ އަހުމަދުއާއި ދިމާލަށް ބުންޏެވެ.
“ބަލަ! މިހާރުވެސް ހަމަ ނާޔާގެ މަރުގެ ވާހަކަ ފަށާއިރަށް ކޮންމެސް ޒުވާބެއް ކުރަން ފަށާނެ!” އަހުމަދު ބުންޏެވެ. އަހުމަދުގެ ވާހަކަ ހުރި ގޮތުން އައިންތު ހުރީ އެއްޗެކޭ ބުނަން ޖެހިލުންވެފައެވެ.
“އާން ބޭބޭ! ތިކަން ހުއްޓާލަން ފެންނަނީ” އަފީފާވެސް އަހުމަދުއަށް އެއްބާރުލުން ދިނެވެ.
“އަހަރެން މިހާރު މި މައްސަލަ ހިންދާލަން މިއުޅެނީ” އަހުމަދު ބުންޏެވެ.
“އެއީ ކިހިނެއް؟ ކިހިނެއް ތިހެން ހެދޭނީ؟ ބައްޕާ! ޕްލީސް އަހަރެން ބޭނުން ދޮންތައަށް އިންސާފު ހޯދައިދޭން!” ޒާރާ އާދޭސް ކުރަންފެށިއެވެ.
“ބައްޕައޭ މި މައްސަލަ ހުށައެޅީ! އެހެންމަ ބައްޕައަށް މި މައްސަލަ ނެގުމުގެ ބާރުވެސް އޮންނާނެންނު! އެހެންނޫނަކަސް އަމިއްލައަށް މަރުވި މީހަކަށް ކޮން އިންސާފެއް ހޯދައިދެވޭނީ؟ ބުނެބަލަ!” އަހުމަދު ބުންޏެވެ.
“އަމިއްލައަށް މަރުވިނަމަތާ އިންސާފު ހޯދައިނުދެވޭނީ! އެކަމު ދޮންތަ މަރުވީކީ އަމިއްލައަކަށް ނޫނެންނު! ޒާރާ ވަރަށް ޔަގީން ކަމާއި އެކު ބުންޏެވެ.
“ތިހާ ޔަގީންކަމާއެކު ބުނާއިރު ހެއްކެއްވެސް އޮންނަން ޖެހޭނެ ދޯ! ކޮބާ ހެކި؟” އަހުމަދު ކުރި ސުވާލުން ޒާރާގެ އަނގައިގައި ތަޅެއް ލެވުނު ކަހަލައެވެ. ޒާރާއަށް އެއްވެސް ހެއްކެއް ނުދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން އަހުމަދު ބޮލުގެ ބޭނުން ކުރިއެވެ.
“ބައްޕާ… މިވަގަތު އަހަރެން އަތަކު ނެތް ހެއްކެއް. އަހަރެން ހެކި ހޯދަން ބޭނުން ވަގުތު ކޮޅެއް! ޕްލީސް އަހަންނަށް ވަގުތުދީ!” ޒާރާ އޭނާގެ ބައްޕަ ގާތު އެދުނެވެ.
“ހުމް… މިރޭ ނުވައެއް ޖެހުމުގެ ކުރިން! މިރޭ ނުވައެއް ޖެހުމުގެ ކުރިން ޖެހޭނެ ހެކި ދައްކަން! މިހާރު ވަގުތު ފެށިއްޖެ! ދޭ ހެކި ހޯދަން!” އަހުމަދު ޒާރާ ގާތު ބުންޏެވެ.
“މިރޭ ނުވައެކޭ؟ ހާދަ ވަގުތު ކުޑައޭ!” ޒާރާ ބޮޑާ ހޭކިއެވެ.
“އާން! މިރޭ ނުވައެއް ޖެހުމުގެ ކުރިން ހެކި ބައްޕައާއި ހިސާބަށް ގެންނަންވާނެ! އެހެންނޫނިއްޔާ މި ކޭސް މިހާ ހިސާބުން ހިންދާލުމާއި ދޭތެރޭ ޒާރާ އެއްވެސް ދެކޮޅެއްހަދައިގެން ނުވާނެ!” އަހުމަދު އެހިއެވެ.
“އޯކޭ!” ޒާރާ ގެއިން ބޭރަށް ނުކުންނަމުން ބުނެލިއެވެ. އައިންތު އެއްޗެކޭ ނުބުނެ ބަދިގެއަށް ކައްކަން ދިޔައެވެ.
“ވަރަށް ސަޅި ޓްރެއިލަރ!” އާދިލް އަހުމަދު ގާތު ބުންޏެވެ.
“ސަޅި ވާން ޖެހޭނެއެއްންނު!” އަހުމަދު ސޮފާއިން ތެދުވަމުން ބުނެލިއެވެ.
ޒާރާ ގެއިން ނުކުމެގެން މިސްރާބު ޖެހީ ޝަބާނާ މެންގެއަށް ދިއުމަށެވެ. ރޭ ވީކަންތަކާއި ދެންމެވީ ހުރިހާ ކަމެއް ލައިޝްއަށާއި ޝަބާނާއަށް ކިޔައިދޭށެވެ.
“އައްސަލާމުއަލައިކުމް!” ޒާރާ ޝަބާނާމެންގޭ ދޮރުމަތީގައި ހުރެފައި ގޮވައިލިއެވެ.
“ވައަލައިކުމްސަލާމް!” ޝަބާނާގެ މަންމަ ސަލާމް ބަލައިގަތެވެ. “އަހަނ! ޒާރާ އަވަހަށް ވަދޭ!”
“ކޮބާ ޝަބާނާ؟” ޒާރާ އެހިއެވެ.
“އެބައުޅޭ ކޮޓަރީގަ… އަވަހަށް ދޭ” ޝަބާނާގެ މަންމަ ބުނެލިއެވެ. ޒާރާ ޝަބާނާގެ ކޮޓަރިއަށް ވަން އިރު ޝަބާނާ އޮތީ ވަރަށް ފުން ވިސްނުމެއްގައެވެ.
“ޝަބާނާ! ކޮން ހިޔާލެއްގަ؟” ޒާރާ އެނދުގައި އިށީންނަމުން އަހައިލިއެވެ.
“ދޮންބެދައްތަގެ މަރާއި ދެތޭރޭ މި ވިސްނެނީ” ޝަބާނާ ބުންޏެވެ
“ދޮންތަބެ ކިހިނެއް؟” ޒާރާ އެހިއެވެ.
“ދޮންބެ މުޅިއަކުން އަދި ރަނގަޅެއް ނުވޭ… ދޮންބެއަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ދޮންތަ މަރުވި ކަމެއް” ޝަބާނާ ބުންޏެވެ.
“ރޭގަ ވަރަށް ކަންތައްތައް އަހަންނަށް އެނގުނު… އެހެންވެ މިއައީ ޝަބާނާއަށާ ދޮންތަބެއައް އެވާހަކަތައް ކިޔާދޭން” ޒާރާ ބުންޏެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



alheyy. nafu ah hyvy hama rangalhah dhw. haadha goahey dhw e ahmedh vs. btw vr rythi mi bai vs. masha allah. curiously waiting for the next part. stay safe. lysm✨?
Hehe… aan rangalhah heevy? thanks a lot nafu. You too stay safe?. Lysm too
Alhuga ah earuves heevi ea eana bappa kamehhen. He was having a weird behaviour from the beginning..
Curiously waiting for the next part
Thanks for your comment alika?. Maadhama submit konlaanan. Wait for it?