އިންސާފު ލިބޭނެބާ؟-3
ލައިޝް އެވާހަކަ ކިޔައިދީ ނިމުނުއިރު ޝަބާނާއާއި ޒާރާ ތިބީ ފެންކަޅިވެ ސުވާލުން ފުރިފައެވެ.
“ދޮންތަ… ދަންޖެހިގެން މަރުވީއޭ؟” ޒާރާ އެހިއެވެ.
“ފެނުނީ ދަންޖެހިފަ އޮއްވާ! އެކަމު ދޮންތަބެ އަކަށް ހިއެއްނުވޭ އެއީ ހަގީގަތެއް ހެނެއް!” ލައިޝް ބުންޏެވެ.
“ބައްޕަ ކިތައްފަހަރު ބުނަންވީ؟ ލައިޝްވެސް ހުރިންދޯ އެތާ! ނުފެނުނީތަ އަޅެ ނާޔާ ދަންޖެހިފަ އޮއްވާ؟” ކޮޓަރިއަށް ވަންނަމުން އަހުމަދު ބުންޏެވެ. “އެކުދިންނަށް ތިކިޔައިދެނީ ކޯއްޗެއް؟ ބައްޕަ އުއްމީދެއް ނުކުރަން ލައިޝްގެ ފަރާތުން މިކަހަލަ ކަމެއް!”
“ބައްޕާ؟ ތީ ބައްޕަތަ އަޅެ؟ ޒާރާ އުއްމީދެއް ނުކުރަން ބައްޕަގެ ފަރާތުން ދޮންތަގެ މަރުގެ ކަންތަކަށް ތިކަހަލަ ވިސްނުން ގެންގުޅެދާނެ ކަމަކަށް!” ޒާރާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“ޒާރާ؟ ބައްޕައާ ދިމާލަށްތަ ތިހެން ތިބުނީ؟” އަހުމަދު ހައިރާންވެ ހުރެ ބުންޏެވެ.
“ލައްބަ! ޒާރާއަށް ހީވަނީ ބައްޕައަށް އަދި ދޮންތަ ދަސްނުވަނީހެން! ބައްޕަ ދޮންތަ އާއި ދޭތެރޭގައި ތިގޮތަށް ވިސްނީތީ އަހަރެން ވަރަށް ދެރަވެއްޖެ! އެހެންނޫނަސް އެއްވެސް ބައްޕައަކު އަމިއްލަ ދަރިފުޅުގެ މަރާދޭތެރޭ ތިނަޒަރަކުން ނުދެކޭނެ!. ޒާރާ ބުންޏެވެ.
“ޒާރާ… އަޅާ ނުލާ!” ލައިޝް މަޑުމަޑުން ބުނެލިއެވެ. އަހުމަދު ރުޅިއައިސްފައި ހުރިވަރުން ބާރުބާރަށް ދޮރުޖަހައިފައި އެތަނުން ނުކުމެގެން ދިޔައެވެ.
“ބައްޕައަށް ކިހިނެއްވެފަތަ އެހެރީ؟” ޒާރާ އެހިއެވެ.
“ނޭނގެ ދޮންތަބެއަކަށްވެސް! ދޮންތަބެ ދޮންތަގެ ފައިގައި ހިފަހައްޓާފައި ތިރިއަށް ބައިލާން އުޅެނިކޮށް ބައްޕަ ބުނީ އަތްނުލާށޭވެސް… ޕިސް… ޝަބާނާ ހިނގާދާން ދެން… ފަހުން ދެން އަންނާނީ” ލައިޝް އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެށް ނުވިއެވެ. ޝަބާނާ ޒާރާއަށް ހިނިތުންވުމެއް ބަދަލު ކޮށްލައިފައި ލައިޝްގެ ފަހަތުން ހިނގައި ގަތީ އޭނާއަށް ކުރާނެ އަސަރުތަކާއިމެދު ވިސްނައިފައެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ހަނދަށް ތަންދެމުން ދުނިޔެއާއި އަލްވަދައު ކިއެވެ. ހޮސްޕިޓަލުގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ހުރި ސަކީނާ ހުއްޓުނީ ޒާރާ އައިސް އޭނާގެ ކުރި މައްޗަށް އެރުމުންނެވެ.
“ދަރިފުޅާ؟ އެކަނިތަ ތިއައީ؟ ކޮބާ ބައްޕަ؟” މާމަ އެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒާރާ މާމަގެ ގައިގައި އޮޅުލައިގެންފައި އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ. އިރުކޮޅެއް ވަންދެން މާމަގެ ކޮނޑުމަތީ ޒާރާ ރޮއިލަ ރޮއިލައި އޮތެވެ.
“މަންމަ ކިހިނެއް މިހާރު؟” ލޮލުން އަންނަ ކަރުނަތައް ފޮހެލަމުން ޒާރާ މާމަ ގާތު އެހިއެވެ.
“ކުރިއަށް ވުރެ ރަނގަޅޭ ޑޮކްޓަރު ބުނީ… ހޭވެސް އަރައިފި… އިރު ކޮޅަކުން ގެއަށް ދޫކޮށްލާނެ.” މާމަ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.
“މިއަދު ލިބުނު ޝޮކެއްގެ ސަބަބުން މިހެން ދިމާވަން މެދުވެރިވީ. ވީހާވެސް ގިނައިން ބެޑް ރެސްޓު ކުރިއްޔާ ރަނގަޅީ” ޑަކުޓަރު ލަފާ ދިނެވެ.
ރޭގަނޑު ނުވައެއްޖަހަނިކޮށް އައިންތު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގެއަށް ދިޔައިރު ދައްތަ އަފީފާއާއި ދައްތަގެ ފިރިމީހާ އާދިލް ހުރީ ޒާރާމެން ހޮސްޕިޓަލުން އައުމުގެ އިންތިޒާރުގައެވެ. ޒާރާމެން އައުމުން އެންމެންވެސް ކައިގެން އެމީހުންގެ އަމިއްލަ ކޮޓަރިތަކަށް ވަނެވެ.
އެނދުމަތީ ދެފަރާތައް ފުރޮޅިލަ ފުރޮޅިލައި އޮތް ޒާރާގެ ލޮލަކުން ނިދީގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހަވީރު ބައްޕައާއި ދިމާލަށް ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުނީތީ އެކަމާ ޒާރާ އޮތީ ވަރަށް ދެރަވެފައެވެ. ބައްޕައައުމުން އައުމުން ބައްޕަގެ ފަރާތުން މައާފަށް އެދެން ޒާރާ އޮތީ ނިންމައިގެންނެވެ. ހަވީރު ގެއިން ހިތްހަމަނުޖެހިގެން ނުކުތް ގޮތަށް އަދިވެސް ބައްޕަ ގެއަކަށް ނާދެއެވެ. އެކަމާއި ޒާރާ އޮތި ވަރަށް ފިކުރު ބޮޑުވެފައެވެ. ޒާރާގެ މަގަތުގައި ނިދައިފައި އޮތް އޭނާގެ މަންމައަށް އެކަން އެގިއްޖިއްޔާ އޭނާގެ މަންމަ ނުނިދާނެކަން ޒާރާއަށް ޔަގީނެވެ. އެހެން އޮއްވައި ދޮންތަގެ ހަނދާންތައް ޒާރާގެ ބޮލުގައި މާނބުރުތަކެއްހެން އެނބުރެންފެށިއެވެ. ދޮންތައާއި އެކުގައި ހޭދަކުރި ހުރިހާ ވަގުތުތަކެއް ޒާރާގެ ކުރިމަތީގައި ސިފަވާކަހަލައެވެ. ކެތްނުވެގެން ޒާރާ ތެދުވެ އިށީނެވެ. ޒާރާމެން ނިދާ ކޮޓަރިއަށް ދާން އޭނާ ތެދުވިއެވެ. މީދަލެއްހާ ސިއްރު ސިއްރުން ހިނގަމުން ގޮސް ދޮރުހުޅުވައިފައި ކޮޓަރިން ބޭރަށް ނުކުތެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފޯނުގެ ފްލޭޝް ލައިޓް ޖައްސައިލިއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޒާރާގެ ކޮޓަރީގެ ދޮރުގައި ތަތްކޮށްފައި އިން “ކްރައިމް ސީން” ޓޭޕު ދަށުން ލައިފައި ޒާރާ އެކޮޓަރިއަށް ވަނެވެ. ޒާރާ ހުރިތަނައް ހުއްޓުނެވެ. ކޮޓަރި އޮތް ހާލު ފެނިފައެވެ. ދޮންތަ އަބަދުވެސް ސާފުކޮށް ގެންގުޅޭ ކޮޓަރިތެރެމިވަނީ އެފުށުން މިފުށަށް ޖެހިފައެވެ. “ޒާރާ… ކިތައްފަހަރު ބުނަން ހޭލައިގެން އެނދުމަތި ރިތި ކޮށްފަ ތެދުވާށޭ!” ޒާރާގެ ކަންފަތުތެރޭ ނާޔާގެ އަޑު ގުގުމާލީ އެތައްމިތަނަށް އުކައިލައިފައި ހުރި ބާލިސްތައް ފެނުމުންނެވެ. ކުރިޔަށް ފިޔަވަޅެއް އަޅައިލިތަނާ އެތާ އޮތް ލޯގަނޑުގެ ތަންކޮޅަކަށް ޒާރާއަށް ފައިން ނޭރުނީ ކިރިޔާއެވެ. މުޅި ކޮޓަރިތެރެއަށް ލޯހިންގާލިއިރު ޒާރާގެ ލޮލަށް އަޅައިގަތީ ފަންކާގައި އެލުވައިފައި އިން ބެޑުޝީޓުން ހަދައިފައި އިން މަޅިއެކެވެ.
“ދޮންތަ ހަމަ އަސްލުކޮށްވެސް ދަންޖެހުނީތަ؟” ޒާރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. “ދޮންތަބެ ބުނިހެން އަހަރެންވެސް ގަބޫލެއް ނުކުރާނަން ދޮންތަ އަމިއްލައަށް މަރުވިކަމެއް! އެކަމު… ކާކު ދޮންތަ މަރާލާނީ؟ އެވަރުގެ ދުޝްމަނެއް ދޮންތަގެ ހުރޭތަ؟ ޔަގީނުންވެސް ދޮންތަ މީހަކަށް އެއްވެސް ގެއްލުމެއް ނުދޭ! އަޅޭ! ކީއްވެތަ އެހާ އުނދަގުލީ؟ ސުވާލެއް ތެރެއިން ސުވާލު އުފެދެމުން އަންނަނީ.. މިހެން ދަންޏާ ނެތެއްނު ނިމުމެއްވެސް!”
“ޔާ ﷲ! މިއަޅާއަށް މިކަން ފަސޭހަ ކުރައްވާންދޭވެ! މިއަޅާއަށް ދޮންތަގެ މަރުގެ ކަންކަން ދަނެގަތުމަށް މަގުފަހު ކޮށްދެއްވާންދޭވެ!” ގިސްލެވޭ ހާލު ޒާރާ ދެއަތް އުފުލާ ދުޢާ ކުރަމުން ގެންދިޔައެވެ.
“އޭ!” ކުއްލިއަކަށް ކުޑަދޮރު ކައިރިން ބަޔަކު ސިއްރުން ވާހަކަ ދައްކާ އަޑުއިވިގެން ޒާރާ ސިއްސައިގެން ދިޔައެވެ. ލަފާކުރެވޭ ގޮތުން އެމީހުން ވާހަކަ ދެއްކީ ފޮތިކޮޅަކުން އަނގަ ނިވާ ކޮށްގެން ތިބެއެވެ. އެހެންކަމުން އެއީ ކޮންބައެއްކަން އިނގޭގޮތެއް ޒާރާއަކަށް ނުވިއެވެ. އެމީހުން ދައްކާ ވާހަކަ އަޑުއިވޭނެހެން ޒާރާ އަލަމާރި ބިއްދޮށައް ވަދެ ނިވާވިއެވެ. “އިނގޭދޯ ކުރަންވީ ކަންތައް؟ އަހަރުމެންނާ ޙިލާފަށް އެއްވެސް ހެއްކެއް އޮތިއްޔާ އެނައްތާލާ! މިއޮތީ ސުއިސައިޑު ނޯޓު… މީތި ކޮންމެވެސް ތާކަށް ލާފަ ބާއްވާތި! އޭރަށް ދޯ ބޮޑަށް ސުއިސައިޑު ކޭހަކާ ވައްތަރުވާނީ. ނަސީބެންނު ޕޮލިހުން މިއަދު ހަމައެކަނި ނާޔާގެ ހަށިގަނޑު ނެރުނުކަން… އެހެން ނޫނިއްޔާ އަހަރުމެންގެ ކަންތައް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނަގާނެ!”
“ހެހެހެ..ތެދެއް ތިބުނީ.. އަހަރެން ހީކުރީ މިގަޑީވެސް ޕޮލިހުން ތިބޭނެކަމަށް! އެކަމަކު ނެތް… މިއީ ރަނުގެ ފުރުސަތެއްހަމަ” އެތަނުން މީހަކު ބުންޏެވެ.
“ކާކު؟” ޒާރަ އަޑުގެ ނެތްކޮޅަށް ހަޅެއްލަވައިގަތެވެ. އަދި ކުޑަ ދޮރާއި ދިމާލަށް ވަރަށް ބާރަށް ދުއްވައިގަތެވެ. މިއަޑު އިވި އެތާ ތިބި ދެ މީހުންވެސް ފިލަން ދުއްވައިގަތެވެ. މި މަންޒަރު ފެނި ޒާރާ އެ ކޮޓަރިން ނުކުމެ ބޭރު ދޮރާއި ދިމާލަށް ދުއްވައިގަތީ އެމީހުން ފެންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ޒާރާއަށް އެތަނަށް ދިއުމުގެ ކުރިން އެދެމީހުން ދުވެފިލައިފިއެވެ.
“ޒާރާ؟ ކޮންހާ ހަޅޭކެއް ތިލަވަނީ؟” އަފީފާ ކޮޓަރިން ނުކުންނަމުން އެހިއެވެ.
“ދައްތާ! ދައްތާ! ދޮންތަ…ދޮންތަ މަރުވީ އަމިއްލައަކަށް ނޫން! ބަޔަކު ދޮންތަ މަރާލީ!” ޒާރާގެ އަޑަށް ސަކީނާއާއި އައިންތުވެސް ކޮޓަރިން ނުކުތެވެ.
“ޒާރާ… ތިފެނުނީ ހުވަފެނެއް ކަންނޭނގެ! ބަލާބަލަ ގަޑިންވީ ވަރު! މިހާރު އެއޮށް ދޭއް ޖަހަނީ!” އަފީފާ ނުރުހިފައި ބުންޏެވެ.
“ކޮބާ ބައްޕައާއި ބޭބޭއާ؟ ކޮޓަރިތެރެއިން ޒާރާއަށް އަޑުއިވުން ދެމީހަކު ވާހަކަ ދައްކަނިކޮށް! ބުނީ ދޮންތަ މަރާލިކަން ހާމަވާން ހުރި ހުރިހާ ހެކިތަކެއް ނައްތާލާށޯ! ދެން އެމީހުން އުޅުނީ ކޮންމެސް ސުއިސައިޑް ނޯޓެއް ބާއްވަންވެގެން! އަހަރެންނަށް އަޑުއިވުނު އެމީހުން ދެއްކި ވާހަކަތައް!ހަމަ މިހާރު މި ގުޅަނީ ޕޮލިހަށް!” ޒާރާ ބުންޏެވެ.
“މަޑު ކޮށްބަލަ ޒާރާ! ތިބުނަނީ އާދިލްއާއި ޒާރާގެ ބައްޕައޭތަ ނާޔާ މަރާލީ؟ އޭނ! ނިކަން ރަނގަޅަށް ވިސްނަބަލަ! ނާޔާ މަރާލާނީވެސް ވަކި ކާކު؟ އޭނަ އެވަރުގެ ކަމެއްކޮށްގެންތަ އެ އުޅެނީ؟” އަފީފާ ވަރަށް ބާރަށް ބުންޏެވެ. މިވާހަކަތައް އަޑުއަހަން ތިބި ސަކީނާއާއި އައިންތު ތިބީ ވާނުވާގައެވެ.
“ވެދާނެ ހަމަ! ޒާރާ އިތުބާރެއް ނުކުރާނަން އެކަކަށްވެސް! ދޮންތަބެ ފިޔަވާ!” ޒާރާ ބުންޏެވެ. “މިގުޅަނީ ޕޮލިހަށް!” ޒާރާ ފޯނުނަގައިފައި ގުޅަން ފެށިއެވެ. ފަހަތުން ގެއަށް ވަން އަހުމަދު ޒާރާ އަތުން ފޯނު ޖަހައިގަތެވެ.
“ކޮންހާ ސަކަރާތެއް؟ އޭނ! ދޮންތަ މަރާލީއޭ… ދޮންތަ މަރާލީއޭ! ޒާރާ ކިހިނެއް ވެގެންތަ ތިއުޅެނީ؟” އަހުމަދު ހުރީ ވަރަށް ރުޅި އައިސްފައެވެ.
“ބައްޕަ ކޮންތާކުން ތިއައީ؟” ޒާރާ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެވެ.
“އަދިވެސް ބައްޕަ އުޅޭތަން ތަ ބަލަންވީ؟ މިއަދު ހަވީރު ބައްޕައާއި ދިމާލަށް ބުނިއެއްޗެއް ނޭނގޭތަ؟ އޭނ!” އަހުމަދު ބުންޏެވެ.
“ހެޔޮނުވާނެ އަހުމަދު! ޒާރާއަކީ ކުޑަ ކުއްޖެއް! ނާޔާ މަރުވިކަން އަދިވެސް ޒާރާއަކަށް ގަބޫލެއް ނުކުރެވޭ! އޭނައާ ދިމާލަށް ހަޅޭއްނުލަވަބަލަ!” އައިންތު އަހުމަދާއި ދިމާލަށް ބުންޏެވެ.
“ނޫން މަންމާ! ދޮންތަ މަރުވިކަން ގަބޫލު ކޮށްފިން! ޒާރާ މިބުނަނީ ދޮންތަ އަމިއްލައަކަށް ނޫނޭ މަރުވީކީ! ބަޔަކު ދޮންތަ މަރާލީއޭ!” ޒާރާ އައިންތު ގާތު ބުންޏެވެ.
“އަނެއްކާވެސް އެވާހަކަ؟” އަފީފާ ބުންޏެވެ. “މާގިނައިން ފިލްމުތަކާއި ޑްރާމާ ބަލާތި ވާގޮތް ތީ! ނޫނީ ހުވަފެނެއް ފެނިގެން ތިއުޅެނީ! ދެން ދޭ ނިދަން! މީ ޑްރާމާ ކުޅޭކަށް ރަނގަޅު ވަގުތެއް ނޫން!”
“އާން! ދެން އެންމެ ރަނގަޅު! އެންމެން ވަދޭ ނިދަން!” އަހުމަދު އަމުރުވެރި ރާގަކަށް ބުންޏެވެ.
“އެކަމު ބައްޕާ! ކޮންތާކުން ތިއައީ؟ ދައްތާ! ބޭބެ ކޮބާ؟ ބޭބެއެއްވެސް ނުފެނޭ! މިއީ އަޅެ މީހުން ބޭރަށް ދާ ގަޑިއެއްތަ؟” ޒާރާ ޝައްކު ކުރާ ރާގަކަށް ބުންޏެވެ.
“ޒާރާ!” އަހުމަދު ވަރަށް ބާރަށް ބުންޏެވެ. “ދެން ހުއްޓާލާ! ހުއްޓާލާ!”
ޒާރާ ބުނާ ވާހަކައެއް އެކެއްވެސް ގަބޫލެއް ނުކުރިއެވެ. ޒާރާއަށް އޭނާގެ ބައްޕައަށް ޝައްކު ކުރެވެން ފެށުނެވެ. ކިތަންމެ ކުރަން ބޭނުންނުވިޔަސް ކުރެވުނީއެވެ. އަހުމަދު ނާޔާގެ މަރާއި ދޭތެރޭ މާ ބޮޑަށް ސަމާލުކަމެއް ނުދިނުމާއި އެހާ ލަސްވަންދެން ބޭރު އުޅެފައި އައީމަ ޒާރާގެ ޝައްކުތައް ވީ އިތުރެވެ. އެހެން ތިއްބާ ދޮރު މަތީގައި ހުރި މީހަކު ފެނިފައި އަފިފާއާއި އަހުމަދު ހައިރާންވާ ކަމަށް ހެދިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Reeithi