އީޝަލް އޮފީހަށް ވަދެ މޭޒު ކައިރި ހުރި ހުސްގޮނޑީގައި އިށީނެވެ. އީޝަލްގެ މޭޒުގެ އިތުރުން އެތާ ދެމޭޒު ހުއްޓެވެ. އެދެމޭޒު ކައިރީގައިވެސް ދެމީހުން ތިއްބެވެ. އެތާ އިށީނުމަށްފަހު މޭޒުގައިވާ ފައިލްތަކަށް ބަލަން ފެށިއެވެ. “ހޭ. އަހަރެންނަށް ކިޔަނީ ޒޯޔާ” އަންހެންކުއްޖެގެ އަޑަށް އީޝަލްއަށް އިސްއުފުލާ ބަލާލެވުނެވެ.  އީޝަލްގެ ކުރިމަތީގައި ހުއްޓިލައިގެން އެހުރީ ފެންނަފެނުމަށް އޭނާއާއި އެއްއުމުރެއްގެ އަންހެންކުއްޖެކެވެ. ގައިގެކުލަ ދޮންވެފައި އޮމާނެވެ. ކަނދުރާއާއި ހަމައަށް އަރާވަރަށް  ބުޅިއިސްތަށިގަނޑު ކޮށާލާފައިވެއެވެ. މެރޫންކުލައިގެ ހެދުމެއްލައިފައި ހުރިއިރު،  އޭނާގެ ހަށިގަނޑުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.  “މިއީ އީޝަލް” ހިނިތުންވެލުމާއިއެކު އީޝަލްވެސް އަމިއްލައަށް ތަޢާރަފްވެލިއެވެ. “ދެން އޭނީ އާޒިމް.” މޭޒު ކައިރީގައި އިން ޒުވާން ފިރިހެން ކުއްޖާއަށް އިޝާރަތްކުރަމުން ޒޯޔާ ބުނެލިއެވެ. އެއަންހެންކުއްޖާ ވާހަކަދެއްކުމުގައި ވަނީ ގާތްކަމެވެ. އީޝަލްއާއި ޒޯޔާގެ ވާހަކައިގައި  އާޒިމްވެސް  ބައިވެރިވެލިއެވެ. ކުޑަ ހިނދުކޮޅެއްގެތެރޭގައި  މި ތިން މީހުން ގާތްއެކުވެރިންނަށް ވެއްޖެއެވެ. ޒޯޔާގެ ވާހަކައިން އޭނާއަކީ މާލެއަށް އުފަން އާދައިގެ އާއިލާއެއްގެ ކުއްޖެއްކަން އެނގިގެންދިޔައެވެ.

އަޔާންގެ އޮފީހުގައިވާ ބްލައިންޑްސްތައް ކަހާލީ އީޝަލް ބަލާލުމަށެވެ. ކިތަންމެ ނުބަލަން މަސައްކަތްކުރިނަމަވެސް އަޔާންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ އީޝަލްއަށެވެ. ގަބޫލުކުރަން ބޭނުންނުވިއަސް އެއަންހެންކުއްޖާގެ ޖާދޫގައި ހަމަރަނގަޅަށްވެސް އަޔާން ޖެހިއްޖެއެވެ.  އީޝަލްގެ މަސައްކަތް ނިމުމަށްފަހު އެމަސައްކަތް އަޔާނާއި ހަވާލުކުރިއެވެ. ލަސްލަހުން އެސްފިޔަތައް އުފުލާލާފައި އީޝަލްގެ ނަޒަރު އަޔާނާއި ދިމާއަށް ހުއްޓާލިއެވެ. ވަގުތުން އަޔާންގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔަކަހަލައެވެ. އެބަލާލުމުން އަޔާންގެ ހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވި ކަހަލައެވެ. ކޮންފަދަ އަސަރުގަދަ ބެލުމެއް ހެއްޔެވެ؟ އާނއެކެވެ. އެބަލާލުމުން އަޔާންފަދަ އެތައް ޒުވާނުނެއްގެ ހިތްފަތަޙަ ކުރާނެކަން ޔަޤީނެވެ؟ އަޔާންގެ ހިތާއި ރޫހު އެތޫނު ނަޒަރުގެ ބާރުގައި ޖެހިއްޖެއެވެ. އެފުންދެލޮލުގެ ތެރެއަށް އަޔާންގެ މުޅި ނަފްސު ގެނބެމުންދިޔަވަރަކަށް އެރީތިޒުވާނާ ފިޔަވައި، ލޯމަތިން ފެންނަމުންދިޔަ އެހެން މަންޒަރުތައްވެސް ދިޔައީ ފަނޑުވަމުންނެވެ.

“އަންނަ ހަފްތާ ބުދު ދުވަހު އެހެން ކޮމްޕެނީއަކާއި އެކު މީޓިންއެއް އޮންނާނެ. އެޔަށް ޖެހޭ ޕްރެސެންޓޭޝަންއެއް ތައްޔާރު ކުރަން. އީޝަލްއަށް އެ ޕްރެސެންޓޭޝަން ތައްޔާރު ކުރެވޭނެތަ؟ އަހަރެން ބޭނުން އީޝަލްގެ ހުނަރު ބަލާލަން.” އަޔާން ކަރުގައިވާ ޓައީ އާއި ކުޅެލަމުން ބުންޏެވެ. ” ލައްބަ. އެންމެ ރަނގަޅު.” އީޝަލް ބުނެލިއެވެ. “އީޝަލްއަށް މާޒް އެހީވާނެ. އެހެންވީމަ ދެމީހުން ވެގެން ބުދަ ދުވަހަށް ނިންމާ. ދެން އެންމެ ރަނގަޅު ދިޔަޔަސް.” އަޔާން ބުނެލިއެވެ. ކޮމްޕެނީގައި އިތުރު މީހުން ތިބި އިރުވެސް އީޝަލްއަށް މިޖެހުނީ މާޒާއެކު މަސައްކަތްކުރާށެވެ.

އީޝަލް ލިފްޓްއަށް އެރިތަނާ މާޒްވެސް އޭނާއާއެކު ލިފްޓަށް އެރިއެވެ.  އެވަގުތު އީޝަލްގެ ހިތުގެ ތެޅުން އަވަސްވިއެވެ. “އަހަރެން ގާތު އަޔާން ބުނި ޕްރެސެންޓޭޝަން ވާހަކަ. އެނގޭ އީޝަލް އަހަރެންނާއިއެކު މަސައްކަތް ކުރަން ބޭނުންނުވާނެކަންވެސް. އެކަމަކު ޤަބޫލުކުރޭ!  އަހަރެން އީޝަލްއަށް ދެރަގޮތެއްވާކަށް ނޭދެން.” މާޒް އީޝަލްގެ މޫނަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “އަހަރެންނަށް  ރަނގަޅީ މާޒް ކޮމްޕެނީ ތެރޭގައި، ހަމައެކަނި ވޯކްގެ ވާހަކަ ދެއްކިއްޔާ.” މިހެންބުނުމަށްފަހު އީޝަލް ލިފްޓް ތެރެއިން ނިކުތެވެ.

ބޭރުގައި ޓެކްސީއެއްގެ އިންތިޒާރުގައި ހުރި އީޝަލްގެ ކުރިމައްޗަށް ކަޅުކުލައިގެ ކާރެއް ހުއްޓާލިއެވެ. “އާދޭ. ގެޔަށް ގެންގޮސްދޭނަން.”ކާރުގެ ލޯގަނޑު ކަހާލަމުފަށްފަހު އަޔާން ވާހަކަ ދެއްކިއެވެ. ” އަހަރެން ޓެކްސީއެއްގަ ގޮސްފާނަން.” އީޝަލް ހިނގައިގަންނަމުން ބުނެލިއެވެ. އަޔާން ކާރުން ފޭބުމަށްފަހު އީޝަލްއާއި ހަމަކުރިއެވެ. “އީޝަލްއަށް ފަސޭހައަކަށް މިބުނީ. ” އަޔާން ބުނެލިއެވެ. “އަޔާން ތިހެން ރަނގަޅު ގޮތް ބޭރުން ދެއްކިޔަސް އަޔާނަކީ ކާކުކަން، އަހަންނަށް އެނގޭ. ” މިހެން ބުނުމަށްފަހު އީޝަލް އެތަނުން ދާން ހިނގައިގަތެވެ. އަޔާނަށް ހުރެވުނީ އީޝަލް ދާތަން ބަލާށެވެ.

******

“ދޮންބޭ މާދަން ނޫން އަނެއް  ދުވަސް އެއީ އަހަރެންގެ ބާތްޑޭ. ވީމަ އައި ވޯންޓް އަ ބާތްޑޭ ޕާޓީ. “އަޔާން ގެއަށް އައިސް ވަނުމުން މަލަކް ބުނެލިއެވެ. “އޯކޭ މަލަކް ބޭނުން ގޮތެއް. ” އަޔާން ކޮޓަރިއަށް ވަންނަން ދަމުން ބުނެލިއެވެ. އަޔާންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އީޝަލް ބުނި ވާހަކައެވެ.  ކޮޓަރިއަށްގޮސް ފެންވަރާލައިގެން ގަޔަށް ޓީޝާޓެއް ވައްޓާލައިގެން ކާންދިޔައެވެ. އޭރު އަޔާންގެ މަންމައާއި، މަލަކާއި ،ނޫރާ އަދި ނޫރާގެ ފަސް އަހަރުގެ ދަރިފުޅު ނާޒް އިނީ ކާމޭޒު ކައިރީގައެވެ. ރޭނގަޑުގެ ކެއުން ނިމިގެން ދިޔައީ ހަމަހިމޭން ކަމުގައެވެ.

ޖެހިގެންއައި ދުވަހު އީޝަލް އާއި މާޒާއި ތިބީ ކޮމްޕްނީގެ ޓެރަސްގައިވާ ބެންޗުގައެވެ. އީޝަލްއިނީ  ލެޕްޓޮޕްއިން އެއްޗެއް ޓައިޕްކުރާށެވެ. މާޒްގެ ނަޒަރު ހުއްޓިފައިވަނީ އީޝަލްއަށެވެ. އީޝަލްގެ ދިގުއިސްތަށިގަނޑުގެ އިސްތަށިތައް ވައިރޯޅިތަކުގެ އެހީގައި އޭނާގެ މޫނުމައްޗަށް ފެތުރިގަނެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. މާޒަށް ހޭވަރިކަންވީ އީޝަލް ވާހަކަ ދައްކަން ފެށުމުންނެވެ. “ކޮފީ އެއް ބޭނުންތަ؟” އީޝަލްގެ ވާހަކަ މެދު ކަޑާލުމަށްފަހު މާޒް އަހާލިއެވެ. އާއެކޭ ބުނާފަދަ ގޮތަކަށް އީޝަލް ބޯ ޖަހާލިއެވެ. ” އޯކޭ. އަހަރެން އެބަ އަންނަން ކެންޓީނަށް ގޮސް، ދެ ކޮފީ ހިފައިގެން.” މާޒް މިހެން ކިޔާ އެތަނުން ދިޔައެވެ. އީޝަލްގެ ލޯ އެވަގުތު އަމާޒުވީ ޓެރަސްމަތީގައި ހައްދާފައިވާ ގަސްތަކުގައި ފޮޅިފައިވާ ކުލަކުލައިގެ މާތަކަށެވެ. އެއްފަރާތެއްގައި ފަރިވެފޮޅިފައިވާ ހުދު ފިނިފެންމާތަކާއި ލިލީ މާތައް ފެނުމުން އީޝަލްއަށް ނުހުރެވިގެން ގޮސް އެތަނުން މަލެއް ބިނދެލައިފިއެވެ. އަދި ނޭފަތުގައި ފިނިފެންމާޖައްސާލާފައި ނޭވާ އެތެރެއަށް ދަމާލައިފިއެވެ. އަދި އޭނާގެ ކަންފަތާވީ ދިމާ އިސްތަށިގަނޑުގައި އެމާ ހަރުކޮށްލިއެވެ.

ކޮފީ ހިފައިގެން އައި މާޒްގެ ނަޒަރު ހުއްޓުނީ އީޝަލްއަށެވެ. “އީޝަލް” ކޮފީތަށިތައް ދައްކާލަމުން މާޒް ގޮވާލިއެވެ. އީޝަލް ކަންފަތް ކައިރީގައި ޖަހާފައިވާ މާ ނައްޓާލުމަށްފަހު މާޒް ގާތަށް ދިޔައެވެ. މާޒް ހީލީ އީޝަލް އުޅުނު ގޮތުންނެވެ. “މާޒް” މިހެން ގޮވާލިއަޑާއިއެކު މާޒާއި އީޝަލް ފަސް އެނބުރި ބަލާލީ މަލަކްގެ އަޑަށެވެ. މާޒްގެ މޫޑު އެވަގުތު މުޅިން ބަދަލު ވެގެން ދިޔައެވެ. “އަހަރެން ދޮންބެ ގާތަށް ވަދެލާފަ މާޒް ގާތަށް މިއައީ. ދޮންބެ ބުނީ ޓެރަސްގައޭ. އީޝަލް، މާދަން ރޭ އޮންނާނެ އަހަރެންގެ ބާތްޑޭ ޕާޓީ. އީޝަލްވެސް އަންނާތި.” މަލަކް މާޒް ގާތު އިށީނދެލަމުން ބުނެލިއެވެ. “އަހަރެންނަށް ފަހަރެއްގަ ނުދެވިދާނެ.” އީޝަލް ބުނެލިއެވެ. ” ޕްލީސް އީޝަލް. ” މަލަކް އާދޭސް ކުރާފަދަ ގޮތަށް ބުނެލިއެވެ. ދެވަނަ ފަހަރަށް އިންކާރު ކުރަން އީޝަލް ޖެހިލުންވިއެވެ. އެހެންވެ ހިތާ ދެކޮޅެއް އާއެކޭ ބުނެލިއެވެ. މަލަކް، މިގަޑީގަ ވަރަށް ބިޒީ. ގެއަށްގޮސްފަ ގުޅާނަން.” މާޒް ބުނެލިއެވެ. ” އޯކޭ. އަހަރެން މިދަނީ ޝޮޕިންއަށް ދާން. ބާއި. ސީޔޫ ލޭޓާ” މިހެން ކިޔާ މަލަކް އެތަނުން ދިޔައެވެ.

ނުނިމޭ

 

 

89

4 Comments

  1. Ju-udhaa Abdull Aleem

    June 15, 2020 at 8:56 am

    Konme baehves varah reethi.

    • @aminath

      June 15, 2020 at 1:44 pm

      Thankyou❤️

  2. 🌺Aashko🌻🌼

    June 16, 2020 at 9:18 am

    Day after tmmorow is my birthday too….😊
    Story v reethi

    • @aminath

      June 16, 2020 at 1:41 pm

      Happy birthday in advance🎂❤️ and Thankyou😊

Comments are closed.