އިރުކޮޅަކަށްފަހު އެހެން އިނުމަށްފަހު އަވަހަށް ފެންވަރަން ފާޚާނާއަށް ދިޔައެވެ. ފެންވަރައިގެން ނިކުން އީޝަލް އޭނާގެ ތެތްވެފައިވާ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑު ތުވާލިން ހިއްކާލިއެވެ. ބޮލުގައި ތުވާލި އޮޅާލުމަށްފަހު އީޝަލް އާލިޔާއަށް ގޮވަން ދިޔައެވެ. ބާލިހުގައި ބައްދާލައިގެން އޮތް އާލިޔާގެ ރާޅުބާނި އިސްތަށިގަނޑުވަނީ މޫނު މައްޗަށް އެޅިފައެވެ. “އާލީޔާ! އާލިޔާ! އަވަހަށް ތެދުވޭ ފަތިސް ނަމާދުކޮށްގެން، ސުކޫލަށް ދާން ރެޑީވާން.” އީޝަލް އާލިޔާ ބައްދާލައިގެން އޮތް ބާލިސް ނަގަމުން ބުނެލިއެވެ. މިއަހަރަކީ އާލިޔާގެ ސްކޫލު ދައުރުގެ އެންމެ ފަހު އަހަރެވެ. އީޝަލް ނޫނަސް އާލިޔާގެ މައުސޫމް ހިތަށްވެސް ވަނީ ބައްޕަގެ މަރާއެކު ވަރަށް ފުން އަސަރު ތަކެއް ކޮށްފައެވެ.
ފަތިސް ނަމާދުކޮށްގެން އީޝަލް ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ. އީޝަލްއަށް ހައިރާންކަމެއް ލިބުނީ ބަދިގޭގައި ރޮށި ފިހަން ހުރި އޭނާގެ މަންމަ ފެނިފައެވެ. އެހެންނޫނީ އަބަދުވެސް ކުރިން ބަދިގެއަށް ވަންނާނީ އީޝަލްއެވެ. ލަސްވެއްޖެނަމަ އީޝަލްއަށް މަންމަ ގޮވާނެއެވެ. އީޝަލް ރަނގަޅަށް މަންމަގެ މޫނަށް ބަލާލިއެވެ. މަންމަގެ ދެލޯވަނީ ފެންކަޅިވެފައެވެ. ވާނީވެސް އެހެންތާއެވެ. 29 އަހަރު ކައިވެނިކޮށް އެކީ ހޭދަކުރުމަށްފަހު ބައްޕަ ދުނިޔެއާއި ވަކިވެގެން ދިޔުމުން މަންމައަށްވެސް ހާދައަސަރެއް ކުރާނޭ އީޝަލްގެ ހިތަށް އެރިއެވެ. “މަންމާ އަހަރެންއަތަށް ގެނޭ. އަހަރެން ރޮށި ފިހާނަން.” މަންމަގެ އަތުގައި ހިފާލަމުން އީޝަލް ބުންޏެވެ. އީޝަލް އެހެން ބުނުމުން ހުމޭރާ ރޮށި ފިހުން ހުއްޓަލާމަށްފަހު އެތަނުން ދިޔައެވެ.
ކޮމްޕެނީއަށް ދިޔުމަށްޓަކައި އީޝަލް ތައްޔާރުވިއެވެ. އޭނާ ކޮމްޕެނީ ދިޔުމުގެ މަޤުޞަދަކީ އަޔާނާއި ދެކޮޅަށް ހެއްކެއް ހޯދުމެވެ. ބައްޕައަށް އިންސާފު ހޯދައިދޭން އޭނާ ކިތައްމެ ނުރުހޭ ކަމަކާއި ކުރިމަތިލާންވެސް ހުރީ ތައްޔާރަށެވެ. ބައްޕަ މިދުނިޔޭގައި ނެތްކަމުގައިވިޔަސް އެހެންމީހުންގެ ނަޒަރުގައި، އެދިމާވި ހާދިސާއަކީ ބައްޕައާއި ހެދި ދިމާވީކަމެއްކަމަށް މީހުންދެކެއެވެ.
ކޮމްޕެނީގެ އެމްޕްލޯޔަރަކާއި ވާހަކަ ދައްކަން ހުރި އަޔާންގެ ލޯ އަމާޒުވީ ވިލުނޫކުލައިގެ ހަރުވާޅަކާއި ވިލުނޫކުލައިގެ ޓޮޕެއް ލައިގެންހުރި އީޝަލްއަށެވެ. އެފަންއިސްތަށިގަނޑުގައި ވަނީ ހުޅިއެއްޖަހާލާފައެވެ. ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުގައި އެ ހިމަހޯލިކޮޅެއްފަދަ އިނގިލަތަކުން އިރުއިރުކޮޅާއި ކުޅެލައެވެ. އިސްކޮޅާއި ހެޔޮވަރުގެ ރޫފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާގެ ކުލައަލި އޮމާން ހަންގަނޑެވެ. އައިބެއްނެތް ހިމަރީތި ނޭފަތުގެ ތިރިން އޭނާގެ މަޑުފިޔާތޮށިކުލައިގެ ތުނިތުނި ތުންފަތްމައްޗަށް ވެރިވި ލުއިލުއި ހިނިތުންވުމުން އަޔާންގެ ހިތާއި ކުޅެލައިފިއެވެ. އެވަގުތު އަޔާންގެ މުޅިހަށިގަނޑު ހީވީ ގަނޑުކޮށްލިހެންނެވެ. އެސްފިޔަޖަހާލަންވެސް އޭނާ ހަނދާންނެތިއްޖެއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. ކުރިމަތިން ފެންނަމުންމިދަނީ އޭނާ ދުވަހަކުވެސް ދެކެފައިނުވާފަދަ ރީތި ހޫރެކެވެ.
އަޔާން ކުޑައިރުކޮޅަކު އީޝަލްއަށް ބަލަން ހުރުމަށްފަހު، ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް ދާން ހިނގައިގަތެވެ. އީޝާލްއަށް އެވަގުތު އަޔާން އޭނާއާއި ދިމާއަށް އަންނަތަން ފެނުނެވެ. ދިގުއިސްކޮޅަކާއި ފަންއިސްތަށިގަނޑެކެވެ. ބޯއެސްފިޔަތަކުން ނިވާވެފައިވުމުން ދެލޮލުގެ ރީތިކަން އެހާމެ ފުރިހަމަވެއެވެ. ބާމަތިފުޅާ ބިޔަހަށިގަނޑަކާއި ވަރުގަދަ މަސަލްސްތަކެކެވެ. ހުދުކުލައިގެ ގަމީހަކާއި، ކަޅުކުލައިގެ ފަޓުލޫނެއް ލައިގެން ބެގީކޮށްފައިވާއިރު އެހަށިގަނޑު އެހާމެ ފުރިހަމައެވެ. ނަމަވެސް އަޔާންގެ އެރީތިކަން ފެނިފައި އީޝަލްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އީޝަލްގެ ހިތުގައި ރޯވަމުންދިޔައީ، ރުޅިވެރިކަމުގެ އަލިފާނެއެވެ. “އީޝަލް. އަހަރެން މިއީ އަޔާން. ހަނދާން އެބަހުރިދޯ. ” އަޔާން އީޝަލްގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.
އަތުގައިވާ ފޯނާއި އަތުގައި އަޅާފައިވާ އަގުބޮޑު ބްރޭންޑްގެ ގަޑިއަށް ބަލާލިޔަސް އަޔާނަކީ މުއްސަނދި އާއިލާއެއްގެ މީހެއްކަން ހާމަކޮށްދެއެވެ. “އާދޭ! އަހަރެން އީޝަލް މަސައްކަތް ކުރަންވީ އޮފީސް ދައްކާނަން. ” އަޔާން އަތުގެ އިޝާރަތުން ދާން އަންނާށޭ ބުނާފަދަ ގޮތަކަށް ބުނެލިއެވެ. “އަދި ހަނދާން އެބަހުރިތޯ އަހާފިއެއްނު. ހާދަ ފޫހިވެއޭ.” އަޔާންގެ ފަހަތުން ހިނގަމުން އަޔާންއަށް އަޑުނީވޭ ގޮތަށް މަޑުމަޑުން އީޝަލް ކުދިކިޔާލިއެވެ.
“މިއީ އަހަރެންގެ އޮފީސް. ދެން މިހިރީ އީޝަލްގެ އޮފީސް. އީޝަލްއާއެކު އިތުރު 2 މީހަކުވެސް މި އޮފީހުގައި މަސައްކަތްކުރާނެ. އޮޅުން ފިލުވަން އިތުރުކަމެއް އެބައޮތްތަ؟” އަޔާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ބުނެލިއެވެ. “ނޫން. މިވަގުތަކު ނެތް” އީޝަލް މިހެންބުނުމުން އަޔާންގެ ގައިން ހީބިހި ނަގައިގެން ދިޔަކަހަލައެވެ. އޭނާއަށް އީޝަލްގެ އަޑުއިވުން މީ ފުރަތަމަ ފަހަރެވެ. ރީތި ސޫރައާއި އެއްވަރަށް، އެއަޑުވެސް އެހާ ފުރިހަމައެވެ. އީޝަލްގެ ނާޒްކު އަޑު ހިވީ އަޔާންގެ ކަންފަތުގައި މިޔުޒިކެއް ފަދައިން ކުޅެލިހެންނެވެ.
އަޔާން ގާތު ހުރި އީޝަލައަށް ސިހުމެއް ލިބުނީ މާޒް އޭނާއާއި ދިމާއަށް އަންނަތަން ފެނިފައެވެ. މާޒް ގާތުގައި އެވަގުތު އެހެން އަންހެން ކުއްޖެއްވެސް ހުއްޓެވެ. ރަތްކުލައިގެ ހެދުމުގައި ހުރި އެއަންހެންކުއްޖާގެ އަތްވަނީ މާޒްގެ އަތާއި،އަތް ޖޯޑުކުރެވިފައެވެ. ތުންފަތުގައިވަނީ ގަދަ ރަތްކުލައިގެ މޭކަޕެއް ކޮށްފައެވެ. ލޯވަނީ އަޅައިގެންވާ އަވި އައިނުން ފޮރުވާލެވިފައެވެ. “ދޮންބޭ” މަލަކް އަޔާންމެން ގާތު ހުއްޓުމަށްފަހު ބުނެލިއެވެ. “މިއީ އީޝަލް. މިއަދުއަލަށް ޖޮބަށް ޖޮއިން ކުރި ކުއްޖެއް” އީޝަލްއަށް އިޝާރަތްކޮށް އަޔާން އީޝަލް ތައާރަފުކޮށްލިއެވެ. ” ހާއި އީޝަލް. އައި އޭމް މަލަކް. އަޔާންގެ ކޮއްކޮ. އެންޑް މިއީ އަހަރެންގެ ވާން އުޅޭ ފިރިމީހާ.” މަލަކް އޭނާގެ ލޮލުގައިވާ އަވިއައިނު ނަގަމުން އަމިއްލައަށް ތަޢާރަފުވެލުމަށްފަހު މާޒްވެސް ތައާރަފުކޮށްދިނެވެ. ” ހާއި! މިހާރު ދެމީހުން އެއްކޮށް އުޅޭތާ ކިހާ ދުވަހެއް ވެއްޖެ؟” އީޝަލް ހީލަމުން މަލަކްއާއި ސުވާލުކޮށްލިއެވެ. ލިބިފައިވާ ހިތްދަތިކަމުން އެރީތި މޫނު މިލާ މޯޅިވެފާވާއިރުވެސް، އެރީތި ހީލުމުން ފަރިވެ ފޮޅިފައިވާ މާތައް ރަކިވާހާވެއެވެ. ” މިހާރު 1 އަހަރަށްވުރެ ގިނަދުވަސް ވެދާނެ.” މަލަކް މާޒްގެ އަތުގައި އަތްއަޅުވާލަމުން ބުނެލިއެވެ.
މާޒް އޭނާ ދޫކޮށްލީ މަލަކްއަށްޓަކައި ބާވައެވެ؟ މާޒް އީޝާލްދެކެ ކުޑަކޮށްވެސް ލޯބިވީބާއެވެ؟ އީޝަލްގެ ސިނކުޑީގައި އެވަގުތު އެތައް ސުވާލެއް އުފެދުނެވެ. އީޝަލްގެ ލޯ އަމާޒުވެފައިވަނީ މަލަކްއާއި މާޒްގެ އަތަށެވެ. އީޝަލްގެ ހަނދާނަށް އައީ، އީޝަލްގެ އަތުން ދުވަހަކުވެސް މާޒް ދޫކޮށް ނުލާނަމޭ ބުނި ހަނދާނެވެ. “އީޝަލް ޔޫ ކޭން ގޯ ނައު. އެއްވެސް ކަމެއް ބޭނުމިއްޔާ އަހަރެން ގާތުއަހާ.” އީޝަލްއަށް ބަލާލަމުން އަޔާން ބުނެލިއެވެ. ލައްބައޭ ބުނުމަށްފަހު އީޝަލް އެތަނުން ހިނގައިގަތެވެ. މާޒްގެ ހިތް އެވަގުތު ކުދިކުދިވިކަހަލައެވެ. އީޝަލް އޭނާއާއި މެދު ދެކޭނެ ގޮތެއްވެސް ނޭގެއެވެ. އީޝަލް ގާތު ލޯބިވާ ވާހަކަ ބުނަން ބޭނުންވެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Varah reethi haadhisaa eh
Thankyou?