އެންމެންގެ ކުރީމަތީ، އީޝަލް އޭނާގެ ބައްޕައަކީ ދޮގުވެރިއެއް ނޫންކަން ހާމަކޮށްދެން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ވާހަކަ އެއްވެސް މީހަކު ޤަބޫލު ނުކުރާނަމަ، ކުރާނީ ކީއްހެއްޔެވެ؟ އީޝަލްގެ ހަނދާނަށް ކުއްލިއަކަށް އައީ އެކޮމްޕެނީގައި ސީސީޓިވީ ހުންނާނެކަމެވެ. ޕޮލިހުން ގާތު އެވާހަކަ އީޝަލް އަވަހަށް ބުނީ އޭނާގެ ބައްޕަގެ ތެދުވެރިކަން ހާމަކޮށްދިނުމުގެ ގޮތުން ހެއްކެއް ހޯދުމުގެ ބޭނުމުގައެވެ.
ސީސީޓީވީ އިން ވީޑިއޯ ހޯދުން ވެގެން ދިޔައީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ޕޮލިހުން ޗެކް ކުރިއިރު އަޔާނަށް އެސިޓީ ދޭ އެއްވެސް މަން×ޒަރެއް ފެންނާކަށް ނެތެވެ. އީޝަލް މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަޔާން ދެކެ ރުޅި އަންނަން ފެށުނެވެ. އެ ހުރިހާ ކަމެއް ވެގެން ދިޔައީ އަޔާންގެ ސަބަބުންކަން ގަބޫލުކުރެވުނެވެ. އީޝަލްއަށް މީގެ ކުރިން އަޔާން ނުފެނުނަމަވެސް، ޓީވީއިން އޭނާއަށްވަނީ އަޔާން ފެނިފައެވެ.
ހޮސްޕިޓަލްގައިއިން އީޝަލްގެ ސިނކުޑީގައި ދައުރުވަމުން ދިޔައީ ބައްޕައަށް އިންސާފު ހޯދާދޭނެ ގޮތަކާމެދުގައެވެ. ސިއްސައިގެންދިޔައީ ޑޮކްޓަރާއި ދެނަރުސް ކުދިން ބައްޕަގެ އެޑްމިޓްކޮށްފައިވާ ކޮޓަރިއާއި ދިމާއަށް ނުހަނު ބާރުމިނުގައި ދާތަން ފެނިފައެވެ. އީޝަލްވެސް އެދިމާއަށް ދުއްވައިގަތީ ހިތްނުތަނަވަސްވެ ހުރެއެވެ. އެވަގުތު މަންމެންވެސް ވަނީ ގޭގައެވެ. “ބައްޕާ! ބައްޕާ!” ފާރިޝް އެޑްމިޓްކޮށްފައިވާ ކޮޓަރިއަށް ވަންނަމުން އީޝަލް ގޮވާލިއެވެ. ” ފާރިޝްވަނީ ނިޔާވެފަ” އެތާ ހުރި ޑޮކްޓަރު ބުނެލިއެވެ. އޭރު ޑޮކްޓަރާއި ދެ ނަރުސް ކުދިން ތިބީ އީޝަލްއަށް ބަލާށެވެ.
އީޝަލްއަށް އެވަގުތު އެއްވެސް އިޙްތިޔާރަކާއިނުލާ ނޫނެކޭ ކިޔާ ހަޅޭލަވާ ގަނެވުނެވެ. ބައްޕަގެ މޫނަށް ދެތިންފަހަރު ބަލަން ހުރުމަށްފަހު އެހުރިތަނަށް ތިރިވެ އީޝަލްއަށް ބާރަށް ރޯންފެށުނެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. މީހުވަފެނެއް ނަމައޭ އޭނާގެ ހިތަށް އެރިއެވެ. މާލަސްތަކެއް ނުވެ ހުމޭރާ އާއި ރިދްވާނާއި އާލިޔާ އެތަނަށް އައެވެ. ހުމޭރާއަށްވެސް ބާރަށް ރޮއިގަނެވުނީ ފާރިޝް ފެނިފައެވެ. ޑޮކަޓަރު ބުނިގޮތުގައި ފާރިޝްގެ ހާލަތު ކުއްލިއަކަށް ގޯސްވީއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކުދިންގެ ލޯބިވާ ބައްޕަ މިދުނިޔެއާއި އަލްވަދާޢުކީއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތާމައާއި މޮޅިވެރިކަމެވެ. ހަތަރުމައިންގެ ލޯވެސް ކަރުނުން ފޯވެ ގިސްލަމުން ދިޔައެވެ. މިގޮތުގައި ގަޑިއެއް ހާއިރު ވޭތުވެ ދިޔަގޮތްވެސް އެ ހަތަރުމައިންނަށް އިޙްސާސް ނުވާކަހަލައެވެ.
*******
ފަތިސް ނަމާދަށްފަހު އޮންނަ ފާރިޝްގެ ޖަނާޒާގައި ބައިވެރިވުމަށް އަޔާނާއި މާޒްވެސް ދިޔައެވެ. އަޔާން މާޒް ގާތު ބުނި ދޮގު ތެދަކަށްވުމުން އަޔާން ގާތަށް އައީ މަކަރުން ފުރިގެންވާ ހިންޏެކެވެ. ދެމީހުންވެސް ފާރިޝްގެ މޫނު ދެކެލަން ދިޔައެވެ. މާޒަށް ސިހުމެއް ލިބުނީ މަޑު ނޫކުލައިގެ ހަރުވާޅަކާއި މަޑުނޫކުލައިގެ ކަކުލާއި ހިސާބަށް އަރާވަރު ހެދުމެއް ލައިގެން ހުރި އީޝަލް ފެނިފައެވެ. އިސްތަށިގަނޑު ވަނީ ވޫލްކޮޅަކުން އައްސާލާފައެވެ. އީޝަލްގެ މޫނުމަތި ފެންނަމުންދިޔައީ ހިތާމައިގެ މަންޒަރުތަކެވެ. ރުއިމުގެ ސަބަބުން އެރީތި ދެލޯ ވަނީ ބަޑިއަރާފައެވެ. ހީވަނީ ރަތް އަނގުރުކޮޅެއް ހެންނެވެ. ” ހިނގާ ފާރިޝްގެ އާއިލާ ގާތަށް ގޮސްލަމާ” މާޒާއި މުޚާތަބުކޮށް އަޔާން ބުނެލިއެވެ. އީޝަލްގެ ކުރިމަތީގައި އަޔާނާއެކު މާޒްވެސް ހުއްޓުނެވެ. މާޒަށް އީޝަލްއަކީ ފާރިޝްގެ ދަރިއެއްކަން އެނގުނީ އެވަގުތެވެ. މާޒަށް އެކުރެވުން ކަންތަކާއި މެދު ދެރަވިއެވެ. އެވަގުތު އީޝަލްއާއި ދިމާއަށް ބަލާލެވުނެވެ. މާޒްގެ ހިތް އެދި ގޮވަމުން ދިޔައީ، އީޝަލްގެ އެރީތި ރީތި ލޮލުން އޮހެމުންދާ ކަރުނުތައް ފުހުލެމުށައެވެ.
އީޝަލްއަށް ހައިރާން ކަމެއް ލިބުނީ މާޒާއި އަޔާނާއި އެއްކޮށް ފެނުމުންނެވެ. “އަހަރެން މީ އަޔާން. ދެން މިހިރީ މާޒް، އަހަރެންގެ ބިޒްނަސް ޕާޓްނަރ” އަޔާން އަމިއްލައަށް ތަޢާރަފުވެލުމަށްފަހު މާޒްވެސް ތަޢާރަފު ކޮށްދިނެވެ. މިހެން ބުނިއިރު އަޔާންގެ ލޯ އަމާޒުވެފައިވަނީ އީޝާލްއަށެވެ. އޭނާގެ އާއިލާ ފިޔަވާ އެހެންމީހަކަށް ހަމްދަރުދީ ނުވާ އަޔާނަށް އީޝަލްއާއި މެދު އެވަގުތު ހަމްދަރުދީވެވުނެވެ. ކަރުނައިން ފުރިފައިވާ އީޝަލްގެ އެދެލޮލަށް ބަލާލެވުނެވެ. އެފަދަ ހާލަތުގައިވެސް އީޝަލްގެ މައުސޫމުކަމާޢއި ރީތިކަން ފެނެއެވެ. “އަހަރެން މީ ހުމޭރާ. ފާރިޝްގް އަންހެނުން. ދެން މިތިބީ އަހަރެންގެ ތިން ދަރިން އީޝަލް، ރިދްވާން އަދި އާލިޔާ.” ފަހަރަކު ކުއްޖަކަށް އިޝާރަތް ކުރަމުން ހުމޭރާ އެންމެން ތަޢާރަފު ކޮށްދިނެވެ. ޖަނާޒާ ކަންތައް ނިމުމުން އެމީހަކު އެމީހެއްގެ ގެއަށް ދިޔައެވެ.
*******
އެނދުގައިވާ އަޔާންގެ ލޯހުއްޓިފައިވަނީ ކޮޓަރީގެ ސީލިންގްއަށެވެ. އެވަގުތު އޭނާގެ މުޅި ހިތާއި ހަށިގަނޑުގައި ކުޅެމުން ދިޔައީ އާ ރާގެކެވެ. އާ އިޙްސާސްތަކެކެވެ. “އީޝަލް.” އެއްވެސް އިޚްތިޔާރަކާއި ނުލާ އަޔާނަށް އެނަން ކިޔާލެވުނެވެ. ނަމާއި އެއްވަރަށް އީޝަލްވެސް އެހާ ފުރިހަމައެވެ. އެހާ ލޯތްބެވެ. އާއެކެވެ. އަޔާން އަންހެން ކުއްޖަކާމެދު މީގެ ކުރިން ދުވަހަކުވެސް، ލޯބީގެ ނަޒަރުން ދެކެފައެއް ނުވެއެވެ. އަދި ޚިޔާލުކޮށްފައެއްވެސް ނުވެއެވެ. އަޔާންދެކޭ ގޮތުގައި ލޯތްބަކީ ބޭކާރު ކަމެކެވެ. އޭނާއަށްޓަކައި މިހާރުވެސް އެތައް އަންހެންކުދިންނެއް ޖާނުން ފިދާވާން ތައްޔާރަށް އެބަ ތިއްބެވެ. ނަމަވެސް އޭނާ ލޯތްބަށްވުރެ ބޮޑަށް އިސްކަންދެނީ ބިޒްނަސްއަށެވެ. އޭނާއަށް މުހިއްމީވެސް ބިޒްނަސްއެވެ. މީގެ ކުރިން އަންހެންކުދިންނަށް އެއްވެސް ޝަޢުޤުވެރިކަމެއް ނެތް އަޔާން، އީޝަލްގެ ޚިޔާލަށްވަނީ ގެއްލިފައެވެ. އޭނާގެ ކުރިމަތިން އަދިވެސް އީޝަލްގެ އެ ރީތި ސޫރަ ފެންނަމުން ދާކަހަލައެވެ. އަޔާންގެ ހިތްއެދި ގޮވަމުން ދިޔައީ އަދިވެސް އެއްފަހަރު އީޝަލްއާއި ބައްދަލުވުމަށެވެ.
“ހަލޯ ވަރަށް އަވަހަށް މަރިޔަމް އީޝަލް ކިޔާ ކުއްޖެއްގެ މައުލޫމާތު ހޯދާދީބަ” އަޔާން ބޭނުންވީ އީޝަލް އިތުރަށް އެނގޭށެވެ. 15 މިނެޓް ވަރަކަށް ފަހުން އަޔާންގެ ފޯނަށް އީޝަލްގެ ހުރިހާ މައުލޫމަތެއް ލިބުނެވެ. އަޔާންގެ މޫނު މައްޗަށް ހިނިތުންވުން ވެރިވީ އީޝަލް އަޔާންގެ ކޮމްޕެނީއަށް ޖޮބަށް އެޕްލައިކޮށްފައިވާ ތަން ފެނުމުންނެވެ. އަވަސް އަވަހަށް އެފޯމްގައި އިން އީޝަލްގެ ނަންބަރަށް ޖޮބް ލިބުނުކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ.
ފާރިޝް ނިޔާވިތާ މިހާރު 4 ދުވަސް ވީއެވެ. އީޝަލްގެ ގެއިން ފެންނަމުން ދަނީ ފަޅުކަމެކެވެ. ގޭ އެންމެން ކާން ތިބި އިރު އެންމެންގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ” އަހަރެންނަށް ޖޮބެއް ލިބިއްޖެ.” އެންމެންގެ ތެރޭގައިވާ ހަމަހިމޭންކަން ފޫދުއްވާލީ އީޝަލްއެވެ. ” ކޮންތާކުން؟” ހުމޭރާ ސުވާލުކޮށްލިއެވެ. “ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް އައެއްނު އަޔާން ކިޔާ މީހެއް. އޭނާގެ ކޮމްޕެނީއިން.” އީޝަލް އަޔާންގެ ކޮމްޕެނީއަށް ކިތަންމެ ދާން ބޭނުން ނޫން ނަމަވެސް، ހިތާއި ދެކޮޅަށް ދާން ނިންމީ އޭނާގެ ލޯބިވާ ބައްޕައަށްޓަކައެވެ. ބައްޕަގެ ކުށެއްނުވާކަން ހާމަކޮށްދިނުމަށެވެ. “ކޮންއިރަކުން ތި ޖޮބް ފަށަނީ؟” ހުމޭރާ އަގައިގައިވާ ފެންކޯވަރު ދިރުވާލަމުން ސުވާލުކުރިއެވެ. ” މިވިސްނަނީ މާދަމާއިން ފެށިގެން ދާން.” އީޝަލް އެތަނުން ތެދުވަމުން ބުނެލިއެވެ. “އަހަރެންވެސް އެބަ ބަލަން ޖޮބެއް ލިބޭތޯ” ރިދްވާން ބުނެލިއެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އީޝަލްއަށް ހޭލުވުނެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއްޖަހާލުމަށްފަހު އީޝަލްއާއި ޖެހިގެން އޮތް އެނދުގައި ނިދާފައި އޮތް އާލިޔާ ދިމާއަށް ބަލާލުމަށްފަހު ގަދަކަމުން ހީލިއެވެ. އީޝަލްގެ ލޯހުއްޓުނީ އެނދުކައިރީގައި ހުރި ސައިޑް ޓޭބަލްގައި ހުރި އޭނާއާއި ބައްޕަގެ ފޮޓޯ ފުރޭމަށެވެ. އީޝަލްއަށް އެވަގުތު ރޯން ފެށުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަނގަމަތީގައި އަތްއަޅާލީ އާލިޔާ ހޭލަފާނެތީއެވެ. ބައްޕަގެ އަޑު އަހާލަން އޭނާ ބޭނުންވެއެވެ. ބައްޕައާއި އެގޮތަށް ކުއްލިއަކަށް ވަކިވުމުން އީޝަލްގެ ހިތަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Maasha Allah ?
When is next
Thankyou❤️ Miadhu up kohlaanan Inshallah?
Masha Allah. Mi part ves hama varah furihama♥️??. Waiting for the next part
Thankyou dear❤️
Konme baehves v reethi. Hihvaraaeku kuriah dhey.
Thankyou❤️
Varah reethi vaahaka… waiting for next part
V salhi mi vaahaka
Thankyou?