Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ 10 – 6

Laya Level 310 Stories100 Login
June 15, 2020 38 Mins Read
1 Comment

6

ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިމަތީގައި އެހުރީ މިއަދު އޭނާއަށްޓަކައި ހެޔޮ އެދޭ ހަމަ އެކަނި ފަރާތެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އުނދަގޫ ވަގުތެއްގައިވެސް އޭނާއާއި އެކުގައި ވާނޭކަން ޔަގީންވާ ފަރާތެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ދެދުނިޔޭގެ އެކުވެރިޔާއެވެ.

” އާލިކް..” ވިކާޝްއަށް ލޯ ހުޅުވާލުމާއިއެކު އާލިކްގެ ނަން ކިޔާލެވުނެވެ. އަދި ހަމަ އެއާއިއެކު ދެންމެ ފެނުނީ ހުވަފެނެއްކަން އެނގުމުން އަވަސް އަވަހަށް ތެދުވެ ދެލޯ އުނގުޅާލީ ކުޑަކުއްޖަކު ފަދައިންނެވެ. އޭރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އެ ހުވަފެނުގެ މަންޒަރުތަކެވެ. އޭގެން އޭނާ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ އެ ހުވަފެނުގެ ތައުބީރަކީ ކޮބާ ހެއްޔެވެ؟ ވިކާޝްގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އޭނާގެ މަންމައާއި ކޮއްކޮ ހޯދުން ކަމުގައި ވާއިރު މިހާތަނަށް އޭނާ އާލިކް އާއިވެސް އެވާހަކަތައް ހއްސާ ކޮށްފައެއް ނުވެއެވެ. އޭނާގެ ކޮއްކޮއެއް ހުންނަކަންވެސް އާލިކްއަކަށް ނޭނގޭނެއެވެ. ވިކާޝްގެ ހަޔާތުގެ އެންމެ ބޮޑު އެއް ހަގީގަތް އޭނާ ވަނީ އެންމެ ގާތް އެކުވެރިޔާއަށްވެސް ސިއްރުކޮށްފައެވެ. ވީއިރު ހުވަފެނުގައި އާލިކް ފެނުނީ ކީއްވެގެން ހެއްޔެވެ؟ އެ ހުވަފެނުން އަންގައި އެދިނީ އާލިކްއާއި އެވާޙަކަތައް ހިއްސާ ކުރަންވީ ވަގުތު ޖެހިއްޖެ ކަމުގައި ހެއްޔެވެ؟ ވިކާޝް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެގެން ގޮސް ކޮފީއެއް ހަދާލައިގެން ބެލްކަނީގައި ހުއްޓިލީ ހެނދުނުގެ ތާޒާކަން ހޯދުމުގެ މަގްސަދުގައެވެ. އޭނާގެ ހިތާއި ސިކުނޑި އޭރުވެސް ގުޅިފައިވަނީ ފެނުނު ހުވަފެނާއިއެވެ. އެންމެ ފަހުން އެތައް ގޮތަކަށް ވިސްނުމަށްފަހު ވިކާޝް ގަސްތުކުރީ އާލިކްއަށް އޭނާގެ އާއިލާގެ ހަގީގަތް ކިޔައިދިނުމަށެވެ. ފަހަރެއްގައި އެކަމުގައި އޭނާއަށް އެހީތެރި ވެދޭނެ ފަރާތަކީ ހުވަފެނުގައި ފެނުނު ފަދައިން އާލިކްއަށްވެސް ވެދާނެއެވެ.

ހެނދުނުގެ ތާޒާކަމާއިއެކު ވިޝާ އޮފީހަށް ވަން އިރު ގަޑި ޖެހެން 10 މިނެޓް ހުއްޓެވެ. އޭރު އޮފީހުގެ މަސައްކަތު ދެތިން މީހަކާއި އިތުރު މުވައްޒަފަކު ފިޔަވައި އެހެން މީހަކު ނާދެއެވެ. ވިޝާ މަޑުމައިތިރި ކަމާއިއެކު ހިނގާލާފައި ގޮސް އޭނާގެ ކެބިންގެ ތެރެއަށް ވަދެ އޭސީ އާއި ލައިޓްތައް ޖައްސާލިއެވެ. އަދި ކާޓެއިން ކަހާލުމަށްފަހު އެތަނުގެ ތެރެއަށް އެއަރ ފްރެޝްނަރ ޖަހާލާ ހިތްގައިމު ވަހަކުން އޭނާގެ ހިތައް ހަމަޖެހުން ހޯދަދިނެވެ. ހިތްހަމަޖެހޭވަރު ވުމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ ހިނިތުންވެލަމުންނެވެ. އޭނާގެ ދޮން މޫނުމަތީގައިވަނީ އުޖާލާ ކަމެވެ. ބްރައުން ލޮލުން ފާޅުވަމުން ދިޔައީ ހަރަކާތްތެރިކަމާއި އަޒުމް ވަރުގަދަކަމެވެ. ކުޑަ އިރުކޮޅަކު އިންޓަރނެޓުން ހަބަރުތައް ބަލާލަން އިނުމަށްފަހު އޭނާ އާއި ހަވާލުވެފައިވާ މަސައްކަތްތަކަށް ސަމާލުކަން ހުއްޓާލިއިރު އޮފީހުގެ އެހެން މުވައްޒަފުންވެސް އަންނަން ފަށައިފިއެވެ. ކުރީގައި ނިމިފައި ހުރި ޕްރޮޖެކްޓްތަކާއި އެހެނިހެން ލިޔެ ކިޔުންތައް ބަލަމުން ދިޔައިރުވެސް ވިޝާގެ ލޮލުގައި އަޅައިގަންނަމުން ދިޔައީ ސީއީއޯގެ ނަމާއި ޖެހިގެން އިންނަ އޯނަރ ގެ ނަމެވެ. ހުސެން އާލިކް ޝާހީންގެ ނަމާއި އެކު އޯނަރަކަށް ޝާހީން އާދަމް އިންނާތީ އޯނަރަކީ އާލިކްގެ ބައްޕަކަން ނަގައިގަންނާކަށް ވިޝާއަށް އުނދަގުލެއް ނުވިއެވެ. އެ ލިޔުންތަކާއިމެދު ވިސްނަން އިން ވިޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ.

” އައްސަލާމް އަލައިކުމް..” ވިޝާގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ.

” ހަލޯ.. މީ އާލިކް އޭ.. މިއަދު 11 ޖަހާއިރަށް މުވައްޒަފުންގެ މީޓިންގއެއް އޮންނާނެ.. ހުރިހާ އެންމެންނަށް އަންގާލާތި.. އަސްލު ސެކެޓްރީ ޗުއްޓިގަ ހުރީމަ ވިޝާއާ މި ހަވާލުކުރީ.. ދެން ވަތްގަނޑުގަ އޮންނާނެ ސްޓާފް މީޓިންގ ޖަހާފަ ފޮތެއް.. އޭގަ މުވައްޒަފުންގެ ސޮއި ކޮށްލުވާތި.. އައިލް ބީ ދެއަރ އެޓް 10..” އާލިކް ފައްޗަކަށް ކުރަންވީ ކަންތައްތައް ކިޔާލުމަށްފަހު ފޯނު ބޭއްވިއިރު ވިޝާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެހާ އަވަހަށް އޭނާ ކުރަން ޖެހޭ މަސައްކަތުގެ އިތުރަށްވެސް ކަންތައްތައް ޖައްސަން ފެށީ ހެއްޔެވެ؟ ހިތައް އެރި އެއްޗަކުން ހީނލަމުން ވިޝާ އާލިކްގެ މޭޒުގާތު ހުއްޓިލުމަށްފަހު މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ. މާ ތަރުތީބު ނޫނަސް މޭޒުމައްޗަށް ބަލާލަން ކެރޭ ވަރުވެއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ވިޝާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އެއާއިއެކު އޭގެތެރެއިން އާލިކް އެބުނި ފޮތާއިއެކު އަދި އިތުރު ދެ ފައިލްވެސް ވިޝާއަށް ފެނުނެވެ. ފޮތް ނެގުމަށްފަހު ވިޝާގެ ސަމާލުކަން ވަތްގަނޑުތެރޭގައި އޮތް ޓްރާންސްޕޭރެންޓް ފައިލަށް ހުއްޓުނީ އޭގެ ބޭރުގައި “ޕާޓްނަރޝިޕް ބިޒްނަސް” ޖަހާފައި އޮތުމުންނެވެ. ޝައުގުވެރިވީ ވަރުން ފައިލް ނަގާ ބަލާލަން އުޅެފައިވެސް އެކަން ނުކޮށް ދޫކޮށްލީ އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުންނެވެ.

” އައްސަލާމް އަލައިކުމް..” ވިޝާ އާދައިގެ ގޮތަކަށް ފޯނަށް ޖަވާބު ދިނެވެ. އަދި އެކޮޅުން ގުޅި ފަރާތާއި ކުޑަ ވަގުތުކޮޅެއްގަ ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއިރު މޫނުމައްޗަށް ސީރިއަސް ކަން ވެރިވެއްޖެއެވެ. އިރުކޮޅަކު ވިސްނާލަން އިނދެލުމަށްފަހު ފޮތް ހިފައިގެން ވިޝާ މިސްރާބު ޖެހީ ސިޑީއާއި ދިމާއަށެވެ.

“ސްޓާފް މީޓިންގ ނޭ.. އަދި ބޮލުގަ ރިއްސާތީ ގެއަށް ދާން މިއުޅުނީ..” ވިޝާ ދިއްކޮށްލި ފޮތުގައި ސޮއިކޮށްލަމުން ލިމްނާ ތުން އޫކޮށްލިއިރު ހީވަނީ ކުޑަކުއްޖަކު ހެންނެވެ. އެ މަންޒަރު ފެނުމުން ވިޝާ ގާތަށް ހިނިވެސް އައެވެ.

” ދީމާ.. ސޮއި ކޮށްލަބަ.. މިހާރު ދީމާ އެކަނި ސޮއި ނުކުރަނީ..” އެންމެ ފަހުން ދީމާގެ ކެބިންއަށް ވަނުމަށްފަހު ވިޝާ ބުނެލިއެވެ.

” ސާބަސް ވިޝޫއަށް.. އެތަނުން މަސައްކަތު މީހަކާ ހަވާލު ކުރިނަމަވެސް ތިކަން ކޮށްލީހެއްނު..” ވިޝާގެ އަތުން ފޮތް ދަމައިގަންނަމުން ދީމާ ބުނެލިއެވެ. އޭރު އެތަނަށް ލިމްނާވެސް އަތުވެއްޖެއެވެ.

” ދެން އެހާ މަސައްކަތެއްވެސް ނެތޭ.. އެހެން ނޫނަސް އެންމެންނާ ދިމާވީނުން ފޮތް ހިފައިގެން ހިނގާލީމަ..” ވިޝާ ހަމަޖެހިލަމުން ގޮނޑިއެއްގައި އިށީނދެލިއެވެ.

” ދީމާ.. އެއްކަލަ ބިޒްނަސް ޕާޓްނަރ ގުޅި ދެންމެ.. އާލިކް އުޅުއްވާހޯ.. މަ ބުނީ އަދި ނުދުރެވެޔޭ..” ކޮނޑުމައްޗަށް ގެނެސްފައި އޮތް އިސްތަށިގަނޑު ރީތިކޮށްލަމުން ވާހަކަ ދެއްކިއިރު ލިމްނާ ހުރީ ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ.

” ވަރަށް މަދުން އޮފީހަށް އޭނާ ގުޅާނީ.. އާލިކްއަށް ނުގުޅުނީ ކަންނޭނގެ ދޯ..” ދީމާވެސް ލިމްނާއަށް ޖާބުދިނީ ހީނލަމުންނެވެ.

” ކާކުތަ؟.. ބިޒްނަސް ޕާޓްނަރ.. އަހަރެންވެސް އެބަ އިނީމޭ..” ވިޝާވެސް އެމީހުންނާއި ބައިވެރިވެލިއެވެ.

” ހޫމްމް ވިޝޫ… އެއޮތީ ވާކަމެއް.. އާލިކް ސަރގެ ބިޒްނަސް ޕާޓްނަރ އެއްނު.. ވިޝޫ ބުނާކަށް ސަޅި ބިޓެއް.. ހާދައޭ ރީތީ.. އާލިކް ސަރ ވެސް ރީތި .. ވަރަށް ރީތި.. އެކަމު އޭނަ.. ވާއު ވާއު.. ހިތައް އެރިޔަސް މިހިރަ ވާގޮތެއް..” ލިމްނާ އެތަނުގައި ހުރި ސޯފާއަށް ވެއްޓިގަތް އިރު ލޯވެސް މެރިއްޖެއެވެ. އޭނާޣެ ހަރަކާތްތައް ހުރިގޮތުން ވިޝާއާއި ދީމާއަށްވެސް ތިބީ ހެވިފައެވެ.

“ހެހެހެ.. ލިމް އެބުނީ ތެދެއް ވިޝޫ.. ވަރަށް ހޭންސަމް ކުއްޖެއް.. އެކަމު ލިމްއަށް ވާވަރެއް ނުވާނެ ކަންނޭނގެ އެކަކަށްވެސް.. އާލިކް ފެނުނު ދުވަހުވެސް ކިރިޔާ ހޭނުނެތުނީ..” ދީމާ ލިމްނާއާއި ދިމާކޮށްލިއެވެ. އޭރުވެސް ވިޝާ ހިނިތުންވެލައިގެން އަޑުއަހން އިނެވެ.

” އެ ތެދެއް ވިޝޫ.. މަ ހަމަ ހައިރާންވޭ ވިޝޫއަށް ގޮތެއް ނުވީމަ.. އަދި އެއް ކެބިންއެއްގަ.. ސަރގެ އެހެރަ ދެލޮލާއި ހަތަރުކަޅި ހަމަވިޔސް މަށަށް ހީވަނީ ހަމަ ވިރިގެން ފައިބަފާނެހެން.. އަޅެ ވިޝޫއަކަށް ނުވޭތަ އެހެންނެއް..” ލިމްނާ ހުވަފެނީ ގޮތަކަށް އާލިކްގެ ވާހަކަ ދައްކަމުން ދިޔައިރު ވިޝާ ހީފައި އިނީ ލާނެތް ގޮތަކަށެވެ.

” ދެން އަސްލު ލޮލެއް ނަމައެއްނު.. ލެންސް ލައްވާފަ ވިއްޔަ.. މަށަކަށް ނުވޭ އެއްވެސް ގޮތެއް..” ވިޝާ ޖަވާބުދިނީ ފަރުވާ ކުޑަ ގޮތަކަށެވެ. އާލިކްގެ ރީތި ވާޙަކަ ދެއްކުމުންވެސް އޭނާގެ ހިތުގައި ވަނީ ފާޑެއްގެ ފޫހިކަމެއް އުފެދިފައެވެ.

” ހޫމްމް.. އިނގޭތަ ވިޝޫ އާލިކް ސަރ ލެންސް ލައްވާފަ ހުއްޓަސް ކުރިން މިބުނި ކުއްޖާ ހުންނަނީ އަސްލު ލޮލެއް.. ލެންސެއްވެސް ނުލާ.. ވަރަށް ރީތި.. ހަމަ ހިތް ތެޅިފޮޅޭ..” ލިމްނާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ވިޝާ އިނީ އަނގަމަތީގައި އަތް އަޅައިގެން ހިނިގަނޑު މައިތިރިކޮށްގެންނެވެ.

” ހާދަ ރީއްޗޭ ދޯ..ކޮން ނަމެއްތަ ކިޔަނީ ތި ކުއްޖާ އަށް..” ވިޝާ ޝައުގުވެރިކަން ދައްކާލީ ލިމްނާ އެވާހަކަ ދައްކާ ހިތްވެފައި އިންލެއް ބޮޑުކަމުންނެވެ.

” ކިޔަނީ  ވ….”    ” ލިމްމް އާދެބަލަ ރިސެޕްޝަނުގަ މީހަކު..”  ލިމްނާގެ ޖުމްލަ މެދު ކެނޑުނީ އެހެން ކުއްޖަކު އޭނާއަށް  ގޮވާލުމުންނެވެ.

” އޭ ދިޔައީ..” އެވަގުތު އަވސް އަވަހަަށް ތެދުވެ ލައިގެން ހުރި ހެދުން ރީތިކޮށްލަމުން ލިމްނާ ނުކުމެގެން ދިޔައެވެ.

” ހަމަ ކުޑަ ކުއްޖެއް.. ހެހެ ޝާންގާތުވެސް ދައްކާނެ އެކަހަލަ ވާޙަކަ.. ޝާންވެސް ހުންނާނެ ހީފަ..” ލިމްނާ ދިއުމުން ދީމާ ހިނިތުންވެލަމުން ބުނެލިއެވެ.

” އުފާވެރި ކުއްޖެއް ދޯ.. އޭ ދިޔައީއޭ.. 10 ޖަހަނީ ނުން.. ސަރ އަންނާނެ މިހާރު..” ވިޝާވެސް ދީމާގެ ކެބިންއިން ނުކުމެގެން ދިޔައީ އޭނާގެ ކެބިންއަށެވެ.

ވިޝާ އޭނާގެ ކެބިންއަށް ވަނުމަށްފަހު ފޭސްބުކަށް ވަދެލީ ” ވިކާޝް” ޖަހާލައިގެން ފޭސްބުކް ސާރޗް ކޮށްލުމުގެ ބޭނުމުގައެވެ. އެހެންވެސް އޭނާ ހޯދަން ފަސޭހަވާނީ ފުރިހަމަ ނަން އެނގޭ ނަމައެއް ނޫން ހެއްޔެވެ؟ މަންމަގެ ސިޓީގައިވެސް އޭނާގެ ދޮންބެގެ ފުރިހަމަ ނަން ބުނެދީފައެއް ނެތެވެ. އަދި ނަމުގެ ފަހަތަށް ބައްޕަގެ ނަންވެސް އިންނަ ކަމެއް ނޭނގެއެވެ. އޭނާގެ ނަމުގައިވެސް ބައްޕަގެ ނަމެއް ނީނދެއެވެ. “ވިކާޝް އިބްރާހީމް” ޖަހައިގެން ސާރޗް ކުރީމަވެސް ނަތީޖާއެއް ނުފެނުނެވެ. ވިޝާ ޝައުގުވެރިކަމާއިއެކު އެކަމަގައި އިންދާ އާލިކް އައިސް ކެބިންގެ ތެރެއަށް ވަނުމުން އޭނާ އަވަސް އަވަހަށް ލޮގް އައުޓް ވެލީ ދައްކަން ޖެހޭ މުހިންމު  ވާޙަކައެއް އޮތުމުންނެވެ.

” ކޮބާ މީޓިންގ އަށް އެންގީތަ؟..” އާލިކް ގޮނޑީގައި އިށީނދެލިގޮތަށް ވާހަކަ ދައްކަން ފެށިއެވެ.

” އަންގައިފިން.. މިއަދު ސަލާމުގައި ހުރި ކުއްޖާއަށްވެސް އެންގިން..” ވިޝާވެސް އާލިކްއަށް ޖަވާބު ދިނީ އާލިކް ވާޙަކަ ދެެއްކި ރާގަށެވެ.

” މިއަދު ގުޅި  މިއުރެކްސް މައި އޮފީހުން..  މިމަހު ފަހު ކޮޅު އެއޮފީހުގެ އަހަރީ ދުވަސް ފާހަގަ ކުރާތީ އެކި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ދޭވާޙަކަ ބުނީ.. ދެން މެއިލް ކޮށްލާފަ އިން ޖަވާބެއް ފޮނުވަންވީ ތާރީހް.. ” ވިޝާ މަޑުމައިތިރިކަމާއިއެކު ވާހަކަ ދެއްކިއިރު އާލިކް އިނީ އޭނާގެ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެންނެވެ.

” މިފަހަރު ބައިވެރިއެއް ނުވެވޭނެ.. ބަޖެޓް ތަންކޮޅެއް ދަށްކޮށް އުޅެނީ..” އާލިކްގެ ޖަވާބު އައީ ވިޝާ އެންމެ ފޫހިވާ ރާގަށެވެ. އޭނާއަށް ގަބޫލުކުރެވުނީ އެކަމަށްވެސް ދެކޮޅު ހެދީ އޭނާއަށް ޖެއްސުމަށް ކަމުގައެވެ. ހަގީގަތަކީވެސް އެއީއެވެ. ވިޝާ އެވާހަކަ ބުނިއިރު އެއަޑުގައި ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އޭނާ އެކަމަށް ނޫނެކޭ ބުނަން ބޭނުންވީއެވެ.

ޖެހިގެން އައި ގަޑިއެއްހާއިރު ހަމަހިމޭންކަމާއިއެކު މަސައްކަތް ކުރުމަށްފަހު ވިޝާއާއި އާލިކްއާއި ދެމީހުންވެސް ކެބިންއިން ނުކުތީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ދެމީހުން އެއްވަރަކަށް ހިނގާލާފައި ކޮންފަރެންސް ރޫމަށް ދިޔައިރުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެމީހުން ވަންއިރު އޮފީހުގެ އެހެން ހުރިހާ މުވައްޒަފުން އެތަނުގައި ތިއްބެވެ.

45 މިނެޓެއް ހާއިރަށް ދެމިގެން ދިޔަ މީޓިންގ ނިންމާލުމަށްފަހު އާލިކް ތެދުވެގެން ދިޔައިރު އެހެން އެންމެން ތިބީ ދެލޯ ބޮޑުވެފައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު މޫނަށް ފޫހިގޮތެއް ވެރިކުރުވަމުން ދިޔައިރު ވިޝާ އިނީ އެތެރެ އެތެރެއިން ރުޅި އައިސްގެން ހަލާކުވާ ވަރުވެފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ހެދުން އެޅުން ބަދަލުކުރަން އެއްބަސް ނުވުމުން އެންމެފަހުން މުވައްޒަފުންނަށް ހާއްސަ ޔުނީފޯރމެއްވެސް ހެދީއެވެ. ޖެއްސުން ކުރިޔަސް ތަންކޮޅެއް ބޮޑުވަރެކެވެ. ވިޝާ ލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކޮންމެއަކަސް އެހެންވެސް އެހެދީއެވެ. ދެން އޭނާ ޖެހޭނީ ޔުނީފޯރމްވެސް ލާށެވެ. ވަޒީފާއިން ވަކިވުމަށްވުރެ އެގޮތް މާ ރަނގަޅުވާނެތާއެވެ.

މީޓިންގައި މުވައްޒަފުންގެ ފަރާތުން  ލިބިގެންދިޔަ ނުރުހުމުގެ ބަސްތައް އަޑުއިވުމުން އާލިކް ހުރީ ކޮންމެވެސް ވަރަކަށް މޫޑް ގޯސްވެފައެވެ. އެހެންނަމަވެސް ވިޝާއަށް އޭނާގެ ފެންވަރު ހަނދާންކޮށްދޭން އެކަމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމުން އާލިކް އެ ފިޔަވަޅުވެސް އެޅީއެވެ. ލިބިފައިވާ ހާސްކަން ކުޑަކޮށްލުމަށް އޮފީހުން ނުކުމެ ކައިރީފގައި ހުރި ކެފޭއަށް ވަދެ ކޮފީއަކަށް އޯޑަރު ކޮށްލުމަށްފަހު އާލިކް ގުޅާލީ ވިކާޝްއަށެވެ.

” ހަލޯ އޭ ބްރޯ.. ވަރަށް ބޮޑު ވާހަކައެއް ދައްކަން ގުޅީ.. އެކަމު މިހާރު ވަރަށް ބިޒީ.. ފަހުން ގުޅާލާނަން..” އާލިކްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވިކާޝް އަވަސް އަރުވާލާފައި ފޯނު ކަނޑާލިއެވެ. އާލިކް ފޯނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ކޮފީ ބޯން ފެށިއެވެ.

ގަޑިއެއްހާ އިރު ފަހުން ވިޝާއާއި އާލިކް އަނެއްކާވެސް ބައްދަލުވީ އެމީހުންގެ ކެބިންއިންނެވެ. ހަމަހިމޭންކަން ވެރިވެފައިވީނަމަވެސް އެދެމެދުގައި ވިޔަފާރީގެ ތަފާތު ކުދި ކުދި ވާހަކަތައް ދެކެވެމުން ދިޔައެވެ.

“އަދި އިންނާނެ ހުއްޓިފައިން ޕްރޮޖެކްޓެއް.. މްމްމް ތުޅާދޫގައި ހަދަން ގަސްތުކޮށްފައި އިން ރެސްޓޯރެންޓް ޕްރޮޖެކްޓް.. މިހާރު އަނެއްކާވެސް އެ މަސައްކަތް ފަށަންވީ.. ވިޝާ އިސްކޮށް ހުރެގެން..” އާލިކް ލެޕްޓޮޕުން ޓައިޕްކުރަން އިނދެގެން ވާހަކަދެއްކި ނަމަވެސް އިރު އިރުކޮޅާ ވިޝާގެ މޫނަށް ބަލާލައެވެ. އެވަގުތު ވިޝާވެސް ކުޑަ ގޮތަކަށް ބޯ ޖަހާލުމަށްފަހު އަވަސް އަވަހަށް އާލިކް މޭޒާއި ދިމާގައި ހުރި ޝެލްފް ކައިރިއަށް ދިޔައީ އެ ފައިލް ހޯދުމުގެ ގަސްތުގައެވެ. މަޑުމަޑުން ފައިލަކަށްފަހު ފައިލެއް ބަލަމުން ގޮސް އެ ފައިލް ފެނުމުން އެ ނަގަން އުޅުނު ވަގުތު އޭގެ މައްޗަށް އޮތް ދެތިން ފައިލްވެސް ވެއްޓެން އުޅޭހެން ހީވުމުން ވިޝާގެ އަނގައިން މަޑުމަޑު އަދި ތޫލި ހަޅޭކެއްގެ އަޑު ނުކުތެވެ. އެވަގުތު މަސައްކަތަށް ގެއްލިފައި އިން އާލިކްއަށް ލިބުނު ސިހުމާއިއެކު ތެދުވެގެން ގޮސް އެ ފައިލްތަކުގައި ހިފަހައްޓާލިއެވެ.

” ކެއަރފުލް ގާރލް..” ވިޝާގެ މައުސޫމް ދެލޮލާއި ހަތަރުކަޅި ހަމަކޮށްލަމުން އާލިކް އެހެން ބުނެލިއިރު ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ. އެ ތޫނު ބެލުމުގެ ސަބަބުން ވިޝާގެ ހިތުން ހިނދުކޮޅަކަށް ނަމަވެސް އާލިކްއާއި މެދު އުފެދިފައިވާ ފޫހިކަން ނެތިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އާލިކްގެ އަޑުން އޯގާތެރިކަން އިހުސާސްވެގެން ދިޔަ ފަދައެވެ. ވިޝާއަށްވެސް އެދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެ ގޮތްނޭނގޭ ފުން ލޮލުގެ ތެރޭގައި ފޮރުވިފައިވާ ހަގީގަތްތައް ހޯދަން ބޭނުންވެފައިވާ ފަދައިންނެވެ.

” އާލް ކީއްވެތަ…  އާލްލް…..” އެކަކު އަނެކަކަށް ގެއްލިފައިތިބި އާލިކްއާއި ވިޝާއަށް ހަމަހޭވެރިކަންވީ ކެބިންގެ ދޮރުމަތިން އިވުނު ތޫލި އެހެނަސް ރުންކުރު އަޑެއްގެ ސަބަބުންނެވެ. އެއާއިއެކު އާލިކް އަވަސް އަވަހަށް ވިޝާއާއި ދުރަށް ޖެހިލުމަށްފަހު އިސް އުފުލާ އަޑު އައި ދިމާއަށް ބަލާލި ވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އަދި ހަމަ އެއާއެކު ކުރިއަށް އޮތް ދެތިން މިނެޓްގެ ތެރޭގައި ދެން ވާނެގޮތް ހިޔާލުކޮށްލެވުމުން ލޯ މަރާލުމަށްފަހު  އަތުގެ ދެއިނގިލިން ލޯ މަތީގައި ހިފަހައްޓާލިއެވެ.

” އޯ ގޯޑް ހެލްޕް މީ..” އިސްޖަހާލައިގެން ހުރި ވިޝާއަށްވެސް އިސްއުފުލާލަން މަޖުބޫރުވީ ކައިރީގައި ހުރި އާލިކް މަޑުމަޑުން ބުނެލި ޖުމްލަ އަޑުއިވުމުންނެވެ. އެއާއިކު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބުދެއްފަދަ ލޫޅާފަތި އަދި އެހާމެ ދޮން އަންހެންކުއްޖާ ފެނުމުން ވިޝާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ހަމަ އެވަގުތު އަތުގައި އޮތް ފައިލް ހިފާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ އެތަނުން ނުކުމެގެން ދިޔައިރު ދޮރުމަތީގައި ހުރި އަންހެންކުއްޖާގެ ރުޅިވެރި ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ.

“ޝާޔާ.. ” ވިޝާ ނުކުތުމާއިއެކު އާލިކް ޝާޔަންގެ ގާތަށް ޖެހިލީ ހަމަޖެހިލަމުންނެވެ.

7

” އެއީ ކާކު؟..” އާލިކް އައިސް ޝާޔަންގެ ކުރިމަތީގައި ހުއްޓިލުމާއިއެކު ޝާޔަންގެ ރުޅިވެރި އަޑުން އަހާލިއެވެ. އޭރު އޭނާގެ ކަޅުކަން ގަދަ ދެލޯ އަމާޒުވެފައި ހުރީ ސީދާ އާލިކްގެ ދެލޮލަށެވެ.

” ދޫންޏާ.. ލެޓް މީ އެކްސްޕްލެއިން..” ޝާޔަން ރުޅި އައިސްފައި ހުރި މިންވަރު އެނގުމުން އާލިކް އޭނާގެ ދެކޮނޑުގައި ހިފަހައްޓާލީ ނިކަން ލޯބިންނެވެ.

” ކީއްވެތަ އާލް.. އަހަރެން އަޅެ ދައްކަނީ ދޮގު ވާހަކަތަ؟..” ޝާޔަން އާލިކް ލާފައި ހުރި ވައިލެޓް ކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓާލަމުން ތުރުތުރު އަޅާ އަޑަކުން އެހެން ބުނެލިއިރު އޭނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވަމުން ދެއެވެ.

” ޝާޔާ.. އެއީ ވިޝާ.. އާ ކުއްޖެއް..” އާލިކް ޝާޔަން ގެނެސް މޭގައި ލައްކޮށްލަމުން ދެންމެ ވިޝާއާއި ދެމެދުދުގައި ހިނގާ ދިޔަ ކުޑަކުޑަ ހާދިސާވެސް ކިޔައިދިނެވެ. އެވަގުތު ޝާޔަން އަނގަބަހުން އޯކޭއޭ ބުނެ ހިނިތުންވެލި ކަމުގައިވިޔަސް އޭނާގެ ހިތުގައި ވިޝާއާއިމެދު ނަފްރަތު އުފެދެމުންދިޔައީ ހީނުކުރާފަދަ ދަރަޖައަކަށެވެ. އެކަން އާލިކްއަށްވެސް އެނގެއެވެ. ޝާޔަން މާ ފަސޭހައިން ގަބޫލުކޮށްލި ނަމަވެސް އެކަންތައްގަނޑު އޭނާގެ ހިތުން ނުފިލާނޭކަން އާލިކް ދެނަހުއްޓެވެ. އެހެންވެ އެވަގުތު ކަންތައް ކުރަން އެންމެ ރަނގަޅު ގޮތް ކަމުގައި ބަލާ އާލިކް އޭނާ ގޮވައިގެން މެންދުރުގެ ލަންޗަކަށް ދިޔައެވެ.

” އެއީ ސަރގެ ސޯ ކޯލްޑް ގާރލްފްރެންޑް.. ފޮނި އަންހެނެއް.. އެހާ ވަރަށް މިއޮފީހަށް އަންނައިރުވެސް އަނގައިން ނުބުނާ ތަނުގަ ހީނވެސް ނުލާނެ.. ތިމާގެ ރީތިކަން ފެނިފަ..” އަތު ގުޅުވާލައިގެން ތިބެ ނުކުމުގެން ދިޔަ އާލިކްއާއި ޝާޔަން ފެނުމުން ލިމްނާ އޭނާގެ ކައިރީގައި އިން ވިޝާއަށް ބުނެލިއެވެ. އެހެންނަމަވެސް ވިޝާގެ ފަރާތުން ހިނިތުންވުމެއް ފިޔަވައި އިތުރު އެއްޗެއް ނުލިބުނެވެ. ހަގީގަތުގައި މީހުންގެ ނުބައި ވާހަކަ އެކަކު އަނެކަކަށް ދެއްކުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ޖެހިގެން އައި ދެހަފްތާއެއްހާ ދުވަސް ފާއިތުވީއިރުވެސް ވިޝާގެ ދިރިއުޅުމަކަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ގޭގައި އަމިއްލަ ކަންތައްތައް ކޮށްލަމުން ރަށުގައި ތިބި ޒާހިރާމެންގެ ހާލު ބަލަމުން އަދި ހަމަ އެއާއިއެކު އޮފީހުގެ މަސައްކަތްތައް ކުރަމުން އޭނާ އުޅެމުން ދިޔައީ ހީވާގި ދިރިއުޅުމެކެވެ. ދެހަފްތާ ފާއިތުވެގެން ދިޔައިރު އޮފީހުގައި އުޅޭ ހުރިހާ އެންމެންގެ ހިތުން ވިޝާ ޖާގަ ހޯދާފައި ވީ ނަމަވެސް އާލިކްއާއި ދެމެދުގައިވާ ބީރައްޓެހިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއް ކެބިންއެއްގައި މަސައްކަތް ކުރާއިރުވެސް ބުނެލަނީ ކޮންމެހެން ބުނަން ޖެހޭ އެއްޗެކެވެ. އެއިން އެއްވެސް މީހަކު އަނެކާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. ފުރަތަމަ ނަޒަރުން އެކަކު އަނެކަކާއިމެދު އުފެދުނު ފޫހިކަން އެގޮތުގައި ދެމި އޮތީއެވެ.

ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް ވިކާޝްއަށް އާލިކް ގާތުގައި އޭނާ ދައްކަން ބޭނުންވި ވާހަކަތަކެއް ދެއްކޭ ގޮތެއް ނުވެއެވެ. ތެދުތެދަށް ބުނާނަން ދިރިއުޅުމުގެ އެހާ ބޮޑު ހަގީގަތެއް ހާމަކުރަން އުޅޭތީ އެކަމަށް އެކަށީގެންވާ ވަގުތެއް ނުޖެހެނީއެވެ. އެންމެ ފަހުން ވިކާޝް ގަސްތުކޮށްގެން ހުރީ މާލެ ދެވުމުން ހަމަ ޖެހިލައގެން އެވާހަކަތައް އާލިކްއަށް ކިޔައިދިނުމަށެވެ. އޭނާގެ މަންމައާއި ކޮއްކޮ ހޯދުމުގައި އާލިކްގެ އެހީތެރިކަން ބޭނުންވާ ވާހަކަ ބުނުމަށެވެ.

އެ ދެހަފްތާއަކީ އާލިކް ބޭނުންވާގޮތަށް އޭނާގެ މުވައްޒަފުންނަށް ޔުނީފޯރމް ތައްޔާރު ކުރަން ޑިޒައިނަރ ދީފައި އިން މުއްދަތެވެ. އެހެންކަމުން ޖެހިގެން އައި ހަފްތާގެ އާދީއްތަ ދުވަހަކީ މުވައްޒަފުން ޔުނީފޯރމުގައި އޮފީހަށް އަންނަންޖެހޭ ދުވަސްކަމުން އާލިކް ހުރީ ކެތްމަދުވެފައެވެ. ހަގީގަތުގައި މުވައްޒަފުން ޔުނީފޯރމުގައި ތިބޭނެ ގޮތް ބަލާހިތަކުން ނޫނެވެ. އެހެންނަމަވެސް އެ ގޮތްދޫނުކުރާ އަންހެން ކުއްޖާ ޔުނީފޯރމް ލާން ޖެހުމުން މޫނުމައްޗަށް ވެފައި ހުންނާނެ ގޮތް ދެކެލާ ހިތުންނެވެ. އެކަމުގެ ބޭނުމުގައި އާލިކް އެދުވަހު އޮފީހަށް އައީވެސް އެހެން އެންމެންނަށްވުރެ ކުރީގައެވެ. އޭނާ ބޭނުންވީ ވިޝާ ކެބިންގެ ތެރެއަށް ވަންނައިރު އޭނާގެ މޫނުމަތިން ކާމިޔާބުވީކަމުގެ ކުލަތައް ވިޝާއަށް ދައްކާލުމަށެވެ.

އާންމުކޮށް އަންނަ ގަޑިއަށްވުރެ ކުރިން އޮފީހަށް އައުމުން އާލިކް އިނީ ނިދި އަންނަ ގޮތްވެފައެވެ. އެހެންނަމަވެސް ކިތަންމެ ފޫހިވިޔަސް އޭނާ ވިޝާ އަންނަންދެން އެތާ އިންނާނެއެވެ. އަތުގައި އޮތް ފޯނުން ފަހަރަކު ގޭމެއް ކުޅެލަ ކުޅެލާ އިން އާލިކްގެ ހަރަކާތްތައް މަޑުޖެހިލީ ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެއާއިއެކު މޫނުމައްޗަށް ކިބުރުވެރި ހިނިތުންވުމެއް ވެރިކުރުވަމުން ލަސްލަހުން އިސް އުފުލާ އެދިމާއަށް ބަލާލިއެވެ. ނަމަވެސް އެވަގުތު އޭނާގެ އެ ހިނިތުންވުން ފިލާގޮސް ކުރިމަތީގައި ހުރި ޕަރީއެއްފަދަ އަންހެންކުއްޖާގެ ރީތިކަމާއިމެދު ހައިރާންވެގެން ދިޔައެވެ.

މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ކޯޓު ސްޓައިލަށް ހުރި ގަމީހާއި އަދި ހަމަ އެކުލައިގެ ފަޔަށް ހިފާފައިވާ ހުރި ބެލްސްގެ ސަބަބުން ވިޝާގެ ލޫޅާފަތިކަން ކުރިއަށްވުރެ މާރީތިކޮށް ފާޅުވެއެވެ. ގަމީހުގައިވާ ގަދަ ފިޔާތޮށި ކުލައިގެ ގޮށްބަރި އެއް އަރިމައްޗަށް ހުރުމުން އެހެދުމުގައި އޮފިޝަލް އަދި މިހާރުގެ ގޮތެއްވެސް ހުއްޓެވެ. މޭމަތި ކިރިޔާ ނިވައިވާގޮތަށް އަޅާލެވިފައިވާ ގަދަ އަދި މަޑު ފިޔާތޮށި ކުލައިގެ ރޮނގުދެމި ސްކާފާއިއެކު އޭގެމަތިން މޭމަތީގައި ޖަހާލާފައި އިން ނަން ޓެގްވެސް ވިޝާގެ ފުރިހަމަކަމަށް ބޮޅެއް އިތުރުކޮށްދެއެވެ. އަދި ހަމަ އެގޮތަށް ފަޔާއި އެއްކުލައިގެ ސްޓާކީނަކާއި ކަޅު ކުލައިގެ އޮފް އަދި އުސް ބޫޓަކަށް އަރާފައިވުމުން އޭނާގެ އިސްކޮޅުވެސް ދައްކަނީ ކުރިއަށްވުރެ ދިގުކޮށެވެ.

” އައިޝަތު ވިޝާ.. ބިއުޓިފުލް އޮފީސް ގާރލް..” އާލިކްއަށް ކަޅި ޖަހާނުލާ ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނުކަން ހަނދާންވުމުން އަވަސް އަވަހަށް މޫނު އަނބުރާލިއިރު އޭނާގެ ހިތް ވިޝާގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ.

ދުވަހަކުވެސް ނުލާ ވައްތަރެއްގެ ހެދުމެއް ލާން ޖެހުމުން ކަންތައްބޮޑުވެފައި ހުރި ވިޝާ އަވަސްއަރުވާލާފައި އޮފީހަށް އައިސް ކެބިންގެ ތެރެއަށް ވަން ވަގުތު އާލިކް ފެނުމުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުއްލިއަކަށެވެ. ދެލޯ ބޮޑުކޮށްލާފައި އާލިކްއާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތް މައުސޫމްކަމުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިއްސުތައް ހަމައަކަށް އަޅުވަމުން ގޮސް ގޮނޑީގައި އިށީން އިރު ވިޝާގެ މުނުމަތިން ފޫހިކަން ފާޅުވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އާލިކް އަކީ އެގަޑީގައި އޮފީހަށް ދާވެސް މީހެއް ނޫނެވެ. މިއަދު މާ އަވަހަކަށް އެދިޔައީ އޭނާއަށް ޖެއްސުމަށްކަން ހަމަ ޔަގީނެވެ. ވިޝާ ދެބުމަ ކައިރިކޮށްލުމަށްފަހު ތުންކޮޅަށް ހަދާލި ގޮތުން ކުރިމަތީގައި އިން އާލިކްއަށްވެސް ހެވުނެވެ. ވިޝާ އެހާ ރުޅިގަދަވީ އޭނާއާއި ހެދިގެން ކަން އެނގުމުން އާލިކްގެ ހިތް އެވަގުތު އެދުނީ ވިޝާއާއި ޖެއްސުން ކޮށްލާ ކުރިއަށްވުރެވެސް ބޮޑަށް    ރުޅި އަރުވާލުމަށެވެ. ނަމަވެސް ދެގޮތަކަށް ވިސްނާލުމަށްފަހު އިސްތަށިގަނޑަށް އަތް ލައްވާލަމުން އެއްމިޔަކަނުން ހިނިތުންވެފައި ހުރެގެން އޭނާ ކެބިންއިން ނުކުމެގެން ދިޔައީ ވިޝާއަށް ބުމަވެސް އަރުވާލާފައެވެ.

” އަދި ފާޑަކަށް ހީފަ ހުރެގެން ހިނގައްޖެއެއްނު.. މީހަކާ ޖެއްސުން ކުރިޔަސް ބޮޑުވަރު..” އާލިކް ހަމަ ނުކުތުމާއިއެކު ދަތްކުނޑި ވިކާލަމުން ވިޝާ ކުދިކިޔަން ފަށައިފިއެވެ. ރުޅި ގަދަވެފައި އިންވަރުން އޭނާގެ ދޮން މޫނަށް އަރާފައިވާ މަޑު ރަތްކުލައިންވެސް އެމޫނުގެ ރީތިކަން ވަނީ އިތުރުވެފައެވެ.

” މިއަދު އަދި މާ ކުރިން އޮފީހަށް އައިސް.. ޔަގީނޭ ހަމަ ޖެއްސުމަށްކަން..” ކުރަން ފަށާފައި ހުރި މަސައްކަތަކަށް ސަމާލުކަން ދޫކޮށްލިއިރުވެސް ވިޝާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުންދިޔައެވެ. ވިޝާ ހަނދާން ނެތިފައިވާ ކަމަކީ ކުރީގައި އޭނާއަކީ އެކަހަލަ ކަންތައްތަކާއި މާބޮޑަށް އަޅާލާ މީހެއް ނޫންކަމެވެ. ކުރީގައި މީހަކު ޖެއްސުން ކުރިޔަސް އަދި ދިމާކޮށް ރުޅި އެރުވިޔަސް ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލާނެއެވެ. ނަމަވެސް މިހާރު އަމިއްލަ އަމިއްލައަށްވެސް އާލިކްއާއި ދިމާއަށް އެއްޗެހި ގޮވާ ހިތާއި ހިތުން ކުދި ކިޔަނީ ކީއްވެގެންކަމެއް ނޭނގެއެވެ.

އޮފީހުން ނުކުމެގެން އާލިކް މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. މިއަދު ޝާޔަންވެސް އޭނާގެ ރަހްމަތްތެރިންނާއި އެކުގައި ދަތުރު ދިއުމުން ޝާޔަންގެ އުނދަގުލެއްވެސް ނުވާނެކަން އެނގޭތީ އާލިކް ބޭނުންވީ ހިތްހަމަޖެހިލައިގެން ނިދާލާށެވެ. އެކަހަލަ ބޮލަށް ފަސޭހަ ދުވަހެއް އާލިކްއަށް ލިބެނީ މަދު ފަހަރަކުއެވެ. އެހެން ގޮތަކަށް ބުނާނަމަ ޝާޔަންގެ ކޮންމެ ކޯލަކާއި ކޮންމެ މެސެޖަކީވެސް އާލިކްގެ ހިތްހަމަޖެހުން ނަގާލާ އެއްޗެކެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ޖައްސާލުމާއިއެކު މާގިނަ އިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ. ހަގީގަތުގައި އޭގެ ކުރީ ރޭގައި ޝާޔަން އާއި އެކުގައި މިއަދު އެދިޔަ ދަތުރަށް އެއްޗެހި ގަނެދީ ދަތުރަށް ތައްޔާރުވާން އޭނާއަށް އެހީތެރިވެދޭން ހަދައިގެން އާލިކްއަށް ރަނގަޅަށް ނުނިދުނީއެވެ.  ޝާޔަން ބޭނުންވީ އާލިކްވެސް އެދަތުރު ދާށެވެ. ނަމަވެސް ބަންދު ދުވަހެއް ނޫންކަމުން ނަސީބަކުން އާލިކްއަށް ވަރަށް ފަސޭހައިން އެކަމުން ސަލާމަތްވެވުނެވެ.

ހެނދުނު ނިދިގޮތަށް އާލިކްއަށް ހޭލެވުނީ އަޞްރު ނަމާދަށް ބަންގިވެސް ގޮވިފަހުންނެވެ. އެއީ އޭނާގެ އާދައެވެ. ނިދައިފިއްޔާ ތެދުވުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ކުޑައިރު ސްކޫލަށް ދިއުމުގައާއި މިހާރު އޮފީހަށް ދިއުމުގައިވެސް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ އެއީއެވެ. ވަކީން ޚާއްސަކޮށް ދުވާލު ގަޑީގައި ނިދައިފިއްޔާ އެދުވަހެއްގެ ހަތަރުދަން ހަމަވެންދެންވެސް ނިދާފާނެއެވެ. އޭނާ އާންމުކޮށް ދުވާލުގަޑީގައި ނުނިދަނީވެސް އެހެންވެގެންނެވެ. އޮފީހެއްގެ ވެރިއެއްގެ ގޮތުގައި ހުރެ އެހާ ޒިންމާދާރުކަން ކުޑަކުރުމަކީ އޭނާ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ.

” އޯހ މައި ގޯޑް..” ތެދުވެ ފެން ވަރާލައިގެން ކަޅުކުލައިގެ ޓީޝާޓަކާއި ހަމަ އެކުލައިގެ ޖީންސެއް ލައިގެން ނުކުމެ ފޯނު ޗެކްކޮށްލުމާއިއެކު އާލިކްގެ މޫނަށް ހާސްކަން ވެރިވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އެދުވަހަކީ މާލޭގައި އޭނާގެ ކުންފުނިން ހަދަން އުޅޭ އެލެކްޓްރޯނިކްސް ފިހާރައިގެ ހުރިހާ ލިޔެ ކިޔުންތައް ނިންމަން ޖެހޭ ދުވަހެވެ. ނަމަވެސް އެކަން އޭނާގެ ހަނދާނުން ކައްސާލީ ކިހިނެއް ކަމެއް ޚުދު އާލިކްއަކަށްވެސް ނޭނގެއެވެ. އަދި ވިޝާ ގާތުގައިވެސް އެވާހަކަ ދެއްކުނީއެއް ނޫނެވެ. ތަންކޮޅެއް ބޮލަށް ފަސޭހަ ވާނީ އޭނާގާތު ނަމަވެސް އެޕްރޮޖެކްޓްގެ ވާހަކަ ދެއްކިފައި އޮތް ނަމައެއް ނޫންހެއްޔެވެ. އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް އެމަސައްކަތް ނުޖައްސާ އުޅުނީ އަމިއްލައަށް ކޮށްލެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. ނަމަވެސް.. އާލިކް ފުން ނޭވާއެއް ދޫކޮށްލަމުން އެނދުގައި އިށީނދެލިއެވެ. އޭނާ މަސައްކަތް ފެށުމަށް ކަނޑައެޅި ދުވަހަކީ އެއީއެވެ. އެ ފިހާރަ ކުއްޔަށް ދޫކުރި ގޭގެ ވެރިމީހާ ގުޅާފައި ނެތްނަމަ މިއަދުވެސް އޭނާ އެކަން ހަނދާން ނުވީސްކަން ޔަގީނެވެ.

“ކެއަރލެސް ވިޔަސް ބޮޑުވަރު..” އާލިކް އަމިއްލައަށް ބޮލުގައި ޖަހާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެހެން ނަމަވެސް ކުޑަކޮށް ވިސްނާލުމަށްފަހު އެގޭގެ ވެރިފަރާތަށް ގުޅާ ބަހަނާއެއް ދެއްކުމަށްފަހު މާދަމާއަށް ލަސްކޮށްލީއޭ ބުނެ ފޯނު ކަނޑާލިއެވެ. މަސައްކަތުގެ ކޮންސްޓްރަކްޝަންގެ ބައިތައް ގެންދަނީ އޭނާގެ ކުންފުނިންކަންވެސް  އެއީ ނަސީބެކެވެ. އެހެން ނޫންނަމަ މިއަދު ޔަގީނުންވެސް ދެކަންފަތުން ދުން އަރާވަރަށް ބޯ ހާސްވާނެއެވެ.

އޮފީހުގެ ކޮންސްޓްރަކްޝަން ޔުނިޓްގެ ވެރިޔާއަށް ކަންވީގޮތް ކިޔައިދިނުމަށްފަހު އާލިކް އެންގީ ޖެހިގެން އަންނަ ދުވަހަށް މަސައްކަތަށް ތައްޔާރު ވުމަށެވެ. ނަމަވެސް އޭރު އަދި އޭނާ ނިންމަންޖެހޭ ލިޔެކިޔުންތަކުގައި އަތްވެސް ނުލެވެއެވެ. އަވަސް އަވަހަށް ފޮނު ބޭއްވުމަށްފަހު ގަޑި ބަލާލިއިއރު 4 ޖަހަން ގާތްވެފައި ވުމުން އޭނާ އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް މިސްރާބު ޖެހީ އޮފީހާއި ދިމާއަށެވެ. އޭނާގެ މަގްސަދަކީ އޮފީސް ގަޑި ނިމުމުގެ ކުރިން އޮފީހަށް ދިއުމެވެ.

” ވިޝާ.. ވަރަށް ބޮޑު ކަމެއް ޖެހިގެން މަޑުކޮށްލަދެވިދާނެތަ؟.. އަސްލު މާދަމާއަށް ނިންމަންޖެހޭ ވަރަށް ގިނަ އެއްޗެހިތަކެއް ހުރީމަ.. އައި ނީޑް ހެލްޕް..” އާލިކް ކެބިންގެ ތެރެއަށް ވަންގޮތަށް އޭނާގެ މޭޒުން އެއްޗެހިތަކެއް ހޯދަމުން އަވަސް އަރުވާލާފައި ވާހަކަ ދައްކަން ފެށިއެވެ. އޭރު ވިޝާ އިނީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލިކްއަކީވެސް އަރަތެއް ކަހަލަ މީހެކެވެ. ބައެއް ފަހަރު ވާހަކަ ދައްކާއިރު އެހުންނަ ފޮނި ގޮތްގަނޑުގެ ސަބަބުން ރުޅި އައިސްގެން ހަލާކުވާވަރު ވެއެވެ. އެކަމަކު މިހާރު ވާހަކަ ދެއްކިލެއް ގާތްކަމުން އެންމެ ގާތް ރަހްމަތްތެރިއެއް ފަދައެވެ.

” ހުހް.. ކަމެއް ޖެހުނީމަ..” ވިޝާ ލޯ އަޅާލަމުން ހިތާއި ހިތުން ބުނެލިއެވެ.

” އަސްލު ވިޝާއަށް އެންމެ ފަސޭހައިން ކުރެވޭނީ .. އެހެންވެގެން އެހެން ކުއްޖަކު ގާތު ނުބުނީ..” ވިޝާ އެއްޗެކޭ ނުބުނުމުން އޭނާގެ މޫނަށް ބަލާލުމަށްފަހު އާލިކް ހާމަ ކުރީ ހަގީގަތެވެ.

” މްމް.. ވަރަށް ގިނަ އިރު ވާނެތަ؟..” އާލިކްގެ އަޑުގައި ހުރި ހާސްކަމާއި ކަންބޮޑުވުން ދެނެގަނެވުމުން ވިޝާވެސް ކުޑަކޮށް ސީރިއަސް ވެލިއެވެ.

” ޔެސް.. އިތުރު ގަޑިއަށް ވާ ފައިސާ ލިބޭނެ..” ވިޝާ އެހީތެރިވެދޭން ބޭނުންނުވީ ކަމުގައި ހީކޮށް އާލިކް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

” އެހެންނެއް ނޫނޭ.. މީ.. ގެއަށް ގޮސް ކުޑަކޮށް ފްރެޝް ވެލައިގެން އަންނަންތަ؟.. އޭރަށެއްނު ގިނަ އިރު އިނދެވޭނީ..” ވިޝާގެ އަޑުގައި މިފަހަރު ހުރީ ގާތްގޮތެކެވެ. އެކަން އިހުސާސްވުމުން އާލިކްގެ ހިތައް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެކެވެ.

” އޯކޭ.. އައިލް ބީ ހިއަރ.. ސީ ޔޫ..” އާލިކް އަވަސް އަވަހަށް ވިޝާ އެދުނު ގޮތަށް އެއްބަސްވަމުން ހިނިތުންވެލިއެވެ. މިފަހަރު ވިޝާ ރުޅި އަންނަ ފަދަ ގޮތަކަށްވެސް އެއްޗެކޭ ނުބުނީ އޭނާގެ އެހީތެރިކަން ބޭނުންވެފައި ހުރިވަރުން ކަންނޭނގެއެވެ.

ގެއަށް ދިއުމަށްފަހު ދޮޅު ގަޑިއެއްހާ އިރު ތެރޭގައި އެނބުރި އޮފީހަށް އައި އިރު ވިޝާ ހުރީ އެއްޗެހި ބައްދަލުކޮށްގެންނެވެ. މޫނުމަތިން ވަރުބަލިވުމުގެ އަސަރު ފާޅުވާން ހުރި ކަމުގައިވިޔަސް ތާޒާ ވެލައިގެން ހުރުމުން މާބޮޑަށް އެކަމެއް ފާޅެއް ނުވެއެވެ. އޮފީހަށް އައުމަށްފަހު އާލިކްއާއި އެކީގައި މަސައްކަތް ކުރިއިރު އެދެމެދުގައި ދެކެވުނީ ހަމަ އެކަނި މަސައްކަތުގެ ވާހަކަތަކެވެ. މަޣްރިބް ވަގުތުވުމުން ވިޝާ ނަމާދުކުރާ ކޮޓަރިއަށް ނަމާދުކުރަން ދިޔައިރުވެސް އާލިކް އިނީ މަސައްކަތުގައެވެ. އޭނާއަކީ އެއްވެސް އިރެއްގައި ނަމާދަށް ފަރުވާ ބަހައްޓާ މީހެއް ނޫނެވެ. ހިތައް އެރިއްޔާ ނަމާދެއް ކޮށްލަފާނެއެވެ. ވިޝާ ނަމާދުކޮށް  އަވަދިވެގެން ދެމީހުންނަށް ކޮފީއެއް ހިފައިގެން އައިސް އާލިކް ނަމާދުނުކޮށް އިނުމުން އެކަމާއި ސުވާލުކުރަންވެސް އުޅުނެވެ. ނަމަވެސް އެދެމެދުގައި މާ ގާތް އެކުވެރިކަމެއް ނެތުމުން އޭނާއަށް އެވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ.

ދެމީހުން އެކުގައި މަސައްކަތް ކުރަމުން ދިޔައިރު ވަގުތު ހޭދަވީ ގޮތްވެސް ނޭނގެއެވެ. ހުރިހާ މަސައްކަތްތަށް ނިންމާލުމަށްފަހު ފައިލްތަކަށް ލާ ތައްޔާރުކޮށްލެވުނު އިރު ގަޑިން ރޭގަނޑު 11 ޖަހައިފިއެވެ. އޭރު ދެމީހުންވެސް ތިބީ ވަރުބަލިވެ އަދި ބަނޑުހައިވެސް ވެެފައެވެ. އާލިކްއަށްވުރެ ބޮޑަށް ވިޝާ ހުރީ ގެއަށް ގޮސް އަރާމުކޮށްލަން ބޭނުންވެފައެވެ. ނަމަވެސް އާލިކް ޕިއްޒާއަށް އޯޑަރުކުރުމުން އޭނާއަށް މަޖުބޫރުވީ ކައިގެން ދާން މަޑުކުރާށެވެ.

” ވަރަށް ބޮޑަށް ތޭންކްސް އިނގޭ..” ކައި ނިންމާލުމަށްފަހު ވިޝާ ގެއަށް ދާން ހިނގައިގަތުމާއިއެކު އާލިކް ގާތްގޮތަކަށް ބުނެލިއެވެ.  ޖަވާބުގައި ވިޝާވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު ދެމީހުން އެކުގައިހެން ސިއްސައިގެން ދިޔައީ ހުޅުވާފައި ހުރި ކުޑަދޮރުގެ ތެރެއިން ވަން ބާރު ވައި ރޯޅިއާއިއެކު ދޮރުފޮތި ގަނޑު އުދުހިގަތުމުންނެވެ.

“ވިއްސާރަ ހަދާފަ.. ” ކުޑަ ގޮތަކަށް ބޯ އަރިކޮށްލުމަށްފަހު ކުޑަދޮރުން ބޭރު ބަލާލަމުން އާލިކް މަޑުމަޑުން ބުނެލިއެވެ.

” އޯހހ.. އަވަހަށް ދާންވީ..” އާލިކް ބުނި އެއްޗެއްގެ ސަބަބުން ވިޝާ އަވަސް އަވަހަށް ހިނގައިގަތީ ވިއްސާރައިގެ ކުރިން ގެއަށް ދެވޭތޯއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޮފީހުން ނުކުތްއިރު އެ މަގގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ވިއްސާރަވެ ވިލާ ބޯވުމުގެ ސަބަބުން އެމަގު ފެންނަނީވެސް ނުހަނު އަނދިރިކޮށެވެ. ކައިރީގައި ބަންދުކޮށްފައި ހުރި ދެ ފިހާރައިގައިވާ ފަނޑު އައްޔާއި އޮފީހުގެ ކުރިމައްޗަށް ހުރި އިމާރާތުން އެޅިފައިވާ އަލިކަން ފިޔަވައި އެތަންގަނޑުގައި އިތުރު އަލިކަމެއް ނުވެއެވެ. އެކަމުގެ ސަބަބުން ވިޝާގެ ހިތައް ކުޑަކޮށްބިރުވެރިން ވެރިވިނަމަވެސް  އޭނާ  ފާރާ ނުހަނު ކައިރިން ލާފައި ހިނގައިގަތީ އަވަހަށް ގެއަށް ދެވޭތޯއެވެ.

“އާ…” ކުއްލިއަކަށް އޮފީހާއި ޖެހިގެން ހުރި ގަރާޖުގެ ތެރެއިން ނުކުތް މީހަކު ވިޝާގެ އަނގަމަތީގައި އަތްއެޅުމަށްފަހު އޭނާ އެތަނުގެ ތެރެއަށް ވެއްދިއެވެ. ލިބުނު ސިހުމަކާއި ބިރުވެރިކަމެއްގެ ސަބަބުން ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް އަނގަމަތީގައި ބާރަށް ހިފަހައްޓާފައިވުމުން ވިޝާއަށް އެކަމެއް ނުވިއެވެ. ގަތް ބިރުން ތުރު ތުރު އަޅަމުން ދިޔަ ވިޝާގެ ލޯ ކަރުނުން ފުރެމުން ދިޔަ އިރު އެމީހާ މަސައްކަތް ކުރަމުން ދިޔައީ ވިޝާ އިތުރަށް އެތަނުގެ އެތެރެއަށް ވެއްދޭތޯއެވެ. ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން ވިޝާއަކަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އަނދިރިކަމުން އެމީހާ ވިޝާ ގެންދަން އުޅުމުގެ ތެރޭގައި ވިޝާގެ އަތްވެސް އެތަނުގައި ހުރި އެއްޗެއްގައި އަޅައިގެންފައި ހަލާކުވިއެވެ.

” ދޫކޮށްލާ..” ކުއްލިއަކަށް އެމީހާ އަތް ދޫވި ވަގުތު ހިތު ފާހަގައަށް ކޮށްޕާލުމަށްފަހު ވިޝާ ދޮރާއި ދިމާއަށް ދުއްވައިގަތީ މަގުމަތިން ފެންނަން ހުރި ފަނޑު އައްޔަށް ބަލައިގެންނެވެ. ކޮނޑުގައި އަޅުވާފައި ހުރި ދަބަސް އަތުން ހިފައިގެން ބާރުބާރަށް ދުވެފައި އޮފީހުގެ ތެރެއަށް ވަންއިރު އޭނާގެ ބުރުގާވެސް އެމީހާ ދަމައިގަތުމުގެ ސަބަބުން އޮތީ ނެއްޓިފައެވެ. ފަހަތަށް ބެލުމެއް ނެތި ރޮމުން ރޮމުން ސިޑިން އަރައިގެން ދިޔަގޮތަށް ވިޝާ  ކެބިންގެ ތެރެއަށް ވަން ވަގުތުވީ އާލިކް އެތަނުން ނުކުންނަން ދޮރު ހުޅުވާލި ވަގުތެށެވެ. އެއާއިއެކު ވިޝާއަށް ބޭ އިޚްތިޔާރުގައި އާލިކްގެ ގައިގައި ބައްދާލާ ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

“ވި..ވިޝާ..ކިހިނެތްވީ.. ކިހިނެތްވެފަ ތިހިރީ..” ވިޝާގެ ހަރަކާތްތައް ހުރިގޮތުން ލިބުނު ސިހުމާއިއެކު އާލިކްއަށް ކަންބޮޑުވެފައި އަހާލެވުނެވެ. ނަމަވެސް ވިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ގިސްލަ ގިސްލާފައި ރޮނީއެވެ.

” ވިޝާ.. ބުނެބަލަ ކިހިނެތްތަ ވީ..” ވިޝާގެ ރުއިމުގެ އަޑު ބާރުވަމުން ދާތީ އާލިކް އިތުރަށް ހާސްވާންފެށިއެވެ. އޭނާގެ ބުރުގާ ނެއްޓި ބޮލުން ބޮޑު ބައެއް ފެންނަން އޮތުމުން ކުއްލިއަކަށް އާލިކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

” ބުނެބަލަ ކާކު ކިހިނެތްހެދީ..” ވިޝާ ގޮނޑީގައި ބޭންދުމަށްފަހު އޭނާގެ ދެކޮނޑުގައި ހިފާލަމުން އާލިކް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެއަޑުގައިވަނީ ކަންބޮޑުވުމާއި ހާސްކަމުގެ އިންތިހާއެވެ.

” ބޭރަށް.. ނުކުތް.. ނުކުތް ވަގުތު މީހަކު..” ވިޝާ ގިސްލެވެމުން ދިޔަ ހާލު ދާދި ދެންމެ ހިނގާ ދިޔަ ހާދިސާ އާލިކްއަށް ކިޔައިދިނެވެ. ނެއްޓިފައި އޮތް ބުރުގަލުގައި އަތުން ހިފަހައްޓާލައިގެން އިނދެ ރޮވިފައި ވާހަކަ ދެއްކިއިރު އެހުރި މައުސޫމްކަމެއްގެ ސަބަބުން އާލިކްއަށް އިނދެވުނީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. އޭނާ ކިތަންމެ ބޭނުން ނުވިޔަސް އެ މައުސޫމް އަންހެން ކުއްޖާއަށް އޭނާގެ ހިތް ހަމްދަރުދީއިން ފުރެން ކުޑަ ވަގުތުކޮޅެއްވެސް ނުނަގައެވެ.

” އަންނާނަން ތިމީހަކު ބަލާފަ..” އާލިކް ވިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ތެދުވެގެން ބޭރަށް ނުކުތެވެ. އޭނާ ދިއުމުން ވިޝާ ބުރުގާ ރަނގަޅުކޮށްލުމަށްފަހު ވޮޝް ރޫމަށް ވަދެ މޫނު ދޮވެލާ، ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

” ނެތް އެކަކުވެސް..” ވިޝާ ވޮޝް ރޫމުން ނުކުތް އިރު އާލިކް އެނބުރި އައިސްފިއެވެ. އެމީހަކު ނުފެނުމުން އާލިކް ހުރީ ނުތަނަވަސްވެފައެވެ. ހަމަގައިމުވެސް ދެން އޭނާއަކަށް ވިޝާ އެކަނި ފޮނުވާލާކަށް ނުކެރޭނެއެވެ.

” އެ.. ދި..ދިޔައީ ކަންނޭނގެ..” މަޑުމަޑު ތުރުތުރެއް އެކުލެވިފައިވާ ލުއިލުއި އަޑުން ވިޝާ ވާހަކަ ދެއްކިގޮތުން އޭނާ ބިރުގަނެފައިވާ ވަރު އާލިކްއަށް ޔަގީންވިއެވެ. އެއާއިއެލި އޭނާ ލަސްލަހުން ވިޝާއާއި ގާތްވެލީ އޭނާގެ ނުތަނަވަސްކަން ކުޑަވޭތޯ ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެވަގުތު އާލިކްގެ ލޮލުގައި އަޅައިގަތީ ވިޝާގެ ހެދުމު އަތުކުރިން ހަލާކުވެފައިވާ ތަންކޮޅުގައެވެ.

” މީ.. މީ..އެތާ ތެރެން.. އަޅައިގަތީ..” އާލިކްގެ ނަޒަރު އެތަންކޮޅަށް ހުއްޓުނުކަން އެނގުމުން ވިޝާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް އާލިކް އެއްޗެކޭ ނުބުނެ ވިޝާގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވާ ފަދަ ގޮތަކަށެވެ.

” ހާދަ ހިތްވަރުގަދަ ކުއްޖެކޭ މީ..” ހިތާއި ހިތުން ވިޝާގެ ހިތްވަރުގަދަކަމަށް ތައުރީފް ކުރަމުން އާލިކް ވިޝާގެ އަތުގައި ހިފާލާ ހެދުމުގެ އަތުކުރި ކުޑަކޮށް ހިއްލާލުމަށްފަހު ބަލާލިއެވެ. ވިޝާގެ ހިމަ ދިގު އިނގިލިތަކާއިއެކު އާލިކްގެ ފިރިހެންވަންތަ އިނގިލިތައް ލާމެހިގެން ދިއުމުން ދެމީހުންނަށްވެސް ވީ އެއްކަހަލަ ގޮތެކެވެ. ވިޝާ ތެޅިގަނެފައި އާލިކްގެ މޫނަށް ބަލާލިއިރު އާލިކްވެސް ހުރީ ވިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

” މަށައިގެން ގޮސްފައެއްނުން.. ތަދުވޭ ދޯ..” ވިޝާގެ އަތުން ދޫކޮށްލުމެއްނެތި އާލިކް ވާހަކަ ދެއްކިއިރު އޭނާ ބަލަހައްޓައިގެން ހުރީ ވިޝާގެ މޫނަށެވެ.

” ނު.. ނޫން.. އޯކޭ ވާނެ..”ވިޝާ ލަސްލަހުން އޭނާގެ އަތް ދުރުކޮށްލަމުން ތެޅި ތެޅި އޮތް ހިތް މަޑުޖައްސާލެވޭތޯ މަސައްކަތް ފެށިއެވެ.

” އެކަނި ނުދައްޗޭ.. ގޭ މީހަކު އުޅޭނެތަ ބަލާ އާދެވޭނެ..” ހިތައް ވަމުން ދިޔަ އާދަޔާ ޚިލާފު ގޮތްތައް ކޮންޓްރޯލް ކުރަމުން އާލިކް ޖިންސުގެ ޖީބަށް އަތްޖަހާލީ މޫނުވެސް އަނބުރާލަމުންނެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އާލިކްގެ މޫނަށް ބަލާލީ ދުވަހަކުވެސް މީހަކާއި ދިމާއަށް އޭނާ ބަލާފައިވާ ފަދަ ގޮތަކަށް ނޫނެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލުން ފެންނަނީ ޝަކުވާއާއި ހިތްދަތިކަމެވެ. މޫނުމަތީގައިވާ އަސަރުތައް ފާޅުކޮށްދެނީ އެކަނިވެރިކަމާއި ވޭނެވެ. އާލިކްވެސް އޭނާގެ އެކނިވެރިކަމަށް މަލާމާތް ކުރަނީ ހެއްޔެވެ؟

” ކިހިނެތްވީ..” ވިޝާގެ އާދަޔާ ޚިލާފު ނަޒަރު ފެނުމާއިއެކު އާލިކް ދެބުމަ އަރުވާލަމުން އަހާލިއެވެ.

” އަހަރެން އުޅެނީ އެކަނި.. އާއިލާއެއް ނޯވޭ..” މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން ވިޝާ އިސް ޖަހާލީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވުމުގެ ބޭނުމުގައެވެ. އޭނާގެ އެކަނިވެރިކަމާއި އޭނާގެ ހާލަތަކީ  ދުވަހަކަވެސް މީހަކަށް އަދި ވަކީން ޚާއްސަކޮށް އާލިކްއަށް އަންގަން ބޭނުންވި ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އޭނާގެ ހިތުގެ ހާލަތު އެކަން ސިއްރުކުރުމަށް ތަނެއް ނުދިނެވެ.

” އޯހހ..” ވިޝާގެ އަޑުން އިވިގެންދިޔަ އެކަނިވެރިކަމުގެ ސަބަބުން އާލިކްގެ ހިތުގައިވާ ހަމްދަރުދީ ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެ ގޮތްނޭނގޭ އަންހެންކުއްޖާގެ ހަގީގަތަކީ ކޮބާކަން ހޯދުމަށް ހިތުގައި ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ހަރަކާތްތެރި، ކެރޭ މިޒާޖުގެ ފަހަތުގައިވަނީ ކޮން ހާލެއްގައިވާ ކުއްޖެއްތޯ ބަލަން ބޭނުންވިއެވެ.

” މްމް.. ހިނގާ ގެއަށް ދާން.. ކާރުގަ ގެންގޮސްދޭނަން..” އާލިކް ވިޝާ ދެރަވެފައި ހުރުމުން ހަދާނެގޮތް ބޮޑުވެފައި ހުރެ ބުނެލިއެވެ. އެއާއިއެކު ވިޝާވެސް އަވަސްއަވަހަށް ބޯ ޖަހާލީ އެއްގޮތަކަށްވެސް އެކަނިން ގެއަށް ދާނެހާ ހިތްވަރު ނެތިގެންނެވެ. އޭނާގެ ސިކުނޑީގައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާއެވެ. އެ ކުޑަ ކުޑަ ފުރުސަތު ނުލިބުނުނަމަ ވިޝާގެ ދިރިއުޅުން މިރޭ ނެތިގެން ދިޔައީހީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އެހެން ހިތައް އެރުމާއިއެކު ދޮރުން ނުކުމެ ނުކުމެ ހުރި ވިޝާއަށް ހުއްޓުން އެރިއެވެ. ތެދެކެވެ.  އެ  ހާދިސާގެ ސަބަބުން އެ ހިތްވަރުގަދަ އަންހެންކުއްޖާ ކެރުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ލޮޅުން އަރައިފިއެވެ.

” ވިޝާ.. އެއްވެސް ކަމެއް ނުވާނެ..” ވިޝާގެ އަތުގައި ހިފާލަމުން އާލިކް އޭނާއަށް ހިތްވަރު ދިނީ ވިޝާގެ ހާލަތު އެނގޭތީއެވެ. އެ މޫނުމަތިންނާއި، ބޮޑު ބޮޑު ދެލޮލުގައިވާ ޖެހިލުންވުން އާލިކްއަށް ސާފުކޮށް ފެނެއެވެ. އާލިކްގެ އަތުގެ ތެރެއަށް ވިޝާގެ އަތް ދިއުމުން އޭނާއަށް އިހުސާސްވީ ރައްކާތެރިކަމާއި ގާތްކަމެވެ. ޝުކުރުވެރި ނަޒަރަކުން އާލިކްގެ މޫނަށް ބަލާލަމުން އޭނާ ހިނިތުންވެލިއެވެ. ދެމީހުން އަތުގައި ހިފައިގެން އޮފީސް ގޭޓުން ނުކުތުމާއިއެކު ކަޅުފޮއި އަނދިރި ރޭގަނޑުގެ ތެރެއިން އެމީހުންނަށް މަރުހަބާ ކީ ބާރު ވަޔާއިއެކު އައި ފިނިކަން ގަދަ ބޮޑުތިކި ވާރޭގެ ތިކިތަކެވެ. އެއާއިއެކު ހަދާނެގޮތް ބޮޑުވެފައިވާ އާލިކްއަށް ހައިރާންކަން ލިބުނީ ކައިރީގައި ހުރި ވިޝާ  ވެހެމުން ދިޔަ ވާރޭން ސަލާމަތްވުމަށް ނޫޅުމުންނެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ އަވަސް އަވަހަށް ވިޝާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް ކާރާއި ދިމާއަށް ދުއްވައިގަތެވެ. ވާރޭ ތެރޭގައި ދެމީހުން އެކުގައި ދުވެލާފައި ދިޔައިރު ދެލޯބިވެރިއަކު ވާރޭގެ ހިތްގައިމު މާހައުލުގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކުރަމުންދާ ފަދައެވެ.

8

ކާރަށް އެރުނުއިރު ދެމީހުންވެސް ތިބީ ފުދޭވަރަކަށް ތެމިފައެވެ. އާލިކް ތެމިފައިވާ އިސްތަށިގަނޑަށް އަތްލައްވާލާ ފެންތައް ފޮޅާލުމަށްފަހު ޖެހިގެން އިން ސީޓުގައި އިން ވިޝާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ދެއަތް ބޮނޑިކޮށްލައިގެން އިސްޖަހައިނެވެ. އެވަގުތުވެސް އާލިކްގެ ލޮލުގައި އަޅައިގަތީ ފިނިވުމުގެ ސަބަބުން ތުރު ތުރު އަޅަމުންދިޔަ ވިޝާގެ ލޭކުލައިގެ ތުންފަތެވެ. ހާދަހާ ރީއްޗެވެ.

“މްމް.. ކޮންތާކު ގެ ހުންނަނީ..” ހިތައް އަރަން ފެށި އެއްޗަކުން އާލިކް އަވަސް އަވަހަށް މޫނު އަނބުރާލުމަށްފަހު އާދައިގެ ރާގަކަށް ވާހަކަދެއްކިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އޭރު ވަނީ އާދަޔާ ޚިލާފު އިހުސާސްތަކެއް އުފެދިފައެވެ. ފިނި ފިނި އެރޭގަނޑުގައި އޭނާގެ ޒުވާން ހިތް އެދެމުން ދިޔައީ ހޫނު ކަމުގެ ދާނަކަށެވެ.

” މީ.. މައްޗަން ގޯޅި.. ސަހަރާކައިރި..” ވިޝާ އާލިކްއަށް ޖަވާބު ދިން އިރުވެސް ހީ ގަނެފައި ވުމުގެ ސަބަބުން އޭނާގެ ތުންފަތުގައިވާ ތުރު ތުރުލުން ފިލައިގެންނެއް ނުދެއެވެ. އެމަންޒަރު ފެނުމުން އާލިކްއަށް ހިން ދިރުވާލެވުނެވެ. އޭނާއަށް އެވަނީ ކިހިނެތް ހެއްޔެވެ؟ ވިޝާ ނޫނަސް ޝާޔަން އާއިއެކުގައިވެސް އެކަހަލަ އެތައް ރެއެއް އޭނާ ހޭދަކޮށްފައިވާނެއެވެ. ނަމަވެސް އެރޭ ވަމުން އެދިޔަ ކަހަލަ ގޮތްތަކެއް ދުވަހަކުވެސް އޭނާއަކަށް ނުވެއެވެ.

އާދައިގެ ދުވެއްޔެއްގައި ވިޝާ ބުނި ގެއާއި ހަމައަށް ދެވުނު އިރުވެސް ވެހެމުން ދިޔަ ވާރޭކުޑަކޮށްވެސް މަޑުކޮށެއް ނުލައެވެ. އެހެންނަމަވެސް ވިޝާ ކާރު މަޑުކޮށްލުމާއިއެކު ތޭންކްސް އޭ ބުނެލާފައި ކާރުން ފޭބީ އަރާމުކޮށްލުމަށް ބޭނުންވެފައި ހުރިވަރުންނެވެ. ނަމަވެސް އެރޭ ހިނގާދިޔަ ބިރުވެރި ހާދިސާ ހިތައް ވަނުމުން ވިޝާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. އަދި ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ހުރެ އޭނާއަށް ކާރުގައި އިން އާލިކްއާއި ދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

ވިޝާ ބަލާލުމުން އާލިކް ހިނިތުންވެލީ ގާތް ގޮތަކަށެވެ. އޭނާ ކާރުގައި މަޑުކޮށްލައިގެން އިނީ ވިޝާ ގެއަށް ވަންނަން ދެންނެވެ. ލަސް ލަހުން ހިނގާލާފައި ދިޔަ ވިޝާ ގޭގެ ތެރެއަށް ވަދެގެންދިއުމާއިއެކު ކާރު ސްޓާޓް ކޮށްލަން އުޅުނު އާލިކްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ވިޝާ މެންގޭގެ ކުރިމައްޗަށް ވާގޮތަށް ހުރި ހޮޓަލުގައި ތިބި ދެ ފިރިހެނުން ވިޝާ ގެއަށް ވަދެގެން ދިޔަ ތަނަށް ބަލަހައްޓައިގެން ތިބުމުންނެވެ.

“ނޫން..” ހިތައް އެރި އެއްޗެއްގެ ސަބަބުން އާލިކްއަށް ކުއްލިއަކަށް ބޯ ހޫރާލެވުނެވެ. އަވަސް އަވަހަށް ކާރުން ފައިބައިގެން ހަލުވި ފިޔަވަޅުތަކެއްގައިގޮސް ވިޝާގެ އެޕާޓްމެންޓުގައި ޓަކި ޖަހާލިއެވެ.

” ސަރ..؟؟” އެގަޑީގައި ދޮރުގައި ޓަކި ޖެހުމުން ނުތަނަވަސްވެފައި ހުރި ވިޝާގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރު ވެރިވެގަތީ ދޮރުމަތީގައި ހުރި އާލިކް ފެނުމުންނެވެ.

” އާނނ.. މީ.. ކާރު ސްޓާޓެއް ނުވި.. މައްސަލައެއް ޖެހުނީ ކަންނޭނގެ..” އާލިކް ވިޝާގެ މޫނަށް ބަލާލަމުން ގަސްތުގައި ދޮގެއް ހަދާލީ ހަގީގަތް ފާޅުކުރަން ބޭނުން ނުވެގެންނެވެ.

” ދެން.. އާދޭ އެތެރެއަށް.. ދެން ކިހިނެތް ހަދާނީ..” ވިޝާ ކަންބޮޑުވީ އެއީ ރޭގަނޑުގެ ވަގުތު ކަމުންނެވެ. އޭނާގެ މޫނުމަތީގައިވާ ސިހުމާއި ބިރުވެރިކަމުގެ ތެރެއަށް ކަންބޮޑުވުމުގެ އަސަރު ފާޅުވުމުން އެމޫނަށް ވެގެން ދިޔަ ގޮތް އާލިކްއަށް ރަނގަޅަށް ފެނުނެވެ.

” ދެން.. މިގޭގަ ހުންނަން ޖެހޭނީ..” އާލިކް އެތެރެއަށް ވަނުމަށްފަހު ތަރުތީބުކަން އެކުލެވިފައި އެ ކުޑަ ކުޑަ ތަންކޮޅަށް ނަޒަރު ހިންގާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

” މި.. މިގޭގަ ކިހިނެތް؟.. މިތާ ސަރ.. ނި.. ނިދަން..” އާލިކް ބުނެލި ޖުމްލައިން ވިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އެހާ ބޮޑަށް ހާސްވީތަން ފެނުމުން އާލިކްއަށް ކުޑަކޮށް ހެވޭގޮތްވިއެވެ.

” ވިޝާ ދޭބަލަ ނިދަން.. މަ މިތާ އިންނާނަމޭ.. އޭމް ފައިން..” ކުޑަ ހިނިތުންވުމަކާއިއެކު ޖީބުގައި އޮތް ކާރުގެ ތަޅުދަނޑި ނަގަމުން އާލިކް ވިޝާއަށް ޖަވާބުދިނެވެ. އެވަގުތު ވިޝާވެސް އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި ކޮޓަރިއަށްވަނީ އާލިކް އައުމުން އެހިތުގައިވާ ބިރުވެރިކަންވެސް ކުޑަވެލުމުންނެވެ. ނަމަވެސް ކޮޓަރިއަށް ވަނުމަށްފަހު މިނެޓެއްވެސް ނުވަނީސް ވިޝާ އަނެއްކާވެސް ނުކުމެއްޖެއެވެ. ގޮނޑީގައި އިން އާލިކްއަށް ބަލާލުމެއްނެތި ހަރަކާތްތައް އަވަސްކޮށްލާފައި އޭނާ އުނދުން މައްޗަށް ފެން އެއްޗެއް އުދާލިއެވެ. ވިޝާ ކުރަން އުޅޭ ކަމެއް ނޭނގިގެން ހައިރާންވެފައި އިން އާލިކްއަށް ވިޝާގެ އަވަސް ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެވުނީ އާޝޯޚްވެފައެވެ. އެ މައުސޫމް އެކަނިވެރި އަންހެން ކުއްޖާއާއިމެދު އޭނާގެ ހިތުގައި އުފެދިފައި އެވާ ހަމްދަރުދީ އޭނާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. އެހަމްދަރުދީގެ ސަބަބުން ވިޝާގެ ކިތަންމެ ކުޑަ ކުޑަ ހަރަކާތެއްގައިވެސް ޚާއްސަ ކަމެއް ވާކަމުގައި އާލިކްއަށް ގަބޫލުކުރެވެން ފަށައިފިއެވެ. އެއީ ހަމަ ހަމްދަރުދީ ހެއްޔެވެ؟

” ކޮފީ..” ވިޝާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އާލިކްއަށް ސިހުމެއް ލިބުނީ ވިޝާ އޭނާއަށް ކޮފީ ޖޯޑު ދިއްކޮށްލުމުންނެވެ.

” ތޭންކްސް..” ހިނިތުންވެލަމުން އާލިކް ޖޯޑުގައި ހިފާލިއެވެ. އޭނާގެ އެހިނިތުންވުމުގެ ސަބަބުން ވިޝާއަށްވެސް ހިނިތުންވެލެވުނެވެ. މަޑުމަޑުން ގޮސް އާލިކްއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނދެ އޭނާގެ ކޮފީ ބޯން ފެށިއިރުވެސް ވިޝާގެ ނަޒަރު ހުއްޓިފައި ހުރީ އާލިކްގެ މޫނަށެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މިރޭ އޭނާއަށް އާލިކްގެ ފުށުން ފެންނަނީ މުޅިން ތަފާތު މިޒާޖެކެވެ. ހިނިތުންވުމާއި ވާހަކަދެއްކުމުގައިވެސް ވަނީ ގާތްގޮތެވެ. އޮފީހަށް ވަނީއްސުރެ އަބަދުވެސް އާލިކް ފެންނަ އިރަށްވެސް ފޫހިވާ ވިޝާ މިރޭ އޭނާގެ ގޭގައި ނުހަނު ގާތުގައި އާލިކް އިން އިރުވެސް ހިތްހަމަޖެހިލައިގެން އެއިނީ އެހެންވެގެންބާވައެވެ. އެކަމަކު އާލިކްގެ އެހާ ކުޑަ ކުޑަ އޯގާތެރި ކަމަކުން ވިޝާގެ ހިތް މުޅިން ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ވިޝާ އޭނާގެ ހިތާއި ސުވާލު ކުރަމުން ދިޔައިރު އެ ސުވާލު ތަކުގެ ޖަވާބުވެސް އޭނާއަށް އެނގެއެވެ. ތެދެކެވެ. އާލިކްގެ ބޮޑާ އަދި ފޮނި މިޒާޖުގެ ފަހަތުގައި އޯގާތެރި، ހިތްހެޔޮ ފަރާތެއް ވާކަން ވިޝާއަށް ގަބޫލު ކުރެވުނީއެވެ. އާލިކް ނެތްނަމަ މިރޭ އޭނާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.

” ވަރަށް މީރު ކޮފީ..” އާލިކް ކޮފީ ހުސްކޮށްލުމަށްފަހު ސިންކު ކައިރިއަށް ގޮސް ޖޯޑު ދޮވެލީ ފަރިތަކަމާއިއެކުގައެވެ. އެ މަންޒަރު ބަލަން އިން ވިޝާއަށް އިނދެވުނީ ހައިރާންވެގެން އަނގަ ހުޅުވިފައެވެ. ހަމަ ގައިމުވެސް އެކަހަލަ ކަންތައްތަކަކީ އާލިކް ކުރާނެ ކަމަށް އޭނާ ހީވެސް ކުރި ކަންކަމެއް ނޫނެވެ.

” ވިޝާ.. ދެން ދޭ ނިދަން.. މަ އިންނާނަން މިތަނުގަ.. ވާރޭ ހުއްޓާލީމަ ވިޝާއަށް ގޮވާފަ ދާނީ..” އާލިކް ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެއެވެ. އެވަގުތު ވިޝާވެސް ބަސް އަހާ ކުޑަ ކުއްޖަކު ފަދައިން ޖޯޑު ދޮވެލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ އިތުރު ބަހެއް ބުނުމަކާއި ނުލައެވެ. ވިޝާ އެތެރެއަށް ވަނުމުން އާލިކް ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ގޮނޑީގައި އަލުވާލާފައި ހިން ދެމިލިއެވެ. އޭނާގެ ހިނތުންވުމުން އެމޫނުމަތީގައިވާ ހިތްހަމަޖެހުން ރަނގަޅަށް ހާމަވެއެވެ. ހަގީގަތުގައި އޭނާގެ ފުށުން އެކަނިވެރި އަންހެން ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭތީ އޭނާ އުފާވަނީއެވެ. ނޫނެކެވެ. އެކަނިވެރި އަންހެން ކުއްޖެއް ވީމައެއް ނުނެވެ. ޝާޔަން އެކަނި އުޅޭ ރޭ ރޭގައި އޭނާގެ ކައިރީ ހުއްޓަކަސް އާލިކްއަށް އެފަދަ އިހުސާސެއް ނުކުރެވެއެވެ. ދެން މިރޭ.. އާލިކް ބޯ ހޫރާލިއެވެ. އެފަދަ ކަންތައްތަކާއިމެދު ވިސްނުމަކީ އޭނާގެ މިޒާޖުގައިވާ ކަމެއް ނޫނެވެ. ކުޑަ ގޮތަކަށް ހީނލުމަށްފަހު އާލިކް އެއްގޮނޑިއަށް ފައި ވައްޓާލައިގެން އަނެއް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

ފަތިހު ފަސްގަޑި ބައި ވީއިރު ވިޝާ ހުރީ ފަތިސް ނަމާދު ކުރާށެވެ. މިއަދު ތަންކޮޅެއް ލަހުން ހޭލެވުމުން އާލިކް ދިޔަތޯ ބަލާލުމެއްވެސް ނެތި ވިޝާ އަވަސްވެގަތީ ނަމާދުކޮށްލާށެވެ. ނަމާދުކޮށް އަވަދިވެގެން ލައިގެން ހުރި ހުދު ކުރުތާއާއި ކަޅު ހަރުވާޅާއިއެކު ކަޅު ބުރުގާއެއް އަޅާލަމުން އޭނާ އަވަސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލީ އާލިކް ދިޔައީތޯ ބެލުމުގެ މަގްސަދުގައެވެ. ނަމަވެސް ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން ވިޝާއަށް ބޭއިޚްތިޔާރުގައި އަނެއް ފަރާތަށް އެނބުރެވުނީ ލޯމަތީގައި އަތްވެސް އަޅަމުންނެވެ. ނަމަވެސް އަނެއްކާވެސް އޭނާ އެދިމާއަށް އެނބުރިލީ އެމަންޒަރު ދެވަނަ ފަހަރަށް ބަލާލުމަށް އޭނާގެ ހިތް އެދިލުމުންނެވެ. ވިޝާއަށް ބަލަހައްޓައިގެން ހުރެވުނީ ދެފައި ގޮނޑިއަށް އަރުވައިގެން އަނެއް ގޮނޑީގައި ހަމަޖެހިލައިގެން އޮތް އާލިކްގެ ކުލަ އަލި ކަސްރަތީ ހަށިގަނޑާއި ދިމާއަށެވެ. ހާދަ ފުރިހަމައެވެ. ތަނަވަސް މޭމައްޗާއިއެކު، ބައިމަތި ފުޅާ އެހަށިގަނޑު ހުރަހެއް ނެތި ފެނުމުން ވިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިޝާ މޭގައި ހިފަހައްޓާލަމުން މަޑުމަޑުން އާލިކްއާއި ކައިރިއަށް ޖެހިލިއެވެ. ނިދާފައި އޮތް އިރުވެސް އެ މޫނުމަތީގައި ވަނީ އޮފީހުގައި އުޅޭ އިރު ހުންނަ ސީރިއަސް ކަމެވެ. ވިޝާއަށް ހީނލެވުނެވެ. ހަމަ ގައިމުވެސް ނިދާފައި އޮންނަ އިރު އެ ފޮނި ގޮތްގަނޑެއް އެމޫނުމައްޗަކު ނުވެއެވެ.

” ސަރ.. ސަރ..” ވިޝާ ދެފަހަރަކު ގޮވާލިއިރުވެސް އާލިކްއަށް އެނގުނުހެންނެއް ހިއެއް ނުވެއެވެ. އޭނާގެ ނިދިގަދަކަން ވިޝާއަށް އެނގޭ ނަމަ އެހާ މަޑުމަޑުން ގޮވަން ހިތައްވެސް ނާރުވާނެއެވެ.

” ސަރ.. ހެނދުނު ވެއްޖެ.. ސަރ..” ވިޝާގެ އަޑު ތަންކޮޅެއް ބާރުކޮށްލިއެވެ. ނަމަވެސް އާލިކް ހަމަ ކަހާ ތަނަށް ހިރުވައިވެސް ނުލައެވެ.

” އެހާ ނިދި ގަދަތަ؟..” ވިޝާ ކުޑަކޮށް ތުން ހަދާލަމުން އުނގަނަޑުގައި އަތް ވިއްދާލިއެވެ.އަދި ކުޑަ އިރުކޮޅަކު ވިސްނާލުމަށްފަހު އޭނާ އާލިކްގެ އަތުގައި އަތްޖައްސާލީ އޭނާއަށް ގޮވުމުގެ ގޮތުންނެވެ.

” ސަ..” ވީގޮތެއް ނޭނގުނެވެ. ވިޝާގެ ފިނި ފިނި އަތްތިލަ ޖެހުމާއިއެކު އާލިކް ސިހިފައި ދެލޯ ހުޅުވާލިއެވެ. ތެދެކެވެ. އޭނާ ނިދީގައި އޮއްވާ އެފަދަ ފިނި ފިނި އަތަކުން ދުވަހަކުވެސް މީހަކު އަތެއް ނުލައެވެ. ލޯ ހުޅުވާލުމާއިއެކު އޭނާއާއި ނުހަނު ކައިރީގައި ހުރި ވިޝާގެ ތާޒާ މޫނު ފެނުމުން އާލިކްގެ ނިދި މުޅިން ފިލައިގެން ދިޔަފަދައެވެ. ހިނދުކޮޅެއްގެ ތެރޭގައި ރޭގައި ހިނގާ ދިޔަ ކަންތައްތައް ސިކުނޑިއަށް ޖަމާވުމުން އާލިކް މަޑުމަޑުން ތެދުވިއެވެ.

” މްމްމް.. ޓޮއިލެޓް؟..” އާލިކް މޫނު އުނގުޅާލަމުން ވިޝާއާއި ސުވާލު ކޮށްލިގޮތުން އޭނާއަށް ހުރީ ހެވިފައެވެ. އަތުގެ އިޝާރާތުން ކޮތަރި ދައްކާލަމުން ވިޝާ އަވަސްވެގަތީ އާލިކް ދިއުމުގެ ކުރިން ކޮފީއެއް ހަދައިދިނުމަށެވެ.

” ކަރަށް ނާރެއް އެރީ ކަންނޭނގެ.. އުހހ..” އާލިކް ބޯ ގޮތްގޮތަށް ހަދަމުން ސިންކު ކައިރީގައި މަޑުކޮށްލީ ވިޝާ ކޮފީ ހަދަން ހުރުމުންނެވެ.

” ކޮފީ ބޮއިގެންނުން ދާންވާނީ..” ކޮފީ ޖޯޑު ދިއްކޮށްލަމުން ވިޝާ އާލިކްއާއި ދިމާއަށް އެނބުރެލިއިރު އޭނާ ހުރީ ޖެހޭ ނުޖެހޭހާ ކައިރީގައެވެ. އެވަގުތު ތެޅިގަތް ހިތާއިއެކު ވިޝާއަށް ކުއްލިއަކަށް ބަލާލެވުނީ އާލިކްގެ ހާމައަށް ހުރި ހަށިގަނޑަށެވެ.

“އޮހް.. އޯހްހް.. ހަނދާން ނެތުނީ..” ވިޝާ މާ ފާޑަކަށް ބަލާލުމުން އާލިކް އަވަސް އަވަހަށް ގޮސް ޓީޝާޓް ވައްޓާލުމަށްފަހު ކޮފީ ބޯން ފެށިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ ވޭތުވެ ދިޔަ ދެހަފްތާއެއްހާ ދުވަހު އޭނާ ރުޅި އަރުވަން އުޅުނު އާލިކް ހެއްޔެވެ؟ އެންމެ ރެއަކުން އެހާ ބޮޑު ބަދަލެއް އައީ ކިހިނެތް ހެއްޔެވެ؟

“އޯކޭ.. ތޭންކްސް ފޯރ ދި ކޮފީ.. ރޫމް.. އެންޑް މްމްމް ޓޮއިލެޓް.. ހެހެ ސީޔޫ..” އާލިކް ދޮރުމައްޗަށް އެރުމަށްފަހު އެއްމިޔަކަނުން ހީނލަމުން ވާހަކަ ދެއްކިގޮތުން ވިޝާގެ ހިތް ހީވީ ނަށަން ފެށި ހެންނެވެ. އެކަމަކަ އެއީ ކީއްވެގެން ހެއްޔެވެ؟ ގަބޫލު ކުރަން ބޭނުން ނުވިއަސް އާލިކްގެ ފަރާތުން އެފެނުނު ގާތްކަން އޭނާގެ ހިތައް އުފާވެރިކަން ގެނުވައިފިއެވެ.

އާލިކްވެސް ވިޝާއެކޭ އެއްފަދައެވެ. ބުނެދޭން ނޭނގޭ ސަބަބަކާއި ހުރެ އެ އަންހެން ކުއްޖާ އާއިމެދު އޮތް ފޫހިކަން އެހިތުންފިލައިގެން ދިޔަ އިރެއްވެސް ނޭނގެއެވެ. އެ ލުއި ލުއި ހިނިތުންވުން އެހިތުން ޖާގަ ހޯދި އިރެއްވެސް ނޭނގެއެވެ. ހެނދުނުގެ އެވަގުތުގައި ރީތި އިނގިރޭސި ލަވައެއް ޖަހާލައިގެން އިނދެ ކާރުގައި މާލެ ވަށާ ބުރެއް ޖަހާލި އިރުވެސް އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ. އޭގެ ފަހުގައި ގެއަށް ގޮސް އެއްޗެއްސެއް އިސްތިރިކޮށްލުމަށްފަހު، ފެން ވަރާ އަދި ކުޑަ ގޮތަކަށް ސައި ބޮއި ނިންމާލިއިރުވެސް ހިނިތުންވުން އެފަދައެވެ. އެ އުފާވެރިކަމުގައި އާލިކް ހަނދާން ނެތިފައި ހުރީ އިއްޔެ އިރު އޮއްސުނު އިރު ފޯނު އޮފްކޮށްލި ގޮތަށް އަދިވެސް އޭނާގެ ފޯން އޮން ނުކުރެވޭ ކަމެވެ. ރީތިވެގެން 9 ގަޑި ބައި ހާ އިރު އޮފީހަށް ދާން ނުކުތް އިރުވެސް އޭނާއެކަމެއް ހަނދާނެއް ނެތެވެ.

ކެބިންގެ ތެރެއަށް ވަދެވުމާއިއެކު އާލިކް ލޯ ހުއްޓުނީ ގޮނޑީގައި ފޮޅިފައިވާ ފިނިފެންމަލެއް ފަދައިން ތާޒާވެލައިގެން އިން ވިޝާއަށެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ވިޝާއަށް އާލިކް ފެނުމާއިއެކު ދަތްތައް ފެންނަވަރަށް ހިނިތުންވެލީ ދެލޯބިވެރިއަކު ފުރަތަމަ ބައްދަލުވުމަށްފަހު ދިމާވުމުން ހިނިތުންވެލާ ފަދައިންނެވެ. އެއާއިއެކު އާލިކްވެސް ދަތްތައް ދައްކާލާފައި ފިރިހެންވަންތަ ގޮތަކަށް ހިނިތުންވެލަމުން ގޮސް ގޮނޑީގައި އިށީނީ ހަމަ ޖެހިލައިގެން ހުރެއެވެ. އޭގެ ފަހުން ގަޑި އެއްހާ އިރު އެމީހެއްގެ މަސައްކަތުގައި އެމީހަކު މަޝްޣޫލުވެފައި ތިބިއިރުވެސް ދެމީހުން ދެމީހުންނަށް އެފަދަ ހިނިތުންވުން ހަދިޔާ ކުރިއެވެ. ނަމަވެސް އެހާއިރު ވީއިރު އެކަކުވެސް ވާހަކަ ދައްކާ ހިޔާލެއް ނުކުރެއެވެ.

” ކޮބާ ރޭގަ ނިންމި ބައެއް އެއްޗެހި ހުންނާނެ ތިތާވެސް..” ގަޑިއެއްހާ އިރުގެ ހަމަހިމޭންކަން ފޫދުއްވާލަމުން ފުރަތަމަ ވާހަކަ ދެއްކީ އާލިކްއެވެ.

” ތި މޭޒަށް ލާފަ ހުންނާނީ..” ވިޝާ ހީނލަމުން އާލިކްއަށް ޖަވާބު ދިންގޮތުން އާލިކްއަށްވެސް ހެވިއްޖެއެވެ.

” ކޮބާތަ..” އާލިކްއަށް ހަގީގަތުގައިވެސް އެފައިލްތައް ނުފެނުނީއެވެ. އެއާއިއެކު ވިޝާ ތެދުވެގެން ގޮސް އާލިކްގެ މޭޒުކައިރީ ހުއްޓިލިއެވެ.

” މިހިރީނުން..” ވިޝާ ފައިލްތައް ނެގުމަށްފަހު އާލިކްއަށް ދިއްކޮށްލިއެވެ. ތަންކޮޅެއް ކުރީގެ ފައިލްތަކެއް ތެރޭގައި އެތަކެތި ބަހައްޓާފައި ހުރުމުން އާލިކްއަށް ނުފެނުނީއެވެ.

” ހުމްމް.. ހަމަތޯ ޗެކްކޮށްލަދީ..” އާލިކް ހިނިތުންވެލަމުން ފައިލްތައް ހުޅުވާލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އާލިކްގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ފައިލްތައް ބަލަން ފެށީ ހިތްހަމަޖެހިފައި އިނދެގެންނެވެ. ދެމީހުން ލިޔުންތައް ޗެކް ކުރަމުން ދިޔައިރު އިރު އިރުކޮޅާއި ވިޝާ އެއްޗެކޭ އަހާލައެވެ. އެއާއެކު އާލިކް އޭނާއަށް ޖަވާބުދާރީ ވަނީވެސް އުފަލާއިއެކުގައެވެ. ޖެހި ޖެހިގެން ކަހަލަ ގޮތަކަށް ހުރި ދެގޮނޑީގައި ތިބެގެން ދެމީހުން އެކުވެރިކަމާއިއެކު މަސައްކަތް ކުރަމުން ދިޔައީ އުފާވެރިކަމާއިއެކުގައެވެ. މަންޒަރު ފެންނަ އިރު ހީވަނީ އެރަހްމަތްތެރިކަމަކީ އެތައް ޒަމާނެއް ވެފައިވާ އެއްޗެއް ހެންނެވެ. ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ އިންސާނުންގެ ޠަބީޢަތު ބަދަލުވާންވެސް ސުކުންތެއްވެސް ނުނަގާ ފަހަރު އާދެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ މީހުން ބުނެ އުޅެނީ އެހެންވެގެންނެވެ.

” ބަލާބަލަ.. ތީ ދޯ ފޯން އޮފްކޮށްގެން ކުރާ ކަމަކީ..” އާލިކް ވިޝާއަށް ލެޕްޓޮއިން އެއްޗެއް ދައްކާލި ވަގުތު ކުއްލިއަކަށް ސިއްސައިގެން ދިޔައީ ދޮރުމަތިން އިވުނު ޒީލަގަދަ އަޑެއްގެ ސަބަބުންނެވެ. އެއާއިއެކު އެއިން ގޮތަށް އިނދެފައި އާލިކް ލޯ މަރާ ބާރުކޮށްލުމަށްފަހު ” ނޮޓް އެގެއިން”.. އޭ ބުނެލިގޮތުން ވިޝާވެސް ކުޑަކޮށް ނުތަނަވަސްވިއެވެ. އާލިކްގެ މޫނަށް ވީގޮތް ބަލަން އިނދެފައި އޭނާ ލަސްލަހުން އިސް އުފުލާލާ ދޮރުމަތީގައިހުރި ޝާޔަންގެ މޫނަށް ނަޒަރު ހުއްޓާލީ ވިސްނުންތެރިކަމާއިއެކުގައެވެ. އެވަގުތު އައިސްފައިވާ ރުޅީގެ ސަބަބުން ރަތްކުލަ އަރާފައިވާ ޝާޔަންގެ ވަށް މޫނާއި ގަދަ ރުޅިއާއިއެކު ވަށްކޮށްލާފައިވާ ދެލޯ ފެނުމުން ވިޝާވެސް ސިހިގެންދިޔައެވެ. އަވަސް އަވަހަށް އާލިކްގެ މޫނަށް ބަލާލަމުން ވިޝާ ވައިރޯޅިއެއްހެން ކެބިންގެ ތެރެއިން ނުކުމެގެން ދިޔައީ އެދެމީހުންނަށް ވަގުތު ދިނުމުގެ މަގްސަދުގައެވެ. އެހެންނަމަވެސް އެދެމީހުން ކެބިންގެ ތެރޭގައި އެކަހެރި ކޮށްލާފައި ނުކުންނަން ޖެހުމުން ވިޝާގެ ސާފު ހިތް ނުގޮތަކަށް ވިންދު ޖަހާލިއެވެ.

” އާލް އަށް ހާދަ ވަރަކަށް ގުޅިއްޖެއޭ.. ކީއްވެތަ ތިގޮތަށް ތިކަންތައް ކުރަނީ.. އެންޑް ދެޓް.. އެ ހަންޑި ގަނޑާއިއެކު ކޮންމެ ދުވަހަކު ފެންނަންވީ ކީއްވެ؟..” ވިޝާ ދިއުމާއިއެކު ޝާޔަން ދިޔަގޮތަށް އާލިކްގެ ގަމީހު ގިރުވާނުގައި ހިފަހައްޓާލަމުން ވާހަކަދެއްކީ އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ޝަކުވާގެ ރާގުގައެވެ. ކަރުނައިން ދެލޯ ފުރެމުންދާ ހާލުގައެވެ. އާލިކްވެސް އެއީ ޝާޔަންގެ އާދަކަން އެނގޭތީ ހަމަޖެހިލައިގެން ހުރެފައި ކުއްލިއަކަށް ޝާޔަން ވިޝާއަށް ނިސްބަތްކޮށްފައި ބުނެލި އެއްޗަކުން ހަރަކާތްތައް ހުއްޓިއްޖެއެވެ. އަދި އޭނާގެ ތޫނުކަން އެކުލެވިފައިވާ ދެލޯ ޝާޔަންގެ ބޮޑު ދެލޮލާއި ސީދާކޮށްލީ މީހަކު ބިރުންގޮސް ވިރިގެން ހިނގައިދާނެ ފަދަ ގޮތަކަށެވެ.

” ކީކޭ ތިބުނީ..” އާލިކް ލަސްލަހުން ސުވާލުކޮށްލިއިރު އެއަޑުގައިވީ ހިތްހަމަނުޖެހުން ޝާޔަންއަށް ރަނގަޅަށް ހާމަވިއެވެ. އަދި އެއީ ވިޝާއާއި ބެހޭގޮތުން އެއްޗެއް ބުނެވުނީމަކަން އެނގުމުން އޭނާގެ އާދަޔާ ޚިލާފު ރުޅިވެރިކަން ހައްދުން ނެއްޓިއެވެ.

” އަހަރެން މިބުނީ.. އެ ހަންޑި.. އެ ހަ ން ޑި.. އާ އެކު.. ކޮންމެ ދުވަހަކު އާލިކް ފެންނާކަށް ނުޖެހެއޭ..” ރުޅި ކޮންޓްރޯލް ކުރން ދަސްވެފައި ނުވާ ޝާޔަން ރުޅިވެރިކަމާއިއެކު ބުނެލި ޖުމްލަ ނިމުނު އިރު ވަނީ ކުޑަ ހަޅޭކަކަށްބަދަލުވެފައެވެ. އެއާއިއެކު ޝާޔަން ބާރު އަޑުން ސާފުކަމާއިއެކު ވިޝާއަށް ނިސްބަތްކޮށް އެއްވެސް ފިކުރެއްނެތި ބުނެލި ބަހުން އާލިކްއަށް ހީވީ މީހަކު އޭނާގެ ކުރިމަތީގައި އޭނާއަށް މަލާމަތް ކުރަނީހެންނެވެ.

” އާނ.. ހަމަ ހަންޑި.. ގޮތްކުޑަ.. ބިޗް…..”     ” އިނަފްފް.. ” ޝާޔަން ތަނެއް ދޮރެއް ނުބަލާ ހިތައް އެރިހާ އެއްޗެއް ވިޝާއާއި ދިމާއަށް ގޮވަން ފެށުމާއިއެކު އާލިކް އޭނާގެ ބާރު އަޑުން ހަޅޭއްލަވައިގަތީ މީހަކު ފިތްކަނޑައިގެންދާހާ ވަރަށެވެ. އެއާއިއެކު ޝާޔަންއަށްވެސް ބިރުން ފަހަތަށް ޖެހިލެވުނީ އާލިކްގެ ރުޅިވެރި މޫނު ފެނިފައެވެ.

” ކީކޭތަ ހިތައް އަރަނީ.. ކަލޭ ކިޔާހާ އެއްޗެއް އަޑު އަހަން މަ މީ ގަމާރެއް ކަމަށްތަ.. ނޫނީ ކަލޭ ބުނާހާ ގޮތެއް ހެދިގެން ހުންނަން މަ މީ ޕަޕެޓެއް ކަމަށްތަ ހީކުރަނީ..” އާލިކް ރުޅި އައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޝާޔަންގެ ހިމަ އަތުގެ މުލައްދަނޑީގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން ހުރެ ދުވަހަކު ވާހަކަ ނުދައްކާ ބަހުރުވަ އަކުން ވާހަކަ ދައްކަމުން ދިޔައިރު ޝާޔަންގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ.

9

” އާލް.. އައްދޯތް.. އާލް ތަ.. ތަ.. ތަދުވޭ..” އާލިކްއަށް ހަމަ ހޭވެރިކަން ވީ ޝާޔަންގެ ލޮލުން ވެއްޓުނު ބޮޑު ކަރުނަތިކި ފެނުމުންނެވެ. އެއާއިއެކު ކުއްލިއަކަށް ޝާޔަންގެ އަތުން ދޫކޮށްލުމަށްފަހު އޭނާއަށް ފުރަގަސް ދެމުން  ދެލޯ މަރާލިއެވެ.

“މިހާރު ތަދުވެސް ކުރަނީތަ..” ޝާޔަން ޝަކުވާއިން ފުރިގެންވާ އަޑަކުން ސުވާލުކޮށްލަމުން އާލިކްގެ ފުރަގަހުން އޭނާގެ ގައިގައި ތަތްވެލިއެވެ. އޭރު އޭނާގެ ބޮޑު ދެލޯ ކަރުނައިން ފުރިގެން ބަންޑުން ވެއްޖެއެވެ.

” ޝާޔަން.. މަށަށް އިތުރު ގޯހެއް ނުހެދެނިސް މިވަގުތު ދެން ދޭ..” އާލިކްގެ އަޑު މަޑުވެފައިވީނަމަވެސް އެއަޑުގައިވީ ހިތްހަމަނުޖެހުން ދެނެގަންނާކަށް ޝާޔަންއަކަށް އުނދަގުލެއް ނުވިއެވެ. މިއަދު އޭނާގެ ލޮލުން ކަރުނަ އައިތަން ފެނުމުންވެސް އާލިކް އޭނާގެ ކިބައިން މައާފަށް އެދުމުގެ ބަދަލުގައި އެބުނީ އެތަނުން ދިއުމަށެވެ. ޝާޔަން ކަރުނަ ފޮހެލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތީ ރުޅިއާއި ހިތާމައާއި އެކުވެފައިވާ މޫނަކާއިއެކުގައެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުގެ ދޮރާއި ދިމާއަށް ދަމުން ރިސެޕްޝަނުގައި ލިމްނާއާއި ވާހަކަ ދައްކަން އިން ވިޝާ ފެނުމުން ޝާޔަންގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. އަދި ދެދަތްޕިލަ ޖައްސާލުމަށްފަހު ވިޝާއާއި ދިމާއަށް ލޯ އަޅާލިއިރު އެލޮލުން އަލިފާން ކަނި ބުރަމުން ދާފަދައެވެ.

” މިހާރު ކޮން ކަމެއް ވެފަ އެހުރީ؟..” ޝާޔަން ބާރަކަށް ދޮރު ހުޅުވާލާފައި ނުކުމެގެން ދިއުމާއިއެކު ލިމްނާ ވިޝާގެ އަތުގައި ހިފާލިއެވެ. އޭރު ވިޝާވެސް އިނީ ޝާޔަން ބަލާލި ގޮތް ހަނދާންވެފައި ނުތަނަވަސްވެފައެވެ. އަނެއްކާ އޭނާގެ ސަބަބުން އާލިކްއާއި ދެމީހުން ދެމެދުގައި މައްސަލަ ޖެހުނީހެއްޔެވެ؟ އެހެން ހިތައް އެރުމާއިއެކު ވިޝާ އަވަސް އަވަހަށް އޭނާގެ ކެބިންއަށް ދިއުމަށް ތެދުވި ވަގުތު ދެން ފެނުނީ ޝާޔަން ދިޔަ ފަދައިން އާލިކްވެސް ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުމެގެން ދިޔަ ތަނެވެ. އޭނާގެ މޫނުގައިވީ ހިތްހަމަނުޖެހުން ވިޝާއަށް ފެނުނެވެ.

” ޔަގީން ފައިޓެއް ދުއްވާލީ..” އާލިކް ނުކުމެގެން ދިޔަ ތަނަށް ބޯ ދިއްކޮށްލަމުން ލިމްނާ އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް ވިޝާ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތީ އޭނާގެ ކެބިންއާއި ދިމާއަށެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކުޑަކޮށް ތާޒާވެލައިގެން އާލިކް ބޭރަށް ނުކުތީ ޝާޔަންމެން ގެއަށް ދިއުމަށެވެ. މިއަދު އޭނާއާއި މެދު ކަންތައްކުރެވުނު ގޮތުން އާލިކް ހުރީ ނުތަނަވސްވެފައެވެ. ވާނީވެސް އެހެންނެވެ. ޝާޔަންއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއްކަން އެނގުނު ފަހުން އޭނާގެ ސަބަބުން އެ އަންހެންކުއްޖާއަށް ގެއްލުމެއް ލިބިދާނެތީ އާލިކް ނުހަނު ކަންބޮޑުވެއެވެ. ކާރުގައި ދުއްވާފައި ދިޔައިރު އާލިކްގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހިނގާދިޔަ ހާދިސާއާއިއެވެ. ވިޝާއާއި ބެހޭގޮތުން ޝާޔަން ބުނެލި އެއްޗަކުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓި ހަނދާން ވުމުން ޚުދު އޭނާވެސް ހައިރާންވެއެވެ. އޭނާއަކީ ދުވަހަކުވެސް އެހެން މީހަކަށް މަލާމާތް ރައްދުވުމުން ދެރަވީ މީހެއް ނޫނެވެ. ނަމަވެސް މިއަދު ކަންތައްދިމާވީ އެއާއި އިދިކޮޅަށެވެ.

” އާލް.. އޭމް ވެއިޓިންގ ފޯ ޔޫ..” އާލިކް ގޮސް ޝާޔަންމެން ގެއަށް ވަނުމާއިއެކު ޝާޔަން ދުވެލާފައި އައިސް އާލިކްގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ބަލަން އިން ޝާޔަންގެ ދޮންތަ ޝާނީވެސް އާލިކްއަށް ހިނިތުންވެލަމުން ކޮޓަރިއަށްވަނީ އެދެކުދިންނަށް ވަގުތު ދޭންވެގެން ކަންނޭނގެއެވެ.

” އާލް ކެއީތަ؟.. ބަލާބަ ޝާޔާ މިހުރީ ސްޕެގެޓީ ކައްކާފަ..” ޝާޔަން އާލިކްގެ އަތުގައި ހިފައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަނެވެ. އޭނާގެ މޫނުމަތީގައިވާ އުފާވެރިކަމާއި ރީތި ހިނިތުންވުން ފެނުމުން އާލިކް އިނީ ހަމަ ހައިރާންވެގެން އަންތަރީސްވެފައެވެ. އަދި ޝާޔަންގެ އާދަޔާ ޚިލާފު ހަރަކާތްތަކުންވެސް އޭނާގެ ހައިރާންކަން ދިޔައީ އިތުރު ވަމުންނެވެ. ތެދެކެވެ. ކަންތައްތައް ވެގެން އެދިޔައީ އާލިކް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާ ހީކުރީ މިރޭ ޝާޔަން ހަމައަކަށް އަޅުވަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެހެން ދުވަސް ދުވަހު އެއަށްވުރެ ކުދި ކުދި ކަންތައްތައް ވުމުންވެސް ޝާޔަން ކަންތައްބޮޑުކޮށްލައިގެން އުޅޭއިރު މީހަކު ބޯ ފަޅައިގެން ދާވަރު ކުރާނެއެވެ. އެކަމަކު މިރޭ ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އާލިކްއަށް ފެންނަމުންދިޔަ މަންޒަރު ގަބޫލު ނުކުރެވިގެން ދެތިންފަހަރު އެއީ ހުވަފެނެއްބާއޭވެސް ހިތައް އެރިއެވެ.

” އާލް.. ދެން ކާންފަށާބަލަ..” ޝާޔަން އާލިކްއަށް އަޅައިދިން ސްޕެގެޓީ ތަށި ދައްކާލަމުން ލޯތްބާއިއެކު ބުނެލިއެވެ. އޭރުވެސް އާލިކް އިނީ ބުމަ އަރުވާލައިގެން ޝާޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ.

” ޝާ.. ޔާ..  މަ ކައިގެން މި އައީ..” އާލިކްއަށް ވާހަކަ ދެއްކުނީވެސް ފާޑަކަށް އިނދެގެންނެވެ.

” އެހެންތަ؟.. ކުރިން ބުނި ނަމަ..” ޝާޔަން މިފަހަރުވެސް ވާހަކަ ދެއްކީ ހިނިތުންވުމަކާއިއެކުއެވެ.

” ޔަހ.. ދެން ފަހަރަކުން..” ޝާޔަން ހަމަޖެހިލާފައި ހުރިވަރުން ހިތްހަމަޖެހުނު ވަރުން އާލިކްއަށްވެސް ހިނިތުންވެވުނެވެ. އޭނާ ބޭނުންވަނީ އެފަދަ ޝާޔަންއެކެވެ. ޝަކުވާ މަދު ހިތްތިރި ޝާޔަންއެކެވެ. އާލިކްއަށް ނުވިސްނުނު އެއްޗަކީ ޝާޔަންގެ އެއުފާވެރިކަމުގެ ފަހަތުގައި ސަބަބެއް ވާކަމެވެ. އާލިކްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފަދަ ކަމެއް އޭނާ ކޮށްފައިވާކަމެވެ. ޝާޔަންގެ ރީތި ރީތި މޫނަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން އާލިކް ކުއްލިއަކަށް އިސް ޖަހާލީ އެވަގުތުވެސް އެހިތައް ވިޝާގެ ސޫރަ ވެރިވުމުންނެވެ. އޭނާ ލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އާދައިގެ ގޮތަކަށެވެ. ވިޝާއާއި އާލިކްގެ ދެމެދުގައި އުފެދުނު އެކުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހި ވަމުންނެވެ. އާލިކްގެ އެކުވެރިކަން ފެންނަން ފެށުމުން ވިޝާއަށް އޭނާގެ ކިބައިގައިވާ އެތައް އެތައް ރަނގަޅު ސިފަތަކެއް ފެނުނެވެ. މަޖާ ގޮތްގަނޑާއި، ސަމާސާ މިޒާޖަކީވެސް އާލިކްއާއި ރައްޓެހި އެއްޗެއްކަން އެނގުނެވެ. އޭނާގެ ގާތްކަމާއި ސަމާސާ ބަސްތަކަކީ މިހާރު ވިޝާގެ ހިތައް އެންމެ ބޮޑު އުފާވެރިކަން ލިބޭ ކަންކަމެވެ. އޮފީހުގެ ހުރިހާ ކަމެއްގައި އާލިކްއަށް އެހީތެރިވަމުން ދިޔައިރުވެސް އެ އޮފީހާއި އޭނާގެ ދޮންބެއާއި އޮތް ގުޅުމުގެ ކުޑަވެސް ހަބަރެއް ވިޝާއަކަށް ނުވެއެވެ. އެކި ކަހަލަ ސޯޝަލް މީޑިއާތައް މެދުވެރިކޮށް ވިކާޝްގެ މައުލޫމާތެއް ލިބޭތޯ އޭނާ ވަރަށް މަސައްކަތްކޮށްފިއެވެ. ނަމަވެސް އޭނާއަށް އެކަމަުގައި ކުޑަވެސް ކާމިޔާބެއް ނުލިބެއެވެ. އެހެން ނަމަވެސް ހިތްވަރު އެލުވާލުމެއްނެތި ހެއްދެވި ފަރާތުގެ ހަޟްރަތުން ވާތްގަށް އެދެމުން އޭނާ ވިކާޝްގެ މައުލޫމާތު ލިބޭތޯ ކުރަމުން ދިޔަ މަސައްކަތަށް ކުޑަވެސް ލުއިކަމެއް ނުގެނެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެވާހަކަ އާލިކްއަށް ކިޔައިދޭންވެސް ވިޝާ ހިތައް އަރައެވެ. ފަހަރެއްގައި އާލިކްގެ ފަރާތުން އެކަމަށް އެހީތެރިކަމެއް ލިބިދާނެއޭ ހީވިޔަސް އަދިވެސް އޭނާގެ އަމިއްލަ ކަންތައްތައް އާލިކްއާއި ހިއްސާ ކުރަން ޖެހިލުންވަނީއެވެ. ނަމަވެސް މިހާރު އޭނާ ވިސްނަމުން އެދަނީ އެކަމުގައި އިތުރަށް ފިޔަވަޅެއް އެޅުމަށެވެ.

ވިޝާ އޭނާގެ ދިރިއުޅުމައިގެން އަވަދިނެތި އުޅެމުން ދިޔަައިރު އާލިކްގެ ހަޔާތަށްވެސް އައިސްފައިވަނީ ދުވަހަކުވެސް އައިސްފައިނުވާ ފަދަ ހިތްހަމަޖެހޭ ދުވަސްތަކަކެވެ. ޝާޔަންގެ ފަރާތުން އެއްވެސް ރުޅިވެރިކަމެއް ޝަކުވާއެއް އަޑު ނީވޭތީ އާލިކްގެ ބޮލަށް ފަސޭހަވެފައިވާ މިންވަރު އޭނާގެ މޫނުމަތިން ހާމަވެއެވެ. ހިނިތުންވުމާއިއެކު އޮފީހުގައި މަސައްކަތް ކުރަމުން ދާއިރު ގިނަފަހަރަށް ދާނީ ޝާޔަންގެ ހަބަރެއް ނުވާ ދުވަސްތަކެވެ. އާލިކް ނުގުޅައިގެން ނުވަތަ އޭނާ އެހެން އަންހެން ކުއްޖަކާއިއެކު އުޅެފާނެތީ މިހާރު އޭނާ ކަންބޮޑުނުވާފަދައެވެ. ހަމަ ގައިމުވެސް އެކުއްޖާ އާލިކްއަށް ނޭނގި ކޮންމެވެސް ކުޅިގަނޑެއް ކުޅެމުން ނުދާނަމަ އެގޮތަކަށް ނުހުންނާނެއެވެ.

ޝާޔަންގެ އެ ބަދަލާއިމެދު އާލިކް ވިސްނާ ފިކުރުކޮށެއް ނޫޅެއެވެ. ތެދުތެދަށް ބުނާނަމަ އޭނާއަށް ރަނގަޅީވެސް އެގޮތެވެ. ކޮންމެއަކަސް ޝާޔަންގެ ފަރާތުން ލިބޭ ޝަކުވާތައް މަދުވީ ވަރަކަށް އާލިކްއަށް ދެވެމުން ދިޔައީ ވިޝާއާއި ގާތަށެވެ. އޭނާގެ އަމިއްލަ ނަފްސު ގަބޫލު ނުކުރިޔަސް ވިޝާއާއި އެކުގައި ހޭދަކުރާ ކޮންމެ ވަގުތެއް އޭނާގެ ހިތައް އުފާވެރިކަން ގެނުވައިދެއެވެ. ވިޝާގެ މައުސޫމް ހިނިތުންވުމަކީ އާލިކްގެ ހިތްހަމަޖެހުން ކަމުގައި ވެއްޖެއެވެ. އޭނާއާއި ސަމާސާ ކޮށްލާ ހެއްވާލުމަކީ އާލިކްގެ ހޮބީކަމުގައި ވެއްޖެއެވެ. އެހެން ނަމަވެސް އަދިވެސް ވިޝާގެ ދިރިއުޅުމުގައި އެތައް ކަމެއް ފޮރުވިފައިވާކަން އާލިކްއަށް އެނގެއެވެ. އެހެންކަމުން މިހާރު އޭނާގެ މަގްސަދަކީ އެކަންތައްތައްހޯދުމެވެ. ވިޝާގެ ހަގީގަތް ހޯދުމެވެ. ބައެއް ދުވަސް ދުވަހު ވިޝާ އޮފީހުގައި އިނދެގެން ކޮންމެވެސް ސިޓީއެއް ކިޔާ މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ. އާލިކްއަށް ޔަގީންވާ ކަމަކީ ވިޝާ އަބަދުވެސް ކިޔަނީ އެއް ސިޓީއެއް ކަމެވެ. އަދި އެ ސިޓީ ކިޔާއިރު އެ މައުސޫމް މޫނަށް ވެރިވާ ކުލަތައްވެސް އޭނާވަނީ ނުހަނު ގާތުން ދެކެފައެވެ. އެހެން ނަމަވެސް އަދި އެކަމާއި ބެހޭގޮތުން ވިޝާއާއި ސުވާލުކުރާކަށް އާލިކް ބޭނުމެއް ނުވެއެވެ. އޭގެ ކުރިން އޭނާ ބޭނުންވަނީ ވިޝާގެ އެންމެ ގާތް އެކުވެރިއާއަށް ވުމަށެވެ. ހަމަ އެކަނި އެންމެ ގާތްއެކުވެރިޔާއަށެވެ.

” ނޭނގެ ވިކީ.. މަށަށް ދުވަހަކުވެސް ވީގޮތެއް ނޫން.. އަނެއްކާ ފުރަތަމަ ދުވަހު އެހާ ރުޅި އައި.. އެކަމު މިހާރު.. އިޓް ފީލްސް ޑިފަރެންޓް..” އާލިކް  ފޯނުން ވާހަކަ ދައްކަމުން ދިޔައީ ވިކާޝްއާއިއެވެ. ރޭގަނޑުގެ ވަގުތު ކަމުން  އޭނާ އިނީވެސް ގޭގައެވެ.

” ދެން ކީކޭ ބުނާނީ ދޯ.. މަށަށް ހަމަ ގަބޫލުކުރަން ދަތި.. މަށަށް ބުނެވޭނީ ތިޔަ ކުއްޖާގެ ޖާދޫގަ ޖެހިގެން ވަރަށް ޗޭންޖުވެސް ވެއްޖެއޭ..” ވިކާޝްގެ އަޑުގައި ހުރީ ދިމާކުރުމުގެ ރާގެވެ.

” ހަހަ.. ވިކީ އޭމް ސީރިއަސް.. އަސްލު ކިހިނެތްތަ މިވަނީ..” އާލިކް ލޯ މަރާލައިގެން އޮވެ ވިކާޝްއާއި ސުވާލުކޮށްލިއެވެ.

” ކިހާ ދެރަ ކަމެއް އާލް.. މިހާރު އަންހެނެއްހެން އަޑުވެސް ތިހުރީ އިޝްގީވެފަ.. ހޫމްމް ކޮން ނަމެއް ކިޔާ ކުއްޖެއްތަ ތީ..” ވިކާޝް ލާނެތް ހުނުމަކާއިއެކު އަހާލިއެވެ.

” ވިޝާ..” އާލިކްއަށް ބޭއިކްތިޔާރުގައި ހިނިތުންވެލެވުނެވެ.

” އަހހހ.. ވިޝާ.. ނަން ބުނެލިއިރުވެސް އެހެރަ މަސްތީ އަޑެއް..” ވިކާޝް އިތުރަށް ދިމާކުރަން ފެށިއެވެ. އެއާއިއެކު އާލިކްވެސް ބާރުބާރަށް ހޭން ފެށިއެވެ.

” ދެން މަ ބުނާނެ އެއޗެއް ނެތް.. ލޯބި ވެވިފަ ތިހުރީ..” ވިކާޝް ހީނލަމުން ބުނެލިއެވެ. އެވަގުތު އާލިކް ހުވަފެނީ ގޮތަކަށް ހިނިތުންވެލިއެވެ.

” އެނގޭ.. ހަމައެކަނި ބޭނުންވީ ވިކީގެ ޚިޔާލެއް.. ޔެސް… ފައިނަލީ އޭމް އިން ލަވް..” އާލިކްގެ އަޑުން އުފާވެރިކަން ފާޅުވެއްޖެއެވެ.

‘އެކަމު އާލް.. ޝާޔަންއާ ރައްޓެހިވެގެން އުޅެމުން..” ވިކާޝް ކުޑަކޮށް ސިރިއަސް ވެލަމުން އާލިކްއަށް ހަނދާންކޮށްދޭން ބޭނުންވީ އޭނާގެ ބައިވެރިޔާއަކީ ޝާޔަންކަމެވެ. ވިކާޝްގެ އެ ޖުމްލައާއިއެކު އާލިކްގެ ހިނިތުންވުމް ފިލާދިޔައެވެ. ތެދެކެވެ. އޭނާ އެކަންތައް ހަނދާން ނައްތާލީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަހު ހިތާއި ހަނގުރާމަ ކުރަމުން ވިޝާދެކެ ލޯބި ނުވާކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުން އެންމެ ފަހުން ހިތް އެކަމުގައި ކުރި ހޯދިއިރު އޭނާއާއި ވިޝާގެ ދެމެދުގައިވާ ހުރަހަކަށް ޝާޔަން ވެފައިވާ ވާކަން އޭނާ ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟

” އޯހހ.. ވިކީ އަސްލު ޝާޔަންވެސް މިހާރު ވަރަށް ޗޭންޖް.. ދެންން..” އާލިކްއަށް ދައްކާނެ ވާޙަކައެއް ނޭނުގުނެވެ. ހަގީގަތުގައިވެސް އޭނާގެ މޫޑް ސަކަރާތްވެއްޖެއެވެ.

” އާލް.. ދެން އޯކޭ ވާނޭ.. ޝާޔަން ކައިރި ބުނާނީ.. ވިސްނޭނެ ކަންނޭނގެ..” ވިކާޝްއަށް އާލިކްގެ ނުތަނަވސްކަން އިހުސާސްވީ ކަންނޭނގެއެވެ.

” ޔަހ.. ޝީ ވިލް..” ގަދަކަމުން ހީނލަމުން އާލިކް އެހެން ބުނެލި ނަމަވެސް އެއީ ފަސޭހަ ކަމެއް ނުންކަން އޭނާއަށް އެނގެއެވެ. ތެދެކެވެ. އާލިކް ޝާޔަންއާއ ގުޅިގެން އުޅެނީ އޭނާގެ ބައްޕަގެ އެދުމަށްކަން ވިކާޝްއަށް އެނގުނު ނަމަވެސް އެއީ އާލިކްއަށް މަޖުބޫރުވެފައިވާ ކަމެއްކަން އޭނާއަކަށްވެސް ނޭނގެއެވެ.

” ހޫމްމް.. ދެން އެބަ އޮތޭ އަދި ވާހަކައެއް.. މިކޮޅުގެ ހުރިހާ ކަމެއް ނިމިއްޖެ.. ދެން ދެދުވަހެއް ތެރޭގަ ދާނަން.. އަސްލު މިހާ އަވަހަށް ނިމޭނެއޭ ހިތައްވެސް ނާރަ.. އެކަމު އެއްމަސް ކުރިން ނިމުނީ..” ވިކާޝް އުފާވެރި ރާގެއްގައި ވާހަކަ ދައްކަމުން ދިޔައީ އާލިކްގެ މޫޑް ބަދަލުކޮށްލުމުގެ ގަސްތުގައެވެ.

” އޭހހ.. އަސްލުވެސްތަ؟.. ދެން އަވަހަށް އާދޭ ބަޑީ.. ހާދަ ވައޭ ވިކީ ނެތީމަ..” ވިކާޝް ބޭނުންވި ގޮތަށް އޭނާ އަންނަން އުޅޭކަން އެނގުމުން އާލިކްގެ އަޑުން އުފާވެރިކަން އިވިގެން ދިޔައެވެ.

” އޯކޭ އޭ.. ” އާލިކް ފޯނު ބޭއްވުމަށްފަހު ލޯ މަރާލިއެވެ.

” އައި ލަވް ޔޫ ވިޝާ..” އާލިކްގެ ތުންފަތް ލަސްލަހުން ހަރަކާތް ކުރަމުން ދިޔައިރު އެތުންފަތުގައި ފިރިރހެންވަންތަ ހިނިތުންވުމެއްވެސް ވެއެވެ. އޭނާ ލޯ ހުޅުވާލުމަށްފަހު ބޯދަށަށް އަތް ލަމުން ހަމަޖެހިލިއެވެ. މިވަގުތު އޭނާ އެއްވެސް ކަމަކާއި ވިސްނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ވިޝާގެ ހިޔާލުތައް ކުރުމަށެވެ. ހިނިތުންވެލައިގެން އޮވެ ވިޝާއާއި ބައްދަލުވި ފުރަތަމަ ދުވަހުންފެށިގެން މިއަދާއި ހަމައަށް އައި އިރު އެދެމެދުގައި ހިނގާ ދިޔަ ހުރިހާ ކަމެއް އާލިކްގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ވިޝާގެ ހަރުދަނާ މިޒާޖާއި އެހެން އަންހެން ކުދިންނާއި ތަފާތު އަދާތަކެވެ. އޭނާގެ ލޯބި ލޯބި މޫނާއި ރީތި ރީތި ހިނތުންވުމެވެ. އޭނާއާއިއެކު ލަވަ ކިޔާލި ދުވަހާއި އެގޭގައިހޭދަކުރި ރޭގަނޑެވެ. ވިޝާ އޭނާގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ރޯލި މަންޒަރެވެ.

” ވިޝާ..” އާލިކް ފުން ފުން ނޭވާއަކާއިއެކު އަނެއްކާވެސް ލޯ މަރާލިއެވެ. ދެން އޭނާއަށް އެ ލޯބި ފޮރުވައިގެންނެއް ނޫޅެވޭނެއެވެ. އެއަށްވުރެ މާބޮޑަށް އޭނާއަށް ވިޝާދެކެ ލޯބި ވެވިއްޖެއެވެ. ލަސްލަހުން ތެދުވަމުން އާލިކް އޭނާގެ ފޯނަށް ބަލާޅިއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އެއް ފަހަރު ނަމަވެސް ވިޝާއާއި ގުޅާލުމަށެވެ. އެ ލޯބި ލޯބި އަޑު އަހާލުމަށެވެ. މާދަމާ އޮފީހުން ބައްދަލުވާނެކަން އެނގޭ އިރުވެސް އޭނާގެ ހިތް ވިޝާއަށް އެދެމުން ދިޔައީ ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެ މައްޗަށެވެ. އެހެންކަމުން އެނދުގައި ރަނގަޅަށްހަމަޖެހިލަމުން އޭނާ ވިޝާއަށް ގުޅާލުމަށް ފޯނުގެ ފިއްތަކަށް އޮބާލި ވަގުތު އެ ފޯނު ރިންގު ވާން ފެށިއެވެ. އެއާއިއެކު  އެމޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ.

” ބައްޕާ..ކިހިނެތްތަ؟..” ފޯނު ނެގުމަށްފަހު އާލިކް މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

” އާނ.. ބައްޕަ ވަރަށް މުހިންމު ވާހަކައެއް ދައްކަން މިގުޅީ..” ޝާހީން އާދައިގެ މަތިން ވާހަކަ ދައްކަން ފެށީ އަވަސް އަރުވާލާފައި ހުރެގެންނެވެ. އާލިކް ފުން ނޭވާއެއް ދޫކޮށްލިއެވެ. ބައްޕަ ގުޅާ ނުލާތާ މަސްދުވަސް ވެފައި ހުރުމަށްފަހު ގުޅިގޮތަށްވެސް އެންމެ ކުޑަމިނުން އޭނާގެ ހާލުވެސް ބަލާނުލިއެވެ. އަދި އަނެއްކޮޅުން އޭނާ ގުޅިއަސް ބިޒީކަމުން އަނގައިން ބުނެވޭކަމަށް ނުހަދައެވެ.

” މިހާރު ދުވަސްކޮޅެއް ވެއްޖެ ބުނަން އުޅޭތާ.. އެކަމު ބިޒީކަމުން ހަމަ ނުގުޅިގެން.. ފަޔާޒްބެ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިފުޅާއި ޝާޔަންގެ ކައިވެނި ކުރަން..” ޝާހީން ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެގެންނެވެ. އޭނާގެ އަޑުން އެބުނެލީ މާ ބޮޑު ވާޙަކައެއް ހެނެއް ހިއެއް ނުވެއެވެ. އެއާއި ޚިލާފަށް ޝާހީން ބުނެލި ޖުމްލައާއިއެކު އާލިކްއަށް ހީވީ އޭނާގެ މީހަކު އޭނާގެ ހިތައް ފިތާލީ ހެންނެވެ. ކުޑަ ވަގުތުކޮޅެއްގައި ހަރަކާތްތައް ހުއްޓިފައި ހުރި އާލިކްގެ މޫނުމައްޗަށް އެކި އެކި ކުލަތައް އަރާ ފައިބަމުން ދިޔައެވެ.

” އެކަ  މަ  ކު  ބައްޕާ.. ކުއްލިއަކަށް.. އ.” އާލިކްގެ އަޑުގައިވަނީ ހައިރާންކަމެވެ. އޭނާ އެވަނީ އޮޅުން ގަނޑެއްގެ ތެރޭގައެވެ.

” އެއީ ޝާޔަން ބޭނުންވާ ގޮތް.. ދެން ފަޔާޒްބެ ޝާޔަންގެ އެދުމަކަށް ނޫނެކޭ ނުބުނާނެކަން ދަރިފުޅަށް އެނގެއެއްނުން.. ދެން އަވަހަށް ތައްޔާރު ވާންވީ.. މިއަންނަ މަހު 15 އަށް ޑޭޓް ހަމަޖެއްސީ.. ޝާޔަން ދެރަވެ ވިސްނާ ފިކުރު ކޮށްފާނެތީ ފަޔާޒްބެ ބޭނުންވަނީ އޭނާގެ އެދުން ފުރިހަމަ ކޮށްދެން.. ރިސްކެއް ނަގާކަށް ނުވާނެ..” ޝާހީން އާލިކްގެ ޚިޔާލު ހުރިގޮތެއްވެސް ބަލާލުމެއްނެތި ވާހަކަތައް ފައްޗަކަށް އަމުނާލުމަށްފަހު ފޯނު ބޭއްވިއިރު އާލިކްއަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ބައްޕައަށް އޭނާގެ ކައިވެނި ހަމަޖެއްސިއިރު އޭނާގެ ޚިޔާލު ހޯދާލުންވެސް މުހިންމު ނުވީހެއްޔެވެ؟ ކޮންފަދަ ބައްޕައެއް ހެއްޔެވެ؟ އަމިއްލަ ދަރީގެ އުފާތަކަށް ވިސްނާލުމެއްނެތި ރަހްމަތްތެރިޔާއަށްޓަކައި ކުޑަތަންވަނީއެވެ. އާލިކް އެނދުމައްޗަށް ވެއްޓިގަތެވެ. މިހުރިހާ ދުވަހު މައިންބަފައިންނާއިމެދު އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތަށް މިއަދު ދެގުނައަށް އިތުރުވެއްޖެއެވެ. އެމީހުން  އޭނާއާއިމެދު އެގޮތަށް ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އާލިކް ދެއަތުން މޫނު ފޮރުވާލިއެވެ. ކިތަންމެ ބޭނުން ނުވިޔަސް މިއަދު އޭނާގެ ހިތުގައި އިންތިހާއަށް ޖެހިއްޖެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އެ ލޮލަށް ޝަކުވާގެ ކަރުނަ ޖަމާވެއްޖެއެވެ.

” ކީއްވެތަ ބައްޕާ..” ދެއަތުގެ ތެރޭގައި މޫނު ފޮރުވާލައިގެން އިނދެ އާލިކް އަމިއްލައަށް ވާހަކަ ދެއްކިއެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މަންމައާއި ބައްޕަގެ ލޯބި ނުލިބުނު ތަނުގައި އޭނާގެ އަމިއްލަ ލޯބިވެސް އެމީހުންނަށްޓަކައި ގުރުބާން ކުރަންވީ ހެއްޔެވެ؟ ޝާޔަންއަށް އައިސްފައިވާ ބަދަލުގެ ސިއްރުވެސް މިރޭ އާލިކްއަށް އެނގިއްޖެއެވެ. މާ ހަމަޖެހޭ ގޮތްގަނޑު ދައްކައިގެން މަތިއޮމާން ކޮށްގެން އެ އުޅުނީ މިކަންތައް ކޮށްފައެވެ.

” ބިޗް..” އާލިކްއަށް ޝާޔަން ހިތައް އެރުމާއިއެކު ބުނެލެވުނެވެ. އޭރު ރުޅިވެރިކަމާއި ވޭނާއި ހިތާމަ އެކުލެވިފައިވާ ދެލޮލާއިއެކު އޭނާގެ މޫނުމަތި ހުރީ ރަތްވެފައެވެ. އެއްފަހަރު އަތުގައި އޮތް ފޯނުވެސް އެނދުމައްޗަށް ހޫރާލިއެވެ. އަދި ކައިރީގައި ހުރި ގޮނޑީގައި ގޮށްމުއްކަވާފައިވާ ޖެހި އަދަދެއްވެސް ނޭނގެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައިރު ދެދަތްޕިލަ ޖައްސާލައިގެން ހުރުމުން އޭނާ ރުޅިއައިސްފައިވާ މިންވަރު ހާމަވެއެވެ. ހަމަ އެއާއިއެކު އެ ތޫނު ލޮލުގައިވާ ކަރުނައިން އޭނާ ހިތުގައި ޖެހިފައި ހުރި މިންވަރުވެސް ހާމަވެއެވެ. އާލިކް ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ރުޅި އާއި ހިތާމަ އެކުވުމުން އެލިބޭ ހިތްދަތިކަމަށްވުރެ އުނދަގޫ އެއްޗެއް ކޮބާހެއްޔެވެ. ބޮޑު ފިރިހެނަކަށް ވެހުރެވެސް މިވަގުތު އޭނާ ބޭނުންވަނީ އޯގާތެރި އަތެއްގެ ފިރުމުންތަކެވެ. ހިނދުކޮޅަކަށްފަހު ދެން ފެނުނީ އާލިކް މޫނު ފޮހެލަމުން ގެއިން ނުކުމެގެން ދިޔަ މަންޒަރެވެ. ބާރު ސްޕީޑުގައި ކާރު ދުއްވަމުން ދިޔައިރު އެހިތުގައި އެނބުރެމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއް ކަމެއްވެސް ނޭނގެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ތަށިތައް ދޮވެލާ ތަންތަން ރީތިކޮށްލުމަށްފަހު ގައިދޮވެލަން ފާހާނާއާއި ދިމާއަށްދިޔަ ވިޝާގެ މިސްރާބު ބަދަލުވީ މީހަކު ދޮރުގައި ޓަކި ދިނުމުންނެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އެއީ މަތީ ބައިގައި އުޅޭ ކުއްޖާ ކަމުގައި ނިންމާފައި ދޮރު ހުޅުވާލިވަގުތު ވިޝާގެ ދެލޯ ބޮޑުވީ ހައިރާންވީ ވަރުންނެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެއްގައި ދޮރުމަތީގައި ހުރީ އާލިކްއެވެ. ތާޒާކަން ގެއްލިފައިވާ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވާއިރު އަބަދުހެން ރީތިކޮށްލާފައި ހުންނަ އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. ވިޝާ ހައިރާންކަމާއިއެކު ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލުމުން އާލިކް އެތެރެއަށް ވަނީވެސް އެއްވެސް ހިނިތުންވުމަކާއި ނުލައެވެ.

” ސަރ..” އާލިކް ގޮނޑީގައި އިށީނުމަށްފަހުވެސް އެއްޗެއް ނުބުނުމުން ވިޝާ އޭނާއަށް ގޮވާލިއެވެ. ނަމަވެސް އާލިކް އެ އިންގޮތަށް އިނީއެވެ. އަނގައިން ބަހެއް ނުބުނި ތަނުގައި ވިޝާއާއި ދިމާއަށްވެސް ބަލައެއް ނުލިއެވެ. އެމޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ވިޝާގެ ހިތް ބުނެލިއެވެ.

” ކިހިނެތްވީ؟..” ވިޝާ އާލިކްގެ ކުރިމަތީގައި ކަކޫ ޖައްސާލާ އިށީންދެލަމުން އޯގާތެރިކަމާއިއެކު އަހާލިއެވެ. އެއާއިއެކު އާލިކް ކަރުނައިން ފޯވެފައިވާ ދެލޮލުން ވިޝާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ވިޝާގެ ހިތައް ހީވީ ތޫނުކައްޓެއް ހެރުނު ހެންނެވެ. އާލިކްގެ ކަރުނައިން ފުރިގެންވާ ދެލޯ ފެނުމުން އޭނާގެ ހިތައް ތަދުވިއެވެ. ހާދަ ހިތާމަވެރި މަންޒަރެކެވެ. އޭނާއަށް ބޮޑު ކަމެއް ވެއްޖެކަން ވިޝާއަށް ޔަގީން ކުރެވުނެވެ.

” ބުނެބަ.. ކިހިނެތްވީ؟..” ވިޝާ ލަސްލަހުން އާލިކް މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާގެ އެގާތްކަމުގް ސަބަބުން އާލިކްގެ ކެތްތެރިކަން ކޮޅުންލިއެވެ. ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ތިއްކާއިއެކު އަވަސް އަވަހަށް އޭނާ ވިޝާގެ ކޮނޑުގައި ބޯ އަލާލިއެވެ. ދެން އިވުނީ އާލިކްގެ ގިސްލުމުގެ އަޑެވެ. އެއަޑު އިވުމުން ވިޝާއަށްވެސް ރޮވުނެވެ.

” ސަރ.. ކިހނެތްވީތަ؟.. ހިނގާބަ ކޮޓަރިއަށް ހަމަޖެހިލަން.. ހިނގާ..” ވިޝާ އާލިކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލީ އާލިކް ވާހަކ ދައްކާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އާލިކް  ވިޝާގެ އުނގުގައި ބޯ އަޅާލުމަށްފަހު ލޯ މަރާލީ ވާހަކަ ދައްކާނެހާ ހިތްވެރެއް ނެތޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ވިޝާގެ ހިތުގައި އާލިކްއާއިމެދު ހަމްދަރުދީ އުފެދުނީ އިންތިހާ ދަރަޖައަށެވެ. އޭނާ އެގޮތަށް ރުއި މަންޒަރު ފެނުމުން އެހިތުގައި ރިހުމެއް އުފެދިއްޖެއެވެ. އޭނާ ބޭނުންވަނީ އާލިކްގެ ހިތާމަތައް ލުއި ކޮށްދޭށެވެ. ލޯތްބާއި އަޅާލުމާއިއެކު އެ ކަރުނަތައް ފޮހެލަދޭށެވެ. ވިޝާ އޭނާގެ އުނގުގައި ބޯ އަޅާލައިގެން އޮތް އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު އޭނާގެ ކަރުނަތައްވެސް ފޮހެލަދިނެވެ. އެއާއިއެކު ލޯ މަރާލައިގެން އޮތް އާލިކް ފަނޑު ހިނިތުންވުމަކާއިއެކު މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ.

10

އެގޮތުގައި 15 ވަރަކަށް މިނެޓް ހޭދަވެގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އިން ވިޝާއަށް ހިތުގައިވާ ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާލިކްގެ އެހިތާމަތަކަށް އޭނާގެ ފިރުމުންތަކުން ލުޔެއް ލިބުނުކަން ވިޝާއަށް އެނގުނީ އެވަގުތުކޮޅުގެ ތެރޭގައި އޭނާގެ ގިސްލުން ހަމައަކަށް އެޅުމުންނެވެ. ހިނދުކޮޅަކަށްފަހު އާލިކް ލަސްލަހުން ވިޝާގެ އުނގުން ބޯ ހިއްލާލުމަށްފަހު އެނދުމަތީގައި ރަނގަޅަށް ހަމަޖެހިލިއެވެ. މީގެ ކުޑަވަގުތުކޮޅެއް ކުރިން ކުޑަކުއްޖަކު ފަދައިން ވިޝާގެ އުނގުގައި ބޯ އަޅައިގެން އޮވެ ރުއި ވަގުތު ވިޝާގެ އަތުން ލިބުނު އޯގާތެރި ފިރުމުންތައް ހިތައް އެރުމުން އާލިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގަދައަށް ރުއިމުގެ ސަބަބުން ރަތްވެފައިވާ މޫނުމަތި ފޮހެލަމުން އާލިކް ވިޝާއަށް ބަލާލިއެވެ. އޭރު އިސްޖަހާލައިގެން އިން ވިޝާގެ ކޯތާފަތަށް އަރާފައިވާ މަޑުރަތްކުލައިގެ ސަބަބުން އޭނާ ލަދުގަނެފައިވާކަން އާލިކްއަށް ޔަގީން ކުރެވުނެވެ.

” ފާހާނާއަށް..” ކުޑަ ހިނިތުންވުމަކާއިއެކު ތެދުވަމުން އާލިކް ބުނެލިއެވެ. އެވަގުތު ވިޝާވެސް އަވަސް އަވަހަށް ބޯ ޖަހާލަމުން ކޮޓަރީގެ ތެރެއިން ނުކުތީ އާލިކް ފާހާނާއަށް ވަނުމުންނެވެ. އޭރުވެސް ވިޝާގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައީ އާލިކް ގިސްލާފައި ރުއި މަންޒަރެވެ. މީހެއްގެ އޯގާތެރިކަމަށް އޭނާ ބޭނުންވެފައި ހުރި މަންޒަރެވެ. ވިޝާގެ އުނގުތެރެއިން އެހިތައް ހަމަޖެހުން ހޯދި މަންޒަރެވެ. އެ ޚިޔާލުތައް ގިނަ ވީވީހެން ވިޝާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޭވާ އަވަސްވެ، ހަށިގަނޑުގައިވެސް ތުރުތުރެއް އުފެދިއްޖެއެވެ.

” ނޯ ނޯ..” ވިޝާ އޭނާގެ މޭގައި އަތް އަޅާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް އެބަދަލުތައް އަންނަ މަންޒަރު އާލިކްއަށް ފެންނާކަށް  ބޭނުމެއް ނޫނެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ވިޝާ އަތްމަތި އަވަސްކޮށްލާފައި އާލިކް ނުކުންނަން ވާއިރަށް ކޮފީއެއް ހަދާލަން މަސައްކަތް ފެށިއެވެ. ހަގީގަތުގައި ވިޝާގެ މަގްސަދަކީ އޭނާއަށް ވަމުންދިޔަ ގޮތްތަށް އާލިކްއަށް ފެނިދާނެތީ އެކަން ސިއްރު ކުރުމެވެ.

އާލިކް މޫނު ދޮވެލާ، ހަމަޖެހިލައިގެން ފާހާނާއިން ނުކުތްއިރު ކޮޓަރިތެރޭގައި ވިޝާ ނެތުމުން ވަގުތުގެ ބޭނުންކޮށްފައި ކުޑަކޮށް އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ. މޫނު ދޮވުމުގެ ސަބަބުން އެ އިސްތަށިގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ފެންތިކިތައް ހަރުލާފައި ހުރުމުން ތާޒާކަމަށް ދައްކައެވެ.

” ކޮފީ..” އާލިކް ކޮޓަރީން ނުކުތުމާއިއެކު ވިޝާ ކޮފީ ޖޯޑު ދިއްކޮށްލިއެވެ. އޭރުވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އާލިކްއާއި ހަތަރު ކަޅި ހަމަނުކޮށް ވޭތޯއެވެ. އެކަން އާލިކްއަށްވެސް ފާހަގަވިއެވެ. މީގެ ކުރިން ވިޝާއަކީ އޭނާއާއި ހަތަރު ކަޅި ހަމަކުރަން ޖެހިލުންވާ ކުއްޖެއް ނޫނެވެ. އެކަމަކު މިހާރު ކޮންމެވެސް ބަދަލެއް އައިސްފިއެވެ. ވިޝާ ލަދުގަނެފައިވާކަން އިހުސާސްވުމުން އާލިކްއަށް ހިނިތުންވެލެވުނެވެ.

” ތޭންކްސް..” ޖޯޑުގައި ހިފާލަމުން އާލިކް ގޮނޑީގައި އިށީނދެލިއެވެ. އެއާއިއެކު ވިޝާ އަވަސް އަވަހަށް އޭނާގެ ކޮފީ ހަދަންކަމަށް ހަދާފައި އާލިކްއަށް ފުރަގަސް ދިނެވެ. ނަމަވެސް އާލިކްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން ވިޝާއަށް ރަނގަޅަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ބާރު ބާރަށް ތެޅެމުން ދިޔަ ހިތާއިއެކު އޭނާގެ އަތުގެ ހަރަކާތްތައްވެސް ހުރީ ކޮންޓްރޯލުން ނައްޓާފައެވެ. އެއްފަހަރު ޖޯޑު ދޮވެފައި ބަހައްޓާނެއެވެ. އަނެއްފަހަރު ކޮފީ ފުޅީގެ މަތި ނަގާފާނެއެވެ. އަނެއްކާ ޖޯޑު ދޮންނަން ފަށާފާނެއެވެ. އެގޮތުގައި ފަސް މިނެޓް ވީއިރުވެސް ވިޝާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. ނުތަނަވަސްވެފައި ހުރިވަރުން އޭނާގެ އޮމާން ނިތްކުރިމަތިން ދާތިކިތައް ބަބުޅަ ބަބުޅާ ހުއްޓެވެ. ވިޝާގެ ވާނުވާ ނޭނގޭ ހަރަކާތްތަކަށް ބަލަހައްޓައިގެން އާލިކް އިނީ ހިނިތުންވެފައެވެ. އޭނާއަށް ވިޝާގެ ނުތަނަވަސްކަން އެކުލެވިފައިވާ ހަރަކާތްތައްވެސް ކަމުގޮސްފިއެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން ތެދުވެ މޭޒުމަތީގައި ޖޯޑު ބެހެއްޓުމަށްފަހު އާލިކް ވިޝާއާއި ގާތަށް ޖެހިލާ އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި އެއަތުން ދޫކޮށްލުމެއްނެތި ލަސްލަހުން ހިނގާފައި ގޮސް ވިޝާ ގޮނޑީގައި ބޭނދުމަށްފަހު އޭނާ ވިޝާގެ ކޮފީ ހަދާލަދިނެވެ. އޭރު ވިޝާގެ އަވަސްވެފައިވާ ހިތް އިތުރަށް ތެޅެމުން ދިޔައީ އާލިކްއަށް އޭނާގެ ނުތަނަވަސްކަން ދެނެގަނެވިއްޖެކަން އެނގުމުންނެވެ. ލަދުގަތް ވަރުން މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައިރު ދެއަތްތިލައިން އެމޫނު ފޮރުވާލަން ކިތަންމެ ވަރަކަށްވެސް ވިޝާގެ ހިތް ބުންޏެވެ. ނަމަވެސް އޭނާގެ ގުނަވަންތައް ހީވަނީ ފިނިވެގެން ގޮސް ގަނޑުވެފައި ހުރި ހެންނެވެ. އެގޮތުގައި އިސް ޖަހާލައިގެން އިނދެ އަވަސް އަވަހަށް އެސްފިޔަ ޖަހަމުން ދިޔަ މަންޒަރު އާލިކްއަށް ފެނުމުން އޭނާއަށް އިތުރަށް ހެވިއްޖެއެވެ.

” ކޮފީ..” ޖެހިގެން ހުރި ގޮނޑީގައި އިށީނދެލަމުން އާލިކް ވިޝާއަށްގކޮފީ ޖޯޑު ދިއްކޮށްލިއެވެ. އެވަގުތު ވިޝާ މަޑުމައިތިރި ކަމާއިއެކު އޭގައި ހިފާލީ އިސްއުފުލާލުމެއް ނެތިއެވެ.

” ވިޝޫ..” ކުޑަ ހިނދުކޮޅެއްފަހު އާލިކްގެ އަޑުން ވިޝާއަށް ގޮވާލި ގޮތުން ވިޝާގެ ހިތް ހީވީ އުދުހިގަތް ގެންނެވެ. އެހާ ފިރިހެންވަންތަ ރީތި އަޑަކުން އެހާ ލޯބިން އާލިކް އޭނާގެ ނަމުން މުޚާތަބު ކުރުމުން އެކުރެވުނީ ކޮންފަދަ އިހުސާސްތަކެއް ހެއްޔެވެ؟ ލަސްލަހުން އެސްފިޔަތައް އުފުލާލަމުން އާލިކްގެ މޫނަށް ބަލާލިއިއރު އޭނާވެސް އިނީ ބަލަހައްޓައިގެންނެވެ. އެއާއިއެކު ވިޝާގެ މަޑު ޗޮކްލެޓް ކުލައިގެ މައުސޫމް ދެލޯ އާލިކްގެ ކަޅު ދެލޮލުގެ ޖާދޫގައި ޖެހެން ސުކުންތެއްވެސް ނުނެގިއެވެ. އެންމެ ފަހުން ވިޝާގެ ސާބިތު ހިތްވެސް އެ ތޫނު ދެލޯ ފެނި ބޭގަރާރުވީއެވެ. އާލިކްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. ވިޝާގެ ބޮޑު ބޮޑު ދެލޮލުގައި އޭނާއަށްޓަކައި ލޯބި ފޮރުވިފައިވާ ކަމުގައި އާލިކްގެ ހިތް ބުނެލިއެވެ. އެ މައުސޫމް ކަޅި ރަވައިގެ ޖާދޫގައި ޖެހިފައި އިނދެ އުމުރު ހުސްކޮށްލަން ވިޔަސް އުފަލާއިއެކު އޭނާ އެކަން ކުރާނެއެވެ.

” މިރޭ ވީ ކަންތަކުގެ ސަބަބުން ވަރަށް ސުވާލު އުފެދިފަ ދޯ ތިއިނީ..” އާލިކް ވާހަކަ ދެއްކީ ވިޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާގެ އެ ތޫނު ލޮލުގެ ސިހުރުގައި ޖެހިފައި އިން ވިޝާއަށް ސިހުމެއް ލިބުނީ އެއަޑަށެވެ. އަވަސް އަވަހަށް މޫނު އަނބުރާލާ ލޯ މަރާލަމުން ވިޝާ ހޫމް އަޅުވާލީ އާލިކްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

” އަސްލު ފެމިލީ މައްސަލައެއް.. މާބޮޑަށް ދެރަވީ.. ދެން ނޭނގެ ކީއްވެ ކަމެއް ވިޝޫ ގާތަށް އާދެވުނީ..” އާލިކް އެހެން ބުނެލުމާއިއެކު ވިޝާ ކުއްލިއަކަށް އޭނާގެ މޫނަށް ނަޒަރު ހުއްޓާލީ ސުވާލުން ފުރިފައިވާ ގޮތަކަށެވެ. އޭރު އާލިކް އޭނާ އެ ބުނި ޖުމްލައިން ވިޝާއަށް އަންނަ ބަދަލުތައް ފާހަގަ ކުރަން ލޯ ހަނިކޮށްލާފައި ބަލަހައްޓައިގެން އިނެވެ.

” މަ ވަރަށް ފިނޑި ދޯ.. ކުޑަކުއްޖަކު ހެން ރުއި ދޯ..” އާލިކް ލޮލަށާއި އަނގަޔަށް ގޮތެއްހަދާލަމުން ބުނެލި ޖުމްލައިން ކަންތައް ބޮޑުވެފައި އިން ވިޝާއަށް މިފަހަރު ހެވުނީއެވެ. އަނގަމަތީގައި އަތް އަޅާލަމުން އާލިކްގެ މޫނަށް އޭނާ ބަލާލީ މަޖާވެފައި އިނދެއެވެ.

“އަސްލު ވަރަށް ފިނޑި..” ހެމުން ހެމުން ގޮނޑިން ތެދުވެ ސިންކު ގާތަށް ޖެހިލަމުން ވިޝާ ބުނެލިއެވެ. އެވަގުތު އާލިކްވެސް ހީނލަމުން ބޯ ކަހާލީ ވިޝާގެ ހެއްވާލެވުމުން އުފާވެފައި އިނދެގެންނެވެ. ޖެހިގެން އައި ގަޑި އެއްހާއިރު ވީއިރުވެސް އާލިކް އެކި އެކި ވާހަކަތަކުގައި އެގޭގައި އިނެވެ. އެހާއިރު ވީއިރު އާލިކްގެ ރަހްމަތްތެރި ބަސްތަކުން ވިޝާގެ ނުތަނަވަސްކަން ފިލާ އާންމު ހާލަތަށް އެޅިއްޖެއެވެ. ނަމަވެސް އެ އުނގުތެރޭގައި އާލިކް ރޯލި މަންޒަރު ސިފަވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑަށް ހީވަނީ ފެން އެއްޗެއް އޮއްސާލާ ހެންނެވެ.

” ދެން ދަނީ އިނގޭ..” އާލިކް ހިތާއި ދެކޮޅަށް ގެއަށް ދާން ނިންމީ ވިޝާ ނިދާ ވަގުތު ޖެހިއްޖެ ހެން ހީވުމުންނެވެ. އެހާ އެކަނި އުޅޭއިރު ވިޝާގެ ރާވާލެވިފައިވާ ދުވަހުގެ ތާވަލަށް އޭނާގެ ސަބަބުން ބަދަލެއް އައުމަކީ އާލިކް އެއްގޮތަކަށްވެސް ބޭނުންވާކަމެއް ނުނެވެ. ވިޝާ އެވަނީ މިރޭ އެއްވެސް އަގަކާއި ނުލާ އޭނާގެ ހިތައް ޝިފާ ހޯދައިދީފައެވެ. އެހާ ބޮޑަށް ހިތުގައި ޖެހިފައިވަނިކޮށް ކުޑަ ވަގުތުކޮޅެއްގެ ފިރުމާލުމަކުން ވިޝާ އޭނާގެ ހިތައް ހަމަޖެހުން ހޯދައިދީފިއެވެ. އެހިތުގެ ހުރިހާ ހިތާމަތަކެއް ފިލުވާލަދީފިއެވެ. ވީއިރު އިތުރަށް އޭނާގެ ސަބަބުން އެ މައުސޫމް އަންހެން ކުއްޖާއަށް ކުޑަވެސް އުނދަގުލެއް ފޯރައިގެން ނުވާނެތާއެވެ.

” ތޭންކްސް..  ފޯރ ދި ޝޯލްޑަރ..” ދޮރުމައްޗަށް އެރުމަށްފަހު ކަތި ބަލާލުމަކާއިއެކު އާލިކް ޝުކުރު އަދާކޮށްލި ގޮތުން ވިޝާގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެލިއެވެ.

” އެނީ ޓައިމް..” ހުވަފެނީ ހިނިތުންވުމަކާއިއެކު ވިޝާއަށް އާލިކްއަށް ޖަވާބު ދެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު އާލިކް ފުން  ހިނިތުންވުމަކާއިއެކު އެތަނުން ނުކުމެގެން ދިޔައީ ވިޝާގެ އެ ކުޑަކުޑަ ޖުމްލައިން އެތައް މާނައެއް ނަގަމުންނެވެ.

” އެނީ ޓައިމް؟؟..” އާލިކް ނުކުތުމާއިއެކު ދޮރު ލައްޕާލާ އެތެރެއަށް ވަންނަމުން ވިޝާ އޭނާގެ އަމިއްލަ ނަފްސަށް ސުވާލުކޮށްލިއެވެ. އޭނާއަށް ހަގީގަތިގައިވެސް އެހެން ބުނެވުނީ ކަމުގައި ގަބޫލު ނުކުރެވުނީއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާ އެނދުގައި ޖައްސާލީ ހިނިތުންވެލަމުންނެވެ.

އަނެއް ދުވަހުގެ ހެނދުނެވެ. ގޭތެރޭގެ ކަންތައްތައް ކޮށްލުމަށްފަހު ވިޝާ އާދައިގެ މަތިން އޮފީހަށް ދިޔައީ އެހެން މީހުންނަށްވުރެ ކުރީންނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ކެބިންގެ ތެރެއަށް ވަދެ، ގޮނޑީގައި ހަމަޖެހިލުމަށްފަހުވެސް ވިޝާ މަސައްކަތެއް ކުރާ ޚިޔާލެއް ނުކުރެއެވެ. ގޮނޑީގައި ބޯ ޖައްސާލައިގެން މަޑު މަޑު ރާގެއް އަޅުވާލާފައި އިންއިރު އެމޫނުމަތީގައިވާ ހިނިތުންވުމުގެ ސަބަބުން އޭނާގެ އުފާވެރިކަން ރަނގަޅަށް ހާމަވެއެވެ. އިރު އިރުކޮޅުން ލޯ މަރާލައިގެން އިނދެ ރަކި ގޮތަކަށް ހިނިތުންވެލާއިރު އެ މޫނަށް އަރާ ރަތްކުލައިން އޭނާގެ ރީތި މޫނު އިތުރަށް ފުރިހަމަވެގެން ދެއެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އާލިކްގެ ފިރިހެންވަންތަ ރީތި ސޫރަ ސިފަވަމުން ދާތީ ވިޝާގެ ގޮތް ނޭނގޭ ހިތައް ލިބިފައިވަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ.

” މަންމާ..” އުފާވެރި ހިނިތުންވުމެއްގައި އިން ވިޝާގެ ދެތުންފަތުން އޭނާގެ މަންމައަށް ގޮވާލީ އޭނާގެ އެ އާދަޔާ ޚިލާފު އިހުސާސްތައް ހިއްސާ ކޮށްލާ ހިތްވީލެއް ބޮޑުކަމުންނެވެ. މަންމަ މަތިން ހަނދާން ވީލެއް ބޮޑުކަމުން ވިޝާ ދެން ގުޅާލީ ޒާހިރާއަށެވެ. ޒާހިރާއާއި ގުޅާލާ އެމީހުންގެ ހާލާއި އަހުވާލު އޮޅުން ފިލުވާލުމަށްފަހު ފޯނު ބޭއްވިއިރު ވިޝާއަށްވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައެވެ. ޒާހިރާގެ ފަރާތުން އެނގުނު ގޮތުގައި ކައިވެންޏަށްފަހު ޒުމާ ދިރިއުޅުން ފިރިމީހާގެ ރަށަށް ބަދަލު ކުރިފަހުން އޭނާގެ ޚަބަރެއް ވަނީ މަދުފަހަރެއްގައެވެ. މީގެ ދެދުވަހެއް ކުރިން ވިޝާ ޒުމާއަށް ގުޅާލުމުން އޭނާއަށްވެސް ވަނީ ޒުމާ ބަދަލުވެފައިވާ މިންވަރު ފާހަގަ ކުރެވިފައެވެ. ޒާހިރާގެ ހިތާމައަކީ އެމީހުންގެ ހާލު ބަލާލަންވެސް ޒުމާ ނުގުޅާތީއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ދަރީންނަށްޓަކައި މައިންބަފައިން ވާ ގުރުބާނީ ހަނދާން ނައްތާލުމަކީ އެމީހުންނަށް ނުހަނު ފަސޭހަ ކަމެކެވެ. ވިޝާ ބޯ ހޫރާލިއެވެ. ހަމަ ގައިމުވެސް އެފަދަ އަމަލު ތަކަކީ އޭނާ ޒުމާގެ ފަރާތުން ފެންނާނެ ކަމަށް އުންމީދު ކުރި ކަން ކަމެއް ނޫނެވެ. ނަމަވެސް ދުނިޔެއަކީ މިކަހަލަ ތަނެކެވެ. އުންމީދު ނުކުރާ އެތައް ކަމެއްވެސް ކުޑަ ވގުތުކޮޅެއްގެ ތެރޭގައި ހިނގާފާނެއެވެ. ޒުމާމެން ފަދަ ކުދިންނަށް މަންމައާއި ބައްޕަގެ މުހިންމުކަން އިހުސާސްވާނީ ވިޝާ ފަދައިން އެމީހުންނާއި ނުލާ އުޅެން ޖެހުނީމަ ކަންނޭނގެއެވެ. ވިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒާހިރާއާއި ގުޅާލުމުންވެސް އޭނާ އިތުރަށް މަންމަ މަތިން ހަނދާން ވާން ފެށިއެވެ. އިތުރަށް ހަދާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން ދަބަހުގައި އޮތް އެ މަންމަގެ ސިޓީ ނަގާލުމަށްފަހު ވިޝާ އެ ސިޓީ ކިޔަން ފެށީ އާދައިގެ މަތިން މަންމަގެ ލޯބިވެތި ބަސްތަކުން ހިތްހަމަޖެހުން ލިބޭތީއެވެ. ނަމަވެސް ސިޓީގެ މާ ބޮޑުބައި ނުކިޔެނީސް އޮފީހުގެ ފޯނު ރިންގުވާން ފެށުމުން ވިޝާ ސިޓީ ބާއްވާލީ މޭޒުމަތީގައެވެ.

” ހޫމްމް މިދަނީ..” އެކޮޅުން ގުޅި ދީމާއަށް ޖަވާބު ދިނުމަށްފަހު ވިޝާ ކެބިންއިން ނުކުމެގެން ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ.

” މިއަދު ލިމް ނާންނާތީ ވިޝޫއަށް މިގުޅީ..” ވިޝާ ދީމާގެ ކެބިންއަށް ވަނުމާއިއެކު ދީމާ ވާހަކަ ދެއްކިއެވެ.

” ކިހިނެތްވީ ލިމްއަށް؟.. ބަލިވީތަ؟…” ވިޝާ ދީމާ ދިއްކޮށްލި ފައިލް ބަލާލަމުން ސުވާލުކޮށްލިއެވެ.

” އެއްގޮތަކަށްވެސް ނޭނގެ.. ފޯނެއް ނުނަގާ.. ޝާންވެސް އޮފީހަށް އައި އިރު ފާޑަކަށް ހުރީ.. މަ ހީނލީމަވެސް ކުޑަކޮށް ހީނލާފަ ޖެއްސުމެއްވެސް ކޮށްނުލާ.. މައްސަލައެއް ޖެހުނީ ކަންނޭނގެ..” ދީމާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިގެންވެއެވެ.

” ވެދާނެ.. ދެން ލިމްއަށް ގުޅާލާނީ ފަހުން.. ހޫމްމް ކިހިނެކޭ މިއަށް ހަދަންވީ..”ވިޝާ ދީމާ ބުނި މަސައްކަތް ކޮށްދިނުމުގެ ގޮތުން އޭގެ މައުލޫމާތު އޮޅުން ފިލުވަންފެށިއެވެ.

އާލިކް އޮފީހަށް އައީ ވިޝާ ދީމާގެ ކެބިންގައި އިންދައެވެ. އެހެންކަމުން ވިޝާ ދެކޭހިތުން ކެތްމަދުވެފައި ހުރި އާލިކް ކެބިންގެ ތެރެއަށް ވަނުމާއިއެކު މާޔޫސްވީ ވިޝާ ފެންނަން ނެތުމުންނެވެ. ނަމަވެސް ވިޝާގެ ދަބަހާއި މޮބައިލް  އޮތުމުން އޭނާ އޮފީހަށް އައިކަން އާލިކްއަށް ޔަގީންވިއެވެ. އެހެންވެ ކުޑަކޮށް ހިތްހަމަ ޖައްސާލަމުން އޭނާ ވިޝާގެ މޭޒާއި ކައިރިވެލީ ހިނިތުންވެ ހުރެގެންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވިޝާގެ މޭޒުމަތީގައި ފަތްޖަހާލާފައި އޮތް ސިޓީއެވެ. ހަމަ އެއާއިއެކު އާލިކްގެ ސިކުނޑި އެކި އެކި ދުވަސް ދުވަހުގެ މަންޒަރުތަކަށް ހުއްޓެމުން ގޮސް އެއީ ވިޝާ އާންމުގޮތެއްގައި ކިޔާ ސިޓީކަން ޔަގީންކުރިއެވެ. ހަމަ އެވަގުތު އަތުގެ ތެރެއަށް އެ ސިޓީ ލަމުން އާލިކް ގޮސް އޭނާގެ ގޮނޑީގައި ރަނގަޅަށް ހަމަ ޖެހިލާ އެ ސިޓީ ކިޔަން ފެށީ ކެތްމަދުވެ އިނދެއެވެ.

” މަންމަގެ ލޯބިވާ ދަރިފުޅު ވިޝޫއަށް.

ދަރިފުޅާއެވެ. މަންމަ މި ސިޓީ ލިޔަން ގަސްތުކުރީ މަންމަގެ ހުވަފެންތަކުގައި ދަރިފުޅާއި ވަކިވެގެން ދާ މަންޒަރު ފެންނަން ފެށުމުންނެވެ. މަންމަގެ މަގްސަދަކީ ދަރިފުޅު ރޮއްވާލުމެއް ނޫނެވެ. ދަރިފުޅު ދެރަވާ ފަދަ ވާހަކަތަކެއް ބުނުމެއްވެސް ނޫނެވެ. އެހެން ނަމަވެސް ދަރިފުޅުގެ ހަޔާތުގައި ކޮންމެހެންވެސް އެނގެން ޖެހޭނެ ވާހަކަތަކެއް ކިޔައިދިނުމެވެ.

ދަރިފުޅާއެވެ. މި ވާހަކަތަކަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން ދަރިފުޅަށް އެނގެން ޖެހޭނެ ވާހަކަތަކެއްކަން މަންމަ ގަބޫލުކުރަމެވެ. އެކަމަކު މިވާހަކަތައް ދަރިފުޅަށް ސިއްރުކުރުމުގައި މަންމަގެ މަގްސަދެއްވެއެވެ. މި ސިޓީ ކިޔާ ނިމޭއިރު އެ މަގްސަދަކީ ކޮބއިކަންވެސް ދަރިފުޅަށް އެނގޭނެއެވެ.

ދަރިފުޅާއެވެ. ދަރިފުޅަށް ދަރިފުޅުގެ އާއިލާއާއި ބެހޭގޮތުން އެނގިފައި ތިޔަވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ދަރިފުޅަށް އެނގޭހާވެސް އެއްޗަކީ ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އުމުރުން އެންމެ  ދެދުވަހުގައި މިދުނިޔެއާއި ވަކިވެގެން ދިޔަކަމެއް ނޫންހެއްޔެވެ؟ ދަރިފުޅުގެ މަންމައަކީ އިޓަލީ ރައްޔިތެއްކަން ނޫންހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ ދޮގެއް ނުހަދަމެވެ. އެވާހަކަ ތަކަކީ ހަގީގަތެވެ. އޭގެ އިތުރަށްވާ ހަގީގަތްތައް ސިއްރުގެ ގޮތުގައި ހިފެހެއްޓިފައި ހުރީދަރިފުޅުގެވެސް ސުވާލު މަދުކަމުންނެވެ. މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ދަރިފުޅުވީ މި މަންމައަށް އަމިއްލަ ހާލައިގެން ގެންގުޅެވޭ ފަދަ ފަސޭހާ ބަސްއަހާ ކުއްޖަކަށެވެ. އޭގެ އިނާމެއްގެ ގޮތުން މިއަދު މިކިޔައިދޭ ވާހަކަތައް އަޑު އަހާށެވެ. ދަރިފުޅުގެ ދިރިއުޅުމުގެ ހަގީގަތް އަޑު އަހާށެވެ.

ދަރިފުޅުގެ ބައްޕަ އިބްރާހީމަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ދޮށީ ދަރިފުޅެވެ. މަންމައާއި ބައްޕަ ދިމާވީ ދަރިފުޅުގެ ބައްޕަ ވިޔަފާރި ކަމަކު އިޓަލީއަށް ދިޔަ ދަތުރެއްގައެވެ. އޭރު މަންމައަކީ މުސްލިމެއް ނޫނެވެ. ތެދަށް ބުނާނަމަ އޭރު މަންމަ އެއްވެސް ދީނަކަށް އަޅުކަން ކޮށެއް ނޫޅެމެވެ. އެއީ މަންމަގެ އާއިލާގެ އެންމެންވެސް އުޅުނު ގޮތެވެ. މަންމައާއި ބައްޕަ ދިމާވީ ވިއްސާރަ ރެއެއްގައި ގެއަށް ނުދެވިފައި ހުރި ހުރުމެއްގައެވެ. އެ ހިސާބަކީ ދަރިފުޅުގެ ބައްޕަ އުޅުނު ހޮޓެލް ހުންނަ ހިސާބު ކަމުން ބައްޕަ ކޮންމެވެސް ކަމަކު ބޭރަށް ނުކުތް ވަގުތު މަންމަ ފެނުނީއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ބައްޕައަކީ ހާދަ ހިތްހެޔޮ އަޚްލާގު ރަނގަޅު މީހެކެވެ. އޭނާގެ އެ މާތްކަމުން މި މަންމަގެ ޣާފިލްވެފައިވާ ހިތައް އެއްރެއިން ހިދާޔަތު ކިބިގެން ދިޔައެވެ. ގަދަ ވިއްސާރައިގެ ތޫފާނުން ސަލާމަތްވުމުގެ ގޮތުން މަންމަ އެރޭ ބައްޕަ ހުރި ހޮޓެލްގައި މަޑުކުރީ ބައްޕަގެ އެހީތެރިކަމާއިއެކުގައެވެ. އެރޭ ހަތަރު ދަން ބައްޕަ ހޭދަކޮށްލީ މަންމައަށް އިސްލާމްދީނުގެ ވާހަކަތައް ކިޔައިދިނުމުގައެވެ. މާތް ﷲގެ ރަހްމަތްފުޅުން އެރޭގެ ފަތިސް ވީއިރު މި މަންމަގެ ހިތައް ތެދުމަގު ވައްދަވައިފިއެވެ. ދެން ބައްޕަ އެކޮޅުގައި ދެހަފްތާއެއްހާ ދުވަހު މަޑުކުރީވެސް މަންމެގެ އެދުމުގެ މަތިން ދީނުގެ ކަންތައްތައް އޮޅުން ފިލުވައިދިނުމުގެ ގޮތުންނެވެ. އެގޮތަށް ދެހަފްތާއެއްހާ ދުވަސްވީއިރު މަންމަގެ ހިތުގައި ބައްޕައަށްޓަކައި ލޯބި ޖެހިފައިވަނީ އިންތިހާ ދަރަޖައަށެވެ.

ދަރިފުޅާއެވެ. މަންމަ އިސްލާމްވުމުން މަންމަގެ އާއިލާއިން މަންމަ ދުރުކޮށް އެކަހެރިކޮށްލީއެވެ. އެދުވަހު މައިންބަފައިންގެ ލޯބިން މަހްރޫމްވުމުން މަންމަ ވަރަށް ދެރަވިއެވެ. ރުއީމެވެ. ނަމަވެސް އެދުވަހުވެސް މަންމަގެ އެކަނިވެރި ހާލަށް އެހީތެރިކަމުގެ އަތުން އަތްދިއްކޮށްލީ ދަރިފުޅުގެ ލޮބުވެތި ބައްޕައެވެ. އެ ބައްޕަ މަންމައާއި ކައިވެނި ކުރީ މާތް ﷲ އަށްޓަކައި މި ނިކަމެތި އަންހެނާއަށް އެހީތެރި ވުމުގެ ގޮތުންނެވެ.  ނަމަވެސް ދެންވެސް ކަންތައްތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނުނެވެ. ބައްޕަ މަންމަ ގޮވައިގެން މާލެ އައުމުން ބައްޕަގެ އާއިލާއިންވެސް ކައިވެނި ގަބޫލުކުރާކަށް އެއްބަހެއް ނުވިއެވެ. ދަރިފުޅުގެ މާމައާއި ކާފަވެސް މަންމަދެކެ އައި ރުޅީގެ ސަބަބުން ބައްޕައާއި ވެސް ގުޅުން ކަނޑާލީއެވެ. ދެން ދަރިފުޅުގެ ބައްޕަ މަންމައަށްޓަކައި ރާއްޖެތެރޭގެ ރަށަކަށް ދިރިއުޅުން ބަދަލުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅެން ފެށިއެވެ.

އެގޮތުގައި 6 އަހަރު ވީ އިރުވެސް ދަރިފުޅުގެ ބައްޕަގެ އާއިލާގެ އެއްވެސް އެހީތެރިކަމެއް އަދި އެއްވެސް ހަބަރެއްވެސް މަންމަމެންނަށް ނުވެއެވެ. އެކަމާއި ބައްޕަ ހިތާމަ ކުރާކަންވެސް މަންމައަށް އެނގެއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އުޅޭއިރު އެކަމެއް ނުދައްކާނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ދަރިފުޅާއެވެ. ދަރިފުޅަށް އެންމެ މުހިންމު ވާހަކަ އަދި ކުރިއަށް އޮތިއެވެ. އަޑު އަހާށެވެ. މަންމައާއި ބައްޕަގެ ކައިވެންޏަށް 6 އަހަރު ވީއިރު މަންމައާއި ބައްޕަގެ 5 އަހަރުގެ ފިރިހެން ކުއްޖަކު ހުއްޓެވެ. ހަމަ ދަރިފުޅު ފަދަ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ދަރިފުޅަށް ސިއްރުވެފައި އޮތްކަމަކީ މިއެވެ. ދަރިފުޅުގެ އެއްބަނޑު އެއްބަފާ ބޭބެއެއް ހުރިކަމެވެ. ދަރިފުޅާއެވެ. މިވާހަކަ ކުރިން ނުބުނީ ދަރިފުޅު ހިތްވަރު ދެރަ ބަލިކަށި ކުއްޖަކަށް ވެދާނެތީއެވެ. ބޭބެއެއް ހުރިކަން އެނގުމުން އެބޭބެގެ ހިމާޔަތަށް އެދި ބަލިކަށި ކުއްޖަކަށް ވެދާނެތީ މަންމަ ޖެހިލުންވީއެވެ. އެހެން ނަމަވެސް މިހާރު ތިޔައީ އަމިއްލައަށް އުޅެވޭ ވަރު ހިތްވަރު ގަދަ ކުއްޖެއްކަން މަންމައަށް ޔަގީނެވެ. ދޮންބެ ނުފެނުނަސް ދަރިފުޅަށް އަމިއްލައަށް އުޅެވޭނެކަން މަންމަ ޔަގީންކުރަމެވެ.

ދަރިފުޅާއެވެ. ދެން ކަންތައް ވީގޮތްހެއްޔެވެ؟ މަންމައަށް ދަރިފުޅު ލިބުނީ ދޮންބެގެ އުމުރުން 5 އަހަރުގައެވެ. އެދުވަހު ދަރިފުޅުގެ ބައްޕައާއި ދޮންބެވެސް އުފާވެފައި ތިބީ ހާދަހާ ބޮޑަކަށެވެ. އެ ކުޑަ ކުޑަ ދެލޮލުންވެސް އެދުވަހު ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދަރިފުޅު ވިހޭ ދުވަހު ރަށުގައި އުޅުނު ބީރައްޓެއްސަކު ދޮންބެ އާއި ދަރިފުޅު އެކީގައި އިންދާ ފޮޓޯއެއްވެސް ނަގައިދިނެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ދޮންބެ ބައްޕަ ގާތު ރޮއިގެން އެ ފޮޓޯ އަތުލީ ވަރަށް މަސައްކަތުންނެވެ. އެހެން ނަމަވެސް ދަރިފުޅު ލިބުމުން ލިބިފައިވާ އުފާވެރިކަން ދެމިއޮތީ ދެދުވަސް ވަންދެންނެވެ. ދަރިފުޅުގެ ބައްޕަ ރަށު މީހެއްގެ ދޯނި އެހެލާ ތަނުގައި ބައިވެރިވެގެން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި ބައްޕަ ނިޔާވީ ދަރިފުޅުގެ އުމުރުން ދެދުވަހުގައެވެ. އެދުވަހަކީ މަންމައާއި ދޮންބެގެ ހަޔާތުގެވެސް އެންމެ އަނދިރި އެއްދުވަހެވެ. ނަމަވެސް ދަރިފުޅުގެ މައުސޫމް މޫނުކޮޅު ފެނުމުން މަންމަ އަޒުމް ކަނޑައެޅީ ހތްވަރާއިއެކު ތިޔަ ދެކުދިން ބޮޑު ކުރުމަށެވެ. އެހެން ނަމަވެސް ދެންވެސް ކަންތައްވީ ވަރަށް ދެރަކޮށެވެ. ދަރިފުޅުގެ ކާފަމެންނަށް ބައްޕަ ނިޔާވި ހަބަރު އަޑުއިވުމުން ރަށަށް އައީ ދަރިފުޅުގެ އުމުރުން ހަތަރު ވަނަ ދުވަހުއެވެ. އެދުވަހު އެމީހުން ރަށަށް އަރާ ބައްޕަ ނިޔާވީވެސް މަންމައާއި ހެދިކަމުގައި ބުންޏެވެ. އެއީ މަންމަ ވަރަށް ދެރަވި ދުވަހެކެވެ. އެމީހުންނަށް ބައްޕަގެ ފިރިހެން ކުއްޖަކު ހުރިކަންވެސް އެނގުނީ އެދުވަހުއެވެ. އެއާއިއެކު އެއްވެސް ރަހްމެއް ނެތި މަންމައާއި މަންމަގެ ފިރިހެން ދަރިފުޅު ވަކިކޮށްލައިގެން ގެންދިޔައީ މަންމަ ރޮއިރޮއި އޮއްވައެވެ. ދޮންބެވެސް އެހާ ވަރަށް އާދޭސް ކުރިއެވެ. އެހެން ނަމަވެސް އެމީހުންނަކީ މުއްސަނދި ނަން ހިނގާ މީހުން ކަމުން މަންމައަށް ދޮންބެ ހޯދޭނެ ގޮތެއް ނުވިއެވެ. އެމީހުން ދޮންބެ ގެންދިޔަ އިރުވެސް އެ ކުޑަ ކުޑަ ކުއްޖާ ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯ ގެންދެވޭތޯ ބެލިއެވެ. ދަމުން ދަރިފުޅާއި ދިމާއަށް ކޮއްކޯއޭ ކިޔާ އެތައް ވަރަކަށް ގޮވިއެވެ. ނަމަވެސް..

ދަރިފުޅާއެވެ. ބައްޕައާއި ދޮންބެ އަހަރެމެން ދެމައިންގެ ހަޔާތުން ވަކިވެގެން ދިޔައީ އެގޮތަށެވެ. އޭގެ ފަހުން މަންމައަށް އެރަށުގައި އުޅެން އުނދަގޫވީ ބައްޕަގެ ހަނދާންތައް އާވާ ވަރުންނެވެ. އެރަށުގެ ކޮންމެ މީހަކާއި ކޮންމެ އެއްޗެއްވެސް ދިޔައީ އެހަނދާންތަކާއިއެކު މަންމަ ބަލިކަށި ކުރަމުންނެވެ. ދަރިފުޅުގެ އަތުގައި މަންމަ ނެތިދާއިރު ފޮޓޯއެއް ނެތީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ފޮޓޯ ނެގުމަކީ ދަރިފުޅުގެ ބައްޕަ އަބަދުވެސް އެންމެ ކުރާ ހިތްނުވާ އެއްކަމެވެ. އެހެން ކަމުން މަންމަވެސް އެކަން ނުކުރަނީއެވެ. ދޮންބެ އަތުގައި އޮތް ފޮޓޯ ފިޔަވައި ދަރިފުޅު ކުޑައިރުގެ ފޮޓޯއެއްވެސް ނޯންނާނެއެވެ. އެއީވެސް ދޮންބެ ރުއިވަރުން ދޮންބެއަށް ނަގައިދިން ގަނޑެކެވެ.

ދަރިފުޅާއެވެ. މިހާރު ހުރިހާ ވާހަކަތަކެއް މި ކިޔައިދެވުނީއެވެ. މަންމަގެ އެދުމަކީ ދަރިފުޅު ދޮންބެ ހޯދުމެވެ. ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ދަރިފުޅު ހޯދާލަ ހޯދާލާ އަދިވެސް އެ ދޮންބެ ހުންނާނެކަން ޔަގީނެވެ. ދޮންބެ ފެނުމުން މަންމަގެ ސަލާމް ބުނެދެއްޗެވެ. އަދި މަންމަ ދޮންބެ މަތިން…………………………..”  އާލިކް ކުއްލިއަކަށް ސިޓީ ލައްޕާލީ ކެބިންގެ ދޮރު ހުޅުވާލި އަޑަށެވެ. އަވަސް އަވަހަށް ފުން ނޭވާއަކާއިއެކު އޭނާ އިސް އުފުލާލީ މޫނަށް ވެރިވެފައި ހުރި ނުތަނަވަސްކަން ފިލުވޭތޯ މަސައްކަތް ކުރަމުންނެވެ. އޭޜު ވިޝާ އާލިކްއަށް ހިނިތުންވެލުމަށްފަހު ކެބިންގެ ތެރެއަށް ވަދެ ކޮންމެވެސް ފައިލެއް ހޯދަން އުޅެއެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެފައިލް ހިފައިގެން ނުކުމެގެން ދިޔައީ އާލިކްގެ މޫނުމަތީގައިވާ ނުތަނަވަސްކަން މާބޮޑަށް ފާހަގަ ނުވާ ހާލުގައެވެ. ވިޝާ ދިއުމުން އާލިކް ސިޓީގެ ބާކީ އޮތް ދެތިން ޖުމްލަ ކިޔާލުމުގެ ބަދަލުގައި އަވަސް އަވަހަށް އޭގެ ކޮޕީއެއް ނަގާލުމަށްފަހު ވިޝާގެ މޭޒުގައި އެ ސިޓީ އޮތްގޮތަށް ބޭއްވިއެވެ. އޭނާއަށް އެ ސިޓީ ފެނުނުކަން ވިޝާއަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ފަހަރެއްގައި އޭނާ ބޭނުންވަނީ ވިޝާއަށް ނޭނގި އޭނާއަށް އެހީތެރިވާން ކަމުގައިވެސް ވެދާނެއެވެ. އާލިކް ނެގި ކޮޕީ ހިފައިގެން ގޮނޑީގައި އިށީނދެލުމާއިއެކު ފޯނު ރިންގުވާން ފެށުމުން އޭގެ ބާކީ ދެތިން ޖުމްލަ ކިޔޭ ގޮތެއް ނުވިއެވެ. އެންމެފަހުން އޭތި ފަތް ޖަހާލާ ފަޓްލޫނު ޖީބަށް ލުމަށްފަހު ފޯނަށް ޖަވާބު ދިނީ ސިޓީގެ ބޮޑުބައި ކިޔުމުން ލިބިފައިވާ ހިތްހަމަޖެހުމާއިއެކުއެވެ. އޭނާއަށް ނޭނގޭ އެއްޗަކީ އޭނާ އެ ދޫކޮށްލީ އެސިޓީގެ އެންމެ މުހިން ދެތިން ޖުމްލަ ކަމެވެ. އެދެތިން ޖުމަލައިގައި ވެއެވެ.

” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.

ނުނިމޭ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ނުފިލާނޭ މިހިތަކުން… 13

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..9

Next
June 15, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..9

Previews
June 15, 2020

ނުފިލާނޭ މިހިތަކުން… 13

One Comment

  1. ?Aashko?? says:
    June 16, 2020 at 4:02 pm

    Eagerly waiting for the 30th pary sis…..
    Love this story always. Kurin kiyas alun up kuran feshiyma ves kiyamun mi gendhaniy.
    Lysm sis

Comments are closed.

Next Episodeއެކުގައިވާން އެދެމޭ 15 – 11←


All Right Reserved!