Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ 5 – 1

Laya Level 310 Stories100 Login
June 13, 2020 34 Mins Read
9 Comments

(އަޅުގަނޑުގެ ވާހަކަ “އެކުގައިވާން އެދެމޭ” މިއީ މިސައިޓުގައި ކުރިން ލިޔަން ފެށުމަށްފަހު 29 ބައި ޝާއިއު ކުރެވިފައިވާ ވާޙަކައެކެވެ. އެހެންނަމަވެސް ހާލަތު ދިމާވީ ގޮތުން ވާހަކަ ޝާއިއު ކުރުން ހުއްޓާލުމަށްފަހު އަޅުގަނޑުގެ އައިޑީއަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ވާހަކަ ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކަކަށް މެދުކެނޑިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެމެވެ. އަދި ވާހަކަ ކުރިއަށް ނުގެންގޮސް ހުއްޓާލާނެ ކަމުގައި ބުނެ ލަޔާގެ ނަމުގައި ކޮމެންޓް ކޮށްފައިވަނީ އަޅުގަނޑު ނޫންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިވާހަކައަކީ މިހާރު ލިޔެ ނިމިފައިވާ ވާޙަކައެއް ކަމުގައިވާތީ މި ސައިޓުގައި ކޮންމެ ދުވަހަކުވެސް ވާހަކައިގެ 5 ބައި ޝާއިއު ކުރާނެ ވާހަކަ ދަންނަވަމެވެ. އިންޝާ ﷲ )

1

މައުސޫމް ކަމެވެ. ފެންނަ ކޮންމެ ފަހަރަކު ހިތް ލޯބިން ފުރިގެން ދެއެވެ. ދެލޯ ކަރުނުން ފުރިގެންދެއެވެ. ފާރުވެފައިވާ އެހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ.

ކަރުނުން ފުރެމުން ދިޔަ ދެލޯ މަރާލަމުން ވިކާޝް އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑު މޭގައި ޖައްސާލިއެވެ. މެރިފައިވާ ދެލޮލުގެ ތެރެއިން ފޭދެމުން ދިޔަ ތާޒާ ކަރުނަތައް އޭނާގެ ފިރިހެންވަންތަ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ހިނދުކޮޅަކަށްފަހު އަތުގެ ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ ފޮޓޯ ގަނޑު މެއާއި ދުރުކޮށްލާ ދެވަނަ ފަހަރަށް އެއަށް ނަޒަރު ހުއްޓާލިއެވެ. ހުދުކުލައިގެ ހެދުމުން ޖަރީވެފައި ހުދުކުލައިގެ ތަންމަތީގައި ނިދާލާފައި އޮތް ލޯބި ލޯބި ކުއްޖާ މިހާރުވެސް އޭނާއަށް ފެންނަ ފަދައެވެ. ފޮޓޯއިން ފެންނައިރުވެސް އެ ލޯބި ލޯބި ކުއްޖާގެ މައުސޫމްކަން އިންތިހާއެވެ. ވިކާޝް ހިންދިރުވާލިއެވެ. އެ ދުވަސް އަނެއްކާވެސް އެނބުރި އަންނާނެ ނަމައެވެ. އެ ލޯބި ލޯބި ކޮއްކޮގެ ގާތުގައި އެފަދައިން އިށީނދެލައިގެން އިނދެވޭނެ ނަމައެވެ. ތެދެކެވެ. ވިކާޝްގެ އަތުގައިވާ ފޮޓޯގައިވާ ފިރިހެން ކުއްޖާއަކީ ހުދު އޭނާއެވެ. އެއީ މީގެ 22 އަހަރު ކުރިން އޭނާގެ އުމުރުން 5 އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ދުވަހަކީ އޭނާގެ އަންހެން ކޮއްކޮ ދުނިޔެއަށް ނޭވާ ލީ ދުވަހެވެ. ދުވަހަކުވެސް ނުލިބޭ ފަދަ އުފަލަކުން އޭނާގެ ކުޑަ ކުޑަ އާއިލާ ފުރިހަމަވެގެން ދިޔަ ދުވަހެވެ. މަންމައާއި ބައްޕަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފުރަތަމަ ފަހަރަށް ފެނުނު ދުވަހެވެ. ނަމަވެސް.. ނަމަވެސް އެދުވަހު އެ ފޮޓޯ ނެގިއިރު އެއީ ދެދުވަހުގެ އުފަލެއް ކަމެއް ވިކާޝް އަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ލޯބިވާ ކޮއްކޮގެ ހަޔާތުން ހަތަރު ދުވަސް ނުވަނީސް އެކޮއްކޮއާއި ވަކިވާން ޖެހޭނެ ކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ މިއަދު އޭނާގެ އަތުގައި އެ ތަސްވީރު ފިޔަވައި އެކޮއްކޮގެ އެހެން އެއްވެސް ހަނދާނެއް ނުވާނެ ކަމެއް އެދުވަހު އޭނާގެ ހިތައްވެސް އަރާނީ ކިިހިނެއް ހެއްޔެވެ؟

” ވިކީ.. ގަޑި ޖެހެނީ..” އޮފީހުގެ ގޮނޑީގައި ފޮޓޯއަށް ބަލަހައްޓައިގެން އިން ވިކާޝް ސިހުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިކްގެ އަޑުންނެވެ. އަވަސް އަވަހަށް މޭޒުމަތީގައި ބާއްވާފައި އޮތް ދަބަހަށް ފޮޓޯގަނޑު ކޮއްޕާލުމަށްފަހު އޭނާ ކޮޅަށް ތެދުވެލީ ފަނޑު ހިނިތުންވުމަކާއިއެކުއެވެ. ބައިމަތި ފުޅާ ހަށިގަނޑާއި، ދިގު އިސްކޮޅުގެ ސަބަބުން ވިކާޝްގެ  ފިރިހެންވަންތަކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ގަޔަށް ފިޓްވެފައި ހުރި ހުދުކުލައިގެ އަތްކުރު ޓީޝާޓްގެ ސަބަބުން އޭނާގެ ބާރުގަދަ މުލައްދަނޑިވެސް ހާމަވާން އޮތެވެ. ކަޅު ޖީންސަކާއިއެކު ކޮނޑުގައި އަޅުވާލި ކަޅުކުލައިގެ ދަބަހުގެ ސަބަބުން ތަނަކަށް ދާން ތައްޔާރުވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑުގައިވާ މަޑު އެހެނަސް ރީތި މުށި ކުލަ އޭނާ ކުލައަލި މޫނަށް އިތުރު ފިރިހެންވަންތަކަމެއް ގެނެސްދެއެވެ.

” ވިކީ ކީއްވެ ކެޝުއަލްކޮށް..” ވިކާޝްގެ އާދައިގެ ހެދުން އެޅުން ފެނިފައި އާލިކް ކުޑަކޮށް ހައިރާންވިއެވެ. އޮފީހެއްގެ ވެރިއެއްގެ ގޮތުގައި މެލޭޝިއާއަށް ދާއިރު އެހެން ހުންނާނީ ކާކުހެއްޔެވެ؟

” ދެން އާލިކް އަށް އެނގެއެއްނު މަ މީ އެހާ ބޮސްވެފަ ހުންނަ މީހެއް ނޫންކަން..” ފެހި ކުލައިގެ ކަޅިއަކުން ވިދުން އަރަމުން ދިޔަ ތޫނު ދެލޯ ކަޅު އަވި އައިނަކުން ފޮރުވާލަމުން ވިކާޝް ޖަވާބުދިނީ އާދައިގެ ގޮތަކަށެވެ.

” އޯކޭ އޭ.. މަށަކަށް ނެތޭ އެއަރޕޯޓަށް ދެވޭކަށް.. ބިޒީކަމުން..” އާލިކް ކުޑަ ހީނލުމަކާއިއެކު ބުނެލިއެވެ.

” އެނގެއޭ.. މަ މި އޮފީހަށް މިއައީ ހަމަ މީޓްވެފަ ދާންވެގެން.. ދެން އެކޮޅުން ނިހާން ހަވާލުވެ ހުންނާނީ.. 3 މަންތްސް ފަހުންނު ދިމާވާނީ…” ވިކާޝް ކުޑަގޮތަކަށް އޭނާގެ އެކުވެރިޔާގެ ގައިގައި ބައްދާލިއެވެ. ހަގީގަތުގައި އާލިކްއަކީ ހަމައެކަނި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެއް ނޫނެވެ. މިއަދު އޭނާއަށް ހެޔޮއެދޭ ހަމައެކަނި ފަރާތެވެ. އަދި ހަމަ އެއާއިއެކު ބިޒްނަސް ޕާޓްނަރ މެއެވެ. ވިޔަފާރީގެ ކަމެއްގައި މެލޭޝިއާއަށް ފުރަން ދިއުމުގެ ކުރިންވެސް އޭނާ އާލިކްގެ އޮފީހަށް އައީ އެހެންވެގެންނެވެ.

” ޓޭކް ކެއަރ ބަޑީ..” އާލިކްގެ އަޑުގައިވަނީ ގާތްކަމާއި ހިތްހެޔޮކަމެވެ.

” ޔޫ ޓޫ.. އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނަން..” ދެވަނަ ފަހަރަށް އާލިކްއާއި ސަލާމްކޮށްލާ ބައްދާލުމަށްފަހު ވިކާޝް ހިނގައިގަތެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އާލިކްއަށް ދައްކައިގެން ހުރި ޕްލާސްޓިކް ހިނިތުންވުން މިހާރު އެވަނީ ގެއްލިފައެވެ. ވާނީވެސް އެހެންތާއެވެ. މިވަގަތުވެސް އޭނާގެ ހިތުގައި ހިނގަމުން އެދަނީ ލޯބިވާ ކޮއްކޮއާއި މަންމަގެ ހަނދާންތަކެވެ. އެދެމައިން މިހާރު ކޮބައިބާވައެވެ؟ އެމީހުންނާ ގާތަށް، އެމީހުން ހޯދުމަށް ފުރިހަމަ ގާބިލްކަން ލިބުނު އިރު ވިކާޝްއަށް އެޖެހުނީ އަނެއްކާވެސް ދާށެވެ. މާ ދުރަށެވެ. ވިކާޝް ލޯ މަރާލިއެވެ. ނޫނެކެވެ. އޭނާ އެމީހުންނާ ދުރަކަށް ނުދެއެވެ. 3 މަސްދުވަސް ފަހުން އޭނާ އެނބުރި އަންނާނެއެވެ. އޭނާގެ ލޯބިވާ މަންމައާއި ކޮއްކޮ ހޯދާނެއެވެ. އެދެމައިންނަށް އޭނާގެ ހިމާޔަތް ދޭނެއެވެ. ހުޅުލޭ ފެރީއަށް އެރިއިރުވެސް ވިކާޝްގެ ހިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އެ ހަނދާންތަކެވެ. ދަބަހުގައި އޮތް ފޮޓޯގަނޑު ނަގާ އަތަށް ލައިގެން އެއަށް ބަލަހައްޓައިގެން ހިޔާލުތަކަށް ގެނބިފައި އިން އިރު ހިތާމައިގެ ރީތި ތަސްވީރެއް ފެންނަ ފަދައެވެ. އެ ރީތި ފުރިހަމަ ޒުވާނާއަށް އެ ފެރީގައި ތިބި ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓިގެންދަނީ ބަލާ ނުލާ ކެތްނުވެގެން ކަންނޭނގެއެވެ. ޚާއްސަކޮށް ޒުވާން އަންހެން ކުދިންގެ ހިތްތައް ފުރަތަމަ ފެނިލުމާއިއެކު އެރީތި ޒުވާނާއަށް ހިބަކޮށް ދިން އިރު އެއިން އެއްވެސް ކަމެއްގެ ހިލަމެއް ހިޔާލުތަކަށް ގެނބިފައި އިން ވިކާޝްއަކަށް ނުވެއެވެ.

****************

ހަވީރުގެ ވަގުތެވެ. ރަށުގެ އަތިރިމަތީގައިވާ ހުސްބިމުގައި އަންހެންވެރިން ފޯރީގައި ބަށި ކުޅެމުން ދިޔައިރު އެއާ މާ ދުރު ނޫން ހިސާބެއްގައި ކުޑަކުދިންތައްވެސް އެކި އެކި ކުޅިވަރު ކުޅެމުން ދިޔައެވެ. ދުވަހަކީ އުޑުމަތި ސާފު، އަދި ލުއި ލުއި ވައިރޯޅިތައް ޖެހެމުން ދާ ދުވަހެއް ކަމުން އުފާވެރިކަމާއި އެކުވެރިކަން ފެންނަމުން ދިޔަ ސާދާ މާހައުލުގެ ހަމަޖެހުން އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. ސުލްހަވެރިކަން އެކުވެފައިވާ އެރީތި ގުދުރަތީ މަންޒަރަށް ޚާއްސަކަމެއް ގެނެސްދެނީ ފުރާވަރުގެ ކުދިންނާއި ޒުވާން އުމުރާއި އަދި މެދު އުމުރުގެ އަންހެންވެރިން އެކުގައި ކުޅެމުން ދިޔަ ބަށި މެޗަށް ނަޒަރު ހުއްޓާލައިގެން ތަންކޮޅެއް ދުރުގައި، ރުކެއްގައި ލެނގިލައިގެން ހުރި އަންހެންކުއްޖާއެވެ. މަޑުމުށި ކުލައިގެ ކުރުތާއަކާއި ކަޅު ޖިންސެއްގައި ހުރި އެއަންހެން ކުއްޖާގެ އެކަނިވެރިކަމާއި ނުތަނަވަސްކަން މޭމައްޗަށް ހުރަސްކޮށްލާފައިވާ ދެއަތުން ރަނގަޅަށް ހާމަވެއެވެ. އާދައިގެ ގޮތަކަށް އަޅާލާފައިވާ މުށިކުލައާއި ކަޅުކުލައިގެ  ސްކާފްގެ ތެރެއިން ފާޅުވާންހުރި ދޮން މޫނުގައިވާ ހިތާމަވެރިކަން ކައިރިކޮށްލާފައިވާ ހިމަ ހިމަ ދެބުމައިގެ ސަބަބުން ރީތިކޮށް ހާމަވެއެވެ. ކަޅުކަން ގަދަ، ދިގު އަދި އެހާމެ ބޯ އެސްފިޔަތަކުގެ ހިޔަލުގައި ނިވައިވެފައިވާ ބޮޑު ބޮޑު މައުސޫމް ދެލޮލުގެ ތެރޭގައި އެތައް އެތައް އިހްސާސްތަކެއް ފޮރުވިފައި ވާފަދައެވެ. މަޑުމުށި ކުލައިގެ ކަޅިއާއި އެކު ހުދުކަން ގަދަ ހުދުކަޅީގެ ސަބަބުން އެ ބޮޑު ދެލޮލުގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައި ވީނަމަވެސް އެލޮލުގައިވާ ރިހުން ސިއްރެއް ނުވެއެވެ. އެއްވެސް މޭކަޕަކާއި ނުލާ ހުރިނަމަވެސް އެއަންހެން ކުއްޖާގެ ރަތްކުލައިގެ ތުނި އެހެނަސް ފުޅާ ތުންފަތާއިއެކު މަޑު މަޑު ފިޔާތޮށި ކުލައެއް އަރާފައިވާ އޮމާން ކޯތާފަތުގެ ސަބަބުން އޭނާއަކީ ގުދުރަތީ ގޮތުން ރީތި ހުރިހާ ސިފައެއް ލިބިފައިވާ ކުއްޖެއްކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ.

” ވިޝޫ.. މިއަދުވެސް ނުކުޅޭނަންތަ؟..” އެކަނިވެރި ހިޔާލުތަކުގައި ނުތަނަވަސްވެފައިވާ ވިޝާއަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި މީހަކު ކޮއްޓާލުމުންނެވެ. އެއާއިއެކު އޭނާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެގެން ދިޔައެވެ.

” ހުމްމް.. ނެތް ކުޅޭ ހިތެއް.. ޒުމް ދޭބަ ކުޅެލަން.. އަހަރެން ހުންނާނަން ބަލަން..” ވިޝާ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ޒުމާއަށް ހިނިތުންވެލަމުން ޖަވާބު ދިނެވެ.

” ދެން ވިޝޫ.. އެދުވަހުއްސުރެ އަދި ހަމަ އެއްދުވަހުވެސް ނުކުޅޭ.. އަބަދު ދެރަވެފަ.. ހިނގާބަލަ ދެން ޕްލީޒްޒް..” ޒުމާއަށް ވިޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

” ނޫނެކޭ.. ކުޅޭ ހިތެއް ނުވެޔޭ.. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެ.. ހަމަ ހަނދާންވަނީ….”    ” ވިޝޫ.. ދެންންން..” ވިޝާގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމާއިއެކު ޒުމާ އޭނާގެ ވާހަކަ ހުއްޓުވަމުން ކޮނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ވިޝާ އޭނާގެ ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ފޮރުވަން އިސްޖަހާލިއެވެ.

“ހޫމްމް.. އެހެން ވީ އިރު ހިނގާބަލަ ހުތް އަނބު ކާން.. މިއަދު މެންދުރު ބިނދެފަ ހުންނާނެ.. ހިނގާބަލަ.. ރިހާކުރުވެސް ހުންނާނެ.. އަދި ވިޝޫގެ ފޭވަރިޓް ސޫޕް ޕެކެޓްވެސް ހުންނާނެ..” ޒުމާ ވިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ޒުމްމް.. އަހަރެން ނެތޭ ކާހިތެއް..” ޒުމާގެ ގާތްކަމުގެ ސަބަބުން ވިޝާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އެ މޫނުމަތީގައިވާ މާޔޫސްކަން ފިލައިގެންނެއް ނުދިޔައެވެ.

” އެއްވެސް ބަހަނާއެއް ނުދައްކާތި.. ހިނގާ ދާން..” ޒުމާ ވިޝާ ދައްކާ ވާހަކަ އަޑުއެހުމެއް ނެތި ހިނގަމުން ދިޔައެވެ.

” ދެން ޒުމާ….”   ” ވިޝާ..” އެވަގުތު އަނެއްކާވެސް ވިޝާ ކޮންމެވެސް އެއްޗެއް ބުނަން އުޅުމުން ޒުމާ އޭނާގެ އެކުވެރިޔާއަށް ދެލޯ ބޮޑުކޮށްލީ ރުޅި އައިސްގެން ކަމަށް ހަދާފައެވެ. އެއާއިއެކު ވިޝާ ގާތަށް ހިނި އައުމުން ޒުމާވެސް ހޭން ފެށިއެވެ. އެކުވެރިޔާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން ޒުމާ ހިތާއި ހިތުން ﷲ އަށް ހަމްދުކޮށްލިއެވެ. ރަށުގެ އަތިރިމަތިން ލާފައި ބޮޑު މަގުން ނުކުމެގެން މާ ގިނައިރު ހިނގުމެއްނެތި އެދެކުދިން ހުއްޓިލީ ތިރި ފާރުބުރިއަކުން ވަށާފާރު ރާނާފައިވާ ގެއެއްގެ ދޮރުމައްޗަށެވެ. ދޮރުން ވަންނައިރު ގޭދޮރުމަތީގައިވާ ކުޑަ ހުސްޖާގައިގެ އެއްފަރާތެއްގައި ކުންނާރު ގަހެއް ހައްދާފައި ހުއްޓެވެ.

” ހޭއި ވިޝޫ ބަބްލީ..” ދެކުދިންގޮސް ޒުމާމެން ގޭ ދޮރުމައްޗަށް ހުއްޓޭ އިރަށް ފުރަތަމަވެސް ދިމާވީ ޒުމާގެ ފިރިހެން ކޮއްކޮ ޒައިދުއާއެވެ. ޒުމާގެ އާއިލާއާއި އޮންނަ ގާތްކަމުގެ ސަބަބުން ވިޝާ އެގެއަށް އަންނާތީ ޒައިދުވެސް އޭނާއާއި ވަރަށް ރަހްމަތްތެރިއެވެ. ވިޝާ ފެނިއްޖެނަމަ ޖެއްސުން ކޮށްނުލާ ދިއުމަކީ ޒައިދުއަށް އުނދަގޫ ކަމެކެވެ.

” ކިތައް ފަހަރު ބުނާނީ ބޮޑެތި މީހުންނަށް ވަނަމުން ނުކިޔަން..” ވިޝާ ލޯ ހަނިކޮށްލާފައި ޒައިދުއަށް ބުނެލިއެވެ.

” ބޮޑު މީހެއްތަ ތީ؟ މަށަށްވުރެ އިސްކޮޅުން ކުރު.. އެންމެ ދެ އަހަރު ކަންނޭނގެ ބޮޑީވެސް.. ހެހެހެ ވިޝޫ ބަބްލީ..” ޒައިދު އަނގަޔަށް ގޮތެއް ހަދާލަމުން ދުއްވައިގަތީ ވިޝާ އަތް ހޫރާލުމުންނެވެ.

” ތިދެމީހުން ދުވަހަކު އެއްގަލަށް ނާރާތި.. ޒައިދުވެސް ދެން އެބުނީ ދޮގެއް ނޫނޭ.. 22 އަހަރު ވީއިރުވެސް ހީވަނީ 15 އަހަރުގެ ތުއްތު ކުއްޖެއްހެން..” ޒައިދު ދިއުމުން ޒުމާ ވިޝާގެ ނޭފަތުގައި ހިފާލުމަށްފަހު އޭނާއާއި ދިމާކޮށްލިއެވެ.

” ހުމްމް.. ދެން ޒުމް މީހަކާ އިންނަން އުޅޭތީ މާ ބޮޑުވެގެން.. ޒުމްއަށް އަދި 22 އަހަރުވެސް ނުވޭ..” ވިޝާވެސް ޒުމާގެ ނޭފަތުގައި ހިފާލިއެވެ. އަދި ދެކުދިން ސަކަރާތްޖަހަމުން ގޭތެރެއަށް ވަދެގެން ދިޔައިރު ހުނުމުގެ އަޑު ގުގުމާލާފައި ހުއްޓެވެ. ގޭގެ އެތެރެއިން ލާފައި ގޮސް ދެކުދިން ނުކުތީ ގޭގެ ބިއްދޮށު ފަރާތަށެވެ.

” އަނހަ ވިޝާ.. ޒާއްތަ މިކިޔަނީ ޒުމާ މިއަދު ވިޝާ ނުގެންނަ ވާހަކައޭ..” ގޯތިތެރެއަށް ވަދެގެން އައި ވިޝާއާއި ޒުމާ ފެނުމާއިއެކު ބަދިގެ ތެރެއިން ނުކުތް ޒުމާގެ މަންމަ ޒާހިރާ ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. އޭރު ޒުމާގެ އެއްބަނޑު އެއްބަފާ ދައްތަ ޒީނިޔާވެސް އޭނާގެ 2 އަހަރަށް ދާ ދަރިފުޅު ގޮވައިގެން ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އިނެވެ.

” ހަވީރު ގަޑީގަ އަޔަސް ޒާއްތަ ހުންނާނީ ބަދިގޭގަ.. ކީއްތަ ތިކުރަނީ..” ވިޝާ ދިޔަގޮތަށް ގޮސް ބަދިގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ.

” މަންމައަށް ހަމަ އުނދަގުލީ މަޑުން ހުންނަން.. މިހާރު އެއުޅެނީ އިރަމްގެ ބައްޕަ މިއަދު އަސާރަ އެބަ ހުރިހޭ އެހީމަ އަސާރަ ކައްކަން..” ޒީނިޔާ ޖޯލީގައި އިނދެފައި ބުނެލިއެވެ. އޭރުވެސް ޒާހިރާ ހެޔޮވަރު ވަރަކަށް ހިނިތުންވެލާފައި ބަދިގެތެރޭގައި އުޅެއެވެ.

” ވިޝާ ދެން ބުނެބަލަ.. މިހާރު ހަސަންބެ މަސްކޮޅެއް ނުގެންނާތީ މަސްވެސް ނުކައްކާ މިއުޅެނީ.. ދެން އަޅެ ކަމެއް ނުކޮށް ހުރެވޭނަތަ؟..” ޒާހިރާ ބުނެލި ޖުމްލައިން ވިޝާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ދުވާލެއް ރޭގަނޑެއްނެތި މަސައްކަތް ކުރިޔަސް މިމީހުން ވަރުބަލި ނުވަނީބާއޭ ހިތައް އެރިއެވެ.

” ހެލޯ އިރަމް ބޭބީ..” ބަދިގެތެރެއިން ނުކުމެގެން ވިޝާ ހުއްޓިލީ ކުޑަ ކުޑަ އިރަމް ކައިރީގައެވެ.

” ހެޔޯ ވިޝޫ ދައްތާ..” އިރަމްވެސް އާދައިގެ މަތިން ވިޝާގެ ގާތަށް ގޮސް އޭނާގެ ކޮލަށް ދޮނެއް ދިނެވެ. އެހާ ކުޑަ ކުޑައިރުވެސް އެކުއްޖާ ވިޝާދެކެ ވާ ލޯބި ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

” މިހާރު ވިޝޫ އައިއްސުރެ ނުދެވިގެން އެއުޅެނީ..” ޒީނިޔާ ހީލަމުން ވިޝާއަށް ބުނެލިއެވެ. އެވަގުތު ލުއި ހީނލުމަކާއިއެކު ވިޝާވެސް އިރަމްގެ ގައިގައި ބައްދާލިއެވެ. އެގޭތެރޭގައި އުޅޭއިރު ވިޝާއަށް ހީވަނީ އަމިއްލަ ގޭގައި އުޅެވޭ ހެންނެވެ. ޒާހިރާއާއި އޭނާގެ ކުދިންގެ ފަރާތުން  އެލިބޭ ގާތްކަން ނުލިބޭނަމަ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ސަބަބުން މިހާރު ވިޝާގެ ހިތް ކުދިކުދި ވެއްޖައީހެވެ.

” ވިޝޫ.. މިހިރީ ރިހާކުރާ ހުތް އަނބާ.. އާދޭ.. ހުމްމް ދެން އިރަމްގެ ފަރާތުން ސަލާމަތް ނުވާނެ ދޯ..” ގޯތިތެރޭގައި ހުރި ފަތް ޖެހި އެނދުގައި ރިހާކުރުތައްޓަކާއި ހުތްއަނބު ތައްޓެއް ބެހެއްޓުމަށްފަހު ޒުމާ ގޮވާލިއެވެ. އެވަގުތު ކުޑަ ކުޑަ އިރަމް އުރާލައިގެން ހުރެ ވިޝާވެސް އެދިމާއަށް ހިނގައިގަތެވެ. އެއާއިއެކު ޒީނިޔާއާއި ބަދިގޭގައި ހުރި ޒާހިރާވެސް އެތަނަށް ހުތްއަނބު ކާން އަތުވެއްޖެއެވެ.

” މިކަހަލަ ދުވަސް ދުވަހު އެންމެ ހަނދާންވަނީ މަންމަ މަތިން..” ކުއްލިއަކަށް ވިޝާ ބުނެލި ޖުމްލައާއިއެކު ތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އެވަގުތު  ޒާހިރާ ހަމްދަރުދީއާއިއެކު ވިޝާގެ މޫނަށް ބަލާލިއިރު އެ މައުސޫމް ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ޒުމާއާއި ޒީނިޔާވެސް ތިބީ ދެން ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ވިޝާ.. ހިތްވަރުކުރަންވާނެ..” ޒާހިރާއަށްވެސް ބުނެވުނު ހަމައެކަނި އެއްޗަކީ އެއީއެވެ. ތެދުތެދަށް ބުނާނަމަ ވިޝާގެ ހިތްވަރުގަދަކަން ފެނި ޒާހިރާވެސް ހައިރާންވެއެވެ. އެހާ ޅަ އުމުރުގައި ގާތްތިމާގެ އެއްވެސް މީހަކު ނެތި އެކަނިމާއެކަނި އުޅެން ޖެހުމުން ވާނެ ދެރަ އޭނާއަށް އިހުސާސްކުރެވެއެވެ. ތެދެކެވެ. ވިޝާއަކީ އަޅާލާނެ ގާތްތިމާގެ މީހަކު ހުރި ކުއްޖެއް ނޫނެވެ. އާދައިގެ ގެއެއްގައި އޭނާގެ މަންމައާއިއެކު އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން އެންމެ ގާތުން ދުއް މީހަކީ ޒާހިރާއެވެ. އެދެމައިންނަކީ އެރަށަށް ނިސްބަތްނުވާ ދެމައިން ކަމުގައި ވިޔަސް ވިޝާގެ މަންމަ ވާލިދާއަކީ ރަށު އެންމެންގެ ލޯތްބާއި ގަދަރު ހޯދި ހެޔޮލަފާ އަންހެނެކެވެ. ވިޝާގެ އުމުރުން ދޮޅު މަހުގައި އެރަށުގައި ދިރިއުޅެން ފެށި ގޮތަށް ފަހު ނޭވާވެސް ދޫކޮށްލީ އެފަސްގަނޑަށެވެ. ކުރިއްސުރެވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ ވާލިދާ ކުއްލިއަކަށް ނިޔާވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ ދުވަހުން ފެށިގެން ޒާހިރާއާއި އޭނާގެ އާއިލާ ވިޝާއާއިމެދު ކަންތައް ކުރަމުން ދިޔައީ ކުރިއަށްވުރެވެސް ރަނގަޅަށެވެ. ޒާހިރާމެންގެ އާއިލާ ވިޝާމެންނާއި އެހާ ގާތީ އެއީ އަވައްޓެރިންނަށް ވީތީއެވެ. އަދި ވިޝާއާއި ޒާހިރާގެ ކުދިން ބޮޑުވެގެން އައީ ނުހަނު އެކުއެކީގައި ކަމުން އެދެއާއިލާގެ މެދުގައި އުފެދިފައި އޮތީ ވަރުގަދަ ގުޅުމެކެވެ.

ޒުމާގެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ގާތްކަމާއި ލޯބީގެ ސަބަބުން ވިޝާ އިނީ ހިތްހަމަޖެހިފައެވެ. ނަމަވެސް އަބަދު އެގާތްކަމުގައި ނޫޅެވޭނެކަންވެސް ވިޝާއަށް އެނގެއެވެ. ޒުމާވެސް މިހާރު އެއުޅެނީ ކައިވެނި ކުރާށެވެ. ކައިވެންޏަށް ފަހުގައި މިހާރު އެއުޅޭހެން ވިޝާގެ އެކަނިވެރިކަން ފިލުވައިދޭން ޒުމާއަކށް ނުހުރެވޭނެއެވެ. ވިޝާ ލޯ މަރާލިއެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އޭނާގެ އެކަނިވެރިކަން ހިތައް އެރުމުން ހަނދާންވަނީ މަންމައެވެ. ކުއްލިއަކަށް ވިޝާ ލޯ ހުޅުވާލީ އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. މަންމަ ނިޔާވުމުގެ ދެހަފްތާއެއްހާ ދުވަސް ކުރިން މަންމަ އޭނާ ގާތު ބުނި ވާހަކައެވެ.

” ދަރިފުޅާ.. މަންމަ ނެތް ދުވަހަކުން  އަލަމާރި އެއްކަލަ ނުހުޅުވާ ވަތްގަނޑު ހުޅުވާލައްޗޭ އިނގޭ..” ވިޝާގެ ކަންފަތުގައި މަންމަގެ އަޑު ގުގުމާލިއެވެ. އޭރު އެހާ ވަރަށް އެކަމާ އަޅާ ނުލެވުނީ މަންމަ އޭނާ ދޫކޮށްލާފައި އެހާ އވަހަށް ދާނެ ކަމަށް ގަބޫލު ނުކުރާތީއެވެ. އަނެއްކޮޅުން މަންމަވެސް އެހެން ބުނެލީ ކޮންމެވެސް އެހެން ވާހަކައެއްގެ ތެރެއިން ވަރަށް ހެވިފައި އިނދެއެވެ.

” ޒުމާ.. އަހަރެން ދަނީ..” ވިޝާ ކުއްލިއަކަށް ތެދުވުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ނެގިމަޑުވެފައި އިނދެފައި ކުއްލިއަކަށް ތެދުވުމުން ޒާހިރާވެސް ކުޑަކޮށް ނުތަނަވަސްވިއެވެ.

” އެކަމު.. ވިޝޫ ކިހިނެތްވީ؟..”  ޒުމާ ކޮޅަށް ތެދުވުމަށްފަހު ވިޝާގެ އަތުގައި ހިފާލީ ހާސްކަމާއި އެކުގައެވެ.

” ޒުމް.. ކަމެއް ނުވެޔޭ.. ކުޑަ ކަމެއް ކުރަން ޖެހިފަ އެބަ އޮތް.. އަންނާނަން މިރޭ.. ޕްރޮމިސް އަންނާނަން..” ވިޝާ ހަމަޖެހިލަމުން ޒުމާއަށް ޖަވާބު ދިނީ އެމީހުން ހާސްވެއްޖެކަން އެނގުމުންނެވެ.

” އިނގޭ.. ދަނީ ޒާއްތަ.. އިރަމް ދަނީއޭ..” އިރަމްގެ ކޮލަށް ދޮނެއް ދިނުމަށްފަހު ވިޝާ ހިނގައިގަތެވެ.

ގެއަށް ވަދެވުމާއިއެކު ވިޝާ އަވަސް އަވަހަށް ވަނީ ކޮޓަރިއަށެވެ. އެ ކޮޓަރިއަކީ އޭނާއާއި އޭނާގެ މަންމަ ނިދި ކޮޓަރިއެވެ. އެތަނުގައި ހުރި ދެދޮރުފަތް ލީ ލަކުޑި އަލަމާރިއަކީ އޭނާއާއި އޭނާގެ މަންމަގެ އެއްޗެހި އަޅާފައި ހުންނަ އަލަމާރިއެވެ. މަންމަގެ ހަނދާންތައް އާވުމާއިއެކު ވިޝާގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ބޮނޑިވެގަތެވެ. އެހެން ނަމަވެސް ހިތްވަރުކޮށްލާފައި އަލަމާރި ހުލުވާލުމަށްފަހު މަންމަ އެބުނި ވަތްގަނޑު ހުޅުވާލުމާއިއެކު އޭނާގެ ލޮލުގައި އަޅާއިގަތީ ވަތްގަނޑު ތެރޭގައި އޮތް ސިޓީ އުރައެވެ. އެވަގުތު ވިޝާގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. އެ ސިޓީ އުރައިގެ ތެރޭގައި އޭނާގެ ދިރިއުޅުމުގެ ހަގީގަތްތަކެއް ފޮރުވިފައި ވަނީ ހެއްޔެވެ. ވިޝާ ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކު ލޯ މަރާ ބާރުކޮށްލިއެވެ. އޭނާއަށް ނޭނގޭ ހަގީގަތެއް އޭނާއާއި ބެހޭގޮތުން ވާނެހެއްޔެވެ؟ ހަމަގައިމުވެސް އޭނާގެ ބައްޕަ ނިޔާވީ އޭނާގެ އުމުރުން 2 ދުވަހުގައި ކަމަށް މަންމަ ބުންޏެވެ. އެއާއިލާއަކީ އެހެން ރަށެއްގެ އާއިލާއެއް ކަމުގައިވެސް ބުންޏެވެ. މަންމަގެ އާއިލާގެ އެއްވެސް މީހަކު ނުހުންނަ ކަމަށް ބުންޏެވެ. ބައްޕަގެ އާއިލާގައިވެސް މީހަކު ނުހުންނަ ކަމަށް ބުންޏެވެ. ބައްޕަ ނިޔާވުމުން ވިޝާ ގޮވައިގެން އެރަށުގައި އުޅެން ދަތިވެގެން މިރަށަށް އައީ ވިޝާގެ އުމުރުން ދޮޅުމަހުގައި ކަންވެސް ބުނެދިނެވެ. ވިޝާ ލޯ ހުޅުވާލިއެވެ. ދެން ކޮން އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. މަންމަ އެސިޓީ އުރައިގައި ފޮރުވާފައި އެވަނީ ނަސޭހަތެވެ. އޭނާއަށް ނޭނގޭ އެއްވެސް ކަމެއްނުވާނެއެވެ. ވިޝާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަނަމަވެސް ހާސްކަން ކުޑައެއް ނުވެއެވެ. ތުރު ތުރު އަޅަމުން ދިޔަ އަތަކުން ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ސިޓީ ނަގާ ހުޅުވާލީ ނުތަނަވަސްވެ އިނދެގެންނެވެ.

2

ސިޓީ ކިޔަމުންދިޔައިރު ވިޝާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ދިޔައީ ގިނަވަމުންނެވެ. ބައެއްފަހަރު ތުރުތުރުލަމުން ދިޔަ ތުންފަތް ކުޑަކުޑަކޮށް ހަރަކާތްވެސް ކޮށްލައެވެ. މޫނުމަތިން ފެންނަމުންދާ ކުލަތަކުންނާއި ހިނދު ހިނދުކޮޅުން ބޮޑުކޮށްލާ ލޮލުގެ ސަބަބުން އެސިޓީގައި އޭނާ ހީނުކުރާ އެތައް ވާހަކަތަކެއް ހުރިކަން ރަނގަޅަށް ދޭހަވެއެވެ.

ސިޓީ ކިޔާ ނިންމާލުމަށްފަހު އުނގުމަތީގައި ބާއްވާލިއިރު ވިޝާގެ ލޮލުން ކަރުނަތައް ބަންޑުން ވެއްޖެއެވެ. ލޯމަރާލައިގެން އިނދެ އިރުކޮޅަކު ރޯލުމަށްފަހު ދެވަނަ ފަހަރަށް އެސިޓީއަށް ބަލާލީ އެއީ ހަގީގަތެއްތޯ ޔަގީންކުރާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނިގެންދިޔައީ ހިންދެމިލުމަށްފަހު ވިޝާ އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލި މަންޒަރެވެ. ސިޓީ މޭގައި ލައްކޮށްލާ މޫނުމަތީގައިވާ ނުތަނަވަސްކަން އެއްފަރާތްކޮށްލުމަށްފަހު އެމޫނުމައްޗަށް ސީރިއަސްކަން ގެނުވިއެވެ. އޭރު ވިޝާގެ ވިސްނުންތެރި ދެލޮލުން ފެންނަނީ އަޒުމެވެ. މޫނުމަތީގައިވަނީ ހިތްވަރުގަދަކަމާއި އުއްމީދުގެ އަސަރުތަކެވެ. އެއާއިއެކު އެވަގުތު އެ މައުސޫމް ހިތުގައި ބިންވަޅު ނެގިފައިވަނީ އެންމެ ނަމެކެވެ. އެ ނަމަކުން ވިޝާގެ މަންމަގެ ސިޓީ ފަޅުފިލުވާލާފައިވާ ނަމެވެ. އެ ނަމަކުން އޭނާގެ ހަޔާތުގައި ކުރިއަށް އެތައް އެތައް ލަނޑުދަނޑިތަކެއް ވާކަން އެނގުނު ނަމެވެ. “ވިކާޝް” ގެ ނަމެވެ.

އެރޭގެ އިޝާ ނަމާދަށްފަހު ވިޝާ ޒުމާމެންގެއަށް ދިޔަނަމަވެސް ބޮލުގައި ރިއްސުމުގެ ބަހަނާގައި ވަރަށް އަވަހަށް އެނބުރި ގެއަށް އަތުވެއްޖެއެވެ. ރޭގަނޑު އެކަނި ގޭތެރޭގައި އުޅެން ޖެހުމުން އިތުރަށް މަންމަ މަތިން ހަނދާންވި ނަމަވެސް އެވަގުތު ވިޝާ ބޭނުންވީ އެކަނިވެ ވިސްނާލާށެވެ. ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތައް ގެންދާނެ ގޮތެއް ރާވާލާށެވެ. ގަޑިން 10 ވެސް ނުޖަހަނީސް ދޮރު ތަޅުލުމަށްފަހު ނިދަން ތައްޔާރުވެލައިގެން އެނދަށް އަރާ ވިޝާ އޭނާގެ ދިރިއުޅުމާއިމެދު ވިސްނާލިއެވެ.

ވާލިދާގެ ބުރަ މަސައްކަތާއި، ހެޔޮ ތަރުބިއްޔަތާއިއެކު ވިޝާއަކީ އޭލެވެލްއާއި ހަމައަށް ކިޔަވާފައިވާ ތައުލީމީ އަންހެންކުއްޖެކެވެ. އޭލެވެލް ނިންމުމަށްފަހު އެންމެ ދުވަހެއްވެސް ބޭކާރުކޮށްލުމެއްނެތި ކުދީންނަށް ޓިއުޝަން ދެމުން ވިޝާ ވަޒީފާއަށް ދާންފެށީ މަންމަގެ ބުރަ މަސައްކަތަށް ލުޔެއް ދިނުމުގެ މަގުސަދުގައެވެ. ފަހައިގެންނާއި، ކުޑަކުދިންނަށް ގުރްއާން ކިޔަވައިދީ، ގޭގެ ކުނިކަހައިދީ އަދިވެސް އެކި އެކި މަސައްކަތްތަކުން ފައިސާ ހޯދަމުންދިޔަ އޭނާގެ މަންމައަށް އެހީތެރިވުމުގެ މަގުސަދުގައެވެ. ހަމަ އެއާއިއެކު އޭނާގެ މަންމަ ހައްޖަށް ފޮނުވުމަށް ލާރި އެއްކުރުމުގެ ބޭނުމުގައިމެއެވެ. އެގޮތުން ވިޝާ ވަޒީފާއަށް ދާންފެށިތާ މިވީ 4 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށްވަނީ ފުދޭ ވަރަކަށް ގިނަ ރުފިޔާ ޖަމާކުރެވިފައެވެ. ނަމަވެސް ވާލިދާ ނިޔާވި އިރުވެސް ވިޝާއަށް އޭނާ ހައްޖަށް ފޮނުވަދެވޭނެ ވަރަށް ލާރި އެއްކުރެވިފައެއް ނުވެއެވެ. އެހެން ހިތައް އަރާ ކޮންމެ ފަހަރަކުވެސް ވިޝާއަށް ރޮވެއެވެ. އޭނާއަށްޓަކައި މުޅި އުމުރު ހޭދަކޮށްލި މަންމައަށް އޭނާއަށް އެވަރުގެ ކަމެއްވެސް ނުކޮށްދެވުނެވެ. އެހެންކަމުން މަންމަ މިދުނިޔެ ދޫކޮށްފައި ދިޔައިރު އެދިފައިވާ އެދުން ފުރިހަމަކޮށްދިނުމަށް ވިޝާ ފުރާނައިން ގުރުބާންވާން ޖެހުނަސް އެކަން ކުރާނެއެވެ. މަންމަ އެސިޓީގައި އެދިފައިވާ ފަދައިން ހިތްވަރުގަދަ، އެހެން މީހެއްގެ އެހީތެރިކަމެއް ނުލިބުނަސް އުޅެވޭފަދަ މީހަކަށް އޭނާ ވާނެއެވެ. އެ މަންމަ އެދިފައިވާ ފަދައިން އޭނާގެ ގެއްލިފައިވާ އެއްބަނޑު އެއްބަފާ ބޭބެ ހޯދުމަށް ފަހުނޭވާއާއި ޖެހެންދެންވެސް މަސައްކަތްކުރާނެއެވެ. މަންމައާއި ބައްޕަގެ ހައްގުގައެވެ. ގެއްލިފައިވާ އޭނާގެ ބޭބެގެ ހައްގުގައެވެ.

ވިޝާ ލޯ މަރާލިއިރު ތުންފަތުގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. މިދުނިޔެމަތީގައި އޭނާގެ އެއްބަނޑު އެއްބަފާ ދޮށީ ބޭބެއެއް ހުރިކަން އެނގުމުން އެހިތުގައި މިހާރުވެސް ލޯބި އުފެދިއްޖެއެވެ. އެ ބޭބެގެ ހިމާޔަތާއި އަޅާލުމަށް އެދެވެން ފެށުނެވެ. އެރޭގެ ހުވަފެނުގައިވެސް ވިޝާއަށް ފެނުނީ އޭނާގެ މަންމަ އޭނާގެ ބޭބެ ވިކާޝްގެ ވާހަކަ ދައްކަނިކޮށެވެ.

ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ ވިޝާއަށް ބުރަ ދުވަހަކާއި އެކުގައެވެ. ފަތިހު ފަތިހާ ހޭލައިގެން މުޅި ގޯތިތެރެ ކުނިކަހާ ތަންތަން ފޮޅާ، ސާފު ކުރަމުން ދިޔައިރު ހީވަނީ ހާއްސަ ކަމެއް ލައިގަނެގެން އުޅޭހެންނެވެ. ގޭގެ ބިއްދޮށު ފަރާތުގައި ވާވެފައިވާ ކެޔޮފީނިތެރެ ސާފުކޮށް، މަގުފަޅީގައި ފަޅާފައިވާ ހުއި ގަސްތަކަށް ދާންދެން ނޮޅިއެވެ. ބަދިގެތެރެ، ސާފުކޮށް ތެލިތަކާއި ތަށިތައް ތަރުތީބުކޮށް އަދި ކޮޓަރިތަކުގެ ބެޑްޝީޓްތަކާއި، އަންނައުނުތައްވެސް ދޮވެ ހެދިއެވެ. ހެނދުނުގެ 9.30 ވާންވީއިރު އެ މަސައްކަތްތަށް ނިންމާލުމަށްފަހު ވިޝާގެ ދެވަނަ ކަމަކަށްވީ މަންމަ ނިޔާވުމުން އޮފީހުން ނަގާފައިވާ 10 ދުވަހުގެ ޗުއްޓީ އިތުރުކުރުމަށް ސިޓީލިޔުމެވެ. އަހަރުގައި ބާކީ އޮތްހާ ޗުއްޓީއަކަށް އެދިފައި އޮފީހަށް ސިޓީ ލުމަށްފަހު ވިޝާގެ މިސްރާބު ހުރީ ޒާހިރާމެންގެއާއި ދިމާއަށެވެ.

” ޒާއްތަ.. ހާދަ ބިޒީކޮށްލައިގެން.. ކޮބާ ޒުމާ.. އިރަމް؟..” ވިޝާ އެގެއަށް ދިޔަގޮތަށް ވަނީ ބަދިގެތެރެއަށެވެ. އޭނާގެ އަޑުގައިވަނީ އާދަޔާ ހިލާފު ދިރުމެކެވެ. މޫނުމަތީގައިވަނީ އުޖާލާކަމެވެ.

” ހޫމްމް.. މިއުޅެނީ އަދި މެންދުރަށް ފަތްކޮޅެއް ތެލުލަން.. އިރަމް މިއަދު އެސޮރު ބައްޕަމެން ގެއަށް ދިޔައީ.. ޒުމާ އަދިވެސް ނުހޭލަ.. ވިޝާ ދޭބަލަ ނިކަން ގޮވަން.. އެހެންނު ވާނީ.. ރޭގަވެސް ޒައިދުއާ ދެމީހުން ނިދިއިރު 1 ވެސް ޖަހާފާނެ..” ޒާހިރާ އުނދުން ދޮށުގައި ހުރެގެން ވާހަކަ ދައްކަމުން ދިޔައެވެ. އެއާއިއެކު ވިޝާ ދުވެލާފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނީ ޒުމާއަށް ގޮވުމަށެވެ.

“އައްދެ ބަބްލީ ހާދަ އެކަނިވެފަ..” ޒުމާއަށް ގޮވުމަށްފަހު އޭނާ ފާހާނާއިން ނުކުންނަންދެން ދޮރުމަތީ މަޑުކޮށްލައިގެން ހުރި ވިޝާ ސިހުނީ ޒައިދުގެ އަޑަށެވެ. އެއާއިއެކު އިސް އުފުލާ ބަލާލިއިރު ޒައިދު ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ކަޅު އަތްދިގު ގަމީހާއި އެކު ކަޅު ފަޓްލޫނުގައި ހުރިއިރު ޒައިދު ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒަމާނީ ގޮތަކަށް ދަށަށް ޖަހާލާފައިވާ ގަމީހާއިއެކު އަލާލާފައިވާ ކަޅު ކުލައިގެ ޓައީގެ ސަބަބުން ފެންނަ ފެނުމަށް ރަސްމީ ގޮތްގަނޑު ހުއްޓެވެ. ހަމުގެ ކުލަ މާ އަލި ނުވެފައި، ކަނދުރާއާއި ހަމައަށް ދިގުކޮށްހުރި ކަޅު އިސްތަށިގަނޑުގެ ސަބަބުން ލައިގެން ހުރި ކަޅުކުލައިގެ ހެދުން އެޅުން އޭނާއާއި ނުހަނު ގުޅެއެވެ. ހަށިގަނޑު ބިޔަ ނޫނަސް، އިސްކޮޅުން ދިގުވެފައި ކުރު އިސްތަށިތަކަކުން ތުނބުޅީގެ ފަޅުފިލާފައިވާތީ ފިރިހެންވަންތައެވެ. ކަޅުކަން ގަދަ ލޮލުގައިވާ ވިދުވަރާއިއެކު، ހިނިތުންވެލާ ލާނެތް ގޮތްގަނޑު ފެނުމުން ހަމަގައިމުވެސް ފުރާވަރުގެ އަންހެންކުދިންގެ ހިތު ވިންދު އަވަސްވެލާނެއެވެ.

” އައްދެ ޒައިދު ހާދަ އެހެން ގަޑިއެއްގަ ބްރޭކަށް ތިއައީ؟..” ޒައިދުގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ވިޝާ ހަށަމް ބަނދެލަމުން  ބުނެލިއެވެ. އެވަގުތު ވިޝާ ހަރަކާތްކޮށްލި ގޮތުން ޒައިދު ލާނެތް ގޮތަކަށް ހީނވެސްލިއެވެ. ވިޝާ ކިތަންމެ ހަރު އަންހެނަކަށް ވާން އުޅުނަސް އޭނާގެ ހަރަކާތްތަކުގައި ހުންނަ ޅަ ގޮތްގަނޑު ނުކެނޑޭކަން  ޚުދު ވިޝާވެސް ގަބޫލުކުރެއެވެ.

” އާނ.. އޮފީހަށް ދެވުނީ ފޯނު ބާއްވާފަ.. އެހެންވެ ކުޑަކޮށް ފްރީ ވީމަ މިއައީ ފޯނު ބަލާ..” ޒައިދު ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

” އޯކޭ.. ބަބްލް ގަމް ދިޔައްޔޭ.. ސީ ޔޫ..” ޒައިދު ގަސްތުގައި ވިޝާ ރުޅި އަރުވާލުމުގެ ގޮތުން ބުނެލިއެވެ. އެވަގުތު ވިޝާ ތުން އަނބުރާލައިގެން ހުރެ އަނެއްފަރާތަށް އެނބުރުމުން ޒައިދު ހެމުން ހެމުން ހިނގައްޖެއެވެ.

ޒުމާ ރީތިވެލައިގެން ނުކުތުމުން ވިޝާއާއި ދެކުދިން ބަދިގެ ފަރާތަށް ދިޔައީ ސައިބުއިމަށެވެ. ދެކުދިން ސައި ބުއި އިރު ޒާހިރާވެސް އެކުދިންނާއި ބައިވެރިވިއެވެ.

” ޒާއްތާ.. އަހަރެން ބޮޑު ވާހަކައެއް ބުނަން ވެއްޖެ..” މޭޒުމަތީގައި ހުރި މަސްހުނި ތަށިން އެތިކޮޅެއ ތައްޓަށްް އަޅާލަމުން ވިޝާ ބުނި ޖުމްލައިން ޒާހިރާއާއިއެކު ޒުމާގެ ނަޒަރުވެސް ހުއްޓުނީ ވިޝާގެ މޫނަށެވެ.

” ވިޝޫ މިހާރު އަހާފަތަ ވާހަކަވެސް ބުނަނީ؟..” ޒުމާ ހިނިގަނޑެއް ޖަހާލަމުން ވިޝާއާއި ދިމާކޮށްލިއެވެ. ނަމަވެސް އިސްޖަހާލައިގެން އިން ވިޝާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އެމަންޒަރު ފެނުމުން ޒާހިރާ ކުޑަކޮށް ކަންބޮޑުވިއެވެ.

“ޒުމް.. އަހަރެން..އަހަރެން ބޭނުން މާލެދާން..” ވިޝާ ޒުމާއާއި ދިމާއަށް ބަލާލަމުން ބުނެލި އެއްޗަކުން ޒުމާގެ ދެލޯ ދިޔައީ ބޮޑުވެގެނެވެ. ޒުމާއާއިއެކު ޒާހިރާވެސް އިނީ ލޯ ބޮޑުކޮށްލައިގެން ބުނި އެއްޗެއް ޔަގީން ނުވެފައި އިން ފަދައިންނެވެ.

” އެކަމު ވިޝޫ ކިހިނެތް؟..”    ” ކީކުރަން މާލެދަނީ؟..” ޒުމާއާއި ޒާހިރާގެ ސުވާލު އައީ ދާދި އެއްކޮށެވެ. އެމީހުންގެ މޫނުމަތީގައިވާ ސުވާލުމާކުތަކާއިއެކު އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.

“ޒާއްތަ.. ޒުމް.. އެއ.. އެއީ މަންމަ އެދުނު ބޮޑު ކަމެއް ކޮށްދޭންވެގެން..” ވިޝާ އިސްޖަހާލަމުން ޖަވާބު ދިން އިރު އަޑަށް އައި ބަދަލު ޒުމާއަށާއި ޒާހިރާއަށްވެސް ފާހަގަވިއެވެ.

” އެކަމު.. ވިޝޫ.. ކޮން ކަމެއްތަ؟.. ވިޝޫ ކިހިނެތް އުޅޭނީ މާލޭގަ..” ޒުމާގެ އަޑުގައިވާ ހާސްކަމުގެ ސަބަބުން  އޭނާ ވިޝާއަށް ހެޔޮ އެދޭ މިންވަރު ވިޝާއަށް އިހުސާސް ކުރެވުނެވެ.

” ވިޝާ.. މަންމަގެ؟.. ވަސިއްޔަތެއްތަ؟..މާލެ ގޮސްގެން ނޫނީ ނުވާނެތަ؟.. މުޅިން ބަދަލުވަނީތަ؟. ” ޒާހިރާ ވިސްނުންތެރިކަމާއިއެކު ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. އެވަގުތު ވިޝާ މަޑުމަޑުން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

” މަންމަގެ ވަސިއްޔަތެއް ވިއްޔާ ފުރިހަމަ ކުރަންވާނެ.. އެކަމު ޒާއްތަ ދެން ކީކޭ ބުނާނީ.. ކިހިނެތް ވިޝާ މާލޭގަ އެކަނި އުޅޭނީ؟..” ޒާހިރާ މަޑުމަޑުން ތެދުވެގެންގޮސް ވިޝާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭރު ޒުމާވެސް ދެރވެފައި ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.

” ޒާއްތާ.. މަންމަ ބޭނުންވަނީ އަހަރެން ވަރަށް ހިތްވަރުގަދަ އަންހެނަކަށް ވާން.. އަހަރެންނަށް އެކަނި އުޅެވޭނެ.. އިރާދަކުރެއްވިއްޔާ އެހާ ހިތްވަރު އެބަހުރި.. ޒާއްތަ ހަސަންބެ ގާތު ބުނެގެން އަހަރެންނަށް މާލޭން އެއްކޮޓަރީގެ އެޕާޓްމެނެޓެއްް ހޯދަދޭންވީނުން..” ވިޝާ ޒާހިރާގެ އަތުގައި ހިފާލިއެވެ. އެ އަންހެން ކުއްޖާގެ އަޒުމް ވަރުގަދަ ކަމުން ޒާހިރާ އިނީ ހައިރާންވެފައެވެ.

” ހާދަ ކެރޭ ކުއްޖެކޭ މާ ޝާ ﷲ.. ހަސަންބެމެންގެ ރިޔާޒު ކައިރީ ބުނެގެން ތަނެއް ބަލާލަފާނަން.. އެކަމަކު ވިޝާ ކިހިނެތް ކުލި ދައްކާ ހަދާނީ؟..” ޒާހިރާ ވިޝާގެ ބޮލުގައި ފިރުމާލިއެވެ.

” ޒާއްތާ.. ﷲ އިރާދަކުރެއްވީތީ އަހަރެންގެ އެވަރުގެ ތަނަވަސްކަން އެބަހުރި..މިދުވަސް މިހެން އަންނާނެތީކަންނޭނގެ ލާރި އެއްކުރެވުނީ..” ވިޝާ ފަނޑު ހިނިތުންވުމަކާއިއެކު ޒާހިރާއަށް ޔަގީންކަން ދިނެވެ.

” އެންމެ ރަނގަޅު.. ޒާއްތަ ބުނާނަން ހަސަންބެ ކައިރީގަ.. ވިޝާ އެކަނި އުޅެލެވޭ ވަރުގެ ކޮޓަރިއެއް ލިބޭތޯ..” ޒާހިރާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

” ވިޝޫ.. އަހަރެންގެ ވެޑިން އަށްވެސް މަޑުނުކޮށްތަ؟..” ޒާހިރާ ދިއުމުން ޒުމާ ދެރަވެލާފައި ވިޝާގެ މޫނަށް ބަލާލިއެވެ. އެވަގުތު ވިޝާވެސް ދެރަވިއެވެ. އެންމެ ގާތް އެކުވެރިޔާއާއި އެއާއިލާ ދޫކޮށް ދާ ޚިޔާލު އައުމުންވެސް އޭނާގެ ހިތަށް ތަދުވެއެވެ. ހާދަ އެކަނިވެރިވާނެއެވެ. ނަމަވެސް އެ ފިޔަވަޅަކީ މިހާރު އޭނާ އަޅަން ޖެހިފައިވާ ފިޔަވަޅެކެވެ.

” ޒުމްމް.. ބޭނުން މަޑުކުރަން.. އެކަމު ފަށަން މިއުޅޭ ދަތުރުގެ ދިގުމިނެއް އަދި ނޭނގޭ.. މަންމައަށްޓަކައި މަރުވުމުގެ ކުރިން އެކަން ކުރަން ބޭނުން..ކޮންމެހެންވެސް ދާންޖެހޭ.. ސޮރީ ޒުމް..” ވިޝާ ޒުމާގެ އަތުގައި ހިފަހައްޓާލިއިއރު ކުޑަކޮށް ފެންކަޅިވެއްޖެއެވެ. އޭރު އަބަދު ސަކަރާތް ޖަހަ ޖަހާފައި އުޅޭ ޒުމާވެސް އިނީ ހިމޭންވެފައެވެ. ވިޝާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުންވެސް އޭނާ ދެރަވެއްޖެއެވެ.

އެދުވަހުގެ މެންދުރު ވީއިރުވެސް ވިޝާ އުޅުނީ ޒުމާއާއިއެކު އެގޭގައެވެ. އޭނާ އެގޭގައި އުޅެމުން މެންދުރަށް ކައްކައިދީ، އެ ގޯތިތެރެވެސް ކުނިކަހައިދީ ހެދިއެވެ. ވިޝާ ދެކޭގޮތުގައި އެހާ ހެޔޮ ބަޔަކަށް އެފަދަ ކަންތައްތައް ކޮށްދިނުމަކީ އޭނާގެ ވާޖިބެކެވެ.

” އާނ އެމަންޖެ ބުނީ އެކަނި އުޅެލެވޭ ވަރުގެ ތަންކޮޅެކޯ.. ތިބުނާ ތަން ރަނގަޅު ވާނެހެން ހީވަނީ..” ޒާހިރާ ހަސަނާއި ވާހަކަ ދައްކަމުން ގޭތެރެއިން ނުކުމެގެން އައީ ވިޝާ އުނދޯލީގައި އިންދައެވެ. އޭރު ޒުމާ ތަންކޮޅެއް ދުރުގައި ފޯނުން ވާހަކަ ދައްކަން ހުއްޓެވެ.

“އެތެދެއްތަ ވިޝާ.. މާ ރަނގަޅަކަށްނު މިދިމާވީ.. ރިޔާޒު އިހަށްދުވަހު އޭނާގެ އަންހެނުން ބުނެގެން ބޭބެ ކައިރީގަ ބުނީ ކުލީ ކޮޓަރި ހިފާނެ މީހަކު ހޯދަދޭށޭ.. އާންމުކޮށް މީހުން ނުހިފަނީ ތަންކޮޅު ކުޑަކަމުން.. އެކަމަކު އެކަނި އުޅެލަން ރަނގަޅުވާނެހެން ހީވަނީ..” ހަސަނު ވާހަކަ ދައްކަމުން ވިޝާގެ ކުރިމައްޗަށް ވާގޮތަށް ހުރި ފަތް ޖެހި އެނދުގައި އިށީނދެލިއެވެ.

” ކިހާ ވަރަކަށްތަ ދެނީ؟.. އެހާ ބޮޑު ނޫނަސް ރަނގަޅު ވާނެއޭ..” ހަސަނު ދައްކަމުން ދިޔަ ވާހަކައަށް ވިޝާ ވަރަށް ޝައުގުވެރިވިއެވެ.

” ކުލި މާ ބޮޑެއް ނޫން.. ބޭބެއަށް ހިއެއް ނުވޭ އެޑްވާންސްގެ ގޮތުގައިވެސް ފައިސާ ނަގާނެހެންނެއް.. ދެން ރިޔާޒު ބުނި އެތާ ހުންނާނެއޯ ކުޑަ ދޮންނަ މެޝިނަކާއި، އުނދުނެއް.. އެހެން އެއްޗެހި ހޯދާށޯ ޖެހޭނީ..” ދުފާއެއްޗެހި އަޅާފައި ހުރި ތަށީގެ މަތި ނަގާލަމުން ހަސަނު ކިޔައިދިނެވެ. އެވަގުތު ވިޝާ ހިނިތުންވެލަމުން ހިތާއިހިތުން ﷲ އަށް ހަމްދުކޮށްލީ ކަންތައްތައް އެހާ ފަސޭހައިން ހަމައަކަށް އެޅޭތީއެވެ.

“ހަސަންބެ އެވާހަކަ ދައްކާލަބަލަ.. އަހަރެން ބޭނުން ވަރަށް އަވަހަށް ދާން..” ވިޝާ އެހެން ބުނެލިއިރު ޒުމާވެސް އެތަނަށް އައިސްފިއެވެ.

” މިހާރު ހަމަޖެހުނީތަ؟..” ވިޝާމެން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން ޒުމާ ކުޑަކޮށް ހިނިތުންވެލިއެވެ. އެކުވެރިޔާއާއި ވަކިވާން ޖެހުނު ކަމުގައިވިޔަސް ވިޝާއަށްޓަކައި އޭނާ އުފާ ކުރިއެވެ.

ވިޝާއަށް ކަންތައްތައް ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަސްކަމާއި ފަސޭހަކަމާއިއެކުގައެވެ. ހަސަނުގެ އެހީގައި ދެދުވަހުގެ ތެރޭގައި މާލޭގައި ހުންނާނެ އެޕާޓްމެންޓެއްގެ ކަންތައް ހަމަޖެހުނެވެ. އަދި ދެން އޭނާގެ މަގްސަދަކީ ވީއެންމެ އަވަހަށް މާލެ ދިއުން ކަމުގައިވާތީ ހަސަނު އެކަމުގައިވެސް އޭނާއަށް އެހީތެރެވެދިނެވެ. އެގޮތުން އޭގެ އަނެއް ދުވަހު ފުރާ ބޯޓުން ވިޝާ މާލެ ގެންގޮސްދޭނެކަމުގައި ހަސަނު ބުންޏެވެ.

ފުރަން އޮތް ދުވަހުގެ ހެނދުނު ވިޝާ އޭނާ އުޅޭ ގޭގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްފަހު ގޭގެ ތަޅުދަނޑިފަތި އެގޭގެ ވެރިމީހާއާއި ހަވާލުކުރީ މާލެ ގެންދަން ބޭނުންވާ ސާމާނު ޒާހިރާމެން ގޭގައި ބެހެއްޓުމަށްފަހުއެވެ. ވިޝާއަށް އެނގިފައި އޮތް ގޮތުންނަމަ އޭނާ އުޅުނު ގެއަކީ ވާލިދާ އެރަށަށް ބަދަލުވީއިރު ފަޅަށް ހުރި ގެއެކެވެ. އެގޭގައި އުޅުނު މީހުން ދިރިއުޅުން މާލެއަށް ބަދަލުކުރުމުން ވީރާނާ ވަމުން ދިޔަ ގެ ވާލިދާ އުޅުމަށް އެމީހުން ދިނީ ހެޔޮހިތުންނެވެ. މިހުރިހާ ދުވަހު އެ ގެ ވީރާނާނުވެ އެހުރީ ވިޝާމެން ދެމައިންގެ ސަބަބުންކަން އެމީހުން ގަބޫލުކުރެއެވެ.

އެދުވަހުގެ ހަވީރުވެގެން އައި އިރު ވިޝާ އުޅެމުންދިޔައި ނުހަނު ބުރަކޮށެވެ. ހަވީރު ބޯޓު ފުރަން ވާއިރަށް ހުރިހާ އެއްޗެހި ފޮށި ފޮއްޓަށް އަޅާ، ޒާހިރާ ދިން ރިހާކުރު ފުޅިއާއި، ތެލުލިފަތް ދަޅުވެސް ފޮއްޓަކަށް ލާ ބަންދުކޮށް ހެދިއެވެ.

“ޒާއްތައާއި ހަސަންބެގެ ހެޔޮކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ..” ފުރަން ގޮނޑުދޮށަށް ދިއުމުގެ ކުރިން ވިޝާ އަސަރާއިއެކު ޒާހިރާ ގާތުގައި ބުނެލިއެވެ. އޭރު އޭނާގެ ލޯ ފެންކަޅިވެފައި ހުރުމުން ޒާހިރާވެސް ވިޝާގެ ބޮލުގައި ފިރުމާލީ ލޯތްބާއިއެކުގައެވެ.

” ޒާއްތަމެންނަށް އެހީ ވެވެނީ ވިޝާ އަމިއްލައަށްވެސް އެކަން ދަންނާތީ.. އިރާދަކުރެއްވިއްޔާ ވާލިދާގެ އެދުން ވަރަށް އަވަހަށް ފުރިހަމަވާނެ..” ވާލިދާގެ އެދުމަކީ ކޮބައިކަން ނޭނގުނު ކަމުގައިވިޔަސް ޒާހިރާ ވިޝާއަށް ހިތްވަރު ދިނެވެ.

” އަހަރެން ދާނަން ވިޝާ ފުރުވަން..” ޒުމާ ވިޝާގެ އަތުގައި ހިފާލިއެވެ.

” ނޫނޭ ޒުމް.. ދެން އެތަނަށް ނުދިޔަޔަސް އޯކޭ ވާނެ.. ބަލާބަލަ ޒާއްތަ އެއުޅެނީ ވަރަށް ބިޒީކޮށް.. ދޭބަލަ ހެލްޕް ވާން..” ފެންކަޅިވަމުން ދިޔަ ލޯ ފޮރުވާލަމުން ވިޝާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

” އައި ވިލް މިސް ޔޫ ވިޝޫ..” ކުއްލިއަކަށް ޒުމާ ރޮއިގަންނަމުން ވިޝާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ވިޝާއަށްވެސް ރޮވުނެވެ.

” އިރަމްއަށާއި ޒީނިޔާއްތައަށް ސަލާމް ބުނާތި.. އިރަމް ކައިރިއަށް ދިޔައިން މެންދުރު..” ޒުމާގެ ގައިގައި ބައްދާލައިގެން ހުރެ އިރަމްގެ ވާހަކަ ބުނިއިރު ވިޝާގެ އަޑުގައި ތުރުތުރެއް ވެއެވެ. އޭނާ މާލެ ދިއުމުން އެންމެ ހަނދާންވާނެ އެއްފަރާތަކީ އިރަމްއެވެ.

” ވިޝާ ހަސަންބެ ގުޅައިފި.. ވިޝާގެ ފޮށި ގެންގޮސްފީމޯ.. ދެން ރީތިވެލައިގެން ގޮނޑުދޮށަށް ނުކުމޭ..” ވިޝާ ޒުމާގެ ކަރުނަތައް ފޮހެލަދިނުމަށްފަހު ގޭތެރެއާއި ދިމާއަށް ހިނގައިގަތީ ކުޑަކޮށް ރީތިވެލުމަށެވެ. އެވަގުތު ޒުމާ ލޯ ފޮހެލަމުން  ބަދިގެއަށް ވަނީ ވިޝާއަށް ދަތުރުމައްޗަށް ގަނެދީފައި ހުރި ކާއެއްޗެހި ނެރުމަށެވެ.

ވިޝާ ގެއަށް ވަދެ ޒުމާގެ ކޮޓަރިއާއި ދިމާއަށް ދާންއުޅުނު ވަގުތު މީހަކު އޭނާގެ އަތުގައި ހިފައި ޖެހިގެން ހުރި ކޮޓަރިތެރެއަށް ދަމައިގަތީ ކުއްލިއަކަށެވެ. ސިއްސައިގެން ދިއުމާއިއެކު ގަތްބިރެއްގެ ސަބަބުން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލި ވަގުތު އެމީހަކު އޭނާގެ އަނގަމަތީގައި އަތްއެޅީ ހުށިޔާރުކަމާއިއެކުގައެވެ. އޭރު އޭނާ ހުރީ އެކޮޓަރިތެރޭގައި އެމީހަކާއި ފާރާ ދެމެދު ރަނގަޅަށް ފިތިފައެވެ. ލޯ މަރާ ބާރުކޮށްގެން ހުރުމަށްފަހު ވިޝާ ލޯހުޅުވާލީ އެމީހަކު އޭނާގެ އަނގަމަތިން އަތްދޫކޮށްލުމުންނެވެ.

“ޒައިދު..” ވިޝާގެ އަޑު ނުކުތީ މަޑުމަޑުންނެވެ. އޭރު އޭނާއާއި ނުހަނު ގާތުގައި މޫނާއި މޫނު ހަމަކޮށްލައިގެން ޒައިދު ހުރީ ވިޝާގެ އަތުގައިވެސް ހިފަހައްޓާލައިގެންނެވެ. އެ ކަޅުކަންގަދަ ފުން ދެލޮލުން ކަރުނައިގެ އަސަރު ފެނުމުން ވިޝާ ކުޑަކޮށް ހައިރާންވިއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރި ޒައިދުއަކީ މީގެ ކުރިން އޭނާއަށް ފެނިފައިވާ ޒައިދުއެއް ނޫނެވެ. ވިޝާގެ ހިތް ތެޅިގަތެވެ. ޒައިދުގެ ކޮޓަރިތެރޭގައި އިތުރު މީހަކު ނެތި އޭނާއާއި އެހާ ގާތުގައި ހުރެވުނުކަން އެނގުމުން ކުޑަކޮށް ހާސްވާގޮތްވިއެވެ.

“ޒޒ  ޒައިދު ކިހިނެތްވީ؟..” ވިޝާ ޒައިދުގެ ގޮތްނޭނގޭ ދެލޮލަށް ފުންކޮށް ބަލާލަމުން ސުވާލުކޮށްލިއިރު ޒައިދު ބަލާވަރުން އޭނާގެ ދޮން މޫނުވަނީ ޖަންބެއް ފަދައިން ރަތްވެފައެވެ.

” ވިޝޫ.. ހަމަ ދަނީތަ؟..” ޒައިދު އެހުރިގޮތަށް ހުރެ ވާހަކަ ދެއްކިއިރު އަޑު ބޭރުވަނީ ކިރިޔަ ކރިޔާއެވެ.

” އަ.. ދާ.. ދާ ން ޖެހެ.. ޖެހެއޭ..” ވިޝާ ފުރަތަމަ ފަހަރަށް ޒައިދުގެ ކުރިމަތީގައި ލަދުގެންފިއެވެ. ޒައިދުގެ އާދަޔާ ޚިލާފު ގާތްކަމުގެ ސަބަބުން އޭނާ ޖެހިލުންވެސްވިއެވެ.

“އެކަމު.. އައި.. އަހަރެން ކިހިނެތް ވިޝޫ ނެތްތާކު އުޅޭނީ؟..” ކުއްލިއަކަށް ޒައިދު ވިޝާގެ ކޮނޑުގައި މޫނު ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ވިޝާއާއި ހަވާލުކުރިއެވެ. އޭރު ވިޝާހުރީ ހައިރާންވެގެން ހިރިލަންވެސް ނޭނގިފައެވެ. ޒައިދުއަށްވެފައި މިހުރީ ކިހިނެތްބާއޭ ހިތައް އަރާ ހާލު ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޒައިދުގެ މަޑު ރުއިމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެވެ.  ހަރަކާތެއް ނެތިފައި ހުރިއިރު އޭނާއެކޭ ޖަހާފައި ހުރި ބުދެކޭ އެއްގޮތެވެ.

3

” ވިޝޫ… މަށަކަށް ނޫޅެވޭނެ ވިޝޫ ނެތްތާކު..” ވިޝާއަށް އެސްފިޔަ ޖަހާލަންވެސް ހަނދާންވީ ޒައިދު އޭނާގެ ކޮނޑުން ބޯ ހިއްލާލުމަށްފަހު ލޯ ފޮހެލުމުންނެވެ. އޭނާގެ ދެލޮލާއި މޫނުމަތީގައިވާ ހިތާމަވެރިކަން ވިޝާގެ ހިތާއިވެސް ކުޅެލިއެވެ. އެކަމަކު ޒުމާއާއި ޒާއްތަ ދެރަ ނުވާ މިންވަރަކަށް ޒައިދު ދެރަވާންވީ ސަބަބެއް ވިޝާއަކަށް ނުވިސްނުނެވެ. އަނެއްކޮޅުން ޒައިދުގެ މަޖާ، ސަމާސާ މިޒާޖާއިއެކު ފިޔަވައި މިއަދު ނޫނީ އޭނާއަށް ޒައިދުއެއް ނުފެނެއެވެ. ވިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ޒަ.. ޒައިދު ކީއްވެ.. ތަ.. ތި ރޮނީ؟..” ވިޝާއަށް ވާހަކަ ދެއްކުނީވެސް ފާޑަކަށެވެ. ވިޝާ އެހެން ބުނެލުމާއިއެކު ޒައިދު ވިޝާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

” ވިޝޫ.. މަ.. މަށަކަށްވެސް ކުރިއަކުން ނޭނގޭ އަސްލު.. އެކަމު.. ވިޝޫ.. އެއްކޮށް އަހަރެމެން ދޫކޮށްލާފަ ދާތީ.. އިޓްސް ސޯ މަޗް ޕެއިން.. މިހާރު މި އެނގުނީ އަސްލު މަ.. އެނގުނީ.. އައި..  …. ”      ” ވިޝޫ އަވަސްކޮށްލާ.. ބައްޕަ ގުޅައިފި..” ޒައިދު ބުނަން އުޅުނު ވާހަކަ ނުބުނެވެނީސް ބޭރުން ޒުމާގެ އަޑު އިވުމާއިއެކު ވިޝާ ކުއްލިއަކަށް ތެޅިގަންނަމުން ޒައިދުގެ ކޮޓަރިން ނުކުތެވެ.

“އައި ލަވް ޔޫ ވިޝޫ..” ކޮޓަރީގެ ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ޒައިދު މަޑުމަޑުން އެހެން ބުނެލިއިރު އޭނާގެ ލޮލުގައި ހިތާމަވެރިކަމުގެ އެތައް ހާސް އަސަރުތަކެއް ފޮރުވިފައިވެއެވެ. ޒައިދު ފުން ނޭވާއެއް ދޫކޮށްލަމުން ލޯ މަރާލިއެވެ. ވިޝާ ދެކެ ލޯބިވުމަކީ އޭނާވެސް ބޭނުންވި ގޮތެއް ނޫނެވެ. ތިމާއަށްވުރެ ދޮށީ އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމަކީ ޒައިދުއަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާގެ ރައްޓެއްސަކުވެސް އެގޮތަށް ކުއްޖަކާއި ރައްޓެހިވުމުންވެސް އޭނާ އެތައް މަލާމާތެއް ކުރިއެވެ. ނަމަވެސް ލޯތްބަކީ އެއަށްވުރެ ވަރުގަދަ އެއްޗެކެވެ. ވިޝާއަށްޓަކައި ޒައިދުގެ ހިތުގައި ލޯބި އުފެދުނީ ކޮން އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިހާރު އޭނާއަށް އެއަންހެން ކުއްޖާ ދެކެ ލޯބި ވެވިއްޖެކަމެވެ. ކިތަންމެ ވަރަކަށް އެކަން ގަބޫލު ކުރަން ބޭނުން ނުވިއަސް ވިޝާއާއި ނުލާ އުޅުމަށް އޭނާގެ ހިތް އެއްބަސް ނުވާނެކަމެވެ. އެހެންނަމަވެސް ތަގްދީރު އޭނާގެ އިހުސާސްތައް ވިޝާއަށް ހާމަކޮށްދިނުމަށް ތަނެއް ނުދިނެވެ. ޒައިދު އެނދުމަތީގައި އިށީނދެލުމަށްފަހު ދެއަތުން މޫނު ފޮރުވާލިއެވެ.

ވިޝާ ބޯޓަށް އެރިއިރު ޒުމާއާއި ޒާހިރާވެސް އޭނާ ފުރުވާލަން ގޮނޑުދޮށަށް އައިސް ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރިކަމާއިއެކު، ވިޝާގެ ލޮލުގައިވެސް ކަރުނަތައް ވިދަ ވިދާ ހުއްޓެވެ. އޭގެ އިތުރުން މިއަދު ޒައިދުގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން އޭނާގެ ހިތްވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. ޒައިދު އޭނާގެ ގާތުގައި ބުނަން އުޅުނީ ކީކޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަން ހިތައް އެރިޔަސް ވިޝާއަށް ބޯ ހޫރާލެވެއެވެ. އޭނާ އަދި އެކަހަލަ ކަމަކަށް ތައްޔާރު ނުވާއިރު ޒައިދު ފަދަ އުމުރުން ހަގު ކުއްޖަކާއިއެކު އެފަދަ ގުޅުމެއް ބާއްވާނީ ކިހިނެތްހެއްޔެވެ؟ ޒައިދުގެ ދުލުން އެ އަގުހުރި ޖުމްލަ ބޭރު ނުވަނީސް އެތަނުން ސަލާމަތްވެގެން އާދެވުނީތީ ވިޝާ ކިތަންމެހާވެސް އުފާވެއެވެ. ނަމަވެސް.. ޒައިދުގެ މޫނުމަތީގައިވާ ކުލަވަރު ހަނދާނަށް އައުމުން އޭނާގެ ހިތް ހަމްދަރުދީއިން ފުރެއެވެ. ބޯޓު ނައްޓާލުމާއިއެކު ވިޝާ ނުހަނު އަސަރާއިއެކު އުޅެ ބޮޑުވި ރަށާއި ދިމާއަށް ބަލާލީ ވަދާއީ ގޮތަކަށެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އިތުރު ކުލަތަކެއް ވެރިވެ، ހިތް ބާރު ބާރަށް ތެޅިގަތީ  ގޮނޑުދޮށުގައި ހުރި ގަހެއްގައި ލެނގިލައިގެން ހިތާމަވެރި ގޮތަކަށް ހުރި ޒައިދު ފެނުމުންނެވެ. އަވަސް އަވަހަށް ފުން ނޭވާއެއް ލަމުން އަނެއް ފަރާތަށް އެނބުރުނު އިރު ވިޝާގެ ޚިޔާލުގައިވަނީ ޒައިދުގެ ހިތާމަވެރި މޫނެވެ. ނަމަވެސް އޭނާ އަޒުމް ކަނޑައެޅިއެވެ. މަންމަގެ އެދުން ފުރިހަމަ ނުކޮށްދެވެނީސް އޭނާ އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. ޒައިދުއަށްވެސް ޖެހޭނީ އެހިތުގައިވާ ލޯބި ނެރެ އެއްލާލާށެވެ.

ދިގު އެހެނަސް އަމާން ދަތުރަކަށްފަހު ވިޝާމެންނަށް މާލެ އާދެވުނީ އެރޭގެ ދަންވަރު 3 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. ބޯޓުން ފޭބުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ވިޝާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީ އުމުުރުގެ ދެން އޮތްބައި ހޭދަކުރަން ޖެހޭނީ މިތާއޭ ހިތައް އަރާ ހާލުގައެވެ. ކޮނޑުގައިވާ އަތްދަބަހުން ފެންފުޅިއެއް ނަގާ ކުޑަގޮތަކަށް މޫނު ދޮވެލުމަށްފަހު ތަންކޮޅެއް ދުރުގައި އޭނާ މަޑުކޮށްލީ ހަސަނު އެއްޗެހިތައް ބާލާ ނިމެންދެންނެވެ. ޖެހެމުންދާ މަޑު މަޑު ވައިރޯޅީގެ ސަބަބުން، ދަތުރުމަތީގެ ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފިލަމުންދާއިރު ވަށައިގެން އުޅޭ މީހުންތަކުގެ ނަޒަރު އެ ސާދާ އަންހެންކުއްޖާއަށް ހުއްޓޭލެއްވެސް މަދެއް ނޫނެވެ.

ވިޝާގެ ފޮއްޓާއި، އަދި ގެނައި އެހެނިހެން ސާމާނު ބޭލުމުން ހަސަނު އޭނާ ގޮވައިގެން ޓެކްސީއެއްގައި ވިޝާ ހުންނަން ހަމަޖެހުނު އެޕާޓްމެންޓަށް ދިޔައެވެ. މީގެ ދެތިން އަހަރު ކުރިން ހަސަނާއި އެކުގައި ޒުމާމެން މާލެ އައި އިރު ވިޝާވެސް އައިސްފައިވާތީ މާލޭގެ މާހައުލު ފެނިގެން އޭނާ މާބޮޑަށް ހައިރާނެއް ނުވެއެވެ. އެހެންނަމަވެސް އެކަނި އުޅެން ޖެހުމުން ވާނެ ގޮތެއް ނޭނގޭތީ ވިޝާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވެއެވެ.

” ކޮއްކޯ.. އެގެ ހުންނާނީ މައްޗަންގޯޅި ސަހަރާ އާއި ހިސާބުގައި.. ގޯޅިގަނޑެއްތެރެއިން ލާފައި ވަދެވޭނީ.. ރިޔާޒު ބުނި އެ ގޯޅިގަނޑު ފުދޭވަރަކަށް އަމާން ވާނެ ކަމަށް..” ހަސަނު ކާރުގެ ކުރީ ސީޓުގައި އިނދެގެން ވިޝާއަށް އެގޭގެ މަޢުލޫމާތުތައް ދެމުން ދިޔައެވެ. އެމީހުން ދަތުރު ކުރަމުން ދިޔައީ މއ. ވައިޓް ކޮރަލްއަށް ދިއުމަށެވެ.

ހަސަނު ބުނި ގޯޅިގަނޑާއި ހަމައަށް ދިޔައިރު ރިޔާޒު އެދިމާ މަގުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. ވިޝާ ފެނުމުން ކުޑަ ހިނިތުންވެލުމަކާއިއެކު ސަލާމްކޮށްލަމުން އަތުގައި އޮތް ތަޅުދަނޑިފަތި ދިނުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށީ ހަސަނާއިއެވެ.

” ހަސަންބޭ.. އެގެއަކީ އެއްކޮށްވެސް ކުއްޔަށް ދީފައި ހުންނަ ގެއެއް.. މި މަންޖެއެއް މިދިން އެޕާޓްމެންޓް އެކަނި އެއް ކޮޓަރީގެ ތަނަކަށް ހުންނާނީ.. ދެން ހަސަންބެ ބުނި ގޮތަށް ހުންނާނެ އެމަންޖެ ފޮނުވި ލާރިއަށް އެނދަކާއި، ގޮދަޑިއަކާ އަލަމާރިއެއް ގަނެފަ.. ދެން އަދި އަހަރެމެން ގޭގަ ހުރި ކުޑަ އައިސް އަލަމާރިއެއްވެސް ލައިފަ ހުންނާނީ.. އޭ ބޭނުން ނުކުރެވިފަ ހުރި އެއްޗެއް.. ދެން ތެލި ތަށި ގެނައި ވާހަކަ ބުނީމެއްނު..” ރިޔާޒު ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ހެޔޮކަމުން ވިޝާއަށް އެތައް ފަހަރަކު ހިތާއި ހިތުން ޝުކުރުވެރި ވެލެވުނެވެ.

” ރިޔާޒު.. ތިވަރުން އެ މަންޖެއަށް އުޅެވޭނެ.. އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް..” ހަސަނު ހިނިތުންވެލަމަުން ވިޝާއަށް ތައުރީފްކޮށްލީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

” ޝުކުރިއްޔާ ބޭބޭ.. ތި ހެޔޮކަން ހަނދާނެއް ނުނެތޭނެ..” ވިޝާ ރިޔާޒަށް ޝުކުރުވެރިވިއެވެ.

ވިޝާގެ އެޕާޓްމެންޓް ހުރީ އެގޭގެ ދެވަނަ ފްލޯރގައި ކަމުން އެތަން ދައްކާލުމަށްފަހު ރިޔާޒު ދިއުމުން ހަސަނު ވިޝާގެ އެއްޗެހިތައް އެތަނަށް ވައްދައިދިނެވެ.

” ކޮއްކޯ.. ބޭބެ ދެން ގޮސްލަނީ.. ނޭނގެ ދެން އާދެވޭނެ ކަމެއް.. މާދަމާވެސް ބޯޓް ފުރާފާނެ.. ރަނގަޅަށް އުޅޭތި..” ހަސަނު ވިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތުމުން ވިޝާ ކުޑަކޮށް ފެންކަޅިވިއެވެ. ދެން އޭނާއަށް އޭނާގެ ގާތް އެކަކުވެސް ނުފެންނާނެއެވެ. ހަޔާތުގެ ކުރިއަށް ހުރި ލަނޑުދަނޑިތައް ކަޑައްތު ކުރަން ޖެހޭނީ އެކަނިމާ އެކަންޏެވެ. ހުރިހާވެސް ދުއާއަކީ އޭނާގެ ދޮންބެ އަވަސް މުސްތަގްބަލެއްގައި ދިމާވެ، އެ ދޮންބެގެ ހިމާޔަތް ލިބުމެވެ.

މަންމައާއި ޒުމާމެންގެ ހިޔާލުތައް ވެރިވާން ފެށުމުން ވިޝާ އަވަސް އަވަހަށް އޭނާގެ އެޕާޓްމެންޓަށް ވަނީ އިތުރަށް ދެރަވާން ބޭނުން ނުވެގެންނެވެ. އެތެރެއަށް ވަދެ ފަރާތް ފަރާތް ބަލާލީ އޭނާގެ ދިރިއުޅުމުގެ ހުރިހާވެސް ބައިވެރިޔާ ކަމުގައިވި އެ އެކަނިވެރި މާހައުލަށް ހޭނިލުމުގެ މަގްސަދުގައެވެ. އެކަކު އުޅެލަން ރަނގަޅު، ސާފު ތާހިރު އަދި ހިތްފަސޭހަ ތަނެކެވެ. ފުރަތަމަ ދޮރުން ވަނުމާއިއެކު ވަދެވުނީ ބަދިގެ ބަޔަށެވެ. އެތަންކޮޅު މާބޮޑު ނޫނަސް، އެއްފަރާތުގައި ކުޑަ ގޭސްއުނދުނަކާއި ކަބަޑު ސެޓެއް ބަހައްޓާފައި ހުއްޓެވެ. ކައިރީގައި ހުރި ކުޑަ ލަކުޑި މޭޒެއްގައި އައިސް އަލަމާރިވެސް ބަހައްޓާފައި ހުއްޓެވެ. އަދި އެތަނުގައި ކުޑަ މޭޒަކާއި ގޮނޑީއެއް ބެހެއްޓޭހާ ޖާގަ އޮތުމުން ވިޝާ ގަސްދުކުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން އެތަނަށް މޭޒަކާއި ގޮނޑިއެއްވެސް ހޯދުމަށެވެ. އެތަން ބަލާލުމަށްފަހު ދެން ވިޝާ ވަދެގެން ދިޔައީ ކޮޓަރި ތެރެއަށެވެ. ކޮޓަރިއާއި ފާހާނާވެސް ފުދޭ ވަރަކަށް ކުޑަ ނަަމަވެސް ހިތްފަސޭހައެވެ. މަޑު ފެހިކުލަ ލެވިފައިވާ ކޮޓަރީގެ އެއްފަރާތުގައި ސިންގަލް އެނދު ބަހައްޓާފައި ހުރިއިރު، އެނދާއި ދިމާއިން ކޮޓަރީގެ ކަނުގައި ދެދޮރުފަތް ލީ އަލަމާރިއެއްވެސް ހުއްޓެވެ. ހަމަ އެއާއިއެކު ވިޝާ ހީކުރި ގޮތާއި ހިލާފަށް ކުދިން ކިޔަވަން ގެންގުޅޭ ކަހަލަ ކުޑަވަރެއްގެ މޭޒެއްވެސް އެތާހުއްޓެވެ. ގަދަ ފެހިކުލައިގެ ދޮރުފޮތިން ނިވާކޮށްލާފައިވާ  ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލުމުން ޖެހިގެން ހުރިގޭ ފުރާޅާއި އެކުގައި ޗާނދަނީ މަގުވެސް ހިސާބަކަށް ފެނުމުން ވިޝާގެ ހިތް އިތުރަށް ހަމަޖެހުނެވެ. އެހެންކަމުން ފާހާނާއަށް ފެންވަރާ ސާމާނު ލުމަށްފަހު ކުޑަގޮތަކަށް ގައި ދޮވެލައިގެން ނިދަން ތައްޔާރުވެގެން ނުކުމެ، އިއްތިފާގުން ގެނެވިފައި އޮތް ގަދަ ފެހިކުލައިގެ ބެޑް ޝީޓް އެނދުގައި އަޅާލުމަށްފަު އިށީނދެލީ ހިނިތުންވެލމަުންވެ.

” ޔާ ﷲ.. މިއަޅާއަށް ހިތްވަރު ދެއްވާދޭވެ..”  އެކަނިވެރިކަން އިހްސާސް ކުރެވުމުން ވިޝާ މަދަދަށް އެދުނީ އެކަމަށް އެންމެ އެކަށީގެންވާ ފަރާތުގެ ހަޟްރަތުންނެވެ. ފަނޑު ހިނިތުންވުމަކާއިއެކު އެނދުގައި އޮށޯވެލަމުން އޭނާ ލޯ މަރާލީ އެތައް އެތައް އުންމީދުތަކަކާއި ހުވަފެންތަކަކާއި އެކުގައެވެ.

މާލެ ބަދަލުވިތާ ހަފްތާއެއް ވީއިރު ވިޝާގެ ހާލަތު އާންމު ގޮތަކަށް ބަދަލުވެއްޖެއެވެ. ގޭގެ މަތީ ބައިގައި އުޅޭ ވިޝާމެން އުމުރުގެ އަންހެން ކުއްޖެއް ގާތުގައި އަހައިގެން ގެއާއި ކައިރި ފިހާރަތަކާއި އެހެނިހެން ބޭނުން ޖެހޭނެ ތަންތަން ދަސްކުރަންވެސް އޭނާ ނެގީ ދެތިން ދުވަހެވެ. ގޭ ކައިރީގައި ހުންނަ ފިހާރައިން ނޫސް ގަނެގެން ކޮންމެ ދުވަހަކުވެސް ރަނގަޅު ވަޒީފާއެއް އިއުލާން ކުރިތޯ ބަލަމުން، ގޭގެ ހާލަތު ރަނގަޅު ކުރަމުން އަދި ހަމަ އެއާއިއެކު މާލޭގެ ތަންތަން ދަސްކުރަމުން އެންމެ ބުރަކޮށް އުޅެމުން ދިޔައިރުވެސް އެންމެ ދުވަހެއްވެސް ވައްޓާނުލާ އޭނާ ޒުމާމެންނަށް ގުޅައެވެ. ނަމަވެސް އެމީހުންނާއި ގުޅިއަސް ޒައިދުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ ތާނގައި ޒައިދު ގުޅުމުން އޭނާ ފޯނުވެސް ނުނަގައެވެ. އެއީ ވިޝާގެ ހަމަ އެކަނި ބޭނުމަކީ ޒައިދުގެ ހިތުގައި އޭނާއާއި މެދު ވާ އިހުސާސްތައް އެހިތުން ދުރުކުރުން ކަމުގައިވާތީއެވެ.

މާލޭގައި ދެހަފްތާ ވެގެން ދިޔައިރު ވިޝާ ތަފާތު ހަތަރު އޮފީހަކަށް ސިޓީވެސް ލައިފިއެވެ. އެކައުންޓުގައި ހުރި ލާރިކޮޅު ހުސްވުމުގެ ކުރިން މަހުގެ މުސާރަ ލިބުމުން މާބޮޑަށް ދަތި ނުވިޔަސް ޗުއްޓީގައި ބާކީ އޮތީ 25 ދުވަސް ކަމުން އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް މާލެއިން ވަޒީފާއަކަށް ދާށެވެ. އޭނާ ސިޓީ ލީ ސަރުކާރު ދެ އޮފީހަކާއި އަމިއްލަ ދެ އޮފީހަކަށެވެ. ހަގީގަތަށް ބުނާނަމަ ސަރުކާރު އޮފީސްތަކަށްވުރެ އަމިއްލަ އޮފީސްތަކުގައި މުސާރަ ބޮޑުވުމުން އެ އޮފީސްތައް  ވިޝާއަށް މާ ކަމުދެއެވެ. ރަނގަޅު ތައުލީމީ ފެންވަރެއް ލިބިފައިވުމުން އަމިއްލަ އޮފީހަކުން ރަނގަޅު މުސާރައެއް ހުށައަޅާފައި އޮތް މެނޭޖަރެއްގެ ވަޒީފާއަށްވެސް ޝަރުތު ހަމަވާތީ އެ ވަޒީފާއަށްވެސް ކުރިމަތިލިއެވެ. ވިޝާގެ ނަސީބު ރަނގަޅުކަމުން ހަތަރު ދުވަހުގެ ތެރޭގައި އެ ވަޒީފާގެ އިންޓަވިއުއަށްވެސް ގުޅިއެވެ. މާތް ﷲ ގެ އިރާދަ ފުޅުން މާ ބޮޑު އުނދަގުލަކާއި ނުލާ އެ ވަޒީފާ ވިޝާއަށް ހަމަޖެހުމުން އޭނާއަށް އުފަލުންގޮސް ރޮވުނެވެ. ޒާހިރާއާއި ގުޅާ ރަށުގައި ހުރި ވަޒީފާއިން ކެނޑުމަށް ސިޓީ ލައިދޭން ބުނިއިރުވެސް ވިޝާއަށް އުފަލުންގޮސް ވާހަކަވެސް ދެއްކުނީ އުނދަގުލުންނެވެ.

ވިޝާ އޭނާގެ އާ ވަޒީފާއަށް ފުރަތަމަ ނުކުންނަން ޖެހުނީ އޭނާ މާލެ ދިޔަތާ ތިންވަނަ ހަފްތާގެ ތެރޭގައެވެ. އެދުވަހަށް އާ ހެދުމަކާއި، ޝޯލްއަކާއި ގަނެ ނުހަނު ބޮޑަށް ތައްޔާރުވީއިރުވެސް އޭނާގެ ހިތުގައި ނުތަނަވަސްކަން ވެރިވެފައި ވެއެވެ. އެދުވަހުގެ ފަތިހު ފަތިހާއި ހޭލައިގެން ސައި ކައްކާ، ސައި ބޮއި ހަދާލައިގެން ތައްޔާރުވެ ނިމުނު އިރުވެސް ގަޑި ޖެހެން ހިތައްވެސް ނާރައެވެ. ހެނދުނު 9 ޖަހާއިރު ދާން ޖެހޭ އޮފީހަށް ދާން 8 ޖެހިއިރު އޭނާ އެހުރީ ތައްޔާރުވެ ނިމިގެންނެވެ. ވިޝާ ދާން ޖެހޭ އޮފީހަށް އަދި ފުރަތަމަ ފަހަރަށްވެސް ގޮސްފައި ނުވުމުން އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ވަނީ ދެގުނައަށް އިތުރުވެފައެވެ. ވާނީވެސް އެހެންނެވެ. އިންޓަވިއުއަށް ގެންދިޔައިރުވެސް އަދި ގެންދިޔައީ  އެކުންފުނީގެ އެހެން ބްރާންޗަކަށެވެ. ނުތަނަވަސްކަން ކުޑަވީހީވެސް އެތަނަށް ގެންދިޔަ ނަމައެއް ނޫންހެއްޔެވެ؟ ކޮންމެއަކަސް ﷲ އަށް ވަކީލު ކޮށްލުމަށްފަހު ވިޝާ ގެއިން ނުކުތީ ހިނގާލާފައި އެހިސާބަށް ދެވޭހާ ވަގުތު އޮއްވައެވެ. އެ އޮފީހަކީ ގަލޮޅުގައި ހުންނަ އޮފީހެއްކަމުން އެހިސާބަށް 15 މިނެޓެއްހާއިރު ތެރޭގައި ދެވިދާނެއެވެ.

އޮފީހުގެ އެތެރެއަށް ފުރަތަމަ ފިޔަވަޅު އެޅިއިރު ވިޝާއަށް ވަނީ ކޮންމެވެސް ވަރަކަށް ހިތްވަރު ލިބިފައެވެ. މަޑުމަޑުންގޮސް ރިސެޕްޝަނުގައި ހުއްޓިލިއިރު އެތަނުގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. ކަޅު އިސްތަށިގަނޑު މައްޗަށް އައްސާލާފައި، ނަމްބަރު އައިނެއް އަޅާލާފައި އިންއިރު ފެންނަ ފެނުމަށް އެއީ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ.

“އެކްސް ކިއުޒް.. މީ އަލަށް އައި ކުއްޖޖ..”  ” އޯހް.. ޔަހ.. ވިޝާ ދޯ.. މީ ލިމްނާ އިނގޭ.. އިހަށް އިށީނދެލާ.. ވިޝާގެ ކެބިންއަށް ގެންގޮސްދޭން އަންނާނެ ޑިރެކްޓަރ ދީމާ..” ވިޝާގެ ސުވާލު ފުރިހަމަ ނުކުރެވެނީސް ލިމްނާ ހިތްހެޔޮ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކުމުން ވިޝާގެ ހިތްހަމަ ޖެހުނެވެ.

” އޯކޭ.. ތޭންކްސް..” ވިޝާ ހިނިތުންވެލަމުން ކުރިމަތީގައި ހުރި ސޯފާގައި އިށީނދެލުމަށްފަހު ވަށައިގެން ނަޒަރު ހިންގާލިއެވެ. ރިސެޕްޝަނުގެ ކުރިމައްޗަށް އެއް ކެބިން ހުރެފައި، ޖެހިގެން ހުރި ތަނުގައި ޖަހާޅާފައި އިނީ “ކޮފީ ރޫމް”އެވެ. އެއާއި ވިދިގެން ދެން ހުރީ މައްޗަށް ދާން ސިޑިއެކެވެ. ވިޝާއަށް އޮފީހުގެ ތެރެއިން ލިމްނާ ފިޔަވައި ދެން ފެނުނީ މަސައްކަތު ދެމީހެކެވެ. އަދި އެންމެން އޮފީހަށް ނާންނަނީ ކަންނޭނގެއެވެ.

” ހެލޯ.. ތީ ދޯ ވިޝާ.. އަސްލު ވިޝާ ބޮސްގެ ކެބިންގައި އިންނަން ޖެހޭތީ އަޅުގަނޑު ރިސީވް ކުރަން މިއައީ އިނގޭ.. ހެހެ.. އޯކޭ ފުރަތަމަ ހިނގާ ހުރިހާ ތަނެއް ބަލާލަން ދޯ..” ވިޝާއަށް އެއީ ދީމާކަން އެނގުނީ އޭނާ އައިސް ވާހަކަ ދައްކަން ފެށި ގޮތުންނެވެ. މުށި ކުލައިގެ ޝޯލްއަކާއި، ނުހަނު ރަސްމީ ފާޑުގެ މުށި ގަމީސް ޓޮޕާއިއެކު ހުރިއިރު ދީމާ ފެންނަނީ ރަސްމީ ގޮތަކަށެވެ. ނަމަވެސް އޭނާގެ ފަރާތުންވެސް ފެނުނު ގާތްކަމުގެ ސަބަބުން ވިޝާ ހިނިތުންވެލައިގެން އޭނާއާއި އެކު ހިނގައިގަތީ ހަމަޖެހިލައިގެންނެވެ.

” އަސްލު ކޮމްޕެނީގެ މައި އޮފީސް ވީމަ ތަންކޮޅެއް މުވައްޒަފުން ގިނަ ދޯ.. އެކަމު އެންމެންވެސް ވަރަށް އެކުވެރިވާނެ.. ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގަ އިންނާނެ ކޮފީ ބުއިން.. ދެންން އަޅުގަނޑުމެންގެ ބޮސް ދޯ.. އޮފީހަށް އައިމަ ވިޝާއާއި ބައްދަލު ވާނެ.. އަންނާނެ 10 ޖަހާލާ ހާއިރު.. ބޮސްވެސް ވަރަށް ފްރެންޑްލީ ވެފަ ހުރިހާ ކުދިންނާއި ގުޅޭނެ.. އެކަމު ތަންކޮޅެއް ސްޓްރިކްޓް ވާނެ.. އޯކޭ ދެން ދިޔައްޔޭ.. ހޭވް އަ ގުޑް ޓައިމް..” ދީމާ ވިޝާގެ ކެބިން ދައްކާލުމަށްފަހު ދިއުމުން ވިޝާ އެތެރެއަށް ވަނެވެ. ވިޝާ އޭނާގެ ކެބިންއަށް ވަން އިރު އެތާ ހުރީ ތިން މޭޒެވެ. އެސިސްޓެންޓް މެނޭޖަރ ޖަހާލާފައި އިން ޓެގްކޮޅެއް ބަހައްޓާފައި ހުރީ ސީ.އީ.އޯ ޖަހާފައި ހުރި މޭޒާއި ކުރިމައްޗަށް ވާގޮތަށް ހުރި މޭޒުގައެވެ. އޭގެ އިތުރަށް ހުރި މޭޒުގައި  ބަހައްޓާފައި ހުރީ އޯނަރ ޖަހާފައި އިން ޓެގްކޮޅެކެވެ. އެ މޭޒުން އެއްވެސް ލިޔެ ކިޔުމެއް ފެންނަން ނެތުމުން ކުޑަކޮށް ހައިރާންވި ނަމަވެސް ވިޝާ މާބޮޑަށް އެކަމާއި އަޅައެއް ނުލައެވެ. ބިއްލޫރި ބިއްތަކަކުން ވާ އެކެބިންގައި އިންނަ އިރު އޮފީހުގެ ގްރައުންޑުގެ ބައެއް އޮންނަނީ ހާމައަށް ފެންނާނެށެވެ. އުންމީދު ކުރިވަރަށްވުރެ ހިތްފަސޭހަ މާހައުލަކަށްވުމުން ހިތްހަމަޖެހިފައި އިން ވިޝާ އޭނާގެ މޭޒުމަތީގައިވާ ލިޔުންތައް ބަލަންފެށީ އޭނާގެ ވެރިޔާގެ އިންތިޒާރުގައި އިނދެއެވެ.

” ޝާޔާ.. މިބުނީނުން މިއަދު ބިޒީ ވާނެއޭ.. އާ ކުއްޖަކު ގެނެސް….. އަނނ.. އަނނ ފަހުން ގުޅާނަން..” އަވަސް އަރުވާލާފައި ކެބިންގެ ތެރެއަށް ވަދެގެން އައި އާލިކްގެ ފައި ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އޭނާގެ ކެބިންގައި ލިޔުންތަކެއް ބަލަން އިން ހޫރު ޕަރީއެއް ފަދަ ޒުވާން އަންހެން ކުއްޖާ ފެނުމުންނެވެ. އަޅި ކުލަަކަށްދާ ޖިލްބާބަކާއިއެކު، ކަޅާއި އަޅި ކުލައިންވާ ޝޯލްއެއް އަޅާލައިގެން އިން ދޮން އަންހެން ކުއްޖާ ފެނުމުން ކަންފަތުގައި ޖަހައިގެން ހުރި ފޯނު މަޑުމަޑުން ތިރިކޮށްލިއިރުވެސް އެސް ފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިވާ ފަދައިން އާލިކްއަށް އެމަންޒަރު ބަލަން ހުރެވުނީ އާޝޯޚްވެފައެވެ. ތިރިކޮށްލެވިފައިވާ ދިގު އެސްފިޔަތަކާއިއެކު، މަޑުރަތްކުލައިގެ ތުންފަތާއި އަދި އަތުގެ ހިމަ ދިގު އިނގިލިތަކަށް ދާންދެން އާލިކްގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ސުކުންތުކޮޅެއްގެ ތެރޭގައި އާލިކްގެ ސިކުނޑި އޭނާގެ ހަގީގީ ދުނިޔެއާއި ގުޅުމުން ފޫހިކަމާއިއެކު ބޯ ހޫރާލަމުން އެތެރެއަށްވަނީ ބޮޑާކަމާއިއެކުގައެވެ.

4

ލިޔުންތަކަށް ގެއްލިފައި އިން ވިޝާ ކުއްލިއަކަށް ސިހިފައި ކޮޅަށް ތެދުވީ ކެބިންގެ ތެރެއަށް މީހަކު ވަނުމުންނެވެ. އިސް ޖަހާލައިގެން ހުރެފައިވެސް އޭނާ ލަސްލަހުން އިިސް އުފުލާލީ އަމިއްލަ ނަފްސަށް ހިތްވަރު ދެމުންނެވެ. އެވަގުތު އޭނާގެ ކުރިމަތީގައި ހުރި މޭޒު ކައިރީގައި ހުރި ބޮޑު ގޮނޑީގައި އިށީނދެލި ޒުވާނާ ފެނުމުން ވިޝާ ކުޑަކޮށް ހައިރާންވިއެވެ. އޮފީހެއްގެ ވެރިއަކަށްވެފައި އޭނާ ހުރިގޮތުން ކުޑަކޮށް ގަބޫލުކުރަން ދަތިވީއެވެ. އިސްކޮޅުން ދިގު، ބައިމަތި ފުޅާ އަދި ފިރިހެންވަންތަވެފައި ރީތި ޒުވާނެކެވެ. ލައިގެން ހުރި ކަޅުކުލައިގެ ސޫޓާއިއެކު އެތެރެއިން ލާފައި އިން ގަދަ ނޫކުލައިގެ ގަމީހާއި، އެއާއި ގުޅޭ ޓައީ އޭނާގެ ކުލަ އަލި ހަންގަނޑާއި ނުހަނު ގުޅެއެވެ. ތުނބުޅީގައިވާ ތުނި އިސްތަށިތަކުން  އެއީ އާންމުގޮތެއްގައި ޓްރިމްކޮށްފައި ހުންނަ ޒުވާނެއްކަން ހާމަވިޔަސް، އެކަންވެސް އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ފަދައެވެ. ފަހަތަށް ކުޑަކޮށް ދިގުކޮށްފައިވާ ފަން އިސްތަށިކޮޅުގައިވާ ސްޓައިލް އޭނާގެ ޒުވާންކަން ދައްކުވައިދެއެވެ. އެހެން ނަމަވެސް ވިޝާގެ ހިތުގައި އެރީތި ފުރިހަމަ ޒުވާނާއާއި މެދު ފޫހިކަން އުފެދުނީ އެރީތި އިސްތަށިކޮޅު ބްރައުން ކުލައިން ހައި ލައިޓް ކޮށްފައި ހުރުމުންނެވެ. އެހެން ހުރުމުން އިސްތަށިކޮޅު ހުތުރީއެއް ނޫނެވެ. އެހެން ނަމަވެސް އޮފީހެއްގެ ވެރިއަކަށް ބަލާއިރު ވިޝާ ގަބޫލުކުރާ ގޮތުގައި އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

” ވިޝާ ދޯ.. އިށީނދެލަން ވީނުން..” އެ ޒުވާނާގެ އިސްތަށިގަނޑާއިމެދު ވިސްނަން ހުރި ވިޝާއަށް ތެޅިގަނެވުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. އަވަސްއަވަހަށް އޭނާގެ މޭޒު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން ވިޝާ ހަމަ ޖެހިލީ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރަމުންނެވެ.

” ސޯ.. އޭމް އާލިކް.. އެނގިފަ ދޯ އޮތީ ސީ.އީ.އޯ.. އަސްލު ބޭނުންވީ ތި މަގާމަށް ވަރަށް ފްރެޝް ކުއްޖަކު.. ވިޝާގެ ޕްރޮފައިލް އާންމުކޮށް ރަނގަޅު..” އާލިކް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޅި ކުލައިގެ ލެންސް ލެވިފައިވާ ތޫނު ދެލޯ އަމާޒުވެފައި ވަނީ ސީދާ ވިޝާގެ މޫނަށެވެ. ހަގީގަތުގައި އާލިކް ފެނުމުން އެހެން އަންހެން ކުދިން ތުއިވެގެން، އަދި އޭނާއާއި ހެދި މޮޔަވެގެން އުޅޭތީ އޭނާ ވިޝާގެ ފަރާތުންވެސް އުންމީދުކުރީ އެފަދަ ކަމަކަށެވެ. ނަމަވެސް ވިޝާގެ މޫނުމަތިން ވަކި ހާއްސަ ގޮތެއް ނުފެނުމުން އާލިކްގެ  ފަހްރުވެރި ހިތަށް ފުރަތަމަ ފަހަރަށް އިސްޖަހާލަން މަޖުބޫރުވި ފަދައެވެ.

” ތޭންކްސް.. އަޅުގަނޑު ބޭނުން މަސައްކަތްތައް ގޮއްސަ ހުރި ހިސާބުގެ ކުޑަ ސަމަރީއެއް..” ވިޝާ އާލިކްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހުވެސް އިސް ޖަހާލީ އޭނާ ބަލަހައްޓައިގެން އިން ގޮތުންނެވެ. އެވަގުތުވެސް އާލިކް އަޅި ކުލައިގެ ލެންސް ލައްވާފައި އިނުމުން ހިތާއި ހިތުން ފޮނި ފިރިހެނެކޭވެސް ވިޝާ ބުނެލިއެވެ. އަޅެ ފަހެ އަޅި ކުލައިގެ ލެންސް ނުލިއްޔާ އެލޮލަށް ނުފެންނަނީ ހެއްޔެވެ؟

” މިއޮތީ ފައިލް.. ޔޫ ކޭން ގޯ އެހެޑް..” ވިޝާގެ އެއްވެސް ސަމާލުކަމެއް އާލިކްއަށް ނުހުއްޓުމުން އޭނާ  ހައިރާންވެސް ވިއެވެ. އެހާ ފުންކޮށް ބަލަހައްޓައިގެން ހުއްޓާ މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކަށް އެހާ ފަސޭހައިން އޭނާއާއި ދުރު ވެވިފައެއް ނުވެއެެވެ. މިއީ ކޮން ކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ އާލިކްގެ ހިތުގައި ވިޝާއާއި މެދު ފާޑެއްގެ ރުޅިވެރިކަމެއް  އުފެދިއްޖެއެވެ. ވަގުތުން ބަދަލު ހިފަންވެސް ބޭނުންވެއްޖެއެވެ. ވާނީވެސް އެހެންނެވެ. ފުރާވަރު އުމުރުފުރައަށް އެޅުނީއްސުރެ އޭނާ ފެންނަ ކޮންމެ އަންހެން ކުއްޖަކީ އޭނާއަށްޓަކައި ފިދާވާން ތައްޔާރަށް ތިބޭ ކުދިންނެވެ. އެކަމާއިހެދި އާލިކްއަށް ހުންނަނީ އަމިއްލައަށް އޭނާގެ ރީތިކަން ފެނިފައެވެ. ގިނަގިނައިން ކުދިންނާއި ރައްޓެހި ނުވިއަސް އަންހެން ކުދިން އޭނާގެ ފަހަތުން އުޅުމަކީ އޭނާއަށް އުފަލެއް ލިބޭ ކަމެކެވެ. އެހެން އެކަން އޮއްވާ މިއަދު އަދި އެހާ ރީތި ކުއްޖަކު އޭނާއަށް ސަމާލުކަން ނުދިނުމުން ހަގީގަތުގައިވެސް އޭނާގެ ފަޚްރުވެރި ހިތުގައި އަލިފާން ރޯ ކޮށްލައިފިއެވެ.

” އަސްލު މި އޮފީހުގެ ހުރިހާ ކަމެއް މިއަދަށްފަހު ބަލަހައްޓަންވާނީ ވިޝާ.. މިކޮޅުން ޕާޓްނާޝިޕް ބިޒްނަސްތައް ބެލެހެއްޓުން.. އޮފީހުގެ ކޮންމެ ޔުނިޓެއްގެ ހުރިހާ މަސައްކަތެއް ސަމަރައިޒްޑް ރިޕޯޓް މަސް ނިމޭ ތަނުން މި މޭޒަށް ލާންވާނެ..  މަސައްކަތް ލަސްވުމާއި ފުރިހަމަ ނުވުމަކީ ވަރަށް ނުރުހޭ ކަމެއް.. ހުރިހާ ކަމެއް އެންމެ ފުރިހަމަ ވާން ވާނެ.. ނޯ މިސްޓޭކްސް..” ވިޝާ އެނބުރި އޭނާގެ ގޮނޑިއަށް ދާން އުޅުނު ވަގުތު އާލިކް އަމުރުވެރި ގޮތަކަށް ފައްޗަކަށް އަމުނާލިއެވެ. އެވަގުތު ފައިލެއް ހިފާލައިގެން ހުރި ވިޝާ ކުޑަކޮށް ބުމަ އަރުވާލީ އާލިކްގެ ވާހަކަ ދެއްކުމުގައި ހުރި ބޮޑާ ގޮތްގަނޑު އަޑު އިވިފައެވެ. ވަގުތުން ޖަވާބުގައި އޭނާއަށް ކުރަން ޖެހޭ ކަންތައްތައް އެނގެޔޭ ބުނެފާނަމޭ ހިތަށް އެރި ނަމަވެސް އަނގައިން ނުބުނެ ކުޑަކޮށް ހިނިތުންވެލީ އާލިކްއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ވިޝާގެ އެ އާދައިގެ ހަރަކާތުންވެސް އާލިކްގެ އަތްތިލަ މުއްކެވިގެން ދިޔައެވެ. އޭނާ އެހެން އެބުނީ ވިޝާ ކަންބޮޑުވެގެން ނަމަވެސް އޭނާއަށް ސަމާލުކަން ހުއްޓާލާތޯއެވެ.

” އަދި އެއް ކަންތައް..” މޭޒާއި ދިމާއަށް ހނގައިގަތް ވިޝާ އަނެއްކާވެސް ހުއްޓުނީ އާލިކްގެ އަޑަށެވެ.

” މި އޮފީހުގައި ތިކަހަލަ ހެދުން ލައިގެންނެއް ނޫޅޭނެ އެއްވެސް ކުއްޖަކު.. ސޯ ޕްލީޒް.. ތަންކޮޅެއް އޮފިޝަލް ވެލާ..” އާލިކް ވާހަކަ ދެއްކީ ފަރުވާ ކުޑަ ގޮތަކަށް ކަމުގައިވިޔަސް އޭނާގެ ތުންފަތުގައި ކާމިޔާބުގެ ހިނިތުންވުމެއްވެއެވެ. ނުސީދާ ގޮތުން ވިޝާގެ ހެދުން އެޅުމަށް ފާޑު ކިޔާލެވުމުން އޭނާ ހީކުރީ ވިޝާ ރަކިވާނެ ކަމަށެވެ. އޭނާ އިސް އުފުލާ ވިޝާއާއި ހަތަރުކަޅި ހަމަކޮށްލީ ވިޝާ އައިސް އޭނާގެ މޭޒުމަތީގައި ބާރުބާރަށް ފައިލް ބާއްވާލުމުންނެވެ.

” ދަންނަވަންތޯ.. އަޅުގަނޑަށް އެނގިފައެއް ނެތް މިތަނުގައި ޔުނިފޯރމެއް ހުންނަ ކަމެއް.. މިއީ އަޅުގަނޑުގެ އަމިއްލަ ކަމެއް.. މިހާރު މީސްމީހުން ލައިގެން އަންނަ ނިވާކަން ކުޑަ ހެދުން ހެދުމަށްވުރެ މިހެދުމުގެ އޮފިޝިއަލްކަން ކުޑައެއް ނުވާނެ.. އެހެން ނޫނަސް މިކަހަލަ ހެދުމުގައި އޮފީހަށް ނާދެވޭނެ ކަމުގައި ގަވައިދުގައި އޮތްތަނެއް ނުފެނޭ.. ސޯ ޕްލީޒް.. އޭމް ސޮރީ..” އާލިކް އާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ އަޑަށް ބާރު ލާފައި ކެރި ހުރެ ވިޝާ ބުނެލި ޖުމްލައާއިއެކު އާލިކްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހީހެންނެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ މުވައްޒަފަކު އެގޮތަށް އޭނާއާއި  ވާހަކަ ދައްކާފައެއް ނުވެއެވެ. އައި ރުޅިން ދަތްކުނޑި ވިކާލުމަށްފަހު ކޮޅަށް ތެދުވިއިރު އާލިކްގެ މޫނުމަތި ހުރީ ރަތްވެފައެވެ.

” ފުރަތަމަ ދުވަހު ވެރިޔާ ކުރިމަތީގަ އެއްޗެއް ބުނަން ޖެހުނީތީ މަޢާފް ކުރައްވާ.. އެކަމު މިހެދުން އެޅުން ބަދަލެއް ނުކުރެވޭނެ.. ސަރ ބޭނުންނަމަ އޮފީހުން ކަނޑާލިއަސް އަޅުގަނޑަށް މައްސަލައެއް ނެތް..” ވިޝާ އަޑަށް ބާރުލާފައި އެހެން ބުނެލާފައި ގޮސް އިށީން އިރު  އާލިކްގެ ލޮލުން އަލިފާންކަނި ބުރަމުން ދާފަދައެވެ. އެއަންހެން ކުއްޖާ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ މަޑުމަޑުން ގޮނޑީގައި އިށީނދެ ވިޝާގެ މޫނަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން އާލިކް ވިސްނަންފެށީ އޭނާއާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. ކުޑަ ވަގުތުކޮޅެއްފަހުން އެ މޫނުމައްޗަށް ވެރިވެގެންދިޔައީ ފުޅާ އަދި ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާ ވިޝާ އޮފީހުން ކަނޑައެއް ނުލާނެއެވެ. އެކަމަކު އެކުއްޖާގެ ހެދުން އެޅުން ބަދަލު ނުކޮށް އޮފީހަށް އަންނާކަށްވެސް ނުކެރޭނެއެވެ.

އާލިކް ފާޑަކަށް ހީފައި ހުރެގެން ކެބިންގެ ތެރެއިން ނުކުމެގެން ދިއުމުން ވިޝާ ލޯ މަރާލުމަށްފަހު ގޮނޑީގައި ބޯ ޖައްސާލިއެވެ. އޭނާގެ ހިތުގައި ވަނީ ދިޔައީ ދާދި ދެންމެއަކު ހިނގާދިޔަ ހާދިސާއެވެ. ތެދުތެދަށް ބުނާނަމަ އެ އޮފީހުން ވަކިވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ހަމަ އެގޮތަށް އަމިއްލަ އިއްޒަތާއިމެދު މީހުން އެއްޗެހި ކިޔުމަކީވެސް އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ކަންތައްތައް ކޮންމެ ގޮތަކަށް ވެގެން ދިޔަޔަސް އޭނާގެ ދަރަޖަ ދަށުވެގެންދާފަދަ ގޮތަކަށް މީހަކު އެއްޗެއް ބުނެފިނަމަ ވިޝާއަށް މަޑުން ހުރުމަކީ އުނދަގޫ ކަމެކެވެ. މުއްސަނދިވެފައި، ރީތި ސިފައެއް ލިބިފައިވިޔަސް ވާހަކަ ދައްކަންވާނީ އެންމެންގެ ހާލަތާއިމެދު ވިސްނާފައެވެ. ހައްގަށެވެ. ވިޝާ މަޑުމަޑުން ލޯ ހުޅުވާޅިއެވެ. އޭނާ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެއެވެ. އަމިއްލަ ނަފްސުގެ އިއްޒަތުގެ ދިފާއުގައި ކުރި ކަމަކުން އޭނާ އޮފީހުން ކެނޑެން ޖެހުނަސް ފަރުވާލެއް ނެތެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ.

” އާނ.. މުވައްޒަފުންނަށް ހާއްސަ ޔުނީފޯރމެއް އުފައްދަން މި ހިޔާލު ކުރަނީ..” އޮފީހުގެ ކުރިމަތީގައި ހުރި ކެފޭގައި ކޮފީއެއް ބޯން އިނދެގެން އާލިކް ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެކުވެރިޔާ ވިކާޝްއާއިއެވެ.

” އެކަމު އާލިކް.. މުވައްްޒަފުން ލައިކް ވާ ކަމެއް ނޫނޭ ޔުނީފޯރމް ލުމަކީ.. ކީއްވެތަ ކުއްލިއަކަށް ތި ހިޔާލު އައީ..” ވިކާޝް އެކޮޅުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ރާގު ހުރިގޮތުން އާލިކްގެ ވިސްނުމާއި މާ ގަޔާ ނުވާކަން އާލިކްއަށް ޔަގީންވިއެވެ.

” ދެން ހަމަ ބޭނުންވާ ގޮތް.. އޭރުން ކުދިންނަށް މާ ފާޑު ފާޑު ފެޝަން ހެދުމެއް ނުލެވޭނެއެއްނު..” އާލިކް ކޮފީ ކޯވަރެއް ބޯލުމަށްފަހު ބުނެލިއެވެ. ހަގީގަތުގައި ކަން ވީގޮތް އޭނާ ވިކާޝްއަށް ކިޔައިދޭން ބޭނުންނުވީ އެކަމާއިވެސް ވިކާޝް އޭނާއާއި ދެކޮޅުވާނެކަން އެނގޭތީއެވެ. ތެދެކެވެ. އެކުގައި އެންމެ ގާތް ރަހްމަތްތެރިންގެ ގޮތުގައި އުޅޭއިރުވެސް ދެމީހުން މިޒާޖު އުޑާއި ބިމާހާއި ތަފާތެވެ. ވިކާޝްއަކީ އެހެން މީހުންގެ އިހުސާސްތަކަށް ލޯބިކުރާ، ހިތްހެޔޮ ޒުވާނެކެވެ.އެއާއި ޚިލާފަށް އާލިކްގެ ގައިގައި ހަރުލާފައި ހުންނަނީ ކިބުރުވެރި ގޮތެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މުއްސަނދިކަމާއި ރީތިކަމަކީ ދިރިއުޅުމުގައި އެންމެ މުހިންމު ދެކަމެވެ. އެކަންތައްތައް ހާސިލުވެއްޖެނަމަ ދިރިއުޅުންވެސް ކާމިޔާބު ވާނެއެވެ. އެކަމާއި ވިކާޝްވެސް ހިތްހަމަ ނުޖެހިގެން އެއްޗެހި ބުނެއެވެ. ނަމަވެސް ކޮންމެވެސް މޮޅު ވާހަކައަކުން އާލިކް އެކަން ހަމައަކަށް އަޅުވާލަނީ ރަހްމަތްތެރިކަމަށް ބުރޫ ނާރާ ފަދަ ގޮތަކަށެވެ.

” އޯކޭ.. އާލިކްގެ އޮފީސް ވިއްޔަ ދޯ.. ދެން ތިކަން ކުރަން ބޭނުންވީއެއްނުން.. ދެން ބަދަލެއް ނުވާނެ.. ގޮތްދޫނުކުރާ..” ވިކާޝް އެކޮޅުން ބުނެލި ޖުމްލައާއިއެކު އާލިކްގެ ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވިއެވެ. ކިތަންމެ މިޒާޖު ތަފާތުވިޔަސް އޭނާ ވިކާޝް ދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ކުއްޖަކު ދެކެވެސް ލޯބިނުވާ މިންވަރަށެވެ.

” އޯކޭ.. އޯކޭ  ދެން އަވަހަށް އަންނަން އުޅޭ އިނގޭ..” އާލިކް ފޯނު ބޭއްވީ ވިކާޝްގެ ދަތުރުގެ ވާހަކަވެސް އަހާލުމަށްފަހުގައެވެ. ވިކާޝް ދިޔަފަހުން މަސްދުވަސް ވީއިރު އާލިކްއަށް އޭނާ ނެތުމުގެ ފަޅުކަން އިހްސާސް ކުރެވެއެވެ. ކޮފީ ބޮއި ނިންމާލުމަށްފަހު އެނބުރި އޮފީހަށް ދާން ހިނގައިގަތް ވަގުތު އަނެއްކާވެސް އާލިކްގެ ފޯނު ރިންގުވާން ފެށުމުން އަވަސް އަވަހަށް ފޯން ނަގާ ސްކްރީނަށް ބަލާލުމާއިއެކު އޭނާގެ ދެބުމަ ގޮށްޖެހި، މޫނުމައްޗަށް ފޫހިކަން ވެރިވެއްޖެއެވެ.

” ކީކޭ ޝާޔާ..” ފޯނު ނެގުމަށްފަހު އާލިކް ވާހަކަދެއްކިއެވެ.

” ޝާޔާ.. ބުނީމެއްނު މިއަދު ބިޒީވާނެއޭ.. އޮފީސް ނިންމާ ގޮތަށް ދާނަމޭ.. އިނގޭ.. ދެން ބާއްވަނީ..” އެކޮޅުން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯން ކަނޑާލުމަށްފަހު އާލިކް ބޯ ހޫރާލިއެވެ. ޝާޔަންގެ ކަންތަކުންވެސް އޭނާގެ ބޯ ފަޅައިގެން ހިނގައިދާނެއޭ ހީވާ ފަހަރުވެސް އާދެއެވެ.

ދުވަހުގެ ބާކީބައިގައި އާލިކްއާއި ވިޝާއާއި މެދު އިތުރު ދެބަސްވުމެއް ނުހިނގައެވެ. ދެމީހުންވެސް އެމީހެއްގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައިރު ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓް ތަކާއި ބެހޭގޮތުން ވިޝާ އާލިކްއާއި ސުވާލުވެސް ކުރިއެވެ. އަދި އާލިކްވެސް އެއަށް ޖަވާބު ދެމުން އައީ މިއަދު އެދެމެދުގައި އެއްވެސް ކަމެއް ހިނގާފައި ނުވާ ފަދައަކުންނެވެ. ކުދި ކުދި މުއާމަލާތްތަށް ހިންގި ނަމަވެސް ދެމީހުންގެ ހިތުގައި އެކަކު އަނެކަކާއި ދޭތެރޭ ފޫހިކަން އުފެދިފައިވީ ހީނުކުރާހާ މިންވަރަށެވެ.

” ވިޝާ.. އަންނަންވީނުން ކޮފީއަކަށް.. ސަރ..” ވިޝާ ކުޑަ ވަގުތުކޮޅެއްގެ ބްރޭކެއް ނެގުމަށްފަހު ދަބަހުން އޭނާގެ މަންމަގެ ސިޓީ ނަގައިގެން ކިޔަން އިންދާ އެތަނަށް ދީމާ އައުމުން އަވަސް އަވަހަށް ސިޓީ ދަބަހުގެ ތެރެއަށް ލައިފިއެވެ. އޭނާ މަންމަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މިހާރު އެ ސިޓީ ކިޔައެވެ. އޭގެ ސަބަބުން ހިތައް ހަމަޖެހުން ލިބޭއިރު އޭނާއަށް އެ ސިޓީ މިހާރު ކިޔުނު އަދަދެއްވެސް ނޭނގެެއެވެ.

” ޔަހ.. މިދަނީ..” އާލިކް ދީމާއަށް ހިނިތުންވެލަމުން ޖަވާބުދިނެވެ.

“ވިޝާ..”  ” ހިނގާ ދާން..” ދީމާ ދެވަނަ ފަހަރަށް ވިޝާއަށް ގޮވާލުމުން އޭނާވެސް ހިނިތުންވެލަމުން ތެދުވެއްޖެއެވެ. ވިޝާމެން ކޮފީ ރޫމަށް ދިޔައިރު އެތަނުގައި އޮފީހުގެ 10 ވަރަކަށް މުވައްޒަފުން އުޅެއެވެ.

” ހެލޯ މޭމް.. މިއަދު އެންމެންނަށް ކޮފީ ހަދާދެނީ އަޅުގަނޑު އިނގޭ..” ވިޝާމެން އެތެރެއަށް ވަނުމާއިއެކު އަރީޝް ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މަޖާ މިޒާޖާއި އުޅޭ ގޮތުން އެންމެންވެސް ތިބެނީ ހީލަ ހީލައެވެ.

” ރީތިބަހުން ވާހަކަ ނުދެއްކިޔަސް އޯކޭ ވާނެ..” ވިޝާ ހީނލަމުން އަރީޝްއަށް ޖަވާބުދިނެވެ. އެވަގުތު އެންމެން އެންމެންނަށް ވިޝާއާއި ވާހަކަ ދައްކަންފެށިއެވެ. ވިޝާގެ ރަށާއި، އުމުރާއި އަދި އެކި އެކި އޭނާގެ ދިރިއުޅުމާއި ގުޅޭ އެކި އެކި ސުވާލުތައް ކުރިއެވެ. ވިޝާވެސް ހިނިތުންވެލައިގެން  އިނދެ އެމީހުންނަށް ޖަވާބު ދެމުން ދިޔަނަމަވެސް އޭނާއާއި ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް ނުދެއެވެ.

” އަސްލު ވިޝާ ކަހަަލަ ސަޅި ކުއްޖަކު ބޮސްއަކަށް ވީމަ ވަރަށް އުފަލުން މިތިބެނީ ދޯ މޯޑު..” ވާހަކަ ދައްކަމުން ދައްކަމުން ޝާން އެއް ލޯ މަރާލުމަށްފަހު މޯޑުއަށް ދޯ އެއްލިއެވެ.

” ހޫމްމް.. މިހާރު ފްލަރޓް ކުރަން ފެށީ.. އޭނަގެ ވައްތަރު އިނގޭ ވިޝާ.. މިތަނަށް ނާންނާނެ ޝާން ހިތާނުވާ އަންހެން ކުއްޖެއް..” ލިމްނާ ތުން އަނބުރާލަމުން ޝާންގެ އަތުގައި ވިކައިގަތެވެ. އެވަގުތު އެންމެންނާއިއެކު ވިޝާވެސް  ހޭންފެށިއެވެ. އެންމެންގެ އެކުވެރިކަން ފެނި ވިޝާ ހުރީ ވަަރަށް ހިތްހަމަޖެހިފައެވެ.

” ސްވީޓް ހާރޓް.. ދެން އެނގެއެއްނު މަޖާ ކޮށްލަނީކަން..” ޝާން ލިމްނާގެ ކޮލުގައި ފިރުމާލަމުން ވަރަށް ލޯބިން ބުނެލިއެވެ. އެވަގުތު ލިމްނާ ހިނިތުންވެލި ގޮތުންނާއި އެދެމެދުގައި އޮތް ގާތްކަމުގެ ސަބަބުން އެއީ ހަމަ އެކަނި އެކުވެރިން ނޫންކަން ވިޝާއަށް އެނގުނެވެ.

” ކަމެއްތަ؟..” ކުޑަކޮށް ހީނލަމުން ވިޝާ ލިމްނާއަށް ބުނެލިއެވެ. އެވަގުތު އެންމެން އެއްފަހަރާ އެދެމީހުންނާއި ދިމާކޮށް ސަކަރާތް ޖަހަން ފެށިއެވެ.

” ހާދަ މަޖާ ދުވަހެކޭ ދޯ.. ކޮން ކަމެއްތަ އޮތީ..”  ތަނުގެ މަޖާ މާހައުލަށް ކުޑަ ހިމޭންކަމެއް ގެނުވީ އާލިކް އެތެރެއަށް ވަނުމުންނެވެ.

” މީ ވިޝާ އަށް މިތަނުގެ ވާހަކަތައް ކިޔައިދެނީނުން..” އާލިކް ގޮނޑިއެއްގައި އިށީނުމުން އޭނާއަށް ޖަވާބު ދިނީ އަރީޝްއެވެ. އެވަގުތު އާލިކް ފާޑަކަށް ވިޝާއާއި ދިމާއަށް ބަލާލިއިރު އޭނާ އިނީ އިސް ޖަހާލައިގެންނެވެ. އެވަގުތުވެސް އަމިއްލަ ނަފްސު ބޭނުން ނުވިކަމުގައިވިޔަސް ވިޝާގެ މޫނުގައިވީ މައުސޫމްކަމަށް އޭނާގެ ކަޅި ހުއްޓިލިއެވެ.

” ސަރ މިއަދު ލަވައެއްވެސް ނުކިޔާ ދުވަހެއްތަ؟..” ޝާން ލާނެތް ހިނިތުންވުމަކާއިއެކު އާލިކްއަށް ބުނެލިއެވެ. އާލިކްގެ ފިރިހެންވަންތަ ރީތި އަޑުން ކިޔާ ލަވަ އަޑު އެހުމަކީ އެތާނގެ ކޮންމެ މުވައްޒަފަކުވެސް މަރުދޭ ކަމެކެވެ.

“މިއަދު ލަވަ ކިޔަން ޖެހޭނީ އަލަށް އައި ކުއްޖާއާ އެއްކޮށެއްނު ..  ދޯ ވިޝާ..” އާލިކް ފުން ބަލާލުމަކާއިއެކު ވިޝާއަށް އެހެން ބުނެލީ ޖެއްސުމަށެވެ. އެވަގުތު ވިޝާއަށް ސިހިފައި އާލިކްގެ މޫނަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެގެންނެވެ.

” ޔެސްސް.. ވިޝާ ލަވައެއް.. ވިޝާ.. ވިޝާ..” އެންމެން އެކީގައި ހެން ވިޝާގެ ގާތުގައި ލަވަ ކިޔަން އެދުމުން އޭނާ ކަންތައް ބޮޑުވިއެވެ. ކިތަންމެ ކުރާ ހިތްވާ ކަމެއް ކަމުގައި ވިޔަސް މީހުން ކުރިމަތީގައި ލަވަ ކިޔުމަކީ ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫން ވިއްޔާއެވެ. ވިޝާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުގެ ސަބަބުން އާލިކް އިނީ ބަނޑަށް ހީލަ ހީލައެވެ. ޔަގީނެވެ. އެ އަންހެން ކުއްޖާއަށް ލަވައަކީ ކޮން އެއްޗެއްކަންވެސް ރަނގަޅަށް ނޭނގޭނެއެވެ. ހަމަ ގައިމުވެސް ރަކިވާ ވަރު ކަމެއް ޖެހިއްޖެތާއެވެ. އޭނާއަށް ހެވޭވަރުން އަނގަމަތީގައި ބޮޑުވައި އިނގިލި ޖައްސާލަމުން ދުރު ބަލާލިއެވެ.

” އޯކޭ.. އޯކޭ.. ތިވަރު ނުކުރިޔަސް ލަވަ ކިޔައިދީފާނަމޭ.. ކޮން ލަވައެއްތަ ކިޔަންވީ؟.. ” ވިޝާ ހަމަ ޖެހިލަމުން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެއަޑަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ހިނިތުންވެލައިގެން އިން އާލިކްއަށެވެ. އޭނާއަށް ދޫނުކުރަން އެކަންވެސް ކުރަނީ ހެއްޔެވެ؟

” ފެނިފާ ކަލާ..ސަރ ވެސް ވަރަށް ރީތިކޮށް ކިޔާ ލަވައެއް އެއީ..” ކުއްލިއަކަށް ދީމާ ބުނެލިއެވެ. އެއާއިއެކު އެހެން އެންމެން އޭނައާއި އެއްބަސްވިއެވެ. އޭރު އާލިކް އިނީ ވިޝާ ލަވަ ފަށާނެ އިރެއްގެ އިންތިޒާރުގައެވެ. އެނގިދާނެތާއެވެ.

” ފުރަތަމަ ނަޒަރުން މިހިތް… އަތުލައިފިޔޭ…

ޔާރާ ސިއްރުން މިހިތް… ކަތިލައިފިޔޭ…

ހިތް ކަލާ… އަތުލައިފިޔޭ…..”  ވިޝާ ލަވަ ކިޔަން ފެށުމާއިއެކު އެ ރީތި އަންހެންވަންތަ އަޑުގެ ސަބަބުން އެންމެންވެސް ތިބީ އަނގަ ހުޅުވޭ ވަރު ވެފައެވެ. ހާއްސަކޮށް އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހާދަހާ ރީއްޗެވެ. އަޑު އިވުނަސް މީހެއްގެ ހިތައް ހަމަޖެހުން ގެނުވައިދޭނެއެވެ. ވިޝާ ކިޔަމުން އެދާ ލަވައިގެ ބައިތަކަކީ އާލިކްއަށް ބުނާ އެއްޗެކޭ އޭނާގެ ހިތައް އަރަމުން ދިޔައީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނުނެވެ.  ލޯ މަރާލަމުން އާލިކްއަށް ލަވައިގެ އަނެއްބައި ކިޔަން ފެށުނީ އިހްތިޔާރަކާއި ނުލައެވެ.

“ފެނިފާ ކަލާ ވެޔެ ބޭޤަރާރް…

ތިޔެ ހިތް ކުރާ ފޮނި އިންތިޒާރްް…

އާލިކްގެ ރީތި އަޑު އިވުމުން ވިޝާވެސް އިނީ ހައިރާންވެފައެވެ. ލޯ މަރާލައިގެން އިނދެ އޭނާގެ ފިރިހެންވަންތަ އަޑުން ފޯރީގައި ލަވަ ކިޔަމުން ދިޔައިރު އެއަޑުގެ މަޑުމައިތިރިކަން އޭނާގެ ހިތައް ގޯނާ ކޮށްފިއެވެ. އެ އަސަރުގަދަ ލަވައިގެ ބައިތުތައް އެހިތުގައި ހަރުލާން ފެށީ އިހުތިޔާރަކާއި ނުލައެވެ. ލަސްލަހުން އޭނާވެސް ލޯ މަރާލުމަށްފަހު ލަވައިގެ ދެން އޮތްބައި ކިޔަން ފެށިއެވެ.

” ބުނެލާ ހިތް ވިޔަސް… ނުކެރޭ ދޫ ބަންދުވޭ..

ލަވަ ކިޔާ ނިންމާލެވުނު އިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ހިތވެސް ބުނަމުން ދިޔައީ ލަވައިގެ ގޮތުގައި އެކިޔާލީ އަނެކާގެ ހިތުގެ އަޑު ކަމުގައެވެ. ވިޝާގެ މަޑު މުށިކުލައިގެ ލޮލާއި އެކު އާލިކްގެ ތޫނު ދެލޯ ގުޅިފައިވާއިރު ޖާދޫއެއް ފަދައެވެ.

5

“ވާއު.. ހާދަ ރީއްޗޭ ވިޝާ.. އަޅޭ ލަވަކިޔުންތެރިއަކަށްވެސް ވެވިދާނެ.. އެހާ ރީތި..” އާލިކްގެ އަޖައިބެއްފަދަ މޫނަށް ބަލަހައްޓައިގެން އިން ވިޝާ ސިއްސައިގެން ދިޔައީ ލިމްނާ އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.

” އެއީ ތެދެއް.. ސަރ އާ ދެމީހުން ކިޔާލީމަ ވަރަށް ސަޅި.. އިޓް ވޯޒް އޯސަމް..” އަރީޝްވެސް ލިމްނާއާއި ބައިވެރިވެލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އޭނާގެ ރަތްވަމުން ދިޔަ މޫނު ފޮރުވުމުގެ ގޮތުން އިސްޖަހާލީ ހިނިތުންވެލަމުންނެވެ. ނަމަވެސް އާލިކް އޭރުވެސް އިނީ ވިޝާގެ މޫނަށް ބަލަހައްޓައިިގެންނެވެ. ވިޝާގެ ލަވަކިޔުމާއިމެދު ހަސަދަވެރިވެފައިވާ އޭނާގެ ހިތް ދެވަނަ ފަހަރަށް ވިޝާގެ އަޑު އަހާލުމަށް އެދެންވީ ސަބަބެއް އާލިކްއަކަށް ނުވިސްނުނެވެ. އެންމެން އެންމެންނަށް ވިޝާގެ ލަވަކިޔުމަށް ތައުރީފް ކުރަމުން ދިޔައިރު އާލިކްގެ ނަޒަރު ވިޝާއަށް ހުއްޓިފައިވާ ކަމެއް އެމީހުންނަށް ފާހަގައެއް ނުވިއެވެ.

” ހުމް.. ދެން ކޮފީ ބޯން ވީނުން.. ކޮބާ ކާލާނެ އެއްޗެއް ނެތްތަ؟..” އާލިކްއަށް ކުޑަ ސިހުމެއް ލިބުނީ އަރީޝް އޭނާގެ އަތަށް ކޮފީ ޖޯޑެއް ދިނުމުންނެވެ. ފުންނޭވާއަކާއިއެކު އޭގައި ހިފިއިރުވެސް އާލިކްގެ ހިތުގައި ދެންމެ ކިޔާލި ލަވައިގެ ބައިތުތައް ހަރުލާފައި ހުއްޓެވެ.

” ނޫނޭ.. މަ ގެނައިން ވަރަށް މީރު ބިސްކޯދެއް..” ލިމްނާ އޭނާގެ ދަބަހުން 3 ބިސްކޯދު ބޮނޑި ނެގުމަށްފަހު ކޮފީ މޭޒުގައި ބޭއްވިއެވެ.

” ވިޝާ.. ކީކޭތަ މީހުން ލޯބިން ކިޔަނީ..” ބިސްކޯދެއް ކަނޑާލަމުން ޝާން ވިޝާއާއި ސުވާލުކޮށްލީ ހިނިތުންވެފައި އިނދެގެންނެވެ. ވިޝާއާއި ބޮޑަށް ރަހްމަތްތެރިވުމަށް އޭނާ އެދެމުން ދިޔައީ އިންތިހާއަށެވެ.

” ހހ.. ވިޝޫ ކިޔަނީ..” ވިޝާ ލުއި ހީނލުމަކާއިއެކު ޖަވާބު ދިން ވަގުތު ކޮފީ ތަށި ތުނބުގައި ޖަހައިގެން އިން އާލިކްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން ވިޝާއަށް އެނގުނެވެ. ނަމަވެސް  އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އާލިކްގެ ތޫނު އަދި ގޮތް ނޭނގޭ ބެލުމަށް އޭނާ ހޭނެން ޖެހިފައިވާކަން އެނގުމުންނެވެ. އެންމެން އެކި އެކި ވާހަކައިގައި ތިބެ ކޮފީ ބޮމުން ދިޔައިރު އާލިކްގެ ހަމަހިމޭންކަމަކަށް އެކަކުވެސް ސަމާލުކަމެއް ނުދެއެވެ. ހަގީގަތުގައި އާލިކްއަކީ  ވާހަކަ ދެއްކުން މަދު ޒުވާނެއްކަމުން އެކަކުވެސް އެކަމާއި އަޅާ ނުލަނީއެވެ.

” އޭހހ.. ކާކު ފޯނެއް.. ވިޝޫގެ ދޯ..” އެންމެން ވާހަކައިގައި ތިއްބާ ކޮފީ މޭޒުގައި އޮތް ފޯނެއް ރިންގުވާން ފެށުމާއިއެކު ދީމާ ބުނެލިއެވެ. އެވަގުތު ކޮފީ މޭޒުގެ ކުރިމައްޗަށް އިން އާލިކްއަށް ބޭ އިޚްތިޔާރުގައި ވިޝާގެ ފޯނަށް ނަޒަރު ހުއްޓާލެވުނީ ކޮން މަގްސަދެއްގައި ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

” ޒައިދު.. ހުމްމް ހާއްސަ ކުއްޖެއްތަ؟..” ކޮފީ މޭޒުން ވިޝާގެ ފޯނު ނެގުމަށްފަހު ވިޝާއަށް ދިއްކޮށްލަމުން ލިމްނާ ބުނެލި އެއްޗަކުން ވިޝާގެ ހިތް އަވަސްވެލިއެވެ. ހަމަ އެއާއިއެކު އާލިކްއަށް އެއަޑު އިވިފައި އަތުގައި އިން ޖޯޑުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓާލެވުނީ އިހްތިޔާރަކާއި ނުލައެވެ. އަވަސް ނަޒަރަކުން ވިޝާގެ މޫނަށް ބަލާލުމާއިއެކު އެމޫނަށް ވެރިވެފައިވާ ކަންބޮޑުވުން އޭނާއަށް ނަގައިގަނެވުނެވެ.

” ނޫން.. ރަ.. ރައްޓެއްސެއް..” ވިޝާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ.

” އެހެން ވީއިރު ނަގާބަލަ.. ކިހިނެތްތަ ވީ..” ވިޝާ ފޯނަށް ބަލަހައްޓައިގެން އިންނަަން ފެށުމުން ލިމްނާ އޭނާގެ އަތުގައި ޖަހާލިއެވެ. އެވަގުތު ވިޝާ ގަދަކަމުން ހިނިތުންވެލަމުން ފޯނު ނެގީ އެ ނޫން ގޮތެއް ނެތްކަން އެނގުމުންނެވެ.

” ހަ.. ހަލޯ..” ވިޝާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭރުވެސް އާލިކް ދެބުމަ ކައިރިކޮށްލައިގެން އިނދެ ވިޝާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.

” ވިޝޫ މަށޭ.. މަ ފޯނުގަ ލާރި ނެތީމަ ޒައިދު ފޯނުން މިގުޅީ.. އިނގޭތަ މިރޭ ރަންކިޔާ ރޭ..” ނޭވާ ހިފަހައްޓައިގެން އިން ވިޝާ ޒުމާގެ އަޑު އިވުމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހަމައެއާއިއެކު އެ މޫނުމަތީގައި ރީތި ރީތި ފުޅާ ހިނިތުންވުމެއްވެސް ދުވެލިއެވެ.

” އޭ.. އަސްލުތަ؟.. އަޅޭ އައި މިސް ޔޫ އިނގޭ..” ވިޝާ ތަންކޮޅެއް އަޑު ގަދަވާތީ ވާހަކަ ދައްކަމުން އެތަނުން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއިރު އޭނާ ބުނެލި ޖުމްލަ އަޑު އިވުނު އާލިކްގެ މޫނަށް ވީގޮތެއް  ނުފެނެއެވެ. ވިޝާ އެކަހެރިވެލައިގެން ހުރެ ހީނހީނފައި ފޯނުން ވާހަކަ ދައްކާތަން ފެނުމުން އާލިކްއަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. މިތަނަކީ ބިޓުންނާއި ގުޅަން އަންނަ ތަނެއް ނޫނޭ ބުނެފާނަމޭ ކިތަންމެ ފަހަރަކު އޭނާގެ ހިތައް އަރައެވެ. ނަމަވެސް އަނެއްކޮޅުން އޭނާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައީ އެމަންޒަރު ފެނުމުން އޭނާ ރުޅިގަދަވާންޖެހޭ ސަބަބެއް ނޭނގިގެންނެވެ. އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން އާލިކްއަށް އެތަނުން ތެދުވެގެން  ނުކުމެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެމަންޒަރު ފެނުމުން އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރުން ބަލަމުން ދިޔައިރު ބޮސް ހިތްހަމަ ނުޖެހެންވީ ސަބަބެއް ނޭނގިގެން ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ނަމަވެސް އެމީހުންނާއި ޚިލާފަށް ވިޝާ އެކަމާއި މާބޮޑަށް އަޅައެއް ނުލައެވެ. އޭނާ ދެކޭގޮތުގައި ވާނުވާ ނޭނގި ރުޅި އައިސްގެން އެދަނީ ހަމަ ގޮތް ބޮޑު ކުރާށެވެ. ހިސާބަށްވުރެ ފޮނީއެވެ. ވިޝާ މޫނު ހަދާލަމުން ދޮރާއި ދިމާއަށް ބަލާލީ ފަރުވާ ކުޑަ ގޮތަކަށެވެ.

” މި ހަޔާތަށް ޔާރު ދެން ހާއްސަވޭ.. ނުބަލާށޭ އޭ ހިތައް……” މަޑު މަޑު ރާގެއްގައި ކެބިންގެ ތެރެއަށް ވަން ވިޝާ ކުއްލިއަކަށް ލަވަ ހުއްޓާލީ ގޮނޑީގައި އިން އާލިކް ބަލާލުމުންނެވެ. އޭނާއަށް ނޭނގުނު އެއްޗަކީ އާލިކްވެސް ހިތާއިހިތުން އެލަވައިގެ އަނެއްބައި ފުރިހަމަކޮށްލިކަމެވެ. މޫނުމަތީގައިވާ ފަނޑު ހިނިތުންވުން ސީރިއަސް ކަމަށް ބަދަލުކޮށްލުމަށްފަހު ވިޝާ ގޮނޑީގައި އިށީންއިރުވެސް އާލިކް އިނީ ބަލަހައްޓައިގެންނެވެ.

” މިއީ ބަލަން ކެރޭ ފިރިހެނަކީ.. މިއަދު އަދި އެ ލޮލުން ސަލާމަތް ނުވެ..” ހިތާއިހިތުން އާލިކްއަށް އެއްޗެހި ކިޔަމުން ދިޔައިރު ވިޝާގެ މޫނުމަތިންވެސް ނުރުހުންވުން ފާޅުވެއެވެ. އާލިކްވެސް ބެލުން ތިރިކޮށްލުމަށްފަހު އަތުގައި އޮތް ގެލެކްސީ އެސް ތްރީ ފޯނަށް ނަޒަރު ހުއްޓާލީ ވިޝާގެ ފަރުވާކުޑަކަމުގެ ސަބަބުން ނުރުހުންވެ އިނދެއެވެ.

އޮފީހުގެ ވަގުތު ހަމަވުމުން ދަބަސް ހިފައިގެން ވިޝާއަށް ކެބިންއިން ނުކުމެވުނު އިރު 4 ޖަހައިފިއެވެ. އޭރު ދީމާއާި ލިމްނާއާއި އަދިވެސް އޮފީހުގެ ދެއަންހެން ކުދިން އޭނާގެ އިންތިޒާރުގައި ތިރީގައި ތިއްބެވެ. ވިޝާ ނުކުމެގެން ދިޔައިރުވެސް އާލިކް ފޯނާއި ކުޅެލަ ކުޅެލާ އިނެވެ. އޭނާގެ އަލި  މޫނުމައްޗަށް ބަލާލުމުން ވަރަށް ގިނަ ކަންތައްތަކާއި ވިސްނަމުން ދާކަން ފެނެއެވެ. މީހުންގެ ކުރިމަތީގައި ހަމަ ޖެހިލައިގެން، ގޮތުގައި ހުރިކަމުގައިވިޔަސް އޭނާގެ ދިރިއުޅުމުގައިވެސް ނުތަނަވަސްވާ ފަދަ ކަންތައްތައް ހިނގަނީތާއެވެ. އިރުކޮޅަކު އެހެން އިނދެލުމަށްފަހު އާލިކް ތެދުވެގެން ހިނގައިގަތީ އޮފީހުން ނުކުތުމަށެވެ. ބޭރަށް ނުކުމެ ލޮލުގައިއަވި އަިނު އަޅާލުމަށްފަހު އަތުގައި ކޯޓު އަޅުވާލައިގެން އޭނާގެ ކާރާއި ދިމާއަށް ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ މަންޒަރު ބަލަންވެސް އެހިސާބުގައި ދެތިން އަންހެން ކުއްޖަކު އާ ޝޯޚްވެފައި ތިއްބެވެ. އެކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދިނަސް އެކަމުގެ ސަބަބުން އާލިކްގެ ތުންފަތްމަތީގައި ފޮނި ހިނިތުންވުމެއް ހަރުލާފައި ހުއްޓެވެ. އާލިކް ކާރަށް އަރާ އަޑުގަދަކޮށް ލަވަ ޖަހާލުމަށްފަހު ނައްޓާލިއިރުވެސް އެކުދިން ބަލަހައްޓައިގެން ތިއްބެވެ.

އާލިކްގެ ކާރު އާދައިގެ ދުވެއްޔެއްގައި ގޮސް މަޑުކޮށްލީ ހެންވޭރު ކޮޅުގައި ހުރި ގެއެއްގެ ކުރިމައްޗަށެެވެ. ކާރުން ފޭބުމަށްފަހު އަތުގައި އޮތް ގަޑިއަށް ބަލާލަމުން އޭނާ އެގޭ ތެރެއަށް ވަނީ އާދައިގެ ހިނގުމެއްގައެވެ.

” އާދެވިއްޖެ ދޯ.. އަހަރެން ކޮން އިރެއް އެކަނި އިންނަތާ.. ދޮންތަ ހުޅުމާލެއަށް ދިޔައީމައޭ އެހާ ވަރަށް ގުޅީ..” ދޮރު ހުޅުވާލާފަ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އާލިކްގެ ކަންފަތުގައި ޖެހުނީ އޭނާ އަހާ އަހާ ވަރުބަލިވެފައިވާ އަޑެކެވެ. ވީ ފޫހިން ދެދަތްޕިލަ ޖައްސާލާ ބާރުކޮށްލީ އެތެރެ ހައްޓަށް ވެރިވެގަތް ރުޅިގަނޑު ހިފަހައްޓާލުމުގެ މަގްސަދުގައެވެ. އަދި މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ލަސް ފިިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. ހުދުކުލައިގެ ފާރުތަކާއިއެކު، ޓައިލްސް ޖަހާފައިވާ ފުދޭވަރަކަށް ތަނަވސް އެ ސިޓިންގ ރޫމްގެ ތެރޭގައި ހަރުލާފައި ހުރީ ޓީވން ދައްކަމުންދިޔަ އިނގިރޭސި ފިލްމުގެ އަޑެވެ. އޭރު ސިޓިންގ ރޫމުގެ އެއްފަރާތުގައި ހުރި މެރޫން ކުލައިގެ ސޯފާގައި ދިގުދިގަށް ދަމާލައިގެން ޝާޔަން އޮތްއިރު ލައިފައިވާ ދަނބުކުލައިގެ ޓީޝާޓްކޮޅު ކުރުކަމުން ބަނޑުން ބޮޑުބައެއްވެސް އޮތީ ހާމައަށެވެ. ކަކުލާއި ހަމައަށް އަންނަ ހުދު ހަރުވާޅުބުރީގެ ސަބަބުން އޭނާގެ ދޮން، އޮމާން ދެފައިވެސް އޮތީ ހާމައަށެވެ. އެއްއަތުން ޗިޕްސް ދަޅެއް ހިފައިގެން އަނެއް އަތުން ހުއްޓުމެއްނެތި ޗިޕްސް ކަމުން ގެންދިޔައިރު އޭނާގެ ކަޅުކަންގަދަ ބޮޑު ދެލޯ އަމާޒުވެފައި ހުރީ ޓީވީ ސްކްރީނަށެވެ.

” ޝާޔާ.. ކޯޗެއް ތި ބަލަނީ..” އާލިކް ގޮސް ސޯފާގެ އެއްކޮޅުގައި އިށީނދެލުމަށްފަހު ޝާޔަންގެ ފައިމަތީގައި އަތްބާއްވާލީ ނުހަނު ލޯބިންނެވެ. އެވަގުތު ކުއްލިއަކަށް ކަހަލަ ގޮތަކަށް ތެދުވި ޝާޔަން އާލިކްގެ އަތް ފޮޅުވާލީ ނުރުހުންވެފައި ހުރެގެންނެވެ. ލައިގެން ހުރި ޓީޝާޓްކޮޅުގެ އަތްކޮޅު ކުރުކަމުން އޭނާގެ ދޮން އަތާއިއެކު ހިމަ ދިގު އިނގިލިތަކާއި އަދި ރަތްކުލައިން ޖަރީކޮށްފައިވާ ދިގު ނިޔަފަތިތަށްވެސް ފެންނަނީ ނުހަނު ފާޅުކަންބޮޑު ގޮތެއްގައެވެ. ވޫލްކޮޅަކުން މައްޗަށް އައްސާލާފައި އޮތް ބުޅި އިސްތަށިކޮޅު ކަނދުރާއާއި ހަމައިގައި ހުރިއިރު، އެ އިސްތަށިކޮޅު ބްރައުން ކުލައަކުން ޑައީކޮށްލާފައިވާތީ އޭނާގެ ދޮން ދޮން ވަށްމޫނާއި ނުހަނު ގުޅެއެވެ.

” މާ ލޯބިވާ ކަމަށް ހަދައިގެން.. ތިހާ ލޯބިވާނަމަ މިއޮށް ހުރިހާ އިރު ކީއްވެ ނާދެވުނީ..” ދެބުމަ ކައިރިކޮށްލުމަށްފަހު ރުންކުރު ގޮތަކަށް ޝާޔަން ބުނެލި ޖުމްލައިން އާލިކް މޫނު އަނބުރާލީ ބޯވެސް ހޫރާލަމުންނެވެ. ވާނީވެސް އެހެންތާއެވެ. ޝާޔަންއަށް ވިސްނައިދީދީ އޭނާ މިހާރު ވަރުބަލިވެއްޖެއެވެ. ރައްޓެހިވެގެން އުޅޭއިރު މިވަރިއްޔާ ކައިވެންޏަށްފަހު އަދި ކިހާވަރެއް ދައްކާލާނެ ހެއްޔެވެ؟

” ޝާޔާ.. މިއައީނުން ހަމަ އޮފީސް ނިންމި ގޮަތަށް.. ދެންން ރުޅި މަޑުކޮށްބަލަ..” އާލިކް ކިތަންމެ ރުޅި އައި ކަމުގައިވިޔަސް އެކަން ފޮރުވަމުން ދިޔައީ ޝާޔަންއަށްޓަކައެވެ. އޭނާ ޝާޔަންގެ އަތުގައި ހިފާލީ އޭނާއަށް ވިސްނައިދިނުމުގެ ގޮތުންނެވެ.

” ކޮން ބިޒީއެއްތަ ދެން ވާނީ.. ޔަގީނޭ އޮފީހުން އަންހެނަކާ ހިތާވީކަން.. ބުނޭ ރަނަގަޅަށް..” އާލިކްއަށް ލޯ އަޅާލަމުން ޝާޔަން ކޮޅަށް ތެދުވީ އަތްވެސް ފޮޅުވާލަމުންނެވެ. އެވަގުތު އާލިކް އޭނާގެ ދެއަތުން މޫނު ފޮރުވާލީ ހަދާނެ ގޮތް ބޮޑުވެގެންނެވެ.

” ޝާޔާ..” އާލިކް އަނެއްކާވެސް ތެދުވެ ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ނަމަވެސް މިފަހަރުވެސް ޝާޔަންގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ.

” ނޫޅެމޭ ތިހަދާ ދޮގުތައް އަޑު އަހާކަށް.. އަހަރެން ބުނީމަ އަހަރެން ކައިރިއަށް ނާދެވެނީ.. އޮފީހުގަ އަންހެން ކުދިންނާއެކު ސަކަރާތް ޖަހަން އޮންނަން ހެޔޮ ހަތަރުދަން ވިޔަސް…….”       ” ޝާޔަންން..” ޝާޔަންގެ ވާހަކަ ހުއްޓުވަމުން އާލިކް ހަޅޭއްލަައިގަތް އަޑަށް ޝާޔަންވެސް ސިހުނެވެ. އާލިކްގެ ރުޅި އައިސް ރަތްވެފައިވާ މޫނަށް ބަލާލަމުން ފަހަތަށް ޖެހިލީ އޭނާއަށް ހައްދުން ނެއްޓިއްޖެކަން ގަބޫލުކުރެވުމުންނެވެ.

” އަބަދު ޝަކުވާ.. އަބަދު ޝަކުވާ.. ޝަކުވާ ކުރުމާއި ޝައްކު ކުރުން ނޫން ކަމެއް ޝާޔަންއަކަށް ނޯވޭ.. ކިތައް ފަހަރުތަ ބުނަންވީ ތިވައްތަރަށް އަބަދު ވާހަކަ ނުދައްކާށޭ.. މަށެއް ނުދަމޭ ފާޑު ފާޑު އަންހެނުން ގޮވައިގެންނެއް.. އަޑެއް ނީވޭތަ.. ކުޑަކުއްޖެއްތަ ތީ ފެންނަ އިރަށް ބޮޑާ ހާކަން..” އާލިކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން ޝާޔަންގެ އަތު މުލައްދަނޑީގައި ހިފިއިރު ރުޅި އައިސްގެން ތުރު ތުރު އަަޅައެވެ. ކައިރިކޮށްލާފައިވާ ވަރުގަދަ ދެބުމައާއިއެކު ރަތްވެ ދާހިއްލާފައިވާ އެމޫނު ފެނުނަސް މީހަކު ފިތްކަނޑައިގެންދާހާވެއެވެ. އޭރު ޝާޔަން އާލިކްގެ މޫނަށް ބަލަހައްޓައިގެން ރޮވިފައި ހުރީ ބިރުން ގޮސް ރޫރޫ އަޅާ ހާލުއެވެ. ވާނީވެސް އެހެންނެވެ. އާލިކްގެ ގަދަ ރުޅިގަނޑަކީ އޭނާއަށް މަދުމަދުން ފެނުނު ކަމުގައިވިޔަސް އާންމުކޮށް ފެންނަ އެއްޗެއް ނޫނެވެ. އޭނާ އެހާ ވަރަށް ރުޅި އަންނާނީ ކަންތައްތައް މާމައްޗަށް ދިޔައީމައެވެ.

“ކިތަންމެ ވަރަކަށް ބުންޏަސް ޝާޔަންއަށް ވިސްނޭތަ؟..” ޝާޔަންގެ އަތުން ދޫކޮށްލަމުން އޭނާއަށް ފުރަގަސް ދިން އިރު އާލިކްގެ އަޑުން ކޮންމެވެސް ވަރަކަށް މަޑުމައިތިރިކަން ފާޅުވެއްޖެއެވެ. އެހެނަސް އެއީ ރުޅިގަނޑު މައިތިރިވެގެންނެއް ނޫނެވެ. ޝާޔަންގެ ދެލޮލުގައިވާ ކަރުނަތައް ފެނުމުންނެވެ. އިރުކޮޅަކުން ލޯ މަރާލުމަށްފަހު ފުން ފުން  ނޭވާއެއް ބޭރުކޮށްލަމުން އޭނާ އަނެއްކާވެސް ޝާޔަންއަށް ކުރިމަތިލީ އޭނާގެ ގިސްލުމުގެ އަޑު އިވުމުންނެވެ. އޭރު ދެއަތް މޭގައި ބޮނޑިކޮށްލައިގެން ހުރެ ޝާޔަން ގިސްލަގިސްލާފައި ރޮމުން ދެއެވެ.

” އޭމް ސޮރީ..ހހހ” ފުން ނޭވާއަކާއިއެކު އާލިކް ޝާޔަން ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެއާއިއެކު އާލިކްގެ ގައިގައި ބައްދާލަމުން ޝާޔަން އިހުނަށްވުރެ ބާރަށް ރޯންފެށިއެވެ. އެއީ އެދެމީހުންގެ އާދައެވެ. ޝާޔަންގެ ޝަކުވާ ގިނަވުމުން ރުޅި އައިސްގެން ހަޅޭއްލަވައިގަތަސް ފަހުގަޑީގައި މަޢާފަށް އެދެން ޖެހޭނީ އާލިކްއަށެވެ. އާލިކް ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ބޭނުންނުވާއިރުވެސް ޝާޔަން ފަހަތުލައިގެން އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ދެކިގެން އާލިކް އުޅެނީ ކޮންމެހެން ލޯބިވާތީއެއް ނޫނެވެ. އެހެން ނަމަވެސް އޭނާއަށްވަނީ އެހެން އުޅުމަށް ފާޑަކަށް މަޖުބޫރުވެފައެވެ. ތެދެކެވެ. އާލިކްއަކީ އޭނާގެ މަންމައާއި ބައްޕަ ޝާހީންއަށާއި އިހުސާނާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އޭނާގެ އުމުރުން 13 އަހަރުގައި އާއިލާ ސިންގަޕޫރަށް ބަދަލުވިއިރު ޝާހީންގެ ފުޅާ ވިޔަފާރިއެއް މާލޭގައި ފެށިފައި އޮތެވެ. ސިންގަޕޫރަށް ބަދަލުވުމަށްފަހުވެސް އާލިކްގެ މަންމައާއި ބައްޕަގެ މައިގަނޑު މަސައްކަތަކީ ވިޔަފާރީގެ ކަންތަކެވެ. އާލިކް ގިނަ ކަންތައްތައް ކުރާނީ އަމިއްލައަށެވެ. ފައިސާގެ ދަތިކަމެއް ނުވެ ބޭނުންވާހާ އެއްޗެއް ވަގުތުން ވަގުތަށް އޭނާއަށް ލިބެމުންދާތީ މައިންބަފައިންގެ އަޅާލުމަކަށް އޭނާ މާ ބޮޑު ޝައުގުވެރިކަމެއް ނުދެއެވެ. ގިނަ ވަގުތު ވީޑިއޯ ގޭމް ކުޅުމާއި އޭނާގެ ކިޔެވުމުގެ ކަންތައްތަކުގައި އުޅެމުން ބޮޑުވިއިރު މާގިނަ ރަހްމަތްތެރިންނެއްވެސް ނުތިބެއެވެ. ހަގީގަތުގައި އާލިކްގެ ގައިގައި ހުންނަ ބޮޑާ ގޮތްގަނޑާއި ފޮނިކަމަށް އެހެން ކުދިން ގަޔާ ނުވަނީއެވެ. މައިންބަފައިންގެ ލޯބި ނުލިބުނު ކަމގައިވިޔަސް އޭނާއަކީ އެމީހުންގެ ބަސް އަހާ އެމީހުންނަށް ގަދަރުކުރާ ޒުވާނެކެވެ. ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ނިމުމުން ޝާހީންގެ އެދުމަކަށްވީ ރާއްޖޭގައި އޮތް އެމީހުންގެ ވިޔަފާރި ހިންގުމަށް އާލިކް ރާއްޖެ އައުމެވެ. ކިތަންމެ ބޭނުން ނުވިޔަސް ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން ބޭނުންނުވާތީ އެކަނިމާއެކަނި އުޅުމަށް އޭނާ މާލެ އައީ އާއިލާގެ އެއްވެސް މީހަކު ހުރެގެންނެއް ނޫނެވެ. ތެދުތެދަށް ބުނާނަމަ ޝާހީންއާއި އިހުސާނާގެ ވެސް އާއިލާގެ މީހުން ތިބެއެވެ. ނަމަވެސް މުއްސަނިދިކަމާއި ދަރަޖައިގެ ގޮތުން ތަފާތު ވީވީހެން ގުޅުން ކެނޑެމުންގޮސް އާލިކްމެންނަށް ވީއިރު އެއީ އޮންނަ ގުޅުމެއްކަމެއްވެސް ނޭނގެއެވެ. މާލޭގައި ޝާހީންގެ ކުއްޔަށް ދީފައި ހުންނަ ގޭގެ އެއް އެޕާޓްމެންޓުގައި އާލިކް އުޅެމުންދަނީ މާ މޮޅު ދިރިއުޅުމެއް ނޫނެވެ. ކައްކަނީ އަމިއްލައަށެވެ. ދޮވެ އިސްތިރިކުރަނީ އަމިއްލައަށެވެ. ސިންގަޕޫރުގައި ތިބި މަންމައާއި ބައްޕަގެ ހަބަރެއް ވާނީ ހާލަކުން ފަހަރެއްގައެވެ.

ޝާޔަން އަކީ ޝާހީންގެ އެންމެ ގާތް ރަހްމަތްތެރިޔާ ފަޔާޒްގެ ތިބި ދެއަންހެން ކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. ފަޔާޒްވެސް އޭނާގެ އަންހެނުން ނިޔާވުމަށްފަހު އުޅެމުން ދަނީ ސިންގަޕޫރުގައި ޝާހީންމެންނާއިއެކުގައެވެ. ޝާހީން އެއްވެސް އަގެއް ނެތި ސިންގަޕޫރުގައި ހުންނަ ގެއިންވެސް އެއް އެޕާޓްމެންޓް ފަޔާޒްއަށްދިނީ އޭނާގެ ރަހްމަތްތެރިޔާ ދެކެ ވާ ލޯބިންނެވެ. ފަޔާޒްއާއި ދެކުދިން އުޅުމަށް އެޕާޓްމެންޓެއް ދީފައި ސިންގަޕޫރުގައި އޮންނަ ޝާހީންގެ އޮފީހުން ވަޒީފާއެއްވެސް އޭނާއަށް ވަނީ ދީފައެވެ. އެމީހުން ސިންގަޕޫރަށް ބަދަލުވީ އާލިކް ޒުވާން އުމުރަށް އެޅި ފަހުން ކަމުގައިވާތީ ޝާޔަންގެ ހިތް އޭނާއަށް ޖަހަން މާ ގިނަ ދުވަހެއް ނުނެގިއެވެ. ނަމަވެސް ޝާޔަންގެ ދައްތަ ޝާނީ އެކޮޅުގައި ދެއަހަރެއްހާ ދުވަހު މަޑުކޮށްލުމަށްފަހު މީހަކާއި އިނދެގެން މާލެ ބަދަލުވީ ބައްޕައާއި ކޮއްކޮގެ އުޅުންވެސް އޭނާއަށް މާ ކަމުނުދާތީއެވެ. އަނެއްކޮޅުން އާލިކްއަށް ޝާޔަންއާއިމެދު ވިސްނަން މަޖުބޫރުވީ އޭނާގެ ބައްޕަގެ އެދުމުގެ މަތީންނެވެ. ޝާޔަންއަކީ ފަޔާޒްގެ ދެލޮލުގެ ނޫރު ކަމުން ފަޔާޒަށްޓަކައި ޝާހީން ކޮށްދޭ ކަމެއްގެ ގޮތުގައި އާލިކްއަށް ޝާޔަން ބަލައިގަންނަން ޖެހުނީއެވެ. އަމިއްލަ ދަރިފުޅުގެ އުފަލަށްވުރެ އެކުވެރިޔާގެ އުފަލަށް ބައްޕަ ވިސްނުމުން އާލިކް ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް ބައްޕައާއި ދެކޮޅަށް އޭނާ އެއްޗެކޭ ނުބުނެއެވެ. ނޫނެކެވެ. ހަގީގަތުގައި ޝާޔަންއާއި ރައްޓެހިވުމަށް އޭނާ އެންމެ ފުރަތަމަ  ފަހަރުވެސް ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން އޭނާގެ އެ ނިންމުން ބަދަލު ކުރަން ޖެހުނީ ޝާޔަންއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް ކަމުގައި އޭނާގެ ބައްޕަ ބުނުމުންނެވެ. އޭނާގެ ސަބަބުން ޝާޔަންގެ ދިރިއުޅުމަށް ކުޑަ ލޮޅުމެއް އެރިޔަސް ބައްޕައާއި ބައްޕަގެ އެކުވެރިޔާއާއި ދެމެދު އޮތް ރަހްމަތްތެރިަކަމަށް ބުރޫ އަރާފާނެކަމުގައި އޭނާގެ ބައްޕަ ބުނުމުންނެވެ.

ޝާޔަންއާއި ރައްޓެހިވުމަށްފަހު ދެތިން މަސްވެސް ނުވަނީސް މާލެ އަންނަން ޖެހުމުން އާލިކްއަށް އެކަމުން ފަސޭހަކަން އިހްސާސްކުރެވުނެވެ. ނަމަވެސް އާލިކް އައުމަށްފަހު މަސްދުވަސްވެސް ނުވަނީސް ޝާޔަން އޭނާގެ ދޮންތަ ކައިރިއަށް މާލެ ބަދަލުވުންވީ އާލިކްގެ ހިތްހަމަޖެހުން ނަގާލި ކަމަކަށެވެ. ލޯބި ނުވާ މީހަކާއިއެކު އުޅެން ޖެހިފައި އޮތްއިރު ޝާޔަންވެސް ލޯބިވެވޭ ގޮތަަށް އަމަލުތައް ބަހައްޓާނަމަ ކިހާ ރަނގަޅު ހެއްޔޭވެސް އާލިކްގެ ހިތައް އަރާލެއް މަދެއް ނޫނެވެ. ނަމަވެސް އޭނާގެ ކަމަކީ އަބަދުވެސް ޝަކުވާ ކުރުމާއި ޝައްކު ކުރުމެވެ. މާލެ އައިސް މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އާލިކްއަށް އުޅެން ޖެހިފައިވަނީ އެފަދަ ގޮތަކަށެވެ.

ޝާޔަންއާއިއެކުގައި ވަގުތު ހޭދަކުރުމަށްފަހު އާލިކް އޭނާގެ ގެއަށް ދިޔައީ ޝާޔަންގެ ދޮންތަމެން އައުމުންނެވެ. ގަޑިން 9 ޖަހަންދެން ޝާޔަންއާއިއެކު އުޅުނު އިރުވެސް އާލިކް އިނީ ކައިގެންތޯވެސް އޭނާ ބަލާނުލައެވެ. އެހެންކަމުން ގެއަށް ދެވުމާއިއެކު އާލިކް ބޭރުން ކެއުމަކަށް އޯޑަރުކޮށްލީ ކައްކާނެހާ ހިތްވަރު ނެތިގެންނެވެ. މުޅި މީހާ ވަރުބަލިވެފައި ވާއިރު އޮފީހުގައި މިއަދު ހިނގާ ދިޔަ ކަންތައްތައްވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކައިގެން، ފެން ވަރާލުމަށްފަހު އާލިކް އަވަސްވެގަތީ އޮފީސް މުވައްޒަފުންނަށް ޚާއްސަ ޔުނީފޯރމެއް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށެވެ.

ވަށައިގެންވަނީ އަނދިރިކަމެވެ. މޭޒުގައި އުޅަބޮނށި ވިއްދާލައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިން އިރު ވިކާޝްގެ މާޔޫސީ ނަޒަރު ހުއްޓިފައި ހުރީ އަނދިރިކަމުގެ ތެރެއިން ފާޅުވާން ހުރި ކުޑަ ކުޑަ އުއްބަތިއަށެވެ. މޭޒުގެ މެދުގައި ދިއްލިފައިވާ އުއްބަތި ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ކުޑަވަމުންގޮސް މިހާރު އެވަނީ މުޅިން ނިވުމަކާއި ގާތްވެފައެވެ. ވިކާޝް އަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެ އުއްބަތި ނިވޭކަށް އޭނާ ބޭނުމެއް ނުވެެއެވެ. ނަމަވެސް ދެން އޭނާ އެހެން އުއްބަތިއެއްވެސް ހޯދާނީ ކިހިނެތް ހެއްޔެވެ؟ ވަށައިގެން އެވަނީ އަނދިރިކަމާއި ފަޅުކަމެވެ. އިހްސާސް ކުރެވެނީ އެކަނަިވެރިކަމެވެ.

ގޮތްހުސްވެފައިވާ ވިކާޝް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލީ އޯގާތެރި އަތަކުން ނިވި ނިވި ހުރި އުއްބަތީގެ އަލިފާންކޮޅުގެ އެހީގައި އެހެން އުއްބަތިއެއް ރޯކޮށްލަދިނުމުންނެވެ. ނިވެމުންދިޔަ އޭނާގެ އުއްބަތީގެ ހުޅުކޮޅު އަލުން އެ ރޯކޮށްލަދިނީ ކާާކުގެ އޯގާތެރި އަތަކުންތޯ ބެލުމަށް ވިކާޝް ތެދުވީ ކެތްމަދުވެ ހުރެއެވެ. ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

ނުނިމޭ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ލޯތްބައްޓަކައި (1 ވަނަ ބަައި)

Next

ނޭނގޭ!(12)

Next
June 13, 2020

ނޭނގޭ!(12)

Previews
June 13, 2020

ލޯތްބައްޓަކައި (1 ވަނަ ބަައި)

9 Comments!

  1. ?Aashko?? says:
    June 13, 2020 at 11:30 am

    Alheyy sis this is ur story ehtha. Alhuga ves mi story kiyn kurin up kohfa in hisaabah.
    Mi story full koh nimmahchey mifaharu. Curiously waiting….
    Ly sis?

    1. Layaaa says:
      June 13, 2020 at 12:07 pm

      vaahaka nimmaalaafa innathaa varah gina dhuvas vejje.. mihaaru anekkaaves publish kuran feshyma mi vaahakaves laan feshy 🙂

  2. Kudu says:
    June 13, 2020 at 3:22 pm

    Yayy.. u are back ?

  3. Izabell says:
    June 14, 2020 at 10:09 am

    Hey sisssssy, varah lwbi mi part thah vx, Ma Sha Allah ❣️❣️❣️❣️❣️❣️❣️❣️ when next 5 part up kollaani. Imma curiouslyyyyy waiting for next parts?????? ly

  4. Yaal says:
    June 14, 2020 at 10:23 am

    Oh laya.. welcome back.. thankyou so much.. miha reethi vaahaka eh nunimma huttaaleema varah dhera vefa huree.. thanks for the lovely story?

  5. Lath says:
    June 14, 2020 at 6:47 pm

    Laya, kobaa! V inthizaaru kuran eba miadhuge bayah

  6. maaya says:
    June 21, 2020 at 11:34 am

    vvvvv ufaavejje mi nan fenunymaves…….. mi haadah inthizaaru kuruvi vaahekeyakeyyy……….kohme dhuvahaku ethah faharaku belevey vaahaka upload veytho… laaraa ge vaahakathakakee hama best luv u laaraaaaaaaaaaa,,,,,,,,,

  7. Blue? says:
    June 21, 2020 at 2:18 pm

    Mee laaraage vaahakehthr???

  8. Shaiii says:
    June 22, 2020 at 7:47 am

    I read this story frm vaahaka site?

Comments are closed.

Next Episodeއެކުގައިވާން އެދެމޭ 10 – 6←


All Right Reserved!