ޒައިކްގެ އަތް ގޮށްމުއްކެވިގެން ދިޔައެވެ. އަނެއްކާވެސް އޭނާއަށް އެއިވުނީ އޭނާ ރުޅިއަންނަ އެންމެ ނަފްރަތު ކުރާ އޭނާގެ ކޮއްކޮގެ ވާހަކައެވެ. އެންމެ މީހަކަށްވެސް ޔުނާންގެ ވާހަކަ ނުދައްކައި ނޫޅެވެނީބާއޭ ޒައިކްގެ ހިތަށް އަރަމުން ދިޔައެވެ.
”ޔޫހާ އަހަރެން ގާތު އޭނާގެ ވާހަކަ ނުދައްކަބަލަ. ގެޔަށް ވަދެއްޖާވެސް ޔުނާން. ޔުނާން. ޔުނާން. ބޯ ފަޅައިގެންދާ ވަރު ވެއްޖެ މިހާރު ތި ކަމަކާ ހުރެ. އާދޭސްކޮށްފަ މިބުނީ އެ ޔުނާންއެއްގެ ވާހަަކަ އަހަރެން ގާތު ނުދައްކާ.” ޔޫހާއާ ދިމާލަށް އެނބުރިލައި ޒައިކް އޭނާގެ އަތް ހަރަކާތް ކުރަމުން ވާހަކަދެއްކިއެވެ. ބަލައިލި މީހަަކަށް ހީވާނީ ޕޯޑީއަމެއްގެ ކައިރީގައި ހުރެ ބަހުސެއް ކުރިއަށް ގެންދާ ހެންނެވެ. ”ޒައިކް. މިތާ އިށީންދެބަލަ. އަހަރެންނަށްވެސް އިނގޭ ޒައިކް ޔުނާންދެކެ ރުޅި އަންނަކަން. އޭރު ޔުނާން އުޅުނު ގޮތްވެސް އަހަރެންނަށް އިނގޭ. އެކަމަކު ޔުނާން ޒައިކްއަށް ޓަކައި ކިހައި ބޮޑު ގުރުބާނީއެއްތަ އެވީ؟ ޒައިކްގެ މަންމައާއި ބައްޕަ، ޒައިކްވެސް، އަދި އަހަރެންނަށްވެސް އޭނާއަށް ހަދައިލި ގޮތުން އޭނާ އަހަރެމެންނާ ފިލީ. މިހާރު ކިތައް އަހަރު މިވަނީ އޭނާގެ ހަބަރެއް ނުވާތާ. ކިތައް ދުވަސް. ކުޑަމިނުން އޭނާ ދުނިޔޭގަ ހުރިތޯ، ނެތްތޯ ވެސް އަހަރެމެން ނުބަލާލަން.” ޔޫޙާގެ ލޮލުން ކަރުނަ ނީރާލިއެވެ. ޒައިކްވެސް ދިޔައީ މަޑުމަޑުން އިނެގެން ޔޫހާގެ ވާހަކަތައް އަޑު އަހަމުންނެވެ.
”އެކަމަކު ޔޫހާ. އަހަރެންނަށް ގަބޫލުކުރެވެނި އޭނާއާ ހެދިއޭ އަހަރެންނަށް އައިލީޝް ނުލިބުނީ. އަހަރެން އައިލީޝްދެކެ ހާދަ ލޯތްބެއް ވީމޭ. އޭނާއާ ހެދި އަހަރެންނަށް އެލޯބި ނުލިބުނީ. އައިލީޝް ނުލިބުނީ.” ޒައިކް ދެވަނަ ފަހަރަށްވެސް ކޮޅަށް ތެދުވެލިއެވެ. ޔޫހާވެސް އިންތަނުން ތެދުވެލައި ގޮސް ޒައިކްގެ ކުރިމައްޗަށް އެރީ އޭނާގެ ލޮލުން ކަރުނައެތި ފައިބަމުން ދިޔަ ހިނދުއެވެ. ”ޒައިކް އަހަރެން ދެކެ ލޯތްބެއް ނުވޭދޯ؟ ޒައިކް އަދިވެސް ލޯބިވަނީ އައިލީޝްދެކެ ދޯ؟ ކީއްވެ؟ އަހަރެން އެ އައިލީޝްއަށް ވުރެ ހުތުރީތަ؟ ނޫނީ އަހަރެން ފަގީރީތަ؟ ބުނެބަލަ. ޒައިކްއަށް އަހަރެންނާ އެކީ އެހައި ގިނަ ދުވަހު އުޅުނު އިރުވެސް އަހަރެންދެކެ ލޯބި ނުވެވޭތަ؟ ޒައިކް. ބުނެބަލަ.” ޔޫހާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.
”ނޫން. ނޫން. ޔޫހާ. އަހަރެން ޔޫހާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ނުބުނަމެއްނު ޔޫހާދެކެ ލޯބި ނުވާ ވާހަކައެއް. އައިލީޝްއަށް ވުރެ ޔޫހާ އެތައް ގުނައެއް ރީތި. އެތައް ގުނައެއް ރަނގަޅު. އަހަރެން އައިލީޝްދެކެ ލޯތްބެއް ނުވޭ.” ޒައިކް ޔޫހާގެ ކޮޑުގައި ހިފާލިއެވެ. އަދި ކައިރިއަށް ގެނެސް އޭނާގެ ގައިގައި ބައްދައިލިއެވެ. ޒައިކްގެ އެއަމަލުންވެސް ޔޫހާގެ ލޮލަށް އިތުރަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.
***
”ދަރިފުޅާ. މައުނާ. ބައްޕަގެ ޝަރީއަތް ދެން އޮތީ އާދިއްތަ ދުވަހު ދޯ. ދަރިފުޅު ދާންތަ؟” މޭޒަށް ދެފައި އަރުވައިގެން ސޯފާގައި އިށީންދެލައިގެން އިން މައުނާ ދިޔައީ ޓީވީއިން އަންނަމުން ދިޔަ ރީތި އިނގިރޭސި ފިލްމެއް ބަލަމުންނެވެ. އޭގައިވާ ކަންތައްތަކަށް ބައެއް ފަހަރު ރޮމުން ދިޔައިރު އެނެއްބައި ފަހަރު ދިޔައީ ބޮޑެތި ހިނިގަންގަނޑު ޖަހަމުންނެވެ. ”ޔަހް. އާދިއްތަ ދުވަހު އޮތީ. އަހަރެން ދާން. ދައްތަވެސް ބުނި ދާނަމޭ. މަންމަ ދާނަންތަ؟” އަނގައަށް ޗިޕްސް ކޮޅެއް ލަމުން މައުނާ އެހެން ބުނެލީ ޓީވީއިން ނަޒަރު ވަކިކޮށްވެސް ނުލައިއެވެ.
”ނޫނޭ މަންމަ ނުދާނަން. ދަރިފުޅުމެން ގޮސް މަންމައަށް ހަބަރު ދަބަރު އަންގާލަ. މަންމަ އިންނާނަން ގޭގަ. އިނގޭ.” މައުނާ ބޯ ޖަހާލުމާއެކު ޒާހިދާ ދިޔައީ ސިޓީންގ ރޫމުން ނުކުމެވެން އިން ބެލްކަންޏާ ދިމާލަށެވެ. ބެލްކަންޏަށް ނުކުމެ ފަޒާގެ ތެރެއަށް އޭނާ ވަރަށްވެސް ފުން ނޭވާއެއް ދޫކޮށްލީ ހިތަށް ހަމަޖެހުމެއް ލިއްބައި ދިނުމަށެވެ. އަދި ހަށަން ބަދެލައިގެން ހުރެ ކޮންމެވެސް ނަންބަރެއް ފޯނުގައި ޖަހައިލުމަށްފަހު އެނަންބަރަށް ގުޅާލިއެވެ. ވަގުތުން ފޯނު ނެގިގެން ދިޔައިރު ޒާހިދާއަށް އޭނާގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ”ކޮބާ؟ މާދަން ހުރިހާ ކަމެއް ނިންމާލެވޭތޯ ބަލަން ވާނެ. އިނގޭ.”
”ތިހެން އަހާ އެއްޗެއްވެސް ނޫނެއްނު. އެންމެ ފުރިހަމައަށް އެކަމަށް ތައްޔާރުވަމުން މިދަނީ. ކުރީ ފަހަރުވެސް ކާމިޔާބު ވިއެއްނު. މިފަހަރުވެސް ވާނެ.” ފޯނުގެ އެނެއް ފަރާތުން ޒާހިދާގެ ކަންފަތަށް ފޯރި ޖުމުލަތަކުން އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ދެލޯ ހަނިކޮށްލައި ބޮލުގައި އަތް ހިންގާލާ އެންމެ ރަނގަޅޭ ބުނެ ޒާހިދާ އޭނާގެ ކޮޓަރިއަށް ގޮސް ވަދީ ލޮލަށް ނިދި ސަވާރުވަމުން ދިޔުމުންނެވެ.
ސޯފާގައި އިން މައުނާއަށް ވިސްނެމުން ދިޔައީ ޒާހިދާއާ މެދުއެވެ. ދެންމެ ޒާހިދާ ވާހަކަ އެދެއްކީ ކާކާބާއޭ ހިތަށް އަރަމުން ދިޔައީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. މަޑުމަޑުން ނަމަވެސް ޒާހިދާ ދެއްކި ވާހަކަ މައުނާގެ ކަންފަތާ ހަމައަށް ފޯރިއެވެ. ޓީވީއިން އަންނަމުން ދިޔަ ފިލްމު ނުނިމުނު ކަމުގައިވިޔަސް ޓީވީ ނިއްވާލާފައި އޭނާ ގޮސް ކޮޓަރިއަށް ވަދެލީ ނޫސްތަކަށް ވަދެ ހަބަރުތައް ބަލައިލުމަށެވެ.
***
”މާދަން މީ ޝަރީއަތުގެ ދެވަނަ އަޑު އެހުން އަހާނެ ދުވަސް. މާދަމާގެ ހެނދުނު ދިހައެއް ޖަހާއިރު އަޑު އެހުން ފަށާނެ. އެހެންވީމަ މިއަދު ޕްރޮސެކިއުޓާރ ނައިޝަމްއަށް ހަވާލުކުރަން ޖެހޭނެ ވީޑިއޯ އާއި ދެން ހުރި އިތުރު މައުލޫމާތުތައްވެސް. އެހެންވީމަ މައުލޫމާތުތަކުގެ ފޮޓޯ ކޮޕީއެއް ނަގާލަ. މިއަދު ހަވީރު ޕްރޮސެކިއުޓާރ ޓީމް މިކޮޅަށް އަންނާނެ. އޯކޭ.” އައިލީޝް އޭނާގެ އުނަގަނޑުގައި އަތް ވިއްދާލައިގެން ދެކޮޅަށް ހިނގަން ފެށިއެވެ. ކަމަކާ މެދު ވިސްނަމުން ދިޔަ ފަދައަކުން އެކިކޮށްކޮޅަށް ބޯ އަނބުރަމުން ދިޔައިރު އައިލީޝްގެ ޓީމް ކުދިންގެ ހިތުގައި ދިޔައީ ސުވާލު އުފެދެމުންނެވެ. ”ޕްރޮސެކިއުޓާރ ޓީމް އައީމަ ޒާހިދާ ހޯދުމުގެ މަސައްކަތް ފަށަން ޖެހޭނެ.”
”ޔެސް މޭމް. މާދަން ނިމޭނެ ދޯ ތިން މީހުންގެ ޝަރީއަތްވެސް. މޭމް.” ސާޔާ އަތްމައްޗަށް ހިއްލާލާއި ސުވާލުކޮށްލުމާއިއެކު އައިލީޝް އޭނާގެ ބޯ ޖަހާލާފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ. ”ހާރ އެކްޓިންގ ވޯޒް ވިއަރޑް. ކިހިނެއްބާ ވީ އަނެއްކާ؟” ރައުހާއަށް މަޑުމަޑުން ހުރެފައި އަހައިލެވުނެވެ. ހަލަފްވެސް އަދި ހައްސާނުވެސް ދެކޮޑު އަރުވާލާފައި އެމީހުންގެ ގޮޑީގައި އިށީންދެލައި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
”ހެލޯ ރަނިކަމަނާ. މިއަދު ނެތްތަ ސައެއް ދެވޭކަށް. ވަރަށް ބަޑު ހައި ވެއްޖެ.” ހައްސާން ސާޔާގެ ގޮޑީގައި ޖަހައިލަމުން އެހެން ބުނުމާއިއެކު ދެބުމަ ގޮށް ޖަހައިލައިގެން ހުރެ ސާޔާ އޭނާއާ ދިމާލަށް ބަލައިލިއެވެ. އޭރު ރައުހާވެސް ދިޔައީ ކޮބާ ނެތްހޭ ކިޔައި ސާޔާގެ ގޮޑީގައި ތަޅަމުންނެވެ. ”ފޮގެޓް އިޓް. ނެތް ދެވޭކަށް.” ސާޔާ އަނެއްކާވެސް އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ. ނަމަވެސް ހައްސާންއާއި ރައުހާގެ އުނދަގުލަކުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. ދެމީހުން އުނދަގޫ ކުރަމުން ދިޔަވަރުން ސާޔާއަށް ކޮޅަށް ތެދުވެ ހިނގައިގަނެފާއިވެސް އަނެއްކާވެސް އައިސް އިށީންދެލިއެވެ. ”މޭމް އާދޭބަ.” އައިލީޝް އަންނަ ވާހަކަ ބުނުމާއިއެކު ހައްސާންއާއި ރައުހާގެ ގަޔަށް ހީވީ ކަރަންޓް ޝޮކެއް އަރައިގެން ދިޔަހެންނެވެ. ދެމީހުންވެސް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އެމީހުންގެ ގޮޑީގައި އިށީންދެލައި ލެޕްޓޮޕްގެ ފިއްތަކަށް އޮބަން ފެށިއެވެ.
”ކޮބާ މޭމް މިހާރު؟ މިދިމާލަށްތަ އަންނަނީ؟” ހައްސާން އެއްކަޅި ސާޔާއަށް އެއްލަމުން އެހެން ބުނެލީ ނިކަން ސިއްރު ސިއްރުންނެވެ. ”ހަހަހަ. މޭމް ނުވެސް އާދެޔޭ. ހެހެ.” ސާޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޮތްހާއިރު ހިނިގަނޑު ހިފަހައްޓާލާގެން އޭނާ ހުރީ އެތަނުގައި އެހެން ޓީމެއްގެ އިސްމީހަކު ހުރުމުންނެވެ. ނަމަވެސް އެކަންވެސް އެމީހުންނަށް ރޭކާ ނުލާ ފަދައެވެ.
***
ޕޮލިސް ސްޓޭޝަންގެ ހުސް ރޫމެއްގައި މާޖިދު އިށީންދެލައިގެން އިން އިރު އޭނާގެ ދެއަތް ދިޔައީ އެނެއް އަތާ މޮޑެވެމުންނެވެ. މޫނުމަތިން ދޭހަކުރަން ނޭނގޭ ފަދަ އަސަރުތައް ފާޅުވަމުން ދިޔައިރު ދެލޯ ވަނީ މަރާލާފައިއެވެ. އިރުކޮޅަކުން އެތަނަށް ވަދެގެން އައީ އޭނާގެ ވަކީލަކަށް ހުރި މީހާއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމާއި މަކަރުވެރިކަން ފާޅުވަމުން ދިޔައެވެ. އެތަނަށް ވަދެގެން އައި އިރު އޭނާގެ އަނގައިގައި ހުރި ދަތްތައްވެސް ފެންނަމުން ދިޔައެވެ. ވަކީލު އައިސް މާޖިދުގެ ކުރިމަތީ އިށީންދުމާއިއެލު މާޖިދަށް ބާރުބާރަށް މޭޒުމަތީގައި ޖަހައިލެވުނެވެ.
”ކަލޭއަށް ހީވޭތަ މިކަން ކާމިޔާބުވާނެ ހެން؟ އެ ނައިޝަމްގެ އަނގައަކުން އެދުވަހުވެސް ކަލޭ ނޭރި. ކޮބާ ކަލޭގެ ހުނަރު؟” މާޖިދުގެ ދަތްކުޑި ވިކައިގެން ދިޔައެވެ. ދެއަތް މުއްކެވިގެން ދިޔައެވެ. އިންތަނުން ތެދުވެވިގެން ދިޔައެވެ. ކަރުގައި ހުރި ނާރުތައް ހިލެން ފެށިއެވެ.
”ހާސް ނުވޭ. ރުޅި މަޑުކޮށްފަ އިށީންދެބަލަ. އިނގެއެއްނު އަހަރެންގެވެސް މޮޅު ހުނަރު ހުންނަކަން. ފުރަތަމަ ދުވަހު ނާކާމިޔާބުވިޔަސް ދެވަނަ ދުވަހު އަހަރެންގެ މޮޅުކަން އެނގިގެންދާނެ. ނައިޝަމްގެ އަނގަ ބަންދުކޮށްލާނެ މޮޅެތި ބަސްތައް މިހާރުވެސް އަހަރެންގެ ސިކުނޑީގައި އެބަހުރި. މާޖިދު ހާސްވާނި ކަމެއް ނެތް. މިފަހަރު މާޖިދު ވަތް ދޮރުން ކުރީ ފަހަރުންހެން ނިކުތަވެސް ދޭނަން.” އެމީހާ މާޖިދުގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި އެ ކޮޑުގައި ތިންވަރަކަށް ފަހަރު މަޑުމަޑުން ޖަހައިލުމަށްފަހު އޭނާ ގެނައި ފައިލްތައް ހިފައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
***
ބެލްކަނީގައި ފޯނު އަތަށް ލައިގެން ހުރި ނަތާޝާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ނުތަނަވަސްކަމެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާގެ މޫނަށް އެރި ކުލަވަރުތަކެވެ. ދެން ދުވަހަކުވެސް ފިލައިގެން ނުދާނެ އަސަރުތަކެކެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ މޫނުން މާޔޫސްކަން ފިލައިގޮސް ހައިރާންކަން ވެރިވީ އޭނާގެ ފޯނަށް ގުޅަން ފެށި ނަންބަރު ފެނިފައިއެވެ. ދެވަނަ ފަހަރަށްވެސް ދެލޯ ފޮހެލާ އޭނާއަށް ފޯނުގެ ސްކުރީނަށް ބަަލައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ. ނަތާޝާ ފޯނު ނުނަގައި ހުއްޓާ ފޯނު ކެނޑިގެން ދިޔައިރު އޭނާގެ ލޮލުން ދިޔައީ ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބަމުންނެވެ. ދެވަނަ ފަހަރަށްވެސް އެދެލޯ ބޮޑުވެގެން ދިޔައީ ހަމަ އެނަންބަރުން ގުޅަމުން ދިޔުމުންނެވެ. މިފަހަރު ނަތާޝާ ފޯނު ނެގުމަށް ފަހު ފޯނު ކަންފަތުގައި ޖައްސައިލީ އުންމީދާ އެކުއެވެ. ދެރަ ހަބަރެއް ނުލިބޭނެކަމަށް ދުޢާ ކުރަމުންނެވެ. އޭނާ މާޔޫސްކޮށްލާނެ ކަހަލަ ޖަވާބެއް ނުލިބޭނެކަމަށް ހިތާ ހިތުން ދުއާ ކުރަމުންނެވެ.
”ހަލޯ.” ނަތާޝާގެ އަޑު މަޑު މަޑުން ތުރުތުރު އަޅަން ފެށިއެވެ. ފޯނުގައި ހިފަހައްޓާލައިގެން ހުރި އަތްވެސް ދިޔައީ ރޫރޫ އަޅަމުންނެވެ.
***
”މަންމާ. އަހަރެން މިއަންނަ މަހު ރާއްޖެ ދާނަން. ވަރަށް ބޮޑު ވާހަކައެއްވެސް އެބޮތް ބުނަން.” ޔުނާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހައި ދުވަސްކޮށްފަ އޭނާގެ މަންމަގެ އަޑު އިވުމުން އެހިތް އެއްކޮށް މަޑުކޮށްލައިފިއެވެ. އަރީންވެސް ގާތުގައި އިންއިރު އެއްއަތުން ދިޔައީ ޔުނާންގެ އަތުގައި ފިރުމަމުންނެވެ.
ޔުނާންއަށް ދެން އިވިގެން ދިޔައީ ނަތާޝާގެ މަޑު ގިސްލުމުގެ އަޑެވެ. އެއަޑު ބާރުވަމުން ގޮސް އެންމެ ބާރު ރުއިމަށް ބަދަލުވެގެން ދިޔައިރު ޔުނާންގެ ދެލޯވެސް ވަނީ ފެންކަޅި ކޮށްލާފައިއެވެ. ”މަންމާ. މަންމާ ނުރޮއިބަ.” ޔުނާންގެ ދޫ ބަންދުވެގެން ދިޔައެވެ. ހިންދިރުވާލަންވެސް ނޭނގިފައި އޭނާއަށް އިނެވުނީ ދެލޮލުން ކަރުނަ ބާލާށެވެ. ނަތަޝާދެކެ ކިތަންމެ ރުޅިއައިސްގެން އުޅުނު ނަމަވެސް ހަގީގަތުގައި ޔުނާންއަކަށް އޭނާގެ މަންމަދެކެ ރުޅިއެއް ނާދެވެއެވެ. ނަތާޝާ ގުޅުމުން ފޯނު ނުނަގާ އިނެފައި ފަހުން ޔުނާން އެކަމާ ހިތާމަ ކުރެއެވެ. ރޮއެވެ. ”ދަރިފުޅާ. މަންމަ އިންތިޒާރު ކުރާނަން.” ޔުނާން ހޫމްއެއް އަޅުވައިލުމަށްފަހު ފޯނު ބާއްވާލިއެވެ. އަދި ކަރީގައި އިން އަރީންގެ މޫނަށް ބަލައިލިއެވެ. އަރީންގެ ހިނިތުންވެފައި އިން މޫނުފެނިފައި ޔުނާންގެ މޫނަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މަޑުމަޑުން އަރީން އޭނާގެ އަތް ނަގައި ޔުނާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލިއެވެ.
ޔުނާންގެ ލޯ ފޮހެލަދިނުމަށްފަހު އަތްތިރިކުރަން އުޅުނު އަތުގައި ހިފައި އެއަތް އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ. ރަކިވެފައި އިން އަރީންގެ މޫނަށް އޭގެ ދެވަނަ ސިކުންތުގައި ބަލައިލުމަށްފަހު ވަރަށްވެސް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ”އަރީންވެސް ދާނަން ދޯ. ގޮސް މެރީ ކުރާނި. އަރީންގެ މަންމަމެންވެސް ގަބޫލެއްނު. އަހަރެން ބޭނުމެއް ނޫން މިކަން ލަސްކުރާކަށް. މެރީ ކޮށްފަ އަނެއްކަ މިކޮޅަށް އަންނާނި އަރީން ކިޔެވުން ކޮންޕްލީޓް ކުރަން.” ޔުނާން އަރީންގެ ދެކޮލުގައި ހިފައިލިއެވެ. ”ހޫމް. އަހަރެންވެސް ދާނަން. އަންނަ މަހު ބޮޑު ޗުއްޓީ ފެށޭނެއްނު.” އަރީންވެސް ޔުނާންގެ ކޮލުގައި ހިފައިލިއެވެ. އަދި ދެމީހުން ދެމީހުންނަށް ބަލަން ތިއްބެވެ.
***
ނުވަގަޑި ފަނަރަ ވަރުވެފައި ހުއްޓާ އެރޭ މާލޭ ފަޅަށް ބޯޓު ކައިރި ކުރެވެމުން ދިޔައިރު އެންމެންވެސް ދިޔައީ އެމީހެއްގެ ތަންމަތި ހިފައިގެން ތިރިއަށް ފައިބަމުންނެވެ. އެފަހަރަކީ އެހައި ބައިވަރު މީހުން މާލެ އާ ފަހަރު ނޫން ކަމުން ވަރަށް އަވަހަށް ބޯޓުން މީހުން ހުސްވެގެން ދިޔައެވެ. އަހަރެންނަކީ ބޯޓު ދުއްވާ މީހާއެވެ. ފަޅުވެރިންވެސް ބޯޓުގައި ނިދަން ތިބިއިރު އަހަރެން ވެސް ނިދަން އޮވެފައި ތެދުވެގެން ގޮސް ބޯޓުން ފޭބީ މީހަކު ވާހަކަ ދައްކާ އަޑަށެވެ.
”މިފަހަރު ސަލާމަތް ވެވޭނެ ކަމަށް ހީނުކުރާތި. އަހަރެން ކަލޭގެ ވަސް މިދުނިޔެއިން ފޮހެލާނަން.” އެމީހާ ބުނެލި ޖުމުލަ އަދިވެސް އަހަރެންގެ ކަންފަތުގައި ތާޒާ ކަމާއިއެކު ހަރުލާފައި އެބަހުއްޓެވެ. އަހަރެން ހުރިތަނާ ނުހަނު ކައިރީގައި އެމީހުން ތިބި ނަމަވެސް އެއިން އެކަކަށްވެސް އަހަރެން އެތަނުގައި ހުރި ކަމެއް ނޭނގެއެވެ. އެމީހުން ކުރަމުން ދިޔަ ކަންތަކަށް ބަލަން ހުރެފައި އަހަރެން ސިއްސައިގެން ދިޔައީ އެތަނުގައި ހުރި ތިން މީހުންގެ ތެރެއިން މީހަކު އައިސް ދެން ހުރި މީހާގެ ބަނޑަށް ވަޅިއެއް ހަރައިލުމުންނެވެ. އެވަގުތު އެމީހާގެ ވޭނީ އަޑު އަހަރެންގެ ކަންފަތުގައި ޖެހިގެން ދިޔުމާއިއެކު އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ފެނިގެން ދިޔައީ ރަނގަޅު މަންޒަރެއް ނޫން ހެން ސިފަވާން ފެށިއެވެ. އިތުރަށް އެމަންޒަރު ބަލާނެ ހިތްވަރު ނުލިބުމުން އަހަރެން އެތަނުގައި ނުހުރެ ބޯޓުގެ އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ނަމަވެސް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ނަނެއްގައި އަޅައިގަނެފައި އަހަރެން ވެއްޓުނެވެ. އެއަޑު އިވިފައި އެތަނުގައި ހުރި މީހުންގެ ތެރެއިން މާސްކް ނާޅާއި ހުރި މީހާ އައިސް އަހަރެންގެ ކުރި މައްޗަށް ހުއްޓިލިއެވެ. އޭރުވެސް އަހަރެން އޮތީ ތެދުވާނެ ހިތްވަރު ނުލިބި ރޫރޫ އަޅާފައިއެވެ.
އެމީހާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި ގޮސް ހަމަލާ ދީ ވައްޓާލާފައި އޮތް މީޙާގެ ކުރިމަތީގައި ބޭންދިއެވެ. އަދި އަހަރެންގެ ކުރިމަތީގައި ވަޅިން ދެވަނަ ހަމަލާ އޭނާގެ މެޔަށް އަރުވާލިއެވެ. މަންޒަރު ބަލަން ނުކެރިގެން އަހަރެން އިސްދަށަށް ޖަހައިލިނަމަވެސް ދެން ހުރި މީހާގެ އަތުގައި އޮތް ދަގަނޑު ހޮޅި ބުރިން އަހަރެންގެ ދަތްދޮޅީގައި އަޅުވާލައި ނަގައިލިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Masha Allah Varah reethi mi part ves… Keep it up sisy.. Curiously waiting for the nxt part.. LYSM SIS ❤️ ❤️❤️
Masha Allah Varah reethi mi part ves… Keep it up sisy.. Curiously waiting for the nxt part.. LYSM SIS ❤️ ❤️❤️
thank u soo much dear. vr ufaavehjje mi bai kamudhiyae ma. it means a lot. and ya keep waiting. lym . stay safe
Masha allah Vrh reethi mi bai vx?… dhn in part ah intizaaru kuraanan. Very curious abt what happened
thank u soo much raaya. vr ufaavehjje mi bai vs kamudhiyae ma. it means a lot. and ya keep waiting. lysm. stay safe
Varah reethi mi bai vx….masha allah…curiously waiting for the nxt part
thank u soo much kairaa. vr ufaavehjje mi bai vs kamudhiyae ma. it means a lot. and ya keep waiting. lysm. stay safe
Maasha Allah V reethi mi part ves when is next
Curiously waiting for the next part..
Ly sis
thank u soo much aashko. vr ufaavehjje mi bai vs kamudhiyae ma. it means a lot. and ya keep waiting. lym. stay safe