”އައިލީޝް.” އައިލީޝް ކުއްލިއަކަށް ސިއްސައިގެން ގޮސް ފަހަތަށް އެނބުރިލީ އޭނާއަށް މީހަކު ގޮވައިލުމުންނެވެ. ފަހަތަށް އެނބުރިލި އައިލީޝްގެ ދެލޯ ވަނީ ބޮޑު ވެފައިއެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ.
ބަލާކަށް ނުހުރެ ދުވެފައި ގޮސް އެމީހާ ގައިގައި ނުހަނު ބާރަށް ބައްދައިލިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއިރު ތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. އައިލީޝްއާ އެމީހެއް ގާތްކަމުން ނައިޝަމް ހުރީ ވާނުވާގައިއެވެ. އެއީ އޭނާއަށް ދުވަހަކު ލޮލުން ފެނުނު މީހެއްވެސް ނޫނެވެ. އެހެންކަމުން އެދެމީހުން ކައިރިއަށް ހިނގާލާފައި ގޮސް އެތަނުގައި ހުއްޓި ހުރެ ދެމީހުންގެ އަމަލުތަކަށް އޭނާ ބަލަން ހުއްޓެވެ.
”ކޮން ވަޑާމެއްް މިތާ ކަމަނާ؟” އެ މީހާ އައިލީޝް ދުރުކޮށްލަމުން ފޯރި އަޑާކާއިއެކު ބުނެލިއެވެ. އައިލީޝްވެސް ހެވިލާފައި ބަލައިލީ ނައިޝަމްއާ ދިމާލަށެވެ. ”މިއައީ ޑޮކްއަކާ ބައްދަލުކޮށްލަން. ނަޒޫ އަދިވެސް މިތާ ދޯ އުޅެނީ. ހިޔެއް ނުކުރަން ދިމާވާނެ ކަމަކަށް ވެސް. ހަބަރެއްވެސް ނުވެލާ ވިޔަ.” އައިލީޝް އަދިވެސް ހުރީ އެމީހާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ނައިޝަމް ދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރިއިރު އައިލީޝްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުން އެމޫނުމަތީގެ ކުލަތައްވެސް ވަނީ ދިއްލިފައިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހަށަން ބަދެލައިގެން ނައިޝަމް ނުހަނު މަޑުމަޑުން އެތަނުގައި ހުއްޓެވެ.
”ކޮން ޑޮކްއަކާ؟ އާން. އަހަރެން މިއުޅެނީ ހަމަ މިތާ. އައިލީޝް އެއްނު ދިޔައީ. ވަރަށް މިސް ވި އިނގޭ. ނަންބަރުވެސް ނޭނގޭތީ ނުގުޅީ.” އެމީހާގެ ތުންފަތުގައިވެސް ވަނީ ފުޅާ ހިނިތުންވުމެކެވެ. އަޑުގައި ވަނީ ޖޯޝެވެ. ”ޑޮކްޓާރ ފިރާގު. އެހެން ދޯ. އަދި ހަނދާން ނެތިފައި މިހުރީ. އަހަރެން ކުރިން ބުނީމެއްނު ނައިޝަމްއެއްގެ ވާހަކަ. މިހުރީ ނައިޝަމް. ބައްދަލުވެސް ވެވުނީނު. ނައިޝަމް މީ ނަޒްލިހާ. ނަޒޫ.” ދެމީހުން ތަޢާރަފު ކޮށްލުމާއިއެކު ނައިޝަމް ނަޒްލިހާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނަޒްލިހާވެސް ނައިޝަމްއަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.
”ނައިޝަމްއަށް އިނގޭތަ. އޭރު އަހަންނާ އައިލީޝް އާ އުޅޭނި ވަރަށް އެކުގައި މިތާގަ ނަރުހަކަށް އުޅުނު އިރު. އޭރު އަބަދުވެސް އައިލީޝްގެ ދުލުން ބޭރުވާނި ނައިޝަ..” ނަޒްލިހާ ބުނަން އުޅުނު ޖުމުލަ ނުނިމެނީސް އައިލީޝް އޭނާގެ އަނގަމަތީ އަތް އަޅާ ނުބުނަން އެންގިއެވެ. ނަޒްލިހާ އެއް ލޯ މަރާލަމުން ހޭން ފެށިއެވެ. ނައިޝަމްވެސް އަައިލީޝްއަށް ވި ގޮތުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”ހެހެހެ”
”ބައިދަވޭ އައިލީޝް. ޑޮކްޓާރ ފިރާގު ހުންނެވީ އެއްމަސް ދުވަހުގެ ޗުއްޓީއެއްގައި. މިދިޔަ ހަފްތާގައި ޗުއްޓީއަށް ދިޔައީވެސް. ނަންބަރު ދޭންތަ؟” ނަޒްލިހާ ބުނެލި ޖުމުލައިން ހީވީ އައިލީޝްގެ އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔަ ހެންނެވެ. ނައިޝަމްއަށް ވެސް ކުރެވުނީ އެކަހަލަ އިހްސާސެކެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ނަޒްލިހާ ބުނެލި ޖުމުލައިން ނިވެމުން ދިޔަ ހުޅުކޮޅު ދިއްލުނި ކަހަލައެވެ. އަދި ނަޒްލިހާއަށް އައިލީޝްއާއި ނައިޝަމްގެ މޫނަށް ވެރިވި ހިތާމަ ސިއްރު ނުވި ކަހަލައެވެ. ނަންބަރު ބުނާށޭ ބުނެ އައިލީޝް އޭނާގެ ފޯނު ނަގައި ނަޒްލިހާ ކިޔަމުން ދިޔަ ނަންބަރު ފޯނަށް ނަކަލުކޮށްލައި އެ ނަންބަރުގައި ޑޮކްޓާރ ފިރާގުއޭ ޖަހައިލިއެވެ. ”ކިހިނެއްވީ ޑޮކްޓާރ ފިރާގު ތި ހޯދަނީ؟” ނަޒްލިހާ ކުރި ސުވާލަށް އައިލީޝް ޖަވާބު ދިނީ ވަރަށްވެސް ތަފްސީލުކޮށެވެ. އެއްވެސް ސުވާލެެއް ހިތުގައި ނުއުފެދޭނެ ގޮތަކަށެވެ.
”އަހަރެންވެސް އަޑު އެހިން ތި ވާހަކަ. އިންޝާﷲ ކާމިޔާބު ވާނެ. ހިތްވަރު އެލުވާ ނުލާތި.” ނަޒްލިހާ އަދި ދިމާވާނެ ކަމަށް ބުނެ އެތަނުން ދިޔައީ އޭނާގެ ޑިއުޓީ ފެށޭ ގަޑި ކައިރިވުމުންނެވެ. އައިލީޝްމެންވެސް އެތަނުން ނުކުމެގެން ދިޔައީ ބޭރަށް ނުކުމެލައި ޑޮކްޓަރަށް ގުޅުމަށް ހިތު އަޅައިގެންނެވެ.
”އައިލީޝްއަށް އިނގޭތަ. ކުރިން ދުވަހު އަހަންނަށް ވަރަށް މައުނާއަށް އެއްޗެހި ކިޔުނު. ދެރަވޭ އެއްޗެހި ކިޔުނީތީ. އެކަމު އޭނާ އައިސް މަކަރުވެރިއެކޭ ދޮގުވެރިޔެކޭ ކިޔަން ފެށީމަ. ނޭނގެ ފާޑެއްގެ ރުޅިއެއް އައީ. އަހަރެންމީ ދުވަހަކަުވެސް އެގޮތަކަށް މީހަކަށް އެއްޗެއް ކީ މީހެއްވެސް ނޫން. އެކަމު މައުނާއާ ދިމާލަށް ކިޔުނު. މައުނާ އުޅޭގޮތުން ކަންނޭނގެ.” ނައިޝަމް އިސްދަށަށް ޖަހައިލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު އައިލީޝް ހުރީ ސީދާ އޭނާގެ މޫނަށް ބަލާށެވެ.
”ބައެއްފަހަރު ތިމާގެ އަމިއްލަ ދިފާއުގައި އަމިއްލައަށް އެއްޗެހިވެސް ބުނަން ޖެހޭނެ. ދޮގުހަދާފަ ތިމާއާ ދިމާލަށް މީހަކު އެއްޗެހި ކިޔަންޏާ ހާއްސަކޮށް. އެކަމަކު އަހަރެންމީ މިހެން ކިޔަން ރަނގަޅު މީހެއް ނޫން ކަންނޭނގެ. އަހަރެންނަކަށް އަހަރެންގެ އަމިއްލަ ދިފާއުގައި އެއްޗެއް ބުނެލާނެ ހިތްވަރެއް ނުލިބުނު. އެކަމަކު އަހަރެން އަޑު އެހިން މައުނާއަށް ނައިޝަމް ކީ އެއްޗެހި. ނައިޝަމް ކީ މުޅިންވެސް ރަނގަޅު އެއްޗެހި. އަމިއްލައަށް ވިސްނޭނެ ވަރުގެ އެއްޗެހި ނައިޝަމް ބުނެލީ.” އައިލީޝް ނައިޝަމްގެ އަތުގައި ހިފާލިއެވެ. އަދި ދެރަނުވުމަށް ބުނެ އެއަތަށް ފިތާލިއެވެ. ނައިޝަމްވެސް ހިނިތުންވުމެއް އައިލީޝްއަށް ދިނުމާއިއެކު ދެމީހުން އަވަސްވެގަތީ ފިރާގުއަށް ގުޅުމަށެވެ. ހަތަރު ފަހަރު ރިންގު ވުމަށް ފަހު ފިރާގު ފޯނު ނެގުމާއިއެކު އަވަސްވެފައިވާ ހިތަކާއިއެކު އައިލީޝް ހަލޯ އޭ ބުނެލިއެވެ. އައިލީޝް އެހެން ބުނުމާއިއެކު ފިރާގު ތީ ކޮންކުއްޖެއްހޭ ބުނެލިއެވެ. އަވަސްއަވަހަށް އައިލީޝް އޭނާގެ ތަޢާރަފެއް ދިނީ ފިރާގު އޭނާގެ މަތިން ހަނދާން ހުންނާނެ ކަމަށް ހިތާ ހިތުން ވާހަކަ ދައްކާ އަދި އެކަމަށް ދުއާ ކުރަމުންނެވެ.
އައިލީޝް ދުއާ ކުރި ގޮތަށް ކަންތައްވުމާއިއެކު ވެގެން އުޅޭ ހުރިހާ ކަމެއް ފިރާގަށް ކިޔާދިނުމަށްފަހު ފޯނު ބޭއްވި އައިލީޝްގެ ތުންފަތުގައި ކުޅެލާފައިވަނީ މާނަފުން ހިނިތުންވުމެކެވެ. ނައިޝަމްވެސް އެހެން ހުރުމަށްފަހު އައިލީޝްގެ އެދުމުގެ މަތިން އޭނާ ގެޔަށް ލައި ދިނުމަށްފަހު ނައިޝަމް އޮފީހަށް ދިޔުމަށް މަސްރާބު ބަދަލުކޮށްލީ ދިހައެއް ޖަހަން ނުހަނު ގާތްވެފައި ވުމުންނެެވެ. ކާރުގެ ހުންގާނުގައި އަތް އަޅުވާގެން އިން ނައިޝަމްގެ ވިސްނުން ދަތުރުކޮށްފައި ވަނީ ވަރަށް ވެސް ދުރަށެވެ. ނަޒްލިހާ ދެއްކި ވާހަކަތަކަށެވެ. އެޖުމުލަ ފުރިހަމަ ނުވިނަމަވެސް ބުނަން އުޅުނު އެތި ނައިޝަމްއަށް ފަހުމްވިއެވެ. އެހެން ކަމުން އެކަމާ ވިސްނެމުން ދިޔައިރު ދެން ނައިޝަމްއަށް ވިސްނެން ފެށީ އައިލީޝް އޭނާގެ އަތުގައި ހިފާލިގޮތެވެ. އެމަޑު އަތްތިލަ ނައިޝަމްގެ އަތުގައި ޖެހުމާއިއެކު އޭނާއަށް ކުރެވުނު އިހްސާސް ބަޔާން ކުރަންވެސް ދައްޗެވެ.
***
ޔުނާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހަމަ ނިދި ނިދާނުލެވެއެވެ. ސިކުނޑީގައި ކޮންމެ ވަގުތަކު ކޮންމެ ސިކުންތަކުވެސް ވަނީ އަރީން އެވެ. އެމައުސޫމް މޫނެވެ. ދުލުކުރީގައިވެސް ވަނީ އަރީންގެ ނަމެވެ. އަރީން އާ ދިމާވި އެކުޑަ ކުޑަ ދުވަސްކޮޅު ތެެރޭގައި އަރީން އެއީ ޔުނާންގެ ފުރާނައަށް ވެއްޖެއެވެ. ދިރިހުރުމުގެ އުންމީދަށް ވެއްޖެއެވެ. ނޭވާލުމުގެ ބާރަށް ވެއްޖެއެވެ. ހިތުގައި ރަސްކަން ކުރަމުންދާ ރެހެންދިއަށް ވެއްޖެއެވެ. އެއީ ޔުނާންގެ ހިތުގެ ރެހެންދިއެވެ. ރާނީއެވެ.
އައިލީޝްއަށް ޓަކައި އެހިތުގައި އުފެދުނު ޖަޒުބާތުތައް ފިލައިގެން ގޮސްފިއެވެ. އައިލީޝްގެ ހިޔާލުތަކުން އެހިތް ހިސާރު ކޮށްލާފައިވި ހިތުން އައިލީޝްގެ ނަން ފުހެވިގެން ހިނގައްޖެއެވެ. އައިލީޝްއަކީ ޔުނާންގެ ފުރާނަކަމަށް ދެކުނު ނަމަވެސް މިހާރު އެއީ ކުންހީއެކެވެ. ވަހުމެކެވެ. ހަގީގީ ލޯބި އައިލީޝްދެކެ ވެވުނު ނަމަވެސް މިހާރަކު ޔުނާންގެ ހިތުގައި އައިލީޝްގެ ސޫރައެއް، ނަމެއްވެސް ނެތެވެ.
ހަގީގީ ލޯތްބަކީ ފުހެލަން އުނދަގޫ ލޯތްބެއްކަން ޔުނާންއަށް އެނގެއެވެ. އައިލީޝްގެ ނަން އެ ހިތުން ފުހެލަންވެސް ނެގީ ކިހައި ދުވަހެއް ހެއްޔެވެ. އެކަމާމެދު ޔުނާން މިހާރު ވިސްނަން ބޭނުމެއްވެސް ނޫނެވެ. އެއީ މާޒީއެވެ. މާޒީއެއް އަނބުރާ ނުގެނެވޭނެކަން ޔުނާން ދަނެއެވެ. އަދި އައިލީޝް ހޯދާކަށް، ގަދަކަމުން ނުހޯދޭނެކަން ވެސް ޔުނާން ދަނެއެވެ. އެހެންކަމުން އައިލީޝްއާ މެދު ވިސްނާކަށް ވެސް ޔުނާން ބޭނުމެއް ނޫނެވެ.
އަތިރީގައި އިންނަ ޔުނާންގެ ބެންޗުގައި އިށީންދެގެން ފުން ހިޔާލަކަށް ގެއްލިފައި އިން އިރު އެހިޔާލުން އޭނާ ނެރެދިނީ މީރުވަސް ދުވާ ސެންޓެއް އޭނާގެ ނޭފަތުގައި ޖެހުމުންނެވެ. އެއީ އޭނާގެ ހިތް މިލްކްކޮށްފައިވާ ހިތުގެ ބައިވެރިޔާ ޖަހައި ސެންޓް ނޫން ދެން ކާކުގެ ސެންޓެއް ހެއްޔެވެ؟ އެވަހެއް ދުވަހަކު ޔުނާންއަކަށް ނޯޅޭނެއެވެ. އެވަހެއް ޖެހުމާއިއެކު ޔުނާންގެ ހިތުން ސިގްނަލް ދޭން ފަށައެވެ. ވަސް އައި ކޮޅަށް ޔުނާން އޭނާގެ މޫނު އަނބުރާލައި ބަލާލިއެވެ. އޭނާ އިށީންދެގެން އިން ބެންޗުގައި މޫދާ ދިމާލަށް ބަލަން އިން އަރީން ފެނިފައި ޔުނާންއަށް ސިހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ހިތުން ދޭން ފެށި ސިގްނަލްތައް ތެދުވީއެވެ. އެހިތަކުން އަރީންއަށް ޓަކައި ނުބައި ސިގްނަލެއް ނުދޭނެކަން ޔުނާންއަށް އިނގެއެވެ.
”އަރީން.” ޔުނާން ހައިރާންވެފައި އިނެ ގޮވާލިއެވެ. ނަމަވެސް އަރީންއަކަށް އެއަޑު އިވުނު ހެންނެއް ހިޔެއް ނުވެއެވެ. ތިން ހަތަރު ފަހަރަށް ގޮވާލުމުންވެސް އަރީން އަނގަހުޅުވާ ނުލިތާ ބަލާވެސް ނުލިއެވެ. ޔުނާންއަށް އެއީ ޝައްކެއް ހެން ހީވާން ފެށިއެވެ. އޭނާގެ ކުރިމަތީގައި އެއިނީ އަރީން ނޫންހެން ހީވާން ފެށިއެވެ. އަތް ނަގައި ލޮލުގައި އުނގުޅާވެސް ލާފިއެވެ. ދެތިން ފަހަރު ލޯ މަރާވެސް ލާފިއެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވެއެވެ. ފެންނަނީ އެއް މަންޒަރެކެވެ.
”ޔުނާން. މަންމައާ ވާހަކަ ދައްކައި. އެއީ ޔުނާން ބަލައި ބޮޑު ކުރި މަންމަ. އެމަންމައަށް ކިހައި އަސަރެއް ކުރާނެ. މިއަދު ޔުނާން ތިހުރީ މަންމައާ އެތައް ހާސް މޭލެއް ދުރުގައި. ވާހަކަ ނުދައްކައި އުޅުނީމަ މަންމަގެ ހިތުގައި އަޅާނެ ވޭން ޔުނާންއަކަށް އިހްސާސެއް ނުވާނެ. އަދި އަހަންނަކަށްވެސް. މަންމައާ ވާހަކަ ދައްކާ. މަންމައަށް ވުރެ އެހެން މީހަކު ޔުނާންއަށް މުހިންމުވެގެން ނުވާނެ. މަންމައަކީ އަހަރެމެންނަށް ޓަކައި ޔުނާންއަށް ޓަކައި އެތައް ބުރައެއް ކޮނޑުގައި އަޅުވައިގެން އުފުލި މީހެއް.” އަރީން ވާހަކަ ދައްކަން ފެށުމާއިއެކު ޔުނާންއަށް ޖަހައިލެވުނީ އިސްދަށަށެވެ. ކުށްވެރިއެއް ކަމުގެ އިހްސާސް ކުރެވެމުން ދިޔަ ނަމަވެސް އޭނާއީ ކުށްވެރިއެއް ކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ”އެކަމަކު. މަންމަ އަހަންނާ މެދު ކަންތައް ކުރި ގޮތެއް އަރީން އަކަށް ނޭނގޭނެ. މަންމަ އަހަންނަށް ހަދާލި ގޮތެއް އަރީން އަކަށް ނޭނގޭނެ.” ޔުނާން އޭނާގެ މާޒީގެ ވާހަކަ އަރީންއަށް ކިޔައިދޭން ފެށީ އެ ވާހަކަތައް އެހެން މީހަކަށް ހިއްސާ ކުރުމަށް ނުހަނު ބޭނުންވެފައި ހުރުމުންނެވެ. ނަމަވެސް އޭނާއަށް އެކަމެއް ކުރެވެން ފެށީ ކޮށްފައި ހުރި އަސަރުންނާއި ބޭއިހްތިޔާރުގައިއެވެ.
___
އޭނާ ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގައި ވިންދެއް ޖަހައިލިއެވެ. އޭގެ ކުރިން އަހަންނަކީ އެތައް ކުދިންނަކާ ރައްޓެހިވެފައި ހުރި މީހެކެވެ. އެކަމަކު އޭނާ ދެކެ ވީ ވަރަކަށް އެހެން އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވެނުނެވެ. އޭނާ ހޯދުމަށް އަހަރެން ހުރީ އަތުކުރި އޮޅައިލައިގެން އެކަމަށް ތައްޔާރަށެވެ. އޭނާ އަހަރެންގެ މިލްކަކަށް ހަދަން އަހަރެން ވަރަށް ބޭނުންވިއެވެ. ނަމަވެސް އިއްތިފާގުން އަހަރެންގެ ދޮންބެއަށް ވެސް ލޯބިވެވުނީ އޭނާ ދެކެއެވެ. އަހަރެން އޭނާ ދެކެ ލޯބިވި ކަން ނޭނގި އެއްދުވަހު ދޮންބެ އަހަރެންގާތު އެވާހަކަ ދެއްކިއެވެ. ދޮންބެގެ ވާހަކަތައް ހުރި ގޮތުން ދޮންބެ ވެސް އޭނާ ދެކެ ވަރަށް ލޯބިވާކަން އެނގުނެވެ. އެކަމުގެ ސަބަބުން އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އެއްވެސް ކުށެއް ނެތް ދޮންބެއަށް ނަފްރަތު ކުރެވެން ފެށިއެވެ. ނަމަވެސް އޭނާ ލިބުމަށް ބޭނުންވެފައި ހުރިވަރުން އަހަރެން ދޮންބެއާ ދެކޮޅަށް މަސައްކަތް ފެށީމެވެ. އެހެންނަމަވެސް އޭގެ ހަތަރު ދުވަހެއް ފަހުން މަންމަމެން ދޮންބެއާ އޭނާގެ ކައިވެނި ހަމަޖައްސިއެވެ. އެއީ އަހަންނަށް އަޑު އަހަން ފަސޭހަވި ހަބަރެއް ނޫނެވެ. ހިތް ފުޑުފުޑުވެގެން ދިޔަ ކަހަލަ އިހްސާސެއް އެވަގުތު ކުރެވުނެވެ.
ނަސީބު ކަންދިމާ ކުރި ގޮތުން އޭނާގެ ދައްތައެއް އޭރު އުޅުނީ ދޮންބެއާ ހެދިއެވެ. އަހަރެމެން ދެމިހުން ވަރަށް ރޭވުންތައް އެކަމާ ދެކޮޅަށް ރޭވީމެވެ. އަހަންނަށް އޭނާ ލިބޭ ގޮތަށް ދޮންބެ އަށް އޭނާގެ ދައްތަ ލިބޭ ގޮތަށެވެ. އެގޮތުން އޭނާގެ ދައްތަ ލައްވާ ދޮންބެ ގާތު އޭނާގެ ނުބައި ވާޙަކަ ދެއްކީމެވެ. ނަމަވެސް ދޮންބެގެ ހިތެއް ބަދަލެއް ނުވިއެވެ. މިހެން އެކި ރޭވުން ކުރިއަށް ގެންދަނިކޮށް އަހަރެންނަށް ލިބުނީ އޭނާ ދޮންބެއާ ކައިވެނި ކުރަން ބޭނުން ނުވާ ކަމުގެ ހަބަރެވެ. އެއީ އޭނާގެ ބައްޕަގެ ފަރާތުން މަންމަމެންނަށް ލިބުނު ހަބަރެކެވެ. އެކަން އިނގިފައި އަހަރެންނަށް ވީ ގޮތްވެސް ނޭނގުނެވެ. އޭނާ ލިބޭނެ ކަމުގެ އުންމީދު އާ ވެގެން ދިޔައެވެ. ހިތަށް ހަމަޖެހުމެއް އެދުވަހު ލިބިގެން ދިޔައެވެ.
އޭގެފަހުން އަހަރެން އޭނާގެ ވާހަކަ މަންމައަށް ކިޔައިދިނީމެވެ. އަހަރެން އޭނާ ދެކެ ލޯބިވާ ވާހަކައާއި އޭނާ ބޭނުންވާ ވާހަކައެވެ. ބައްޕައަށް ވެސް ކިޔައިދިނީމެވެ. ނަމަވެސް އަހަރެންގެ ބަދުނަސީބުކަމުން މަންމަމެން އަހަރެން ދެކެ އައީ ރުޅިއެވެ. ކީ އެއްޗިއްސެވެ. ކުރީ ނަފްރަތެވެ. އަހަރެން އެވަގުތު ހިތަށް އެރިއެވެ. އޭނާ ދެކެ ލޯބިވުން އެއީ ކުށެއް ހެއްޔެވެ؟ ކުށެއްކަން އެނގުނު ނަމަވެސް އަހަރެން އެކަމެއް ނުވެސް ކުރާނަމެވެ. އޭނާގެ ފަހަތަކުން ނޫޅޭނަމެވެ. މަންމަމެން އަހަރެން ހުއްޓުވަން ވަރަށް މަސައްކަތް ކުރިއެވެ. އަހަންނާ އޭނާއާ އެއް އުމުރެކޭ ކިޔައިގެން އަހަރެމެން ދެމީހުން ގުޅޭކަށް މަންމަމެން ބޭނުމެއް ނުވިއެވެ. މަންމަ އޭރުވެސް ބޭނުންވީ ދޮންބެ އާ ދެމިހުން ގުޅުވާށެވެ. ބައްޕަވެސްމެއެވެ. މަންމައާއި ބައްޕައަށް ކުރެވެން އޮތްހާ ކަމެއް އެކަމަށް ކުރިއެވެ. ނަމަވެސް ދޮންބެގެ ހިޔާލު އޭރު ވަނީ ބަދަލުވެފައިއެވެ. އެކަމަށް އެއްއަހަރު ވެގެން ދިޔައިރު ދޮންބެ ބޭނުންވީ އޭނާ ދެރަކޮށްގެން ނަމަވެސް އެކަން ކާމިޔާބު ކުރާށެވެ. އެހެންވެ ދޮންބެ އޭނާގެ ދައްތައާ ރައްޓެހިވިއެވެ. އަދި އޭނާގެ ކުރިމަތީ ވަރަށް ލޯބިން އުޅެން ފެށިއެވެ. އަހަންނާ އޭޏާގެ ދައްތައާ އޮތް ގުޅުންވެސް ކެނޑިގެން ދިޔައެވެ. އޭނާއަށް އޭނާގެ އުންމީދު ފުރިހަމަވުމުން އަހަރެންގެ ބޭނުން ދިޔައީއެވެ. އެކަމަކު އަހަރެންގެ އުންމީދު އަހަންނަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. މަންމައާއި ބައްޕަ އެކަމަކާ ހެދި އަހަންނާ ދިމާލަށް ކެނޑިނޭޅި ކިޔާ އެއްޗެހިން އަހަރެން މިތަނަށް އައީ ކެތް ނުކުރެވިގެންނެވެ. އެކަމަކަށް ދެއަހަރު ވީ ފަހުންނެވެ.
އޭނާ ހޯދުމުގެ އެއްވެސް ކަމަކަށް އަހަރެން އޭރުވެސް އުންމީދު ކަނޑައެއް ނުލަމެވެ. އޭނާ ދެކެ ލޯބި ވީ ފަހުން ދިހަ އަހަރު ވެގެން ދިޔައިރުވެސް އެކަމަށް ބަދަލެއް ނާދެއެވެ. ތާޒާކަމާއިއެކު ވީ ލޯބި މިހިތުގައި ހުރިއެވެ.
ގޭގައި ހިނގި، އަދި ހިނގާ އެއްވެސް ކަމެއްގެ ހަބަރެއް އަހަންނެއް ނުބަލަމެވެ. ގެޔަށް ނުވެސް ގުޅަމެވެ. އެކަމަކު މިތަނަށް އައިތާ ތިން އަހަރު ވެގެން ދިޔަ ފަހުން ފުރަތަމަ ފަހަރަށް މަންމައާ ދޮންބެ އަހަންނަށް ގުޅަން ފެށިއެވެ. އަހަރެން ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ގިނަފަރަށް އުޅުނީ ފޯނު ނިއްވާލައިގެންނެވެ. އެތިން މީހުންގެ އަޑު އަހާލާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ.
މިހާރު އޭނާ ވީ ކޮންތާކު ކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ. އޭނާ ދޮންބެއާ ކައިވެނި ކުރިކަމެއް ނުކުރާ ކަމެއްވެސް ނޭނގެއެވެ. މަންމަ އުޅެނީ ކިހިނެއް ކަމެއް ނޭނގެއެވެ. ބަލާކަށް ބޭނުމެއްވެސް ނޫނެވެ. އެއީ ބޭކާރު ކަމެއް ނޫން ހެއްޔެވެ؟ އެމީހުންނަށް އަހަރެންނަށް އެހެން ހަދައިލިއިރު މިހިތުގައި އަޅާނެ ވޭނެއް އެމީހުންނަށް ނޭނގެއެވެ. މިހިތަށް ކުރާނެ އަސަރެއް ނޭނގެއެވެ.
___
ޔުނާންގެ ލޮލުން ކަރުނަތައް ރޮނގަކަށް ފައިބަން ފެށިއެވެ. އެއްވެސް އިހްތިޔާރެއްނެތި ކަރުނަތަށް ފައިބަމުން ދިޔައިރު ޔުނާން އެކަރުނަތަށް ފުހެލާކަށްވެސް ނޫޅެއެވެ. ޔުނާންގެ ވާހަކަތައް އަޑު އިވިފައި އަރީންގެ ދެލޯވެސް ފެންކަޅި ވެގެން ދިޔައެވެ. އޭނާއަށް ޔުނާންއާ ވާހަކަ ނުދެއްކުނީތީ އެކަމާ އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށިއެވެ. އެހެންކަމުން އަރީން ޔުނާންގެ ކައިރިއަށް ޖެހިލައި އޭނާގެ އުނގުގައި ޔޫނާން ބާއްވާލިއެވެ. ”ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ. ކުށް ކުރެވެން ވެސް ޖެހޭނެ. މިއީ އިމްތިހާނެއް. ދުނިޔެއަށް އަހަރެމެން ފޮނުއްވީ އިމްތިހާން ކުރަން. އަޑިގަނޑަކަށްފަހު އުސްގަޑެއް އަންނާނެ. މަތީގައި އުދުހެމުން ދަނިކޮށް ތިރިއަށް ވެއްޓިދާނެ. ހިތްވަރު އެލިދާނެ. ހަޔާތުގެ ދިރިހުރުމުގެ ހުޅުކޮޅު ނިވިދާނެ. ނަމަވެސް މިކަމާ ހިތްވަރު އެލުވާލައިގެން ނުވާނެ. ވެއްޓުނީމަ އުދުހެވޭތޯ މަސައްކަތް ކުރަން ޖެހޭނެ. ވަޅުގަނޑަކަށް ވެއްޓިއްޖެނަމަ އެވަޅުން އެރޭތޯ މަސައްކަތް ކުރަން ޖެހޭނެ. ހުޅުކޮޅު ނިވިއްޖެނަމަ އެ ހުޅުކޮޅެއް ދިއްލޭތޯ މަސައްކަތް ކުރަން ޖެހޭނެ. ހަޔާތުގެ ނައު ތިމާ ބޭނުންވާ ކޮޅަކަށް ނުދާނެ. ނަމަވެސް އެކަމާ ކެތް ކުރަން ޖެހޭނެ. މި އިމްތިހާނުން ފާސް ވާން ޖެހޭނެ. ކޮންމެ ކަމެއްވެސް ދިމާވާނި އެންމެ ރަނގަޅަށް. ވެދާނެ ފަހަރެއްގައި ޔުނާންއަށް އޭނާ ނުލިބުނީ އެނާއަށް ވުރެ މާ ރަނގަޅު މީހަކު ލިބެން ކަމަށް. ފަހަރުގައި ޔުނާންގެ މަންމަ ޔުނާންއަށް އެގުޅަނީ މަޢާފަށް އެދެން ކަމަށްވެސް ވެދާނެ. މަންމައަށް ވިސްނުނީ ކަމަށްވެސް ވެދާނެ. މަންމައަށް މަޢާފު ކުރޭ. ހެޔޮ ދުއާ ކުރޭ. ކޮންމެ ކަމެއް ދިމާވިޔަސް ހިތްވަރު އެލުވާލައިގެން ނުވާނެ. އެކަލާނގެ އަހަރެމެން ހުރިހާ އުދާސްތަކެއް ދެނެވޮޑިގެންވާނެ. އަހަރެމެންގެ ހުރިހާ އުދާހަކުން މިންޖުކުރައްވާނި. މިކަމަށް ކެތްތެރިވާން ޖެހޭނި. އެކަމެއްގެ އެންމެ ރަނގަޅު ވަގުތުގައި އެކަލާނގެ ޔުނާންގެ ދުއާ އިޖާބަ ކުރައްވާނެ. ބުނެއެއްނު ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް ވާނޭ.” ޔުނާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އަރީންގެ ހެނދުން ތެއްމަމުންނެވެ. އެކަމަކަށް ފަރުވާލެއް ނުބަހައްޓާ އަރީން ދިޔައީ ނުހަނު ލޯބިން ޔުނާންގެ ބޮލުގައި ފިރުމަމުންނެވެ.
”އަރީން. ވެދާނެ ތީ އަހަރެންނަށް ލެއްވި ނަސީބެއްކަމަށް. އަހަރެންގެ ހަޔާތުގެ އުއްބައްތި ނިވިފާ ވަނިކޮށް އަރީން އަހަރެންގެ އުއްބައްތި ދިއްލާލަދިނީ. އަރީން. އަހަރެން ދޫކޮށްލާފަ ނުދައްޗޭ. އަހަރެން. އަހަރެން އަރީން ދެކެ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ. ތީ އަހަރެންގެ ފުރާނަ. އަހަރެންގެ ނޭވާ ހުރިހާ ދުވަހަކު އަހަރެން އަރީން ދެކެ ލޯބިވާނަން. މިހަށީގައި ފުރާނަ ހުރިހާ ހިނދަކު އަހަރެން އަރީން ދެކެ ލޯބިވާނަން. އަރީން އުފަލުގައި ގެންގުޅޭނަން.” ޔުނާންއަށް އޭނާގެ އިހްތިޔަރުން ބޭރުވިއެވެ. ދޫ އޭނާގެ އަތުން ދޫވެގެން ދިޔައެވެ. ހިތް އޭތި ބޭނުންވާ ގޮތަށް އަމަލުކުރަމުން ދިޔައީ ޔުނާންގެ އިހްތިޔާރުވެސް ބަދެލާފައިއެވެ. ޔުނާން އަރީންގެ އުނގުން ތެދުވެލައި އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. އަރީންވެސް ޔުނާންގެ ގައިގައި ބައްދާލައި ”އަހަރެންވެސް ވަރަށް ލޯބިވޭ.” ބުނެލިއެވެ. އެކަަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބިއިރު ދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއްގައިއެވެ. އަމިއްލަ ދުނިޔެއެއްގައި އުދުހޭށެވެ. ޔުނާންއަށް ލިބިގެން ދިޔަ އުފާ ބަޔާން ކުރަންވެސް ދައްޗެވެ. އޭނާގެ ކަޅު އަނދިރިވެފައިވި ދިރިއުޅުން އުޖާލާ ވެއްޖެއެވެ. ނުވިސްނި ހުރި ކަންތައް ވިސްނުނެވެ. މާތްﷲގެ މަތިން ހަނދުމަ ކުރެވިގެން ދިޔައެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތުގައި ރަސްރަނީގެ ޖޯއްޔެއްގައި ޒައިކްއާއި ޔޫޙާ އައިސްކޯން ބޯން ތިބިއިރު ދެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. ތަނުގައިވާ މީހުންގެ މޫނުމަތިންވެސް ހަމަ އެފަދަ އަސަރެއް ހުރިއިރު މުޅި މާހައުލުންވެސް އިހްސާސުވަމުން ދިޔައީ ހިތްގައިމުކަމާއި އުފާވެރިކަމެވެ. ”ޒައިކް. އަހަރެމެން ދެން ކައިވެނި ކުރާނި ކޮންދުވަހަކުންތަ؟ މިހާރު ކިތައް އަހަރު މިވަނީ މިހެން އުޅޭތާ.” ޔޫހާ ޒައިކްގެ ކޮޑުގައި ބޯ އަޅާލިއެވެ. އަދި އައިސްކޯނުގައި ދޫ ހާކައިލިއެވެ. ޒައިކްވެސް ޔޫހާގެ ބޮލުގައި އޭނާގެ ބޯ ޖައްސާލައިގެން އިނެ ބޮމުން ދިޔައެވެ.
”އަހަރެންވެސް ވިސްނަނި މި އެކަމާ. އަދި ޔޫހާއާ ވެސް އެވާހަކަ ދައްކާ ނުލެވިގެން މިއުޅެނީ. މިއަންނަ މަސް ކިހިނެއްވާނި؟” ޒައިކް ސުވާލު ކުރުމާއިއެކު ޔޫހާ އޭނާގެ ކޮޑުން ބޯ ނަގައި ރަނގަޅުވާނޭ ބުނެ އަނެއްކާވެސް ބޯ އަޅާއިލިއެވެ. ”އަދިވެސް ޔުނާންގެ ހަބަރެއް ނުވޭ ދޯ. އަހަރެން ވަރަށް ގިލްޓީ ވޭބަ ކަންތައް ކުރެވުނު ގޮތުން.”
ޒައިކްގެ އަތް ގޮށްމުއްކެވިގެން ދިޔައެވެ. އަނެއްކާވެސް އޭނާއަށް އެއިވުނީ އޭނާ ރުޅިއަންނަ އެންމެ ނަފްރަތު ކުރާ އޭނާގެ ކޮއްކޮގެ ވާހަކައެވެ. އެންމެ މީހަކަށްވެސް ޔުނާންގެ ވާހަކަ ނުދައްކައި ނޫޅެވެނީބާއޭ ޒައިކްގެ ހިތަށް އަރަމުން ދިޔައެވެ.
~ ނުނިމޭ ~
ނޯޓް: މި ބައިގައި ޔުނާންގެ މާޒީ ގެނެސް ދިފައި އިން ގޮތުން ހިތްހަމަ ޖެހޭ ކުުދިން ތިރީގައި ކޮމެންޓެއްގެ ޒަރީއާއިން އެކަން ބުނެލަ ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެކަމަށް ހިތްހަމަ ނުޖެހި ގެނެސެދީފައި އިން ގޮތް ހަޑި ނަމަވެސް ހަމަ އެފަދައިން ކަން ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިން އަޅުގަނޑަށް ތިދެއްވާ ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވަން. ކޮންމެ ކޮމެންޓަކީ އަޅުގަނޑަށް ވާހަކަ ލިޔުމަށް ލިބޭ ހިތްވަރެއް. ޖޯޝެއް. ޝުކުރިއްޔާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Ok hama salhi past inn goi
Different v ma adhi vrh salhi
MASHA ALLAH
thank u soo much aru. vr ufaavehjje kiyuntherinnah rythi gothakah yunaange past genesdhevunyma. thank u dear. it means a lot
Maasha Allah v reethi maazee genes deefain goi salhi
thank u soo much ram. vr ufaavehjje kiyuntherinnah rythi gothakah yunaan ge past genesdhevunyma. thank u dear. it means a lot
Varah reethi genes dhyfa inn goyy vx… mi part vx … masha allah keep it up sis
thank u soo much riff. vr ufaavehjje kiyuntherinnah rythi gothakah yunaan ge past genesdhevunyma. thank u soo much. it means a lot
Maasha Allah V reethi mi part ves. Past genesdhiyfa in goiives v v reethi.
Waiting for the next part.
Lysm sis❤❤
thank u soo much aashko. vr ufaavehjje kiyuntherinnah rythi gothakah yunaan ge past genesdhevunyma. thank u dear. it means a lot. lym dear
Hi nafu? Vrh reethi mi bai…. adhi jeheyne vaahaka feshigen kiyanvx. Manzi genesdhefa in goi vi vrh salhi. Waiting for next part?
hey raaya. thank u soo much. vr ufaavehjje mi bai kiyaalaafa commenteh kohlyma. and unmeedhu kuran raaya ah mi vaahaka kamudhaane kamah. kiyaalaafa bunelahchey ingey. thank u dear. it means a lot. keep waiting
Varah varah reethi mi bai vx…curiously waiting for the nxt part…nd vrh salhi yunan ge past genesdheefa in goii vx??….masha allah…..lysm…stay safe
thank u soo much kairaa. it means a lot. vr ufaavehjje yunaan ge past genesdhyfai in goii kamudhiyae ma. thank u. keep waiting. stay safe. lym dear
Vvvvvvv reethi Mi part. Mashaa Allah. Ur the best writer.
thank u sooo much dear.. it means a lot