އެމީހާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި ގޮސް ހަމަލާ ދީ ވައްޓާލާފައި އޮތް މީޙާގެ ކުރިމަތީގައި ބޭންދިއެވެ. އަދި އަހަރެންގެ ކުރިމަތީގައި ވަޅިން ދެވަނަ ހަމަލާ އޭނާގެ މެޔަށް އަރުވާލިއެވެ. މަންޒަރު ބަލަން ނުކެރިގެން އަހަރެން އިސްދަށަށް ޖަހައިލިނަމަވެސް ދެން ހުރި މީހާގެ އަތުގައި އޮތް ދަގަނޑު ހޮޅި ބުރިން އަހަރެންގެ ދަތްދޮޅީގައި އަޅުވާލައި ނަގައިލިއެވެ.
އެހިސާބުން އަހަރެންނަށް އެމީހުން ކުރި އަދި ދެއްކި ކޮންމެ މަންޒަރެއް ބަލަން މަޖުބޫރުވިއެވެ. ތިންވަނަ ފަހަރަށް ވެސް ވަޅި ޖަހައިލިއެވެ. އަދި އަނެއްކާވެސް ނައްޓާލައި ތިން ހަތަރު ފަހަރަށް ބަނޑަށް ވަޅި ޖަހައިލިއެވެ. މެއިންނާއި ބަނޑުން އަދި އަނގައިން ފައިބަމުން ދިޔަ ލޭ އެތި ފެނިފައި އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ތަތްތަތްކޮށް ރަތްލޭ ފައިބަމުން ދިޔައިރު މޭނުބައި ކުރަމުން ދިޔައެވެ. ނަމަވެސް އެއަނިޔާތައް ދެމުން ދިޔަ ތިން މީހުންގެ ހިތަށް ގޮތެއް ނުވަނީ ކަންނޭނގެއެވެ. ބޮލަށް އެނބުރުން ނާރަނީ ކަންނޭނގެއެވެ.
ފަނަރަވަނަ ފަހަރަށް ބަނޑަށް ވަޅި ޖެހިއިރުވެސް އަހަރެންނަށް ޖެހުނީ އެމަންޒަރު ބަލަން ހުންނާށެވެ. ނަމަވެސް މިއީ އަހަރެންނަށް ބަލަން ފަސޭހަވި މަންޒަރެއް ނޫނެވެ. މީހެއްގެ ފުރާނަ ބަޔަކުވެގެން ދުއްވާލާއިރު އެމަންޒަރު ބަލަން ހުރެވޭނެ ހެއްޔެވެ؟ އަހަރެންނަށްވެސް ހިތްވަރެއް ލިބުނު ނަމަ ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަމެވެ. ތެދުވެގެން ގޮސް އެމީހާގެ ދިފާއުގައި ހަނގުރާމަ ކުރާނަމެވެ. އެހެންނަމަވެސް އެވަގުތު އަހަރެންގެ ހުރިހާ ހަރަކާތެއްގައި އެމީހުން ވަނީ ތަޅުއަޅުވާފައިއެވެ. ދޫ ވަނީ ބަންދު ކޮށްލާފައިއެވެ. ސުބުހާނަﷲ އެވެ. ފަނަރަ ފަހަރު ވަޅި ޖެހިއިރުވެސް އެމީހާގެ ހަށީގައި ނޭވާ ހުއްޓެވެ. ބިންމަތީގައި އޮތް އިރު އެތައް ފަހަރަކު އަތް ދިއްކޮށްފައި އޭނާ ސަލާމަތްކޮށް ދިނުމަށް އަހަރެން ގާތު އެދުނެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އަހަރެންނަށް އިނެވުނީ އެމަންޒަރު ބަލާށެވެ. ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ.
ދެން ހުރި ދެމީހުން އަހަރެން ގާތަށް އައުމަށް މިސްރާބު ޖެހީ އެމީހާގެ ބޯ ޗިސް ވާވަރަށް ގެންގުޅުނި ދަގަނޑުގަނޑުން ޖަހާފައިއެވެ. ދެމީހުންގެ މޫނަށް އެވަގުތު ލޭތަށް ބުރައިގެން ދިޔަތަން އަހަރެންނަށް އެންމެ ރަނގަޅަށް ފެނުނެވެ. އެމީހާގެ އަނގައިން ނުކުތް އެންމެ ފަހުގެ ވޭނީ އާހްގެ އަޑު އަހަރެންގެ މިދެ ކަންފަތަށް އިވުނެވެ. އެންމެފަހުން ދެލޯ މެރެމުން ދިޔަ ހިނދު އެދެލޮލުުގައިވި ހިތާމައާއި ކެކުޅުން އަހަރެންނަކަށް ނޯޅެއެވެ. ނޭފަތުން އެވަގުތަށް ނޭވާ އުފުރިގެން ދިޔައީ އަހަރެމެން ހަތަރު މީހުންގެ ކުރިމަތީގައިއެވެ.
”މިއިން އެއްވެސް ކަމެއް އެކަކު ކައިރީ ބުންޏަސް ކަލޭވެސް. ވާހަކަ އަޑު އެހި މީހަކަށްވެސް ހަމަ މިހެން ހަނދާލާނަން. ހަނދާން ކުރާތި. އަހަރެންގެ ކުރި މައްޗަށް ދެން ދުވަހަކުވެސް ނާރާ، ތި އަނގަ މައިތިރިކޮށްގެން އުޅޭ.” މާސްކު ނާޅާ ހުރި މީހާ އެހެން ބުނެފައި އެތަނުން ދިޔުމަށް ހިނގައިގަތެއެވެ. އަހަރެންގެ މޭގަނޑު އެވަގުތު ތެޅެން ހުރި އެންމެ ބާރަކަށް ދިޔައީ ތެޅެމުންނެވެ. ދެން ހުރި ދެމީހުންވެސް ބާރު ބާރަށް ހިނިގަނޑެއް ޖަހާލާފައި އެތަނުން ދިޔައީ އަހަރެންގެ މޭމަތީގައި ފައިން ޖަހައި ބިން މައްޗަށް ވައްޓާލުމަށް ފަހުއެވެ. އަހަރެންގެ ހިތަށް އެވަގުތު އަރައިގެން ދިޔަ ޖުމުލަތައް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. ”އެއީ އިންސާނުން ހެއްޔެވެ؟ ރަހުމެއް ކުލުނެއް ނެތީ ހެއްޔެވެ؟ ހިތުގައި ބިރުވެރިކަމެއް ނެތީ ހެއްޔެވެ؟ ހަށިގަނޑުގައި އެވަނީ ހިތޭ ކިޔާ އެއްޗެއް ހެއްޔެވެ؟ ނޫނީ ބަރު ހިލަގަނޑެއް ހެއްޔެވެ؟”
އަހަރެން އެމީހުން ދިޔުމުން އެތަނުގައި މާގިނަ ވަގުތު އިންނަން ނުހަދައި ހަށިގަނޑުގައި ކިތަންމެ ތުރުތުރެއް އަޅަމުން ދިޔަނަމަވެސް ކެތްކޮށްލާފައި ގޮސް ބޯޓަށް އަރައި ފާހަނާއަށް ވަދީމެވެ. އަދި އިސްކޫރު ދޫކޮށްލައި އެތައް ފަހަރަކު މޫނުގައި ފެން އުނގުޅާލީމެވެ. ނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެ ފަހުން މޭ ބޮޑުކޮށްކޮށްފައި ހޮޑުލެވުނީއެވެ. ލޮލުން ކަރުނަ އެތި ފައިބަމުން ދިޔައީ އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ. އިންސާނަކު މަރަށް ތެޅެމުން ދިޔައިރު އަހަރެން ކަހަލަ އިންސާނަކަށް އޭނާ ސަލާމަތް ނުކުރެވުނީތީއެވެ. އަހަރެން އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް ޕޮލިހަށް ގުޅައި އެތަނުގައި ވަޅިން މީހަކަށް ހަމަލާ ދީފާ އެބައޮތްކަމަށް ބުނެ ފަޅުވެރިންނަށް ގޮވައި ރަށަށް ދާން ފުރީމެވެ.
މިއީ އަހަރެންގެ ހިތްދަތި މާޒީއެވެ. އެތައް ވޭނެއް އުފުލަން ޖެހުނު އަހަރެއްގެ ވާހަކައެވެ. އެތައް ރެއެއްގެ ނިދި ނަގައިލަން ޖެހުނު މަންޒަރެއްގެ ވާހަކައެވެ. އާއެކެވެ. މިހާދިސާއަށް ފަހު އަހަރެންނަށް ހަމަ ނިދި ނިދާނުލެވެއެވެ. ތަނެއްގައި އެކަނި ހުންނާކަށް ނުކެރެއެވެ. އެކަނި މަގުމައްޗަށް ނުކުންނަންވެސް ބިރުގަތެވެ. އެރެއަށްފަހު އަހަރެން މާލެއަށް އައީ މީގެ އެއް ހަފްތާ ކުރިންނެވެ. އެމީހާ، މާޖިދުގެ ކުރި މައްޗަށް ދެން ދުވަހަކުވެސް ނާރާ އުޅެވޭތޯ އަހަރެން އަހަރެންގެ އާމްދަނީ ލިބޭ މަސައްކަތް ފެށީއެވެ. ނުވަ އަހަރު ފަހުންނެވެ. ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވި އަހަރެންނަށް މިއަދު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ހިނގައްޖެއެވެ.
އެ އަހަރު އަހަރެންނަށް މިހުރިހާ ވާހަކައެއް ޕޮލިހުންނަށް ހިއްސާ ނުކުރެވުނީ ވާހަކަދައްކަން ދަތިވީމައެވެ. އެރެއަށްފަހު އަހަރެންނަށް މީހަކާ ވާހަކަ ދައްކާވެސް ނުލެވެއެވެ. ހިތަށް ވެރިވެފައި ހުރި ބިރުވެރި ކަމުންނެވެ. ނުތަނަވަސް ކަމުންނެވެ. މިއީ ހައްގު ތެދެވެ. މާތް ﷲ ގަންދީ ބޮޑު ހުވާ ކޮށްފައި އަހަރެން މިހުރިހާ ވާހަކައެއް، ވީ ހުރިހާ ކަމެއް ތެދަށް މިކިޔާ ދިނީ މީހަކަށް އިންސާފު ހޯދައި ދިނުމަށެވެ. މީހެއްގެ ދަރިއެއްގެ ހިތަށް ހަމަޖެހުމެއް ހޯދައި ދިނުމަށެވެ. އަދި އަހަރެންގެ ހިތަށްވެސް މެއެވެ.
މާޖިދުއެވެ. އަހަރެން މާޖިދުގެ ކުރިމައްޗަށް ނާރަން ވަރަށް މަސައްކަތް ކޮށްފީމެވެ. ޝަރީއަތަށް ނައިސް ވީޑިއޯއެއްގެ ޒަރީއާއިންވެސް އަހަރެން މިކަން މިކުރީ އެހެންވެއެވެ. ނަމަވެސް މިވީޑއޯއިން ވެސް އަހަރެންނަށް މިހުރީ މާޖިދުގެ ކުރި މައްޗަށް އެރިފައިއެވެ. ފަރުވާލެއް ނެތެވެ. މި ވީޑިއޯ މާޖިދުއަށް އަޑު އިވި ، ފެންނަ ދުވަހަކު އަހަރެން ދެކެ ވަރަށް ރުޅިއައިސް މަރާލަން ބޭނުންވާނެ ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. އަހަރެން މަރައިލަން އަންނާށެވެ. އެކަމަކު އެކަން ކުރުމުގެ ކުރިން ވިސްނާލާށެވެ. ތިމާއަށް ތި ކުރެވެނީ ބޮޑު ފާފައެކެެވެ. އެކަކަށްވެސް އެނެކެއްގެ ފުރާނައަށް އަތްލުމުގެ ބާރެއް ލިބިގެން ނުވެއެވެ. ކިތަންމެ ވަރަކަށް ވަކީލަކަށް ރުުފިޔާދީގެން ތިމާ ތިއީ ކުށްވެރިއެއް ނޫންކަން ދައްކަން އުޅުނަސް މަންޒަރު ދުން އަހަރެންގެ ނަޒަރުގައި ތިއީ ގާތިލެކެވެ. ތިއީ ގާތިލެކެވެ.
___
ވީޑިއޯކޮޅު ނިމިގެން ދިޔައިރު ތަނުގައި ތިބި އެންމެންގެ ލޮލުން ވަނީ ކަރުނަ ނީރާލާފައިއެވެ. ނަމަވެސް މާޖިދުއާއި އޭޏާގެ ވަކީލުގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ދެންމެ ދެންމެ ހީވީ މާޖިދުގެ ރުޅިގަނޑު ފަޅައިގެން ގޮސްދާނެ ހެންނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ވަކީލު އޭނާ ކައިރި ބަލާލާފައި އެދެލޮލުން އޭނާއަށް ފާހަގަވި ކަންކަމުން މޫނުން ރުޅިވެރިކަން ފިލުވައިލިއެވެ. އަދި ހިތާމަވެރިކަން މޫނަށް ގެނުވިއެވެ. އެއީ ގާޒީންނަށް އޭނާއީ ކުށްވެރިއެއް ކަމަށް ހީކުރެވިދާނެތީއެވެ. ރުޅި އައިސްގެން އެކަމާ ހަޅޭ ލަވައިގަނެފި ނަމަ ހަމަ ރަނގަޅަށްވެސް ގާޒީން އެހެން ހިތަށް އަރާނެއެވެ. ތަނުގައި ތިބި މީހުންވެސް މެއެވެ.
”ޕްރޮސެކިއުޓަރުން ބަހެއް ބުނަން ބޭނުން ނަމަ ފައްޓަވާ.” ގާޒީ ހުއްދަ ދިނުމާއިއެކު ޝިޔާމް ތެދުވެގެން ގޮސް އެންމެންގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓިލިއެވެ. ”އާދެ. ދެންމެ ތި ބެއްލެވި ވީޑިއޯއިން އެ ފެނިގެން ދިޔައީ މަންޒަރު ހަމަލޮލުން ފެނިގެން ދިޔަ މީހެއްގެ ވާހަކަ. އެމީޙާގެ ވާހަކަތަކުން މިކަން ކޮށްފައި ވަނީ މާޖިދު އާއި އަދި ދެން ތިބި ދެމީހުންކަން ވެސް އެނގިލައްވާ. އިއްޒަތްތެރި ގާޒީ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ މާޖިދު ކޮށްފައިވާ ކަމެކޭ.” ޝިޔާމް އައިސް ގޮޑީގައި އިށީންއިރުވެސް ގާޒީއަށް ދިޔައީ އޭނާގެ ބޯ ހެލުވެމުންނެވެ.
”އިއްޒަތްތެރި ގާޒީ. މިއީ ޓެކްނޮލޮޖީގެ އެހީއާއެކު ބޭނުން ކޮންމެ ކަމެއް ކޮށްލެވޭ ޒަމާނެއް. އަޅުގަނޑަށް ވެސް އަދި އެހެން މީހުންނަށްވެސް މީހަކަށް ހުރިހާ ވާހަކައެއް ކިޔައިދީގެން މިފަދަ ވީޑިއޯކޮޅެއް ހަދައިލެވިދާނެ ދެއްތޯ؟ އަދި އެއް ވާހަކަ. މީހާގެ ހަށިގަނޑަށް ފަނަރަ ފަހަރު ހަމަލާ ދިން އިރު އެމީހާގެ ފުރާނަ ހަށިގަނޑުގައި ހުންނާނެތޯ؟ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެއް؟ ދެން އަދި އެތަނުގައި ދަންވަރުގެ ގަޑިއެއް ނޫން އިރު މީހުން އެހައި މަދުވެގެން އެދިޔައީ ކީއްވެގެން ތޯ؟ ހަމަ ގައިމުވެސް އެންމެ މީހަކު މަންޒަރު ދުށް މީހަކަށް ހުންނަންވީ ކީއްވެތޯ؟ އެތައް ބަޔަކަށް މަންޒަރު ފެންނާނެކަން ޔަގީން.” ވަކީލު އެއް ބުމަ އަރުވައިލަމުން މަޑު ހިނގުމެއްގައި ގޮސް ގޮޑީގައި އިށީންދެލިއެވެ. އެވަގުތު ގަޒީގެ މޫނަށް އަރައިފައިބަމުން ދިޔައީ ދޭހަވެގެން ނުދާނެ ފަދަ ކުލަތަކެކެވެ.
”މާޖިދުގެ ވަކީލު ތިދެންނެވީ ވަރަށް ވެސް ތެދު ވާހަކައެއް. މިއީ ޓެކްނޮލޮޖީ ވަރަށްވެސް ބޮޑަށް ކުރިއަރައިފާވާ ޒަމާނެއް. އެކި އެކި ވަސީލަތްތައް ބޭނުން ކޮށްގެން ބޭނުން ގޮތަކަށް ވީޑިއޯތައް އެޑިޓް ކުރެވޭ ޒަމާނެއް. ނަމަވެސް މިއީ އަޅުގަނޑުމެން ކީއްކުރަން ކުރާ ކަމެއްތޯ؟ މިގޮތަށް ކަމެއް ކޮށްގެން އަޅުގަނޑުމެންނަށް ކުރާނީ ކޮން ފައިދާއެއްތޯ؟ އެހެން ނަމަވެސް ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލައިގެން އެތައް ހާސް ފުރާނަތަކެއް ގެއްލިގެންދާނެ. އެއްވެސް ކުށެއް ނެތް ފުރާނަ މިދުނިޔެއިން ނެތި ދާނެ. މީގެއިތުރުން ފަނަރަ ފަހަރު މީހެއްގެ ގަޔަށް ހަމަލާދީގެންވެސް އެމީހާގެ ގައިގައި ފުރާނަ ހުރެދާނެ. ފުރާނަ ހިއްޕަވާ ފުރާނަ ގެންދަވަނީވެސް އެކަލާނގެ. އެއީ ވެސް މާތްﷲގެ ކުޅަދުންވަންތަ ކަން. އެތަނުގައި މީހުން އެހައި މަދުވެގެން ދިޔަ ސަބަބެއް ވެސް ވާނެ. އަޅުގަނޑުމެން ހޯދި ހޯދުމުގައި އެތަނުން މީހުން އެތި އެހައި އަވަހަށް މަދުވެގެން ދިޔައީވެސް ހަމަ މާޖިދުމެން ކުރި ކަމަކުން.”
ނައިޝަމްގެ ވާހަކަ ނިމިގެން ދިޔައިރު ވަކީލުގެ ބަސް ވަނީ ހުސްވެފައިއެވެ. އޭނާއަކަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނައިޝަމްގެ އަނގަ ބަންދުކޮށްލަން ފުރިހަމައަށް ތައްޔާރުވެލައިގެން އައި ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
”ވަކީލަށް ވާހަކަ ދައްކަން އަރުވަން.” ތަނެއް ގުޑުވާ ވެސް ނުލައި ބުދެއްހެން ވަކީލު އިންނަން ފެށުމުން ދެން ފުރުސަތު ލިބިގެން ދިޔައީ ޕްރޮސެކިއުޓަރުންނަށެވެ. ”އަޅުގަނޑުމެން އަނެއްކާވެސް ވީޑިއޯއެއް އަޅުވާލާނަން.” ޝިޔާމް ޕްރޮޖެކްޓަރުން އޭތި އަޅުވާލައި އެތަނުގައި ހުރި ހުދު ބޯޑަށް ސީދާ ކޮށްލިއެވެ. އެވަގުތު ބޯޓުގައި އުޅުނު މީހާގެ ވާހަކަތައް ހުރި ތަރުތީބުން ކަންތައްތައް ފެންނަމުން ދިޔައެވެ. އެއީ ސީސީޓީވީ ފުޓެޖެވެ.
”އިއްޒަތްތެރި ގާޒީ. ތިއީ ކުޅެފައިވާ ވީޑިއޯއެއް. އަސްލެއް ކަމަކަށް ގަބޫލެއް ނުކެރެވޭ. މީހަކަށް އެވަރުގެ ބޮޑު އަނިޔާއެއް ދޭން އިންސާނަކަށް ކެރޭނެތަ؟” ވަކީލު ތެދުވެލައި މަކަރުވެރި ގޮތަކަށް ބުނެލިއެވެ. އެ ޖުމުލަތައް އަޑު އިވިފައި ޝިޔާމްއަކަށް ގޮޑީގައި މަޑަކުން ނީނދެވުނެވެ. ރުޅިއައިސް ހުރެ ގޮޑިން ތެދުވެފައި ގޮސް އެތަނުގެ މެދުގައި ހުއްޓިލީ ވަކީލު ގޮޑީގައިވެސް ނީށީންނަނީ ހެންނެވެ. ”ބަލައިލި ކޮންމެ މީހެއްގެ ހިތަށްވެސް އަރާނީ ހަމަ ތިހެން. އެކަމަކު އަޅުގަނޑުމެންނަށް މިކަމުގައި ފޮރުވޭނެ އެއްޗެއް ނެތް. އެވަރުގެ ބޮޑު އަނިޔާއެއް އިންސާނަކަށް އެދެނީ އިންސާނުންގެ ސިފާގައި ތިބި ޖަނަވާރުން. މާޖިދުގެ ވަކީލު ތި ދެންނެވީ ރަނގަޅަށް. އިންސާނަކަށް އެވަރުގެ ކަމެއް ކުރާކަށް ނުކުރޭނެ. އެކަން އެކުރީ އިންސާނުންނެއް ނޫން. އެޔަށް ވުރެ މާ ނުބައި މީހުން. މި ވީޑިއޯ އަސްލެއް ކަމަށް ނުދެކެވެންޏާ އަޅުގަނޑު މި ފާހަގަ ކުރާ ކަންތަކަށް ވަރަށް ރަނގަޅަށް ބަލައިލާ. ބޯޓުގައި ހުރި މީހާ އެތަނަށް ގެނެސް އެލީ އިބްރާހިމް މާޖިދު. ވީޑިއޯއިން ފެންނަ މީހާއަށާއި މިހާރު އަޅުގަނޑުމެންގެ ލޯ ކުރިމަތިން ފެންނަން ތި އިން މާޖިދަށް ބަަލައިލުމުން އެއްވެސް ތަފާތެއް ނެތްކަން ފާހަގަވޭ. މާޖިދުގެ އިސްތަށިގަނޑު އެހުރީ ހަމަ މީގެ ނުވަ އަހަރު ކުރިން ހުރި ގޮތަށް. އަދި ހާމިދުގެ މޫނުގައި އެއިން ލަކުނަކީ އާކިފް ރަޝީދުގެ މެޔަށް ހަމަލާދޭން އުޅުނު ގަޑީ އޭނާގެ އަތުގައި ހާމިދުގެ އަތް ޖެހި ހަލާކުވެފައި އިން ތަނެއްކަންވެސް ވީޑިއޯއިން އެބަ އިނގޭ. މާސްކް އަޅައިގެން ހުރި ނަމަވެސް އެއީ ހާމިދުކަން މި ވީޑިއޯ ބަލައިލީމަ އެބަ އިނގޭ. އަދި ދެން އެހުރީ އިސްމާއިލް ހަސަންކަން ވެސް އެބަ އިނގޭ. އޭނާ މިހާރު ލައިގެން އެ އިންނެވީ ވީޑިއޯގައިވެސް އޭނާ ލައިގެން ހުރި ގަމީސް. އެހެންވީމަ މިކަމުން އޮޅުވާލެވޭނެ ކަމެެއް އެބަ އޮތްތޯ؟ ހުރިހާ ހެއްކެއް މި ވިީޑިއޯއިން ފެންނަން އެހުރީ.”
ނައިޝަމްމެންގެ ކޮޅު މޮޅުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެހެން މީހުންވެސް ކައިރީގައި ތިބި މީހުންގެ ކަންފަތް ބުޑުގައި ސިއްރުން ވާހަކަ ދައްކަމުން ދިޔައީ އެކަމަށް އެއްބަސްވާ ފަދައިންނެވެ.
ޝިޔާމް އާއި ނައިޝަމް ދައްކަމުން ދިޔަ ވާހަކައިންނާއި ޕްރޮޖެކްޓަރުން އަޅުވަމުން ދިޔަ ހެކިން މައުނާއަށާއި ޔޫހާއަށް އިނީ އެސްފިޔަވެސް ޖަހައިލަން ނުކެރިފައިއެވެ. ލިބިފައިވާ ސިހުންވަނީ އިތުރުވެފައިއެވެ. ނަމަވެސް އެދެމީހުނަށްވެސް ނައިޝަމްމެން ދައްކި ވާހަކަ ގަބޫލުކުރެވެމުން ދިޔައެވެ. ވަކީލު ކޮންމެ އެއްޗެއް ކީ ނަމަވެސް ވީޑިއޯ އިން އެފެނިގެން ދިޔައީ އަސްލު ކަމަށް ގަބޫލުކުރެވެމުން ދިޔައެވެ. ”ޑަޒް އިޓް މޭކް ސެންސް.” ޔޫޙާގެ ކައިރީގައި އިން ޒައިކްގެ ދުލުން ބޭރުވި ބަހާއިއެކު މައުނާއަށާއި ޔޫޙާއަށް ޒައިކްއަށް ބަލައިލެވުނީ އެއްފަހަރާއެވެ. ”ޔެސް.” ދެމީހުންނަށް އެއްފަހަރާ އެހެން ބުނެވިގެން ދިޔައިރު ޒައިކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ވަކީލަކަަށްވެސް ދެން އިތުރަކަށް ބުނާނެ އެއްޗެއް ނުވިސްނުނި ފަދައެވެ. އިސްދަށަށް ޖަހައިލައިގެން ދެއަތް ދެއަތަށް މޮޑެމުން ދިޔައީ މާޖިދުގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ނުދަނެ ހުރެއެވެ.
”އިއްޒަތްތެރި ގާޒީ. އަޅުގަނޑު ދެން ޑޮކްޓަރުގެ ބަހެއް އިއްވާލާނަން.” ނައިޝަމް އެހެން ބުނުމާއިއެކު ސެކިއުރިޓީ ބަލަހައްޓާ މީހަކު ޑޮކްޓަރު ފިރާގު ގޮވައިގެން އައިސް މަންޒަރު ދުށް މީހުން އިށީންނަން އިން ގޮޑީގައި ބައިންދާލިއެވެ. އަދި ޑޮކްޓަރު އޭނާގެ ހުވާ ކިޔާލުމަށްފަހު ކުޑަ ތަޢާރަފެއްވެސް ދޭން ފެށިއެވެ. ”އަޅުގަނޑަކީ ޑޮކްޓާރ އަހްމަދު ފިރާގު. ސާޖިއަން އެއް. އަޅުގަނޑު މަސައްކަތް ކުރައްވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި. އެތަނުގައި މިހާރު މަސައްކަތް ކުރާތާ ފަނަރަ ވަރަކަށް އަހަރުވެދާނެ.”
”ޑޮކްޓާރ. އާކިފް ރަޝީދު ނިޔާވީ އޭނާގެ ސިކުނޑި ހުއްޓިފައި ކިތައް ގަޑިއިރު ފަހުން ތޯ؟” ނައިޝަމް ސުވާލުކޮށްލުމާއިއެކު ފިރާގް އޭނާ ގުންގުޅުނު ފައިލް ބަލައިލާ ޖަވާބު ދިނުމަށް އަނގަ ހުޅުވާލިއެވެ. ”ހަތް ގަޑިއިރާއި ފަނަރަ މިނެޓް ފަހުން.”
”ސިކުނޑި މަރުވެގެން ދިޔައީ ބޮލުގައި ދަގަނޑު ހޮޅުބުރިން ޖަހައިގެން ކަމަށް ބެލެވޭތޯ؟ އަދި ހޮސްޕިޓަލަށް ގެނަ އިރުވެސް އެނާ ވަނީ މަރުވެފައިތޯ؟” ނައިޝަމް ސީދާ ފިރާގްގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ. އެވަގުތު މާޖިދު އާއި އޭނާގެ ވަކީލު އިނީ ނޭވާ ހިފަހައްޓާލައިގެން ކަން އެންމެ ރަނގަޅަށްވެސް އެނގެމުން ދިޔައެވެ. ”އާދެ. ހަމަލާދިނުމުގެ ސަބަބުން ސިކުނޑި މަރުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވީ. އެއީ ބޮލުގައި ފަލަ ބޮޑު ދަގަނޑު ހޮޅިބުރިން ޖަހާފައިވީމަ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ވަރަށް ގިނަ ލޭތައް ވަނީ ސިކުނޑިއަށް އެޅިފައި. ހޮސްޕިޓަލަށް ގެނައިރު ވިކްޓިމްގެ ހިތް ދިޔައީ މަސައްކަތް ކުރަމުން. ނަމަވެސް ހިތް ކައިރިއަށް ދީފައި އިން ވަޅީގެ ހަމަލާގެ ސަބަބުން ފުއްޕާމެއިން ލޭ ފޮނުވައިދޭ ނާރު ބުރިވެފައި އިނުމުގެ ސަބަބުން ހިތަށް ލޭ ނުފޯރުމުގެ ސަބަބުން ވިކްޓިމް ނިޔާވެގެން ދިޔައީ. އަޅުގަނޑުމެން އޮޕްރޭޝަން ކުރުމުގެ ކުރިން ހުރިހާ އެއްޗެއް ގުޅައި އޮޕްރޭޝަނަށް ތައްޔާރުވި އިރަށް އީސީޖީ މެޝިނުން ދެއްކި ވިކްޓިމް ގެ ވިންދު ނުޖަހާ ކަން.” ފިރާގް އެއްފަރަހަރު ނައިޝަމްއަށް އެނެއް ފަހަރު ގާޒީއަށް ބަލައިލިއެވެ.
”އިއްޒަތްތެރި ގާޒީ. ދެންމެ ޑޮކްޓާރ ފިރާގް އެ ދެންނެވި ވާހަކަތަކުން އެނގިލައްވާބަ އެއީ އޮޕްރޭޝަން ކުރަނިކޮށް މަރުވި މަރެއް ނޫންކަން. ނަމަވެސް ދީފައި ހުރި ހަމަލާތަކުން މަރުވި މަރެއްކަން. އެހެން ނޫންތޯ؟” ނައިޝަމް ގާޒީއާ ދިމާލަށް އެނބުރިލައި އެސުވާލު ކޮށްލުމާއިއެކު ގާޒީ ބޯ ޖަހައިލިއެވެ. އެތައް ހެއްކަކުން ނައިޝަމްމެންގެ ކޮޅު މޮޅުވެފައިވިއިރު ދެން ވަކީލަށް މާޖިދު، އިސްމާއިލް އަދި ހާމިދުގެ ދިފާއުގައި ބުނާނެ އެކައްޗެއްވެސް ނޭނގެއެވެ. ހުރިހާ ބަހެއް އޭނާގެ ދުލުން ހުސްވެއްޖެއެވެ.
އޮތްހާއިރު ނޭވާ ހިފަހައްޓާލައިގެން އިން އައިލީޝްއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ކާމިޔާބުވުމުގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ. ހިތް އުފަލުން ނަށާލިއިރު އޭނާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. ”ބައްޕާ. ބައްޕައަށް އިންސާފު ލިބޭކަށް ދެން މާގިނަ އިރެއް ނެތް.”
”ދެފަރާތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އަޅުގަނޑުމެންނަށްވެސް މިކަން ކޮށްފައި ވަނީ އިބްރާހިމް މާޖިދު، އިސްމާއިލް ހަސަން އަދި އަލީ ހާމިދުކަން އިނގިއްޖެ. އަދި ގާތިލުންނަކީވެސް މިތިން މީހުންކަން އެނގިއްޖެ. އެހެންކަމުން ޝަރީއަތުގެ ހަވަނަ މާއްދާގެ ށަވިޔަނީގައިވާ ގޮތުގެ މަތިން، މިތިން މީހުން މުޅި އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިން.” ދިހަ މިނެޓަށް ދިގުދެމިގެން ދިޔަ ގާޒީންގެ މަޝްވަރާއަށް ފަހު ކަންތައް ނިމިގެން ދިޔައީ އެންމެ އިންސާފުވެރި ގޮތަށެވެ. ގާޒީ ހުކުމް އިއްވާލާއި ތިން ފަހަރަށް ޖަހައިލިއެވެ.
”މަންމާ. ބައްޕަ މުޅި އުމުރަށް ޖަލަށް ލައިފި.” މެސެޖެއް ލިޔެލާ މައުނާ ޒާހިދާއަށް މެސެޖް ފޮނުވާލިއެވެ. އަދި ފޯނު ނިއްވާލައި ދަބަސް ތެރެއަށް ފޯނު ލިއެވެ. މާޖިދު ޖަލަށް ލާ ހަބަރަކީ އޭނާއަށް އަޑުއަހަން ފަސޭހަނުވި ހަބަރެއް ވިޔަސް އެދުވަހު ނައިޝަމް ދެއްކި ވާހަކަތައް މައުނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ބައްޕައަކީ މާތް މީހެއް ނޫންކަން މިއަދު އޭނާއަށް ޔަގީން ވެެގެން ދިޔައެވެ. އެއީ ރަނގަޅު މީހެއް ނޫންކަން އެނގިގެން ދިޔައެވެ. މައުނާގެ ލޮލުން މަޑުމަޑުން ކަރުނަ އެތި ކޯތާފަތުގައި ފިރުކިފައި ތިރިއަށް ފައިބަން ފެށިއެވެ. ޔޫހާގެ މޫނުވެސް ވަނީ އެފަދަ ހާލެއްގައިއެވެ. ނަމަވެސް އައިލީޝް އާއި ނައިޝަމްގެ މޫނުން ފެނިގެންދަނީ މި ދެމީހުންގެ މޫނުން ފެންނަ އިހްސާސާ މުޅިން އިދިކޮޅެވެ.
***
ފުލުހުންގެ ޓީމް ކޯޓުން ނުކުންނަން ހިނގައިގަތް އިރު އެމީހުންގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. މީގެ ކުރިން އެމީހުންގެ މޫނުމަތިން ފެނިފައި ނުވާ ހިތްހަމަޖެހުމެކެވެ. އައިލީޝްގެ ކޮޑުގައި އަތް އަޅުވައިލައިގެން ހުރި ސާޔާއާއި ރައުހާ ދިޔައީ އެމީހުން ދެން ކުރަން ހުރި ކަންތަކާއި މެދު ވާހަކަ ދައްކަމުންނެވެ. ހިތަށް ލިބިފައިވި ފިނިކަމުން އެމީހުންގެ އަނގަވެސް ވަނީ ގަދަވެފައިއެވެ.
”މޭމް އެބަ އަންނަން ޕްރޮސެކިއުޓާރ ނައިޝަމް ގާތު ވާހަކައެއް ބުނެލުމަށް ފަހު. މިތާ މަޑުކޮށްލައި.” އައިލީޝް އެހެން ބުނެލައި ފަހަތަށް އެނބުރި ކޯޓާވީ ދިމާލަށް ހިނގަން ފެށިއެވެ. އޭރުވަނީ ކޯޓާ ވަރަށް ދުރަށް ހިނގިފައިކަމުން އައިލީޝްއަށް އަޅަން ޖެހުނު ފިޔަވަޅުތައް ވަނީ އިތުރުވެފައިއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު އިރަށް އައިލީޝްއަށް އޭނާގެ ފިޔަވަޅުތަށް މަޑު ޖައްސާލަން ޖެހުނެވެ.
އެއްއަތް ފަހަތަށް ލައިގެން އޭނާއާ ވީ ކޮޅަށް ހިނގަމުން އަންނަ ޒާހިދާ ފެނި އައިލީޝްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. ޒާހިދާ އައިސް އައިލީޝްގެ ކުރި މައްޗަށް އަރައި މަކަރުވެރި ހިނިތުންވުމެއް އައިލީޝްއަށް ރައްދުކޮށްލިއެވެ. ”ހީކުރަނީތަ މިކަން ކާމިޔާބު ވީ ކަމަށް. އަހަރެންގެ ދިރުއުޅުން ހަލާކުކޮށްފަ ކަލޭއަކަށް ހަމަޖެހިގެންނެއް ނޫޅެވޭނެ.” ޒާހިދާ އޭނާގެ ފަހަތަށް ލެވިފައިވި އަތް މައްޗަށް ހިއްލާލައި އައިލީޝްގެ ހިތާ ވީ ދިމާލަށް ބާރު ބާރަށް ގެންދަން ފެށިއެވެ. ޒާހިދާގެ އަތުގައި ވި ވަޅި ފެނި އައިލީޝްއަށް ހުރެވުނީ ތަނެއް ގުޑުވާވެސްލާން ނުކެރިފައިއެވެ. ”އާހް.”
”މޭމް.” ސާޔާ އާއި ރައުހާ އެ ދިމާލަށް ދުއްވައި ގަތް އިރު ފަހަތުން ހައްސާން އާއި ހަލަފްވެސް ދުވެފައި އެދިމާލަށް މިސްރާބު ޖެހިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Dhn vaanh kihineh baa?? Its really interesting. Curiously waiting fir the next part?
balamaa dhw dhn vaani kihineh kan. dhn oii bain engigen dhaane. thank u soo much raaya. it means a lot. keep waiting. lysm. stay safe
Alhey Dhen in part thankolheh avahah up kolladheEba
please
v kiyaahihvey eba
can’t wait
by the way vaahaka vv reethi
mulhi vaahaka ehkoh ves
ya sama dhn enme avahah upload vaa irakun upload vaane insha allah. keep waiting. and thank u soo much.. it means a lot. vr vr ufaavehjje sama ah mi vaahaka kamudhiyae ma. lysm.. stay safe
Evy kihineh… can’t wait to know … alhey ailish ah dhera kamev nukurahchey … btw mi prt vx vr reethi masha allah..curiously waiting for the nxt
aslu vs nafu vs mi visnani thikamaa. ya nafu vs beynumeh noon ayleesh ah dhera gotheh vaakah. btw lets see dhw what happens next. and thank u soo much riff. it means a lot. keep waiting. lysm. stay safe
Alhey Haadha reechey…Abadhu kiyaahiyvanee…Thanks ingey
alheyy thank u soo much hehe dear. it means a lot. vr vr ufaavehjje mi vaahaka kamudhiyae kan ingunyma. ur welcome. and thanks to u too. lysm.. stay safe
Alheyyyyyyyyy kihineh evyyyyyyy….ailiish ah dhera gotheh nuhadhahcheyyyy….vrhhh curious vehjje…can’t wait for the nxt…and whn nxt siss…waiting…lysm…stay safe..
asluvs kihineh baa e v.. nafu vs beynumeh noon ayleesh ah dhera gotheh vaakah. btw lets see what happens next. keep waiting. enme avahah upload vaa irakun up vaane. insha allah. lym. u too stay safe
Maasha Allah. V v riythi mi part ves. Ekm haadha curious kohlaafa thi nimmaaliy. Curiously waiting for the next part. Ly sis and the story too
thank u soo much aashko. it means a lot.. ya nafu genes dheyn beynun vi hisaabu mi e. nafu vs vr curious vefa mihury. keep waiting. lym aashko. stay safe
How many parts left?
dhn neii maa gina parteh. 2 or 3 parts left. keep waiting
When next waiting for that
submit kohlaafa v. vaahaka thah upload v ma kiyaalan libeyne. keep waiting?