ކޮލެޖަށް ދިއުމުން އެގުނީ މާޒް ކޮލެޖަށްވެސް ނުދާކަމެވެ. އީޝަލް ނިންމީ މާޒްގެ ގެއަށް ދިޔުމަށެވެ. އެގެއަށް ދިޔައިރު އެގެ ހުރީ ތަޅުލާފައެވެ. ދޮރުގައި އިރުކޮޅަކު އަތުގެ ނުފުށުން ދެތިންފަހަރަކު ޖަހާލުމަށްފަހު” އައްސަލާމް ޢަލައިކުމް ” މިހެން ސަލާމް ގޮވާލުމަށްފަހު އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހުރުމަށްފަހު، އެތާ ކައިރި ގެއެއްގެ މީހެއްގެ ގާތު މާޒް މެންވީތަނެއް އެނގޭތޯ ސުވާލުކޮށްލިއެވެ. މާޒްމެން މިހާރު އުޅެނީ އެގެޔަކު ނޫން ކަމަށެވެ. މާޒް އީޝަލްއަށް އެއްވެސް ޚަބަރެއް ނުވެ އެގޮތަށް ދާންވީ ކީއްވެބާއެވެ؟ އީޝަލްގެ ހިތުގައި އެވަގުތު އެތައް ސުވާލެއް އުފެދުނެވެ. އޭނާއަށް އެވަގުތު ބިރުވެރިކަމެއް އިޙްސާސްވާންފެށިއެވެ. އަނެއްކާ މާޒް އީޝަލްއަށް އޮޅުވާލީބާވައެވެ. ނޫނީ މާޒަށް މަޖުބޫރީ ޙާލަތެއް މެދުވެރިވީ ބާވައެވެ. އެގޮތަށް އެތައް ސުވާލުތަކެއް އީޝަލްގެ ސިނކުނޑިއަށް ފުނިޖެހި، މާޔޫސްކަން ވެރިކުރުވަމުންދިޔައީ ހިނދުކޮޅެއްގެތެރޭގައެވެ. ބޭއިޚްތިޔާރުގައި އީޝަލްއަށް ރޮވުނެވެ. ހިތަށް ވެރިވި މޮޅިވެރިކަމުން އޭނާއަށް އެދުވަހު ފިހާރައަށް ދިއުމަށްވެސް ނުކުޅެދުނެވެ.
އެހެން ރޭރެއެކޭ އެއްފަދައިން އެރޭވެސް އީޝަލް އާޓިފިޝަލް ބީޗަށް ދިޔައީ މާޒް އައިސްދާނެތީއެވެ. އެތައް އިރަކު އެހެން އިން ނަމަވެސް މާޒްގެ ޚަބަރެއް ނުވިއެވެ. މާޒްއެގޮތަށް އޮޅުވާލަންވީ ކީއްވެބާއޭ؟ އީޝަލްގެ ހިތާހިތާ ސުވާލުކުރެވެންފެށިއެވެ. އީސާލްއާއި ނުލާ ދިރި ނުހުރެވޭނެކަމަށް ބުނެ އެތައް ވަޢުދުތަކަކާއި ހުވާތަކެއް ކުރީ އީޝަލްގެ ފަރާތުން ކޮން މަޤުޞަދެއް ޙާޞިލްކުރަންބާވައެވެ. އީޝަލްގެ ހިތުގައި އެވަގުތު ޖަވާބު ނުލިބުނު އެތައް ސުވާލުތަކެއް ބުރުޖަހަމުން ދިޔައެވެ. ނުހަނު ވޭނީ ރިހުންތަކެއް ހިތުގައި އުފެދެމުން ދިޔައެވެ. އާއެކެވެ. މިފަދަގޮތަކަށް ކަންތައްވުމުން ކޮންމެ މީހަކަށްވެސް މިފަދަ ވޭނީ އިޙްސާސްތަކެއް ކުރުވާނެކަން ޔަޤީނެވެ. މި އިޙްސާސްތަކާއިއެކު އީޝަލްއަށް ގިސްލާ ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެގޮތަށް އެތައް އިރަކު ގިސްލާގިސްލާފައި ރޯންއިނުމަށްފަހު، ގެޔަށް ދިޔައެވެ.
3 މަސް ވޭތުވެ ދިޔައިރު މާޒްގެ އެއްވެސް ޚަބަރެއް ނުވެއެވެ. މާޒް ވީތަނެއް އެއްގޮތަކަށްވެސް އީޝަލްއަކަށް ނޭނގެއެވެ. މާޒް ދިރިހުރިކަމެއް މަރުވީކަމެއްވެސް ނޭގެއެވެ. މިކަމުގެ ސަބަބުން އީޝަލްގެ ދިރިއުޅުމަށް ވަރަށް ބޮޑު އިންގިލާބެއް ގެނުވިއެވެ. ހައިހޫނުކަން ފިލާވަރަށް ރަނގަޅަށް ނުވެސް ކެވެއެވެ. އެތައް ރެއެއްގެ ނިދީގެ ފޮނިމީރުކަމުން މަޙްރޫމްވާން ޖެހިއްޖެއެވެ. އާއެކެވެ. ކުރެވެނީ އެއް ޚިޔާލެކެވެ. ހިތުގައި ބިންވަޅުނެގިފައިވަނީ ހަމައެކަނި އެންމެ ސޫރައެކެވެ. ހިތްއެދި ގޮވަމުންދަނީ އެންމެ މީހަކަށެވެ. މާޒަށެވެ. އާއެކެވެ. ވާނީވެސް އެހެންތާއެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ދުށް ފޮނި ހުވަފެންތައް ބިލާހަކަށް ވީއެވެ. މާޒް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އީޝަލްއަށް ރޮވެއެވެ.
” ދިހަ ވަރަކަށް ފަހަރު މިހާރު ގޮވާފިން! އަޑެއްވެސް ނިވޭތަ؟” އީޝަލްގެ ކޮޓަރިއަށް ވަންނަމުން އީޝަލްގެ މަންމަ ބުނެލިއެވެ. އީޝަލް އެވަގުތު އިނީ ގާވެފައިވާ ބުދެއްހެން އެނދުގައި އިށީނދެލައިގެންނެވެ. “މިހާރު ތިގޮތަށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މަންމަ ނުރުހިފާވާ ރާގަކަށް އިޝަލްއާދިމާއަށް ބުންޏެވެ. އީޝަލްއިން ޙާލަތު ފެނިފައި މަންމަގެ މޫޑުބަދަލުވެ، މައިވަންތަކުލުނު އަށަގަތެވެ. ވެގެން އުޅޭގޮތް ކިޔާދީބަލަ. އީޝަލްއަށް އެއްވެސް އިޚްތިޔާރަކާނުލާ ގިސްލަ ގިސްލާފައި ރޯންފެށުނެވެ. އަދި އެންމެ ފުރަތަމަދުވަހަށްސުރެ، ވީހުރިހާކަމެއް މަންމައަށް ކިޔާދިނެވެ. ” ތިކަހަލަ މީހަކަށްޓަކައި ކަރުނަ އޮހުރާނެ ކަމެއް ނެތް. ދިރިއުޅުމަކީ އިމްތިޙާނެއް! އެކިދުވަހު ފެނިގެންދާނީ އެކިކުލަތައް! އެއްދުވަހު ހެއްވައިފިނަމަ، އަނެއްދުވަހު ރޯންޖެހޭ! ދިމާވާކަންކަމާ ހިތްވަރާއެކު ކުރިމަތިލާ! ވީކަންތައް ހަނދާންނައްތާލާ! މަންމަ އީޝަލްގެ ގާތުގައި އިށީނދެލިއެވެ. “މަންމާ އިހަށް ދޭ” އީޝަލް ކުރަކި އަޑަކުން މިހެން ބުނިއިރު އޭނާގެ ލޯވަނީ ފެންކަޅިވެފައެވެ. ” ނަސޭހަތެއް ލާ ދެވެންވެސް ނޯވޭ ވިއްޔަ” އީޝަލްއަށް ބަލަން އިން ހުމޭރާ އޭނާގެ އަސްލު މިޒާޖަށް ބަދަލުވިއެވެ. އަދި އީޝަލްގާތުން ދުރަށް ޖެހިލަމުން ބުނެލިއެވެ. “އީޝަލް ކޮފީއެއް ގިރާލާގެން ގެނެސްދީބަލަ!” ބޭރުން އިވުން އޭނާގެ ބައްޕަގެ އަޑަށް އީޝަލް ކޮޓަރިން ނިކުމެގެން ދިޔައެވެ. “ދަރިފުޅާ ނުރޮއި. ބައްޕައަކަށް ނޭނގެ ތިވެގެން އުޅޭ ގޮތެއް. އެކަމަކު ތިގޮތަށް އަބަދު ރޯކަށް ނުވާނެ” ބައްޕަ މިހެން ބުނުމުން އީޝަލްއަށް ބޮޑަށް ރޮވެން ފެށިއެވެ. އަދި ދުވެފައި ކޮޓަރިއަށް ދިޔައެވެ.
ކޮޓަރިއަށް ގޮސް މާޒް ދިން ހުރިހާ އެއްޗަކާއި ދެމީހުން އެއްކޮށްނަގާފައިވާ ފޮޓޯތައް ކުޑަ ފޮށްޓަކަށްލާ ބަންދުކުރުމަށްފަހު އަލަމާރިއަށްލިއެވެ. އެދުވަހުން ފެށިގެން އީޝަލް ނިންމީ މާޒްގެ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށެވެ. އޭނާގެ ހިތުގައި އެވާ ސުވާލުތަކަށް ޖަވާބު ނުހޯދުމަށެވެ. އެ ކެހިވެރި ލޯބަށްޓަކައި އެދޮލޮލުން އެންމެ ކަރުނަތިއްކެއްވެސް ފާއްދާނުލުމަށެވެ. އާއެކެވެ. އީޝަލްދެކެ ލޯބިވާ މީހެއްނަމަ އެހާދުވަސްވާއިރު އީޝަލްގެ ޚަބަރު ބަލާނެއެވެ. އީޝަލް ދޫކޮށްފައެއް ނުދާނެއެވެ. އީޝަލްގެ ހިތުގައި މާޒްގެ ނަން ފުހެލާ، ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް އަޒުމް ކަނޑައެޅިއެވެ.
1 އަހަރު ފަސް….
ހުކުރުދުވަސް ކަމުން ބައްޕައާއި ދޮންބޭ އާއި ހުކުރުން އަންނަންވާއިރަށް އީޝަލްއާއި މަންމައާއި އާލިޔާ އުޅެނީ ކެއްކުމުގައި އަވަދި ނެތިއެވެ. “މަންމާ” ގެއަށް ވަދެގެން އައި ރިދްވާންގެ އަޑު އިވުނެވެ. އީޝަލް ސުފުރާ މަތީގައި ކާއެއްޗެހިތައް އަތުރާލުމަށްފަހު ބައްޕަމެންނާއެކު ކާން ބައިވެރިވިއެވެ.
“ރިދްވާން އަދިވެސް އުޅެނީ ވަޒީފާއެއްގެތަ؟” ބައްޕަ ސުވާލުކުރިއެވެ. “އާނ ބައްޕާ!’ ރިދްވާން ކުޑަކޮށް ނުތަނަވަސްވެ ހުރެ ބުނެލިއެވެ. “ބައްޕައަށް އެނގޭ ތިހަދަނީ ދޮގުކަން . މީގެ އެއްމަސް ކުރިން ވަޒީފާއިން ކަޑާލި ޚަބަރު ލިބުނު. އެވެސް ތަޅާފޮޅުން ގަޑެއް ހިންގާލާގެން. ” ފާރިޝް އަޑު ބާރުކޮށްލަމުން ބުންޏެވެ. ” ފާރިޝް ދެން ކާގަޑީގަވެސް ތިކަހަލަ ވާހަކަ ތަ ދައްކަނީ” ހުމޭރާ ރިދްވާން ދިފާއު ކުރިއެވެ. “މަންމާ އަހަރެން ފިހާރައިން އައިސް ފާހަނަތައް ސާފުކުރާނަން.” އީޝަލް އެތަނުން ތެދުވަމުން ބުންޏެވެ. ” އީޝަލް މިހާރު ކޮލެޖުވެސް ނިމިއްޖެއެއްނު ވަޒީފާ އަކަށް ނުދަންތަ؟ އަދިވެސް ފިހާރަގަތަ؟” ރިދްވާން ކުޑަކޮށް ހީލަމުން ބުންޏެވެ. “އަހަރެން މިހާރު ހުންނާނީ އެކި ޖޮބްތަކަށް ފޯމްލާފާ. އަދިވެސް ނުގުޅާ. އެތަނުން ތަނަކުން ޖޮބެއް ލިބުނީމަ ފިހާރައިން ކެޑޭނަން.” ސުފުރާ މަތީގައި ހުރި ތަށިތައް ނަގަމުން އީޝަލް ރިދްވާނަށް ޖަވާބު ދިނެވެ.
“ބައްޕާ! ބައްޕާ!” ގޭން ބޭރަށް ނިކުމުގެންދާ ފާރިޝް ފެނިފައި އީޝަލް ގޮވާލިއެވެ. “ބައްޕާ މިއޮތީ ސިޓީއެއް ލިޔެފާ! ލިފްޓް ހަލާކުވެފަ ހުރި ވާހަކަ. ބައްޕަ ދެން އެތަނުގެ ބޮޑުމީހާއަށްދީ” އީޝަލްގެ އަތުގައި އޮތް ސިޓީ އުރަ ފާރިޝްއަށް ދިނެވެ. “ބައްޕަ މަސައްކަތަށްދާ މަގުމަތީ ކޮމްޕެނީއަށް ވަދެފަ ސިޓި ދޭނަން.”
******
ކޮމްޕްނީއަށް ގޮސް ފާރިޝް އެތަނުގެ ކައުންޓަރު ކައިރިއަށް ހުއްޓި އެތަނުގެ ބޮޑުމީހާ އަޔާނާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ކައުންޓަރުގައި ހުރި ކުއްޖާ އަޔާން ނޫޅޭ ވާހަކަ ބުނުމުން ފާރިޝް އެތަނުން އެވަގުތު ދާން ހިނގާގަން ވަގުތު އަޔާން ކޮމްޕެނީ އަށް ވަންނަތަން ފެނުނެވެ. އަވަހަށް ގޮސް އަޔާނާއި އެކު ލިފްޓަށް އެރިއެވެ. އަދި ކޮންސްޓަރަކްޝަން ސައިޓުގައިވާ ލިފްޓްގެ މަސައްލައެއް އުޅޭ ވާހަކަ ބުނުމަށްފަހު އަޔާނަށް އެ ސިޓީ ދިނެވެ. އަޔާން އެޔަށް ބަލާނެ ކަމަށް ބުނެ ލިފްޓުން ފޭބިއެވެ.
އަޔާން ލިފްޓުން ފައިބައިގެން އޮފީހަށް ވަންތަނުން ނޫރާ އައީ ދުވަމުން ދުވަމުންނެވެ. ” މަލަކް އެބަހުއްޓޯ އެންމެމަތީ ބުރީގެ ބެލްކަނި ކައިރިއަށް އަރާ. އަވަހަށް ހިނގާ ދަމާ” އަޔާން އަތުގައި އޮތް ސިޓީ އުރަ އޮފީހުގެ މޭޒުމަތީގައި ބޭއްވުމަށްފަހު އަޔާން ވެސް ނޫރާއާއި އެކު އެންމެ މަތީ ފްލޯއަށް ދާން ދިޔައެވެ. އޭރު މަލަކް ހުރީ ތިރީގައި އޭނާ އަރާ ހީލްސް ބެހެއްޓުމަށްފަހު އެތާ މައްޗަށް އަރައެވެ. ” މަލަކް އަވަހަށް ފައިބާ. ވެއްޓިދާނެ.” މަޑުމަޑުން މަލަކްއާއި ކައިރިވެލަމުން އަޔާން ބުންޏެވެ. “ދޮންބެ އަހަރެންނަށް މިހާރު މާޒް ވާ ތަންތަނެއްވެސް ނޭނގެ. ހީވަނީ މާޒް އަހަރެންނަށް ގެއްލެން އުޅޭހެން.” މަލަކް ރޮމުން ރޮމުން ބުނެލިއެވެ.
“މަލަކް. ދޮންބެ މަލަކާއި މާޒްގެ ކައިވެނީގެ ކަންތައްތައް ހަމަޖައްސާނަން. އަވަހަށް ފައިބާ.” އަޔާންގެ އަތް މަލަކާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. “އަސްލުތަ ދޮންބޭ! ” މަލަކް އަޔާންގެ އަތުގައި ހިފާ ތިރިއަށް ފޭބުމަށްފަހު އަޔާންގެ ގައިގައި އުފަލުން ބައްދާލިއެވެ.
*******
އީޝަލް އުޅެނީ ފިހާރައިގައި ހުރި ހެދުންތައް ރީތި ކުރާށެވެ. އޭނާއަށް ސިހުމެއް ލިބުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. އެއީ އީޝަލްއަށް އެއަޑަކަށް އިންތިޒާރު ކުރަމުންދާ އަޑެވެ. އެމީހަކަށްޓަކައި އެތައް ރުއިމެއް ރުއި މީހާގެ ފިރިހެންވަންތަ އަޑެވެ. ދުވަހަކުވެސް އެހިތުން ފިލާގެން ނުދާނެ އަޑެވެ. އާއެކެވެ. އެއީ މާޒްގެ ފިރިހެންވަންތަ ރީތި އަޑެވެ. އީޝަލް ބާރަށް ގޮސް ބަލާލިއިރު ހެދުންތަކުގެ އެފަރާތުގައި އެހުރީ މާޒެވެ. އީޝަލް މާޒްގެ ކުރިމައްޗަށް ހުއްޓުނެވެ. މާޒަށް އެވަގުތު ލިބުނީ ސިހުމެކެވެ. ކަޅުކުލައިގެ ހެދުމަކާއި ޖިންސެއްލައިގެން އެހެރީ އީޝަލްއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Konme baehves v reethi. Dhen huri baithakah inthizaaru kuran.
Thankyou?
Varah sali mibaa ves
when next
Thankyou?
Next part will be there soon
V salhi
Thankyou?
Varah reethi ❣️ maa sha Allah ?? waiting for the next part ?????
Thankyou❤️
varah reethi mi vaahaaka???
Maasha Allah.
Vvv reethi mi part ves
Waiting for the next
Ly sis
Thankyou❤️
Varah loabi vaahaka eh
Thankyou❤️