ނުފިލާނޭ މިހިތަކުން… 8
ތިޔަ ލޯބިން ހިތް އަދު ޒަޚަމް ވަނީވެސް ލޯބިންނޭ
ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވަޢުދުވަމޭ
މެހެކް އެބުނި އެއްޗަކުން މާކިންއަށް ލަމުން ދިޔަ ނޭވާވެސް ހުއްޓުނު ފަދައިން ހީވިއެވެ. ދެލޯ ބޮޑުކޮށްގެން ހައިރާންވެފައި މެހެކްގެ ހިތާމައިން ފުރިގެންވާ މޫނަށް ބަލަހައްޓައިގެން ހުރިއިރު ލަދުވެތިކަމުގެ ސާލެއް އޭނާގެ ގައިގައި އޮޅެމުން ދިޔަ ފަދައެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސް ޖަހާލެވުނު އިރު މާކިންގެ ލޯ ވެސް ކަރުނައިން ފުރިއްޖެއެވެ. އޭނާއަށް އެވަރު ވިސްނާ ނުލެވުނީ ކީއްވެ ހެއްޔެވެ؟ މެހެކްގެ ލޮލާއި މޫނުގައިވާ ހިތާމަވެރިކަމުގެ ފަހަތުގައިވާ ހަގީގަތް ހޯދަން އެ ނޫން ގޮތެއް އޭނާއަށް ނުވިސްނުނީ ހެއްޔެވެ؟ ވިސްނާނުލާ އޭނާއަށް މެހެކްގެ ހިތުގައި ކިހާ ބޮޑަކަށް ޖެއްސިއްޖެ ހެއްޔެވެ؟ ހަގީގަތުގައި މެހެކް އެ އުޅެމުންދަނީ ކިހާ ހިތާމަވެރި ދިރިއުޅުމެއް ހެއްޔެވެ؟ އެފަދަ ހިތާމައެއް އޭނާއާއި ކުރިމަތި ވެއްޖެނަމަ ހަމަ ގައިމުވެސް ދިރިހުރުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. މާކިންއަށް ލޯ މަރާލެވުނެވެ. އޭނާ ދެރަވެ ލަދު ގަނެއްޖެއެވެ. މެހެކްގެ ކުރިމަތީގައި އިސް އުފުލާލަން ޖެހިލުން ވެއްޖެއެވެ.
“އަޑު.. އަޑު އެހިންތަ.. މީގެ .. ދެ އަހަރު ކުރިން.. ބްރިޖްމަތީ.. ހިނގި އެކްސިޑެންޓް.. 30 އަހަރުގެ ފިރިހެނަކާއި.. އޭނާގެ 4 އަހަރުގެ.. 4 އަހަރުގެ ދަރިފުޅު.. މަރުވި.. މަރުވި….” ގިސްލަމުން ދިޔަ މެހެކްގެ އަޑު ބެދިއްޖެއެވެ. އިތުރަށް ގިސްލެވެން ފެށުމާއިއެކު މޫނުމަތީގައި އަތް އެޅުމަށްފަހު މެހެކް މާކިންއަށް ފުރަގަސް ދިނެވެ.
“މެ ހެ ކް… ” މާކިންގެ އަޑު ތުރުތުރުލައެވެ. ކިތަންމެ ބޮޑަށް މެހެކްގެ ގާތަށް ގޮސް އޭނާގެ ކަރުނަތައް ފޮހެލަދެން ބޭނުންވެފައި ހުރި ނަމަވެސް އޭނާއަށް ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ.
“ޕްލީޒް.. ލީވް.. މީ.. އެލޯން..” މެހެކް އިތުރަށް މާކިންއާއި ކުރިމަތިލާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ އެ ޖުމްލައާއިއެކު މާކިން މަޑު މަޑުން އެތަން ދޫކޮށް ދިޔައީ އިތުރަށް އެންމެ ބަހެއްވެސް ނުބުނެއެވެ.
މާކިން ކެމްޕަހުން ނުކުތް ގޮތަށް ގެއަށް ދިޔައީ މަންމަމެން ގެއަށްވެސް ނުގޮހެވެ. އޭނާގެ ޚިޔާލާއި ފިކުރުގައި މެހެކް ފިޔަވައި އިތުރު އެއްވެސް އެއްޗެއް، އެއްވެސް ކަމެއް ނުވެއެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަންގޮތަށް އޭނާ އެނދުމައްޗައް ވެއްޓިގަތެވެ. މެހެކް ދެރަވާނޭ ވަރު ހިތައް އެރުމުން އޭނާގެ ހިތުގައި ޖެހެނީއެވެ. ހިތްދަތި ވަނީއެވެ. ފޯނުން މެހެކްގެ ފޮޓޯއަށް ބަލަހައްޓައިގެން އޮވެ އޭނާ އިރު އިރުކޮޅުން ލޯ ފޮހެލައެވެ. އެގޮތުގައި ފޯނަށް ބަލަހައްޓައިގެން އެތައް އިރަކު އޮތުމަށްފަހު އެންމެ ފަހުން މާކިން ތެދުވެއްޖެއެވެ. އޭރު ލައިގެން ހުރި ގަމީސް ވަނީ ރުލުން ފުރިފައެވެ. ފަން އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ކުލަ އަލި މޫނުމަތި ވަނީ ރަތްވެ ވަރުބަލިވެފައެވެ. އިރުކޮޅެއްގައި އެހެން އިނުމަށްފަހު މާކިން މަޢާފަށް އެދިފައި ކުރު މެސެޖެއް މެހެކްއަށް ފޮނުވާލިއެވެ. މެހެކްގެ ޙާލަތު އިހުސާސް ނުކުރެވުނަސް އޭނާގެ ހިތާމައިގައި ބައިވެރި ވާ ވާހަކަ ބުންޏެވެ. މާކިން މެހެކްއަށް މެސެޖް ކުރީ ޖަވާބެއް ލިބޭނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެހެކްގެ މެސެޖެއް އައުމުން މާކިންގެ ހިތުގެ ހިނގުން ބާރުވެލިއެވެ.
“އިޓްސް އޯކޭ.. އެނގޭ މާކިން އަށް ނޭނގޭތީކަން.. އަހަރެންނާ މެދު ނުވިސްނައްޗޭ..” މެހެކްގެ ޖަވާބު ސާދާވެފައި ކުރެވެ. ދެތިން ހަތަރު ފަހަރު މެސެޖް ކިޔާލުމަށްފަހު މާކިން ޝުކުރު އަދާކޮށްފައި އިތުރު މެސެޖެއް ފޮނުވާލީ ހިނިތުންވެލަމުންނެވެ.
މާކިންގެ ދެވަނަ މެސެޖް ކިޔާލުމަށްފަހު ފޯނު އެނދުމަތީގައި ބާއްވާލަމުން މެހެކް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއަދު އޭނާއާއި މާކިންއާއި ދެމެދެ ދެކެވުނު ވާހަކައިން އޭނާގެ ހިތުގައިވާ ރިހުން ހީވަނީ ގަދަވެފައި ވާހެންނެވެ. އޭނާގެ ލޯބިވާ ދަރިފުޅާއި ފިރިމީހާގެ ހަނދާން ވަނީއެވެ. އެދެމީހުންގެ ކައިރީގައި ވާން ބޭނުންވަނީއެވެ. އެ ޚިޔާލުތައް ވެރިވާ ކޮންމެ ފަހަރަކު އޭނާގެ ލޯ ފުރިގެން ބަންޑުން ވެއެވެ. އޭނާ އެ ހިތާމަތަކަށް ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ހިތްދަތިކަމުގައި ދިރި ހުންނާނީ ކިހިނެތް ހެއްޔެވެ؟ އޭނާ ދިރިހުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އޭނާ ރޮއި ރޮއި ވަރުބަލިވެއްޖެއެވެ. ވިސްނާ، ވިސްނާ ބޯ ހަލާކު ވާ ވަރުވެއްޖެއެވެ. މެހެކް މޫނުގައި އަތް އަޅައިގެން އެތައް އިރަކު ގިސްލަން އިނުމަށްފަހު، މޫނުން އަތް ނަގާ، ލައިގެން އިން ހެދުމުގެ އަތް އޮޅާލުމަށްފަހު ދެއަތަށް ބަލާލިއެވެ. ހުދުކުލައާއި ގާތްވާހާ ދޮން އެ ދެއަތް ވަނީ ކަޅު ކުލައިގެ ރޮނގު ރޮނގަށް ހުރި ލަކުނުތަކުން ފުރިފައެވެ. އެއީވެސް އޭނާގެ ހަޔާތުގައި އައި މިފަދަ ދުވަހެކެވެ. ދިރިހުރުމުގެ ބޭނުމެއް ނެތްކަމުގައި ތަކުރާރުކޮށް އޭނާގެ ނަފްސު އޭނާއަށް ނަޞޭޙަތްތެރިވީ ދުވަހެކެވެ. އަމިއްލައަށް މަރުވާން އެތައް އަނިޔާތަކެއް ހަށިގަނޑަށް ދިން ދުވަހެކެވެ. އެހެން ނަމަވެސް.. އެހެން ނަމަވެސް އެދުވަހުވެސް އޭނާ މަރުވީއެއް ނޫނެވެ. އެދުވަހުވެސް އޭނާގެ ހިތާމަތަކާއި ދުރެއް ނުވެވުނެވެ. އޭގެ ބަދަލުގައި އޭނާގެ ސަބަބުން އެހެން މީހުންނަށް ޖެހުނީ އިތުރު އުނދަގުލެކެވެ. މެހެކް ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. އެ ހިތާމަތަކާއި ދުރުވާން އޭނާ ބޭނުމެވެ. އެހިތްދަތިކަމަށް ލުޔެއް ބޭނުމެވެ.
އުސްތަނެކެވެ. ވަރަށް އުސް ތަނެކެވެ. ވަށައިގެންވަނީ ނުރައްކަލެވެ. ކިރިޔާ ފަރާތަކަށް ހިރިލިޔަސް އެތަނުން ވެއްޓޭނެއެވެ. ހަށިގަނޑާއި ފުރާނަ ވަކިވާނެއެވެ. ބިރުވެރިކަމުން ފުރިގެންވާ ހާލު މާކިން އޭނާގެ އަތުގެ ތެރޭގައިވާ މެހެކް މެއާ ލާ ބޮނޑިކޮށްލަމުން ވަށައިގެން ހޯދާލިއެވެ. އެތަނުން ސަލާމަތެއް ނެތެވެ. އެކަމަކު އޭނާ އޭނާގެ ލޯބިވާ މެހެކް ދޫކޮށެއް ނުލާނެއެވެ. ކުއްލިއަކަށް މެހެކް އޭނާގެ އަތުގެ ތެރެއިން ދެމިގެންފިއެވެ. މާކިންއަށް ކުއްލި ސިހުމެއް ވެރި ކުރުވުމަށްފަހު ފަހަތަށް ފަހަތަށް ގޮސް އެ އުސްތަނުން މެހެކްގެ ފައި ނައްޓާލިއެވެ. “މާކިންންން……” މެހެކްގެ ތޫލި އަޑު މާކިންގެ ކަންފަތުގައި ގުގުމާލާފައި ހުއްޓެވެ.
“މެހެކް..” މާކިންއަށް ސިއްސައިގެން ގޮސްފައި ހޭލެވުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތާއި ދިމާގައި ހިފަހައްޓާލަމުން އޭނާ ވަށައިގެން ހޯދާލި އިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މާކިން ގަޑި ބަލާލިއެވެ. މެންދަމުން އަލިވެ 1 ޖެހީއެވެ. ލެވެމުންދިޔަ އަވަސް ނޭވާތައް ހަމައަކަށް އަޅުވަމުން މާކިންއަށް ފެނުނު ހުވަފެނާއި މެދު ވިސްނާލެވުނެވެ. “މެހެކް..” ފެނުނު ހުވަފެން ލޯ މަތީގައި ތަކުރާރު ވެލުމާއިއެކު މާކިންއަށް އަނެއްކާވެސް ތެޅިގަނެވުނެވެ. އަނެއްކާ މެހެކްއަށް ކަމެއް ވީ ހެއްޔެވެ؟ އެފަދަ ހުވަފެނެއް އޭނާއަށް ފެނުނީ ކީއްވެގެން ހެއްޔެވެ؟
ހަރަކާތްތައް އަވަސްކޮށްލާފައި މާކިން އޭނާގެ ފޯނު ނަގާ މެހެކްގެ ނަމްބަރަށް ޑައިލްކޮށްލީ ނޭވާ ހިފަހައްޓާލައިގެން އިނދެއެވެ. އޭނާ ބޭނުންވަނީ އެއްފަހަރު މެހެކްގެ އަޑު އަހާލާށެވެ. މެހެކް ހުރީ ހެޔޮ ހާލުގައިކަން ޔަގީން ކުރާށެވެ. ދެތިން ފަހަރު ރިންގު ވެލުމާއިއެކު އެކޮޅުން ފޯނު ނަގައިފިއެވެ.
“މެހެކް…” ފޯނު ނެގުމާއިއެކު ކެތްމަދުވެފައި އިން މާކިން އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
“މެހެކްއެއް ނޫން މީ.. މެހެކްގެ ރޫމް މޭޓް ލޫނާ.. މެހެކް އޮތީ ހޮސްޕިޓަލުގަ..” އަންހެން އަޑަކުން އެކޮޅުން ދިން ޖަވާބާއިއެކު މާކިންގެ ނޭވާ ހުއްޓުނު ފަދައެވެ. ނުތަނަވަސްކަމާއި ބިރުވެރިކަން އޭނާގެ ހިތައް ވެރިވެގަތެވެ.
“ކީކޭ.. ކޮން ހޮސްޕިޓަލެއްގަ.. ކި.. ކިހިނެތްވީ..” ނުތަނަވަސް ވީ ވަރުން މާކިންއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
“އަހަރެންނަށް ފެނުނީ ކޮޓަރި ދޮރުކައިރީ އަނބުރައިގަނެފަ އޮއްވާ.. ހޭ ނާރާ މާ ގިނަ އިރު ވާތީ ހޮސްޕިޓަލަށް ގެނައީ.. ޓެސްޓްތައް ހަދާފަ ޑޮކްޓަރު ބުނީ މާބޮޑަށް ލޭ ދަށަށް ގޮސްފައި ހުރި ވާހަކަ.. މިހާރު ލޭ އަޅަނީ.. ނިދިފައި އޮތީ..” އެކޮޅުން ވާހަކަ ދެއްކި ފަރާތުން ކުރު ގޮތަކަށް ކަންތައް ވީގޮތް ކިޔާ ދިނުމަށްފަހު މެހެކް އޮތް ހޮސްޕިޓަލާއި، ވާރޑް ނަމްބަރުވެސް ބުނެދިނެވެ. ފޯނު ބޭއްވުމާއިއެކު އިތުރަށް އެންމެ ސުކުންތެއްވެސް ބޭކާރު ކޮށްލުމެއްނެތި ކުޑަ ގޮތަކަށް ތައްޔާރު ވެލައިގެން ދުވެފައި ކަހަލަ ގޮތަކަށް މާކިން ގެއިން ނުކުތެވެ.
މެހެކް އޮތް އެނދާއި ހިސާބަށް ދެވުނުއިރު މާކިންއަށް މާނޭވާ ލެވެއެވެ. ކަންތައް ވީ ގޮތް އެނގުނު ނަމަވެސް ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ ހިތުގައި އުފެދުނު ބިރުވެރިކަން ފިލައިގެންނެއް ނުދިޔައެވެ. މާކިން އައިސް ހުއްޓިލުމާއިއެކު އޭނާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި ނިދި ޖެހިފައި އިން ޒުވާން އަންހެން ކުއްޖާ ސިހިފައި ކަހަލަ ގޮތަކަށް ތެދުވިއެވެ. އެއާއިއެކު އެއީ ފޯނުން ވާހަކަ ދެއްކި ލޫނާކަން މާކިންއަށް ވިސްނުނެވެ.
“މާކިން ތަ؟..” ލޫނާ ސުވާލުކޮށްލުމާއިއެކު މާކިން ބޯ ޖަހާލިއެވެ. ލޫނާގެ މޫނުމަތިން މާކިންއަށް ފާހަގަ ކުރެވުނީ އެތަނުން ދާން ބޭނުންވެފައި ހުރި މިންވަރެވެ.
“މެހެކް ގެ ކްލޯސް ފްރެންޑެއް.. ގެއަށް ދާން ބޭނުންވެފަތަ ތިހުރީ.. އެންމެ ރަނގަޅު ދިޔަޔަސް.. އަހަރެން މަޑުކޮށްލާނަން..” މާކިން ވިސްނުންތެރިކަމާއިއެކު އެހެން ބުނެލުމުން އެ އަންހެންކުއްޖާގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް ވެރިވެގެން ދިޔައެވެ.
“ދެން ނުހުންނާނެ އަންނާނެ މީހަކު.. ޑޮކްޓަރު ބުނި ހެނދުނު 7 ޖަހާލާއ ހާއިރު ދޫކޮށްލެވޭނެ ކަމަށް.. އަހަރެން ގޮސްލާފަ….” “ޑިސްޗާޖް ކުރީމަ އަހަރެން މެހެކް ގެންގޮސްދޭނަން.. ” މާކިން ހިނިތުން ވެލަމުން ލޫނާ ނުތަނަވަސްކަމާއިއެކު ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލިއެވެ. އެއާއިއެކު މާ ގިނަ އިރުތަކެއް ނުކޮށް ލޫނާ ދިއުމުން މާކިން މެހެކް ކައިރީގައި ގޮނޑީގައި އިށީނދެލިއެވެ.
“މޫނުމަތިން ހީވަނީ ވަރަށް ބަލިހެން..” މެހެކްގެ ހުދުވެފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެން އިން މާކިން ހިތާއި ހިތުން ބުނެލިއެވެ. ލޯތްބާއި ކުލުނާއި އެކު އެމޫނަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ލޯ ވަނީ ފެންކަޅިވެފައެވެ. ލޯ މަރާލުމަށްފަހު ކަރުނަތައް ކޮންޓްރޯލް ކުރަމުން މާކިން މަޑުމަޑުން އޭނާގެ ދެއަތުގެ ތެރޭގައި ނިދިފައި އޮތް މެހެކްގެ އަތްތިލަ ހައްޔަރުކޮށްލިއެވެ. މެހެކްއަށް ހޭ ނުލެވޭހާ މަޑުން އެއަތުގައި ފިރުމާލުމަށްފަހު އެ އަތަށް ނުހަނު ލޯބިން ބޮސް ދިނެވެ.
މެހެކްގެ އަތްތިލަ ތުންފަތުގައި ޖައްސާލައިގެން ލޯ މަރާލައިގެން އިން މާކިން ލޯ ހުޅުވާލުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ އުޅަނބުއްޓާއި ހަމައަށް މައްޗަށް އަރާފައިވާ ހެދުމުގެ އަތުގެ ސަބަބުން ފާޅުވެފައިވާ މެހެކްގެ އަތުގައިވާ ލަކުނުތަކެވެ. ލިބުނު ސިހުމަކުން މާކިން އަވަސް އަވަހަށް މެހެކްގެ އަތްތިލައިން ދޫކޮށްލުމަށްފަހު އަތުގެ މަތީބައިން ފެންނަން ހުރި ލަކުނުތަކުގައި މަޑުމަޑުން އަތް ޖައްސާލަމުން ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. ހަމަ ގައިމުވެސް އެއީ އިއްތިފާގަކުން ލިބިފައިވާ ޒަޚަމްތަކެއްގެ ލަކުނުތަކެއް ނޫނެވެ. ތޫނު އެއްޗަކުން ގަސްތުގައި ދީފައިވާ ޒަޚަމްތަކެއްކަން ޔަގީނެވެ. މާކިން ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މެހެކްއާއި ދުރަށް މޫނު އަނބުރާލިއެވެ. އެއީ މެހެކް އަމިއްލައަށް އޭނާގެ އަތަށް ދީފައިވާ ޒަޚަމްތަކެއްކަން މާކިންއަށް ޔަގީންވިއެވެ. ދުނިޔޭގައި އުޅެން ބޭނުންވާ އެއްވެސް ސަބަބެއް މެހެކްއަށް ނެތީ ހެއްޔެވެ؟ އެކަނިވެރިކަމާއިއެކު އުޅެން އެހާބޮޑަށް ބޭނުންވަނީ އެހެންވެގެން ހެއްޔެވެ؟ އަދިވެސް އެފަދަ ކަމެއް މެހެކް ކޮށްފާނެ ހެއްޔެވެ؟ މިދުނިޔެއާއި ވަކިވަން އުޅެފާނެ ހެއްޔެވެ؟ މެހެކް ވަނީ ނަފްސާނީ ގޮތުން އެހާ ބަލިކަށިވެފައި ހެއްޔެވެ؟
“ނޫން..” ހިތައް އަރަން ފެށި އެއްޗަކުން މާކިންއަށް އަވަސް އަވަހަށް މެހެކްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ލޯ މަރާ ބާރުކޮށްލައިގެން މެހެކްގެ އަތްތިލައިގައި ނިތްކުރި ޖައްސާލައިގެން އިން އިރު އެމޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ.
“މާކިން؟..” ލޯ މަރާލައިގެން ވިސްނުމެއްގައި އިން މާކިންއަށް ލޯ ހުޅުވާލަން މަޖުބޫރުވީ މެހެކްގެ މަޑުމައިތިރި އަޑު އިވުމުންނެވެ. އެއާއިއެކު ހިތުގައިވާ ނުތަވަސްކަން ފޮރުވާލަމުން މާކިން ލުއި ގޮތަކަށް މެހެކްއަށް ހިނިތުންވެލިއެވެ.
“މިހާރު ކިހިނެތް؟..” މާކިން އޯގާތެރިކަމާއިއެކު މެހެކްއާއި ސުވާލުކޮށްލިއެވެ. އެވަގުތު ކުޑަ ކުޑަކޮށް ލޯ ހުޅުވާލައިގެން މާކިންއާއި ދިމައަށް ބަލަހައްޓައިގެން އޮތް މެހެކް މާކިންގެ އަތުގެ ތެރޭގައިވާ އޭނާގެ އަތް ދަމައިގަންނަމުން އަނެއް ފަރާތަށް އެނބުރުނެވެ.
“މާކިން ކީކުރަން އައީ؟” މެހެކްގެ އަޑުގައި މޮޅިވެރިކަމާއި އެއްވަރަށް ނުރުހުންތެރިކަންވެސް ހުއްޓެވެ.
“މަށަށް ހުވަފެނެއް ފެނުނީ.. މެހެކްއަށް ކަމެއް ވާން އުޅޭހެން ހީވީ..” މާކިން ޖަވާބުދިނީ މަޑުމައިތިރިކަމާއިއެކުއެވެ.
“އަހަރެންނާއިމެދު ނުވިސްނާށޭ ބުނީމެއްނު..” މެހެކް ދެންވެސް ވާހަކަ ދެއްކީ ނުރުހުމާއި އެކުއެވެ.
“ދެން ތިހެން ކިޔުން ހުއްޓާލަން ވެއްޖެއެއްނު މެހެކް.. މެހެކް ކިތަންމެ ވަރަކަށް ތިހެން ކިޔަސް މަށަކަށް ނުވިސްނައެއް ނުހުރުވޭނެ.. މިހާރު މަށަކަށް އިތުރު އެހެން އެއްވެސް ކަމެއް މުހިންމެއް ނޫން..” މާކިންގެ އަޑަށް ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ގެނުވަމުން ވާހަކަ ދެއްކިއެވެ. މާކިންގެ އެޖުމްލައަށް މެހެކް ޖަވާބެއް ނުދިނެވެ. މޫނު އަނބުރާލައިގެން އެ އޮތް ގޮތަށް އޮތީއެވެ. އެ މަންޒަރު ބަލަހައްޓައިގެން އިން މާކިން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް ލޯބި ވެވިގެން މިއުޅެނީ ކޮންފަދަ ކުއްޖެއް ދެކެ ހެއްޔެވެ؟
“މެހެކްއަށް މިހާރު އެނގޭނެ އަހަރެންގެ ހިތުގަ މެހެކްއަށްޓަކައި ވާ އިހުސާސްތައް……” “މާކިން.. ހެޔޮ ނުވާނެ.. ކިތައް ފަހަރު ބުނިއްޔާތަ އަޑު އަހާނީ.. އަހަރެންނަށް އުނދަގޫވެއޭ..ދުރަށް ދާށޭ.. ނާންނާށޭ.. ނުވިސްނާށޭ.. މާކިންއަކަށް ނީވޭތަ މިބުނާ އެއްޗެއް”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



Me first dhw varah reethi ingey
Thank you so much ❤️
Maasha Allah ??
Vv reethi mi part ves
When is next part sis.
Ly
Waiting for the next part
Thanks aashko.. insha Allah mirey submit kollaanan
Ma sha allah v v reethi thank you layaaa thihaa reethi vaahakaeh update kohdheythey… avaha up vaane kamuge inthizaaru ga ?❤????
Varah Varah reethi ❣️?✨??????
Maa sha Allah ???????❤️??❤️
Waiting for the next part ???????
Thank you so much livy❤️
Mi part vx varah reethi, Ma Sha Allah ???????????? kon irakun next part up kollaani? Avahah up kollahche???? waiting for next part
Thanks izabell, mirey submit kollaanan insha Allah ❤️
Vvvvvvvvvvv reethi mi prt ves
LYSSSSSSSSSSM
#STAYSAFE #STAYHOME
Thanx Nanoo.. stay safe too ❤️
Kon iraku up kuranee layaaa plzzzzzzzzzzzzzzzzzzzz reply
maadhan submit kollaanan insha Allah ❤️
Vaahaka vvvvvvvvvvv reethi waiting for nxt
❤️❤️❤️LYSSSSSSSSSSM AND STAY safe
Koba vaahaka
submit koffa innaany 5th june ga