ނުފިލާނޭ މިހިތަކުން… 7
ވިސްނާލަން ނޭނގޭ ޚިޔާލުތަކޭ
އަޖައިބެއްފަދަ އިހްސާސްތަކޭ
މިވެވެނީ ލޯބިކަން ޔަޤީން
“ކީއްވެ ނުހުންނަންވީ.. އުމުރުން 31 އަހަރު ވާއިރު ޚާއްސަ މީހުންވެސް ތިބޭނެއެއްނު..” އެސްފިޔަތައް އުފުލާލާ މާކިންގެ މޫނަށް ނަޒަރު ހުއްޓާލަމުން މެހެކް އެހެން ބުނެލީ ކެރިހުރެއެވެ. އޭނާ އެހެން ބުނެލުމާއިއެކު ހިނިތުންވެލައިގެން ހުރި މާކިންގެ މޫނުމަތީގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔަތަން މެހެކްއަށް ފެނުނެވެ. މެހެކް ކުޑަކުޑަކޮށް ހިނިތުންވެލިއެވެ. ކަންތައް އެވީ ހަމަ އޭނާ އުންމީދު ކުރި ގޮތަށެވެ. މާކިންގެ ހިތުގައި އޭނާއާއި މެދު ކުޑަވެސް ޝައުގުވެރިކަމެއް ވާނަމަ މިހާރު އެކަން ފިލާނެއެވެ.
“ވަޓް؟… މެހެކްއަށް 31 އަހަރު؟..” މާކިންގެ ހައިރާންވެފައިވާ މޫނަށް ބަލަހައްޓައިގެން ހުރި މެހެކް ސިއްސައިގެން ދިޔައީ ޝުބާ ބާރު ބާރަށް އެހެން ބުނަމުން އޭނާއާއި ދިމާއަށް ފުންމައިގަތުމުންނެވެ. އެއާއިއެކު ހަމަ ވަގުތުން ޝުބާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މެހެކް ބޯ ޖަހާލިއެވެ.
“ކަމްއޯން.. ދެން ސަމާސާ ނުކޮށްބަލަ މެހެކް..” ޝުބާއާއި ބައިވެރި ވެލަމުން އިޝާންވެސް ބުނެލައިފިއެވެ. އޭރުވެސް މާކިން އަނގަ ހުޅުވިފައި އެހުރި ގޮތަށް މެހެކްއާއި ދިމަ ބަލަހައްޓައިގެން ހުއްޓެވެ.
“އަސްލުވެސް.. މިއޮތީ ޕްރޫފް..” މެހެކް އޭނާގެ ދަބަހުން އައިޑީ ކާޑި ނަގާ ޝުބާއަށް ދެމުން ބުނެލިއެވެ. އެވަގުތު މާކިންވެސް ޝުބާގެ އަތުގައި އޮތް ކާޑަށް ބަލާލިއެވެ.
“އެކަމަކު.. އެކަމު.. ކުޑަކޮށްވެސް ހިއެއް ނުވެއޭ…” ޝުބާ އެއްފަހަރު ކާޑަށް އަނެއް ފަހަރު މެހެކްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އަހަރެމެންނަށް ވުރެ ދޮށީހެން ހިއެއް ނުވޭ.. ކުޑަކޮށްވެސް ހިއެއް ނުވޭ.. އަޅެ ދޮގެއްތަ؟” “އާއެކޭ.. މެހެކް.. 31 އަހަރު… ދެޓް މީންސް.. އަހަރުންނަށް ވުރެ 8 އަހަރު ދޮށީ؟..” އިޝާން އިނގިލިތައް ބިންދަމުން ހިސާބު ހަދާލުމަށްފަހު ދެލޯ ބޮޑުކޮށްލަމުން ޝުބާއާއި ބައިވެރި ވެލުމުގެ ގޮތުން މެހެކްއަށް ބުނެލިއެވެ.
“ހުމްމް.. 8 އަހަރު..” މެހެކް ޝުބާގެ އަތުގައި އޮތް ކާޑު އަތުލަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. އޭރު މާކިން އިސް ޖަހާލައިގެން ވިސްނުމަކަށް ގެއްލިފައި ހުރިފަދައިން ހުއްޓެވެ.
“މެހެކް.. ތިހެން ޔަންގް ކޮށް ހުންނަން ކޮން ކަމެއް ކުރަނީ… އަޅެ ހަމަ އެއްގޮތަކަށްވެސް ހީނުވޭ…” ޝުބާ ހުއްޓާނުލާ ސުވާލުތައް ކުރަން ފެށުމުން މެހެކް ހުރީ ބޮލުގައި ރިއްސައިގަންނަ ގޮތް ވެފައެވެ.
މެހެކްގެ އުމުރާއި ބެހޭގޮތުން ޝުބާއާއި އިޝާން ވާހަކަ ދައްކަން ފެށުމުން މާކިން އެމީހުން ތިބިތަން ދޫކޮށް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު މޫނުގައި އަތްކާއްތާލަމުން ދެލޯ މަރާލިއެވެ. މެހެކް އޭނާއަށް ވުރެ 8 އަހަރު ދޮށީކަން އެނގުމުން އޭނާ ހައިރާންވިއެވެ. ޝުބާ ބުނި ފަދައިން މެހެކްގެ މޫނާއި ހަށިގަނޑަށް ބަލާލާފައި ކުޑަކޮށްވެސް އޭނާ އެމީހުންނަށްވުރެ ދޮށީ ހެންނެއް ހިއެއް ނުވެއެވެ. ނަމަވެސް މާކިންގެ މޫޑު ބަދަލުވީ މެހެކް އޭނާއަށްވުރެ ދޮށީކަން އެނގިގެންނެއް ނޫނެވެ. މެހެކްގެ ހަޔާތުގައި ޚާއްސަ މީހަކު ހުންނަކަމަށް އިޝާރާތް ކުރީމައެވެ. އަނެއްކާ މެހެކްއަކީ މީހެއްގެ އަންބަކީ ހެއްޔެވެ؟ ދެން އޭނާ އެހާ އެކަނިވެރިވެފައި، މާޔޫސްވެފައި ހުންނަންވީ ކީއްވެހެއްޔެވެ؟ ކޮލެޖަށް ދާއިރުވެސް، ކޮލެޖު ނިމިގެން ގެއަށް ދާއިރުވެސް އޭނާ ދަނީ އެކަންޏެވެ. ފިރިއަކު ހުންނަނަމަ ކޮންމެވެސް ވަރަކަށް ފެންނާނެ ނޫން ހެއްޔެވެ؟ މެހެކް ފިރިމީހާއާއި މައްސަލަ ޖެހިގެން އުޅެނީ ހެއްޔެވެ؟ ފިރިމީހާ އޭނާއަށް ގޯހީ ހެއްޔެވެ؟ އަނެއްކާ މެހެކްއަކީ ގެވެށި އަނިޔާގެ ޝިކާރައަކީ ހެއްޔެވެ؟
“އާހހ..” މާކިން އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ކޮޅަށް ތެދުވެ ލޯ ހުޅުވާލިއެވެ. އޭނާ މިހާ ވަރަށް ވިސްނާ ވަރުގެ ކަމެއް އަޅެ ވެއްޖެ ހެއްޔެވެ؟ އޭނާގެ ޚިޔާލުގައި މިހާރު މެހެކް މީހަކާއި އިނދެ ގެވެށި އަނިޔާގެ ޝިކާރައަކަށްވެސް ހަދައިފިއެވެ. މާކިން ދެލޯ މަރާ ބާރުކޮށްލަމުން ދެ އިނގިލިން ލޮލުގައި ހިފަހައްޓާލިއެވެ. އޭނާ މޮޔަވާ ވަރު ވެއްޖެއެވެ. އޭނާއަށް މެހެކްއާއި މެދު ވިސްނެނީ މާ ބޮޑަށެވެ. ޝައްކުތަކެއް ކުރުމަށްވުރެ ހަގީގަތް ހޯދުން މާ ރަނގަޅު ވާނެ ނޫން ހެއްޔެވެ؟
އަނެއް ދުވަހުގެ ހެނދުނު ގަޑި ޖެހުމުގެ މާ ކުރިއަށް މާކިން ކޮލެޖަށް ހިނގައްޖެއެވެ. ނުނިދާ އުޅުމުގެ ސަބަބުން ބޮލުގައި ރިއްސާފައި ހުރި ނަމަވެސް ކޮލެޖަށް ނުގޮސް މަޑު ކުރާ ޚިޔާލެއް އޭނާ ނުކުރިއެވެ. ފަހަރެއްގައި ގަޑިތައް ފެށުމުގެ ކުރިއަށް ހިނގައްޖެނަމަ މެހެކްއާއި ވަކިން ވާހަކަ ދައްކާލާނެ ފުރުޞަތު ލިބިދާނެކަމުގެ އުންމީދު އޭނާ ކުރިއެވެ. ކަންތައް ވީވެސް އެހެންނެވެ. މާކިން ކެމްޕަހަށް ވަދެ ބެންޗުތަކާއި ވީ ފަރާތަށް ދިޔައިރު ބެންޗެއްގައި ފޮތަކަށް ނަޒަރު ހުއްޓާލައިގެން އެކަނިމާ އެކަނި މެހެކް އިންތަން ފެނުނެވެ. މެހެކް ފެނުމާއިއެކު ޖީންސްގެ ދެޖީބަށް ދެއަތް ޖަހާލުމަށްފަހު ބޯ އަރިކޮށްލަމުން އޭނާ ފުޅާ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. މޫސުމް ރީތި އެދުވަހުގެ ހެނދުނުގެ އުޖާލާ ވަގުތުގައި މަޑުމައިތިރި އެ މާހައުލުގައި މެހެކް އިންތަން އޭނާއަށް ސިފަވީ ހުވަފެނީ ގޮތަކަށެވެ. އެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ހިނިތުންވެފައި ހުރެ މާކިން ގޮސް މެހެކް އިން ބެންޗުގައި އޭނާގެ ކުރިމަތީގައި އިށީނދެލިއެވެ.
“މޯރނިންގ..” އަތުގައި އޮތް ވާހަކަ ފޮތަށް ގެއްލިފައި އިން މެހެކް ސިހިފައި އިސް އުފުލާލީ މާކިންގެ އަޑަށެވެ. އޭރު މާކިން ހިނިތުންވެފައި އޭނާގެ ކުރިމަތީގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
“މޯރނިންގ.. ހާދަ ކުރިން..” މެހެކް ވާހަކަ ދެއްކީ އާދައިގެ މަތިން އެސްފިޔަތައް ތިރިކޮށްލަމުންނެވެ. މާކިން އުންމީދު ކުރި ފަދައިން ކުޑަ ކުޑަ ހިނިތުންވުމެއްވެސް އެ މޫނުން ނުފެނުމުން އޭނާގެ ހިތުގައި ޖެހުނެވެ.
“މެހެކްވެސް ތިއިނީނުން ކުރިން އައިސް.. ކޯޗެއް ތިކިޔަނީ..” ހިތުގައި ޖެހުނުކަން ހާމަކުރުމުގެ ބަދަލުގައި އަނެއްކާވެސް ހިނިތުންވެލަމުން ގާތް ގޮތަކަށް މާކިން ވާހަކަ ދެއްކިއެވެ.
“އަހަރެން އަބަދުވެސް އަންނަން.. މީ ވާހަކައެއްނު.. ޑެނިއެލް ސްޓީލްގެ ދަ މިސްޓްރެސް..” ފޮތުގެ ބޭރުގަނޑު ދައްކާލަމުން މެހެކް ޖަވާބު ދިނެވެ. އެއަޑުގައި އަދި އެމޫނުމަތީގައި މާކިންއާއި ވާޙަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެކަން ފާހަގަ ކުރެވުމުން މާކިންގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލިއްޖެއެވެ. މެހެކްއާއި ގާތްވާން އުޅުނު ވަރަކަށް އޭނާ ވަމުން އެދަނީ ދުރެވެ.
“މެހެކް… އާރ ޔޫ މެރީޑް..” މެހެކްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއްގައި އިނުމަށްފަހު މާކިން ކުއްލިއަކަށް އޭނާގެ އަތުގައި ހިފިއެވެ. އެވަގުތު މެހެކްއަށް ސިހިފައި މާކިންގެ މޫނަށް ބަލާލެވުނީ ހައިރާންވެ އަންތަރީސްވެފައިވާ މޫނަކާއި އެކުއެވެ. އިއްޔެ އޭނާގެ އުމުރު ބުނުމުން މާކިންގެ މޫނުމަތިން ފެނުނު ކުލަވަރުން އޭނާ ޔަގީންކޮށްގެން ހުރީ ދެން މާކިން އޭނާއާއި ގާތްކަން ބާއްވަން މަސައްކަތް ނުކުރާނެ ކަމުގައެވެ. އެހެން ނަމަވެސް މިއަދު މާކިންގެ ހަރަކާތްތަކުން ކުރިއަށްވުރެ ބޮޑަށް މެހެކްގެ ހިތަށް ބިރުވެރިކަން ވައްދައިފިއެވެ.
“މާކިން..” މާކިން އަތުގެ ތެރޭގައިވާ އޭނާގެ އަތްތިލައަށް ބަލާލަމުން މެހެކްގެ މޫނަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރު އަރުވާލާ، ދެބުމަ ކައިރިކޮށްލަމުން އަތް ފޮޅުވާލިއެވެ.
“ހަމައެކަނި މި ސުވާލުގެ ޖަވާބު ބޭނުމީ.. މެހެކް އުޅެނީ މެރީ ކޮށްގެންތަ؟” މެހެކްގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ ކުލަވަރުން މާކިންއަށް އެއްވެސް ބަދަލެއް ނައެވެ. ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލިއިރު އޭނާގެ އަޑުގައިވާ ޝައުގުވެރިކަން ވީ އިތުރެވެ.
މާކިންގެ އެ ސުވާލުން އިސްޖަހާލައިގެން އިން މެހެކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިއީ ހަމަ ހަގީގަތް ހެއްޔެވެ؟ މާކިން އެ ދާ މިސްރާބު މެހެކްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު.. އޭނާ ފަދަ މީހަކަށް އެފަދަ ފުރިހަމަ ޒުވާނަކު ޝައުގުވެރި ވާންވީ ކީއްވެހެއްޔެވެ؟ އެއީ މެހެކް އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު އޭނާގެ ފިރިއަކު ނެތްކަން އެނގިއްޖެ ނަމަ މާކިން ވަކިން ބޮޑަށް އޭނާއާއި ގާތްވާން އުޅޭނެއެވެ. އެކަމަކު ފިރިއެއް ހުރެއޭ ބުނެ ދޮގު ހަދާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ.
ހަދާނެ ގޮތެއް ނޭނގިފައި އިން މެހެކްގެ ސިކުނޑިއަށް ކުއްލިއަކަށް ވަތް ޚިޔާލަކާއިއެކު އޭނާގެ ފޯނު ނަގާ ފިއްތަކަށް ފިތާލުމަށްފަހު ފޮޓޯއެއް ހުޅުވާލިއެވެ. އަދި ފުން ނޭވާއެއް ލަމުން މާކިންއަށް ފޮޓޯ ފެންނާނޭހެން އޭނާގެ ކުރިމަތީގައި ފޯނު ބާއްވާލިއެވެ.
މެހެކް ފޯނު ބާއްވާލުމާއިއެކު ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް އިނދެ މާކިން އެ ފޯނަށް ބަލާލިއެވެ. އޭގައިވާ ފޮޓޯގައި ވަނީ އުފާވެރި ކުޑަ ކުޑަ އާއިލާއެކެވެ. އުފާވެރި، ރީތި ހިނތުންވުމަކާއިއެކު އިން މެހެކްގެ ކުޑަ ކުޑަ އާއިލާއެވެ. އޭނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ފިރިހެންވަންތަ ރީތި ޒުވާން ފިރިހެނަކު އިނެވެ. އެދެމީހުން މެދުގައި ދެތިން އަހަރުގެ ލޯބި ލޯބި ފިރިހެން ކުއްޖަކު އިނެވެ. މާކިންއަށް ހިން ދިރުވާލެވިއްޖެއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. މެހެކްއަކީ މީހެއްގެ އަންބެކެވެ. މައުސޫމް ކުޑަ ކުއްޖެއްގެ މަންމައެކެވެ.
“މިއީ އަހަރެންގެ އާއިލާ..” ފޯނު ނަގަމުން މަޑު މަޑުން އެހެން ބުނެލާފައި މެހެކް ތެދުވެގެން ހިނގައްޖެއެވެ. އޭރުވެސް މާކިން އެއިން ގޮތަށް އިނެވެ. އޭނާގެ ހިތުގައި ކުރެހިފައިވަނީ އެ ފޮޓޯގައި އުފަލުން ފޮޅިފައި އިން މެހެކްގެ ތަސްވީރެވެ. އެ ހިނތުންވުމާއި، އެ ދެލޮލެވެ. ރަތްކަން ވެރިވެފައިވާ އެ ރީތި މޫނެވެ. އެ ފޮޓޯގައިވާ މެހެކްއާއި، މިހާރު އޭނާއަށް އެ ފެންނަ މެހެކް އެހާ ތަފާތީ ކީއްވެ ހެއްޔެވެ؟ މާކިން ލޯ ހަނިކޮށްލަމުން މެހެކް ދިޔަ ދިމާއަށް ބަލާލިއެވެ. ކޮންމެވެސް ގޯހެއް އުޅޭކަން އޭނާއަށް ޔަގީނެވެ.
ދުވަހުގެ ބާކީ ބައިގައި މާކިންއަށް އިތުރަށް މެހެކްއާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ. ޕްރެޒެންޓޭޝަން ދިނުމުގައި ދުވަހުގެ ބޮޑުބައި ހޭދަ ވީއިރު އެމީހުންގެ ގްރޫޕް ޕްރެޒެންޓޭޝަން ދިޔައީ ވަރަށް ރަނގަޅަށެވެ. އެ ހުށައެޅި ވަގުތުގައިވެސް މާކިންގެ އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ މެހެކްއަށެވެ. މެހެކްގެ މަޑުމައިތިރިކަމާއި ބަލާފައި އޭނާގެ ހުށައެޅުން ފުރިހަމަ ކަމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. މެހެކްއަށް އެންމެންގެ ތައުރީފު ލިބުމުން މެހެކްއަށްވުރެ ބޮޑަށް މާކިން އެކަމާއި އުފާ ކުރިއެވެ.
ކްލާސްތައް ނިންމާލުމަށްފަހު ގެއަށް ދެވުނު އިރު މާކިންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. އެހެން ނަމަވެސް ރިހުން ރަނގަޅު ވޭތޯ ނިދާލަން މަސައްކަތް ކޮށްކޮށް އޭނާއަށް ހަމަ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ މެހެކް މިއަދު ދެއްކި ފޮޓޯއާއި މެދުއެވެ. އޭގައިވާ އުފާވެރި މެހެކްގެ ތަސްވީރާއި މެދުއެވެ. އެންމެ ފަހުން ފޯނު ނަގާލުމަށްފަހު އޭގެން މެހެކްގެ ފޮޓޯއެއް ހުޅުވާލިއެވެ. އެއީ ހަފްތާ ބަންދުގައި މެހެކް އެގޭގައި އުޅުނު އިރު ސިއްރު ސިއްރުން މާކިން ނެގި ފޮޓޯއެކެވެ. އެ ފޮޓޯގައިވެސް މެހެކްގެ މޫނުމަތީގައި ކުޑަވެސް އުފާވެރިކަމެއް ނުވެއެވެ. މާކިން ފޮޓޯގައި އަތް ކާއްތާލަމުން ފޯނުގައި ތުންފަތް ޖައްސާލިއެވެ. އެހިތުގައި ލޯބި އުފެދިއްޖެއެވެ. މެހެކްއަށްޓަކައި އޭނާގެ ހިތުގައި އެވަނީ ހަމައެކަނި ހަމްދަރުދީއެއް ނޫނެވެ. ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި މާކިންގެ ހިތައް ވާސިލްވެއްޖެއެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. އާދައިގެ މަތިން މެހެކް ކޮލެޖަށް ދިޔައީ ގަޑި ޖެހުމުގެ ތަންކޮޅެއް ކުރިންނެވެ. މަޑުމައިތިރި ހިނގުމެއްގައި މަޑު މަޑުން ހިނގާލާފައި ގޮސް ބެންޗުތައް ހުންނަ ސަރަހައްދަށް ގޮސް ވަށައިގެން ހޯދާލި ވަގުތު މެހެކްގެ ލޮލުގައި އަޅައިގަތީ އޭނާ އާންމުކޮށް އިންނަ ބެންޗުގައި އަތުގައި އޮތް ފޯނާއި ކުޅެން މާކިން އިށީނދެލައިގެން އިންދައެވެ. މާކިން ފެނުމާއިއެކު މެހެކްއަށް ވަގުތުން ނުރުހުންތެރި ކަމާއިއެކު ލޯ މަރާލެވުނެވެ. މާކިން އިންދާ އެތަނުގައި އިށީންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު ދެން ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ 9 ޖެހުމުގެ ކުރިން ލައިބްރަރީއެއް ވެސް ނުހުޅުވާނެއެވެ. މެހެކް ހިތާއި ހިތުން މާކިންއަށް ކުދި ކިޔަމުން މިސްރާބު ބަދަލުކޮށްލީ ސްޓަޑީ އޭރިއާއި ދިމާއަށެވެ. އެވަގުތު އޭނާއަށް ނޭނގުނު ކަމަކީ މާކިންއަށް އެ މަންޒަރު ފެނުނު ކަމެވެ.
އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ލާފައި ސްޓަޑީ އޭރިއާއަށް ދެވުނު އިރު މެހެކް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. މި ދުވަސްކޮޅު އަނެއްކާވެސް އެހާ ބޮޑަށް ވަރުބަލިވެ، ނިދި އަންނަ ގޮތްވަނީ ލޭ ދަށަށް ދާތީ ކަންނޭނގެއެވެ. ފުން ފުންކޮށް ނޭވާ ލަމުން ގޮސް އެތަނުގެ ތެރެއަށް ވަދެވުމާއިއެކު ހައިރާންކަމާއިއެކު މެހެކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ބެންޗުގައި މަޑު ނުކޮށް އެތަނަށް އެއައީ މާކިންގެ ފަރާތުން ސަލާމަތްވުމަށެވެ. އެކަމަކު މިހާރު މުޅި ދުނިޔޭގެ ހުރިހާ ހިނިތުންވުމެއް މިލްކުކޮށްގެން އިންފަދައިން ހިނިތުންވެގެން މާކިން އެއިނީ އެތާއެވެ. މެހެކް ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ގޮސް ގޮނޑީގައި އިށީނދެލުމާއިއެކު މާކިން އޭނާގެ ކައިރިއަށް އައިސްފިއެވެ.
“ކުރީ ދުވަހުވެސް ބުނީމެއްނު ލިފްޓް އަވަސް ވާނޭ..” މާކިން މެހެކްގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލަމުން މަޖާ ރާގަކަށް ބުނެލިއެވެ.
“އެކަން އެނގެޔޭ މަށަށް.. މާކިން ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ.. ” މާކިންގެ މޫނަށް ބަލާލުމެއްނެތި މެހެކް ވާހަކަ ދެއްކީ ރުންކުރު ރާގަކަށެވެ. އެވަގުތު މެހެކް ވާހަކަ ދެއްކިގޮތުން މާކިންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
“އިއްޔެ ފޮޓޯ ދެއްކި ފަހުން.. މެހެކް ގެ ދަރިފުޅު ވަރަށް ލޯބި.. މީޓް ކޮށްލާ ހިތްވޭ.. މެހެކްގެ ފެމިލީއާ މީޓް ކޮށްދެންވީނުން..” މާކިން ވިސްނުންތެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. އެއާއިއެކު މެހެކް އިސް އުފުލާލާ މާކިންގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކަޅުކަން ގަދަ ބޮޑު ދެލޯ ފުރިހަމައަށް ހުޅުވާލާ މާކިންގެ ދެލޮލަށް ބަލަހައްޓައިގެން އިންގޮތުން އޭނާގެ ހިތް ތެޅިގަތެވެ. ހާދަ ރީއްޗެވެ. އެކަމަކު.. އެ ދެލޮލުން ޝަކުވާއާއި ހިތްދަތިކަން ފެންނަނީ ކީއްވެހެއްޔެވެ؟
“ފެމިލީއާ މީޓް ކުރަން މާކިންގެ ހައިސިއްޔަތަކީ ކޮބާ؟..” މެހެކްގެ ލޮލުގެ ތެރެއަށް ގެނބި ހުސްވެފައިވާ މާކިންއަށް ހަމަ ހޭވެރިކަން ވީ އޭނާ މޫނު އަނބުރާލުމާއިއެކު ވާހަކަ ދެއްކުމުންނެވެ.
“ކޮލެޖް މޭޓް.. ކްލާސް މޭޓް.. ޕްރޮޖެކްޓް މޭޓް.. ލެބް ޕާޓްނަރ.. ކްލޯސް ފްރެންޑް..” މާކިން ކުޑަ ކުއްޖަކު ފަދައިން އިނގިލި ބިންދަމުން ފައްޗަކަށް އަމުނާލިއެވެ.
“މާކިންގެ އުމުރުގެ ކުދިން ކުރާ ކަހަލަ ކަން ކަން ކުރޭ.. ފްރެންޑްސް ވާނީވެސް އުމުރުގެ ކުދިން…” “ކީއްވެ ފެމިލީއާ މީޓް ކުރަން ބުނީމަ އެހާ ބޮޑު ކަމަކަށް ވެގެން ތިއުޅެނީ..” މެހެކް ދައްކަން ފެށި ވާހަކަ މެދު ކަނޑުވާލަމުން މާކިން މާނަފުން ގޮތަކަށް ބުނެލިއެވެ. އެވަގުތު އިސްޖަހާލައިގެން އިން ނަމަވެސް މާކިންގެ ތޫނު ނަޒަރުގެ އިހުސާސްވެ މެހެކްގެ ހިތައް ނުތަނަވަސްކަން ވެރިކުރުވިއެވެ. އެވަގުތު ނޭވާ އަވަސްވެ، ހާސްވާ ގޮތް ވާން ފެށުމާއިއެކު އޭނާ އެތަނުން ތެދުވެގެން ހިނގައްޖެއެވެ. އޭރު މާކިން މޭގައި ހިފަހައްޓާލައިގެން ގޮނޑި ތެރެއަށް ވެއްޓިގަނެގެން މެހެކް ދިޔަ މަންޒަރު ބަލަން ހިނިތުންވެފައި އޮތެވެ.
ޖެހިގެން އައި ދެތިން ދުވަސްވެސް މާކިންއާއި މެހެކްއަށް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ކްލާހުންނާއި، ކްލާހުން ބޭރުންވެސް އެކި އެކި ގޮތްގޮތަށް މާކިން މެހެކްއާއި ވާހަކަ ދއްކަން މަސައްކަތް ކުރެއެވެ. ގުޅައެވެ. ޓެކްސްޓް ކުރެއެވެ. އޭނާގެ ހަމައެކަނި އެދުމަކީ މެހެކްގެ އާއިލާއާއި ބައްދަލުކޮށްލުމެވެ. މާކިންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން މެހެކް ހުންނަނީ ބޯ ހަލާކު ވާވަރު ވެފައެވެ. ބައެއް ފަހަރު މާކިން ވިސްނާލުމެއްނެތި އޭނާގެ ދަރިފުޅާއި ފިރިމީހާއާއި މެދު ބުނެލާ އެއްޗެހިން އޭނާއަށް ނުރޮވި ހުންނަނީ ކިރިޔަ ކިރިޔާއެވެ. އެހެން ނަމަވެސް އެމީހުން ދުނިޔޭގައި ނެތްކަން ހާމަކޮށް މާކިންގެ އިތުރު ހަމްދަރުދީއެއް އޭނާ ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ.
ހަވީރުގެ ވަގުތެވެ. މަންމަގެ އެދުމުގެ މަތިން މަންމަ ކައިރިއަށް ދާން ސައިކަލުގައި ނުކުތް މާކިން ފުރަތަމ މިސްރާބު ޖަހާފައި ހުރީ އޭނާގެ ކޮލެޖަށެވެ. އެދުވަހަކީ ކޮލެޖްގެ ލައިބްރަރީއިން ނެގި ފޮތް ހަވާލު ކުރަން ޖެހޭ ދުވަސްކަން އޭނާ ހަނދާންވީ ކްލާސްތައް ނިންމާލުމަށްފަހު ގެއަށް ދިޔަ ފަހުންނެވެ. އެހެން ކަމުން ހަވީރު ބޭރަށް ނުކުމެލި ވަގުތު ފުރަތަމަ އޭނާ ކުރަން ބޭނުންވި ކަމަކީ އެއީއެވެ.
ލައިބްރަރީއަށް ވަދެގެން މަޑުމައިތިރި ހިނގުމެއްގައި ކައުންޓަރާއި ދިމާއަށް ހިނގާފައި ދިޔަ މާކިންގެ ހިތުގެ ހިނގުން ބާރުވެލީ އެއްފަރާތުގައި ހުރި ކެބިނެޓްތަކުގެ ތެރެއިން ކެބިނެޓަކާއި ދިމާއަށް ދިޔަ މެހެކް ފެނުމުންނެވެ. ކަޅު ކުރުތާއަކާއި، ކަޅު ޖީންސަކާއި، ކަޅު ޝޯލްއެއްގައި މެހެކްގެ މޫނު ފެންނަނީ އަނދިރި ރޭގަނޑެއްގެ ތެރެއިން ހަނދު ފެންނަ ފަދައިންނެވެ. ފުޅާ ހިނިތުންވުމަކާއިއެކު އަވަސް އަވަހަށް ކައުންޓަރަށް ގޮސް ފޮތް ހަވާލުކޮށްލުމަށްފަހު މާކިން ގޮނޑިއެއް ހިފައިގެން ގޮސް މެހެކްއާއި ދާދި ކައިރީގައި އިށީނދެލިއެވެ.
އަތުގައި އޮތް ފޮތް ރަނގަޅަށް ކިޔަން ނުފެށެނިސް ކައިރީގައި މީހަކު އިށީނުމުން މެހެކްއަށް ބަލާލެވުނީ ކުއްލި ސިހުމަކާއި އެކުގައެވެ.
“މާކިން؟..” އޭނާއާއި ނުހަނު ގާތުގައި އިށީނދެ އިނީ މާކިންކަން އެނގުމުން މެހެކްގެ ދެލޯ ބޮޑުވެލިއެވެ.
“އިއްތިފާގުންވެސް ދިމާވަނީ.. ފޭޓް އިޒް ބިއުޓިފުލް..” މެހެކްގެ ރީތި ރީތި ބޮޑު ދެލޮލާއި މާކިންގެ ތޫނު ދެލޯ ހަމަ ކޮށްލަމުން މާކިން ވާހަކަ ދެއްކިއެވެ. ހަމަ އެއާއިއެކު މެހެކް އޭނާގެ އަސްލު ހާލަތަށް ރުޖޫޢަވެ އިސް ޖަހާލައިފިއެވެ.
“މާކިން.. އަހަރެންނަށް އުނދަގޫވޭ..” މެހެކް މަޑުމަޑުން ބުނެލިއެވެ. އޭނާއަށް ހަގީގަތުގައިވެސް މާކިންއާއި ހެދި އުނދަގޫ ވާން ފަށައިފިއެވެ.
“އޯކޭ.. ޖަސްޓް އެއްފަހަރު ދަރިފުޅާއި ފިރިމީހާއާއި މީޓް ކޮށްދީ…” މާކިން ހަމަޖެހިލަމުން ބުނެލިއެވެ. އެވަގުތު މެހެކްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ ދެން ބުނާނީ ކީކޭ ހެއްޔެވެ؟
“މާކިންއަކަށް ނުޖެހޭނެ…” “ފިރިމީހާ މަނާކޮށްފައި އޮންނަނީތަ އެހެން މީހުންނަށް ތަޢާރަފްވާން…” މެހެކް ވާހަކަ ދައްކަން ފެށުމާއިއެކު މާކިން އަނެއްކާވެސް ބުނެލިއެވެ. މެހެކް ހިތްހަމަ ނުޖެހޭނެކަން އެނގޭއިރުވެސް މާކިން އެގޮތަށް ވާހަކަ އެ ދައްކަނީ މެހެކްގެ ހަގީގަތް ހޯދަން ބޭނުންވެފައި ހުރި ވަރުންނެވެ.
“ހާދަ ގޮތްބޮޑު ފިރިއެކޭ ދޯ ތި..” “މާކިން..” މިފަހަރު މާކިން ބުނަން އުޅުނު އެތި ހުއްޓާލަން ޖެހުނީ މެހެކް ރުޅިވެރިކަމާއެއެކު ބާރަށް އޭނާގެ ނަން ކިޔާލުމުންނެވެ. އޭރު މެހެކް ފެންކަޅިވަމުންދިޔަ ލޮލާއެކު ރުޅިވެރި ނަޒަރަކުން މާކިންއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ އެ ބަލާލުމުން މިފަހަރު މާކިން ޖެހިލުނެ ވެއްޖެއެވެ. ބާރަށް ތެޅިގަތް ހިތާއިއެކު މެހެކްއާއި ދިމާއަށް ބަލަހައްޓައިގެން އިންދާ ދެން އޭނާއަށް ފެނުނީ ދެފަރާތް ބަލާޅުމަށްފަހު ތެދުވެ ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުންނަން ހިނގައިގަތް މަންޒަރެވެ. ސުވާލުން ފުރިގެންވާ ހިތަކާއިއެކު ޖެހިލުންވެ ހުރެ މާކިންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
“މާކިން.. ހެޔޮ ނުވާނެ.. ދެން އަހަރެންނަށް ތިކުރާ ޖެއްސުން ހުއްޓާލަން ވެއްޖެއެއްނު..” ލައިބްރަރީއިން ނުކުމެވުމާއިއެކު މެހެކް އެނބުރި މާކިންއާއި ކުރިމަތިލިއެވެ. އޭރު އޭނާގެ ދެލޮލުގައި ވިދަ ވިދާ ހުރި ކަރުނަތައް ހުރީ ފައިބައިގަންނަން ތައްޔާރު ވެފައެވެ.
“ހަމަ.. އެކަނި.. މީޓް ކޮށްލަން…” “ދޭ އާރ ޑެޑް.. އެމީހުން މިދުނިޔެއަކު ނެތް.. އަހަރެންގެ ދަރިފުޅު.. އަހަރެންގެ ފިރިމީހާ.. އެމީހުން ވަނީ އަހަރެންނާއި ވަކިވެފަ.. ނެތް..” މާކިން ވާހަކަ ދައްކަން ފެށުމާއިއެކު ލޯ މަރާ ބާރުކޮށްލަމުން ތުރުތުރު ލަމުން ދިޔަ އަޑަކުން މެހެކް ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް މެހެކްގެ ކޯތާފަތުގައި ދެމެން ފެށިއެވެ. ތަނުގެ ގޮތުން އަޑު ގަދަ ނުވިޔަސް އެ އަޑުގައިވާ ރިހުމާއި، ހިތްދަތިކަން އަދި ރުޅިވެރިކަން ރީއްޗަށް ފާޅުވެއެވެ.
މެހެކް އެބުނި އެއްޗަކުން މާކިންއަށް ލަމުން ދިޔަ ނޭވާވެސް ހުއްޓުނު ފަދައިން ހީވިއެވެ. ދެލޯ ބޮޑުކޮށްގެން ހައިރާންވެފައި މެހެކްގެ ހިތާމައިން ފުރިގެންވާ މޫނަށް ބަލަހައްޓައިގެން ހުރިއިރު ލަދުވެތިކަމުގެ ސާލެއް އޭނާގެ ގައިގައި އޮޅެމުން ދިޔަ ފަދައެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސް ޖަހާލެވުނު އިރު މާކިންގެ ލޯ ވެސް ކަރުނައިން ފުރިއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Varah reethi ❤️❤️❤️❤️ maasha Allah ❤️❤️
Curiously waiting for the next ?????
Thanx livy ❤️
thanks Layaaa mibaives varah reethi … waiting for another part … be safe dear
Thank you ainthu ❤️
Wow, varah reethi, Ma Sha Allah ???? when is next part? curiously waiting for next part. ??? ly
Aww thanx izabell, ? varah avahah insha Allah ❤️
Maasha Allah. Mi part ves v reethi. Curiously waiting for the next part.. ly sis
Thnx sis ge Aashko ❤️
Not nice hah??
Oh that’s sad ?
Sis vaahaka vvvvvvvvvvv reethi❤️❤️❤️❤️❤️????waiting curiously for the nxt part to come. #lyssssm #staysafesis
Varah varah reethi maasha allah
Awn thnx a lot fathun
This is the best story ever❤️❤️?