އިންތިޒާރު 12
“ކައިވެންޏެއް ކުރަން ވިސްނާތީ ވަރަށް އުފާވެއްޖެ… އަބަދު މާޒީގައި ހިފަހައްޓައިގެން ދިރިއުޅުން ކުރިއަކަށް ނުދާނެ… ޔޫ ޝުޑް މޫވް އޮން މައި ސަން… މަންމަ މި އެދެނީ ވަރަށް ބޮޑު ކަމަކު.. އޮފިޝަލީ މަންމަގެ ދަރިއަކަށް ވެގެން މިގެއަށް ދިރިއުޅުން ބަދަލުކުރުމަށް މި ހުށައަޅަނީ… ލުޢައްޔުއަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް… މަންމަ އެތައް ފަހަރަކު ދެކެފިން ތި ދެކުދިން އުޅޭ ގޮތް.. ބައްޕައަކާ ދަރިއެއްހެން ހީވަނީ ހަމަ. މަންމަގެ ޖަންނަތު އާއި ކައިވެނިކުރަން ވީނު…؟؟” ދުޖާނާ އެންމެ ފަހު ޖުމްލަ ބުނެލީ ވަރަށް ލަސްލަހުންނެވެ.
ކުއްލިއަކަށް ދުޖާނާގެ މޫނަށް ބަލައިލުމަށްފަހު ލޫތުއަށް ކޮޅަށް ތެދުވެވުނެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ރެއިލިންގައި އަތް އަޅުވާލައި ބޭރަށް ބަލަން ފެށިއެވެ. އޭރު ލޫތުގެ މުޅި ހިތް ހަލަބޮލި ވެއްޖެއެވެ. ކައިވެންޏަކަށް އޭނާ ތައްޔާރުބާއެވެ؟ މުޅި ހަޔާތް މިގޮތުގައި ވޭތު ކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. ލޫތު ވިސްނި ވަރަކަށް ސިކުނޑި ހާސްވިއެވެ. އަލުން ދިރިއުޅުމެއްފަށަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
ދުޖާނާ ލޫތުގެ ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިންދާ އިރުގަނޑެއް ކޮށްފައި ލޫތު އަނބުރާ އައިސް ދުޖާނާ ކުރިމަތީގައި ހުއްޓިލިއެވެ. އެއާއެކު ދުޖާނާވެސް ތައްޔާރުވެލީ ލޫތުގެ ޖަވާބު އަޑު އެހުމަށެވެ. ނިކަން ރީތި ހިނިތުންވުމަކާއެކީ ކޮޅަށް ތެދުވެލާފައި ލޫތު އާއި ކުރިމަތިލިއެވެ.
“ ކުއްލިއަކަށް މިކަހަލަ ބޮޑުކަމަކަށް ޖަވާބެއް ދޭން ވަރަށް އުނދަގޫ.. ވަގުތު ބޭނުން…” ލޫތު އިސްދަށަށް ޖަހާލުމަށްފަހު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
“އިޓްސް އޯކޭ… ލޫތު ބޭނުން ވަރަކަށް ވަގުތު ދީފިން… “ ލޫތު އަވަސް އަރުވާލައިގެން ޖަވާބެއް ދިނުމަކީ ދުޖާނާވެސް ބޭނުންވާ ގޮތެއް ނޫނެވެ.
“ރޯޔަލް” އިން ނުކުމެގެން ލޫތު ކާރުގައި ދުއްވަންފެށީ ވަކި މިސްރާބެއްނެތިއެވެ. ބޯ ހަމަ ޖައްސާލުމަށްޓަކައެވެ. ވިސްނަމުން ދިޔައީ ދުޖާނާގެ އެދުމަށް ދޭނެ ޖަވާބަކާއި މެދުއެވެ. އޭނަގެ ހިތުގައި ލުޢައްޔުއަށް ޚާއްސަ ލޯތްބެއްވާކަމީ ޝައްކެތް ނެތްކަމެކެވެ. ނަމަވެސް ލޫތުގެ މަންމަ އާއި ކައިވެނީގެ ގޮތުން ގުޅުމަށް ހިތަށްވެސް ނާރައެވެ. އެކި ގޮތްގޮތުން ވިސްނާފައި ލޫތު ނިންމީ އިސްތިޚާރާ ނަމާދެއްކޮށްލުމަށްފަހު ގޮތެއް ނިންމާށެވެ.
އައްޔާޝް ވިޔަފާރީގައި ބައިވެރިވެ އޮފީހަށް ދާން ފެށިފަހުން ކުރިއަށްވުރެ ސްމާރޓް ވިހެން ހީވިއެވެ. އޮފީސް ހެދުމުގައި ފެންނަލެއް ގިނަވުމުން ހަރުދަނާގޮތެއް ހުރެއެވެ. ގޭތެރޭގައި ސަކަރާތްޖަހައި “ބޭބީ”ކޮށް އުޅޭ އައްޔާޝް އޮފީސްތެރޭގައި ނުހަނު ސީރިއަސް ޝަހުސިއްޔަތެކެވެ. މީހުން ޖެހިލުން ވާ ފަދަ ގޮތެއް ހުރެފައި މަސައްކަތުގައި ފަރުވާތެރިއެވެ. ބޭބެ އައްޔޫބް އަންގާފައި އޮތީ މަތީ މަޤާމަކަށް ބަދަލުކުރެވޭނީ ތިންމަހުގެ ޕްރޮބޭޝަނަށްފަހު މަސައްކަތް ރަނގަޅީުކަމަށް ވަންޏާއެވެ. އެހެންކަމުން އައްޔާޝްގެ “ގޯލް” އަކީ އެހިސާބަށް ވާސިލްވުމެވެ.
ޖަންނަތުގެ އެދުމަށް އައްޔާޝް ލުޢައްޔު ބަލާ ސުކޫލަށް ދިޔައީ އޮފީސް ނިންމާލާފައެވެ. ސުކޫލު ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ލުޢައްޔު އާއި އެެހެން ކުއްޖަކު އައުމުން އައްޔާޝްއަށް ސުވާލުގެ ނަޒަރުން ބަލާލެވުނެވެ.
“ދިސް އިޒް އަމްރު.. މައި ކްލާސްމޭޓް” ލުޢައްޔު އަމްރު ތަޢާރަފް ކޮށްދިނުމާއެކު އައްޔާޝްގެ ހަނދާނަށް އައީ އެއީ އަނަސްގެ ކޮއްކޮކަމެވެ. ލޫތު އާއި އަލަށް ބައްދަލުވި ދުވަހަކީ އެދެމީހުނާއިވެސް އަލަށް ބައްދަލުވި ދުވަހެވެ. ނަމަވެސް އޭގެ ފަހުން އަނަސް އާއި ދިމާވެފައިވަނީ މަދު ފަހަރަކުއެވެ. އަނަސްއަކީ އާއިލާއެއް ބަލަހައްޓަމުންދާ ވަރަށް ބުރަކޮށް އުޅޭ ޒިންމާދާރު ޒުވާނަކަށްވެފައި ވަގުތުވެސް ނުވަނީއެވެ.
ލުޢައްޔު އާދޭހާއެކު ބުނީ ޢަމްރު ބަލާ އަންނަންދެން މަޑުކޮށްލަދިނުމަށެވެ.
ޖެހިގެން ހުރި އައިސްކްރީމް ބޯ ތަނަކަށް އައްޔާޝް އެދެކުދިން ގޮވައިގެން ވަނީ އަމްރު ބަލާ އާދޭތޯ އިރުކޮޅެއް ވަންދެން ތިބެފައެވެ. އެތަނުން ނިމުނުއިރުވެސް އަމްރު ބަލާ ނާންނާތީ އައްޔާޝްގެ ފޯނު އަމްރުއަށް ދިނީ ގެއަށް ފޯނުކުރުމަށެވެ. ފޯނު ކުރިތާ މާގިނަ އިރެއްނުވެ އަމްރު ބަލާ އަނަސް އަޔެވެ. އަނަސް ބުނީ ކުއްލިއަކަށް އޮފީސް ބިޒީވެ އަމްރު ބަލާ އަންނަން ހަނދާންނެތުނީ ކަމަށެވެ.
އެދުވަހު އަނަސްގެ އެދުމަކަށް އައްޔާޝް އާއި ލުޢައްޔު އެގެއަށް ދިޔައީ އަނަސް ކުރުނުކޮށް ކިޔަންފެށުމުންނެވެ. އެގެއަށް ދިޔުމުން އަނަސްގެ މަންމަ ފުރިހަމައަށް މެހެމާންދާރީ އަދަކުރިއެވެ. މީރުކޮށް ސައިހަދައިދިނެވެ.
ރުންކުރުކޮށް އަނަސްއަށް ހަޅޭއްލަވައިގަތީ އަމްރު ބަލާ ދިޔުމުގައި ފަރުވާކުޑަކުރުމުންނެވެ.
އަންހެން ކުއްޖެއް އަނަސްއަށް ގޮވަމުން ކޮޓަރިއަކުން ނުކުތްއިރު އައްޔާޝް އިނީ އެގޭގެ ސިޓިންގރޫން ސޯފާގައި އަނަސް އާއި ވާހަކަ ދައްކަންށެވެ. ފުރަތަމަ ފެނިލުމުންވެސް އައްޔާޝްގެ ލޮލުގައި އެ ސާދާ ކުއްޖާ އަޅައިގަތެވެ. ނަމްބަރު އައިނެއް އަޅާފައި ހުރިއިރު އެ ވަށް މޫނާއި ނުހަނު ގުޅެއެވެ. ރަތްކުލަ އަރާފައިވާ ޗަބީ ކޮލެކެވެ. ބޮޑު ދެލޮލުން ބަލާލިއިރު ދުވަހަކު ކުށެއް ނުކުރާ މައުސޫމް ކުއްޖެއް ފަދައެވެ. ތުންކޮޅު އޫ ކޮށްލައިގެން ހުރިއިރު ދެންމެދެންމެ ރޮއިގަނެފާނެހެން ހީވިއެވެ. ފުރަތަމަ ފެނިލުމުންވެސް އުމުރުގެ ޅަކަން ހާމަވިއެވެ. އައްޔާޝް ފެނުމާއެކު ދުވެލާފައި ކަހަލަ ގޮތަކަށް އަނބުރައި ކޮޓަރިތެރެއަށް ދެމިގަތެވެ.
“ހެހެ… އެއީ ކޮއްކޮ އާޔާ.. އައްޔާޝް ފެނުނީމަ ލަދުން އެވަނީ.. އަމްރު ކޮންމެވެސް ޖެއްސުމެއްކޮށްގެން އެގޮތަށް ތުން ދަމާފަ އަންނާނީ… ޝީޒް އެއިޓީން …. އެކަމްވެސް އުޅޭގޮތުން ހީވާނީ ޓެން ޔިއާރސްހެން…. އަންނާނަން ބަލާލާފައި…” އަނަސް ހީލާފައި ވާހަކަ ދައްކަމުން އެކޮޓަރިއަށް ވަދެދޮރު ލައްޕާލިއިރުވެސް އައްޔާޝްއަށް ހުރެވުނީ ބަލަންށެވެ.
“ފައިނަލީ… މައި ޓައިޕް… “ މަޑުމަޑުން މޭގައި ފިރުމާލަމުން އައްޔާޝްއަށް ބުނެވުނެވެ.
ލޫތު ދެހަފްތާ ވަންދެން އިސްތިޚާރާ ނަމާދު ކުރިއިރު އެ ދުވަސްތަކުގައި “ރޯޔަލް”އަކަށް ނުދެއެވެ. އެދުވަސްތަކުގައި ގިނަ ވަގުތު ހޭދަވެގެން ދިޔައީ އޮފީހުގަޔާއި އަޅުކަމުގައެވެ.
އެތައްފަހަރަކު މަލާގެ ފޮޓޯއެއް ދުބާއީގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިގެން މަލާ ހޯދަން ހިތަށް އެރި ނަމަވެސް އެއީ ބޭކާރުކަމެއް ކަމުގައި ލޫތު އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. މަލާގެ އަމަލުތަކުން ބައްދަލުކުރަން ބޭނުންނުވާކަން ވަރަށް ރަނގަޅަށް ހާމަވެއްޖެއެެވެ.
އަލުން ކައިވެންޏެއް ކުރުމާމެދު ހުރިހާ ގޮތަކުން ލޫތު ވަރަށް ފުންކޮށް ވިސްނިއެވެ.
“ރޯޔަލް”ގޭގެ ބިއްދޮށުގައިވި ހިތްގައިމު ބަގީޗާވަނީ އެކި ކުލަކުލައިގެ މާގަސްތަކުން ޒީނަތްތެރިވެފައެވެ. މީރު ލުއި ވަހެއް އެހިސާބުގަނޑުގައި ހިފާލާފައިވެއެވެ. ރީތި ޑިޒައިނަކަށް މާގަސްތައް އިންދާފައިވާއިރު މެދުގައި ރަތް ގާ ޖަހާފައިވާ މަގެކެވެ. ބަގީޗާގެ ނިމޭ ހިސާބުގައި ކުޑަ ފުޓުބޯޅަ ދަނޑެއްހެން ވިނަ ޖަހައިގެން ހަދާފައިވާ ތަންކޮޅެކެވެ. ލުޢައްޔު އާއި އައްޔާޝް އެތަނުގައި ކުޅެމުން ދިޔައިރު އެއްފަރާތެއްގައި ހުރި ކޮފީމޭޒެއްގައި ދުޖާނާ އާއި ޖަންނަތު ވާހަކައެއްގައި ތިއްބެވެ. ޖަންނަތު ހުރީ މޫނުވެސް ފޮރުވައިގެންނެވެ. މޫނުބުރުޤާ އެޅުމަށްފަހު ދުޖާނާގެ އެދުމަށް ޖަންނަތު ކޮޓަރިން ބޭރަށް ނުކުންނަނީވެސް މޫނުފޮތިކޮޅުން މޫނު ނިވާ ކޮށްލައިގެންނެވެ.
“މަންމަ ވަރަށް ރަނގަޅު ކުއްޖަކު ހޯދައިފިން… ވީހާވެސް އަވަހަކަށް މި ކައިވެނި ކުރުވަން ބޭނުން.. އައްޔާޝްވެސް މިގުޅުމާއި މެދު ވަރަށް ޤަބޫލު.. އައްޔާޝްވެސް ވަރަށް އިތުބާރު ކުރާ ޒުވާނެއް.. ލުޢައްޔުއަށް ބައްޕައެއްގެ ލޯބި ލިބޭނެކަން ޔަގީން އޭނަގެ ފަރާތުން… އޭނައަށް ތިރީސް ތިން އަހަރު… ދަރިފުޅަށްވުރެ ތިން އަހަރު ބޮޑީ…” ދުޖާނާ ލޫތުއަށް އެތަކެެއް ތަޢުރީފެއްކުރިއެވެ. ލޫތުގެ ސްމާރޓް ވާހަކަ އާއި ހަރުދަނާ ޝަހުސިއްޔަތުގެ ވާހަކައެވެ. ރިވެތި އަޚްލާގްގެ ވާހަކައެވެ.
“މަންމަ ޚިޔާރުކުރާނީ ވަރަށް ވިސްނާފައިކަން އަޅުގަނޑަށް ޔަޤީން… ތި ޒުވާނަކާއި ކައިވެނިކުރަން އަޅުގަނޑު ރުހެން. މަންމަ ބޭނުން ވެލައްވާ ގޮތަކަށް ކުރިއަށް ގެންދަވާ….. “ ޖަންނަތު އެކައިވެންޏަށް އާބަސް ބުނިކަމުގައި ވިޔަސް ހިތް އެކަމާއި ދެކޮޅު ހެދިއެވެ. މޫނު ފޮރުވައިގެން ނެތްނަމަ ޖަންނަތުގެ މޫނު މައްޗަށް އެރި ކުލަވަރު ފެނި ދުޖާނާ އެކައިވެނި ކުރުމަށް ބާރު ނޭޅީސްކަންނޭނގެއެވެ.
ޖަންނަތުގެ ހަނދާނަށް އައީ ލޫތުއެވެ. އެހިތްވަނީ ލޫތުއަށް ދެވިފައެވެ. އޭނާގެ އެކްސިޑެންޓަށް ގިނަ އަހަރުތަކެއް ވޭތުވެގެން ދިޔައިރު އެހިތާްއި ކުޅެލެވޭވަރުގެ ޒުވާނަކާއި ދިމާނުވެފައިވާއިރު ލޫތު އެހިތާއި ކުޅެލީ ފުރަތަމަ ފެނިލުމުންނެވެ. ލޫތު އެދުވަހުވެސް ޖަންނަތުއަށް ބަލާލީ ތަފާތު ނަޒަރަކުންކަން އޭނާއަށް ޔަޤީންވިއެވެ. އެއްޗެއް ބުނަން ބޭނުންވެގެން އުޅުނުހެން ހީވިއެވެ. މަޑުކޮށްނުލެވުނީ ޖަންނަތުގެ ބަދުނަސީބުކަމުންނެވެ.
ދެހަފްތާ ވަންދެން ވިސްނުމަށްފަހު ލޫތު “ރޯޔަލް” އަށް ދިޔައީ ދުޖާނާއަށް ޖަވާބެއް ދިނުމަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Varah Varah reethi ❣️ maa sha Allah ?
Curiously waiting for the next part ?
Thank you livy ?
V reethi mi part ves.
Waiting for the next
Thank you ?
Mi part vx varah reethi, Ma Sha Allah ????????????? varah curious kollaafa thi nimmaaly. Next part avahah up kollahchey ??? ly
Thank you so much ?
Will try my best ?