ނުފިލާނޭ މިހިތަކުން… 6
**** ނާރުތައް ހަށިގަނޑުގެ ހުރިހާ ހީވިޔޭ ކެނޑި ބުރިވިހެން
އެތެރެހަށި ހީވޭ ދަނީހެން ހަމަ އަނދާ އަޅިއަށް ވެގެން ****
މާކިންއާއި މެހެކް ހަދާނެ ގޮތެއް ނޭނގިފައި ތިއްބާ ކުއްލިއަކަށް އިޝާން ކޮޓަރިން ނުކުތެވެ. ޝުބާ ގެއަށް އައިސް ވަނީވެސް ހަމަ އެވަގުތެވެ. ހަމަ އެއާއިއެކު އިޝާން ބާރު ބާރަށް ހިނގާލާފައި ގޮސް ޝުބާގެ އަތުގައި ހިފައިގެން އެނބުރި މާކިންގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. މާކިންއަށާއި މެހެކްއަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. މާކިން ބޯ ހޫރާލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިއްޔާ ވެގެން އުޅޭ ގޮތެއް އެނގޭނެހެއްޔެވެ؟ އޭނާ އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ބޭ އިޚްތިޔާރުގައި މާކިން އަށް ދޮރު ލެއްޕިއްޖެއެވެ. އަނގަ ތަންމިނަށް ހުޅުވި، ދެލޯ ބޮޑުކޮށްފައި މެހެކްއާއި ދިމާއަށް އެނބުރެވުނުއިރު އޭނާއެކޭ ހިލައިގެ ބުދެކޭ އެއްގޮތެވެ.
“މާކިން؟..” މާކިންއަށް ވެފައި ހުރިގޮތް ފެނުމުން މެހެކް ސުވާލުގެ ރާގަކަށް ގޮވާލިއެވެ.
“އެމީހުން.. ދޭ އާރ..” މާކިން ހުއްޓަމުން ހުއްޓަމުން ވާހަކަ ދެއްކިއެވެ. އިތުރު އެއްޗެކޭ ނުބުނެ ތުންފަތުގައި އަތްލަމުން މާކިން ބުނަން ބޭނުންވާ ވާހަކަ އިޝާރާތުން ދައްކާލެވުނު އިރު މޫނު އެއްކޮށް ރަތްވެއްޖެއެވެ. އޭނާއަށް ވެފައި ހުރިގޮތް ފެނުމުން މެހެކްއަށް ހެވޭގޮތް ވާން ފެށުމާއިއެކު އަނެއް ފަރާތަށް އެނބުރިއްޖެއެވެ.
އިޝާން ޝުބާގެ ގައިން ދޫކޮށްލީ މާކިން ކޮޓަރި ދޮރު ހުޅުވާލުމުންނެވެ. އެއާއިއެކު ނޭވާލާންވެސް ހަނދާން ނެތިފައި ހުރި ޝުބާއަށް ތުންފަތުގައި އިނގިލި ޖައްސާލަމުން ދޮރާއި ދިމާއަށް އެނބުރިލެވުނެވެ. އެހެން ނަމަވެސް އެސްފިޔަ ޖަހާލާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މާކިން ދޮރު ލައްޕާލިއެވެ. ހަމަ ލެއްޕުމާއިއެކު ޝުބާއަށް ބަލާލެވުނީ އިޝާންގެ މޫނަށެވެ. އޭނާގެ މުށިކުލައިގެ ތޫނު ދެލޮލުން ޝުބާއާއި ދިމަ ބަލަހައްޓައިގެން ހުރިއިރު ހީވަނީ ކުރިމަތިން ގެއްލިދާނެތީ ބަލަހައްޓައިގެން ހުރިހެންނެވެ. މޫނުގެ ކުލަ އެންމެ އަލި ނޫނަސް އިޝާންއަކީ ފިރިހެންވަންތަ ސިފަތައް ގިނަ ރީތި ޒުވާނެކެވެ. އެ ފުންބެލުމުން ޝުބާގެ އެސްފިޔަތައް ދިގު ހިމަ ލޮލަށް ބަލަހައްޓައިގެން ހުރިއިރު އިޝާންގެ ހިތުގެ ހިނގުން ހީނުކުރާ މިންވަރަށް އަވަސް ވެއްޖެއެވެ. ދެންމެ ކުރެވުނު ކަމަކުން ޝުބާ އިތުރަށް ރުޅި އައިސްފިއްޔާ ހަދާނީ ކިހިނެތްބާވައެވެ.
“މްމް… އޭމް ސޮރީ… މްމް.. އައި.. އައި ލަވް ޔޫ ޝުބީ…” އިޝާން ހިތްވަރުކޮށްފައި ޝުބާގެ އަތުގައި ހިފަމުން ބުނެލިއެވެ.
“އަނނ…؟… ” ޝުބާއަށް އިޝާންގެ އަޑު ހީވީ ހުވަފެނެއްގެ ތެރެއިން އިވުނު ހެންނެވެ. އޭނާގެ ދޮން ވަށް މޫނަށް ވެރިވެފައިވާ ރަތްކަން އިތުރުވެ، އަވަސް އަވަސްކޮށް އެސްފިޔަ ޖަހާލީ އެއީ ހަމަ ހަގީގަތް ކަމަށް ގަބޫލު ނުކުރެވިގެންނެވެ.
“އައި ލަވް ޔޫ…” އިޝާން ތަކުރާރުކޮށްލަމުން ޝުބާގެ ގައިގައި ބައްދާލިއެވެ. ވާނުވާ ނޭނގިފައި ހުރި ޝުބާއަށް ހަމަ ހޭވެރިކަންވީ ދެނެވެ. ކުދި ކުދި ހުދު ދަތްތައް ފެންނަވަރަށް ހީނލަމުން އިޝާންގެ މޭގައި ބޮނޑިވެލިއިރު އޭނާގެ ލޯ ފެންކަޅިވެއްޖެއެވެ. އެއީ ދުވަހަކުވެސް.. ދުވަހަކުވެސް ވާނޭކަމަށް އޭނާ އުންމީދު ކުރި ކަމެއް ނޫނެވެ.
“އައި.. ލަވް ޔޫ ޓޫ…” ޝުބާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. އެވަގުތު ހީނލަމުން އިޝާން އޭނާގެ ޝުބާ އިތުރަށް އެ މޭގައި ބޮނޑިކޮށްލިއެވެ.
ޝުބާއާއި އިޝާން ކޮޓަރިން ނުކުތީ މާކިން ސިޓިންގ ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓައެވެ. މާކިން ދެލޯ ހަނިކޮށްލައިގެން، ހަށަމް ބަނދެލައިގެން އެދެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމާއިއެކު ދެމީހުން އެކުގައި އިސް ޖަހައިފިއެވެ. އޭރު މެހެކް ކިރިޔާ ހެވޭ، ނުހެވޭ ވަރު ވެފައި ސޯފާގައި މަންޒަރު ބަލަން އިނެވެ.
“ކާކު އެކްސްޕްލެއިން ކޮށްދޭނީ؟..” މާކިން އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރަމުން އަހާލިއެވެ. އެވަގުތު އިސްޖަހާލައިގެން ހުރެ އިޝާން ޝުބާގެ އަތުގައި ހިފާލަމުން އިސް އުފުލާލާ ގުޅުވާލެވިފައިވާ އެ ދެއަތް މާކިންއަށް ދައްކާލިއެވެ.
“މްމް.. މިހާރު.. މީ ކަޕްލް އެއް..” އިޝާން އޭނާގެ ގާތަށް ޝުބާ ދަމާލަމުން ބުނެލިއެވެ. އޭރު މާކިން އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އަނގަ ހުޅުވައިގެން އެދެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކެން.. ނޭވާ ލާ ބަލަ..” ޝުބާ މާކިންއާއި ގާތަށް ޖެހިލަމުން ބުނެލިއެވެ. އަދި އިޝާންއާއި ދެމީހުން ގޮސް މާކިން ސޯފާގައި ބޭންދުމަށްފަހު ދެމީހުން ދެފަރާތުގައި އިށީނެވެ.
ތިން ރަޙްމަތްތެރިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން މެހެކް އެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން ކޮޓަރިއަށް ދިޔައެވެ. ދޮރު ލައްޕާލާ، އަޅައިގެން ހުރި ބުރުގާ ނަގާލަމުން މެހެކް އެނދުގައި އޮށޯވެލީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. އޭނާގެ ޚިޔާލުތަކުގައިވަނީ ރޭގައި ހިނގާދިޔަ ކަންތައްތަކެވެ. މާކިންގެ ފަރާތުން ލިބޭ ސަމާލުކަމުގެ ސަބަބުން އޭނާގެ ހިތް ބިރުގަނެއެވެ. އޭނާއަށް ޖެހިފައިވާ ބަދުނަސީބު ހަޔާތުގެ ސުންޕާކަމުގެ ހިލަމެއްވެސް އެހެން އެއްވެސް ފަރާތަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ތެދެކެވެ. ދިރިއުޅުމުގައި ތަފާތު ގިނަ ކަންތައްތަކާއި މެހެކް ކުރިމަތިލާފައިވެއެވެ. އޭނާވަނީ އުފަން ބައްޕަގެ ލޯބިން މަޙްރޫމް ވެފައެވެ. މުޅި ރާއްޖެއަށް މަޝްހޫރު، މުއްސަނދި މީހަކަށް ވިޔަސް މެހެކްއަށް ދުވަހަކުވެސް އޭނާގެ ބައްޕަގެ އަޅާލުމެއް ނުލިބެއެވެ. މެހެކްގެ ބައްޕަ އޭނާގެ މަންމަ ޝާއިރާ ވަރިކޮށްފައި ދިޔައީ އޭނާއަށް ބަލިވެ އިންދާ ކަމުގައިވެއެވެ. އޭގެ ފަހުން ވަރަށް ކުޑައިރު ދެފަހަރަކު އޭނާ ދެކިލަން ބައްޕަ އައި ކަމުގައިވެއެވެ. އެހެން ނަމަވެސް ދެން ދުވަހަކުވެސް އެ ބައްޕަގެ ސަމާލުކަމެއް އޭނާއަކަށް ނުލިބެއެވެ. އެކަމަށް މެހެކްވެސް އަދި ޝާއިރާވެސް މަސައްކަތެއް ނުކުރެއެވެ. ދޮން ބައްޕަ ފިޔާޒްއަކީ ގޯސް މީހެއް ކަމުގައި ނުވިޔަސް މެހެކްއަށް އޭނާގެ ފަރާތުންވެސް ފުރިހަމަ ލޯތްބެއް ނުލިބެއެވެ. އެހެން ނަމަވެސް މަންމައާއި އެއްބަނޑު ފިރިހެން ކޮއްކޮ ކައިސްއަށް ފިޔާޒްގެ ފަރާތުން ދޭ ލޯތްބާއި ހެޔޮކަން ފެނި މެހެކްގެ ހިތުގައި ބައްޕައަކަށް ދޭންވާ ދަރަޖަ ފިޔާޒްއަށް ދީފައިވެއެވެ. މަރު ދުވަހަށްވެސް ފިޔާޒްއަކީ މަންމައަށް ވަފާތެރި، ހެޔޮ މީހެކެވެ.
ބައްޕަގެ އަޅާލުން ނުލިބުނަސް މެހެކްމެން އުޅެމުން ދިޔައީ އާދައިގެ ފުދުންތެރި ދިރިއުޅުމެކެވެ. ރަށުން އޯލެވެލްއާއި އޭލެވެލެ ހެދުމަށްފަހު ލިބުނު ރަނގަޅު ނަތީޖާއާއިއެކު ޓީޗިންގ ހަދާ، ވަޒީފާ އަދާކުރަން ފެށީ އިތުރަށް ދުވަސްތައް ބޭކާރުކޮށްނުލައެވެ. ވަޒީފާ އަދާ ކުރަމުން އޭނާ މީހަކާ އިނީ އުމުރުން 23 އަހަރުގައެވެ. ނަސީބު ދިމާ ކުރި ގޮތުން އޭނާގެ ފިރިމީހާ އައިޒަންވީ އޭނާދެކެ އިންތިހާއަށް ލޯބިވާ، ތެދުވެރި ޒިންމާދާރު މީހަކަށެވެ. ކައިވެންޏަށް ދެވަނަ އަހަރުގައި ލިބުނު ފިރިހެން ދަރިފުޅާއިއެކު މެހެކް ދިރިއުޅެމުން އައީ އުފާވެރި، ދިރިއުޅެމެކެވެ. އެހެން ނަމަވެސް އޭނާގެ ހަޔާތް ބަދަލުވެގެން ދިޔައީ މީގެ ދެއަހަރު ކުރިން ދިމާވި ހިތްދަތި ހާދިސާއެއްގެ ސަބަބުންނެވެ. ގަދަ ވަޔާއިއެކު އައި ބާރުގަދަ ތޫފާނެއް ފަދަ އެރޭގައި ހިނގި އެކްސިޑެންޓެއްގައި މެހެކްގެ ފިރިމީހާއާއި ދަރިފުޅު އަބަދުގެ އަބަދަށް އޭނާއާއި ވަކިވެގެން ދިޔައީ އޭނާގެ ކުރިމަތީގައެވެ. އެރޭގެ ފަހުން މެހެކްގެ މުޅި ދިރިއުޅުން ހުއްޓުމަކަށް އައި ފަދައެވެ. ނަފްސާނީ ބަލިމަޑުކަމަކަށް ވެއްޓި ވަޒީފާއަށް ނުދެވޭ ވަރަށް ހާލު ދެރަވީއެވެ. ކެއުމާއި ބުއިމަކީ ބީރައްޓެހި ކަމަކަށްވެ އާންމުގޮތެއްގައި ލޭގެ ހިމޮގްލޮބިން ހުންނަ މިންވަރު ދަށަށް ދާން ފެށީއެވެ. އޭނާއަކީ އާއިލާގެ މީހުންނަށް ޖެހިފައިވާ ބުރައަކަށް ވީއެވެ. އެހެން ނަމަވެސް މަންމަމެން ކުރާ ހިތާމަތައް ފެންނަން ފެށުމުން މެހެކް އަމިއްލައަށް ރަނގަޅުވާން މަސައްކަތް ކުރަންފެށިއެވެ. މާހައުލު ބަދަލުކޮށް، ދިރިއުޅުން އަލުން ފަށައިގަތުމަށް ހިތްވަރު ދިނީ އޭނާގެ ކޮއްކޮ ކައިސްއެވެ. އެއީ ފަސޭހަ ކަމެއްކަމުގައި ނުވިޔަސް މަންމައާއި ކޮއްކޮއަށް އިތުރު ބުރައަކަށް ވާން ބޭނުން ނުވާތީ މެހެކް މާލެ އައީ ހިތްވަރާއިއެކު ދިރިއުޅުމާއި ކުރިމަތިލުމަށެވެ. ޓިއުޝަން ދީގެން އާމްދަނީ ހޯދަމުން ކުދިން ބަހައްޓާ ގެއެއްގައި ހުރެ މުޅިން އާ ކޯހެއް ހެދުމަށް ފަށައިގަތީއެވެ.
އެހެން ނަމަވެސް މަންމައާއި ކޮއްކޮއާއި ދުރުވެ އެކަނި ވުމުން އޭނާއަށް އެ ޚިޔާލުތައް ކުރެވޭ ވަރު ވީ އިތުރެވެ. އެރެއަށްފަހު ވިއްސާރަވެ، ވިދާ ގުގުރުމުން މެހެކް ބިރުގަނައެވެ. މީހުން ގިނަ ތަންތަނަށް ދާން ނުތަވަސްވެއެވެ. ލިފްޓު ފަދަ ބަންދުވެފައި ހުންނަ ތަންތަނުގައި ހުރުމުން ނޭވާ ހާސްވެއެވެ. ފޯނު ވައިބްރޭޓް ވުން ފަދަ ތުރުތުރުލުން ހުންނަ އަޑުތަކަށް ބިރުގަނެއެވެ. ނިދަން ބިރުގަނެއެވެ. ނިދުނަސް ނޯވެވެއެވެ. އެކަންކަން ރަނގަޅު ކުރަން މެހެކް ބޭނުންވެއެވެ. ކުރިންވެސް އުޅުނުހެން އުޅެން ބޭނުން ވެއެވެ. އެހެން ނަމަވެސް.. އޭނާގެ ހިތުގައި އެ މަންޒަރު އިއްޔެ ވީ ކަމެއް ފަދައިން އަދިއަދަށްވެސް ހަރުލާފައި ވެއެވެ. ނިދަން ލޯ މަރާލާ ކޮންމެ ފަހަރަކު އޭނާގެ ލޯބިވާ ފިރިމީހާއާއި ދަރިފުޅު ލެއިން ތަތްތެޅިފައިވާ މަންޒަރު ފެނެއެވެ. ނިދިއްޖެނަމަ ހުވަފެނުގައި އެމަންޒަރު ފެނެއެވެ. އެމީހުންނާއިއެކު އޭނާ މިދުނިޔެއާއި ވަކިނުވީ ކީއްވެހެއްޔެވެ؟ އެ އެކްސިޑެންޓުގައި އޭނާގެ ފުރާނަ ނުދިޔައީ ކީއްވެހެއްޔެވެ؟
މާޒީގެ ޚިޔާލުތަކާއިއެކު މެހެކްއަށް ގިސްލެވެން ފެށިއްޖެއެވެ. މަންމަމެން ދެރަވާތީ އޭނާ ރޯ އިރު އަޑެއް ނީއްވައެވެ. ރުއިން ގަނޑު ހިފަހައްޓައިގެން ގިސްލުމަކީ މިހާރު އޭނާގެ އާދައެވެ. އެރެއަށްފަހު އެފަދައިން ގިސްލާފައި ނުރޯ އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް މެހެކްގެ ހަޔާތުގައި ނާދެއެވެ. އޭނާގެ ދިރިއުޅުމުގައިވަނީ އެކަނިވެރިކަމާއި އަނދިރިކަމެވެ. ހިތުގައިވާ އުދާސްތައް މީހުންނަށް ނުފެންނަ ގޮތަށް ހިފަހައްޓައިގެން ހުރެ ހުރެ، މުޅި މީހާ ހަލާކުވެގެން ދަނީއެވެ.
ގިސްލަމުން ދިޔަ މެހެކްއަށް ލޯ ފުހެލުމަށް މަޖުބޫރުވީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ.
“އާދޭ ބޭރަށް.. ޝުބާއާއި އިޝާންގެ ޓްރީޓެއް..” މާކިންގެ މެސެޖެކެވެ. މެހެކް ލޯ މަރާލިއެވެ. މާކިންގެ އޯގާތެރިކަން ރޭގައި އޭނާ ދުއްޓެވެ. އެހެން ނަމަވެސް އޭނާ އެ އޯގާތެރިކަމަކަށް ބޭނުމެއް ނުވެއެވެ. ދެން އިތުރަށް އެހެން މީހަކަށް ބުރައަކަށް ވާކަށް ބޭނުމެއް ނޫނެވެ. މާކިންގެ ޚާއްސަ ނަޒަރާއި، އާދަޔާ ޚިލާފަށް އޭނާގެ ހަރަކާތްތަކަށް ދޭ ސަމާލުކަން މެހެކްއަށް ވަނީ ފެނިފައެވެ. މާކިންއަށް އަދި ނޭނގެނީއެވެ. އޭނާގެ ހަގީގަތް އެނގުމުން މާކިން އޭނާއާއި ދުރަށް ހިނގައިދާނެއެވެ. 23 އަހަރުގެ ފިރިހެން ކުއްޖަކު، މީހަކާއި އިނދެ ކުއްޖަކު ލިބިފައިވާ 31 އަހަރުގެ އަންހެނަކަށް ޝައުގުވެރި ނުވާނެކަން ޔަގީނެވެ. މެހެކް ތެދުވެ ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި މޫނު ރީތިކޮށްލާ، ހަމަޖެހިލަން މަސައްކަތް ކުރަމުން ކޮޓަރިން ނުކުތެވެ.
ދުވަހުގެ ބާކީބަޔާއި، ޖެހިގެން އައި ރޭގަނޑުގައި އެއްކޮށް މަސައްކަތް ކޮށް މާކިންމެންގެ އެސައިންމެންޓް ނިންމާލެވިއްޖެއެވެ. މެހެކްއާއި އެކީގައި އެހުރިހާ ވަގުތެއް ހޭދަ ކުރިއިރުވެސް މާކިންއަށް އޭނާއާއި ވާހަކަ ދައްކާލެވޭނެ ފުރުސަތެއް ނުލިބެއެވެ. އެހެން ނަމަވެސް އެ ވަގުތުތަކުގައި މާކިންގެ ސިއްރު ނަޒަރު މެހެކްގެ ހަރަކާތްތަކަށް ފާރަލަމުން ދިޔައެވެ. މެހެކްއަށް އެކަން އެނގޭމެއެވެ. އެހެން ނަމަވެސް އެކަން ފާހަގަ ވީކަމަކަށް އޭނާ ނުހަދައެވެ. މާކިންއަށް ކުޑަ ކުޑަ ސަމާލުކަމެއް ވެސް އޭނާ ނުދެއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ވާން ވީއިރު އެމީހުންނަށް ޕްރެޒެންޓޭޝަން ޕްރެކްޓިސްކޮށް އޭގެން އަތްވީއްލޭ ވަރު ވެއްޖެއެވެ. އެހެން ކަމުން އެންމެފަހުގެ ކުދި ކުދި މަސައްކަތްތައް ނިންމާލުމަށްފަހު މެހެކްމެންނަށް ގެއަށް ދާން ތައްޔާރު ވެވުނު އިރު މެންދުރު 2 ޖެހީއެވެ.
“އާހހ.. ފައިނަލީ.. ބޮޑު މަސައްކަތެއް ނިންމާލެވުނީ ދޯ.. މާދަން ދެން ޕްރެޒެންޓް ކުރުން އޮންނާނެ.. ގުޑް ލަކް އިނގޭ..” ޝުބާ އޭނާގެ އާދައިގެ ހަލުވިކަމުގައި ވާހަކަ ދައްކަމުން މެހެކްގެ ކޮނޑަށް އަތްވައްޓާލިއެވެ.
“ޕްރެޒެންޓޭޝަން އެކަނިތަ ނިމުނީ.. މިގޭގަ ކޭމްޕެ ޖެހީމަ އެހެން ކަންކަންވެސް ނިމިއްޖެދޯ..” މާކިން އިޝާންގެ ކޮނޑަށް އަތްވައްޓާލަމުން ލާނެތް ރާގަކަށް ބުނެލިއެވެ. އެވަގުތު އިޝާން މާކިންއަށް ދޫ ނުކުރަން ޝުބާއަށް އެއްލޯ މަރާލުމާއިއެކު ޝުބާގެ މޫނު ރަތްވެއްޖެއެވެ. އެ 3 މީހުންގެ ވާހަކަތައް އަޑު އަހަން ހުރި މެހެކް ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ. އޭނާވެސް އެއުމުރުގައި ވިސްނުން ހުންނަނީ އެހެންނެވެ. ދުނިޔެމަތީގެ އެހެން ކަންތައްތައް އޭރުގައި އެއީ މާ ބޮޑެތި ކަންތައްތަކެއް ނޫނެވެ.
“އެހެމްމް… މެހެކް.. މެހެކް މިހާރު އޮފިޝަލީ މި ގްރޫޕާ ގުޅިފަ ތިހުރީ.. އެހެންވީމަ ތަޢާރަފްކޮށްދެން ޚާއްސަ ފަރާތެއް ހުއްޓަސް ބުނަން ވާނެ..” މެހެކް އެސްފިޔަތައް ތިރިކޮށްލައިގެން އެމީހުން ދައްކާ ވާޙަކައާއި ބައިވެރި ނުވެ ހުރިތަން ފެނުމުން މާކިން މާނަފުން ގޮތަކަށް މެހެކްއަށް ބުނެލިއެވެ.
މާކިން ބުނެލި އެއްޗަކުން މެހެކްގެ ހިތް ތެޅިލިއެވެ. މާކިން ބަލަން ބޭނުންވަނީ ކޮން ކަމެއްކަން އޭނާއަށް ރަނގަޅަށް ވިސްނުނެވެ. މާކިންގެ ހިތުގައި އޭނާއަށްޓަކައި އުފެދެމުން ދިޔަ އިހުސާސްތަކަށް ފަސް އަޅާ ފޮރުވާލަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ.
“ކީއްވެ ނުހުންނަންވީ.. އުމުރުން 31 އަހަރު ވާއިރު ޚާއްސަ މީހުންވެސް ތިބޭނެއެއްނު..” އެސްފިޔަތައް އުފުލާލާ މާކިންގެ މޫނަށް ނަޒަރު ހުއްޓާލަމުން މެހެކް އެހެން ބުނެލީ ކެރިހުރެއެވެ. އޭނާ އެހެން ބުނެލުމާއިއެކު ހިނިތުންވެލައިގެން ހުރި މާކިންގެ މޫނުމަތީގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔަތަން މެހެކްއަށް ފެނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



O my God what just happened.. no plx maakin aa mehek aa gulhuvahchey.. age is just a number .. btw story varah reethi maashaa allah keep it up layaa ?
Vaahaka v reethi mashaa Allah .ekam mi part ga mehek ge maazee ehkoh genass ehaa ok eh noon kannyge. maazee than than kolhu genass dhin Nama v salhi vaane kanyge.miyy Hama hiyaaleh igey. waiting 4 nw part avahah up Kohla dhehchey.
❤️❤️❤️❤️❤️MASHA ALLAH ❤️❤️❤️❤️❤️❤️❤️vaahaka vrh vrh vrh reethi ???ADDICTED??? mi stry ah ????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????????????
Aww thanx Nanoo ❤️❤️❤️ varah ufaa vejje ?
mi story ge first part kee dhuvahuvess ma hithah eri cover pic ge girl maa bodu henneyy heevanee boy ah vureh.. i thought writer maa bodah ekamah nuvisnaa pic eh choose koffa inee ey… bt nw got the answeer… ur amazing… hhaha.. story nice
Awww notice v ma ufaa vejje, abadhuves try kuran pic gulhuvaaleveytho characters thakaa, thank you so much ❤️ ❤️ ❤️
Wow nice
Varah reethi mi part vxx.. Waiting fr nxt part of the story… Ly sissyy… Be Safe dear….
thanks for the support ❤️
Maasha Allah… mi part ves v reethi when is next .
Waiting for the next part.
Ly sis.
And how old r u
Thanx Asashko <3
Lyt
alhe age guess kollamaa? 😉
Mmmmmm I think ur age is 21 – 25
ahhaha I’m 27
varah gaai koffi dho ?
Well… so i can call sis dhw I’m younger than u .. most probably under 18 . ??is it ok
sure
Mi part vess varah varah varah reethi
Masha Allah
Curiously waiting for next part
❤❤❤❤❤❤❤❤❤❤❤❤
Stay safe sisss
thanks ❤️
Wow this story is soon bootiful❤️❤️