ޝަހަރު 8ވަނަބައި
ސަންފާއާ ޝުއައިބުއަށްވެސް ޔާނިއުއަށް ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވުނެވެ. ޔާނިއު ގޭގަ ހުއްޓަސް އަބަދު އުޅެނީ ކޮޓަރީގައެވެ. ކެއުމާވެސް އެހާ ދުރުވެއްޖެއެވެ. ރައްޓެހިންނާއެއްކޮށް ވަގުތު ހޭދަކުރުމަށް އަބަދު ބޭރަށްދާ ކުއްޖާ ގޭގާއި ބަނޑުއަޅައިގެން އޮންނަންފަށާފިއެވެ. ރޭގަނޑަށް އިރުއޮތްސޭއިރު ގެއިން ނިކުންނަން އާދަކޮށްފިއެވެ. އެހާ ސަކަރާތްޖަހާ މަޖާކޮށް އުޅުނު ކުއްޖާ މުޅިން ހަމަ ހިމޭންވެއްޖެއެވެ.
އެއްރެއެއްގެ ދަންވަރެވެ. ސަންފާ އޭނާގެ ކޮޓަރީގައި ބަހަށްޓާފައި ހުރި ޖަގުން ފެންހުސްވެގެން ފެންއަޅަން ބޭރަށް ނިކުތެވެ. ސަންފާ އޭނާގެ ކޮޓަރިން ނިކުމެގެން ޔާނިއުގެ ކޮޓަރި ފަސްދޭން އުޅެއުޅެ ހުއްޓާ ޔާނިއު ވާހަކަ ދައްކާ އަޑުއިވުނެވެ. ސަންފާ މަޑުކޮށްގެން ޔާނިއު ވާހަކަ ދައްކަނީ ކާކާތޯ އަޑުއަހަން ހުއްޓެވެ. ނަމަވެސް ޔާނިއު ނޫން އިތުރު މީހެއްގެ އަޑެއް ނީވެއެވެ. ސަންފާ ޔާނިއުގެ ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ކެހިފައިވާ ތަންކޮޅަކުން އެތެރެ ބަލާލިއެވެ. ކޮޓަރީގެ ނިދާ ބޮކި ޖައްސާފައި ހުއްޓެވެ. ޔާނިއު ހުރީ އެނދުގައި އިށީދެގެންނެވެ. ކައިރީގައި މީހަކުހުރިހެން ޔާނިއު ވާހަކަ ދައްކަމުން ދިޔައެވެ. ސަންފާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސަންފާ އަވަހަށް ގޮސް ޝުއައިބުއަށް ގޮވާ ވެގެން އުޅޭގޮތް ކިޔައިދިނެވެ. ޝުއައިބުވެސް އައިސް ބެލިއިރު ސަންފާ ބުނިހެން މީހަކާ ވާހަކަ ދައްކަނީއެވެ. ބޮޑަށް ވައްތަރީ ރައްޓެހިވެގެން އުޅޭ ކުއްޖަކާ ވާހަކަ ދައްކަނީއެވެ. މިކަމެއް މިހެން ހިނގާތާ ދެތިން ރެއެއްފަހުން ޝުއައިބު އޭނާގެ އެކުވެރިއަކަށް މިކަންތައް ކިޔައި ދިނެވެ. އެކުވެރިޔާ ބުނިގޮތުން އެގޮތަށް ކަންތައް ކުރާނީ އާންމުކޮށް އެއްޗެއް އަވަލައިގެން އުޅޭނަމައެވެ.
ޝުޢައިބު އޭނާގެ ދަރިފުޅު ސަލާމަށްކުރުމަށްޓަކައި ރާޤީއަކު ހޯދިއެވެ. ވާބިސްއަށް މިކަންތައް އެނގުނީ މިހާހިސާބަށް ގޮސްފައި އޮތްވައެވެ. އެހެންކަމުން އޭނާގެ ދަރިފުޅު އެކަމުން ސަލާމަތް ކުރުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނިންމިއެވެ. ” ނަވްލާ.. ދަރިފުޅު ގޮތްދޫކުރަން ވެއްޖެއެއްނޫ.. ދަރިފުޅު ގޮތްދޫ ނުކުރާނަމަ އެމީހުން ދަރިފުޅު އަންދާލަންވެސް ފަހެއް ނުޖެހޭނެ” އެވަރުންވެސް ނަވްލާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އެންމެ ފަހު ވަގުތުވެސް ޔާނިއުއާއެކު ވުމަށެވެ. ދައްތަ އެންމެ ފަހުން ދައްތައަށް ލިބިފައި ހުރި ބާރުގެ ބޭނުންކޮށްގެން އެހެންމީހުނަށް ނުފެންނާނެހެން ފިލާގެން އެރަށަށް ދިޔައީއެވެ. އޭނަ އެންމެ ފުރަތަމަވެސް ބައްދަލުކުރަން އުޅުނީ ޔާނިއުއާއެވެ. ނަމަވެސް ޔާނިއުއާ ކައިރިއަށް ދެވޭގޮތެއް ނުވިއެވެ. ވާބިސް ނަވްލާ ހިފަހައްޓައިގެން ހުރި ދުވަސްކޮޅު ޝުއައިބުމެން ރާޤީއަކު ގެނެސްގެން ޔާނިއުއަށް ވަނީ ރުޤުޔާކޮށްފައެވެ. އެފަހުން ރާޤީބުނިގޮތަށް ހެދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ނަމާދުކޮށް ހަދަން ފެށުމުން ޔާނިއުއަށް ހީވީ ހުވަފެނަކުން ތެދުވެވުނީހެންނެވެ. މިހުރިހާ ދުވަހު އޭނައަށް ހުރެވުނީ ކޮންތާކުބާއޭވެސް ހިތަށް އަރައެވެ. ޔާނިއުއަށް އަދިވެސް ބައެއްފަހަރު ހުވަފެނުގައި ފެނުނުކަންތައްތަކެއްހެން ނަވްލާ ފެނެއެވެ. ނަމަވެސް ނަވްލާ ހުންނަނީ ދުރުގައެވެ.
އެއްރެއެއްގެ ދަންވަރެވެ. ޔާނިއުއަށް ހޭލެވުނީ މީހަކު އޭނާއަށް ގޮވާއަޑު އިވުމުންނެވެ. ކުއްލިއަކަށް ޔާނިއުއަށް އަޑު އަންނަ ދިމާލަށް ބަލައިލެވުނެވެ. އޭރު އޭނާއަށް ހުވަފެނުގައި ފެންނަ އަންހެން ކުއްޖާ ކޮޓަރީގެ ކުޑަދޮރުކައިރީ ހުއްޓާ ފެނުނެވެ. އިރުކޮޅެއްނުވެ ޔާނިއުގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ އޭނާއާ ނަވްލާ އެއްކޮށް އުޅުނު ދުވަސްތަކެވެ. އެދެމީހުންވީ ލޯތްބެވެ. ޔާނިއުއަކަށް ނަވްލާއާ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ޔާނިއު ވާހަކަދައްކަން ފެށިއެވެ. އެހިސާބުން ނަވްލާ ޔާނިއުއަށް ވެގެން އުޅޭ ގޮތް ކިޔައި ދިނެވެ. ޔާނިއުގެ ހިތަށް އެރިއެވެ. އެހެންވީމާ މީ އޭނާއަށް ފެނުނު ހުވަފެނެއް ނޫންތާއެވެ. މީ އޭނާގެ ލޯބިވެރިޔާއާ ދުރުކުރުމަށް ޖަހައިގެން އުޅޭ މަޅިއެއްތާއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަނެއްކާވެސް ޔާނިއުއަށް ބަދަލްތަކެއް އަންނަކަން ޝުއައިބުމެނަށް ފާހަގަ ކުރެވުނެވެ. ކުރީފަހަރެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން މިފަހަރުވެސް ރާޤީއަކު ގެއަށް ގެނެސްގެން ކިޔެވެލި ކިޔަވަން ފެށިއެވެ. ވާބިސްއަށް ނަވްލާ ފިލާފިކަން އެނގުމުން ނަވްލާ ހޯދަން އިންސާނުން ދިރިއުޅޭ ހިސާބަށް އައެވެ. އޭރު ކަންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރުހުމުގައި ދާކަށް ނަވްލާ އެއްބަހެއްނުވެއެވެ. ނަވްލާ ހަމަ ބޭނުންވަނީ ޔާނިއުއާ އެކުވުމަށެވެ. ނަވްލާ އެމީހުނަށް އެއްވެސް އުނދަގުލެއް ނުކުރާ ކަމުގައި ބުންޏެވެ. އަދި ޔާނިއުއަކަށްވެސް އެއްވެސް ދެރައެއް ނުދޭ ކަމުގައި ބުނަމުން ދިޔައެވެ. ބަސްޤަބޫލު ނުކުރުމުން ރާޤީއަށް އިތުރު ގޮތެއް ނެތުމުން ނަވްލާ އަންދާލަން ޖެހުނެވެ. ނަވްލާ އެއަލިފާނުން ސަލާމަތްކުރުމަށްޓަކައި ވާބިސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ވާބިސްއަށް ކާމިޔާބު ނުކުރެވި ވާބިސް ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ވާބިސްގެވެސް ވަރަށް ބޮޑުބައެއް އަނދައިގެން ހިނގައްޖެއެވެ. ދަރިފުޅު ސަލާމަތް ނުކުރެވުމުން ވާބިސް އޭނާގައިގައި އަޅާ ވޭނަށްވުރެން ބޮޑަށްވެސް ހިތާމަކޮށް ރުޔެވެ.
ވާބިސްގެ ޚާންދާނުގެ ވަފާތެރިން ވާބިސް ގޮވައިގެން ރަށަށް ދިޔައެވެ. ޚާންދާނުގައި އުޅޭ ބޭސްވެރިކަމަށް އެންމެ މޮޅު މީހުންނާ އަދި އެހެން ޝަހަރުތަކުންވެސް މޮޅެތި ބޭސްވެރިން ގެނެސްގެން ބޭސްކުރަން ފެށިއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބި މަސްދުވަސް ފަހުން ވާބިސް މިދުނިޔެއަށް އެންމެ ފަހުނޭވާލިއެވެ. ވަރުދާން އެންމެ ކަންތައް ބޮޑުވަނީ އޭނާގެ އެދަރިފުޅަށް ދުނިޔެ ދައްކާލަންދާން އުޅޭ އިރު އެފަދަ ކަމެއް ތަކުރާރުވެގެން ހިނގައިދާނެތީއެވެ. ” ބައްޕާ ހާދަ ބޮޑު ފިކުރެއްގައި.. ކިހިނެއްވީތަ.. އަނެއްކާ އެއީ ރަގަޅުބައެއް ނޫނީތަ؟..” ބައްޕަ މާ ފިކުރުބޮޑުވެފަ ހުރިތަން ފެނުމުން ކަންބޮޑުވެފައި ހާތިބު އަހާލިއެވެ. ” ނޫނޭ ދަރިފުޅާ..އެއީ ދަރިފުޅުގެ ކާފަގެ ވަރަށް ގާތް ރައްޓެހިންތަކެއް.. ކާފަ ދުނިޔޭގައި ހުރިއިރު ވަރަށް ގިނައިން ކާފަޔާ އެކީ އުޅޭނެ..” ހާތިބު ކަންބޮޑުވެފައި ހުރިތަން ފެނުމުން އަވަހަށް ވަރުދާން ބުންޏެވެ. ” ހިނގާ ޓްރެއިނިން ފަށަން ދޯ… ރަށުތެރޭގައި ވަރަށް ގަސްތައް ގިނަވާނެ ޚާއްސަކޮށް މޫތައް އެލުވިފައި ހުންނަ ގަސްތަކާ ވެޔޮފަދަ ގަސްތަށް ގިނަވާނެ… ފުރަތަމަ މިދަނީ އެ ސަރަޙައްދަށް އެތަނުން ފަށާނީ..” ދަރިފުޅަށް ކަންތައް ކުރާނޭ ގޮތުގެ ކުޑަވަރެއްގެ ތަފްސީލެއް ވަރުދާން ދިނެވެ. އެންމެ ފުރަތަމަވެސް ދަސްކޮށްދިނީ އަމިއްލަބާރުގައި ވާތަށް ތަންތަނަށް ދުއްވާނެ ގޮތްތަކެވެ. އެހެންގޮސް އެކިރޭ މަތިންއައިސް އެކިއެކި ކަންކަން ދަސްކޮށްދިނެވެ. އެންމެ ފަހުކަމަކަށް ހަށިގަނޑުގެ ތެރެއިން އަލިފާން ނުކުންވާނެ ގޮތްތައްވެސް ހާތިބުއަށް ދަސްކޮށްދިނެވެ. އެންމެ ފަހުރޭގެ މަސައްކަތްތައް ނިމުމުން އިރުކޮޅެއްވާދެން ދެބަފައިން އެރަށު އަތިރިމަތީގައި އިށީދެލައިގެން ތިއްބެވެ.
“ބައްޕަ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާހެން އަޅުގަނޑަށް އެބަހީވޭ.. ކޮންވާހަކައެއްތޯ ބުނަން ތިއުޅުއްވަނީ..” ބައްޕަ ހުރި ގޮތުން ބައްޕަ ކޮންމެވެސް ވާހަކައެއް ބުނަން އުނދަގޫވެގެން ހުންނަ ވައްތަރު ހާތިބުއަށް ބައްޕަގެ މޫނުމަތިން ފެންނަނީއެވެ. އެހެންވެ އެކަމާ ސުވާލު ކޮށްލިއެވެ. ” ދަރިފުޅާ ބައްޕަ ބުނީމެއްނޫ ބައްޕަ ފަރާތުވެސް ދަރިފުޅުގެ ބޮޑު ދައިތައެއް ހުރިވާހަކަ.. މިއުޅެނީ ދަރިފުޅަށް އެބޮޑު ދައިތައާ މެދު ކަންތައް ވި ގޮތުގެ ވާހަކަ ކިޔައިދޭން.. ބައްޕަ ކަންބޮޑުވަނީ ދަރިފުޅު ގޮވައިގެން ދުނިޔެ ބަލައިލަން ދާއިރު އެފަދަ ކަމެއް ދިމާވެދާނެތީ.. ދަރިފުޅުގެ ކާފަ ވަރުގެ ހިތްވަރުގަދަ މީހަކަށް ބައްޕަ ނުވެދާނެތީ..” މިހެން ބުނެ ވަރުދާން އޭނާގެ ދައްތައަށް ދިމާވި ކަންތަކުގެ ވާހަކަ ހާތިބުއަށް ކިޔައި ދިނެވެ. ހާތިބު ވަރަށް ޖޯޝުގައި އެވާހަކަތައް އަޑުއަހަން ހުއްޓެވެ. ” ބައްޕާ އެހެންވެއްޖިއްޔާ އަސްލު އެ އިންސާނުންގެ ކުށެއްވެސް ތިކަމުގައި ނެތެއްނޫ.. އަސްލު ބޮޑުދައިތައަށް ސަލާމަތްވާން އެމީހުން ފުރުސަތު ދިނެއްނޫ.. ބޮޑުދައިތަ ގޮތްދޫ ނުކުރީމައެއްނޫ ތިހެންވީ..” ހާތިބުއަށް ބައްޕަގެ ވާހަކަ ތަކުން ވިސްނުނު އެއްޗެއް ބުންޏެވެ. ” އާނ ދަރިފުޅާ! ބައްޕަ ބުނަން މިއުޅެނީ އެބަޔަކު ގުޅެން ޖެހޭނީ އެބައެއްގެ ނަސްލުގެ ބަޔަކާއޭ..މިސާލަކަށް އަހަރެމެން ކަނޑުގައި އުޅޭ ބަޔަކާ ގުޅުނަސް އަހަރެމެންނަކަށް ކަނޑުގައެއް ނޫޅެވޭނެ..އަދި އެމީހުންނަކަށް އެއްގަމުގައެއްވެސް އެހާ ގިނަ ވގުތުތަކެއް ހޭދަ ނުކުރެވޭނެ..އެގޮތަށް އިންސާނުންނާ ގުޅިގެން އަހަރެމެންނަކަށް ނޫޅެވޭނެކަން ދަރިފުޅު ވިސްނާށޭ.. އަހަރެމެން ފަދައިން އެމީހުންގެ ވެސް އާދަކާދަތަކެއް އޮންނާނެ.. އިންސާނުންނަކީ އަހަރެމެން މިތިބޭހެން ތިބޭ ބައެއް ނޫން.. އާންމުކޮށް އިންސާނުންނަކީ އަހަރެމެންނަށް ވުރެ ރީތި ބައެއް.. އެހެންވެ އަހަރެމެންގެ ތެރޭ ގިނަ ބައެއް އެމީހުންގެ ޖާދޫގައި ޖެހޭ.. އަދި ނުޖެހިއްޖެއްޔާ އަހަރެމެން އެބައުޅޭ ގަދަކަމުންވެސް ވާވައްދަން..އާޚިރުގައި ހުރިހާކަމެއް ނިމޭއިރު އަހަރެމެންނަށް ހުރިހާ ދެރައެއް ލިބޭނީ..” ބައްޕަގެ ކަންބޮޑުވުންތައް ހާތިބުއަށް ވަރަށް ރަގަޅަށްވެސް އެނގިއްޖެއެވެ. ބައްޕަ ވިސްނައިދޭން ބޭނުންވަނީ ކޮންކަމެއްކަންވެސް އެނގިއްޖެއެވެ. ” ބައްޕަ ތިކަމާ ހާސްވެ ނުލައްވާ… އަޅުގަނޑު ތިކަހަލަ ޅައެއްޗެއް ނާޅާނަން.. ހުރިހާކަމެއްވެސް ކުރާނީ ބައްޕަ ބޭނުންވާގޮތަށް..” ދެބަފައިން ވާހަކައިގައި ތިއްބާ ނިދާ ގަޑި ކައިރިވުމުން ރަށަށް ދިއުމަށްޓަކައި އުދުއްސައިގަތެވެ.
ހެނދުނު ނާސްތާއަށް ކުކުޅު ސުރުވާ ބޮއެގެން ވަރުދާން ތިރިއަށް ފޭބިއެވެ. ވަރުދާންއެކު އާސިޔާވެސް ތިރިއަށް އައެވެ. ދެމީހުން ކުނާ މަތީޖައްސައިލައިގެން ވާހަކަ ދައްކާލަން ތިއްބެވެ. ” ދެން ކޮންދުވަހަކުންތައް ފުރަން ހަމަޖައްސަނީ.. މިހާރު ދޭންވާ ޓްރެއިންތައް ދީ ނިމިއްޖެއެއްނޫ..” ވަރުދާން ފުރަން ހަމަޖައްސާފައި އޮތްދުވަހެއްބެލުމުގެ ގޮތުން އާސިޔާ އަހާލިއެވެ. ” އަދި ބައެއްފޮތްތަކުން ހާތިބު ދަސްކުރަންޖެހޭ އެއްޗެހިތަށް އެބަހުރި.. އެބައިތަށް ނިމުނީމަ ފުރާނީ.. އޭރުން އަހަރެން ނެއްތަނެއްގައިވެސް ކަމެއް ދިމާވިޔަސް ހާތިބު އަމިއްލަޔަށް ހުރިހާ ކަމެއް ކުރަން އެނގޭނީ..” ވަރުދާން ބޭނުންވަނީ އޭނާގެ ފިރިހެންދަރިފުޅަކީ ކޮންމެ ކަމަކާ ކުރިމަތިވިޔަސް ކެރިގެން ކުރިމަތިލާން ކެރޭ ހުރިހާ ކަމެއްވެސް އަމިއްލައަށް ދަންނަ ފެންވަރުގެ ކުއްޖަކަށް ހެދުމަށެވެ. އެކަމުގައި އޭނައަށް އެހާ ދަތިކަމަކާވެސް ކުރިމަތި ނުވެއެވެ. ހާތިބުއަކީ އަމިއްލައަށް ބޭނުންވެގެން ކަންކަން ދަސްކުރުމަށް ފޯރި ހުންނަ ކުއްޖެކެވެ. ހާތިބުވެސް ފުރާދުވަސް ލަސްވިޔަސްވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. އޭނަ އަބަދުވެސް ބައްޕަ ބުނާތީއަޑުއަހައެވެ. ބައްޕަ އަބަދުވެސް ބުނާނެ “ކެތްތެރިންނާއެކުއޭ ﷲ ވޮޑިގެންވަނީ..” ” އަހަރެން ކެތްތެރިކަމާއެކު ކުރިމަތިލުމުން ހުރިހާ ފައިދާއެއްވެސް ވާނީ އަހަރެންނަށް” ހާތިބު އޭނަގެ ހިތާހިތާ ވާހަކަދެއްކިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



masha allah kudhu mibaives varah furihama
thanx thiththaa